-----------------------------

މަގުމަތީގައި ދެމިފައިވަނީ ލޭގެ ކޯރެކެވެ. ހިސާބުގަނޑުގައި ހިފާލާފައިވަނީ މީހުންގެ ހަޅޭކުގެ އަޑެވެ. ފުލުހުންގެ އިތުރުން އެމަރޖެންސީ މެޑިކަލް ޓެކްނިޝަންސްގެ ޓީމެއްވެސް އެތަނުގައި ހަރަކާތްތެރިވަމުން ދިޔައެވެ. އެއްފަރާތުގައި އޮތް ލޮރީގެ ކުރީކޮޅު އެކީ ހަލާކުވެފައިވާއިރު، ކުރިމަތީގައި ފޮރޮޅިފައި އޮތް ކާރު އޮތީ އެކީ ކަަހަލަ ގޮތަކަށް ފުނޑު ފުނޑުވެފައެވެ. ލަންޑަންގެ އެންމެ ބޮޑު އެއް ހައިވޭގައި ހިނގި އެކްސިޑެންޓް ކަވަރުކުރުމަށް އިސާހިތަކު އެތަނަށް ނޫސްވެރިންވެސް ޖަމާވެއްޖެއެވެ. ފުލުހުން މަގު ބަންދުކޮށްފައިވީނަމަވެސް، އެތަނަށް ޖަމާވެފައިވާ އާއްމުންގެ މީހުންވެސް މަދެއް ނޫނެވެ. ހަވީރުގެ އެ ވަގުތުގައި ޓްރެފިކްގައި ޖެހިފައިވާ ވެހިކަލްތަކުން މުޅި ހައިވޭ ފުރިފައި ވާއިރު، ކޮންމެވެސް ވަރަކަށް ބަރުގޮނުގެ އަޑު ވެސް އިވިލައެވެ.

ކާރުގެ އެއްފަރާތުގައި ބާއްވާފައި އޮތް ދެ ހަށިގަނޑުން އޭރުވެސް ލޭތައް އޮހޮރެމުން ދިޔައެވެ. އެއީ އަންހެނަކާއި ފިރިހެނެކެވެ. ދެމީހުންގެ ވެސް ވިންދެއް ނެތެވެ. ބޯ ފަޅައިގެން ގޮސްފައިވާއިރު ދެމީހުންގެ ހަށިގަނޑުގައިވެސް އެކިއެކި ވަރުގެ ޒަޚަމްތައް ހުއްޓެވެ. މޫނުމަތީގައި ހޭކިފައިހުރި ލޭތަކުގެ ސަބަބުން ކޮންބައެއްކަން ވަކިނުވާއިރު، އަންހެން މީހާގެ ކަރަށްވެސް ވަނީ ތޫނު އެއްޗެއް ވަދެފައެވެ. ހީވަނީ އެކްސިޑެންޓް ވީ ވަގުތު ކާރުން ނެއްޓުނު ބައެއް ހެންނެވެ. އަންހެން މީހާ އަޅައިގެންހުރި ބުރުގާގެ މަތިން އޭރުވެސް ލޭތައް އޮހެމުން ދިޔައެވެ. ބަލާބެލުމަށް އެ ދެމީހުންނަކީވެސް ސާޅީހަކަށް އަހަރުގެ ދެމީހުންނެވެ.

ލޮރީ ދުއްވަން އިން މީހާގެ ހަމަހޭވެރިކަން ކޮންމެވެސް ވަރަކަށް ހުރިނަމަވެސް، އޭނާއަށް ވެސް ވަނީ ބޮޑެތި ޒަޚަމްތަކެއް ލިބިފައެވެ. ނާޒުކު އެވަގުތުގައި ފުލުހުން އޭނާއާ ސުވާލުކުރުމުގެ ބަދަލުގައި އިސްކަން ދިނީ ދޭން ޖެހޭ އަވަސް ފަރުވާ ދިނުމަށެވެ.

