އެހިސާބުގައިވާ މޭޕްލް ގަހުގެ ރަން ފަތްތަކުން ބިންގަނޑު ފޮރުވިފައިވާއިރު ގަހުގެ ފަތްތަކުގެ ދޭތެރެއިން ފުރާނާލާފައި ވާ އިރުގެ ރަންދޯދިތަކުން މިޝެލިންގެ ދޮން ކޯތާފަތަށް ރަންކުލައަރުވާލާފައި ވުމުން ވަކިން ފުރިހަމައެވެ. ހީވަނީ ހިތާމައިގެ ރީތި ތަސްވީރެއްހެންނެވެ. ރަފާއިލްގެ ހިތް މަޑުޖެހިލިއެވެ.
"ޝެލްއަށް ޑިސްޓާރބް ކުރެވުނީތީ ސޮރީ، އެކަމަކު ޝެލް އެކަނި ތަންތަނަށް ފޮނުވާކަށް ދޫކޮށްނުލެވޭނެ އިނގޭ، ޝެލް ނުރުހުނަސް ތިއީ އަހަރެންގެ ޒިންމާއެއްކަމަށް ބެލެނީ ކީއްވެކަން އަހަންނަކަށް ނޭގޭ....." ރަފާއިލް ބަލަން ހުރީ ސީރިޔަސް ނަޒަރަކުންނެވެ. މިޝެލިން ވެސް ހަށަން ބަދެލައިގެން ރަފާއިލްގެ ދެލޮލަށް ބަލަހައްޓައިގެން ހުރެފައި ކޮނޑުގައިވާ ދަބަހުން ނެގި ޓިޝޫއިން މޫނު ސާފުކޮށްލައިފި އެވެ.
"ރެސްޕޯންސިބްލް ވަންޏާ މެރީ ކުރަންވީ އެއްނު........" މިޝެލިން ހަމަޖެހިލާފައި ބުނެލިއެވެ.
"އެހާ ގިނަ ޝަރުތު ތަކަކާއި އެކު އަހަރެން ކިހިނެއް މެރީ ކުރާނީ؟ އަހަންނަށް އަހަރެންގެ އަމިއްލަ ނަފުސަކަށްވެސް އިތުބާރެއްނެތް...." ރަފާއިލް ކުޑަ ހީލުމަކާއިއެކު ބުނެލީ ހިތުގައިވާ އެއްޗެކެވެ.
"ވަޓް...." މިޝެލިން ކުޑަކޮށް ބުމަ ގޮށްޖަހާލައިފިއެވެ.
"ޝެލްއަކީ ކުޑަކުއްޖެއް ނޫނެއްނު، އެރޭ ހިނގާދިޔަ ކަންތަކަށްފަހު އަހަންނަށް އެނގޭ އަހަންނަށް ނޭގިވެސް ގޯހެއް ހެދިދާނެކަން، އެޑްވާންޓޭޖް ނަގައިގެން ޝެލް ރޮއްވާލަން ބޭނުމެއްނޫން....." ރަފާއިލްގެ ރީތި ދެލޮލުގައިވާ ބާރު އެވަގުތުވެސް ފާހަގަކުރެވި މިޝެލިންއަށް އުދަގޫވިއެވެ. ރަފާއިލް އާއި އެކުގައި އުޅެން ވެއްޖެއްޔާ ހިތް ބަދަލުވެދާނެތީ އޭނަ ބިރުގަނެއްޖެއެވެ. އެއްގޮތަކަށްވެސް އޭނަގެ ހިތުން އިއްބާނު ނޫން މީހަކަށް މަގާމެއްދެވިގެން ނުވާނެއެވެ. އެހެން ފިރިހެނަކު ދެކެ ލޯބިވެވިގެން ނުވާނެއެވެ. އޭނަ ބޭނުމީ އެހެން މީހެއްގެ އަންބަކަށް ވިޔަސް އިއްބާނުއަށް ތެދުވެރިވުމަށެވެ. އުމުރު ދުވަހު ވަފާތެރިވެގެން ހުރުމަށެވެ.
މިޝެލިން އަނގަޔަށް ގޮތެއް ހަދާލައިގެން ދެލޯ ބޮޑުކޮށްލައިގެން ހުރީ ހަދާނެގޮތް ހުސްވެފައެވެ. ދެންމެ އިއްބާނު ކާރީ އެހުރިހާ ވައުދެއްވެފައި އައުމަށްފަހުވެސް ހަގީގަތާއި ކުރިމަތިލާން ޖެހުމުން އޭނަ މާޔޫސްވެއްޖެއެވެ. ދާންވީ ދިމާލެއް ނޭގުނެވެ. ރަފާއިލްގެ ފަރާތުން އެއްވެސް އެހީއެއް ލިބޭނެކަމުގެ އުއްމީދެއްނެތެވެ. އެ ޝަރުތުތަކަށް ގަބޫލު ނުކުރެވޭކަންވެސް ނުސީދާ ގޮތުން ބުނެލައިފި އެވެ.
"ހާދަ ހާސްވެފައި ތިހިރީ، ޓޭކް އެ ޑީޕް ބްރެތް ބޭބީ، އަހަރެން މިއީ އެހާ ގޯސް މީހެއްހެން ހީވޭތަ؟ އެހެންނޫންނަމަ އެރޭ ޝެލް ނުހުއްޓުވާނެ ދޯ.... ހަނދާންވޭތަ؟ ޝެލް ނިދީގައި އޮވެ އަހަރެމެންނަށް ކިހާ ހިސާބަކަށް ދެވުނުކަން، އެކަމަކު އަހަރެން ކިހާ ވިސްނާތީ ހުއްޓާލީ......." ރަފާއިލް އެވާހަކަ ދެއްކުނުކަމުގެ މޮޔަހީވިއެވެ. އޭނަގެ ހިތުގެ ވިންދު އަވަސްވެލައި ފުންނޭވަޔެއް ދޫކޮށްލެވުނެވެ. މިޝެލިން ލަދުގަތެވެ.
