ނޭގި ނަމަވެސް ހިތާއި، ސިކުނޑި ކޮންމެވެސް ހިސާބަކުން ގުޅުނު ކަމުގެ ހެއްކެކެވެ. މިހުރާންގެ ލޮލުގައިވި މެސެޖް މިލީނާއަށް ދޭހަވާކަށް އިރުކޮޅެއް ނުނެގިއެވެ.
"އައި ކްލޯޒް މައި އައިސް، އެންޑް ދަ ފްލޭޝްބެކް ސްޓާޓްސް......" މިހުރާން ކިޔާލި ބައިތަކުން މިލީނާގެ ކޯތާފަތުގެ ރަތްކުލަ ގަދަވިއެވެ. އެ ލަވައިގެ ބައިތުތައް މިލީނާއަށް މަލާމާތް ކުރަނީ ހެން ހީވިއެވެ. މިލީނާ އެ ބޯއެސްފިޔަތައް ހިއްލާލައިފައި ވަށައިގެން ބަލައިލީ އޭނަ މިހުރާންގެ ފަރާތުން ސަލާމަތް ކޮށްދޭނެ ފަދަ ފަރާތެއް ލިބުމަށް އެދެމުންނެވެ. އެކަމަކު މިލީނާ އާއި ދިމާކުރާފަދަ ގޮތަކަށް އޭނަ އާއި ދިމާލަށް ހުއްޓާލެވިފައިވާ އެތައް ލޮލެއް ފެނުމުން ގަތް ލަދުން އަނގަ ހުޅުވާލަން ނުކެރިފައި ހުރެ މިލީނާ ގޭތެރެއަށް ވަދެގެން ދުއްވައިގަތެވެ. މިލީނާގެ ކަރުނައިގެ ފަހަތުގައި ފޮރުވިފައިވާ ބޮޑު ސިއްރު އެކަކަށްވެސް ރޭކާނުލިއެވެ. މިލީނާ އެންމެ ފަހަރަކުވެސް ބުނެލިނަމަ މަންޒަރު ތަފާތުވީއެވެ. އެހެންވިނަމަ އެބޮޑު ދުވަހު މިހުރާން ގާތުގައި ހުދު ހެދުންލައިގެން ހުންނާނީ މިލީނާއެއް ނޫނެވެ. މީރާ އެވެ.
މިލީނާ ކޮޓަރިއަށް ވަދެ އެނދަށް އެރިގޮތަށް މޭގައި ކަކޫ ޖައްސާލައިގެން އެތައް އިރެއްވާން ދެން އިނެވެ.
މިހުރާން އޭނަގެ ކޮޓަރީގެ ކުޑަދޮރުހުޅުވާލައިގެން ބޭރަށް ބަލަހައްޓައިގެން ހުރިއިރު ޖެހެމުންދިޔަ ވައިރޯޅިތައް އެ ރީތި ޒުވާން މޫނާއި، ފަންއިސްތަށި ގަނޑާއި ގޯނާ ކޮށްލާފައި ދިޔައީ ސަބަބެއްނެތި އެއްނޫނެވެ. އެހެން ހުރި އިރު އޭނަ ހީވަނީ ރީތި ކަމުގެ ފުރިހަމަ ތަސްވީރެއް ހެންނެވެ.
"އެހާ އިނޮސެންޓް ކުއްޖަކަށް އެހެން ހަދަން ވާނެ ބާ...." މިހުރާން ހިތާހިތުން ސުވާލު ކުރިއެވެ. މިހުރާން ދިރިއުޅުން މާ ސީރިޔަސްކޮށް ނުނެގިޔަސް އޭނައަކީ ހަގީގަތުގައި ޒުވާން މިލިއަނަރެކެވެ. މިލިއަނަރެއްގެ ދަރިއަކަށް ވިޔަސް ދެއަތް އުރާލައިގެން ބައްޕަމެންގެ މުއްސަނދިކަމުގެ ހިޔަލުގައި ދިރިއުޅުން ހޭދަކޮށްގެން ވާނެ ކަމަކަށް މިހުރާން ގަބޫލެއް ނުކުރެއެވެ. އޭނަ އާއި އެހެން އެކުވެރިއެއް ވެގެން އުފެއްދި ސޮފްޓްވެއަރ ކުންފުނީގެ ސަބަބުން އެމީހުން ވަނީ ލާރިވެރިންނަށް ވެފައެވެ. މިހުރާންގެ އަތުގައި ނަސީބު ހިފާފައިވާއިރު އަންހެންކުދިންގެ ތިބެނީ އޭނައަށް މަރުދަންޖެހެން ތައްޔާރަށެވެ. އޭނަ ފެނިފައި ފިދާނުވާ ހިތެއްނުވެއެވެ. އެކަމަކު އެޒުވާން ހިތް މިލްކު ކުރެވުނީ މީރާ ކިޔާ ކުއްޖަކަށެވެ. އެހާ ރީތި، ސްޓައިލިޝް ކުއްޖެއް މަދުވާނެ އެވެ. މިހުރާން ގެ އާއިލާ ރުއްސަން ކައިވެނި ކޮށްލިޔެއް ކަމަކު އޭނަގެ ލޯބިވެރިޔާގެ މަގާމަށް އެހެން ކުއްޖަކަށް އައުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. މިލީނާ ފަދަ ރީތި، ބަސްއަހާކުއްޖަކަށް ވެސް އެހިތާއި ހަމަޔަށް ވާސިލެއް ނުވެވޭނެ ކަން މިހުރާންއަށް ޔަގީނެވެ.
މިހުރާންގެ މައްސަލައަކީ ކުށެއްނެތް މައުސޫމް ކުއްޖެއްގެ ދިރިއުޅުމާއި ކުޅެލެވެން އުޅޭތީ އެވެ. އޭނަގެ އަނދިރި ފަރާތް ނޭގިހުރެ އޭނަ އާއި އެކު ދުރު ތަނަކަށް ދާން މަޖުބޫރުވެފައިވާ އަންހެން ކުއްޖެކެވެ. އެކަމަކު އޭނަގެ ކުށެއް އެބައޮތް ހެއްޔެވެ؟ އޭނަ ވެސް މިލީނާ އާއި ކައިވެނި ކުރަން އުޅެނީ އާއިލާއަށް ޓަކައެވެ. ކައިވެންޏަށްފަހު ދުރަށް ދާން ޚިޔާލު ކުރީ އެހާ ވިސްނާފައެވެ. އަމިއްލަ ގޭގައި އުޅެންވެއްޖެއްޔާ އޭނަ ބޭނުންވާ ގޮތަކަށް ދިރިއުޅުން ބައްޓަމެއް ނުކުރެވޭނެއެވެ. ބޭޒާރުވާކަށް ލަހެއްނުވާނެއެވެ. އެހެންވީމަ އަމިއްލަ ވިޔަފާރި އާއިގެން، ވަކި ގެއެއްގައި ހަޔާތުގެ ދަތުރު ފެށީމަ އޭނަ އާއި މިލީނާގެ ދިރިއުޅުމުގެ ހުރިހާ ކަންތަކެއް އެންމެނަށް ސިއްރުވެގެން ހިނގައިދާނެއެވެ.
