މިހުރާން ދޭތެރެ އަކުން ފޯނެއްގައި އުޅެއެވެ. ނޫނީ ޓީވީ ގެ ޗެނެލް ތަކާއި ކުޅެލައެވެ. ލެޕް ހުޅުވާލައިގެން އިނަސް މިއަދު ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. އެއްވެސް ކަމަކަށް ޝައުގެއް ނެތެވެ. ގޭގައި ހުރެގެން ކުރާނެ ކަމެއް ނޭގި ފޫހިވާން ފެށީ ކަންނޭގެ އެވެ. އެކަމަކު ބޭރަށް ދެވޭނީ އޭނަ ކުރި މަސައްކަތް ކޮންމެވެސް ކޮޅެއްގައި ޖައްސައިލެވުނީމައެވެ. ދެތިން ގަޑިއިރުވީއިރުވެސް މިލީނާ ހިމޭނުން އޮތުމުން އުދަގޫ ވެގެން މިހުރާން ތެދުވެގެން ގޮސް އެނދުގެ މަގަތުގައި އިށީނެވެ.
"ކިހިނެއްވެފައި ތިއޮތީ؟ ވާހަކަ ދައްކަބަލަ، ތިހެން އޮތީމަ އަހަރެންވެސް ފޫހިވާނެއްނު، އެއްވެސް އުނދަގުލެއް ވަނީތަ؟" މިހުރާން މިލީނާގެ ފަން އިސްތަށިގަނޑު ހާވާލާފައި، އަތުގައި ހިފިއެވެ. އެ އަތްތިލަ ނާޒުކްވެފައި، ގަނޑުފެންކޮޅެއްހާ ފިންޏެވެ. މިލީނާ ކުއްލި އަކަށް މިހުރާންގެ އަތް ފޮޅުވައިލުމުން މިހުރާން ހައިރާންވިއެވެ. މިހުރާން ގަބޫލުކުރަން ދަތިގޮތަކަށް ބަލަހައްޓައިގެން އިރުކޮޅަކަށް އިނދެލާފައި މިލީނާގެ މޫނުގައި އޮތް ބާލީސް ދަމައިގަތެވެ.
"އަދި ރަނގަޅަކަށް އެއްޗެއް ބުނީމަ ގޮތް ދައްކަން ފެށީތަ؟" މިހުރާން ތުންފަތުގައި ދަތް އަޅާލާފައި މިލީނާ ގަޔާއި ގާތަށް ދަމައިގަތުމުން ގޮސް މިހުރާންގެ އުނގުގައި ޖެހުނެވެ. މިލީނާ ދެއަތަށް ލެވުނުހާ ބާރެއް ލާފައި މިހުރާންގެ މޭގައި އަތް އަޅައިކޮށްޕާލާފައި ދުއްވައިގަތުމުން ހީވީ އަލިފާނަށް ތެޔޮ އެޅިހެންނެވެ. މިލީނާ ރީތިވާ މޭޒުމަތީގައި އޮތް އޭނަގެ ފޯނު ދަމައިގަނެފައި ފާޚާނާއަށް ވަދެ ދޮރު ތަޅުލާން އުޅުނު އިރު ހިތް ހީވީ ފުންމާލަ ފާނެ ހެންނެވެ. މިހުރާން ފަހަތުން އައިގޮތަށް ދޮރުގައި ހިފަހައްޓާފައި ލެއްޕިޔަކަ ނުދިނެވެ. އަދި މިލީނާގެ އަތުން ފޯނު ޖަހައިގެންފާ ތަޅުންމަތީގައި ޖެހިގޮތަށް އަޑުފަށަކާއި އެކު ފޯނުގެ ބައިތައް ވަކިވެގެން ދިޔަތަން ފެނުމުން މިލީނާ ހުރީ ހުއްޓުން އަރާފައެވެ. މިލީނާ ސިންގާއެއްގެ ކުރިމަތީގައިވާ ކުޑަފުއްލާއެއް ފަދައިން ބޮޑު ދެލޮލުން ވަށައިގެން ހޯދަމުން ދިޔަތަން ފެނިފައި މިހުރާން ހޭންފެށިއެވެ.
"އޮންނާނެ އެންމެނަށް ގުޅިފައި، މިހާރު ކިހިނެއްވެފައި ތިހިރީ؟ އަދިވެސް ފައިޓް ކުރަން ބޭނުންތަ؟ ބަމްބީ މޮޅުވާނެ، އަތާއި އަތްލައްވަބަލަ....." މިހުރާން އެއްލޯ މަރާލިއެވެ. ވިޔާނުދާ ކަމެއްކޮށްލާފައި ކޮންމެހެން ސަކަރާތް ނުޖެހިޔަސް މިލީނާއަށް ހެވެވެ. މިހުރާން ދޮރުގައި އަތް ވިއްދާލައިގެން ހުއްޓާ އެތަނުން ނުނިކުމެވޭނެކަން މިލީނާއަށް ޔަގީނެވެ. އެކަމަކު އޭނަގެ ބަނޑުގެ ރިހުން ގަދަވެ، ވަރުބަލިވުން ދަނީ އިތުރުވަމުންނެވެ. ފިނި ދަލެއް ހިއްލަން ފެށިއެވެ.
"އަހަރެން ވަރުބަލި ވަނީ، ލެޓް މީ ގޯ...... ޕްލީޒް.." މިލީނާ އާދޭސްކުރިއެވެ.
"ދެން ނިކުމެގެން ދާންވީ، މަ މިހިރީ ހިފަހައްޓައިގެންތަ؟ ތިހާ ކުޑަމީހަކަށް މަގޭ އަތުގެ ތެރެއިން ވެސް ދެވިދާނެ ދޯ..." މިހުރާން ގެ ކޮންމެ ވާހަކަ އަކުން މިލީނާއަށް މަލާމާތް ރައްދުވިހެން ހީވިއެވެ. ޖެއްސުން ކުރުމުގައި އަރާހުރި ފިރިހެނެކެވެ. އޭނައަށް ވެވޭނެނަމަ އެ މޫނުމަތީގައި ޖެހިޖެހީނުން އެ ބޮޑާ ހިނިތުންވުން ފިލުވައިލީހެވެ. ކިރިޔާ ބާރެއް ލިބިފައި ވާތީ މި ފިރިހެނުން ބޮޑާވަނީ މާ ވަރަކަށެވެ. މިލީނާ މާޔޫސީ ނަޒަރަކުން މިހުރާންގެ މޫނަށް ބަލާލާފައި ފާރަށް ލެނގިލިއެވެ. ކުއްލިއަކަށް މިހުރާންއަށް ފެނުނީ ހުދު މާބްލްމަތިން ދެމެން ފެށި ލޭގެ ކޯރެވެ.
"ކިހިނެއްވީ މިލީ..." މިހުރާންގެ ހިނިތުންވުން ފިލައިގެން ދިޔައެވެ. އޭނަ ކުރިއަށް ޖެހިލާފައި މިލީނާގެ ގައިގައި ހިފެހެއްޓުނީ ކިރިޔާއެވެ. މިހުރާންގެ އަތުތެރެއަށް މިލީނާ ދެމުނީ އެއްވެސް ބާރެއްނެތިއެވެ. މިހުރާން މިލީނާ އަތްދަނޑި މައްޗަށް ލައިގެން ގެނެސް އެނދުގައި ބޭއްވިއިރު އޭނަ ލައިގެން ހުރި ޖިންސާއި، ޓީޝާޓުވެސް ލެއިން ފެވިއްޖެއެވެ. ހާސްވެފައި ހުރި މިހުރާން ތެޅިތެޅިވާ ހިތަކާއިއެކު އޭނަގެ އެކުވެރި ޔާވިންއަށް ގުޅިއިރު ފޯނުގެ ޗާޖްކޮޅު ނުގޮސްހުރީ ކިރިޔާއެވެ. އޭނައަށް ބަލައިލެވުނީ ބިންމަތީގައި ތެޅިފައި އޮތް ފޯނަށެވެ. ޔާވިން ގާތުގައި ވަރަށް އަވަހަށް އަންނާށޭ ބުނެވޭއިރަށް ފޯނު ނިވިއްޖެއެވެ. މިހުރާން އަވަސްވެލާފައި ބިންމަތީގައި ހުރި ފޯނުގެ ބައިތައް ނަގާފައި ޑްރޯވަރަކަށް ލީ ޔާވިން ސުވާލުތައް ކުރިމަތިކޮށްފާނެތީ އެވެ.
