މިހުރާން އަވަސްކުރަން އެދިފައި ފޯނު ބޭއްވުމުން މިލީނާ ކަންބޮޑުވެފައި އޭނަގެ މަންމަ ގާތުން ފާފަ ވެރިވެދާނެހޭ އަހައި ސުވާލު ކުރިއެވެ. ސޯފިޔާ ބުނީ ކޮންމެ ކަމެއްގައި ފިރިމީހާއަށް ކިޔަމަންތެރިވާން ޖެހޭނެ ކަމަށެވެ. ނަމަވެސް ފާފައެއް ކުރަން އުޅެންޏާ ދުރަށް ދިޔުމުގެ ހައްގު މިލީނާއަށް އޮންނާނެ ކަމުގައެވެ. މިލީނާއަށް މިހުރާން މުހިއްމެއް ނޫނެވެ. އޭނަ ބޭނުމީ މިހުރާން އޭނަ އާއި ވަކިވުމެވެ. ވަރިކޮށްލުމެވެ. އެނޫން ގޮތެއް ދެން ނެތެވެ. މިލީނާ އޭނަގެ ބޮޑު ދައިތަ އާމިރާގެ ގޭގައި އިންއިރު މިހުރާން މެދުކެނޑުމެއްނެތި އޭނަގެ ފޯނަށް ގުޅިއެވެ. ދެގަޑިއެއްހާއިރު ފަހުން މިލީނާ އެގޭ ނަމްބަރުން މިހުރާންއަށް ގުޅިއިރު އެ ފޯނު ނިވާލާފައި އޮތުމުން މިހުރާން ފުރީކަމަށް ހީކުރެވުނެވެ. ކުޑަ ނުތަނަވަސްކަމެއް ލިބި، ދެރަވި ހިދުކޮޅަކަށްފަހު މިލީނާގެ ހިތް އުފަލުން ނަށާލި އެވެ.
މިލީނާ ފޯނު ބާއްވާލައިފައި ހިން ދެމިލިތަނާ ދޮރުމަތިން މިހުރާން ފެނުމުން ސިހުނުވަރުން ކުޑަ ހަޅޭކެއްގެ އަޑު ކަރުތެރެއިން ނިކުތެވެ. މިލީނާ ބިރުންގޮސް ހިތް ރޫރޫ އަޅައިގެން، މޫނުގެ ކުލަ ހުދުވިއެވެ.
"މިހުރާންތަ؟" މިލީނާ ފަހަތަށް ފިޔަވަޅެއް އެޅިއެވެ.
"އުހުމް، މަގޭ ގޯސްޓް.... ހީކުރީ ޕްލޭން ކްރޭޝް ވެގެން އަހަރެން މަރުވެފައި އެނބުރި އައީކަމަށްތަ؟ ފެއިންޓް ވާ ވަރުވެފައި ހުރީމަ އެގިއްޖެ އަހަންނާއި އެކީގައި ނުދާންވެގެން ފިލައިގެން ކަން ތިއުޅުނީ، ފިލައިގެން އުޅޭއިރު ހިތަށް އަރާނީވެސް ނުބައި އެއްޗެހި، މަށަށް ހާދަ އުނދަގުލެއް ޖައްސައިފި....." މިހުރާން ހިތްހަމަނުޖެހިފައި ހުއްޓަސް އެކަމެއް ބޭރުފުށަކުން ދައްކާ ނުލައެވެ. އޭނަ މިލީނާގެ އަތުގައި ހިފައިގެން ހިނގައިގަތް ތަނާ އާމިރާއަށް ބޭރަށް ނިކުމެވިއްޖެއެވެ. އެކަމަކު މިހުރާން ހުއްޓުވަން އެއްޗެކޭ ބުނާނެ ހިތްވަރެއް ނުލިބި ފިނޑި ވެވިއްޖެއެވެ. މިހުރާން މިލީނާ ކާރަށް އަރުވާފައި ތަންކޮޅެއް ބާރަށް ދޮރު ޖެހިއެވެ. މިހުރާން، އޭނަގެ ދަތުރު ކެންސަލްވުމުން ލިބުނު ގެއްލުމުގެ އަގު މިލީނާ ދޭނެ ގޮތަކާއި މެދު ސުވާލު ކުރިއެވެ. އެވަރުންވެސް މިހުރާން މިލީނާ ހީކުރިފަދައިން ހަރުކަށިކަން އިސްނުކޮށް އެކަނި ވާހަކަ ކޮޅަކުން ނިންމާލީތީ މިލީނާ ހެއްދެވި ފަރާތަށް ޝުކުރުވެރިވިއެވެ.
