"ނޫން. މި އެއްޗެހި ގެންގޮސްގެން ދެން އަހަންނަށް ކުރެވޭނެ އެއްވެސް ބޭނުމެއް ނެތް." މައާލްގެ މާޔޫސީ އަޑު އިވި ރާދިންއަށް މައާލްއަށް ބަލައިލެވުނެވެ.

މައާލްގެ ހިތުގެ ޙާލު ރާދިންއަށް ފަހުމްވިއެވެ. މައާލް ހިތްހަމަ ޖައްސައިދިނުމުގެ ގޮތުން އެއްޗެއް ބުނަން އަނގަހުޅުވައިލި ރާދިން މަޑުޖެހުނީ މައާލްގެ އަޑަށެވެ.

"މިތަނުން ނުކުންނަން ހިނގާ ރާދިން. ކިތަންމެ އިރަކު މިތަނުގައި ހުއްޓަސް އަލުން މި މަންޒަރުތައް ފެނުމުގެ ނަސީބެއް އަހަންނަކަށް ނެތް." މައާލް އިސްޖަހައިލިއެވެ. ރާދިން މައާލް ގޮވައިގެން ނުކުމެލުމަށްފަހު، ކޮޓަރީގެ ދޮރު ލައްޕައިލިއެވެ. އެއަށްފަހު، އޭނާ މައާލް ގޮވައިގެން ގޮސް ސޯފާތައް ކައިރީގައި މަޑުކޮށްލިއެވެ. މާގިނައިރެއްނުވެ މުނީރުވެސް ނުކުމެއްޖެއެވެ.

"ދާން އުޅެމާ ދޯ..." ރާދިންއަށް ބަލައިލުމަށްފަހު، މުނީރު ވާހަކަ ދެއްކިއެވެ. އޭނާ ޑްރައިވަރަށް ގޮވާލާފައި ފޮށިތައް ގެންދިޔުމަށް ބުނެލާފައި ހިނގައިގަތްތަނާ މައާލް ގޮވައިލިއެވެ.

"މުނީރުބޭ..."

"ކިހިނެއްވީ މައާލް؟" މުނީރު ހާސްވީ މައާލް ދިޔުމުގެ ޚިޔާލު ދޫކޮށްލަފާނެތީއެވެ.

"ޔުނިވާރސިޓިއިން ކެނޑުމުގެ ކަންތައްތައް ހަމަޖެހިއްޖެތަ؟" މައާލްގެ ސުވާލާއެކު ރާދިންއަށް މައާލްއަށް ބަލައިލެވުނެވެ. މައާލް ކިޔަވާ އެއްޗެއް އެނގުމުގެ ޝައުގުވެރިކަން އޭނާގެ ހިތުގައި އުފެދުނެވެ. އެހެންނަމަވެސް އެއީ އެ ސުވާލުކުރަން އެންމެ މުނާސަބު ވަގުތަށް ނުވުމާއެކު ރާދިން ހިމޭންކަން ޚިޔާރުކުރިއެވެ.

"ފޯމާއެއްޗެހި ލާފަ ވާނީ. ދެން ރާއްޖެ ދިޔަޔަސް އެކަންތައް ޕްރޮސެސް ކުރެވޭނެއެއްނު." މައާލް ކޯހުން ކެނޑޭ ވާހަކަ މުނީރާ ދެއްކީ އިއްޔެގެ ވަގުތެއްގަައެވެ. މައާލްގެ އެދުމަށް ދެކޮޅު ހަދަން މުނީރު ބޭނުންވިނަމަވެސް، އިތުރަށް މައާލްގެ ލޮލަށް ފެނުމުގެ އުންމީދެއް ނެތުމާއެކު، އޭނާ އެއްބަސްވީއެވެ.

