"ޝީޒް މޯލްޑިވިއަން. އެވަރު މަށަށް ވެސް އެނގެނީ. އިތުރު އެއްޗެއް ނޭނގެ." އަނޫފް ބުނެލިއެވެ. އެ އެންމެންގެ ވާހަކަތައް އަޑު އަހަން އިން ސަޖާގެ ރުޅިގަނޑު ހިލެމުން ދިޔައެވެ.

ރާދިންގެ މަޤްސަދަކީ ކޮބައިހެއްޔެވެ؟ އެންމެން ގެނެސްގެން މައާލްގެ ރީތިކަމަށް ތައުރީފްކުރުވަން ހެއްޔެވެ؟ އޭނާ ބޭޒާރުކޮށްލުން ހެއްޔެވެ؟ ރާދިންގެ ހީކުރަނީ ހެދިހާ ގޮތެއް ވަރިހަމަވެގެން އޭނާ ހުންނާނެކަމަށް ހެއްޔެވެ؟ ނޫނެކެވެ. މިކަމުގެ ބަދަލު އޭނާ ރާދިންގެ ކިބައިން ހިފާނެއެވެ. ފުންނޭވާއެއް ދޫކޮށްލަމުން ސަޖާ ހަމަޖެހެން މަސައްކަތްކުރިއެވެ. ރުޅިއައިސްގެން ރާދިންގެ ކިބައިން އޭނާ ބޭނުންވާ ކަންތައް ހާސިލް ނުކުރެވޭނެކަން ސަޖާއަށް އެނގެއެވެ. މިވަގުތު މުހިންމީ ވިސްނުންތެރިކަމާއެކު ކަންތައް ކުރުމެވެ.

"އަނެއްކާ ރާދިންވެސް އޭނަގެ ރީތިކަމުގެ އަވައިގައި ޖެހިގެން އިނީތަ؟" ނަސީފް ބުނެލުމާއެކު، ސަޖާއަށް އެ ދިމާލަށް ބަލައިލެވުނެވެ.

"އެހެން ކިހިނެއްވާނީ؟ ރީތިވިމަ ނިމުނީތަ؟ ރާދިން ބޭނުންވާނެތަ އުމުރު ދުވަހު ނުކުޅެދުންތެރިއަކަށް ޚިދުމަތްކުރަން.؟ އޭނަ ބައްޕަ މަޖުބޫރު ކުރީމަ ކުރި ކައިވެންޏެއް މީ. އެހެންނޫނީ އޭނަ މިހާރު ހުންނާނީ ސަޖާއާ އިނދެގެން. އެ އަންހެން ކުއްޖާ ދެކެ ލޯބިވަންޏާ އޭނަ ކީކުރަން ސަޖާއާ އެކު އުޅެންވީ…" ނަސީފްގެ ވާހަކައިން ސަޖާގެ މޫނުމައްޗަށް އަރާ ފޭބިކުލަވަރުތައް ދިރާސާކުރަން އިނުމަށްފަހު، ސުމާ ވާހަކަ ދެއްކިއެވެ. ސަޖާ ރުޅިއައިސްފައި އިންވަރު ސުމާއަށް އިޙްސާސްކުރެވުނީއެވެ.

"އެހެންވިޔަސް އޭނަ ރީތި ނޫންކަމަކަށް ނުވާނެއެއްނު."ވިޝާމްއަށް ބުނެވުނެވެ.

"އެހެންވިޔަސް، ކައިވެނިކުރީ ބޭނުންވެގެންކަމަކަށް ވެސް ނުވާނެ." ޒިޔާދުވެސް ބުނެލިއެވެ.

***

މައާލްގެ އަތުގައި ހިފައިގެން ގޮސް ރާދިންގެ ކޮޓަރިއަށް ވަދެ ދޮރު ޖެހީވެސް ބާރަށެވެ.

"ރާދިން!.... ކިހިނެއްވީ؟" ރާދިން ހުރީ ހިތްހަމަ ނުޖެހިފައިހެން ހީވި މައާލްއަށް ސުވާލުކޮށްލެވުނީ ވެސް ހާސްކަމާއެކުގައެވެ. އޭނާއަށް ކުރެވުނީ ކީއްކަމެއް މައާލްއަކަށް ނޭނގުނެވެ. ކަންބޮޑުވީ އެހެންވެގެންނެވެ.

