ދޮރު ހުޅުވާލި ފިރިހެންކުއްޖާ ފެނުމުން މާޒިން ގެ ބުމަގޮށް ޖެހިގެން ދިޔައެވެ. ރަތްކުލައިގެ ޓީޝާޓަކާއި، މުށިކުލައިގެ ދިގު ސޯޓެއްލައިގެން ހުރިއިރު އެންމެ ފުރަތަމަ ވެސް މާޒިންގެ ލޮލުގައި އަޅައިގަތީ ކަރުގައި އަޅާފައިވާ ކަޅުކުލައިގެ ފަށާއި، ސަލީބެއްހެން އޮތް ފަށު ފުލެވެ. ދީނީ ކަންފުޅެއް ހުރި ކުއްޖެއް ހެނެއް ހިޔެއްނުވެއެވެ. އެ ޒުވާނާގެ މޫނުމައްޗަށް އެތިފަހަރެއް ވީއްލާލަން ހިތަށް އަރާފައިވެސް މާޒިން ކެތްކުރެވޭނެ އެންމެ މައްޗަށް ކެތްކުރިއެވެ. އެހެންނޫނަސް މިފަދަ ފިރިހެނުން ރުޅިއަރުވާލައިފިއްޔާ އޭނަގެ ކުދިންނަށް މާ ނުރައްކާތެރި ވެދާނެއެވެ. ސިކުނޑި ދެއްވާފައިވަނީ ބޭނުމަކުއެވެ. މާޒިން އޭނަގެ މުށްކެވިފައިވާ އަތްތިލަ ފަޓުލޫނުގެ ޖީބަށް ޖަހާލަމުން، އެތެރެއަށް ބޯދިއްކޮށްލި އިރު އެ ތަނަވަސް ނިތްކުރީގައި ކުދި ރޫތަކެއްވިއެވެ.
މިޝެލިން އިނީ އަނެއް ފަރާތަށް އެނބުރިގެން މޭޒުމަތީގައި ހުރި ކޭކެއް ކޮތަޅަކަށް ލުމުގައި އަވަދިނެތިއެވެ. އެހާވަރުގެ ކުޑަކަމެއްވެސް މިޝެލިންއަށް ރަނގަޅަށް ކުރަން އެނގުނު ކަމަކަށް ނުވިއެވެ.
"މަންމަ ހުއްދަ ނުދެނީސް ތިގޮތަށް ތަންތަނަށް އަންނާކަށް ނުވާނެއްނު ދަރިފުޅާ....." މާޒިންގެ އަޑު އިވުމުން މިޝެލިން އެނބުރި ބަލާލީ ކުޑަކޮށް ހައިރާންވެފައި އިނދެއެވެ. ބައްޕަ މިތަނަށް އަތުވެދާނެ ކަމަށް އޭނަ އެއްގޮތަކަށް ހީކޮށްފައެއް ނެތެވެ.
"ބައްޕާ، ހީޒް މައި ފްރެންޑް، ދެން ޗީޒްކޭކެއް ގަނެދިނީމަ ޕެކްކޮށްލައިގެން ގެއަށް ދާން މިއުޅެނީ..." މިޝެލިން ސިންކު ކައިރިއަށް ގޮސް އަތްދޮވެލި އިރު ހުރީ ހިނިތުންވެލައިގެންނެވެ.
"އޯކޭ ދަރިފުޅާ، ދެން އާދޭ ގެއަށް...." މާޒިން އިއްބާނު އާއި ދިމާލަށް ދެވަނަ ފަހަރަށް ބަލައެއް ނުލިއެވެ. އިއްބާނުއަށް މާޒިން ހުރީ ހިތްހަމަނުޖެހިފައިކަން އެނގޭތީ އޭނަ ހުރީ ހިމޭންވެފައެވެ. މިޝެލިން އަވަސްވެލައިގެން ކޭކު ކޮތަޅު ހިފައިގެން ބައްޕަގެ ފަހަތުން ނިކުތެވެ. މިޝެލިންގެ އަތުގައި ހިފައިގެން އައިސް ގެއަށް ވަންއިރު މާޒިންގެ ހިތުގެ ހިގުން ހަމަޔަކަށް އެޅިއްޖެއެވެ. މާޒިން އަށް އޭނަގެ ދަރިފުޅާއި މެދު އިތުބާރު އޮތެވެ. މިޝެލިން އެހާ ހިނިއައިސްފައި، މަޖާވެލާފައި އުޅުނު ގޮތުން އެ ފިރިހެންކުއްޖާގެ ފަރާތުން އެއްވެސް ގޯނާއެއް ނުފޯރާކަން އޭނައަށް ޔަގީންވިއެވެ. އެކަމަކު އެކޮޓަރިއަށް ދިޔައީ ކީއްކުރަންތޯ ކިޔާފައި މިޝެލިން އާއި މާޒިން ސުވާލު ކުރިއެވެ. މަންމައަށް އެނގިއްޖެއްޔާ މަންމަ ރުޅިއަންނާނެ ކަމަށާއި، މަންމައަށް ސިއްރުން އެއްވެސް ފިރިހެންކުއްޖަކާއި ވާހަކަ ނުދެއްކުމަށް މާޒިން އެދުނެވެ. މިޝެލިންގެ އެކުވެރި ފިރިހެންކުއްޖެއް ވެއްޖެއްޔާ މާޒިން އާއި ސޯފިޔާއަށް އެނގުމަކީ މުހިއްމު ކަމެކެވެ. ކޮންމެ ކޮންމެ މީހަކާއި މިޝެލިން ގުޅެން މާޒިންއަށްވެސް ހުއްދައެއް ނުދެވޭނެއެވެ.