"މީރާ ބޭބީ، ނުރޮއިބަލަ، އަހަރެމެން މީޓްވާނެ އަދި ހަތަރުދުވަސް ފަހުން، ހަނީމޫން ހަދާނީވެސް ދެމީހުން، އެއީ ކުޑަކުއްޖެއް އޭނައަކަށް އެކައްޗެއްވެސް ނޭގޭނެ، އަހަރެން ތިއީ ފްރެންޑެކޭ ބުނީމަ ގަބޫލުކުރާހާ އިނޮސެންޓް، ޓްރަސްޓް މީ ބޭބީ، އަހަރެން މެރީ މިކުރަނީ އެކަނި ފެމިލީމީހުން ހިތްހަމަޖައްސާލަދޭން، އެމީހުން އުފާކޮށްދިނީމަ އަހަރެމެންނަށްވެސް ދުނިޔެއިން އުފާ ލިބޭނެ، މާމަ ބުނާފަދައިން އެއްވެސް ހާލެއްގައި ޕޭރެންޓުންނަށް ހާޓް ކުރާކަށް ނުވާނެ، ބޭބީއަށް އެނގެންވާނެ ތިނޫން ކުއްޖެއްދެކެ އަހަރެން ލޯބި ނުވާނެކަން......" މިހުރާން އެތައް ވާހަކަތަކެއް ދައްކައިގެން އޭނަގެ ލޯބިވެރިޔާ ހިތްހަމަޖައްސައިލަ ދިނެވެ. މިހުރާން އެތައް ޕްލޭނެއް ކުރަމުންދާއިރު އެހެން ބަޔަކަށް އޭނަ ކުރަން އުޅޭ އެއްވެސް ކަމެއްގެ ހިލަމެއްނުވެއެވެ. އެކަމާއި މެދު ޝައްކުވެފައި ހުރީ މިޝެލިން އަށެވެ. މިޝެލިންގެ ހިތުގައި މިހުރާން އާއި މިލީނާގެ ކައިވެންޏާއި މެދު ސުވާލުތައް އުފެދިފައިވެއެވެ. މިހުރާން އެހެން ކުއްޖެއް ދެކެ ލޯބިވާއިރު މިލީނާ އާއި ކައިވެނި ކުރުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ މިލީނާގެ ލޮލުގައި ކަރުނަތައް ގިނަވަނީ ކީއްވެ ހެއްޔެވެ؟ އެހާ ވަރުން ކުރާ ކައިވެންޏަކަށް ވާއިރު މިލީނާ ހިނިތުންވެ އުޅޭތަން ނުފެންނަނީ ކީއްވެ ހެއްޔެވެ؟ އޭގެ ބަދަލުގައި އޭނަ ހީވަނީ އަތްވަށް ކެތްނުކުރެވިގެން މިލަމުންދާ ފިނިފެންމަލެއް ފަދައިންނެވެ. ކައިވެނި ކައިރިވާވަރަކަށް މިލީނާގެ މޫނު މިލައި، މޮޅިވެރިކޮށް ފެންނަން ފަށައިފި އެވެ.
ބައެއް މީހުން އިންތިހާ ދަރަޖައިގެ ހިތާމައިގެ ތެރެއަށް ގެނބި ފަނާވަމުން ދާއިރު އަނެއްބަޔަކު އެއްވެސް ފިކުރެއް، ޚިޔާލެއް ނެތި ދުނިޔޭގެ އުފާތައް ލިބިގަނެއެވެ. ގޯލްޑެން ފްލޭމް ގެ މެމްބަރުންގެ ތެރެއިންވެސް ފެންނަނީ އުފާވެރި މޫނުތަކާއި، ހިތާމަވެރި ސޫރަތަކެވެ. މިލީނާގެ ލޮލުން ކަރުނަ ނުހިކިގެން އުޅޭއިރު މިޝެލިންގެ ދޮންމޫނު ފެންނަނީ ފަރިވެފައިވާ ތަނެވެ. ލޯބީގެ ފޮނިކަމާއި، ރީތިކަން އެ ހިތަށް އިހުސާސް ކުރެވި އެ އުފަލުގައި މިޝެލިން ކާއިނާތުގައި އުދެހެނީ އެވެ. އިއްބާނު އެހެރީ އޭނައަށް ޓަކައި ތަރިތައްވެސް ބާލަދޭށެވެ. މިޝެލިންގެ ލޮލުގެ ވިދުވަރާއި ތަރިތަކަށްވެސް ވާދަނު ކުރެވޭނެ ކަމަށް އިއްބާނު ވަނީ ބުނެފައެވެ. އެފަދަ ލޯބި ޖުމްލަތައް ރަން ފަދައިން އެ ކަންފަތަށް ވިރުވާ އަޅަނީ އެވެ. ކޮންމެ ހިއްސެއްގައި އިއްބާނު ވެރިކަން ކުރާއިރު މިޝެލިންގެ ހިތަށް ވެފައިވާވަރު ބަޔާން ކުރެވޭނީ ކިހިނެއް ހެއްޔެވެ؟ ގޯލްޑެން ފްލޭމް ކައިވެންޏަށް ތައްޔާރު ވަމުން އައިއިރު ޔަގީނުން ވެސް އެއިން އެއް ކައިވެނި ވަނީ ކެންސަލް ކުރެވިފައެވެ.
ޒަހުރާން، މިހުރާން އަދި އިއްބާނު ތިބީ ބެލްކަނީގައިވާ ވަށް މޭޒުގެ ކައިރީގައި އިށީދެލައިގެން ރާޒުވާ ބައި އަތުރާލައި ގެންނެވެ. އެލީސާ އާއި ހައިތަމްގެ ފަރާތުން ވާރުތަކޮށްގެން ކުދިންވެސް ވަނީ އެކަމަށް ފޯރި ހިފާފައެވެ. ހައިތަމް ދެކޭ ގޮތުގައި އެކުޅިވަރަކީ ސިކުނޑި ތަނަވަސްކޮށްދޭ ކަމެކެވެ. އެލީސާ ބެލްކަނީގައި ހުރި މާގަސްތަކަށް ފެންދިނުމުގައި އަވަދިނެތި އުޅެއެވެ. އެ މުށިކުލައިގެ އިސްތަށިގަނޑު ރަތް ވޫލްކޮޅަކުން އައްސާލައިފައި، ޖިންސަކާއި ހުދު ޓީޝާޓެއްލައިގެން ހުރިއިރު ހީވަނީ ޒަހުރާންމެންގެ ދައްތައެއް ހެނެވެ. އެހާ ޒުވާން ކަމަށް ދައްކައެވެ. އެމީހުން ދައްކަމުން ދިޔައީ ޒަހުރާން އާއި މިޝެލިންގެ ކައިވެނި ކެންސަލް ވުމުން އެވާހަކަ އެވެ.
"ބޫ، މަންމަމެންނަށް ސިއްރު ކުރާތީ ވާހާ ކަންތަކޭ، ޝެލް އާއި ބޫގެ ގުޅުމެއް އޮތްކަމެއް އެނގޭ މީހަކު މިގެއަކު ނެތް، އެހެންވިއްޔާ ދެން ޝެލް އާއި ދަރިފުޅު ގެ ވެޑިން ބާއްވަން ވީނު..." އެލީސާ ގޮނޑިއެއް ދަމާލައިގެން އިށީދެއްޖެއެވެ.
