އެދިޔަގޮތަށް ގޮސް ސަޖާގެ ކޮޓަރި ދޮރުހުޅުވާލާފައި ވަތް ރާދިންގެ ލޮލުގައި އަޅައިގަތް މަންޒަރާއެކު، އޭނާއަށް ސަޖާގެ ނަން އެ ދުލުން ބޭރުކޮށްލެވުނެވެ.
"ސަޖާ..."
އެނދުމަތީގައި ބަންޑުން ސަޖާ އޮތްއިރު, އެނދުން ބޭރަށް ވައްޓާލެވިފައިވާ ފައިން ލޭތައް އޮހެމުން ދިޔައެވެ. ކޮޓަރިތެރެއަށް ވެސް ހީވަނީ ތޫފާނެއް އަރާފައިވާހެންނެވެ. ކޮޓަރިތެރެ އޮތް ޙާލަށްވުރެ ރާދިންއަށް ހާސްކަން ވެރިވީ ސަޖާ އޮތް ގޮތުންނެވެ. އަވަސް އަވަހަށް ރާދިން ކޮޓަރިތެރެއަށް ދެމިގަތުމަށްފަހު, އެ ދިމާލަށް ހިނގައިގަތް ނަމަވެސް، ވަކި ހިސާބަކުން މަޑުޖެލިއެވެ. ބިއްލޫރިތައް ހުރީތީ ބަލައިގެން ގޮސް އޭނާ ސަޖާގެ ކޮނޑުގައި ހިފާ އަނބުރުވައިލިއެވެ.
"ސަޖޫ... ސަޖޫ..." ސަޖާގެ އެ ޙާލުގެ ޒިންމާ ނަގަން ޖެހޭނީ އޭނާއޭ ހިތަށް އެރުމާއެކު, ރާދިންއަށް އޭނާގެ އަމިއްލަ ނަފްސު ކުށްވެރިކުރެވެން ފެށިއެވެ. އޭނާ ސަޖާގެ މޫނުމަތީގައި ދެފަހަރަކު، ޖަހައިލިއެވެ. ސަޖާގެ މޫނުމަތިން އޭނާ ރޮއިފައިހުރިކަން ރާދިންއަށް އެނގުނެވެ. ސައިޑް ކަބަޑުމަތީގައި ހުރި ފެންފުޅިން ފެންގޮއްޓެއް އަތަށް އެޅުމަށްފަހު، ރާދިން ސަޖާގެ މޫނުގައި ހާކައިލިއެވެ. އަދި އަނެއްކާވެސް ސަޖާއަށް ގޮވައިލިއެވެ. ދެފަހަރަކު އެސްފިޔަތައް ތަޅުވައިލުމަށްފަހު، ސަޖާ ދެލޯ ހުޅުވައިލިއެވެ. ސަޖާގެ ހިތަށް އުފާވެރިކަން އިޙްސާސްވިއެވެ. އޭނާގެ މަޤްސަދު ރާދިންއަށް ރޭކާވެސް ނުލައެވެ. ވިސްނާލުމަށްފަހު، އޭނާގެ ރޭވުމާއިގެން ކުރިއަށް ދިޔައެވެ.
ސަޖާ، ރާދިންގެ މޭގައި އަތް އަޅާ ކޮށްޕާލުށްފަހު، ތެދުވެ އެނދުގެ ހެޑްބޯޑުގައި ލެނގިލަމުން އިށީނދެލިއެވެ. ބޮލުގެ އިސްތަށިގަނޑުގައި އަތް މަހާލަމުން އޭނާ ފުންނޭވާއެއް ދޫކޮށްލުމަށްފަހު، ރާދިންއަށް ބަލައިލީ ރުޅިވެރިކަމުން ފުރިފައިވާ ނަޒަރަކާއެކުގައެވެ.
"ސަޖޫ... ވެއިޓް..." އެއްޗެއް ބުނަން އުޅެފައިވެސް ސަޖާގެ ފަޔަަށް ބަލައިލުމަށްފަހު، ރާދިން ފަސްޖެހުނެވެ. އޭނާ ތެދުވެގެން ބޭރަށް ނުކުމެފައި ދެން އައީ ފަސްޓްއެއިޑް ބޮކްސް ހިފައިގެންނެވެ. އެއައި ގޮތަށް އައިސް އެނދުގައި ސަޖާގެ ފަޔާދިމާ މަގަތުގައި އިށީނދެލުމަށްފަހު، އޭނާ ސަޖާގެ ފައިގައި އަތްޖައްސައިލުމާއެކު ސަޖާ އެ ފައި ދަމައިގަތެވެ.
