މިހުރާން ކިޔާލި އެއްޗަކުން އަދި ބޮޑަށް މިލީނާގެ ހިތުގައި ޖެހުނެވެ. އެ ބޮޑު ދެލޮލުގައިވި މައުސޫމްކަމުން ހިލަހިތެއްގެ ވެރިޔެއްގެ ހިތްވެސް ފުށްކޮޅަކަށް ހަދާނެއެވެ. އެއީ މިލީނާގެ އެކަނި ކުށެއް ނޫންކަން ވިސްނިފައި މިހުރާން ތަންކޮޅެއް ރުޅި މައިތިރިކޮށްލާފައި ހީލިއެވެ.
"ބުނަން މިލީ، އަހަރެން އަދި ދަރިއެއް ހޯދާކަށް ބޭނުމެއް ނޫން، އެހެންނޫނަސް މިލީއަށް އެނގޭނެ ޕްރެގްވެގެން އަދި އާއިލާއެއް ފަށައިގެން އަހަރެމެންނަށް އުޅެވެން ނެތްކަން، ދެތިން އަހަރުވާންދެން އެންޖޯއިކޮށްފައި އެހާ ބޮޑު ޒިންމާއެއް ނެގޭނީ، އެހެންނޫނަސް މިލީ ކިހާ ޅަ، އެހާ ހިކި، ކިހިނެއް އެހާ ބޮޑު ބުރައެއް އުފުލޭނީ، އެހެންވެ މި ބުނަނީ މިއީ މިސްޓޭކެކޭ، އަންވޯންޓެޑް ޕްރެގްނެންސީ އެކޭ، މިބުނި އެއްޗެއް އަންޑަސްޓޭންޑް ވެއްޖެ ދޯ... ވީމަ އަހަރެން ބުނާގޮތަށް ދެން ހަދާ......" މިހުރާން ހިނިތުންވުމަކާއި އެކު، މަޑުމައިތިރިކޮށް ވިސްނައިދިނެވެ. މިލީނާގެ ލޮލުން ކަރުނަ ފައިބަން ފެށިއެވެ. މިހުރާން އެ ކަރުނަތަކަށް އެހާ ވަރަކަށް ސަމާލުކަމެއްނުދީ އަވަސް ފިޔަވަޅުތަކެއްގައި ބޭރަށް ނިކުތުމުން މިލީނާ ސޯފާއަށް ތިރިވިއެވެ.
މިހުރާން ބޭނުން ނުވިޔަސް އޭނައަށް އެންމެ ރަނގަޅެވެ. ދަރިފުޅު ދެކެ މިހާރުއްސުރެން އޭނަގެ ހިތުގައި ނޭގޭފަދަ ލޯތްބަކާއި، ކުލުނެއް ޖެހިއްޖެއެވެ. ވީއިރު ބޭނުމެއްނެތް ކުއްޖެއްގެ ގޮތުގައި އެއް ފަރާތުން ނިންމައިގެން ވާނެހެއްޔެވެ؟ ނޫނެކެވެ. އޭނަ މިދަރިފުޅު ބޭނުމެވެ. ކަރުނައިގެ ތެރެއިންވެސް މިލީނާއަށް ތުނި ބަނޑުގައި އަތް ޖައްސައިލެވުނީ ހިނިތުންވެލަމުންނެވެ.
މިޝެލިން ރޭގަނޑު ކާން އިނދެފައި އެދިން ޚަބަރަކުން ސޯފިޔާ އަނބުރައިނުގަތީ ކިރިޔާއެވެ. މިޝެލިން އިއްބާނު ފަދަ ޒުވާނަކާއި ގުޅެން އޭނަގެ ހިތް ދުވަހަކު ނުރުހޭނެއެވެ. މާޒިން އާދައިގެ މަތިން ވަގުތުން މަރުހަބާ ކިޔާލީ އުފާވެރި ހިނިތުންވުމަކާއި އެކުގައެވެ. މިޝެލިން އިނީމަ އަނގަވެސް ހުޅުވާނުލައި ހިމޭނުން ސޯފިޔާ އިނެވެ. އެކަމަކު ކޮޓަރީގައި ފައި ޖެހުމާއިއެކު ސޯފިޔާ ގެ ލޮލުން ކަރުނަ އޮހިގަތީ ހިފެހެއްޓުމެއްނެތިއެވެ.
"މާޒިންއަށް އެ ފިރިހެންކުއްޖާގެ ވިޔާނުދާ އުޅުން ނޭގޭތީ ވަގުތުން އެއްބަސްވީ، އެގޭގައި ހުރި ރަހީމާ ބުނާގޮތުން ވިއްޔާ އިއްބާނު އަކީ ގޭ އެއް......" ސޯފިޔާ ކިޔާދިން ވާހަކައަކުން މާޒިން ގާތަށް އައި ރުޅީގައި އަތުކޮޅަށް ބާލީސް ހޫރާލާފައި ފުންމައިގެން ތެދުވެއްޖެއެވެ.
"ތި ވާހަކަދެއްކި ބަޔަކު އުޅެނީ އަހަރެމެންގެ އާއިލާ ބަދުނާމު ކުރަން ވެގެން ކަން ޔަގީން، އާމިރާވެސް އޭނަގެ ދޮންދަރިންނާއި މިޝެލިން ނުގުޅުނީމަ އޭއްޗެކޭ މީއްޗެކޭ ކިޔައިގެން ސޯފީގެ ހިތް އަނބުރައިލީ، ބެން ނުވާނެ ތިހެނެއް، އެކުދިން ކްލޯޒްކޮށް އެންމެންގެ ކުރިމަތީގައި އުޅުނީމަ މީހުން ނުބައި މާނަ ނަގައިގެން އެކުދިންގެ އަގު ވައްޓާލަން އެ އުޅެނީ، ރޫމާރސްތައް ރާއްޖޭގައި ފެތުރޭލެއް ހަލުވިކަން ސޯފީއަށް ނޭގޭތަ؟ ޚާއްސަކޮށް މަޝްހޫރު މީހުން ނަންވާނެ، އެހެންވެއެއްނު ތިބުނާ އަންހެނަކު ކޮންމެހެން އިއްބާނު އަކާއި އަޅައިގަތީ، އަހަރެން ތި ވާހަކަ ގަބޫލެއް ނުކުރާނަން......." މާޒިން ދެކޮޅު ހެދުމުން ސޯފިޔާގެ އަނގަ ބަންދުވިއެވެ. މާޒިން އެ އާއިލާއާއިމެދު އެހާ ޚާއްސަކަމެއް ބަހައްޓާއިރު އެމީހުން މާޒިން ދުރުކޮށްލާފައިވާކަން ނުވިސްނެނީ ހެއްޔެވެ؟ އޭނަ އެކަން ހަދާންކޮށް ދިނަސް މާޒިން ގަބޫލުކުރާނީ އެއް ނޫނެވެ. މާޒިން ވަގުތުން މިސާލަށް ދައްކާނީ އަމިއްލަ މައިންބަފައިން ނުބަލާ އެއްލައިލި ކުއްޖަކަށް އެމީހުން ދިން ލޯތްބާއި، ހިމާޔަތާއި އަޅާލުމުގެ ވާހަކައެވެ. މޮޅު ޑޮކްޓަރަކަށް ހަދާދިން ކަމެވެ. އެންމެ ފަހުން މަލަކާ ބޮޑު ބިމެއް އަގަކާއި ނުލައި ހަދިޔާ ކުރީއެވެ. އެހާ ބޮޑު އިހުސާންތެރިކަމެއް ވެދީފައިވާ ބަޔަކާއި ދުރަށް އޭނަ އައީ އޭނަގެ ނުބައިކަމުންނެވެ. ކުށްވެރިއަކީ މާޒިންކަމަށް އަމިއްލައަށް ނިންމިތާ ކޮން ދުވަހެއްހެއްޔެވެ؟
"މާޒިން ވިސްނައިނުލާ ކުދިންގެ ފިއުޗަރ ހަލާކުކޮށްލަނީ، އަދި ފަހުން ހިތާމަ ކުރާނެ...." އެންމެ ފަހުން ސޯފިޔާ ރޮމުން ބުންޏެވެ.