"އަހަރެންގެ ލޯ ރަނގަޅުވާނެތަ މުނީރުބޭ؟" ކުއްލިއަކަށް މައާލްގެ ފަރާތުން ކުރިމަތިވި ސުވާލާއެކު މުނީރަށް ބަލައިލެވުނީ ރާދިންއަށެވެ. އޭނާއަށް އެ ސުވާލަށް ޖަވާބުދޭނެ ގޮތެއް ނުވިސްނުނެވެ. މައާލް މުނީރުގެ ޖަވާބަކަށް އިންތިޒާރުކުރިއެވެ. އޭނާގެ ލޮލަށް ފަރުވާކުރެވޭނެނަމަ ކޮންމެހެން ރާއްޖެ ގެންދިޔުމުގެ ބޭނުމެއް ނެތެވެ. ރާއްޖެއަށް ވުރެ އެތައް ގޮތަކުން ކުރިއަރާފައިވާ ގައުމެއްގައި ހުރެފައި އެވަރަކުން އޭނާ ރާއްޖެ ގެންދަން އުޅޭ ސަބަބެއް މައާލްއަކަށް އެއްގޮތަކަށްވެސް ނުވިސްނެއެވެ. ހިތް ބުނަނީ އޭނާގެ ދެލޮލަށް ދެން ނުފެންނާނެ ކަމުގައެވެ.

"އިރާދުކުރެއްވިއްޔާ ރަނގަޅުވާނެ." މުނީރަށް މައާލްގެ ހިތް އިތުރަށް މާޔޫސްކޮށްލާކަށް ނުކެރުނެވެ. އޭނާ އެ ސުވާލަށް ޖަވާބުދީފައި ރާދިންކައިރީގައި މައާލް ގޮވައިގެން އަންނަން ބުނެފައި ބޭރަށް ނުކުމެލިއެވެ. މައާލް ކާރަށް އަރުވާފައި ރާދިން ވެސް ފަހަތު ސީޓުގައި އިށީނދެލިއެވެ. މުނީރު އެެރީ ކުރީ ސީޓަށެވެ. ޑްރައިވަރު ކާރު ސްޓާރޓްކޮށްލަން އުޅުނު ވަގުތު ރާދިންއަށް އޭނާގެ ކޮނޑުގައި އަޅުވާ ދަބަސް ނެތްކަން ހަނދާންވިއެވެ. އޭނާ އެ ވާހަކަ ބުނެލާފައި ކާރުން ފައިބައިގެން ގޮސް ގެއަށް ވަނެވެ. ސޯފާގައި އޮތް ދަބަސް ނަގައިގެން ނުކުންނަން ހިނގައިގަތް ރާދިންގެ ފިޔަވަޅުތައް ހުއްޓުނެވެ. ފަސް އެނބުރި އޭނާ މައާލްގެ ކުރަހާ ކޮޓަރިއާ ދިމާލަށް ބަލައިލިއެވެ.

*****

"ރާދިން ހާދަ ލަސްވަނީ؟ ދަބަސް ނުފެނުނީތަ އަނެއްކާ؟" ދިޔަތާ ފަނަރަ މިނެޓް ވީއިރުވެސް ރާދިން ނައުމުން މުނީރު ގަޑިބަލައިލަމުން ބުނެލިއެވެ.

"ބަލައިލާފަ އެބަ އަންނަން." ޑްރައިވަރު އެހެން ބުނެލާފައި ފައިބަން ދޮރުހުޅުވައިލި ވަގުތު ދުވަމުން ކަހަލަ ގޮތަކަށް ރާދިން ނުކުތެވެ. އޭނާ އައިސް ކާރަށް އަރާ އިށީނެވެ.

