އެވަގުތު އޭނަގެ ފޯނަށް ރަފާއިލް ފޮނުވި މެސެޖަކުން މިޝެލިންގެ ޚިޔާލު ބަދަލުވިއެވެ. ރަފާއިލް އެދުނީ އޭނަ އާއި މިޝެލިންގެ އެއްވެސް ގުޅުމެއް އޮތް ވާހަކަ އިއްބާނު ގާތުގައި އިހަށް ނުބުނުމަށެވެ. ސަބަބު އޭނައަށް ވަގުތެއްވީ އިރަކުން ކިޔައިދޭނެ ކަމަށެވެ. ރަފާއިލް އެ ސިއްރު ހިފަހައްޓައިފިއްޔާ އެހެން މީހަކަށް އެނގުމުގެ ފުރުސަތެއް ނެތެވެ. މިޝެލިން އެ މެސެޖް ފޮހެލާފައި އުޅެގަތީ ސެންޑްވިޗް ހަދަންވެގެންނެވެ.

"މޮޔަކަމުން ކުރިން ކޮފީ ހެދުނީ، އަދި އޮމްލެޓް ވެސް ތައްޔާރެއްނުވޭ... އަވަސްކޮށްލާނަން އިގޭ..." މިޝެލިން ބިސްގަނޑު އަޅަން އުޅެގަތުމުން އިއްބާނުވެސް އެހީވާން ފެށިއެވެ. ކުދި ކުދި ގޯނާވެސް ކުރަމުންނެވެ. އެއީ މިޝެލިންގެ މަސައްކަތަށް ލިބުނު އިތުރު ހިތްވަރަކާއި އުފަލެކެވެ. އެއްފަހަރު މިޝެލިންއަށް ހަޅޭއްލަވައިގަނެވުމުން އެލީސާ ކާކޮޓަރީގެ ދޮރު ހުރަސްކުރަމުން ބޫ ޝެލްއަށް ކީއްކުރީހޭވެސް އަހާލައިފި އެވެ. އިއްބާނު އޭނަގެ މަންމައަށް ލާނެތް ޖަވާބެއް ދިނެވެ.

"ހޫމް ދެން ބޭބީ ބުނަން އުޅުނީ ކޮން ވާހަކައެއްތަ؟" އިއްބާނު ހަދާންވެގެން އަހައިލުމުން މިޝެލިން ކަންތައް ބޮޑުވެފައި ތުންފަތުގައި ދަތްއަޅާލައިފި އެވެ. ނަސީބަކުން ޔީވާގެ ނިދާހެދުމުގެ ވާހަކަ ހަދާންވެފައި މިޝެލިން އެ ވާހަކަ ދައްކައިފާ އެކަމާއި ދެރަވެ ރޮވުނުވަރު ކިޔައިދިނެވެ. އިއްބާނު ގެ އަތް މުށްކެވުނެވެ. އޭނަގެ ފުރާނަ ފަދަ ލޯބިވާކުއްޖާއަށް ޔީވާ އެވަރަށް އޮޅުވައިލަން ޖެހޭނެ ހެއްޔެވެ؟ އިއްބާނު އެރޭގެ ހަގީގަތް މިޝެލިންއަށް ކިޔައިދީފައި ހީލިއެވެ. އެކީގައި ނިކަން ލޯބިން ވާހަކަ ދައްކަމުން ސައިބޯން ތިބެ ނިމުމުން އިއްބާނު އަނގަޔަށް މިންޓު މެޓާއެއްލިއެވެ.

"އަހަރެންވެސް ބޭނުން...." މިޝެލިން އިއްބާނުގެ ޖިންސްގެ ޖީބަށް އަތްކޮށްޕާލީ މެންޓޯސް އެއް އޮތްކަމަށް ހީކޮށެވެ. އިއްބާނު ނެތޭ ކިޔާފައި އަނގައިގައި އޮތް މެޓާ މިޝެލިންގެ އަނގަޔަށް ލާދިންވަގުތު ރަފާއިލް ދޮރުމައްޗަށް އެރިއެވެ. އޭނަގެ މޫނުމަތިން ހިނިތުންވުމެއް ނުފެނުނެވެ. އެފެނުނު މަންޒަރުން ރުޅިއައިހެން ހީވިއެވެ. މިޝެލިން ފާޑަކަށް ރަކިވެފައި އަވަހަށް ނުކުމެގެންދާން ހިނގައިގަތެވެ.

"ރަފޭލް، މޫޑީ ދުވަހަކީތަ؟" އިއްބާނުއަށް ވާނުވާ އެނގުނުހެނެއް ހިޔެއްނުވެއެވެ.

"އާން، އައި ނީޑް ކެފެއިން ނޫނީ އަހަރެން މަރުވެދާނެ..." ރަފާއިލް ކޮފީޖަގުން ކޮފީ އަޅައިގެން ގޮނޑިއެއް ދަމާލާފައި އިއްބާނު އާއި ދިމާލަށް ބަލައިލީ ތަފާތު ގޮތަކަށެވެ. އޭނައަކީ މިގޭގެ މެހުމާނަކަށް ވުރެ ބޮޑަށް އޭނަ އުޅެނީ ގޭކުއްޖެއްފަދައިންނެވެ. ރޯޒާއަށް ރަފާއިލް ފެނުމުން އަވަސްވެގެން މޭޒަށް އެއްޗެހި އަރުވަން ފަށައިފިއެވެ. ހަގީގަތުގައި ޒަހާރާ އޮންނަނީ ކެއުމަށް ވަކި ގަޑިތަކެއް ކަނޑައަޅާފައެވެ. އެގަޑި ކަޓުވާލައިފިއްޔާ ކާންޖެހޭނީ އެމީހަކު އަމިއްލަ އަށެވެ. ރަފާއިލްގެ އަންހެނުންނެތީމަ ރޯޒާ ޚާއްސަ ގޮތެއް ބަހައްޓަނީ ކަންނޭގެ އެވެ.

"އެކްސްޓެސީ އެއް ގެނެސްދެންތަ؟ އެންމެ ޓެބްލެޓަކުން ތި ހުރިހާ ބަޔެއް ހަމަޖެހިދާނެ...." އިއްބާނުގެ ޖުމްލައިން ރަފާއިލް ސިހުނު ނަމަވެސް އެކަމާއި ބެހޭގޮތުން އިތުރަށް އޮޅުން ފިލުވައިލާކަށްވެސް ނޫޅުނެވެ. ނަމަވެސް އޭނަ މިޝެލިން ގާތުގައި އިއްބާނުގެ ހުރި އަނދިރި ފަރާތް ރަނގަޅަށް ކިޔައިދޭނެއެވެ. އެއްޗެއް ބޭނުން ނުކުރާނަމަ އެހާ ރީތިކޮށް ރަފާއިލް ގާތުގައި އެ ވާހަކަ ދެއްކުމުގެ މާނައެއް ނެތްތާއެވެ. މިޝެލިން އަށް އިއްބާނު އާއި އެކީގައި މާ ގިނަ ދުވަހަކު ނޫޅެވޭނެއެވެ. އިއްބާނު ކިތަންމެ ރަނގަޅު ޒުވާނަކަށް ވިޔަސް އޭނަގެ ވިޔާނުދާ ބަޔެއް އެބަހުއްޓެވެ. 

