މަންމަ އެއްގޮތަކަށް ވެސް ގަބޫލެއް ނުވާނެ އެވެ. މިޝެލިންއަށް އެވަރު ނޭގުނީ ހެއްޔެވެ؟ ހާދަ މޮޔަކުއްޖެކެވެ.
މިލީނާ ބިރުން ހުރެ ބުނީ މަންމައަށް އެނގިއްޖެއްޔާ ރުޅި އަންނާނެ ކަމަށާއި އިއްބާނު އާއި ވާހަކަ ނުދެއްކުމަށެވެ. އެކަމަކު މިޝެލިން ބޭނުންވީ އެހެން ކުދިން ފަދައިން ތަހުޛީބު ވުމަށެވެ. ފިރިހެން އެކުވެރިއެއް ހުރުމުން ވާނެ ގެއްލުމެއް ނެތެވެ.
ރަށުގައި ކިޔެވި އިރު ސްކޫލްގައި މިލީނާ އާއި މިޝެލިން ނަންވެފައި ވަނީ ފޮނިކުދިންގެ ގޮތުގައެވެ. ސޯފިޔާގެ ސަބަބުން އެކުދިން ފިރިހެންކުއްޖަކާއި ދިމާލަށް ބަލައިލަންވެސް ބިރުގަނެއެވެ. އެކުވެރި ވެވެނީ ސޯފިޔާގެ ރުހުން ލިބިފައިވާ އަންހެންކުދިންނާއި އެވެ. އެވެސް ގުނާލެވޭ މަދު ކުއްޖެކެވެ. ނަމަވެސް މިއަދު ކޮލެޖަށް އައުމުން ހަގީގަތުގައި މިލީނާމެންނަށް ފެނުނީ ތަފާތު މާހައުލެކެވެ. އެކުދިންނަށް ފޮނިވެވޭނީ ކިހިނެއް ހެއްޔެވެ؟ މާ ގަދަކޮށްލާފައި އުޅޭ ސްޓައިލިޝް އަންހެން ކުދިންނާއި، ތަފާތު ވައްތަރުގެ ރީތި ފިރިހެންކުދިންގެ ސަބަބުން އެކުދިންނަށް ފޮނިކޮށްލާފައި އުޅޭނެ ޖާގައެއް ނުލިބުނެވެ. ބަދަލަށް ބޭނުންވެފައި ތިބި މިލީނާ އާއި މިޝެލިން އެކުވެރިން ހޯދަން ބޭނުންވިޔަސް އެފަދަ ހިތްވަރެއް ނުކުރެވުނެވެ.
އިއްބާނު ކޮޓަރިއަށް ވަދެ ހެޑްސެޓްއަޅައިގެން ލަވަ އަޑުއަހަން އޮތްއިރު މެރިފައިވާ އެސްފިޔަތަކުގެ ތެރެއިން ފެނުނީ މިޝެލިންގެ ރީތި ސޫރައެވެ. އެތައް އިރެއްވާންދެން އެހެން އޮވެފައި ދެލޯ ހުޅުވާލި އިރު ކޮޓަރި ތެރެއަށް ވެރިވެފައި ވަނީ ކަނު އަނދިރި ކަމެވެ. އޭނަ ކަންނެތްވެފައި އޮތްވާ އިރުއޮއްސުނީ ކަންނޭގެ އެވެ. ތެދުވާ ހިތެއްނުވިއެވެ. ބޮކި ދިއްލާލާކަށްވެސް ބޭނުމެއް ނުވިއެވެ. ހެޑްސެޓް ނައްޓައިލުމުން ވާރޭގެ ތިކިތިތައް ކަންނެތް ގޮތަކަށް ފުރާޅުމަތީގައި ޖެހެމުންދާ އަޑު އިއްބާނުގެ ކަންފަތުގައި ހަރުލުމުން ކަންފަތަށް އަރާމުވިއެވެ. ވާރޭ ވެހުނަސް އޭނައަށް ފިނީގެ އަސަރެއް ނުކުރިއެވެ. ހީވީ އުދާސްވެފައި ވާހެންނެވެ. ލައިގެން ހުރި ޓީޝާޓް ބޭލުމަށްފަހު އިއްބާނު ރެޑްބުލް ދަޅެއް ބޯލައިގެން އެތެރެހަށީގައި އުފެދިފައިވާ އަލިފާން މައިތިރި ކުރަން މަސައްކަތް ކުރިއެވެ. އެންމެ ފަހުން ފެންވަރާލުމަށްފަހު އިއްބާނު އޭނަ ކޮޓަރި ތެރޭގައި ދެކޮޅަށް ހިގަންފެށިއެވެ. މިޝެލިން ހިތް އަތުލަން ހަދަންވީ ކިހިނެއް ބާވައެވެ. އަންހެންކުދިންނަށް އެންމެ ކަމުދާނީ ކޮންކަހަލަ ހަދިޔާއެއް ބާވައެވެ. ޝޮޕިން މޯލް އަކަށް ދާނީއެވެ. އިއްބާނު ވިސްނަމުން ދިޔައީ ގަހަނާ ތަކާއި، ފިނިފެންމަލާއި، ފޮތްފަދަ އެއްޗިއްސާއި މެދުގައެވެ. މިޝެލިން ގެ ޚިޔާލުގައި ހުރެ އޭނަ ބައިވަރު އެއްޗެހި ގަނެލިއެވެ.