މިލީނާ ނިދާ ހެދުން ބަދަލުކުރަން ފާޚާނާއަށް ވަދެފައި ބިރުން ކަހަލަ ގޮތަކަށް ހަޅޭއްލަވައިގަތް އަޑަށް މިހުރާން ކުރަން ހުރިކަމެއް ހުއްޓާލާފައި ދޮރުމައްޗަށް އެރިއެވެ.
"ވަޓް ހެޕެންޑް..." މިހުރާން އަށް އަހައިލެވުނީ ތަންކޮޅެއް ބާރަށެވެ.
"ސްޕޮޓިން....." މިލީނާ ގެ ދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ އޮހިގަތުމާއިއެކު އެނދުގައި އޮށޯވެ ބާލީސް މޫނުގައި އަޅާ ބާރުކޮށްލައިފި އެވެ. މިހުރާންއަށް އެ ލިބުނު ޚަބަރަކުން ހިތް ހަމަޖެހުމުގެ ނޭވާޔެއް ދޫކޮށްލެވުނެވެ. ބޭސްނުކެޔަސް ބައެއްފަހަރު ދަރިފުޅު ބައިގެން ގޮސްދާނެއެވެ. އެކަމާއި އޭނަ ހެއްދެވި ފަރާތަށް ޝުކުރުވެރިވިއެވެ.
"ޑޯންޓް ވޮރީ، މާދަން ޑޮކްޓަރަކަށް ދައްކާލާނީ، ތިވަރު ކަމަކާއި ދެން ރޯންވެއްޖެތަ މިލީ، އަދި ބޭނުން ވަރަކަށް ކުދިން ހޯދިދާނެ، ފަހުން ފުޓްބޯޅަ ސެޓެއްވެސް ހަމަ ކުރާނީ......" މިހުރާން މިލީނާ އާއި ދިމާލަށް ފަރުވާކުޑަގޮތަކަށް ބަލައިލި އިރު ކައިރިއަށް ގޮސްފައި ފިރުމާލަދޭން ހިތަކަށް ނޭރިއެވެ. މިލީނާގެ ހިތަކަށް ފިނިކަމެއް ނުލިބުނެވެ. ރުއިން ވެސް ހުއްޓައެއް ނުލެވުނެވެ. އިރުއަރަންދެންވެސް މިލީނާ އޮތީ ނުނިދިފައެވެ. އެ ދަންވަރު މަންމައަށް ގުޅަންވެސް އޭނަގެ ހިތަށް އެރިއެވެ. ފަހަރެއްގައި މާދަން ވާއިރަށް ލަސްވެދާނެއެވެ. މިރޭވެސް ޑޮކްޓަރަށް ދައްކައިގެން ފަރުވާއެއް ހޯދަން ޖެހޭނެއެވެ.