"އަހަރެން ހީކުރީ ބެންކަމަށް...." މިޝެލިން ރުޅިގަދަވިއެވެ.
"ހެހެ، ކިހިނެއް އެކަން ގަބޫލުކުރާނީ......." ރަފާއިލް އަށް ޔަގީން ވާއިރުވެސް ބޭނުންވީ ކުޑަކޮށް މިޝެލިން ތަޅުވައިލުމަށެވެ.
"އެހާ ގޯސްކަމެއް ކޮށްފައި އަދި މާ މާތްވެގެން އުޅޭނެ، ސީރިޔަސްލީ ބައެއްފަހަރު ހިތަށް އަރާ ރަފާއިލް ގެ ތި ހުންނަ މިޒާޖަކުން އަހަރެން އެއްވެސް ގުޅުމެއް ނުބާއްވާނަމޭ، ބެންއަށްޓަކައި ނޫންނަމަ......." މިޝެލިން ދަތްތައް ޖައްސައި ބާރުކޮށްލަމުން ކުޑަކޮށް ލޯ އަޅައިލިއެވެ.
"އަހަރެން މަރާލާނަން ދޯ....." ރަފާއިލް މިޝެލިންގެ ޖުމްލަ ފުރިހަމަކޮށްދިނެވެ.
"ނޭގޭ...... ރަފާއިލްއަށް އެނގެނީ މީހުން ރުޅިއަރުވަން...." މިޝެލިންގެ ހިތަށް ކުޑަ ބިރުވެރި ކަމެއްވަނެވެ. ރަފާއިލް އާއި ކައިވެނި ކުރުމަށްފަހު މި ސިޔާސަ މިޒާޖުގެ ސަބަބުން ކޮށްލާނީ ކޮން ކަންތަންގަނޑެއް ކަންވެސް ނޭގެއެވެ. އޮޅިގެންނޭ ކިޔާފައި ކޮންމެފަދަ ކަމެއްވެސް ކޮށްލަން ފަހަތެއް ނުޖެހޭނެއެވެ. ފަހަރިގެ ގޮތުގައި ހުރިއިރު އެވަރަށް ޖެއްސުން ކުރިއިރު ތިމާގެ ހައްގަކަށްވުމުން ހިމޭނުން ހުންނާނެ ހެއްޔެވެ؟
"ލުކް ޝެލް، އަހަރެން ގަސްތުގައި ރުޅިއަރުވަން ކިޔާ އެއްޗެއް ނޫނޭ، ތެދު ވާހަކައެއް ދޯ މަ ބުނީ، އެހެންނޫނަސް އަންހެންކުއްޖަކަށް ހަޔާތުގެ ބައިވެރިޔަކާއި ނުލައި ދިރިއުޅުން ވޭތުކުރަން އެހާ ފަސޭހައެއްނުވާނެ، ޑޯންޓް ގެޓް މީ ރޯންގް އިނގޭ، އެކީގައި ސްލީޕްކުރުން މުހިއްމު ވާހަކައެއް ނޫން މިބުނީ، ހިމާޔަތްދޭނެ މީހަކު ހުންނަންވާނެ، އެހެންވެ އަހަރެން މިހިރީ މެރީކުރާގޮތަށް، ހިތަށް އެރި އެހާ ޝަރުތު ގިނަވީމަ ބޭނުމެއްނޫނޭ، ނަމަވެސް އޭރުން އަހަންނަށް ޔަގީނުންވެސް ޝެލް އުޅޭގޮތް ކާރިން ބެލޭނެ، ބޮޑީގާޑަކަށް ހުރެދާނަން.........." ރަފާއިލް ގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.
"ވެލް...... ބެން ބުނި ސިކްސް މަންތްގެ ކުރިން މެރީ ކުރަންވާނެއޭ، ބެން އެގޮތަށް ވާހަކަދެއްކީމަ އަހަރެން އެކަމާއި އެއްޗެކޭ ނުބުނީ ބެން މަރުވެދާނެ ކަމަށް ޚިޔާލު ނުކުރެވުނީމަ، ކިހާ މޮޔަ......." މިޝެލިން ފުންނޭވަޔެއް ދޫކޮށްލާފައި އެތަނުން ނިކުންނަން ހިނގައިގަތެވެ. މިޝެލިން ހުރީ ވަރަށް ދެރަވެ، ރޮވިފައިކަން ރަފާއިލްއަށް އެނގުނެވެ. އެހެން މީހަކު ދެކެ އެހާ ލޯބިވާ ޅަ ކުއްޖަކަށް އެއީ ނެގުން ފަސޭހަ ފިޔަވަޅެއްނޫނެވެ. ކިތަންމެހާވެސް ހިތްދަތިވާނެއެވެ.
މިޝެލިން އާއި ރަފާއިލް އެއްހަމަޔެއްގައި ތިބެ ހިނގާފައި އައިއިރު ގަސްތަކުގެ ގޮފިތައް ކޭއްތޭއަޑުން ފަޒާގައި ލުއި ނާނާއެއް އަޅުވާފައިވެއެވެ. ދެމީހުން ހިމޭނުން ތިބެ ގޮސް ކާރާއި އަރާހަމަވިއެވެ.