"ރާދިން! ކިހިނެއްވީތަ؟ ކޮންބައެއްތަ ގޭގަ އުޅެނީ؟" މައާލްއަށް އަނެއްކާވެސް ސުވާލުކޮށްލެވުނެވެ.

"މައާލް ކީއްވެގެންތަ ނުކުތީ؟" މައާލްގެ ސުވާލަށް ޖަވާބު ދިނުން އެއީ މުހިންމުކަމެއްކަމުގައި ރާދިން ނުދެކުނެވެ. އޭނާއަށް ރުންކުރުގޮތަކަށް ވާހަކަ ދެކެވުނެވެ.

"އެންމެ ރަނގަޅޭ! އައި އެމް ސޮރީ. އެކަމަކު އަހަރެން ކައިރީގައި ބުނެފަ އޮތް ނަމައެއްނު ނުނިކުންނާނީ ވެސް." ވާނުވާ ނޭނގި ހުރި މައާލް ވާހަކަ ދެއްކިއެވެ. ގޭގައި އުޅެނީ ކޮން ބައެއްކަން އެނގެން އޭނާ ބޭނުންވި ނަމަވެސް، އެ ސުވާލު ރާދިންއާ ކުރުމުގެ ޚިޔާލު ދޫކޮށްލީ ރާދިން ހިތްހަމަ ނުޖެހިފައި ހުރީތީއެވެ. މަސްލަހަތަށް ވިސްނާލުމަށްފަހު، މައާލް ނިންމީ އެ ވާހަކަ ރާދިންއާ ފަހުން ދެއްކުމަށެވެ. ރާދިން ހަމަޖެހިލުމުން އޭނާ ކުރާ ސުވާލު ތަކަށް ޖަވާބު ދޭނެކަން މައާލްއަށް އެނގެއެވެ.

"ކީއްވެ އެއްޗެއް ނުބުނީ؟ އަދިވެސް ރުޅިއައިސްތަ؟ އަހަރެން ބޮލުގަ ރިއްސާތީ ބޭސް ގުޅައެއް ދޭށޭ ބުނަންވެގެން ނިކުތީ…" މައާލް ބުނެލިއެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު، ރާދިން ވާހަކަ ދެއްކިއެވެ.

"މީގެ ފަހުން އަހަރެން އެކުވެރިން ގެނެސްގެން އުޅޭ ވަގުތުތަކުގަ މައާލް ކޮޓަރިން ނުކުމެގެން ނުވާނެ! މާގިނަ ފަހަރަކު އަހަރެން ނުބުނާނަން. މައާލް ނުވާނެ ނިކުމެގެންނެއް." ރާދިން އަމުރުވެރިގޮތަކަށް ބުނެލިއެވެ.

"އެއީ ކީއްވެ؟ އަހަންނާ އެކީ އުޅެން ލަދުގަންނަނީތަ؟" ރާދިންގެ އެ ވާހަކައާއެކު، މައާލްގެ ހިތުގައި ރިއްސާލިއެވެ. އުފެދުނު ޝަކުވާތައް އެ ބަސްތަކުގެ ސިފައިގައި ދުލުން ބޭރުކޮށްލެވުނީ ވެސް އިޚްތިޔާރަކާ ނުލައެވެ. ރާދިންގެ ފަރާތުން އެ ފަދަ ބަސްތަކެއް އިވުމުން އޭނާގެ ހިތަށް ތަދުވީއެވެެ. އެ ހިތުގައި ރާދިންއާ މެދު އިޙްސާސްތަކެއް އުފެދި އެ އިޙްސާސްތައް ފުންވަމުން ދާއިރު، އެ ފަދަ ކުޑަ ކުޑަ ބަހަކުން އެ ހިތަށް ވާނެ ގޮތް ރާދިންއަށް އިޙްސާސްނުވީހެއްޔެވެ؟ ރާދިންއާ މެދު އޭނާގެ ހިތުގައި އުންމީދުތަކެއް ވެއެވެ. ފިރިމީހާގެ ފަރާތުން އެފަދަ ހަރުކަށިކަމެއް ފެންނާކަށް އޭނާ ބޭނުމެއް ނޫނެވެ. އެ ހިތުގައި އެ ވާ ޖަޒުބާތުތައް ކިޔަމަން ކުރުމަކީ އޭނާއަށް އުނދަގޫ ކަމެކެވެ. ރާދިންއަށް ވަގުތު ބޭނުންވާކަން އެނގި ހުރެވެސް، އުންމީދުތައް މާ ބޮޑަށް ކުރެވެނީ އެހެންވެއެވެ. އެހިތުގައިވީ ޒަޚަމްތަކަށް ފަރުވާއެއްކަމުގައި ރާދިންގެ އަތުގެ އެންމެ ފިރުމުމެއްވެސް ފުދެނީ އެހެންވެއެވެ. އިސްޖަހާލި މައާލްގެ އަޑުން ރާދިންއަށް ވޭން އިޙްސާސްވިއެވެ. ބުނާނެ އެއްޗެއް އޭނާއަކަށް ނޭނގުނެވެ. ހިމޭންކަމުގެ ތަޅަކުން އޭނާގެ ދޫ ބަންދުވީ އެހެންވެއެވެ.

