މާޒިންއަށް ވަޒީފާ ހަމަޖެހުނީ ގަތަރުގެ ވެރި ރަށް ދޯހާ އިންނެވެ. އަރަބި ގައުމަކަށްވެފައި، މުސާރަ ބޮޑުކަމުން މާޒިންގެ ހިތަށް ބުނަން ނޭގޭފަދަ އުފާވެރިކަމެއް ލިބުނެވެ. އަރަބި ގައުމެއްގައި މަސައްކަތް ކުރުމަކީ ތަފާތު ތަޖުރިބާއަކަށް ވާނެކަން ޔަގީނެވެ. ސޯފިޔާ އެދުނީ ގަތަރާއި ބެހޭ މައުލޫމާތު ކޮޅެއް ހޯދައިލުމަށެވެ. ގޫގުލް ސާޗްގައި "ދޯހާ" ޖަހާލައިފައި އިމޭޖަށް ލުމުން ފެނުނު އިމާރާތްތަކުގެ ރީތިކަމުން ސޯފިޔާ ހައިރާންވެ، އަންތަރީސްވިއެވެ. އާކިޓެކްޗަރއިން ގެ ކުޅަދާނަކަމުގެ ފުރިހަމަ ނަމޫނާއެކެވެ. ނާދިރު ޑިޒައިންތަކަށް ވާ އުސް އިމާރާތްތައް ރޭގަނޑަށް އެކި ކުލައިން ދިއްލިފައިވާއިރު އަދި ވަކިން ޗާލެވެ. ގަލަމަކުން ބަޔާން ނުކުރެވޭހާ ފުރިހަމައެވެ.
"މިލީ އާއި ޝެލް އުފަލުން މޮޔަވާނެ....." ސޯފިޔާ މާޒިންގެ އަތަށް ފިތާލިއިރު އެއަތްތިލަ ވަނީ ފިނިވެފައެވެ.
"ނޫނޭ ސޯފީ، މިއީ ސަމަރ، އެކްސްޓްރީމްލީ ހޫނު ވާނެ، ސާޅީސް ޑިގްރީގައި ހޫނު މިން އުޅޭނެ، ސޯފީއަށް ވެސް ކެތްނުކުރެވޭނެކަން ޔަގީން....." މާޒިންއަށް އަރަބި ގައުމުތަކުގެ އެންމެ ބޮޑު މައްސަލައަކީ މޫސުމެވެ.
"ހަނީވެސް ދައްކާ ވާހަކަ، އޭސީ ރޫމްތައް ހުންނާނެއްނު، އައިސްކްރީމް ކާނެ ބަހަނާއަކަށްވެސް ވާނެ، އެހާ ހޫނު ތަނެއްގައި މީހުނަށް ދިރިއުޅެވޭނީ ފިނިކުރާނެ ގޮތްތައް ހުރީމަތާ، ރަޝިޔާ ތަންތަން އެހާ ފިނިއިރު މީހުންތައް ސަވައިވް ވަނީ ހީޓަރު އެއްޗެހި ބަހައްޓައިގެން، މިހާ ރަނގަޅު އޮޕޮޗުނިޓީއެއް ނުލިބޭނެ، ޚިޔާލު ބަދަލުނުކޮށްފިއްޔާ ހާދަ ރަނގަޅޭ...." ސޯފިޔާ މާޒިންގެ އަތުގައި އަތްއަޅުވާލައިގެން އިނދެ އެ ލޮލަށް ބަލަހައްޓައިގެން އިނީ ޝައުގުވެރި ނަޒަރަކުންނެވެ.
"އައިސްކްރީމް ކައިކައި އަހަރެންގެ ސޯފީ ފަލަވެގެން ބެރަކަށް ވެއްޖެއްޔާ މަ މޮޔަވެދާނެ......" މާޒިން ސަމާސާއެއް ކޮށްލިއެވެ. މާޒިން އެހާ ކޫސަނި ބަހަނާއެއް ދައްކާފައި ގަތަރަށް ނުދާގޮތަށް ޚިޔާލުކޮށްފިއްޔާ ސޯފިޔާ ގެ ސިކުނޑި ގޮވާފާނެއެވެ. އެތަނަށް ދިޔުމުން ކުދިންގެ އަޚުލާގާއި، އުޅުމަށް ހީނުކުރާހާ ރަނގަޅު ބަދަލެއް އައިސްދާނެއެވެ. އެހެންނޫނަސް ނުބައި ފިރިހެނެއްގެ ވަކިތަކުގެ ދަށުން މިޝެލިން ސަލާމަތްކުރުމަށް ލިބުނު ރަނގަޅު ފުރުސަތެކެވެ. އެވެސް އަރަބި ގައުމަކުންނެވެ. ވީމާ ކުދިންނާއި ދޭތެރޭގައި އެމީހުން ވިސްނަން ޖެހޭނެކަމުގައި ބުނެ ވީހާ އަވަހަށް ފުރަން ސޯފިޔާ ބާރުއެޅިއެވެ.
މިޝެލިން އާއި މިލީނާ ޕާސްޕޯޓް ހަދަން ހެނދުނު ހެދުނާ އިމިގްރޭޝަނަށް ދާން ޖެހުނެވެ. މުޅި އެދުވަހު ހޭދަވީ ބާޒާރު ކުރުމުގަޔާއި، އެކި ކަންތަކުގައެވެ.
