ޒަހްރާނުގެ ބަދަލުގައި އޭނަ އާއި އަރާހަމަވި ޒިލާ މިޝެލިން ކޮށްޕައިލުމުން މިޝެލިން ވެއްޓިގެން ގޮސް ބެލްކަނީގެ ރެއިލިންގައި ޖެހިފައި އަތަށް ތަދުވިއެވެ. މިޝެލިންގެ ވިދާ ދެލޯ ބޮޑުކޮށްލައިގެން އިރުކޮޅެއްވާންދެން ހުރީ ކިޔާނެ އެއްޗެއް ނޭގި، އަނގަޔަށް ގޮތެއް ހަދައިގެންނެވެ. ޒިލާ އެހާ ރުޅިގަދަވާވަރުގެ ކަމެއްކޮށްލެވުނު ހަނދާނެއް މިޝެލިން ނުވިއެވެ. އެކަމަކު މިޝެލިން އަށް ލިބުނު ސިހުން ފިލާ ދިޔުމުން އެ ޔާގޫތެއްފަދަ ތުންފަތަށް ހިނިތުންވުމެއް ވެރިވި އެވެ.

"ރޯދި ހިފީމަ ޓެމްޕަރ މާ މައްޗަށް ދިޔައީތަ ޒީލް، ބޮލުގައި ގަނޑުފެން އަޅާލީމަ ނާވްތައް ކާމް ވެދާނެ، ވަރަށް ކަޑަކަމެއް ތިކޮށްލީ އެކަމަކު މަގޭ ޕޭރެންޓްސް އިން ޑިސިޕްލިން ކިޔަވާދީފައި ވާތީ ތިހާ ވިޔާނުދާކަމެއް ކުރާކަށް ނޫޅެން، އެހެންނޫންނަމަ އަހަންނަށްވެސް ޒީލް ކޮށްޕާ ލެވިދާނެ...." މިޝެލިން ދާން ހިނގައިގަތީ ޖިންސުގެ ޖީބަށް އަތް ޖަހައިލަމުންނެވެ. މިޝެލިން ގެ އެހެރަ މިޒާޖަކުން ޒިލާ ހައިރާންވެ، އިތުރަށް ރުޅިގަދަވިއެވެ.

"މޮޔަގަނޑު، އަބަދު ރެއިން އޭ ކިޔަމުން ކުޑަ ޕަޕީއެއްހެން ޒަހުރާންގެ ފަހަތުގައި އުޅޭތަން ފެނުނީމަ ދެން މަށަށް އުދަގޫ ނުވާނެތަ؟ އެއީ ތި މޮޔަގަނޑާއި ބަލާއިރު ބޮޑު ސިންގާ ފިރިހެނެއް، އެވަރުންވެސް ހަމަ ބޭނުންތަ؟ ޒަހުރާން ފެންނައިރަށް އިންނާނެ އަނގަ ހުޅުވާލައިގެން ބަލަހައްޓައިގެން، އަދި ހައިރާން ވަނީ މޮޔައެއްހެން އަބަދު ހިނިއައިސްފައި ހުންނާތީ، މީހަކު ބަލާލިޔަސް ދަތްތައް އިޝްތިހާރު ކޮށްލާނެ...." ޒިލާވެސް ފަހަތުން އައެވެ.

"ހެންޑްސަމް ކަމުން ނުބަލާ ނުހުރެވޭނެ އެއްނު، ޒިލާ ރީތި މީހަކާއި މެރީ ކުރީ ކީއްވެތަ؟ އަބަދު ގެއްލިދާނެތީ ބިރުންހުންނަހެން ހީވެއްޖެ، ބީސްޓެއް ހޯދަދެންތަ؟" މިޝެލިން ޒިލާ ރުޅިއަރުވާލާ ހިތްވިއެވެ. ހަގީގަތުގައި މިޝެލިންއަށް ޒަހުރާން ފެނުނު ދުވަހު އަޖައިބުވިއެވެ. މިލީނާ ބުނިހެން ހިތް ތަޅުވާ، ފިނިވެ، ލޯބީގެ ހުރިހާ އަލާމާތްތަކެއް ފެނުނެވެ. ފަހުން މިޝެލިންއަށް ވިސްނުނީ އެއީ އަދި ލޯބި ނޫންކަމެވެ. އެއަށް އޭނަ ދޭނެ ނަމަކީ "ކްރަޝް" އެވެ. ޒަހުރާން އަކީ މީހެއްގެ ފިރިއެއްކަން އެނގުނު ދުވަހުން ފެށިގެން އެހުރިހާ އިހުސާސްތައް ވަޅުޖަހައިފި އެވެ. އެކަނި ބޭބެއެއްގެ ގޮތުގައި ދެކެވެން ފެށުނެވެ. އެކަމަކު ޒިލާގެ ޝައްކާއި، ވަހުމް ބޮޑުކަމުން މިޝެލިން ވެސް ޒިލާ ރުޅިއަރުވާލާ ހިތްވިއެވެ. އެހެންނޫނަސް މިޝެލިން އަކީ މިހާރު ޅަކުއްޖެއް ނޫނެވެ. ހެޔޮވިސްނޭ ބޮޑުކުއްޖެކެވެ. އެގޮތަށް ދޮގު އިލްޒާމު އަޅުވައިގެން ނުވެސް ވާނެއެވެ. ޒިލާ ފިރިމީހާއަށް އިތުބާރު ނުކުރަނީ ހެއްޔެވެ؟

"ޔޫ ގޯ މެރީ އެ ބީސްޓް..." ޒިލާ ހަޅޭއްލަވައި ގަތެވެ. އޭނަ އިތުރު އެއްޗެކޭ ބުނަން އުޅެނިކޮށް ޒަހުރާން ޒެފަން އުރާލައިގެން ކޮޓަރިއަށް ވަންނަން އައިތަން ފެނުމުން ޒިލާ ބާރަކަށް ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. ޒިލާ އައުމުން މިޝެލިންއަށް ޒަހުރާން ކަމަށް ހީކުރެވުނީ އަސްލު ޒިލާ ފިރިހެން ސެންޓު ޖަހާލައި ގެން ހުރީމައެވެ.