އިއްބާނު އެ ހަނި ގޯޅިގަނޑާއި އަރާހަމަވިއިރު އެހިސާބުގައި ކަރަންޓު ނެތެވެ. ކަޅުފޮއި ރެއަކަށްވާތީ އަނދިރިކަމުން ހީވަނީ ކަށްވަޅުހެންނެވެ. އިއްބާނު ދެއަތުން ދެކޮތަޅު ހިފާލާފައި ކޮޓަރި އާއި ދިމާލަށް ދަނިކޮށް މިޝެލިންމެންގެ ގޭގެ ކުޑަދޮރު ހުޅުވާލާފައި ހުރިތަން ފެނުމުން އެތެރެއަށް ބަލައިލެވުނީ ބޭ އިޚުތިޔާރުގައެވެ. މިޝެލިން އިނީ މޭޒުމަތީގައިވާ އުށްބައްތި ކައިރީގައި އިށީދެލައިގެންނެވެ. އުށްބައްތީގެ އޮރެންޖް އަލި އެ ދޮން މޫނަށް އެޅިފައިވާއިރު ހީވަނީ ސިހުރެއް ހެންނެވެ. ރަތް ޗެރީއެއްފަދަ ތުންކޮޅުގައި ދަތްއަޅާލައިގެން ހުވަފެނީ ގޮތަކަށް އުށްބައްތި އާއި ދިމާލަށް ބަލަހައްޓައިގެން އިންއިރު، އެ ބުޅި އިސްތަށިގަނޑު އޮތީ ތަރުތީބެއްނެތި ވިހުރުވާލާފައެވެ. އިއްބާނުގެ ހިތަށް އާދަޔާ ޚިލާފު ގޮތެއްވިއެވެ.
"ހޭއި..." އިއްބާނު އަށް މިޝެލިން އެކަނި ކަން އެނގުމުން އަތުން އިޝާރާތް ކޮށްލީ އައުމަށެވެ. މިޝެލިން ހައިރާން ކަމާއި އެކު ބަލައިލުމާއި އެކު ދާދި ފަސޭހަކޮށް ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.
"މަންމަ ނަމާދު ކުރަން ހުރީ....." މިޝެލިން ވައިއަޑަކުން ބުނެލިއެވެ.
"މިއައީ ގިފްޓެއް ހިފައިގެން، ޝޮޕިން ކޮށްލަން ދިޔަތަނާ ވާހަކަތަކެއް ފެނުނީމަ ގަނެލީ...." އިއްބާނު ކޮތަޅެއް ދިއްކޮށްލުމުން މިޝެލިން ޖެހިލުންވެފައި ހުރެވެސް އަތުލިއެވެ. އެވަގުތު މިޝެލިންގެ އޮމާން އަތް އިއްބާނުގެ އަތުގައި ބީހިލި އެވެ. އިއްބާނުއަށް ހީވީ މިލިއަން ކަރަންޓު ރާޅުބާނިތަކެއް ހަށިގަނޑުގައި ދަތުރު ކޮށްލި ހެންނެވެ.
"ތެންކިއު.." މިޝެލިން އެހެން ބުނެލާފައި އަވަހަށް ދުއްވައިގަތީ ކޮޓަރި އާއި ދިމާލަށެވެ. އިއްބާނުއަށްވެސް ވަގުތުގެ ނާޒުކްކަން އެނގޭތީ މަޑުކޮށްނުލާ ދާން ހިނގައިގަތީ އެއް ފިޔަވަޅު ކުރިއަށް އެޅުނުކަމުގެ ހިތްހަމަޖެހުން ލިބިގަންނަމުންނެވެ. އޭނަ ހަމަ ނޭވާ ލާނީ މިޝެލިން ހާސިލުކޮށްފައެވެ. އުދަގުލުން ހޯދޭ އެއްޗެހިދެކެ ލޯބި ވެވޭލެއް ބޮޑުވާނެއެވެ. އަދި ދިގު އިންތިޒާރު ފޮނިވާނެކަން ޔަގީނެވެ.
މިޝެލިން ގެނެސްދިން ކޮތަޅު ފެނުމުން މިލީނާ ދެލޯބޮޑުވިއެވެ. "ޓްވައިލައިޓް" އަކީވެސް މިޝެލިން ކިޔާހިތްވާ ވާހަކައެކެވެ. ދެންވެސް ހުރީ ލޯބީގެ ވާހަކަ ފޮތްތަކެވެ.
"މަންމަ ރުޅި އަންނާނެ ސްޓޯރީ ކީމަ، ތިއީ އެޑަލްޓް އެއްޗެއް ނޫންތަ؟ ހުންނާނެ ކުޑަކުދިން ކިޔަން ނުޖެހޭފަދަ ބައިތައް......." މިލީނާ ހަނދާން ކޮށްދިނެވެ.
