"އެ މިސްޓޭކަކީ ރަފާއިލް.... އައި ކެން އަންޑަސްޓޭންޑް ޑޭޑް... ކޮލެޖްގައި އުޅުނު އިރު އަޅުގަނޑަށް ވެސް ޓްވިންސް އިންގެ ސަބަބުން އޮޅުން އެރި، އެއީ މަޖާ ސްޓޯރީއެއް.. އެނީވޭސް ރަފާއިލްއަކީ ކޮއްކޮއެއްކަން އެނގުނީމަ ސަޕްރައިޒްއެއް މި ލިބުނީ.. މައްސަލައަކީ ވީކެން އެކްސެޕްޓް އިޓް، އެކަމަކު ދުނިޔެ ގަބޫލެއް ނުކުރާނެ އެގޮތަކަށް، ރަފާއިލް ލޭބަލް ވާނީ އިލެޖިޓިމޭޓް ކުއްޖެއްގެ ގޮތުގައި ކަންނޭގޭ، އެހެންވީމަ އޭނައަށް ބައްޕަގެ ދަރިއަކަށް ވެވޭނީ ކިހިނެއް ޑޭޑް.." މިހުރާން ކުޑަ ހުނުމަކާއި އެކު ހިތުގައިވާ އެއްޗެއް ހާމަކޮށްލި އެވެ.
"ދަރިފުޅާ ރެން، ރަފޭލް ދުނިޔެއަށް ގެންނަން މެދުވެރި ބަޔަކު ކުށްވެރި ވަނީ، ވީއިރު ރަފޭލްއަށް އެއްވެސް ކަމެއް އުނިކުރެވެން ޖެހޭތަ؟ އަދި ރަފޭލް ބޮޑުވީ ބައްޕައެއްގެ ލޯބި ނުލިބި، އެހެންވެ ބައްޕަ މަސައްކަތް ކުރަނީ ހުރިހާ ކުދިން ހަމަހަމަ ކުރަން، ދަރިފުޅުމެންގެ މައްސަލައެއް ނެތިއްޔާ...." ހައިތަމް ތިމާގެ ކަމުގެ ގުޅުން ކަނޑައިނުލުމަށް ދަރިން ގާތުގައި އެދިލެއްވިއެވެ. އަދި ކޮންމެވެސް ވަރަކަށް ދީނީ ނަސޭހަތް ދެއްވިއެވެ. ރާ ބުއިން، އަދި ނަހަމަ ގުޅުންތަކާއި، ރުޅިގަދަވުމުގެ ސަބަބުން ދިރިއުޅުން ހަލާކުވެދާނެ ގޮތްތައް ބުނެދެއްވިއެވެ. އަދި އެފަދަ ފާފައަކަށް އަރައިނުގަތުމަށް ހައިތަމް ވަސިއްޔަތް ކުރެއްވިއެވެ. ފާފަތަކަށް އަރައިނުގަނެވޭނީ ގަވައިދުން ނަމާދުކުރުމުން ކަމަށް ހައިތަމް ބުނުއްވިއެވެ. އެހުރިހާ ވާހަކަތައް ދެއްކެވިއިރުވެސް ހައިތަމް އާއި ރަފާއިލްގެ މަންމަ ކުރެން ގޯސްހެދީ ކޮން ފަރާތެއްކަމެއް ހައިތަމް ނުބުނުއްވިއެވެ. އެ ހާދިސާ ހިނގަން ޖެހުނު ގޮތެއް އެއިން ހަތަރު ޒުވާނުންނަކަށްވެސް މުޅިއަކުން ޔަގީނެއްނުވިއެވެ. ހައިތަމް އާއި ރަފާއިލްގެ މަންމައަށް އޮޅުމަކުން ކުރެވުނު ކަމެއް ނަމަ އެލީސާ ހައިތަމް ދެކެ ރުޅިއައިސްގެން ދުރަށް ދާންވީ ކީއްވެ ހެއްޔެވެ؟ އަދި ސެލީނާ އަކީ އެލީސާ ކަމަށް ހައިތަމްއަށް ހީކުރެވުނުނަމަ ސެލީނާ ނުހުއްޓުވީ ކީއްވެ ހެއްޔެވެ؟ ނަމަވެސް ހައިތަމް އެ ހާދިސާގެ ތަފްސީލު ދެއްވަން ބޭނުން ނުވީ ކަންނޭގެއެވެ. ހައިތަމް އެދިލެއްވީ ރަފާއިލްގެ ހަގީގަތް އަދި ހަތަރު ބެއިންގެ މެދުގައި ސިއްރެއްގެ ގޮތުގައި ބާއްވަ ދިނުމަށެވެ.
ރަފާއިލްގެ ހަޔާތް ވޭތުވީ އާދައިގެ ގޮތަކަށް ހެން ދޭހަވާފަދަގޮތަކަށް ހައިތަމްގެ ވާހަކަ ދިޔަސް ހަގީގަތުގައި އޭނަގެ ދޮންބައްޕަ އެމެރިކަން މަހުޖަނަކަށްވީމަ ރަފާއިލް އުޅެފައި ވަނީ ފުދޭވަރެއްގެ އަރާމު ދިރިއުޅުމެކެވެ. އޭނަގެ މަންމަ އޭނަ ބަލާބޮޑު ކުރީ ބޭނުންވާހާ އެއްޗެއް ފުރިހަމަކޮށްދީގެންނެވެ. ރަފާއިލް ގެ އުމުރުން ވަކި ހިސާބަކަށް ދާންދެން އޭނަގެ މަންމަ އޭނައަށް ކަންތައް ފޮރުވާފައިވީ ނަމަވެސް ފަހުން ބައްޕައަކީ ކާކުކަން ބުނެދިނެވެ. އިއްތިފާގުން އޭނަ އާއި އިއްބާނު އެކުވެރިވެ، މާލެއަށް ދިޔުމުގެ ފުރުސަތު ލިބުނެވެ. އެހިސާބުން އޭނަގެ މުއްސަނދިކަމުގެ ބޭނުންކޮށްގެން ރަފާއިލް އުޅުނީ ބަދަލު ހިފުމަށެވެ. ސިކުނޑީގައި ކަންތައްތަކެއް ރާވާލައިގެން ހުރެ ރަފާއިލް ކޮންމެ ފިޔަވަޅެއް އެޅީ ވިސްނުންތެރި ކަމާއިއެކު ލަހުންނެވެ.
ރަފާއިލްގެ ޕްލޭންތައް ބަދަލުވާން ފެށީ އޭނަ އާއި މިޝެލިން ބައްދަލުވި ހިސާބުން ފެށިގެންނެވެ. އެދުވަހުން ފެށިގެން އޭނަގެ ހިތް އަތުން ވީއްލިއްޖެއެވެ. އެންމެ ފަރި ނަޒަރަކުން އެ ޕަރީއެއްފަދަ ކުއްޖާ އޭނަގެ ހިތް ވަގަށް ނަގައިފި އެވެ. އެފަދަ ލޯތްބެއް ރަފާއިލްގެ އުމުރުގައިވެސް އިހުސާސް ކޮށްފައެއް ނެތެވެ. އެގޮތަށް ހިތް ދީވާނާ ވުމުން ދެން ވާނެހުރިހާ ގޮތެއް މިދަނީ ވަމުންނެވެ. ކުރިން އޭނަގެ ނެތް ސިފަތައްވެސް ވުޖޫދަށް އައެވެ. ރުޅިގަދަކަމާއި،ހަސަދަވެރިކަމުން ހިތް ފުރިއްޖެއެވެ.
ސޯފިޔާ މިހުރާންގެ ފަރާތުން މިލީނާ ސަލާމަތް ކުރަން އަޒުމް ކަނޑައެޅީ މިޝެލިން މިލީނާ ގާތުގައި ދެއްކިހާ ވާހަކަތައް އަހާފައެވެ. ސޯފިޔާ މިހުރާން އާއި މެދުގައި ހިތް ނުބައިވެފައިވީ ދުވަހަކުވެސް ކުރިން މީހަކާއި މެދު ހިތް ގޯސްނުވާވަރަށެވެ. މިހުރާން ކައިވެނިން ބޭރުގައި ހުއްދަނޫން ގުޅުމެއް އެހެން އަންހެނަކާއި އެކު ހިންގީއެވެ. ނުވީތާކަށް އެ ނާސިކުއްޖާ ގޭގައި ގެންގުޅުނީއެވެ. އަދި ހިތް ފުރުނީމަ އަނިޔާވެރިކޮށް ގެއިން ނެރެލީއެވެ. ރަހުމްގެ ކަންފުޅެއްވެސް ނެތް މީހެކެވެ. މިލީނާ ޔޫކޭއަށް ގެންގޮސްފައި އެކުއްޖާފުޅަށް ކޮށްލި ވަރެއް އެނގެނީއެއް ނޫނެވެ. މިލީނާ ބަސްމަދު ކުއްޖަކަށް ވީމަ އޭނަ ހުންނާނީ ކަންތައް ފޮރުވައިގެންނެވެ.