މިހުރާން މިލީނާގެ މޫނުގައި އަތްޖައްސާލާފައި ވާހަކަ ދައްކަނިކޮށް ވަރުބަލިގޮތަކަށް ލޯ ހުޅުވާލައިފި އެވެ. ވަރުބަލިކަމުން އެސްފިޔަތައް ހުޅުވާލާނެ ވަރެއްނެތް އިރުވެސް ކޮށްފައިވާ އަސަރު ހާމަވީ އެ ލޮލުގައި ގިނަވެގަތް ކަރުނައިންނެވެ. މާ ގިނައިރުތަކެއް ނުވެ ޑޮކްޓަރ ޔާވިން ދޮރުގައި ޓަކިދީފައި އެތެރެއަށް ވަނެވެ. އޭނަ ހިނިތުންވެލައިގެން ހުރިތަން ފެނުމުން މިހުރާން ރުޅިގަދަވެފައި، ޔާވިން ކޮށްޕާލައިފި އެވެ. ޔާވިން ސަމާލުވެގެން ނެތްނަމަ އޭނަ ވެއްޓުނީސްކަން ޔަގީނެވެ. މިލީނާ އަވަހަށް މޫނާއި ދިމާލަށް ރަޖާ ދަމައިގަތީ އޭނަ ސްކާފް ނާޅާ އޮތީމައެވެ. އެހާ ބަލިވެ އޮތްއިރުވެސް އޭނަ އެހެން މީހަކަށް ފެންނަން ބޭނުންނުވީއެވެ.
"މާ ކޫލްވެގެން ހުރި އިރު ހިތަށް އެކައްޗެކޭވެސް ނާރަނީތަ؟ ޝީޒް ބްލީޑިން ޓު ޑެތް، މަގޭ ޓީޝާޓް ބަލައިލަބަލަ، ބުނީމެއްނު ސައިޑް އިފެކްޓެއް ނުހުންނާނެއޭ، ކީއްވެ މަށަށް އޮޅުވައިލީ..... މިލީއަށް ކަމެއް ވެއްޖެއްޔާ އައި ވިލް ކިލް ޔޫ....." މިހުރާން އޭނަގެ އެކުވެރިޔާ އާއި ދިމާލަށް ހިތްހަމަނުޖެހިފައި ހުރެ އެއްޗެހިތަކެއް ކިޔާލިއެވެ.
"ކާމް ޑައުން ރެން، ޝީޒް ފައިން.. އަހަންނަށް އެޓޭކް ކުރީމަ ހައްތަހާ މިލީއަށް ފަރުވާ ނުލިބި ލަސްވާނީއެއް ނު....." ޔާވިން މިލީނާގެ އަތުގައި ހިފާފައި ވިންދު ބަލައިލި އެވެ.
"ހޮސްޕިޓަލަށް ގެންދަންވީތަ؟" މިހުރާން ތަންކޮޅެއް ހަމަޖެހިލަން މަސައްކަތް ކުރަމުން ސުވާލު ކުރިއެވެ. މިލީނާއަށް ދެވުނީ ބޮޑު އަނިޔާއެއްކަން އިހުސާސް ކުރެވެން ފެށީ އަދި ކިރިޔާއެވެ.
"ރެން، އައިވީ ގުޅީމަ އޯކޭވާނެ، އަހަރެންގެ ވައިފް ވެސް މި ބޭސްކައިގެން އެބޯޓްވީ، މަ ވެސް ގައިނީ އަކަށް ނުވާތީ އެހާ ބޮޑަށް މި މައުލޫމާތު ނެތީ އެކަމަކު އަހަރެންގެ ވައިފް އެއްވެސް މައްސަލައެއް ދިމާނުވޭ، މިލީގެ ގައިގައި އެހާ ބާރު ނެތީ ކަމަށް ވާނީ، ރެންއަކަށް ނޭގޭތަ އެބޯޓް ވާނީ ބްލީޑްވެފައި ކަމެއް؟ ބަނޑަށް ތަދުވާނެކ ަމެއް؟ އިޓްސް ނޯމަލް އޭ، އެކަމަކު އައި ޝުޑް ހޭވް އެކްސްޕްލެއިންޑް ދޯ ރެން......." ޔާވިން ގެނައި ކޮތަޅުން އައިވީ ކެނިއުލާ އެއް ނަގާފައި އައިވީ ގުޅަން ތައްޔާރު ކުރިއެވެ.
"އަހަންނަށް މެޑިކަލް މައުލޫމާތު އެހާ ނޭގުނަސް އެބޯޓް ވާނީ ކިހިނެއްކަން އެނގޭ، ނޭގުނީ ގައިން ލޭ ހުސްވެދާނެކަން..." މިހުރާން މިލީނާގެ މޫނުން ރަޖާ ނަގަން އުޅުނީމަ މިލީނާ ރަޖާ ނެގިޔަނުދޭން ކުޑަ ބާރެއްލިއެވެ.
"މިލީ، މިއީ ޑޮކްޓަރެއް، ޑޮކްޓަރުން ކައިރީގައި މޫނު ބުރުގާ އަޅަން ޖެހޭތަ؟ ދެން ބަލިވެއުޅޭއިރު ތިގޮތަށް ބޮޑާ ހާކަނީ ކުޑަކުދިން........" މިހުރާން ރަޖާ ނެގިއިރު މިލީނާގެ އެސްފިޔަތައް ކަރުނުން ބަރާވެފައިވެއެވެ.
"ޑޯންޓް ވޮރީ ޑިއަރ، އައި ވޯންޓް ލެޓް އެނީތިން ހެޕެން ޓު ޔޫ....." ޔާވިން އޯގާތެރި ކަމާއި އެކު ވާހަކަ ދެއްކިއެވެ. އަދި މިހުރާންއަށް ޖޯކު ޖެހިއެވެ. މިލީނާ އެހާ ބޮޑަށް ބިރުގަތީ މިހުރާން ހާސްވެގެން އުޅެގަތުމުން ކަމަށް ކިޔައި ދިމާކުރިއެވެ. މިހުރާން އެކަމާއި ހިތާހިތުން އެއްބަސްވިއެވެ.
މިހުރާން އުމުރު ދުވަހުވެސް އަދި މިހާ ބިރުވެރި ތަޖުރިބާއެއް ކުރެވުނު ހަދާނެއް ނުވެއެވެ. ދުވަހަކުވެސް މިހާދިސާ ހިތުން ފިލުވައެއް ނުލެވޭނެއެވެ. މިހުރާން ހަޑިވެފައިވާ އެއްޗެހި ވަށިގަނޑަށް ލާފައި، އާ ބެޑްސީޓެއް އަޅާލުމަށްފަހު މޮޕްވެސް ކޮށްލައިފި އެވެ. އޭނަ ފެންވަރަން ވަނީ ޔާވިން އާއި މިލީނާ ހަވާލުކޮށްލާފައެވެ. މިލީނާ ބިއްދޮށަށް އެނބުރިގެން ރަޖާގަނޑު ތެރޭގައި ފޮރުވިގެން އޮތްއިރު ހިތަށް އެތައް ހާސް އެއްޗެއް އަރާ ފޭބިއެވެ. ކަރުނަ އޮއްސާލާނެ ވަރެއްވެސް ނެތުމުން މިލީނާ ދެލޯމަރާލައިގެން ހިމޭނުން އޮތީއެވެ. މިހުރާން ފެންވަރާލައިގެން ނިކުތްގޮތަށް ދެމީހުން ހީހީފައި ސަމާސާ ވާހަކަތަކެއް ދެއްކިއިރު މިލީނާގެ ހިތަށް ކުރާ އަސަރު މިހުރާންއަށް އެނގުނު ކަމަކަށް ނުވިއެވެ. މިހުރާން އާއި ޔާވިން ޕިއްޒާ، ކޯކް ގެނެސްގެން ކައިގެން ޓީވީ ބަލަންފެށިއެވެ. ހީވީ މާ މޮޅުކަމެއް ކޮށްލެވިގެން ޕާޓީއެއް ބޭއްވިހެންނެވެ. މިހުރާން ގެ ހުނުމުގެ އަޑު ކަންފަތުގައި ޖެހޭ ކޮންމެ ފަހަރަކު މިލީނާގެ ހިތް ޒަޚަމް ކުރުވިއެވެ. އޭނަ ދުވަހަކު މިހުރާން އޭނަގެ ގައިގައި އަތްލިޔަ ނުދޭން ނިންމިއެވެ. ދަރިއަކު ބޭނުންނުވާއިރު މިހުރާން އޭނަގެ ފަރާތުން އެއްވެސް އުފަލެއް ހޯދައިގެން ނުވާނެއެވެ. މިލީނާ ވިސްނަމުން ދިޔައީ މަންމަމެންނަށް ގުޅާނެ ގޮތެކެވެ.