"އައި ނޯ ބައްޕާ، މަންމަ އޮތީ ބުނެފައި އެއްވެސް މީހަކު ޓަޗްކޮށްފިއްޔާ މަންމަ ގާތުގައި ބުނާށޭ، އެހެންވެ އެ ބޯއި ކައިރީގައި ބުނިން އަތުގައިވެސް ޓަޗްކޮށްގެން ނުވާނެއޭ، އެގޮތަށް ޕްރޮމިސް ކުރީމަ އެ ރޫމަށް ވަނީ، ހީޒް ނައިސް، އެކަމަކު ދެން ނުދާނަން، އެނގޭ މަންމައަށް އެގިއްޖެއްޔާ ދެރަވާނެކަން......" މިޝެލިން އެ ވާހަކަ ބުނުމުން މާޒިން އަށް ސޯފިޔާ މިޝެލިންމެންގެ ކަންތަކާއި މެދު ވިސްނާވަރު ރީއްޗަށް ހާމަވެގެން ދިޔައެވެ. މިއީ އަދި އޭނައަށް ނޭގޭ ބަޔެކެވެ. ކުދިންނަށް ސޯފިޔާ އަންގާފައި އެވަނީ ރަނގަޅު ވާހަކަ އެކެވެ. އެކަމަކު މިޝެލިންގެ މައުސޫމް ކަމާއި މެދުވެސް އެވަގުތު މާޒިންއަށް ވިސްނާލަން ޖެހުނެވެ.
އިއްބާނު ދިން ބްލޫބެރީ ޗީޒްކޭކު ކައިފައި މިޝެލިން ކުޅުދިޔާވާ ވަރުވިއެވެ. އެހާ މީރު އެއްޗެހިވެސް މާލޭގައި ވިއްކަން ހުރޭބާވައެވެ. މާލެ އައި ފަހުން މިޝެލިންއަށް އެންމެ މީރު އެއްޗަކަށް ކެވުނީ މި ކޭކާއި، ބާސްކިން ރޮބިންސް އައިސްކޯނެވެ. މިލީނާ ކާހިތްވަނީ ބޮޑަށް ކުޅި އެއްޗެއްސެވެ. އެކަމަކު މިޝެލިން ގެނެސްދިން ކޭކު ކާލުމުން މިލީނާއަށް ރަހަ ރަނގަޅުވިއެވެ. އެ ކޭކު ހަދަން ދަސްކުރަން ވަގުތުން ނިންމިއެވެ.
މިރޭވެސް އަށެއް ޖަހަން އުޅެނިކޮށް އެސަރަހައްދުން ކަރަންޓު ކެނޑުނެވެ. މިޝެލިން އަލިފާން ދަނޑި އަކުން އުށްބައްތި ދިއްލާލައިގެން ގޮސް އުށްކޮޅު ވިރުވާލާފައި އެނދުގެ ބޯލާކޮޅުގައި އެއްޗެހި ބަހައްޓާ ތަނުގައި އުށްބައްތި ބެހެއްޓިއެވެ. އެއާއި އެކު ކޮޓަރީގައި ހިޔަނިތައް ނަށަން ފެށިއެވެ. މިޝެލިން އެނދު މައްޗަށް ކޮޅަށް އެރުމުން މިލީނާ ބާރަކަށް ހަޅޭއްލަވައިގަތެވެ.
"ޝެލް، ދެޓްސް ޑޭންޖަރަސް، އެނދު މައްޗަށް ބައްތި ވެއްޓިއްޖެއްޔާ ހުޅު ހިފާނެ..." މިލީނާ ހަޅޭއްލަވައިގަތެވެ. އަބަދުވެސް މިޝެލިންގެ ސަލާމަތާއި މެދު ވިސްނައެވެ.
"އޯކޭ އޯކޭ، އެކަމަކު ތިހާ ބާރަށް ސްކްރީމް ކުރީމަ އަވަށްޓެރިން ހީކުރާނީ މިގޭގައި ރޯވެގެން އުޅެނީ ކަމަށް..." މިޝެލިން މިފަހަރު އުށްބައްތި ބެހެއްޓީ މުށިމަތީގައެވެ.