ހުރިހާކަމެއް އެނގުމަށްފަހު ސޯފިޔާ ވީ ހިމޭނުން ހުންނަން ހެއްޔެވެ؟ އެހެން ކުށެއް ނަމަ މާފުދެވިދާނެއެވެ. އޭނަގެ ޖަވާހިރެއްފަދަ އަންހެންދަރިފުޅުގެ ލޮލުން ކަރުނަ ނުހިކޭކަން ސޯފިޔާ ދަނެއެވެ. ސޯފިޔާ ލަންޑަނަށް އައުމަށްފަހު އެގޭގައި މާ ކުޅިވަރު ގަދަކަމަށް ބުނެ މާޒިންއަށް އާދޭސްކޮށްގެން އެހެން ގެއަކަށް ބަދަލުވާން ހަފްތާއެއްވެސް ނުނެގިއެވެ. ނަސީބަކުން އޭރު މިހުރާން އުޅުނީ ރަށުން ބޭރުގައެވެ. މިހުރާންއަށް ބާރު ހިންގާލާނެ ފުރުސަތެއް ނުދީ އެހެން ގެއަކަށް ގެނެވުމުގެ ފުރުސަތު ލިބުމުން ސޯފިޔާ ހުރީ ހިތްހަމަޖެހިފައެވެ.
"ދަރިފުޅަކާއި މިހުރާން އެކަށީގެނެއް ނުވޭ.. ދީނީ އެއްވެސް ކަމެއް އެކުއްޖާގެ ނެތީމަ މަންމަ ވަކިން ބޮޑަށް ފޫހިވެއްޖެ. މިލީ، މަންމަ ބޭނުމީ ދަރިފުޅު އޭނަގެ ގާތުން ވަރިވާން........" ސޯފިޔާގެ ޖުމްލައިން މިލީނާ ގެ ހިތަށް ސިހުމެއްލިބުނެވެ. މިހުރާން ކައިވެނި ރުޖޫޢަކުރަން ބޭނުންވާ ވާހަކަ ބުނެލާކަށްވެސް މިލީނާއަށް ނުކެރުނީ އޭނަގެ މަންމަގެ ގޮތް ރަނގަޅަށް ދަސްވެފައި ވާތީއެވެ. މަންމަ ބުނާގޮތަށް ހަދަން އޭނަ ހިތަށް ވިސްނާދިނެވެ. މިހުރާން ކުރިން ވަރިކުރި ފަދައިން ދެވަނަ ފަހަރަށް އެގޮތަށް ނަހަދާނެކަން އެނގޭނީ ކާކަށް ހެއްޔެވެ؟ އެކަމަކު ހާސްފަހަރު ވަރި ކުރިޔަސް ހިތް އެދެނީ މިހުރާން އާއި ގާތުގައި ވުމަށެވެ. އޭނަގެ ހިތުން މިހުރާން ފިޔަވާ އެހެން ފިރިހެނަކަށް ޖާގައެއް ނުދެވޭނެއެވެ. އެހިތުގައި ލޯބި އުފެއްދި މީހަކީ އެއީއެވެ. އެރީތިކަމާއި، ފިރިހެންވަންތަ ކަމުން އެކަނިވެސް މިލީނާގެ ހިތަށް ހަމަޖެހުމެއް ލިބިދާނެއެވެ.
މިހުރާން ލަންޑަނުން ބޭރުގައި އޮފީސް ދަތުރެއްގައި އުޅެލާފައި އައިއިރު މިލީނާ އެހެން ގެއަކަށް ބަދަލުވި ޚަބަރު މަންމަގެ ފަރާތުން އިވުމުން އަޖައިބުވިއެވެ. މިލީނާއަށް ހިތްވަރުދޭނީ އޭނަގެ މަންމަކަން އެނގޭތީ ހިތްހަމަނުޖެހިފައި ހުއްޓަސް މިހުރާން ހިމޭންކަން ޚިޔާރު ކުރިއެވެ. އޭނަ ފަހަތުން ދާންވީ ކީއްކުރަން ހެއްޔެވެ؟ މިލީނާ އާއި ދަރިފުޅުގެ ގާތުގައި ވާން އޭނަވެސް ބޭނުމެވެ. މިހުރާން ކިތަންމެ ވަރަކަށް އޭނަގެ ނުތަނަވަސްކަން ފޮރުވަން މަސައްކަތް ކުރިޔަސް އެހެން ދުވަސްތަކާއި ޚިލާފުކަން އޭނަގެ މަންމަމެންނަށް ފާހަގަ ކުރެވުނެވެ. ބަސްމަދުވެފައި، ގިނަވަގުތު ގެއިން ބޭރުގައި އުޅެންފެށިއެވެ. އޭނަގެ ހިނިތުންވުންތަކުގެ ފަހަތުގައި ވޭނެއް ފޮރުވިފައިވާކަން އެލީސާ ދެނެގަތެވެ. މަންމައަކަށްވުރެ ދަރިއެއްގެ ޝުޢޫރު އެނގޭނީ އެހެން ކާކަށް ހެއްޔެވެ؟ ހައިތަމް ރުޅިދުރުވީ މާޒިން ދެކެއެވެ.
"ރެން ގޯހެއް ހަދާފައި ނެތެކޭ ނޫން، އެކަމަކު މިހާރު ރެން އެހެރީ މީރާ ދޫކޮށްލާފައި މިލީ އާއި އެކީގައި އުޅެން ނިންމައިގެންނޭ ބުނި، އެކަމަކު ތިގޮތަށް ޕޭރެންޓުންގެ ނުފޫޒު ފޯރުވައިގެން މިލީ އާއި ރެން ވަކިކުރުވީމަ ލިބޭ ދަރިފުޅަށްވެސް ނިކަމެތިވުން ނޫންކަމެއް ނުވާނެ، ސޯފީއަށް ނުވިސްނުނަސް މާޒިންއަށް އެފަދަ ކަންތައް އެނގޭނެކަމަށް އަހަރެން ހީކުރީ، ދެންވެސް ވަގުތު ފާއިތު ނުވަނީސް މިލީ ގެ ގެއަށް މިލީ ފޮނުވަދޭންވީނު، ރަނގަޅަށް ވިއްޔާ މިލީ ބޭނުން ވެގެނެއް ނޫން ސޯފީ އޭނަ ހިފަހައްޓައިގެން އުޅެނީ......." މާޒިން އާއި އެކު ސައިބޯން އިންނަވާފައި ހައިތަމް އެވާހަކަ ދެއްކެވުމުން މާޒިން އިނީ ލަދުގެންފައެވެ. ބޭބެ އާއި ޖަދަލުކުރާކަށް ނުކެރުނެވެ. މޭޒުގެ އަނެއް ފަރާތުގައި އެ ވާހަކަ ކަނުލައި އަޑުއަހައިގެން ތިބި މަލަކާ އާއި ޒަހާރާ ވެސް މިލީނާ ގެއަށް ފޮނުވައިދޭން މާޒިންއަށް އެންގިއެވެ. އެހެންނޫނީ މިހުރާންގެ ދިރިއުޅުން ބޮއްސުން ލައިގެން ހިނގައިދާނެ ކަމަށާއި، ދެމަފިރިން އެގޮތަށް ވަކިކުރުމުން ބޮޑަށް ގެއްލުން ވާނީ މިލީނާއަށް ކަމަށް މާޒިންއަށް ވިސްނައިދިނެވެ. މާޒިންވެސް އިނީ އެ ފިކުރުގައެވެ. ސޯފިޔާ އޭނައަށްވެސް އޮޅުވައިލީ އެވެ. މިހުރާން މިލީނާ ބޭނުން ނުވެގެން ދޫކޮށްލީކަން ހީވާފަދަ ގޮތަކަށް އޭނަ އާއި ވާހަކަ ދެއްކީމަ އޭނަވެސް ހުރީ އެ މައްސަލައިގައި އެއްޗެކޭ ނުބުނަން ކަމަށެވެ.