"ނޫން ބެން، އަހަންނަށް ކޮފީ އަކުން ހިފަހައްޓާ ލެވިދާނެ، ދެތިން ކޮފީއިން...." ރަފާއިލް އޭރު ވިސްނަމުން ދިޔައީ މިޝެލިންގެ ރީތިކަމާއި މެދުގައެވެ. މިއަދުވެސް މިޝެލިން ފެނުމުން އޭނައަށް ފިނިވިގޮތަށް އަދި މިއުޅެނީ ހަމަޔަކަށް ނޭޅިގެންނެވެ. އެންމެ ނަޒަރަކުން އޭނައަށް ހަދާލާގޮތް ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތެވެ. އެއްގޮތަކީ ކާމިޔާބެވެ. ނޫނީ މަރެވެ. ދެކޮޅުން އެއްކޮޅުގައި ޖައްސާފައި ނޫނީ އޭނަ ހުއްޓައެއްނުލާނެއެވެ. އެހެންގޮތެއް ނެތިއްޔާ މަޖުބޫރު ކޮށްގެންވެސް ހެވޭ ހިތަށް އަރަނީ މަދެއްކޮށް ނޫނެވެ. ރޮއްވާލާފައިވެސް ފަހުން ހަމަޔަކަށް އެޅިދާނެއެވެ. ރަފާއިލް އެކިގޮތްގޮތަށް ވިސްނިއިރު އިއްބާނު އާއި އާދައިގެ ވާހަކަތަކެއް ދެއްކިއެވެ.

މިހުރާން މިލީނާ ދޫކޮށްލި ފަހުން ކޮންމެ ދުވަހަކު މިހުރާންއަށް އެތައް މެސެޖްކުރިއެވެ. އޭނައަށް ކުށެއް ކުރެވިފައިވާނަމަ މާފުކޮށްފައި އަނބުރާ އައުމަށް އެދުނެވެ. ދަރިފުޅަށްޓަކައި ވެސް އޭނަ ދޫކޮށްލާފައި ނުދިޔުމަށް އާދޭސްކުރިއެވެ. އެހެންނޫނީ ދަރިފުޅު ބައްޕައެއްގެ ލޯބިން މަހުރޫމް ވެދާނެޔޭ ބުނެ ވިސްނައިދޭން މަސައްކަތްކުރިއެވެ. އަދި ހައިތަމް ވަރީގެ ވާހަކަ އެދުވަހު ދެއްކެވީ އޭނަގެ ފަރާތުން ކަމެއް އެނގިލައްވައިގެން ނޫންކަމަށާއި އޭނަވެސް ހައިރާންވި ކަމަށް މިލީނާ ބުނެލިއެވެ. ޖަވާބެއް ނުދޭތީ މިލީނާ ގުޅައިވެސް ހެދިއެވެ. އެތައް ސަތޭކަ ފަހަރު ގުޅުމުންވެސް މިހުރާން ފޯނު ނުނެގިއެވެ. ދުވަސްކޮޅެއްވީއިރު މިލީނާގެ ހިތްވަރު ބަލިވިއެވެ. މިހުރާން ލޯބިނުވާއިރު އެހާ އުދަގޫކުރަން ނުވާނެކަމަށް ޒަމީރު ވިސްނައިދިނެވެ. އެހިސާބަށް ދިޔުމުން ދުރުހެލިވި ނަމަވެސް މިލީނާ ކޮޓަރީގެ ކުޑަދޮރު ހުޅުވާލައިގެން ހުރެ ބޭރަށް ބަލައެވެ. މިހުރާންގެ ހިޔަނި ނަމަވެސް ފެނުމަށް ހިތް އެދި ރޮޔެވެ. ހިތަށް ކެތްނުވެގެން މިލީނާ މޮޔަނުވީ ކިރިޔާއެވެ. އެވަރުންވެސް މިހުރާންއަށް މިލީނާގެ ލޯބި އިހުސާސެއް ނުކުރެވުނެވެ.

ޒިލާގެ ދިރިއުޅުންވެސް އޭނަ ބޭނުންވާފަދަ ގޮތަކަށް ކުރިއަކަށް ނުދެއެވެ. ޒަހުރާން ގޯހީއެއް ނޫނެވެ. އޭނަ ފިރިޔެއްގެ ހައްގު ފުރިހަމަޔަށް އަދާކުރެއެވެ. ޒެފަންގެ ހުރިހާ ކަމެއް ކޮށްދެނީ ޒިލާ އާއި ޖައްސާނުލައެވެ. މައްސަލައަކީ ޒިލާއަށް އެދެމީހުންގެ ދިރިއުޅުމުގައި އިޝްގު މަދުވެފައިވުމެވެ. ޒުވާން އިރު ރައްޓެހިވެގެން އުޅޭއިރު ދެލޮލަށް ބަލަހައްޓައިގެން ތިބުން ނޫނީ އަތުގައި ހިފާލައިގެން ތިބުން ފަދަ ކަންތައްތަކަކީ ކައިވެންޏަށްފަހު މުހިއްމު ކަންތައް ނޫންކަމަށް ބަޔަކު ދެކުނަސް ޒިލާ ދެކޭގޮތުގައި އެފަދަ ކުދި ކަންތައްތަކުން ލޯބި އިތުރުވާނެއެވެ. ޒަހުރާން ދުވާލު ގިނަވަގުތު އުޅެނީ ޑިއުޓީގައެވެ. ގޭގައި އުޅެންޏާ ޒެފަން ނޫނީ އޭނަގެ މަންމަމެންނަށް ވަގުތު ދީފައި އޭނައަށް ލިބެނީ މަދު ވަގުތުކޮޅެކެވެ. ގިނަރޭ ޒަހުރާން އެނދާއި ހަމަޔަށް ފޯރާއިރު ވަރުބަލިވެގެން އޮންނާނީ ނިދިފައެވެ. ޒިލާގެ ހިތް ޝަކުވާއިން ފުރެއެވެ. އެކަމަކު އޭނަ މިހާރު ކެތްކުރަން ކޮންމެވެސް ވަރަކަށް ދަސްކޮށްފިއެވެ. 

ކޮންމެ ރެއަކު ކައިގެން އާއިލާ އެންމެން އެކީގައި ވަގުތުކޮޅެއް ހޭދަކޮށްލުމަކީ އެއާއިލާގެ އާދައެކެވެ. އެންމެން އެކީގައި ކޮމެޑީއެއް ބަލައިލުން، ނޫނީ އެކަނި ވާހަކަދައްކައިލަން ތިބެވުނަސް ގުޅުން ބަދަހިވާނެކަމެއްކަމަށް ހައިތަމް ދެކެލައްވައެވެ. ހައިތަމްވެސް މިރޭ ޖަލްސާއެއް އޮތީމަ އަދި ގެއަށް ނުދުރުވާ ރެއެކެވެ. ޒެފަން ނުނިދާ އުދަގޫ ކުރާވަރުން ޒިލާ ބޮޑުކޮޓަރިއަށް ގެނައުމުން ވެސް މައިތިރިވާގޮތެއް ނުވިއެވެ. ޒިލާ ރުޅިގަދަވެގެން ތުން އޫކޮށްލައިގެން އިނދެ ހުރިހާ ރުޅިއެއް ބޭލުނީ ޒެފަން އަށެވެ.

"ޒިލް، ނުވައެއް ޖަހަނީ، އަދިވެސް ޒެފް ބެޑް ޓައިމް ނުވަނީތަ؟" ޒެފަން ޖަންގިޔާ ކޮޅަކާއި އެކު ސިޓިން ރޫމްގައި އެކޮޅުން މިކޮޅަށް ދުވެ އުޅޭތަން ފެނުމުން އެލީސާއަށް އަހައިލެވުނެވެ. ޒިލާ ރުޅިގަދަވެފައި އިން ވަރުން އެ އަޑު އިވުނުހެން ހިޔެއްވެސް ނުވިއެވެ. އެންމެ ފަހުން ޒެފަން އަތުގައި އޮތް އެއްޗެއް އެއްލައިލުމުން ރެކްގައި އިން ކްރިސްޓަލް ސްކަލްޕަޗަރ އެއް ވެއްޓި ތެޅުމުން ޒިލާގެ ކެތްތެރިކަން ކޮޅުން ލައިގެން ދިޔައެވެ.

