އިއްބާނު މިޝެލިންގެ އަތް ދާދި ފަސޭހައިން މޫނުން ނައްޓުވާލައިފި އެވެ. މިޝެލިން ދެލޯ މަރާލައިގެން އިންއިރު އެސްފިޔަތައް ފޫދުއްވާފައި ތިރިއަށް ދެމެމުން ދިޔަ ކަރުނަތަކުން ކޯތާފަތްވަނީ ތެމިފައެވެ.
"ބެން ކީއްވެ ތިގޮތަށް ވަކިވުމުގެ ވާހަކަ ދައްކަނީ؟ ކީއްވެ އަހަރެން އޭނަ އާއި މެރީ ކުރަންވީ؟ ބެންއަށް ކަމެއް ވެއްޖެއްޔާ ދުވަހަކު އަހަރެން މީހަކާއި ނީންނާނަން، އަހަރެންގެ ދިރިއުޅުން އެހިސާބުން ނިމުނީ..... ބެން ތިގޮތަށް ވާހަކަ ދައްކަންޏާ........" މިޝެލިން ކަރުނަތައް ފޮހެލާފައި އިއްބާނުގެ އަތް ދުރުކޮށްލިއެވެ. އެ ރީތި ދެލޮލުން އިއްބާނުއަށް އެތައް ޝަކުވާއެއް ފެނުނެވެ.
"ލުކް ބޭބީ، އަހަރެންގެ ފްރެންޑް މައިކްވެސް ކުރިން ޑްރަގް ނަގާފައި ހުއްޓާލިތަނުން މަރުވީ، ހިތަށް އަރަނީ އެކަމުގައި އެމީހުންގެ އަތެއްވެދާނެއޭ، އެހެންނޫނަސް މަރަކީ ނޭގޭ އެއްޗެއް... އެފަދަ ދުވަހެއް އަތުވެއްޖެއްޔާ ޝެލް އުފަލުގައި ދިރިއުޅުމުގެ ބާކީ ބައި ހޭދަކުރަން އަހަރެން ބޭނުމެއް ނުވާނެތަ؟ އެހެން އުޅެވޭނީ ޝެލްދެކެ ލޯބިވާ މީހަކާއި އެކުގައި، އެކަށީގެންވާ މީހަކާއި އެކުގައި، އެހެންވެ އެ ވާހަކަ ބުނެވުނީ، އެނީވޭސް ބޭބީ ސީރިޔަސް ނުވެބަލަ، އަދި އެހެން ބުންޏަސް އަހަރެން ދުނިޔޭގައި ހުރެދާނެ ސަތޭކަ އަހަރަށް....." އިއްބާނު މިޝެލިން ތެދުވެގެން ދާން އުޅުމުން އަތުގައި ހިފާ ދަމައިގަތް ގޮތަށް ކައިރިކޮށްލީ ދޫކޮށްލަން ބޭނުން ނުވާފަދަ ގޮތަކަށެވެ.
"އެކަމަކު އަހަރެން އެހާ ރުޅި އަންނަ މީހަކު މި ދުނިޔެއަކުނެތް...." މިޝެލިން ތުންފަތުގައި ދަތްއަޅައިލި އެވެ.
"ރުޅިއަކީ ލޯބީގެ ފެށުން..." އިއްބާނު ކުރީ ސަމާސާ އެކެވެ.
"ބެން، އައިމް ނޮޓް ޓޯކިން ޓު ޔޫ..." މިޝެލިން ތުންކޮޅު އޫކޮށްލިއެވެ. އަދި އިއްބާނުގެ މޭގައި އަތްއަޅާ ކޮށްޕާލާފައި ގޮސް ބެލްކަނީގެ ދޮރުހުޅުވާލާފައި ހާމަ ވަޔަށް ނުކުތެވެ. އެދިމާލުން ހެދިފައިވާ ގަސްތަކުގައި ފޮޅިފައިވާ މާމެލާމެލީގެ މީރުވަސް ފަޒާ ހުވަދުކޮށްލާފައިވެއެވެ. މިއަދު ވެހުނު ވާރެއިން މާތައް ތެންމާލާފައި ވާތީ ވަކިން ހިތްގައިމެވެ.
"ރުޅިއައި ގޮތަށް ރުޅި ފިލުވައިލަންވެސް އެނގޭ......" އިއްބާނު މިޝެލިންގެ ފަހަތުން ގޮސް ބައްދާލާފައި ކޯތާފަތުގައި ބޮސްދެމުން މާފަށް އެދުނެވެ. ފުރާނާފަދަ ލޯބިވާ ފަރާތަކާއި ރުޅިވެގެން މިނިޓަކަށް ވެސް ހުރުމަކީ އެކަށީގެންވާ ކަމެއް ހެއްޔެވެ؟ އެފަދަ އެންމެ އަދާއަކުން މިޝެލިންއަށް ހެވިއްޖެއެވެ. ކަރުނައިގެ ތެރެއިން ދެލޯވެސް ހިނިތުންވެލިފަދައެވެ. ރޮއި ރޮއި ހުރެފައި އެގޮތަށް ހުނުމުން މިޝެލިން ފެންނަލެއް ވަކިން ރީއްޗެވެ. އިއްބާނުގެ ހިތް ފިދާވާވަރުވެއެވެ.
މިޝެލިން އިއްބާނު އާއި ދިމާލަށް އެނބުރިލަމުން އެފަން އިސްތަށިގަނޑާއި ކުޅުނީ ލޯބިންނެވެ. މިޝެލިން ހިނިތުންވުމަކާއި އެކު އެދުނީ އިއްބާނު ބުނި ވާހަކަތައް އަނބުރާ ގެންދިއުމަށެވެ. އިއްބާނު ބުނީ އެއީ އޭނަގެ ހިތުގެ އަޑިން ބުނި އެއްޗެއް ކަމުގައެވެ. ކޮންމެ ޒަމާނެއްގައި އޭނައަށް ކަމެއް ދިމާވިޔަސް މިޝެލިންގެ ހިމާޔަތުގައި ހުންނަން އޭނަ އެންމެ އެދޭ ފަރާތަކީ ރަފާއިލް ކަމަށް އިއްބާނު ޔަގީންކުރިއެވެ. އޭނަވެސް އެހާ އަވަހަށް ދުނިޔެ އާއި ވަކިވެގެން ދާކަށް ބޭނުމެއްނޫނެވެ. ޑްރަގް ކަންތަކުން ސަލާމަތްވެ ރީތި ދިރިއުޅުމެއް ފެށުމުގެ ފުރުސަތު އަދި ކިރިޔާ ލިބުނީއެވެ. ނަމަވެސް މަރަކީ ހިޔަނިފަދައިން ކައިރީގައިވާ އެއްޗެއް ކަމަށް މިފަހަކަށް އައިސް ގަބޫލު ކުރެވެނީ އެވެ. އޭނަގެ ދުއާއަކީ އަބަދަށްޓަކައި މިޝެލިން އާއި އެކުގައި ވުމެވެ. މުނިކާފަ ކުދިން ވާންދެން އެކީގައި އުޅުމެވެ.
މިޝެލިން އިއްބާނުގެ އުނގުގައި ބޯއަޅާލައިގެން އޮތްއިރު ހިތަށް ލިބިފައިވަނީ ބަޔާން ކުރަން ދަތި އުފަލެކެވެ. އެ ރީތި ދެލޮލަށް ބަލައިލެވުމުން ހީވީ ދުނިޔޭގެ ހުރިހާ އުފާތަކެއް އުނގަށް ބަނޑުންވިހެންނެވެ. އުމުރަށް ބަލަހައްޓައިގެން އިނދެވޭފަދަ ރީތި މޫނެކެވެ.