މިލީނާ ނަމާދުކޮށްލައިގެން ބޭރަށް ނިކުންނަންވާއިރަށް ސޯފިޔާ ފުށްގަނޑު މޮޑެ ނިންމާލައިފި އެވެ. މިލީނާ ރޮށިތައް ދަމާލަދިނުމުން ސޯފިޔާ ފިހުނެވެ. ހޫނު ރޮށި ފިހެވެން ފެށުމުން ދުވަން ފެށި މީރުވަސް ކޮޓަރި އާއި ހަމަޔަށް ފެތުރުމުން މިޝެލިން ބޭރަށް ނިކުތެވެ. އޭރު މޭޒުމަތި ހުރީ ކާން ތައްޔާރުކޮށްލާފައެވެ. ހޫނު ރޮށްޓާއި، ކުޅި ރިހާކުރާއި، ކަޅު ސައި ފެނުމުން މިޝެލިން ކުޅު ދިޔާވިއެވެ. ދިވެހި ވަންތަ ކެއުމަށް ސޯފިޔާ ލޯބި ކުރިނަމަވެސް އެފަދަ ކެއުންތައް މޭޒުމަތިން ފެންނަލެއް ތަންކޮޅެއް މަދެވެ. ހަށިގަނޑަށް ފައިދާ ހުރި ކާއެއްޗެހި ކާންދޭން ސޯފިޔާ ސަމާލުކަން ދެއެވެ. ކޮންމެ ދުވަހަކަށް ކުދިންނަށް މޭވާ އާއި، ތަރުކާރީ ކާން ދިނުމަށް ސޯފިޔާ ބާރު އަޅައެވެ. އެންމެން ކާންފެށީ އިޝާ ނަމާދު ކޮށްލައިގެން މާޒިން ގެއަށް އައުމުންނެވެ.
"މަންމާ، އެރަށަށް ދާއިރު ރިހާކުރާއި، މަސް ޕެކެޓްތައް ގެންދައްޗޭ ޕްލީޒް..." މިޝެލިން ރޮށިކޮޅެއް ކާލުމުން ކުޅިވެގެން ލޮލުން ފެންއައެވެ. މިޝެލިންގެ ރިހާކުރު އޭނަ ކެއީ ގިތެޔޮ މިރުހެއް ފިތާލައިގެންނެވެ.
"ދަރިފުޅުމެން ބޭނުން ވާ އެއްޗެހީގެ ލިސްޓެއް ތައްޔާރުކޮށްލާ..." މާޒިން ބުނެލިއެވެ.
"ސުޕާރީވެސް..." މިލީނާ ހަނދާންކޮށްދިނެވެ. މިލީނާ އާއި މިޝެލިން ގަންނަންވީ އެއްޗެހީގެ ލިސްޓު ދިގުކަމުން ފޮށިތައް ބަރުވާނެކަން ޔަގީނެވެ.
"ދަރިފުޅުމެން ހީކުރަނީ ބައްޕަމެން ދާން މިއުޅެނީ ފަޅުރަށަކަށް ކަމަށް ދޯ، އެއީ މުއްސަނދި ސިޓީއެއް، ބޭނުންހާ އެއްޗެއް ލިބެން ހުންނާނެ، ވީމަ އެހާވަރުން މާލެއިން އެއްޗެހި ނުގަތަސް ރަނގަޅު ވާނެ، ނޫނީ އެކްސެސް ވެގެން ޝެލް އާއި މިލީ ބައިތިއްބާފައި ފުރަން ޖެހިދާނެ...." މާޒިން ސަމާސާ ހިނިތުންވުމަކާއިއެކު ބުންޏެވެ. އެންމެން ތިބީ އާ މަންޒިލަކަށް ދެވޭތީ އުފާވެފައެވެ. އިރުއިރުކޮޅާ ހުނުމުގެ އަޑު އެގެއިން ބޭރަށްވެސް އިވިގެން ދިޔައެވެ. މިޝެލިން އާއި މިލީނާއަށް ތިބެވުނީ އަދި މާ ފޯރިއަކާއި، ޖޯޝެއް އައިސްފައެވެ. އަބަދުހެން ދެކެވެނީ އެރަށަށް ގޮސް އުޅޭނެ ގޮތުގެ ވާހަކައެވެ. ކޮލެޖްގެ ވާހަކައެވެ. މާލެއަށް ވުރެ އެތަނުގެ ކޮލެޖް ރަނގަޅު ވެދާނެބާވައެވެ. އެކުވެރިން ލިބޭނެ ބާވައެވެ. އަރަބިކުދިންނާއި ފަސޭހައިން އެކުވެރި ވެވޭނެބާވައެވެ. މުޅިންވެސް ސުވާލު ތަކެވެ.
މިޝެލިން އޭނަގެ ބައްޕަ އާއި އެކީގައި ކައިރީގައި ހުރި ފިހާރަ އަކަށް ގޮސްފައި އައިއިރު އިއްބާނު ކޮޓަރިން ނިކުމެ ދޮރު ތަޅުލާންވެގެން ތަޅުދަނޑި ޖަހައިލީއެވެ. މިޝެލިންއަށް މިރޭ ތަފާތު ނަޒަރަކުން އިއްބާނުއަށް ބަލައިލެވުނެވެ. އިއްބާނުގެ ކަޅުކުލަގަދަ، ފަން އިސްތަށިގަނޑު ކޮށާލެވިފައިވާ ގޮތުން މާތްގޮތެއް ދައްކުވާދެއެވެ. އެހާ މާތް ގޮތެއްހުރި ރީތި ޒުވާނަކު ގޯސްމީހަކަށް ވެދާނެބާވައެވެ. އެކަމަކު އެ "ކަތި" ނަޒަރުގައި ކުޑަ ކުޑަ ނުލަފާ ސިޔާސަގޮތެއް ހުންނަކަން މިޝެލިން ދަނެއެވެ. ވެމްޕަޔަރިޝް ގޮތެކެވެ. މިޝެލިން ބޮޑަށް ރަނގަޅީ އެފަދަ ނުރައްކާތެރި ޒުވާނުންނެވެ.