"ހޫމް، އެކަމަކު އަދި ތަންކޮޅެއް އަވަސް....." އިއްބާނު ދެކޭ ގޮތުގައި އަދި މިޝެލިން މީހަކާއި އިންނަވަރަށް ވުރެ ޅައެވެ. އެ އުމުރުގައި އުޅެން ޖެހެނީ ލޯބިވެރިން ފަދައިންނެވެ. އަދި ތެޅިފޮޅިގެން ކައިވެނީގެ ގޮށްޖަހާ ވަރަކަށް ދެމީހުން ބޮޑެއް ނުވެއެވެ. އިއްބާނު އަށް ނޭގުނީ މި ފުރުސަތު ގެއްލުވައިލުމަކީ އުމުރުގައި ހެދުނު އެންމެ ބޮޑު މޮޔަކަން ކަމެވެ. މުޅި އުމުރަށް އޭނަ އެކަމާއި ހިތާމަކޮށްފާނެ ފަދަ ނިންމުމެއް ކަމުގައެވެ. މުސްތަގުބަލުގައި ވެދާނެ ގޮތެއް ލަފާނުކުރެވި ނިންމޭނީވެސް އެފަދަ ގޮތަކަށެވެ.
"މަންމައަށް އެނގޭ، ދަރިފުޅު ކެއަރފްރީ ކަމުން އެހާ ބޮޑު ޒިންމާއެއް ނަގަން ބޭނުމެއް ނުވާނެ، އެކަމަކު އަދިވެސް މަންމަ ހިތަށް އަރަނީ މަންމަމެން ނަށް ބޫ ދިން ސަޕްރައިޒް، ބައްޕަވެސް އިންނެވީ ޝޮކެއްގައި، ކިހިނެއް އެނގޭނީ ބޫގެ ސީރިޔަސް ގާލްއެއް ހުންނަކަން، ދޮންބެގެ ކައިވެނި ކުރުވުނު ނަމަ މަންމަމެން ޖެހޭނީ މުޅި އުމުރަށް ރިގްރެޓް ކުރާކަށް ނޫންތަ؟" އެލީސާ ރޭގެ ހާދިސާގެ މަތިން ހަދާން ކޮށްލާފައި ހޭންފެށިއެވެ. އިއްބާނު އޭނަގެ މަންމަ އާއި ބައްޕަގެ ކޮޓަރިއަށް ގޮސް އޭނަ އާއި މިޝެލިން ރައްޓެހިވެގެން އުޅޭތާ ދެއަހަރު ވެއްޖެ ކަމަށް ބުނެލީ ވަރަށް ހަމަޖެހިލާފައި ހުރެއެވެ. ދިމާވި ގޮތުން މިޝެލިން ގަތަރަށް ފުރަން ޖެހުމުން ދިމާވި އޮޅުން ގަނޑެއްގައި ދެ ލޯބިވެރިން ވަކިވީއެވެ. އިއްބާނު ގެ އަމަލު މިދެއަހަރު ތެރޭގައި އެހެން ހުރި ސަބަބު ވަގުތުން އެދެމަފިރިންނަށް އެނގުނެވެ.
"އަދި ފޯމުގައި ސޮއިކޮށް ނިމެންދެން ބޫ ހުރިނަމަ، ތޭންކް ގޯޑް ބޫ ދޮންބެ ސަލާމަތްކޮށް ދިނީތީ، އެހެންނޫންނަމަ އެތައްބަޔެއްގެ ލައިފް ހަލާކުވެދާނެ......" ޒަހުރާން ގެ ސިކުނޑިން އެތައް ޓަނެއްގެ ބުރަދަން ލުއިވެފައިވެއެވެ. އިއްބާނު އާއި މިޝެލިންގެ ގުޅުމަކީ އޭނަގެ ހެޔޮ ނަސީބެވެ.
އެމީހުންނަށް ހަގީގަތުގައި އިއްބާނު އާއި މިޝެލިންގެ އޮތް ގާތް ގުޅުމެއް ނޭގެއެވެ. އޭނަ ހީކުރަނީ އެއީ ޅަ އުމުރުގެ މަޖާކަމުގައެވެ. އެހެން އުޅެލާފައި އަދި އެހެން މީހަކު ހަޔާތުގެ ބައިވެރިޔަކަށް ނުހޮވާނެ ކަމެއް ނޭގެއެވެ. ޒަހުރާންއަށް އަދި އެ އާއިލާގެ އެހެން މީހަކަށްވެސް އިއްބާނު އާއި މިޝެލިން އެކަކު އަނެކަކު ދެކެ ލޯބިވާވަރު އަންދާޒާ ކޮށްލާކަށް ނޭގުނެވެ. މިހުރާން މޭޒުމަތީގައި މަޑު މަޑުން އަތުން ތަޅާލަ ތަޅާލާއިން އިރު އިރުކޮޅަކަށް އޭނަ އެހެން ދުނިޔެ އަކަށް ގެއްލިފައި އިންކަން ފާހަގަ ކުރެވުނެވެ.
"ރެން، އައިމް ކޮންފިއުޒްޑް، އެރެންޖް މެރިޖް ކުރާއިރު އެހެންމީހުން ތިހާ އުފަލުން ނޫޅޭ، ވަޓްސް ދަ ސިކްރެޓް...." އިއްބާނު މިހުރާން އަނގައިން ނުބުނެ އިނީމަ ދިމާކޮށްލިއެވެ.
"އަހަރެން ދުނިޔެއަށް އައީ އުފަލުގައި އުޅެން، އެހެންވީމަ ދުނިޔޭގެ ބާރަކަށް އަހަރެންގެ ހެޕިނެސް ޖަހައެއް ނުގަނެވޭނެ...." މިހުރާން އޭރުވެސް އިނީ ގޮނޑިއަށް ލެގިލައިގެން މެސެޖެއްލިޔަން ކަންނޭގެ އެވެ.
"ދޮންބެވެސް ރެން ގާތުން ދަސްކުރަންވީ ދޯ..." ޒަހުރާން ގެ ހިތާމަވެރި ދިރިއުޅުމުގެ ފަސާނާވެސް އޮތީ އޭނަގެ އާއިލާއަށް ފޮރުވިފައެވެ. ޒިލާ އާއި އެކީގައި އޭނަ ހޭދަކުރި އަހަރު ތަކުގައި އޭނަ ހާދަ ހިތާމައެއް ކުރިއެވެ. ލޯތްބަކީ އެފަދަ އެއްޗެކެވެ. ބައެއްފަހަރު އެލޯބި ފަނޑުވެގެން ގޮސް ނިވިގެން ހިގައިދާނެއެވެ. ލޯބީގެ ހުޅުކޮޅު ބޮޑުވަނީ ދެން ހުރިމީހާ ވެސް މަސައްކަތް ކުރީމަ ކަންނޭގެ އެވެ. އެއްފަރާތުން އެކަނި ވުމުން ގިނަފަހަރު އެ ލޯތްބެއް ދެމިގެން ނުދާނެއެވެ. ޒަހުރާން ޒިލާ ދެކެ ފޫހިވާން ފެށީ އެހެންވީމަ ކަމަށް ވެދާނެ އެވެ. އެލީސާ އާއި ތިން ކުދިން އެކި ވާހަކަތަކެއްގައި އެތައް އިރެއް ވޭތުވެގެން ދިޔައެވެ.