"ސޯ..." ރަފާއިލް ދޮރުފަތް ހުޅުވައިލަމުން ދޮރުފަތުގައި އަތްޖައްސާލި ގޮތަށް ދަތްދޮޅި އަޅުވައިލަމުން ބަލައިލީ ލޯބިން ފުރިގެންވާ ނަޒަރަކުންނެވެ.
"ރަފާއިލްއަށް އެނގޭނީ ނިންމަން....... އައި ޑޯން ކެއަރ މަޗް..." މިޝެލިން ގެ ލޮލުގައި ކަރުނަތިއްކެއް ވިދާލިއެވެ.
"ޝެލް ތިހާ ބޭނުން ނޫނިއްޔާ އަހަރެން ނެތިން ފޯސްކުރަން، ވީ ކެން ވެއިޓް...." ރަފާއިލް ނޭފަތް ދަމާލިއެވެ. އޭނަގެ ހިތްވެސް ރޮނީއެވެ. މިޝެލިންގެ އުފަލަށްޓަކައި އޭނަ މިހިރީ ގުރުބާންވުމަށެވެ. އޭނަގެ ފުރާނަފަދަ ލޯބިވާ އަންހެންކުއްޖާ މިގޮތަށް ރޮއްވާލައިގެން އެ މަންޒަރު ބަލަން ހުރެގެން އޭނަގެ ހިތް ހަލާކުވާވަރުވެއެވެ. މިޝެލިން ބޭނުންނުވާކަމެއް ކުރަން މަޖުބޫރު ކުރުމުން އޭނައަށް އުފަލެއް ލިބިދާނެހެއްޔެވެ؟ އެ ރީތި ދެލޮލުން ކަރުނަ ހުސްވާނީ ކިހިނެއް ހަދައިގެން ހެއްޔެވެ؟ އެ ރީތި ހިނިތުންވުން އަބަދު ފެންނާނެނަމައެވެ. އަބަދު ހީހީ ހުންނާނެނަމައެވެ. އަތުތެރޭގައި ބޮނޑިކޮށްލާހިތުން ކެތްކުރެވެނީއެއް ނޫނެވެ. އުމުރަށް ހިތުތެރޭގައި ރައްކާކޮށްލަން ބޭނުންވިއެވެ.
"އައުޗް...." ރަފާއިލް މޭގައި ފިރުމާލާފައި ހަށިގަނޑު ސީދާކޮށްފައި މިޝެލިން އަރަން ކާރުގެ ދޮރުފަތް ހުޅުވާލަދިނެވެ. މިޝެލިން އިރުކޮޅަކު ފަސްޖެހުމަށްފަހު ކާރުގެ ކުރީ ސީޓަށް އަރާ އިށީނދެފައި ޓިޝޫއިން ލޯ ފޮހެލައިފިއެވެ.
"ޝެލް، ބެންވެސް ބޭނުމެއްނުވާނެ ޝެލް ތިގޮތަށް ރޮއްވަން، ބެންއަށް މިއަދަކު ބުނަން ބޭނުންވާ އެއްޗެއް ނުބުނެވޭނެ، އެކަމަކު ހީވާގޮތުން ބެން ބުނާނީ ޝެލް ހިތާއި ދެކޮޅަށް ކުރުމުގެ ބޭނުމެއްނެތް، އަހަންނަށް ވަރަށް އުދަގޫވާނެ ތިގޮތަށް ޝެލް އަހަރެން ގެ ކުރިމަތީގައި ހުރެގެން ރޮންޏާ، ކެތެއް ނުކުރެވޭނެ... ޕްލީޒް ނުރޮއި..." ރަފާއިލް ހުންގާނުގައި ބާރަށް ހިފަހައްޓާލަމުން ތުންފަތުގައި ދަތްއަޅާލިގޮތުން ހިތަށް ކޮށްފައިވާ އަސަރު ހާމަވިއެވެ.
"ރަފާއިލްއަށް އެނގޭނެ މިއީ އަހަރެން އަމިއްލައަށް ނިންމި ނިންމުމެއް ނޫންކަން. އަހަރެން ބޭނުމެއްނޫން ލަސްކުރަން، އިޓް ވޯންޓް ޗޭންޖް އެނީ ތިންގް.... ޑޭޓެއް ބުނެބަލަ..." މިޝެލިން އަތުގެ އިނގިލިތަކާއި ކުޅެލިއެވެ. އެ ހިމަ އިނގިލިތަކަށް ވެސް ރަފާއިލްއަށް ބަލައިލެވުނެވެ. ހާދަ ނާޒުކެވެ. ބާރަށް ހިފާލިޔަސް ބިނދިދާނެހެން ހީވެއެވެ.
ރަފާއިލް ވިސްނާލާފައި ނޮވެމްބަރ މަހުގެ ކޮންމެވެސް ދުވަހެއް ބުނެލީވެސް މިޝެލިންއަށް ޓަކައެވެ. މިޝެލިންއަށް ވަގުތު ދިނުމަށެވެ. އެހެންނޫންނަމަ އޭނަ މިހިރީ މިވަގުތުވެސް މިޝެލިން އޭނަގެ އަންބަކަށް ހަދަން ތައްޔާރަށެވެ.