"އެންމެ ފޫހިވަނީ ފަންކާ ނެތީމަ..." މިޝެލިން ފޮތަކުން ގަޔަށް ވިހެލަމުން ބުންޏެވެ. މިޝެލިން ހޫނުވެގެން އުޅުނު އިރު މިލީނާ އުޅުނީ ފިނިބޮޑުވެގެންނެވެ. މިއީ ވާރޭ ވެހޭ ދުވަސްކޮޅަކަށް ވާއިރުވެސް މިޝެލިން އަބަދު ޝަކުވާ ކުރަނީ ހޫނުވާތީއެވެ. މިޝެލިން ބުނާ ގޮތުން ފިންޏަށް ބަލިކުދިންނަށް ސްނޯވެހޭތަން ބަލާކަށް ނުދެވޭނެއެވެ.
"ޝެލް، ފެންވަރައިގެން ކާން ހިނގާބަލަ..." މިލީނާ މިޝެލިން އުށް ވިރުވާލިތަން ސާފުކުރުމަށްފަހު އެ ފަން އިސްތަށިގަނޑުގައި އަތް ހިންގާލިއެވެ.
"ފެންވަރާހިތެއް ނުވޭ، ފިނިކަމުން އައި ޑޯންޓް ސްވެޓް، މިހާރު ތިން ދުވަސް މިވީ ފެން ނުވަރާ، އެންމެ ދާފޮދެއްވެސް ނުހިއްލާ......" މިޝެލިން ބުނިހެން އޭނަ އެ ސްޓްރައިޕް ޓީޝާޓާއި، ސްކިނީ ލައިގެން އުޅޭތާ މިވީ ތިން ދުވަހެވެ. މަންމަ ނެތިއްޔާ ހެދުންވެސް ބަދަލު ނުކުރާނެ އެވެ. މިޝެލިން ފެންވަރަން ވަންނާނީ މަންމަ ހަޅޭއްލަވައި އެތައް ވަރެއް ކޮށްގެންނެވެ. މަންމަ ނެތީމަ މިޝެލިން އުޅޭގޮތަކުން މިލީނާ ބޯހަލާކުވިއެވެ. އެކަމަކު މިލީނާ ނިކަން މަންމަހެން އުޅޭ ހިތްވެއެވެ. ކޮއްކޮއަށް އަމުރު ކުރާހިތްވެއެވެ.
"ޗީ، ދޭބަލަ ފެންވަރަން، އެހެންނޫނީ ފްރެޝް ކަމެއް ނުހުންނާނެ، ފަންގަސް ޖަހަން ފަށާފާނެ، އޭރުން ހާދަ ހަޑިވާނެއޭ، މީހަކާއި އިނީމަ ތިހެން އުޅެންޏާ އެމީހަކު ކިހާ ފޫހިވާނެ، މަރިޔަނބާ ދޭބަލަ ދެން ބައްޕަ ގާތު ނުބުނަނީސް، އެހެންނޫނަސް ކަމެއް ނެތި އަބަދު އޮށޯވެލައިގެން އޮތީމަ ދާ ހިއްލާނެތަ؟ ލޭޒީ ބޯންސް....." މިލީނާއަށް މަޖާވިއެވެ. ނަސީބަކުން މިޝެލިން އެ ވާހަކަ ގަބޫލުކޮށްގެން ފެންވަރަން ނިންމިއެވެ. އެކަމަކު އެކަން ކުރެވޭނީ ކަރަންޓު އަނބުރާ ލިބުނީމައެވެ.
"ދޮންތީ، ސިކްރެޓެއް ބުނަންތަ؟ އިއްބާނު ބުނި އޭނަ ވަރަށް ލައިކް ވެޔޭ، ރޯޒްއެއްވެސް ދިން، އަދި މިއޮތީ ބެން ދިން ޕާރލް ކެވެލިކޮޅެއް..." މިޝެލިން ޖިންސްގެ ޖީބުން ނެގި ފަށް ދައްކާލުމުން މިލީނާގެ ލޯ ތަރަތަރަޖަހައިގެން ދިޔައެވެ. ހާދަ ރީތި ފަށެކެވެ. އަގުބޮޑުވާނެހެން ހީވެއެވެ. މިއީ ފިލްމުސްޓާރުންނާއި ޝާހީ މީހުން އަޅާ ޒާތުގެ ފަށެކެވެ.
"ހާދަ ރީއްޗޭ، މިއީ އޮރިޖިނަލް ޕާރލްތަ؟ ކުރީ ދުވަހު ރާނީ އަޅާފައި ހުރީ މީގެ ފަށެއް..." މިލީނާ އެ ޕާލްތަކުގައި ފިރުމައިލަމުން އަހާލިއެވެ.
"މިއީ އޮރިޖިނަލް އެއްޗަކަށް ނުވާނެ، އޭނައަކީ ރިޗް ބޯއިއެއް ނޫން، އޭނައަކަށް އެފޯޑް ނުވާނެކަން ޔަގީން، އެކަމަކު ފޭކް ވިޔަސް ކިހާ ލޯބި، މައްސަލައަކީ އައި ހޭޓް ވިއަރިން ޖްވެލްރީ، ދޮންތީ ބޭނުމިއްޔާ ގެންދޭ...." މިޝެލިން ފަރުވާ ކުޑަގޮތަކަށް އެ ފަށާއި ކުޅެލަމުން ބުންޏެވެ.