"ޕްލީޒް ސަޖާ... އަހަންނަށް އޯކޭ އަހަންނަށް ކޮންމެ ފަދަ ސަޒާއެއް ދިނަަކަސް. އެކަމަކު މިހާރު މި ލޭމަނާކޮށް ބޭސް އަޅަން ފުރުސަތު ދީ..." ސަޖާ ގަދަހަދަން ފެށުމުން ރާދިން ހިތްހަމަނުޖެހޭ ގޮތްވެ ކުޑަކޮށް ހަރުކަށިކަމާއެކު، ބުނެލިއެވެ. ލޯބިވާ އަންހެން ކުއްޖަކު ތަކުލީފުގައި ވަނިކޮށް ކެތްވާނީ ކިިހިނެއްހެއްޔެވެ؟ ސަޖާއަށް ނުވިސްނެނީ ކީއްވެހެއްޔެވެ؟ ސަޖާއެކޭ އެއް ގޮތަށް އޭނާއަށް ވެސް މިކައިވެނިން ލިބެނީ ހުސް ނުތަނަވަސްކަމާއި ހިތްހަމަނުޖެހުމެވެ. އޭނާގެ މަޖުބޫރީ ޙާލަތު ސަޖާއަށް ނޭނގޭއިރު، ރާދިން އެދޭ ހަމައެކަނި އެދުމަކީ ސަޖާ އޭނާއަށް އިތުބާރުކުރުމެވެ. އެހެން އެއްވެސް ކަމަކަށް ވުރެ ބޮޑަށް ރާދިންއަށް މިވަގުތު މުހިންމީ ސަޖާގެ އެއްބާރުލުމެވެ.
"އެހެންވެތަ އަންނާނަމޭ ކިޔާފަވެސް ރޭގަ ނައީ؟ ކޮޓަރިއަށް ވަދެވުމާއެކު، އަހަރެން މަތިން ހަނދާންނެތުނީ ދޯ... އެ މައާލްއަކީ ރީތި ގޮތުގައި ހުރި ފުރޭތައެއް. ރާދިންއަށް ކީއްވެތަ ނުވިސްނެނީ." ސަޖާއަށް ހަޅޭއްލަވައިގަނެވުނެވެ. ރާދިން ފުންނޭވާއެއް ދޫކޮށްލުމަށްފަހު، ރީތިކޮށް ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ.
"އަހަރެން ކިތަށް ފަހަރު ސަޖޫ ކައިރީގައި ބުނީ މައާލްއާ ކައިވެނި ކުރިއެއްކަމަކު އަހަންނާ ސަޖާއާ ދެމެދު އޮތް ގުޅުމެއް ބަދަލެއް ނުވާނެޔޭ... އަހަރެން ލޯބިވަނީ ހަމައެކަނި ސަޖާ ދެކެއޭ... އެހެންނޫނީ މިއަދު މިގަޑީގައި އެންމެނަށް ދޮގު ހަދާފައި އައިސް އަހަރެން މިތަނަކު ނީންނާނެ ދޯ." ރާދިން ޔަޤީންކަމާއެކު، ބުނެލިއެވެ.
"ދެން. ރޭގަ... މައާލްއާ އެކީގައި..."
"މައާލްއާ އެކީގައި ސަޖާއާ އެކު އޮތް ފަދަ އެއްވެސް ގުޅުމެއް ނޯންނާނެ. އަހަރެން ހުވާ މިކުރަނީ..."
"ދެން ތިބުނީ ރޭގައި އެފަދަ އެއްވެސް ގުޅުމެއް ތި ދެެމެދުގައި ނުހިނގައޭތަ؟ އެހެންވިއްޔާ ކީއްވެތަ ނައީ؟" ސަޖާ ގަބޫލުކުރަން ބޭނުންނުވާފަދައެވެ.
"ތީތަ ސަޖޫ އަހަނަށް އިތުބާރުކުރާ ވަރަކީ. ބައްޕަ ވަރަށް ދަންވަންދެން ސިޓިންރޫމުގައި އިން ރޭގަ. އެންމެން ނިދީމަ ނުކުންނަން ހުރެފަ ޖައްސައިލިތަނާ އަހަންނަށްވެސް ނިދުނީ. ހޭލެވުނީ އިރު އެރިފަހުން. ގަބޫލުކުރޭ. މައާލްއާ އަހަރެމެން ދެމީހުން އެއް އެނދެއްވެސް ރޭގައި ހިއްސާނުކުރަން." ރާދިންގެ ދެލޮލުގައި ވަނީ ތެދުވެރިކަމެވެ. އެ ދެލޮލުން އޭނާއަށް އިތުބާރުކުރަން ސަޖާގެ ކައިރީގައި ބުނަމުން ދިޔަ ފަދައެވެ. އަދިވެސް ރުޅިވެރިކަން ސަޖާގެ މޫނުމަތިން ފެންނަމުން ދިޔަނަމަވެސް، އެ ކަމާ ވިއްދާ އިތުރު އެއްޗެއް ނުބުނުމުން ރާދިންއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ސަޖާ އޭނާގެ ވާހަކަތައް ކޮންމެވެސް ވަރަކަށް ޤަބޫލުކުރިކަން ޔަޤީންވުމުންނެވެ.