އެތައް ޒަމާނަކަށްފަހު ނަވާޒު އާއި އަންހެނުން އަދި ކުދިންކޮޅު ލަންޑަނުގައި ދިރިއުޅޭކަން އެނގުމުން މާޒިންއަށް ހައިރާންކަމެއް ލިބުނެވެ. އޭނަވެސް ހާދަ ކުރިއަށް ޖައްސާލައިފިއެވެ. ނަވާޒު ތަންކޮޅެއް ކުޑައިރު މައިންބަފައިން ވަކިވުމުގެ ސަބަބުން އޭނަ އުޅުނީ އެހާ ތަނަވަސްކޮށެއްނޫނެވެ. ނަވާޒުގެ ބައްޕަ މަލީކް އަކީ މަހުޖަނެއް ނަމަވެސް އެ މުއްސަދިކަމުން ނަވާޒުއަށް މާބޮޑު އެއްޗެއް ލިބިފައެއްނެތެވެ. ނަވާޒު ޑޮކްޓަރުކަން ކިޔެވީ ސަރުކާރުން ލިބުނު ކޯހެއްގައެވެ. ފަހުން ނަވާޒުއަށް އެނގުނީ ބައްޕަގެ ވިޔަފާރި ބަނގުރޫޓުވި ކަމެވެ. މަލީކްގެ ހިންމަތާއި މަސައްކަތުން އަނެއްކާވެސް ކުރިއަށް ޖެހިލައި، ވިޔަފާރި ފުޅާކޮށްލައިފިއެވެ. މުއްސަދި މީހަކަށް ވުމުން މަލީކް ނަވާޒު ކާރިއަށް އައިސްފައި އާދޭސްކޮށް މާފަށް އެދުނެވެ. މުސްކުޅިވީދުވަހު ދަރިއަކު ނެތި އެކަނިވެރިވުމުން މަލީކް ނަވާޒްއަށް ބޭނުންވީއެވެ. މަލީކްގެ ބައްޕަ ދިރިއުޅެމުންދަނީ ލަންޑަނުގެ ބޮޑު ގެއެއްގައި އެކަނިމާ އެކަނި އެވެ. ނަވާޒު މާޒިން އެގެއަށް ގެންދަން ދައުވަތުދިނީ ބައްޕަ ކޮންމެހެންވެސް ބޭނުން ވެގެންނެވެ. މާޒިން ހީކުރިވަރަށް ވުރެ ޝަޚުސިއްޔަތު ވަރުގަދަ ރީތި މީހެކެވެ. އިސްތަށިގަނޑު ހުދުކޮށް އޮތުމުން މާތްމީހެއް ފާޑު ޖަހައެވެ. އެންމެ ހައިރާންވީ ނަވާޒުއާއި މާ ބޮޑު ތަފާތެއް ނެތުމުންނެވެ.
އެންމެން އެކީގައި މެންދުރު ކައިގެން މަލީކް މާޒިން ގޮވައިގެން އޭނަގެ ކޮޓަރިއަށް ގޮސް އެ އާއިލާއާއި ބެހޭ ތަފާތު ވާހަކަތައް އޮޅުން ފިލުވިއެވެ.
"މާޒިންއަށް އެނގޭތަ؟ އަހަރެން މާޒިންގެ މަންމަ ދަންނަން، މާޒިންގެ ސިފަ މަންމަ އާއި ތަފާތެއްނެތް، މަންމަގެ ރީތިކަމާއި، ބައްޕަގެ ވިސްނުން މާޒިން އަށް ލިބުނީ....." މަލީކް ވިސްނުންތެރި ނަޒަރަކުން މާޒިންގެ މޫނަށް ބަލަން އިނދެލާފައި ކުއްލިއަކަށް ހީލިއެވެ.
"މަންމަ އެނގުނީ ކިހިނެއްތަ؟ " މާޒިންއަށް ބޭއިޚުތިޔާރުގައި އަހައިލެވުނެވެ.
"އަހަންނާއި މަލަކާގެ ބޭބެ ކުރިން ވަރަށް ފްރެންޑްވާނެ، އެހެންވެ އެގެއަށް ވަދެލާ ވަގުތު ގިނަވެފައި އޭރު އޮތީ، އެހެން އުޅެމުން ދަނިކޮށް އަހަރެންނަށް މަލަކާ ފެނުނީ، މަލަކާއާއި މެދު އަހަރެން ދެކުނީ ކޮއްކޮއެއްގެ ނަޒަރުން އެކަމަކު މަލަކާ ހުންނާނީ އަބަދު އަހަރެންގެ ގައިގާ އެލިގެން، މަޖާ ކަމަކީ އޭނަގެ ބޭބެވެސް އެކަން މަނާ ނުކުރާނެ، އެހެންވެ އެކަމުގެ ފައިދާ އަހަންނަށް ލިބިފައި އޮތީ، އަހަރެންނާއި މަލަކާގެ ގުޅުމެއް އޮތްކަން އޭނަގެ މީހުންނަށް ބޭޒާރުވުމުން މަލަކާ ބިރުން ބުނީ އަހަރެން އެބިއުޒްކުރީ ކަމަށް، އެންމެން އަހަރެން ދެކެ ހޭޓްކުރި، ފަހުން މަލަކާ އަހަންނަށް ގުޅާފައި ޕްރެގް ވާހަކަ ބުނުމުން ވަރަށް ހާސްވި، އެކަމަކު ކީއްކުރާނީ؟ އޭރު އަހަރެން މެރީޑް... އެހެންނޫނަސް މަލަކާގެ ޕޭރެންޓުން އަހަރެން އެގެއަށް ވަނުން މަނާކޮށްފައި އޮތީ، އަދި ދުވަސްކޮޅެއްފަހުން އަހަންނަށް އެނގުނީ އެމީހުން ފުރައިގެން ރާއްޖެއިން ބޭރަށް ދިޔަކަން.... އެހިސާބުން މަލަކާ އަހަންނަށް ގެއްލިއްޖެ......" މަލީކްގެ ވާހަކަތައް އަހަން މާޒިން އިނީ ގަނޑުވެފައެވެ.
