ރާދިން ފޯނު ނަގާ ކަންފަތުގައި ޖައްސައިލުމާއެކު، އޭނާއަށް އިވުނީ ސަޖާގެ ގިސްލުމުގެ އަޑެވެ.
އެ އަޑު އިވުމާއެކު ރާދިންއަށް އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ. ސަޖާ އެގޮތަށް ގިސްލާފައި ރޮމުން ދިޔަ އަޑު އަހާކަށް ރާދިންއަކަށް ކެތެއް ނުވިއެވެ. އޭނާ އަވަސް އަވަހަށް މާފަށް އެދުނެވެ.
"ސޮރީ ބޭބީ… އަހަންނަށް ފޯނު ސައިލެންޓަށް ލެވިފަ އޮތީ. އޭރުއްސުރެ ބައްޕައާ ދެމީހުން ވާހަކައިގަ ތިބީ…" ރާދިން އެހެން ބުނެލިނަމަވެސް، ސަޖާގެ ޝަކުވާތައް އަޑު އަހަން ޖެހޭނެކަން ރާދިންއަށް އެނގެއެވެ. އޭނާ އެކަމަށް ތައްޔާރުވެލިއެވެ.
"ދޮގު. ހުސް ދޮގު. ރާދިން ތިހުރީ މައާލްގެ ކައިރީގައި. އަހަންނަށް އެނގޭ… ރާދިންއަށް ނޭނގޭތަ އަހަންނަށް ވާނެ ގޮތެއް. އެންމެ ހިނދުކޮޅަކުވެސް ރާދިން އެ އަންހެން މީހާގެ ކައިރީގައި ހުންނާކަށް އަހަރެންގެ ހިތް ބޭނުމެއް ނުވޭ… އެހެން ހިތަށް އެރިޔަސް އަހަރެން ހީވަނީ މަރުވެދާނެހެން." ސަޖާ ރޮމުން ބުނަމުން ދިޔައެވެ.
"ނޫން ސަޖާ… އަހަރެން މިހުރީ މައާލް ކައިރިއަކު ނޫން. އެކަނި މިހުރީ… ކީއްވެ ތި ރޮނީ؟ ހުއްޓާލާފަ ބުނެބަލަ!" ރާދިން ބުނެލިއެވެ.
"އަހަންނަށް ކޮންމެ ކަމެއް ވިޔަސް ރާދިންއަށް ކީއްތަ؟" ސަޖާ ގަދަ ހަދާލިއެވެ.
"ޕްލީޒް ބޭބީ… އައި އޭމް ސޮރީ… ބުނެބަލަ! ކިހިނެއްވީތަ؟ ކަމެއްވީތަ؟" ރާދިން ސުވާލުކޮށްލިއެވެ.
"އަހަރެންގެ ފަޔަށް ތަދުވާވަރުން ނުވެސް ތެދުވެވޭ... ބޮލުގަވެސް އެވަރަށް އެބަ ރިއްސާ. ރާދު ނޫން ކާކަށް އަހަރެން ދެން ގުޅާނީ..." ސަޖާ ރޮމުން ބުނެލިއެވެ.
"ދެން ހުއްޓާލާ! އަހަރެން ހަމަ މިހާރު މިދަނީ. ޑޮކްޓަރަށް ދައްކަން ދާނީ ދޯ!..." ރާދިން އެހެން ބުނެލާފައި ފޯނު ބޭއްވިއެވެ. އެއަށްފަހު، އޭނާ ކޮޓަރިން ނުކުމެ ދޮރު ލައްޕާލާފައި ސަޖާގެ ކައިރިއަށް ދިޔުމަށް އަވަސްވެގަތެވެ.
