"ހޫމް މަންމާ، މެރީ ކުރަން..... ބޭނުން...." މިލީނާ ހުއްޓަ ހުއްޓާފައި އެހެން ބުނެލީ އެދެލޯ ފޮރުވައިލަމުންނެވެ. އެވަގުތު ކޮޓަރިއަށް ވަން މާޒިންއަށް އެ އަޑު އިވުނުކަމެއް ނޭގެއެވެ. އޭނަ ގެ މޫނުމަތިން އެއްވެސް ޝުއޫރެއް ނުފެނުނެވެ. މިލީނާގެ ޖަވާބުން ސޯފިޔާ ދެލޯ ބޮޑުވެ، ގަނޑުވާގޮތްވި އެވެ.
"ލަދުކުޑަކުއްޖާ....." ސޯފިޔާއަށް ހަމަހޭވެރިކަން ވުމުން މިލީނާގެ މޫނުމައްޗަށް އެތިފަހަރެއް ވީއްލާލައިފައި އެތަނުން ބާރަކަށް ދާން ހިނގައިގަތް އިރު އެސާފު ލޮލުގައި މުތީތަކެއްހެން ބަބުޅަމުންދިޔަ ކަރުނަތައް މާޒިންއަށް ފެނުމުން ހިތަށް އުދަގޫވިއެވެ. ސޯފިޔާ މާޒިން ގޮވައިލީމާވެސް ފަސްއެނބުރި ބަލައިލުމެއްނެތި ކުރިޔަށް ފިޔަވަޅުތައް ނަގަމުން ދިޔައިރު ހިފެހެއްޓުމެއްނެތި ކަރުނަތައް ކޯތާފަތްމަތިން ފޭބިއެވެ. މިލީނާގެ އެނިންމުމުގެ ސަބަބުން އެ ކުޑަ އާއިލާ ރާވާފައިވާ ހުރިހާ ޕްލޭންތަކެއް ފެނަށްވެގެން ދާނެކަން ގައިމެވެ. މާޒިން ލަންޑަން ދަތުރު ކެންސަލް ކުރާނެއެވެ. އެހެންނޫނަސް ދުރުތަނެއްގައި އެންމެން އެކީގައި އުޅެން ރަނުގެ ފުރުސަތެއް ލިބުނު އިރަށް މިލީނާ ފިޔަފަޅައި އުދުހިގެން ދާން ތައްޔާރުވީއެވެ. މިއީ ކޮންފަދަ އިމްތިހާނެއް ހެއްޔެވެ؟ ސޯފިޔާ ގެ ކަރުނަތަކުން މިލީނާގެ ޚިޔާލު ބަދަލުވެދާނެ ހެއްޔެވެ؟ އެކަމަކު އެ އާއިލާގެ މީހުންގެ ނުފޫޒު ހާދަ ބޮޑުވާނެ އެވެ.
"ދަރިފުޅާ، ހާދަ ވަރަކަށް ތިރޮނީ؟ ކިހިނެއްވީތަ؟ މަންމަ ރުޅިއައީ ކީއްވެތަ؟" މާޒިން ކަންބޮޑުވެފައި މިލީނާގެ އަތުގައި ފިރުމާލަމުން އަހާލިއެވެ. އޭރު މިލީނާގެ މޫނުވަނީ ރަތްއަރާފައެވެ.
"ބައްޕާ، ވީގޮތަކީ......." މިލީނާ ތުންފަތުގައި ބާރަކަށް ދަތްއަޅައިގަނެފައި ރޮވޭވަރުން ވާހަކައެއް ނުދެއްކުނެވެ.
މާޒިންގެ އެސުވާލަށް ޖަވާބު ދިނީ މިހުރާން އެވެ. އޭނަ އާއި ކައިވެނި ކުރަން މިލީނާ ބޭނުންވާކަމަށް ބުނުމުން ސޯފިޔާ އާންޓީ ހިތްހަމަނުޖެހުނީ ކަމަށާއި، އެމީހުން ވީހާވެސް އަވަހަށް ކައިވެނި ކުރަން ނިންމާފައިވާ ކަމަށް މިހުރާން ބުނެލީ ހިނިތުންވުމަކާއި އެކުގައެވެ. މާޒިންގެ ހިތުގައި ސޯފިޔާ އާއި މެދު ޝަކުވާ އުފެދުނެވެ. މިލީނާ މިހުރާން އާއި ރުހެންޏާ އޭގެ މައްސަލައަކީ ކޮބާ ހެއްޔެވެ؟ މިލީނާއަށް މިހުރާން އާއި އެކު އުފާވެރި ހަޔާތެއް ނުހޯދެންވީ އެއްވެސް ސަބަބެއް މާޒިން އަކަށް ނުފެނުނެވެ. ދެކުދިން ހީވަނީ އެކަކު އަނެކަކަށް ޓަކައި ހައްދަވާފައިވާ ހެންނެވެ.
މާޒިން މިލީނާ ގޮވައިގެން ގެއާއި ހަމަޔަށް ފޯރި އިރު ރޭގަނޑު ނުވައެއްޖަހައި ބޮޑުވެއްޖެއެވެ. މިޝެލިން އޮތީ ބާލީހުގައި ބައްދާލައިގެން، އެއްވެސް ފިކުރެއް ޚިޔާލެއްނެތް ކުޑަކުއްޖެއްފަދައިން، ނިދާލާފައެވެ. މާޒިން މިލީނާ އެނދުގައި ބާއްވާފައި ރީތިކޮށް ރަޖާ އަޅާލަދިނެވެ. މާޒިން އެތައް ވަރެއް ވެގެން މިލީނާ މިރޭ ހުރީ ރަނގަޅަށް ކައިގެންނެވެ. ކޮންމެ މަހަކުވެސް މިލީނާ އެގޮތަށް ފުރަތަމަ ދެދުވަހު ބަނޑުގައި ރިއްސާތީ އުޅެއެވެ. މިލީނާ އެދުވަހަށް ތައްޔާރުވެ އާފަލާއި، ރަނގަޅު ކާއެއްޗެހި ކައިގެން އެގޮތަށް އަނބުރައި ގަތުމުން ދުރުވާން މަސައްކަތްނުކުރާ މަހެއް ނާދެއެވެ. މިފަހަރު ލިބުނު ހިތާމައެއްގެ ބޮޑުކަމާއި، އެދުވަހާއި ދިމާވީމަ އޭނަގެ ހާލު އެހާ ދަށްވީއެވެ. އެކަމަކު މިލީނާ ގެއަށް އައިއިރު ވަރު ޖެހި، ހަމަޔަކަށް އެޅިއްޖެއެވެ. ގަދައަޅައިގެން ނުރޯން މަސައްކަތްކޮށް ކަރުނަތައްވެސް ދިރުވާލީ ލޯބިވާ ބައްޕަގެ ހައްގުގައެވެ. އޭނައަށް ރޮވެންޏާ ބައްޕަގެ ހިތަށް އަސަރު ކުރާނެވަރު އެގުނީއެވެ. މިލީނާ އުއްމީދު ކަނޑާލާކަށް ބޭނުމެއް ނޫނެވެ. މިހުރާންއަށް އާދޭސްކޮށްލައިގެންވެސް އޭނަ އެ ވީޑިއޯ ޑިލީޓްކުރުވާނެއެވެ. އަދި ބަދަލުވެސް ހިފާނެއެވެ. އެވަގުތު މިލީނާގެ ވިސްނުމަށް ނައީ ބަދަލު ހިފާނެ ގޮތެކެވެ.