"ސޯފީ އަބަދުވެސް ކަމަކާއި ނުލައި ބޭކާރު ކަންތަކާ ބޯ ގޮއްވަނީ، އެކުއްޖަކު ލޯބިވާ މީހަކާއި އެކު ލައިފް ފެށިޔަދީ ބަލަ، މީހެއް ގެ މޫނަށް ބަލާފައި ރަނގަޅު މީހަކު ވަކިކުރާކަށް ނޭގޭނެ، ރަނގަޅު ޗޮއިސް އެއް ނޫންކަން އެނގޭ ދުވަހަކުން އެކުދިންނަށް އެހެން ގޮތެއް ދެއްކެވުމަށް ކުޅަދުންވަންތަ ފަރާތެއްވޭ........" މާޒިން އެނދުގައި އޮށޯވެ ބިއްދޮށަށް އެނބުރުނެވެ. ސޯފިޔާ ގެ ލޮލުން އެރޭ ކިތަންމެ ވަރަކަށްވެސް ކަރުނަ އޮހުނެވެ.
މިލީނާ ޚިޔާލުނުކޮށް ހުއްޓާ ބަލިވެ އިނުމުން އެންމެ ކުރިން ބިރުން އުޅެފައިވެސް އުފާވެރިކަން ހިތަށް ލިބެން ފެށިއެވެ. ބުނަން ނޭގޭފަދަ ފޮނި އިހުސާސްތަކެއް ކުރެވުނެވެ. އޭނަ އެ ޚަބަރު މަންމަމެންނާއި ހިއްސާކުރަން ބޭނުންވިވަރުން ގެއަށް ގުޅިއެވެ. މިޝެލިން ހުރީ ގަބޫލުކުރަން ދަތިވެފައެވެ. މިހުރާން އާއި މިލީނާގެ ގުޅުން މިހާ ކުރީގައި އުޅޭކަމެއް އޭނައަށް އެނގިފައެއް ނެތެވެ. ބައެއްފަހަރު ކައިވެނީގެ ސަބަބުން ބީރައްޓެހި ދެމީހަކުވެސް ގާތްކުރުވަފާނެއެވެ. އަޖައިބެކެވެ. މިޝެލިން އޭނަ އާއި އިއްބާނުގެ ކައިވެނި ކުރެވެން އުޅޭ ޚަބަރު ދިންއިރު މިޝެލިންގެ ހަގީގީ ބޭނުން މިލީނާއަށް ސިއްރުކުރިއެވެ. ދެކުދިން އެތައް އިރެއްވާންދެން ފޯނުގައި އަނގަ ތަޅާލަން ތިބިއިރުވެސް މިޝެލިން ކިތަންމެ ކަމެއް ފޮރުވިއެވެ. މާ ދުރުގައި ތިބެގެން ހުރިހާ ވާހަކައެއް ދައްކަން މިޝެލިން ބޭނުންނުވީކަން ނޭގެއެވެ.
މިދުވަސްކޮޅު މިހުރާން ހުންނަނީ ތަންކޮޅެއް މައިތިރިވެފައެވެ. ގެއަށް ވަދެލާލެއް ކުރިއަށްވުރެ މަދުވިއެވެ. މިލީނާ ހެނދުނު ހޭލާއިރު ހޮޑުލެވުމާއި، ބޯ އެނބުރުން ދެ ދުވަހެއްގެ ތެރޭގައި ރަނގަޅުވުމުން އޭނަ އުފާވިއެވެ. ކުރީ ދެދުވަހު މަސައްކަތެއް ކުރާނެ ހިތްވަރެއް ނެތި އުނދަގޫބޮޑުވާން ފެށުމުންވެސް އޭނަ ހުރީ މިހުރާންގެ ގާތުގައި ޝަކުވާ ނުކުރަންވެގެންނެވެ. އެކަމަކު މަންމަ މިކޮޅަށް ގެންނަން މިލީނާ ހިތަށް އެރިއެވެ. ގޭގައި ނޯކަރެއް ހުރެޔޭ ކިޔައިގެން މަންމައަށް އޮޅުވާލައިގެން އުޅުނަސް އޭނަ ދެން މަންމަ ގާތުގައި ހަގީގަތް ހާމަކުރާނީއެވެ. މަންމަ ހުރުމުން އެކަނިވެރިކަން ފިލާނެއެވެ. މިލީނާ ކަރަންފުލެއް އަނގަޔަށް ލައިގެން ހަފަމުން އައިސް ދޮރު ހުޅުވާލީ ތާޒާވައިކޮޅެއް ހޯދުމަށެވެ. ޚަރީފު މޫސުމްގެ ކުލަވަރު ހުރިހާ ދިމާލަކުން ފެނެއެވެ. ފަތްތަކުގެ ކުލަ ބަދަލުވަމުންދާއިރު ފިނިކަމުގެ އިންތިހާއެވެ. މިލީނާގެ މޫނަށް ފިނިވެލިއެވެ.