މިހުރާން ފެންވަރާލައިގެން ނިކުތްގޮތަށް ޝޭންވާޑްގެ ލަވަތައް އަޑުއަހައިލަން ސޯފާގައި އޮށޯތީ ކަންނެތްގޮތަކަށެވެ. ޝޭން ވާރޑްގެ" ނޯބޮޑީ ނޯސް" އެލަވަ ހީވަނީ އޭނައަށް ޚާއްސަކޮށް ލިޔެފައިވާ ލަވައެއް ހެންނެވެ. އެލަވައިގެ ބައިތުތައް އިވުމުން ހާދަ ބޮޑަށް މިލީނާގެ މަތިން ހަނދާންވިއެވެ. ހިތުގައި ރިހުމެއް އުފެދުނެވެ. އޭނަ ކިތަންމެ ވަރަކަށް ސިއްރުކުރަން އުޅުނަސް އޭނަގެ ހަޔާތުން މިލީނާ އެގޮތަށް ދިޔުމުން ހިތަށް ކުރާ އަސަރު ބުނެދޭކަށް ނޭގެއެވެ. އެހެންމީހަކަށް އެކަން އެނގޭކަށް އޭނަ ބޭނުމެއްނޫނެވެ. އެކަމަކު ކޮޓަރީގެ ހަތަރުފާރުން އެތެރޭގައި ހުރިހާކަމެއް ފުރިހަމައަށް ހުއްޓަސް ބަޔެއްމަދުވެފައިވާހެން ހީވެއެވެ. އެކަނިވެރިކަމުގެ އިހުސާސްތައް އޭނަގެ އުފާވެރިކަން ނިގުޅައިގެންފިއެވެ. އެކުވެރި އަކާއި ބައްދަލުކުރާހިތެއް ނުވެއެވެ. ދެކޭހިތްވާ ސޫރަ ނުފެނުމުން ހިތަށް ހާދަ މޮޅިވެރިކަމެއް ލިބެއެވެ. މިހުރާން ދެލޯ މަރާލިއެވެ.
"އައި ޕްރިޓެންޑް ދެޓް އައިމް ގްލޭޑް ޔޫ ވެންޓް އެވޭ،
ދީޒް ފޯރ ވޯލްސް ކްލޯޒިން މޯރ އެވްރީ ޑޭ.. އައިމް ޑައިން އިންސައިޑް....
އެންޑް ނޯ ބޮޑީ ނޯވްސް އިޓް ބަޓް މީ.." މިހުރާން ދަތްތައް ވިކާލައިގެން ހުރެ ތެދުވެގެން ގޮސް ހެދުން ކްލޯޒެޓް ހުޅުވާލައިފިއެވެ. އެއްވެސް ތަރުތީބު ކަމެއްނެތެވެ. މިލީނާ ހުރި އިރު ކޮންމެ އެއްޗެއް ތަރުތީބުން ބަހައްޓާ، ކޮޓަރި ބަހައްޓާ ގޮތުން އޭނަ ދުވަހަކު ޝަކުވާއެއް ކުރާކަށް ނުޖެހެއެވެ. މިހުރާން ހެދުންތައް ދަމައިގެންފާ އެނދުމައްޗަށް ދެތިން ޓީޝާޓާއި އެއްޗެހި އުކާލާފައި ގަޔަށް ހެދުމެއް މަހާލައިފި އެވެ. ތައްޔާރުވެ ނިމިގެން އަވިއައިނު އަޅާލުމަށްފަހު ދާން ހިނގައިގަންނަމުން އޭނަ ރުޅި ބޭލީ ރީތިވާ މޭޒުމަތީގައި ހުރި އެއްޗިއްސަށެވެ. އަތުން ޖަހާލި ގޮތަކުން ސެންޓްފުޅިތަކާއި އެއްޗެހި އެކިދިމާލަށް އުދުހިގެން ދިޔައިރު ނަސީބަކުން ކޮޓަރީގެ ބޯ ދޫލަ ކުޝަން އަކަށްވެ ބޮޑު ތޫފާނަކުން ކޮޓަރި ސަލާމަތް ކުރިއެވެ. "މިލީ ދުވަހަކު މާފެއް ނުކުރާނަން، ތިގޮތަށް ގޮއްސަ އަލުން މަގޭގާތަށް އައިއްޔާ އަހަރެން މާ ނުލަފާވާނެ... ރޮއްވާލާނަން.. އާދޭސްކުރަން ޖެހޭނީ ކާކުކަން މަ ބަލާނަން....." މިހުރާން މުށްކެވިފައިވާ އަތްތިލަ ޖިންސްގެ ޖީބަށް ޖެހިއެވެ. އޭނަ ގެ ހިތުގައި ލޯބިވާވަރަށް ރުޅިވެރިކަމުގެ އަސަރުތައްވެސް އުތުރި އަރައިގަތެވެ. އަންހެނުންނަށް އިތުބާރު ކުރަން ހެޔޮނުވާނެއެވެ. އޭނަ ކުޑައިރު މަންމަވެސް އޭނަ އެއްލާލާފައި ދިޔައީ މިފަދަ ގޮތަކަށެވެ. މިހާރު އެދިޔައީ މިލީނާ އެވެ. އޭނަ އެންމެ ބޭނުންވި ދަނޑިވަޅު ބަލާފައެވެ. ދަރިފުޅާއި ގުޅުން ބާއްވަން އެންމެ ބޭނުންވި ވަގުތުގައެވެ.
އިއްބާނުއަކީ ކުޑައިރުއްސުރެ މިއުޒިކަށް ލޯބިކުރާ ޒުވާނެކެވެ. އޭނަ ގިޓާ ނޫނީ ޕިއާނޯ ކުޅެލާފައި ލަވައެއް ކިޔާލާއިރު ހައިރާންވެގެން މީހަކަށް އަޑުއަހަން ހުރެވިދާނެއެވެ. އިއްބާނުއަށް ލިބިފައިވާ އަސަރުގަދަ އަޑުން ކުޅެލަނީ އެކަނި އަންހެންކުދިންގެ ހިތްތަކާއި ނޫނެވެ. ފިރިހެނުންނަށްވެސް އަސަރުކުރެއެވެ. އެގޭގައި އެމީހުން ކުޑަ ޕާޓީއެއް ބާއްވަންވެގެން ގެނައި މިއުޒިކް އިންސްޓްރޫމެންޓްތައް ސްވިމިންޕޫލާއި ދިމާލުގައި ބަހައްޓާފައިވާއިރު އިއްބާނު އާއި އެކުވެރިން ތިބެގެން މިއުޒިކެއް ކުޅެން ފެށިއެވެ. އިއްބާނު ސަޅިކޮށް ޑްރަމްގައި ދެއަތުން ޖަހާލާފައި، ގިޓާގެ ނަރުތަކުގައި އަތް ހިންގާލިއިރު މިޝެލިން ހުރީ އެސްފިޔަޖަހައިލަން ނޭގިފައެވެ. އެ ހިތްގައިމު ހަރަކާތުގެ ސަބަބުންވެސް ހިތް ފިދާވާވަރުވިއެވެ. ކޮންމެ އަދާއަކުން މިޝެލިންގެ ހިތްދަމައިގަނެ، ހިތުގެ ވިންދު އަވަސްކުރުވާ ތުންފަތަށް އުފާވެރި ހިނިތުންވުމެއް ގެނެސްދެއެވެ. އިއްބާނު ނުފެނި އިރުކޮޅެއް ވިޔަސް މިޝެލިންގެ ހިތަށް ކެތްނުވާފަދައެވެ.
"އޯވސަމް...." މިޝެލިންއަށް ކުޑަކޮށް ނެށުމުގެ ހަރަކާތެއް ކޮށްލެވުނެވެ.