*****
ރާދިން ފޯނު ބޭއްވުމާއެކު، އެނދުމަތީގައި ދެފައި ވަށްކޮށްލައިގެން އިން ސަޖާ އޭނާގެ ލޮލުން އައި ކަރުނަތައް ފުހެލިއެވެ. އެއަށްފަހު، އޭނާ ފަޔަށް ނަޒަރު ހުއްޓައިލިއެވެ. އޭނާގެ މަޤްސަދު ހާސިލްވުމުން އެހިތަށް ބުނެދޭން ނޭނގޭ ހަމަޖެހުމެއް ލިބިފައިވެއެވެ. މައާލް ހީކުރަނީ ކީކޭކަމަށްހެއްޔެވެ؟ މައާލްއާ ކައިވެނިކޮށްގެން ރާދިން މައާލްގެ ޚިދުމަތުގައި ހުންނާނެ ކަމަށްހެއްޔެވެ؟ ނޫނެެކެވެ. އޭނާ އެ ފުރުސަތު ރާދިންއަކަށް ނުދޭނެއެވެ. ސަޖާ ތުންފަތަށް ވިހަ ހިނިތުންވުމެއް ވެރިކޮށްލިއެވެ. ރާދިން އޭނާގެ މުށުތެރޭގައި ހައްޔަރުކޮށްގެން ގެންގުޅެން ކޮންމެ ފަދަ ކަމެއްވެސް އޭނާ ކޮށްފާނެއެވެ. ރާދިންގެ އެ މުއްސަނދިކަމާއި، މައާލް މިހާރު އެ އުޅޭ އަރާމު ދިރިއުޅުން އެއީ އޭނާގެ ހައްޤެކެވެ. އެ އަރާމު ދިރިއުޅުމާއި، ދުނިޔޭގައި ލިބެން އޮތިއްޔާ އޮތް އުފަލަކުން އޭނާ މައާލް މަޙުރޫމްކޮށްލާނެއެވެ.
ނަފްރަތާއި ބަދަލު ހިފުމުގެ ރޫހުގައި ސަޖާގެ ހިތް ކިލަނބުވަމުން ދިޔައީ މީގެ ކުރިން ދުވަހަކުވެސް ނުވާ ވަރަށެވެ.
ސަޖާ އެވަރަށް ރޯތީ ރާދިން ހުރީ ކަންބޮޑުވެފައެވެ. އަވަސް އަވަހަށް ނުކުމެ ސައިކަލަށް އަރާ، ރާދިން ދުއްވައިލިއިރު އޭނާއަށް އަމިއްލަ ނަފްސު ކުށްވެރިކުރެވެން ވެށިއެވެ. މައާލްގެ ޚިޔާލުތަކުގައި ޖެހި ސަޖާއާ މެދު ފަރުވާކުޑަކުރުމަކީ އޭނާގެ ކުށެއްކަމުގައި ރާދިން އޭނާގެ ޒަމީރަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ. ހައިރާންވަނީ އޭނާ ވިސްނައިދޭ ގޮތާ ހިތާ ބައެއްފަހަރު ދެބަސްވާތީއެވެ. މައާލްއަކީ އޭނާގެ އަންހެނުންކަމާއި، ހަޤީގަތުގައި ސަޖާއަކީ އޭނާއަށް ހިލޭ މީހެއްކަމުގައިވާއިރު، މައާލްގެ ހައްޤުތަކަށް ރައްކާތެރިވާން ޖެހޭނެކަމަށް ހިތުން އޭނާއަށް ސިގްނަލް ދޭތީއެވެ.
ސައިކަލުގެ ދުވެލި ފުދޭވަރަކަށް ބާރުމިނުގައި ބަހައްޓައިގެން ރާދިން ދުއްވަމުން ދިޔައީ ވީހާވެސް އަވަހަކަށް ސަޖާ ކައިރިއަށް ދިޔުމަށެވެ. އެގެއާ ހިސާބަށް އާދެވުމުން ސައިކަލު ޕާކުކޮށްފައި ސަޖާ އުޅޭ އެޕާރޓްމެންޓަށް އަރާ ބެލް އަޅައިލިއެވެ.
ރާދިންގެ އިންތިޒާރުގައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުރި ސަޖާގެ ތުންފަތް މައްޗަށް ކާމިޔާބުގެ ހިނިތުންވުމެއް ވެރިވިއެވެ. ބެލް ޖަހައިލުމާއެކު، އޭނާ ގޮސް ދޮރުހުޅުވައިލާ ރޮމުންރޮމުން ރާދިންގެ މޭގައި ލައްވެލާ ރާދިންގެ ގައިގައި ބައްދައިލިއެވެ. ސަޖާގެ ކަރުނަތަކުގެ ސަބަބުން ރާދިންގެ މޭމަތި ކޮންމެވެސް ވަރަކަށް ތެމެމުން ދިޔައެވެ.
"ސަޖޫ… މިހާރު އަހަރެން މިހުރީ އައިހެއްނު. ދެން ހުއްޓާލާ!" ރާދިން ސަޖާ މަސަލަސްކުރަން މަސައްކަތްކުރިއެވެ.