"ނޫން، ޝެލްއަށް ބޯއިފްރެންޑް ދިން އެއްޗެއް ދޮންތީ އެޅީމަ ރީތިކަމަކަށް ނުވެ ހިނގައިދާނެ، އޭނަ ހިތްހަމައެއް ނުޖެހޭނެ، ޝެލްއަށް ބޯއިފްރެންޑަކު ލިބުނީ، އައި ކާންޓް ބިލީވް ދިސް....." މިލީނާ ހައިރާން ކަމާއި އެކު އަނގަޔަށް ގޮތެއް ހަދާލިއެވެ. އެކަމަކު މިލީނާގެ މައްސަލައަކީ އޭނައަށް އެއްގޮތަކަށްވެސް ފިރިހެންކުއްޖަކާއި އެގޮތަށް ވާހަކަދައްކަން ނުކެރޭނެ ކަމެވެ. އޭނަ ރަކިވެދާނެއެވެ. އެކަމަކު މިލީނާގެ ހިއްސުތައްވަނީ ހޭލަން ފަށާފައެވެ. ވާހަކަތަކުގެ އަވައިގާ ޖެހުނުފަހުން މިލީނާއަށް އެހާ ރީތި ލޯބީގެ ދިރިއުޅުމަކާއި މެދު ހުވަފެންތައް ދެކެން ފެށުނެވެ. އެހެން އަންހެންކުދިން ފަދައިން "ނޯމަލް" ހަޔާތެއް އޭނަ ބޭނުމެވެ. މިޝެލިން ފަދައިން އޭނައަށް ލޯބިވެރިޔަކު ލިބިދާނެބާވައެވެ. އެކަމަކު މިލީނާ ހަނދާންވީ މަންމަ ރުޅިއަތުވެދާނެ ވަރެވެ. މިލީނާގެ ހިތަށް ފިނިވިއެވެ.
"އޭނަ ކިސްކުރިތަ؟" މިލީނާ ދެލޯ ބޮޑުކޮށްލާފައި އަހާލިއެވެ.
"ވޮޓް...." މިޝެލިން އަނގަ ވަށްކޮށްލިއެވެ.
"ލައިކް އެޑްވަޑް އެންޑް ބެއްލާ....." މިލީނާ އަހާލަން ބޭނުންވިއެވެ.
"އަގް.... އައި ހޭޓް އިޓް އާމިނާބީ، ބޯއިފްރެންޑެއް ހުރީމަ ދެން ކޮންމެހެން ފޫހިކަންތައް ކުރަންޖެހޭތަ؟ އެހެންނޫނަސް ދޮންތީ ހަނދާނެއް ނުވޭތަ؟ މަންމަ އޮތީ ހުރިހާ ކަމެއް ފޮބިޑް ކޮށްލާފައެއްނު....." މިޝެލިން އަނގަޔަށް ނުބައިގޮތެއް ހަދާލާފައި އޯކަށް ދަމާލިއެވެ. މިޝެލިންއަކީ ބޭބީ އެކެވެ. ވާހަކަ ކިޔާލާފައި ބޮޑުވާކަށް ނޫޅުނެވެ. މިލީނާ އެހުރިހާ ތަޖުރިބާއެއް ކުރަން ބޭނުމެވެ. ލޯބިވާ މީހަކާއި އެކުގައެވެ. އެކަމަކު މިލީނާ އަށް އަދި ފިރިހެންކުއްޖަކު ފެނިފައި އެބުނާފަދަ ގޮތެއްވެފައެއް ނުވެއެވެ. އޭނަގެ ފައި ޖެލީކޮޅަކަށްވެ، ހިތް ތެޅިގަނެ، ގައިން ހީބިހި ހަލުވާލާ ފަދަ ފިރިހެންކުއްޖަކު ފެންނާނީ ކޮން ދުވަހަކުން ބާވައެވެ. އޭނަގެ ޕްރިންސް ޗާމިން ދުވަހަކު ފެނިދާނެ ބާވައެވެ. މިލީނާ އެފަދަ ކުއްޖަކު ހޯދަން ބޭނުމެވެ. އެކަމަކު ކޮލެޖުންވެސް މިލީނާ ހިތްކިޔާފަދަ ކުއްޖަކު ފެނިފައެއްނުވެއެވެ. މާލެއިން ދުށް އެންމެ ރީތި ޒުވާނަކީ އިއްބާނު އެވެ. ކޮއްކޮގެ ބޯއިފްރެންޑެވެ. ވީމަ އިއްބާނު ދެކެ ލޯބިވެވޭނެ އެއްވެސް ގޮތެއް މިލީނާ އަކަށް ނެތެވެ. އޭނަ މިޝެލިން ދެކެ ހަސަދަވަނީ އެފަދަ ގޮތަކަށް އޭނަގެ ނަސީބުގައި ލޯބިވެރިޔަކު ލިބެން ނެތީތީއެވެ.