"އަހަރެންގެ މަންމައަކީ މަލަކާއެއްނޫން، ޒަހާރާ...." މާޒިން ސާފުކޮށްދިނެވެ.
"ޒަހާރާގެ ދަރިއަކަށް ހަދައިގެން އެޑޮޕްޓްކުރި ކުއްޖެކޭ ކިޔައިގެން ގެންގުޅުނީ އެއްނު، އެކަމަކު ހަގީގަތަކީ ކޮބާތަ ދަރިފުޅާ، މަލަކާ އާއި ދިމާވެގެން އޭނަ އަހަރެންނަށް ކިޔައިނުދިންނަމަ އަހަންނަށްވެސް ނޭގޭނެ، އެމީހުން ވަނީ މަލަކާ ދުނިޔޭގެ ލަދުން ސަލާމަތް ކުރަންވެގެން މާޒިންގެ ނަސްލު އޮޅުވާލާފައި، މާޒިންއަށް އެކަން ސިއްރުކޮށްލާފައި، ނަސްލު އޮޅުވާލުމަކީ އަހަރެން ތާއީދުކުރާ ކަމަކަށް ނުވާތީ ނަވާ ގާތު ބުނެގެން މާޒިން މިގެއަށް ގެނައީ، އަހަންނަށް އެނގޭ އަހަރެން ޒުވާންއިރު ޖޯޝުގައި އެކުރީ ރަނގަޅުކަމެއް ނޫންކަން، ނަމަވެސް އަހަންނަށް އެގޯސްހެދުނީ، އަހަންނާއި މަލަކާގެ ދަރިއަކީ ތިއީ، މި ކުށްވެރިޔާއަށް މާފުކޮށްދޭތި ދަރިފުޅާ...." މަލީކް މާޒިންގެ ކޮނޑުގައި އަތް ބޭއްވިއެވެ.
މާޒިން އިނީ ބުނާނެއެއްޗެއް ނޭގިފައެވެ. އޭނަގެ އަސްލު ނޭގުނުނަމަ ހިތަށް މާ ފަސޭހަވާނެކަން ނޭގެއެވެ. ހަގީގަތް އެނގުމުން ލިބުނު ހިތްދަތިކަމާއި ކެކުޅުން މާ ބޮޑުވިއެވެ. އޭނައަކީ ޒުވާން ދެ ފިރިހެންކުއްޖެއްގެ މާނައެއްނެތް ލޯބީގެ ކުޅިގަނޑުގެ ނަތީޖާއެވެ. ނަހަލާލު ދަރިއެކެވެ. މުޖުތަމައުގައި އޭނައަށް އެއްވެސް މަގާމެއްނެތެވެ. ނަމަވެސް މާމަމެން އޭނައަށް ނަމެއްދީގެން އެ ބަދުނާމުން ސަލާމަތް ކޮށްދިނީ އެވެ. މާޒިން އިނީ ފެންކަޅިވެފައެވެ. އޭނަގެ ކުދިންނަށް އެކަންތައް އެނގުނަސް އެކުދިންކޮޅުގެ ހިތްތައް ހަލާކުވާނެއެވެ. މިސިއްރު އޭނަ ގިޔާމަތާއި ހަމަޔަށް ހިތުގައި ރައްކާކުރާނެއެވެ.
"އަދި ޚަބަރެއް އެބައޮތް، އަހަރެން މިއުޅެނީ މާޒިންގެ މަންމައާއި މެރީ ކުރަން ވެގެން، މާޒީގައި އެ ހިނގި ކަންތަކަށްފަހު އަހަރެމެން މި ދިމާވީ އުމުރު ހުސްވިފަހުންކަމަށް ވިޔަސް މަލަކާ ލޯބިވީ އެކަނި މީހަކީ އަހަރެން ކަމަށްވަނީ، އޭރު އަހަރެން ހީކުރީ އެއީ ކްރަޝްއެއް ކަމަށް، އަހަރެންވެސް އެހާ ކުޑަކުއްޖެއްގެ ފަރާތުން އެޑްވާންޓޭޖް ނަގައިގެން ނުވެސްވާނެ، އެކަމަކު އެކަން ހިނގާދިޔައީ އަހަރެން ބޭނުންވި ގޮތަކަށް ނޫން، އަދި އަހަރެން ކުރީ މުޅިންވެސް ފާފަ....." މަލީކް އެކަމާއި ދެރަވެ ހިތާމަކުރާކަމަށް ބުންޏަސް މިއަދު އެކަމުން މާޒިންއަށް ކުރާނެ ފައިދާއެއް އޮތީއެއް ނޫނެވެ. އޭނަގެ ހަގީގީ މައިންބަފައިން އެނގުނުއިރު އޭނައާއި ބެހޭގޮތުން އިވުނީ ހިތް އުފާވާފަދަ ވާހަކައެއްވެސް ނޫނެވެ.
މާޒިންގެ އެންމެ ގާތް އެކުވެރިޔާ ނަވާޒުވެސް މިވީ ލޭގެ ގޮތުން ގުޅިފައިވާ މީހަކަށެވެ. ނަވާޒުއަށް އެކަން އެނގުމުން މަޖާވިއެވެ. މާޒިންއާއި ދިމާކޮށްހެދިއެވެ. ނޭގުމުގެ ތެރޭގައިވެސް އެއްބަފާ މީހަކު ހުރުމުން ނަވާޒުއަށް ލިބުނީ އުފަލެއްކަން ޔަގީނެވެ. ދެބެންވެސް ވެފައިވަނީ މޮޅު ޑޮކްޓަރުންނަށެވެ.