"ލައިކް ވޮޓް....." މިޝެލިން އަނގަ ވަށްކޮށްލާފައި ސަމާސާ ގޮތަކަށް ބުންޏެވެ.
"ބެޑްރޫމް ސީންތަކާއި އެއްޗެހި، މެރީޑް މީހުންނަށް އެކަނި އެބައިތައް އެނގެން ވާނީ، މެރީކޮށްގެން ކުރާ ކަންތައް ކުދިންނަށް އެނގިގެން ނުވާނެ، އެއީ ބޮޑެތި ވާހަކަތައް..." މިލީނާ ދެލޯބޮޑުކޮށްލާފައި ތަންކޮޅެއް މަޑުން ބުނެލީ ސިއްރެއްފަދައިންނެވެ.
"އަހަރެމެންވެސް ކޮންމެވެސް ދުވަހަކުން މެރީ ކުރާނެއްނު، ބޮޑުވާނެއްނު، ޑޯންވޮރީ ސިސް، މަންމައަށް ސިއްރުން ޓޮއިލެޓް ގައި އިނދެ މި ވާހަކަ ކިޔާނީ، ޔަގީން ސިސް ވެސް ކިޔަން ބޭނުންވާނެކަން، ވަރަށް ޓެމްޕްޓިން ދޯ، ގޫޒްބަމްޕް އެއްޗެހި ކިޔަކިޔާ ބޯރިން ކެރެކްޓަރސްއިންނަށް ވެފައި މިތިބީ، ވީ ނީޑް ޓު ޗޭންޖް...." މިޝެލިން ޓްވައިލައިޓް ފޮތުގެ ގަނޑުތައް އުކަމުން ދިޔައިރު ސަކަ ހިނިތުންވުމެއް ތުންފަތުގައި ވިއެވެ.
ކޮޓަރީގެ ތެރޭގައި ރަސްކަންކުރާ އެންމެ އުށްބައްތިއެއްގެ ހުޅުކޮޅު ނަށާލަ ނަށާލާ ހުރި އިރު ހީވަނީ ކޮންމެ ވަގުތަކުވެސް ނިވިދާނެ ހެންނެވެ. އުށްތައް ވިރެމުންދާއިރު މިޝެލިންއަށް އެ މަންޒަރު ނިކަން ރީއްޗެވެ. އުށްބައްތި ދެކެ މިހާރުއްސުރެ މިޝެލިން ވަނީ އަމަށަކު ލޯތްބެއްނޫނެވެ. ރޭގަނޑު ކަރަންޓު ދިޔައިމަ މިޝެލިން އެންމެ އުފާވަނީ އުށްބައްތިތަކާއި ކުޅެލުމުގެ ރަނުގެ ފުރުސަތު ލިބޭތީއެވެ. މިޝެލިން އުށްބައްތިގެ އަލީގައި ވާހަކަފޮތް ކިޔަން ފެށިއިރު އިނީ ކޮންމެ ވަގުތަކުވެސް މަންމަ ކޮޓަރީގެ ދޮރު ހުޅުވާލަފާނެތީ ނިކަން ވިސްނައިގެންނެވެ.
އެދުވަހުން ފެށިގެން މިލީނާ އާއި މިޝެލިން ސިއްރުން ބޮޑެތި މީހުންގެ ލޯބީގެ ވާހަކަތައް ކިޔަންފެށިއެވެ. އަދި މިޝެލިން އޭނަގެ މަންމައަށް ސިއްރުން އިއްބާނު އާއި ވާހަކަދައްކަން ފެށިއެވެ. ވާހަކަދެއްކޭނެ ފުރުސަތެއް ނުލިބިއްޖެއްޔާ މިޝެލިން ކުރާކަމަކީ މެސެޖް ކުރުމެވެ. މިޝެލިން އިއްބާނު ގާތުގައި ބުނީ މަންމަ މުއްސަދި ފިރިހެން ކުދިން ދެކެ ރުޅި އަންނަ ކަމުގައެވެ. މަންމަ ބޭނުމީ މިޝެލިން ދީންވެރި، ކިޔަވައިގެން ހުރި ކުއްޖަކާއި ގުޅުމަށެވެ. އިއްބާނު ދެއްކި ވާހަކަތަކުން މިޝެލިންއަށް ޔަގީންކުރެވިފައި ވަނީ އިއްބާނުއަކީ ފަގީރު، ނިކަމެތި ކުއްޖެއްކަމެވެ. ދީނަކާއި ބެހޭގޮތުން އިއްބާނު ވާހަކައެއް ނުދެއްކިއެވެ. އެކަމަކު އޭނައަކީ ފުދޭވަރަކަށް ކިޔަވައިގެން ހުރި ޒުވާނެއް ކަމަށާއި އިތުރަށް ކިޔަވަން ބޭނުންކަމަށް އިއްބާނު ބުންޏެވެ. މިޝެލިން ދެކުނީ އޭނަގެ މަންމަ ބުނި ޝަރުތުތައް ފުރިހަމަވެފައިވާ ކުއްޖެއްގެ ގޮތުގައެވެ.