ކުއްލި އަކަށް އެތަނަށް އައި ނަވާރަ ވިހި އަހަރުގެ އަންހެންކުއްޖަކު ފެނުމުން އެލީސާ ގެ ހުރިހާ ދަތްތައް ފެންނަވަރަށް ހީލަމުން ގޮސް އެ އަންހެންކުއްޖާގެ ގައިގައި އޮޅުލައިގަތެވެ. އެއީ އެލީސާގެ ގާތް އެކުވެރިޔެއްގެ ދަރިއެކެވެ. ވެޑިން ޕްލޭނަރ އަދި ސްޓައިލިސްޓަކަށްވީމަ އޭނައަށް އެލީސާ ދައުވަތުދީގެން ގެނައީއެވެ. ޔީވާ އަކީ ރީތި އަންހެންކުއްޖެކެވެ. ހަމުގެ އޮމާން ކަމުން ހީވަނީ ކްރީމެއްލާފައި ހުންނަހެންނެވެ. އިރުގެ އަވި އެހަމަށް އެޅުމުން ވަކިން ރީތިކަމަށް ފެނުނެވެ. އެލީސާ އޭނަގެ ތިންދަރިންނަށް ޔީވާ ތަޢާރަފު ކޮށްދިނެވެ. ޔީވާގެ ކަތި ނަޒަރުން ފިރިހެނުންގެ ހިތްތައް ދަމައިގަންނާނެ އެވެ. އެކަމަކު އެ ޒުވާނުންގެ ހިތަކަށް އެރީތި ކަމަކުން މާބޮޑު އަސަރެއްކުރިހެނެއް ހިޔެއްނުވެއެވެ. އެންމެން އެކީގައި ސައިބޮއިގެން ވާހަކަދައްކަން ތިބިއިރު ޔީވާ އެހާ ބޮޑަށް އިއްބާނު މެންނާއި ވާހަކަ ދައްކާކަށް ނޫޅެއެވެ. ހުރީ ރަސްމީގޮތެކެވެ.
ގޯލްޑެން ފްލޭމްގައި ޒަހުރާން އާއި މިޝެލިންގެ ކައިވެނި ކެންސަލް ކުރެވުނު ޚަބަރު ފެތުރިގެން ދިޔަގޮތަށް ޒިލާގެ ކަންފަތުގައި އެ އަޑު ޖެހުމުން ފޮނިވެލިއެވެ. ޔަގީނެވެ. ޒަހުރާން އޭނަގެ އިންޒާރު ދެކެ ބިރުގަތީއެވެ. މާގަދަކޮށްލާފައި އުޅުނަސް ކަމެއް ނުކުރެވުނެވެ. ޒިލާ ވަގުތުން ގޯލްޑެން ފްލޭމަށް ދިޔައީ ޒަހުރާންއަށް ޖެއްސުމެއްކޮށްލާ ހިތުންނެވެ. އޭނަގެ ނަސީބު ކިތަންމެހާވެސް ރަނގަޅެވެ. ޒަހުރާން އުޅުނީ ކޮޓަރީގައެވެ. އޭނަ ޓަކިދިނުމުން ވަރަށް ފަސޭހައިން ދޮރު ހުޅުވާލައިފި އެވެ. އެކަނި ޖިންސްލައިގެން ހުރިއިރު އެ ކަސްރަތީ ހަށިގަނޑުގެ ފުރިހަމަކަން ހާމަޔަށްވެއެވެ.
"ކޮންގްރާ ކިޔަން މިއައީ...." ޒިލާ ދޫނެރެލި އެވެ. ޒަހުރާން ބަލަހައްޓައިގެން ހުރީ ލަދުގަންނަވާލާފަދަ ނަޒަރަކުންނެވެ.
"ވަޓް ޑޫ ޔޫ ވޯންޓް؟" ޒަހުރާން ފިނިގޮތަކަށް ބުނެލިއެވެ. ޒިލާގެ ހިތަށް ބިރުވެރިކަން ވަނެވެ. ޒަހުރާންގެ ލޮލުން އޭނައަށް ލޯބީގެ ހޫނުކަމެއް ނުފެނުނެވެ. އޭގެ ބަދަލުގައި އޭނައަށް ފެނުނީ ބީރައްޓެހި ކަމާއި ދުރުހިލޭ ކަމެވެ. އެދޭތެރޭގައި އޮތްހާ ގުޅުމެއް ނިމިގެން ދިޔައީ ކަންނޭގެ އެވެ. ޒަހުރާން އޭނަ ބަލަބަލާހުއްޓާ ބީރައްޓެއްސަކަށް ވެގެން ހިގައްޖެއެވެ.
"ޒެފް ބޭނުން އޭނަގެ ޑެޑީ...." ޒިލާ އަށް ޒަހުރާންގެ ލޮލާއި ދިމާލަށް ބަލަހައްޓައިގެން ހުންނާކަށް ނުކެރުނެވެ.