"ނޫން. ކުޑަ އިރުކޮޅަކު އަހަރެންގެ ކައިރީގައި މަޑުކޮށްލާފަ އަނެއްކާވެސް ރާދު ދާނީ އެ މައާލް ކައިރިއަށް. ލޯބިވާ މީހަކު އެންމެ ހިނދުކޮޅަކުވެސް އެހެން އަންހެނެއްގެ ކައިރީގައި ހުންނަން ރުހޭނީ ކިހިނެއްތަ؟" ސަޖާ ޝަކުވާގެ ރާގެއްގައި ބުނެލިއެވެ. ސަޖާގެ މަޤްސަދަކީ ރާދިންގެ ސިކުނޑިއާ ކުޅެލުންކަމުގައި ވީނަމަވެސް އެކަމެއް ރާދިންއަކަށް ނުވިސްނުނެވެ. ރާދިން ހީކުރީ، އެއީ ސަޖާ އޭނާގެ ދެކެ އިންތިހާ ލޯބި ވާތީ ދައްކާ ވާހަކަތަކެއް ކަމުގައެވެ. ސަޖާގެ އެ ބަސްތަކުން ރާދިންގެ ހިތަށް ހަމަޖެހުން ލިބުނެވެ. ސަޖާ ފަދައިން އޭނާ ދެކެ ލޯބިވާނޭ އިތުރު މީހަކު ނުހުންނާނެކަމުގައި ރާދިންއަށް ޤަބޫލުކުރެވެން ފެށިއެވެ. ރާދިންއަށް ނޭނގުނީ ސަޖާގެ އެ ރުއިމާ ކަރުގައިގެ ފަހަތުގައި ފޮރުވިފައިވާ ދެއްކުންތެރިކަމާއި، ނުބައި ރޭވުމެވެ. ސަޖާގެ އެ ދެއްކުންތެރިކަމުގެ ފަހަތުގައި ފޮރުވިފައިވަނީ އޭނާގެ އަމިއްލަ އެދުމާއި ބޮޑާކަންކަމެވެ. ކޮންމެ ގޮތަކުންވެސް ސަޖާ ބޭނުންވަނީ، ރާދިން އޭނާގެ މުށުތެރޭގައި ހައްޔަރުކޮށްފައި ބަހައްޓަން ކަމެވެ.
"އަހަންނާ މައާލްއާ ދެމެދު ސަޖާ ތި ހީކުރާކަހަލަ އެއްވެސް ގުޅުމެއް ނުހިނގާ. ކުޑަ މިނުން އަހަރެމެން ދެމީހުން އެއް އެނދެއްވެސް ހިއްސާނުކުރަން. އަހަންނަށް ވެގެންވާނަމަ އޭނާއާ އެއް ކޮޓަރިއެއްގައި ވެސް ނޫޅޭނަން. އެފަދަ ގުޅުމެއް އަހަރެން ބޭއްވި ހަމައެކަނި އަންހެން ކުއްޖަކީ ތީ… ވީރު އަހަރެން ކިހިނެއް ސަޖާ ދޫކޮށްލާނީ… އައި ލަވްޔޫ އޭ…" ރާދިން ބުނެލިއެވެ. އޭނާ ސަޖާގެ މޫނުގައި ދެ އަތުން ހިފައްޓާލުމާއެކު، އެނިތަށް ބޮސްދީ ސަޖާގެ ކަރުނަތައް ފުހެދިނެވެ.
ރާދިންގެ ވާހަކަތަކުން ސަޖާގެ ހިތަށް ހަަމަޖެހުން ލިބިގެން ދިޔަ ނަމަވެސް، އޭނާ ޔަޤީންކުރަން ބޭނުންވިއެވެ. އެެހެންކަމުން މޫނަށް ވައްތަރެއް ޖައްސާލާފައި، ޝަކުވާގެ ރާގެއްގައި އަނެއްކާވެސް ސަޖާ ވާހަކަ ދެއްކިއެވެ.
"ދެން ތިބުނަނީ އެއްކޮޓަރިއެއްގައި އުޅޭއިރު ވެސް ތި ދެ މީހުން ތިއުޅެނީ ދެ ބީރައްޓެހިން ހެންނޭތަ؟ އަހަރެންމީ ގަމާރެއް ނޫނޭ ތި ވާހަކަ ގަބޫލުކުރާކަށް. އަދި އަމްދުން އޭނަ ލޯ އަނދިރިއިރު ރާދިން އޭނާއަށް އެހީތެރިވާނެ." ރާދިންއާ ދުރަށް ޖެހިލަމުން ސަޖާ ހަށަމަށް އަތް އަރުވައިލިއެވެ. ކަރުނަވީ ދެލޮލުން އޭނާ ރާދިންއަށް ބަލައިލީ ރުޅިވެރިކަމާ އެކުގައެވެ.