"ހޭއި މިލީ، އައި ހޭވް ގުޑް ނިއުސް..." މިހުރާން ތިރި ގޭޓް ހުޅުވާލަފައި ވަދެގެން އައީ ފިރިހެންވަންތަ ހިގުމެއްގައެވެ.
"ކިހިނެއްވީތަ؟" މިލީނާ ހުރީ ދޮރަށް ލެނގިލައިގެންނެވެ.
"އަހަންނަށް ބޭހެއް ލިބިއްޖެ، މިލީ އެންމެ ބޭސްގުޅައެއް ކާލަނިކޮށް ހުރިހާ ކަމެއް ހަމަޖެހިދާނެ، އަހަންނަށް އެގޭ މިލީއަކީ ބުނާގޮތަށް ހަދާ ކުއްޖެއްކަން، އެހެންނޫންނަމަ މަށަށް ވަރަށް ޑިފިކަލްޓްވާނެ، އާދެބަލަ..." މިހުރާން މިލީނާ އާއި ދިމާލަށް ބަލައިނުލާ ވަދެގެންދިޔައީ ކާކޮޓަރިއަށެވެ. އޭނަ ފެންތަށްޓެއް ހިފައިގެން އެނބުރުނު އިރު މިލީނާ ހުރީ ފަހަތުގައި ޖައްސާލާފައެވެ. އެ ބޮޑު ދެލޮލުގައި ވަނީ ސުވާލު މާކްތަކެވެ.
"މޯނިން ސިކްނެސް ބޭސްތަ؟" މިލީނާގެ ހިތް ޝައްކާއި ވަހުމުން ފުރުނީ މިހުރާންގެ ނުރުހުމުގެ ނަޒަރުންނެވެ.
"އެކަހަލަ އެއްޗެއްކަން ނޭގޭ، ދެން މިލީއަށް ދެރަގޮތެއް އަހަރެން ނަހަދާނެއްނު، ޕްލީޒް ސްވީޓްހާޓް...." މިހުރާން މިލީނާގެ ކޮލުގައި މަޑުމަޑުން ފިރުމާލަމުން އެދުނެވެ.
"ބޭބީއަށް ހާމް ނުވާނެތަ؟ ވަރަށް ބިރުގަނޭ، އެހެން ނޫނަސް މިހާރު އައިމް އޯލްރައިޓް، ބޭސް ކާންޖެހޭތަ؟" މިލީނާ ގެ ބޮޑު ދެލޮލުން ކަންބޮޑުވުމުގެ އަސަރުތައް ފެނުނެވެ.
"ހުރިހާ ސުވާލުތައް ނުކޮށް ބުނާގޮތަށް ހެދިއްޔާ ވާނީ ކީއްތަ؟ މިބުނީނު މި ބޭސް ގުޅަ ކާލާށޭ..." މިހުރާން އަމުރުވެރި ގޮތަކަށް ބުނެލުމުން މިލީނާ ބޭސްގުޅަ އަނގަޔަށް ލާން އުޅެފައިވެސް އުކާލައިފި އެވެ. އޭނަ ރަނގަޅަށްވެސް އޯކަށް ދަމަންފެށިއެވެ.
"މިލީނާ...." މިހުރާން ފަހަތުން ގޮސް މިލީނާގެ މުލައްދަނޑީގައި ހިފާފައި އޭނަ އާއި ދިމާލަށް އަނބުރުވާލިއިރު ދެބުމަގޮށްޖެހި، ލޮލުން ރުޅިވެރިކަމުގެ ކުލަވަރު ފެނުނެވެ. މިހުރާން ބިންމަތިން އެ ބޭސްގުޅަ ނަގާފައި ގަދަކަމުން މިލީނާގެ އަނގަ ހުޅުވަން އުޅެގަތުމުން މިލީނާއަށް ރޮއިނުގަނެވުނީ ކިރިޔާއެވެ. އެކަމަކު މިހުރާންގެ ނުބައި ނިޔަތް ޔަގީންވެ، މިލީނާ ހައްތަހާ ބޮޑަށް އަނގަ ލައްޕާލައިގެން ގަދަ ހަދަން ފެށިއެވެ. މިލީނާގެ އެ ޙަރަކާތުން ރުޅިގަދަވެފައި ހުރި މިހުރާންއަށް ކެތްނުކުރެވިގެން މިލީނާ ދަމާ ކޫއްތަމުންގޮސް ކޮޓަރިއަށް ވެއްދިގޮތަށް އެނދަށް ގަންނަވާލިއެވެ. މިލީނާ ބިރުގަންނަ ގޮތްވީ އޭނަދެކެ މިހުރާން ރުޅި އަންނާނެވަރު ހިތަށް އަރާފައެވެ.
"ޑޯންޓް...ހާޓް...މީ...." މިލީނާ ރޮމުން އާދޭސްކުރިއެވެ.
"މަ އެބައުޅެންތަ އަނިޔާކުރަން؟ އަހަރެން އެހާ ވަރުން ބޭނުން ވިނަމަ އަނގަޔަށް އަތް ކޮށްޕާފައިވެސް ބޭސް ކާންދޭނަން، އެކަމަކު އަނިޔާވެދާނެތީ އެހެން ނެހެދީ، އައި ކެން އަންޑަސްޓޭންޑް، މިލީ ބޭބީ އެއް ބޭނުމީ ދޯ، އެހެންވީމަ ދެން އެކަމާއި އަޅާނުލާނީ، ކުޑަކޮށް މަޖާކޮށްލަން އާދެބަލަ..........." މިހުރާން މިލީނާ ބޭސް ނުކެއީތީ ރުޅިގަދަވެފައި ހުރި މިހުރާން ހަމަޔަކަށް އެޅި ހޭން ފަށައިފިއެވެ. އޭނަ އެހެން ގޮތެއް ޚިޔާރުކުރަންވީއެވެ.
މިހުރާން އެހާ ގިނައިން މިލީނާއަށް އުދަގޫ ކުރަން ފެށުމުން މިލީނާ މޮޔަވާވަރުވެއެވެ. އޭނައަކީވެސް އިންސާނެކެވެ. ކެތްކުރެވޭނީ ވަކިވަރަކަށް ނޫންހެއްޔެވެ؟ ކުރިން އެހާ ގިނައިން މިލީނާއަށް ބޭނުން ވެގެން ނޫޅޭ މީހަކު ކުއްލިއަކަށް ސަލާމަތް ނުވެގެން އުޅެން ފެށުމުން މިލީނާއަށް ހުރިހާ ކަމެއް ވިސްނުނެވެ. މިހުރާންގެ ބޭނުމަކީ އެއްގޮތުން ނުވެއްޖެއްޔާ އަނެއް ގޮތަކުންވެސް ދަރިފުޅު ދުނިޔެއަށް އުފަންވިޔަ ނުދިނުމެވެ. މިލީނާއަށް އެކަން ހުއްޓުވަން ބުނާނެ އެއްޗެއް ނޭގެއެވެ. ކިރިޔާވެސް އެއްޗެކޭ ބުނެފިއްޔާ ދެން މިހުރާން ހަދާނެގޮތެއް ޚިޔާލަކަށްވެސް ނާދެއެވެ. މިލީނާ ވަރުބަލިވިޔަސް، ރުޔަސް މިހުރާން އަކަށް އެކަމެއް ނުފެނެއެވެ. ނޫނީ އޭނަ ހުންނަނީ އެކަން ނުދެކެން ލޯ މަރާލައިގެންނެވެ.
