އިތުރަށް މައާލްގެ ދެލޮލަށް ބަލަން ކެތް ނުކުރެވި ރާދިން މައާލްގެ ދެއަތުން ދޫކޮށްލާ އެނދުމައްޗަށް މައާލް ކުޑަކޮށް ކޮށްޕައިލުމަށްފަހު، އެތަނުން ނުކުމެގެން ދާން ހިނގައިގަތެވެ. އެ ދިޔަ ބާރުމިނުގައި ގޮސް ދޮރު ބަންލާފައި ލައްޕައިލި އަޑަށްވެސް މައާލް ދިޔައީ ސިއްސައިގެންނެވެ.

އަމިއްލަ މަޖުބޫރީ ޙާލަތާމެދު މައާލްގެ ހިތުގައި ޖެހުނެވެ. އަމިއްލަ ދިފާޢުގައި ކުރެވޭނޭކަމެއް ނެތްކަން ޔަޤީންވުމާއެކު އޭނާ ގޮތްހުސްވިއެވެ. ނަފްސުގައި އުފެދުނު ގިލަންވެރިކަން މައިތިރިކުރާނެ ގޮތެއް މައާލްއަކަށް ނޭނގުނެވެ. ރާދިންގެ ވިހަ ބަސްތައް ތޫނު ތީރުތަކެއްފަދައިން މައާލްގެ ހިތް ތޮރުފަމުން ދިޔައެވެ. ރާދިންއާ ކައިވެނިކުރުމަކީ އޭނާ ބޭނުންވާ ގޮތެއް ނޫނެވެ. އޭނާ އެ ފަދަ ވާހަކައެއް މުނީރުއާ ދައްކާފައެއްވެސް ނުވެއެވެ. ވީއިރު ހަޤީގަތް ބަލާނުލާ، އެގޮތަށް ރާދިން އޭނާގެ ބޮލުގައި އެ އެޅުވި އިލްޒާމުތަކުގެ ސަަބަބުން މައާލްގެ ހިތް ހީވީ ކުދިކުދި ވެދާނެހެންނެވެ. އޭނާއަކީ ރާދިއު ކައިވެނިކުރަން ތައްޔާރުވަމުން ދިޔަ އަންހެން ކުއްޖާއެވެ. އެ ކައިވެންޏަކީ ދެ އާއިލާގެ ވެސް އެދުމެކެވެ. އޭނާގެ މައިންބަފައިންނާ ޚުދު ރާދިއުގެ މައިންބަފައިންގެ ވެސް އެދުމެކެވެ. މީގެކުރިން އޭނާއާ ދިމާވީ ރާދިއުއާއެވެ. ރާދިންއާ ދުވަހަކުވެސް ދިމާވެފައެއް ނުވެއެވެ. ރާދިއުއަކީ މަޑުމައިތިރި ޒިންމާދާރު ޒުވާނެއްކަން އޭނާއަށް އެނގެއެވެ. މައާލް ރާދިއުއާ އޭނާގެ ކައިވެންޏަށް އެއްބަސްވީ މާ ބޮޑަށް ރާދިއު ދެކެ ލޯބިވެގެން ނޫންނަމަވެސް، އޭނާއަށް ރާދިއުގެ ފަރާތުން ފެނުނީ މުޅީންވެސް ކަމުދާ ފަދަ ސިފަތަކެކެވެ. މައިންބަފައިން އޭނާއަށްޓަކައި ހޮވާނީ އެންމެ ފުރިހަމަ ޒުވާނެއްކަން މައާލްއަށް ޔަޤީން ކުރެވެއެވެ. އެކަމާ އޭނާ ދެކޮޅު ނުހެދީ އެހެންވެއެވެ. އޭނާާގެ މައިންބަފައިންގެ އެދުމަކާ މައާލް ދުވަހަކުވެސް ދެކޮޅެއް ނުހަދައެވެ. ދުނިޔޭގައި އެހެން އެއްވެސް މީހެއް ދެކެ ނުވާހާ ލޯބި މައާލް އެ ދެމީހުންދެކެ ވެއެވެ. އެއީ އޭނާގެ މުޅި ދުނިޔެއެވެ. ފުރާނައެވެ. އެހެންނަމަވެސް ދެރައީ މިއަދު އެ ދެމީހުންކުރެ އެކަކުވެސް އޭނާގެ ގާތުގައި ނެތްކަމެވެ. ކުރިއަށް ދާންވީ ރާސްތާ، ދައްކައިދޭނޭ މީހަކު މިއަދު މައާލްގެ ނެތެވެ.