"ޒެފް ބޭނުން ކޮންމެ ވަގުތެއްގައި އަހަރެން ހުންނާނަން، އެކަމަކު އަހަރެން ޒިލާ އާއި ދައްކާކަށް އިތުރު ވާހަކައެއް ނެތް، ދެން މިތަނުން ދޭ...." ޒަހުރާން ޒިލާގެ މޫނުމަތީގައި ދޮރު ލައްޕައިލުމުން ޒިލާ ހުރީ އަނގަ ހުޅުވިފައެވެ. މީހަކަށް އެ މަންޒަރު ފެނިއްޖެއްޔާ ހާދަ ދެރައެވެ. އޭނަގެ އަގު ވެއްޓޭނެކަން ގައިމެވެ. ޒިލާ ވަށައިގެން ހޯދައިލި އިރު ޒިލާއަށް އެވަގުތު ފެނުނީ ބެލްކަނީގައި ހެވިލާފައި ހުރި މިޝެލިން އެވެ. މިޝެލިން ޒިލާ ފެނުމާއި އެކު ވިދުވަރެއްހާ ހަލުވިކޮށް ސިޑިން ފައިބައިގެން ދިޔަތަން ފެނުނެވެ. ޒިލާ ރުޅިގަދަވި ވަރުން އެތައްފަހަރަކު ފާރުގައި އަތުން ތެޅިއެވެ. ޕޮޓެއްގައި ފައިން ޖަހާ ވިއްސާލައިފި އެވެ. އޭނައަށް މަލާމާތް ކުރުމުގެ ހިތްވަރު މިޝެލިންއަށް ލިބުނީ ކިހިނެއް ހެއްޔެވެ؟ އޭނަ އެކުއްޖާގެ ފުރާނަ ދަމައިގަންނާނެ އެވެ. ޒިލާ ނިތްކުރީގައި ވާ ރޫތައް ފިލުވައިލަމުން ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިކުރުވިއެވެ. އޭނަގެ ނުރައްކާތެރި ރީތިކަމުގެ ނިވަލުގައި ރުޅިގަދަ ކުއްޖަކު ފިލާ ހުރެދާނެ ކަމަށް ހީކުރާނީ ކާކު ހެއްޔެވެ؟
ގޯލްޑެން ފްލޭމްގެ އާއިލާގެ މެމްބަރުންނާއި ތިމާގެ ބަޔަކު ރިޒޯޓަކަށް އައިއިރު މިލީނާ ނައެވެ. އޭނަގެ މަންމަ އާއި ބައްޕަގެ އެޕާޓްމެންޓުގައި އެމީހުން ގާތުގައި އުޅެމުންދާއިރު އެމޫނުމަތިން އުފާވެރިކަމެއް ނުފެނެއެވެ. މާޒިން އާއި ސޯފިޔާގެ ހިތުގައި އެކަމާއި މެދު ސުވާލު އުފެދިފައިވެއެވެ. މިލީނާ އަމިއްލައަށް ބޭނުންވެގެން މި ކައިވެނި ކުރަން އުޅޭއިރު އަބަދު ޚިޔާލެއްގައި ހުންނަނީ ކީއްވެހެއްޔެވެ؟ އަބަދު ލޮލުގައި ކަރުނައިގެ އަސަރު ހުންނަނީ ކީއްވެބާވައެވެ. މިލީނާއަށް މީހަކު މަޖުބޫރު ކުރީ ހެއްޔެވެ؟ ކިތަންމެ ސުވާލުތަކެއް ހިތުގައި އޮތަސް މަސްލަހަތަށް ޓަކައި އެދެމަފިރިން ހިމޭންވިއެވެ. ސޯފިޔާ އެކައިވެންޏާއި ދެކޮޅު ނަމަވެސް ފުރަތަމަ ދަރިފުޅުގެ ކައިވެންޏަށް ވުމާއިއެކު އޭނަވެސް އެރެއަށް ޓަކައި އާހެދުމެއް ފައްސަން ދިނެވެ. ދަރިފުޅަށް ޓަކައި ދުޝްމިނުން ކައިރިއަށް ދާކަށްވެސް އޭނަ ފަހެއް ނުޖެހޭނެ އެވެ.
ސޯފިޔާ އާއި މާޒިން ކޮޓަރީގައިވާ ކިންގްސައިޒް ބެޑްގައި އޮށޯވެލައިގެން ތިބިއިރު އެކޮޓަރީގައި ދިއްލާލައިފައިވާ ފަނޑު ނިދާބޮކީގެ އަލީގައިވެސް ސޯފިޔާގެ މޫނުމަތީގައިވާ ނުތަނަވަސް ކަން ފެންނަމުން ދިޔައެވެ.
"މިލީމެން ހަނީމޫނަށް ޔޫރަޕަށް ދާ ދިއުން ދެން މައްސަލައެއްނެތް، އެކަމަކު މިހުރާން މިލީ ގޮވައިގެން ގޮސް ބޭރު ގައުމެއްގައި އާއިލާ އާއި ވަކިން ސެޓްލްވާން އުޅޭ ސަބަބެއް ނުވިސްނޭ، ޔަގީން މިހުރާން ކޮންމެވެސް ނުބަޔެއް ހަދަން އެއުޅެނީ، މާޒިން އެކަން ހުއްޓުވާދީ....." ސޯފިޔާގެ ލޯ ތެމުނެވެ.
"ކައިވެންޏަށްފަހު އަހަރެމެންނަށް މިލީގެ މައްޗަށް އަމުރެއް ނުހިންގޭނެ، ހިޔެއްނުވޭ މިހުރާން މިލީއަށް ދެރަގޮތެއް ހަދާނެހެން، އެންމެ ރަނގަޅު ވާނީ ކުދިން ބޮޑެތިވީމަ އެކުދިންގެ ހަޔާތުގެ ބައިވެރިންނާއި އެކު އެގޮތަށް ދުވަސް ކޮޅަކަށް ދުރުގައި އުޅެން ފުރުސަތު ދިނީމަ، މައިންބަފައިންގެ ނުފޫޒު ފޯރީމަ ވާނެ ގޮތް އެންމެ ރަނގަޅަށް ތަޖުރިބާ ކުރެވިފައި ހުންނާނީ ސޯފީއަށް، މިލީ ބޭނުންވެގެން ކުރަން އުޅޭ ކައިވެންޏެއް އެއީ، މިލީ އަކީ ގެވެހިކުއްޖެއް އެހެންވީމަ އޭނައަށް އެކަނި ގެއެއް ބެލެހެއްޓިދާނެ، އަނެއްކޮޅުން ޝެލް ކައިވެނި ކެންސަލް ކޮށްލީ، އެހެންވީމަ އަހަރެމެން ގާތުގައި އެއްކުއްޖަކު އުޅޭނެ، ދެން މިލީ މަތިން ހަދާން ވަންޏާ އަހަރެމެންނަށް ވެސް ޔޫރަޕަށް ބުރެއް އަޅާލެވިދާނެ، ބީ ޕޮޒިޓިވް ސޯފީ، ހުރިހާކަމެއް ދާނީ ރަނގަޅަށް އިންޝާﷲ......" މާޒިން އާފުރިލަމުން މޮބައިލުން ގަޑި ބަލާލައިފި އެވެ. ހަގީގަތުގައި އޭނަގެ ކުދިން ގެ ނިންމުމާއި މެދު މާޒިން ވަނީ ހިތްހަމަޖެހިފައެވެ. އޭނަ ދެކޭ ގޮތުގައި އެހާ އެކަށީގެންވާ ބައިވެރިންނެއް މިލީނާ އަދި މިޝެލިން އަކަށް ނުވާނެ އެވެ.
"ޝެލް އިއްބާނު އާއި ރައްޓެހިވެގެން އުޅުނީމަ މާ ބޮޑަށް ބިރުގަނޭ، ރައްޓެހިވެގެން އުޅެންޏާ ކައިވެނި ލަސްކުރުމުގެ ބޭނުމެއްނެތް....." ސޯފިޔާ ހުރީ މިޝެލިން އިއްބާނު އަށްޓަކައި ޒަހުރާން ދޫކޮށްލުމުން އެކަމާއި ހިތްހަމަނުޖެހިފައެވެ. އެދެބެއިން ކުރެ ޔަގީނުންވެސް ސޯފިޔާ ގަބޫލު ކުއްޖަކީ ޒަހުރާން އެވެ. އިއްބާނުގެ ފަތިފުށް އޭނަވަނީ ލޮލުން ދެކެފައެވެ. އަންހެން ކުދިންނާއި އެހާ ކައިރިން އުޅޭ މީހަކަށް ސޯފިޔާ އިތުބާރެއް ނުކުރާނެ އެވެ.