ހެދުނު ސައިބޮއިގެން މިހުރާން މިލީނާ ގޮވައިގެން ޑޮކްޓަރަކަށް ދެއްކުމުގެ ބަދަލުގައި ކިޓެއް ގެނެސްދިނެވެ. ބޭބީ ރަނގަޅު ކަން ޔަގީންކޮށްލަން ފުރަތަމަ ޓެސްޓް ހަދަން މިހުރާން އެދުނެވެ. މިހުރާން އިރުކޮޅަކުން ބޭރުގައި ހުރެފައި އައިއިރު ކުޑަކޮށް ހުޅުވިފައިވާ ދޮރުން ފެނުނީ މިލީނާ އުފާކުރަން ހުރި ތަނެވެ. މިހުރާންގެ ބުމަގޮށްޖެހުނެވެ. މިލީނާ އެހާ އުފާވެފައި ހުންނާނީ ޓެސްޓްގެ ނަތީޖާ ރަނގަޅު ވީމަކަން ޔަގީނެވެ. މިހުރާން ކަންބޮޑުވެފައި ހުރެ އަހާލުމުން މިލީނާ ބުނީ ޕޮޒިޓިވް ކަމަށެވެ. މިހުރާން އަނެއްކާ ކިޓެއް ހިފައިގެން އައިސް ރިޕީޓްކުރަން ބުނެފައި އޭނަ އަމިއްލައަށް ދެކެން ބޭނުންވާކަމަށް ބުންޏެވެ. އޭނަގެ ހިތްހަމަޖެހޭނީ އަމިއްލަ ލޮލުން ނަތީޖާ ފެނުމަށްފަހުގައެވެ. މިލީނާ އެ ސްޓްރިޕްކޮޅު ދިއްކޮށްލުމުން ޖަހައިގެންފައި މިހުރާން ބަލައިލާފައި ހޭންފެށިއެވެ.
"މި ޕޮޒިޓިވްތަ؟" މިހުރާން އަހާލުމާއިއެކު މިލީނާ މާ ވަރަކަށް ހެވިލާފައި ހުރެ ބޯ ޖަހާލައިފި އެވެ.
"މިއިނީ ލައިން ރެޑްކޮށް..." މިލީނާ މިހުރާންއަށް ޔަގީންކޮށްދޭން ބޭނުންވިއެވެ.
"އަހަންނަށްވެސް ނުފެންނަނީ އެއް ނޫނޭ ސްޓުޕިޑް ކުއްޖާ، މިލީ މިހާ ގަމާރުވެދާނެ ކަމަކަށް މަ ހިޔެއް ނުކުރަން، އެންމެ ފުރަތަމަ ދުވަހުވެސް މޮޔަކުއްޖާ ތިއުޅެނީ އަމިއްލަ އަކަށް ވެސް އޮޅުވާލައިގެން ދޯ...... މި ޕޮޒިޓިވް ވެއްޖެއްޔާ ޓޫ ރެޑް ލައިންސް އަންނާނެ ކަމެއް ނޭގޭތަ؟ އެވަރު ނޭގިހުރެ ޓެސްޓް ހަދަން އެބަޖެހޭ، އަހަރެންވެސް އެހާ ބޯ ގޮއްވާލައިފި......" މިހުރާން ގެ ޖުމްލަތަކުން މިލީނާއަށް ޝޮކެއް ލިބުނެވެ. ވީއިރު އޭނަ ގެ ދުވަސް ތަންކޮޅެއް ލަސްވެފައި، ނަތީޖާ ކިޔަން ނޭގުމުން އޭނައަށް އޮޅުނީއެވެ. ގަތްލަދުން މޫނު ރަތްވެގެން ދިޔުމާއި އެކު މިލީނާ ދެރަނުވާކަމަށް ހެދެންވެގެން ހޭންފަށާފައިވެސް ދެލޮލުގެ ފުރެންދެން ކަރުނަ އައިތަން ފެނުމުން މިހުރާންގެ ހިތަށް އުދަގުލެއްވިއެވެ. އެކަމަކު އެކަން ފެނުނު ކަމަކަށްވެސް އޭނަ ހަދާނުލައި ކޮޓަރިން ބޭރަށް ނިކުތެވެ.