މިލީނާ ފަހު ދުވަހު ތެދުވެ އުޅެވޭވަރު ވިޔަސް އޭނަގެ މޭނުބައި ކުރުމާއި، ހޮޑުލުން ހުއްޓުނު ކަމަކަށް ނުވިއެވެ. ޔާވިން ބުނިގޮތުން ދުވަސްކޮޅެއްވާންދެން ބޭހުގެ އަސަރު ހުންނާނެއެވެ. އެހެންކަމަށް ހީކޮށް މިހުރާން ހިތްހަމަޖައްސާލައިގެން ހުރިއިރު ތަގުދީރުގައި އެހެން ޕްލޭނެއް ވެދާނެ ކަމަކާއި މެދު ވިސްނައެއްނުލިއެވެ. އަދި އެމީހުން އެހާވަރުން ކުރި ކަންތައް ކާމިޔާބު ނުވެ ހިނގައިދާނެ ކަމަކަށް ހިޔެއް ނުކުރެއެވެ. ޔާވިންއަށް އެނގިހުރެ ފަރުވާކުޑަކޮށްލެވުނީ އެވެ.
މިހުރާންގެ ލޯބީގައި މޮޔަވެފައި ހުންނަ މީރާ އެންމެ ފަހުން ދުރުގައި ނުހުރެވިގެން މިހުރާންގެ ގެއަށް ބަދަލުވާން ނިންމީ ހިތަށް ކެތް ނުކުރެވިގެންނެވެ. ހަސަދައިގެ އަލިފާން އޭނަ ފިއްސައިލީ އެވެ. މިހުރާން ކޮންމެ ރެއަކު މިލީނާގެ ގާތުގައި އޮންނަ މަންޒަރު ޚިޔާލަށް ގެނެވެން ފެށުމުން އެކަމަށް ހުއްދަދޭން ޒަމީރު އެއްބަސްނުވީއެވެ. އޭރު މިހުރާން މީރާއަށް ދިން ޝައުގުވަނީ ގެއްލެން ފަށާފައެވެ. މިހުރާން ގެ ހިތް އެންމެ ބޮޑަށް އަތުލީ މީރާ އޭނަގެ ކައިރިއަށް ދާން އެއްބަސްނުވެ ގޮތުގައި ހިފެހެއްޓުމެވެ. ބޭނުންވެގެން ގާތަށް އައުމުން މިހުރާން ކޮންމެވެސް ވަރަކަށް ފޫހިވިއެވެ.
މިހުރާން މީރާގެ ކޮޓަރިއަށް ވަންއިރު އެ ތަނުގައި ވަނީ ރަތް ބޮކީގެ ފަނޑު އައްޔެވެ. މީރާ ކުރު ނައިޓީކޮޅެއް ލައިގެން ހުރުމުން މިހުރާންއަށް ބަލަހައްޓައިގެން ހުރެވުނީ ތަފާތު ނަޒަރަކުންނެވެ. އެފަދަ ގޮތަކަށް މީރާ ފެނުނު ފުރަތަމަ ފަހަރަކީ މިއީ ކަމަށް ވުމުން މިހުރާންގެ ހިތުގައި ސުވާލު އުފެދުނެވެ.
"ބޭބީ، ކީއްކުރަންތަ ދަންވަރު މިގަޑީގައި..." މިހުރާން ދޮރު ލައްޕައިލުމަށްފަހު މަޑުމަޑުން އައިސް މީރާގެ ކޯތާފަތުގައި ފިރުމައިލި އެވެ. މީރާގެ ޖަވާބުން މިހުރާން ހައިރާންވިއެވެ.
"ޔަގީންތަ؟ ހާދަ ގަބޫލެއް ނުކުރެވޭ......" މީރާ މިހާ ފަސޭހައިން އެއްބަސްވެދާނެ ކަމަކަށް އޭނަ ހިޔެއްނުކުރެއެވެ. އެހެންނޫނަސް މީރާ ގަބޫލުވުމުން މިހުރާން ކުޑަކޮށް ފޫހިވިއެވެ. އެގޮތަށް ފައި ބުޑަށް ވެއްޓިގަތީމަ ހުރިހާ ޝައުގެއް ގެއްލެނީ ކަންނޭގެ އެވެ. އެކަމަކު މިހުރާންއަށް ވަކި އޮތީ ކޮން ގެއްލުމެއް ހެއްޔެވެ؟ އޭނަވެސް އޭނަގެ ގޮތުގައި މީރާ ދެކެ ލޯބިވެއެވެ. މީރާއަށް ބޭނުންވެއެވެ. މިހުރާން ގެ ތުންފަތް މައްޗަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ.
ޑިސެމްބަރ މަހެއްގެ ފިނި ގަދަ ދުވަހެކެވެ. މިލީނާ ހެދުނު ނާސްތާ ތައްޔާރުކޮށްލާފައި ބޭރަށް ނިކުތީ މެޔަށް އުނދަގޫ ވާވަރުން ތާޒާވައިކޮޅެއް ހޯދައިލުމަށެވެ. ގޭތެރެ އަރާމުވަރަކަށް ހޫނުވެލާފައި އޮތަސް ދޮރު ހުޅުވައިލުމާއި އެކު ގަނޑުވާފަދަ ފިނި ކަމެއް މިލީނާގެ ހަށިގަނޑުގައި ބީހި، ކަށިގަނޑަށް ކުދި ތިނޯސްތަކެއް ހަރައިލިހެން ހީވިއެވެ. މިލީނާ ގެއަށް ވަދެ ކެހެރި ހެދުމެއް ލައިގެން އަނެއްކާ ނިކުތީ ބެކްޔާޑަށެވެ. ހުރިހާ ގަސްތައް މުށިކުލައިގެ ގޮފިތަކަށް ބަދަލުވެފައިވާތަން ބަލަހައްޓައިގެން ހުރިއިރު އެކި ޚިޔާލުތައް ހިތަށް އުދަގޫކޮށް ލޮލުން ކަރުނަ ހިލުވައިލި އެވެ. މިލީނާ ގަހެއްގެ ބުޑުގައި އިށީދެލައިގެން ކުރުގެޅިލައިގެން އިންދާ ކުއްލި އަކަށް ހުދު ކަފަކޮޅުތަކެއް އޮހެން ފެށުމުން މައްޗަށް ބަލައިލި އިރު ސްނޯ ވެހެން ފެށީއެވެ. މިލީނާގެ ހިތުގައިވާހާ އުދާސްތަކެއް އެއްވަގުތުން ފިލައިގެން ދިޔަހެން ހީވިއެވެ. އެހާ ރީތި މަންޒަރެއް ފެނުމުން ވަގުތީގޮތުން ނަމަވެސް މިހުރާންގެ އަނިޔާވެރިކަން ހަދާން ނައްތައިލެވިއްޖެއެވެ.
ދާދިއަވަހަށް ދިރުން ކެނޑިފައިވާ ގަސްތަކާއި، ބިންގަނޑު ހުދު ދޫލައަކުން ފޮރުވާލައިފި އެވެ. ފުރާޅުމަތީގައި އައިސް ޝީޓެއް އަޅައިލެވިއްޖެއެވެ. ފިނިވެ ރޫރޫއަޅައި ގަތުމުން މިލީނާ ބަދިގެއަށްވަދެ ކުޑަދޮރު ހުޅުވާލައިގެން ހުރެވެސް އެ މަންޒަރު ދެކެން ހުރިއިރު އެ ތުންފަތުގައި ފަނޑު ހިނިތުންވުމެއްވިއެވެ.