"ޒެފަން މުހައްމަދު ޒަހްރާން...." ޒިލާ އަޑުކޮޅަށް ހަޅޭއްލަވައިގެންފައި އަތުގައި މަޑުމަޑުން ނަމަވެސް އެތިފަހަރެއް ޖެހިއެވެ. ޒެފަން ހިތުގައި ޖެހިފައި ބާރަކަށް ރޮއިގަތެވެ. އެއީ ޒަހުރާންއަށްވެސް ދޮރުމައްޗަށް އެރުނު ވަގުތެވެ. ޒަހުރާންގެ ނުރުހުމުގެ ނަޒަރު އަމާޒުވުމުން ޒިލާ ކުޑަކޮށް ރަކިވިހެން ހީވިއެވެ. ޒަހުރާން ދަރިފުޅު އުރާލުމުން ޒެފަން ވަގުތުން ރުއިން ހުއްޓާލި ނަމަވެސް ތުންކޮޅު ފިތާލައިގެން އޮތީ ހިތްހަލާކުވެފައިވާ ފަދަ ގޮތަކަށެވެ.

"އެހެންވާނީ، ރެއިން އަކަށްވެސް ނޭގޭނެ އަވަހަށް ގެއަށް އަންނާކަށް، މިކުއްޖާ މައިތިރިނުވެގެން ގުޅާތާ ކޮންއިރެއްތަ؟ އެތައް ފަހަރު ގުޅީމަވެސް އާންސާ އެއް ނުކުރޭ، މިހާ ރިޗް ހަޒްބެންޑެއް ހޯދީމަވީ ކޮންކަމެއް؟ ރެއިންއަށް ޕޭޝަންޓުން މުހިއްމު ވާނީ، އަބަދުހެން ހޮސްޕިޓަލުގައި، ތިހާ މަސައްކަތް ނުކުރިޔަސް ގައިމު އުޅެވޭވަރަށް ލާރި ލިބޭނެ، އެއްޗެކޭ ބުނި މީހަކު ގޯސްވާނީ، ހާދަ ކެތްކުރެވިއްޖެ........." ޒިލާ ގަތް ލަދު ފޮރުވަން އެއްޗެހިތަކެއް ކިޔާލީ ދެރަނުވާން ވެގެންނެވެ. ޒަހުރާން އަޑުއިވޭކަމަކަށް ނަހަދާ ސިޑިން މައްޗަށް އަރައިގެން ދިޔައީއެވެ. ޒިލާ ކަކުލުގައި މޫނު ފޮރުވާލައިގެން އިނދެ ރޯންފެށިއެވެ.

"އެއްޗެހި ކިޔަކިޔާފައި ޒިލް ރޮނީ ކާކުލައްވާ ޅަކުރުވަންތަ؟ އެހެންނޫނަސް ޒަހުރާން އަނބިދަށުވެފައި ހުންނަވަރު މިއެގުނީ މިއަދު، ޒަހުރާންވެސް އެއްޗެކޭ ނުބުނާތީ ޒިލާ މިހާ ގޮތްދައްކަނީ، ޒިލާ އަށް ދަރިފުޅު ނުބެލެންވީ ކީއްވެތަ؟ ޒަހުރާންއަށް ނޫނޭ ޒެފަން ބަލަން ޖެހޭނީ، ޒިލާވެސް އަމިއްލައަށް މަންމައެއްގެ ޒިންމާ އަދާކޮށްބަލަ، މަންމަ މިހިރީ ލަދުން މަރުވާވަރުވެފައި، ޒިލާ ގޮސް މާފަށް އެދެން ޖެހޭނެ............." މަލަކާ ސިޑި ކައިރީ އެ މަންޒަރު ދެކެން ހުރެފައި ނުކުމެ ދަރިފުޅަށް އަޑުލިއެވެ.

މިހުރާން ކަންނެތް ގޮތަކަށް ސޯފާގައި އޮށޯވެލައިގެން އޮތްއިރު މީރާ އިނީ ވާހަކަ ފޮތެއް ހުޅުވާލައިގެން ސޯފާއަށް ދެފައި އަރުވާލައިގެންނެވެ. އެތާގައި ހިނގާ ކަމެއް އޭނައަށް އެނގޭހެން ހިޔެއް ނުވެއެވެ. އެހާވެސް ފޮތުގެ ތެރެއަށް ވަދެފައެވެ. އިއްބާނުވެސް ގަޑި ބަލާލާފައި މިޝެލިންގެ ގަނޑުފެންކޮޅެއްހެން ފިނިވެފައިވާ އަތުގައި ހިފައިގެން ތެދުވެ ބަލައިލީ ލޯބިން ފުރިގެންވާ ނަޒަރަކުންނެވެ. އެންމެން އެންމެނަށް ރޭގަނޑުގެ ސަލާމްކޮށްލާފައި ފަހަރަކު މީހަކު ތެދުވެގެން ގޮސް ސިޓިން ރޫމް ފަޅުވެއްޖެއެވެ. ޒިލާ އިނީ ތެދުވާހިތެއް ނެތިފައެވެ. މަލަކާވެސް ގެއަށް ވަދެފައި އިރުކޮޅަކުން ބޭރަށް ނުކުމެ ޒިލާއަށް އޯގާތެރިކަމާއިއެކު ނަސޭހަތް ތެރިވިއެވެ. ފިރިމީހާގެ ހައްގުތައް އަދާކުރުމަށް އެދި އާދޭސްކުރިއެވެ. ޒަހުރާންހާ ރަނގަޅު ފިރިޔަކު މިޒަމާނުގައި ނުލިބޭނެ ކަމަށާއި، ޒިލާ ތިހެން އުޅެނިކޮށް އެހެން އަންހެންކުއްޖަކު ޒަހުރާންގެ ހަޔާތަށް ގެނެސްފާނެކަމަށް މަލަކާ ބުނެލިއެވެ. އެފަދަ ދުވަހެއް އަޔަނުދޭން ޒިލާ މިހާރުއްސުރެ މަސައްކަތް ނުކޮށްފިއްޔާ ފަހުން ރޯންޖެހިދާނެކަމަށް ބުނެ މަލަކާ ދަރިފުޅަށް ވިސްނައިދިނެވެ. 

ޒިލާ ތެދުވެގެން ގޮސް ކޮޓަރިއަށް ވަންއިރު ޒަހުރާން އޮތީ ޒެފަން މޭމަތީގައި ބާއްވައިގެން ދެލޯ މަރާލައިގެންނެވެ. ޒިލާ ޒަހުރާންގެ ގާތުގައި އޮށޯވެ މާފަށް އެދުނެވެ. ޒަހުރާން އެއްވެސް ޖަވާބެއް ނުދިނެވެ.

"ރެއިން ލަހުން ގެއަށް އަންނާތީ ރުޅިގަދަވީ، ދެން ޒެފް އެތާހުރި މަންމަގެ ފްލެމިންގޯ ސްކަލްޕޗަރވެސް ތަޅާލީ، އެހެންވެ މޫޑީވެފައި އިނީމަ ޒެފް ގައިގައި ޖެހުނީ، ދެރަވެސް ވި، އައިމް ސޮރީ، އައިމް ރިއަލީ ސޮރީ، ދެން އެހެނެއް ނަހަދާނަން، އެކަމަކު ރެއިން އަހަންނާއި ވާހަކަ ދައްކަބަލަ....ޕްލީޒް...." ޒިލާ އާދޭސްކުރަން ފެށިއެވެ.