"ބޭބީ ވެސް ޕާޓީގައި ލަވައެއް ކިޔާދޭންވާނެ، އެހެންވީމަ އާދޭ ޕްރެކްޓިސް ކޮށްލަން..." އިއްބާނު ދޫނުކޮށްގެން މިޝެލިން މައިކް ހިފާލާފައި ލަވައެއް ކިޔަންފެށިއެވެ. އިއްބާނު އާއި ދެމީހުން އެކީގައި އެ ލަވަކިޔާލި އިރު ގެއްލިފައިތިބި ވަރުން އެންމެން އެދެމީހުން ވަށާލާފައި ތިބިއިރުވެސް ނޭގުނެވެ. އެކުވެރިން އިއްބާނުމެންނަށް ތައުރީފުކޮށްފައި އަދި ލަވަ ކިޔައިދޭން އެދުނީ ހަގީގަތުގައިވެސް އެމީހުން ލަވަކިޔާލިލެއް ރީތިކަމުންނެވެ. ހީވީ މޮޅު ލަވަކިޔުންތެރިންގެ ޝޯއެއްގައި ތިބެވުނު ހެންނެވެ. އެހާ ޖޯޝުވަންނަގޮތްވެ، ފޯރި އައިސް ނެށިފައި އެ ޒުވާނުންތައް ތިބީ ވަގުތު ދިޔަގޮތެއް ނޭގިފައެވެ. ރަފާއިލްވެސް އެހެން ކުއްޖަކާއި އެކު ޓެނިސް ކުޅެލަން ހުރެފައި އެތަނަށް އައެވެ. މިޝެލިން އާއި ހަތަރުކަޅި ހަމަވިއިރަށް ރަފާއިލް ފިނިވިއެވެ. ހީވީ ހިތްވެސް ހިދުކޮޅަކަށް މަޑުޖެހިލިހެންނެވެ.
"މައި އެންޖެލް، ތިގޮތަށް ބަލާލައިގެން އަހަރެންގެ ހިތާއި ކުޅޭނީ ކިތައް ފަހަރުތަ؟" ރަފާއިލް ގެ ލޮލުގައި ވި މެސެޖް މިޝެލިންއަށް ދޭހަވާނެނަމައެވެ. ހިތް ނަގާފައި ދެއްކޭނެނަމައެވެ. އެ ހިތަށް ކުޑަނަމަވެސް އަސަރެއް ކުރާނެ ބާވައެވެ. ރަފާއިލް އިރުކޮޅެއްވާންދެން މިޝެލިންގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ހުރީ އެހެންމީހަކަށް ފާހަގަވިޔަސް ހެޔޮކަމަށެވެ.
ރަފާއިލްއަށްވެސް އިއްބާނުއަށް ލިބުނުފަދައިން އޭނައަށް މިއުޒިކް ޓެލެންޓް ލިބިފައިވެއެވެ. ކޮލެޖްގައި އުޅުނުއިރު ޚާއްސަ ދުވަސްތަކުގައި އޭނަ ލަވަކިޔާ އުޅުނެވެ. އެ އާއިލާގައި ލަވަކިޔުމާއި، ކުރެހުންފަދަ ހުނަރުތައް ލިބިފައިވާ ޒުވާނުން އުޅޭކަން މިވީ ކުޑަދުވަސްކޮޅުގެ ތެރޭގައި އޭނައަށް އެނގިފައިވެއެވެ.
އާއިލާ މީހުންނަށް ރަފާއިލްގެ ޖާދުވީ އަޑު އަހައިލުމުގެ ނަސީބު ލިބުނީ ޕާޓީގެ ތެރެއިންނެވެ. އޭނަ ކިޔާލި ދެތިން ލަވައިންވެސް ހީވަނީ ބޭނުންވާ އަންހެންކުއްޖާ ނުލިބިގެން އެކަމާއި ހިތާމަކުރާ ހެންނެވެ. ޚާއްސަކޮށް އެންމެ ފަހު ލަވަ "ކާންޓް ފައިޓް ދިސް ފީލިން" ކިޔާލިއިރު މިޝެލިންގެ މޫނަށް އެ ތޫނު ދެލޯ ހުއްޓައިލި މިނިޓްކޮޅެއް އައެވެ. މިޝެލިންގެ ހިތް ބިރުން ވިރިގެން ނުދިޔައީ ކިރިޔާއެވެ. އެހެންމީހުންނަށްވެސް ރަފާއިލްގެ ހިތުގައި އޭނައަށްޓަކައި ޚާއްސަ ކަނެއް ވާކަން އެނގޭނެ ހެއްޔެވެ؟ މިޝެލިން އަވަސްއަވަހަށް މީހުންގެ ތެރެއަށް ވަދެ ގެއްލުނު ނަމަވެސް އޭނަ ހުރީ އެކަނިވާއިރަށް ރަފާއިލް އާއި އެ ސުވާލު ކުރަން ނިންމައިގެންނެވެ. ރަފާއިލް އޭނަގެ މަތިން ހަނދާން ނައްތާލަން ޖެހޭނެއެވެ. އޭނަގެ އުފާވެރި ހަޔާތަށް އެޅޭ ހިޔަންޏެއް ކަމުގައި ވެގެން އުޅެންޏާ އޭނަ ރަފާއިލް ދެކެ ވާނީ ފޫއްސެވެ.
ރަފާއިލްގެ ކޮޓަރި ހުޅުވާލާފައި ހުރުމުން އިއްބާނު ދޮރުގައި މަޑުމަޑުން އަތުންޖަހާލާފައި އެތެރެއަށް ވަންއިރު ރަފާއިލް ހުރީ ލޯގަނޑު ދޮށުގައި ރީތިވާށެވެ. ސެންޓުގެ މީރުވަހުން ކޮޓަރިތެރެ އެއްވަސްވެފައިވެއެވެ. އިއްބާނު ކޮޓަރިއަށް ވަދެގެން ދިޔަގޮތަށް މޭޒުކާރިއަށް ގޮސް އެތާ ހުރި ފްރޭމެއްނެގީ ރަފާއިލްގެ ލޯބިވެރިޔާގެ ތަސްވީރެއްކަމަށް ހީކޮށެވެ. އެ ތަސްވީރު ފެނުމާއިއެކު ސިހިފައި އިއްބާނު ފްރޭމް ހުރި ތަނުގައި ބަހައްޓައިފި އެވެ. އިއްބާނުގެ މޫނަށް ވެރިވީ ކުލަވަރު ކިތަންމެ ރީއްޗަށްވެސް ރަފާއިލްއަށް ފެނުނެވެ. އޭނަ އެ ފްރޭމް ފެންނަ ގޮތަށް ބެހެއްޓީ ވަކި ނިޔަތެއްގައެވެ. ތުންފަތުގައި ދަތްއަޅާލި ގޮތާއި ލޮލުން ފެނުނު ކުށްވެރި އިހުސާސްތައް ފޮރުވަން އިއްބާނު އެސްފިޔަތައް ތިރިކޮށްލިއެވެ.
"ޝީޒް މައި ސިސް...." ރަފާއިލް އިއްބާނު ސުވާލު ނުކުރިޔަސް ބުނެލައިފި އެވެ. އިއްބާނު އަޑުއިވުނު ކަމަކަށް ނެހެދިއެވެ.
"ރަފޭލް.... ކޮންތަނަކަށް ދާންތަ؟" އިއްބާނު ޖިންސްގެ ޖީބަށް އަތް ޖަހާލައިފި އެވެ. އޭރުވެސް ހީވަނީ ކުޑަކޮށް ރަކިވެފައި ހުރިހެންނެވެ. ރަފާއިލްގެ މޫނަށް ބަލައިލުން ބޮޑުކަމަކަށްވެފައި ހުރިހެން ހީވިއެވެ. އަމިއްލަ ނަފުސާއި މެދު އިތުބާރު އޮންނަ، ހަތަރުކަޅި ހަމަކޮށްގެން ހުރެ މީހުންނާއި ވާހަކަދައްކަން އާދަވެފައިވާ ޒުވާނާ އެހެރީ އުދަގޫވެފައެވެ.
"ކްލަބަކަށް ދާންވެގެން މިއުޅެނީ، ކުރީ ދުވަހު ބުނީމެއްނު އެކްސްޓެސީ ހުރި ވާހަކަ، ކެން ހައި ހޭވް ސަމް އޮފް އިޓް؟ ބޭނުން ހަޔެއްކަ ގަޑިއިރަށް ނަށާލަން......" ރަފާއިލް އިސްތަށިގަނޑުގައި ޖެލްއެއް ހާކާލުމުން އެ ބޯ އިސްތަށިގަނޑުގެ ރީތިކަން އެތައް ގުނަ އިތުރުވިއެވެ. ރަފާއިލް ކްލަބަށްދާން އުޅޭކަން އެނގުމުން އިއްބާނު ހައިރާންވިއެވެ. މާ މާތް މީހަކަށްވެހުރެ ރަފާއިލްވެސް މިއުޅެނީ މީހުންގެ ލޮލުގައި އަނދުން އަޅުވާލައިގެންނެވެ. ދެމޫނުގެ ވެރިއެކެވެ.