ކަރުނަތައް ފުހެމުން މައާލް ރުއިން ކޮންޓްރޯލް ކުރަން މަސައްކަތް ކުރިނަމަވެސް ކަންފަތުގައި ގުގުމަނީ ރާދިންގެ ޖުމްލަތަކެވެ. މުނީރު ބޭނުންވަނީ އޭނާއާ ރާދިންއާ ކައިވެނިކުރުވަން ހެއްޔެވެ؟ އެކަމަކު ކީއްވެހެއްޔެވެ؟ އޭނާގެ ހަޤީގަތް އެނގިހުރެ މުނީރު އެފަދަ ނިންމުމެއް ނިންމީ ކީއްވެހެއްޔެވެ؟ އަދި އެެވެސް އޭނާގެ އެއްވެސް ޚިޔާލެއް ހޯދުމެއް ނެތިއެވެ. އެނދުގައި އޮށޯވެލި މައާލްއަށް އަނގައިން މަޑު އާހެއްގެ އަޑު ބޭރުވިއެވެ. އަމިއްލަ ޙާލާ މެދު ޝަކުވާކުރެވެމުން ދިޔަ ޙާލު މައާލް އެނދުގައި އޮށޯވެލިއެވެ. ދުނިޔޭގެ އަލިކަން ދެން އޭނާއަށް ދުވަހަކުވެސް ނުފެންނާނެހެއްޔެވެ؟ އެ އަނދިރިކަމަކީ ދުވަހަކުވެސް އޭނާއަށް އާދަވެވޭނެ ކަމެއް ނޫނެވެ. މައާލްއަށް ނިދުނީވެސް ރޮއިރޮއި އޮއްވައެވެ.

މައާލްގެ ކޮޓަރީގެ ދޮރު ލައްޕާލާފައި ރާދިން އިރުކޮޅަކު މަޑުކޮށްލިއެވެ. މައާލްގެ ގިސްލުމުގެ އަޑު ކެނޑެންދެން އޭނާ އެތަނުގައި ހުއްޓެވެ. އެގޮތަށް މައާލްއާ ދިމާލަށް އެއްޗެހި ކިޔާފައި މައާލް އެކަނިކޮށްލަން އޭނާގެ ހިތް ނޭދުނީ ކީއްވެކަމެއް ބުނާކަށް ރާދިންއަކަށް ނޭނގުނެވެ. ފުންނޭވާއެއް ދޫކޮށްލަމުން ރާދިން ނިތުގައި އަތް ހިންގައިލިއެވެ. މައާލްގެ މޫނުމަތިން ފެނުނު އަސަރުތައް އަދިވެސް އޭނާގެ ސިކުނޑިން ފިލައިގެނެއް ނުދެއެވެ. އޭނާއަށް ޔަޤީންވާ އެއްކަމެއް ވެއެވެ. އޭނާގެ އެ އަމަލުތަކުގެ ސަބަބުން އެ ކައިވެންޏަށް އާއެކޭ ބުނާކަށް މައާލްއަކަށް ނުކެރޭނެއެވެ. އެ ހިތްހަަމަޖެހުމާއެކު ރާދިން ގޮސް އޭނާގެ ކޮޓަރިއަށް ވަތްއިރުވެސް އޭނާގެ ފޯނު ރިންގްވަމުން ދިޔައެވެ. ގުޅަނީ ސަޖާކަން އޭނާއަށް އެނގެއެވެ. ފޯނު ނަގާ ކަންފަތުގައި ޖައްސައިލުމާއެކު، އެންމެ ފުރަތަމަވެސް އޭނާގެ ކަންފަތުގައި ހަރުލީ ސަޖާގެ ޝަކުވާތަކެވެ.

"އަދި ކިރިޔާތަ ރާދިންއަށް ފޯނު ނެގުނީ. އަހަރެން ހާދަ ވަރަކަށް ގުޅައިފީމޭ. ރާދިންއަށް އެނގޭނެ ގުޅީމަ ފޯނު ނުނެގުން އެއީ އަހަރެން އެންމެ ރުޅި އަންނަ ކަންތައްކަން." ސަޖާ ބުނެލިއެވެ.