އިއްބާނު ފެނުނީމަ ބީރައްޓެއްސަކަށް ހަދާލާފައި ނުފެންނަ ކަމަށް ހަދާލާފައި ދިޔުމަކީ އިންސާފެއް ނޫނެވެ.
"ބައްޕާ، އަހަރެން އޭނަ ގާތުގައި ފުރާ ވާހަކަ ބުނެލިޔަސް އޯކޭތަ؟" މިޝެލިން ކުޑަ ހިނިތުންވުމަކާއިއެކު އަހާލައިފި އެވެ. އެގޮތަށް މިޝެލިން އުއްމީދާއި އެކު އަހައިލުމުން މާޒިން ދެކޮޅު ހަދަން ބޭނުމެއްނުވިއެވެ. ފުރާވަރުގެ ކުދިންގެ ސައިކޮލޮޖީ ބައި ކޮންމެވެސް ވަރަކަށް އޭނަ ވަނީ ދަސްކޮށްފައެވެ. މާބޮޑަށް ފިއްތުންތައް ކުރިމަތިކުރާކަށް ނުވާނެއެވެ. އެހެންނޫނަސް ފުރަން އުޅޭއިރު މިޝެލިން ބޭނުންވާ ކަމެއް ފުރިހަމަކޮށް ދިނުމަކުން ވާނެ ގެއްލުމެއް ނެތެވެ.
"އޯކޭ، ފައިވް މިނިޓްސް އިނގޭ ދަރިފުޅާ....." މާޒިން ގެ ހުއްދަ ލިބުމުން މިޝެލިންގެ ހިނިތުންވުން ފުންވިއެވެ. އިއްބާނު ކޮޓަރީގެ ދޮރަށް ލެނގިލި ގޮތަށް ހިނގައިގަންނަން ނޭގިފައި ހުއްޓާ މިޝެލިން ދުވެލާފައި ކަހަލަ ގޮތަކަށް އައިސް އިއްބާނުގެ ކުރިމަތީގައި ހުއްޓުނެވެ. މިރޭ މިޝެލިން ލައިގެން ހުރި ފިޔާތޮށި އަދި ހުދުކުލައިގެ ހެދުމުގެ ސަބަބުން ހީވަނީ ކުޑަ ޕަރީއެއްހެންނެވެ. އިއްބާނުގެ ހިތް ފިނިވެލިއެވެ.
"ބެން، ބައްޕައަށް ދުބާއީ އިން ޖޮބް ހަމަޖެހިއްޖެ...." މިޝެލިން އަބަދުވެސް ދުބާއީ އާއި ދޯހާ އޮޅުވާލައެވެ.
"އޯވް، ޝެލްވެސް ބައްޕަ އާއި އެކު ދަނީތަ؟" އިއްބާނުގެ ހިތަށް ހީވީ ތޫނު ކަށްޓެއް ހަރައިލެވުނު ހެންނެވެ. ދުނިޔޭގެ ހުރިހާ ހިތާމައެއް އެ ރީތި ދެލޮލަށް ވެރިވިހެން އެހިދުކޮޅު ހީވިއެވެ. ހިތާމައިގެ ތަސްވީރެއްފަދައެވެ. މިޝެލިންގެ ތުންފަތް މަތީގައިވާ ހިނިތުންވުން ފިލައިގެން ދާން ހިދުކޮޅެއްވެސް ނުނެގިއެވެ. އިއްބާނުއަށްޓަކައި މިޝެލިންގެ ހިތް ހަމްދަރުދީއިން ފުރުނެވެ. އިއްބާނު އޭނަ ދެކެ ލޯބިވާވަރު އެ ޅަހިތަށް އިހުސާސް ކުރެވެއެވެ. އޭނަ ވަކިވެއްޖެއްޔާ ދެރަވާނެކަން މިޝެލިންއަށް ނޭގެނީއެއް ނޫނެވެ.
"ހޫމް، ދެއަހަރަށް ކަމަށް ބައްޕަ ބުނުއްވި، އެނީވޭސް އައިވިލް ބީ ބެކް، ބެން އުޅޭނީ މިގޭގައިތަ؟" މިޝެލިން އަތުގައިވާ ސުޕާރީ ކޮޅުން ފަހަރަކު އެތިކޮޅެއް އަނގަޔަށް ލާފައި ހަފަމުންދާއިރު ނިކަން ލޯތްބެވެ. ތުންފަތުގެ ރަތްކުލަ ވަކިން ގަދަހެން ހީވެއެވެ.
"ނޫނޭ އަހަރެންވެސް ކިޔަވަން ފުރާނީ، ޝެލް ދުބާއީއަށް ގޮސްފައި އަހަންނަށް ނަމްބަރާއި، އެޑް ފޮނުވާނަން ދޯ، އަހަންނަށް ނުގުޅުނަސް މެއިލް ނޫނީ މެސެޖް ކޮށްލެވޭނެ، ބުނާނެ އެއްޗެއް ނޭގޭ، މަޑުކުރެވޭނެ ގޮތެއް ނެތްތަ؟ ހަމަ ދާނީތަ؟ ނުގޮސް މަޑުކޮށްލެވޭކަށް ނެތްތަ؟ ބޭބީ. އަހަރެން........." އިއްބާނު ފެންކަޅި ވާގޮތްވިއެވެ. ކުއްލިއަކަށް މިގޮތަށް ވަކިވާން ޖެހިދާނެ ކަމަކަށް އޭނަ އެއްގޮތަކަށްވެސް ހީކޮށްފައެއްނެތެވެ.
"ބެން ތިހިރީ ދެރަވެފައިތަ؟ " މިޝެލިން ޔަގީންކަން ދިނެވެ.