ސޯފިޔާ ކިތަންމެ ވަރަކަށް ހިތްހަމަނުޖެހުނަސް މިލީނާ ފުރިޔަނުދީ ހިފަހައްޓަން ނުކެރުނީ މާޒިން އެކަން މައްސަލަ އަކަށް ހެދީމައެވެ. ކޮންމެ ގޮތެއް ވިޔަސް މިހުރާންއަކީ ފިރިމީހާއަށް ވީތީ ފިރިޔެއްގެ ހައްގު އަދާކުރަން އޭނަ ޖެހޭނެއެވެ. މިލީނާ މަންމަ ގާތުގައި އޭނައަށް އޮޅުނު ވާހަކަ ކިޔައިދިނެވެ. އަދި މިހުރާން އޭނަ އާއި މެދު ކަންތައް ކުރަނީ ރަނގަޅަށް ކަމަށާއި، މަންމަ އޭނައާއި މެދު ނުވިސްނުމަށް އެދުނެވެ. އެކަމަކު ހަގީގަތަކީ އެއީ އެއްނޫނެވެ. މިހުރާން ލަންޑަނަށް ގޮސްފައި މީރާ އާއި، އެކުވެރިންނާއި އެކު އުފާކޮށްފައި އޭނަގެ ގާތަށް ރޭގަނޑު ނިދަން އަންނަ އުސޫލު ދެކެ އޭނަ ހިތްހަމައެއް ނުޖެހެއެވެ. ރޯން ޖެހޭ ދުވަސް އަންނާނެކަންވެސް މިލީނާއަށް ނޭގެނީއެއް ނޫނެވެ. އަދި މިފަހަރު އެހެން ދިމާވިޔަސް ބަލިވެ އިނދެއްޖެއްޔާ މިހުރާންގެ ފަރާތުން ދެން ފޯރާނެ އުދަގޫތައް މާ ބޮޑުވެދާނެއެވެ. އެކަމަކުވެސް މިވަގުތު ނުގޮސް ކުރާނެ މާބޮޑުކަމެއް ނެތެވެ.
އިއްބާނުމެންނަށް ލިބުނު ހަނީމޫން ދަތުރުގައި ދާން މިޝެލިން ދެކޮޅުހެދިއެވެ. އިއްބާނު އެކަމާއި ދެރަވިޔަސް އެއްޗެކޭ ނުބުނެ އެ ދަތުރު ކެންސަލްކުރިއެވެ. މިޝެލިން ގަސްތުގައި ކޮޓަރި ހަޑިކުރާތީ އިއްބާނުއަށް ޖެހިފައި ވަނީ އަބަދު ތަންމަތި އަޅައި، ތަރުތީބުކޮށްފައި ބެހެއްޓުމަށެވެ. ގޭގެ އެހެންމީހުންނަށް މިޝެލިންގެ އުޅުން ނާންގަން އިއްބާނު ކުރީކޮޅު މަސައްކަތްކުރިއެވެ. ކޮޓަރީގައި ކަންތައް ފޮރުވުނަސް މިޝެލިން ކޮފީތަށްޓެއް ހަދައިނުލާކަންވެސް މަލަކާމެން ދަނެއެވެ. އެކަން އެގުނަސް އެއްވެސް މީހަކު އެއްޗެކޭ ކިޔާތަން ނުފެނުމުން މިޝެލިން ހައިރާންވިއެވެ. މަންމަ އާއި ދޭތެރޭގައި އެގޮތަށް ކަންތައް ކުރި ބަޔަކު އޭނައަށް އިހާނެތިކޮށް ނަހަދަންވީ ކީއްވެ ހެއްޔެވެ؟
އިއްބާނު އާއި މިޝެލިންގެ ކައިވެނި ކުރެވުނުތާ ފަނަރަ ވަރަކަށް ދުވަސް ތެރޭގައި މާޒިންގެ ދެމަފިރިން ހައްޖު ދަތުރުގައި ފުރިއެވެ. މިޝެލިން ވަޒީފާއަށް އެދުނު ތަނުން ވަޒީފާ ހަމަޖެހުމުން މިޝެލިން ހުރީ އިންތިހާއަށް އުފާވެފައެވެ. އެރޭ އޭނަ ހެދުން އިސްތިރިކުރަންވީމަ ބުނީ އެލީސާ ގާތުގައެވެ. އިއްބާނުއަށް އެކަން އެނގިއްޖެއްޔާ ހާދަ ރުޅި އަންނާނެއެވެ. އެލީސާ މާ ހެޔޮފުޅުވެގެން އުޅެންޏާ ކަންތަކުވެސް ކިޔޭނެއެވެ.