ސޯފިޔާ ގެއަށް އައުމަށްފަހު މިލީނާމެން ކޮލެޖަށް ދާންފެށިއެވެ. ދެކުދިން ފޮތްތައް ފޮރުވާފައި ހުރީ އެކުދިން ކިޔަވާފޮތްތަކެއް އަޅާފައި ހުރި ފޮށިގަނޑެއްގެ އެންމެ އަޑިއަށެވެ. އެކަމަކު ސޯފިޔާ ގެއަށް އައިގޮތަށް އެދުވަހު ތަންތަން ރީތިކުރަމުން ގޮސް އެފޮތްތައް ލޮލުގައި އަޅައިގަތުމުން ހިތް ނުހުއްޓުނީ ކިރިޔާއެވެ. ވަގުތުން ދެލޯ ކަރުނުން ފުރުނެވެ. އޭނަގެ ދެބެން އޭނައަށް ސިއްރުން ވާހަކަ ފޮތްތައް ކިޔަންފެށީއެވެ. މިހާރު ކޮލެޖަށްގޮސްފައި ފިރިހެން އެކުވެރިން ނުހޯދާނެ ކަމެއް ނޭގެއެވެ. މީގެ ކުރިން ސޯފިޔާ ހީކުރަމުން އައިސްފައި ވަނީ އޭނަގެ ކުދިންނަކީ ބިއްލޫރިކޮޅެއްހާ ސާފު ހިތެއްލިބިފައިވާ، މައުސޫމް ދެކުދިން ކަމުގައެވެ. އެކަމަކު ސޯފިޔާ ބިރުގަނެއްޖެއެވެ. ދެން ވާނީ ކިހިނެއްބާވައެވެ. އަވަހަށް ރަނގަޅު ޒުވާނުން ހޯދާފައި މިލީނާމެން އެމީހުންނާއި ކައިވެނި ހަމަޖައްސަންވީއެވެ. އޭރުން ސޯފިޔާގެ ޒިންމާތަކުން ސަލާމަތްވެވި ހަމަޖެހުމުގެ ނޭވާއެއްލެވިދާނެއެވެ. މާޒިން ގާތުގައި ރަނގަޅު ފިރިހެންކުއްޖަކު ހޯދަން ބުނަންވީއެވެ. މާޒިންގެ އެކުވެރިއެއްގެ ބަސްއަހާ ދަރިއަކު ހުރެއްޖެއްޔާ ރަނގަޅެވެ.
ސޯފިޔާ ފްރިޖްގައިވާ ސާމާނު ނަގާފައި ފްރިޖް ސާފުކުރަން އިންއިރު ޚިޔާލުގައި ވަނީ ރަށުގައި އުޅުނު އިރު ދަންނަ މީހުންނެވެ. އަވަށްޓެރިންނާއި، އެމީހުންގެ ދަރިންނެވެ. މިލީނާ އާއި އެކަށީގެންވާ މީހަކު އޭގެ ތެރޭގައި އެބަހުރިބާވައެވެ. މިލީނާއަށް އޭނަ ޚިޔާރުކުރާ ބައިވެރިޔަކު ރަނގަޅު ވާނެ ބާވައެވެ. ސޯފިޔާ ޚިޔާލުތަކެއްގެ ތެރޭގައި ހުއްޓާ މާޒިން ދޮރު ހުޅުވާލައިފި އެވެ. މާޒިން ގެއަށް ދެތިން ފޮށިގަނޑު ވެއްދުމަށްފަހު ފޮށިތައް ކަނޑަން ފެށިއެވެ.
"ތިއީ ކޯންޗެއްތަ؟" ސޯފިޔާ ތަންކޮޅެއް ކައިރިއަށް ޖެހިލިއެވެ.
"ކޮމްޕިއުޓަރަކާއި، ލެޕެއް ގަނެލީ، ދެން ވައިފައި މޮޑެމެއްވެސް ގަތީ، ލާރި ސޭވްކޮށްލާފައި ބެހެއްޓުމުގެ ބަދަލުގައި ހިތަށް އެރީ މާ ފައިދާ ބޮޑުވާނެއޭ މިއެއްޗެހި ގަތީމަ، ކުދިންގެ ކިޔެވުމަށް ލިބޭނެ އިތުރު ކުރިއެރުމަކަށް ވާނެ، އެހެންނޫނަސް މިޒަމާނުގައި ކޮން ގެއެއްގައި މި އެއްޗެހި ނުހުންނާނީ، މިއީ ފަނަރަވަނަ ގަރުނެއް ނޫން ދޯ...." މާޒިން އެ ވާހަކަތައް ދެއްކީ ސޯފިޔާ އެކަމާއި ދެކޮޅަށް ވާހަކަ ދައްކާނެކަން ޔަގީންވެފައިވާލެއް ބޮޑުކަމުންނެވެ.
"އެކަމަކު ކުދިން ނެޓަށް ދެވިހިފާނެކަން ޔަގީން...." ސޯފިޔާގެ މޫނުގައިވާ ކަންބޮޑުވުން އިތުރުވިއެވެ.