އިއްބާނުގެ ޖަވާބަކަށްވީ އެ ބަރު އެސްފިޔަތަކުގައި ގިނަވެގަތް ކަރުނަތަކެވެ. މިޝެލިން ކަންބޮޑުވިއެވެ. އިއްބާނުހާ ފިރިހެންވަންތަ ޒުވާނަކު އެގޮތަށް ރުއިމުން މިޝެލިންއަށް ގަބޫލެއް ނުކުރެވުނެވެ. އޭނަ ދެކެމުން އައިސްފައި ވަނީ ރުއިމަކީ ފިނޑި އަންހެންކުދިންގެ ކަމެއް ކަމަށެވެ. ޖަޒުބާތީ ވުމަކީ ފިރިހެނެއްގެ ފަރާތުން ފެނިގެންވާނެ ކަމެއް ނޫނެވެ. މިޝެލިންއަށް ނޭގުނީ އެ ކަރުނަތަކަކީ އިއްބާނުގެ ލޯބީގެ ހެއްކެއް ކަމެވެ. އެ ކަޅުދެލޮލުގައި ހުދު ޖަވާހިރުތަކެއްހެން ވިދަންފެށި ކަރުނަތައް މިޝެލިންއަށް ކިތަންމެ ވާހަކައެއް ކިޔައިދީފިއެވެ.
"ޕްލީޒް، ޑޯންޓް ކްރައި، އަދި އަންނާނަމޭ...." މިޝެލިން ހުރީ އެސްފިޔަޖަހައިލަން ނޭގިފައެވެ. އެކަރުނަތައް ފެނުމުން މިޝެލިންގެ ހިތަށް ބުނަން ނޭގޭފަދަ އުދަގުލެއް ލިބުނެވެ. އިއްބާނުގެ ގާތުގައި ހަގީގަތް ބުނެދޭން ހިތަށް އެރިއެވެ. މިއީ "ގުޑްބައި" އެއްކަން ސާފުކޮށް ބުނެދޭންވީއެވެ. އެކަމަކު އިއްބާނު އަށް އޭރުން ވާނީ ކިހިނެއް ހެއްޔެވެ؟ މިހާ ރީތި ޒުވާނެއްގެ ހިތަށް އިތުރު ގޯނާ ކޮށްފިއްޔާ އޭނައަށް އުފަލެއް ލިބިދާނެ ހެއްޔެވެ؟
މިޝެލިން ގެ ޅަކަމުން ދިރިއުޅުމުގެ ތަޖުރިބާތައް މަދެވެ. އޭނަ ޖެހެނީ މައިންބަފައިން ދެއްކި މަގަކުން ހިގާށެވެ. ބައެއްފަހަރު ދަރިން ރައްކާތެރިކުރަން އުޅުމުގެ ތެރޭގައި މައިންބަފައިންނަށް ގޯހެއް ހެދިދާނެއެވެ. ފެންނަ ކަމެއް ރަނގަޅަށް ތަހުގީގު ނުކޮށް ގޮތެއް ނިންމުމަކީ އެންމެ އެކަށީގެންވާކަމެއް ނޫނެވެ. މީހަކުގެ ފަރާތުން ފެނިދާ އުނި އެންމެ ސިފައަކުން އެމީހާއަކީ ގޯސްމީހެއް ކަމަކަށް ނުނިންމޭނެއެވެ. އިއްބާނުއަކީ ނުރައްކާތެރި، ވިޔާނުދާ ޒުވާނެއްކަމަށް ހީކުރެވިގެން އެމީހުން އެވަނީ މިޝެލިން އާއި އިއްބާނު ވަކިކުރަން ފިޔަވަޅު އަޅާފައެވެ. އިއްބާނުއަށް ކުރެވުނު ކުށަކީ އޭނަގެ ހަގީގަތް ފޮރުވުމެވެ.
އިއްބާނު އަމިއްލަ ނަފުސަށް މަލާމާތް ކުރިއެވެ. އަންހެންކުއްޖެއް ފަދައިން ފިނޑިވެދާނެ ކަމަކަށް އޭނަ ހީކޮށްފައެއްނެތެވެ. މިގޮތަށް މިޝެލިންގެ ކައިރީގައި ރޯން ޖެހިދާނެކަމަށް ހީނުކުރެއެވެ. އެކަމަކު މިއަދު އެހާ ބޮޑަށް ބަލިކަށިވީއެވެ. ލޯތްބަށްޓަކައި ރަސްކަލުން ތާޖާއި، ތަޚުތު ދޫކޮށްލާތީ އެއް ޒަމާނެއްގައި އޭނަ ހައިރާންވިއެވެ. ފިލްމުތައް ބަލާފައި ޖޯކުޖެހިއެވެ. ރޯމިޔޯ ޖޫލިއެޓްގެ ލޯތްބަށް ހަޖޫ ޖެހިއެވެ. އެއީ ވެސް އޭނަ ދެކުނީ ކުޅެވުނު ޑްރާމާއެއްގެ ގޮތުގައެވެ. ލޯތްބަކީ ހަގީގީ އެއްޗެއްކަން އޭނައަށް އެނގުނީ މިޝެލިން އާއި ދިމާވުމުންނެވެ. މިހާރު އޭނަ މިވަނީ ލޯބީގެ ކަނޑަށް ގެނބި ބޯހިއްލައި ނުލެވޭވަރުވެފައެވެ. އިއްބާނުގެ އުއްމީދުތައް ފޮންޏެވެ. އޭނަގެ އިންތިޒާރު އަވަހަކަށް ނިމޭނެކަމަށް އޭނަ އުއްމީދުކުރެއެވެ.