"ހެހެ، އެދުވަހު އަހަރެން އެހެން ބުނީމަ ސީރިޔަސްކޮށް ގަބޫލުކުރީތަ؟ އައިމް ނޮޓް އެ ލޫޒަރ، ވީއިރު އަހަރެން ޖެހޭތަ އެކަހަލަ އެއްޗެއް ބޭނުންކުރަން... ސޮރީ ބްރޯ.... އެހެންމީހެއްގެ ހެލްޕް ހޯދަން ޖެހޭނީ......" އިއްބާނު ގެ ތަނަވަސް ނިތުމައްޗަށް ވެއްޓިގަތް އިސްތަށިގަނޑު އަތުން ރަނގަޅުކޮށްލާފައި ކުޑަކޮށް ހީލައިފިއެވެ. ބައެއްފަހަރު ގާތް އެކުވެރިންނަށް ވެސް އޭނަގެ ދިރިއުޅުމާއި ބެހޭގޮތުން ފޮރުވަން ޖެހޭ ކަންތައް ހުންނާތީ ރުޅި އާދެއެވެ. އެހެންނޫންނަމަ އެކްސްޓެސީ އަކީ އަދި އެހާވަރުން ފޮރުވައިގެން ގެންގުޅޭހާ ނުރައްކާތެރި އެއްޗެއް ނޫނެވެ.
އިއްބާނު ހުރީ އެތަނުން ދުރަށް ދާހިތްނުވެފައެވެ. ދެވަނަފަހަރަށްވެސް އެ ތަސްވީރު ބަލައިލަން ބޭނުންވީއެވެ. މިވެސް އަޖައިބުކުރުވަނިވި އިއްތިފާގެކެވެ. މިއޮތް ބޮޑު ދުނިޔޭގައި އިންސާނުން އެންމެ ފޮރުވަން އުޅޭކަންތައް ބޭޒާރުވުމުގެ ވަގުތު ޖެހުމުން ދުނިޔެ ކުޑަތަނަކަށްވެގެން ހިގައިދާނެއެވެ. އެހެންނޫންނަމަ އެތައް މިލިއަން މިހުން އުޅޭއިރު އެކަކު އަނެކަކަށް މިގޮތަށް ގުޅިފައެއް ނޯންނާނެއެވެ. އެކުއްޖާ ރަފާއިލްގެ ކޮއްކޮއަކަށް ވާންވީ ކީއްވެހެއްޔެވެ؟ އެނޫން ކުއްޖަކު އޭނައަށް ނުފެނުނީހެއްޔެވެ؟ ރަފާއިލްއަށް ކުޑަކޮށްވެސް ޝައްކެއްވާނެ ބާވައެވެ.
"ހަމަ އަހާލީ، ބެން ނުދާނަންތަ؟ ފަހަރެއްގައި އެންޖޯއި ކުރެވިދާނެ..." ރަފާއިލް ބަލައިލީ މާނަވީ ނަޒަރަކުންނެވެ. އިއްބާނު ހަށިފުރާ ނޭވާއެއްލާފައި އެއް ލޯމަރައިލީ ވިސްނާފަދަ ގޮތަކަށެވެ. އޭރު އޭނަގެ ހިތުގެ ތެޅުން އިންތިހާއަށް ބާރެވެ. ކްލަބްތަކާއި، މިއުޒިކްގެ ދުނިޔެއާއި އޭނަގެ ގުޅުން ހުރި ޒަމާނެއް އައެވެ. ޚަރަދުކުރަން ފެން ފަދައިން ފައިސާ ހުރުމުން އޭނަ އުޅުނީ އެންމެ މަޝްހޫރު މީހުންނާއި އެކުގައެވެ. މުޖުތަމަޢުގެ މަތީ ފަންތީގެ މީހުންނާއި އެކު އެމީހުން ކުރާހާ ކަމެއްގައި ބައިވެރި ވަމުންނެވެ. އެކަމުގެ އަވައިގާ ޖެހި ދިރިއުޅުން ނަރަކައަކަށްވެފައި އޭނަ ސަލާމަތްވީ ކިރިޔާއެވެ. އަދިވެސް އެދުނިޔޭގެ އެކުވެރިން އޭނަ ދަނެއެވެ. އެކުވެރިކަމާއި، ގާތްގުޅުމެއް ބާއްވައެވެ. ނަމަވެސް އާއިލާ މީހުންނާއި، ގާތްއެކުވެރިންނަށް އެބައި ފޮރުވާފައި ވަނީ މަސްލަހަތަށްޓަކައެވެ.
އިއްބާނުއަށް އެ ތަސްވީރަށް ދެވަނަފަހަރަށް ބަލައިލާނެ ފުރުސަތެއް ނުލިބުނަސް އޭނަ އެކަމާއި މެދު ވިސްނިއެވެ. ބެލްކަނީގެ ރެއިލިންގައި އުޅަބޮށި ޖައްސައިލެވުނު ގޮތަށް ދެދަތްޕިލާ ދޭތެރޭގައި ނިޔަފަތި ޖައްސާލައިގެން މާދުރަށް ގެއްލިފައި ހުރިއިރު މާޒީގެ ހަނދާނެއް އުދަގޫކުރިއެވެ. ނަމަވެސް އެއީ މާ ރީތި ހަނދާނަކަށް ނުވާތީ ސިކުނޑިން ފިލުވައިލަން ބޭނުންވެފައި ހުރެ އޭނަ އަތްމުށްކަވާލާފައި ރެއިލިންމަތީގައި ޖެހިއެވެ.
އިއްބާނު އާއި މިޝެލިން ސޯފާގައި ޖައްސާލި އިރު ރަފާއިލްވެސް އިނީ ކޮންމެވެސް ޕްރޮގްރާމެއް ބަލަން ސޯފާގައި އިށީދެލައިގެންނެވެ. ސޯފާގެ އަތްގަނޑުގައި އެއް އަތް ބާއްވާލައިގެން މޮޑެލް ގޮތަކަށް އިށީދެލައިގެން އިންއިރު ޓީވީއަށް ވުރެ ބޮޑަށް ބެލެމުން ދިޔައީ މިޝެލިން އަށެވެ. ގަމީހަކާއި ޖިންސެއްގައި ރަފާއިލް ފެންނަނީ ތަންކޮޅެއް ރަސްމީކޮށެވެ. އޭރު އިއްބާނު އިނީ ކަންފަތުގައި ފޯނު ޖަހައިގެންނެވެ. ހީހީފައި ކޮންމެވެސް އެކުވެރިއަކާއި ވާހަކަދައްކަން އިންއިރު އޭނަ ރަފާއިލް އާއި ވީ ދިމާލަށް ބަލައިވެސް ނުލައެވެ. އެހެންނޫނަސް ރަފާއިލްގެ ކޮޓަރިން ފެނުނު ތަސްވީރެއްގެ ސަބަބުން އެދޭތެރޭގައި ނުތަވަސްކަމުގެ ފާރެއްލެވިފައިވެއެވެ.