މިހުރާން މިލީނާ ގާތުގައި ބޭރަށް ދާން ތައްޔާރުވާށޭ ބުނުމުން މިލީނާ ކޮންމެވެސް ވަރަކަށް ހިތްހަމަޖެހުނެވެ. ލަންޑަނަށް އައިފަހުން ގެއިން ބޭރަށް ދެވޭ ފުރަތަމަ ދުވަސްކަން ނޭގެއެވެ. މިލީނާ ފޫހިވީ މިހުރާން އާއިއެކީގައި އޭނަގެ ދެތިން އެކުވެރިން ތިބިތަން ފެނުމުންނެވެ. ވަލުތެރޭގެ ހިލަ ބިމަކުން ޖިޕް ދުއްވުމުން މިލީނާއަށް ހޮޑުލެވި އަނބުރައިގަންނަ ގޮތްވީމަ އޭނަގެ އެކުވެރިން ހަމްދަރުދީވުމުން މިހުރާންގެ ހިތަށްވެސް ރަހުމް ވަނީ ކަންނޭގެ އެވެ. އެންމެ ފަހުން އޭނަ މިލީނާ ގަޔަށް ލައްގައިގެން ގޮސް ކޯރެއްގެ އައްސޭރިފަށުގައި ބޭންދިއެވެ. މޫނު ދޮއްވާލަ ދިނެވެ. އޭރު މިލީނާގެ ބޮޑު ދެލޮލުގައި ކަރުނަތިކިތައް ވިދަ ވިދާ ހުއްޓެވެ.
"ބޯ ހަލާކު ވޭ މި ކުއްޖާ އަކާއި ހެދި، ހިތަށް އަރާ މި ކޯރަށް އެއްލާލާފައި ކިނބުލަށް ކާންދީފާނަމޭ، ކިތައް ފަހަރު ބުނާނީ އަހަންނާއިއެކު އުޅެވޭނީ ސްޓްރޯންގް ވެގެންނޭ، އަދި އެހާ ހީކަރުވައިގަނެ މޫނު ހުދުވެފައެއްނު ތި އިނީ، ތި ކަޅު ހެދުމަކުން މިތާކު ނުފިހެއްޓޭނެ، އަހަރެން އެހާވަރުން އޯޓަމް ކޯޓެއް ގަތީމަވެސް ތި މުސްކުޅި ޖުއްބާއަށް އެރިގެން އުޅެންޖެހޭ ވިއްޔަ، ހީވަނީ ކުޑަ ވިޗެއްހެން، ގެއަށް ގޮއްސަ ތި ކަޅުހެދުންތަކުގައި ހުޅު ޖަހާނަން............" މިހުރާން ސަމާސާ ރާގަކަށް އެހެން ބުނިއިރުވެސް އޭނަ އިނީ ފުދޭވަރަކަށް ހިތްހަމަނުޖެހިފައެވެ. މިލީނާ އޭނަގެ ހަޔާތުގެ ބައިވެރިޔަކަށް ހެދުނުކަމުގެ މޮޔަހީވިއެވެ. ހަމަޖެހޭގޮތް ދައްކަން މިހުރާން މަސައްކަތްކުރިޔަސް އެ ރީތި ދެލޮލުން ނުތަނަވަސްކަން ފާޅުވެއެވެ. އޭނަ ފޯނަށް ބަލާލައިފިއެވެ.
މީރާއަށް އޭނަ އާއި މިލީނާ ބަލިވެއިންކަން އެނގިއްޖެއްޔާ ހަދާނީ ކިހިނެއްބާވައެވެ. އެނގިއްޖެއެވެ. އޭނަގެ ދަރިއެއް ނޫންކަމަށް ބުނީމަ މީރާ ގަބޫލުކުރާނެއެވެ. މީރާ އޭނައަށް ހިފެހެއްޓުމެއްނެތި ކުރާ އިތުބާރުގެ ނާޖާއިޒު ފައިދާ މިހެން ނަގަންވީމަ ދެރަވެއެވެ. އެކަމަކު އެނޫންގޮތެއް މިއަދު މިހުރާންއަށް ނެތެވެ.
އިއްބާނު އާއި މިޝެލިންގެ ކައިވެންޏަށް މާލެ ދާން މަޖުބޫރުވުމުން މިހުރާން ޓިކެޓް ނަގާފައި، ހުރިހާ ކަމެއް ފުރިހަމަކުރުމަށްފަހު މިލީނާ ގާތުގައި ތައްޔާރުވާން އޭނަ އެދުނެވެ. އޭނަ މާލެ ދަނީ އެންމެ ދެ ދުވަހަށް ކަމަށާއި، މާލެ ގޮސްފައި އެއްވެސް މީހެއްގެ ގާތުގައި އެއްޗެކޭ ނުކިޔާ ހިމޭނުން ހުންނަން އޭނަ މިލީނާއަށް އެދުނީ ތަންކޮޅެއް އަމުރުވެރިކޮށެވެ. އަދި ކުޑަކުއްޖެއްހެން ކަމަކާއި ނުލައި ރުއިމުގެ އާދަ ދޫކުރަން މިހުރާން އެންގިއެވެ. މިލީނާގެ ހިތުގައި ޖެހި ނުރޮވުނީ ކިރިޔާއެވެ. މިލީނާ ހުރީ މާލެ ދެވޭތީ އުފަލުންނެވެ. މާލެ ދިޔުމަށްފަހު މިހުރާން އާއި އެކީގައި ލަންޑަނަށް އޭނަ އެނބުރި ދާނެކަމަށް ހީކުރަންޏާ އެއީ ކުށްހީ އެކެވެ.