"ސޯފީ އަބަދި ތިހުންނަނީ ގޭގައި، ދެން ސުޕަވައިޒް ކުރެވޭނެ އެއްނު..." މާޒިން ކޮމްޕިއުޓަރ ރާވަންފެށިއެވެ. ސޯފިޔާ އާއި މަޝްވަރާނުކޮށް މާޒިން މިހާ ބޮޑުކަމެއް ނިންމުމުން ހިތްހަމަނުޖެހުނަސް ސޯފިޔާ ދެކޮޅުހަދާކަށް ބޭނުމެއް ނުވިއެވެ. ރަމަޟާންމަހު ފިރިމީހާ އާއި ދެކޮޅުވީމަ ފާފަވެރިވުންނޫން ކަމެއް ނުވާނެއެވެ. އެހެންނޫނަސް އޭނަގެ ސަބަބުން މާޒިން އެހެރީ ހާދަ ބޮޑު ފާފައެއް ކޮށްގެންނެވެ. ލޯތްބަށްޓަކައި އެހާ ބޮޑު ގުރުބާނީއެއް މާޒިން ވެފައިވާއިރު ދެން ސޯފިޔާ ދެ ދުވަހުން އެއްދުވަހު މާޒިން ކުރާކަންތަކާއި، ޝަކުވާކުރަން ވެއްޖެއްޔާ މާޒިން އޭނަ ދެކެ ފޫހިވެދާނެއެވެ. އޭނަ ދޫކޮށްލާފައި މާޒިން ގޮއްސިއްޔާ ވާނެ ގޮތެއް ޚިޔާލުކުރަން ދަތްޗެވެ. މިދުނިޔޭގައި މާޒިން ފިޔަވާ އޭނަގެ އެހެން މީހަކު ނެތެވެ.
"އޯކޭ، އެކަމަކު އަހަރެން ދައްކަން ޖެހޭ ވާހަކައެއް އެބައޮތް، މިލީއަށް އެއިޓީންވާއިރަށް މީހަކާއި މެރީކުރުވަން ރަނގަޅު، ދީންވެރި ބޯއިއެއް ހޯދަބަލަ..." ސޯފިޔާ އެބުނި އެއްޗަކުން ހައިރާންވި ވަރަށް ވުރެ ބޮޑަށް މާޒިން ގާތަށް އައީ ހިންޏެވެ. އޭނަގެ ގާތުގައި މިލީނާ އާއި މިޝެލިން އަކީ އަދި ކުޑަކުދިންނެވެ. މައުސޫމް ކުދިންނެވެ. އެކުދިންނަށް އަދި މީހަކާއި އިނދެގެން އުޅެވޭނީ ކިހިނެއް ހެއްޔެވެ؟ ސޯފިޔާއަށް އެވަގުތު ވިސްނުނީ އޭނަ މިޝެލިން ގެންގުޅޭ ގޮތުން ގެވެހި ކުއްޖަކަށް ނުވާތީ މައިދައިތައިންނާއި ފިރިމީހާގެ ގޭގެ ފަރާތުން އިންތިހާއަށް މައްސަލަ ޖެހިދާނެ ކަމެވެ. މިހާރުއްސުރެ މިޝެލިން ތަމްރީނު ކުރަންވީއެވެ. އެކަމަކު މިލީނާއަށް ކޮންމެ ފަދަ ގެއެއްގައިވެސް ހިފަހައްޓާލެވިދާނެއެވެ.
މިޝެލިން ކޮލެޖުން ނިކުތް އިރު އިއްބާނު ހުރީ ފާރު ކައިރީގައި މިޝެލިންގެ އިންތިޒާރުގައި މަޑުކޮށްލައި ގެންނެވެ. ހީވާގޮތުން އިއްބާނު އައީ ދެންމެ ފެންވަރާލައިގެންނެވެ. ކުރުކޮށް ކޮށާލެވިފައިވާ އިސްތަށިގަނޑު އޮތީ ކުޑަކޮށް ތެތްކޮށެވެ. އެހާ ވިދައެވެ. ހަތަރެސްކަން މޫނެއް ލާފައި އިނީމަ ހީވަނީ ފިލްމު ސްޓާރެއް ހެނެވެ. އެހެން ލާފައި ދިޔަ ކޮންމެ ކުއްޖެއްގެ ފުން ނަޒަރު އިއްބާނުއަށް ހުއްޓުނުތަން މިޝެލިންއަށް ފެނުނެވެ. މިޝެލިންގެ ލޮލުގެ ވިދުން ގަދަވެގެން ދިޔައީ އިއްބާނު ހިފަހައްޓާލައިގެން ހުރި ދިގު ތަނޑިލާފައި އިން ރަތް ފިނިފެންމަލާއި، ކުޑަ ބެއަރ ފެނުމުންނެވެ. ބެއަރ ގެ ބަނޑުގައި އެލުވާފައިވާ ހިތެއްގައި "އައިލަވް ޔޫ" ޖަހާލާފައި އިނެވެ.
