ކޮޓަރީގެ ތެރޭގައި ފައި އެޅެންވާއިރަށް މިހުރާންގެ ގަދަ ރުޅި މައިތިރި ކުރުމުގައި ކާމިޔާބުކޮށް މުށްކެވިފައިވާ އަތްތިލަ ޖިންސްގެ ޖީބަށް ޖަހާލައިފި އެވެ.
"މިލީއަށް އަނގަ މަޑުން ލައިގެން ހުންނާކަށް ނޭގޭތަ؟ ބަލަ އަހަރެން ބޭނުން ކޮންމެ މީހަކު މިގެއަށް ވެއްދޭނެ، މިއީ އެކަނި މިލީގެ ގެއެއްތަ؟ ބުނެބަލަ، މާ ފޮނިވެގެން އުޅެންޏާ ހަދާނެ ގޮތް ނޭގެނީއެއް ނޫން......" މިހުރާން ހަށަން ބަދެލައިގެން ހުއްޓިލައިގެން ހުރެ ކިތަންމެ މަޑުމައިތިރި ކޮށް ބުނެލިޔަސް އެ އަޑުގައި ހަރުކަށި ކަމެއްވިއެވެ. މިލީނާގެ ބޮޑު ދެލޯ ކަރުނުން ފުރިގެން ދިޔައެވެ. އޭނަ ހުރީ ގުޑިލާން ނުކެރި ރީތިވާ މޭޒަށް ލެނގިލި ގޮތަށެވެ.
"އެއްޗެކޭ ބުނާއިރަށް ކުޑަކުއްޖެއްހެން ރޯން ފަށާނެ، ދެން ބޮޑުވާން ވެއްޖެއެއްނު، މީރާ ދެން ހީކުރާނީ ކީކޭތަ؟ އޭނައަށް އަޑު އިވޭ ހިސާބުގައި އެހެން ނައަހާ މަގޭ ކައިރިން އަހަންވެސް ކެތެއް ނުކުރެވުނު، މީރާ އާއި ބެހޭ ގޮތުން އެކައްޗެއް ވެސް ނޭގި ހުރެ އޭނަގެ ހިތަށް އިތުރު ގެއްލުން ދޭންވެގެން ތިއުޅެނީ....." މިހުރާން ހުރީ ދޮރުކަނުގައި އަތް ވިއްދާލި ގޮތަށް އެތެރެއަށް ވަންނަން ބޭނުން ނުވެފައެވެ.
"އައިމް ސޮރީ...." މިލީނާ މާޔޫސްކަމާއި، އާދޭހުގެ ނަޒަރަކުން މިހުރާންއަށް ބަލައިލި އެވެ.
"ހޫމް...." މިހުރާން ފަރުވާކުޑަގޮތަކަށް އެހެން ބުނުމުން މިލީނާ ފާޚާނާއަށް ވަންނަން ހިނގައިގަތެވެ.
"މިލީ، މިރޭ މީރާ ކާނީ މިގެއިން، ކާން ހަދައިލައްޗޭ އިނގޭ....." މިލީނާގެ އިހުސާސް ތަކަށް ފަރުވާލެއް ނުބަހައްޓާ މިހުރާން މިލީނާއަށް ނުރުހެވޭ އަމުރެއްކޮށްލާފައި ނިކުމެގެން ދިޔައީއެވެ.
މިލީނާ ރުއިން ހުއްޓާނީ ކިހިނެއް ހެއްޔެވެ؟ އޭނަ އަތުން ކައްކާފައި ހިލޭ އަންހެނަކަށް ކާންދޭންވީ ކީއްވެ ހެއްޔެވެ؟ ނަމަވެސް އަމިއްލަ ނިކަމެތި ކަމާއި، މަޖުބޫރީ އާއި މެދު ވިސްނާލާފައި ގޮސް ފާޚާނާއަށް ވަދެއްޖެއެވެ. އެތައް ފަހަރު މޫނު ދޮވުނީމަވެސް ކަރުނަތަކެއް ނުހިކުނެވެ. އެންމެ ފަހުން ރޮއިރޮއި ހުރެ ތިރިއަށް ގޮސް ކާން ހަދާލާފައި އޭނަ މައްޗަށް އައީ އަނގަޔަށް އެއްޗެއް ނުލައެވެ. މިލީނާ ނަމާދުކޮށްލައިގެން އިރުކޮޅެއްވާންދެން ޤުރުއާން ކިޔަވަން މުސައްލަ މަތީގައި އިނދެފައި ނިދުނީ އެވެ. ހޭލެވުނު އިރު މިހުރާން ފެންނާކަށް ނެތެވެ. މިހުރާން ނިދަން އައިކަމެއްވެސް ނޭގެއެވެ. ނިދިކަމުގެ ހެއްކެއްނެތެވެ. ބަނޑުހައިވުމުގެ އިތުރަށް ވަރުބަލިވާން ފެށުމުން މިލީނާ އެނދުން ތެދުވުމުން އަނބުރައި ނުގަތީ ކިރިޔާއެވެ. އެވަގުތު ދޮރު ހުޅުވާލާފައި މިހުރާން ކޮޓަރިއަށް ވަނެވެ. ތުނި ގަމީހަކާއި ސޯޓެއްލައިގެން ހުރިއިރު ގަމީހުގެ ގޮށްތައް ނާޅާ ހުރުމުން އެރީތި މޭމަތި ވަނީ ހާމަޔަށެވެ. އިސްތަށިގަނޑު ހޭވިފައި ވުމުން ފިރިހެންވަންތަކަން އިތުރުވެފައިވާހެން ހީވިއެވެ.
"މިލީ، ދެތަށި ކޮފީ ހަދައިދީބަލަ....." މިހުރާން ގެ އުފާވެރި މޫޑުގެ ސަބަބުން މިލީނާގެ ހާލު ވިސްނުނުހެން ހިޔެއްނުވެއެވެ.
"ވަރަށް ވަރުބަލިވެފައި، އަދި ބްރަޝްނުކޮށް މިހިރީ..." މިލީނާ އޮތީ ތެދުވާނެވަރެއް ނެތިފައެވެ.
"އެވަރުކަމެއް ކޮށްލަންވީމަވެސް އެތައް އެކްސްކިއުޒެއް ދައްކާފައި ނޫނީ ނުވޭތަ؟ ބްރަޝް ކުރާނީ ފަހުން..." މިހުރާން މިލީނާގެ ގަނޑުފެންކޮޅެއްހާ ފިނި އަތުގައި ހިފާފައި ތެދުކޮށްލިއެވެ. ބޯ އަނބުރައިގެން ހުރެފައިވެސް މިލީނާ މަޖުބޫރުވެގެން ހުރެ ބަދިގެއަށް ގޮސްފައި ފެން ހޫނުކުރަން ޖެއްސިއެވެ. އޭރު ފިނިކަމުން މިލީނާ ރޫރޫ އަޅަމުން ދިޔައެވެ. އަނެއްފަރާތަށް އެނބުރިގެން ހުރިއިރު އެ ލޯކަރުނުން ފުރުނެވެ. ކެތްކުރެވުނީއެއް ނޫނެވެ.
މިލީނާ އެ މަސައްކަތް ކޮށްލާފައި ކޮޓަރި އާއި އަރާހަމަވި އިރު މިހުރާންވެސް ތާޒާވެލައިގެން ނިކުތީއެވެ. މިލީނާއަށް މިހުރާން ފެނުނީ ފުސްކޮށެވެ. އެއާއި އެކު އޭނަ އަރިއަޅާލާހެން ހީވެގެން މިހުރާންގެ އަތުގައި ހިފަން އަތްދިއްކޮށްލެވުނެވެ.
"އޯ މައި ގޯޑް......." މިހުރާން ހުޝިޔާރު ކަމާއި އެކު މިލީނާގެ ނާޒުކް ހަށިގަނޑު ސަމާލުކުރިއެވެ.
"މިލީއަށް ކިހިނެއްވީތަ؟" މިހުރާން މިލީނާ އަތްދަނޑިމައްޗަށް އުފުލާލައިގެން ގޮސް އެނދުގައި ބޭއްވި އިރު މިލީނާގެ އެއްވެސް ހަރަކާތެއްނެތެވެ. މިހުރާން ގެ ހިތަށް ނުބައި ގޮތެއްވިއެވެ. އޭނަ އަވަހަށް ފިނިފެން ގެނެސް މިލީނާގެ މޫނުގައި ލާން ފެށުމުން މިލީނާގެ ބޯ އެސްފިޔަތައް ކުޑަކޮށް ތަޅުވާލާފައި ދެލޯ ހުޅުވަން މަސައްކަތްކުރިއެވެ.