"ސޮރީ. ބައެއް އެއްޗެހި ދަބަހަށް ނުލެވި ހުރީމަ ލަސްވީ..." ފުން ނަޒަރަކުން މައާލްއަށް ބަލައިލަމުން ރާދިން ބުނެލިއެވެ. އެއްދިމާލަކަށް ބަލަހައްޓައިގެން މައާލް އިންއިރު، މައާލްގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތްހަލާކުވާފަދަ އަސަރުތަކެކެވެ. މައާލްގެ ތެމިފައިވާ އެސްފިޔަތައް ހެކިކޮށްދެނީ ދެންމެވެސް މައާލް ރޮއިފައިވާކަމެވެ. އެ ދިގު އެސްފިޔަތަކުން އެ ފުން ދެލޮލަށް ހިޔާއެޅިފައިވާއިރު، ކިތަންމެ ރީތިނަމަވެސް، އެ ރީތި ކަޅިރަވައިން މިއަދު ފެންނަމުން ދިޔައީ، ވޭނާ ހިތްދަތިކަމެވެ. މޫނުމަތިން ފެންނަނީ ކަންބޮޑުވުމާއި ހާސްކަމުގެ ލިސާންތަކެވެ.

މައާލްގެ ޙަޔާތުގެ މިސްރާބު ބަދަލުވީ ހީވެސް ނުކޮށް ހުއްޓައެވެ. އެހެން އަންހެން ކުދިންނެކޭ އެއްގޮތަށް މުސްތަޤްބަލަށްޓަކައި ފޮނި އުންމީދުތަކެއް މައާލްވެސް ކުރިއެވެ. އަމިއްލަ ފައިމައްޗަށް ތެދުވުމަކީ އެނާގެ އެންމެ ބޮޑު އުންމީދެވެ. އޭނާގެ ހުވަފެންތަކުގައި ކުލަ ޖެއްސުމަށް އެންމެ ބޮޑު އެއްބާރުލުމެއް ލިބުނީ އަބަދުވެސް އޭނާއާ އެންމެ ގާތުގައިވާ، އަބަދުވެސް އޭނާގެ ހުރިހާ އުފަލަކާއި ހިތާމައެއް ހިއްސާކުރާ އޭނާގެ ލޯބިވާ މަންމައާއި ބައްޕައެވެ. އެހެންނަމަވެސް، މިއަދު އެ ދެމީހުންނެއްވެސް އޭނާގެ ކައިރީގައި ނެތެވެ.

އާރކިޓެކްޗަރގެ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރުމަކީ ކުޑައިރުއްސުރެވެސް މައާލް ދެކެމުން އައި ހުވަފެނެކެވެ. މި ފެށޭ އަހަރަކީ މައާލްގެ ކޯހުގެ ފަހު އަހަރަށް ވިނަމަވެސް، އެ ހުވަފެނުގައި ކުލަ ޖެއްސުމަށްޓަކައި މިފަހަރު ހުރަސްއެޅީ ތަޤުދީރެވެ. މައާލް އަބަދުވެސް ޝާކިރު ކައިރީގައި ބުނާ ވާހަކައެއް އޮވެއެވެ. އޭނާ ކިޔަވާ ނިމިގެން ޝާކިރުގެ ވިޔަފާރިއާ ގުޅޭނެ ވާހަކައެވެ. ޝާކިރުގެ ކުންފުންޏަކީ ކޮންސްޓްރަކްޝަން ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާބަަޔަކަށް ވުމުގެ އިތުރުން ޝާކިރުއަކީވެސް އާރކިޓެކްޗަރ ކިޔަވާފައިހުރި މީހަކަށް ވުމުން އެ ދާއިރާއާ ބެހޭ ވަރަށް ގިނަ މައުލޫމާތުތައް މައާލްއަށް އެނގެއެވެ. އޭނާ އެ ދާއިރާއަށް ޝައުގުވެރިވީވެސް ބައްޕަގެ މަސައްކަތްތައް ފެނިފައެވެ. އޭގެ އިތުރުން މައާލްއަކީ ކުރެހުން ތެރިއެކެވެ. އޭނާގެ ކުރެހުންތައް ލަންޑަންގެ އެކި އެގްޒިބިޝަންގައި ބައިވެރިކޮށް ބޮޑު އަގުގައި ވިކިފައިވެއެވެ. ކުރެހުމަކީ ގުދުރަތީ ގޮތުން މައާލްއަށް ލިބިފައިވާ ހުނަރަކަށް ވީނަަމަވެސް، އެ ހުނަރު އިތުރަށް ފުޅާކުރުމަށް މައާލް ވަނީ ތަފާތު ކުރު މުއްދަތުގެ ކޯސްތަކާއި ވާރކްޝޮޕްތަކުގައި ބައިވެރިވެފައެވެ. އޭގެ އިތުރުން ލަންޑަންގައި ހުންނަ އެންމެ މަޝްހޫރު އެއް ޑްރޯވިންގް އެކެޑެމީގެ ކްލާސްތަކުގައި މައާލް ވަގުތު ވީވަރަކުން ބައިވެރިވެއެވެ. އެކަމުން އެކަނިވެސް މައާލް ކުރެހުމަށް ހުންނަ ޝައުގުވެރިކަން ހާމަވެއެވެ. ކުރެހުމުގެ ތެރޭގައި އެގޮތަށް އުޅެނިކޮށް މައާލްގެ ޝައުގުވެރިކަން އުފެދިގެން ދިޔަ އަނެއް މަސައްކަތަކީ ކަލިގްރަފީގެ މަސައްކަތެވެެ. މައާލް އެންމެ ފުރަތަމަ ކަލިގްރަފީގެ މަސައްކަތް ކުރަން ފެށީ މީގެ ހަމަސް ކުރިންނެވެ. އޭނާގެ ކުރެހުންތައް އާއްމުންނަށް ދެއްކުމަށްޓަކައި ފޭސްބުކްއާއި އިންސްޓަގްރާމުގައި މައާލްވަނީ ޕޭޖްތައް ވެސް ހަދާފައެވެ. ސޯޝަލް މީޑިއާއިން އޭނާގެ މަސައްކަތްތައް ފެނި އަގު ދީގެންވެސް މައާލް ލައްވާ މީހުން އެއްޗެހި ކުރަހައެވެ. އަދި އޭނާގެ ކުރެހުންތައް ގަނެއެެވެ.