މިޝެލިން ޒެފަންގެ އޮމާން ކޯތާފަތުގައި ބޮސްދެމުން، އެ މުށި އިސްތަށިގަނޑު ހާވާލައިފިއެވެ. މިޝެލިން އަކަށް ވެސް ޒަހުރާން އާއި އެހާ ސަމާސާ ކޮށްލާކަށް ނުކެރެއެވެ. އެދޭތެރޭގައި ކޮންމެވެސް ކަހަލަ ދުރުކަމެއް އޮވެއެވެ. ޒަހުރާން ހިނިތުންވެލާފައި މިޝެލިން އާއި ވާހަކަ ދެއްކި ނަމަވެސް މިޝެލިންއަށް މިހާރަކަށް އައިސް ޒަހުރާން އާއި ވާހަކަ ދެއްކުން އުދަގޫވާން ފެށިއެވެ. ހިތް އިންޒާރު ކުރަނީ ކޮންމެވެސް މީހަކަށް ބޭވަފާވެވޭކަމުގައެވެ. އޭނަ ކުރި ވައުދުތައްވެސް ހަދާނަށް އާދެއެވެ. ޒަހުރާންފަދަ ރީތި ޒުވާނަކާއި ވާހަކަދައްކަން ހަދައިގެން އޭނަގެ ހިތް އަތުން ވީއްލިގެން ހިނގައްޖެއްޔާ ހާދަ ދެރައެވެ. މިޝެލިންގެ ވިސްނުން ފުރިހަމަވިވަރަކަށް އޭނައަށް ތެދުވެރިކަމާއި، ވަފާތެރިކަމުގެ މުހިއްމުކަން ވިސްނުނެވެ. ފެންނަހާ ރީތި ފިރިހެނަކަށް ހިތްކިޔަން ނުޖެހޭނެކަމަށް ގަބޫލު ކުރެވުނެވެ. އެކަމަކު އިއްބާނު އެވައުދުތައް ހަދާން އެބަހުރިބާވައެވެ. 

މިޝެލިން މަތީބައިގައި އެކި ކޮޓަރީގެ ތަޅުގައި ހިފަމުންދިޔައެވެ. އެންމެ ފަހަތުގައި ހުރި ކޮޓަރި ހުރީ ތަޅުލާފައެވެ. މިޝެލިން ގާތުގައި ޒެފަން ބުނީ އެއީ "ބޫ" ގެ ކޮޓަރި ކަމަށެވެ. މިޝެލިން އެދިމާލުން ރެއިލިންގައި އަތް އަޅުވާލައިގެން ހުރެ އެ ކޮޓަރި އާއި ދިމާލަށް ބަލަން ހުރީ އެ ޒުވާނަކު ނޭގިގެން އެ ޚިޔާލުގައެވެ. އެގޭމީހުން ކައިރިން އަހައިފިއްޔާ ނުބައި ގޮތަކަށް ހީކޮށްފާނެއެވެ. އެކަމަކު އެންމެން އެކިޔާ ބޫ އަކު ދެނެގަތުމުގައި އޮތީ ކޮން ގޯހެއް ހެއްޔެވެ؟ އެދުވަހު މިހުރާން ކޮންމެވެސް މީހަކަށް ގުޅާލައިގެން ހުރެ "ބޫ ބެއަރ" ކިޔާލާފައި ދިމާކޮށްލުމުން މިޝެލިންގެ ކަންފަތް ސަމާލުވެލިއެވެ. ހިނިއަންނަންވެސް އުޅުނެވެ. "ބޫ ބެއަރ" އޭ މިހުރާން އެ ކިޔާލީ ލޯބިންހެއްޔެވެ؟ ނޫނީ ރުޅިއަރުވާލަން ހެއްޔެވެ؟

ރޭގަނޑު ދިހައެއްޖަހަން އުޅެނިކޮށް މާޒިން ގެއަށް އަތުވެއްޖެއެވެ. ސޯފިޔާ ރޮއިރޮއި ހުރެ މިލީނާ އާއި މެދު ހިގި ހާދިސާ ކިޔާދީފައި ރޯންފެށިއެވެ.

"މާޒިން ސިއްރުސިއްރުން އެގެއަށް ދާކަން ދެނެހުރިން، މިލީގެ ކައިވެނި ހަމަޖައްސަން ތިއުޅެނީ މިހުރާން އާއިނު، މިލީވެސް ގަބޫލެއް ނޫން އެކުއްޖާ އާއި އިންނާކަށް، ކުޑައިރުވެސް ހާދަ ނުލަފާކޮށޭ އެ މިހުރާން އުޅުނީ، މިލީއަށް ގޯނާކޮށްލައިގެން އެ އެންގީ އަދިވެސް އޭނަ ބަދަލުނުވާކަން....." ސޯފިޔާ ރޮއިރޮއި ދެލޯ ހުރީ ރަތްވެފައެވެ.

"ސޯފީ ހައްތަހާ މައްސަލަ ބޮޑުކުރަނީ، މިފަހަރު މަންމަ ބުނި ސޯފީ ވެސް ގޮވައިގެން އެގެއަށް އީދު ދުވަހު އަންނާށޭ، މަންމަ ބޭނުން އަލުން އެންމެން ގުޅިގެން އުޅެން، އެހެންވެ އީދަށް އިންވައިޓް ކުރީ، އަހަރެން ސޯފީ ގާތު ނުބުނީ ކޮންމެހެން ސިއްރުން ކަންތައް ކުރާކަށް ނޫން، ސޯފީ ޑިޕްރެސް ވާނެވަރު އަހަންނަށް އެނގޭތީ، އެކަން އެނގުނީމަ ރޮއިރޮއި މީހާ ހަލާކުވެފަ އެއްނު ތިހިރީ، ކުރިން ޖެހުނު މައްސަލަތައް ހަދާން ނެތުނީއެއްނޫން، އެކަމަކު މާފުދިނުމަކީ އޮންނަކަމެއް، ދޭ އާ މައި ފެމިލީ ސޯފީ، އަދި ބައްޕަ އާއި މަންމަ އެދިލެއްވީ މިހުރާން އާއި މިލީ ގުޅުވަން، އަހަރެން ބޭނުމެއްނޫން މަންމަމެން މުސްކުޅިވީދުވަހު އެދުނު ކަމަކާއި ދެކޮޅުހަދާކަށް، އެހެންވެ އާއެކޭ ބުނީ..." މާޒިން ގަމީހުގެ ގޮށްތައް ނައްޓަންފެށިއެވެ.

"މިލީގެ ލައިފް ބަރުބާދުކުރަން މާޒިން ތިއުޅެނީ؟ އަހަންނަށް ގަބޫލެއްވެސް ނުކުރެވޭ، އެހާ ދީންވެރި ބަސްއަހާ ކުއްޖަކު މިހުރާން ކަހަލަ ޕާޓޭ އަކާއި އެކަށީގެންވޭތަ؟ އަހަރެން އެއްގޮތަކަށްވެސް ތިކަން ވިޔަކަނުދޭނަން، މިލީވެސް ހުރީ އެހާ ބިރުގެންފައި، އެހާ ނުބައި މީހަކާއި އަމިއްލަ ރަން ދަރިފުޅު ހަވާލުކުރާއިރު މާޒިން ތިއީ ބައްޕައެއްތަ؟ ހިތެއްނެތްތަ؟ އަހަރެން އެގޭގައި އުޅުނު ހާލުވެސް މާޒިން ހަދާން ނައްތާލައިފި.." ސޯފިޔާ ގެ ލޮލުން އޮހިގަތް ކަރުނަތައް ކޯތާފަތްމަތިން ދަތުރުކުރަން ފެށިއެވެ. 