"މަންމާ........." މިލީނާއަށް ގޮވައިލެވުނީ މަންމަ އަށެވެ.
"ޑޮކްޓަރަށް ދައްކަން ދާންވީ ދޯ......" މިހުރާން މިލީނާގެ ބާރެއްނެތި އެލިފައިވާ އަތުގައި މަޑުމަޑުން ފިރުމާލި އިރު އޭނަ އިނީ ކަންބޮޑުވެފައެވެ.
"ނޫން، ރޭގައި ނުކައި ހުރީމަ..." މިލީނާ މިހުރާން އާއި ހަތަރުކަޅި ކޮށްލި އިރު އެލޮލުގައިވި މާޔޫސީ ގޮތަކުން މިހުރާންގެ ހިތްވެސް ހިދުކޮޅަކަށް މަޑުޖެހިލި އެވެ. އެ ދެލޮލުގައިވި މައުސޫމް ކަމަކުން ހިތަށް އަސަރުނުކުރުވާނެ ގޮތަކީ ނެތްގޮތެކެވެ. ކޮންފަދަ ރީތި ދެލޯހެއްޔެވެ؟ އެލޮލުން ފެންނަ މައުސޫމް ކަމަކުން ހިތަށް ގޯނާކުރުވިއެވެ.
މިލީނާ އޮތީ މިހުރާންއަށް ޝައްކުވެދާނެތީ ބިރުގެންފައެވެ. ނަސީބަކުން އިތުރު ސުވާލުތައް ކުރިމަތިއެއްނުވިއެވެ. އޭނަ ޖޫހާއި، ޕެކެޓް ކާއެއްޗެހިތައް ފިހާރައިން ގަނެގެން ގެނެސް މިލީނާ ގާތު ގިނަގިނައިން އެއްޗެހި ކެއުމަށް ބުންޏެވެ. މިލީނާ ކުޑަކޮށް ކައިގެން ވަރުޖެހުމާއިކު ހިތްވަރުކޮށްލައިގެން ތެދުވެ އުޅެންފެށިއެވެ. މިލީނާ ބެލްކަންޏަށް ނިކުމެވުމުން ފެނުނު މަންޒަރަކުން ހުއްޓުން އެރިއެވެ. މީރާ އޮތީ މިހުރާންގެ ބުރަކަށްޓަށް އަރާފައެވެ. މިހުރާން އެދެއަތުގައި ހިފަހައްޓާލައިގެން ހުރެ ހީހީފައި ކޮންމެވެސް އެއްޗެކޭ ބުނެފައި ގޮސް ދެމީހުން އެކީގައި ވިނަގަނޑު މައްޗަށް ވެއްޓިގަތެވެ. މީރާ އުއްޑުން އޮށޯވެލައިގެން އޮތްއިރު އަނެއް ފަރާތުގައި މިހުރާން އޭނަގެ މޫނާއި ދިމާލަށް ބަލަހައްޓައިގެން ބަންޑުން އޮތްއިރު ދެ މޫނު ވަނީ ގާތްގަނޑަކަށް ޖެހިފައެވެ. ދެން ފެނުނީ ލޯމަރައިލަން މަޖުބޫރުވި ފަދަ މަންޒަރެކެވެ. ތިމާގެ ލޯބިވާ ފިރިމީހާ އެހެން އަންހެންކުއްޖެއްގެ މޫނުގައި އެހާ ލޯބިން ބޮސްދޭތަން ދެކޭހިތް ވާނީ ކާކުހެއްޔެވެ؟
މިލީނާ ރީތިވާ މޭޒުދޮށުގައި އިށީދެ މޭޒުގައި ބޯ އަޅާލި ގޮތަށް ރޮވެން ފެށިއެވެ. އޭނަ މަރުވާނެނަމައެވެ. އޭރުން އެއްފަހަރުން އެހުރިހާ ހިތާމަތަކުން ސަލާމަތް ވެވުނީ އެވެ. މިލީނާ އެހެން އިންނަތާ އިރުކޮޅެއްފަހުން މިހުރާން ކޮޓަރިއަށް ވަދެގެން އައިގޮތަށް މިލީނާގެ މެދުހަށީގައި މަޑުމަޑުން ހިފައިލާފައި ގޯނާއެއްކޮށްލުމުން މިލީނާ ސިހިފައި ބަލައިލި އެވެ. މިލީނާގެ ކުޑަކޮށް ރަތްވެ، ކަރުނުން ފުރިފައިވާ ދެލޮލާއި މިހުރާން ހަތަރުކަޅި ހަމަވެފައި ސިކުންތުކޮޅެއްވިއެވެ. މިލީނާ ކުއްލިއަކަށް މިހުރާންގެ އަތް ދުރަށް ޖައްސާލާފައި ގޮސް ބާތްރޫމަށްވަދެ ދޮރު ލައްޕައިލި އެވެ. މިހުރާން ރީތިވާ މޭޒުގައި ދެ އަތްވިއްދާލައިގެން ހުރެ ނިތްއަރުވާލާފައި، ތުންފަތުގައި ދަތްއަޅައިލަމުން ވިސްނުމެއްގެ ތެރެއަށް ގެއްލުނެވެ. މިލީނާ އެގޮތަށް ރުއިމުގެ ސަބަބަކީ ކޮބާ ހެއްޔެވެ؟ އޭނަ މިލީނާ އުފާކޮށްދޭން ކޮށްދޭންވީ ކޮންކަމެއް ހެއްޔެވެ؟
މިހުރާން ކަންނެތް ހިގުމެއްގައި ގޮސް ބާތުރޫމްގެ ދޮރުގައި އެއް އަތުން ޖަހައިލި އެވެ.
"އަހަންނަށް އެނގޭ އަޑުއިވޭނެކަން، ލިސެން ބަމްބީ އައިސް، މާ ގަދަޔަށް ރޮވެންޏާ އަދި މާ ބޮޑަށް ބޭމްބީ ދެލޯހެން ހީވާނެ އިނގޭ، ދެން މާ ބޮޑަށް މަންމަ މަތިން ހަދާން ވަންޏާ ރަށަށް ފޮނުވާލަދީފާނަން...." މިހުރާން ބުނަމުން ދިޔައެވެ.
"ނޫނީ ހަމަ އެހާވަރަށް ލޯބިވަނީތަ؟" މިހުރާން އެއްބުމަ އަރުވާލާފައި ކަންފަތް ދީގެން ހުރެ ބުނެލި އެވެ. ޖަވާބެއް ނުލިބޭނެކަން އެގުނެވެ. އެއާއި އެކު މިހުރާން ނުތަނަވަސްވާގޮތްވި އެވެ. އޭނަދެކެ މިލީނާ ލޯބިވެއްޖެއްޔާ އެއީ ބޮލު ރިހުމަކަށް ވާނެއެވެ. ނޫނީ އޭނަ އަށް ފަސޭހަވާނީ ހެއްޔެވެ؟
މިހުރާން ގެ އެ ސުވާލުގެ އަޑު އިވުމުން މިލީނާގެ ހިތުގައި އެތައް ޝުޢޫރުތައް އުފެދި ހިތް ބަންޑުންވިއެވެ. ލޯބިވާ ވާހަކަ އެހިއިރު އެއްގޮތަކަށް ވެސް މި ފިރިހެނާއަށް ރޭކާ ހަމަ ނުލަނީ ހެއްޔެވެ؟ ނޫނީ ގަސްތުގައި ނޭގޭކަމަށް ހެދެނީ ހެއްޔެވެ؟ ނޫނީ ހިތުން އޭނައަށް ކުޑަ ކުޑަ ޖާގައެއް ލިބުނީ ބާވައެވެ. ނޭގެއެވެ. މިލީނާ ގެ އެންމެ ގިސްލުމެއްގެ އަޑު ކަންފަތުގައި ޖެހުމުން މިލީނާ އިނީ ދޮރުކައިރީގައި ކަން މިހުރާންއަށް އެނގުނެވެ. މިލީނާ އިނީ ދޮރުކައިރީގައި ބިންމަތީގައި އިށީދެލައިގެން އިނދެ ގިސްލެވެން ފެށުމުން އަނގަމަތީގައި އަތް އެޅިއެވެ. އެވަރުންވެސް ހަށިގަނޑަށް އަރަމުން ދިޔަ ކުދި ލޮޅުންތަކެއް ނުހުއްޓުވުނެވެ.