"ނައު ލެޓް މީ..." ރާދިން އޯގާތެރިކަމާއެކު، ސަޖާގެ ފަޔަށް އިޝާރާތްކޮށްލަމުން ބުނެލިއެވެ. ސަޖާ ބޯ ޖަހައިލިއެވެ.
ރާދިން ފަސްޓްއެއިޑް ބޮކްސް ހުޅުވައިލާ ސަޖާގެ ފައި ސާފުކުރަން ފެށިއެވެ. އެއަށްފަހު އޭނާ ބޭސް އަޅައިލަ ދިނުމަށްފަހު، ފައިސްޓް އެއިޑް ބޮކްސް ލައްޕާލާ ހިންދެމިލިއެވެ.
"އެއްޗެއް ކާން ހިނގާ ދޯ..." ރާދިން ބުނެލިއެވެ. ސަޖާ މިފަހަރުވެސް ބޯ ޖަހައިލިއެވެ. އެއްޗެއް ނުބުނި ނަމަވެސް ސަޖާގެ ސިކުނޑީގައި ދިޔައީ އެތަކެއް ހައިޖާނުތަކެއް ހިނގަމުންނެވެ. ރާދިންގެ ފުރިހަމަ ކޮންޓްރޯލް އޭނާގެ މުށުތެރެއަށް ގެނެވޭނޭ ގޮތަކާ މެދު ސަޖާ ވިސްނަމުން ދިޔައެވެ. ރާދިން ގިނަ ވަގުތު އޭނާގެ ކައިރީގައި ބަހައްޓަން ސަޖާ ބޭނުމެވެ. ނޫނެކެވެ. ގިނަވަގުތަކު ނޫނެވެ. ދުވާލާ ރޭގަނޑުގެ ހުރިހާ ވަގުތެއްގައެވެ. އެހެންނަމަވެސް އެއީ ނާދިރުކަމެއްކަން ސަޖާއަށްވެސް ވިސްނެއެވެ. ރާދިންއަށް އޭނާގެ ބައްޕައާ ޒުވާބުކޮށް އަރާރުންވާކަށް ނުކެރޭނެއެވެ. އެ ކައިވެނި ކުރި އެންމެ ބޮޑު ސަބަބަކީވެސް މުނީރެވެ. ރާދިން އެހާ ފިނޑިވީ ކޮން އިރަކު ބާއޭ ސަޖާގެ ހިތަށް އެރިއެވެ.
"ސަޖޫ.... އަހަރެން ބުނީ ކޯންޗަކަށްހޭ އޯޑަރުދޭންވީ؟" ރާދިން ސަޖާގެ މޫނާ ދިމާލުގައި އަތް ހޫރާލީ ގޮވަގޮވާވެސް ސަޖާގެ ސަމާލުކަން ނުލިބުމުންނެވެ.
"ރާދުއަށް ފެންނަ ކޮންމެ އެއްޗެއް..." ސަޖާ ބުނެލިއެވެ. ހިނިތުންވެލުމަށްފަހު، އެނދުގައި އިށީނދެ އިނދެ ރާދިން ހެނދުނުގެ ނާސްތާއަށް އޯޑަރުކުރިއެވެ. އެއަށްފަހު، އޭނާ ކޮޓަރިތެރެއަށް ވެސް ބަލައިލިއެވެ.
"އެކަމަކު ހާދަވަރެކޭ މިއޮތީ އަރުވާލާފަ. ސައިބޮއިގެން ދޯ ސާފުކުރާނީ..." ރާދިން ބުނެލިއެވެ. ސަޖާގެ ފައި ހަލާކުވެފައިވާތީ އޭނާ ފާޚާނާއަށް ވެސް ދިޔައީ ކޮރަމުން ކަަހަލަ ގޮތަކަށެވެ. އެތަން ބަލަން ރާދިން ހުއްޓެވެ. ސަޖާ ފާޚާނާއިން ނުކުތުމުން ރާދިން އައިސް ސަޖާ އޭނާގެ އަތް ދަނޑި މައްޗަށް އުފުއްލާލިއެވެ.