"ސޯފީއަށް ހާދަ ނުވިސްނެއޭ، އަހަރެންވެސް އެއުމުރުގައި އުޅުނީ މާ ރަނގަޅަކަށް ނޫން، މިހުރާންވެސް އެހާ ރަނގަޅެކޭ މަށެއް ނުބުނަން، ބޭރު ގައުމެއްގައި އުޅުނީމަ މިޒާޖުގައި ހުންނާނެ އުނިކަންތައް، އެކަމަކު މަންމަމެން މިހުރާން އަށްޓަކައި ބޭނުން ވަނީ ވެސް މިލީ ކަހަލަ ރަނގަޅު ކުއްޖެއް، އޭރުން މިހުރާންގެ އުޅުން ބަދަލުވެދާނެ، މިހުރާން ހަމަ މަގަށް އެޅުވުމުގައި ބޭނުންވާނީ ރަނގަޅު އަންހެންކުއްޖެއްގެ ނުފޫޒު..." މާޒިން ހުރީ ހަމަޖެހިލައިގެންނެވެ.

"ތިއަށް ވުރެ ރަނގަޅު ވާނެ މާޒިންގެ ދެއަތުން އެކުއްޖާގެ ކަރުގައި ހިފާ މަރާލިޔަސް، އެއްގޮތަކަށްވެސް ތި ކައިވެންޏެއް ނުކުރެވޭނެ..." ސޯފިޔާ ބާރަކަށް ބުނެލިއެވެ.

"އިނަފް، ތި ވާހަކަ ދެން ހުއްޓާލާ، އަހަރެން ބުނާ ގޮތަށް ސޯފީ ހަދަން ޖެހޭނެ.." މާޒިން ބުމަގޮށްޖަހާލައިގެން ހުރެ އެނދުގައި އޮށޯތްގޮތަށް އަނެއް ފަރާތަށް އެނބުރުނެވެ. ސޯފިޔާ ރޮއިރޮއި އޮވެ ހަދާނެ ގޮތަކާއި މެދު ވިސްނިއެވެ. އީދަށް އެގެއަށް ނުދިޔައްޔާ މާޒިން ގާތުގައި އޭނައަށް ވުރެ ނުބައި ނުލަފާމީހަކު ނުހުންނާނެއެވެ. އެމީހުން އެވަނީ ސުލްހައިގެ ފަތްކޯނި ދިއްކޮށްލާފައެވެ. ސުލްހަވާން ދެކޮޅުހެދި މީހަކީ ސޯފިޔާ ކަމުގައި ވާނެއެވެ.

މާޒިން އާއި ސޯފިޔާގެ ހަގުރާމައިގެ ދެމެދުގައި ތާށިވެ، އެންމެ ހިތްދަތިކަން ލިބުނު އެކަކީ މިލީނާ އެވެ. މަންމަ މިހުރާން އާއި ކައިވެނި ކޮށްގެން ނުވާނެ ކަމަށް ބުނި އިރު ބައްޕަ މިލީނާ ގާތުގައި ނިކަން ރީއްޗަށް އެދުނީ ބައްޕައަށްޓަކައި އެކަމަށް އެއްބަސް ވުމަށެވެ. މިލީނާއަށް މިހުރާން އާއި އެކީގައި ނޫޅެވިއްޖެއްޔާ މިހުރާން ގާތުން ވަރިވެގެން އަންނާނީ ކަމަށާއި، ބަސްއަހާ ކުއްޖަކަށް ދެރަގޮތެއް ނުވާނެކަމުގައި މާޒިން ބުނެ ނަސޭހަތް ތެރިވި އެވެ. މާމަ އާއި، ކާފާ އަދި ބޮޑުބޭބެގެ ދެމަފިރިން މިލީނާ ދެކެ އިންތިހާއަށް ލޯބިވާނެ ކަމަށާއި، އެގޭގައި ހިތްފަސޭހަކޮށް އުޅެވިދާނެކަމަށް މާޒިން ބުނެދިނެވެ. މިލީނާ އަކަށް މާޒިންގެ ވާހަކަތަކާއި ދެކޮޅު ހަދާނެ ހިތްވަރެއް ނުލިބުނެވެ.

ސޯފިޔާ ކޮޓަރިއަށް ވަންއިރު މިލީނާ އޮތީ އެނދުގައި ބަންޑުން އޮށޯވެލައިގެންނެވެ. ސޯފިޔާ އަށް މިލީނާ އޮތީ ރޯންކަން އެނގުނެވެ.

"މިލީ، މިފަހަރު ބައްޕަ މަޖުބޫރު ކުރެއްވިޔަސް މިލީ އާއެކޭ ބުނެގެން ނުވާނެ، މިލީ ގެ ކަރުނަތަކުން ބައްޕައަށް ނުކެރޭނެ އެކަން ކުރުވާކަށް......" ސޯފިޔާ މިލީނާގެ ފަށުވި އިސްތަށިގަނޑުގައި އިނގިލިން ފިރުމަން ފެށިއެވެ.

"ނޫން މަންމާ، ދެން މިހާ ހަގުރާމަ ބޮޑުވީމަ އެންމެ ރަނގަޅު ވާނީ މެރީ ކުރަން އެއްބަސްވީމަ، އަހަރެން ގަބޫލުނޫންކަން އެގުނީމަ މަންމަވެސް އެކަމާއި ދެކޮޅުހެދީ، ހުރިހާކަމެއްގެ އަސްލަކީ އަހަރެން...." މިލީނާގެ ކަރުނަތައް ބާލީހަށް ވަދެ ބާލީސް ފޯކުރަމުން ދާތަން ސޯފިޔާއަށް ފެނުމުން ފެންކަޅިވިއެވެ. ހުރިހާވެސް ނުބަޔަކީ މާޒިން އެވެ. މާޒިން އެއާއިލާގެ ކައިރިއަށް ދާން ފަށާއިރަށް ސުންޕާކަން އެމީހުން ވަށާލައިފި އެވެ. މާޒިންއަށް އެވަރު ނުވިސްނެނީ ކީއްވެ ހެއްޔެވެ؟