މާޒިން އެހާ ގާތްކޮށް އުޅޭ ބޮޑުބޭބެ ކޮއްކޮ ޒިލާވެސް މިވީ ހަގީގީ ކޮއްކޮއަކަށެވެ. މަލަކާ އެދެކުދިން ކުޑައިރުއްސުރެ މާ ގާތްކުރުވަން އުޅުމުގެ ސަބަބަކީ އެއީއެވެ.
ހަފްތާއެއްގެ ތެރޭގައި މަލީކްއާއި މަލަކާ ކައިވެނި ކޮށްގެން އެގެއަށް މަލަކާ ބަދަލުވެއްޖެއެވެ. ނަވާޒު ދިރިއުޅެނީ ވަކިން ކަމަށްވާތީ މަލީކް ބޭނުންވީ މާޒިންގެ ދެމަފިރިން އެމީހުން ގާތަށް އައުމަށެވެ. އޭރުވެސް މާޒިންއަށް ހަގީގަތް އެނގިފައިވާކަމެއް މަލަކާއަކަށް ނޭގެއެވެ. މަލީކްވެސް ހުރީ ހަގީގަތް ހާމަކޮށްފައި ނުދެނެހުރިކަމަށް ހަދާލައިގެންނެވެ. މާޒިންއަށް މަލަކާއަކީ މަންމަކަން އެނގުމަށްފަހު ވަކިން ބޮޑަށް މަލަކާއަށް ހެޔޮކޮށް ހިތަން ފެށިއެވެ. ނަމަވެސް މިހާރު މާޒިންއަށް މަލަކާގެ ކޮންމެ ވާހަކައަކުން އަދި އަމަލަކުން މައިވަންތަކަން އިހުސާސް ކުރެވެއެވެ. މަލަކާގެ ހިތުގައި މާޒިންގެ މައްޗަށް އޮންނަ ފުން ލޯބި ކޮންމެ ހަރަކާތަކުން ފާޅުވެއެވެ.
މަލީކް މާޒިންގެ އާއިލާއާއި ޒަހާރާ އަށް ކެއުމަކަށް ދައުވަތު ދިނީ އެންމެ ބޭނުމެއްގައެވެ. ކެއުން ނިމެން އުޅެނިކޮށް މަލީކް ފެށި ވާހަކައަކުން ހީވީ އެތަނުގައި ބޮމެއް ގޮއްވާލިހެންނެވެ.
"މާޒިންއަކީ އަހަންނާއި މަލަކާގެ ދަރިއެއްކަން އާއިލާއަށް އެނގުމުގެ ވަގުތު ޖެހުނީ ކަންނޭގޭ..." މަލީކްގެ އެޖުމްލައިން މަލަކާވެސް އަނގަމަތީގައި އަތްއެޅިއެވެ.
"މަލީކް ތި ވާހަކަ ބުނަން ހަމަ ޖެހޭތަ؟" މަލަކާއަށް ބުނެވުނެވެ. މާޒިން އިނީ އިސްޖަހާލައިގެންނެވެ. އޭރު އެހެންމީހުން ތިބީ ފޮނި އެއްޗެހި ކާންފެށިގޮތަށް ހުއްޓާލާފައި ހިމޭންވެފައެވެ.
"އެކަމުން އެންމެ އަސަރުކުރާނީ މާޒިންއަށް، އޯލްރެޑީ މާޒިންއަށް ހަގީގަތް އެގިފައިވަނީ، އެހެންމީހުންވެސް އެކަން އެކްސެޕްޓްކުރުމުގެ ވަގުތު ޖެހުނީ ކަންނޭގޭ، ދީނުގައި ނަސްލު އޮޅުވާލުން ހަރާމްކުރައްވާފައިވަނީ، މިލީމެން ކުދިންނަށްވެސް އެނގެންވާނެ މާމައަކީ ކާކުކަން، މާމައަށް އާންޓީ ކިޔައިގެން ނުވާނެކަން ދޯ، އަދި މާޒިން އަމިއްލަ މަންމައާއި ދިމާލަށް ދައްތަ ކިޔުމަކީ އިންސާފެއްނޫން......" މަލީކް އިނީ ހީލަހީލައެވެ. ޒުވާންއިރުވެސް މަލީކްގެ ސަމާސާ ބަޔެއްހުރެއެވެ. އަދިވެސް އޭނަގެ އެ މިޒާޖު ބަދަލެއްނުވެއެވެ.
ސޯފިޔާވެސް އޭނަގެ އަސްލު މައިދައިތައާއި ހަތަރުކަޅި ހަމަކޮށްލައިފި އެވެ. އޭނަ މާޒިންއާއި ކައިވެނިކޮށްގެން އެގެއަށް ދިޔުމުން ޒީލަގަދަ މައިދައިތަ އެއްގެ ރޯލު ކުޅުނު ސަބަބު އަދި ކިރިޔާ މިއެނގުނީއެވެ. މާޒިންއާއި އެކަށީގެންނުވާ އަންބެކޭ ކިޔައިގެން އެންމެ ދުއްތުރާކޮށް ގޯނާކުރި މީހަކީ މަލަކާ އެވެ. އެހެން އެވީ މާޒިންގެ އަސްލު މަންމައަށް ވީމައެވެ.