"ސޮރީ ލޯބީ... ފޯނު އޮތީ ސައިލެންޓަަށް ލެވިފަ. ފެންވަރާލައިގެން މި ނުކުތީ..." ރާދިން ކޮންމެވެސް ބަހަނާއެއް ދެއްކިއެވެ.

"ބުނެލާފަ ދެވޭނެ ދޯ." ސަޖާ އަދިވެސް ހުރީ ހިތްހަމަނުޖެހިފައެވެ.

"ސޮރީ... ދެން އެހެން ނުވާނެ! ކީއްކުރަނީތަ ތީ؟ ނުނިދަނީތަ؟" ރާދިން ސުވާލުކޮށްލިއެވެ.

"އޯކޭ. މިފަހަރު ދެން މާފުކުރީމީ. އެކަމަކު ހާދަ އެހެން ގޮތަކަށް އަޑު ތިހުރީ؟ ކަމެއްވީތަ؟" ރާދިންގެ އަޑުގައި ހުރި މާޔޫސްކަމާއި މަޑުމައިތިރިކަން، ސަޖާއަށް ފާހަގަވުމާއެކު އޭނާއަށް ސުވާލުކޮށްލެވުނެވެ.

"ނޫން. ކަމެއް ނުވޭ. އެއީ ކުޑަކޮށް ޓަޔަރޑް ވީމަ. ނިދާލަން ބޭނުންވެފަ މިހުރީ..." ރާދިން ބުނެލިއެވެ. ހަމަ ހަޤީގަތުގައިވެސް އޭނާ ހުރީ އަރާމުކޮށްލަން ބޭނުންވެފައެވެ. ވިސްނާ ވިސްނާ އޭނާގެ ސިކުނޑިވެސް ވަނީ ވަރުބަލިވެފައެވެ. ބައްޕަ އެ ދެއްކި ވާހަކައެއްގެ ސަބަބުން އޭނާގެ ނަފްސުގެ ހަަމަޖެހުން އެކީ ގެއްލުވާލައިފިއެވެ. އެފަދަ ވިސްނުންތަކުން ރާދިންގެ ސިކުނޑި ފުނިޖެހުނު ވަގުތު ސަޖާ ދެއްކި އެއްވެސް ވާހަކައެއް ރާދިންއަކަށް އަޑެއް ނީވުނެވެ. އޭނާއަށް ހަމަހޭވެރިކަންވީ ސަޖާ ދެތިން ފަހަރު އޭނާއަށް ގޮވައިލުމުންނެވެ.

"ވަރަށް ނިދިއައިސް ދޯ ތިހުރީ... އަހަރެން ގޮވާ ގޮވާ ވަރުބަލިވެއްޖެ!" ސަޖާ ބުނެލިއެވެ.

"އާ. ވަރަށް ނިދިއައިސް. މާދަން ގުޅާނަން އިނގޭ ބޭބީ. ގުޑް ނައިޓް."

"ގުޑް ނައިޓް، އައި ލަވް ޔޫ..." ސަޖާ އޭނާ ރާދިން ދެކެ ލޯބިވާވަރު ހާމަކޮށްލުމުން ރާދިންވެސް އެއަށް ޖަވާބުދީފައި ފޯނު ބޭއްވުމަށްފަހު، ފާޚާނާއަށް ވަދެ މޫނު ދޮވެލައިގެން ނިދަން ތައްޔާރުވެލިއެވެ. އެނދުގައި އޮށޯވެލި ރާދިންގެ ލޮލާ ނިދިވަނީ އެތަށް ހާސް މޭލެއްގެ ދުރުގައެވެ. އެތައް އިރަކު ފުރޮޅި ފުރޮޅި އެގޮތުގައި ރާދިން އޮތެވެ.