ޕައިލެޓްކަން ކިޔެވުމަކީ އިއްބާނުގެ ހުވަފެނެއްނޫނެވެ. އޭނައަށް ކުރެވިދާނެ ކަމެއްކަމެއް ޔަގީނެއް ނޫނެވެ. އެކަމަކު މިޝެލިން އޭނަ ކައިވެނި ކުރާނީ ޕައިލެޓަކާއި ކަމަށް އިއްބާނު ގާތުގައި މަޖަލަކަށް ބުނިނަމަވެސް އިއްބާނު ނެގީ ސީރިޔަސް ކޮށެވެ. އިއްބާނު ގަސްތުކުރީ ކޮންމެ ގޮތެއް ހަދާފައިވެސް އެ ބުރަ އުފުލުމަށެވެ. މިޝެލިންއަށްޓަކައި ވިއްޔާ ކޮންމެ ފަދަ ގުރުބާނީއެއް ވާން ނުޖެހޭ ހެއްޔެވެ؟ މިޝެލިން ހާސިލު ކުރަން އޭނަ މިހިރީ ކޮންމެ ފަދަ ކަމެއްކުރަން ތައްޔާރަށެވެ. މިޝެލިން މައުސޫމްކޮށް ވާހަކަތައް ދައްކާއިރު އޭނަގެ ޅަ ވާހަކަތަކުން އިއްބާނުގެ ހިތާއި ކުޅެލެވުނީ ކިހާވަރަކަށް ކަމެއް ރޭކާވެސް ނުލިއެވެ. އެކަމަކު މިޝެލިންއަށް ވެސް ނޭގި ބަދަލުތަކެއް އައެވެ. މިޝެލިން ފުރަތަމަ ފަހަރަށް އޭނަގެ ސޫރަ އާއި މެދު ވިސްނަން ފެށިއެވެ. އެ ޅަހިތުގައި ޒުވާންކަމުގެ ވިންދު ޖަހަންފެށީކަން ނޭގެއެވެ. ހިތުގެތެރޭގައި ލޯބި މޯޅިއަކަށް ދެމިލައިފިއެވެ. މާލެއިން ޒުވާން ފިރިހެންކުދިން ފެނުމުން މިޝެލިންގެ ހިތުގައިވެސް އެހެން ކަހަލަ ޝުޢޫރުތައް އުފެދެން ފެށިއެވެ. ރީތިވެގެން ކޮލެޖަށް ދާހިތްވާން ފެށިއެވެ. އެހެން މީހުންގެ ފަރާތުން ތަޢުރީފުކުރާ އަޑުއަހާ ހިތްވާންފެށިއެވެ. ދެރައީ އިއްބާނުއަށް އެކަހަލަ ވާހަކައެއް ދައްކަން ނުކެރޭތީއެވެ. މިޝެލިންގެ ހިތް އެދެނީ އިއްބާނުވެސް ޓްވައިލައިޓްގައި އުޅޭ "އެޑްވަޑް" އަށް ވެގެން އޭނަދެކެ ލޯބިވުމެވެ. އެއީ ހާދަ ރީތި އިހުސާސްތަކަށް ވާނެއެވެ. ލޯބިވުމަކީ ކޮބާ ހެއްޔެވެ؟ އޭނަ އިއްބާނު ދެކެ ލޯބިވޭބާވައެވެ.
މިލީނާ އިޝާކޮށްލައިގެން، ޤުރުއާން ކިޔަވަން އިންއިރު މިޝެލިން އޮތީ އޮށޯވެލައިގެން ފޯނުން މެސެޖް ކުރުމުގައެވެ.
"ޝެލް، ނަމާދުނުކުރަނީތަ؟ ރޯދަމަހު ގޯސްކަންތައް ނުކުރާށޭ ބުނީމަވެސް ޝެލްގެ ކަންފަތް ބީރުވީމަ ނީވޭކަން ޔަގީން..." މިލީނާ އަށް އެންމެ ފަހުން ކެތްނުކުރެވިގެން ބުނެލައިފި އެވެ.
"ޗުއްޓީ....." މިޝެލިން ކުރުގޮތަކަށް ބުނެލިއެވެ.
"ބެންއަކަށް ނަމާދު ވާޖިބު ނޫންތަ؟" މިލީނާ ހައިރާންވިއެވެ.