"އަދި ޝެލް އަކީ ކުޑަކުއްޖެއް...." މާޒިން ކުޑަކޮށް ރުންކުރުވާ ގޮތްވި އެވެ. ކޮންމެ ކަމެއް ސޯފިޔާ މައްސަލަ އަކަށް ހަދަން އުޅެނީއެވެ. ކިހާ ދެރަކަމެއް ހެއްޔެވެ؟ ސޯފިޔާއަށް އެ ޖުމްލައަށް ރައްދުދޭނެ ގޮތް އެގުނަސް ހިމޭންވިއެވެ. އެދެމަފިރިން ކޮންމެ ވާހަކައެއް ދައްކައި، އަރައިރުންވިޔަސް ދަރިންގެ އަމިއްލަ ކަންތައް އެކުދިން ނިންމާނީ އެކުދިންނަށް ފެންނަ ގޮތަކަށްކަން އެވަނީ އަންގާދީފައެވެ. އެންމެ ބަސްއެހި ކުއްޖާވެސް އެންމެ ފަހު ވަގުތުގައި އޭނަގެ މޫނުގައި ކޮޅުފައިން ޖެހީއެވެ. ސޯފިޔާގެ އެސްފިޔަތައް ކަރުނުން ބަރާވިއެވެ. އެހާވަރުން ބަލާބޮޑު ކުރުމުން ދަރިން ހަދަނީ ހިތަށް އެރި ގޮތެކެވެ.
"އެހެންވީމައެއްނު މާދަން ރިޒޯޓަށް އެގޭމީހުންނާއި އެކީގައި މިޝެލިން ދާން ހުއްދަދިނީ، މާޒިން ރަނގަޅަށް ޝެލް ބަލަހައްޓަން ވާނެ، މިލީ ކިހާ ރަނގަޅު، އޭނައަށް ވިސްނޭ ދާންޖެހޭ ތަންތަނާއި، ނުދާން ވާތަންތަން، އޭނަ ބުނި ނުދާނަމޭ........" ސޯފިޔާވެސް އެ ދަތުރާއި ދެކޮޅެވެ. އޭނަ ދެކޭގޮތުގައި އެހެން ރިޒޯޓަށް ގޮސް މިނިވަންކޮށް އުޅެންވެއްޖެނަމަ އަދި ކުދިންގެ އުޅުން މާބޮޑަށް ގޯސްވެދާނެއެވެ. ނަމަވެސް މާޒިންގެ އާއިލާ ވީމަ އެވަރަށް އެއްޗެހި ކިޔަންޏާ މާޒިން ނުރުހިދާނެ އެވެ. އެހެންނޫނަސް މާޒިން ދަންޏާ އޭނަ މިޝެލިން އާއި އަޅާލާނެތާއެވެ. ކިޔާނެ މާބޮޑު އެއްޗެއް ނެތެވެ. ކުދިންނާއި ހެއްދެވި ފަރާތާއި ވަކީލެވެ. މަންމައަކަށްވެ ހުރެ ދަރިން ހިމާޔަތް ކުރަން ކުރެވޭނީ މިހާކަށްހާވަރަށެވެ. އޭނަ އަނެއް ފަރާތަށް އެނބުރިގެން އޮވެ ނިދޭތޯ ބޭކާރު މަސައްކަތް ކުރިއެވެ. އެޕެންޑިކްސް އޮޕަރޭޝަނަށްފަހު ހޮސްޕިޓަލުގައި އޮތް ދުވަސް ކޮޅުވެސް އޭނަގެ ޚިޔާލުގައި އެނޫންކަމެއްނެތެވެ.
ގޯލްޑެން ފްލޭމްގެ އާއިލާ އާއި ތިމާގެ ބަޔަކު މިއަދު ރިޒޯޓަށް އައީ އުފާކޮށްލުމަށެވެ. އަވިދޭ ރީތި ދުވަހަކަށްވާތީ އެންމެން އައިގޮތަށް އެރުނީ މޫދަށެވެ. އެކި ސަކަރާތުގައި ތިބެ، ރީތި ހަނދާންތައް ރައްކާކުރަމުން ދަނިކޮށް ހަވީރަށް ވީއިރަށް ކުއްލި އަކަށް ބޯވިލާތަކުން އުޑުމަތި ބައްދާލާފައި ވާރޭ އޮއްސައިގަތެވެ. އެންމެން ވާރެޔާއި ތެމިލައިގެން އުޅެފައި އެއްގަމަށް އެރީ އިރުއޮއްސުމުންނެވެ. މީހުން ހުސްވެ ބީޗް ފަޅުވުމުންވެސް އަތު ގުޅުވާލައިގެން އެ ވާރޭތެރޭގައި ހިގަމުން ދިޔައީ އިއްބާނު އާއި މިޝެލިން އެވެ. ދެލޯބިވެރިން ކޮންމެވެސް ވާހަކައެއް ދައްކާފައި ހެމުން ދިޔަ އިރު ވަށައިގެންވާ އެއްވެސް ކަމަކާއި ވިސްނާލާހެން ހިޔެއްނުވެއެވެ. އޭރު މޫދު ހީވަނީ ރިހިފަތްގަނޑެއް ހެންނެވެ. އިރުއޮއްސެމުން ދިޔައިރު އުޑުމަތީގައި ހީވަނީ އަލިފާންގަނޑެއް ރޯކޮށްލާފައިވާ ހެންނެވެ. އެ ރަތްއަލި މިޝެލިންގެ މޫނަށް އެޅިފައިވާއިރު ރީތިކަމުން އިއްބާނުއަށް ނޭވާ ހިފަހައްޓާލަން މަޖުބޫރުވިއެވެ. އެ ތުންފަތަށް އަރާފައިވާ ކުލަ އަކުން އިއްބާނުގެ ހިއްސުތަކުގައި ރޯކުރުވިއެވެ. އިއްބާނު މިޝެލިން ގެ ދެއަތުގައި ހިފަހައްޓާލަމުން ފިޔަވަޅުތައް މަޑުކޮށްލިއެވެ. މިޝެލިން ލައިގެން ހުރި ހުދު ޓީޝާޓު ތެމި ގަޔަށް ހިފާލާފައިވާ ގޮތާއި، އެ މޫނުގައި ޝަބްނަމް ފަދައިން ވިދާ ވާރޭތިކިތައް ފެނިފައި އިއްބާނުގެ ހިތް މޮޔަވާވަރުވިއެވެ. މިޝެލިންގެ އަތަށް ފިތައިލެވުނީ ތަންކޮޅެއް ބާރަށެވެ.
އިރުއޮއްސިގެން ދިޔަ މަންޒަރު ބަލަހައްޓައިގެން ދެލޯބިވެރިން ހިނިތުންވެލައިގެން ތިބެފައި އަނެއްކާ އެކަކު އަނެކަކުގެ މޫނަށް ބަލައިލެވުނީ ކެތްތެރިކަން ކުޑަވެފައިވާފަދަ ގޮތަކަށެވެ. އެކަކު އަނެކަކަށް ބޭނުންވެފައި ތިބެއެވެ. އެވަގުތު ކޮޅު ޚާއްސަވީ އިންތިހާއަށެވެ. ދެއަތުގެ އިނގިލިތައް ލާމެހި އެކައްޗަކަށްވިއެވެ.