އިއްބާނު އާއި މިޝެލިން ފެރާރީއިން ފޭބިތަނާހެން ރަފާއިލް ގެއިން ނުކުމެގެން އަންނަތަން ފެނުނެވެ. ކުޑަކޮށް ތެތްކޮށް އިސްތަށިގަނޑު އޮތުމުން އޭނަ ފެންނަނީ ނިކަން ތާޒާކޮށެވެ. ދެތިން ދުވަހުގެ ތުބުޅި އަކާއި އެކު ރީތިކަން ފުރިހަމަވާކަހަލައެވެ. ޖިންސްގެ ޖީބަށް އަތްޖަހާލައިގެން ފިރިހެންވަންތަ ހިނގުމެއްގައި އައިއިރު ބެލްކަނީގައި ޔީވާ ދީވާނާއެއްހެން ބަލަން ހުރިތަން މިޝެލިންއަށް ފެނުނެވެ. ޔީވާ ވަގުތުން މޫނު ހަދާލާފައި ނިވާވެލިއެވެ.
އެރެއަށްފަހު ދިމާނުވެ ހުރެފައި އަލަށް ރަފާއިލް ފެނުމުން މިޝެލިންގެ މޫނުގައިވި އުފާވެރިކަން ގެއްލުނެވެ. ރަފާއިލް ފެނުނަސް އެހިތް އަނދަން ފަށަނީ ނޭގޭ ޖަޒުބާތަކުންނެވެ. ރަފާއިލް އެދޭތެރެއަށް ވަންނަން އުޅުމަކީ މިޝެލިންއަށް ގަބޫލުކުރެވޭވަރުގެ ކަމަކަށް ނުވަނީއެވެ. އެސިކުންތުކޮޅު މިޝެލިންގެ ހިތް ލަފާދިނީ ރަފާއިލް ހަސަދަވެރި ކޮށްލުމަށެވެ. ހިތުގައި ޖެއްސުމަށެވެ. އޭނަ އިއްބާނުގެ ތުންފަތުގައި ލުއިކޮށް ބޮސްދިނީ ރަފާއިލް ނުފެންނަކަމަށް ހަދާލާފަވެ.
ފިޔަވަޅުތަކުގެ އަޑު އިވުމުން ސިހުނުކަމަށް ހަދާފައި ދުރަށް ޖެހެން އުޅުނު ވަގުތު މިޝެލިންގެ އަތުން ފޯނު ދޫވެގެން މަޑު ވިނަގަނޑުމައްޗަށް ވެއްޓުނެވެ. މިޝެލިން މެންނާއި އަރާހަމަވި ރަފާއިލް ފޯނު ނަގައިދޭން ގުދުވު ވަގުތު މިޝެލިން އާއި ދެމީހުންގެ ބޯ ޖެހުނެވެ. "އޫޕްސް" މިޝެލިން ކިޔާލި އެވެ.
"ސޮރީ..... ތަދުވިތަ؟" ރަފާއިލްއަށް ބުނެލެވުނެވެ. މިޝެލިން ލަސްލަހުން ތެދުވެ ދެލޯބޮޑުކޮށްލާފައި ރަފާއިލްގެ މޫނަށް ބަލައިލީ ރަފާއިލްގެ ހުރި ޖެހިލުންކުޑަކަމުން ހައިރާންވެފައެވެ.
ރަފާއިލް އާއި މިޝެލިންގެ ހަތަރުކަޅި ހަމަވިއެވެ. ކޮންމެވެސް ސަބަބަކާއި ހުރެ ދުވާލު އަލީގައި ރަފާއިލް އާއި ދިމާވުމުން މިޝެލިން މިއަދު ލަދުގަނެއްޖެއެވެ. މިޝެލިންގެ މޫނަށް ކުޑަ ރަތްކަމެއްވެރިވީ އެރޭގެ ހަނދާންތައް އާވެފައެވެ. އެރޭ އޭނަގެ ހަށިގަނޑުން ބަޔެއް ރަފާއިލްއަށް ފެނިފައިވެދާނެކަން ހިތަށް އަރުވާފައިވެސް މިޝެލިން ރުޅިން ރޮވޭވަރުވެއެވެ. ރަފާއިލް ކުޑަ ހިނިތުންވުމަކާއި އެކުގައި މިޝެލިންގެ އަތަށް ފޯނު ލައްވައިދިން އިރު މިޝެލިން ހުރީ އިނގިއްޔެއްގައިވެސް ބީހިނުލަންވެގެން ވިސްނައިގެންނެވެ.
"ތަދުވިޔަސް ރަފާއިލް އަކާއި ނުބެހެވޭނެ، އެހެންނޫނަސް އެމީހެއްގެ އެއްޗެއްގައި އެމީހަކު އަތްލާންވާނީ... ބޭނުމެއްނޫން މީހެއްގެ އެހީ......." މިޝެލިން ކުޑަކޮށް ލޯ އަޅާލިއެވެ. މިޝެލިންގެ ވާހަކަ ހުރިގޮތުން ސިކުންތު ކޮޅަކަށް އިއްބާނު ރަކިވިހެން ހީވިއެވެ. މިޝެލިން އެވަގުތު އިއްބާނުގެ މޫނަށް ބަލައިލިނަމަ އެކަން އެގޭވަރަށް މޫނުގެ ކުލަ ބަދަލުވިއެވެ. މިޝެލިން ހުރީ ވިސްނުމެއްގައެވެ. ރަފާއިލް އިއްބާނު ދެކެ ހަސަދައިން ފުރިފައިވާއިރު އިއްބާނު ކިހާ ހިތްހެޔޮ ހެއްޔެވެ؟ އޭނަ ދުނިޔޭގައި ނެތިއްޔާ ރަފާއިލް އާއި ކައިވެނިކުރަން ޝަރުތުކުރާނީ އެފަދަ ނުރުހެވޭ އެއްވެސް ސިފައެއް އިއްބާނުގެ ނެތީމައެވެ. އިއްބާނު ބޮނިޓްމަތީގައި އިށީނުމުން އަދި ގަސްތުގައި އިއްބާނުގެ ގަޔަށް ލެނގިލައިގެން މިޝެލިން ހުއްޓުނެވެ.
"ރަފޭލް، މަންމަ ބުނި މީރާ އުޅެނީ ތިގޭގައޭ، މީރާ ތިގެއަށް ލައިގެން އުޅޭކަން ރެންއަށް އެނގިއްޖެއްޔާ ވާނެ ގޮތަކާއި މެދު ވިސްނައިލިންތަ؟" އިއްބާނު ކޮށްލި ސުވާލަކުން ރަފާއިލް ކުޑަކޮށް ހިނިއައެވެ. އެހެންނޫނަސް މިޝެލިން އިއްބާނުގެ އަތުގައި ހިފާލައިގެން އިނދެ އެކުރާ ސަމާސާތަކާއި ހެދި ރަފާއިލް ހުރީ އެ މަންޒަރު ބަލަން އުދަގޫވެ އެތަނުން އަވަހަށް ދާން ބޭނުންވެފައެވެ.