"އޭނަ ބުނި ބަލިވެ އުޅޭތީ މިރޭ ޕްރެޔަރ އަށް ނުދެވުނީއޭ، ހިތަށް ތަދުވަނީއޭ، އަހަރެން ބުނިން އަހަރެންގެ ބައްޕައަކީ ޑޮކްޓަރެކޭ، އެކަމަކު އޭނަ ބޭނުމެއްނުވޭ ކޮންސަލްޓް ކުރާކަށް......" މިޝެލިން ސީރިޔަސްވިއެވެ. މިލީނާގެ ހިތުގައި ނޭގޭ ޒާތެއްގެ ހުޅުކޮޅެއް ރޯވެއްޖެއެވެ. އޭނަ ކޮއްކޮއަށް ވުރެ އުމުރުން ދޮށިއިރު އޭނަ އާއި މިގޮތަށް ވާހަކަދައްކާނެ ފިރިހެންކުއްޖަކު ނެތެވެ. އެންމެން ދެކެނީ އޭނައަކީ މިޝެލިންގެ ކޮއްކޮ ކަމުގައެވެ. އެންމެނަށް އޭނަ ފެންނަނީ ކުޑަކުއްޖެއްގެ ގޮތުގައި ހެއްޔެވެ؟ ހާދަ ދެރައެވެ. މިލީނާގެ ހިތަށް ތަދުވިއެވެ. ޤުރުއާން ކިޔަވަންއިން އިރު އެ ރީތި ލޮލުން ކަރުނަ ހިލިފައިވިއެވެ. އެކަމަކު އޭނަ އެވާހަކަ ދައްކާނީ ކާކު ގާތުގައި ހެއްޔެވެ؟ މިލީނާ ޅަކޮށް އުޅޭކަށް ބޭނުމެއް ނޫނެވެ. އޭނައަށްވެސް އަށާރަ އަހަރު ވަނީ އެވެ. އޭނަ ބޭނުމީ ބޮޑުމީހަކަށް ވެގެން އެ އުމުރުގެ އެހެންކުދިން އުޅޭގޮތަށް އުޅުމަށެވެ. އޭނަގެ އުފަންދުވަހުގެ ހަދިޔާއަކަށް ބައްޕަ ލެޕެއް ގެނެސްދެއްވާނެ ނަމައެވެ. އޭރުން އެހެންކުދިން ފަދައިން އެފްބީ އެޑެއް ހުޅުވިދާނެއެވެ.
މިލީނާ ޤުރުއާން ކިޔަވަން އިނަސް އޭނަގެ ސިކުނޑީގައި އެބުރެމުންދިޔައީ އެހެން ޚިޔާލުތަކެވެ. މިޝެލިން ފާޚާނާއަށް ވަނުމުން ފޯނު ހާވަން ހިތަށް އެރިއެވެ. އެކަމަކު މިލީނާއަށް ސިއްރުކަމެއް ކޮށްލާކަށް ނުކެރުނެވެ. އިރުކޮޅެއް ނުވަނީސް ފާޚާނާ ތެރޭގައި އެއްޗެއް ޖެހުނުއަޑަށް މިލީނާ ކަންބޮޑުވެގެން އަވަހަށް އޭނަގެ މަންމައާއި ބައްޕައަށް ގޮވަންފެށިއެވެ. މާޒިން އައިސް މިޝެލިންއަށް ގޮވުމުން އެތެރެއިން ޚަބަރެއް ނުވިއެވެ. މާޒިން ދޮރުގެ ތަޅު ހަލާކުކޮށްލާފައި ވަންއިރު މިޝެލިން އޮތީ ތަޅުންމަތީގައެވެ.
މިޝެލިންގެ މޫނު އޮތީ ހުދުވެފައެވެ. މާޒިން ދަރިފުޅު އުފުލާލައިގެން ގެނެސް އެނދުގައި ބޭއްވިއިރު މިލީނާ އިނީ ފެންކަޅިވާގޮތްވެފައެވެ. މިޝެލިން މާބޮޑަށް ބަލިވީބާވައެވެ.
"އަހަރެން މާޒިން ގާތު ބުނަމެއްނު ޝެލް އުޅެނީ ކޮންމެވެސް ކަމެއްވެގެންނޭ.... ދެންވެސް އެމްބިއުލެންސަށް ގުޅާބަލަ..." ސޯފިޔާ ހިސްޓެރިކަލް ގޮތަކަށް ކުޑަކޮށް ހަޅޭއްލަވައިގަންނަމުން މާޒިންގެ ކޮނޑުގައި ހިފާ ތަޅުވައިގަތެވެ.
"މަމް އައިމް އޯލްރައިޓް އޭ، ޕްލީޒް ނުގެންދާތި ހޮސްޕިޓަލަށް...." މިޝެލިން ފުޅާ ހިނިތުންވުމަކާއި އެކު އަވަހަށް ބުނެލައިފި އެވެ.
"ފެއިންޓްވީ ދޯ ދަރިފުޅާ، ޝެލް ބޭނުން ނުވަންޏާ ހޮސްޕިޓަލަށް ގެންދިޔުމަކީ ބޭނުންކަމެއް ނޫން، ސޯފީ، ޑޯންވޮރީ، އަހަރެމެންގެ ދަރިފުޅު އޯކޭ........" މާޒިން ސޯފިޔާގެ މިލާފައިވާ މޫނަށް ބަލައިލަމުން ވިސްނައިދޭފަދަ ގޮތަކަށް ބުނިނަމަވެސް ސޯފިޔާ ހުރީ ނުރުހިފައިކަން މާޒިންއަށް އެނގުނެވެ.
މިޝެލިން އޭނަގެ ބައްޕަ ގާތުގައި ބުނީ ނަމާދު ނުކުރެވޭގޮތަށް ވުމުން މިއަދު ވަރުބަލިވެފައި ހުރީކަމަށެވެ. ދެން ނުކައި ހުރީމަ މާބޮޑަށް ބަނޑުހައިވެ، ސަކަރާތްވީ ކަމަށެވެ.