މިލީނާ ކިތަންމެ ވަރަކަށް ނިދާން އުޅުނަސް އޭނަގެ ލޮލަކަށް ނިންޖެއް ނައެވެ. ހިތަށް ފެންނަނީ އެ ވީޑިއޯ އެވެ. އޭނަ އުޅުނު ގޮތެވެ. ބައެއްފަހަރު މިލީނާގެ ސިކުނޑީގެ ކަނަކުން އަންގައިދެނީ މިހުރާންގެ އެ އަމަލު ބޭޒާރު ކޮށްލުމަށެވެ. ގޯލްޑެން ފްލޭމްގެ އެންމެން ކައިރީގައި ކިޔައިދިނުމަށެވެ. އަދި މަންމަމެން ގާތުގައިވެސް ބުނުމަށެވެ. މިލީނާ ކޮޓަރީގައި ދިއްލާފައިވާ ފަނޑު ރަތްބޮކީގެ އަލީގައި ފޯނު ނަގައިގެން މާމައަށް ގުޅަން ނަމްބަރަށް ޑައިލް ކުރިއެވެ. އެކަމަކު އޭނަ ޖެއްސި ވައްތަރުތައް ހަނދާނަށް އައުމުން ފޯނު ނިވާލައިފި އެވެ. މިހުރާން ހީހީފައި އެންމެން ގާތުގައި މިލީނާގެ އެކަނިވެރި ވަގުތުކޮޅުތައް ކިޔާދީފައި މަލާމާތް ކުރާނެވަރު ހިތަށް އެރުމާއިއެކު މިލީނާ އެކަނި އޮވެވެސް ލަދުގަނެއްޖެއެވެ. މޫނަށް ހޫނުވެފައި، ރަތްވިކަން އަމިއްލައަށް އިހުސާސް ކުރެވުނެވެ. ނޫނެކެވެ. ފުރަތަމަ އޭނަ ބަލާނީ އެ ވީޑިއޯ ނައްތައިލުމަށެވެ. ނޫނީ މިހުރާންއަށް އާދޭސް ކުރުމަށެވެ. ލޭގެ ގޮތުން އެހާ ގުޅިފައިވާއިރު މިހުރާންގެ ހިތަށް ކުލުނެއް ވަދެފާނެއެވެ.
މާޒިން ކޮޓަރިއަށް ދިޔައިރު ސޯފިޔާ ފެންނާކަށް ނެތެވެ. މާޒިން ގަމީސް ހަރުގައި އަޅުވާފައި އެނދުގެ މަގަތުގައި އިށީދެލައިގެން ނިތްކުރީގައި ފިރުމާން ފެށުމުން ސިކުނޑީގެ ނާރުތަކުގެ ވާންކަން ކުޑަވިއެވެ. ސޯފިޔާ އެހާ ގަދަޔަށް ރުޅިއައިސްފައި ހުރުމުން މާޒިން ވަނީ އިންތިހާއަށް ދެރަވެފައެވެ. ސޯފިޔާއަށް ހާދަ ނުވިސްނެއެވެ. އެމީހުން އަދި ދިރިއުޅުން ގޮތަކަށް ރޭވި ނަމަވެސް ކުދިން ބޭނުން ގޮތަކަށް އެކުދިންގެ ދިރިއުޅުން ބައްޓަން ކުރުމުގެ ހައްގު އެކުދިންނަށް ދެވެންވެސް ވާނެއެވެ. ލޯތްބަކީ ކިހާވަރެއްގެ ޖަޒުބާތެއްކަން އެންމެ ރަނގަޅަށް އެނގޭނެ އެކަކީ ސޯފިޔާ އެވެ. އަނެއްކާ ކުދިންގެ ހައްގުގައި ވަކާލާތު ކުރަން ސޯފިޔާ އެވަރަށް އުޅެފައި މިހާރު އެކަން ހަނދާން ނައްތާލީ ހެއްޔެވެ؟ ހާދަ ދެރައެވެ. ސޯފިޔާ ފާޚާނާއިން ނިކުތީ ބައިގަޑިއެއްހާއިރު ފަހުންނެވެ. އޭރުވެސް ދެލޮލުން ކަރުނަ ނުހިކެއެވެ.
މާޒިން އާއި ސޯފިޔާ އާއި ދޭތެރޭގައި ކޮންމެވެސް ވަރަކަށް ޒުވާބު ހިނގިއެވެ. ސޯފިޔާ ބުނިގޮތުން މިލީނާ މިހުރާން އާއި ކައިވެނި ކުރުމަކީ މުސްތަހީލު ކަމެކެވެ. އޭނަ މަރުވެގެން ވެސް އެ ކައިވެނި ހުއްޓުވާނެ އެވެ. މާޒިން ހުރީ އެކައިވެންޏާއި އެއްކޮޅަށެވެ. ދެމަފިރިންގެ ވަރުގަދަ އަރައިރުންގަނޑަކަށްފަހު ސޯފިޔާ ރޮއިރޮއި އެތައް ދަމެއްވާންދެން ނުނިދިފައި އޮތްއިރު މާޒިންގެ ހިތަށްވެސް ވަނީ ބުނަން ނޭގޭފަދަ އަސަރުތަކެއް ކޮށްފައެވެ. އެއްކޮޅުން ލޯބިވާ އަނބިމީހާ އެވެ. އަނެއްކޮޅުން ފުރާނަފަދަ ލޯބިވާ ދަރިފުޅުގެ އުފާތަކެވެ. ބޮޑަށް ބުރަވާން ޖެހޭކޮޅެއް އޭނަ އަކަށް ވެސް ނުވިސްނުނެވެ. ދެ ފަރާތް ސުލްހަ ކުރަން އޭނަ މިހިރީ ކޮންމެފަދަ ކަމެއް ކުރަންވެސް ތައްޔާރަށެވެ.