*****

މައާލްއަށް ހޭލެވުނީ ފިނިވެގެންނެވެ. ކޮޓަރިތެރޭގައި އާދަޔާޚިލާފް ފިނިކަމެއް ވެއެވެ. ހީވަނީ ފަތިސްވެފައިވާހެންނެވެ. ނަމާދުކުރަން މައާލް ބޭނުންވިއެވެ. ހިތްދަތިކަން އޭނާގެ ނަފްސު ހިޞާރުކުރީ، ވަގުތު އެނގުން ފަދަ ކުޑަކުޑަ ކަމަކަށްވެސް އެހެން މީހެއްގެ އެހީތެރިކަން ބޭނުންވާކަން އެނގުމުންނެވެ. މައާލްގެ ދެލޮލުން ކަރުނައިގެ އަސަރު ފާޅުވިއެވެ. ހަދާނެގޮތެއް ނޭނގި ހުއްޓާ ބަންގީގެ އަޑު އޭނާގެ ކަންފަތުގައި ޖެހުނެވެ. މައާލް ކަރުނަތައް ފުހެލިއެވެ. އަތާފައިގައި ޕްލާސްޓަރު އަޅާފައިވުމުން ހިނގާފައިދާނީވެސް ކިހިނެއްހެއްޔެވެ؟ މައާލްގެ މަޖުބޫރީ ޙާލަތާ މެދު އޭނާގެ ހިތުގައި ޝަކުވާތައް އުފެދި ބަންޑުންވާން ފެށިއެވެ. އެހެން އިންދާ އޭނާ ސިހުނީ ކޮޓަރީގެ ދޮރު ހުޅުވައިލި އަޑަށެވެ.

"ކާކު؟ ކާކު؟" މައާލް ހާސްކަމާއެކު ބުނެލިއެވެ. ރޭގައި ރާދިން އޭނާއާ މެދު އަމަލްކުރި ގޮތުން މައާލްގެ ހިތުގައި ބުނެދޭން ނޭނގޭ ބިރުވެރިކަމެއް ވެއެވެ.

"އެމާ... އެމާ މީ... ޕްރޭ ކުރަން ހެލްޕް ބޭނުންތަ؟ ރޭގަވެސް ޓޫ ޓައިމްސް ބަލަނީ ހޭލާތޯ. ބޮސް ބުނަނީ ބަލަން." އެމާ ވާހަކަ ދެއްކީ ދިވެއްސާ އިނގިރޭސި މަސްހުނިކޮށްގެންނެވެ. މައާލް ބޯ ޖަހައިލިއެވެ. އެމާގެ އެހީތެރިކަމާއެކު އޭނާ ވުޟޫކޮށްގެން ނުކުމެ ނަމާދުކޮށްލިއެވެ.

"ބޭރަށް ދާން ބޭނުންތަ؟" މައާލް ނަމާދުކޮށް ނިމެންދެން އެމާ ކޮޓަރީގައި މަޑުކުރިއެވެ. މައާލް ބޯ ޖަހައިލިއެވެ. އެހެން އެކަނި އޮވެއޮވެ އޭނާ ހާސްވަނީއެވެ.

އެމާ މައާލް ގޮނޑިއަށް ލައިގެން ގެއިން ބޭރަށް ނުކުމެލިއެވެ. މައާލްގެ ގައިން ހީބިހި ނެގިއެވެ. ފިނިފިނި ފަޒާއެކެވެ. ލުއިލުއި ވައިރޯޅިތަކެކެވެ. ހައްދާފައިވާ މާގަސްތަކުގައި ފޮޅިފައިވާ މާތަކުގެ ހިތްގައިމު މީރު ވަސް މުޅި މާހައުލަށް ފެތުރިފައިވެއެވެ. މައާލް ލޯ މަރައިލުމަށްފަހު، ފުންނޭވާއެއް ލިޔެވެ.

"މައާލް!" މިސްކިތަށް ގޮސްފައި އައިސް ވަތް މުނީރު މައާލްއަށް ގޮވައިލިއެވެ.

"މުނީރުބޭ!"

"މީ ވަރަށް ހިތްގައިމު ވަގުތެއް ދޯ." އެހެން ބުނެލުމަށްފަހު، އެތަނުގައި ހުރި ގޮނޑިތަކުން ގޮނޑިއެއްގައި މުނީރު އިށީނދެލިއެވެ. މައާލް އިތުރު އެއްޗެއް ނުބުނެއެވެ. މުނީރުގެ ނަޒަރު ހުއްޓުނީ ދެފަރާތުގައި ހައްދާފައިހުރި މާގަސްތަކަށެެވެ.