"ޓްރަސްޓް މީ…. އެކުގައި އުޅެވޭނީ ސަޖޫވެސް އަހަންނަށް ކޮންމެވެސް ވަރަކަށް އިތުބާރު ކޮށްގެންނެއްނޫންތަ؟ ކީއްވެތަ ސަޖޫއަށް އަހަންނަށް އިތުބާރު ނުކުރެވިގެން ތިއުލެނީ؟ ކީއްވެތަ ތިގޮތަށް ޝަކުވާކުރަނީ؟" ރާދިންއަށް ނިތުގައި އަތް ހިންގާލެވުނެވެ.
"ރާދިންއަށް ހީވަނީތަ ޝަކުވާ މިކުރަނީ އަހަރެން ބޭނުންވެގެންނޭ… ނޫން. ހިތަށް ކެތްނުވާތީ ޝަކުވާކުރެވެނީ… އަހަރެން ރާދިން ދެކެ ލޯބިވާތީ…" ސަޖާ ބުނެލިއެވެ. ރާދިން މަޑުމަޑުން ސަޖާ އާ ގާތްވެލާފައި ސަޖާ ގެނެސް އެމޭގައި ޖައްސާލިއެވެ. އެހެން އިރުކޮޅަކު ހުރުމަށްފަހު، އޭނާ ސަޖާ ދުރުކޮށްލަމުން ވާހަކަ ދެއްކިއެވެ.
"ފައި ކިހިނެއް؟" ރާދިން ސުވާލުކޮށްލުމާއެކު، ސަޖާ އޭނާގެ ފަޔަށް ބަލައިލިއެވެ.
"ފައިގަ ވަރަށް ރިއްސާ އެބަ. އެކަނި އުޅޭއިރު އަހަރެންވެސް މީހެއްގެ އެހީތެރިކަން ބޭނުންވާނެ. އެހެންވެގެން ރާދިންއަށް ގުޅީ. ރާދިން ނޫނީ އިތުރު މީހަކު އަހަރެންގެ އެބަ ހުރިތަ؟ ނެތެއްނު. އެހެންވީމަ ކިތަންމެ ކުޑަކަމެއް ޖެހުނަސް ކިތަންމެ ބޮޑުކަމެއް ޖެހުނަސް އަހަރެން ގުޅަންހުރި މީހަކީ ތީ." ސަޖާ ރާދިންއާ ކައިރިވެލިއެވެ. ރާދިން ސަޖާގެ ކަރުނަތައް އޭނާގެ އަތުން ފުހެލަދިނެވެ. ސަޖާގެ ދެލޮލާ ނަޒަރު ސީދާކޮށްލަމުން އެގޮތުގައި ރާދިން އިރުކޮޅަކު ހުއްޓެވެ. އޭނާ ހޯދަމުން ދިޔައީ މައާލްގެ ދެލޮލުން ފެންނަ ފަދަ ތޫނުކަމެއް ސަޖާގެ ދެލޮލުން ފެނޭތޯއެވެ. އެ މައުސޫމް މޫނުމަތިން ފެންނަ އަސަރުތަކާ، އެ ފުންކަނޑެއްފަދަ ދެލޮލުން ފެންނަ ފަދަ ޖަޒުބާތީ އަސަރުތަކެއް ސަޖާގެ ދެލޮލުން ފެނޭތޯއެވެ. އެ ދެލޮލުގައި އެ ހުންނަ މަހިނޫރު ސަޖާގެ ދެލޮލުން ފެނޭތޯއެވެ. އެހެންނަމަވެސް އެ ދެލޮލުން އޭނާއަށް އެފަދަ އަސަރުތަކެއް ނުފެނުނެވެ. ބޭއިޚްތިޔާރުގައި މައާލްގެ އެ ކަނޑެއްފަދަ ފުން ދެލޮލާ ސަޖާގެ ގަދަ ކަޅު ކުލައިގެ ދެލޯ ރާދިންއަށް އަޅާ ކިޔެން ފެށުނެވެ.
އެފަދަ ވިސްނުންތަކެއްގައި ހުރި ރާދިން ސިހުނީ، އޭނާގެ ގިރުވާނުވައި ހިފާލަމުން ސަޖާ ކޮއްލި ކަމަކުންނެވެ. ކުޑަކޮށް ސިހުނު ނަމަވެސް، ރާދިން ވެސް އެ ދައުވަތު ގަބޫލުކޮށް ސަޖާގެ އުނަގަނޑުގައި އަތް އަޅުވާލަމުން އޭނާއާ ކައިރިއަށް ދަމައިލިއެވެ. ސިކުނޑީގައިވި ވާންކަމަށް ލުޔެއް ދޭން ރާދިން ހުރީ ބޭނުންވެފައެވެ.