އިއްބާނު އާއި މިޝެލިންގެ ކައިވެނި ކުރެވުނީ ކުލަގަދަކޮށެވެ. ދެމަފިރިންގެ ރީތިކަމާއި ފުރިހަމަކަމުން ކޮންމެ މެހުމާނެއްގެ ހިތް ކޮޅުންނުލާހާ ވަރަށް ތަޢުރީފުކުރިއެވެ. އިއްބާނު ހުރީ ކަޅާއި، ހުދުގެ ސޫޓެއްގައެވެ. މިޝެލިން ހުދުކުލައިގެ ހެދުމަކާއި އަލިމަސް ވިދަވިދާހުރި ތާޖެއް ބޮލުގައި އަޅައިގެން ހުރިއިރު ޝާހީ ރަނިކަނބަލެއް ފަދައެވެ. ފަސްބައިގައި ހިފައިގެން އުފުލާނެ ކުދިންކޮޅެއްވެސް ތިއްބެވެ. އިއްބާނު ހުރީ ހިދުކޮޅަކަށްވެސް މިޝެލިންގެ ނާޒުކް ފުށްގަނޑެއްފަދަ އަތުން ދޫކޮށްލަން ބޭނުންނުވެފައެވެ. އިއްބާނުގެ ހިތްބަންޑުންވާފަދަ ޚާއްސަ ނަޒަރު މިޝެލިންއަށް ހުސްކޮށްލާފައި ވަނީ މެހުމާނުންނަށް ޖެހިލުމެއްނެތިއެވެ. އެފްބީފަދަ ތަންތާ އިޝްތިހާރު ނުކުރިޔަސް މިރޭ އެތަނަށް އައިކޮންމެ މީހަކަށް އިއްބާނު ގެ ބެލުމުގައި ވާ ލޯބި ފާޅުކޮށްދިނެވެ. މިޝެލިން ގެ ކުދި ދަތްތައް ދައްކާލައިގެން ހިނިތުންވެލައިގެން ހުރިއިރު އޭނަވެސް ހީވަނީ އުފަލުން ފަރިވެފައިވާ މަލެއް ފަދައިންނެވެ. އޭނަވެސް މީހުންނަށް ހިތުގައިވާ އެއްޗެހި ފޮރުވަން އެހާ ކުޅަދާނައެވެ.
މިޝެލިންއަށް ވާނީވެސް އެހެންނެވެ. އޭނަވެސް ކައިވެންޏަށްޓަކައި މިފަދަ ރީތި ހުވަފެނެއް ދެކުނެވެ. އިއްބާނު އާއިއެކު މިފަދަ ރެއަކަށް އިންތިޒާރު ކުރިއެވެ. އެންމެ ފަހުން މިރޭވެސް ދެކެން ޖެހުނީއެވެ. ހިތުގައި ކިތަންމެ ވަރަކަށް ވޭން އެޅިޔަސް އޭނަ ގެ ލޯބިވެރިޔާއާއި އެކުގައި މިރޭގެ މިހިސާބަށްވެސް އާދެވުނީއެވެ. ދެން އޮތީ ކޮޓަރީގެ ދޮރު ތަޅުލެވުމަށްފަހު އުއްމީދުކުރި ކަންތައްތަކެވެ. އެކަމަކު އެ ފޮނިކަމެއް ނުހޯދޭނެކަން މިޝެލިންއަށް އެގެއެވެ. މިހިސާބުން އެ އުފާވެރިކަމުގައި ނިމުމުގެ ސިއްކަ ޖެހުނީއެވެ.
މިޝެލިން ކޮޓަރިއަށް ވަނުމާއި އެކު ދެލޯ ތަރަތަރަޖަހައިގެން ދިޔައެވެ. ކޮންފަދަ ފުރިހަމަކަމެއް ހެއްޔެވެ؟ އެނދު ވަނީ ފިނިފެންމަލުގެ ދާނަކަށް ހަދާފައެވެ. ބޮޑެތި ރަތް އުއްބައްތިތަކުގެ އަލިން ކޮޓަރި ފެންވެރިފައިވާއިރު އުށްބައްތިތައް ވިރެމުންދާއިރު އެ ދުވާ ލެވެންޑަރ ގެ މީރުވަހުން ހީވަނީ ހިއްސުތައް ހޭލައްވަފާނެހެންނެވެ. އެނދުގެ ދެފަރާތުގައި ހުރި ބޯތަށީގައި ޗޮކްލެޓާއި، ސްޓްރޯބެރީ ހުރިއިރު ބޮޑެތި ފިނިފެންމާ ވަށިތައް އިޝްގީކަން އިތުރުކުރުވައެވެ. އެހާ ލުއި މިއުޒިކެކެވެ. މިޝެލިން އެނދުގައި ޖައްސާލިގޮތަށް ފަރިކޮށް އިންއިރު އެކުވެރިކުދިން އޭނަ އާއި ދިމާކުރިއެވެ. ހުދު ލޭސްފޮތިކޮޅަކުން ފޮރުވާފައިވާ މޫނަށް ރަތްކުލަ ވެރިވާން އަދި ކާރިއެއް ނުވެޔޭ ކިޔައިގެން އެކުދިންތައް އުޅުނެވެ.
އެންމެ ފަހުން މިޝެލިން އެކަނިވުމާއިއެކު ހިތް ބާރަކަށް ތެޅިގަތެވެ. އޭނަ މިގޮތަށް ޑްރާމާ ކުޅެން ހަދައިގެން ލަނޑެއްވެސް ލިބިދާނެއެވެ. އިއްބާނު ކުރީ ދުވަހުހެން އޭނަ އާއި ދިމާކޮށްލައިފިއްޔާ ބިރުން ހަލާކުވެދާނެއެވެ. އެކަމަކު އޭނަ އިއްބާނުއަށް އިންޒާރު ދިނީމަ އެފަދަ އަމަލެއްކޮށްލާކަށް ނުކެރޭނެއެވެ. އަމިއްލައަށް މަރުވެދާނަމޭ ބުންޏަސް އިއްބާނު ގަބޫލުކުރާނެއެވެ. އެމީހުންގެ އީމާންތެރިކަން އެހާ ކުޑަވީމަ އިއްބާނު ހީކުރާނީ އޭނަވެސް އެހެން ވާނެކަމަށެވެ. މިޝެލިން ދޮރުތަންޑުތައް އަޅުވާލާފައި އަވަހަށް ނިދާހެދުމެއްލައިފި އެވެ. އަތްދިގު ހެދުމަކާއި، ހަރުވާޅެއްގައި އޭނަ ގެ ހަށިގަނޑުވަނީ މުޅިންހެން ފޮރުވިފައެވެ. ފިނިކަމުން އޭނަ ސްކާފްވެސް އަޅާލައިފި އެވެ. ދޮރުތަންޑުތައް ނައްޓާލުމަށްފަހު އޭނަ ސޯފާގައި ދިގުދެމިލި އިރުވެސް ހިތުގެ ތެޅުން މަޑެއްނުވެއެވެ.