"އޯކޭ، ދެން ނިދާލާ، ފަހުން ތި ވާހަކަ ދައްކާނީ......." ޒަހުރާން މަޑުމައިތިރިކޮށް ބުނެލައިފިއެވެ. އޭނަގެ ތަބީއަތު މިރޭ ރަނގަޅެއް ނޫނެވެ. ބަލިމީހަކު ނިޔާވުމުން އޭނައަށްވަނީ ކޮންމެވެސް ވަރަކަށް އަސަރުކޮށްފައެވެ. އެއީ ޒެފަން ގެ އުމުރުގެ ކުޑަކުއްޖެކެވެ. އެކުއްޖާ ސަލާމަތްކުރަން އޭނަ ހާދަ މަސައްކަތް ކުރިއެވެ. އެކުއްޖާގެ މައިންބަފައިންގެ ހާލު ފެނިފައި އޭނައަށްވެސް ކަރުނަތައް ނުހިފެހެއްޓުނެވެ. އެހާ ހިތާމައިގައި ހުރެފައި ގެއަށް އައިއިރު ފެނުނީ ހިތްހަލާކުވާފަދަ މަންޒަރެކެވެ. ޒިލާ ބުނާއިރަށް މާފު ދެވޭނެ ހެއްޔެވެ؟ ޒިލާ ދުވަހަކުވެސް އޭނަގެ އިހުސާސް ތަކަށް ގަދަރުކުރަނީއެއް ނޫނެވެ. އެންމެންގެ ކުރިމަތީގައި އޭނަ އާއި ދިމާލަށް އެއްޗެހި ކިޔައިގަންނާނެއެވެ. ލޯބީގައި އެކަކު އަނެކަކަށް އިހުތިރާމް ކުރުން އޮންނަންޖެހޭކަމަށް ޒަހުރާން ދެކެއެވެ. އެނޫނިއްޔާ ގުޅުން ރަނގަޅެއް ނުކުރެވޭނެއެވެ.

އިއްބާނު އާއި މިޝެލިން ހަނީމޫން ދަތުރުގައި ޔޫރަޕްގައި ފަނަރަވަރަކަށް ދުވަސް ހޭދަކޮށްލާފައި އައުމާއި އެކުހެން އިއްބާނު ވަޒީފާއަށް ނިކުންނަން ފެށިއެވެ. އިއްބާނު ޗުއްޓީ ދުވަހެއް ވެއްޖެއްޔާ އެކުވެރިންނާއި އެކީގައި ބޭރަށް ނިކުމެލިޔަސް ގިނަ ވަގުތު ހޭދަކުރަނީ މިޝެލިން އާއިއެކުގައެވެ. އެންމެ ލަސްވެގެންވެސް ދިހައެއް ޖަހާއިރު އޭނަ ގެއަށް ވަންނާނެއެވެ. މިރޭ އިއްބާނު ދިޔައީ އެކުވެރިންނާއި އެކީގައި ކޭމްޕް ދަތުރަކުއެވެ. އިއްބާނު އެނބުރިއައިފަހުން ފުރަތަމަ ފަހަރަށް އެކަނި ނިދަން ޖެހުމުން މިޝެލިން އޮތީ އެކަނިވެރިވެފައެވެ. އެކަމަކު ކުޑަކޮށް ވަރުބަލިވެފައިވާތީ ދާދި އަވަހަށް އަރާމު ނިންޖަކަށް ގެނބުނެވެ.

މިޝެލިން ހޭލެވުނީ އޭނަގެ މޫނުގައި މީހަކު ފިރުމަން ފެށުމުންނެވެ. ނިދާ ބޮކީގެ ފަނޑު އަލީގެތެރެއިންވެސް އެނދުގެ މަގަތުގައި އިށީދެލައިގެން އިނީ ރަފާއިލް ކަން އެނގިގެން ވަގުތުން މިޝެލިން ފުންމައިގެން ތެދުވެއްޖެއެވެ. އޭނަ މޭގައި ކަކޫ ޖައްސާލައިގެން ރަޖާވެސް ރަނގަޅުކޮށްލައިފި އެވެ. އޭރު މިޝެލިންގެ ހިތް ތެޅޭވަރުން ހީވަނީ ފުންމާލަފާނެހެންނެވެ. ދަންވަރު ރަފާއިލް މިތަނަށް ވަނީ ކީއްކުރަން ހެއްޔެވެ؟

"ކާމްޑައުން ޕްރިޓީ، އަހަރެން ނާންނަމޭ ޝެލް ރޭޕްކޮށްލާކަށް، ހަމަ ދެކިލާހިތުން ކެތްނުކުރެވިގެން......" ރަފާއިލް މިޝެލިންގެ ކޯތާފަތުގައި ޖަހައިލީ މަޑުންނެވެ. ރަފާއިލް މޮޔަވީހެއްޔެވެ؟ ނޫނީ މިއީ އިންސާނެއް ނޫންހެއްޔެވެ؟ ތަޅުލާފައި ހުރި ކޮޓަރި އަކުން އެތެރެއަށް ވަދެގަތީ ކިހިނެއް ހެއްޔެވެ؟ މިޝެލިން އިރުކޮޅެއްވާންދެން ހިރިލާން ނުކެރިފައި އިނުމަށްފަހު ވިސްނާލާފައި އެތާ އޮތް ކުޝަން އަކުން ރަފާއިލްގެ މޫނު މަތީގައި ބާރު އެތިފަހަރެއް ޖެހިއެވެ. އެކުއްލި ހަރަކާތުން ރަފާއިލްވެސް ސިހުމާއިއެކު ހިނިވެސް އަތުވެއްޖެއެވެ. 

މިޝެލިން އެނދުން ފުންމާލައިގެން ދުއްވައިގަތީ ރަފާއިލްގެ އަތު ނުޖެހޭނެކަމަށް ހީކޮށެވެ. ބެލްކަނީގެ ދޮރު ހުޅުވަން އުޅެފައި އެނބުރިލިއިރަށް ރަފާއިލް އައިގޮތަށް އޭނަގެ ދެފަރާތުން ބިއްލޫރިގަނޑުގައި އަތް ވިއްދައިލުމުން އޭނަ ހުރީ ހިރިލާން ނޭގިފައެވެ. އަމިއްލަ ބާރެއްނެތް ކަމާއި މެދު މިޝެލިން ދެރަވެ، ރުޅި އައެވެ. ނުރުހުމުގެ ނަޒަރަކުން ރަފާއިލްގެ މޫނަށް ބަލަހައްޓައިގެން ހުރިއިރު ދެން ހަދަންވީގޮތެއް ވިސްނިއެވެ.

"ބޭނުމަކީ ކޮބާތަ.... ޕަވާރޓް......" މިޝެލިން ތަންކޮޅެއް ބާރަށް އަހާލައިފި އެވެ. މީހުންނާއި ދިމާލަށް މަލާމާތް ކުރުމާއި ފާޑުފާޑުގެ ނަން ކިޔުމަކީ އާދައަކަށް ނުވިޔަސް މި ޒާތުގެ މީހަކަށް "ޕަވާރޓް" ނުކިޔެންވީ ސަބަބެއްނެތެވެ. އޭނަ ނުރުހުމުގައި ކަމެއް ކުރަން އުޅެފިއްޔާ އަތު ޖެހުނު ތަނެއް ދަތްއަޅައި ކަޑައިގަންނަން މިޝެލިން ހިތާހިތުން ވަޢުދުވިއެވެ. އިއްބާނުގެ އެކުވެރިއަކަށް ވެގެން މިގޭގައި ހުރުމުގެ ހުއްދަދިނީމަ ހުރި ގޮތްކުޑަކަމަކުން އޭނަގެ ކޮޓަރި އާއި ހަމަޔަށް ވަދެގަތީއެވެ. ރީތި ސިފައެއްގައި ހުރި އިބުލީހެކެވެ.

"ޝެލް، ހަމަޖެހިލަބަލަ، ލައިކް އައި ސެޑް އެކަނި ވާހަކައެއް ބުނަން މިއައީ...." ރަފާއިލް އެހެން ބުނިކަމުގައި ވިޔަސް އޭނަގެ ލޭގެ ހިގުން އަވަސްވެ ކެތްކުރުން ދަތިވެފައިވެއެވެ. މިޝެލިންގެ ލޯބީގައި ދީވާނާ ވަމުންދާއިރު މިފަދަ ވަގުތެއްގައި ވާނީ ކިހިނެއް ހެއްޔެވެ؟ އެރީތި ލޮލަށް އުއްބައްތީގެ ދަޅައެޅުމުން ފެންނަނީ ވަކިން ޗާލުކޮށެވެ. ދެލޮލުގައި އަނދުން އަޅާފައި، ތުންފަތުގައި އެންމެ ގަދަ ރަތްކުލަ ޖައްސާލާފައިވާހެން ހީވެއެވެ. އެވެސް މޭކަޕަކާއިނުލައެވެ.