*****
ނިދިފައި އޮތް މައާލްއަށް ސިހިފައި ހޭލެވުނީ ފެނުނު ހުވަފެނެއްގެ ސަބަބުންނެވެ. އޭރު އޭނާއަށް ގިސްލެވެމުން ދިޔައެވެ. ހުވަފެނުގައި އޭނާއަށް ފެނުނީ ޝާކިރާއި ފަހުމާ އަދި އޭނާގެ އަމިއްލަ ނަފްސެވެ. ތިން މީހުން ތިބީ ހިމަހިމަ ދިގު މަގެއްގައެވެ. ދެފަރާތުގައިވަނީ ގަސް ބޯޖަންގައްޔެކެވެ.
މައާލްއަކީ އަބަދުވެސް އެ ދެމީހުންގެ ދެލޮލުގެ ނޫރުކަމުގައި ބުނުމަށްފަހު، ދެމީހުން މައާލްގެ ގައިގައި ބައްދާލިއެވެ. އެއަށްފަހު އެމީހުން ނެތް ދުނިޔެއެއްގައިވެސް ހިތްވަރުގަދަ ކުއްޖެއްގެ ގޮތުގައި އުޅެން ބުނެފައި މައާލްއާ ވަދާޢީ ސަލާމްކޮށްލުމަށްފަހު، އެދެމީހުން މައާލް އެކަނި ބަހައްޓާފައި މައާލްއާ ދުރަށް ހިނގައިގަތް ގޮތަށް އެއިން އެކަކުވެސް ފަސް އެނބުރި ބަލައެއް ނުލައެވެ. ދުއްވައިގަންނަން ބޭނުންވިނަމަވެސް، މައާލްގެ ދެފައި ހީވަނީ ހިލިހިލާ ގަނޑަކުން ބަދެލާފައި ވާހެންނެވެ. އޭނާއަށް އެ ހުރި ހިސާބުން ގުޑައެއް ނުލެވުނެވެ. މައާލް ރޯން ފެށިއެވެ. ދެން ފެނުނީ ކުރިމަތިން އައި ކާރެއް އެ އައި ގޮތަށް އައިސް އެ ދެމީހުންގެ ގައިގައި ޖެހުނު ތަނެވެ. މައާލްއަށް ހޭލެވުނީ އެ ހިސާބުންނެވެ.
"މަންމާ… ބައްޕާ…. މަންމާ… ބައްޕާ…" މާނޭވާ ލެވެމުން ދިޔަ މައާލްއަށް ކިޔެމުން ދިޔައެވެ. އޭނާ ރާދިންއަށް ވެސް ދެފަހަރަކު ގޮވައިލިއެވެ. ރާދިން ނިދާފައިހެއްޔެވެ؟ މައާލް ކަރުނަތައް ފުހެމުން އެއީ ފެނުނު ބިރުވެރި ހުވަފެނެއްކަން އެ ހިތަށް ވިސްނައިދޭން މަސައްކަތްކުރިއެވެ. މީހާ ހަމައަކަށް އެޅުނީ އެތައް އިރެއް ފަހުންނެވެ. ގައިގައި އޮތް ބްލޭންކެޓުގައި އަތް ޖައްސާލުމާއެކު، އެއީ ރާދިންގެ ކަމެއްކަން މައާލްއަށް އެނގުނެވެ. ހަމަޖެހިލަމުން މައާލް ނިދަން މަސައްކަތް ކުރިއެވެ.
*****
ރާދިން ގެއަށް އައިސް ވަނީ ފަތިސް ވީފަހުންނެވެ. އޭނާ ކޮޓަރިއަށް ވަތް އަޑަށް ސޯފާ ކައިރީގައި ހުރި މައާލްއަށް ކުޑަ ސިހުމެއް ލިބުނެވެ.
"ކާކު؟" މައާލް ސުވާލުކޮށްލިއެވެ.
"އަހަރެން…" ރާދިން ކުރު ޖަވާބެއް ދިނެވެ.
"އަހަރެން ހީކުރީ ނިދާފައިކަމަށް…" މައާލް ބުނެލިއެވެ.
"ނިދި ނައިމަ ޓެރެސްއަށް އަރާލީ…"
"ހާދަ އިރެއް… މި ހުރިހާއިރު ޓެރެސްގައިތަ؟" މައާލްއަށް ހައިރާންކަން ލިބުނެވެ.