ގަނޑުފެން ވެހުން ހުއްޓާލުމުން މިލީނާ ކާކޮޓަރިން ނިކުންނަން އުޅުނު ވަގުތު މިހުރާން މީރާގެ ކޮޓަރިން ނިކުތް މަންޒަރު ފެނި ފިޔަވަޅުތައް ގަނޑުވިއެވެ. މިހުރާން އެކަނި ސޯޓެއްލައިގެން ހުރިއިރު ހޭވިފައިވާ އިސްތަށިގަނޑާއި، ބަރު އެސްފިޔަތައް ހާމަކޮށްދެނީ ރޭ ރަނގަޅަށް ނުނިދާ ހުރިކަމެވެ. މިލީނާ ކުޑަކޮށް ފަހަތަށް ޖެހިލި އެވެ. އެވަގުތު ފެނުނީ ގައިގައި ރަޖާ އޮޅާލައިގެން ހުރި މީރާ ފަހަތުން އައިސް މިހުރާންގެ ގައިގައި ބައްދައިލާފައި ދޮނެއް ދިން ތަނެވެ. މިލީނާ ކާކޮޓަރިއަށް ވަންގޮތަށް ރޮވެން ފެށިއެވެ. އޭނަ ބޭނުންވީ އެވަގުތު ގަނޑުފެނުގައި ވަޅުލެވުމަށެވެ. މިހުރާން އޭނަ ގާތުގައި ދޮގުހަދާފައި މީރާ އާއި އެކު ރޭގަނޑު ހޭދަކުރާކަން މިއަދު މިލީނާއަށް ޔަގީންވެއްޖެއެވެ. އަމިއްލަ ހާލާއި މެދު މިލީނާ ހަމްދަރުދީވިއެވެ. އޭނައަށް މިހުރާންގެ ހިތް ހަމަޖައްސައިނުދެވެނީ ހެއްޔެވެ؟ އެހެން މީހުންގެ ފަރާތުން އުފާ ހޯދަން މިހުރާން ބޭނުންވާންވީ ސަބަބަކީ ކޮބައި ހެއްޔެވެ؟ އޭނަގެ ހުރި އުނި ކަމަކީ ކޮބާ ހެއްޔެވެ؟
މިހުރާން ކާކޮޓަރިއަށް އައިއިރު މިލީނާ ހުރީ ކުޑަދޮރުން ބޭރަށް ބަލަހައްޓައިގެން ވިސްނުމެއްގައެވެ.
"މޯނިން މިލީ، އައި ނީޑް އެ ކޮފީ....." މިހުރާން ކަންނެތް ގޮތަކަށް ގޮނޑިއަށް ވެއްޓިގަތެވެ. މިލީނާ މިހުރާންގެ ކުރިމަތީގައި ކޮފީ މަގު ބެހެއްޓިއެވެ. މިހުރާން ފަރުވާކުޑަ ނަޒަރަކުން މިލީނާގެ މޫނަށް ބަލައިލުމާއިއެކު ތިރީ އެސްފިޔަތަކުގައި ބޮޑު މުތީއެއްހެން ގަނޑުލާފައި ހުރި ކަރުނަކޮޅު ފެނުނެވެ. ދިގު އެސްފިތަކުން ހިޔާއަޅާފައިވާ ދެލޮލުގައިވާ ވޭންތައް މިހުރާންގެ ހިތަށް ނޭގޭފަދަ ހަމަލާއެއް ދިނެވެ.
މިލީނާ ހިމޭނުން ހުރެ މިހުރާންގެ ކުރިމަތީގައި ނާސްތާ ގެނެސް ބަހައްޓަން ފެށިއެވެ. މިހުރާން އިނީ ކިޔާނެ އެއްޗެއް ނޭގިފައެވެ. މިލީނާގެ ހިތުގެ ހާލަތު ރީއްޗަށް ފެންނަމުން ދިޔައިރު އެނގޭ ކަމަށް ހަދައިލާކަށް ބޭނުމެއް ނުވިއެވެ. އޭނަ މީރާ އަކަށް ބޭވަފާތެރިއެއް ނުވާނެއެވެ. މީރާ ހުރިހާ އެއްޗެއް ގުރުބާން ކޮށްލާފައި އޭނަގެ ކައިރިޔަށް އައުމުން އޭނަ މީރާ ދޫކޮށްލައިފިއްޔާ އޭނަ ވާނީ ކޮންކަހަލަ މީހަކަށް ހެއްޔެވެ؟ މިލީނާ ދާން ހިގައިގަތުމުން މިހުރާން މިލީނާގެ އަތުގައި ހިފާ ގެނެސް އުނގުގައި ބޭންދިއެވެ.
"މިލީ، އަދިވެސް ރަނގަޅު ނުވަނީތަ؟" މިހުރާން އަހާލިއެވެ. މިލީނާ ފޮޅުވިގަންނަން އުޅުމުން ހައްތަހާ ބާރަށް ހިފަހައްޓާފައި ގަދަކަމުން މޫނު އޭނަ އާއި ދިމާލަށް އަނބުރުވާލިއެވެ. އެހާ ކައިރިން މޫނު ފެނުނުއިރުވެސް މިލީނާ މިހުރާންގެ ލޮލަށް ބަލަން އިންކާރު ކުރިއެވެ. އެސްފިޔަތައް ތިރިކޮށްލައިގެން ބާރަށް ތުންފަތުގައި ދަތްއަޅައިލައިގެން އިނީ ކޮންފަދަ ޝުއޫރުތަކެއް ފޮރުވަންކަންވެސް ނޭގެއެވެ.
"މިލީ، ބުނަންތަ ވާހަކައެއް، ޝެއަރ ކުރަން ދަސްކުރަން ޖެހޭނީ، މިލީއަށް ރަނގަޅަށް އެނގެން ވާނެ އަހަންނަށް މީރާ ދޫކޮށް ނުލެވޭނެކަން، މިލީ އަހަރެން ދެކެ ލޯތްބެއް ނުވޭ، މަޖުބޫރުވެގެން އަހަންނާއި އެކީގައި ތިއުޅެނީ، އަދިވެސް މާ މަންމީ ވެގެން ޅަވެގެން އުޅޭކަން ނޭގެނީއެއް ނޫން، އެކަމަކު މީރާ އަހަރެން ދެކެ ލޯބިވޭ، އޭނައަކަށް އަހަންނާއި ނުލައި ނޫޅެވޭނެ، އޭނަގެ ފެމިލީއަށް ވުރެ އަހަރެން މާ މުހިއްމު، އެހެންވީމަ މިލީ އަންޑަސްޓޭންޑް ވެބަލަ، އެހެން ނޫނަސް އަހަރެން ނެތިން މިލީ ދޫކޮށްލާކަށް.... ދެން ކޮން ރުއިމެއްތަ؟" މިހުރާން މިލީނާގެ ދެކޮލުގައި ބާރަށް ހިފިއެވެ. އެވަރުންވެސް މިލީނާ ޖަވާބެއް ނުދިނެވެ. ހިމޭން ކަމުގެ ބަސްމޮށުމެވެ.
މިހުރާން އާއި މީރާގެ ގުޅުމާއި ބެހޭގޮތުން ޝައްކުވެފައިވާ ވަރުން ކިތަންމެ ވަރަކަށްވެސް އެ ސުވާލުގެ ޖަވާބު އަހަން މިލީނާ ބޭނުންވިއެވެ. އެންމެ ފަހުން ކެތްނުކުރެވިގެން އަހައިލުމުން މިހުރާން ސީދާ ޖަވާބެއްނުދީ ކޮންމެވެސް ގޮތަކުން އެ ސުވާލު އޮއްބައިލީއެވެ. ކުރީ ދުވަހު އެހާ ރީތިކޮށް ގުޅުމެއް ނުބާއްވާކަމަށް ބުނެފައި މިއަދު އެދިން ޖަވާބަކުން މިލީނާގެ ހިތް އިތުރަށް މާޔޫސްކުރުވިއެވެ.