"ރާދު..." ރާދިންގެ ކުއްލި އަމަލުން ސަޖާއަށް ކުޑަ ހައިރާންކަމެއް ލިބިގެން ދިޔައެވެ. އެހެންނަމަވެސް އެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.
"ކިހިނެއްވީ؟ ބަހައްޓަންވީތަ ތިރީގަ... ހަނދާންވޭތަ އަހަރެމެން ގުޅިއަށް ދިޔަ ދަތުރުގައި ގޮނޑު ދޮށުގައި އޮތް ފުޅި ތޮށި ގަނޑަކަށް ސަޖާއަށް އެރި ފައި ހަލާކުވެގެން ނުހިނގުމުން އަހަރެންގެ އަތްދަނޑި މައްޗަށް ސަޖާ އުފުލާލި ދުވަސް..." ރާދިން މާޒީގެ ދުވަހެއް ހަނދާންކޮށްލަމުން ބުނެލިއެވެ. އެއާއެކު، ސަޖާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވެ އެ މޫނަށް ލަދުވެތި އަސަރުތައް ވެރިވިއެވެ. އެ ދުވަސް އޭނާ ހަނދާން ނައްތާލާނީ ކިހިނެއްހެއްޔެވެ؟ ހުރިހާ އެކުވެރިންގެ ކުރިމަތީގައި އެއްވެސް ޖެހިލުމެއްނެތި ރާދިން އޭނާ އުފުލާލައިގެން ގެންގުޅުނެވެ. ހުރިހާކަމެއްގައި އޭނާއަށް އެހީތެރިވެދިނެވެ. އެންމެންގެ ކުރިމަތީގައި އޭނާ ސަޖާ ދެކެ ލޯބިވާވަރު ހާމަކުރިއެވެ. ރާދިންގެ ހިތުން ހަމައެކަނި ޖާގަދެވޭނީ ސަޖާއަށްކަމުގައި ބުންޏެވެ.
ސަޖާގެ މޫނުމަތިން ފެނުނު އަސަރުތަކުން ރާދިންއަށް ހިތްހަމަޖެހުން ލިބުނެވެ. ރާދިންއަށް އެ މޫނުމަތިން ފެނުނީ އޭނާ ބޭނުންވި ފަދަ އަސަރުތަކެކެވެ. އޭނާ ހުރީ ހަޤީގަތުގައިވެސް ސަޖާގެ ތުންފަތް މަތިން އެ ހިނިތުންވުން ފެނުމަށް ކެތްމަދުވެފައެވެ. އޭނާ ސަޖާ އުފުއްލާލައިގެން ގެންގޮސް ސޯފާގައި ބައިންދާފައި ސަޖާގެ ބުޅި އިސްތަށިގަނޑުގައި އަތް ފުނާ އަޅައިލިއެވެ.
"އިނގޭތަ؟ އަހަންނަށް ސަޖޫގެ އިސްތަށިގަނޑު ވަރަށް ލޯބި. ކުދިކުދި ބުޅި ހުރެފައި ބްލޮންޑް ކުލަ ޖައްސާލާފައި ހުރުމުން ވަރަށް ވަރަށް ލޯބި. ސަޖޫއާ ވަރަށް ގުޅޭ..." ރާދިން ބުނެލިއެވެ. ރާދިންގެ ކޮންމެ ވާހަކައަކާއެކު, ސަޖާގެ ތުންފަތް މަތީގައިވީ ހިނިތުންވުން ފުޅާވެއެވެ. އަދިވެސް ރާދިންގެ ހިތަކީ އޭނާގެ މިލްކެއްކަން އޭނާއަށް ޔަޤީންވެއްޖެއެވެ. ދެން އޮތީ ރާދިންގެ ދިރިއުޅުމުން މައާލް ބޭރުކުރުމާއި ރާދިންގެ އަނތްބަކަށް އޭނާ ވުމެވެ. އޭނާ ބޭނުންވަނީ ރާދިންގެ އަތްބެއްގެ މަގާމުގައި ހުރެ އެގެއަށް ދިޔުމަށެވެ. މުނީރުގެ ރާދިން ނޫން އިތުރު ކުއްޖެއް ހުރީއެއް ނޫނެވެ. ރާދިންގެ މަންމަ ވަނީ ނިޔާވެފައެވެ. ރާދިންގެ އަނތްބަކަށް އޭނާއަށް ވެވިއްޖެނަމަ ރާދިންގެ ހުރިހާ މުދަލެއްގެ ހައްޤުވެރިއަކަށް ވެސް ވާނީ އޭނާއެވެ. އޭނާ ބޭނުންވި ފަދަ އަރާމު އުފާވެރި ދިރިއުޅުމެއް ރާދިންއާ އެކު އުޅެވޭނެއެވެ.