"ސާރ، ދެއަރ އާރ ސްޓިލް ޓޫ ޕީޕަލް އިންދަ ކާރ." ފުލުހުންގެ އޮފިސަރެއް ބާރަށް ގޮވައިލިއެވެ. އިސާހިތަކު މީހުން ސަލާމަތް ކުރުމަށް އިތުރު އޮފިސަރުންތަކެއް އަވަސްވެގަތެވެ. އެންމެ ފުރަތަމަ ކާރުތެރެއިން ނެރުނީ ޒުވާން ފިރިހެނެކެވެ. ހަމަގައިމުވެސް އެ ޒުވާނާ އުމުރުން ތިރީސް އަހަރަށް ވުރެ ދޮއްޓެއް ނުވާނެއެވެ. ނިތްކުރިއާއި ބޯ ފަޅައިގެން ގޮސް ލޭތައް އޮހެމުން ދިޔައެވެ. ވިންދު ހުރުމާއެކު އޭނާއަށް ދޭން ޖެހޭ އަވަސްފަރުވާ ދޭން ފެށިއިރު، އެންބިއުލާންސްގެ ސައިރެންގެ އަޑުވެސް އިވެން ފަށައިފިއެވެ. ދެން ނެރުނު ޒުވާން އަންހެން ކުއްޖާގެވެސް ވިންދު ހުއްޓެވެ. އެންބިއުލާންސް އައުމާއެކު ލަސްނުކޮށް އެމީހުން ގެންދެވުނީ އެންމެ ކައިރީގައި ހުރި ހޮސްޕިޓަލަށެވެ. އެއީ ލަންޑަންގެ އެންމެ ބޮޑު ހޮސްޕިޓަލްތަކުގެ ތެރޭގައި ހިމެނޭ ހޮސްޕިޓަލެކެވެ.

ހޮސްޕިޓަލަށް ގެންދެވުނުއިރުވެސް ކާރުތެރެއިން އެންމެ ފުރަތަމަ ނެރެވުނު ދެމީހުންގެ ފުރާނައެއް ނެތެވެ. ފަހުން ނެރެވުނު ދެ ޒުވާނުންގެ ވިންދު ހުރިނަމަވެސް، ޙާލަތު ވަރަށް ނާޒުކެވެ. ހޮސްޕިޓަލް ތެރެ ހަލަބޮލިވެފައިވާއިރު، ފުލުހުންގެ ބައެއް އިސްވެރިންވެސް ހަރަކާތްތެރިވަމުން ދިޔައެވެ. އެކްސިޑެންޓް ވެފައިވަނީ އާއްމުންގެ ކާރަކާއި ސަރުކާރުގެ ލޮރީއެކެވެ. އެކި ނޫސްތަކުން ޙަބަރު ފަތުރަމުން ދިޔައީ އެކި ގޮތްގޮތަށެވެ. އެއްބަޔަކު ކާރު ދުއްވަމުން ދިޔަ މީހުން ކުށްވެރިކުރަމުންދިޔައިރު، އަނެއްބަޔަކުގެ ތުހުމަތުތައް އަމާޒުވެފައިވަނީ ލޮރީ ދުއްވަން އިން ޑްރައިވަރަށެވެ.

ޒުވާން އަންހެން ކުއްޖާއާއި ފިރިހެންކުއްޖާގެ އެމް.އާރް.އައި ސްކޭންއާ އިތުރު ޓެސްޓްތައްވެސް ހެދުނެވެ. ފިރިހެންކުއްޖާގެ ބޮލުގައި އިންޓާރނަލް ބްލީޑިންއެއް ހުރުމާއެކު ވަގުތުން އޮޕަރޭޝަން ކުރުމަށް ތިއޭޓަރަށް ވެއްދުމުގެ ތައްޔާރީތައް ކުރަމުން ދިޔައިރު، އޭގެ ކުރިން އެއީ ކޮން ބައެއްތޯ ބެލުމުގެ މަސައްކަތް ފުލުހުން ކުރަމުން ދިޔައެވެ.