"އެހެންވީއިރު ދުރުގައި ހުރެ ވާހަކަ ދައްކަބަލަ......" މިޝެލިން އާދޭސްކުރަން ފެށިއެވެ.

"ގައިގައި އަތްނުލާން ވެގެން މިހިރީ، އެކަމަކު ރީތިކަމުން މޮޔަވާވަރުވޭ، އެންމެ ޗާންސެއް ދޭންވީއެއްނު، ހުއްދަ އޮންނާނެތަ؟" ރަފާއިލްގެ އެ ޖުމްލައިން މިޝެލިން ރަފާއިލްގެ މޭގައި އަތް އަޅާލާފައި ކޮށްޕައިލަން އުޅުނެވެ.

"ޑޯންޓް ޔޫ ޑެއަރ ޓަޗް މީ..." މިޝެލިން ހަޅޭއްލަވައިގަތެވެ.

"ބެން ދެކެ ލޯބިވާނެ ކަމެއްނެތް، އެއީ ކާކުތަ؟ ހީޒް އެ ޖަންކީ...." ރަފާއިލް ހީލާފައި ކިޔާލިއެވެ.

"އަހަރެން ލޯބިވަނީ ބެން ދެކެ އެކަނި، އިތުރު މީހަކަށް މި ހިތުން ކުޑަ ޖާގައެއްވެސް ނުލިބޭނެ، އެންމެ ކުރިން ރަފާއިލް އާއި ދިމާވި ދުވަހު އަހަރެން ލޯބިވާވަރު ރަފާއިލްއަށް ކިޔައިދިނީމެއްނު......." މިޝެލިން ޔަގީންކަމާއެކު ބުނެލިއެވެ.

"ބެންއަކީ އެންޖެލްއެއް ނޫން، އެ އިއްބާނު އެއްނު އަހަރެންގެ ކޮއްކޮ ރޭޕްކޮށްލާފައި މަރާލީ، އޭނަ ފޮނިކަނޑަން ކިޔާދީފައި ކަންނޭގޭ އޮތީ..........." ރަފާއިލް ގެ އެ ޖުމްލައިން މިޝެލިން ސިހުނުކަން އެނގުނެވެ. ރަފާއިލް ބިއްލޫރިދޮރަށް އެތިފަހަރެއް ވީއްލާލިއިރު އެ ރީތި ދެލޯ ފެންކަޅިވިއެވެ. 

"ނޫން، ބެން އެހާ ނުލަފައެއް ނުވާނެ، ތިހާ ކްރުއެލްއެއް ނުވާނެ، ތިއުޅެނީ އަހަރެންގެ ހިތް އަނބުރުވާލަންތަ؟ ތިއީ ދޮގެއް ދޯ، އަހަރެން އޮޅުވާލަންވެގެން ދޮގު ހަދަނީ......." މިޝެލިން ރުޅިއައިސް ރަތްވެފައި ހުރެ ބާރަކަށް ރަފާއިލްގެ މޭމައްޗަށް އެތިފަހަރެއް ވީއްލާލީ ގޮށްމުށްކަވާފައެވެ. ރަފާއިލް މޭގައި އަތް ހާކާލީ ތަދުވެފައި ހުރެއެވެ. ޔަގީނުންވެސް އެތެރެއަށް ތަދުވިއެވެ. ހިތުގައި ރިހުމެއް އުފެދުނެވެ. 

"އަސްލު އިއްބާނު އާއި ރަންދު ހިރޮއިން އަދި މެތް ކިޔާ ޑްރަގް ބޭނުންކޮށްގެން "ހައި" ވެފައި ތިބެ ކުރިހާކަމެއް ކުރިކަމަށް ވަނީ، އިއްބާނު ބުނީ ފަހުން ރަންދު ގާތުގައި ބޭނުން ނުކުރާށޭ ބުނީމަވެސް ނަގައިގެން އޯވަރޑޯޒްވީ ކަމަށް، އޭރު ރަންދުއަށް އެންމެ ފިފްޓީން، ރަންދު މަރުވީމަ މަންމަ ވަރަށް ސަކަރާތްވި، މޮޔަވެގެން ނަފްސާނީ ހޮސްޕިޓަލަކަށް ލާން ޖެހުނު، އިއްބާނު ގެ ސަބަބުން އަހަރެމެންގެ އާއިލާ ބަރުބާދުވީ، ބެން މެން ރިޗްވީމަ އޭނަ ސަލާމަތްވީ.........." ރަފާއިލްގެ ވާހަކައިގައި ކޮންމެވެސް ވަރަކަށް ތެދު އެކުލެވޭހެން ހީވިއެވެ.

އިއްބާނުގެ މާޒީގައި އެހާ ކަޅު ލައްގަނޑެއް ޖެހިފައިވާކަން އެނގުމުން މިޝެލިންގެ ހިތް ކުދިކުދިވެގެން ފައިބައިގަންނާން އުޅުނެވެ.

އިއްބާނުއަށް އަދިވެސް ނޭގޭނެ ރަންދުއަކީ އަހަރެންގެ ކޮއްކޮ ކަމެއް، އޭރު އަހަންނަކާއި ބެން ރައްޓެއްސެއް ނުވާނެ، ބެންގެ ފަރާތުން ބަދަލު ހިފަން އުޅެނިކޮށް ވީގޮތަކީ.........." ރަފާއިލް ފުރަތަމަ ފަހަރަށް ހަޔާތުން ކުޑަ ތަންކޮޅެއް މީހަކަށް ކިޔައިދީފައި އެންމެ މުހިއްމު ބައި ކިޔައިދޭން ފަސްޖެހިގެން ހުއްޓާލާފައި ސޯޓުގެ ޖީބަށް އަތް ޖަހާލައިފިއެވެ. ވަގުތު ޖެހުނީމަ އެ ސިއްރުވެސް މިޝެލިންއަށް އެގޭނެއެވެ.

"ދޮގު، އަހަރެން ގަބޫލެއް ނުކުރާނަން، ބެން ތިހެނެއް ނުވާނެ..." މިޝެލިން ވެސް ދެފޫޓެއްހާ ވަރުގެ ދުރުމިން އޭނަ އާއި ރަފާއިލް އާއި ދޭތެރޭގައި ބެހެއްޓިއެވެ.

"ބޭބީ، ޓްރަސްޓްމީ، އަހަންނަށް ޔަގީންވީމަ އަހަރެން މިފަދަ ވާހަކައެއް ދައްކާނީ، އެކަމަކު ބެންއަށް އެނގިގެން ނުވާނެ އަހަރެން މި ވާހަކަދެއްކިކަން އިނގޭ، އެހެން ނޫނީ އަހަންނަށް ކުރެވިދާނެ ކޮންމެ ކަމެއްވެސް........" ރަފާއިލްގެ އިންޒާރުގެ ރާގުން މިޝެލިންއަށް އޭނަ މާނަކޮށްފައި ބުނިކަން އެނގުނެވެ. އިއްބާނު އާއި އޭނަގެ އެކުވެރިންނަކީ ސިއްރުން ފުރިފައިވާ ބަޔަކެވެ. މާގަދަކޮށްލާފައި ތިމާމެންވަރުގެ ބަޔަކު ނެތްކަމަށް މިފަދަ ޒުވާން ގްރޫޕްތަކުން ދެކެއެވެ. އެކަމަކު އިއްބާނުގެ އެކުވެރިން ތިބެނީ ހާދަ މާތްގޮތަކަށެވެ. އިސްތަށިގަނޑު ދިގުކޮށްލާ، އެތަންމިތާގައި ފަށް އަޅާފައި ހަޑި ހާވައިގެނެއް ނޫޅެއެވެ. އެހާ ރީތިވެލައި، ސެންޓްޖަހާލައިގެން ތިބޭއިރު ހިތްނުކިޔާނީ ކޮން އަންހެންކުއްޖެއް ހެއްޔެވެ؟ 