"އޯކޭ އޯކޭ، އައި ވިލް ގޯ ސްޓްރެއިޓް ޓު ދަ ޕޮއިންޓް، މިލީ ތިހީކުރާ ކަހަލަ ކަމެއް އަހަންނާއި މީރާގެ ނުހިނގާ، އޭނަ އެގޮތަށް ޑްރެސްކޮށްގެން އުޅުނަސް އެވެސް ރަނގަޅު ފެމިލީއެއްގެ ކުއްޖެއް، އޭނަގެ ފެމިލީ މައްސަލަތަކެއް އުޅޭ......." މިހުރާން ކޮންމެވެސް ވަރަކަށް ބުނެދިނެވެ.
"އޯކޭ މިލީ، ދެން އަހަރެން ދަނީ...." މިހުރާން ލާނެތް ހުނުމަކާއިއެކު ފާރަށް ލެނގިލައިގެން ހުރެ ފަސްމިނިޓްވީއިރުވެސް މިލީނާ ދޮރުހުޅުވާކަށް ނޫޅުނެވެ. މިލީނާ ހާދަ ބުއްދިވެރި ވެއްޖެއެވެ. މިހުރާން ބޯހޫރާލިއެވެ. ކުއްލި އަކަށް ދޮރުހުޅުވާލާފައި ބޯ ދިއްކޮށްލި މީރާއަށް މިހުރާން އެތާހުރިތަން ފެނުމުން ޝައްކުގެ ނަޒަރަކުން ބަލާލައިފި އެވެ.
"ބަމްބީ ތަތްކަމުން ޓޮއިލެޓަށް ނުވަދެވިފައި މިހިރީ، ޔަގީން ޖެއްސުމަށް ނުނިކުންނަން ވެގެން ކަން... ހިގާ ދާން ބޭބީ......." މިހުރާން ވަގުތުން މީރާ އޮޅުވާލައިފި އެވެ. އެވަގުތު ފާޚާނާ ތެރޭގައި ރޮއިރޮއި އިން މިލީނާގެ މޫނުމަތީގައި މިހުރާން ޖެހިނަމަވެސް މާ ހިތަށް ފަސޭހަވީހެވެ. މާ ބޮޑަށް ރޮވިއްޖެއެވެ. މިވަގުތުވެސް އޭނަ ނިކަމެތިކޮށްލީއެވެ.
މިލީނާ ތެދުވެގެން ގޮސް މޫނު ދޮވެލާފައި ފެންތައް ފޮހެލަމުން ކެތްތެރިވާން މަސައްކަތްކުރިއެވެ. އޭނަވެސް އެހާ ބަލިވެ، ނާކާމިޔާބު މީހަކަށްވެގެން ކަމަކު ނުދާނެއެވެ. އޭނައަކީ މިހުރާންގެ އަންހެނުންނެވެ. މީރާއަށް ވުރެ ގަދަނުކުރެވެންވީ ސަބަބެއް ނެތެވެ. އޭނަވެސް އޭނަގެ ހައްގު ހޯދަން މަސައްކަތް ކުރަންވީއެވެ. އެރޭވެސް މިހުރާން މިލީނާއަށް އެންމެ ކަމެއް ހަދާންކޮށްދިނެވެ. މިލީނާ ބޭނުންހާ އުފަލެއް ލިބި، އަބަދުގެ އަބަދަށް އޭނައާއި އެކީގައި އުޅެވޭނެ ކަމަށާއި، އެކަމަކު އެ ހުރިހާ ގުޅުމެއްގެ ނިމުން އަންނާނީ އެންމެ ކަމަކުން ކަމަށް އެންގިއެވެ. އެ ނޫން އެއްވެސް ޝަރުތެއް އެ ކައިވެނީގައި ދެން ނެތެވެ. މިލީނާ ދަރިއަކު ނުހޯދަންވީއެވެ.
މިޝެލިން އިއްބާނުގެ ކޮޓަރިއަށް ވަންއިރު މިއަދު ކޮޓަރި ހުރީ ތަންމަތިއަޅައި ސާފުކޮށްލާފައެވެ. ކުރީ ދުވަހެއްގައި އޭނަ އެތަނަށް ވަދެފައި ހައިރާންވެ ހުއްޓުން އެރީ ބާލީސްތައް އުކާލާފައި ހުރުމުންނެވެ. އެދުވަހު އިއްބާނު ރުޅިގަދަވެގެން ހުރިހާ އެއްޗެއް އުކީބާވައެވެ. އިއްބާނު އެދުވަހު ކޮޓަރި ރީތިކޮށް ނުދިޔައީ ކަމަކާއި ރުޅިގަދަވެފައި ހުރިވަރުން ބާވައެވެ.
މިޝެލިން ފެންވަރަން ލާނެ ހެދުމެއް ނަގަން ވެގެން އަލަމާރި ހުޅުވާލުމާއި އެކު އެންމެ ކުރިން ލޮލުގައި އަޅައިގަތީ ވިކްޓޯރިއާ ސިކްރެޓް ކަޅު ލޭސްފޮތީގެ ނިދާ ހެދުމެވެ. މިޝެލިން އާއްމުކޮށް ލައި ނޫޅޭކަހަލަ ހެދުމަކަށް ވުމުން ވަރަށް ހައިރާންވެފައި ހުރެ އެ ހެދުން ނަގާފައި ރަނގަޅަށް ބަލައިލި އެވެ. ހަފްތާއެއް ކުރީގެ ހަނދާނެއް އާވިއެވެ. އިއްބާނު އޭނައަށް ގެނެސްދިނީ ތުނި ޕާރުސަލެކެވެ. ޚާއްސަ ރެއަށްޓަކައި އޭނަ ހަދިޔާކުރަން އުޅޭ ނިދާ ހެދުމެއްކަމުގެ ޝައްކެއްވެފައި މިޝެލިން އެ ޕާރުސަލުގައި އަތުން ޖަހާފައި ހޫރާލީއެވެ. އެފަދަ ކިތަންމެ އަމަލަކުން މިޝެލިން ވަނީ އޭނަ މާފުނުކުރާކަން އިއްބާނުއަށް ހާމަކޮށްދީފައެވެ. އެކަމަކު އިއްބާނު އެ ޕާރުސަލް ކަނޑާލާފައި އޭނަގެ ހެދުންތަކުގެ ތެރޭގައި ބޭއްވުމުގެ ބޭނުމަކީ ކޮބާހެއްޔެވެ؟ މިޝެލިން ހުރީ ވާނުވާ ނޭގިފައެވެ.
ހަގީގަތުގައި އެއީ އިއްބާނު ގެނައި ޕާރުސަލްގައިވާ ހެދުމެއް ނޫނެވެ. އެ ޕާރުސަލް އިއްބާނު ބޭއްވިތަނުގައި އަދިވެސް އޮތީ ކަނޑައިނުލައެވެ. ޔީވާގެ ނިދާހެދުން މިޝެލިންގެ ހެދުމެއްކަމަށް ހީކުރެވި އެތާ އެޅުވީ އެލީސާ އެވެ. އިއްބާނުގެ ކޮޓަރި ތަރުތީބުނުކޮށް ހުރިތަން ފެނުމުން ތަންމަތި އަޅާ ހަދަނިކޮށް އެނދުގެ އަނެއްފަރާތަށް ވެއްޓިފައި އޮތް ނިދާހެދުން އެލީސާއަށް ފެނުނީމަ އޭނައަށް އެއީ އެހެން މީހެއްގެ ހެދުމެއްކަމަށް ހީކުރެވޭނީ ކިހިނެއް ހެއްޔެވެ؟ އެ ކޮޓަރިން ފެންނާނީ މިޝެލިންގެ އެއްޗެހިތާއެވެ. އަމިއްލަ ދަރިއެއްފަދައިން ގެންގުޅޭ ޔީވާ އެހާ ނުބައިވެދާނެ ކަމަށް އެލީސާ ހީކޮށްފައެއްނެތެވެ.
ޔީވާ ފެންވަރާލައިގެން ނިކުތްގޮތަށް ގައިގާ އޮޅާލާފައިވާ ތުވާލި ހަރުގައި އަޅުވާލިއިރުވެސް އޭނަ ހުރީ ތުންފަތް ވަށްކޮށްލައިގެންނެވެ. ޔީވާ ލޯގަނޑުދޮށުގައި ހުރެ ހިތްފުރެންދެން ރީތިވެލުމަށްފަހު އޭސީ ދަށްކޮށްލައިގެން އެނދުގައި އޮށޯވެ އިއްބާނުގެ ރަޖާއިން ހަށިގަނޑު ނިވާކޮށްލިއެވެ. އެރަޖާގައި އަދިވެސް ހިފާފައި ވަނީ އިއްބާނުގެ މީރުވަހެވެ. އޭނަ ރަޖާގައި މޫނު ޖައްސައިލަމުން ނޭފަތް ދަމާލިއެވެ. އެވަގުތު ނުބައި ހިނިތުންވުމެއް ތުންފަތަށް ވެރިވިއެވެ. އިއްބާނު އޭނަ ގެ ނިދާހެދުން ނުދީގެން އުޅެނީ ކީއްވެހެއްޔެވެ؟ ރަޖާ ދީފައި އޭނަގެ ހެދުން މިލްކު ކުރީ ކަންނޭގެ އެވެ. އެކަމުގައި ކޮންމެވެސް ލާނެތް މަގުސަދެއް ވާނެއެވެ.