"ޝެލް، ވަރަށް ބޮޑަށް ހަދާންވާނެ، ޕްރޮމިސް ހަދާން ނައްތާ ނުލާތި ނޫނީ އަހަރެންގެ ހިތް ހަލާކު ވެދާނެ، ޝެލްދެކެ އަހަރެން ލޯބިވާވަރު އަބަދު ހަނދާން ބަހައްޓާނެކަމަށް ހޯޕް މިކުރަނީ، ޝެލްގެ ޕްރޮމިސް ތަކަކީ އަހަރެންގެ ދިރިހުރުމުގެ އެކަނި އުއްމީދު، އަހަރެން ދިރި މިހުންނަނީ އެކަނި ޝެލްއަށް ޓަކައި..." އިއްބާނު ފުން ނޭވަޔެއް ދޫކޮށްލައިފި އެވެ. އެހިސާބަށް ވެރިވެފައިވާ އަނދިރިކަމުގެ ސަބަބުން ފަލަކުގައި ވިދާ ބަބުޅާ ތަރިތައް ކޮންމެވެސް ވަރަކަށް ފެންނަން ހުއްޓެވެ.
"ބެން، ބެން ނޫން މީހަކާއި މެރީ ނުކުރާނަމޭ، ސޯ ޑޯންޓް ވޮރީ، ބެން، މިރޭ ތަރިތައް ހާދަ ރީއްޗޭ..." މިޝެލިން ފިނިވެފައިވާ އަތްތިލަ އުގުޅައިލަމުން މައްޗަށް ބަލައިލިއެވެ. އިއްބާނުގެ ކޮޓަރީގެ ލެޕުން އަންނަން ފެށި ރީތި ލަވައަކުން މާހައުލުގައިވާ އިޝްގުގެ އަސަރު އިތުރުކޮށްލިއެވެ.
"އައި ހެޑް އެ ޑްރީމް އޮފް ޔޫ އެންޑް އައި
އެ ތައުޒަންޑް ސްޓާސް ލިޓް އަޕް ދަ ސްކައި
އައި ޓަޗްޑް ޔޯ ހޭންޑް އެންޑް ޔޫ ވާ ގޯން...."
"ޝެލްއަކަށް ވުރެ ރީއްޗެއް ނޫން، އަހަންނަށް ތިއީ ގޯޑްގެ އެންމެ ބިއުޓިފުލް ކްރިއޭޝަން......" އިއްބާނު އެ އޮމާން ކޯތާފަތުގައި ފިރުމައިލަން ބޭނުންވިއެވެ. އެކަމަކު ހިތުގެ އެންމެ އެދުމެއްވެސް ފުރިހަމަކޮށްލާކަށް ނުކެރުނީ މިޝެލިންގެ މައުސޫމް ކަމުންނެވެ. އަމިއްލަ އެދުމެއްނެތް ލޯތްބަކަށްވީތީ އޭނަ ކެތްކުރަން ޖެހޭނެއެވެ.
"ތެންކިއު ބެން، ހާދަ ރީތި ލަވައެކޭ، މިލަވަ އަޑު އިވުނީމަ ބެން މަތިން ވަރަށް ހަދާންވާނެ......." މިޝެލިން ގެ އެ ޖުމްލައިން އިއްބާނު ހީލިއެވެ. އެވަގުތު މާޒިން ދޮރު ހުޅުވާފައި ބަލައިލި އެވެ. މިޝެލިން ހަދާ ނަހަދާ ގޮތް ބަލައިލަން ބޭނުންވީ ކަންނޭގެ އެވެ. އިއްބާނު އާއި މިޝެލިންއަށް އެކަކު އަނެކަކުގެ ލޮލަށް ބަލަހައްޓައިގެން ތިބެވުނީ ދެން ކިޔާނެ އެއްޗެއް ނޭގިފައެވެ. އެ މިނިޓް ގަރުނަކަށް ދެމިގެން ދިޔަހެން ހީވިއެވެ. އެހެން ލާފައި ދިޔަ މީހަކު ކަރުކެހިލުމުން މިޝެލިން އެމީހަކާއި ދިމާލަށް ބަލައިލީ ކުޑަކޮށް ބުމަގޮށްޖަހާލާފައެވެ. މިޝެލިން ދެކޭގޮތުގައި އެމީހުންގެ ޒާތީ ކަމަކާއި އެހެންމީހަކަށް ބެހެވިގެން ނުވާނެއެވެ.
ދިހަވަރަކަށް މިނިޓް ގެ ބައްދަލުވުމަކަށްފަހު އެންމެ ފަހަށް ސަލާމްކޮށްލިވަގުތު އިއްބާނުއަށް އެ މަޑު ފުށްކޮޅެއްފަދަ އަތުގައި ތަންކޮޅެއް ބާރަށް ހިފައިލިއެވެ. ވަރަށް އަސަރާއިއެކު ލޯބިވާ ވާހަކަ އެންމެ ފަހު ވަގުތު ބުނެވުނެވެ. އަދި މިޝެލިން ދާން ހިނގައިގަތުމުން ފަހަތުން ގޮސް އިއްބާނުއަށް ބައްދައިލެވުނީ ބޭއިޚުތިޔާރުގައެވެ. އަދި އެ އޮމާން ކޯތާފަތުގައި އިއްބާނުގެ ފިނި ތުންފަތް ޖައްސައިލެވުނު ވަގުތު މިޝެލިންއަށް ތަފާތު އިހުސާސް ތަކެއް ކުރެވުނެވެ. ހީވީ ހީބިހި ނެގިހެންނެވެ. އަދި އިއްބާނުގެ ނޭވާގެ މީރުވަހުން މިޝެލިން ހައިރާންވިއެވެ. އޭނަ ޔަގީންކުރީ ފިރިހެންކުއްޖަކާއި އެހާ ކައިރިވެލުމުން އަނބުރައިގަންނާނެ ކަމަށެވެ. އޯކަށް ދަމާނެކަމަށެވެ. ނަމަވެސް އަދި ވަމުން މިދިޔައީ ތަފާތު ގޮތަކަށެވެ. މިޝެލިން ރަކި ހީލުމަކަށް ފަހު އިއްބާނުގެ އަތުތެރެއިން ނިކުމެގެން ވައިރޯޅިއެއްހެން ގޮސް ގެއަށް ވަދެ ދޮރު ލައްޕާލައިފިއެވެ.