ގޯލްޑެން ފްލޭމްގެ ހުރިހާ މެމްބަރުންވެސް ޒަހުރާން އާއި ޒިލާގެ ރޫޅިފައިވާ ކައިވެނި ސަލާމަތް ކުރަން ވެގެން ވާހަކަ ދެއްކިއެވެ. އެކަމަކު ޒިލާގެ ގޮތް ދޫނުކުރުމާއި، ބޯހަރުކަމުން އެއްވެސް މީހަކު ގެ ވާހަކައެއް އަޑުއެހުމެއްނެތި އޭނަގެ މަންމަގެ ގެއަށް ބަދަލުވެއްޖެއެވެ. ޒިލާގެ ހިތުގައި މިޝެލިން އާއި މެދު އުފެދިފައިވާ ހަސަދަވެރިކަން އެހާ ބޮޑުވިއެވެ. އޭނަ ދެކޭގޮތުގައި މިޝެލިން އާއި ޒަހުރާން އުޅެނީ ހިތާވެގެންނެވެ. ދެމީހުން އެހާ ގިނައިން ވާހަކަ ދައްކާތަން ފެނުނީ އެހެންވެއެވެ. ޒަހުރާން އާއި ޒިލާގެ ގުޅުން މުޅިން ކެނޑިފައި އޮތަސް، ޒިލާ ދޭތެރެ އަކުން ޒެފަން ގޮވައިގެން ގޯލްޑެން ފްލޭމަށްވެސް ދެއެވެ. އޭނަ ހުންނަނީ މިޝެލިންގެ ހަރަކާތްތަކަށް ފާރަލައިގެން މިޝެލިންއަށް ލަނޑެއް ދޭނެ ފުރުސަތަކަށް ބަލަބަލައެވެ. ދެކުދިން އޮޅިގެންވެސް ކުރިމައްޗަށް ޖެހިއްޖެއްޔާ އެކަކު އަނެކަކުގެ ނަޒަރުން ފިއްސާލަފާނެހެން ހީވެއެވެ.
ބޯކޮށް ވާރޭ ވެހެމުން ދިޔައިރު މިޝެލިން "ގޯލްޑެން ފްލޭމް" ގެ ފެންޑާގައި އެ މަންޒަރު ދެކެން ހުރީ ޚިޔާލެއްގެ ތެރެއަށް ގެއްލިފައެވެ. ގަދަ ވަޔާއިއެކު އެތައްހާސް ވާރޭ ތިކިތަކެއް އެގޮތް މިގޮތަށް ބުރުއްސަމުން ދާ މަންޒަރު ނިކަން ހިތްގައިމެވެ. އަދި އެ ބަރުތިކިތައް ފުރާޅަށް މެދުކެނޑުމެއްނެތި ހަމަލާދެމުން ދާއިރު އެއިވެނީ ކޮންފަދަ ރީތި ރާގެއް ހެއްޔެވެ؟ އެންމެ މޮޅު ރާގު އުފައްދާ މީހުން ވެސް ފަހަތަށް ޖައްސުވާލާނެ އެވެ. ކިތަންމެ ގިނައިރެއްވާންދެންވެސް ފޫހިކަމެއްނެތި އަޑުއަހަން ހުރެވިދާނެ އެވެ. މިޝެލިން ގެއްލިފައި ހުއްޓާ ފަހަތުން މީހަކު މާބާރަކަށް ކޮށްޕާލުމުން އޭނަ ވިއްސައިގެން ގޮސް މެދުގޯތީގައި ޖެހުނެވެ. ބޯ ވާރޭގެ ހަމަލާއާއިއެކު ވަގުތުން މިޝެލިން ލައިގެން ހުރި ހުދު ގަމީސް ތެންމާލައިފި އެވެ. އެ ދޮންމޫނުގައި ވާރޭ ތިކިތައްވިދައިގަތްއިރު ޗާލުކަމުން ހައިރާންވާހާވެއެވެ.
"އިޑިއަޓް......" މިޝެލިން ހިތުގައި އެހެންވިޔަސް އޭނަގެ ދުލާއި ހަމަޔަށް އެލަފުޒެއް ނައެވެ. މިޝެލިން ޒިލާ ރުޅިއަރުވައިލަން ހިނިތުންވެލިއެވެ. އެކުދި ދަތްތައް ހާމަކޮށްލީ އޭނަގެ ހިނިތުންވުމާއި ޒިލާ އަޅައިގަނެގެން މަލާމާތްކުރާ ވަރުން، ފޫހިކުރުވުމަށެވެ.
"ތޭންކްސް ޒިލީ، ވަރަށް ހޫނުވެފައި ހުއްޓާ ފިނިކޮށްލަ ދިނީ، އެހެންނޫނަސް މިއީ ކުޑައިރުގެ މެމަރީސްތައް އާކުރުވާ ކަމެއް، އަންނަންވީނު ވާރެ އާއި ތެމިލަން.... " މިޝެލިން އެއް ބުމަ އަރުވާލި އެވެ. އެއީ ޒިލާ ކުރަން އުޅެ ނުވެފައިވާކަމަކަށް ވާތީ ވަކިންބޮޑަށް މިޝެލިން ދެކެ ފޫހިވިއެވެ. އެއްބުމަ އަރުވައިލުމުގެ ހުނަރު އޭނަގެ ނެތީ ކީއްވެބާވައެވެ.