"ކީއްވެތަ ސުވާލެއް ނުކޮށް ބުނީމަ ބުނާގޮތް މައާލް ނުހަދަނީ؟" މައާލްގެ މޫނުމަތިން ފެނުނު މާޔޫސްކަމުގެ އަސަރުތަކުން ރާދިންއަށް އުނދަގޫވިއެވެ. އެހެންނަމަވެސް، އެ އަސަރުތައް ފާޅުކުރާކަށް އޭނާ ބޭނުމެއް ނުވިއެވެ. ނުރުހުންތެރިކަމާއެކު، ވާހަކަ ދެއްކިނަމަވެސް، ރާދިންގެ އަޑުގައި ބުނެދޭން ނޭނގޭ އަސަރެއް ވެއެވެ.

"ސޮރީ… " އޭނާގެ ފުށުން ރާދިންއަށް އުނދަގޫވިކަން އެނގި މައާލްއަށް ބުނެވުނެވެ. މައާލްއަށް ބަލަން ހުރުމަށްފަހު، ރާދިން ގޮސް ސައިޑް ކަބަޑު ހުޅުވާލާފައި ބޭސް ކާޑު ނަގާ ފެންތައްޓަކާއެކު މައާލްގެ ކައިރިއަށް އައެވެ. އޭނާ މައާލްއަތަށް ބޭސް ގުޅަ ދީފައި، ފެންތަށި ވެސް ދިނެވެ. މައާލް ބޭސް ކެއުމުން މައާލް އޮށޯތުމަށް އެހީތެރިވެދިނެވެ.

"އަހަރެން ދަނީ…" ރާދިން ބުނެލިއެވެ.

"ރާދިން…."

"މިހާރު ކިހިނެއްވީ މައާލް!" ފަސް އެނބުރުނު ރާދިން، މައާލް ގޮވައިލުމާއެކު، ރުންކުރުވިއެވެ.

"އޭސީ… އޭސީ ދައްކޮށްލެވިދާނެތަ؟" ހަޤީގަތުގައި މައާލް ބޭނުންވީ ޖަހާފައިހުރި ލަވައިގެ އަޑު މަޑުކުރުމަށް ބުނުމަށެވެ. އެހެންނަމަވެސް، ރާދިންގެ އަޑު ޖެހުމާއެކު، އޭނާ އެހެން ބުނަން ފަސްޖެހުނީއެވެ. ރާދިން އޭސީ މަޑުކޮށްލާފައި ނުކުމެ ދޮރު ޖަހައިލުމާއެކު، މައާލްއަށް އޭނާގެ މެއާ ހިސާބަށް އަޅާލެވިފައިވާ ކުއިލްޓްގައި އަތުން ހިފާ ބާރުކޮށްލެވުނެވެ. އޭނާ ގެ ހިތަށް ވަނީ ނޭނގޭ ބިރުވެރިކަމެއް ވެރިވެފައެވެ. އަނެއްކާ ރާދިން ބަދަލުވަނީހެއްޔެވެ؟ ރާދިންގެ ވިސްނުން ބަދަލުވަނީހެއްޔެވެ؟ އޭނާ މަތިން ފޫހިވަނީހެއްޔެވެ؟ ރާދިންއަށް އައި ބަދަލުގެ ފަހަތުގައި ވަނީ އެ އެކުވެރިންހެއްޔެވެ؟ އޭނާގެ ސަބަބުން އެމީހުންގެ ތެރޭގައި ރާދިން ލަދުގަންނަނީހެއްޔެވެ؟ އަމިއްލަ ޙާލާމެދު މައާލްއަށް ޝަކުވާ ކުރެވެން ފެށިއެވެ. ބޭސް ކެއުމުން ބޮލުގެ ރިހުން މަޑުވެލިނަމަވެސް، ގޭތެރޭގައި އަޑު ގަދަކަމުން އޭނާއަށް އުނދަގޫވަމުން ދިޔައެވެ.