ކާއެއްޗިސް އައުމުން ދެމީހުން އެކުގައި ސައި ބުޔެވެ. ރާދިންގެ ލޯބިވެތި ވާހަކަތަކުންނާ އާދަތަކުން ސަޖާގެ ހިތަށް ލިބިފައިވަނީ ބުނެދޭން ނޭނގޭ އުފާވެރިކަމެެކެވެ. އަނބިމީހާ ދޫކޮށްލާފައި ހިލޭ އަންހެނެއް ކައިރިއަށް ފިރިމީހާ އަންނާނީ ހާދަ ވަރަކަށް އޭނާދެކެ ލޯބިވާތީއެވެ.
"ރާދު އަހަރެން ދެކެ ވަރަށް ލޯބިވޭދޯ..." ސަޖާ ސުވާލުކޮށްލިއެވެ.
"ކިހިނެއްވީ ޝައްކުވަނީތަ؟" ރާދިން އެއްބުމަ އަރުވައިލަމުން ހިނިތުންވެލިއެވެ.
"ނޫން. އެހެންނެއް ނޫން..."
"ހެހެ. ޔެސް. އަހަރެން ސަޖޫ ދެކެ ވަރަށް ވަރަށް ވަރަށް ލޯބިވޭ. އެކަން އެނގެއެއްނު ސަޖޫއަށް. ނުވާނަމަ މިތަނުގަ މިވަގުތު ނީންނާނެއެއްނު." ރާދިން ބުނެލިއެވެ. އޭނާ ސަޖާގެ އަތުގައި ހިފާލަމުން އެ އަތަށް ބޮސް ދިނެވެ.
*****
"ކޮބާ ދަރިފުޅާ... ރާދިން އޭރު ދިޔަގޮތަށް އަދިވެސް ނާދޭތަ؟" ސޯފާގައި އިށީނދެގެން އިން މުނީރު ސުވާލުކޮށްލީ މައާލް އާއެވެ.
"ނޫނޭ ބައްޕާ. ހަވީރު އައި ފެންވަރާލަން. ފެންވަރައިގެން ދިޔަގޮތަށް އަދި ނާދޭ..." މައާލް ބުނެލިއެވެ.
"ރާދިންގެ ކައިރީގައި ބުނިންތަ ބައްޕަ ބުންޏޭ މިރޭ އަށެއް ޖަހާއިރު ގޭގައި ހުންނަން ވާނެޔޭ..." މުނީރު އަނެއްކާވެސް އަހައިލިއެވެ.
"ލައްބަ ބައްޕާ." މައާލް ބުނެލިއެވެ. ރާދިން ހަވީރު ގެއަށް އައުމުން މައާލް އެހެން ބުނުމުންވެސް، ރާދިން އެކަަމަކަށް ޖަވާބެއް ނުދިނެވެ. މުނީރުގެ އެދުމަށް ކޮޅުފައިން ޖަހަން ރާދިންއަށް ނުކެރޭނެޔޭ މައާލްއަށް ހީވިނަމަވެސް، އޭނާގެ ވާހަކައަށް ރާދިން ޖަވާބު ނުދޭތީ ރާދިން އަންނާނެ ކަމާމެދު އޭނާއަށް ޝައްކުވިއެވެ. އެ ވާހަކަ މުނީރު ގާތު ބުނާކަށް މައާލްއަކަށް ނުކެރުނެވެ. އޭނާ ހިމޭންކަން ޚިޔާލުކުރީ އެހެންވެއެވެ.
"މިހާރު އަށެއްޖަހަން ދިހަ މިނެޓަށް ވީ. ރާދިންކޮބާތަ؟" މުނީރު ރާދިންއަށް ގުޅުމުން ވެސް ރާދިން ފޯނެއް ނުނަގައެވެ. ރިންގްވެފައި ކެނޑެނީއެވެ. އެންމެ ފަހުން އަށެއް ޖަހައިފިއެވެ. ބަރާބަރު ގަޑިއަށް ޒާހިދު އަތުވެއްޖެއެވެ. އޭނާއަކީ ގަޑިއަށް ވަރަށް ފަރުވާތެރި މީހެކެވެ.