އެވަގުތު ޒަހުރާން ކާރު ޕާކްކޮށްލާފައި ކާރުން ފޭބިގޮތަށް ގޭޓާއި ފެންޑާ އާއި ދެމެދު އޮތް ތަންކޮޅު ހުރަސްކޮށްލީ ދުވެލާފައެވެ. މިއަދު ޒަހުރާން ހުރީ އަތްދިގު މުށިކުލައިގެ ގަމީހަކާއި، ނޫ ޖިންސެއް ލައިގެންނެވެ. ކަޅުއިސްތަށިގަނޑުގައި ފެންތިކިތައް ހަރުލާފައި ހުރުމުން ވަކިން ހިތްގައިމެވެ. އޭނަ ފެންޑާ އާއި އަރާހަމަވުމުން ފެންޑާ އެއްވަސް ކޮށްލީ މީރުވަސްދުވާ ސެންޓެއްގެ ލުއި ވަހުންނެވެ. އެއީވެސް އޭނަ އާއި ދިމާލަށް އަންހެންކުދިން ދަމައިގަންނާނެ ސިފައެކެވެ. ޒަހުރާން، މިޝެލިންއަށް އެ ރީތި ހިނިތުންވުން ހަދިޔާކޮށްލާފައި އެތެރެއަށް ވަދެ އޮބާލުމުން ޒިލާ ވަކިން ރުޅިގަދަވިއެވެ. ދަތްތައް ކާރުވައިގަނެވުނުލެއް ބާރުކަމުން އަނގަޔަށް ތަދުވިއެވެ.
"ޔޫ ލިޓްލް ވިޗް، ލަދެއް ނުގަނޭތަ ޒަހުރާންގެ ފަހަތުން ނުނެއްޓިގެން އުޅެން؟ އަދި މިގެ ފެންނަ ހިސާބަށް ވެސް އަންނާކަށް ނުކެރޭނެ، ބަލާތި އަދި މަންމަ އައިމަ މިޝެލިންއަށް ހަދާލާނެ ގޮތް، ހުރިހާ ވާހަކައެއް ކުޓުވާނަން....." ޒިލާގެ ދޮންމޫނަށް ވެސް ހުރީ ރަތްކުލަ އަރާފައެވެ. ރަތްކުލައިގެ ބާރު ޓީޝާޓަކާއި، ކަކުލާއި ހަމަޔަށް އޮތް ސްކިނީއެއްލައިގެން ހުރިއިރު އެ ދޮންފައި އިޝްތިހާރެއްހާ ރީތިވެފައި، އެހާ އޮމާނެވެ.
"ދޮންމަންމަ އަކަށް ވާންވީތަ؟ އެކަމަކު ކުރީގެ އަންހެނުންގެ ހިޔަންޏާއި ހެދި ސަލާމަތް ނުވެގެން އުޅެން ޖެހޭނެކަން ޔަގީން، އެހެންނޫންނަމަ ރެއިންގެ ވައިފް އަކަށް ވާން ބޭނުން ނުވާނީ ކާކުތަ؟ ލައިކް އައި ސެޑް ރެއިން ރީތިކަމުން ހަމަ ބަލަހައްޓައިގެން ހުރެވިދާނެ..." މިޝެލިން ހީލިއެވެ. އޭނަގެ މަންމަ ބުނާ ގޮތުން ދޮންމަންމަ އަކަށް ވުމަށްވުރެ މޮޔަކަމެއް މީހަކަށް ކުރެވޭނެކަމެއް ނޭގެއެވެ. އެފަދަ ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިގެންދާކަށް މިޝެލިން ނޭދެއެވެ. އެހެންނޫނަސް ޒަހުރާން އަކީ އޭނަގެ ބޭބެ އެކެވެ. އިޝްގީ ނަޒަރަކުން ދެކެން ނުވެސް ޖެހޭނެއެވެ.
"އެވަރުންވެސް ހަމަ ބޭނުން ދޯ...." ޒިލާ ހުރީ ހަށަން ބަދެލައިގެންނެވެ.
"އަހަރެން ޒިލާ ގާތުގައި މަގޭ ޕާސަނަލް ވާހަކަދައްކާކަށް ނުޖެހޭނެ، ލޯބިވާ މީހަކުވެސް ބުނާކަށް ނުޖެހޭނެ، ސޮރީ...." މިޝެލިން ޒިލާގެ ގައިގައި ނުޖެހޭ ހިސާބުން ގެއަށް ވަންނާން ހިނގައިގަތެވެ.
"ތިކަމެއް ނޭގޭ، ދަތްތައް އިޝްތިހާރު ކޮށްލައިގެން ހުރެ ޒަހުރާން އާއި ހެދި މޮޔަވެގެން އުޅޭއިރު އެކަން ނުދެނެހުރި މީހެއް މިގޭތެރެއަކު ނެތް، އެވަރުންވެސް ލަދެއް ނުގަނޭތަ؟ ތިއީ ކާކުތަ؟ މަންމައަކީ ރާއްޖެތެރޭގެ މަސްވެރިއެއްގެ ދަރިއެއް، ބައްޕަ މޮޅުމީހެއްކަން އެނގުނީމަ ނިކަން ފޮނިވެފައި ތިހިރީ........" ޒިލާ މިޝެލިންގެ ފަހަތުން ދިޔައެވެ. މިޝެލިން އަޑުނީވޭކަމަށް ހަދާފައި ގޮސް ކޮރިޑޯގެ އެންމެ އެކޮޅުން ހުރި ފެންޑާއަށް ނިކުންނަން ދިޔައެވެ. އެވަގުތު ޒަހުރާންވެސް ކޮޓަރިއަކުން ނިކުމެގެން އައިލެއް ބާރުކަމުން މިޝެލިންގެ ގައިގައި އަޅައިގަތެވެ. ޒަހުރާން ހިފަހައްޓާނުލިނަމަ މިޝެލިން ވިއްސައިގެން ދިޔައީހެވެ. އެ މަންޒަރު ފެނުމުން ޒިލާގެ ތުންކޮޅު ވަކިން ދިގުވިއެވެ. އޭނަ ޔަގީން ކުރީ ދެމީހުން ގަޑި ކިޔާފައި ވާރޭ ތެރޭގައި މަޖާކުރަން ގޭގެ ފަހަތުގައި އޮންނަ ތަނަށް ދާން އުޅުނީ ކަމަށެވެ. ކިތަންމެ ރުޅިގަދަވިޔަސް ޒަހުރާން މިފަހުން އޭނަ އާއި އަނގައިން ނުބުނާތީ ޒިލާއަކަށް ޒަހުރާން އާއި ދިމާލަށް އެއްޗެހި ކިޔައިގަންނަން ނުކެރުނެވެ. ހީވީ ދުލުގައި ތަޅެއްލެވުނު ހެންނެވެ. އެއްޗެކޭ ބުނަން ތުންފަތް ހަރަކާތް ކޮށްލި ނަމަވެސް އަޑު ބޭރެއްނުވިއެވެ. އެދޭތެރޭގައި ލެވުނީ އެކަނި ބީރައްޓެހިކަމުގެ ފަރުދާއެއްނޫނެވެ. ލަދުވެތިކަންވެސް އެދެމެދަށް ހުރަސްއަޅައިފި އެވެ. ޒަހުރާން މިޝެލިން ގާތުން މާފަށް އެދިފައި ފޯނު ކަންފަތުގައި ޖަހައިގެން ހުރެ ސިޑިއާއި ދިމާލަށް ދިޔުމުން ޒިލާއަށް އިރުކޮޅެއްވާންދެން ބަލަހައްޓައިގެން ހުރެވުނެވެ.