މިޝެލިން އުނގުގައިވާ ބާލީހާއި ކުޅެލަ ކުޅެލާ އިނދެއަށް އޮޅިގެންވެސް ރަފާއިލްގެ މޫނަށް ބަލައިލެވުނީ އޭނަގެ ސިކުނޑިދިން އިންޒާރަކުންނެވެ. ރަފާއިލް އާއި ދެމީހުންގެ ހަތަރުކަޅި ހަމަވިއެވެ. ރަފާއިލް ގެ ފުން ދެ ލޮލުން ބަލަހައްޓައިގެން އިނީ ޖެހިލުމެއް ނެތިއެވެ. އެ ބެލުން ހީވީ ގަރުނަކަށް ދެމިގެން ދިޔަހެންނެވެ. އެލޮލުގައިވި ބާރަކުން އޭނަގެ ހެދުންވެސް ބޭލުވިފަދައެވެ. ރަފާއިލްގެ އެ ޖެހިލުންކުޑަކަމުން ހައިރާންވިވަރުން މިޝެލިން އިނީ ދުރުބަލައިލަން ނޭގިފައެވެ. ރަފާއިލް ހީކުރަނީ ކީކޭހެއްޔެވެ؟ ލޯބިވެރިއެއްހާ އަސަރުގަދަ ބެލުމަކުން އޭނަގެ ހިތާއި ކުޅެލެވިދާނެކަމަށް ހެއްޔެވެ؟ އޭނަގެ ގާތަށްވެސް މިޝެލިން ދާނެކަމަށް ހެއްޔެވެ؟ އިއްބާނުގެ އެކުވެރިއެއްގެ ގޮތުގައި މިގޭގައި ހުރެ އޭނަ އެއުޅޭގޮތުން އިއްބާނުއަށް އެއްޗެއް ނަގައިނުގަނެވެނީ ހެއްޔެވެ؟ ކުރިމަތީގައި އިން އިއްބާނު އޭނައަށް ނަޒަރު ހުއްޓާލަފާނެކަމުގެ ބިރެއް ނެތީހެއްޔެވެ؟ ވަރެއްގެ ފިރިހެނެކެވެ.
"ބެން.. އަދިވެސް ފޯނު ނުނިމޭތަ؟ ބޭރުގައި ވެއިޓްކޮށްލާނަން...." މިޝެލިން ރަފާއިލް އާއި ދިމާލަށް ކުޑަކޮށް ކަޅިއަޅާލާފައި ތެދުވެގެން ދާން ހިނގައިގަތީ ސްކާފް ރީތިކޮށްލަމުންނެވެ. ޖިންސަކާއި، ސްޓްރައިޕް ޓީޝާޓެއްގައި އެ ލޫޅާފަތި ހަށިގަނޑު ފެންނަނީ ނިކަން ފުރިހަމަކޮށެވެ. ދުވަމުން ކަހަލަގޮތަކަށް ގޮސް ގޭޓާއި އަރާހަމަވިއިރަށް ރަފާއިލް ފަހަތުގައި ޖައްސާލާފައި ހުރިތަން ފެނުމުން މިޝެލިން ސިއްސައިގެން ދިޔައެވެ. މިޝެލިން ދެލޯ ކުޑަކޮށްލުމުން އަދި ރަފާއިލް އެއް ބުމަ އަރުވާލީ މަޖާވެލާފައި ހުރެއެވެ.
"ޢަހަރެންގެ ފަހަތުން އަންނަނީ ކީއްވެތަ؟ ރަފޭލް ހާދަ ގޮތްކުޑަވެގެން ތިއުޅެނީ. އަހަރެން ބެންއަށް ހުރިހާ ވާހަކަ އެއްކިޔައިދޭނަން، ރޭގައިވެސް ލަވަ ކިޔާލާފައި އަދި އަހަންނަށް ސްޓެއާ ކުރިއިރު އެހެންމީހުން ތިބީ ލޯ އަނދިރިވެފައެއް ނޫނެއްނު، ތިކަން ހުއްޓާލާ ރަފައިލް... ތިއީ ދެން ބޮޑުވަރު...މީހުންގެ މޫނަށް ބެލުމެއް ނެތީތަ؟ ހާދަ ސެލްފިޝްއޭ ދޯ، ތިމާގެ ފްރެންޑްގެ އަންހެނުންނާއި އަޅައިގެން ތިއުޅެނީ، ނުލިބޭނެކަން ރަނގަޅަށް އެނގޭއިރުވެސް ހަމަ ތިހެން އުޅެން ޖެހޭތަ؟ އެހެންނޫނަސް އަދި ދުނިޔެއިން ފިރިހެނުން ހުސްނުވެއެއް ނު......." މިޝެލިން ކިތަންމެ ގަދަކޮށްލާފައި އެހެން ބުނިކަމުގައިވިޔަސް ހިތުގައި ނޭގޭ ބިރުވެރިކަމެއް ވިއެވެ. ރަފާއިލްގެ މޫނަށް ބަލާލާފައިވެސް ނުފޫޒުގަދަ، ގޮތްދޫނުކުރާ ގޮތެއް ހުންނަކަމުގައި ހީކުރެވެނީއެވެ. ވީއިރު މިޝެލިން އިންޒާރެއްދިނަސް އޭނައަށް އެއްޗެކޭ ހީވާނެހެއްޔެވެ؟
"ޝެލް، ތިވާހަކައަށް އަހަރެން އިތުރަށް ބުނާނެ އެއްޗެއްނެތް، އެކަމަކު ބެންއާއި ބެހޭގޮތުން މިއަދު ބޭނުން އެއްޗެކޭ ބުނެލަން ބެންގެ ލައިފް ހަލާކުވެގެން ދިޔަނުދީ އޭނަ ކުރާ ގޯސްކަންތައް ހުއްޓުވަން ޝެލްއަށް ކެރޭނެތަ؟ ބުނެބަލަ ޑްރަގް ނެގުން ހުއްޓާލާށޭ..... އެހެންނޫނީ ވަކި ހިސާބަކުން އޮންނާނީ އަތްނުފޯރާފަށަށް ގޮސްފައި، ބޭނުންތަ އެޑިކްޓް އަކާއި އެކީގައި އުމުރު ހޭދަކުރަން؟ ކިތަންމެ ލޯބިން އުޅުނަސް ވައިލެންޓް ގަޑީގައި އޭނަ ޝެލްއަށް އަނިޔާކޮށްފާނެ، އަހަރެން ބޭނުމެއްނޫން އެހެން ވިޔަދޭކަށް... އެހެންނޫނަސް ހެރޮއިން އާއި ކޮކެއިން އަކީ ޖޯކެއްނޫން، ލަސްވުމުގެ ކުރިން ބެން ގާތު ބުނޭ އެކަންތައް ދޫކޮށްލާށޭ، ނޫނީ ހީ ވިލް ރިގްރޭޓް...." ރަފާއިލްގެ ވާހަކަތަކުން މިޝެލިން ހުރީ ބަސްހުއްޓިފައެވެ. ރަފާއިލްގެ ރީތި ދެލޮލުން ވޭނެއްގެ އަސަރު ފެނުނުހެން ހީވިއެވެ. އެވަގުތު އިއްބާނު ފެންޑާއަށް ނިކުތްތަން ފެނިފައި މިޝެލިން ޖަވާބެއް ނުދީ ފިޔަވަޅުތައް އަޅަންފެށީ އިއްބާނު އާއި ދިމާލަށެވެ.
ރަފާއިލް އެނބުރި ބަލައިލިއިރު އިއްބާނު ހުރީ ޝައްކުގެ ނަޒަރަކުން ބަލަހައްޓައިގެންނެވެ. ނަމަވެސް އޭނަ މިޝެލިން އަކާއި ސުވާލެއް ނުކުރެއެވެ. މިޝެލިންގެ އަތުގައި ހިފާލާފައި އެއަތްތިލައިގާ އިއްބާނުގެ އިނގިލިތައް ހިންގަމުން ދިޔަގޮތުން މިޝެލިން ހީލިކަރުވާގޮތްވިއެވެ. އެފަދަ ކުދިކަންތަކުންވެސް އިއްބާނު ދައްކާދެނީ ލޯބިވާ މިންވަރެވެ. ރަފާއިލް ހިނގައިގަތީ ދުރަށެވެ. ނަމަވެސް ލޮލަށް ފެންނަމުން ދިޔައީ ދެއަތް ލާމެހިފައިވާތަނެވެ. އޭނައަށް ނުލިބޭނެކަން ޔަގީންވާއިރުވެސް ހިތް ހާދަ ވަރަކަށް ބޭނުންވެއެވެ. އެ ފުށްގަނޑެއްފަދަ ކުއްޖާ އަތުގެތެރޭގައި ބޮނޑިކޮށްލާހިތުން ކެތްވަނީއެއް ނޫނެވެ. އެންމެ ފަހަރަކުވެސް ލިބޭނެނަމައެވެ. އޭރުން ހިތުގެ ހައިޖާނު ނިމުމަކަށް އައިސްދާނެކަން ނޭގެއެވެ.