"އަހަރެން ބޭނުންނަމަ މިފަހަރު ބަދަލުހިފާނެ ރީތި ޗާންސެއް ލިބުނު، އަހަރެން ޝެލް އާއި މެރީކުރިނަމަ އޭނައަށް ވާނީ ކިހިނެއްތަ؟ އެކަމަކު މިހެން ބުނިއްޔާ ގަބޫލުކުރާނަންތަ؟ އަހަންނަށް އިހުސާސްވީ ޝެލް އޭނަދެކެ ލޯބިވާވަރު، އެހެންވެ އަހަރެންގެ އަމިއްލަ އުފަލަށްޓަކައި ޝެލް ރޮއްވަން ބޭނުންނުވީ...... މިހާރު މިއިންތިޒާރު ކުރަނީ ޝެލް އަހަރެންގެ ގާތަށް އަންނާނެ ދުވަހަކަށް.... އަހަންނަށް ޔަގީން ދެން އެދުވަސް މާދުރުގައި ނެތްކަން، އަހަރެންވެސް ލޯބި ހޯދާނީ ގަދަކަމުން ނޫން، އެހެންނޫންނަމަ މިރޭވެސް އަހަރެން ދާނީ ޝެލް ނުރުހުނަސް ބޭނުން ގޮތެއް ހަދާލާފައެއްނު......." ރަފާއިލްގެ ވާހަކަތަކުން ލިބިފައި އިން ހައިރާންކަމުގެ ސަބަބުންނާއި، ހިތަށް ލިބިފައިވާ ދަތިކަމަކުން ސިކުނޑި ގަނޑުވެއްޖެއެވެ. ރަފާއިލް މި ވާހަކަ ދައްކާމީހާގެ މާޒީ ކިހާވަރެއް ވޭބާވައެވެ.

"ރަފާއިލް ދެން މިތަނުން ގޮސްދީފާނަންތަ؟ އަހަރެން ބޭނުން ނިދާލަން، ނޫނީ މޮޔަވެދާނެ......." މިޝެލިން ވާހަކަދެއްކީ ރީތިކޮށެވެ. ފިރިހެނުންނާއި ހިތާވާ މީހަކު މިތަނަށް ވަދެ އޮވެ އަދި ލޯތްބޭ ކިޔައިގެން އޭނަ ގާތުގައި ވާހަކަ ދައްކަން ލަދެއް ނުގަނެއެވެ. އެހާ ރީތިކޮށް އޭނަ ބުނީމަ އަދި ވަރަށް ހެދިފައި ހުރެ ދާނެއެވެ. ދުނިޔެއިން ފިރިހެނުން ހުސްވިޔަސް އޭނަ ރަފާއިލް ކަހަލަ މީހެއްގެ ގާތަކަށް ނުދާނެއެވެ. 

ރަފާއިލް ހިތާމަވެރި ހީލުމަކަށްފަހު ކޮޓަރިން ދިޔުމުން މިޝެލިން އިރުކޮޅެއްވާންދެން ވިސްނަން ހުރެލާފައި ތެދުވެ އަލަމާރި އާއި ތަންތަން ހާވަން ފަށައިފިއެވެ. ހިރޮއިން އަކީ ކިހިނެއް ހުންނަ އެއްޗެއްކަމެއް މިޝެލިންއަކަށް ނޭގުނަސް އޭނަ އެތަން މިތަން ހޯދީ ޝައްކުވާ ޒާތުގެ އެއްޗެއް ފެނިލުމުގެ އުއްމީދުގައެވެ. މުޅި ކޮޓަރި އެފުށްމިފުށަށް ޖަހާލި އިރު ނިދިވެސް ރަނގަޅަށް ފިލައިފި އެވެ. ފަތިސްވުމުން މިޝެލިން ބެލްކަންޏަށް ނިކުމެ އެތާހުރި ގޮނޑި އެއްގައި އޮށޯވެ ލެޕްޓޮޕުން ހިރޮއިން އާއި ބެހޭ މައުލޫމާތު ހޯދަން ފެށިއެވެ. ހިރޮއިން ބޭނުންކޮށްގެން ލިބޭ ހިތްހަމަޖެހުން އޭނަ ދެނެގަންނަން ބޭނުމެވެ. ހިނދުކޮޅެއްގެ އުފާތަކަށްވުރެ އޭގެ ނުރައްކާތައް ފެނުމުން ގަތީ ނުބައި ބިރެކެވެ. ސިކުނޑި، ހިތް ފަދަ މުހިއްމު ގުނަވަންތަކަށް ލިބޭ ބޮޑެތި ގެއްލުންތަކުގެ ވާހަކަ ތަފްސީލުކޮށް ލިޔެފައި ހުއްޓެވެ. ފުރަތަމަ ފަހަރަށް މި ފަދަ އެއްޗެހި ބޭނުންކުރުމާއިއެކު ހިތް ހުއްޓިގެން މީހުން މަރުވުމަކީ އެކަށީގެންވާކަމަކަށް ވާހިނދު މިކަން ކުރާނީ ފުރާނައަށް ބެލުމެއްނުވާ މޮޔައިންނެވެ. އިއްބާނު ފަދަ ކާމިޔާބު ޒުވާނަކު މިފަދަ ކަމެއް ކުރަންވީ ސަބަބަކީ ކޮބާހެއްޔެވެ؟

މިޝެލިން ބެލްކަނީގައި އެހެން އިންދާ އިއްބާނު ކޮޓަރިއަށް ވަންއަޑު އިވުނެވެ. އޭރު ފިނި ވައިރޯޅިތަކުގެ ސަބަބުން މިޝެލިން ހީކަރުވަން ފަށައިފިއެވެ. މިޝެލިން އަވަހަށް ލެޕުން ހިސްޓްރީ ފޮހެލާފައި ތެދުވުނު ތަނުން އިއްބާނު އައިސް އޭނަގެ ގައިގައި ބައްދައިލީ ބިމުން ހިއްލައިލަމުންނެވެ. މިޝެލިންއަށް އިއްބާނުގެ ކޮނޑުގައި ހިފަހައްޓައިލެވުނެވެ.

"މޯނިން ބޭބީ ގާލް، ހާދަ ހެނދުނު ހޭލައިގެން....." އިއްބާނު މިޝެލިންގެ ތުންފަތުގައި ބޮސްދިނުމުންވެސް މިޝެލިންއަށް އެކަމާއި ބައިވެރި ނުވެވި ފާޑަކަށް ބަލަހައްޓައިގެން ހުރެވުނީއެވެ.

"ވަޓް ހެޕެންޑް......" އިއްބާނު މިޝެލިންގެ ވިދުންގަދަ ދެލޮލަށް ބަލަން ފެށިއެވެ. އެހެން ދުވަހު ހުންނަ ފަނޑު ހިނިތުންވުން ތުންފަތުގައި ނެތުމުން އިއްބާނުގެ ހިތުގައި ސުވާލު އުފެދުނެވެ.

"ބެން ކޭމްޕަށޭ ކިޔާފައި ނުދަނީތަ؟ ހިޔެއްނުވޭ މޫދަށް ދިޔަހެން....." މިޝެލިން ހުރީ ޝައްކެއްގެ މަތީގައެވެ. ލޯބިވާ މީހާއާއަށް އިތުބާރު ކުރަން ބޭނުންވިޔަސް އެފަދަ ވާހަކައެއް އިވުމުން ޝައްކު އުފެދުމަކީ ތޮބީއީ ކަމެކެވެ. އެހެން ނޫނަސް ރަފާއިލްގެ ހަގީގަތް ނޭގޭހާ ހިނދަކު އޭނަދެކެ މިޝެލިން ގެންފައިވާ ބިރު ފިލާނެ ގޮތެއްވެސް ނެތެވެ. ރަފާއިލްގެ އަޑިނޭގޭ ސިއްރެއްވާހެން ހީވަނީ އެހާ ބޮޑަށެވެ.