"ޔޫ ރުއިންޑް މައި ލައިފް....." ޒިލާ މިޝެލިން އާއި ދިމާލަށް ކަޅިއަޅައިގަތެވެ. މިޝެލިން ވެސް ޒަހުރާން ގާތުން ކޮޕީކުރީ ކަންނޭގެއެވެ. ނޫނީ ޒުވާބު ކުރުމާއި، އަރައިރުމަށް އޭނަގެ ޝައުގެއް ނެތީއެވެ. ނޫނީ މަސްލަހަތަށް ބަލާލައިފައި ހިމޭނުން ހުރުން ރަނގަޅު ގޮތެއްކަމަށް ދެކުނީއެވެ. މިޝެލިން އަކީ އެހާ ޅަ އުމުރުގައިވެސް ވިސްނުން ތޫނު ކުއްޖެކެވެ. އޭނައަށް ދިރިއުޅުމުގެ ތަޖުރިބާ މަދުނަމަވެސް ހިމޭންކަމަކީ ރަން ކަމަށް ބުނާބަހުގައި މިޝެލިން ހިފަހައްޓަން މަސައްކަތްކުރާ ފަހަރު މަދެއްނޫނެވެ. މިފަހަރުވެސް އޭނަ ހިމޭންކަމުގެ ތަތްގަނޑު ޖަހައިގެން ބޭކާރު ކަމަކާއި ހަގުރާމަނުކޮށް އެތަނުން ދިޔައީ ޒިލާ ގެ ލޭ އިތުރަށް ކައްކުވާލާފައެވެ. ޒިލާ ދެކޭގޮތުގައި މިޝެލިން މިގެއަށް އައިފަހުން އޭނަގެ "ޚާއްސަ"ކަން ނިގުޅައި ގަނެވިއްޖެއެވެ. އޭނައަކީ މިހާރު އެންމެންގެ ލޯތްބާއި، ސަމާލުކަން ލިބޭ ކުއްޖާއަކަށް ނުވެއެވެ. އެންމެންގެ ދުލު ކުރީގައިވަނީ މިލީނާ ނޫނީ މިޝެލިން އެވެ. މާމަވެސް ހުންނަނީ އެދެކުދިންނަށް ލޯބިން ގޮސް މޮޔަވާވަރުވެފައެވެ.
ޒިލާގެ ރީތި ދެލޮލުގައި ކަރުނަތިކިތައް ވިދަންފެށިއެވެ. އެކަމަކު އޭނަ އެހެންމީހަކަށް އެ މަންޒަރު ފެނުމުގެ ކުރިން ދެލޯ ބާރަކަށް ފޮހެލާފައި ގެއަށް ދާން ހިނގައިގަތެވެ.
މަލަކާ މާލެ އައުމަށްފަހު މާޒިން ފެނުމުން އުފަލުން ގޮސް މޮޔަވާވަރުވިއެވެ. ޒަހުރާން އާއި ޒިލާގެ ކައިވެނި ރޫޅިފައިވާކަން އެނގުމުން މަލަކާ އެކަން މާބޮޑުކަމަކަށް ނެހެދިއެވެ. މަޖުބޫރުން ކުރުވި ކައިވެންޏެއްގެ ނިމުން މިގޮތަށް އަތުވެދާނެކަމުގެ ޝައްކުތައް މަލަކާގެ ހިތުގައި ހިނގާތާ ކޮން ދުވަހެއް ހެއްޔެވެ؟ މިހާރު އެހެރީ ޒިލާއަށް ދަރިއަކު ލިބިފައެވެ. ދެން ޒިލާ ބޭނުންވާގޮތަށް ހިތް އެދޭމީހަކާއި ކައިވެނި ކުރުވީމަ އެނިމުނީ އެވެ. ބައެއްފަހަރު ދަރިންނަށް ޓަކައި ޚާންދާނުގެ އުސޫލުތައް ގުރުބާން ކުރަންޖެހިދާނެއެވެ. މަލަކާ، އޭނަގެ މަންމަ ޒަހާރާ އާއި ފަހަރި އެލީސާ ގެ ގާތުގައި ވާހަކަދައްކަން ކޮޓަރީގައި އިންއިރު ކުރިމަތީގައި ހުރި ވަށް ބިއްލޫރި މޭޒުމަތީގައި އާވި އަރައަރާހުރި ގްރީން ޓީ ތަށިތަކެއް ހުއްޓެވެ. އެކޮޓަރީގެ ކުޑަދޮރުތަކުގެ ފަރުދާތައް ކަހާލާފައި ހުރުމުން ބަގީޗާގެ މަންޒަރުތައް ރީތިކޮށް ފެނެއެވެ.