"މިރޭ ޝެލް ނުކައި އިނީ..." މިލީނާ ޔަގީން ކުރީ މިޝެލިން ނުކައި އިނީމަ އަނބުރައި ގަތީ ކަމަށެވެ.
"ޝެލް އެއްޗެކޭ ބުނާއިރަށް މާޒިން ގަބޫލު ކުރާނެ، ދެން ބައްޔެއް ނެތިއްޔާ ކޮންމެހެން ބްލެކްއައުޓްވާން ޖެހޭތަ؟ " ސޯފިޔާ މިޝެލިންގެ އަތުގައި ފިރުމާލަން އިންއިރު ލޮލުގައި ކަރުނަ ގިނަވަމުން އައެވެ.
"ހޫމް ދެން ޗެކަޕެއް ހަދާލާނީ ސޯފީ، އައިސްޕެކް ގެނެސްބަލަ، މިތަން ދުޅަވެފައި މިއޮތީ....." މާޒިން މިޝެލިންގެ ބޮލުގައި އަތް ޖައްސާލަމުން އެހެން ބުނުމުން ސޯފިޔާގެ ހިތަށް ހީވީ ފިނިފެން އެއްޗެއް އޮއްސާލި ހެންނެވެ. އަނެއްކާ ސިކުނޑިއަށް ލޭ ނޭޅޭނެ ބާވައެވެ. ސޯފިޔާ ދަންނަ ގޮތުން ބޮލަށް ގެއްލުމެއް ވެއްޖެއްޔާ ސައުވީސްގަޑިއިރު ވަންދެން ރަނގަޅަށް ބަލަހައްޓަން ޖެހޭނެއެވެ. ހޮޑުލައި، ވަރުދެރަވެ، ނިދޭގޮތްވެ ނޫނީ ހޭލައްވަން އުދަގޫވުންފަދަ ކިތަންމެ ގިނަ ނިޝާންތަކަކަށް ބަލަން ޖެހޭނެއެވެ. ސޯފިޔާ ބޭނުންވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ރަނގަޅަށް ބެލުމަށެވެ. މާޒިން ފަރުވާކުޑަކަމުން ކަމެއް ގޯސްވިޔަސް އަޅައެއް ނުލާނެއެވެ.
"ސީޓީ ސްކޭނެއް ހަދަން ވީނު......" ސޯފިޔާއަށް ކެތްނުކުރެވިގެން ބުނެލައިފިއެވެ. މާޒިން ވަކި އެއްޗެކޭ ނުބުނެ ހިމޭނުން އިނެވެ. އެހެންނޫނަސް މިދުވަސްކޮޅު ސޯފިޔާގެ މައްސަލަ ހައްތަހާ ދަނީ ބޮޑުވަމުންނެވެ. ނިދަން އޮންނަން ޖެހެނީ މިޝެލިންމެން ކޮޓަރީގައެވެ. އެހެންނޫންނަމަ މިޝެލިންމެންނަށް ރައްކާތެރިކަމެއް ނެތްކަމަށް ސޯފިޔާ ގަބޫލު ކުރެއެވެ. އެކުދިންނަކީ މިހާރު ކުޑަކުދިންކަމަށް ވިސްނައިދޭން އުޅެއުޅެ މާޒިން ވަރުބަލި ވެއްޖެއެވެ. ކުދިންގެ ކަންތަކާއި ހެދި ސޯފިޔާއަށް މާޒިންގެ ކަންތަކާއި އަޅާލެވޭކަމަކަށް ނުވެއެވެ. މާޒިން ނިދަން ޖެހެނީ އެކަނި އޮވެއެވެ. ގިނަފަހަރަށް ހެދުން އިސްތިރި ކުރަން ޖެހެނީ ވެސް އަމިއްލަ އަށެވެ. އެކަމަކު މާޒިން ޝަކުވާއެއް ނުކުރެއެވެ.
ރަމަޟާން މަހުގެ ދުވަސްތައް ހަލުވިކަމާއި އެކުގައި ފާއިތުވަމުން ދިޔައެވެ. އިއްބާނު އާއި މިޝެލިން ގެ ގުޅުން ބަދަހިވަމުން ގޮސް ޚާއްސަ ދެ ރަހުމަތްތެރިންނަށް ވެއްޖެއެވެ. ބައެއްފަހަރު ކޮލެޖަށް ދާއިރު ސިއްރުސިއްރުން ފެނިލާ، ހަނި ފުރުސަތެއް ލިބުނަސް ވާހަކަ ދައްކާލައިހަދައެވެ. މިޝެލިންގެ ހިތުގައި އިއްބާނުއަށް ޚާއްސަ މަގާމެއް ދެވުނެވެ. އެ ރީތި ސިފަތައް ދެކެ ހިތުގައި ލޯބި އުފެދުނެވެ. ދޭތެރެއަކުން ހަދާން ކުރެވެއެވެ. އެކަމަކު މިޝެލިން އެކަން ސިއްރުކުރީ މަންމަ ދެކެ ގަންނަ ބިރެއްގެ ބޮޑުކަމުންނެވެ. މަންމަގެ ހުއްދަ ނުހޯދާ ލޯބިވެރިޔަކު ހޯދުމަކީ މިޝެލިންއަށް ކުރަން ކެރޭވަރުގެ ކަމެއް ނޫނެވެ. މިޝެލިންގެ ޅަހިތް ޒުވާންކަމުގެ ފަތްތަރުތައް މަތިން ކުރިއަށް ފިޔަވަޅުތައް ނަގަމުން ދިޔައީ މަޑުމަޑުންނެވެ. މިޝެލިންއަށް ނޭގި ހުރެ އޭނަގެ ރީތިކަމުގެ ޖާދޫގައި ޖެހި އިއްބާނު ގެނބިގެން ދިޔައިރުވެސް މިޝެލިން އަކަށް ރޭކާ ނުލިއެވެ.