ރަފާއިލް މިޝެލިންދެކެ އިންތިހާއަށް ލޯބިވެއެވެ. އަމިއްލަ އެދުމެއްނެތް ލޯތްބެއްކަން އެނގެނީ އޭނަ އަމިއްލަ އުފަލަށްވުރެ މިޝެލިންގެ އުފާތަކަށް އިސްކަން ދެވޭކަން ޔަގީންވުމުންނެވެ. އެހެންނޫންނަމަ އިއްބާނު ޑްރަގް ގެ ޝިކާރައަކަށް ވެގެން ނިމިގެން ދާންދެން އޭނަ ހުރީހީ ހިމޭނުންނެވެ. އޭރުން އޭނައަށް މިޝެލިން ލިބުމުގައި ހުރަހެއް ނޯންނާނެއެވެ. އޭނަގެ މަތިވެރި ލޯބީގެ ސަބަބުން މިޝެލިންގެ ހިތަށް އަނިޔާއެއް ދޭން ނޭދުނީއެވެ. ހިތް އެދުނީ އަބަދު އެ ރީތި ހުނުމުގައި އުފާވެރިކޮށް ހުންނަތައް ފެނުމަށެވެ. އެވަރު ކޮންމެވެސް ޒަމާނެއްގައި މިޝެލިންއަށް ވިސްނޭނެނަމައެވެ. ގިޔާމަތް ދުވަހުންވިޔަސް ހެވެވެ. ދެފަހަރުވެސް އޭނަ މިދޫކޮށްލީ މިޝެލިންގެ ހައްގުގައެވެ. ރަފާއިލް ހުރީ ވަރަށް އަސަރުކޮށްފައެވެ.
މިޝެލިން ހީހީފައި އުޅުނަސް އޭނަގެ ހިތުގައި އެތައް ސުވާލުތައް ފުނިޖެހި އެއަށް ޖަވާބެއް ނުލިބިފައިވެއެވެ. އެކަނި ކޮޓަރީގައި ފުރުސަތެއް ލިބެންވާއިރަކަށް އިންތިޒާރު ކުރިއެވެ. އިއްބާނު ތަޅުލާފައި ހުންނަ ވައްގަނޑުގެ ތަޅުދަނޑި ހޯދަން އޭނަ މަސައްކަތް ކުރާނީ އެވެ. އެހާވަރުން ފޮރުވައިގެން ގެންގުޅޭ އެއްޗެއް އޭނައަށްވެސް އެނގެންވާނެއެވެ. ދެމަފިރިންގެ ދެމެދުގައި ސިއްރުތަކެއް ހުރެގެން ހަމަޖެހިލައިގެން އުޅެވިދާނެ ކަމަކަށް މިޝެލިން ގަބޫލެއްނުކުރެއެވެ.
މިޝެލިން ފައިވާނާއި ނުލައި އެތަންމިތާގައި ހިނގާލާފައި އައިއިރު ފައިތިލަ ހަޑިވެފައި ހުރުމުން އިއްބާނު މިޝެލިންގެ ފައި ސްކްރަބްކޮށްލަދޭން އެހީވިއެވެ. ސޯފާގައި މިޝެލިން ބައިންދާފައި އެއްޗަކަށް ފެންއަޅައިގެން އައިގޮތަށް ފައިތިލަ ދޮވެލަދިނުމުން ހީވީ ބޭބީއެއްގެ ފައިތިލަހެންނެވެ.
"ލޯޝަންވެސް ލައްވަދީ ޑާލިން....." މިޝެލިން އޮތީ އަރާމުވެފައެވެ.
އިއްބާނު މިޝެލިންގެ ފައިތިލައިގައި ބޮސްދިނެވެ.
"އެކަނި ފައިތިލައެއްނޫން، ބޮޑީ މަސާޖެއްވެސް ކޮށްލަދީފާނަން ބޭބީ ގާލް...." އިއްބާނު މިޝެލިން ނަގައިގެން ގޮސް އެނދުގައި ބާއްވަމުން އެދޮންމޫނުގައި ބޮސްދޭންފެށުމުން މިޝެލިންވެސް ކަރުގައި އަތްއަޅުވާލާފައި ގާތަށް ދަމާލައިފި އެވެ. އެރޭވެސް އިއްބާނު އާއި މިޝެލިންގެ ހަޔާތުގައި އައި އެންމެ އުފާވެރި، ހިތްހަމަޖެހުން ލިބުނު ރެއަކަށްވިއެވެ. އިރުއަރައިގެން އައިއިރުވެސް ދެމީހުންތިބީ ލޯބީގެ ދުނިޔެއެއްގައި ނުނިދިފައެވެ.
މިޝެލިން ހެނދުނު ތެދުވެގެން ގޭތެރޭގައި އުޅެލާފައި އިއްބާނު އޭނަގެ ބޭބެމެންނާއިއެކު ކޮންމެވެސް ކުޅިވަރެއް ފެށި ގަޑިއެއް ބަލާލާފައި ކޮޓަރިއަށް ވަނެވެ. މިޝެލިން އަވަސްއަރުވާލާފައި އިއްބާނު ތަޅުލާފައިވާ ވައްގަނޑު ހުޅުވާލިތަނުން ދޮރުމަތިން މީހެއްގެ ހިލަންވެގެން ބަލައިލިއިރު އެއީ އިއްބާނު އެވެ. މިޝެލިން ދެލޯ ބޮޑުކޮށްލައިގެން ހުރިގޮތުން ހީވީ ވައްކަމެއް ކުރަނިކޮށް ފަޅާއެރީހެންނެވެ. އިއްބާނުވެސް ހުރީ އެހާ ސީރިޔަސް ވެލާފައެވެ. ޖިންސްގެ ޖީބަށް ދެއަތް ޖަހާލައިގެން ހުރިއިރު ބުމަވަނީ ކައިރިކޮށްލެވިފައެވެ. އިއްބާނު އެހާ ރުޅިގަދަވެދާނެ ކަމަކަށް މިޝެލިން ކުރިން ހީކޮށްފައެއްނެވެ. މިޝެލިން އެގޮތަށް ސިއްރުން އޭނަގެ އެއްޗެއް ފާސްކުރުމުން ހިތްހަމަނުޖެހުނީ ކަންނޭގެ އެވެ. އެއައިގޮތަށް ތަޅުދަނޑި އަތުލާފައި ވައްގަނޑު ތަޅުލާފައި މިޝެލިން ގެ އަތުގައި ހިފައިގެންގޮސް ސޯފާގައި ބޭންދީ ކުޑަކުއްޖަކު ކުށެއް ކޮށްލުމުން އަދަބުދޭން އުޅޭފަދަ ގޮތަކަށެވެ. ރަފާއިލް ބުނީ ތެދުވާހަކައެއް ކަންނޭގެއެވެ.
"ޝެލް، މަގޭ އެއްޗެހި ފާސްކުރާނީ ތިގޮތަށް ސިއްރަކުން ނޫނޭ... މަގޭ ގާތުން ހުއްދަ ހޯދައިގެން، ކޮބާ ބޭނުމަކީ؟ ޓެލް މީ، ވަޓް ޑޫ ޔޫ ވޯންޓް؟ އޭނ ކިހިނެއްވެގެން ތިއުޅެނީ...... އަހަރެން ގޮތެއް ހެދީމަ ދެން ނުބުނާތި އަނިޔާކުރަނީއޭ، ބުނޭ ކީއްކުރަން މަގޭ އެއްޗެހި ހާވަނީ؟" އިއްބާނު ހަރުކަށި ގޮތަކަށް ސުވާލުކުރިއެވެ. އޭރު ދެމީހުންގެ ލޯވަނީ ގުޅިފައެވެ. އިއްބާނުގެ ރީތި ފުންދެލޮލަށް ބަލަހައްޓައިގެން އިންދާ މިޝެލިންގެ ލޮލުގައި ކަރުނަތިކިތައް ބަބުޅަން ފެށިއެވެ. އިއްބާނު މިޝެލިންގެ އަތުގައި ބާރަކަށް ހިފަހައްޓާލައިގެން ލަދުގަންނަވާލާފަދަ ނަޒަރަކުން ބަލަހައްޓައިގެން އިނީއެވެ. މިޝެލިން ރޮއިރޮއި އިންއިރު ހަމަ އެހާ ސީރިޔަސްވެލާފައި އިއްބާނު އިނެވެ. މިޝެލިން ކަރުނައިގެ ތެރޭންވެސް އިއްބާނު އާއި ނަޒަރު ވަކިކޮށެއްނުލިއެވެ. ހީވަނީ ދެމީހުންގެ ލޯ ގުޅިފައިވާހެންނެވެ. ކޮންމެވެސް ސަބަބަކާއި ހުރެ ދުރަށް ނުބެލި ޖާދޫއެއްގައި ޖެހިހެންނެވެ.