*****

މައާލް ކޮޓަރިއަށް ލާފައި ރާދިން އައުމުން، އޭނާގެ އެކުވެރިންގެ ތެރޭގައި ދެކެވެމުން ދިޔަ ވާހަކަ ހުއްޓުމަކަށް އައިސް ތަނަށް ހިމޭންކަން ވެރިވިއެވެ.

"އޭތް. ކަލޭ ކޮންތާކުން ހޯދައިގެން އުޅޭ މަންޖެއެއް އެއީ… ހާދަ ރީއްޗޭ!" ތަނުގައިވި ނުތަނަވަސްކަން ފޫދުއްވާލީ ވިޝާމްއެވެ. އޭނާގެ ސިކުނޑީގައި އޭރުވެސް ވަނީ މައާލްގެ ސޫރައެވެ.

"މިގޮލާ ބުނި ރާއްޖެ ކުއްޖެކޯ. ނޫން ދޯ؟" ލީވާންވެސް އެ ވާހަކައިގައި ބައިވެރިވިއެވެ.

"އެބުނީނު ރާއްޖެ ކުއްޖެކޭ ދެން ރާއްޖެ ކުއްޖަކަށްނު ވާނީ…" މައާލް އާ ބެހޭ އެއްވެސް ވާހަކައެއް އެކުވެރިންނާ ހިއްސާކުރަން ރާދިން ބޭނުންނުވާ ފަދައެވެ.

"ވަގުކަން. އަދިވެސް އެ މަންޖެ ފޮރުވަން ވެގެން ދޯ.." ނަސީފް ބުނެލިއެވެ.

"ފަހަރިވެސް ގެނެސް މިތަނުގައި ބައިންދަން މަށަށް ފެންނަނީ. ނޫންތަ؟" ޒިޔާދުވެސް އިނީ މަޖާވެފައެވެ.

"އޭތް. ތީ ދެން ކޮން ވާހަކައެއް. ކަލޭމެން ތިބޭނީ ދައްކާނެ ވާހަކައެއް ނުލިބިފަ… " ރާދިންގެ އިތުރުން ސަޖާގެ މޫނުމައްޗަށް އަރާފައިބަމުން ދިޔަ ކުލަވަރުތައް ފެނުމާއެކު، އަނޫފް ވާހަކަ ދެއްކިއެވެ.

"އާނ. ދެން ކަލޭމެން ތިހާ އެނގެން ބޭނުން ވަންޏާ ގޮސް އޭނަ ކައިރީ އެހީމަ ވީނުން. އަހަރެމެން މިތަނަށް މިއައީ އޭނަގެ ވާހަކަ ދައްކަންތަ؟" ރާދިން ވާހަކަ ދެއްކިއެވެ. އެއަށްފަހު އޭނާ ގޮސް ސަޖާގެ ކައިރީގައި އިށީނދެ ސަޖާގެ އަތުގައި ހިފާލިއެވެ. ސަޖާ ރާދިންގެ އަތު ތެރެއިން އަތް ދަމައިގަތީ އޭނާ ނުރުހުނުކަން އަންގައިލުމުގެ ގޮތުންނެވެ.

"ސޮރީ…" ސަޖާގެ ކަންފަތް ދޮށުގައި ރާދިން މަޑުމަޑުން ބުނެލި އެވެ.

"އޭތް!" ކޮން ސިއްރު ވާހަކައެއް ދައްކާކަށް؟" ސުމާއަށް އެ ދެމީހުންގެ އަމަލު ފެނުމާއެކު ބުނެލިއެވެ.