"މިޝެލިންއަށް ގެނައި އެއްޗެއް....." އިއްބާނު އެ ދިއްކޮށްލުމުން މިޝެލިން ހެވިދިއްލިފައި ހުރެ އޭގައި ހިފިއެވެ. މިޝެލިން އެހެން އަންހެންކުދިން ހަދާހެން ތުއިވެ، ފަރިވެއެއް ނެހެދިއެވެ. އިއްބާނުގެ ހިތަށް ތަދުވެ ފެންކަޅިވާގޮތްވިއެވެ. އޭނަގެ ހިތް މިވަރަށް ދީވާނާވެފައި ވާއިރުވެސް މި އަންހެންކުއްޖާގެ ހިތުގައި އޭނަގެ ލޯބި އެއްވެސް ވަރަކަށް ނުވަނީ ހެއްޔެވެ؟ ނޫނީ ތަންކޮޅެއް ޅައީހެއްޔެވެ؟ އިއްބާނު ހުރީ ހަދާނެ ގޮތް ހުސްވެފައެވެ. ނަމަވެސް މާ އަވަސް އަރުވާލައިގެން ލޯބިވާ ވާހަކަ ބުނެފިއްޔާ އެކުއްޖާ ކަންތައް ކުރާނެ ގޮތެއް އެނގެނީ އެއްވެސް ނޫނެވެ. އޭނަ އާއި ބައްދަލުކުރުން ހުއްޓާލަފާނެއެވެ. ނޫނެކެވެ. އޭނަ ކަންތައް ކުރާނީ ނިކަން ވިސްނައި ގެންނެވެ. ހިތް އަވަސްވިނަމަވެސް އޭނަ ކެތްކުރަން ދަނެއެވެ.
މިލީނާ އާއި މިޝެލިން ގެއަށް ވަންނަން އައީ އެކީގައެވެ. އޭރު ސޯފިޔާ މޭޒު ކައިރީގައި ޕިއްޒާ ފުށްގަނޑު މޮޑެން ހުރެފައި އެނބުރި ބަލާލުމުން މިޝެލިން އެކުޑަ ބެއަރ ފޮރުވަން އުޅުނެވެ. އެކަމަކު ސޯފިޔާއަށް ފެނުނުކަން ޔަގީންވުމުން މިޝެލިން ހުރީ ކުޑަކޮށް ބިރުގެންފައެވެ.
"ދަރިފުޅާ، ކާކުދިން އެއްޗެއްތަ؟" ސޯފިޔާ ގެ ތުންފަތުގައި ހިނިތުންވުމެއް ނެތެވެ.
"ތެދެއް މިލީ، އެ ފްރެންޑުގެ ނަން މަންމަ ގާތު ބުނެބަލަ، އެބައަންނަން މަންމާ......" މިޝެލިން އަށް ދޮގުހަދަން ނުކެރޭނެތީ ވަގުތުން މިލީނާގެ ބޮލުގައި އަޅުވާފައި ކޮޓަރިއަށް ދެމިގެންފިއެވެ. މިލީނާ އަކަށް ކޮއްކޮގެ ސިއްރު ބޭޒާރުކޮށްލާކަށް ނުކެރުނެވެ. މަންމަގެ ހިތަށްވެސް ކުރާނެ އަސަރެއް އެނގެނީއެއް ނޫނެވެ. މިލީނާ ބުނީ އަންހެންކުއްޖެއް ނަމެވެ. ކޮއްކޮ އާއި އެކު ފާފައެއް ކުރެވުނުކަމުގެ އިހުސާސް ކުރެވުނެވެ. ޓަނެއްގެ ބުރަދަނުން ސިކުނޑި ބަރާވިއެވެ. މިލީނާ ކޮޓަރިއަށް ވަންގޮތަށް މިޝެލިން އާއި ކުޑަކޮށް އަރައިރުންވެލާފައި ވެސް އިރުކޮޅަކުން ދެބެން ހީވީ އެކަތިގަނޑެއް ހެންނެވެ. ދެކުދިން އެކި ވާހަކަ ދައްކަމުން ގޮސް ބައްޕަގެ އާއިލާގެ ވާހަކަ ދެކެވުނެވެ. ބައްޕަގެ އާއިލާ ދިރިއުޅެނީ މާލޭގައި ކަން އެކުދިންނަށް އެނގެއެވެ. އެނޫނީ އެއްވެސް މައުލޫމާތެއް ލިބިފައެއްނެތެވެ. މަންމަދެކެ މާމަ ރުޅިއަންނަވަރު މިލީނާއަށް ކޮންމެވެސް ވަރަކަށް އެނގެއެވެ. ދެކުދިން ނިންމީ ބައްޕަ ގެ އެއްޗެހި ހާވައިގެން ކާފަގެ ގެއަށް ކިޔާ ނަން ހޯދައިގެން ސިއްރުން އެގެއަށް ދިޔުމަށެވެ. ބައްޕަ އާއިލާ އާއި ވަކިން އުޅެން ޖެހޭ ސަބަބު އެކުދިންނަށްވެސް އެނގެން ވާނެއެވެ. މަންމަ އެކުދިންނަށް ގަދަޔަށް އަމުރުކޮށްލާފައިވާތީ އެކުދިންނަށްވެސް މާޒިން ގާތުގައި ކާފަމެންގެ ވާހަކަ ދައްކާލާކަށް ނުކެރެއެވެ. ނަމަވެސް މާލޭގައި އުޅެން ވުމުން އެ އާއިލާގެ ހަގީގަތް ދެނެގަތުމުގެ ޝައުގު ބޮޑުވާންފެށީއެވެ.