"ކަނޑު ގަދަވީމަ ދާކަށް އެއްބަޔަކު އެއްބަހެއް ނުވި، އެހެންވެ ދެންހަމަ ފްރެންޑެއްގެ ގެއަކަށް ގޮސް މެޗެއް ބަލައިލާފަ ދެން މިއައީ..." އިއްބާނު ގެ އަނގައިން ސިގްރެޓްފަދަ އެއްވެސް ވަހެއް ދުވާތޯ މިޝެލިން ޔަގީންކުރަން ބޭނުންވިއެވެ. ނަމަވެސް އެފަދަ އެއްވެސް ކަމެއް ނެތެވެ. ދުވަނީ މިންޓް ނޫނީ ސުޕާރީފަދަ މީރު ވަހެކެވެ. މެތް ނޫނީ ހިރޮއިންގައި އާވި ރަހަ ހުރެދާނެ ބާވައެވެ. މިޝެލިން ޝައްކުވާން ފެށިއެވެ.

"ދުފައިގެންތަ؟ ކޯޗެއް ކައިގެން؟ އާވި ރަހަދެނީ ކޯންޗެއްގައިތަ؟ "މިޝެލިން އިއްބާނުގެ މޫނުގެ ދެފަރާތުގައި ހިފަހައްޓައިގެން ލޮލަށް ބަލަން އިނެވެ.

"ލޯޔަރެއްހެން ބޭބީ ތި ސުވާލު ކުރަނީ ކިހިނެއްވީތަ؟ ކޮން ކުށެއް މިފަހަރު ކުރެވުނީ، މީހަކު އެއްޗެކޭ ކިޔައިގެން އުޅެނީކަން ޔަގީން. ޖިނާ މެން އިބުލީހުން ކޮންމެފަދަ ވާހަކައެއްވެސް ދައްކަފާނެ.... " އިއްބާނު ހީލާފައި ކިޔާލައިފި އެވެ.

އިއްބާނުގެ ރީތި ރީތި ދެލޮލަށް ބަލައިލުމާއިއެކު މިޝެލިންގެ ހިތް ވިރިގެންދާން ސިކުންތުކޮޅެއްވެސް ނުނެގިއެވެ. އެއަތުގެ ތެރެއަށް ހަށިގަނޑުގެ ހުރިހާ ބާރެއް ދޫކޮށްލެވިއްޖެއެވެ. އެހެންނޫނަސް ރޭ ރަނގަޅަށް ނުނިދާހުރުމުގެ ސަބަބުން ލޯ ބަރުވެ އޭނަވެސް ބޭނުންވީ ތަންމަތީގައި ޖައްސައިލުމަށާއި، އެއަތުގެ ހިމާޔަތެވެ. ކޮންމެވެސް ވަރަކަށް ނިދާލުމަށްފަހު ހޭލެވިގެންވެސް މިޝެލިން އެ ސުވާލުކުރާކަށް ނޫޅުނެވެ. މާޒީ ކޮނެގެން އަލުން އިއްބާނު އާއި އޭނަގެ މައްސަލަ ޖެހުނަ ދިނުމަށްވުރެ ރަނގަޅީ ނޭގި އޮތުމެވެ. ދެރައީ މިޝެލިންއަށް ނޭގިވެސް އެކަމާއި ވިސްނޭކަމެވެ. ރަފާއިލް ފެނުމުން ހިތް ޝައްކުން ފުރޭވަރުވެފައި، ބިރުން އުޅެވޭތީއެވެ.

ރަފާއިލް ބެންޗުގައި ދެއަތް ދަތްދޮޅީގައި ވިއްދާލައިގެން ހިމޭނުން އިންއިރު އޭނަ އިނީ ވިސްނުމެއްގައިކަން ބަލައިލި ކޮންމެ މީހަކަށް ރަނގަޅަށް އެނގޭނެއެވެ. ޔީވާ ފަރިވަމުން ގޮސް ރަފާއިލް އާއި ދާދިގާތަށް ހުއްޓިލުމުން އިސްއުފުލާފައި ބަލައިލީ ފޫހިވެފައިވާ ފަދަ ގޮތަކަށެވެ.

"ކޮން ފިކުރެއްގައިތަ؟ ހެންޑްސަމް....." ޔީވާ ގެ ސުވާލަށް ރަފާއިލް ޖަވާބެއްނުދީ ދާން ހިނގައިގަތުމުން ޔީވާ ބުމަ އަރުވާލާފައި ހިނިގަނޑެއް ޖަހާލައިފި އެވެ. މިއީވެސް ހާދަ ބޮޑާ ފިރިހެނެކެވެ. ރީތިވީމަ ތިމާއަށް ތިމާ ފެނިފައި ހުރިހެން ހީވިއެވެ. ޔީވާ ލަދުގަތުމުގެ ބަދަލުގައި ކޮނޑު އަރުވާލާފައި މީހަކަށް ނުފެންނަކަން ޔަގީން ކުރަންވެގެން މައްޗަށް ބަލައިލިއެވެ. މިހުރާން ބެލްކަނީގައި ފޯނެއްގައި ހުރިތަން ފެނިފައި ފާޑަކަށް ހީގެންފައި އަތް ހޫރާލިއެވެ.

އިއްބާނު އާއި މިޝެލިން ބެލްކަނީގައި ހުރި ސޯފާއެއްގައި އޮށޯވެލައިގެން ތިބިއިރު ކޮންމެވެސް ސަކަރާތެއް ޖަހާފައި ހެމުން ދިޔައެވެ. އެއްވެސް ފިކުރެއް ޚިޔާލެއްނެތް ޅަ ދެލޯބިވެރިން ފަދައިންނެވެ. އިއްބާނު މިޝެލިންގެ ބަނޑުގައި އަތް ޖައްސައިލުމުން މިޝެލިން ތެޅިގެންފައި ސަލާމަތްވާން އުޅުނެވެ. އިއްބާނު މަޖާވެލާފައި ގިލިގިލިކޮށްޓަން ފެށުމުން މިޝެލިން ހީހީ ވަރުބަލިވާވަރުވިއެވެ.

"ސްޓޮޕް އިޓް ބެން.... ޔޫ އާ ކިލިން މީ.... ޕްލީޒް...." މިޝެލިން ހަޅޭއްލަވައިގަތެވެ.

މިޝެލިން އާދޭސްކުރަން ފެށުމުންވެސް އިއްބާނު ދޫކޮށެއްނުލިއެވެ. އެއަތުގެ ތެރޭގައި މިޝެލިން ވަނީ ބުދެއްފަދައިންނެވެ. ކުއްލި އަކަށް ފެނުނީ ޖެހިގެން ހުރި ކޮޓަރިން ރަފާއިލް އޭނަގެ ބެކްޕެކް އަޅުވާލައިގެން ނިކުތްތަނެވެ.

"އާރ ޔޫ ލީވިން..." އިއްބާނު ހައިރާންކަމެއްގެ ތެރޭގައި އިނދެފައި އަހާލައިފިއެވެ. ރަފާއިލް ބަލައިވެސް ނުލާ ސިޑިބަރިގިރާކޮށް ތިރިއަށް ފޭބިއެވެ.

"ރަފޭލް..." އިއްބާނު ބާރަކަށް ގޮވާލިއެވެ. އޭނައަށް އަޑުއިވުނުކަމަކަށް ނުވިއެވެ.

"އެ ޑެވިލްއަށް ނުގޮވަބަލަ، އޭނަ މިގެއަށް އައި ބޭނުމެއް ނޭގޭ އެކަމަކު ކޮންމެވެސް ނުބަޔެއް ހަދަން އުޅުނީ، ނޭގެއެއްނު އެފްބީ އިން އާއިޒު ފޮނުވައިގެން އުޅޭ އެޖެންޓެއް ނޫންކަމެއްވެސް........" މިހުރާން ކޮރިޑޯއިން އައިސް ރެއިލިންގައި އަތްއަޅުވާލައިގެން ހުއްޓުނެވެ. އޭނަ ހުރީ ރަފާއިލް ދާތީ ހިތްހަމަޖެހިފައެވެ. ރަފާއިލް އެދިޔައީ ރުޅިއައިސްގެންބާވައެވެ. މިހުރާން އެއްޗެކޭ ބުނީހެއްޔެވެ؟ މިހުރާން އާއި ރަފާއިލް އެކަކު އަނެކަކާއި ވާހަކަ ނުދައްކާކަން އިއްބާނު ވަނީ ފާހަގަކޮށްފައެވެ. އެދޭތެރޭގައި އޮންނަންވީ ނުތަވަސްކަމެއް ދެނެގަންނަން އިއްބާނު އެކިގޮތްގޮތަށް ސުވާލު ކުރުމުންވެސް މިހުރާންގެ ފަރާތުން އެދެވޭ ޖަވާބެއް ނުލިބުނެވެ.