މިލީނާ މީރާގެ ސިފަ ފެނުނަސް ފޫހިވެއެވެ. އަޖައިބުވަނީ މިލީނާ ކެއްކުމުން ކައިގެން ތަށިވެސް ނުދޮވެ މީރާ ކޮޓަރިއަށް ވަންނާތީއެވެ. ލަދެއްވެސް ނުގަނެއެވެ. މިހުރާންއަށް އެވަރު ނޭގެނީ ހެއްޔެވެ؟ އެކަން އެނގިގެން ފާހަގަކޮށްފައި އެއްޗެކޭ ބުނާނީ ކޮންއިރަކުން ހެއްޔެވެ؟ އެންމެ ފަހުން މިލީނާ މިހުރާން އާއި ހަތަރުކަޅި ހަމަކޮށްލި ގޮތަށް އެ ދެލޮލުން ބަލަހައްޓައިގެން އިނީ އެސްފިޔަޖަހައި ނުލައެވެ. މިހުރާން ރަކިކުރަން އުޅޭފަދަ ގޮތަކަށެވެ. މިހުރާންއަށް މަޖާވިއެވެ. މިލީނާ ހާދަ ތަފާތެވެ. އެކަކަށްވެސް އޭނަގެ ލޮލާއި ދިމާލަށް ބަލަހައްޓައިގެން އެގޮތަށް އެހާ ގިނައިރު ހުންނާކަށް ނުކެރެއެވެ.
"ބޭނުން ވަރަކަށް ބަލާބަލަ، އައިމް ބްލަޝިން، ލަދުން ގޮސް ރޮވިދާނެ......." މިހުރާން ހީލިގޮތުން އެ ހުދު ދަތްތައް ވިދާލިހެން ހީވިއެވެ. މިހާ ރީތި ފިރިހެނަކު މިހާ އަނިޔާވެރިވެދާނެއޭ ހީކުރާނީ ކާކު ހެއްޔެވެ؟ އޭނައަކީ ނަސީބު ރަނގަޅު އަންހެންކުއްޖެއް ކަމަށް އެންމެން ދެކޭނެއެވެ.
"އަހަރެން ބޭނުން ރަށަށް ދާން..." މިލީނާ ބުނެލިއެވެ.
"ފޮގެޓް އިޓް މިލީ، އަހަރެން ގެންދަން ބޭނުންވީ އިރަކުން ރަށަށް ގެންދާނީ، އަބަދު ކޮންމެވެސް އެއްޗެކޭ ކިޔައިގެން އަހަރެންގެ ޕޭޝަންސް ޓެސްޓް ކުރާން އުޅޭނެ ކަމެއްނެތް އިނގޭ....." މިހުރާން މިލީނާ އެއްފަރާތަކަށް ޖައްސާލާފައި ތެދުވެ ހިންދެމިލައިފިއެވެ. އޭރު މީރާގެ ކޮޓަރި އާއި ދިމާލުން އިނގިރޭސި ލަވައިގެ އަޑު ފުރޭނިގެން އައިސްފާ ވެއެވެ. ވަރަށް ރީތި ލޯބީގެ ލަވައެކެވެ. މިހުރާން އާއި މީރާގެ ލޯބީގެ ރާގުތަކުން އެމީހުން ދުނިޔެ އާބާދުކުރާ ވަރަކަށް މިލީނާގެ ހަޔާތް ބަރުބާދުކުރާނެކަން މިލީނާއަށް އެގުނެވެ.
"ހަނީ، ޝަވަރުގައި ކުޑަ ޕްރޮބެލެމް އެއް އެބައުޅޭ، ފިކްސް ކޮށްލެވިދާނެތަ؟" ތުވާލި އޮޅާލައިގެން ހުރި މީރާ އެހިސާބަށް އައިސް ފޮނިގޮތަކަށް ބުނެލުމުން މިހުރާން ޓޫ މިނިޓްސްއޭ ބުނެލީ ތަންކޮޅެއް އޯގާތެރިކޮށެވެ. މީރާ ނިވާވެލުމުން މިލީނާގެ ހިތުގައިވާ ރުޅިވެރިކަން ކޮންމެވެސް ވަރަކަށް ފާޅުކުރިއެވެ.
"މިހުރާން، އަހަރެން މީރާއަށް ކައްކާފައި ކާން ދޭން ޖެހޭތަ؟ އޭނަ ގާތުގައި ބުނޭ އޭނަވެސް ހެލްޕްވާށޭ، އެހެންނޫނަސް ޓްރަސްޓް ނުކުރާ މީހަކާއި އެކީގައި މިހުރާން ސްލީޕް ކުރަންޏާ އަހަރެން ބޭނުމެއްނޫން މިހުރާން އާއި އެއްވެސް ގުޅުމެއް ބާއްވަން، މިހާރުވެސް ރަށަށް ފޮނުވާލިއްޔާ މާ ރަނގަޅު....." މިލީނާ ފޫހިވެފައިވާ ރާގަކަށް ބުންޏެވެ. އޭނަ ހުރީ މިހުރާންގެ ކޮންމެ އަނިޔާއަކަށް ކެތްކޮށްލައިގެންނެވެ. އެކަމަކު ދުނިޔެއަށް އައުމުގެ ފުރުސަތު ނުދީ މިހުރާން މަރައިލި ދަރިފުޅަށްޓަކައި މިލީނާއަށް ކުޑަ ހިތްވަރެއް ލިބުނީއެވެ. އޭނަ ބޭނުމީ މިހުރާންގެ ހަޔާތުން އަބަދަށްޓަކައި ދުރަށް ދިޔުމެވެ. އޭނަދެކެ ލޯބިނުވާ ފިރިހެނަކާއި އެކު މިފަދަ ހިތްދަތި ހަޔާތެއް ވޭތުކުރުމަށްވުރެ މަރުވިޔަސް މާ ހިތަށް ފަސޭހައެވެ.
މިހުރާން ކުޑަކޮށް ހައިރާންވިއެވެ. މިލީނާ އާއި ކައިވެނި ކުރެވުނު ކަމުގެ މޮޔަހީވިއެވެ. މިހުރާން ބޭނުންވީ މިލީނާ ވަގުތުން ގެއަށް ފޮނުވައިލުމަށެވެ. އެކަމަކު އާއިލާގެ ތެރޭގައި މަސްލަހަތު ގެއްލިދާނެތީ އެހެން ހަދާކަށް ނުކެރުނެވެ. މައްސަލަ ނުޖެހޭނެ ގޮތަކަށް ގެއަށް ފޮނުވައިލުމާއި މެދު އޭނަ ވިސްނިއެވެ. އެހެންނޫނަސް މިލީނާ ގަދަކަމުން ހިފަހައްޓައިގެން ހުރުމުގެ މާނައެއް ނެތެވެ. އޭނައާއި އެކު ގުޅުމެއް ނުބާއްވަންޏާ އެހިސާބުން ކައިވެނި ވެސް ރޫޅުނީ އެވެ. މައިންބަފައިންނަށް ޓަކައި އޭނަވެސް ގުރުބާނީތަކެއް ވެއްޖެއެވެ. ހަޔާތުގެ އެ ޗެޕްޓަރ އަލުން ނުހުޅުވާ މީރާ އާއި އެކު އާ ހަޔާތެއް ފަށާނީ އެވެ.
މިޝެލިންއަށް ތަފާތު ހުވަފެންތައް ފެންނައިރުވެސް މިހާ ތަފާތު ހުވަފެނެއް ފެނިފައެއް ނުވެއެވެ. އޭނައަށް ފެނުނީ އޭނަގެ ބުޅި އިސްތަށިގަނޑު، ފަންކޮށްލާފައި އޮތް ތަނެވެ. އެހެން ސިފަތައްވެސް އޭނަ އަކާއި ވައްތަރީއެއް ނޫނެވެ. އޭނަގެ ގާތުގައި އިށީދެގެން އިން ފިރިހެންކުއްޖާވެސް އިއްބާނު އާއި ވައްތަރެއް ނޫނެވެ. އެކަމަކު އަޑު އިއްބާނު އާއި އެއްގޮތެވެ. އޭނަ އާއި އިއްބާނު ކަމުގައި ފެނުނު ދެމީހުން ފެންސެއްގެ މަތީގައި އިށީދެގެން ތިއްބާ އެތަނަށް ނިކުތީ ކޯޓެއް ލައިގެންހުރި ސްމާޓް ޒުވާނެކެވެ. އެއީ ކާކުކަމެއްވެސް މިޝެލިންއަކަށް ނޭގުނެވެ. މިޝެލިން ހޭލެވުމުން އޭނަ އެ ހުވަފެނާއި މެދު ވިސްނުން މިޝެލިންއަށް މުހިއްމެއް ނުވިއެވެ. އޭނަ ތަޢުބީރުކުރި ގޮތުން އެއިން ފެނުނު ދެ ފިރިހެންކުދިންނަކީ އިއްބާނުގެ ދެ ސޫރައެވެ. މިޝެލިން ހެދި ގޮތުގެ ސަބަބުން އިއްބާނު އޭނަ މަތިން ފޫހިވެ މިހާރަށްވުރެ މޮޅު މީހަކަށްވެ އެހެން އަންހެންކުއްޖަކާއި ކައިވެނި ކުރާނީ ކަންނޭގެ އެވެ. އެހެން ވުމަކީ އެކަށީގެންވާކަމެއް ހެއްޔެވެ؟ ކޮންމެ ގޮތެއްވިޔަސް އޭނައަށް ފެނުނު ހުވަފެން ތަސްވީރެއްފަދައިން ސިކުނޑީގައި ހަރުލައިފިއެވެ.