އެހެންނަމަވެސް ތަޤުދީރުގެ ސަމާސާ ނިކަން ދެކިބަލާށެވެ. އެ ހުރިހާކަމެއް އެ ބަދަލުވީހަމަ ފަޅި ސިކުންތެއްގެ ތެރޭގައެވެ. އޭނާގެ ހުވަފެންތަކާ މުސްތަގްބަލަށްޓަކައި ކުރި އުންމީދުތައް ވިއްސިވިހާލިވެގެން ދިޔައީ ކުޑަކުޑަހިނދުކޮޅެއްގެ ތެރޭގައެވެ. ދުނިޔޭގެ ދިރިއުޅުމަކީ ހާދަ އެހެންކަހަލަ އެއްޗެކެވެ. ކިތަންމެ ވަރަކަށް ފައިސާއާ މުދާ ހުރިނަމަވެސް، ތަޤުދީރުގެ ކުރިމަތީގައި އިސްޖަހައިލަން އިންސާނާއަށް މަޖުބޫރުކުރުވާކަމީ ދުނިޔެ ދައްކަމުން ދާ ހަޤީގަތެކެކެވެ. އެ ތަޤުދީރުގެ ކުރިމަތީގައި އިންސާނާއަށް ދެއްކޭނޭ އާރާ ބާރެއް ނެތެވެ.

ކިތަންމެ ހިތްދަތިކަމަކާއި ކުރިމަތިލީނަމަވެސް، ދިރިހުރިހާ ހިނދަކު އުންމީދުކުރެވޭނެއެވެ. މައާލްއަށްވެސް ވެފައިވަނީ އެފަދަ ގޮތެކެވެ. އޭނާގެ ލޮލުގެ ނޫރު އަނބުރާ ނުލިބޭނެކަމުގައި ހިތް ބުނިނަމަވެސް، ކުޑަ ކުޑަ އުންމީދެއް އެހިތުގައިވެއެވެ. ދިރިހުރުމަށްޓަކައި އެންމެ ބޮޑު އެހީއަކަށްވެފައިވަނީ އެ އުންމީދުގެ ކަންޏެވެ. ﷲގެ ރަޙްމަތުން މާޔޫސްނުވުމަށް އޭނޭގެ ހިތް ބުނަމުން ދިޔައެވެ.