ފުލުހުންގެ އޮޕަރޭޝަންގައި އިސްކޮށް ހަރަކާތްތެރިވަމުން ދިޔަ ޑޭވިޑްގެ ކައިރިއަށް އައިސް މަޑުކޮށްލި ފުލުސް އޮފިސަރު ވާހަކަ ދެއްކިއެވެ.

"ސާރ. އެންމެ ފުރަތަމަ ކާރުން ނެރެވުނީ ދެމަފިރިން. އެމީހުންގެ ނަމަކީ ފަހުމާއާއި ޝާކިރު. އެމީހުން ލަންޑަންގައި ދިރުއުޅޭތާ ވަރަށް ދުވަސްވެއްޖެ. އޭގެ ފަހުން ކާރުން ނެރެވުނު އަންހެން ކުއްޖާއަކީ އެމީހުންގެ ދަރިފުޅު، މައާލް. އަދި ދެން ނެރެވުނު ޒުވާން ފިރިހެން ކުއްޖާއަކީ ރާދިއު، ރާދިއު ލަންޑަނަށްއައީ މީގެ ހަފްތާއެއްހާ ދުވަސްކުރިން."

ފުލުސް މީހާ ޑޭވިޑްއަށް އެ ހުރިހާ ވާހަކައެއް ރިޕޯޓްކުރުމާއެކު ޑޭވިޑް ވާހަކަ ދެއްކިއެވެ.

"އެމީހުންގެ ޢާއިލާގެ އިތުރު މީހަކު ލަންޑަންގައި އެބަހުރިތަ؟"

"ޔެސް ސާރ. ޝާކިރުގެ އާއިލާގެ މީހަކު މިވަގުތު ލަަންޑަންގައި އެބަހުރި. އޭނާއަށް ގުޅިނަމަވެސް ފޯނެއް ނުނަގާ."

ފުލުސް އޮފިސަރު ޖަވާބު ދިނެވެ.

"އެއްވެސް އިތުރު މައުލޫމާތެއް ލިބުނުހާ އަވަހަކަށް ލަސްނުކޮށް އަހަންނަށް އަންގާތި!" ޑޭވިޑް ބުނެލިއެވެ.

"އަދި އެއްވާހަކަ ސާރ. ޝާކިރު ވަރަށް ދުވަސްވެއްޖެ ލަންޑަންގައި އުޅޭތާ، އޭނާއަކީ ވަރަށް މުއްސަނދި މީހެއް. އޭނާއަކީ ރާއްޖޭގައި ކޮންމެވެސް ވަރަކަށް ރިސޯޓް ވިޔަފާރިކުރާ މީހެއްނަމަވެސް، އާއްމުގޮތެއްގައި އޭނާއަކީ ކޮންސްޓްރަކްޝަންގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރާމީހެއް. އޭނާގެ ވިޔަފާރިތައް ރާއްޖެއާއި ލަންޑަންގެ އިތުރުން، އެހެން ގައުމުތަކުގައިވެސް ހުރޭ."

ފުލުސް މީހާ އޭނާއަށް ލިބުނު އިތުރު މައުލޫމާތުތައް ވެސް ކިޔައދިނެވެ.

"ވީ އެންމެ އަވަހަކަށް ލަންޑަންގައި ހުންނަ ހައި ކޮމިޝަނަށް ގުޅާ އެމީހުންގެ އާއިލާއާ ވާހަކަ ދެއްކޭނޭ އިންތިޒާމް ހަމަޖައްސާ." ޑޭވިޑް އަމުރުކުރުމާއިއެކު ފުލުސް އޮފިސަރު އަވަސްވެގަތީ އެގޮތަށް އަމަކުރުމަށެވެ. ދެމީހުން ވެސް ވާހަކަ ދެއްކީ އިނގިރޭސިބަހުންނެވެ.