ހައިތަމް، އެލީސާ އަދި ޒަހުރާން ޓެރެސްގައި ކޮފީއެއް ބޯން ތިބިއިރު އެލީސާ އިނީ ކޮފީތަށީގައި އަތްވެސް ނުލައެވެ. އެލީސާ އިއްބާނުގެ ހާލާއި މެދު ކެތްނުކުރެވޭނެ ކަމަށާއި، ކޮންމެވެސް ފިޔަވަޅެއް އަޅަން ހައިތަމް ކައިރީގައި އެދެމުން ދިޔައެވެ. ޒަހުރާން އިނީ ބުނާނެ އެއްޗެއް ނޭގިފައެވެ. އިއްބާނުފަދަ ލާނެތް ޒުވާނެއްގެ އުފާވެރިކަން މިޝެލިން ނިގުޅައިގަންނަންވީ ކޮންފަދަ ކަމެއް ދިމާވެގެން ހެއްޔެވެ؟ އެ ދެމަފިރިންގެ ދޭތެރޭގައި ޖެހިގެން އުޅޭ މައްސަލައަކީ ކޮބާ ހެއްޔެވެ؟ އެލީސާ ދޭތެރެއަކުން ޓިޝޫއަކުން ލޯ ފޮހެމުންގޮސް ލޯ ރަތްވެއްޖެއެވެ.
"މަންމާ، ޔީވާ މިގޭގައި ހުރީމަ ކަމަށް ނުވާނެތަ؟ ޝެލް އާއި ޔީވާ ގެ މައްސަލައެއް އޮންނަހެން ހީވޭ...." ޒަހުރާންގެ ޖުމްލައިން އެލީސާ ގެ ކަރުނަތައް ހިކުނެވެ. ހައިތަމްވެސް ވަގުތުން ޒަހުރާންއަށް ބައްލަވާފައި ހިނިތުންވެލެއްވިއެވެ.
"ޔޫ އާ ރައިޓް މައި ސަން، ވެދާނެ ބެން ޔީވާ އާއި އަނގައިން ބުނާތީ ޝެލް މައްސަލަ ޖައްސަނީ ކަމަށް، ސަބަބު ޔަގީންވީމަ ހައްލެއް ހޯދޭނީ......" ހައިތަމްއަށްވެސް އެފަދަ ކިތަންމެ ކަމެއް ފާހަގަކުރެވިފައިވެއެވެ. އެލީސާ އިއްބާނުގެ ކަންތަކާއި ހިތާމަކުރާއިރު މިޝެލިން ދެކެ ހިތުގައި ނަފްރަތުގެ އަލިފާން އަނދަންފެށިއެވެ. މިޝެލިން އާއި ހިނިތުންވެ އުޅުމަކީވެސް އެލީސާއަށް ވެވޭވަރުގެ ކަމަކަށް ނުވެއެވެ.
ސޯފިޔާ މިދުވަސްކޮޅު މާގިނައިން ގޯލްޑެން ފްލޭމަށް އައިސް އެންމެނާއި ވާހަކަދައްކާ އުޅޭތަން ފެންނާތީ މިޝެލިން ހުންނަނީ ގޮތްހުސްވެފައެވެ. މަންމަ އާއި ދޭތެރޭގައި އިހާނެތިކޮށް ހިތުމުގެ ބަދަލު ހިފަން އޭނަ ފެށިއިރަށް މަންމަ އެމީހުންނަށް މާފުދީފިއެވެ. އޭނަ މިކުރަނީ ކޮން ބޭކާރު މަސައްކަތެއް ހެއްޔެވެ؟ އެހެންނޫނަސް ނުލަފާ ކަމެއްކުރެވުމުން މިޝެލިންގެ ހިތަށް ފިނިކަން ލިބުމުގެ ބަދަލުގައި ސިކުނޑިއަށް ވަނީ އުދަގުލެވެ.
މިޝެލިން ވައިރަލް ހުން ޖެހި ބަލިވުމުން އިއްބާނުގެ އެހީތެރިކަމާއި، ލޯބި އިންތިހާއަށް ލިބުނެވެ. އިއްބާނު އެރޭ ދަންވަރު ހޭލާ އިނދެ މިޝެލިންގެ ބޮލުގައި ފެންފޮތިލައި، ބޮލުގައި ފިރުމާދިނެވެ. އެ އަތުގެ ބީހިލުމުން ބޮލުގެ ރިހުމުންވެސް މިޝެލިންއަށް އަރާމުވިއެވެ. އަބަދާ އަބަދު އިއްބާނު އެހެން ފިރުމައިލަން އިންނަން އެދެވުނެވެ. ގަޑިން ބޭސް ކާންދިނެވެ. ހެދުނު އިއްބާނު އަމިއްލަ އަތުން ޗިކެން ސޫޕް ހަދައިގެން އައިއިރު މިޝެލިން ހުންގަދަވެގެން އޮތީ ބުރާންތިވެފައެވެ.
"ޝެލް....."އިއްބާނު މަޑުމަޑުން ގޮވާލާފައި މޫނުގައި ފިރުމާލި އެވެ.
"ބެން، މިތާގައި އޮށޯވެބަލަ، ދެން ދުރަށް ނުދާތި......." މިޝެލިން އިއްބާނުގެ އަތުގައި ހިފާ ފިތާލިއެވެ. އިއްބާނު އޮށޯތުމުން މިޝެލިން އިއްބާނުގެ އަތުތެރޭގައި ބޮނޑިވެލައިގެން އޮތްއިރު ހުންގަދަކަމުން މަޑުމަޑުން ކުކުރަމުން ދިޔައެވެ. އިއްބާނު ދެރަވިވަރުން ފެންކަޅިވިއެވެ. މިޝެލިން އެ ހާލުގައި އޮތްތަން ފެނުމުން މިޝެލިންގެ ބަދަލުގައި އޭނަ ބަލިވާނެނަމައޭ ހިތަށް އެރިއެވެ. މިޝެލިން ގެ ރަތް މަލެއްފަދަ ތުންފަތް އެހެން ދުވަހަށް ވުރެ ރަތްކަން ގަދަވެ، ކޯތާފަތްވެސް ހޫނުގައި އަނދާހެން ހީވިއެވެ. މިޝެލިން ހުމުގެ ބުރާންތީގައި އޮވެ އެކި ވާހަކަ ދައްކާލިއިރު މަޖާ އެއްޗެހިވެސް ކިޔެވެ.
"ލަވް ޔޫ ސޯ މަޗް ބޭބީ...." އިއްބާނު މިޝެލިންގެ އަނދަ އަނދާ ހުރި ތުންފަތުގައި ބޮސްދިނުމުން މިޝެލިން ލޯ ހުޅުވާލާފައި ކުޑަކޮށް ހިނިތުންވެލިއެވެ. އެ އަދާއިން މިޝެލިން ރުޅިއައިހެނެއް ހިޔެއްނުވެއެވެ. އުފާވިކަމުގެ އަސަރުތައް މޫނުން ފެނުނެވެ. މިޝެލިންއަށް އޭނަގެ މަތިވެރި ލޯބި އިހުސާސްވީ ހެއްޔެވެ؟
އެންމެން މިޝެލިންއަށް ޒިޔާރަތް ކުރިނަމަވެސް އަބަދުހެން ގާތުގައި އުޅުނީ އިއްބާނު އެވެ. މިޝެލިން ހޮޑުލިއްޔާ ދޮއްވަދިނީ އިއްބާނުގެ އަތުންނެވެ.