އެއާރޕޯޓަށް އާދެވުނީ ތިންގަޑިއިރުގެ ދަތުރަކަށް ފަހުއެވެ. އޭރު ޗިކިން ފަށައިފިއެވެ. ޓްރޮލީއެއް ގެނެސް އެއަށް ފޮށިތަކާ އެއްޗެހި އަރުވަން ޑްރައިވަރު އެހީތެރިވެދިނެވެ. ލަންޑަން ދޫކޮށްފައި ދާންޖެހޭތީ މައާލްގެ ހިތްވަނީ ނުތަނަވަސްވެފައެވެ.

ޝާކިރުމެން މައާލް ގޮވައިގެން ލަންޑަނަށް ބަދަލުވީ މައާލްގެ އުމުރުން އެންމެ ހަ މަހުގައެވެ. އޭގެފަހުން އެމީހުން ދިިރިއުޅެމުންދިޔައީ ލަންޑަންގައެވެ. މައާލްގެ ޙަޔާތުގައިވެސް ރާއްޖެ ދެވުނީ އެންމެ ފަހަރަކުއެވެ. އެއީ އޭނާގެ އުމުރުން ހަތް އަހަރުގައެވެ. އޭގެފަހުން ރާއްޖޭގެ ފަސްގަނޑުގައި ފައިތިލަ ޖައްސައިލުމުގެ ނަސީބެއް އޭނާއަކަށް ނުލިބެއެވެ. އެއީ އުފަން ފަސްގަނޑުނަމަވެސް، ރާއްޖޭގެ ރީތިކަން މައާލްއަށް ފެންނަނީ ހަމައެކަނި ވީޑިއޯތަކުންނާއި ފޮޓޯތަކުންނެވެ. ލިބޭ ޗުއްޓީތަކުގައި ރާއްޖެ ދާން ބޭނުންވެގެން އެ ވާހަަކަ ދެއްކިނަމަވެސް، ޝާކިރުމެން މައާލް ރާއްޖެ ގެންދާކަށް އެހާ ބޭނުމެއް ނުވެއެވެ. ބައެއްފަހަރު ވިޔަފާރީގެ އެކިކަންކަމުގައި ޝާކިރު ރާއްޖެ ދާއިރު މައާލް ދާން ބޮޑާ ހޭކިނަމަވެސް، އެ ފުރުސަތު ވެސް އޭނާއަކަށް ނުލިބެއެވެ. ޗުއްޓީގައި އެކި އެކި ގައުމަތަކަށް ދެވުނު ނަމަވެސް، ރާއްޖެ ނުދެވޭތީ އެކަމާ މައާލް ސުވާލު ކުރިނަމަވެސް، މާ އެދެވޭ ޖަވާބެއް ފަހުމާމެންގެ ފަރާތުން އޭނާއަށް ލިބިފައިނެތެވެ.