"މައާލްއަށް އެނގޭތަ؟ ޝަމްލާއްތަ ނިޔާވުމުން މުނީރުބޭއަށްވެސް ހީވީ މުޅި ދުނިޔެ ބަނަވިހެން. ދިރިއުޅުން މަތިން ފޫހިވެ މުޅިން މާޔޫސްވި. އެކަނިވެރިކަމަށް ލޯބިކުރެވެން ފެށި. އޭރު ރާދިންމެން ކުޑަވާނެ! އެ ލިބުނު މާޔޫސްކަމުގެ ސަބަބުން އެ ދެކުދިންނަށްވެސް ފަރުވާކުޑަކުރެވެން ފެށި. އެއީ ވަރަށް ވަރަށް ހިތްދަތި ދުވަސްތަކެއް. އެކަމަކު ފަހުން މުނީރުބޭއަށް ވިސްނުނީ މީ ދުނިޔޭގެ ޤާނޫނުކަން. ކޮންމެ މީހަކަށްވެސް އަންނާނެ ދުވަހެއްކަން. ރޮއި ހިތާމަކުރުމަކުން ޝަމްލާއްތައަށް ލިބޭނެ ފައިދާއެއް ނެތްކަން. އެހެނެއްކަމަކު ފައިދާއެއް ވާނީ ދިރިތިބީން ކުރާ ދުޢާ އިންކަން. މުނީރުބޭ ދެން އެންމެ ހިތްވަރުކުރީ ދެ ދަރިންނަށްޓަކާ. މައާލްއަށް އެނގޭތަ؟ މިއަދާ ޖެހެންދެން، ޝަލްމާއްތަ ލޯބިކުރި ކޮންމެ ކަމަކަށް މުނީރުބޭ ލޯބިކުރަން. ޝަމްލާއްތައަކީ ވަރަށް ގަސް އިންދުމަށް ފޯރިހުންނަ މީހެއް. މިއަދު މިތަނުން މި ދުވާ ލުއިލުއި މީރުވަހަކީ މިތަނުގައި ހައްދާފައިވާ ގަސްތަކުގެ މާތަކުގެ މީރުވަސް. ޝަމްލާއްތަ ނިޔާވުމުންވެސް މުނީރުބޭ މި ގަސްތަކަށް ވަރަށް ލޯބިކުރަން. ދެމީހުން އެކުގައި ވަރަށް ގިނަވަގުތު މި މަސައްކަތުގައި ހޭދަކުރަން. މިއަދުވެސް ޝަމްލާއްތަ ނެތުމުގެ ފަޅުކަން މުނީރުބޭއަށް ކުރެވޭ. އެކަމަކު މުނީރުބޭ ހިތްހަމަޖެހުން ހޯދަނީ ދުޢާއިން. ޝަމްލާއްތައަށް ފަހު އަނެއްކާވެސް އެ ހިތްދަތިކަން މުނީރުބޭއަށް ވެސް ކުރިމަތިމިވީ. ރާދިއު ނިޔާވުން. މުނީރުބޭއަށް އެނގޭ މައާލްއަށް ކުރާނެ އަސަރު. ހިތްވަރު މުހިންމީ. މި އިމްތިޙާނުން ފާސްވެގެންނޫނީ އާޚިރުގައި ކާމިޔާބެއް ނެތް." މުނީރު ވާހަކަ ދެއްކިއެވެ. މައާލްއަށް ހިތްވަރުގެ ބަސްތަކަކީ ކިހާ މުހިންމު އެއްޗެއްކަން އޭނާއަށް އެނގެއެވެ.

"ހިތްވަރުކުރަން މަސައްކަތް ކުރިނަމަވެސް، އެކަން ކުރާނީ ކިހިނެއް މުނީރުބޭ. މިތަނުން އެތަނަށް ހިރިލުމުގެ ގާބިލުކަންވެސް މިއަދު އަޅުގަނޑުގެ ނެތް." މައާލް މާޔޫސީ ރާގަކަށް ބުނެލިއިރު އެ އަޑުގައިވަނީ ވޭނާ ޝަކުވާއެވެ.