"ނޫން ދަރިފުޅާ، މިލީ މިހުރާން އާއި ގަބޫލު ނުވިކަން އެއީ ނަސީބެއް، ގަބޫލުވިނަމަވެސް މަންމަ ތިކަމާއި ދެކޮޅުވާނަން، މަންމައަށް އެ އާއިލާގެ މީހުން ނިކަން ރަނގަޅަށް ދަސްވެފައި ވަނީ، ބައްޕަ ގާތުގައި މަންމަ އާދޭސްކޮށްފައި ބުނާނަން އެކަން ހުއްޓުވަން، މިހުރާން ވެސް ގަބޫލުވެގެން ކުރާނެ ކަމެއް ނޫން އެއީ، ޒަހާރާގެ ރޭވުން، އޭނަގެ ނުފޫޒު ބޮޑުކަމުން ހީވާކަހަލަ އޭނަ ރިމޯޓްގެ ބަޓްންއަށް ފިތާލާއިރަށް އެންމެން ކިޔަމަންވެ ކޮންޓްރޯލްވާން ޖެހޭނެކަމަށް، އެކަމަކު ދެން އެހެނެއް ނުވާނެ، އަހަރެމެން މިއީ އެ އާއިލާ އާއި ވަކިން އުޅުނު ބަޔެއް، ޒަހާރާ ކޮންމެހެން މިއަދު އަހަރެން އެހާވަރުން ބަލާބޮޑުކުރީމަ މަގޭ ދަރިން ޖަހައިގަންނަން އުޅޭނެކަމެއްނެތް، އެމީހުންނަކީ މަހުޖަނުން، ދުނިޔެއިން ކިތަންމެ ރަނގަޅު ބަސްއަހާކުދިން ހޯދިދާނެ...." 

ސޯފިޔާ ވާހަކަދައްކާއަޑު ހުޅުވިފައިވާ ދޮރުން ބޭރަށް ރީއްޗަށް އިވެއެވެ. މާޒިން ގޮޑިއެއްގައި ނޫސްކިޔަން އިންއިރު ސޯފިޔާގެ ކޮންމެ ލަފުޒެއް ތުޑުތޫނު ކަށިތަކެއްހެން އެ ހިތަށް ހެރުނެވެ. ސޯފިޔާ އެހެރީ ގޮތްދޫނުކުރާށެވެ. އޭނަގެ މައިންބަފައިން ދޫކޮށްލާފައި އޭނަ ސޯފިޔާ އާއިއެކު އައިސް އެތައް އަހަރެއްވާންދެން އުޅުމަށްފަހު އަލުން މައިންބަފައިން ގެ މާފު ލިބުމުން ވެސް ސޯފިޔާ ގޮތްދޫކޮށްލާފައި އެމީހުންނަށް ފުރުސަތެއް ދޭން ބޭނުމެއްނުވިއެވެ.

ސޯފިޔާއަށް ހަގީގަތް އެގޭނެ ނަމައެވެ. އޭނައަކީ އެ ޝާހީ އާއިލާ އާއި ގުޅުމެއް ހުރި މީހެއްނޫނެވެ. އެމީހުންގެ ރަނގަޅު ކަމުން ނަމެއް ދިނީއެވެ. އެވަރު ބަޔަކަށްޓަކައި އޭނަ ގުރުބާނީ ވާން ނުޖެހޭހެއްޔެވެ؟ އަދި އޭނަވެސް ދަރިންނަށް ޓަކައި އެފަދަ ރަނގަޅު ހުށަހެޅުމެއް ލިބުނީމަ ދޫކޮށްލަން ޖެހޭހެއްޔެވެ؟ އެހެންނޫނަސް އޭނަގެ ހިތުގައި މަންމަމެންނަށް ހާދަ ޚާއްސަ ލޯތްބެއްވެއެވެ. އެކީގައި އުޅުނީމަ އެފަދަ ކުލުނު އުފެދުނީކަން ނޭގެއެވެ. މާޒިން އަމިއްލަ ކުދިންގެ މުސްތަގުބަލާއި މެދުވެސް ވިސްނިއެވެ. ގޯލްޑެން ފްލޭމްގެ އާއިލާ މީހުންނަކީ ދުނިޔޭގެ ފެންވަރުގެ މަހުޖަނުންނެވެ. ލަންޑަނާއި، އެމެރިކާފަދަ ތަންތަނުގައި ބިމާއި، އެތައް ކުންފުނިތަކެއް ހުރެއެވެ. އެކަނި ދުނިޔެއަށް ވިސްނާފައި ކޮންމެ ކޮންމެ މީހަކާއި ތިމާމެންގެ އަންހެންދަރިފުޅު ހަވާލުކުރާކަށް ނުވާނެއެވެ. އެކަމަކު އެ ޚާންދާނުގެ ޒުވާނުން އޭނަ އަށް ދަސްވެފައިވެއެވެ. ހުޅަގުގެ ބައެއްކަންތައް އުޅުމުގައި ހަރުލާފައި ހުއްޓަސް ޑްރަގްފަދަ ނުބައިކަމެއް ނުހިންގައެވެ. ވީއިރު ދެން އެންމެ ނުބައި ލިސްޓަށް އެ ޒުވާނުން އަރަންވީ ސަބަބެއްނެތެވެ. އޭނަގެ ބޭބެ ހައިތަމްއަކީ މިހާރު ދީނަށް ލޯބިކުރާ މީހެކެވެ. ދަރިންނަށްޓަކައި ދުއާ ކުރާނެ އެވެ. މައިންބަފައިން ދަރިންނަށްޓަކައި ކުރާ ދުޢާ އިޖާބަ ކުރައްވާނެ ވާހަކަ އޭނަ އަޑުއަހައެވެ. ވިއިރު މީރާން ވެސް އަދި ވަކި ހިސާބަކުން ރަނގަޅު ޒުވާނަކަށް ނުވާނެކަން އެގެނީ ކާކަށްހެއްޔެވެ؟ ޒަހުރާންވެސް ހާދަ އަޚުލާގު ރަނގަޅެވެ. ސޯފިޔާގެ އެ ކޫސަނި ޚިޔާލުތައް ބަދަލުކުރަން ހަދާނެ ގޮތަކާއިމެދު މާޒިން ވިސްނާލިއެވެ.