މިޝެލިން ތައްޔާރުވެލައިގެން އޭނަ ކޮނޑުގައި ދަބަސް އަޅުވައިގެން ބޭރަށް ނިކުތްއިރު ޒިލާއަށްވެސް ބަލަން އިދެވުނީ ހަސަދަވެރިކަމުގެ ލޮލަކުންނެވެ. ޒެފަން އޭނަގެ "ފްލަފީ" ގޮވައިގެން ދުވެދުވެފައި އުޅެއެވެ. ފްލަފީ އަކީ ޒެފަން މާ ޚާއްސަކޮށްގެން ގެންގުޅޭ ކަފަ ބުދެކެވެ. ފްލަފީ އާއި ނުލައި ޒެފަން އަށް ބޭރަށް ތަނަކަށް ދެވޭކަމަކަށްވެސް ނުވެއެވެ. މިޝެލިން ދޮރާއި އަރާހަމަވީއިރު އިއްބާނު ފެންޑާގައި ކޮފީއެއް ބޯން ހުރިތަން ފެނުނެވެ. ބާބެރީ ރަތްކުލައިގެ ޓީޝާޓާއި، ކަޅު ޖިންސްގެ ސަބަބުން ވަކިން ފިރިހެންވަންތަކަމަށް ދައްކައެވެ. ވައިގެ ކުޑަ ގޯނާއަކާއި އެކު ވިހުރުވާލާ ފަން އިސްތަށިގަނޑު އެ ކަޅުކުލަ ގަދަ ބުމަ މައްޗަށް ފައިބައިގަންނަ ގޮތް ހާދަ ހިތްގައިމެވެ.
"މާ ހެނދުނު ކޮންތަނަކަށް ތިދަނީ؟" ޒިލާ އަހާލައިފި އެވެ.
"ޖޮބަށް، ޒިލީ އަކަށް ނޭގޭތަ؟ އަހަންނަށް ޖޮބް ލިބިއްޖެ ޕްރައިވެޓް ތަނަކުން، ޒިލީމެން އަދި މާ ރިޗް ވިޔަސް އަހަރެމެންގެ ޕޭރެންޓުން ކުޑައިރުއްސުރެން ކިޔައްވާ ދިނީ އަމިއްލައަށް ދުނިޔޭގައި އުޅުމުގެ ފުރުސަތު ހޯދަދޭންވެގެން...." މިޝެލިން ގެ ދޮން ފަޔާއި ގުޅޭފަދަ ފައިވާނަކަށް އެރުމުން އަދި ވަކިން ސްޓައިލިޝްކަމަށް ދެއްކިއެވެ. އިއްބާނު އެނބުރިލާފައި ބަލައިލި ގޮތަކުން މިޝެލިން ފައި އަރިއަޅައިނުލީވެސް ކިރިޔާއެވެ.
"ގުޑް ލަކް...." ޒިލާ ފާޑަކަށް ކޮނޑު އަރުވާލިއެވެ. ތަނަކަށް ވަޒީފާއަށް ދާހާ އޭނަ ހީވާގިއެއް ނޫނެވެ. އޭނައަށް ރަނގަޅީ މިގޮތަށް މަސައްކަތަކާއި ނުލައި ޒަރޫރީ ހުރިހާ ބޭނުންތަކެއް ފުދުނީމައެވެ. މައިންބަފައިންނާއި، ފިރިމީހާގެ މުއްސަނދިކަމީ ޒިލާގެ ނަސީބެވެ. މިޝެލިން ކުރިއަށް ހިނގައިގަތުމުން އިއްބާނު ގޮވައިލި އެވެ.
"ވަޒީފާއަށް ދާއިރު އަހަރެންގެ ކައިރީ ބުނެލުމަކީ ބޭނުން ކަމަކަށް ނުވަނީތަ؟" އިއްބާނު ކުޑަކޮށް ހިތްހަމަނުޖެހިފައި ހުރެ މިޝެލިންގެ ފަހަތުން އައިސް ގޭޓާ އަރާހަމަވިއެވެ. އޭރު ބިލާލު ހުރީ ތަންކޮޅެއް ދުރުގައި ކޮންމެވެސް މީހަކާއި ވާހަކަ އަޅުވާލައިގެންނެވެ. އިއްބާނު ފެނުމުން އޭނަ ދުރުގައި ހުރެފައިވެސް އަލިފާނުގެ ބެލުމަކުން ބަލާލައިފި އެވެ.