****

ޓްރާންސިޓް ފްލައިޓަކަށްވާތީ އެމީހުންނަށް ރާއްޖެ އާދެވުނީ ޖެހިގެން އައިދުވަހުގެ ހަވީރުއެވެ. އޭރު ރާއްޖެ ގަޑިން ހަތަރު ބަޔަށް ވުރެ ބޮޑުވެއްޖެއެވެ. ބޯޓުން ފައިބައިގެން އިމިގްރޭޝަން ކައުންޓަރާ ދިމާލަށް ރާދިން ހިނގައިގަތީ މައާލް ގޮނޑިއަށް ލައިގެންނެވެ. ތަނުގައި ހަރަކާތްތެރިވަމުންދިޔަ ގިނަ މީހުންގެ ނަޒަރު އެ ތިން މީހުންނަށް ހުއްޓިފައިވާއިރު، ގިނަ އަންހެން ކުދިންގެ ނަޒަރުތައް އަމާޒުވެފައިވަނީ ރާދިންއަށެވެ. ގޮނޑީގައި އިން އަންހެންކުއްޖާގެ ނަސީބާމެދު ހަސަދަވެރިވެފައިވާވަރު އެއިން ކޮންމެ އަންހެން ކުއްޖެއްގެ ނަޒަރަކުން އެކަނިވެސް ދޭހަވެއެވެ. ރާދިންގެ އެ ފިރިހެންވަންތަކަމަކީ އަބަދުވެސް ޒުވާން އަންހެން ކުދިންގެ ބަލި ފަޔެވެ. އަންހެން ކުދިންގެ ހިތްތައް އޭނާއަށް ލަންބުވާލުމަކީ ރާދިންއަށް މާ އުނދަގޫކަމެއް ނޫނެވެ. މިހާރުވެސް އޭނާގެ ކޮންމެ ހަރަކާތަކަށް ފާރަލާ، އޭނާއަށްޓަކާ ފިދާވާނެ އަންހެން ކުދިން މަދެއް ނޫނެވެ. އޭނާއަށް ލިބެމުންދިޔަ ސަމާލުކަމުގެ ސަބަބުން ރާދިންގެ ތުންފަތް މައްޗަށް މައުނަވީ ހިނިތުންވުމެއް ވެރިވެފައިވާއިރު، އޭނާ އަމިއްލަ ނަފްސަށް ފަޚުރުވެރިވިއެވެ.

އިމިގްރޭޝަން ކައުންޓަރ ކްލިއާރވެގެން ފޮށިތައް ހިފައިގެން ނުކުތްއިރު، އިރު އޮއްސެން ކައިރިވެއްޖެއެވެ.

އިރު އޭގެ ވާޖިބު އަދާކުރުމަށްފަހު، ދުނިޔެއަށް އަލްވަދާޢު ކިޔަމުން ދިޔަ ވަގުތު އެކި ކުލަތަކުން ފެވިފައިވާ އުދަރެސް ފެންނަނީ ސިހުރަވީ ގޮތަކަށެވެ. އުޑުމަތީގައި ދައުރުވަމުންދިޔަ ވިލާކޮޅުތަކުގައިވެސް ހީވަނީ ކުލަޖައްސާލާފައިވާހެންނެވެ. އިރުގެ އަލި ކަނޑުގެ ސަތަހައަށް އެޅިފައިވާއިރު، އެ ފެންނަ އަޖައިބުކުރުވަނިވި ކުލަތަކުން އާޝާޚުކުރުވާހާވެއެވެ. އެ ވަގުތުގެ ހިތްގައިމުކަން އިތުރުކޮށްދެމުން ދިޔައީ ޖެހެމުންދިޔަ ލުއިލުއި އެހެންނަމަވެސް ތެތްފިނި ވައިރޯޅިތަކެކެވެ. އެ ރޯޅިތަކުގެ ފިރުމުންތައް މަޑުމައިތިރިވެފައި އަރާމެވެ. މައާލްގެ ހަށިގަނޑުގައި ބީހިލާ ކޮންމެ ވައިރޯޅިއާއެކު، އޭނާއަށް ކުރެވެމުން ދިޔައީ ތަފާތު އިޙްސާސްއެކެވެ. އޭނާ އެހުރީ ޚުދު އޭނާގެ އުފަން ފަސްގަނޑުގައިކަން އަދިވެސް މައާލްއަކަށް ޔަޤީނެއް ނުކުރެވެއެވެ.