"މީރާއަކީ މަމްގެ ގެސްޓެއް، އަހަރެންނާއި މީރާގެ ތި ހީކުރާކަހަލަ ގުޅުމެއް ނެތް އިނގޭ ބޫ..... ދެން މާ ލާނެތް ވާންވެގެން ރެން ކައިރީ މަށޭ ކިޔައިގެން އެއްޗެކޭ ކިޔާނީއެއް ނޫން. އެހެން ނޫނީ......." ރަފާއިލް ދުރަށް ބަލައިލީ ކީއްވެކަން މިޝެލިންއަށް އެނގުނެވެ.
"ރިވެންޖް ނަގަން ކިޑްނެޕްކޮށްލާނީތަ؟ ޑޮކްޓަރެކޭ ކިޔައިގެން ވަގު ސެޓްފިކެޓެއް ގެންގުޅެފައި އޭގެ ނިވަލުގައި މިހިރީ ގޭންގްސްޓާރ އެކޭ ބުނާނީ ކާކުތަ؟ ގްރޭޓް އިނގޭ ރަފާއިލް........" މިޝެލިން މަލާމާތެއް ކުރުމުގައި ފަސްޖެހުމެއް ނެތެވެ. ރަފާއިލް ހީލާފައި އެއްޗެކޭ ބުނަން އުޅެނިކޮށް މަލަކާ ދޮރުމައްޗަށް ނުކުމެ މިޝެލިންއަށް ގޮވައިލުމުން މިޝެލިން އެތަނުން ދާން ހިނގައިގަތީ ކުޑަކޮށް ހިތްހަމަޖެހިފައި ހުރެއެވެ. ރަފާއިލް އެކުރި ކަންތަކަށްފަހު އޭނަ މިހިރީ ރަފާއިލްގެ ހިތުގައި ޖައްސަން ކުރެވެން ހުރި ކޮންމެ ކަމެއް ކުރަން ތައްޔާރަށެވެ. ފިލާވަޅެއް ލިބޭނީ އޭރުންނެވެ.
"މިސްޓަރ ޖެލަސް ނިކަން ދެރަވާނެ، އަހަރެންގެ ފަހަތުން މި ފިރިހެނާ އުޅެންވީ ސަބަބެއް ނޭގޭ، އެހެން އަންހެން ކުއްޖަކު ދެކެ ލޯބިވާނެނަމަ، އަވަހަށް ގާލްއެއް ހޯދާފައި ކައިވެނި ކުރުވީމަކަން ނޭގޭ އަހަރެން ސަލާމަތް ވާނީ، ނޫނީ ހަމަ އަވަލާފައި ހުންނާނީ، ތަންކޮޅެއް ސްމާޓްވެފައި ސީރިޔަސްވީމަ ހީވަނީ ހުރިހާ އަންހެންކުދިން ފައި ބުޑަށް ވެއްޓިގަންނާނެ ކަމަށްތަ؟ ނޮޓް މީ، ދުވަހަކު ރުހުމުގެ ލޮލަކުން ބަލައެއް ނުލާނަން... އަދި މި ފިރިހެނާއަށް ބެން އަހަރެން ގާތުގައި ބުނި އެއްޗެއް އެނގިއްޖެއްޔާ ހާދަ ފޮނިވާނެ، އިރާދަކުރެއްވިއްޔާ ދުވަހަކުވެސް ބެން ވަކިވެގެން ނުދާނެ، މަރުވެގެން ދާނީވެސް އެކީގައި....." މިޝެލިން ހިތާހިތުން ކުދި ކިޔެވެ.
ކާކޮޓަރީގައި އިއްބާނު އާއި މިޝެލިން އެކަނިވިއިރު އިއްބާނު އިނީ ހިތްހަމަނުޖެހިފައިކަން މިޝެލިން ދެނެގަތެވެ. މިޝެލިން ހިމޭނުން ހުރެ ޖޫސްތަށްޓެއް އިއްބާނު އާއި ކައިރިކޮށްލަދިނެވެ. ދެމީހުން ހިމޭނުން ތިބެ ކާން ފަށާފައި މިޝެލިން އިއްބާނުގެ އަތްތިލައިގައި ހިފެހެއްޓިއެވެ.
"ބެން ސީރިޔަސްވެފައި ތިއިނީ ރަފޭލް އާއި ދިމާލަށް އަހަރެން އެހެންބުނީމަތަ؟ އެއީ އެންޖެލްއެއްތަ؟ ބެން އެހާވަރުން އުޅެންޖެހޭ މީހެއް ނޫނޭ އެއީ..." މިޝެލިން އިނީ ކުޑަކޮށް ބުމަ ގޮށްޖަހާލައިގެންނެވެ.
"ޝެލް، ރަފޭލްއަކީ އެކަނި އަހަރެންގެ ފްރެންޑެއްނޫން، އަހަރެންގެ ބޭބެއަކަށްވީމަ ޝެލް ކޮންމެވެސް ވަރަކަށް ރެސްޕެކްޓްކުރަން ޖެހޭނެކަން ނޭގޭ، އެކަނި ދޮންބެމެންނަކަށް ނޫނެއްނު ޝެލް ބަލަން ޖެހޭނީ، ސީރިޔަސްލީ އަހަރެން ވަރަށް ލަދުގަތް......." އިއްބާނު ހީވެސް ނުލިއެވެ.
"ސޮރީ...." މިޝެލިން އިސްޖަހައިލީ ހިތުގައި ޖެހިފައިވާ ގޮތަކަށެވެ.
ރަފާއިލް ހެނދުނު ތެދުވާހިތްނުވެފައި އޮތްވާ ސެލީނާ ކޮޓަރިއަށް ވަނެވެ. ސެލީނާ ކޮޓަރި ތަރުތީބުކޮށްލާފައި ވާސްގައި ތާޒާ މާބޮނޑިއެއް ޖަހައިލި އެވެ. ސެލީނާ އިސްތިރިކޮށްގެން ގެނައި ރަފާއިލްގެ ގަމީހާއި އެއްޗެހި ހަރުގައި އަޅުވާފައި އަލަމާރީގައި ތަރުތީބުން ބަހައްޓަން ފެށިއެވެ. ހަގީގަތުގައި މިފަދަ މަސައްކަތްތައް ކުރުމަކީ ސެލީނާއަށް ބުރަކަމަކަށް ނުވިޔަސް ޅީދަރިއަކު މިކަންތައްކުރަން އަންނާނެ ދުވަހެއް ދެކެން ސެލީނާ ބޭނުމެވެ.
ރަފާއިލް ކަމަކާއި ހިތާމަކުރާކަން އެއީ ސެލީނާއަށް ވަންހަނާވެފައިވާ ކަމެއް ނޫނެވެ. އަމިއްލަ ދަރިއެއްގެ ކަންތައް އެންމެ ބޮޑަށް އެނގޭނީ މައިމީހާއަށެވެ. ރަފާއިލް އެކަނިވެރި ކަމާއި، މާޔޫސްކަމުގެ ސަބަބުން ސެލީނާގެ އުފާވެރިކަން ނެތި މޮޅިވެރިވާން ފަށައިފިއެވެ. ސެލީނާ ވިސްނީ އަންހެންކުއްޖެއްގެ ކަމެއް ކަމަށެވެ. އަހާ އަހާ ރަފާއިލްގެ ފަރާތުން އެކައްޗެއްވެސް އޮޅުމެއް ނުފިލިއެވެ. އެއްމާބަނޑު ދައްތަ އެލީސާގެ މާމަ ކުދިން ފެންނަން ފެށުމުން ސެލީނާ އެފަދަ ދުވަހެއް ދެކޭހިތުން ފޮނި ހުވަފެންތައް ދެކެން ފެށިތާ ދުވަސްކޮޅެކެވެ. ދަރިފުޅު ޒުވާންވެ މީހަކާއި އިންނަވަރު ވެއްޖެކަމަށް ސެލީނާގެ ހިތް ބުނަނީއެވެ. އެކަށީގެންވާ ހަޔާތުގެ ބައިވެރިޔަކު ހުރުމުން ގެ ފަޅުފިލާނެއެވެ. އަދި ރަފާއިލްގެ މޫނަށް ހިނިތުންވުން ވެރިކުރުވާނެއެވެ. ރަފާއިލްގެ ކައިވެނީގެ ހަފްލާ ދެކޭހިތުން މިހާރުއްސުރެ ސެލީނާ އަށް ޕްލޭންތައް ކުރެވެން ފެށިއެވެ. ވަކިކަމަކަށް ހިތްޖެހުމުން އެކަން ނުކުރެވެނީސް ސެލީނާގެ ހިތަށް ހަމަޖެހުމެއް ނުލިބޭނެއެވެ.