"އެހެންވެގެންނެއްނު މިއީ އިމްތިޙާނުގެ ގޮވައްޗެކޭ ކިޔަނީ. ކެތްތެރިކަން މުހިންމުވަނީ. ކެތްތެރިންނަށް ހުރި އުޖޫރަ މައާލްއަށް ވެސް އެނގެއެއްނު." މުނީރު ބުނެލިއެވެ. އެފަދަ އެތައް ވާހަކަތަކެއް ދައްކާ އޭނާ މައާލްއަށް ހިތްވަރު ދިނެވެ. އެވަގުތު ކައިވެނީގެ ވާހަކަ މައާލްއާ ދައްކަން މުނީރުގެ ހިތަށް އެރިނަމަވެސް، އޭނާ މަޑުޖެހިލީ ރާދިންވެސް ހުންނަ ވަގުތެއްގައި އެ ވާހަކަ ދެއްކުމުގެ ނިޔަތުގައެވެ. މައާލްއަށް އެކައިވެންޏާ ދެކޮޅު ހަދަން ނުކެރޭނެކަން އޭނާއަށް އެނގެއެވެ. ރޭގައި ރާދިން ދެއްކި ވާހަކަތައް އޭނާގެ ސިކުނޑީގައި ގުގުމަމުން ދިޔަ މައާލްއަށް ވެސް އެ ސުވާލު މުނީރުއާ ކުރާކަށް ނުކެރުނެވެ.

ހެނދުނުގެ ނާސްތާގެ ވަގުތުގައި ރާދިން ބައިވެރިއެއް ނުވެއެވެ. އެއީ ކީއްވެގެންކަން މުނީރުއަށް އެނގެއެވެ. ރާދިންގެ ބޯހަރުކަން އެނގޭތީ އޭނާވެސް ކޮންމެހެން މަޖުބޫރުން ރާދިން ގެންނާކަށް ނޫޅުނެވެ. ރާދިންއަށް ވަގުތު ބޭނުންވަނީކަން އޭނާއަށް ވިސްނެއެވެ. ނާސްތާއަށްފަހު މުނީރު އޮފީހަށް ދިޔައީ ރޯޒްއާއި އެމާގާތު މައާލް ގެ ކަންތައްތައް އެންމެ ފުރިހަމައަށް ކޮށްދޭން ބުނެފައެވެ.

***

މުނީރުއާ ރާދިންއާ ދެމީހުން ދިމާވީ ރޭގަނޑުގެ ކެއުމުގެ ވަގުތުގައެވެ.

"ރާދިން... އިށީނދޭ..." މުނީރުގެ އަޑަށް މައާލްގެ ހިތުގެ ހިނގުން ބާރުވެލިއެވެ. ރާދިންގެ ރުޅިވެރި ބަސްތަކުގެ ސަބަބުން އޭނާވަނީ ނުތަނަވަސްވެފައެވެ.

ރާދިން އެއްޗެއް ނުބުނެ އިށީނދެލިއެވެ. މައާލްއަށާއި ރާދިންއަށް ބަލައިލުމަށްފަހު، ކެއުން ފަށަން މުނީރު ބުނެލިއެވެ. ރޯޒް މައާލްއަށް އެހީތެރިވެދޭން އުޅުމުން މުނީރު ބުނީ ރޯޒް ގޮސްލުމަށެވެ. އެއަށްފަހު އޭނާ ރާދިން އަށް އިޝާރާތްކޮށްލީ މައާލްއަށް އެހީތެރިވުމަށެވެ. ނުރުހިފައި އިނދެވެސް ރާދިން މައާލްއަށް އެހީތެރިވާން ފެށިއެވެ.

"ރާދިން! މައާލް!" ބައްޕަ އެބަ ޖެހޭ ވަރަށް މުހިންމު ވާހަކައެއް ދެ ކުދިންނާ ދައްކަން!" މުނީރު ބުނެލުމާއެކު މައާލްގެ ހިތް އިންތިހާ ބާރުމިނުގައި ތެޅިގަތެވެ. މުނީރު ދައްކަން އެ އުޅެނީ އަނެއްކާ ރާދިން ބުނި ވާހަކަ ހެއްޔެވެ؟ މައާލް ހިންދިރުވައިލީވެސް އުނދަގުލުންނެވެ. އޭނާ ޖަހައިލީ މުނީރު އޭނާއަށް ގޮވައިލުމުންނެވެ. ރާދިން މައާލްއަށް ފުން ނަޒަރަކުން ބަލައިލިއެވެ.

"މުނީރުބޭ ބޭނުންވަނީ މައާލް، ރާދިންއާ ކައިވެނިކުރަން..."

ކޮމެންޓް 0