"މައާލް ކައިރީގައި އަހަރެން ހުރިހާ ވާހަކައެއް ބުނަން ޖެހޭތަ؟" ރާދިން ފުރަތަމަ ރުންކުރުވިއެވެ. އެ ވާހަކައާއެކު، މައާލްގެ މޫނުމައްޗަށް ވެރިވި އަސަރުތަކާއެކު، ރާދިން އަނެއްކާވެސް ވާހަކަ ދެއްކިއެވެ. އެކަމަކު މިފަހަރު ތަންކޮޅެއް މަޑުމައިތިރިކޮށެވެ.
"ގޮނޑީގައި އިންދާ ނިދުނީ… މައާލް ކީކުރަންތަ ތިއުޅެނީ؟" ރާދިން ސުވާލުކޮށްލިއެވެ.
"ނަމާދަށް އަރަންވެގެން ވުޟޫކޮށްލަން ދާންވެގެން…" އެހެން ބުނެލާފައި މައާލް އަތް ކުޑަކޮށް ހޫރައިލަމުން ހިނގައިގަތެވެ. އެ މަންޒަރު ބަލަން ހުރެފައި ރާދިން އައިސް މައާލްގެ އަތުގައި ހިފެއްޓިއެވެ. މައާލްއަށް ހައިރާންކަން ލިބުނެވެ.
"ވުޝޫކޮށްލައިގެން މައާލް ނުކުތުމުން ރާދިން މައާލް އަތަށް އަލަމާރިން ނެގި ނަމާދުކުރާ އެއްޗެހި ދިނެވެ. ގިބްލައާ ދިމާލަށް މައާލް ކުރިމަތިކުރުވާފައި ރާދިން ދުރަށް ޖެހިލިއެވެ. މައާލް އޭނާގެ އަތުގައި އޮތް މުސައްލަ ފަތުރާލާފައި ފަޔާ ހިސާބަށް އަންނަ ދޮޅި އަޅައިލިއެވެ. މުސައްލަ އޮތީ ނުބައި ފުށުންކަމުން ރާދިން އައިސް އެ ވާހަކަ ބުނެލާފައި ރަނގަޅުކޮށްލަދިނެވެ.
މައާލް ނަމާދުކުރަން ފެށިއެވެ. ރާދިން ސޯފާގައި އެ މަންޒަރަށް ބަލަހައްޓައިގެން އިނެވެ. އެހެން އިންއިރު، އޭނާއަށް މައާލް އާމެދު ވިސްނެމުން ދިޔައެވެ. މައާލްގެ ފަރާތުން އޭނާއަށް ކަމުނުދާ، ނުރަނގަޅު ސިފައެއް ނުފެނެއެވެ. ބަރާބަރަށް ނަމާދުކުރެއެވެ. ޤުރުއާން އަޑު އަހާ، ކިޔަވައެވެ. އެ ދެލޮލުން އަބަދުވެސް އޭނާއަށް އުންމީދުގެ ކަންޏެއް ފެނެއެވެ. ކޮންފަދަ ކެތްތެރި މަޑުމައިތިރި އަންހެން ކުއްޖެއް ހެއްޔެވެ؟ މައާލް ނަމާދުކޮށް ނިމެންދެން ރާދިން އެ އިން ގޮތަށް މައާލްގެ ހަރަކާތްތަކަށް ބަލަހައްޓައިގެން އިނެވެ. ނަމާދުކޮށް ނިމިިގެން ދެ އަތް އުފުލާ ދުޢާ ކުރަން ފެށުމާއެކު، މައާލްގެ ދެލޮލުގެ ތެރެއިން ކަރުނަތައް އޮހިގެން ތިރިއަށް ދާން ފެށިއެވެ. އެ ކަރުނަތައް ފުހެލުމުގެ ބަދަލުގައި މައާލް ހެއްދެވި ފަރާތަށް ދުޢާ ކުރަމުން ދިޔައެވެ. އެހިތުގެ ޙާލު އޭނާ ބަންޑުން ކުރަމުން ދިޔައީ ﷲ ގެ ހަޟްރަތުގައެވެ. މަދަދަށް އެދެމުން ދިޔައީ އެކަލާނގެ ހަޟްރަތުންނެވެ. ދުނިޔޭގައި އެކަކު އޭނާއާ އެކު ނުވި ނަމަވެސް، އެކަލާނެ ރަޙްމަތުން އުންމީދު ކަނޑާލަން މައާލް ބޭނުމެއް ނުވެއެވެ. މުއުމިނުންގެ އަތުގައި ވާ އެންމެ މަތިވެރި ހަތިޔާރަކީ ދުޢާ ކަން މައާލްއަށް އެނގެއެވެ. މައާލް ރުއީ ގަސްތަކު ނޫނެވެ. ރޮވެން ފެށުމުން އެ ކަރުނަތައް ހިންދައިލަން ފުރަތަމަ އޭނާ މަސައްކަތް ކުރި ނަމަވެސް، އެކަން ކުރަން އޭނާ ނުކުޅެދުމާއެކު، ކަރުނަތައް ފައިބަން ދޫކޮށްލީ އެވެ.