"ވާއު، އިންޓެރެސްޓިން، އެންމެފަހުން ބައްޕަގެ އޮރިޖިނަލް ފެމިލީ މިއެނގުނީ، އަދި ނަވާޒުބެވެސް މިވީ އަންކަލްއަށް، ހިތަށްވެސް ނާރާގޮތެއް މިވީ............." މިޝެލިން އަށްވެސް ބުނެވުނެވެ.
"އާނ ދަރިފުޅާ، ދުނިޔޭގެ ކަންތައް ހިނގާގޮތުން އެއްވެސް މީހަކަށް ނޭގޭނެ ވެދާނެ ގޮތެއް، މާދަމާ ދުނިޔެ ދައްކާލާނެ ކުލަވަރެއްވެސް ނޭގޭ، އަހަރެމެން ޕްލޭން ކުރާގޮތަށް ނޫން ކަންތައް ހިނގާނީ، ތަގުދީރު ވަރަށް ބޮޑު ރޯލެއް ކުޅޭނެ، ދިރިއުޅުމަށް ކިތަންމެ ބޮޑު ޓްވިސްޓެއްވެސް އަތުވެދާނެ، އެކަމަކު ކެތްކޮށްލައިގެން މިންވަރުފުޅަށް ރުހިގެން ތިބެ ކުރިއަށް ދާންވީ ސަބަބަކީ މާތް ﷲ އެމީހަކަށް އެންމެ ރަގަޅުގޮތްތައް ދެނެވޮޑިގެންވާނެތީ އެކަމުގެ ހިތްވަރުގައި ތިބެ......." މަލީކް ބުނީ ކޮންފަދަ ބޮޑު ތެދެއްކަން ވިސްނިފައި މިޝެލިންގެ ރީތި ދެލޮލުން ކަރުނަ ފާއްދާލިއެވެ.
މިޝެލިންގެ ދިރިއުޅުމަށްވެސް އައީ އެފަދަ ޒަލްޒަލާއެކެވެ. އޭނަ ލޯބިނުވާ ފަރާތަކާއިއެކު ދިރިއުޅުން ފަށަން ޖެހިފައިވާއިރު ދެން ވެދާނެގޮތެއް ޚިޔާލުކުރަން ދަތްޗެވެ. ލޯބިވާ މީހާ ގިނަފަހަރު ލިބޭނީ ވާހަކައިގައެވެ. ފިލްމުތަކުގައެވެ. ހަގީގީ ދުނިޔެ ލޯބިވެރިންނަށް ދައްކާނީ އަހުވައެކެވެ. ޔަގީނުންވެސް އޭނައަށް ލޯބީގައި ކުރެވުނީ ހިތުން ފިލައިގެން ނުދާފަދަ ހިތްދަތި ތަޖުރިބާއެކެވެ.
ހަގީގަތް އެނގުމަށްފަހު ކޮންމެވެސް ވަރަކަށް ކުރީކޮޅު ނުތަނަވަސްކަން އިހުސާސް ކުރިޔަސް ފަހުން އެންމެން ތިބީ ހަމަޖެހިފައެވެ. ސިކުނޑިން އެތައް ޓަނުގެ ބުރަދަނެއް ލުއިވެފައިވާކަމުގައި ހީނުކުރާ އެކަކުވެސް އެ އާއިލާގައި ނެތެވެ. މަލީކް ކުރިކަމަކުން އެންމެންގެ ހިތަށް ނޭގޭފަދަ އުފާވެރި އިހުސާސްތަކެއް ކުރުވާދީފިއެވެ. ހިތުގައި ކަންތައް ފޮރުވައިގެން ނުތިބެ ސިއްރުތައް ހާމަކުރުމުން ސިކުނޑިތަކަށް ލިބިފައިވާ އުދާސްކަން މުޅިންހެން ނެތިގެން ހިނގައިދާނެއެވެ.
އެތައް ޒަމާނެއްފަހުން މަލަކާއަށް އޭނަގެ ލޯބިވެރިޔާ ހާސިލުވުމުން މަލަކާވެސް ހުންނަނީ އަބަދުހެން ހެވިލާފައެވެ. ޅައިރު އޭނައަށްވުރެ އެތައް ތަނެއް ދޮށި ޒުވާނަކަށް ހިތްކިޔައިގެން އުޅެނިކޮށް ލިބުނީ އާދައިގެ ލަނޑެއްނޫނެވެ. އެކަން އެނގިގެން މައިންބަފައިން އޭނަ ގޮވައިގެން މާދުރަށްގޮސް ދަރިފުޅު ވިހެއުމުން މަލަކާ ކޮލެޖަށް ކިޔަވަން ފޮނުވީއެވެ. ދަރިފުޅު މާޒިން ބޮޑުވީ ޒަހާރާއާއި ސުލްތާނުގެ ދަރިއެއްގެ ގޮތުގައެވެ. މަލަކާގެ ތުއްތު ކޮއްކޮގެ ގޮތުގައެވެ. މާޒިންގެ ސަބަބުން މަލީކްގެ ހަނދާންތައް ހިތަށް އުދަގޫކުރި ކިތަންމެ ފަހަރެއް އައެވެ. އެ ފޮނި އިހުސާސްތަކާއި ވަކިން އުޅެން ޖެހުމުން މަލަކާ ހުރީ އިންތިހާއަށް މާޔޫސްވެފައެވެ. އެންމެ ފަހުން މީހަކާއި ކައިވެނިކުރުމުން މަލީކްގެ ހަނދާންތައް ހިތުން ފޮހެވޭނެކަމަށް ހީކުރެވުނެވެ. ކާމިޔާބެއް ނުވިއެވެ. ޒިލާގެ ބައްޕަ ދެކެވެސް މަލަކާގެ ހިތުގައި ލޯތްބެއް ނުއުފެދުނެވެ. ތަގުދީރުގެ ސަމާސާ ދެކިބަލާށެވެ. އެތައް ޒަމާނެއް ފަހުން އެ ދެ ލޯބިވެރިން އެތިބީ ގުޅިފައެވެ.