"މަންމާ، ދެން އެވީ ރަނގަޅަށް ކަންނޭގޭ، ޒަހުރާން އާއި ޒިލާގެ ކައިވެނީގެ ގުޅުން ކުރިއަށް ދާނެ އެއްވެސް ގޮތެއް ނެތް، ޒިލާ ރޮއިފައި ކިޔާދިން ވާހަކަތައް އަޑުއިވުނީމަ ވަރަށް އަސަރުކުރި، ޒަހުރާން އޭނަ އާއި އެއްވެސް ގުޅުމެއް ނުބާއްވާ، ނިދަނީ ވަކިން، ކައިވެނި ކޮށްގެން އުޅުނު އިރު ދެ ދުވަހަކު އެކީގައި އުޅުނު ކަމަށް ވަނީ، އެވެސް ޒިލާއަށް ލަނޑެއް ދޭންވެގެންކަމަށް ޒިލާ ބުނި، ދެން އެވަރު ތަންކޮޅެއް ބޮޑު، ޒަހުރާން ބަލާލައިފައި ހީވަނީ ރަނގަޅުކުއްޖެއްހެން، އެކަމަކު އެހާ ސިއްރު ގޮތެއް ހުރޭ، މީހުންގެ ތެރޭގައި ޒިލާއަށް ހެޔޮކޮށް ހަދާފައި އެންމެންގެ ލޮލުގައި އަނދުން އަޅުވާލުމުގައި ޒަހުރާން ކާމިޔާބުކޮށްފި، ޒިލާ ބުނީ މިހުރިހާ ދުވަހުވެސް ކެތްކުރެވޭތޯ ބެލީމޭ އެކަމަކު މިޝެލިން އައިފަހުން ޒަހުރާން އޭނަ އާއި އެކީގައި އުޅޭތީ ޓޮލެރޭޓް ނުކުރެވުނީއޭ، ދެން މަންމަމެން އެކަންތައް ހަމަޖައްސަން ވީނު، އަޅުގަނޑުގެ އެއްވެސް މައްސަލައެއްނެތް، އެއީ މާޒިންގެ ދަރިފުޅު، ޒިލާއެކޭ މިޝެލިންއެކޭ އެއްވެސް ތަފާތެއްނެތް...." މަލަކާ ސައިތަށިން އެތިފޮދެއް ބޮމުން ބޭރަށް ބަލަންފެށިއެވެ.
"ޒަހުރާން ގަބޫލުވާނެތަ؟ އެހެންނޫނަސް ސޯފިޔާ އެއްގޮތަކަށްވެސް ހުއްދައެއް ނުދޭނެ...." ޒަހާރާ ގެ ނިތްކުރީގައި ރޫތައް ގިނަވިއެވެ.
"ރެއިން ނޫނެކޭ ނުބުނާނެކަން ޔަގީން....." އެލީސާ ޔަގީންކަން އޮތެވެ. އެހެންނޫނަސް އެއަށްވުރެ ދުނިޔެއިން އޭނަ ބޭނުންވާކަމެއް މިހާރަކު ނެތެވެ. ސޯފިޔާ ކިތަންމެ ޒީލަގަދަވިޔަސް ސޯފިޔާގެ ދެ އަންހެންކުދިންނަކީ ކޮންމެ މަންމައެއްގެ ހުވަފެނެވެ.
"އެންމެފަހުން ސޯފިޔާ މަންމަވެސް ދަށުލީތަ؟ މަންމަގެ ދަރިންނަށް އޭނައަށް ބާރު ފޯރުވިގެން ނުވާނެ، މަންމައަށް ވެވޭނެކަން އަންގަން ޒަހުރާން އާއި މިޝެލިންގެ ކައިވެނި ކުރުވަން ފެނޭ....." މަލަކާގެ މޫނުމަތި ބަނަވިއެވެ. ސޯފިޔާ އެމީހުންގެ މާޒިން ޖަހައިގަތްގޮތަށް އެއުޅެނީ މާމަދަރިންނަށް ނުފޫޒު ފޯރުވައިގެން އެއާއިލާއިން ބޭރަށް ގެންދަން ނިންމައިގެންނެވެ. އޭނަ ސޯފިޔާއަށް ކާމިޔާބުވިޔަކަ ނުދޭނެއެވެ.
ރޭގަނޑަށްވެސް ވާރޭ ހުއްޓާލާކަށް ނޫޅުނެވެ. ހީވަނީ ތޫފާނެއްގެ ސިފަ ޚިޔާރުކޮށްފި ހެންނެވެ. ފުރާޅުގައި ވައި އަޅުވާލާއިރު ހީވަނީ ފުރާޅު ނަގައި އެއްލާލަފާނެ ހެންނެވެ. ގެމައްޗަށް ލެނބިފައި އޮންނަ ގޮފިއެލޭގަހުގެ ގޮފިތައް ފުރާޅުމަތީގައި ތެޅިގަންނައަޑު ބައެއްފަހަރު ފަޒާގައި ގުގުމައިގެން ދަނީ ބިރުވެރި ގޮތަކަށެވެ. މިހާ ވިއްސާރަ އިރުގައި މިލީނާ އަދި އިނީ ގޯލްޑެން ފްލޭމްގައެވެ. އޭނަ ހަވީރު މިގެއަށް އައީ މަލަކާގެ ދައުވަތަކަށެވެ. މިހުރާން ދެދުވަހަށް ރިޒޯޓަކަށް ގޮސްފައިވާކަން އެނގުމުން މިލީނާގެ ހިތަށް ކުޑަ ހަމަޖެހުމެއް ލިބުނެވެ. އެކަމަކު ދޭތެރެ އަކުން އޭނަގެ ވީޑިއޯ ހިތަށް އަރާލާއިރަށް އެ ދޮން މޫނުގެ އުފާވެރިކަން ފިލައިގެން ދެއެވެ. މިލީނާ މަޣުރިބު ނަމާދަށްފަހު ބޮޑުކޮޓަރިއަށް ނިކުމެ އުށްބައްތިތަކެއް ރޯކޮށްލުމާއިއެކު ކޮޓަރިތެރޭގައި ހިޔަނިތައް ނަށަން ފެށިއެވެ. މިލީނާ އިރުކޮޅެއްވާންދެން ހިޔަނިތަކާއި ކުޅެން އިނެވެ. އެއަށްފަހު ބޭރަށް ނިކުމެ ރަތް ފިނިފެންމާތަކެއް ބިނދެލައިގެން އައިގޮތަށް ވަށްމޭޒުމަތީގައި ހުރި ހުދުވާސްގައި އަތުރާލިއެވެ. އެމާތަކުގެ ފިޔަތަކުގައި ވާރޭގެ ތިކިތައް ވިދާއިރު ބަލަބަލާ ފޫހިނުވެއެވެ.