މައާލްގެ ކަރުނަތައް ފެނުމާއެކު ރާދިންގެ މެއަށް ފިނިވެލިއެވެ. ކީއްވެކަމެއް ނޭނގެއެވެ. މައާލް އެގޮތަށް މުސައްލަ މަތީގައި އިނދެ ރޯތަން ފެނުމުން އޭނާއަށް ކުރުވީ ބުނެދޭން ނޭނގޭ އިޙްސާސްތަކެކެވެ. އެންމެ ފަހުން ރާދިން އެތަނުން ނުކުމެލިއެވެ. އިތުރަށް އެތަނުގައިި އިންނަން ރާދިން ބޭނުންނުވީ ކީއްވެކަމެއް ނޭނގެއެވެ. މައާލްގެ ކަރުނަތައް ބަލަން ބޭނުންނުވީ ކަމެއް ނޫނީ އެ ކަރުނަތައް ބެލުމަށް ކުޅަދާނަނުވުމުން ކަމެއް އޭނާއަކަށް ނޭނގުނެވެ. އެނގޭ ހާ ވެސް އެއްޗަކީ އޭނާގެ ހިތަށް ގޮތެއް ވެގެން ދިޔަ ކަމެވެ. މައާލްއާ މެދު ވިސްނައިލަން އެ ހިތަށް މަޖުބޫރުކުރުވިކަމެވެ.
*****
ޖެހިގެން އައި ދުވަހު ހެނދުނުގެ ނާސްތާއަަށްފަހު، ރާދިން މައްޗަށް އެރީ ނިދާލުމުގެ ބޭނުމުގައެވެ. މައާލް ބޭނުންވީ ތިރީގައި މަޑުކޮށްލާށެވެ. ނިދިގޮތަށް ރާދިން ހޭލީ އަސުރަށް ގޮވަން ކައިރިވެފަ ހުއްޓައެވެ. މުނީރު ވެސް އޮފީހަށް ދިޔަގޮތަކަށް ނާދެއެވެ. ހޭލައިގެން ރާދިން އަނެއްކާވެސް ދިޔައީ ބޭރަށެވެ. އޭނާ ބޭރަށް ދަމުން ބޭރުގައި މާގަސްތަކު، ކައިރީގައި އިން މައާލްއަށް ބަލައިލާފައި ބައްޕަ އައުމުން އޭނާ އެކުވެރިޔާ ކައިރިއަށް ހޮސްޕިޓަލަށް ދިޔަކަމަށް ބުނުމަށް އެދުނެވެ. މައާލް ބޯ ޖަހައިލީއެވެ. ރާދިން ސައިކަލަށް އަރާ ދުއްވައިލުމާއެކު، މައާލް ފުން ނޭވާއެއް ދޫކޮށްލިއެވެ. ޖެހެމުން ދިޔަ ވައިރޯޅިތަކުގެ އިޙްސާސް އޭނާއަށް ކުރުވަމުން ދިޔައެވެ.
"މައާލް"
އިވުނީ ސާދާގެ އަޑުކަން އޭނާއަށް ޔަޤީންވިއެވެ.
"ސާދާ…" މައާލް ޔަޤީންކޮށްކުމުގެ ގޮތުން ސުވާލުކޮށްލިއެވެ.
"އާނ…. މައާލް ކިހިނެއްތަ؟ މިހެން ދަމުން ހިތަށް އެރީ މައާލްގެ ޚަބަރެއް ބަލާލާފައޭ ދާނީ…" ސާދާ ބުނެލިއެވެ.
"ރަނގަޅު! ސާދާ ކިހިނެއްތަ؟" މައާލް ސުވާލުކޮށްލިއެވެ.