މިޝެލިން ކޮޓަރިއަށް ވަންއިރު މިލީނާ ޕެކްކުރަން އިނެވެ. މިޝެލިންގެ ހެދުންތައް ފަށްޖަހާފައި އެދުމަތީގައި ބަހައްޓާފައިވެއެވެ. މިޝެލިންއަށް އޭނަގެ ހެދުމުން ދުވީ އިއްބާނުގެ ސެންޓުވަހެވެ.
"ކީއްވެ މާ ތުއި ހިންޏެއް އައިސްފައި ތިހިރީ؟ އާކަމެއްވީތަ؟" މިލީނާ ހުރީ ނިދަން ލާ ސޯޓުކޮޅާއި، ޓޭންކް ޓޮޕެއްގައެވެ.
"ހީ ކިސްޑް މީ، ހަގްވެސް ކޮށްލި، އޭނަގެ ޕާފިއުމް ލިންގާސް އޮން މައި ޑްރެސް، ވަސްބަލައިލަބަލަ، އެހާ ފަގީރުކުއްޖަކަށް ވާއިރުވެސް ޔޫޒްކުރަނީ މީރުވަސްދުވާ ސެންޓު......" މިޝެލިންއަށް އާ ކަމަކަށް ވެގެން ފޮނި ކަނޑާލަން ބޭނުންވިއެވެ.
"ރިއަލީ؟ ކިހިނެއް ފީލް ވީ، ޓެލް މީ އެވްރީތިން..... " މިލީނާގެ ބޮޑު ދެލޯ އަދި އެއަށްވުރެ ބޮޑުކޮށްލިއެވެ. އެއާއިއެކު މިލީނާގެ ކޯތާފަތް ރަތްވިއެވެ. މިޝެލިން ލަދުގަންނަންވީމަ ލަދުގަތީ މިލީނާ އެވެ.
"ގޫޒް ބަމްޕްސް ނެގީ..." މިޝެލިން ލޯގަނޑު ދޮށުގައި ހުއްޓި އިސްތަށިގަނޑާއި ކުޅެލައިފިއެވެ. އިއްބާނު އެބުނާހާ ވަރަށް އޭނަ ރީތިހެއްޔެވެ؟ އިސްތަށިގަނޑު ބުޅިވީމަ އެހާ ރީތިހެއްޔެވެ؟ އޭނައަށް ބޮޑަށް ކަމުދަނީ ދިގު، ފަން އިސްތަށިގަނޑެކެވެ. އެފަދަ އިސްތަށިގަނޑެއް ފެނިއްޖެއްޔާ އޭނައަށް ބަލަން ހުރެވިދާނެއެވެ. މިލީނާ ކުޑައިރު އޮންނަނީ އެހާ ރީތި އިސްތަށިގަނޑެކެވެ. އެސްފީނާ ޖެހިދާނެޔޭ ކިޔާފައި މަންމަ މިލީނާގެ އިސްތަށިގަނޑު ކުރުކޮށް ކޮށާލި ގޮތަށް ދިގުވިޔަކަނުދެއެވެ.
"ފައި ޖެލީކޮޅަކަށްވިތަ؟" މިލީނާ އޮޅުން ފިލުވަން ބޭނުންވިއެވެ.
"ނުވޭ، މިހިރީނު މަގޭ ދެފައި ސަލާމަތުން، އަދި ޖެލީއަކަށް ނުވޭ..." މިޝެލިން ހޭންފެށިއެވެ.
"މާ ސާކާސްޓިކް ވާން ނޫޅެ ބަލަ ބޯ ބުޅި، އަހަރެން ބުނީ އެ މާނައެއްގައި ނޫނޭ ....." މިލީނާ ދޫނެރެލިއެވެ.
"ބެން ގުޑްބައި ކިޔަންވީމަ ހަމަ ރުއި، ހީ އެކްޗުއަލީ ކްރައިޑް...." މިޝެލިން ދެރަވާކަމަށް ހެދުނެވެ. މިލީނާ އަޖައިބުވިއެވެ.
"ރިއެލީ؟ ދެން ތިއީ ޓްރޫ ލަވް، އެކަމަކު ޝެލް ގުޑްބައި ކިޔާލާފައި ތިއައީ، އެއްޗެކޭ ހިތަށް ނާރާ ބްރޭކް އަޕްވީތަ؟ ފެއަރ ނޫނޭ މަގޭ ހިތަށް އެރީ......" މިލީނާ ގެ ހިތުގައި އިއްބާނު އާއި މެދު ހަމްދަރުދީ އުފެދުނެވެ. އިއްބާނު ރުއި ވާހަކަ ބުނީމަ މާބޮޑަށް ހަމްދަރުދީވިއެވެ. އިއްބާނުގެ ހިތާމައިގައި ހިތް ބައިވެރިވިއެވެ.
"ނޫން، އަހަންނަކަށް ނުކެރުނު ބެންގެ ހާޓް ބްރޭކް ކޮށްލާކަށް، އެހެންވެ އޮޅުވާލާން ވެގެން ބުނިން އަދި އެނބުރި އަންނާނަމޭ، އެކަމަކު މެރީ ކުރާނީ މަންމަ ބުނި މީހަކާއި...." މިޝެލިން ބެއަރގައި ބައްދާލައިގެން އޮތްއިރު އިއްބާނު ގެ ކަރުނުން ފުރިފައިވާ ލޮލުގައި ވި އަސަރުތައް ސިކުނޑީގެ ސްކްރީނަށް އަރަން ފެށިއެވެ. ދުވަހަކުވެސް އެ މަންޒަރު ހިތުން ފިލައިގެން ދާނެކަމެއް ނޭގެއެވެ.