މިރޭ ޒުވާނުން އުޅުނީ ރެޑްފްލޭމްގައި ބާބެކިއު ހަދަންވެގެން ގޮހެވެ. ބާބެކިއު ހަދަންފަށަންވާއިރަށް ރަފާއިލް އައެވެ. މިހުރާން ރުޅިގަދަވިނަމަވެސް އެއްޗެކޭ ނުބުނެހުއްޓާ ރަފާއިލް އެކަމުގައި ބައިވެރިވެގެން އެންމެނަށް ޑްރިންކް ތައްޔާރުކުރުމުގައި އުޅުނެވެ. އޭނަ ތައްޔާރުކުރި ސޮޑާ މީރުވެގެން ހުރިހާ ކުދިން ތައުރީފުކުރިއެވެ. ރަފާއިލް ބޮޑު އަލިފާންގަނޑެއް ތައްޔާރުކޮށްލައިފިއެވެ.

"ފުންމާލަން ކެރުނު މީހަކަށް އެއްހާސް ޑޮލަރު..." ރަފާއިލް އިނީ ހީލަ ހީލައެވެ.

"ފުންމައިލެވިދާނެ، އެކަމަކު އެހާ ބޮޑު ރިސްކެއް ނަގާވަރަށް ވުރެ ތިވަރު މާ މަދު....." ޖިނާނު ރަފާއިލް އިށީދެލައިގެން އިންއިރު އޭނަގެ ކޮނޑުގައި ދަތްދޮޅި ޖައްސާލައިގެން އޮތްގޮތަކުން މިޝެލިން ހައިރާންވިއެވެ. އެމީހުންނާއި ބެހޭގޮތުން މީހުން ވާހަކަދައްކަނީ އެހެން އުޅޭތީ ނޫންހެއްޔެވެ؟ އަދި ރަފާއިލް އަކީ އެކަހަލަމީހަކަށް ވެއްޖެއްޔާ ޖިނާނުމެން އުޅޭގޮތުން އޭނަ ހާދަ ހިތްހަމަޖެހުން ލިބޭނެއެވެ. ރަފާއިލްގެ ގަޔަށް އަރައިގެން އެހެން ނޫޅެން އޭނަ އިއްބާނުއަށް އަންގާނެއެވެ. 

އިއްބާނު އޭރު އޮތީ ވިނަގަނޑުމަތީގައި ކުރުއަތް މައްޗަށް އޮށޯވެލައިގެން އުދަރެހުގައިވާ ތަރިތަކަށް ބަލަހައްޓައިގެންނެވެ. އޭނަގެ ގެ ސޮޑާ ބޯލާއިރަށް ނިދި އަންނަގޮތްވެ، ހުވަފެނީވެފައެވެ. އެކަމުންވެސް މިޝެލިން ޝައްކުއިތުރުވިއެވެ.

މިލީނާ މިރޭ ކާން އުޅުމުން ނުކެވި އެންމެފަހުން ހުރިހާ އެއްޗެހި ހޮޑަށް އައީއެވެ. ބޮލުގައި ރިއްސައި، ބަނޑަށް ތަދުވެ އަނބުރައިގަންނަ ގޮތް ވާތީ އޭނަ އޮތީ ތެދުވާ ހިތްނުވެފައެވެ. އެހެންނޫނަސް މިހުރާންމެން ބާބެކިއު ހަދަން ގޭގެ ފަހަތުގައި އޮންނަ ހުސްތަނުގައި އުޅޭކަން އެނގޭތީ އޭނަ އޮތީ ކޮޓަރިން ނުނިކުންނަން ނިންމައިގެންނެވެ. ކުއްލިއަކަށް މާ ބާރަށް މީހަކު ކޮޓަރީގެ ދޮރުގައި ތަޅައިގަތީ އޭނަ ބިރުގަންނަވާލަން ކަންނޭގެއެވެ. މިލީނާ ބާލީސް ކަންފަތްމަތީގައި އަޅައިގެން އޮތީއެވެ. މިހުރާން ނޫން މީހެއްގެ އަމަލަކަށް ނުވާނެކަން މިލީނާއަށް ޔަގީންވިއެވެ. އެހާލުގައި އޭނަ އޮތްވާ އަދި ޖެއްސުންކުރަން ބޭނުންވީއެވެ. އެންމެ ފަހުން މިލީނާއަށް ކެތްނުކުރެވިގެން ދޮރު ހުޅުވާލުމާއިއެކު މިހުރާން އެމީހުންނާއި ބައިވެރިވެލަން އަންނާށޭ ބުނެލީ އަމުރުވެރި ގޮތަކަށެވެ.

"ބަލިވެ މިއުޅެނީ...." މިލީނާ ދޮރަށް ލެނގިލިއެވެ.

"މަޖުބޫރުކޮށްގެން ނޫނީ އެއްވެސް ކަމެއް ކުރެވޭކަމަކަށް ނުވޭ ދޯ......" މިލީނާގެ މޫނު ހުދުވެފައިވިޔަސް ފަރުވާލެއްނެތި އަތުގައި ހިފާދަމަމުން ސިޑިއާއި ދިމާލަށް ދާން ފެށުމުން މިލީނާ އަތުން ދޫކުރުވަން އުޅުނެވެ. 

"ދޫކޮށްބަލަ، ގޮސްދާނަމޭ...." މިލީނާ އެހެން ބުނުމުން މިހުރާން ކުޑަތަންކޮޅެއް ކުރީގައި ހުރެގެން ސިޑިން ފައިބަން ދިޔައެވެ. ކުއްލިއަކަށް މިލީނާ ވަރުދެރައަޑަކުން މިހުރާންއަށް ގޮވައިލުމާއިއެކު އޭނަގެ ހަށިގަނޑުން ވަރުދޫވެގެން ސޮއްސާލައިފިއެވެ. މިހުރާން ކުއްލިއަކަށް އެނބުރިލާފައި މިލީނާގެ ގައިގައި ހިފަހައްޓަން އުޅުމުން އޭނައަށްވެސް ހަށިގަނޑު ސަމާލުކުރެވުނީ ހަމަ ކިރިޔާއެވެ. އޭރު އެ ދޮންމޫނުގައި ކުދި މުތީތައްފަދައިން ދާތިކިތައް ވިދާލާފައި ހުއްޓެވެ. މިލީނާ ވަރުދެރަގޮތަކަށް މިހުރާންގެ މޭގައި ބޯ އަޅައިލުމާއިއެކު ބައިވަރު ހޮޑުލެވިއްޖެއެވެ. މިހުރާން މިލީނާ އަތްދަނޑިމައްޗަށް ނަގައިގެން ބާތުރޫމަށް ގެންގޮސް ހެދުން ބާލުވާފައި، ގައި ދޮއްވާލަދިނެވެ. މިލީނާ އެނދުގައި ބާއްވާފައި އޭނަ ލައިގެން ހުރި އެއްޗެހިވެސް ދާ ވަށިގަނޑަށް ލިއެވެ. މިހުރާން ހެދުމެއް ގެނެސްދޭން ގުޅާލީ މީރާ އަށެވެ.

މިލީނާ ދެލޯމަރާލައިގެން އޮތްއިރު އެސްފިޔަތަކުގައި ކަރުނަ ހަރުލާފައި ހުއްޓެވެ.

ކޮމެންޓް 0