"ރާދިން ދިޔައިމަ އެކަނިވެފަ އިން ވަގުތަކު ދޯ މިއާދެވުނީ…" ސާދާ ބުނެލިއެވެ. މައާލް ބޯ ޖަހައިލުން ދިޔަވާ އިތުރު އެއްޗެއް ނުބުނެއެވެ. ރާދިން ހުރެމެ އޭނާ އެކަނިވެރިވެފައިވާ މިންވަރު ސާދާއަށް އަންދާޒާ ކޮށްލެވޭނެ ނަމައެވެ. ހުރިހާ ހިތާމައެއް މައާލް ވަންހަނާކޮށްލީ ތުންފަތަށް ވެރިކޮށްލި ހިނިތުންވުމުގެ ފަހަތުގައެވެ.
ދެމީހުން އެތަނުގައި ތިއްބާ މުނީރު ކާރުގައި އައިސް ވަނެވެ. ޑްރައިވަރު ދޮރު ހުޅުވާލުމާއެކު، އޭނާ ފޭބިއެވެ.
"އަނހާ ސާދާ… ކޮންއިރަކު އައީ؟" މުނީރު ސުވާލުކޮށްލިއެވެ.
"ހަމަ ދެންމެ…" ސާދާ ބުނެލިއެވެ.
"ވަރަށް އުފާވެއްޖެ އައިމަ. ކޮންމެވެސް އެއްޗެއް ކާލަން ވާނެއެއްނު." އެހެން ބުނެލާފައި މުނިރު ރޯޒްއަށް ގޮވާލާފައި ސައި ހަދައިގެން ބޭރަށް ނެރެން ބުނެލިއެވެ. އެއްޗެހި ގެނައުމުން މައާލްއާއެކު ސައި ބޮއިގެން ވާހަކަ ދައްކާލަން އިނދެލާފައި ސާދާ ދިޔައެވެ. މުނީރު ގާތު ރާދިން ބުނި ވާހަކަ ބުނެލާފައި މައާލްވެސް ވަނީ އެތެރެއަށެވެ. މަޣްރިބަށް ގޮވަން ކައިރިވެފައި ހުރީތީއާވެސް އެކުގައެވެ. އޭނާ އެމާގެ އެހީތެރިކަމާއެކު، އަނެއްކާވެސް ބޭރަށް ނުކުމެލީ އިޝާ ކޮށްލައިގެންނެވެ.
ކުރިން ވެސް އިންތަނުގައި ޖައްސާލައިގެން އިންނަތާ އިރުކޮޅެއްފަހުން، މިސްކިތުން އައި މުނީރަށް މައާލް ފެނި ގޮވައިލިއެވެ.
"ލައްބަ!" މައާލް ޖަވާބު ދިނެވެ. މުނީރު ގޮނޑީގައި އިށީނދެލިއެވެ. އެއާއެކު މައާލް ވިސްނަން ފެށިއެވެ. ރާދިން ބުނި ވާހަކަ މުނީރުއާ ދައްކާނީ ކިހިނެއްބާއޭ އޭނާގެ ހިތަށް އެރިއެވެ.
"ބައްޕާ!" މައާލް ގޮވައިލުމުން މުނީރު އޭނާގެ ސަމާލުކަން މައާލްއަށް ހުއްޓައިލަމުން ވީ ގޮތާ ބެހޭ ގޮތުން ސުވާލު ކުރިއެވެ. ބުނާނެ އެއްޗެއް ނޭނގި މައާލް ދެފަރާތަށް ބޯ ހޫރާލިއެވެ. ރިއުކޮޅެއްފަހުން ހަމަ އެ ރާގުގައި އަނެއްކާވެސް މައާލްއަށް މުނީރަށް ގޮވައިލެވުނެވެ.
"ކިހިނެއްވީ މައާލް! ތި ބުނަން އުޅޭ އެއްޗެއް ބައްޕަ ކައިރީގައި ބުނެބަލަ! ކީއްވެ ޖެހިލުންވަނީ؟ ރާދިން ކަމެއްކުރީތަ؟ ވެގެން އުޅޭގޮތެއް ރާދިންއަށް އެނގޭނެތަ؟" މުނީރުގެ އަޑުން ސީރިއަސްކަން މައާލްއަށް ފާހަގަވިއެވެ.
"ބައްޕަ ރާދިންއަށް ގުޅަންވީތަ؟" މުނީރު ބުނެލިއެވެ.
"ނޫން! އަވަސް އަވަހަށް މައާލްއަށް ބުނެވުނެވެ.
"އެހެންވިއްޔާ ބުނޭ…" މުނީރު ބުނެލިއެވެ.
"އަޅުގަނޑު ބައްޕަގެ ގެއަށް ބަދަލުވާން ބޭނުން…"