މިޝެލިން ފުރުމުގެ ކުރިން އިއްބާނުއަށް ކުޑަ ސްނޯ ގްލޯބަކާއި، ކަރުގައި އަޅާ ލެދަރފަށެއް ހަދިޔާކުރިއެވެ. އިއްބާނު ވަގުތުން ކަރުގައި އޮތް ފަށް ނަގާފައި އެފަށް އެޅިއެވެ. އިއްބާނު ހިތްހަމަޖެހޭފަދަ ހަދިޔާއެއް ދެވުނީތީ މިޝެލިން ހުރީ ނިކަން ބޮޑަށް އުފާވެފައެވެ. ހަގީގަތުގައި އެފަދަ ހަދިޔާއެއް ގަންނަން އެގުނީ މިލީނާގެ ސަބަބުންނެވެ. މިޝެލިން ގަންނަން އުޅުނީ ކޮސްމެޓިކްސްގެ ބާވަތެކެވެ.
ގަތަރު އެއަރވޭއިސްގެ އިކޮނޮމީ ކްލާހުގެ ސީޓުގައި އިށީދެލައިގެން ތިބިއިރު މިޝެލިން ހުއްޓާނުލައި އެކި ވާހަކަ ދެއްކި ނަމަވެސް މިލީނާ އިނީ ހިމޭންވެފައެވެ. ހީވަނީ ކަމަކާއި ވިސްނާހެންނެވެ.
"އޯ ވާއު، ގަބޫލެއްވެސް ނުކުރެވޭ އެހެން ކަންޓްރީއަކަށް ދެވެނީކަމަށް......"މިޝެލިން އިނީ މަޖާވެލާފައެވެ.
"ގާތްގަނޑަކަށް ހަތަރު ގަޑިއިރުގެ ފްލައިޓެއް، ހާދަ ގިނައިރެކޭ، އައިމް ސްކެއާޑް..." މިލީނާގެ އަތްތިލަ ހީވަނީ ފެންކޮޅެއްހެންނެވެ. ހިތުގެ ތެޅުން ބާރުކަމުން މޭކަށިގަނޑު ފަޅާލާފައި ނިކުމެދާނެހެން ހީވިއެވެ.
"ކޮން ކަމަކާތަ؟ ފްލައިޓް ތަޅުވަންޏާ މާ މަޖާވާނެ، އެހެންނޫނީ ކިހާ މޮނޮޓޮނަސް ވާނެ، ބޯރިން ޓްރިޕަކަށް ވާނީ، އައި ލަވް ޓާބިއުލެންސް........" މިޝެލިންއަކީ ކަންތަކާ ބިރުގަންނަ، ފިނޑި ކުއްޖަކަށްވިޔަސް ޕްލޭން ދުއްވާހިތުން އިންވަރުން ބިރުގަންނަން ޖެހޭކަމެއް އޮތްކަމަކަށް ނުދެކެއެވެ. އެމީހުން ރަށުން މާލެއަށް ކުރި ދަތުރުގައި ފުދޭވަރަކަށް ވިއްސާރަވިއެވެ. ބޯޓު އެހާ ގަދަޔަށް ތެޅުވިއެވެ. އެގޮތަށް ބޯޓު ތެޅުވީމަ މިޝެލިން އިނީ މަޖާވެފައެވެ.
"ޝެލް، އެބުނަނީ ފޯނު ނިއްވާލާށޭ، ކޮން މައްސަލައެއް ޖެހޭނީ ސްވިޗް އޮފް ނުކުރަންޏާ؟ "މިލީނާ އޭނަގެ މަންމ ައާއި ބައްޕައަށް ގޮވާލާފައިވެސް އެކަން ހަނދާކޮށްދިނެވެ. މިޝެލިން ކުޑަކޮށް ތެދުވެފައި ޖިންސްގެ ޖީބަށް އަތް ބާނާލައިފައި ކުއްލިއަކަށް ލޯ ބޮޑުކޮށްލައިފިއެވެ. ދެ ޖީބުން ކުރެ ޖީބެއްގައި އޭނަގެ ފޯނު ނެތެވެ. އެއްގޮތަކަށްވެސް ފޯނު ބޭއްވުނުތަނެއް ހަނދާނަކަށް ނައެވެ. ވިސްނަ ވިސްނާވެސް މިޝެލިންއަކަށް ފޯނު އޮވެދާނެ ތަނެއް ނޭގުނެވެ. އިއްބާނުގެ ނަމްބަރާއި، މެއިލް އެޑާއި ހުރިހާ އެއްޗެއް ވީ އެ ފޯނުގައެވެ. ދެން ހަދާނީ ކިހިނެއް ބާވައެވެ.
"މިލީ، މަގޭ ފޯނު ވީތަނެއް ނޭގުނު........" މިޝެލިން ކަރު އެލުވާލާފައި ސީޓަށް ވެއްޓިގަތްއިރު އޭނަގެ ޚިޔާލަށް އައީ އިއްބާނު އެވެ. އިއްބާނު އާއި ގުޅޭނެ ގޮތެއް ވިސްނުމަކަށް ނައެވެ. އޭނަ ދޮގުހެދީކަމަށް އިއްބާނު ހީކުރާނެއެވެ. މިޝެލިންގެ ނަމްބަރާއި، މެއިލް އަންގާނަމޭ ކިޔާފައި އޮޅުވާލީ ކަމަށް ދެކޭނެއެވެ. އެކަމުގައި އޭނަގެ ކުށެއް ނުވާކަން ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތެވެ. އަޖައިބުވަނީ ފޯނު ގެއްލުނުތަނެއް ވިސްނުމަކަށް ނައިކަމެވެ. ތެޅި ފޮޅިގެން ރަނގަޅަށް ތައްޔާރުނުވެ އައިއިރު ފޯނު ގޭގައި ބާއްވާފައި އާދެވުނީ ނޫންކަމެއްވެސް ނޭގެއެވެ. ކިތަންމެ ވަރަކަށް ސިކުނޑި ގޭނިޔަސް އެ ފޯނަށް ވީގޮތެއް ހަނދާނަކަށް ނައެވެ.