ސޯފިޔާ ހޮސްޕިޓަލުގައި އެޑްމިޓް ކުރަން ޖެހުނީ ޑެންގީ ހުންޖެހި ހާލު މާދެރަވުމުންނެވެ. އެވަރުނުވިނަމަ ސޯފިޔާ އެއްގޮތަކަށް ވެސް ކުދިން ދޫކޮށްލާފައި އެޑްމިޓް ނުވީހެވެ. އެދުވަހު މިޝެލިން އާއި މިލީނާ ކޮލެޖަކަށް ނުދެއެވެ. މާޒިން ކުދިން ގާތުގައި ބުނީ ދޮރުތަޅުލައިގެން ގޭގައި ތިބުމަށެވެ. އެކަމަކު މިޝެލިންއަށް އިނދެވުނީ ކުޑަދޮރު ކުޑަކޮށް ހުޅުވާލައިގެން ބޭރަށް ބަލަހައްޓައި ގެންނެވެ. އިއްބާނު އެހެން ލާފައި ދަމުން މަޑުމަޑުން މިޝެލިން އަތުގައި ކޮށްޓާލުމުން މިޝެލިން ސިހިފައި އަތްދަމައިގަތެވެ.
"ނޯ ޓަޗިން..." މިޝެލިން ދޫނެރެލައިފި އެވެ.
"ސޮރީ..." އިއްބާނު ނޫންކަމަށް ހަދާފައި އޭނަގެ އަތުގައި އޮތް ފޯނުން މިޝެލިންގެ ތަސްވީރުތައްނެގިއެވެ. މިޝެލިން ފަރިވެލާފައި އިނީ އިއްބާނުއަށް ހުއްދަދީގެންނެވެ.
"ކޮބާތަ މަންމަމެން؟" އިއްބާނު އަހާލައިފި އެވެ. މިޝެލިން އޭނަގެ މަންމަ ހުންއައިސްގެން އެޑްމިޓްކޮށްފައިވާ ކަމަށް ބުނީ ކުޑަކޮށް ދެރަވެލާފައެވެ.
"ފައިވް މިނިޓްސްއަށް އަހަރެންގެ ރޫމަށް އައިސްދީފާނަންތަ؟" އިއްބާނު ޖެހިލުންވެފައި ހުރެ އަހާލިއެވެ. މިޝެލިން ބުނެލީ މިލީނާ ހުއްދަދީފައިވިއްޔާ ދެވިދާނެ ކަމަށެވެ. އެހެން ބުނެ ނުނިމެނީސް މިޝެލިން ސޯފާއިން ފުންމާލައިގެންގޮސް މިލީނާ ގާތު އާދޭސް ކުރަން ފެށިއެވެ. ވަރަށް އަވަހަށް އަންނާނެ ކަމަށް ވައުދުވިއެވެ. މިލީނާއަކަށް ވެސް އޭރު ފިރިހެނުންނަކީ ކިހާވަރަކަށް އިތުބާރު ކުރަންޖެހޭ ބަޔެއްކަމެއް ނޭގެއެވެ. އެހާވަރަކަށް ދަސްވެފައެއް ނެތެވެ. މިލީނާ ގެ ނަޒަރުގައި ހުރިހާ ފިރިހެނުންނަކީވެސް އޭނަގެ ބައްޕަ މާޒިން ފަދައިން ރަނގަޅު މާތް ބަޔެކެވެ. ވާހަކަތައް ކިޔަންފެށީމަ ދަސްވަމުން އައީ ލޯތްބެވެ. ކެހިވެރި ނުލަފާ މީހުން ދުނިޔެމަތީގައި އުޅެދާނެކަން ކުޑަކޮށް ރޭކާލީނަމަވެސް އޭނައަށް ކޮއްކޮ ފިރިހެންކުއްޖެއްގެ ގާތަށް ފޮނުވަން އެއްބަހެއް ނުވެވުނީހެވެ.
މިޝެލިން އިއްބާނު އާއިއެކު އެކޮޓަރިއަށް ދިޔުމަށްފަހު ޚަބަރެއް ނުވުމުން މިލީނާ ކަންބޮޑުވާގޮތްވިއެވެ. އިރުކޮޅަކުން ގެއަށް މާޒިން އައުމުން މިލީނާގެ ހާސްކަން އިތުރުވިއެވެ.