މުނީރުގެ ޑްރައިވަރަށް އެމީހުން ފެނުމާއެކު، އައިސް ފޮށިތައް ކާރަށް އަރުވަން އަވަސްވެގަތެވެ. އޭރު ރާދިން ހުރީ ތަންކޮޅެއް ދުރުގައެވެ. މައާލް ގޮވައިގެން އޭނާ އަންނަމުން ދިޔަތަން ފެނި ޑްރައިވަރުގެ މޫނުމަތިން ކޮންމެވެސް ވަރެއްގެ ހައިރާންކަމެއް ފެނިގެން ދިޔައެވެ. އިތުރު އެއްޗެއް ބުނުމެއްނެތި ފޮށިތައް ކާރަށް އަރުވާފައި އޭނާ ކާރުގެ ދޮރުފަތް ހުޅުވައިލަދިނީ ރާދިންއަށް ފަސޭހައަކަށެވެ. އެންމެން އަރާ އިށީނުމުން ލަސްނުކޮށް ޑްރައިވަރު ކާރު ދުއްވައިލިއެވެ.

މައާލްގެ ހިތުގައިވި ނުތަނަވަސްކަމަކަށް އެއްވެސް ބަދަލެއް ނާދެއެވެ. އެ ހިތްދަތިކަމަށްވެސް މެއެވެ. ރާއްޖެއައިސް ރާއްޖޭގެ ހިތްގައިމު ގޮނޑުދޮށްތަކުގައި ފޮޓޯ ނަގާ ހިތް އުފާކޮށްލުމަކީ އޭނާ އަބަދުވެސް ކުރަން ބޭނުންވި ކަމެކެވެ. ދެރައީ އެ ފަސްގަނޑެއްގައި ފައިބީއްސާލަން އެންމެ ބޭނުންވި ފަސްގަނޑުގައި ހުރެމެ މިއަދު އެއިން އެއްވެސްކަމެއް އޭނާއަށް ފުރިހަމަވާން ނެތުމުންނެެވެ. ހަވީރުގެ ވަގުތަށް ވުމާއެކު ބްރިޖުމަތި ވެސް ފެންނަނީ ވަރަށް ހަލަބޮލިކޮށެވެ.

މުނީރުމެންގެ ގެ "މޫން ވެލީ" ހުންނަނީ މާފަންނުގައިކަމުން ގެއާ ހިސާބަށް ދެވުނީ ގަޑިގަނޑަކަށް ވިއްސަކަށް މިނެޓްގެ ދަތުރަކަށް ފަހުއެވެ.

"މިއާދެވުނީ މިހާރު ގެއަށް." ގޭޓުން ކާރު އެތެރެއަށް ވައްދައިލުމާއެކު، މުނީރު ވާހަކަ ދެއްކިއެވެ. އެއާއެކު މައާލްގެ ހިތް ތެޅިގަތެވެ. މުނީރުމެންގެ އެހީތެރިކަން ލިބުނު ނަމަވެސް އެ މާހައުލަށް އޭނަ ހޭނޭނީ ކިހިނަކުންހެއްޔެވެ؟ އޭނާއަކީ މައިންބަފައިންނާ ވަކިން އުޅެން ދުވަހަކުވެސް އާދަވެފައިވާ ކުއްޖެއް ނޫނެވެ. އެއީ އޭނާގެ އުފަންފަސްގަނޑު ނަމަވެސް، އެ ފަސްގަނޑަށް އޭނާއަކީ ބީރައްޓެއްސެެކެވެ. ރާދިންގެ އެހީގައި ކާރުން ފައިބާ މައާލް ގޮނޑީގައި އިށީނދެލިއެވެ. ގޮނޑި ދުއްވައިލީ ރާދިންނެވެ. ގޭތެރެއަށް ވަނުމަށްފަހު، ރާދިން ފުން ނޭވާއެއް ދޫކޮށްލިއެވެ.

"މައާލް! އެއްޗެއް ކާލަންވީނު. ވަރުބަލިވެފަ ދޯ ހުންނާނީ..." މުނީރު އެދުނެވެ.

"ފަހުން. މިގަޑީގައި ބޭނުމީ ކުޑަކޮށް ރެސްޓްކޮށްލަން." މައާލް ބުނެލިއެވެ. ދިގު ދަތުރަކަށްފަހު، މައާލްއަށް ވަރުބަލިކަން އިޙްސާސްވެއެވެ.