މާޒިން މިލީނާ އާއި މިޝެލިން ގޮވައިގެން ގޯލްޑެން ފްލޭމަށް ރޯދަވީއްލަން އައެވެ. މިލީނާ އެންމެ ފަހަރަކަށްވެސް މިހުރާން އާއި އެކަނި ނުވާން ނިންމައިގެން އުޅުނީ މާމަގެ ފަހަތުގައި ޖައްސާލާފައެވެ. މިޝެލިން އުޅުނީ ހަމަޖެހިލައިގެންނެވެ. ދޭތެރެއަކުން ޒިލާ އާއި ދެމީހުން ކޫސަނި ޒުވާބެއް ކޮށްލިއެވެ. އެކަމަކު ޒިލާވެސް އުޅުނީ މާބޮޑު އަރައިރުމަކަށް ނުދާންވެގެންނެވެ. އެހެންމީހުންގެ ކުރިމަތީގައި އޭނަގެ އަގުވެއްޓިގެންދާކަށް ބޭނުމެއްނޫނެވެ. އަދި މެހުމާނުންނަށް އޭނަވެސް ކަމޭހިތަނީ ކަމަށް ބުނެ ޒިލާ މިޝެލިން ފޫހިކުރުވިއެވެ. އެގޭ ކާކޮޓަރި ނިކަން ހިތްގައިމެވެ. އެ ދިގު މޭޒާއި ދިމާލުން ތިން ޗާންދަލިޔާ އެލުވާފައިވާއިރު މޭޒުމަތީގައިވާ އުށްބައްތި ސްޓޭންޑްޓަކުގައި އުށްބައްތިތައް ދިއްލާލާފައިވެއެވެ. އެހުޅުކޮޅުތައް ނަށަމުންދާލެއް ނިކަން ހިތްގައިމެވެ. މޭޒުދޮށަށް އެންމެން ޖަމާވާންފެށިއިރު މިޝެލިން އާއި މިލީނާ ތިބީ މޭޒުކާރީގައެވެ. މިލީނާ އިނީ މިޝެލިން އާއި މާޒިންގެ ދެމެދުގައި ހުރި ގޮނޑީގައެވެ. މިޝެލިންގެ ގާތުގައި ހުރި ގޮޑީގައި އިށީނީ ޒަހާރާ އެވެ. 

"އެންމެ ފަހު ދުވަސްކޮޅު ވީމަ ރޯދަ ހިފީތަ؟ ނޫނީ ރަސްމިއްޔާތުގައި ބައިވެރިވާންތަ؟ މޫކީ ޕޫކީ......." ޒަހުރާން މިހުރާންގެ އިސްތަށިގަނޑުގައި ހިފައި ހަލުވާލުމަށްފަހު ސަމާސާ ގޮތަށް އެބުނެލި އެއްޗަކުން މިލީނާ ދެލޯބޮޑުވިއެވެ. މިހުރާން ރަނގަޅަށް ވެސް އެހެން ދުވަހު ރޯދަ ނުހިފަނީބާވައެވެ. މިހުރާން ގޮނޑީގައި އިށީދެފައި ކަތި ނަޒަރަކުން މިލީނާ އާއި ދިމާލަށް ބަލައިލި ގޮތަކުން އެހެން ކުއްޖެއްނަމަ އެ ނަޒަރަށް ފިދާވާނެއެވެ. އެހާ ހިތްގައިމު ބަލައިލުމެކެވެ. އެދެލޮލުގެ ވިދުންގަދަކަމުން ހީވަނީ ކޮޓަރިވެސް އަލިވެފައިވާހެންނެވެ. އެ ފޮނި ހިނިތުންވުމުން ތިމާއަށް ތިމާ ފެނިފައިވާހެން ހީވެއެވެ. މިލީނާ އޭނަގެ ފައިދަށަށް ނުވެއްޓިގެން ހިތާމަކުރާނެކަން ނޭގެއެވެ. މިލީނާ ހިނިއައެވެ.

އެންމެން އެކި ވާހަކައިގައި ތިބިއިރު އެތަނުން ފެނުނީ މުޅިންވެސް އެކުވެރިކަމާއި، އުފާވެރިކަމެވެ. އެއްވެސް ޚިޔާލެއް ފިކުރެއްނެތް ފަދައެވެ. އެކަމަކު ހަގީގަތަކީ ކޮންމެ މީހެއްގެ ހިތުގައިވެސް ހިތާމަތަކެއް ފޮރުވިފައިވާކަމެވެ. އެކަމަކު އެކަން ފޮރުވާލާފައި އެހެންމީހުންނަށްޓަކައި އެ ހިނިތުންވަނީއެވެ. ދިރިއުޅުމަކީ އެކަހަލަ އެއްޗެކެވެ. 

ކެއުމަށްފަހު ބޮޑެތި މީހުން ބޮޑު ކޮޓަރީގައި ވާހަކަދަ އްކަން ތިބިއިރު ދެކެވެމުން ދިޔައީ މިލީނާ އާއި މިހުރާންގެ ވާހަކައެވެ. އެންމެ ފަހުން މާޒިންއަށް ނުހުރެވިގެން އެކަމާއި މެދު އަދި ސޯފިޔާ މުޅިން ހިތްހަމަނުޖެހޭކަމަށާއި އެހެން ދިމާވި ސަބަބަކީ އެހެން ޒުވާނަކު މިލީނާގެ ކައިވެންޏަށް އެދި އާއެކޭ ބުނެވިފައިވާތީ ކަމަށް މާޒިން ބުންޏެވެ. އަދި އެއީ ސޯފިޔާގެ ކޮއްކޮގެ ދޮންދަރިއެއް ކަމަށްވާތީ ސޯފިޔާއަށް ނޫނެކޭ ބުނުން ފަސޭހަ ނުވީކަމަށް މާޒިން ބުނީ މަސްލަހަތަށް ވިސްނާލާފައެވެ. އެވަރުންވެސް ޒަހާރާގެ މޫނު ބަނަވިއެވެ. 

"އަހަރެން ހައިރާންވެއްޖެ، ދަރިފުޅުގެ އެއްވެސް ބާރެއް މިކަމުގައި ނެތީތަ؟ މާޒިން ވަލީދޭން ތިހިރީ، ދެން މިއީ ކޮންކަމެއްތަ؟ " ޒަހާރާ ރުޅިގަދަވެ، މޮޔަވާވަރުވިއިރުވެސް އޭނަ އިނީ ހިނިތުންވެލައިގެންނެވެ.

ސޯފިޔާ އެ ކައިވެންޏާއި ދެކޮޅު ހަދައި ރޮއި، އުޅުނުވަރުން މާޒިން ހުރީ ހަދާންވީގޮތް ހުސްވެފައެވެ. އޭނަ ބޭބެ އަށް ގުޅައިގެން އެކަމާއި ބެހޭ ގޮތުން މަޝްވަރާކުރިއެވެ. މިލީނާވެސް ބޮޑަށް ރުހެނީ ޒައިން އާއި ކަމަށާއި، އެކަމަކު ބޭބެމެން ބޭނުމިއްޔާ މިޝެލިން ޅީދަރިއަކަށް ހެދިދާނެ ކަމަށް އޭނަ ހައިތަމްއަށްވެސް އެންގިއެވެ. އަދި ސޯފިޔާއަށް ވިސްނައިދޭން މަސައްކަތް ކުރާނެ ވާހަކަ ބުނެލީ ނިކަން ދެރަވެފައި ހުރެއެވެ. ހައިތަމްގެ ފަރާތުން އެ ޚަބަރު އަޑުއިވުމުން އެންމެ ބޮޑަށް ހިތްހަމަނުޖެހުނީ އެލީސާ އެވެ. އެލީސާ މިހުރާންގެ ގާތުގައި އެ ޚަބަރު ކިޔައިދިން އިރު އެލީސާގެ ލޮލުގައި ކަރުނަ ވިދަވިދާހުއްޓެވެ.