"ޗިކަން ސޫޕް ބޯނީ ދޯ ބޭބީ، އޭރުން އަވަހަށް ރަނގަޅު ވާނީ......." އިއްބާނު މިޝެލިން ގަޔަށް ލައްކޮށްލައިގެން އިނދެ ސޫޕް ބޯންދިނެވެ. މިޝެލިންއަށް ބޮވުނީ ކުޑަ އެތިފޮދެކެވެ. އެކަމަކު އޭރު ލޯ ހުޅުވައިލެވޭ ވަރުވެއްޖެއެވެ. އިއްބާނު ހުން ބަލައިލި އިރު އަދިވެސް އުޅެނީ ސަތޭކަ ދޭއްގައެވެ. ހުން ހާދަ ގަދައެވެ.
ދެތިން ދުވަހުގެ ތެރޭގައި މިޝެލިންގެ ހާލު ރަނގަޅުވެ ތެދުވެ އުޅެވޭވަރުވިއެވެ. އޭނަ އިއްބާނުގެ ހުރިހާ ޚިދުމަތެއް ރަނގަޅަށް ހަދާން ހުރުމުގެ ސަބަބުން އިއްބާނުއަށް ފެނިލަން ލަދުގަތެވެ. އިއްބާނުގެ ފިރުމުންތަކަކީވެސް އޭނަގެ ބައްޔަށް ލިބުނު ޝިފާއަކަށް ވިކަން ޔަގީނެވެ. އަބަދުގެ އަބަދަށް އެގޮތަށް ބަލިވެ އޮންނަންވެސް ހިތް އެދުނެވެ. އިއްބާނުގެ އަތުގެ ތެރޭގައި އެހެން އޮތުމުން ހާދަ އަރާމުވިއެވެ. ދެރައީ މާ އަވަހަށް ބަލިގަނޑު ރަނގަޅުވިކަމެވެ. މިޝެލިން އިއްބާނު ދެކެ ލޯބިވާވަރު އެތައް ގުނަ އިތުރުވިއެވެ. އިއްބާނު ނުފެނި އެންމެ ހިދުކޮޅެއްވެސް ވޭތުކޮށްލުން އުދަގޫކަމަކަށް ވާން ފެށިއެވެ. އަބަދު ވިސްނެނީ އިއްބާނު އާއި މެދުގައެވެ. ލޯބީގެ ވިންދު ހިތުގައި ޖަހަން ފެށީއްސުރެ އޭނަގެ ހިތަކުން އެނަމެއް ނުފިލައެވެ. އެކަމަކު ދެރަވަނީ އޭނަގެ ގޮތް ދޫނުކުރުމުގެ ސަބަބުން ދެހިތަކަށް އަނިޔާ ލިބުނުވަރު ހިތަށް ގެނެވިފައެވެ. މިޝެލިން އިއްބާނުގެ ފަރާތުން މާފަށް އެދޭނެއެވެ. ދެމީހުންވެސް މާފު ދީފައި ލޯބިން އެކީގައި އުޅެން ފެށުމަށް ދެން އޮތީ ކުޑަ އިންތިޒާރެކެވެ.
ގޯލްޑެން ފްލޭމްގެ އާއިލާއަށް ލަންޑަނުން ލިބުނު ކައިވެނީގެ ދައުވަތަކަށް އެންމެން ލަންޑަނަށް ދިޔައިރު މާޒިންގެ ކުޑަ އާއިލާ ވެސް ބައިވެރިވިއެވެ. އެހެންނޫނަސް މާޒިންމެން ތިބީ ކުރިއްސުރެ މިލީނާ ބަލިވެއުޅޭތީ އާއި އެކު އެކޮޅަށް ދުވަސްކޮޅަކަށް ދިޔުމަށް ނިންމައިގެންނެވެ.
ލަންޑަނަށް ފިނި މޫސުމް ކަމަށްވުމުން މިޝެލިން ހުރީ ވަރަށް އުފާވެފައެވެ. ފުރަތަމަ ފަހަރަށް ސްނޯ ވެހޭތަން ފެނުމަށްވުރެވެސް މިޝެލިންގެ ޝައުގު ހުރީ އިއްބާނުގެ ކޮޓަރި ދެކިލުމަށެވެ. އިއްބާނު ކުޑައިރު އަދި ޒުވާން އުމުރު ހޭދަކޮށްފައިވާތަން އޭނައަށް ވަރަށް މުހިއްމުވިއެވެ.
"ޝެލް، އެއްޗެއް ބޯލަންވާނެ ދޯ... ހޫނު ޗޮކްލެޓެއް އިނގޭ..... އައި ވިލް ބީ ބެކް....." އިއްބާނު ހިނިތުންވެލާފައި ކޮޓަރިން ނިކުތުމުން ދޮރާއި ދިމާލަށް ބަލަހައްޓައިގެން ހުރިއިރު އިއްބާނު އޭނަދެކެ ވާ ލޯބި އިހުސާސް ކުރެވި ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ކުޑަކޮށް ފޮނިވެސް ވެވިއްޖެއެވެ. މިޝެލިން ކޮޓަރި ތެރެއަށް ނަޒަރު ހިންގައިލީ ޝައުގުވެރި ކަމާއި އެކުގައެވެ. އެންމެ ކުރިން ލޮލުގައި އަޅައިގަތީ މޭޒުމަތީގެ އެންމެ ބިއްދޮށުގައި ހުރި ފްރޭމެކެވެ. އެ ތަސްވީރުގައި ވަނީ ކުޑަ ފިރިހެންކުއްޖެއްގެ މޫނަށް ދޮންދީގެން މަންމައަކު ހުރި މަންޒަރެވެ. ފިރިހެން ކުއްޖާ ހުރީ އަތުތެރޭގައި ބޮއްޔެއް ހިފަހައްޓައިގެންނެވެ. މިޝެލިން ކައިރިއަށް ޖެހިލާފައި ބަލައިލުމާއި އެކު އެ އަންހެންމީހާގެ މޫނުން އެލީސާ ގެ ސިފަތައް ފެނުނެވެ. ވީއިރު މި ފިރިހެންކުއްޖާއަކީ އިއްބާނު ތާއެވެ. މިޝެލިން ހައިރާންވެ އަންތަރީސްވީ އެ ފޮޓޯގެ ބެކްގްރައުންޑުގައި ފެންނަން ހުރި ބުޅި އިސްތަށިގަނޑު ލީ އަންހެންކުއްޖާއަކީ އޭނައަށް ވީމައެވެ.
ވަގުތުން މިޝެލިން މާޒީގެ ހަދާނެއްވިއެވެ. އެ ބޮއްޔަކީ އޭނަ ހޮވި ބޮއްޔެކެވެ. އެދުވަހު އެ ބޮލި ގެއްލިގެން އޭނަ ވަރަކަށް ހޯދި ނަމަވެސް ނުފެނިފައި ހުއްޓާ އެ ބޮލި އެ އޮތީ ބީރައްޓެހި ފިރިހެންކުއްޖެއްގެ އަތުގައެވެ. ކޮންފަދަ ހައިރާން ކުރުވަނިވި އިއްތިފާގެއް ހެއްޔެވެ؟ ތަގުދީރުގެ ސަމާސާއެކެވެ. ލޯބީގެ ބާރުގަދަކަމެވެ. އެދެމީހުން އެކީގައި އުޅެން ތަގުދީރުގައި ކުރީއްސުރެ ރޭވިފައިވަނީ ކަންނޭގެ އެވެ. އަބަދުގެ އަބަދަށްޓަކައި އެކީގައި އުޅެން ބޭނުންވާއިރު ދެން އަބަދު އުޅެންވީ މިހެން ހެއްޔެވެ؟ އިއްބާނު ކުރި ކުށެއް ކޮށްފައި ވަނީ އޭނަ އާއި ކައިވެނި ކުރުމުގެ ކުރިންނެވެ.
މިޝެލިން އެ ފްރޭމް ނަގާފައި އިއްބާނުގެ މޫނު ހުރި ހިސާބުގައި އަތް ބީއްސާލިއެވެ. "ބެން އައި ފޮގިވް ޔޫ... ސަބަބަކީ ކިތަންމެ ގިނަ ފާފަކުރިޔަސް މިހާރު ހެޔޮކަމަށް ވާތީ، އެއަށް ވުރެ ބޮޑަށް ލޯބިވާތީ....." މިޝެލިން އަވަސް އަވަހަށް އެ ފޮޓޯގަނޑު ފްރޭމްއިން ވަކިކޮށްލާފައި ލައިގެން ހުރި ކޯޓުގެ ޖީބަށް ޖަހާލައިފި އެވެ.