"ހޭއި ބޭބީ ގާލް....." ކުއްލިއަކަށް އެދިމާލަށް އެޅުނު ބޮޑު ހިޔަނިއަކާއި އެކުގައި މިހުރާން އެ ކްރިސްޓަލްވާސްގައި ހުރި ރަތްފިނިފެންމާތައް ޖަހައިގަތެވެ. މިލީނާގެ ހިތް ހީވީ ފުންމާލިހެންނެވެ. މަޑުމަޑުން ހަޅޭއްލަވައި ގަނެވުނު ނަމަވެސް އެ އަޑު ވާރޭގެ ތެރެއަށް އޮބިގެން ހިނގައްޖެއެވެ. އެރަތް އުށްބައްތިތަކުގެ އަލި މިހުރާންގެ ޓޭން މޫނަށް އެޅިފައިވާއިރު ކޮންމެ މީހަކުވެސް ހަސަދަވެރިވެ އަނދައިގަންނާނެކަން ޔަގީނެވެ.
"މިލީއަށްވެސް ހަދާނީ މިހެން......" މިހުރާން އެބޮޑު އަތްތިލައިގެ ތެރޭގައި އެ މާކޮޅުތައް ޗިސްކޮށްލާފައި މޭޒުމައްޗަށް އުކާލައިފިއެވެ. މިލީނާގެ ބޮޑު ދެލޯ ބޭގަރާރު ކަމާއި އެކު ވަށައިގެން ހޯދައިލީ ކޮންމެވެސް މީހަކު އައުމަށް ހިތާހިތުން ދުޢާކުރަމުންނެވެ.
"ބިރުގަތީމަ ވަކިން ރީތި، އަހަރެމެންގެ މެރިޖް ނައިޓްގައިވެސް މިގޮތަށް ވާރޭވެހޭނެނަމަ ވަރަށް ސަޅިވާނެ، އަދި ބައިވަރު އުށްބައްތީގެ އަލީގައި ތިކުއްޖާ ފެންނާނެ ގޮތް އިމޭޖިންކޮށްލެވިއްޖެ......" މިހުރާން އަދިވެސް ބޮޑަށް މިލީނާ އާއި ކައިރިއަށް ޖެހިލުމުން މިލީނާ ބިރުން އެބޮޑު ދެލޯ އަދިވެސް ބޮޑުކޮށްލައިފި އެވެ.
"ފައިވް ޑޭސް ބާކީ، ނޫނެކޭ ބުނެފިއްޔާ....." މިހުރާން އެއް ލޯ މަރާލާފައި ލަވައެއްގެ ތަންކޮޅެއް ކިޔާލައިފައި މިލީނާއަށް ވީޑިއޯ ހަނދާން ކޮށްލަދިނެވެ. މިލީނާގެ މޫނަށް ރަތްކުލައިގެ އެތައް ކުލަތަކެއް ވެރިވިއެވެ. ލަދުންގޮސް އުށްކޮޅެއްފަދައިން ވިރިގެންގޮސްދާނެހެން ހީވި ވަގުތުކޮޅަކަށްފަހު ކުއްލިއަކަށް މިލީނާ ދުއްވައިގެންފިއެވެ. މިހުރާންއަށް މިލީނާ ކިތަންމެ ރީއްޗަށް ހިފެހެއްޓެން އޮތަސް އަޅާނުލައި ދޫކޮށްލީ ވަގުތާއި، ޙާލަތަށް ބަލާފައެވެ. އެހެންނޫނަސް އެބުދެއްފަދަ ކުއްޖާ އެވަރަށް ބިރުގަންނަވާލަން ވެދާނެ ހެއްޔެވެ؟ މިހާރުވެސް ވާރަށްވުރެ އިތުރުވެއްޖެއެވެ. އެވަގުތު ފޯނު ރިންގުވާން ފެށުމުން މިހުރާން ފޯނު ނެގިއެވެ.
ޒަހުރާންގެ ގާތުގައި އޭނަގެ މަންމަ ދެއްކި ވާހަކަތައް އިވުމުން ޒަހުރާން ހުރީ ހައިރާންވެފައެވެ. މަޖާވެސްވިއެވެ. މަންމަމެން ކޮންމެފަދަ މޮޔަ ޚިޔާލެއްވެސް ކޮށްފާނެއެވެ. އޭނަ މިޝެލިން ފަދަ ކުޑަކުއްޖަކާއި ކައިވެނި ކުރަންވީ ސަބަބެއް އޭނަގެ ވިސްނުމަކަށް ނައެވެ. ލޯބިވި އަންހެންކުއްޖާ އޭނަ އާއި ދޭތެރޭގައި ކަންތައް ކުރީ ކިހިނެއް ހެއްޔެވެ؟ އެ ހިތި ތަޖުރިބާއަށްފަހު އޭނަ މިވަނީ އަންހެންކުދިން ދެކެ ފޫހިވެފައެވެ. އެހެން ބައިވެރިޔަކު ހޯދަން އޭނަ ޚިޔާލުކޮށްފައެއް ނެތެވެ. އުމުރުން މިހާތަނަށް އައިއިރުވެސް އަމިއްލަ ދިރިއުޅުމާއި މެދު އޭނައަށް ގޮތްކިޔޭކަށް ނެތެވެ. ނަމަވެސް އަނެއްކާ މިއޮތީ މަންމަގެ އާދޭސް އަޑުއަހަން މަޖުބޫރުވެފައެވެ. ޒަހުރާން ދެކޮޅު ހަދަން އުޅުނީމަ މަންމަގެ ލޮލުގައި ކަރުނަ ގިނަވެގަތެވެ.
"މަންމަމެން މިޝެލިން އާއި ބޫ ހަމަޖައްސަންވީނު، އެއީ މިގޭ އެންމެ ކުޑަކުއްޖާ، އެދެކުދިން އޭޖްގެ ގޮތުންވެސް ގުޅޭނެ...." ޒަހުރާން ޚިޔާލެއްދިނެވެ.