އިއްބާނު ކޮޓަރިއަށް ވަދެ ދޮރު ތަންޑުތައް އެޅިތަން ފެނުމުން މިޝެލިން ފުންމައިގެން ތެދުވެއްޖެއެވެ. ރަތްއަލި އެ ދޮންމޫނަށް އެޅިފައިވާއިރު މޫނަށް އަރާފައިވާ ރީތިކުލައާއި، ތުންފަތުގެ ރަތްކަމުން އެކަނިވެސް އިއްބާނުގެ ހިއްސުތައް ހޭލައްވާލިއެވެ. އިއްބާނު ޓައީގެ ގޮށް ދޫކޮށްލަމުން ސްމާޓް ހިގުމެއްގައި އައިސް މިޝެލިން އާއި އަރާހަމަވުމުން މިޝެލިން ދެތިން ފިޔަވަޅު ފަހަތަށް ޖެހިލިއެވެ.
"މައި ބިއުޓިފުލް ވައިފް..." އިއްބާނު މިޝެލިންގެ މޫނުގައި އަތް ޖައްސާލަން އުޅުމުން މިޝެލިން އަތް ދުރުކޮށްލިއެވެ.
"ދުރުގައި ހުރެބަލަ، އަހަރެން ބުނީމެއްނު އެކަނި ނަމެއްގައޭ، މިރޭ އެކުރީ މުޅިންވެސް އެކްޓް، މީހުންނަށް އޮޅުވާލަން އަދި މާ ލޯބިން އަތުގައި ހިފާލައިގެން އުޅުނަސް އަހަންނަށް ދުވަހަކު ބެންއަށް ފޮގިވް ނުކުރެވޭނެ، އެކަމަކު އަހަރެން ކޮންމެވެސް ރީޒަންއަށްޓަކައި ބޭނުންވީ މިގޭ ޅީދަރިއަކަށް ވާން، އެކަމަކު އަހަރެން އުއްމީދުކުރަން މި ސިކްރެޓް އެހެން މީހަކަށް ނޭގޭނެކަމަށް....." މިޝެލިންގެ ވާހަކަ ކިތަންމެ ހަރު ވިޔަސް އޭނަގެ އުމުރުގެ ގޮތުން އެއީ ކިހާވަރެއްގެ ކުޑަކުއްޖެއްކަން އިއްބާނު ހަދާން ނައްތައެއްނުލައެވެ. އޭނަ ހިމޭނުން ހުރެ އެ ވާހަކަތައް އަޑުއެހިއެވެ.
"އޯކޭ، ޝެލް ބޭނުންވަނީ އަހަންނަށް ވަރުގަދަ ލަނޑެއް ދޭން، ގާލްއަކަށް ތިހާވަރުގެ ލަނޑެއް ފިރިހެނަކަށް ނުދެވޭނެ، ކޮންމެ ރެއަކު އަހަރެން ތަޅުވާލަން ވެގެން ދޯ، ބޭނުންވަމުންގޮސް މޮޔަވާއިރު ލޯބިވާކުއްޖާ ކައިރީގައި ހުރެފައި އެކަމަކު އަންއެވެއިލަބްލް ކަމަށްވަންޏާ އެމީހަކު ކިހާ އަންލަކީ....." އިއްބާނު ގެ ފިރިހެން ވަންތަ އަޑު ކަންފަތުގައި ޖެހުމުން މިޝެލިންގެ ގައިން ކުޑަކޮށް ހީބިހި ހަލުވައިލި އެވެ. އިއްބާނު އެހާ ސީދާކޮށް ބުނެލުމުން މިޝެލިން ކުޑަކޮށް ހައިރާންވިއެވެ.
"ނޭގޭ، ޔީވާ ހުންނާނެ، ބޭނުންކަމެއް ކުރަން މިގޭގައި ބަހައްޓާފައި އެހެރީއެއް ނު....." މިޝެލިން ކުޑަކޮށް ބުމަ ގޮށްޖަހާލައިފި އެވެ.
"އެއީ އަހަރެން ބަހައްޓައިގެން އުޅޭ ކުއްޖެއް ނޫން، އަހަރެންގެ މަންމަ ގާތުން ޝެލް ތި ވާހަކަ އަހާލަންވީނު......" އިއްބާނު ފުން ނޭވަޔެއް ދޫކޮށްލިއެވެ. އޭނަ މިޝެލިންގެ މޫނަށް ނުބަލަން މަސައްކަތްކުރިއިރު ހިތުގައިޖެހިފައިވާކަން މިޝެލިން އަށް އެނގުނެވެ.
"ކޮންމެ މީހަކު ބެހެއްޓިކަމުގައި ވިޔަސް ފައިދާ ކުރާނީ ބެންއަށް. އެނީވޭސް އަހަރެން ނިދާނީ ޖެހިގެން ހުރި ރޫމްގައި، ފަތިހު އަންނާނަން މި ކޮޓަރިއަށް، އެހެންނޫނީ އެންމެނަށް ޝައްކުވެދާނެ......" މިޝެލިން ލޯގަނޑު ދޮށުގައި ހުރެ އިސްތަށިގަނޑާއި ކުޅެލަމުން މައުސޫމް ގޮތަކަށް ބުނެލިއެވެ. އިއްބާނު އެއްގޮތަކަށްވެސް މިޝެލިންގެ ކަމަކާއި ދެބަސްވާކަށް ނޫޅުނެވެ. އޭނަކުރި ކުށަށް މިޝެލިން މާފުދޭނީ އޭނަ ގެ ފަރާތުން ލޯބި ލިބުނުވަރަކުންނެވެ. އެކަމަކު އޭނަ އުޅެން ޖެހޭނީ ފުދޭވަރަކަށް ވިސްނައިގެންނެވެ. މާ ލޯބިންއުޅެން ވެއްޖެއްޔާ މިޝެލިން ގެއްލުމަކީ އެކަށީގެންވާކަމެކެވެ.
"އޯކޭ، އަހަރެންނަކަށް އެއްވެސް ކަމަކަށް މަޖުބޫރެއް ނުކުރެވޭނެ، ޝެލް ބޭނުން ގޮތަކަށް ހަމަ އުޅެންވީ......." އިއްބާނު ކުޑަ ހުނުމަކާއި އެކު އެއްބަސްވިއެވެ.