"ދަރިފުޅާ، ރަފޭލް، ބާރަޖަހަނީ، ތެދުވެބަލަ، ނުކައި އޮތީމަ ދަރިފުޅު ހައްތަހާ ބަލިވާނީ..." ސެލީނާ އެނދުގެ މަގަތުގައި އިށީންއިރު މޫނުމަތިން ފެންނަނީ ކަންބޮޑުވުމުގެ އިންތިހާއެވެ. ރަފާއިލް ގެ ދިރިއުޅުން ބޮއްސުންލައިގެން ދަނީކަމުގެ ނިޝާން ހުރިހާ ދިމާލަކުން ފެނެއެވެ. ހުރި އެންމެ ދަރިފުޅަށްޓަކައި އޭނަ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ. މިފަހުން ފިރިމީހާ ދުނިޔެ ދޫކުރުމުން އޭނަ މިވަނީ މުޅިން އެކަނިވެފައެވެ.
"މަމް މި ތެދުވަނީ، ރޭ މާ ލަހުން ނިދުނު ރެއެއް....." ރަފާއިލް ފޯނަށް ބަލައިލާފައި ކުޑަކޮށް ހީލައިފި އެވެ.
ރަފާއިލް އާއި ސެލީނާ އާއި އެކީގައި ކާން މީރާ ނާންނާތީ ރަފާއިލް ހުންނަނީ ހައިރާންވެފައެވެ. ހީވަނީ މީރާވެސް އޭނަދެކެ ކޮންމެވެސް ކަމަކާއި ހިތްހަމަނުޖެހިފައި ހުންނަހެންނެވެ. ސަބަބެއް އެއްގޮތަކަށްވެސް ނޭގެއެވެ. ރަފާއިލްއަށް އެގޮތް ރަނގަޅެވެ. އޭނަ މީރާ ދެކެނީ "ފަހަރި" އެއްގެ ގޮތުގައެވެ. ޒިލާ އާއި މިލީނާ ފަދައިންނެވެ. އެނޫން ނަޒަރަކުން ބެލޭނީ ކިހިނެއް ހެއްޔެވެ؟ ނަމަވެސް މިޝެލިން ތަފާތެވެ. ފުރަތަމަ ދުވަހުން ފެށިގެން އޭނަގެ ހިތް ވީއްލުނުގޮތަށް އެހިތްވަނީ އެކުއްޖާގެ މިލްކަކަށްވެފައެވެ. ހިތުހުރިގޮތަށް ހަދާލިޔަސް ކުރާނެ ކަމެއްނެތެވެ. އަލުން ހިތް އަނބުރާ އަތުނުލެވޭނެއެވެ. ސެލީނާ މިއަދު އަނެއްކާ ރަފާއިލް ގާތުން އެދުނީ ކޮންމެވެސް އަންހެންކުއްޖަކާއި ކައިވެނި ކުރުމަށެވެ. ރަފާއިލް ލޯބިވާ ކުއްޖެއް ހުރިނަމަ ތެދަށް މަންމަ ގާތުގައި ބުނަން އެދުނެވެ. ރަފާއިލް ބިރުގަންނަ ހިސާބަށް ކަންތައް ގޮސްދާނެތީ ރަފާއިލް ގޮތެއް ނިންމިއެވެ. އެހެންނޫނަސް މަންމަގެ އުއްމީދުތަކުގައި ކޮޅުފައިން ޖަހާނެ ހިތްވަރެއްނެތެވެ.
"މަމް އަށް ފެންނަ ކުއްޖަކާއި ކައިވެނި ކުރާގޮތަށް މިހިރީ......." ހަޔާތުގައި ފުރަތަމަ ފަހަރަށް ރަފާއިލް މީހަކާއި ކައިވެނިކުރަން އެއްބަސްވިއެވެ. ލޯބިވާ މަންމަގެ އުފަލަށްޓަކައެވެ. މަންމައެދޭ ފަދައިން ޅަ ދަރިންކޮޅަކުން މިގޭގެ ދިރުން ގެނައުމަށެވެ. އެވަގުތުވެސް ރަފާއިލްގެ ހިތުން ލޭ ކަރުނަ އޮހޮރުވާލީ ލިބެންނެތް އަންހެންކުއްޖެއްގެ މަތިން ހަނދާންވެފައެވެ. ކުޑަދޮރުން ބޭރަށް ބަލަން އިންއިރު އެ ރީތި ދެލޯވަނީ ތެމިފައެވެ. އެހިތުގެ ފަސާނާ އަޑުއަހާނީ ކާކުހެއްޔެވެ؟
"ދަރިފުޅު މަންމަގެ ހިތް ދުވަހަކު އުފާނުވާ ވަރަށް އުފާކޮށްލަދީފި، ތެންކިއު ޑާލިން....." ސެލީނާ ރަފާއިލްގެ ނިތްކުރީގައި ބޮސްދީފައި ދުއްވައިގަތީ ބޭރަށް ދާން ތައްޔާރު ވުމަށެވެ. އެލީސާ ގާތަށް ގޮސް ރަނގަޅު އަންހެންކުއްޖަކު ވީހާ އަވަހަށް ހޯދައި ރަފާއިލްއަށް ތައާރަފުކޮށްދީ އެކަން ފަށައިދޭން ސެލީނާ ހުރީ ކެތްމަދުވެފައެވެ. ދަރިފުޅުގެ މޫނުމަތިން ހަގީގީ އުފާވެރިކަން ދެކެން އޭނަ ބޭނުމެވެ.