"ބެން، އަހަރެން މިއޮތީ ރޫމްގެ ދޮރު ހުޅުވާލައިގެން، ބޭނުން ވަގުތަކު ވެލްކަމް އިނގޭ...." ޔީވާ އިއްބާނުގެ ފޯނަށް މެސެޖް ކޮށްލުމަށްފަހު ބާލީހުގައި ބައްދާލަމުން ހިނިގަނޑެއް ޖަހާލައިފި އެވެ.
އިއްބާނު އާއި މިޝެލިން ސިއްރުކުރިޔަސް އެ ކައިވެނީގައި މިހާރުއްސުރެ ރެނދުލާފައިވާކަން ނޭގޭ މީހަކު މިހާރު އެގޭގައި ނެތެވެ. އެހެން މީހުންގެ ލޮލަށް ފެންނަނީ މުޅިންވެސް އެފަދަ މަންޒަރުތަކެވެ. އިއްބާނު ލޯބިން ކޮލުގައި ހިފައިލަން އުޅުނަސް މިޝެލިން ނުރުހުމާއި އެކު އަތް ފޮޅުވައިލާ ތަނެވެ. ގަޔާއި ކައިރިކޮށްލިޔަސް ދުރުކޮށްލާ ތަނެވެ. ނުލަފާވެގެން ތަޅައި، ވަކިއަޅާ ނެހެދިޔަސް އިއްބާނުގެ ހިތަށް ލިބޭ އަނިޔާތައް އެންމެނަށް ދިޔައީ ފެންނަމުންނެވެ. އިއްބާނުގެ އުފާވެރި ކަމާއި، ލާނެތްކަންވަނީ މުޅިން ގެއްލިފައެވެ. ގިނަފަހަރު އެކަނިމާ އެކަނި ވިސްނުމެއްގައި އިނދެފާނެއެވެ. ނޫނީ ކޮފީއެއްގައެވެ. ދުވަސްވަމުންދާވަރަކަށް އިއްބާނުގެ ހާލަތު ދަށަށް ދިޔައެވެ. އެ ލޮލުން ނުފިލާ ރިހުމެއް ފެންނަން ފެށިއެވެ. އެންމެންގެ ވިސްނުން އެއްގޮތެވެ. އިއްބާނު މިޝެލިން ދެކެ ލޯބިވިޔަސް މިޝެލިން އިއްބާނު ދެކެ އެއްވެސް ވަރަކަށް ލޯބި ނުވަނީ އެވެ. އެކަމަކު ކައިވެނީގެ ބޭނުމަކީ ކޮބާހެއްޔެވެ؟ މިޝެލިން އެންމެންގެ ފަރާތުން ބަދަލުހިފަން އެމީހުންނަށް ކުރެވުނު ކުށަކީ ކޮބައި ހެއްޔެވެ؟ އެންމެން ގާތުގައި މިޝެލިން ކުށްވެރިވިއެވެ.
ޒިލާ އިއްބާނު އާއި މެދު ހަމްދަރުދީވެގެން މިޝެލިން އާއި އޭނަގެ މާޒީ ހިއްސާކުރިއެވެ. އޭނައަށް އިއްބާނު އާއި މިޝެލިންގެ ހަޔާތުގެ އެއްވެސް ކަމެއް އެނގޭކަމަކަށް ހަދައިނުލީ މިޝެލިން ރުޅިއައިސްދާނެތީއެވެ. ޒިލާ ބުނިގޮތުން ފިރިމީހާ އާއި މެދު ކުރިން އެހާ ނިކަމެތިކޮށް ކަންތައް ކުރެވުނީތީ އޭނަ ހިތާމަކުރެއެވެ. އޭނަގެ ހަޔާތުގެ އަގުހުރި ދުވަސްތަކެއް ބޭކާރުވެގެން ދިޔައީ ކަމަށް އިހުސާސް ކުރެވެއެވެ. ޒިލާ އެވާހަކަ ދެއްކީ މިޝެލިންއަށް އިބުރަތެއް ހާސިލުވެދާނެކަމުގެ އުއްމީދުގައެވެ.
މިހުރާން މިލީނާ ގޮވައިގެން މާލެ އައީ އޭނަގެ މަންމަ ގެ އުފަންދުވަހަށްޓަކައި ސަޕްރައިޒެއް ދިނުމަށް އަންގައިވެސް ނުލައެވެ. އެރޭ ރެޑްފްލޭމްގައި ކުޑަ ހަފްލާއެއް ބޭއްވިއެވެ. އެލީސާގެ ހިތަށް އެންމެ ބޮޑު އުފަލެއް ލިބުނީ ލިބުނު އަގުބޮޑު ހަދިޔާތަކުން ނޫނެވެ. އެލީސާގެ ފިރިމީހާ އާއި، ކުދިންގެ ލޯތްބާއި، އޭނަ އެމީހުން ކައިރީގައި ޚާއްސަވެފައިވާވަރު ފެނުމުންނެވެ. އެލީސާ ކްރީމް މެކްސީ އަކާއި، ރަތްކުލައިގެ ޓޮޕާޒު ގަހަނާތަކުން ޒީނަތްތެރިވެލައިގެން ހުރިއިރު އެ ހެދުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނީ މިޝެލިން އަތުން ވިޔެފައިވާ މާ ބޭންޑުންނެވެ. ދެކުލައިގެ ބޮޑެތި މަލާއި، ފަތްތަކުން ވިޔެފައިވާ އެ މަލުގެ ބޭންޑުން ބޮލުގެ ބޮޑުބައި ފޮރުވިފައިވާއިރު، ޕްރިންސެސްއިން ބޮލުގައި އަޅާ ތާޖަށްވުރެ ފުރިހަމައެވެ. ބޮޑެތި މީހުން ބޮލުގައި ބޭންޑު ނޭޅުވިޔަސް މިޝެލިން ދިން އެއްޗަކަށްވާތީ އެލީސާ މަޖަލަށް ހަދާފައި އެ ބޭންޑު ބޮލުގައި އަޅުވާލުމުން ޒުވާންކަން އިތުރުވިހެން ހީވިއެވެ. އެތައް ބަޔަކު އެ ބޭންޑަށް ހިފެހެއްޓުމެއްނެތި ތައުރީފުކުރިއެވެ.
"ނޭގި ނަމަވެސް ޝެލްއަށް މިދެވުނީ ވަރަށް ޚާއްސަ ހަދިޔާއެއް، އެލީގެ ބްރައިޑެއްގެ ގޮތުގައި ހުރި ދުވަސް ހަދާނަށް އައީ......" ހައިތަމް އެލީސާގެ ކަންފަތް ދޮށުގައި ބުނުއްވި ޖުމްލައަކުން އެލީސާ ހިނި އަތުވެއްޖެއެވެ.
"ލިސެން އެވްރީވަން، މި މަލުން ވާ ބޭންޑަކީ މިރޭ ލިބުނު އެންމެ ޚާއްސަ ހަދިޔާ، ބޫއަށް އެނގޭތަ؟ މަންމަގެ ވެޑިން ދުވަހުވެސް ހަމަ މިފަދަ ފްލާވަރ ބޭންޑެއް އެޅީ.........." އެލީސާ އެހެން ބުނެލާފައި މިޝެލިން ގަޔާއި ކައިރިކޮށްލާފައި ނިތްކުރިއަށް ދޮނެއް ދިނެވެ.
"ތެންކިއު އާންޓީ....." މިޝެލިން ވެސް އެލީސާގެ ގައިގައި ބައްދާލީ ކޯތާފަތަށް އަޑިކޮޅު އަޅުވާލާފައި އެ ރީތި ހިނިތުންވުމާ އެކުގައެވެ. މިޝެލިންގެ އަސްލު މިޒާޖު ފެނުނު ވަގުތުކޮޅެކެވެ. ނޭގުމުގެ ތެރޭގައިވެސް އޭނައަށް އެ ދެއްކުނީ އޭނަގެ އަސްލު ބަޔެވެ. މިކަމުން އިއްބާނުއަށް އޭނަ ހައްތަހާ ބޮޑަށް ޚާއްސަވެގެން ދިއުން ނޫންކަމެއް ނުވާނެއެވެ. މިޝެލިން ވަގުތުން ދުރަށް ބަލާލާފައި ލޮލަށް ގޮތެއް ހަދައިލުމަށްފަހު ކޮނޑު އަރުވާލައިފި އެވެ.