ޑޮކްޓަރުންގެ އިރުޝާދާ އެއްގޮތަށް ޒުވާނާ ތިއޭޓަރަށް ވައްދާ އޮޕަރޭޝަންކުރެވުނެވެ. ގައިގަނޑަކަށް ހަތަރު ގަޑިއިރުގެ އޮޕަރޭޝަނަކަށްފަހު، ރާދިއު ތިއޭޓަރުން ނެރެވުނުއިރު އޮތީ ވެންޓިލޭޓަރުގައެވެ. މައާލްގެވެސް އޮޕަރޭޝަނެއް ކުރެވުނެވެ. ދެމީހުންވެސް ބަދަލުކުރެވުނީ އައި.ސީ.ޔޫއަށެވެ. ދެމީހުންވެސް ހޭ އަރާނެ ވަގުތެއް ބުނަން ނޭނގޭ ކަމުގައި ޑޮކްޓަރު އެންގުމާއެކު ޑޭވިޑް އޭނާގެ އޮފިސަރުންނަށް އެންގީ ކުރިއަށް އޮތް އެއް ގަޑިއިރުގެ ތެރޭގައި އެ އާއިލާގެ މީހަކަށް ގުޅޭނޭ އިންތިޒާމް ހަމަޖެއްސުމަށެވެ. އަދި ޝާކިރުގެ އެހީތެރިއަކަށް ނުގުޅިއްޖެނަމަ އެ ގެއަށް ގޮސްގެންވެސް އެ ޚަބަރު ދިނުމަށެވެ.

އޮޕަރޭޝަން ކުރިތާ މާގިނައިރުތަކެއް ނުވެ ރާދިއުގެ ހާލަތު ދަށަށް ދާންފެށިއެވެ. ކާޑިއެކް އެރެސްޓެއްގައި ރާދިއު ވެސް މި ފަނާވަނިވި ދުނިޔެއާ އަލްވަދާއު ކިޔާކަށް މާ ގިނަ އިރެއް ނުވިއެވެ. ތިން މީހުންގެ މަރުގެ ޙަބަރު ހައި ކޮމިޝަން މެދުވެރިކޮށް ރާއްޖޭގައި ތިބި އާއިލާގެ މެންބަރުންނަށް އެންގުމަށް މަސައްކަތްކުރެވުނުއިރު، ޝާކިރުގެ އެއްބަފާ ކޮއްކޮ ކަމުގައިވާ ފުއާދުއަށް އެ ޙަބަރު ދޭން ފުލުހުންނަށް ދާން ޖެހުނީ އޭނާ އުޅޭ ގެއަށެވެ. އެޚަބަރު ލިބުމާއެކު އަވަސް އަވަހަށް ފުއާދު ހޮސްޕިޓަލަށް އައެވެ. އޭނާގެ އެހީތެރިކަމާއެކު ރާދިއުގެ އާއިލާގެ މީހުންނަށްވެސް އެ ޚަބަރު ފޯރުކޮށްދެވިދާނެކަމަށް ފުއާދު ބުނުމާއިއެކު، ފުލުހުން ބުނީ އަވަހަށް އެ ހަބަރު އާއިލާއަށް ދިނުމަށެވެ. ރާދިއު އަކީ ފަހުމާގެ އެއްބަނޑު އެއްބަފާ ބޭބެކަމުގައިވާ މުނީރުގެ ދަރިއެކެވެ.