"ބޫ ގެ ޚިޔާލު ހުންނަލެއް ރެއިންއަށް ރަނގަޅަށް އެނގޭނެ، އެކުއްޖާ ކިޔައިފި އެއްޗެއް ދުލެއްނުކުރާނެ، ހުވާކޮށްފައި ކާފަ ގާތުގައި ބުނީ ފެމިލީ ކުއްޖަކާއި ނީންނާނަމޭ، ބޫ އުޅޭ ގޮތަކުން ކާކު ހީކުރާނީ އެއީ މިލިއަނަރެއްގެ ދަރިއެކޭ، އެންމެއާދައިގެ ހޮޓަލެއްގައި އުޅެފާނެ، ބަހުގައި ދަތުރުކުރާނެ، ޕެއިންޓުކޮށްދީގެން ލާރި ހޯދަފާނެ، ފަސް ޑޮލަރުގެ ޓީޝާޓަކާއި، ވީދިފައި އޮތް ޖިންސްގަޑެއް ލައިގެން އުޅެފާނެ، ފްރީ ސްޕިރިޓެޑް ބޯއި އެކޭ އެކިޔަނީވެސް އެހެންވީމަ، އެހެންވީމަ ދެން ބޫ ނުކުރާނެ ތިކަމެއް ދަރިފުޅާ، އެހެންނޫނަސް މިހާރު މަންމަ ބޭނުންވަނީ ރެއިން ހަމަޖެހިލައިގެން ރަނގަޅު ދިރިއުޅުމެއް އުޅޭތަން ދެކެން، ޒިލާ އާއި ދެކުދިންނަކަށް އެކީގައި ނޫޅެވުނު، މަލަކާ އާންޓީވެސް ހުރީ މިޝެލިން އާއި ދަރިފުޅު ކައިވެނި ކުރުވަން ބާރު އަޅާ ގޮތަށް، އާއިލީ ލޯތްބާއި ކުލުނު ހުރިކަމުގެ މިސާލެއްނު...." އެލީސާ އެގޮތް މިގޮތަށް ވާހަކަ ދައްކައިގެން ޒަހުރާންގެ އަނގަ ބަންދުކުރިއެވެ.
ޒަހުރާން ހިމޭންވިއެވެ. އޭނައަކީ އާއިލާގެ އަނެއް ދެކުދިންނާއި ތަފާތުކޮށް މަޑުމައިތިރި މިޒާޖެއްގެ، ބަސްއަހާ ފިރިހެންކުއްޖެކެވެ. ކޮންމެ މަންމައަކުވެސް އެންމެ ބޭނުންވާނެ ފަދަ ފަޚުރުވެރި ދަރިއެކެވެ. ޒަހުރާންގެ ހަޔާތުގައިވަނީ ކިތަންމެ ގިނައިންވެސް އަނދިރި ސަފުހާތަކެއް ލިޔެވިފައެވެ. ދެން މިޖެހުނީ އަނެއްކާވެސް މައިންބަފައިންނަށް ޓަކައި އެފަދަ ކަމަކާއި ކުރިމަތިލުމަށެވެ. އޭނަގެ ހިތް އެހެން އަންހެންކުއްޖަކަށް ނުދެވޭނެކަމުގެ ޔަގީންކަން އެބައޮތެވެ. އޭނަގެ ފަރާތުން މިޝެލިންއަށް ދުވަހަކު ހިތްހަމަޖެހުމެއް ނުލިބޭނެއެވެ. ލޯބީގެ ނަޒަރަކުން އެކުޑަކުއްޖާ އާއި މެދު ދުވަހަކު ނުބެލޭނެކަމީ ޔަގީންކަމެކެވެ. އެވަރަށް އަމިއްލަ ނަފުސަށް އިތުބާރު އޮތަސް އެކަން ސިއްރުކުރަން މަޖުބޫރެވެ. މިޝެލިން ދެކޮޅު ހަދާނެނަމައެވެ. ނޫނީ ސޯފިޔާ މައްސަލަގަނޑަކަށް ހަދާނެނަމައެވެ. ޒަހުރާން ގެ ފިނޑިކަމާއި މެދު އަމިއްލަ ނަފުސަށް މަލާމާތްކުރިއެވެ.
ސޯފިޔާ ކުކުޅުރިހަ ކައްކަންވެގެން ފިޔާ މީރުކުރަން ފެށުމުން ދުވަންފެށި މީރުވަހުން ބޮޑުކޮޓަރި އެއްވަސްވެލައިފިއެވެ. މިއަދު ސޯފިޔާ ކުކުޅު ރިހަ އާއި، ފަރާޓާ ހެދީ މާޒިންއަށް މީރު އެއްޗެއް ތައްޔާރު ކުރުމުގެ ބޭނުމުގައެވެ. އޭރު މިލީނާ އާއި މިޝެލިން ކޮޓަރިތެރޭގައި ތިބެ ކޮންމެވެސް ވާހަކައެއް ދައްކާފައި މިޝެލިން ހޭއަޑުއިވެއެވެ. ސޯފިޔާ މިދެތިން ދުވަހުވެސް މިލީނާ އާއި ވާހަކައެއް ނުދައްކާތީ، މިލީނާ އިންނަނީ ކޮޓަރިން ބޭރަށް ނިކުންނަން ނުކެރިފައެވެ. އަމިއްލަ ދަރިއަކާއި އެގޮތަށް އަނގައިން ނުބުނެ ހުރުމުން ހިތަށް ހާދަ އަސަރުކުރެއެވެ. އެކަމަކު ސޯފިޔާ ބޭނުމީ މިލީނާއަށް އަދަބެއް ދިނުމަށެވެ. މިވަރުގެ އަދަބަކުން މިލީނާއަށް އެއްޗެއް ވިސްނެންވާނެއެވެ. މަންމަގެ ރުހުން ނުލިބި ކުރެވޭ ކައިވެންޏެއްގައި ހުންނާނީ ކޮން ބަރަކާތެއް ހެއްޔެވެ؟ އާޚިރު ނަތީޖާ ނިކަން ހިތިވާނެއެވެ. ކުއްލިއަކަށް މީހަކު ދޮރުގައި ޓަކިދޭން ފެށުމުން ސޯފިޔާ ދޮރު ހުޅުވައިލުމާއިއެކު ސިއްސައިގެން ދިޔަވަރުން ފަހަތަށް ދެތިން ފިޔަވަޅު އެޅުނެވެ.