މިޝެލިން އިއްބާނުގެ ކޮޓަރީގެ ގޮނޑިއެއްގައި އިށީދެލައިގެން އިންއިރު ކުޑަކޮށް ހިއްލިފައިވާ ކުޑަދޮރުން ގަނޑުފެން ފައިބާތަން ރީތިކޮށް ފެނެއެވެ. ފިނިގަދަކަމުން ދުރު ފެންނަނީ ދުންފިނިގަނޑެއް ހެންނެވެ. ދުރުން ފެންނަ ކޮޓެޖްތަކުގެ އަލިތައް ފެންނަ ގޮތުން ހީވަނީ ކުދި ތަރިތައް ބިމަށް ވެއްޓިފައިވާހެންނެވެ. މިޝެލިން އެ މަންޒަރުތަކަށް ހިތް ދޫކޮށްލައިގެން އިންއިރު ކާޑެއް ތައްޔާރުކުރިއެވެ. އެތަނުން އެއް ފޮޓޯއަކީ އާދައިގެ ގޮތަކަށް ޕޮލޮރޮއިޑް ކެމެރާއަކުން އިއްބާނު ނަގާދީފައިވާ ފޮޓޯއެކެވެ. އިއްބާނު މަޖާ ވައްތަރެއް ޖައްސާލައިގެން ހުރި އެ ފޮޓޯ މިޝެލިންއަށް ނިކަން ޚާއްސައެވެ.
މިޝެލިން ކާޑު ހަދާން އިންއިރު ކުރީގެ ހަނދާންތައް އާވެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.
އިއްބާނު ދޮރުތަޅުގައި ހިފައިލިއަޑަށް މިޝެލިން ސިހުނުވަރުން އޭނަގެ އަތުން ކާޑު ދޫވެ ގޮނޑީގެ ކައިރިއަށް ބަންޑުން ވެއްޓިއްޖެއެވެ. މިޝެލިން އިނީ މޭޒަށް ދެފައި ލައިގެން ހަމަޖެހިލައިގެން ކަމަށްވާތީ އޭނަ ފައި ތިރިކޮށްލާކަށް ނޫޅެ އިއްބާނުގެ މޫނަށް ބަލައިލީ ތަފާތު ނަޒަރަކުންނެވެ. އިތުރަށް ދަސްކުރަން ބޭނުންވާފަދަ ގޮތަކަށެވެ. ތުބުޅި ނުބާލާ ދެދުވަސް ވުމުން އެހެން ދުވަހާއި ތަފާތުކޮށް، މާ ބޮޑަށް ފިރިހެން ފާޑު ހުރިކަމަށް ދެއްކިއެވެ. އެ ރީތި ދެލޮލުން އުއްމީދުގެ ވިދުވަރުވެސް ފެނުނެވެ.
އިއްބާނު މިޝެލިންގެ ފައިތިލައިގައި އަތް ޖައްސައިލާއިރަށް މިޝެލިން ފައި ދަމައިގަތް ގޮތުން ހީވީ ސޫތްޕެއް ކަށިން ޖެހިހެންނެވެ. މިޝެލިންގެ އެ ހަރަކާތުގެ ސަބަބުން މޭޒުމަތީގައި ހުރި ޗޮކްލެޓް ތަށި ބަންޑުންވެ ކާޑުމައްޗަށް ވެރުނުތަން ފެނުމުން މިޝެލިން ދެލޯބޮޑުކޮށްލާފައި ތިރިކޮށްލައިފި އެވެ. ރުޅި އަންނަ ގޮތްވެސް ވިއެވެ. އެހާވަރުން އޭނަ ކުރި މަސައްކަތް އިއްބާނު ބޭކާރުކޮށްލައިފި އެވެ. އެހެންވީމަ އަދި އަދަބެއްގެ ގޮތުން ކުޑަކޮށް ތަޅުވާލަން ޖެހޭނެއެވެ. މިޝެލިން މާފުދޭން ނިންމާފައި ހުރިކަމުގައި ވިޔަސް އަދިވެސް އިއްބާނުގެ ލޯބި އެންމެ ފަހު ފަހަރަށް އިމްތިހާނު ކޮށްލަން ބޭނުންވިއެވެ.
"ކެން ވީ ޓޯކް ޝެލް...." އިއްބާނު މޭޒުގައި އަތް ވިއްދާލަމުން ބުންޏެވެ.
"ޝެލް، މިއުޅެނީ ފްރެންޑަކަށް ވިޒިޓްކޮށްލަންދާން ކަމަށް، އޭނަ އުޅެނީ މިހިސާބުގެ ފަރުބަދަމަތީގެ އަވަށެއްގައި، އެހިސާބަށް ވިންޓަރ ވަރަށް ހިތްގައިމުވާނެ..... ނުދާނަންތަ؟" އިއްބާނު އެ ޖުމްލަ ފުރިހަމަ ނުވަނީސް މިޝެލިން ނުދާނެ ވާހަކަ އަންގާލީ ތުން އޫކޮށްލަމުންނެވެ.
"އަހަރެމެން އަބަދު އުޅެންވީ މިހެންތަ ޝެލް، މިއަށް ވުރެ މާ ފަސޭހަވާނެ ވަކިން އުޅުނަސް، މިހާ ކައިރީގައި އެކަމަކު ދުރުގައި މިއުޅެވެނީ، އިތުރަށް ކެތްކުރާނީ ކިހިނެއްތަ؟" އިއްބާނު ވާހަކަ ދެއްކި އިރު މިޝެލިން އިއްބާނުގެ ލޮލަށް ނުބަލަން މަސައްކަތް ކުރިއެވެ. މިޝެލިން އެންމެ ފަހަރަކު ބަލާލިޔަސް ހިތް ވިރިގެން ހިނގައިދާނެއެވެ. މިޝެލިން ދުރަށް ބަލަހައްޓައިގެން އިންދާ އިއްބާނު ކުޑަކަކޫ ޖަހާލާފައި މިޝެލިންގެ އުނގުގައި ބޯ އަޅާލިއެވެ. މިޝެލިން އެ ދެލިކޮޅެއްފަދަ އިސްތަށިގަނޑުގައި އަތް ހިންގާލާ ހިތްވިއެވެ.
"ޕްލީޒް... އައިމް ޕްލީޑިން ޔޫ....." އިއްބާނު އާދޭސްކުރިއެވެ.
"މިއަށް ވުރެ މާ ފަސޭހަވާނެ ހާސް މަރުން މަރުވިޔަސް، ޝެލްގެ މާފު ބޭނުމީ، އަހަރެން ދުރުން އުޅެދާނަން، އެކަނި މާފުކޮށްފީމޭ ބުނެބަލަ. އެވަރުންވެސް އަހަންނަށް ފުދިދާނެ، ޕްލީޒް ޝެލް.........." އިއްބާނު އަސަރާއި އެކު މާފަށް އެދި އެތައް ވާހަކައެއް ދެއްކިއެވެ. މިޝެލިން އަށް އޭނަގެ ފައިތިލަ ތެމުނުހެން ހީވެގެން ހިތް ކުދިކުދިވާވަރުވިއެވެ. އިއްބާނު ރޮނީ ހެއްޔެވެ؟ އޭނައަށް މިދެވުނީ މާ ދުރަށެވެ. ދާން ނުވާ ހިސާބަށެވެ. އޭނަ ހާދަ ރަހުމް ކުޑައެވެ. މިހާ ހިލަހިތެއް އޭނައަށް ލިބުނު ގޮތެއްވެސް ނޭގެއެވެ. ދުނިޔެއިން އެންމެ ލޯބިވާ އިންސާނާގެ ހިތުގައި ހާދަ ވަރަކަށް ޖައްސައިފި އެވެ. މިޝެލިންގެ ހިތަށް ކުރި އަސަރަކުން ދެން އިތުރަށް ކެތްނުކުރެވިގެން އިއްބާނުގެ ބޮލުގައި އަތް ޖައްސާލާފައި އެއްޗެކޭ ބުނަން އުޅުނުތަނާ ދޮރުމަތިން މީހެއްގެ ހިލަންވެގެން އިސްއުފުލައިފާ އެދިމާލަށް ބަލައިލެވިއްޖެއެވެ.