"ދުނިޔެއަށް އިއުލާން ކުރާކަށް ނުޖެހޭނެ...." މިޝެލިން ހުރީ ހިތްހަމަޖެހިފައެވެ. އިއްބާނުއަށް މިގޮތަށް އުދަގޫކުރެވުމުން ބުނަން ނޭގޭފަދަ ހިތްހަމަޖެހުމެއް ލިބޭއިރު ހިތަށް އަނިޔާވެސްވެއެވެ. މަތިމައްޗަށް އަނިޔާ ލިބެމުން ގޮސް، ހިތް ހަލާކުވެ ނިމިދާނެ ދުވަހެއް އައިސްދާނެތީ އޭނަވެސް ބިރުގަނެއެވެ.
"އެކަމަކު އަހަރެންގެ ވައިފް ވީމަ އަހަންނަށް އެވަރުގެ ހައްގެއް އޮންނާނެ ދޯ، ތިވާހަކަ ރޫމަށް ގޮސް ޑިސްކަސް ކޮށްލާނީ، ލެޓްސް ގޯ......." އިއްބާނު ކުއްލި އަކަށް މިޝެލިންގެ އަތުގައި ހިފާލުމުން ފޮޅުވާލަން އުޅުނު ތަނާ ޒިލާ ފެންޑާއަށް ނިކުތްތަން ފެނުމުން ޚިޔާލު ބަދަލުވިއެވެ. މިޝެލިން އަވަހަށް ހިނިތުންވެލާފައި އިއްބާނު އާއި އެކީގައި ގެއަށް ވަންނަން ހިގައިގަތެވެ. އޭނަ އާއި އިއްބާނު އާއި ދޭތެރޭގައި ހަމަނުޖެހުމެއް އޮތްކަން އެންމެނަށް އެގުނަސް ޒިލާ އާއި ޔީވާއަށް އެނގުނަދޭކަށް ބޭނުމެއް ނުވިއެވެ. ކޮޓަރިއާއި ހަމައިން މިޝެލިން އިއްބާނުގެ އަތުތެރޭގައިވާ އަތް ދަމައިގެންފިއެވެ.
"އަހަރެން ގަޑި ޖެހެނީ...." މިޝެލިން ތަންކޮޅެއް ބާރަށް ބުންޏެވެ.
"އަހަރެން ޝެލް ޖޮބަށް ދާން ހުއްދައެއް ނުދޭނަން، އަހަރެން ޕްރައިވެޓް ތަންތަނަށް އިތުބާރެއް ނުކުރަން، ތި ދާން އުޅޭ ތަނަކާއި ބޮސްއަކީ ކާކުކަމެއް އަހަންނަކަށް ނޭގޭ، އެހެންވީމަ ކިހިނެއް ތިކަމާއި އެއްބަސްވާނީ....." އިއްބާނު މިހާ ސީރިޔަސްވެފައި ހުއްޓާ މިޝެލިން މިވީހާތަނަށް ދެކެފައެއް ނެތެވެ.