"ހަހަ އާނ. އެބުނާހެން…" ޒިޔާދުގެ ލޯބިވެރިޔާ ރިމާހާ ވެސް އެ ވާހަކައިގައި ބައިވެރިވިއެވެ.

"ތިޔެއް ނޫނޭ! ހިނގާބަލަ އެ ނޫމާނުއަށް ގުޅަން. އޭނަ ބަޗައިގެން ގޮސް ހުއްޓަކަސް ނުވާނެއެއްނު." އަނޫފް ބުނެލިއެވެ.

"އަނުއްޕަ ކަލޭ އަބަދުވެސް ދޭނީ އެންމެ ރަނގަޅު ޚިޔާލު…" ނަސީފް އޭނާގެ އަތް އަނޫފްއާ ދިމާލަށް ދިއްކޮށްލުމުން އަނޫފް "ހައިފައިވް" އެއް ޖަހާލިއެވެ.

ތަނުގައިވި ނުތަނަވަސްކަން ފިލާ، އެކަކު އަނެކަކާ ސަކަރާތްޖަހަން ފެށިއެވެ. ރާދިންވެސް އިރުއިރުކޮޅަކާ އެމީހުންގެ ވާހަކައިގެ ބައިވެރިވެއެވެ. ސަޖާ ހަމައަކަށް އެޅެން އިރުކޮޅެއް ނެގިއެވެ. ސަކަރާތް ނިންމާފައި، އެމީހުން ގެއަށް ދާން ނުކުތްއިރު، މެންދަމުން އަލިވެ ދެއެއް ޖަހަނީއެވެ.

"ހިނގާ އަހަންނާއެކު ދާން ރާދު…" ރާދިންގެ އަތުގައި ހިފާލަމުން ސަޖާ ތުއި ގޮތަކަށް ބުނެލިއެވެ.

"އަހަރެން މާދަން ދަންތަ؟" ރާދިން ބުނެލިއެވެ. ސަޖާ ހިތްހަމަ ނުޖެހުނުކަން އަނޫފްއަށް އެގުނެވެ.

"ސަޖާ އެކަނި ދާކަށް ނުޖެހޭނެޔޭ. އަހަރެމެން ދާއިރު ސަޖާ ލައިދީފާނަން ގެއަށް. ޒިޔާދު ކާރުގަ ދޯ އައީ…" އަނޫފް ޒިޔާދުއަށް ބަލައިލަމުން ބުނެލިއެވެ.

"އެކަމަކު…" ސަޖާ އެހެން ބުނެލި ނަމަވެސް ރާދިން ބޮލުން އިޝާރާތްކޮށްލުމުން ސަޖާ އެގޮތާ އެއްބަސްވިއެވެ. ރާދިންއާ ރުޅިހަދާލާފައި ދާކަށް ސަޖާ ބޭނުމެއް ނޫނެވެ. އޭނާ ޖެހޭނީ ވިސްނުންތެރިކަމާއެކު، ރޭވުންތައް ރާވާށެވެ.

"އޭތް! މަ އޭނަ ގެއަށް ލައިދޭނަން އިނގޭ… ހާސްނުވޭ…" އަނޫފް ރާދިންއަށް ބަލައިލަމުން ބުނެލިއެވެ. ރާދިން ހީލިއެވެ. އެންމެން ދިޔުމުން ރާދިން ގޮސް ކޮޓަރިއަށް ވަނެވެ. އޭރު މައާލް ސޯފާގައި އޮތެވެ.

"ކީއްކުރަނީ ސޯފާގައި؟ އަދިވެސް ނުނިދަންތަ؟" ރާދިންއަށް ސުވާލުކޮށްލެވުނެވެ.

"ނިދި ނައިސްގެން އެނދުގައި އޮވެއޮވެ ވަރުބަލި ވީމަ ދެން މިތަނަށް އައީ…" މައާލް އެ އޮތްގޮތަށް އޮވެ ބުނެލިއެވެ. ހަޤީގަތުގައި އޭނާއަށް ނިދަން އުނދަގޫވީ ގޭތެރޭގައި އަޑު ގަދަ ކަމުންނެވެ. އެހެންނަމަވެސް، އެހެން ބުނާ ޚިޔާލެއް އޭނާ ނުކުރެއެވެ.