***
އެނދުގައި ނިދާފައި އޮތް ރާދިންގެ ފޯނުގެ ރިންގްގެ އަޑާއެކު ސަޖާ އެ ފޯނަށް ބަލައިލާ ސައިލެންޓަށް ލިޔެވެ. ގުޅަނީ މުނީރެވެ. ސަޖާ އިނީ އިނގިރޭސި ފޮތެއް ކިޔާށެވެ. ރާދިން ނިދީ ގެއަށް ދާންޖެހޭ ވާހަކަ ބުނެފައެވެ. އަދި ހަތްގަޑި ބައި ހާއިރު، އޭނާއަށް ގޮވާލަން ބުނެފައެވެ. މުނީރު އެ ގުޅަނީ އެހެންވެގެންކަން ސަޖާއަށް އެނގެނެއެވެ. މުނީރު އެގޮތަށް ބައްދަލުކުރަން ބުނާނީ މުހިންމުކަމަކުކަން ރާދިން އޭނާގެ ގާތުގައި ބުނިނަމަވެސް، ރާދިންއަށް ގޮވަން އޭނާ ބޭނުންނުވީ އެ ބައްދަލުުވުމުގައި ރާދިންއާ އެކު މައާލްވެސް ބައިވެރިވާނެތީއެވެ. އަދި އެވާހަކަ ރާދިންގެ ގާތުގައި ބުނީވެސް މައާލްކަން އޭނާއާ ރާދިން ހިއްސާކޮށްފައިވާތީއެވެ. އަނެއްކާ މުނީރު އެ އުޅެނީ އެ ދެމީހުން ހަނީމޫނަށް ފޮނުވަން ކަންނޭނގެއެވެ. ސަޖާގެ ހިތަށް އެކި އެކި ޚިޔާލުތައް ވެރިވަމުން ދިޔައެވެ.އެ ޚިޔާލުތަކުން އޭނާގެ ހިތަށް ނުބައި ގޮތެއް ވެގެން ދިޔައެވެ.
ކެނޑިނޭޅި މުނީރު ގުޅަމުން ދިޔަނަމަވެސް، އެކަން ސަޖާއަކަށް މުހިންމެއް ނުވިއެވެ. އެންމެފަހުން، އޭނާ ރާދިންގެ ފޯނު ނިއްވައިލީއެވެ.
ރާދިންއަށް ހޭލެވުމާއެކު، އޭނާ އެންމެ ފުރަތަމަވެސް ފޯނުނަގާ ގަޑިބަލައިލަން އަވަސްވެގަތެވެ. ފޯނު ނިވިފައިވާތަން ފެނި އޭނާ ސައިޑް ކަބަޑުމަތީގައި ހުރި ކުޑަ ގަޑިއަށް ނަޒަރު ހިންގައިލިއެވެ. އެއާއެކު އޭނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އަށެއް ޖަހާ ދިހައެއް ހިނގައިފިއެވެ. ފުންމައިގެން ތެދުވުމާއެކު، ރާދިން އޭނާގެ ފޯނު ހުޅުވައިލިއެވެ. މުނީރު ވިއްސަކަށް ފަހަރު ގުޅާފައި އޮތެވެ.
"ކީއްވެތަ ނުގޮވީ ސަޖޫ...." ރާދިންއަށް ބުނެވުނެވެ.
ސޮރީ... އަހަރެން ހަނދާންނެތުނީ... ފޮތަށް ގެއްލިފަ..." އަތުގައި އޮތް ފޮތް ދައްކާލަމުން ސަޖާ ބުނެލިއެވެ. އެއާއެކު، ރާދިން ނިތުގައި އަތް ހިންގާލުމަށްފަހު، ގޮސް ފާޚާނާއަށް ވަނެވެ. އަވަސް އަވަހަށް މޫނު ދޮވެލައިގެން ނުކުމެ އޭނާ ޓީޝާޓް ގަޔަށް މަހާލަމުން އިސްތަށިގަނޑުވެސް ރީތިކޮށްލިއެވެ.
"ރާދިން..."
"ސޮރީ ސަޖޫ.. މިގަޑިއަކު ނޫން..." ރާދިން ހުރީ ހިތްހަމަނުޖެހިފައެވެ. ސަޖާ ގަސްތުގައި އޭނާގެ ފޯނު ނިއްވާލީބާއޭ ހިތަށް އެރިނަމަވެސް އޭނާ އެގޮތަށް ގަބޫލުކުރާކަށް ބޭނުމެއް ނުވިއެވެ. ކޮޓަރިން ނުކުންނަން ދިޔަ ރާދިންއަށް ބަލައިލުމަށްފަހު، ސަޖާ އެއް މިޔަކަށް ހީލިއެވެ.