މިހުރާން އާއި މިލީނާ މިންކު އާއިގެން ގަސްތަކުގެ ތެރޭގައި އުޅުނުއިރު ދެމަފިރިން ތިބީ އިންތިހާއަށް އުފާވެފައެވެ. މިލީނާވެސް އެއްވެސް ފިކުރެއް ޚިޔާލެއްނެތް ފަދައެވެ. އަބަދު ފެންނަނީ ހީހީ ހުންނަ ތަނެވެ. ލަދުރަކި ހިނިތުންވުމާއި ރީތި ދެލޮލުގެ ސަބަބުން އަދިވެސް މިލީނާ ހީވަނީ ކުޑަކުއްޖެއްހެންނެވެ. ތުއްތު ކުއްޖެއްގެ މަންމައެއްހެން ހިޔެއްނުވެއެވެ. އެލީސާ އިރުކޮޅެއްވާންދެން ބެލްކަނީގައި އެ އުފާވެރި މަންޒަރު ދެކެން ހުރިއިރު ތުންފަތްމަތީގައި ފުޅާ ހިނިތުންވުމެއް ވިއެވެ. ހަނދާންވީ ޒަހުރާންމެން ތުއްތު ދުވަސްތަކެވެ. މާޒީގެ ރީތި ދުވަސްތައް އަނބުރާ އިއާދަ ވީހެން ހީވިއެވެ. މި އުފާވެރި ތަސްވީރުން "މީރާ" ފެނުމުން އެލީސާގެ މޫނު ކުއްލި އަކަށް ބަނަވެލިއެވެ. ނަމަވެސް އޭނަ މިހުރާން ގާތުގައި މީރާގެ ވާހަކަ ދައްކަން ޖެހޭނެއެވެ. މީރާފަދަ އަންހެންކުއްޖެއްގެ ދިރިއުޅުން ހަލާކުކޮށްލާފައި މިހުރާންގެ އުފާވެރިކަން ދާއިމީ ވެދާނެ ހެއްޔެވެ؟ އަނިޔާ ލިބިފައިވާ މީހެއްގެ ބަދު ދުއާގެ ބާރު ގަދަވާނެއެވެ.
މިލީނާ މިންކު ގޮވައިގެން އެތެރެއަށް ވަނުމުން މިހުރާން ބެންޗެއްގައި އިށީނީ ފޯނު ހިފައިގެންނެވެ. އޭނަ ގުޅައިގެން އެއިނީ މީރާއަށް ނޫންކަމެއްވެސް ނޭގެއެވެ. އެލީސާ އަވަހަށް ހަރުފަތްތައް ގިރާކޮށްލާފައި ތިރިއަށް ފޭބިއެވެ. ހިނގަން ހަދާފައި އޮތް ހަނިމަގުން ހިނގާލާފައި ދިޔައިރު އެގޭގެ ގަސްތަކުގެ ރީތިކަމާއި ދުވާ މީރުވަހުން މަރުވެފައިވާ ހިތްތައް ދިރޭނެއެވެ.
"ރެން.. ބިޒީތަ؟" އެލީސާ މިހުރާންގެ ގާތުގައި އިށީނުމުން މިހުރާން ފަހުން ގުޅާނެކަމަށް ބުނެފައި ފޯނު ކަނޑާލައިފި އެވެ. މިހުރާން މަންމަމެންނަށް ވަގުތު ދޭކަމުގެ ރީތި މިސާލެކެވެ.
"ނޫނޭ މަމް، މުޅިން ފްރީ........" މިހުރާން އޭނަގެ މަންމަގެ މޫނަށް ބަލައިލީ ހިނިތުންވެލަމުންނެވެ.
"ދަރިފުޅާ، މަންމަ މިވާހަކަ ބުނީމަ ރެން ރުޅިއަންނާނެކަން އެނގޭ، އެކަމަކު މަންމަ ކިޔާ އެއްޗެއް ރަނގަޅަށް އަޑުއަހާފައި ޖަވާބެއް ދޭންވާނީ ދަރިފުޅާ...." އެލީސާ ވާހަކަ ފެށީ ދުރުންނެވެ. ނަމަވެސް މީރާ އެދުވަހު ބުނި ވާހަކަތައް އެލީސާ ކިޔައިދިނީ އަމިއްލައަށް ފެނިގެން ދެއްކި ވާހަކަތަކަށް ހަދާފައެވެ. މިހުރާންގެ ކުށުން ހިނގި ކަންތައްކަށް ވާތީ މިހުރާން މީރާ ގެ ޒިންމާ ނަގަން ޖެހޭފަދަ ގޮތަކަށް އެލީސާ ވާހަކަ ދެއްކިއެވެ. ދެއަންބަށް މީހުންނާއި އިންނަ ފަދަ ހާލަތްތައް ދިމާވާކަމަށާއި މިއީ އެފަދަ ކަމަކަށް ނުވާނެބާވައޭ އެލީސާ ސުވާލުކުރިއެވެ. މިހުރާން ދެފައި ދަމާލައިގެން ނިކަން ހަމަޖެހިލައިގެން މަންމަގެ ވާހަކަތައް އަހަން އިންއިރު އެ ރީތި މޫނުމަތިން އިތުރު ޝުޢޫރެއް ފާޅެއްނުވެއެވެ. މަންމަގެ ޚިޔާލު ހުރިގޮތް ގޯހެއް ނޫނެވެ. އެއީ ހަގީގަތެވެ.
"ޔޫ އާރ ރައިޓް މަމް، އެކަމަކު އިތުރު މީހަކާއި ކައިވެނި ކުރުމަކީ ޗޮއިސް އެއްނޫން، މަމްއަށް އެނގޭތަ؟ މީރާ ބޮޑު ދޮގެއް ހަދައިގެން އޮޅުވާލިފަހުން ކުޑަކޮށްވެސް ޓްރަސްޓެއް ނުކުރެވޭ، ރިލޭޝަނެއްގައި އެބައި ނެތިއްޔާ ކުރިއަކަށް ނުދާނެ، މަމް ބުނިހެން ކުށްކުރެވުނުކަން ގަބޫލުކުރަން، އެހެންވެ ޑިސިޝަނެއް ނެގިން، ގިނަ ފިރިހެނުން ހަޔާތުގެ ބައިވެރިޔަކު ޗޫޒްކުރުމުގެ ކުރިން ލައިފްއަށް ކޮންމެވެސް ސިފައެއްގައި އަންހެންކުދިން އަންނާނެ، ނަމަވެސް އެންމެނާއި މެރީ ކުރާނީ ކިހިނެއްތަ މަމް..... އިޓްސް ނޮޓް ޕޮސިބްލް.." މިހުރާން އޭނަގެ ނިންމުން މަންމައަށް އިއްވާލުމުން މިހުރާން ޚިޔާލު ބަދަލު ނުކުރާނެކަން އެލީސާއަށް ޔަގީންވިއެވެ. މީރާ އާއި މެދު ހަމްދަރުދީވިއެވެ.
އަންހެންކުދިންގެ މޮޔަކަމުން ހަޔާތް ބަރުބާދުވަނީ އެވެ. މީހަކާއި ކައިވެނި ކުރަންދެން އިއްފަތްތެރިކަން ރައްކާތެރިކުރަން ޖެހުމުގެ އެންމެ ބޮޑު އެއް ސަބަބަކީ އެއީއެވެ. ކިތަންމެ ވަރަށް ލޯބިވިޔަސް އިނުމުގެ ކުރިން އެފަދަ ގުޅުމެއް ހިންގައިގެން ނުވާނެއެވެ. އެހެންނޫނީ އުމުރަށް ހިތާމަކުރަން ޖެހިދާނެއެވެ.
މިހުރާން އެލީސާ ގާތުގައި ހިނިތުންވެލައިގެން އިނަސް ތަބީއަތު ގޯސްވިއެވެ. އޭނަ ކޮޓަރިއަށް ވަންއިރު ކަމަކާއި ނުރުހިފައި ހުރިކަން މިލީނާއަށް އެނގުނެވެ. އޭރު މިލީނާ މިންކުއަށް ގާތުން ދީފައި ތަންމަތީގައި ބާއްވައިފި އެވެ. މިލީނާ ހުރީ އެކަނި ތުނި ޕެޓީ އަކާއި ފަށުވިސޯޓްކޮޅެއް ލައިގެންނެވެ. ބޭރުން ލައިގެން ހުންނަ ޖެކެޓްފާޑުގެ ހެދުން ބޭލުމުން ފެންނަނީ އެންމެ ސްޓައިލިޝް ކުއްޖެކެވެ. މިލީނާ އެނދުގައި އިށީދެލާފައި މިހުރާންއަށް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ.