"މަންމަމެން އެރެންޖްއޭ ބުނީމަ އަންހެންކުދިން ބިރުގަންނާނެ، އެހެން ނުކިޔާ މިލީނާ މިގެއަށް ގެނައިމަ އެވީ، ޓްރަސްޓް މީ މަންމާ، މިލީ ދުވަސްކޮޅެއް ނުވެ ދެކޮޅުހެދުން ހުއްޓާލަފާނެ......" މިހުރާން ލާނެތް ހިނިތުންވުމަކާއި އެކު ބުންޏެވެ. ހަގީގަތުގައި މިލީނާއަކީ އޭނަގެ ހަޔާތަށް މިވީހާތަނަށް އައިސްފައިވާ ޒާތުގެ އަންހެންކުއްޖެއް ނޫނެވެ. މުޅިން ތަފާތެވެ. އެކަމަކު މިލީނާ އާއި ސޯފިޔާ އާންޓީ އެހާވަރަށް އޭނަދެކެ ނަފްރަތު ކުރަންޏާ އޭނަ އެކަމާއި ފިޔަވަޅު އަޅަން ޖެހޭނެތާއެވެ. އެހާ ފަސޭހައިން މިލީނާއަށް އޭނަގެ މަންމަގެ ހުވަފެންތައް ފެނަށް ހަދައެއް ނުލެވޭނެއެވެ. މިހުރާން ހުއްޓާލާނީ މިލީނާއަށް ރަނގަޅު ފިލާވަޅެއް ދަސްކޮށްދީފައެވެ. މިލީނާ އަދި އޭނަދެކެ ލޯބިވާކަން އެ ދުލުން މުޅި ދުނިޔެއަށް އިއުލާން ކުރާނެއެވެ. ދާދި އަވަހަށެވެ. ކައިވެނިވެސް ކުރާނީ އޭނަ އާއެވެ. އޭނަގެ ސިކުނޑި އެހިނދުކޮޅު ވަރުގަދަ ޕްލޭނެއް ރާވާލައިފިއެވެ.

ޖެހިގެން އައި ދުވަހު ޒަހާރާ އެދުނީ އެގެއަށް ދެތިން ދުވަހަށް މިލީނާ އާއި މިޝެލިން ފޮނުވައިދިނުމަށެވެ. ކުދިން ނުދެކޭތާ ޒަމާންތަކެއް ވުމަށްފަހު ޒަހާރާ އާއި ސުލްތާނުއަށް މިވަނީ ކުދިންނާއި ވަކިން އުޅެން ދަތިވެފައެވެ. މާޒިން ބޭނުންވީ ސޯފިޔާވެސް އެގެއަށް ދިޔުމަށެވެ. އަމިއްލަ ގެއެއް ހުއްޓާ ތަނެއްގައި ކުއްޔަށް ތިބެން ޖެހޭނެކަމަކަށް މާޒިން ނުދެކެއެވެ. ޒަމާންވަނީ ބަދަލުވެފައެވެ. މަންމަމެންވެސް ދެން ސޯފިޔާއަށް ގަދަރުކުރާނެއެވެ. އެއީ މާޒިންގެ ދެކުދިންގެ މަންމައެވެ. އެކަމަކު ސޯފިޔާ އެކަން ގަބޫލެއް ނުކުރެއެވެ. އޭނަގެ ބޮލުގައި ހާދަ ދޮގު އިލްޒާމަކާއި، ވައްކަމެއް އެޅުވި ބަޔެކެވެ.

އެވާހަކަ ދައްކަމުންގޮސް މާޒިން އާއި ސޯފިޔާ އާއި ދެމީހުންގެ ޒުވާބު ގަނޑެއް ހިގިއެވެ. ސޯފިޔާ ބުނިގޮތުން ކުދިން ދެކޭހިތްވަންޏާ މާމަ އެގެއަށް އަންނަންވީއެވެ. އެއާއިލާގެ އެންމެންނަށްވެސް އެގެއަށް އައިސް ކުދިންނާއި އެކު ވަގުތު ހޭދަކުރެވިދާނެއެވެ. އެކަމަށް އޭނަގެ ހުއްދަ އެބައޮތެވެ. އެކަމަކު ގޯލްޑެން ފްލޭމްގައި ޒުވާން ފިރިހެންކުދިން އުޅޭއިރު ކުދިން ސަލާމަތުން ތިބޭނެކަމުގެ ޔަގީންކަމެއް ސޯފިޔާއަށް ނެތްކަމަށް އޭނަ ބުނެލިއެވެ. ޒައިން އާއި ރާހިލް ފަދައިން ކޮންމެ މީހަކަށްވެސް މިގެއަށް އައިސް ބޮޑުކޮޓަރީގައި ތިބެލާފައި ދެވިދާނެއެވެ. މާޒިން ދެކުނީ ސޯފިޔާ މާކަންތައް ބޮޑުކުރަނީ ކަމުގައެވެ. ބޮޑު އަރައިރުންގަނޑަކަށްފަހު ދެމަފިރިން ހަމަޔަކަށް އެޅުނީ ކަމަކަށް އެއްބަސް ވުމަށްފަހުގައެވެ. މިލީނާ އާއި މިޝެލިން ގެ ކައިވެނި އަދި އެހާ އަވަސް ނުކުރަން ދެމީހުން ނިންމިއެވެ. ދެމަފިރިން ބޭނުންވާ ގޮތަކަށް އިސްކަން ނުދީ ކުދިންނަށް ފުރުސަތު ދީގެން އަދި މިލީނާމެން ޑިގްރީ ހަދަންދެން މަޑުކުރާނީ އެވެ. މިލީނާމެންގެ ކައިވެންޏަށް އެދި ތިބި ބަޔެއްވެއްޖެއްޔާ އިންތިޒާރު ކުރާނެއެވެ.

މާޒިން ކޮޓަރިއަށް ވަންއިރު މިލީނާ އާއި މިޝެލިން ތިބީ ގަދަނިދީގައެވެ. މިލީނާގެ ދެލޯވަނީ ދުޅަވެފައެވެ. އެސްފިޔަތަކުގައި ކަރުނަ ހިކިފައިހުއްޓެވެ. ފަނޑުރަތް އަލިކަމުގެތެރޭގައި ދެކުދިންގެ މޫނުފެނުނުލެއް މައުސޫމްކަމުން މާޒިންގެ ހިތް ފުރި ދެލޯ ކަރުނުން ފުރުނެވެ. އެކުދިންގެ ކައިވެނި އަވަސްކުރަން ބާރުއެޅުނުކަމުގެ މޮޔަ ވަގުތުން ހީވިއެވެ. އޭނައަށް ފަހުން ހިތާމަކުރާވަރުގެ ގޯހެއް ނެހެދުނީ ކިރިޔާއެވެ. އެކުދިންނަށްވެސް ލޯބީގައި އަމިއްލަ ގޮތެއް ޚިޔާރުކުރުމުގެ ފުރުސަތު ދެވެންވާނެއެވެ. އެކުއްޖަކު ބޭނުން ބައިވެރިޔަކު ހޯދުމަކީ އެކުއްޖެއްގެ އަމިއްލަކަމެކެވެ. އެހެންނޫނަސް މިލީނާ އާއި މިޝެލިންއަކީ އަދި ކުޑަ ކުޑަ ދެކުދިންނެވެ. މީހުންނާއި އިނދެގެން އެފަދަ ޒިންމާއެއް ނަގާހާ ބޮޑެއް ނުވެއެވެ. ކައިވެންޏަކީ ކުޅޭ ކުޅިވަރެއްނޫނެވެ. ސީރިޔަސް މަރުހަލާއެކެވެ. 