މިޝެލިން ދޮރުތަންޑު ނުނެއްޓިގެން އުޅޭތަން ފެނުމުން އިއްބާނު އެހީވާން އައި އައުމުގައި އޮޅުމަކުން އިއްބާނުގެ އަތް މިޝެލިންގެ ގައިގައި ޖެހުމުން މިޝެލިން ލޯ އަޅާލިއެވެ. އޭނަގެ ގައިގައި އޮޅުމަކުންވެސް އަތްލައިގެން ނުވާނެ ކަމުގައި އެންގީ ފުދޭވަރަކަށް އަދަބެއްނެތް ގޮތަކަށެވެ.
"ސޮރީ، ސޮރީ ތައުޒަން ޓައިމްސް ސޮރީ.... ޝެލް އެކަމަކު ތިހެން ހަދައިގެން އަހަރެންގެ ޕޭޝަންސް ޓެސްޓް ނުކޮށްބަލަ....... އަހަންނަކީ އެންޖެލް އެއް ނޫން..." އިއްބާނު ދޮރަށް އެތިފަހަރެއް ބޭލިއެވެ.
"އެކަން ޕްރޫވްކޮށްދީފައި ތިހިރީ، މީހަކު އަލުން ބުނެދޭކަށް އެއްޗެއް ނެތް، ރުޅިގަދަވެގެން ގޮސް އެއްޗެހި ހަލާކުކުރާނެކަމެއް ނެތް، ފާރަކަށް އަޑެއް ނީވޭނެ، ހާޓެއްވެސް ނުވާނެ، ހާޓްވާނީ ބެން ގެ އަތަށް، ވީއިރު އަހަރެން ދެކެ އަންނަ ރުޅި ކުށެއްނެތް އެއްޗިއްސަށް ނުބާލުވާ............" މިޝެލިން ދާން ހިގައިގަތެވެ.
"ޝެލް....." އިއްބާނު ގޮވައިލުމުން ގުޑްނައިޓް އޭ ބުނެފައި މިޝެލިން ބާރަކަށް ހިގާލާފައިގޮސް ޖެހިގެން ހުރި ކޮޓަރިއަށް ވަދެ ތަޅުލައިފިއެވެ. އިއްބާނު ދޮރުގައި ދެތިން ފަހަރު ޓަކިދިންތަން ބަލަން މީހަކު ހުރިކަމެއް އިއްބާނު އަކަށް ނޭގުނެވެ. އޭނަ މާޔޫސްކަމާއިއެކު އެނބުރި އައިސް އަމިއްލަ ކޮޓަރިއަށް ވަންގޮތަށް އެނދުގައި އިށީން އިރު އެކަނިވެރިކަމުގެ އިހުސާސްއިން ދެލޯ ފެންކަޅި ކުރުވިއެވެ. ވިރެމުންދާ އުށްބައްތިތަކުގެ ހުވަފެނީ އައްޔާއި، ފިނިފެންމާ ފިޔައިގެ މަޑު ތަންމަތީގެ ސަބަބުން ލިބުނު އުފަލެއް ނެތެވެ. ބައްދައިލަން އޮތީ އެކަނި ބާލީސްތަކެވެ. އޭނަގެ ހަށިގަނޑުގައި ބީހުނީ މިޝެލިންގެ ބަދަލުގައި ފިނިފެންމަލުގެ ފިޔަތަކެވެ. އުއްމީދުކުރިފަދަ ރެއަކަށް ނުވިއެވެ. މިޝެލިން މިރޭ އުޅުނުގޮތުން އޭނަގެ އުއްމީދު އާވިއެވެ. މާޒީ ހަދާންނައްތާލާފައި އާ ފެށުމަކުން ފަށަން އިއްބާނު ހާދަ އުއްމީދެއްކުރިއެވެ. އެކަމަކު އެހެނެއް ނުވިއެވެ. ކަންތައް ވީ ދިމާއިދިކޮޅަށެވެ. މިޝެލިން ގެ ކޮންމެ ލަފުޒަކުން އިއްބާނުގެ ހިތް ޒަޚަމްކޮށްލާފައި އެ ދިޔައީއެވެ.
މިޝެލިން ހެދުނު ސިއްރު ސިއްރުން އިއްބާނު ކޮޓަރިއަށް ވަންއިރު އޭނަ ނެތުމުން މިޝެލިންގެ ހިތް ޝައްކުން ފުރި އިތުރަށް ރުޅިގަދަވިއެވެ. މިޝެލިންގެ ފަރާތުން ބޭނުންވާކަމެއް ނުވީމަ ޔީވާގެ ކޮޓަރިއަށް ދިޔައީކަން ޔަގީނެވެ. ދެން އެންމެ ރަނގަޅެވެ. އޭނައަށްވެސް ހަދާނެގޮތް އެނގެއެވެ. މިޝެލިން އެނދުމަތީގައި ހުރި މާ ފިޔަތައް އެތަން މިތަނަށް އަޅާލާފައި އެނދުގެ ކުއިލްޓް ދަމާ ބިމަށް ތިރިކޮށްލައިފި އެވެ. ގޭގައި ނޯކަރަކު ނެތީމަ މިހުރިހާ މަސައްކަތެއް ކުރަން ޖެހޭނީ ކާކުހެއްޔެވެ؟ މަލަކާ އެވެ. ނޫނީ އެލީސާ އެވެ. ކޮންމެ މީހަކަށް ވިޔަސް އޭނައަށް ހެވެވެ. އޭނަ ލައްވާ އެކަކުވެސް މިގޭ އެއްވެސް މަސައްކަތެއް ކުރުވަ ބަލާށެވެ. މިޝެލިން ޚިޔާލެއްގައި އިންދާ އިއްބާނު ކޮޓަރިއަށްވަނީ ދެއަތުން ދެ މަގު ހިފައިގެންނެވެ.