މިލީނާ ދޮރު ހުޅުވާލި އިރު އިއްބާނު ދެތިން އަންހެންކުދިންނާއި ވާހަކަ ދައްކަން ދޮރާށި ކައިރީގައި ހުރިތަން ފެނުމުން ހައިރާންވެ އަންތަރީސްވިއެވެ. އެކުދިން ތިބީ އެހާ ސްޓައިލިޝްކޮށް ހެދުން އަޅާފައެވެ. ތުނިކޮށް ވާރޭ ވެހެމުންދިޔައިރުވެސް އެމީހުން އެތިބީ ވާރޭތެރޭގައި މާ ހީހީފައި ވާހަކަ އަޅުވާލައިގެންނެވެ. އެއީ ކޮން ބަޔެއްބާވައެވެ. އިއްބާނު އެކުދިންނާއި ވާހަކަދައްކަން ހުރީ ކީއްވެ ހެއްޔެވެ؟ އިއްބާނު އެހާ އަންހެންކުދިންނާއި ގާތްކޮށް އުޅޭމީހަކަށް މިޝެލިންއަށް ތެދުވެރިވެގެން ހުރެވިދާނެ ހެއްޔެވެ؟ އޭނަ މިޝެލިން ގާތުގައި އެވާހަކަ ދައްކަންވީބާއެވެ. ހަދާނެގޮތެއް ނޭގިފައި މިލީނާ ހުރިއިރު އެތިން އަންހެންކުދިން މިލީނާ އާއި ދިމާލަށް ބެލިކަން މިލީނާއަށް އެނގުނެވެ. އިއްބާނު އަނެއް ފަރާތަށް އެނބުރިގެން ހުރުމުން އެމޫނުމަތީގައިވާ ޝުޢޫރެއް މިލީނާއަކަށް ނުފެނުނެވެ.
މިލީނާ ކޮޓަރިއަށް ވަންއިރު މިޝެލިން ބޯތަށްޓަކަށް ގަނޑުފެން އަޅައިގެން މޫނުގައި ކާއްތާފައި ފިނިކުރަން އުޅެއެވެ. ފަންކާ ހުރީ އެންމެ ބާރުކޮށްލާފައެވެ. މިލީނާ ފިނިވެގެން އުޅޭއިރު މިކުއްޖާ މިއުޅެނީ ގަނޑުފެނާއި ކުޅުމަށެވެ. މިލީނާގެ ގައިން ހީބިހިހަލުވާލިއެވެ. އޭނަ ފަންކާ މަޑުކުރަން އުޅުމުން މިޝެލިން ހަޅޭއްލަވައިގަތެވެ.
"ޑޯންޓް، މިއުޅެނީ ހޫނުވާވަރުން، ވަރުބަލިވެސް ވާތީ މިއުޅެނީ......." މިޝެލިން މިލީނާ އާއި ދިމާލަށް ރަޖާގަނޑު އެއްލާލިއެވެ.
"އެންޓާޓިކާއަށް ދާންވީނު، ޝެލް، މިއައީ ވަރަށް މުހިއްމު ވާހަކައެއް ބުނަންވެގެން، ޝެލްގެ އިއްބާނު ހީވަނީ މިސްޓީރިއަސް ގައި އެއްހެން، ޝެލްއަށް އޭނަ އެނގެނީ ކިހާވަރަކަށްތަ؟ ޝެލް އޭނައަށް ޓްރަސްޓް ކުރަންތަ؟" މިލީނާ ތަންކޮޅެއް ސީރިޔަސްވެލާފައި އަހާލިއެވެ. މިޝެލިން ކުޑަކޮށް ސިހުނެވެ. އޭނަގެ އިއްބާނުއޭ ބުނުމުން ކުޑަކޮށް ކަންބޮޑުވާގޮތްވިއެވެ. އޭނަގެ އިއްބާނުއަށް ވާންވީ ސަބަބެއް މިޝެލިން އަކަށް ނުވިސްނުނެވެ. މިޝެލިން ގަނޑުފެން ބޯތަށި ދޫކޮށްލާފައި ގޮސް އިއްބާނު ދިން ބެއަރ ނެގިއެވެ. އެ ބެއަރ އާއި ދިމާލަށް ބަލަހައްޓައިގެން އިންއިރު މިޝެލިންގެ ޅަ ސިކުނޑީގައި އެތައްކަމެއް ހިގަމުން ދިޔައެވެ.
"ޓްރަސްޓް ކުރުމަކީ ކޮބާތަ؟ " މިޝެލިން ބުމަގޮށްޖަހާލަމުން އެހިއެވެ.