"ސޮރީ ސްވީޓްހާޓްސް..." މާޒިން ދެކުދިންގެ އިސްތަށިގަނޑުގައި ފިރުމާލުމަށްފަހު ރީތިކޮށް ގައިމަތީގައި ރަޖާ އަޅާލަދެމުން ހިތާހިތުން މާފަށް އެދުނެވެ. ކުދިންގެ ހައްގުގައި މަންމައާއި ބައްޕައަށް ނޫނެކޭ ބުނުމުގެ ވަގުތު ޖެހުނީއެވެ. މާޒިންގެ އުފަލަކީ، ދިރިއުޅުމަކީ އޭނަގެ ލޯބިވާ ދެދަރިންނެވެ. އެކުދިންނަށްޓަކައި އޭނަގެ ފުރާނަ ގުރުބާން ކޮށްލަފާނެއެވެ.

މާޒިން ވަގުތުން ބޭރަށް ނިކުމެ އޭނަގެ މަންމައާއި ބައްޕަ އަދި ބޭބެއަށް ގުޅައިގެން ވާހަކަދެއްކިއެވެ. މާޒިން އެންމެން ގާތުން މާފަށް އެދިފައި އެދުނީ ދެތިން އަހަރުވަންދެން ކައިވެނި ފަސްކޮށްދިނުމަށެވެ. ޒަހާރާ ކިތަންމެ ވަރަކަށް ހިތް ހަމަނުޖެހުނުކަމުގައި ވިޔަސް ހިމޭންކަން ޚިޔާރުކުރިއެވެ. މާޒިން އެ ކޯލު ނިންމުމަށްފަހު ހިތްހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ.
ކައިވެނި ފަސްކުރަން މާޒިން އެއްބަސްވެފައިވާތީ ސޯފިޔާއަކަށް މާޒިން އެގެއަށް ކުދިން ގެންދަން އުޅުމުން ދެކޮޅުހަދާކަށް ނުކެރުނެވެ. މާޒިންވެސް ކުދިން އެކަނި ދޫކޮށްނުލާނެތާއެވެ. ކުދިން ބެލެހެއްޓުމަކީ މާޒިންގެ ހައްގަކަށް ވާއިރު މާޒިން އެ ޒިންމާ އަދާކުރާނެ ކަމުގައި ސޯފިޔާ ޔަގީން ކުރިއެވެ. 

މިލީނާމެން އުޅެން ލިބުނީ ތިރީބައިގެ ކޮޓަރި އެކެވެ. ފިޔާތޮށިކުލައިގެ ފަރުނިޗަރުތަކާއި، ބެޑްސީޓު އަދި ދޮރުފޮތިތަކުން ޒީނަތްތެރިވެފައިވާ އެކޮޓަރި ހީވަނީވެސް އަންހެންކުދިންނަށް ޚާއްސަ ތަނެއްހެންނެވެ. ފާޚާނާގައި ބޮޑު މާބްލް ބިލިގާއެއް ހުރުމުން މިލީނާ ނިކަން ފެންވަރައިލާހިތްވިއެވެ. އެކަމަކު ފެންވަރަން ބޭނުންކުރާނެ އެއްޗެއް އެކޮޓަރީގައި ނެތުމުން އޭނަގޮސް އެލީސާގާތުގައި އެވާހަކަ ދެއްކިއިރު މިހުރާން އަޑުއަހަން ހުއްޓެވެ. އެލީސާ މިލީނާ ގޮވައިގެން މަތީބަޔަށް ދިޔަތަން ބަލަން ހުރެފައި މިހުރާން މިލީނާމެންގެ ކޮޓަރިއަށް ވަދެ ދޮރުތަންޑު އަޅައިގެން ކުރީ ކޮންމަސައްކަތެއްކަމެއް މިލީނާ އަކަށް ނުވިސްނުނެވެ. މިލީނާ އަށް މިހުރާން ޖެއްސުން ކުރަން ވެގެން ކޮށްލި ކަމެއްކަމާއި މެދު ޝައްކުވިއެވެ. އެހެން އުޅެލާފައި މިހުރާން އެކޮޓަރީގެ ދޮރު ހުޅުވާލައިފައި ބޭރަށް ނިކުތްތަން ބަލަހައްޓައިގެން މިލީނާ ހުރީ ސިޑި ކާރީގައެވެ.

"ތިއީ ކޯންޗެއްތަ؟" މިހުރާން ލާނެތް ގޮތަކަށް ހިނިތުންވެލަމުން އެއްބުމަ އަރުވާލައިފިއެވެ.
"ޝަވަރޖެލް..." މިލީނާ ގަދަކަމުން ހީލާފައި ކޮޓަރިއަށް ވަންނަން ނުކެރިފައި ހުރީ މިހުރާން ހަދާނެގޮތެއް ނޭގޭތީއެވެ. މިހުރާން ދުރަށް ދިޔައިމަ ނޫނީ އޭނަ ކޮޓަރިއާއި ހިސާބަކަށް ނުދާނެއެވެ. ކޮޓަރިއާއި އަރާ ހަމަވާތަނުން ކުއްލިއަކަށް މިހުރާން ވަދެ ތަންޑު އަޅައިފިއްޔާ ކުރާނެކަމެއް ނޯންނާނެއެވެ. މިލީނާ ވަނީ މިހާރު އަންހެންކުދިންގެ ރައްކާތެރިކަމާއި ބެހޭ ހުރިހާ އުކުޅެއް ގާތްގަނޑަކަށް ދަސްކޮށްލާފައެވެ. 