"މިލީ، އަހަރެން ދެއަންބަށް މީހަކާއި އިނަސް ހެޔޮތަ؟" މިހުރާންގެ އެ ސީރިޔަސް ޖުމްލައިން މިލީނާގެ ހިތުގައި ލައްކިއެއް ޖެހިހެން ހީވިއެވެ. އުނގުގައިވާ ބާލީސް މޭގައި ޖައްސާ ބާރުކޮށްލާފައި ކުއްލި އަކަށް ބާލީހުގައި މޫނު ފޮރުވާލުމާއިއެކު އިސްތަށިގަނޑު ފަންކަމުން ވިހުރުވިގެން ފައިބައިގަތެވެ.
"އޭ ރޮނީތަ؟ އަދި ރޯވަރުގެ ކަމެއް ނުވެއެއްނު......" މިހުރާން ކައިރީގައި އިށީދެ މިލީނާ ކޮޅަށް ނެގީ ފަސޭހަކަމާއި އެކުގައެވެ. މޫނަށް ފައިބާފައިވާ އިސްތަށިގަނޑުގެ ސަބަބުން މޫނަށް ހިޔާ އެޅިފައިވިޔަސް އެވަރުގެ ބަހަކާއި ހެދި މިލީނާ ރޮނީކަން މިހުރާން ދެނެގަތެވެ. އޭނަގެ އުނގުތެރޭގައި ބޮނޑިކޮށްލަމުން ބޮލުގައި ބޮސްދީފައި އަދިވެސް މިހުރާން މިލީނާ ތަޅުވާލަން އުޅުނެވެ.
"ތިވަރު އިމޯޝަނަލް ކުއްޖެއްކަން އެނގޭނަމަ މަ އެކަން ކުރާނީ ސިއްރުން، އަންގާވެސް ނުލާނަން...... ފޮނިކުއްޖާގަނޑެއް، އެހާ ލޯބިން އެދުނީމަ އަހަރެންދެކެ ލޯބިވާނަމަ ދެކޮޅު ނަހަދާ އެއްބަސްވާނެކަން ޔަގީން.... އޭރުން މިލީއަށްވެސް އަބަދު އަހަރެން އުދަގޫކުރާކަށް ނުޖެހޭނެ، ދެ އަނބިން ތިބީމަ ދެމީހުން ބަހާލައިގެން ހުރިހާ ކަމެއްވެސް ކޮށްދޭނީ، މިލީއަށް ފަސޭހަ ނުވާނެތަ؟" މިހުރާން އެހުރިހާ ވާހަކަ ދެއްކިއިރުވެސް މިލީނާ އެއްޗެކޭ ނުބުނެއެވެ. އެ އަތުގެ ތެރެއިން ސަލާމަތްވާން މަސައްކަތެއްވެސް ނުކުރިއެވެ. ރުޅިއެއްވެސް ނުދެއްކިއެވެ.
"ކޮންމެވެސް އެއްޗެކޭ ބުނެބަލަ މިލީ...." މިހުރާން ބަނޑުގައި އަތް ޖައްސާލާއިރަށް މިލީނާ ތޫނު ހަޅޭކަކާއިއެކު މިހުރާންގެ އަތުތެރެއިން ދެމިގަނެގެން ދުއްވައިގަތެވެ. އެ ސަކަރާތެއްގައި އުޅެފައި ދެމީހުން ސޯފާގައި ހަމަޖެހިލިއިރުވެސް މިހުރާން ހަގީގަތް ހާމަކޮށެއްނުދެއެވެ. މަންމަ އޭނަގެ ގާތުގައި މީރާ އާއި އިންނަން އެދުނު ވާހަކަ ނުބުނެ ސިއްރު ކުރިއެވެ.
"ރެން. ބޭނުން އެއްޗެއް އަހާލަން، އަހަރެންގެ އުނިކަމަކީ ކޮބާ؟ ރެން އެހެން މީހަކާއި މެރީ ކުރަނީ ކޮންކަމެއް ކޮށްނުދެވޭތީތަ؟ ރެން އެހެން މީހުން ގާތުގައި ކޮމްޕްލެއިން ނުކޮށް އަހަރެން ގާތުގައި ބުނިނަމަ......" މިލީނާ މިހުރިހާ ދުވަހު އެ ސުވާލު ކުރަން ޖެހިލުންވިއެވެ. ލަދުގަތެވެ. ނަމަވެސް މިހާރު އެދޭތެރޭގައި ވާހާ ފާރެއްވަނީ ނެތިފައެވެ. ދުރުކަމުގެ ކުޑަ މިންވަރެއްވެސް ނެތެވެ. އޭރު މިލީނާ އިނީ ހަމަޖެހިލައިގެން ސޯފާއަށް ދެފައި އަރުވާލައިގެން ނިޔަފަތީގައި ދައިގެންނެވެ. ދެލޮލުގައިވާ ކަރުނަ ފޮހެލާފައި އިނަސް ތެތްކަން ހުއްޓެވެ. މިލީނާގެ ހިތުގައި ޖެހި ރޮވުނީ މީރާ ކިޔާލި އެއްޗެހި ހަނދާނަށް އައުމުންނެވެ. އޭނަގެ ވާހަކަތައް މިހުރާން ހިއްސާކޮށްފައި ވާތީއެވެ. މިހުރާން ދެންމެ އެކުރީ ސަމާސާއެކޭ ހިތް ބުންޏަސް ކަރުނަ ކޮންޓްރޯލް ނުކުރެވުނީ އެހެންވީމައެވެ.
"ގުޑް ތިންގްސް ކަމް އިން ސްމޯލް ޕެކޭޖްސް އެއްނު ބޭބީ.. އަހަރެން ތި ސުވާލުގެ ޖަވާބު އަދި ދޭނަން، ތިހެން އެހީ ކީއްވެގެންކަންވެސް މިލީ ބުނެދޭންވާނެ އިނގޭ...." މިހުރާން މިލީނާގެ އަތަށް ދަމާލިއެވެ. ފައިގައި ކުޑަކޮށް ވިކާލިއެވެ. އެފަދަ ކުދި ގޯނާތައް ކޮށް އުދަގޫކޮށްލެވެނީވެސް މިހުރާންގެ ހިތުގައިވާ ލޯތްބެއްގެ ބޮޑުކަމުންނެވެ. މިލީނާއަކީ އޭނަގެ ދުނިޔެއެވެ. ފުރާނައެވެ. އެހެން އަންހެންކުއްޖަކަށް ދެން އެ މަގާމަށް އާދެވޭނީ ކިހިނެއް ހެއްޔެވެ؟ މިލީނާ ކަންބޮޑުވާންފެށިއެވެ. މިހުރާން ގާތުން އެހެން ނޭހުނުނަމަ ރަނގަޅޭ ހިތަށް އެރިއެވެ.
"ރެން، އަހަންނަށް އެނގޭ ސަމާސާ ކުރީކަން، އެހެން މީހަކާއި މެރީ ނުކުރާނެކަން، އެއަށް ވުރެ އިތުބާރު ކުރަން..." މިލީނާ ވާހަކަ އޮޅުވައިލަން އުޅުނެވެ.