ފުއާދު މައާލްގެ ހާލަތު އޮޅުން ފިލުވިއެވެ. ޑޮކްޓަރުން ބުނީ ސާރޖަރީއަށްފަހު މައާލްގެ ޙާލަތާ މެދު އެއްޗެއް ބުނަން އަދި އަވަސް ކަމުގައެވެ. އެކަމަކު މައާލް ރަނގަޅުވެދާނެކަމުގެ ވަރަށް ބޮޑު އުންމީދެއް އެބައޮތް ކަމުގައެވެ. ފުއާދު ބޯ ޖަހައިލުމަށްފަހު، ފުންނޭވާއެއް ދޫކޮށްލިއެވެ. އެއަށްފަހު އޭނާ ތަންކޮޅެއް ދުރަށް ޖެހިލާ ފޯނު ނަގާ ނަންބަރެއް ހޯދައިލުމަށްފަހު، ގުޅައިލިއެވެ. ފުއާދުގެ ހިތުގެ ތެޅުން ވަނީ އިންތިހާ އަވަސްވެފައެވެ. އަތުގައި ކޮންމެވެސް ވަރެއްގެ ތުރުތުރު އެޅުމެއް ހުރިއިރު، ހިތުގައި ހިނގަމުންދިޔަ އިޙްސާސްތަކާ ޖަޒުބާތުތައް ކިޔަމަން ކުރާނެ ގޮތެއް އޭނާއަކަށް ނޭނގުނެވެ. އެއީ މީގެ ކުރިން އޭނާއަށް ކުރެވުނު އިޙްސާސްއެއް ނޫނެވެ. އެހެންނަމަވެސް އެ ޚަބަރު ދިނުމުގެ މުހިންމުކަން އޭނާއަށް ވެސް އިޙްސާސްވެއެވެ. އަނެއްކާވެސް ހަށިފުރާ ނޭވާއެއް ދޫކޮށްލުމަށްފަހު، ފުއާދު ފޯނު ނަގާ ނަންބަރަކަށް ގުޅައިލިއެވެ.

*****

އޮފީސް ނިންމާލާފައި ގެއަށް ދާން މުނީރު ނުކުތްއިރު، ހަވީރު ހަތަރެއް ޖަހާ ބޮޑުވެއްޖެއެވެ. އޭރު އޭނާގެ އިންތިޒާރުގައި ޑްރައިވަރު ކާރުގައި އިނެވެ. މުނީރު ފެނުމާއެކު ޑްރައިވަރު ނުކުމެ ކާރުގެ ފަހަތު ދޮރުފަތް ހުޅުވައިލަ ދިނުމާއެކު، މުނީރު ކާރަށް އަރާ އިށީނދެލިއެވެ. ފޯނު ނަގާ އޭނާ ރާދިއުގެ ނަންބަރަށް ގުޅައިލި އިރު ފޯނު އޮތީ ނިއްވާލާފައެވެ. ދެތިން ހަތަރު ފަހަރު ގުޅުމުންވެސް ލިބުނީ އެއް ޖަވާބެކެވެ.

ގެއާ ހިސާބަށް އާދެވުމުން ދޮރުވާނަކަށް ހުރި މީހާ ގޭޓް ހުޅުވައިލަދިނުމާއެކު، ޑްރައިވަރު ކާރު ގޭގެ ގޯތި ތެރެއަށް ވައްދައިލިއެވެ. މޫން ވެލީ ގޭގެ ގޯތިތެރެ ފެންނަނީ ވަރަށް ވެސް ހިތްގައިމުކޮށެވެ. އެއީ މާ ބޮޑު ގޯއްޗެއް ނޫންނަމަވެސް، ގޭގެ ގޯތިތެރޭގައި ހައްދާފައިވާ ވިނަގަނޑުގެ މަތީގައި އެއްފަރާތުގައި ކޮފީ މޭޒެއް ބަހައްޓާފައިވާއިރު ގެއާ އިންވެގެން ކާރު ޕާކުކުރާނޭ ތަނެއް ހަދާފައިވެއެވެ. ގެއަށް ވަންނަން ހުންނަ ބޮޑު ދޮރުގެ ދެފަރާތުގައި ގަސް އިންދޭނޭހެން ކުޑަކުޑަ ފާރެއް ރާނާފައިވާއިރު އެތަނުގައި މާގަސްތައް ހައްދާފައިވެއެވެ.