އޭރު ގަތަރު އެއަރވޭއިސް ރަންވޭމަތީގައި ޓެކްސީކުރަން ފަށައިފިއެވެ.
އެވަގުތު އެހެން ލާފައި ދަމުން ކެބިންކްރޫއެއް މިޝެލިން އާއި ހީލުމުން މިޝެލިން ހުރިހާ ކަމެއް ހަނދާން ނައްތާލައިފި އެވެ. އެހެންނޫނަސް ތަގުދީރުގައި އޭނަ އާއި އިއްބާނު ގުޅެން ނެތިއްޔާ އޭނައަށް އެކަމަކާއި ދެކޮޅަކަށް ހަގުރާމައެއް ނުކުރެވޭނެއެވެ. އޭނަ މިދަނީ އެތައްހާސް މޭލު ދުރަށެވެ. މިއީ އޭނަ ދެކެ އިއްބާނު ލޯބިވާވަރު އިމްތިހާނު ކުރަން ލިބުނު ފުރުސަތެކެވެ. އޭނަ މިދަނީ "ދުބާއީ"އަށް ކަން އިއްބާނުގެ ގާތުގައި އޭނަވަނީ ބުނެފައެވެ. ދުނިޔޭގައި އަތްފުނާ އަޅައިގެން އޭނަ ހޯދާނެކަމަށް އިއްބާނު ވަނީ ބުނެފައެވެ. އިއްބާނު ބުނެފައިވާ ގޮތުން ލޯބީގެ ބާރު ވަރަށް ގަދަވާނެއެވެ. ވީއިރު އިއްބާނު އޭނަ ހޯދާނެއެވެ. ދުބާއީ އަކީ ބޮޑުތަނަކަށް ވެފައި އޭނަ ހޯދުން ފަސޭހަ ނުވިއްޔާ އިއްބާނު އޭނަ މާލެ ދާންދެން އިންތިޒާރުގައި ހުންނާނެތާއެވެ. ވީމަ އޭނަ ވިސްނަންވީ ކޮންކަމަކާ ހެއްޔެވެ؟ އަދި އޭނައަކީ ޅަކުއްޖެވެ. މީހަކާއި އިންނަ ވަރެއް ނުވެއެވެ. މާލެ ދާންވާއިރަށް އަދި ކިރިޔާ އޭނަ ބޮޑުމީހެކޭ ކިޔާ އުމުރަށް އެޅޭނީއެވެ.
މިޝެލިންގެ ޅަ ސިކުނޑިން އިއްބާނުގެ ޚިޔާލުތައް ނެރެ އެއްލައިލަން އޭނަގެ ޒަމީރު ވިސްނައިދިނެވެ. ކުރިމަތިލާން ޖެހޭ އާ، ރީތި ދުނިޔެއާއިމެދު ވިސްނައިގެން އަމިއްލަ ނަފުސަށް ހިތްވަރު ދިނެވެ. މިޝެލިން ކުޑަދޮރުގައި މޫނު ޖައްސާލައިގެން ބޭރަށް ބަލަން އިންއިރު ވިސްނީ މިފަހަރު ކޮލެޖަށް ގޮސްފައި މުޅިން އާކުއްޖެއްގެ ގޮތުގައި ކުދިންނާއި ބައްދަލުވުމަށެވެ. ފިނޑިވެ، ލަދުން އުޅެންޏާ ދުވަހަކުވެސް ކުރިއަކަށް ނުދެވޭނެއެވެ. އާތަނަކަށް ގޮސްފައި މިފަހަރު ތަހުޛީބުވެ، ދިރިއުޅުން ބަދަލުކޮށްލަން ޖެހޭނެއެވެ. ހަރުދަނާ، ބޮޑު މީހަކަށް ވާން މިޝެލިން ބޭނުމެވެ. އިއްބާނުއަށް ދެން ފެންނާނީ ތަފާތު މިޝެލިން އެކެވެ.
"ގުޑްބައި މޯލްޑިވްސް..." މިޝެލިން ކުޑަކޮށް އަތް ހޫރާލުމަށްފަހު މިލީނާއަށް ސަމާލުކަން ދިނެވެ. މިލީނާ އިނީ ދެލޯމަރާލައިގެން ދަތުރު ދުޢާކުރުމުގައި އަވަދިނެތިއެވެ. ފިނިވާތީ ރަޖާގަނޑުގެ ތެރޭގައި ފޮރުވިގެން އިންއިރު އޭނަގެ ހިތް ތެޅެމުން ދިޔައީ ބާރުބާރަށެވެ. މިނޫނީ އެއަރބަސްއަކަށް އަރާފައި ނުވާތީ މިލީނާ ގެންފައިވަނީ އަމަށަކު ބިރެއްނޫނެވެ. މިޝެލިން އިނީ މަޖާވެ، ހެވިލާފައެވެ. އާ މަންޒިލަކަށް އެދެކުދިން ދަތުރު ފެށީއެވެ. ހަޔާތުގައި އަނެއްކާ މުޅިން އާ ސަފުހާތަކެއް ފުރުމަށް ތައްޔާރުވީއެވެ.