"އެހެންވިއްޔާ ރުއި ސަބަބެއް އޮންނާނެ އެއްނު، އަހަރެން ބޭނުމީ ރުއީ ކީއްވެކަން އެނގެން، އަދި އަހަރެން ކޮމްޕްލެއިން ކުރި މީހެއް އެނގެން ބޭނުމީ........." މިހުރާން ދޫނުކޮށް ސުވާލު ކުރާން ފެށުމުން އެދުވަހު މީރާ ގުޅައިގެން ދެއްކި ވާހަކަތަކުގެ ތަފުސީލަށް ނުދިޔަސް އެ ވާހަކަ ބުނަން މަޖުބޫރުވިއެވެ. މިހުރާން ގެ އަތް މުށްކެވުނެވެ. ވަގުތުން މީރާ ހުރިތަނަކަށް ގޮސް އިންޒާރުދޭން ބޭނުންވިއެވެ. އޭނަ މިލީނާ ދެކެވެސް ހިތްހަމަނުޖެހޭ ގޮތްވިއެވެ. އޭނަ މިލީނާ ލައްވާ ވައުދުކުރުވީ އެފަދަ އެއްވެސް ކަމެއް ސިއްރުކޮށްގެން ނުހުރުމަށެވެ. މިހުރާންއަށް ނޭގުނީ އަދިވެސް މިލީނާ އޭނައަށް ތަފްސީލު ނުދޭކަމެވެ. ސިޑިމަތިން ވައްޓަން އުޅުނު ވާހަކަ އޭނަ ފޮރުވީ މަސްލަހަތަށް ބަލާފައެވެ. ނަމަވެސް މިހުރާންއަށް އަދިވެސް މިލީނާ ކަމެއް ސިއްރު ކުރާކަން ޔަގީންވިއެވެ. ކޮންނަން އުޅުމުގެ ބޭނުމެއް މިވަގުތަކު ނުފެނުނެވެ.
"ބޭބީ، މީރާ އަކީ މަގޭ ޕާސްޓް، ދެން އެ ޗެޕްޓަރ ހުޅުވާކަށް ނެތިން... އެކަމާއި ބެހޭ ގޮތުން އަހަރެން ބުނަން އޮތްހާ ވެސް އެއްޗަކީ އެއީ، އެހެންވީމަ މިލީ ދުވަހަކު ޝައްކު ނުކުރާތި......." މިހުރާން މިލީނާގެ އަތަށް ފިތާލަމުން ޔަގީންކަން ދިނެވެ. މިލީނާއަށް ހިނިތުންވެލެވުނެވެ. އަދި މިހުރާންގެ ފައިމަތީގައި އިށީދެ ކަނދުރާގައި މޫނު ފޮރުވާލި އިރު އެ ހިތުގެ ތެޅުން މިހުރާންއަށް އިހުސާސް ކުރެވުނެވެ.
އިއްބާނު އާއި އެކުވެރިންތަކެއް އެގޭގައި ބާބެކިއު ހަދަން ހައިތަމް ހުއްދަ ދެއްވިއެވެ. ދޭތެރެއަކުން ކޮލެޖް ކުދިންތައް އަޔަސް އަޑުގަދަކޮށް ނޫޅެންޏާ ހައިތަމް އަށް މައްސަލައެއްނޫނެވެ. ލޯބިވާ ކުޑަ ދަރިފުޅުގެ އުފަލަށްޓަކައި އާއްމުކޮށް އޭނަ ހުއްދަ ނުދެއްވާކަންތަކަށް މަގު ފަހިކޮށްދެއްވައެވެ. މިރޭވެސް އެތަނުގައި ތިބީ ކޮލެޖް ޒުވާނުންނެވެ. އެންމެންގެވެސް މާތް ވައްތަރު ޖަހައެވެ. މުޅިންވެސް ފިރިހެންކުދިން ކަމަށްވާތީ މިޝެލިން އެމީހުންނާއި ބައިވެރިވާކަށް ނުދެއެވެ. ބޮޑު އަލިފާންގަނޑެއްޖަހައިގެން އަންދަން ތިބިއިރު ގްރިލްގައި ކުކުޅު ފަޔާއި އެއްޗެހި ފިހެވެމުންދާ މީރުވަހުން ފަޒާ އެއްވަސްވެލާފައިވެއެވެ. އެ ޒުވާނުންގެ ހުނުމުގެ އަޑު ދޭތެރެއަކުން އިވިލައެވެ. ކުރީގެ މިފަދަ ޕާޓީއެއްނަމަ މިޔުޒިކް ކުޅެވުނަސް މިރޭ އެފަދަ ކަމެއްނެތެވެ. އިއްބާނު އެހެން އުޅެލާފައި ކާކޮޓަރިއަށް އެއްޗެއް ބަލާއައިއިރު މިލީނާ އާއި ޒިލާ ކާކޮޓަރީގައި ތިއްބެވެ.
"ބޫ، އަހަރެމެންނަށް ކުކުޅު ފަޔެއްނެތްތަ؟ ކުޅުދިޔާވެފައި މިތިބީ..." ޒިލާ ގޮވާލިއެވެ.
"ސިސްމެންނަށް ނުދީ ނުކެވޭނެކަން އެނގޭނެއްނު، އަދި ކިރިޔާ ފިހެވެންފެށީ، ޑޯންޓްވޮރީ، ގެނެސްދީފައި އަހަރެމެން ކާން ފަށާނީވެސް...." އިއްބާނު ހުރީ އުފާވެރި މޫޑެއްގައެވެ. އޭނަ އެޕްލް ސައިޑަރ ޖަގު ނަގާފައި ތަށްޓަކަށް އެތިފޮދެއް އަޅާލާފައި ރަހަ ބަލައިލިއެވެ. އެޕްލް ސައިޑަރ ހެދީ އިއްބާނު އަމިއްލައަށެވެ. އިއްބާނު ދެކުދިންނަށް ދެތަށި އަޅާލަދީފައި މީރުތޯ އަހައިލިއެވެ. ދެކުދިންވެސް އެންގީ އެއްވަނަކަމުގައެވެ.
"ބޫބެއަރ ސްވީޓް ކަމުންގޮސް ހަމަ ހަގްކޮށްލާ ހިތްވަނީ....." ޒިލާ ހީލާފައި ބުނެލުމުން އިއްބާނު ވެސް ކޮށްލީ ސަމާސާ އެކެވެ. ފަހަރިންނާއި އިއްބާނު އެވަރަށް ގުޅުން ބާއްވަނީ އެއީ ފަހަރިންގެ އިތުރުން ތިމާގެ ކުދިންތައް ކަމަށްވާތީއެވެ. އެކީގައި އުޅެ ބޮޑުވެފައިވާއިރު ކުލުނުވެސް ހުންނާނީ ޖެހިފައެވެ. މިލީނާ އިހަށް ދުވަހު އައިކުއްޖެއް ނަމަވެސް އިއްބާނު އާއި ދެފަރާތުންވެސް ގުޅުން އޮންނާތީ ސަމާސާ ކޮށްލެވެނީ ހަމަ ބޭބެއެއް ފަދައިންނެވެ.