"ތިދަނީ ފެންވަރަންތަ؟ މަ ގޮވައިގެން ދާންވީނު، ދެމީހުން ބަބްލްބާތެއް ނަގާލީމަ ރީތި މެމަރީއަކަށްވާނެ، އެކަނި ފެންވަރާލީމަ ކަޑަ އިނގޭ، ފަހަރެއްގައި ރިގްރެޓްކުރަން ޖެހިދާނެ......" މިހުރާން ކަންނެތް ގޮތަކަށް ހިގާލާފައި އައިސް ސިޑީގެ ރެއިލިންގައި އަތްއަޅުވާލައިފި އެވެ. ތުނބުޅި ނުބާލާތާ ދެތިން ދުވަސްވުމުން ވަކިން ފިރިހެންވަންތަގޮތެއް ހުރެފައި، ރީއްޗެވެ. ހޭވިފައިވާ އިސްތަށިގަނޑެކެވެ. އެހާ ކަައިރިއަށް އައުމުން މަސްކްފަދަ މީރުވަހެއް މިލީނާގެ ނޭފަތުގައި ބީހިލިއެވެ.

"ވަރަށް ފޫހިވޭ ތިކަހަލަ ވާހަކަ ދައްކާތީ..." މިލީނާ ކުއްލި އަކަށް ދުއްވައިގަތުމުން މިހުރާން ހޭންފެށިއެވެ.
މިލީނާ ފެންވަރާލައިގެން ނިކުތީ ބައިގަޑިއެއްހާއިރު ފަހުންނެވެ. އެހެންމީހަކަށް އެ މަންޒަރު ފެނިދާނެ ކަމަކަށް މިލީނާ ހިޔެއްނުކުރެއެވެ. މި ބައިގަޑިއިރުގެ ފެންވަރާލުން ވެގެންދާނީ މިލީނާގެ ހަޔާތުގައި ފެނުނު އެންމެ ބިރުވެރި ހުވަފެނަކަށް ވެދާނެ ކަމަކަށް ހިޔެއްނުކުރެއެވެ. މިލީނާ އާއި އެކުގައި މިޝެލިން ވެސް ހިތާމައިގެ ކަނޑަކަށް ވައްޓާލެވުނީ ކަމެއް ނޭގުނެވެ. މިލީނާ ހުރީ ހިތްހަމަޖެހިފައެވެ. މިލީނާ އަމިއްލައަށް ސަލާމަތީ ފިޔަވަޅުތައް އަޅަން ދަސްކޮށްފައިވާއިރު ނޭގި އޮތީ މިޒަމާނުގައި ގެންގުޅޭ ބްލެކްމެއިލް ކުރުމުގެ އެންމެ ޒަމާނީ ހަތިޔާރު ބޭނުންކޮށްގެން ކޮންމެފަދަ ގެއްލުމެއްވެސް ދީފާނެކަމެކެވެ. އެކަމާއި ވިސްނައިލެވުނުނަމަ މިލީނާ އަމިއްލަ ގެ ނޫން ތަނެއްގެ ފާޚާނާ ބޭނުން ނުކުރީހެވެ.

މިޝެލިން ޒެފަން އާއި އެކު ކޮކާލެއް ހިފަން ދުވެދުވެފައި އުޅެނިކޮށް މިޝެލިން ވަރުބަލިވެ، ކުޑަކޮށް ހާސްވާގޮތްވިއެވެ. ބޮލަށް އެނބުރުން އަރާ އިރުކޮޅެއްވާންދެން ގާފޮޅުމަތީގައި އިށީނީމަވެސް ސަކަ ޒެފަން މިޝެލިންގެ އަތުގައި ހިފާ ދަމަންފެށިއެވެ. މިޝެލިން އެކުޑަ ޒެފަން ހިތުގައި ޖައްސަން ބޭނުންނުވާތީ އަނެއްކާ ތެދުވުނު ތަނުން ޒަހުރާން ގެއަށް ވަންތަން ފެނުނެވެ. އާދައިގެ މަތިން އޭނަ ހުރީ އަތްދިގު ގަމީހަކާއި ކަޅު ޖިންސެއް ލައިގެން ވަރަށް ސްމާޓްކޮށެވެ. ހުރިހާ ވަގުތެއްގައި ވެސް ސެންޓްޖަހާލައިގެން ރީތިވެލައިގެން ހުންނާތީ މީހުންގެ ހިތްތައް ތައުރީފު ކުރާވަރުވެއެވެ. އެވަގުތު ގަސްތަކުގެ ތެރޭގައި ޒިލާ ފިލައިގެން ހުރިތަން މިޝެލިން އެފަރާތަށް ކަޅި ހިންގާލިއިރު ފެނުމުން މިޝެލިންއަށް މަޖާވިއެވެ.

"ރެއިން، މާ ގަދަޔަށް ސަކަރާތް ޖަހާލީމަ ޕަލްސް ހާދަ ފާސްޓްވެއްޖެ، ޗެކްކޮށްދީފާނަންތަ؟" މިޝެލިން އަތްދިއްކޮށްލުމުން ޒަހުރާން މިޝެލިންގެ އަތުގައި ހިފެހެއްޓިއެވެ. ޒަހުރާން މިޝެލިންގެ އަތުގައި ހިފާފައި ވިންދު ބަލާލިއިރު ޒިލާ ދުރުގައި އެ މަންޒަރު ބަލަހައްޓައިގެން ހުރިކަމެއް ޒަހުރާން އަކަށް ނޭގުނެވެ. އޭނަގެ ހިތުގައި ނުބަޔެއް އޮތީއެއްވެސް ނޫނެވެ. ނަމަވެސް ނޭގުމުގެ ތެރޭގައި އޭނަ އާއި ޒިލާ އާއި ދެމެދުގައިވި ފާރު އިތުރަށް ބޯވިއެވެ.

މިލީނާއަށް އެރޭ ފެނުނީ މިހުރާން އަންހެންކުއްޖަކު ގޮވައިގެން ގޮސް ކޮޓަރިއަށް ވަންނަން އައިތަނެވެ. މިލީނާގެ ހިތުގައި މިހުރާން އާއިމެދު އޮތް ފޫހިކަން ބޮޑުވިއެވެ. މިހުރާންގެ ރީތިކަން ފިޔަވާ ރަނގަޅު ސިފައެއް ނުފެންނަކަމަށް ހިތާހިތުން ގަބޫލުކޮށް އޭނަގެ ހުވަފެނުގް ޕްރިންސް ކަމުގެ ލަގަބުވެސް މިހުރާންގެ ކިބައިން ނަގައިފި އެވެ. އެކަނި ރީތިވެގެން މިލީނާގެ ހިތް ކާމިޔާބެއް ނުވާނެއެވެ. ދީންވެރިވާން ޖެހޭނެއެވެ. އެއީ އެންމެ ފުރަތަމަ ޝަރުތެވެ. މިހުރާން ކޮޓަރިއަށް ވަންނަމުން މިލީނާ އާއި ދިމާލަށް ބަލައިލީ އެ ލާނެތް، ކަތި ނަޒަރުންނެވެ. އަދި އެއްލޯ މަރާލަމުން އަތުން އަންނާށޭ ބުނާފަދަ ގޮތަކަށް އިޝާރާތް ކޮށްލި އެވެ.

ކޮމެންޓް 0