ރާދިން އެ ދިޔަ ގޮތަށް ގޮސް އެ ގެއިން ނުކުމެ ސައިކަލު ދުއްވައިލިއެވެ. ގެއާ ދިމާލަށް ދިޔައީ ބާރު ސްޕީޑުގައެވެ. ގޯތިތެރެއަށް ސައިކަލުގައި ގޮސް ވަތް ރާދިންއަށް އިތުރު ކާރެއް އެތަނުގައި އޮތްތަން ފެނި މުނީރު އޭނާ ގެނައީ މީހަކު އަންނާތީތަން ރާދިންއަށް ޔަޤީން ކުރެވުނެވެ. އެއާއެކު، އޭނާއަށް ފިޔަވަޅުތައް ބާރުކޮށްލެވުނެވެ. މީހެއްގެ ކުރިމަތީގައި ބައްޕަގެ އަގު ވައްޓާލެވުނީ ބާއޭ ރާދިންގެ ހިތަށް އެރިއެވެ.
***
"ރާދިންގެ ފޯނު މިހާރު އަނެއްކާވެސް އެބަ ރިންގްވޭ... ހީވަނީ ފޯނު ކުރިން ނިވުނީހެން. ރައްޓެއްސަކު އެކްސިޑެންޓްވެގެން އުޅެނީ..." މުނީރު ޒާހިދަށް ބަލައިލިއެވެ. ޒާހިދު ބޯ ޖަހައިލިއެވެ.
"އެކަހަލަ ކަންތައްވެސް ދިމާވާނެއެއް ނޫންތޯ! އަޅުގަނޑުވެސް ހުރޭ ރާދިންއާ އެއް އުމުރެއްގެ ޒުވާނެއް. ގާނޫނީ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރަމުންދަނީ. މިހާރު ނިމެން ކައިރިވެއްޖެ. އެ ކުދިން ބޭނުންވޭ ރައްޓެހިންނަށް ވަގުތު ދޭން. އެހެންވީމަ ތިކަހަލަ ކަންތައް އަޅުގަނޑަށް އަންޑަސްޓޭންޑް ވޭ." ޒާހިދު ބުނެލިއެވެ. ޒާހިދުގެ ވާހަކައިން މުނީރުގެ ހާސްކަން ކޮންމެވެސް ވަރަކަށް ދުރުވެލިއެވެ.
"ރާދިން ނަޔަސް މިކަންތައް ނިންމާލެވިދާނެއެއް ނޫންތޯ؟" ޒާހިދު ބުނެލިއެވެ.
"މައާލްގެ ފިރިމީހާ ހުރުން މުހިންމުކަމެއްކަމުގައި އަޅުގަނޑަށް ފެނުނީ..." މުރީރު ބުބެލިއެވެ.
"ރާދިން...." މައާލް އެއްޗެއް ބުނަން އަނގަ ހުޅުވައިލިތަނާ ރާދިން އައިސް ހުއްޓި ވާހަކަ ދެއްކި އަޑު އިވުމާއެކު އޭނާ ހިމޭންވިއެވެ.
"ސޮރީ ބައްޕާ. އެކުވެރިޔާގެ ޙާލު ވަރަށް ބޮޑަށް ދެރަވެގެން ކުޑަކޮށް ލަސްވީ. ގަޑި ބަލާ ނުލާ ހުރެވުނީ..." ރާދިން މާފަށް އެދިފައި ފަހަރަކު މީހަކަށް ބަލައިލިއެވެ. މުނީރު ޒާހިދު އިނުމުން އެއްޗެއް ނުބުނެއެވެ. ޒާހިދު ހިނިތުންވެލިއެވެ.
"މިހާރު މީ ހުރިހާ ލިޔެ ކިޔުމެއް. ކުރިން އަހަރެން ހަވާލުކުރީ ގޭގެ ހުރިހާކަމެއް. ދެން މިހާރު މިހުރީ ރާއްޖޭން ބޭރުގެ ހުރިހާ މިލްކިއްޔާތަކާއި ބާކީ ހުރީ ހުރިހާ އެއްޗެއް މައާލްއާ ހަވާލުކުރާކަމުގެ ލިޔުންތައް. މައާލް މީގައި ސޮއިކޮށްލަންޖެހޭނެ." ޒާހިދު ބުނެލިއެވެ. އެ އެއްޗެހި މުނީރުއާ ހަވާލުކުރުމުން އެއަށް ބަލާލުމަށްފަހު، މުނީރު އެ އެއްޗެހި ދިނީ ރާދިން އަތަށެވެ.