ކާރުން ފޭބުމަށްފަހު، މުނީރު ގެއަށް ވަނުމުގެ ކުރިން އެ ގަސްތަކުގެ ކައިރީގައި މަޑުކޮށްލާ އެގަސްތަކަށް ވަރަށް ފުން ނަޒަރަކުން ބަލައިލިއެވެ. ބޭއިޚްތިޔާރުގައި އޭނާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ހީވާކަހަލައެވެ. އޭނާގެ ސިކުނޑީގައި ކުރެހި ކުލަޖެހެމުން އެދަނީ، އޭނާގެ ހިތާ ވަރަށް ގާތުގައިވާ ހަނދާންތަކެކެވެ. މުނީރު އެތަނުގައި ހުއްޓާ އޭނާގެ ފިރިހެން ދަރިފުޅު ރާދިން ނުކުތެވެ. ރާދިން ފެނުމާއެކު އޭނާ ހުރިގޮތުން އެ ދަނީ ބޭރަށް ދާންކަން މުނީރުއަށް އެނގުނެވެ. ރާދިން ލާފައިހުރީ ކަނޑުނޫކުލައިގެ އަތްކުރު ޓީޝާޓަކާއި އައިސް ބްލޫ ޖީންސްއެކެވެ. އޭނާގެ ކަޅުކަން ގަދަ އިސްތަށިގަނޑު ސްޓައިލްކޮށްލާފައިވާއިރު، ހިތްގައިމެވެ. ރާދިން އޭނާގެ އަވިއައިނުން އެ ގަދަ ޗޮކްލެޓް ކުލައިގެ ދެލޯ ފޮރުވައިލިއެވެ.

ރާދިންއަކީ އިސްކޮޅުން ދިގު ވަރުގަދަ ހަށިގަނޑެއްގެ ވެރިއެކެވެ. އަންހެން ކުދިން އެންމެ އަޅައިގަންނަ އެއް ސިފައަކީ އޭނާގެ ފިރިހެންވަންތަ ހަށިގަނޑާ އަބަދުވެސް ގެންގުޅޭ ސްޓައިލިޝް ގޮތްތަކެވެ. އަބަދުވެސް ކަސްރަތުކުރާތީ އޭނާގެ ހަށިގަނޑުގެ މަސްތައް އެތުރިލާފައިވާލެއް ފުރިހަމަކަން ލާފައިވާ ގަމީސްމަތިންވެސް އެނގެއެވެ. އޭނާއަކީ އެންމެ ފަހުގެ ފެޝަނަށް އަބަދުވެސް ލޯބިކުރާ ޒުވާނެކެވެ. ދުނިޔޭގެ ތަހުޒީބަށް ލޯ ހުޅުވިފައިވާއިރު، އޭނާއަކީ ވަރަށް މިނިވަންކޮށް އުޅެން ބޭނުންވާ ޒުވާނެކެވެ. އެހެންނަމަވެސް، ބައެއްކަންކަމުގައި ގޮތް ދޫނުކުރުމުގެ ސިފަ ހުރިނަމަވެސް، ރާދިން އަކީ މައިންބަފައިންނަށް ކަމޭހިތާ ކިޔަމަންތެރި ޒުވާނެކެވެ.

"ދޮންބެ ގުޅިތަ؟" މުނީރު ސުވާލުކޮށްލުމުން މިއަދު އަދި ނުގުޅާކަމުގައި ރާދިން ބުނެލިއެވެ. މުނީރު އޭނާގެ ލޯބިވާ ދަރިފުޅަށް ބަލައިލުމަށްފަހު، ހިނިތުންވެލިއެވެ.

ނޫން. މިއަދު އަދި ނުގުޅާ..." ރާދިން އެހެން ބުނެލުމަށްފަހު، އޭނާ ބޭރަށް ދާ ވާހަކަ ބުނެލިއެވެ. މުނީރުވެސް ބޯ ޖަހައިލުމަށްފަހު، ގޭތެރެއަށް ވަދެލިއެވެ.