"މޯނިން ބޭބީ ގާލް، ހޮޓް ޗޮކްލެޓް ފޯ ޔޫ........" އިއްބާނުގެ ފިރިހެންވަންތަ އަޑު އިވުމުން މިޝެލިންގެ އަތް ފައި ފިނިވެލިއެވެ. އިއްބާނުގެ ހޭވިފައިވާ އިސްތަށިގަނޑާއި، ދުޅަވެފައިވާ ދެލޮލުން ހީވަނީ ރޭގައި ނުނިދާހުރިހެންނެވެ. އިއްބާނު ބޭވަފާތެރިޔަކަށް ނުވިނަމައެވެ. މިޝެލިން އަޑު އިވޭކަމަށް ހަދާނުލައި ރީތިވާ މޭޒުމަތީގައި ހުރި އެއްޗެއްސާއި ކުޅެން އިނދެފައި ތެދުވުނީ ތަރުތީބު ކުރުމެއްނެތިއެވެ. އިއްބާނުއަށް އެއިން ކޮންމެ ކަމެއް ފާހަގަކުރެވި މިޝެލިން ކުޅެން އުޅޭ ކުޅިގަނޑު ރޭކާލާން ފެށިއެވެ. ހިނިވެސް އައެވެ. އޭނައަށް މިޝެލިން ގެ ސިކުނޑިވެސް ކިޔައިލެވެނީ ހެއްޔެވެ؟ ލޯތްބަކީ މިއީ ހެއްޔެވެ؟
"އަހަންނަށް ތި ނަން ނުކިޔާށޭ ބުނެފީމެއްނު، އަހަރެން ހޮޓް ޗޮކްލެޓެއް ނުބޮން....." މިޝެލިން ފަރުވާކުޑަގޮތަކަށް އެހެން ބުނެލާފައި ބާރަކަށް ގޮސް ދޮރު ހުޅުވާލުމާއިއެކު ނިކުމެވުނީ މަލަކާގެ ކުރިމައްޗަށެވެ. މަލަކާއަށް ނުހުރެވިގެން ބޯދިއްކޮށްލާފައި އެތެރެއަށް ބަލާލައިފާ މިޝެލިންގެ ފަހަތުން އައެވެ.
"ކުޑަ ދަރިފުޅާ، ކޮޓަރި ތަންމަތި ނާޅާ ހަޑިކޮށްލާފައި ދާކަށް ނުވާނެ އިނގޭ...." މަލަކާ އެހެން ބުނެލީ އޯގާތެރިކަމާއި އެކުގައެވެ.
"ގޭގައިވެސް ތަންމަތި އަޅަނީ މަންމަ، މިގެއަށް އައީ މަސައްކަތް ކުރާކަށް ނޫން، އާންޓީވެސް ރަނގަޅު ވާނީ ކަންތަކު ނުކިއްޔާ....." މިޝެލިން ބާރަކަށް އެހެން ބުނެލާފައި ފިޔަވަޅުތައް އަވަސްކޮށްލިއެވެ. މިގޭގައި މަންމަ އާއި އެންމެ ޖައްސާލާފައި އުޅުނު އަންހެނަކީ މިއީއެވެ. އޭނަ ވަކި ރަނގަޅުވާންވީ ކީއްވެ ހެއްޔެވެ؟ މަލަކާ ކިތަންމެ ރީތިކޮށް ވާހަކަ ދެއްކިޔަސް އެމީހުންނަކީ އޭނަގެ އާއިލާ އާއި އެއްވެސް ގުޅުމެއް ހުރި ބަޔެއްނޫނެވެ. އެމީހުން ކުޅެނީ ޑްރާމާއެވެ. ލޯބިވާކަމަށް ހެދިގެން ތަމްސީލު ކުޅުނަސް މިޝެލިން ނުހެއްލޭނެއެވެ.
މަލަކާ މޭގައި އަތް އަޅާލައިގެން ހުއްޓުން އަރާފައި ހުރިއިރު އޭނަގެ މޫނު ހީވަނީ ރަތްކަމުން އަލިފާންކޮޅެއް ހެންނެވެ.
މިލީނާ އާއި ސޯފިޔާ ކޮޓަރީގައި އެކަނި ވުމާއިއެކު މިލީނާ އޭނަގެ މަންމައަށް ކޮންމެވެސް ވަރަކަށް މިހުރާންގެ ވާހަކަ ކިޔައިދިނެވެ. އޭނަ މިހުރާން އާއިއެކީގައި އެނބުރި ލަންޑަނަށް ނުދާނެ ކަމަށާއި، މިހުރާން ކިތަންމެ ރަނގަޅު މީހަކަށްވިޔަސް އުޅެނީ އެންމެ މައްސަލައެއް ކަމަށާއި، މިހުރާން ދަރިފުޅު ވައްޓާލަން އުޅޭކަމަށް ބުނެ މިލީނާ ރޯން ފެށިއެވެ. މިހުރާން ބޭސް ކާންދޭން އުޅުނު ހާދިސާވެސް ކިޔައިދިނެވެ. ދެންހުރި ވާހަކަތައް މަންމަ ގާތުގައި ކިޔައިދޭކަށް ފަސޭހައެއް ނޫނެވެ. ސޯފިޔާ އަނގަޔަށް ހަދާލައިގެން އިންގޮތުން ހީވަނީ ހިތި ބޭހެއް ބޮވިފައި އިންހެނެވެ.
"ދަރިފުޅާ، ފުރާގަޑި ޖެހުނީމަ މަންމަ ގާތުގައި ހުރިހާ ވާހަކައެއް ކިޔައި ތިދިނީ؟ އެންމެ ރަނގަޅު، މަންމަ އާމިރާ ދައްތަ ކާރިއަށް ދަރިފުޅު ފޮނުވަދީފާނަން، އެކަމަކު މިހުރާން އަށް ދަރިފުޅު ނުފެނިގެން ފުރުން ކެންސަލްކޮށްފިއްޔާ މައްސަލައަކަށް ވެދާނެ..." ސޯފިޔާ ވިސްނާލާފައި އާމިރާއަށް ގުޅިއެވެ.
"ނޫން، އޭނައަށް އެއަށްވުރެ ފުރުން އިމްޕޯޓެންޓް ވާނެ....." މިލީނާ ފިނިވެފައިވާ ދެއަތްތިލަ އުގުޅަމުން ދިޔައިރު ހިތް ތެޅޭވަރުން ނޭވާ ނުލެވޭހެންވެސް ހީވެއެވެ. މިހުރާން ގެ ފަރާތުން ސަލާމަތްވެގެން ދަރިފުޅު ރައްކާތެރިކުރުން އޭނައަށް ކިތަންމެހާވެސް މުހިއްމެވެ. މިހުރާން ގުޅަން ފެށީ އެވަގުތު ގައެވެ.
"މިލީ؟ ކޮންތާކު ތިހިރީ؟ ފުރާގަޑި ޖެހޭއިރުވެސް ގެއަށް ނާންނަނީތަ؟ ފަސް މިނިޓް ތެރޭގައި ގެއަށް އާދޭ....." މިހުރާންގެ ރާގުން އޭނަ ހުރީ ހިތްހަމަނުޖެހިފައިކަން މިލީނާ ދެނެގަތެވެ.
"މިހިރީ ފްރެންޑަކާއި އެކީގައި، އިރުކޮޅަކުން މިދަނީ...." މިލީނާ އިނގިލީގައި ދައިގަނެގެން ލޭ އެރިއިރުވެސް ނޭގުނެވެ.