"އަޅުގަޑު ބުނީމެއްނު މަންމަމެން ކައިރީގައި މިކަހަލަ ވައިފް އެއް ލިބޭނީ ނަސީބުވެރިޔަކަށޭ، ޝެލް ހަމަ ޕާފެކްޓް......." އިއްބާނުގެ އެ ކަތި ނަޒަރުން މިޝެލިންގެ މޫނަށް ވަގުތުން ހޫނުވިއެވެ. އުއްބައްތިތަކުގެ އަލިން އޭނަގެ މޫނަށް ވެރިވި ކުލަ ނުފެންނާނެކަމީ ނަސީބެކެވެ. މިޝެލިން ހުރީ ހީލަހީލައެވެ. އަނެއްކާ އޭނަގެ އެ އުފާވެރިކަމާއި، ހިނިތުންވުންތައް އަނބުރާ އަންނަކަން އިއްބާނުއަށް އެނގުނެވެ. މިރޭވެސް ހުރިހާ ވަގުތެއްގައިހެން މިޝެލިން ހުރީ އެ ކުދި މުތީތައް ފަދަ ދަތްތައް ދައްކާލައިގެން ހީލަހީލައެވެ. އިއްބާނުގެ ހިތްވެސް އެއުފަލުގައި ބައިވެރިވިއެވެ.
މިޝެލިން މިރޭ ރީތިވެލައިގެން ހުރިއިރު ހަގީގަތުގައިވެސް އެކުއްޖާ އަށް ޕަރީއެކޭ ނުކިޔޭނެ ހެއްޔެވެ؟ ޕަރީންނާއި،އިންސާނުންގެ ތެރެއިން އިއްބާނު އެފަދަ ދެވަނައެއް ނުދެކެއެވެ. އުއްބައްތިތަކުގެ އަލީގައި މިޝެލިން އުޅެމުން ދިޔަ މަންޒަރު ބަލަހައްޓައިގެން އިއްބާނު އަނދިރި ހިސާބެއްގައި އިރުކޮޅެއްވާންދެން ހުރީ ހުއްޓުން އަރާފައެވެ. އެ ރީތިކަމުން ހިތް ދީވާނާ ވާވަރުވަނީއެވެ. ހިތަށް ކެތް ނުކުރެވިގެން ގޯހެއް ހެދޭ ހިސާބަށް ހިގައްޖެއެވެ. ޖިނާނު ގެ ނަސޭހަތް ގަބޫލުކޮށްގެން މަޖުބޫރު ކުރަންވީ ހެއްޔެވެ؟ އޭރުން މިޝެލިންގެ ހިތުގައި ނަފްރަތު އުފެދިއްޖެއްޔާ ވާނީ ކިހިނެއް ހެއްޔެވެ؟ އެކަމަކު ލޯބީގެ އަލިފާނުގައި ދެހިތެއް އަނދާ އަޅިޔަށްވެގެން ދާތަން ދެކެން އޭނަ ހިމޭނުން ހުންނަންވީ ހެއްޔެވެ؟ އިއްބާނު ފުން ނޭވަޔެއްލިއެވެ.
ބަގީޗާ ތެރޭގައި ފުރޭނިގެން އައިސްފައިވާ މަޑުމައިތިރި ލަވައެއްގެ ރާގަށް އެންމެން ނަށާލުމުގެ ޕްރޮގްރާމެއް ބޭއްވިއެވެ.
"ފޯ ދަ މޯސްޓް ބިއުޓިފުލް މަމް...." އިއްބާނު އޭނަގެ މަންމަގެ އަތުގައި ހިފާލާފައި ކުޑަކޮށް ވަށައިގެން އަނބުރާލާފައި މަންމަގެ އަތް ބައްޕަގެ އަތަށް ލައްވާދިނެވެ. އެލީސާ ލޯބިން ފުރިގެންވާ ގޮތަކަށް އިއްބާނުގެ އިސްތަށިގަނޑު ހާވާލިއެވެ. މިޝެލިން މިރޭ އުޅުނުގޮތުން ކުޑަ ހިތްވަރެއް ލިބިފައިވާތީ އިއްބާނު ގަސްތުކުރީ މި އުފާވެރި ރޭގެ އެންމެ ރީތި ހަދާނަކަށް އޭނަގެ ފުރާނަފަދަ ލޯބިވާ މިޝެލިން އާއި އެކުގައި ލަސް ނެށުމުގައި ބައިވެރިވެލުމަށެވެ. މިޝެލިން އާއި ދިމާލަށް އަތްދިއްކޮށްލުމުން މިޝެލިން އިރުކޮޅެއްވާންދެން އިއްބާނުގެ ލޮލާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. ދެމީހުންނަށްވެސް އޭރު އެތާ އެހެން ބަޔަކު ތިބިކަން ހަނދާން ހުރިހެނެއް ހިޔެއްނުވެއެވެ. މިޝެލިން ކުއްލިއަކަށް އަނެއް ފަރާތަށް އެނބުރި ހަށަން ބަދެލިއިރު އޭނަ ހުރީ އިއްބާނުމެންގެ ހުޅަނގުގެ މިފަދަ ކަމަކަށް ތަބާވީމަ އިންތިހާއަށް ފޫހިވެފައެވެ. މި ނުބައި އާދަތައް ދެން ދޫކޮށްލަންވެއްޖެ ނޫންހެއްޔެވެ؟
އިއްބާނު މިޝެލިން އާއި ދިމާލަށް ދިއްކޮށްލި އަތް ތިރިކޮށްލާފައި އަތް މުށްކަވައިލި ގޮތަށް ކުޑަކޮށް އެނބުރި ބަލައިލި އިރު އޭނަގެ މަންމަ ކަންބޮޑުވުމުގެ ނަޒަރަކުން ބަލަހައްޓައިގެން ހުރިތަން ފެނުނެވެ. އެހެންމީހުންނަށް ބަލައިލާނެ ހިތްވަރެއް އޭނަގެ ނެތެވެ. މިޝެލިން އާއިލާގެ އެތައް ބަޔެއްގެ ކުރިމަތީގައި މިގޮތަށް އޭނަ ގެ އަގު ވައްޓާލަފާނެ ކަމަކަށް އޭނަ ހިޔެއްނުކުރެއެވެ. އެންމެނަށް މިޝެލިން އޭނައަށް ގަދަރުނުކުރާވަރާއި، އިހުތިރާމް ނުކުރާވަރު ހާމަވެގެން ދިޔައީއެވެ.
އިއްބާނު ހިތުގައި ޖެހުނު ވަރުން ފެންކަޅިވިއެވެ. މަންމަ ގެ ސުވާލު ކުރިމަތިވެދާނެތީ ވަގުތުން ޕާޓީ ދޫކޮށްލާފައި ދާން ހިނގައިގަތެވެ. އެލީސާ ވެސް އިއްބާނުގެ ފަހަތުން ދިޔައިރު އިއްބާނު އިނީ ގޭގެ ފަހަތުގައިވާ ތަންކޮޅެއް އަނދިރި ހިސާބެއްގައިވާ ބެންޗެއްގައި އިށީދެލައިގެންނެވެ. ފަނޑުއަލީގެ ތެރެއިންވެސް އިއްބާނު ނޭފަތް ދަމާލިގޮތުން އޭނަގެ ދަރިފުޅު ރޮނީކަން ޔަގީންވިއެވެ. އެލީސާ މަޑުމަޑުން ގޮސް އިއްބާނުގެ ކޮނޑުގައި އަތް ޖައްސައިލި އެވެ. އިއްބާނު އެނބުރި ބަލައިލި އިރު އޭނަ އިނީ ފެންކަޅިވެފައެވެ. އިއްބާނުއަށް އެތަނަށް އައީ މަންމަކަން އެނގުމުން ކުޑަކޮށް ހީލާފައި އެއްޗެކޭ ބުނަން އުޅެލާފައިވެސް އަޑު ކުރެހުނެވެ. އެއާއިއެކު ލޮލުގައިވާ ކަރުނަތައް އެސްފިޔަތައް ފޫދުއްވާލާފައި އޮހިގަތެވެ. އެލީސާއަށް އަނގަމަތީގައި އަތް އެޅުނެވެ. ޝޮކެއް ލިބުނެވެ. ދަރިފުޅުގެ ހާލު ފެނުމުން އެލީސާގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ އޮހިގަތެވެ. ފުރަތަމަ ފަހަރަށް އެލީސާއަށް އޭނަގެ ދަރިފުޅު ކުރާ ހިތާމަ އިހުސާސް ކުރެވި ހިތް ކުދި ކުދިވާގޮތްވިއެވެ.