"އޯކޭ އިނަފް ޝެލް.. ދެން ހުއްޓާލާ..... ތިގޮތަށް ރޮއިގެން އަދި މަގޭ ސުވާލަށް ޖަވާބެއް ނުދެވޭނެ.... ޅަވާނެ ކަމެއް ނެތް، ނުރޮއި ވާހަކަދައްކާ، އަހަރެންގެ ސުވާލަށް ޖަވާބު ދީ، ކީއްވެހޭ މަގޭ އެއްޗެހި ފާސްކުރަނީ؟ އެފްބީ އައި އެޖެންޓެއްތަ؟" އިއްބާނު ދެންވެސް ޚިޔާރުކުރީ ހަރުކަށިކަމެވެ. މިޝެލިން ގެ މައުސޫމްކަމާއި، ޅަކަމުން ވާނުވާ ނޭގި އިނދެފައި އަދި އިއްބާނުގެ ޓީޝާޓުގައި ހިފާ ދަމައިގަތީ ތުން ފިތާލަމުންނެވެ. އޭރު އެ ރަތް ތުންފަތް ތުރުތުރު އަޅަމުން ދިޔައެވެ. ރީތިކަމުގެ އިންތިހާއެވެ. އިއްބާނު ބާރަކަށް ހޭންފެށިއެވެ. ފިރިހެންވަންތަ ހިތްގައިމު ހުނުމެކެވެ. އޭނަ ސަމާސާ އަކަށް ރުޅިއައި ކަމަށް ހެދުމުން މިޝެލިން ގަބޫލުކުރީއެވެ. ކުޑަ އެކްޓެއްކޮށްލާއިރަށް މިޝެލިންގެ ހިތަށް އަސަރު ކުރީއެވެ. އެކަމަކު ކުއްލިއަކަށް މިޝެލިންގެ ހިތުގެ މައްސަލަ ހުންނަ ހަނދާނެއްވެފައި އިއްބާނު ދެރަވިއެވެ. އެގޮތަށް އޭނަގެ ލޯބިވާ މިޝެލިން ނުރޮއްވަން ހިތާހިތުން ވައުދުވިއެވެ.
"ބޭބީ، ނުރޮއި... .ސަމާސާ އަކަށޭ އެހެން ބުނީ... އަހަރެންގެ އެއްވެސް އެއްޗެއް ޝެލް އަކަށް މަނާ ނުވާނެ. ހުރިހާ އެއްޗެއް ބެލިޔަސް ހެވޭ ލަވް.... އަހަންނާއި އަހަރެންގެ ހުރިހާ އެއްޗެއްސަކީ ޝެލްގެ..... ބޭބީ ހަދާގޮތެއް ބަލަން ސަކަރާތެއް ޖަހާލީމަ ދެން މާ ދެރަވީއެއްނު، އައިމް ސޮރީ ބޭބީ، އައިމް ސޯ ސޮރީ، މިލިއަން ޓައިމްސް ސޮރީ، އެހެން ދެން ނަހަދާނަމޭ، ދެރަކޮށްލާކަށް ބޭނުމެއްނޫން، އެކަމަކު ބޭބީވެސް ޝައްކެއް އޮތިއްޔާ އަހަރެން ގާތުން އަހާބަލަ.........." އިއްބާނު މިޝެލިންގެ ދެލޮލުގައި ބޮސްދީފައި އެތައް ފަހަރަކު މާފަށް އެދުނެވެ. އޭނަ މަޖަލަށްވެސް އެފަދަ އެއްޗެކޭ ނުބުނާނެ ކަމަށް ބުންޏެވެ. އެވަރުންވެސް މިޝެލިން އަށް ކަރުނަތައް ހުއްޓައިނުލެވުނީ ރަފާއިލް ދެއްކި ވާހަކަތައް އެއީ ހަގީގަތެއްހެން ހީވިވަރުންނެވެ. ޑްރަގަކީ އެދެމީހުންގެ ލޯބީގެ ދުޝްމަނެވެ. ދެމީހުން އެކީގައި ޑްރަގާއި ހަގުރާމަކޮށް ބަލިކޮށްލަން މިޝެލިން މިއަދު ކިތަންމެހާވެސް ބޭނުންވިއެވެ.
"އިޓްސް އޯކޭ ބެން، އެކަމަކު އަހަރެން ގާތުގައި ތެދަށް ބުނެފާނަންތަ؟" މިޝެލިން އިއްބާނުގެ މޫނުގައި އަތް ޖައްސާލަމުން ރޮވިފައިވާފަދަ ގޮތަކަށް އަހާލި އެވެ. އިއްބާނު އިނީ ހިމޭނުންނެވެ. މިޝެލިން އަހަން އުޅޭ ވާހަކައެއް ވިސްނި ނުތަނަވަސްކަމާއި އެކު ތުންފަތުގައި ދަތް އަޅާލެވިއްޖެއެވެ. އިއްބާނުގެ މޫނުގައި ޖައްސާލާފައިވި މިޝެލިންގެ ނާޒުކް އަތުގައި ހިފަހައްޓާލަމުން ބޮސްދިންއިރު އިއްބާނުގެ އެސްފިޔަތަކުގެ ފުރަގަހުގައި ކަރުނަ ބޮނޑިވެލާފައި ހުއްޓެވެ.
"އަހަރެން ބޭނުން މަރުވަންދެން އެކީގައި އުޅެން، އެހާ އުފަލުން ހިތްހަމަޖެހިގެން ހަޔާތުގެ ކޮންމެ ދުވަހެއް ވޭތުކުރުން، އެހާވެސް ބޮޑަށް އަހަރެން ބެން ދެކެ ލޯބިވޭ، ފުރާނައަށްވުރެ ބޮޑަށް ލޯބިވޭ، އެކަމަކު ބެން އަހަންނަށް މިހާ ބޮޑުކަމެއް ސިއްރު ކުރަނީ ކީއްވެތަ؟ ބެން އަހަރެންދެކެ ލޯބިވާކަމަށް ވަންޏާ ކީއްވެ ހަށިގަނޑު ހަލާކުގެ ތެރެއަށް ވައްޓާލަން އުޅެނީ؟ ބެން އަމިއްލަ ނަފުސާއިމެދު ނުވިސްނިޔަސް އެހެން މީހުންނާއި މެދު ވިސްނިނަމަ، ބެން ބުނެބަލަ، ބެންއަށް ކަމެއް ވެއްޖެއްޔާ އަހަރެން ދުނިޔޭގައި އުޅޭނީ ކިހިނެއްތަ؟ ބެންއާއި އެކު ހުރިހާ އުފަލެއް ވަޅުލެވިގެން ދިޔައީ، ބެންގެ ފެމިލީއަށްވާނީ ކިހިނެއްތަ؟ އެހެންނޫނަސް ޔޫ އާ ހެންޑްސަމް، ރިޗް، ބޭނުން ކޮންމެ އެއްޗެއް ލިބޭ، އަދި އެތައް ބަޔެއްގެ ލޯބި ލިބޭ، ދެން ކީއްވެ..... ކީއްވެތަ؟ ބެން، ކީއްވެ ޑްރަގް ނަގަނީ....." މިޝެލިން އެހެން ބުނެފައި ބާރަކަށް ރޮމުން އިއްބާނުގެ ޓީޝާޓުގައި މޫނު ފޮރުވިއެވެ. އޭރު އެހިތް ހީވީ ކުނޑި ކުނޑިވެދާނެ ހެންނެވެ. އިއްބާނު ދޭނެ ޖަވާބަކުން އޭނަގެ ހިތަށް ވާނެ ގޮތެއްވެސް ނޭގެއެވެ. ރަފާއިލް ދޮގުހެދި ކަމުގައި ވާނަމަ އޭނަ ދުވަހަކުވެސް ރަފާއިލްއަށް މާފެއް ނުކުރާނެއެވެ. އެއީ ތެދަކަށް ވެއްޖެއްޔާ އޭނަގެ ހަޔާތަށް ޔަގީނުންވެސް ތޫފާނެއް ނައިހެއް ނުދާނެއެވެ.