މައާލް ސޮއިކޮށްލުމުން އެ ފައިލް ރާދިން ޒާހިދާ ހަވާލުކޮށްލިއެވެ.
"ތިން ދުވަސްތެރޭގައި ހުރިހާކަމެއް ނިމޭނެ. ދެން ކުންފުނި ހިންގުމުގެ ކަންތައް ކުރިއަށް ގެންދާނެ ގޮތަމާ މެދު ވެސް މަޝްވަރާކޮށްލާތި... އަދި އެބައޮތް އެއް ވާހަކަ. ކުރިން ޝާކިރުގެ ގޭގައި އުޅުނު މީހުން އެގެ އަންނަ ހަފްތާގައި ދޫކޮށްލާނެ ވާހަަކަ ބުނި. އެގްރިމެންޓް ބާތިލް ކުރުމުގެ ކަންތައް ފަށަންވީތޯ ވެސް އަހާލަން ބޭނުން. " ޒާހިދު މައާލްގެ ކިބައިން ސުވާލުކޮށްލިއެވެ. މައާލްއަށް ބުނާނެ އެއްޗެއް ނޭނގި އިރުކޮޅަކު އިނދެފައި، ބޯ ޖަހައިލެވުނެވެ.
ޒާހިދު ދިޔުމުން މުނީރު ރާދިންއަށް ބަލާލާފައި ވާހަކަ ދެއްކިއެވެ.
"ރާދިން! ކުޑަކޮށް ޒިންމާދާރުވާން ވެއްޖެހެން ބައްޕައަށް ހީވަނީ. ނޫންތަ؟" ލަސްވަންޏާ އެވާހަކަ ބުނެލިނަމަ... މީހަކު ގެނެސް އިންތިޒާރުގައި ބެއިންދުބް އެއީ ރީތިގޮތެއް ނޫންކަންނެނގެ." މުނީރު ބުނެލިއެވެ.
"ސޮރީ ބައްޕާ... ހަމަ ހަނދާނުން ކައްސައިލީ..." ރާދިންގެ އަޑުގައި އެހެންޏާ ނުުހުންނަ ފަދަ މަޑުމޮޅިކަމެއް ވެއެވެ. އޭނާއަށް ކުރެވުނީ ކުށެއްކަން ރާދިން ޤަބޫލުކުރެއެވެ.
އިރުކޮޅަކު ވާހަކަ ދައްކާލަން ތިބެފައި މުނީރަށް ފޯނެއް އައުމުން މުނީރު ދިޔުމާއެކު، ރާދިން މައާލް ގޮވައިގެން އެރީ މައްޗަށެވެ. އޭނާ މައާލް އެނދުމައްޗަށް ކުޑަކޮށް ކޮށްޕާލާފަދަ ގޮތަކަށް ބައިންދާފައި ދެކޮޅަށް ހިނގަން ފެށިއެވެ. އިރުކޮޅަކު އެހެން ހިނގުމަށްފަހު، މަޑުޖެހިލާ މައާލްއަށް ބަލައިިލިއެވެ.
"ބައްޕަ ކައިރީގައި ކީކޭ ކީމަ ބައްޕަ އެހާ ހިތްހަމަ ނުޖެހިފަ އެހުރީ؟" ރާދިން ސުވާލުކޮށްލިއެވެ.
"ހަމަހުވާ އަހަރެން އެއްވެސް އެއްޗެއް ނުކިޔަން." މައާލް ބުނެލިއެވެ. ރާދިންގެ އަޑުގައިހުރި ރުޅިވެރިކަމުން އޭނާ ޖެހިލުންވިއެވެ.
"އަހަންނަށް އެނގޭ ކަލޭ އެއްޗެއް ކީކަން." ރާދިން ބުންޏެވެ. މައާލް އޭނާ އެއްވެސް އެއްޗެއް ނުބުނާކަމަށް ތަކުރާރުކޮށް ބުނަމުން ދިޔައެވެ. ކުއްލިއަކަށް ރާދިން މައާލްގެ އަތުގައި ހިފާ އޭނާއާ ގާތަށް ދަމައިލުމާއެކު، މައާލް ތަތްވީ ރާދިންގެ މޭމަތީގައެވެ.
"ދޫކުރޭ.... ރާދިން..."
"ދެން އަހަރެންގެ ޝަރުތު އަޑު އަހާ.." އޭނާގެ ނޭވާ މައާލްގެ މޫނާ އެޅޭހާ ގާތްވެފައި ރާދިން ބުނެލިއެވެ.