އެލީސާ ވަށައިގެން ހޯދާފައި ބަލައިލި އިރު ތަންކޮޅެއް ދުރުން މިޝެލިން ހިގާލާފައި އަންނަތަން ފެނުނެވެ. އޭނަ އައީ އިއްބާނު އާއި ބައްދަލު ކުރަންހެން ހީވެގެން އެލީސާ ގޭގެ ފަހަތު ދޮރުން ވަދެގެން އަނެއްކާ ޕާޓީ އާއި ބައިވެރިވާން ދިޔައީ މިޝެލިންއަށް ފުރުސަތު ދޭންވެގެންނެވެ. ދެކުދިންގެ ދޭތެރޭގައި ހަމަނުޖެހުމެއް އޮތިއްޔާ ހައްލު ކުރެވޭނީ އެކުދިން ވާހަކަ ދައްކައިގެންނެވެ. އެލީސާ ޓިޝޫއަކުން ކަރުނަ ފޮހެލާފައި ބަގީޗާއަށް ދިޔައިރު އަނެއްކާ މިޝެލިން މިލީނާ އާއި ހީހީފައި ވާހަކަދައްކަން ހުރިތަން ފެނުމުން ހައިރާންވިއެވެ. މިޝެލިންއަކީ ކޮންކަހަލަ ކުއްޖެއް ހެއްޔެވެ؟ ހީހީފައި އެއުޅޭ ގޮތަކުންވެސް އެލީސާ ވީ ފޫއްސެވެ. ހިތުގައިވާ ލޯބި ވަގުތުން ފަނޑުވިއެވެ. ނުބައި ކުއްޖެކެވެ.
މިޝެލިންއަށް މަޖުބޫރުވެގެން މިލީނާ ގާތަށް އަޔަސް އޭނަގެ ހިތްވެސް ވަނީ ނުތަނަވަސްވެފައެވެ. އޭނަގެ ހިތް ބުނަނީ ކޮންމެވެސް ކަންތައްގަނޑެއް ހިގައިފިކަމެވެ. އެލީސާގެ މޫނުމަތީގައި މިހާރުވަނީ ދެއްކުންތެރި ހިނިތުންވުމެކެވެ. މިޝެލިންއަށް ބަލައިލީ ފިނި ނަޒަރަކުންނެވެ. އޭނަގެ ސަބަބުން މިރޭގެ ޕާޓީވެސް ޚަރާބުވީ ކަންނޭގެއެވެ. މިޝެލިން ގެ ހިތް ހިތާމައިން ކުދިކުދިވިޔަސް އޭނަ އާދައިގެމަތިން އުޅުނީ އުފާވެރިކޮށެވެ. މަޖާވެލާފައެވެ. އޭނަގެ ހިތުގެ ހާލަތެއް އެހެން މީހަކަށް އޮޅުމެއް ނުފިލައެވެ.
ޔީވާ އާދައިގެ މަތިން އެންމެންގެ ހަރަކާތްތަކަށް ބަލަން ހުރިއިރު ކިތަންމެ ކަމެއް ދެނެގެންފިއެވެ. މިހުރާން އާއި މިލީނާގެ ގުޅުން ރަނގަޅު ނޫންކަން ވިސްނުމާއިއެކު ޔީވާގެ ހިތުގައި އުފާވެރިކަމުގެ ރާޅެއް ޖަހައިލިއެވެ. މިހުރާންގެ ސްމާޓްކަމުން ޔީވާގެ ހިތް ފިނިކުރުވިއެވެ. އެއީވެސް ޔީވާގެ ހިތްކިޔާ ފިރިހެނުންގެ ލިސްޓުގެ ކުރީގައިވާ ޒުވާނެކެވެ. އެއޮތް ލާނެތްކަމަކުންވެސް ހިތްތައް އަތުލައިގަންނާނެއެވެ. އިއްބާނު ކާމިޔާބު ނުވެއްޖެއްޔާ މިހުރާން އަތުލަން ޔީވާ ހިތާހިތުން ވަޢުދުވިއެވެ.
މިލީނާ ހެދުނު ކާކޮޓަރިއަށް ދިޔައިރު މޭޒުމަތީގައި ނާސްތާ ހުރީ ތައްޔާރަށެވެ. އިރުކޮޅަކުން އެންމެން މޭޒުދޮށަށް ޖަމާވާނެއެވެ. އެންމެ ކުރިން އާދެވުނީ އޭނައާއި މާމަ ޒަހާރާ އަށެވެ. މިލީނާ ތަށްޓެއްގެ މަތި ހިއްލައިލުމުން ބިސްގަނޑުގެ ވަސް ދުވުމުން ކުއްލިއަކަށް އޯކަށް ދަމައިގަތުމުން ޒަހާރާ ދެލޯބޮޑުކޮށްލައިގެން އިރުކޮޅެއްވާންދެން ހުރެފައި ފުޅާކޮށް ހިނިތުންވެލަމުން މިލީނާ މޭގައި ޖައްސާލިއެވެ.
"ދަރިފުޅު ޕްރެގްތަ؟ ސީދަލަށް މާމަ ގާތުގައި ބުނޭ..." ޒަހާރާ އެހާ ލޯބިން އަހައިލުމުން މިލީނާއަށް ދޮގުހަދާކަށް ނުކެރުނެވެ. އޭނަ މާލެ އައިގޮތަށް ސިއްރުން ކިޓެއް ގަނެލައިގެން ޓެސްޓް ކުރިއިރު މިފަހަރު ރަތް ދެ ރޮނގު އިނެވެ. އެހެންނޫނަސް މިލީނާއަށް އެރޭވެސް އެކަން އިހުސާސް ކުރެވުނެވެ. މިލީނާ އިތުރު އެއްޗެކޭ ބުނަން އުޅެނިކޮށް މިހުރާން އާއި އިއްބާނު ކޮންމެވެސް ވާހަކައެއް ދައްކާފައި ހެމުން ކާކޮޓަރިއަށް ވަނެވެ. އޭރު ޒަހާރާ ހުރީ ހިނިއައިސް ހަލާކުވެފައެވެ. މިލީނާ ބިރުން މޭގަނޑު އަގަޔަށް ނައީ ކިރިޔާއެވެ. މިލީނާ މާމަ ގާތުގައި އެވާހަކަ ސިއްރުކުރަން ބުނަން އެދުނެވެ. މިލީނާ އޭނަގެ މާމައަށް ގޮވައިލަން އުޅެނިކޮށް އެންމެން މަޑުމަޑުން އައިސް ގޮނޑިތައް ފުރައިލިއެވެ. މިލީނާގެ ރީތި ދެލޯ ބޭގަރާރު ކަމާއިއެކު މާމަގެ ލޮލާއި ލޯ ސީދާވޭތޯ ބެލިއެވެ. ހިމޭންކަމުގެ މެސެޖެއް ދޭން މަސައްކަތްކުރިއެވެ. އެކި ވާހަކަތައް ދެކެވެމުން ދަނިކޮށް ކުއްލިއަކަށް މާމަ މިލީނާ އާއި ދިމާލަށް ބަލާލައިފިއެވެ.
"އަހަރެމެންނަށް މުނިމާމަ ކުއްޖެއް ލިބެން އުޅޭކަން އެނގެނީ ކިތައް ކުދިންނަށްތަ؟ މާމައަށް ސިއްރުކުރަން ޖެހޭތަ؟ މިލީ މާމަ ގާތުގައި ނުބުނިނަމަ މާމަ ހުރީހީ އޮޅުމެއްގެ ތެރޭގައި...... މަރުހަބާ ދެކުދިން...." ޒަހާރާ ދަނޑިވަޅުބަލާފައި އެވާހަކަ އިއްވާލިގޮތަކުން މިލީނާއަށް ހީވީ ދުނިޔެ ކުނޑިކުނޑިވެގެން ފައިބައިގަތްހެންނެވެ.
އެންމެން މިހުރާން އާއި މިލީނާއަށް މަރުހަބާ ކިޔަން ފެށިއިރު މިހުރާން އިނީ ކެއުން ހުއްޓާލާފައި މިލީނާއަށް ނުރުހުމުގެ ނަޒަރަކުން ބަލަހައްޓައިގެންނެވެ.
"ދަރިފުޅު މަންމަ ގާތުގައި ނުބުނަމެއްނު......" އެލީސާ މިހުރާން އާއި ޝަކުވާކުރިއެވެ.