"ޝެލް، އަހަރެން ބުނީމެއްނު ތަންކޮޅެއް ފަހުންނޭ މެރީ ކުރާނީ، ޝެލް އަށް އެއިޓީންވީމަ އަހަރެން ވިސްނީ މެރީ ކުރަން ތަންކޮޅެއް ޔަންގު ކަމަށް، އެކަމަކު މިވަރަށް ލޯބިވަންޏާ ކޮންމެހެން ވަކި އޭޖަކަށް އިންތިޒާރު ކުރުމުގެ ބޭނުމެއްނެތް ދޯ ޝެލް، ވީ ވިލް ގްރޯ އޯލްޑް ޓުގެދަރ........" އިއްބާނު ގެ ރީތި ހިނިތުންވުން މިޝެލިން ސިކުނޑި ގަނޑުކޮށްލި އެވެ.
"ވިލް ޔޫ މެރީ މީ....." އިއްބާނު އަށް މިއީ ކައިވެނި ހުށަހަޅަން އެންމެ އިޝްގީ ގޮތްނޫންކަން އެނގުނަސް އޭނަ ދެން އިތުރަށް އިންތިޒާރު ކުރާކަށް ބޭނުމެއް ނޫނެވެ. ލޯބިވަންޏާ އަވަހަށް އެކީގައި ދިރިއުޅެން ފަށަންވީއެވެ. އެހެންނޫނަސް އޭނައަކީ މިހާރު މިޝެލިން ގޮވައިގެން އާ ހަޔާތެއް ފެށޭނެ ފަދަ ފެންވަރަށް ކިޔަވައިގެން ހުރި ހަރުދަނާ ޒުވާނެކެވެ.
"ބެން........" މިޝެލިން ރަކިވާގޮތްވި ނަމަވެސް ދުރު ބަލައެއް ނުލެވުނެވެ. ވާރޭތިކިތައް ދެލޯބިވެރިންގެ މޫނުގައި މަޑުމަޑުން ކޭއްތިލާފައި ތިރިއަށް ދެމިގަނެއެވެ.
"ނޫނެކޭ ނުބުނާތި ލަވް، ދެން ކިތަންމެ ގިނަ ފަހަރު ނޫނެކޭ ބުންޏަސް އަހަރެންގެ މީހަކަށް ނަހަދާނެ ގޮތަކީ ނެތްގޮތެއް...." އިއްބާނު މިޝެލިންގެ އޮމާން ކޯތާފަތުގައި އަތްޖައްސައިލަމުން ލާނެތް ހިނިތުންވުމަކާއި އެކު ބުނެލިއެވެ. މިޝެލިން އާއެކޭ ބުނެފައި ހީގަންނަމުން އިއްބާނުގެ އަތު ނުޖެހޭން ވެގެން ދުއްވައިގަތެވެ. އެންމެފަހުން މިޝެލިން ވަރުބަލިވެގެން ދޮންވެލިގަނޑު މަތީގައި އިށީންނަންވާއިރަށް އިއްބާނު މިޝެލިން އާއި ޖެހި ފިތިގެން އިށީނެވެ. ދެމީހުންނަށް އެކަކު އަނެކަކަށް ބަލަހައްޓައިގެން އިރުކޮޅެއްވާންދެން ތިބެވުނު އިރު ހީވީ ކޮންމެ ވަގުތަކުވެސް ހުޅުހިފާފާނެ ހެންނެވެ.
"ޝެލް މާބޮޑަށް ފިނިވެއްޖެއްޔާ ބަލިވެދާނެ، ދެން ހިގާ ހިކިލަން..." އިއްބާނު މިޝެލިން ގެ އަތުގައި ހިފާފައި ތެދުކޮށްލަމުން ކޮޓަރި އާއި ދިމާލަށް ހިނގައިގަތެވެ.
އެރޭ އެންމެން ކާންތިބި އިރު އިއްބާނުއަށް ފެނުނީ އޭނަ އާއި ދިމާލަށް ބަލަހައްޓައިގެން ޔީވާ ތަންކޮޅެއް ދުރުގައި އިންދައެވެ. މިއަދު މޫދުގައި ގިނައިރުވަންދެން އުޅުމުގެ ސަބަބުން ޔީވާ އިނީ ޓޭންވެލާފައެވެ. ހީވަނީ ޓޭން ލޯޝަނެއްލައިގެން އެކުލަ އަރުވާލާފައިވާ ހެންނެވެ. އިއްބާނުގެ ހިތަށް އެއްޗެކޭ ނާރައެވެ. އޭނަ ފެނިފައި ބީރައްޓެހިންވެސް ހައިރާންވެ އޭނައަށް ބަލާކަން އޭނަ ދަނެއެވެ. އެކަމަކު އިއްބާނުއަށް އެ ކަންތައް މުހިއްމެއްނޫނެވެ. ރީތި އަންހެންކުދިންގެ ސަމާލުކަން ދަމައިގަންނަން އިއްބާނު މިވީހާތަނަށް މަސައްކަތް ކޮށްފައެއް ނެތެވެ. އޭނަގެ ޒުވާން ހިތް ދެވުނީ އެންމެކުއްޖަކަށެވެ. އެކަނި އޭނަގެ މިޝެލިން އަށެވެ. އެނޫން ކުއްޖަކާއި ދިމާލަށް އެފަދަ ނަޒަރަކުން ބަލައިލަން ވެސް އިއްބާނު ނޭދެއެވެ. އެހެން ސިފައެއް ނެތަސް، ވަފާތެރި ކަމާއި، ތެދުވެރިކަން އަމިއްލަ ގައިގައި ހުރިކަމާއި މެދު އޭނަ ޝައްކެއް ނުކުރެއެވެ.
ކައި ނިމިގެން އެންމެން ލޯންޗަށް އަރަން ދާންވެގެން ހިނގައިގަތެވެ. އިއްބާނު އާއި މިޝެލިން އަތުގުޅުވާލައިގެން އެންމެންގެ ފަހަތުން ހިނގާލައިފައި އައިއިރު ސިއްރު ވާހަކަ ތަކެއް ދައްކާފައި ހެމުން އައެވެ. މިޝެލިންގެ ގަނޑުފެންކޮޅެއްހާ މަޑު ފިނިއަތް އިއްބާނުގެ އަތުގެ ތެރެއަށް ދޫކޮށްލާފައިވާއިރު މިޝެލިންގެ ހިތް ތެޅެމުން ދިޔައީ އިންތިހާ ދަރަޖައިގެ ބާރުމިނެއްގައެވެ.
"ރެން ގެ ވެޑިން ނިމުނުހާ އަވަހަކަށް އަހަރެމެންގެ ވާހަކަ ބައްޕަ ގާތުގައި ދައްކާނަން، ހާދަ ފިނިވެފައޭ ލަވް، ހަގްކޮށްލަންތަ؟ ހިގާ ކުޑަކޮށް އެހެރަ ގަސްބޮނޑި ކައިރިއަށް، އެދިމާލަށް އެއޮތީ އަނދިރި ކޮށް، ބޭނުމީ އެންމެ ހަގެއް، ޖަސްޓް ވަން ޓަޗް ބޭބީ ގާލް......" އިއްބާނު ގެ އެ ޖުމްލައިން މިޝެލިންގެ ގައިން ހީބިހި ހަލުވައިލި އެވެ. އަނދިރިކަމުގެ ތެރެއިންވެސް އެ ވިދާ ބަބުޅާ ލޮލުގެ ރީތިކަން އިތުރުވިތަން އިއްބާނުއަށް ފެނުނެވެ.