"ޝެލް ކޮބާތަ؟" މާޒިން ގެއަށް މިވަގުތު އަންނަން ޖެހުނީ ސޯފިޔާ އެހާލުގައި އޮވެވެސް ކުދިން ގެ ޚަބަރު ބަލައިލަން މާޒިން ފޮނުވުމުންނެވެ. ކުދިން އެކަނިކޮށްލާފައި އެދެމަފިރިން އެތާ ތިބުމުން ވިސްނަމުން ގޮސް ސޯފިޔާގެ ބަލި އިތުރަށް ބޮޑުވުން ނޫންކަމެއް ނުވާނެއެވެ. ސޯފިޔާ އައިސީޔޫގައި ޕްލެޓްލެޓް އަޅަން ބާއްވާފައި އޮތްއިރުވެސް ވިސްނަނީ ކުދިންނާއި މެދުގައެވެ.
"ފެރެންޑަކާއިއެކު......" މިލީނާ ކޮށި އަރައި ގަތުމުން އަވަހަށް ފްރިޖް ހުޅުވާލާފައި ފެންތަށްޓެއް ދަމާލައިފި އެވެ.
"ކޮން ފްރެންޑެއްތަ؟" މިލީނާގެ ހަރަކާތް ހުރިގޮތުން ފުރަތަމަ ފަހަރަށް މާޒިންގެ ހިތުގައި ނުބައި ޝައްކެއް ހިނގައިގަތެވެ.
"ނެކްސްޓް ޑޯރ ގައި އެ ބޯއި އުޅެނީ، ބައްޕާ، ޝެލް ބުނީ ވަރަށް އަވަހަށް އަންނާނަމޭ، ޝެލް ދިޔައީ ފޮތެއް ބޮރޯކޮށްލަން ވެގެން...." މިލީނާގެ މޫނަށް ރަތްކުލަ ވެރިވިއެވެ. މިޝެލިން ނުފޮނުވުނުނަމައޭ ހާސް ފަހަރު ހިތަށް އެރިއެވެ. މާޒިން އެންމެ ސިކުންތެއްވެސް މަޑުކޮށްނުލައި އަވަސް ފިޔަވަޅުތަކެއްގައި ގޮސް ޖެހިގެން ހުރި އެޕާޓްމެންޓްގެ ދޮރުގައި ޓަކިދިނީ ތަންކޮޅެއް ބާރަށެވެ. ޓަކި ދިނުމަށްވުރެ ބޮޑަށް ހީވީ ދޮރަށް އެތިފަހަރެއް ވީއްލާލީހެންނެވެ. އޭނަގެ ލޯބިވާ ދެއަންހެންދަރިންގެ ގައިގައި އިނގިލި ކުރި ޖައްސާލި މީހަކު އޭނަ ގެ އަތުން މަރުވާނެއެވެ. މިޝެލިން ހައްލާލައިގެން ގެންދިޔައީ ކޮން މޮންސްޓަރ އެއްހެއްޔެވެ؟ އެކުވެރިކަމުގެ ދަޅައިގައި ޖައްސައިގެން ބަންދު ކޮޓަރި އަކަށް ގެންދާނީ އެމީހެއްގެ ހިތް ނުބައިކަމުންނެވެ. ރުޅިގަދަވެގެން ގޮސް މާޒިންގެ މޫނަށް ރަތްކުލަވެރިވިއެވެ.
މިޝެލިންމެން ކުޑައިރުއްސުރެ ސޯފިޔާ އަބަދާއަބަދުހެން އެކުދިންގެ ރައްކާތެރި ކަމާއި މެދު ވިސްނާތީ އެއީ ސޯފިޔާ މާބޮޑުވަރުވަނީކަމަށް މާޒިން ކިޔަސް ހަގީގަތުގައި ސޯފިޔާ އެކުރީ ރަނގަޅު ކަމެކެވެ. މަންމައެއް ވެއްޖެއްޔާ ނިކަން ރަނގަޅަށް ދަރިން ބަލަހައްޓަން ޖެހޭނެއެވެ. އެ ހަގީގަތް ބާރު އެތިފަހަރެއްފަދައިން މާޒިންގެ ސިކުނޑީގައި ޖެހިގަތުމުން އޭނައަށް ހީވީ ސިކުނޑި ގޮވާފާނެ ހެންނެވެ. މިއަދު މިޝެލިންއަށް ކަމެއްވެއްޖެއްޔާ ހުރިހާ ކަމެއްގެ ޒިންމާ ނަގަން ހުރި މީހަކީ އޭނައެވެ. ސޯފިޔާ ގެ އަތުން ކުދިން ވީއްލުމާއިއެކު މި ހިގީ ކޮންފަދަ ހާދިސާއެއް ހެއްޔެވެ؟ މާޒިންގެ ނިތްކުރީގައި ފިނިދަލެއް ހިއްލާލައިފިއެވެ. ހިތް ނުބައިގޮތަކަށް ތެޅިގަތެވެ. ދަރިފުޅު ސަލާމަތް ކުރެއްވުމަށް ހިތާހިތުން ދުއާ ކުރެވުނު އިރު މާޒިން ފެންކަޅިވެއްޖެއެވެ.