"މަންމާ، ޝީ ޑިޑްންޓް އިވެން ޓެލް މީ...." މިހުރާން ކުއްލި އަކަށް ތެދުވެ އަތް ހޫރުވާލި ގޮތުން އެތައް ތަށިތަކެއް ބަންޑުންވެ ކުޑަ ޒަލްޒަލާއެއް މޭޒަށް ގެނުވައިފިއެވެ. އިއްބާނުގެ ގަމީހަށާއި އެކީގައި ޖޫސްތަށި ބަންޑުންވުމުން އޭނަވެސް ސަލާމަތްވާން ތެދުވުނެވެ. ބިއްލޫރުތަށިތައް ތެޅިގަތް ތޫނު އަޑާއިއެކު މިލީނާއަށް ރޮވި، މޫނުގައި އަތްއެޅިއްޖެއެވެ. ޒަހާރާ އިނީ ގަނޑުވެފައެވެ. މޭޒުގައިވާ އެންމެން ބިރުން ސިހުނު ވަގުތުކޮޅެކެވެ. އެލީސާ އިނީ ހިފަހައްޓާލައިގެންނެވެ. އޭނަގެ ދަރިފުޅު މިހުރާންގެ މި ރުޅިގަދަ މިޒާޖު މިދައްކާލީ އެތައް ޒަމާނެއް ފަހުންނެވެ. އެހެން ވިޔަނުދޭން އެމީހުން ނުކުރާކަށް މަސައްކަތެއްނެތެވެ.
"ކާމް ޑައުން ދަރިފުޅާ، އަދި ރެން ރުޅިއަންނަ ވަރުގެ ކަމެއް ނުވެއެއްނު......." ހައިތަމް ގެ އަޑުގައި ހަރުކަށި ކަމާއި އެއްވަރަށް އޯގާތެރިކަން ވެސް ހުއްޓެވެ.
މިހުރާން އިތުރު އެއްޗެކޭ ނުބުނެ ދަތްކުނޑި ވިކާލައިގެން ހުރެ ކާކޮޓަރިން ނިކުމެގެން ދިޔުމުން އެލީސާ ތެދުވެގެންގޮސް މިލީނާގެ ހަށިގަނޑުގައި އަތްވަށާލިއެވެ.
"ދަރިފުޅާ، އަދި ރެން ގާތުގައިވެސް ނުބުނަނީދޯ، މާމަގެ ފަރާތުން އެގުނީމަ ކަންނޭގޭ ރެން އެހާ ރުޅިގަދަވީ، އެކަމަކު ރެން ދަރިފުޅަށް އަނިޔާއެއް ނުކުރާނެކަން މަންމައަށް ޔަގީން، އޭނަ އިރުކޮޅަކުން ރުޅި ފިނިވެދާނެ، މަންމަ ގެ ކުށުން ރެންއަށް އެހެން އެވީ، ރެން ތުއްތުއިރު މަންމަ ރެން ދޫކޮށްލާފައި ދުރަށް ދިޔައިމަ ވަރަށް ސަކަރާތްވި..........." އެލީސާ ކިތަންމެ ވަރަކަށް ވާހަކަ ދެއްކިޔަސް މިލީނާގެ ހިތަށް ހަމަޖެހުމެއް ލިބޭނެގޮތެއް ނެތެވެ. މިހުރާން ރުޅިއައީ މަންމަމެން ހީކުރިފަދައިން އާދައިގެ ކަމަކާއެއް ނޫނެވެ. މިހުރާން އެކަމުގެ ބަދަލުހިފައިލާނެ ގޮތެއް މިލީނާގެ ޚިޔާލަކަށްވެސް ނުގެނެވުނެވެ. އޭނަގެ ބައްޕައަށްވެސް ބަލައިނުލާ ތަށިތައް ބުރުއްސާލާނީ ކިހާ ރުޅިގަދަވީމަހެއްޔެވެ؟ މިހުރާން އެކަނިވެއްޖެއްޔާ އޭނަ ނޮޅާލަން ފަހެއް ނުޖެހޭނެއެވެ. އޭނަ ދާނީ ގެއަށެވެ.
މިލީނާ ފެންޑާއަށް ނިކުތްތަނާ މިހުރާން ދަބަސްތައް ދަމަމުން އައިސް މިލީނާގެ ގާތުގައި އަންނާން ބުނުމުން މިލީނާ ވަގުތުން އިންކާރުކުރަން ބޭނުންވިއެވެ. އެމީހުން މާލެއައީ އެލީސާގެ އުފަންދުވަހަށެވެ. އެކަމަކު އެންމެ ދެ ދުވަސްކޮށްލާފައި ފުރަން މިލީނާ ބޭނުމެއްނޫނެވެ. އެހެންނޫނަސް ހެނދުނު މޭޒުދޮށުގައި ހިނގި ހާދިސާއަށްފަހު މިހުރާންއަކަށް އިތުބާރެއް ނުކުރެވެއެވެ. ހިމޭންކަމުގެ ފަހަތުގައި އުތުރިއަރަމުން އަންނަ ތޫފާންތައް މިލީނާއަށް އިހުސާސްކުރެވި ހިތް ބިރުގަނެއްޖެއެވެ. ޔޫކޭއަށް ދިޔުމަށްފަހު މިހުރާންގެ އަނިޔާ އަކުން އޭނަ ސަލާމަތް ކޮށްދޭން އަންނާނެ އެކަކުވެސް ނެތެވެ. މިހުރާން ވާހަކަ ދެއްކީ ރީތިކޮށެވެ. އޭނަ ހެދުނު އެހާ ގަދަޔަށް ރުޅިއައީ އޭނައަށް ސިއްރުކޮށްގެން މިލީނާ ހުރީމަކަމަށާއި، އެކްސިޑެންޓެއް ހިގުމަކީ އޭނަގެ ކުށެއްކަމަށްވެސް ގަބޫލުކުރާކަމަށް ބުނެލިއެވެ. މިހުރާން އޭނަ ގޮވައިގެން ރެޑްފްލޭމަށް ގޮސްފައި މަންމަމެންނާއި ސަލާމް ކުރުވިއެވެ. މިލީނާ މަންމަގެ ގައިގައި ބައްދައިލި ގޮތަށް ރޮވުނީއެވެ. ނަމަވެސް މިހުރާން އާއި އެކީގައި ނުގޮސް މަޑުކުރާކަށް މިލީނާއަށް ދައްކާނެ ބަހަނާއެއްނެތެވެ. އެންމެންވެސް ގަބޫލުކުރާނީ މިހުރާން ގެ ވާހަކަތަކެވެ. މަތިންދާބޯޓަށް އެރުމަށްފަހު މިހުރާން ގިނަވަގުތު ހޭދަކުރީ ރަޖާގަނޑުގެ ދަށުގައި ނިދުމުގައެވެ. މިލީނާ ކިތަންމެ ވަރަކަށް ފިލައިގެން ދާން ބޭނުންވިޔަސް އެކަމެއް ނުކުރެވުނެވެ.
މިލީނާ ކާރުން ފޭބިއެވެ. ހުރިހާ ގަސްތަކެއްގެ ފަތްތައް މުޅިން ފައިބާ ހުސް ގޮފިތަކަށްވެފައިވާއިރު އެއްވެސް ދިރުމެއްނެތެވެ. އެކަމަކު ދެން ކޮންމެ ވަގުތެއްގައިވެސް ގަނޑުފެން ފައިބަން ފަށާފާނެކަން ނޭގެއެވެ. ހުރިހާ ތަނެއް ގަނޑުފެނުން ހުދުކޮށްލާ ޕޯސްޓްކާޑެއްހެން ހަދާލާނެއެވެ. އެދުވަހަށް އިންތިޒާރުކޮށްކޮށް މިލީނާގެ ކެތްތެރިކަން ކޮޅުން ލަނީއެވެ. މިލީނާ ގެއަށް ވަންގޮތަށް އުޅެގަތީ ހީޓަރު ޖެއްސުމުގައެވެ. މިހުރާން އެހާ ރީތިކޮށް ވާހަކަ ދައްކާތީ މިލީނާ ހުރީ އިންތިހާއަށް އުފާވެފައެވެ. އެހާ ކުއްލި ގަދަ ރުޅިގަނޑެއް ހިލުވާލާފައި އޭނަގެ މަންމަ ބުނި ފަދައިން އެހެރީ މައިތިރިވެފައެވެ. އޭނަ މަންމަ އާއި ބައްޕައަށް ގުޅާފައި މާފަށްވެސް އެދުނެވެ.