"ސަމާސާ ނުކޮށްބަލަ...." މިޝެލިން އިއްބާނުގެ މޭގައި އަތްއަޅާ މަޑުން ކޮށްޕާލައިފި އެވެ. އެ ތަނަވަސް މޭމަތީގައި އަތް ޖައްސައިލެވުމުން މިޝެލިންއަށް ތަފާތު އިހުސާސް ތަކެއް ކުރެވުނެވެ. އޭރު ކުރިއަށް އަރައިގެން ދިޔަމީހުން އަނބުރާލާފައި އަންނަތަން ފެނުމުން މިޝެލިން ދުރަށް ޖެހިލައިފި އެވެ. ކަނޑު މާ ގަދަވުމުގެ ސަބަބުން ލޯންޗުގެ ޑްރައިވަރަށް އެމީހުން ގޮވައިގެން ކަނޑަށް ނިކުންނަން ކެރުނު ކަމަކަށް ނުވިއެވެ. ތެދެކެވެ. ކަނޑުގެ ހަލަބޮލި ރާޅުތައް ބިންދާލާ އަޑުން ފަޒާ ގެ ހިމޭންކަން މުގުރާލާފައި ވެއެވެ. އުޑުގައިވެސް ހީވަނީ ކަޅު ސާލެއް އޮޅާލާފައިވާ ހެންނެވެ. ބިޔަގަސް ތަކުގެ ގޮފިތައް ވައިގެ ތެރޭގައި ހޫރެމުން ދާއިރު މުލުން ލުހެލާފާނެހެން ހީވާ ވަގުތު އާދެއެވެ. ތޫފާނީ ބިރުވެރި ރެއެކެވެ. އެންމެންނަށް ޖެހުނީ އެނބުރި ކޮޓަރިތަކަށް ދިޔުމަށެވެ. އިއްބާނު އާއި މިހުރާން އަދި ދެ އެކުވެރިން އެ ވިއްސާރައިގައި އެބައަންނަމޭ ކިޔާފައި ދިޔައީ ބޭރަށެވެ.
މިޝެލިން އާއި މަލަކާ ނިދަން ޖެހުނީ އެއްކޮޓަރިއެއްގައެވެ. މަލަކާ ވަރުބަލިވެފައި ވާތީ އެނދުގައި ޖައްސާލުމާއިއެކު ފުން ނިންޖަކަށް ގެބިއްޖެއެވެ. ވާރޭގެ މިލިއަން ތިކިތައް ފުރާޅަށް ގޯނާކުރަމުން ދާއިރު ހީވަނީ ރީތި ރާގެއް ކުޅެވޭ ހެންނެވެ. ޝައުގުވެރި ކަމާއި އެކު އެ އަޑުއަހަން އޮތް އިރު މިޝެލިންގެ ދެލޮލަށް ވެސް ނިދީގެ އަސަރުވެރިވެ އާފުރިލަން ފަށައިފި އެވެ. ދުވާލު ހަތަރުދަމު ސަކަރާތް ޖެހުމާއިގެން އުޅެފައި މިފަދަ ފިނިރެއަކަށްވީމަ ކޮންމެ އިންސާނަކު ބޭނުންވާނީ މަޑު ތަންމައްޗެއްގެ އަރާމެވެ. އިއްބާނު ބުނިފަދައިން މިފަދަ ރެއެއް އެންމެ ރީތިވާނީ ލޯބިވެރިޔާގެ އަތުތެރޭގައި ހޭދަކޮށްލެވުނީމައެވެ.
މިޝެލިން އިއްބާނުގެ މަތިން މާބޮޑަށް ހަނދާންވާން ފެށިއެވެ. އެންމެ ފަހުން ކެތްނުކުރެވިގެން މިޝެލިން އިއްބާނުގެ ފޯނަށް ގުޅީމަ ފޯނު ނުނަގައެވެ. އޭނައަށް ސަތޭކަ ކޯލު ކުރެވުނެވެ. "ބެން ކޮންތާކު ތިއުޅެނީ؟ ބެން އޯކޭތަ؟ ނޫނީ ނިދާފައިތަ؟ އާންޓީ ފަދައިން ބެންވެސް ޑްރީމް ކުރަނީތަ؟ އެކަމަކު އެހެންރޭ ނިދާނީ ވެސް އަހަރެންގެ ގާތުގައި ބުނެފައި ލޯބިން ސަލާމް ކޮށްލާފައި، އެހެންވީމަ ކަންނޭގޭ މިވަރަށް ވިސްނެނީ....." މިޝެލިން އެކި ޚިޔާލުތައްކޮށްފައި ބިރުގަންނަން ފެށިއެވެ. އިއްބާނު އާއި އެކުވެރިން މިއޮތް ރޭގަނޑު އަނެއްކާ މަސްބާނަން ނަމަވެސް ދިޔައީބާވައެވެ. އިއްބާނުއަށް ކަމެއްވީހެއްޔެވެ؟ ހިތް ނުތަނަވަސްވީ ވަރުން މިޝެލިންއަށް އެނދުގައި ހިމޭނުން އޮވެވުނު ކަމަކަށް ނުވިއެވެ. އޭނަ އެނދުން ތެދުވެ ސިއްރު ފިޔަވަޅު ތަކެއްގައި ކޮޓަރިން ބޭރަށް ނިކުތުމާއިއެކު ފިނިވައިރޯޅިއެއް ހަށިގަނޑުގައި ބީހިލައިފިއެވެ.
މިޝެލިން ކޮރިޑޯއިން ހިނގާލައިފައި ގޮސް ކުޑަދޮރުގެ ފޮތިތައް ދުރުކޮށްލާފައި ބޭރަށް ބަލަހައްޓައިގެން އިރުކޮޅެއް ވާންދެން ހުއްޓެވެ. ލޮލުގައިވާ ނިދި ފިލުވައިލަން ކަޅު ކޮފީ އެއް ބޯހިތުން ކާބަޔަށް ދާން ޚިޔާލުކުރެވުނެވެ. ވާރޭ ހައްތަހާ ބޯކޮށްލައިފި އެވެ. ނިދީގައި ތިބިމީހުން ގެ ނިދި ފުންކުރުވަން ނާނާ އަޅުވާލީއެވެ. މިޝެލިން ކޮޓަރި އާއި ދިމާލަށް އެނބުރި ދަމުން އިއްބާނުގެ ކޮޓަރީގެ ތަޅުގައި ހިފައިލެވުނީ ބޭއިޚިތުޔާރުގައެވެ. ދޮރު ހުރީ ތަޅުލާފައެއްނޫނެވެ. އިއްބާނު ދެކެލާހިތުން ކެތްނުކުރެވިފައި ހުރި މިޝެލިން ޓަކި ދިނުމެއްނެތި އެކޮޓަރީގެ ދޮރު ހުޅުވާލައިފިއެވެ.