އެގޭގައި މަސައްކަތްކުރަން ގެންގުޅޭ ޕިލިޕީންސް ދެކުދިންކަމުގައިވާ ރޯޒްއާއި އެމާއާ ދެމީހުން އައުމުން މުނީރު އެދުނީ މައާލް އޭނާގެ ކޮޓަރިއަށް ގެންދިޔުމަށެވެ. އަދި ފެންވަރާ ތާޒާ ވެލަން މައާލްއަށް އެހީތެރިވުމަށެވެ. އޭގެފަހުގައި ލުއި އެއްޗެއް ކާން ތައްޔާރުކުރުމަށެވެ.

މައާލް ކޮޓަރިއަށް ގެންދިޔައީ އެމާއެވެ. އެމާގެ އެހީތެރިކަމާއެކު މައާލް ފެންވަަރާ ތާޒާވެލިިއެވެ.

"އަންނަނީ ކާން ރެޑީކޮށްފަ ބަލާ... އެހަށް ރެސްޓް ކޮށްލަނީ..." މާ ފަރިތަ ނޫނަސް އެމާއަށް ކޮންމެވެވެސް ވަރަކަށް ދިވެހި އެނގެއެވެ. މައާލް ބޯ ޖަހައިލަމުން އެނދުގައި އޮށޯވެލިއެވެ. އަރާމު ގޮދަޑިއެކެވެ. އެމާ ކޮޓަރީގެ އޭސީ މަޑުކޮށްލީ މައާލް ފިނިބޮޑުވެފައި ހުރީތީއެވެ. އެއަށްފަހު، ރަޖާ ގަނޑު އަޅައިލަދީފައި އޭނާ ނުކުމެލިއެވެ. މައާލްއަށް އެކަނިވެރިކަން އިޙްސާސްކުރެވެން ފެށީ ދެނެވެ. ދެލޮލަށް ކަރުނަތައް ޖަމާވިނަމަވެސް ހިތްވަރުކުރަން އޭނާ މަސައްކަތް ކުރިއެވެ.

*****

ރާދިން އޭނާގެ ކޮޓަރިއަށް ވަދެ ފެންވަރާލައިގެން ހަމައެކަނި ތުވާލި އޮޅާލައިގެން ނުކުތްއިރު އޭނާގެ މޫނާ އިސްތަށިގަނޑުގައި މުތީތަކެއްފަދައިން ފެންތިކިތައް ވިދަމުން ދިޔައެވެ. ބޯ ދެފަރާތަށް ހޫރައިލުމަށްފަހު، ފެންތައް ފޮޅައިލި ރާދިން އެ ހުރި ގޮތަށް ހުރެ ގޮސް ކޮޓަރި ތެރޭގައި ހުރި ސޯފާގައި އިށީނދެލިއެވެ. ކޮޓަރިއަކީ ތަނަވަސް ބޮޑު ކޮޓަރިއެކެވެ. އެތެރޭގައި ހުރި ހުރިހާ ފަރުނީޗަރެއް ހުރީ މަޑުމަޑު މުށިކުލައެއްގައެވެ. ކޮޓަރީގައި ލާފައިހުރި ހުދުކުލައިގެ ސަބަބުންނާ ތަރުތީބުކަމުން މުޅި ކޮޓަރިތެރެވެސް ފެންނަނީ ވަރަށް ސާފުކޮށެވެ. އެއްފަރާތުގައި ދަމާލާފައިވާ ދޮރުފޮތިތައްވެސް ހުރީ މަޑު މުށިކުލައިގައެވެ. ފޯނަށް ބަލަން އިނުމަށްފަހު، ރާދިން ފޯނުން ކޮންމެވެސް ނަންބަރަކަށް ޑައިލްކޮށްލި ނަމަވެސް، އެ ނަންބަރުން ފޯނެއް ނުނަގައެވެ.

ކޮމެންޓް 0