"މިލީ، ރެން ކޮބާތަ؟ ބައިވެރިވާނަމޭ ކިޔާފައި ކޮންތާކަށް އެދިޔައީ..." އިއްބާނު ގެ ގާތުގައި މިލީނާ ބުނީ މިހުރާން މާއަވަހަށް ނިދާލީ ކަމަށެވެ. އިއްބާނު އެކުދިންނާއި ވާހަކަދައްކަން ހުރެލާފައި އިރުކޮޅަކުން އައިއިރު އެންމެންހެން ތިބީ ސިޓިން ރޫމްގައެވެ. އެމީހުން ފިހުނު އެއްޗެހި ގެނެސްދީފައި ބުއިން ފޯރުކޮށްލަދިނުމުން ވެއިޓަރެކޭ ކިޔައިގެން ދިމާކުރަން ފެށިއެވެ. މިޝެލިންވެސް ކުކުޅުފައި މީރުވެގެން ތައުރީފުކުރިއެވެ. ބައިގަޑިއެއްހާއިރު ފަހުން އިއްބާނު ސިޓިން ރޫމަށް އައިއިރު އެތަނުގައި ތިބީ އޭނަގެ މަންމައާއި މަލަކާ އަދި ޒިލާ އާއި މިލީނާ އެކަނިއެވެ. ފިރިހެންވެރިންނާއި މިޝެލިންވެސް ފެންނާކަށް ނެތެވެ.
"ދަރިފުޅާ ކިހިނެއްވީތަ؟" އިއްބާނުގެ މޫނަށް ބަލާފައި އެލީސާ ސޯފާއިން ތެދުވާން އުޅުނެވެ. އިއްބާނުގެ މޫނު ހުދުވެ ދަލުން ފެންވެރިފައިވާއިރު އިސްތަށިގަނޑު އޮތީ ހޭވިފައެވެ. އިއްބާނު އެއްޗެކޭ ބުނަން އުޅެފައިވެސް ސޯފާ އާއި ހަމަޔަށް ފޯރާއިރަށް ސޯފާމައްޗަށް ދެމުނު ގޮތުން އެލީސާގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. އޭނަގެ ކުޑަ ދަރިފުޅަށް އެވީ ކިހިނެއްހެއްޔެވެ؟ އެލީސާ ޒިލާއަށް ބަލާލާފައި އަވަހަށް ޒަހުރާންއަށް ގޮވާލަދޭން ބުނެލިއިރަށް އެލީސާއަށް ރޮއިގަނެވިއްޖެއެވެ. ހައިތަމްއަށްވެސް ދެތިން ފަހަރު ބާރަކަށް ގޮވައިލެވުނެވެ. މަލަކާ ފުންމައިގެން ތެދުވެ އިއްބާނުގެ މޫނުގައި ފިނިފެންފޮދެއް ހާކާލުމާއިއެކު އިއްބާނު ފުންމައިގެން ތެދުވެ ހީލައިފިއެވެ.
"ދަރިފުޅާ، މަންމަމެން ބިރުގަންނަވާލީތަ؟ މިކުއްޖާ ލާނެތްކަމުން ރެންއަކަށް ދޫނުކުރެއެއްނު، ތިހެން ހަދަނިކޮށް މަންމައަށް ހާޓްއެޓޭކެއް ޖެހިދާނެ އިނގޭ ދަރިފުޅާ.... ސީރިޔަސްލީ، މަމް ބޭނުމެއްނޫން ތިގޮތަށް ސަމާސާ ކުރުވަން، ދަރިފުޅަކަށް ނޭގޭނެ އަދިވެސް މަންމަގެ ހިތް........." އެލީސާ އިއްބާނުގެ ފެން އިސްތަށިގަނޑު ހާވާލާފައި ހޭންފެށިއިރު ކަރުނަތިކިތައް ކޯތާފަތްމަތިން ތިރިއަށް ދެމެމުން ދިޔައެވެ. އިއްބާނު "ސޮރީ މަމް" އޭ ބުނެލާފައި މަންމަގެ ގައިގައި ބައްދާލައިފި އެވެ. އިއްބާނު ހަގީގަތުގައިވެސް އަނބުރައިގަތީކަން އެލީސާއަކަށް ނުވިސްނުނެވެ. އެކަން އަންގައިދީގެން މަންމަމެން ބިރުގަންނަވާކަށްވެސް ބޭނުމެއްނުވިއެވެ. އެހެންވެ އިއްބާނު އެކްޓްކުރީކަމަށް ހެދިލާފައި އެމީހުންގެ ހުނުމާއި ބައިވެރިވެލާފައި ނުކުތީ ފެންޑާއަށެވެ.
"ބޭބީ ގާލް... ކޮންތާކު ތިހިރީ، އާދެބަލަ ގަސްތަކުގެ ތެރެއަށް ހިނގާލަން، ހަދުވަރުދޭ ރެއެއް... ވަރަށް ރޮމެންޓިކް.. ބޭނުން ހަގްކޮށްލަން..... އެހެންނޫނަސް އަހަރެން......" އިއްބާނު ފުން ނޭވަޔެއްލީ އޮކްސިޖަން ކޮޅަކަށް ބޭނުންވާފަދައިންނެވެ. ނިދިއަންނަވަރުން ލޯ ހުޅުވައިނުލެވި އާފުރެންފެށިއެވެ.
އިރުކޮޅަކުން މިޝެލިން ސިޑިން ފައިބައިގެން އައިގޮތަށް ފެންޑާއެއް ނުކުތެވެ. އެޒްޓެކް ޓައިޓަކާއި ކަޅު ޓޮޕްކޮޅެއްގައި އޭނަ ފެންނަލެއް ރީތިކަމުން ޕަރީއެއްފަދައެވެ. ފަނޑުއަލީގެ ތެރެއިންވެސް އެ މޫނުގެ އޮމާންކަމުން ވިދައެވެ. މިޝެލިން އައީ އާދައިގެ މަތިން ރީތި ރާގަކަށް ލަވައެއް ކިޔައިލަމުންނެވެ. އެހެން އުޅޭއިރު ކޮންމެވެސް ލަވައެއްގެ ބައިތެއް ކިޔާލަ ކިޔާލަ ހުރުމަކީ މިޝެލިންގެ ކަށީގައި ހިފާފައިވާ އާދައަކީ ކަންނޭގެއެވެ. އެހެންނޫނަސް އެހާ ރީތި އަޑެއްލިބިފައިވާއިރު އެފަދަ އެންމެ ތަންކޮޅެއް އަޑުއިވިލިޔަސް ހިތްތައް އުފާކުރުވަދޭނެއެވެ. އިއްބާނު ކޮންމެވެސް މީހަކަށް ގުޅާލައިގެން ހުރެ އެއްޗެކޭ ބުނެލާފައި މިޝެލިން ފެނުމާއިއެކު އަތުގައި ހިފެހެއްޓިއެވެ. އޭރު ދެމީހުންނަށް ތިބެވުނީ ގޭޓުގެ ކައިރީގައި އެއްފަރާތުގައިވާ ވިނަގަނޑުމަތީގައެވެ.
"ހަނީ، އެންމެން ދިޔައީތަ؟ ހާދަ ޓަޔަޑް ވެފައިހެން ހީވޭ، ހިނގާ ބަބްލް ބާތެއް ނަގާލަން، ދެން މަސާޖެއް ދޭނަން، އޭރުން ރިލެކްސްވެފައި އަރާމުކޮށް ނިދާލެވޭނެ........" މިޝެލިން ރީތި ހިނިތުންވުމަކާއި އެކު އިއްބާނުގެ ކޯތާފަތުގައި އަތްތިލަ ބީއްސާލިއެވެ.
"ބޭބީ، އައިމް ނޮޓް ފީލިން ވެލް...." އިއްބާނު މިޝެލިންގެ ގައިގައި ބައްދާލިއިރު އެހެން ދުވަހު ހުންނަ ބާރެއް އެއަތުގައި ނެތެވެ. އަތްތިލަ ފިނިކަމުން ހީވަނީ ގަނޑު ފެންކޮޅެއްހެންނެވެ.