ސުލްތާން އާއި ޒަހާރާ މަލީކްއަށް މާފުދީފައި އާއިލާ މީހެއްކަމަށް ގަބޫލުކުރުމަށްފަހު އެ އާއިލާގެ ތެރެއިން މިހާރު ފެންނަނީ އުފާވެރި މޫނުތަކެވެ. މަލީކްގެ މަޖާކަމުން އެންމެން ހެއްވާލާފައި އެގޭގައި ފަނޑުވެފައިވާ ދިރުން އަނބުރާ ގެނެސްދީފިއެވެ. މިޝެލިންވެސް ކޮލެޖުން އަންނަގޮތަށް ކިޔެވުމާއިގެން އުޅެލާފައި ތުއްތު ކުދިންކޮޅު ގޮވައިގެން ކުޅެން އުޅެއެވެ. މާމަމެންނަށް ވަގުތު ދެއެވެ. ގަވާއިދުން ނަމާދުކޮށް ގުރުއާން ކިޔެވުމުގައި ރޭގަނޑުގެ ވަގުތުތައް ހޭދަކުރެއެވެ. އެކަނިމާ އެކަނި ކޮޓަރީގައި އުޅުމުން އިއްބާނުގެ ހަނދާންވެފައި ކަރުނަ އޮހިދާނެތީ އެހެންވިޔަ ނުދޭން އޭނަ މަސައްކަތްކުރެއެވެ. އޭނަވަނީ ނުރޯން އިއްބާނު ގާތު ވައުދުވެފައެވެ.
ހައިތަމް އާއި އެލީސާ ޑްރަގުގެ ވަބާއިން ޒުވާނުން ސަލާމަތްކުރަން މަސައްކަތްކުރަން ޖަމްއިއްޔާއެއް އުފެއްދިއެވެ. އަދި އިއްބާނުގެ ނަމުގައި ފަންޑެއް ހުޅުވީ މީހުންނަށް ސަގަދާތް ކުރުމަށެވެ. ރަފާއިލް އެފްބީއިންވެސް ޑްރަގްއިން ޒުވާނުން ސަލާމަތްކުރުމަށް އުފެއްދި ޕޭޖަށް އެތައް ލައްކަ ބަޔަކު އެޑްވެ އެކަމުގެ ސަބަބުން ޑްރަގާއި ދުރުހެލިވުން ބާރަކަށްވިއެވެ. ރަފާއިލްގެ ދެކޮއްކޮ ޑްރަގް ގެ ޝިކާރައަކަށްވެފައި ވުމުން ރަފާއިލް ބޭނުންވީ އެހެން އާއިލާތައް އެ ހިތާމައިން ސަލާމަތްވުމެވެ.
"އަހަރެމެންގެ ބޭބީ ސަލާމަތެއް ނުކުރެވުނު، ޑްރަގްގެ ސަބަބުން އެހެން އާއިލާއަކަށް މިފަދަ ހިތާމައެއް ލިބެން ނޭދެން...." އެލީސާއަށް މީހުން ލިޔެފައިވާ އެފަދަ އިބާރާތެއް ފެންނައިރަށް އަމިއްލަ ދަރިފުޅުގެ މަތިން ހަނދާންވެ ކަރުނައާދެއެވެ. ރަފާއިލްގެ އެ މަސައްކަތަށް ހިތް ތައުރީފުކުރެއެވެ. ހުރިހާ އެންމެން އަތުކުރި އޮޅާލައިގެން އެ ނުބައި އަމަލު ހުއްޓުވަންވީއެވެ.
އިއްބާނުގެ ހަނދާނުގައި ހުޅުވި އެފްބީ ޕޭޖް އެހާ މަޝްހޫރުވިއެވެ. އާއިލާއާއި އެކުވެރިން އަދި ނުދަންނަ އެތައްބަޔަކު އިއްބާނުގެ ރީތި ފޮޓޯތަކަށް އެތައް ހާސް ލައިކްކޮށް ކޮމެންޓްކޮށްލައެވެ. މިޝެލިންވެސް ދޭތެރެއަކުން އަސަރުން ފުރިފައިވާ އިބާރާތް ކޮޅެއްލިޔެލައެވެ. އެ ޕޭޖަށް ވަންނަ ކޮންމެ ފަހަރަކު އޭނަގެ ހިތް ހަލާކުވާވަރުވެއެވެ. އެހެންމީހުން ލިޔެފައި ހުންނަ ކޮމެންޓްތަކުން ބައެއްފަހަރު ލޮލުން ކަރުނަ ފާއްދާލައެވެ. އެއީ މިޝެލިންގެ އެންމެ ޚާއްސަ ޕޭޖެވެ. ހިތުގައި އެ ހަނދާންތައް ފޮރުވިފައިވާއިރު އެހެން މީހުންވެސް އެ ހިތާމައިގާ ބައިވެރިވާކަން އެނގުމުން ހިތަށް ހަމަޖެހުންވެސް ލިބިދެއެވެ. އެފްބީ ދެމިގެންވާހާ ހިނދަކު އޭގެ އަހުލުވެރިންވެސް އަބަދުގެ އަބަދަށްޓަކައި އިއްބާނުގެ ހަނދާން ކުރާނެއެވެ.