"އަދިވެސް ބޮލުގައި ރިއްސާތަ؟" ރާދިން ސުވާލުކޮށްލުމާއެކު، މައާލް ދެފަރާތަށް ބޯ ހޫރައިލިއެވެ. އެއަށްފަހު އޭނާ ލޯ މަރައިލިއެވެ. އިތުރު އެއްޗެއް ނުބުނެ ރާދިން ގޮސް ފާޚާނާއަށް ވަނުމާއެކު، މައާލް ލޯ ހުޅުވައިލިއެވެ. ފެންނަމުން ދިޔަ އަނދިރިކަމުގެ ތެރެއިން އެނާގެ ލޮލުގެ ތެރެއަށް ކަރުނަތައް ކޮންމެވެސް ވަރަކަށް ޖަމާވިއެވެ. އެހެންނަމަވެސް މައާލް ހިތްވަރުކުރަމުން އަތުގެ ނުފުށުން ކަރުނަތައް ފުހެލިއެވެ. އޭނާ އަޒުމު ކަނޑައެޅީ މިއަދުން ފަށައިގެން އަމިއްލަ ކަންތައްތައް މީހެއްގެ އެހީތެރިކަމަކާ ނުލާ ކުރުމަށެވެ. ކޮންމެ ކަމަކަށް ރާދިންއަށް އިންތިޒާރު ނުކުރަން މައާލް ނިންމިއެވެ. އަބަދު ކަންތަކު ކިިޔަން ވެއްޖެއްޔާ ރާދިން އޭނާގެ ދެކެ ފޫހިވެދާނެއެވެ. އޭވާ ވެސް ހުންނާނެ އެއް ނޫންހެއްޔެވެ؟

* * * * *

ގޭގެ ބެލްކަނީގައި ހުސްގަޔާ ހުރި ރާދިންގެ ގައިގައި ތެތްފިނި ވައިރޯޅިތައް ބީހެމުން ދިޔައެވެ. ފަތިހުގެ ހިތްގައިމު ވައިރޯޅިތަކުގެ އެ ބީހުމުން އޭނާއަށް އަރާމުވިއެވެ. އުޑުމަތީގައިވަނީ ފަޅުކަމެވެ. ހަނދާ އެ ހަނދުގެ ދަރުބާރުގައި ރަސްކަން ކުރާ ތަރިތައްވެސް ހީވަނީ މަތިމައްޗަށް ނަގަމުންދިޔަ ވިލާތަކުގެ ތެރޭގައި ފަރުދާވެގެން ތިބިހެންނެވެ. ދުވަސްކޮޅަކީ ވިއްސާރަ ދުވަކޮޅެއްކަމުން ވާރޭ ނުވެހުނު ނަމަވެސް، އުޑުމަތި އޮންނަނީ ބަނަކޮށެވެ. ދޭތެރެ ދޭތެރެއިން ކެރީގެ އަސަރު ފޯރައެވެ.

އަތުގައި އޮތް ހޫނު ކޮފީތަށިން އޭރުވެސް އާވި އަރަމުން ދިޔައެވެ. އޭގެން އެތި ފޮދެއް ބޯލި ރާދިންގެ ހަށިގަނޑަށް އެ ހޫނުކަމުން އަރާމުވިއެވެ. ކޮފީގެ މީރުވަސް މުޅި ހިސާބުގައި ހިފާލާފައިވާއިރު، އެތަނުގައި ހައްދާފައިވާ މާގަސްތަކުގައި ފަރިވެފައިވާ މާތަކުގެ ލުއިލުއި މީރުވަސް ވެސް ހިފާލާފައިވެއެވެ. ފިނިފިނި ފަޒާއަކާއި ހިމޭން މާހައުލެކެވެ. ރާދިން އޭނާގެ ހޭވިފައިވާ އިސްތަށިގަނޑުގައި އަތް ފުނާ އަޅައިލި ނަމަވެސް، ޖެހެމުން ދިޔަ ވައިރޯޅިތަކުގެ ސަބަބުން އެ އިސްތަށިތައް ކިޔަމަން ކުރުން ވީ އުނދަގޫ ކަމަކަށެވެ.