އޭނާ ވަށައިގެން ގޭތެރެއަށް ބަލައިލިއެވެ. ގޭތެރޭގައި ވަނީ ފަޅުކަމެކެވެ. ދިރޭ ފުރާނައެއްގެ ހިލަމެއް ނެތެވެ. ގޭތެރެ ޒީނަތްތެރި ކޮށްފައިވާލެއް ކިތަންމެ ހާވެސް ފުރިހަމައެވެ. ބޮޑުކޮޓަރީގައި ބަހައްޓާފައިވަނީ އަޅިކުލައިގެ ސޯފާތަކެކެވެ. ސޯފާތަކުގެ ކުރިމަތީ ފާރުގައި ބޮޑު ޓީވީއެއް ހަރުކޮށްފައިވާއިރު އެތަނުގައި ހުރި ކުޑަ ބިއްލޫރި މޭޒުމަތީގައި ބައެއް ނޫސް މަޖައްލާތައް ތަރުތީބުން ބަލަހައްޓާފައި ހުއްޓެވެ. މަތީގައި އެލުވާފައިހުރި ޗާނދަލިޔާވެސް ހިތްގައިމެވެ. ބޮޑުކޮޓަރިން މައްޗަށް އެރެން ސިޑިއެއް ހުުރިއިރު، އެ ގެއަކީ ދެ ބުރިއަށް ނަގާފައިވާ ގެއެކެވެ. މުނީރު ހިނގައިގަތީ އޭނާގެ ކޮޓަރިއާ ދިމާލަށެވެ. ސިޓިން ރޫމުގެ ވާ އަތް ފަޅީގައި އޭނާގެ ކޮޓަރި ހުންނައިރު ކަނާއަތް ފަރާތުގަައި ހުންނަނީ ކާކޮޓަރިއެވެ.

ސިޓިން ރޫމް ހުރަސްކޮށްފައި ކޮޓަރިއާ ހިސާބަށް ނުދެވި އުޅެނިކޮށް، މުނީރުގެ ފޯނު ރިންގްވިއެވެ. އޭނާ ފޯނު ނަގާ ކަންފަތުގައި ޖައްސައިލިއެވެ. ގުޅަނީ ބޭރު ނަންބަރަކުންނެވެ. އޭނާ ހީކުރީ ރާދިން ނޫނީ ޝާކިރުމެން މީހަކު ކަމަށެވެ.

ފޯނު ނެގުމަށްފަހު، މުނީރު ވާހަކަ ދެއްކިއެވެ. އެކޮޅުން ބުނެލި ވާހަކައަކުން އޭނާގެ ފައިދަށުން ބިންގަނޑުވެސް ހީވީ ދެމިގެން ދިޔަހެންނެވެ.

(ނުނިމޭ)

ނޯޓް: ވާހަކައަކީ އަމިއްލަ ޚިޔާލަކަށް ލިޔަމުން ގެންދާ ޚިޔާލީ ވާހަކައެކެވެ. ވުމާއެކު ވާހަކައިގެ ހިމެނޭ ކަންތައްތަކާއި ވާހަކައިގެ ސިފަކުރުންތައް ގެނެސްދީފައިވާނީ އަޅުގަނޑަށް ސިފަކުރެވޭ ގޮތަށެވެ. މީ ފަހަރެއްގައިވެސް ހިނގަމުންދާކަމަކާ ނުވަތަ ހިނގާފައިވާ ކަމަކާ ނުވަތަ ހިނގާފާނޭކަމަށް ލަފާކޮށް ލިޔަމުން ގެންދާ ވާހަކައެއް ނޫނެވެ. މި ވާހަކައަކީވެސް ތިޔަ ކިޔުންތެރިންނަށް ކަމުދާނެ ތަފާތު ރީތި ވާހަކައަކަށް ވާނެކަމަށް އުންމީދުކުރަމެވެ. މި ފުރުސަތުގައި އަޅުގަނޑުގެ ވާހަކަތަކަށް ތި ދެއްވާ ސަޕޯޓްއަށް ހިތުގެ އިޚްލާސްތެރި ޝުކުރު ރައްދުކުރަމެވެ.

ކޮމެންޓް 0