މިލީނާ ހެނދުނު ތެދުވެގެން އުޅެފައި ވަރުބަލިވާގޮތްވުމުން އަނެއްކާ އެނދުގައި އޮށޯތެވެ. މިހުރާން ކޮޓަރީގެ ދޮރު ހުޅުވައިލުމުން މިލީނާ އެނދުގެ މަގަތަށް އެނބުރުނެވެ.
"މިލީ، އަހަރެމެންނަށް ހަމަޖެހިގެން އުޅެވޭނީ ކުރިންވެސް ބުނިހެން މިލީ އަހަރެން ބުނާގޮތަށް ހަދައިގެން، އެކްސިޑެންޓަކުން އެގޮތަށް ހިގިޔަސް އަދި އަހަރެން ބޭނުމެއްނޫން ބޭބީ އެއް ހޯދާކަށް، އެހެންވީމަ ބޮޑާ ނަހާކާ މި ބޭސްގުޅަ ކާލާ، ފޯރ މީ ޕްލީސް........" މިހުރާން ބޭސް ކަރުދާހުން ގުޅައެއް ވަކިކޮށްލާފައި ދިއްކޮށްލިއެވެ. މިލީނާ ކުއްލިއަކަށް އެނދުން ތެދުވުނު އިރު އެ ދެލޯ ބޮޑުވެ، އަނގައިގައި އަތްއެޅިއްޖެއެވެ.
"މިލީ....." މިހުރާން މިލީނާގެ އަތުގައި ހިފަހައްޓަން އުޅުމުން ނޫނެކޭ ކިޔާފައި ތެދުވެގެން ދުއްވައިގަންނަން އުޅުނެވެ. މިހުރާން މިލީނާގެ އަތުގައި ހިފައިގެންގޮސް ސޯފާގައި އިށީދެ މިލީނާ އުނގުގައި ހިފެހެއްޓި ގޮތަކުން ގުޑުވައެއް ނުލެވުނެވެ.
"އެންމެ ފަހު ފަހަރަށް މިބުނީ ޓޭކް ދިސް، ނޫނީ ހަޑިކޮށް އުޅެންޏާ އަހަރެންގެ އަތުން މަރުވާނެ އިނގޭ......" މިހުރާން މިލީނާގެ މޫނަށް ފައިބައިގަތް އިސްތަށިގަނޑު އަތުން ރީތިކޮށްލި އިރު މިލީނާގެ މޫނު ދަލުން ފެންވެރިއްޖެއެވެ. ހާސްވެގެން ގޮސް ހައްޔަރުވެފައިވާ ކުޑަ ދޫންޏެއްފަދައިން އޭނަ ސަލާމަތްވާން ތެޅިފޮޅުނެވެ. ރޮއިފާ އާދޭސްކުރަން ފެށިއެވެ. މިހުރާން ދަރިފުޅު ބޭނުން ނެތިއްޔާ އޭނަ މާދުރަށް ގޮސްދާނެ ކަމަށާއި މިހުރާން އަށް އޭރުން ގެއްލުމެއް ނުވާނެ ކަމުގައި ބުންޏެވެ. އެކަމަކު މިހުރާން އެއިން އެއްވެސް ވާހަކައެއް އަޑުއަހާގޮތެއް ނުވިއެވެ. މިލީނާ ބުނާގޮތަށް ނެހެދުމުން އަނގަޔަށް ފިތައިގަތްގަތީނުން އަނގަވެސް ހުޅުވާލައިފާ ބޭސްގުޅަ އަނގަޔަށް ލައްވާފައި އަނގަމަތީގައި އަތްއެޅިއެވެ. މިލީނާގެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތަކުން މިހުރާންގެ އަތް ތެންމަމުން ދިޔައެވެ.
"އަނިޔާއެއްވީމަ ބުނާނެ އަނިޔާކުރީއޭ، ހިތް ފުރެންދެން ރޮއިބަލަ، މަގޭވެސް ދަރިއެކޭ، އަހަރެން ބޭނުން ނުވަންޏާ މިލީއަކަށްވެސް ނުކެރޭނެ މަގޭ ދަރިއަކު ދުނިޔެއަށް ގެންނާކަށް......." މިހުރާން ސޯފާގައި ހަމަޖެހިލައިގެން ލެނގިލައިގެން އިންއިރުވެސް އޭނަ މިލީނާގެ އަނގައިން ދޫކޮށެއްނުލައެވެ. މިލީނާ އިނީ ބޭސްގުޅަ ދިރުވައިނުލަންވެގެންނެވެ. އެކަމަކު އެ ބޭސްގުޅަ މަޑުމަޑުން އަނގަޔަށް ވިރެމުންދާކަން އެނގި ވަކިން ބޮޑަށް ބިރުގަތެވެ. މިހުރާންގެ ބޭނުމަކީ އެއީއެވެ. އެބޭހުގެ އަސަރު އެންމެ ރަނގަޅަށް ކުރާނީ އެގޮތަށް ތިރީހަކަށް މިނިޓްވާންދެން އަނގަޔަށް ވިރައިގެން ދިރުވާލުމުންކަމަށް އޭނަގެ އެކުވެރި ޑޮކްޓަރު ވަނީ ބުނެފައެވެ.
މިލީނާ މިހުރާން މަތިން ފޫހިވިއެވެ. މިއަދަށްފަހު އޭނަ މިހުރާން އާއި އެއްވެސް ގުޅުމެއް ނުބާއްވާނެއެވެ. މަންމަގާތު ހުރިހާ ވާހަކައެއް ކިޔާދީފައި އޭނަ ވަރިވެގެން ދުރަށް ދާނީއެވެ. އޭނަ އާއި ދޭތެރޭގައި މިހާ ނިކަމެތިކޮށް ކަންތައް ކުރުމުގެ އެއްވެސް ހައްގެއް މިހުރާން އަކަށް ނުދެއެވެ. މިހުރިހާ ދުވަހު މިހުރާން ގެ ފަރާތުން މިހާ ބޮޑު އަނިޔާއެއް ނުލިބެއެވެ. ކުރިކަމެއް ވެއްޖެއްޔާ ސަމާސާ ވެސް ހިމެނޭގޮތަށް ޖަހައިލި ސަކަރާތްތަކެވެ. އެކަމަކު މިއަދު މިހުރާން އެހެން އަންހެނަކަށްޓަކައި އޭނަގެ ދިރިއުޅުން ނަރަކައަކަށް ހަދާ، އޭނަގެ އުފާތައް ފޭރިގަނެ މި ޖެއްސީ ކޮންފަދަ ހާލެއްގައި ހެއްޔެވެ؟ މިލީނާ ރޮއިރޮއި ވަރުބަލިވެގެން އެންމެ ފަހުން އަނގައިގާ ގިނަވި ބޭސްތައް ދިރުވާލެވިއްޖެއެވެ.
"ގުޑް ގާލް....ތޭންކްސް..." މިހުރާން މިލީނާގެ އަނގަމަތިން އަތްނަގާފައި ތެދުވެ ހިންދެމިލި އިރު ކާމިޔާބު ހިނިތުންވުމެއް އެ ތުންފަތުގައިވިއެވެ. އެވަގުތު މިލީނާގެ ރީތި ދެލޮލުން ފުރަތަމަ ފަހަރަށް މިހުރާންއަށް ރުޅިއާއި ފޫހިވިކަމުގެ އަސަރު ފެނުނެވެ. އެ ރީތި ދެލޮލުގައި ވި ކަރުނަތަކުގެ ތެރެއިން ޝަކުވާވެސް ފެނުނެވެ. މިލީނާ އެނދަށް ވެއްޓިގަތް ގޮތަށް ބާލީހުގައި މޫނު ޖެހުމުން މިހުރާންއަށް ބަލަހައްޓައިގެން ހުރެވުނެވެ. އޭނަގެ އެކުވެރިޔާ ބުނިގޮތުން އެ ބޭހުގެ ނުގުޅޭ އަސަރުތައް ކުޑަވާނެއެވެ. އޭނަ އެދުނީ އިތުރުކަމެއް ދިމާވެއްޖެއްޔާ ގުޅައިލުމަށެވެ. ބޭސްގުޅަ ކެއުމަށްފަހު އާއްމުކޮށް ތިރީސް މިނިޓާއި ދިހަގަޑިއިރާއި ދޭތެރޭގައި އެކަމުގެ އަސަރު ފެންނަން ފަށާފާނެ ކަމަށްވެސް އޭނަވަނީ ބުނެދީފައެވެ. މިހުރާން ފޯނުން ޓްވިޓަރަށް ވަދެގެން އިންއިރު އިރުއިރުކޮޅާ މިލީނާއަށް ބަލައިލެވެއެވެ.