ހިމޭންކަމުގައި އެތަކެއް އިރަކު ރާދިން ވިސްނަން ހުއްޓެވެ. މިއަދަކީ އޭނާ އޮފީހަށް ނުކުންނަން ޖެހޭ ދުވަހެކެވެ. ސްޓާރ ގްރޫޕް ހޯލްޑިންގ އަކީ ބޮޑު ކުންފުންޏެއްކަން އޭނާއަށް އެނގެއެވެ. މީގެ ކުރިން ރާދިންއަކީ ދުވަހަކުވެސް، މަސައްކަތްކުރި ޒުވާނެއް ނޫނެވެ. މާސްޓާރސް ނިންމާފައި ހުރިނަމަވެސް، ވަޒީފާއަކަށް ދިޔުމަކީ އޭނާ ބޭނުންވިކަމެއް ނޫނެވެ. ފަހަރުގައި ބޭނުންވާ އެއްޗެއް، ބޭނުންވާ ވަރަށް، ބޭނުންވާ ވަގުތަކު ލިބޭތީކަމަށް ވެސް ވެދާނެއެވެ. ރާދިންގެ ހިތުގައި ނުތަނަވަސްކަން އުތުރިއަރަން ފެށިއެވެ.

އިރު އެރި އިރުވެސް ރާދިން ހުރީ ޓެރެސްގައެވެ. ވިސްނުމުގައި އެހާ ގިނައިރު ހޭދަކުރެވުމުން ވަގުތު ދިޔަ ގޮތެއްވެސް އޭނާއަކަށް ނޭނގުނެވެ.

ތިރިއަށް ދިޔައިރު، މައާލް ފެންވަރާލައިގެން ނުކުންނަނީއެވެ.

"ރާދިންތަ؟" ކޮޓަރިއަށް މީހަކު ވަނުމުން މައާލްއަށް ސުވާލުކޮށްލެވުނެވެ.

"އާނ…" ރާދިން ބުނެލިއެވެ.

"ގަޑިން ކިހާވަރެއް؟ އޮފީހަށް ދާންޖެހޭ ދުވަހެއްނު…" މައާލް ބުނެލިއެވެ.

"އާނ…. ފެންވަރަން މިއުޅެނީ…" މޫނުމަތިން ތާޒާކަން ފެންނަމުން ދިޔަ މައާލްއަށް ބަލައިލަމުން ރާދިން ބުނެލިއެވެ.

ރާދިން ފެންވަރާލައިގެން ނުކުތްއިރު މައާލް އެނދުގައި އިށީނދެލައިގެން އިނެވެ.

"ކޮބާ އޭވާ ނާދޭތަ؟ ތިރިއަށް ނުދާ ދުވަހެއްތަ؟" ރާދިން ސުވާލުލޮށްލިއެވެ. މައާލް ހިނިތުންވެލާފައި އެނދުން ތެދުވިއެވެ. އެއަށްފަހު، އޭނާ ހިނގައިގަތީ ވާރޑްރޯބާ ދިމާލަށެވެ.

"އަހަރެން ނަގާފާނަން…" މައާލްގެ މަޤްސަދު އެނގުނު ރާދިން، އެހެން ބުނެލާފައި އެ ދިމާލަށް ހިނގައިގަތެވެ. އޭނާ ގޮސް ސޫޓްއަކާއި އެއްޗެހި ނަގައިގެން ހިނގައިގަތުމުން މައާލް ރާދިންގެ އަތުގައި ހިފެއްޓިއެވެ.

"ކިހިނެއްވީ؟"

"ވެއިޓް…" އެހެން ބުނެލާފައި، މައާލް ވާރޑްރޯބް އެކީ ދަމައިލިއެވެ. އެއަށްފަހު، އެންމެ ކަނާތް ފަރާތުގައި އިން ކޯޓު ނެގިއެވެ.

"ރާދިން… އެބަ ހުރިންތަ؟"

"ހޫމް…" ދާދި ގާތުން އިވުނު ރާދިންގެ އަޑާއެކު މައާލްގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އޭނާ އަތުގައި އޮތް ކޯޓް ރާދިންއަށް ދިއްކޮށްލިއެވެ.

ކޮމެންޓް 0