"އަހަރެން ދާނަން، އިއްބާނު އަހަރެންގެ ކަންތަކާއި ނުބެހި ދުރުގައި އުޅެބަލަ، އަހަރެންވެސް އިއްބާނު އުޅެގޮތެއް މަނާ ނުކުރާނަން....." މިޝެލިން ބުމަ ކައިރިކޮށްލަމުން ފޯނަށް ބަލާލާފައި ދާން ހިނގައިގަތުމުން އިއްބާނު މިޝެލިން ގަޔާއި ކައިރިކޮށްލި ގޮތުން އެ އަތުގެ ތެރޭގައި ރީއްޗަށް ހައްޔަރުވިއެވެ. އިއްބާނުގެ މީރުވަސްދުވާ ނޭވާ މޫނަށް އެޅި، އެ ފަން އިސްތަށިގަނޑުން ބަޔެއް މޫނުގައި ބީހިލިގޮތަކުން މިޝެލިންއަށް ދެލޯ މަރައިލެވުނެވެ. ހާދަ އަރާމު އިހުސާސެކެވެ. މިޝެލިން ދެކޮޅުހަދަނިކޮށް ކޮޓަރިއަށް ވައްދާފައި ދޮރުގެ ތަންޑު އެޅުމުން މިޝެލިންއަށް ނުރޮވުނީ ކިރިޔާއެވެ. އެކަމަކު އޭނަ އިއްބާނުގެ ކުރިމަތީގައި އެހާ ފަސޭހައިން ދެރަވެ ނުރޯނެއެވެ. ހިތްވަރުކޮށްގެން ނޫނީ ކާމިޔާބެއް ނުވާނެއެވެ.
"ސޮރީ ބޭބީ، ޖޮބެއް ބޭނުމިއްޔާ މި ފެމިލީގެ އޮފީސްތަކާއި، ކޮމްޕެނީތައް ހުންނާނެ، ނޫނީ ޝެލްކަމެއް ކުރާހިތުން އުޅެންޏާ ރޫމް ތަންކޮޅެއް ރީތިކޮށްލަދޭންވީނު، އަހަރެން ތިބުނާ މީހުން ދޭ މުސާރައިގެ ވިހި ގުނަ އިތުރަށް ދީފާނަން....." އިއްބާނުގެ ހިތަށް އަސަރުކުރިޔަސް އޭނަ ހުރީ ހިނިތުންވެލައިގެންނެވެ. އޭނަ ބޭރުފުށުން ދައްކަނީ އެހެން ކުލަވަރެކެވެ. ހިތް ކުދިކުދިވާއިރުވެސް އޭނަވެސް ހުންނަނީ އެކަން ސިއްރު ކޮށްގެންނެވެ. މިޝެލިންގެ ގާތުގައި އާދޭސްކުރިޔަސް ހިތް ބަދަލުނުކުރާނެކަން އެނގޭއިރު އެއީ ބޭނުންކަމެއް ހެއްޔެވެ؟
"އިއްބާނު އަކަށް އަހަރެން ކުރަން ބޭނުންވާ އެއްވެސް ކަމެއް ނުހުއްޓުވޭނެ، ގަދަ ބާރުން މިއަދު ތިހެން ހިފެހެއްޓުނަސް އަމިއްލައަށްވެސް ޖޮބަށް ދާނެ، އަހަރެން ހުއްޓުވަން ތިއީ ކާކުތަ؟" މިޝެލިން ފާޑަކަށް އަރައިރުންވާން ފެށިއެވެ. އިއްބާނު އެހުރިހާ އެއްޗެއް އަޑުއަހައިގެން ހުރީ ކެތްތެރިވެލައި ގެންނެވެ. ނާކާމިޔާބުވީ މިޝެލިން އަށެވެ. އޭނައަކަށް ވަޒީފާއަކަށް ނުދެވުނެވެ. ރުޅިގަދަވެގެން ރޮވޭވަރުވެފައި ހުރި މިޝެލިން އެކަނިވާއިރަށް ކޮޓަރި ތެރޭގައިވާހާ އެއްޗެއް އެ ފުށްމިފުށަށް ޖަހާލީ އިއްބާނުއަށް އުދަގޫކުރުމަށެވެ.
އިއްބާނު މިޝެލިން ދެކެ އިންތިހާއަށް ލޯބިވާކަން އެގުނު ދުވަހުން ފެށިގެން ޔީވާ ހުންނަނީ މިޝެލިންއަށް ލަނޑެއް ދޭނެ ގޮތަކާއި މެދު ވިސްނައި، ފާރަލައިގެންނެވެ. އޭނަ ދެކޭގޮތުގައި އޭނައަށް އިއްބާނު ހާސިލު ނުކުރެވުނީ މިޝެލިންގެ ސަބަބުންނެވެ. އެހެންވީމަ އެ ހުރަސް ޖެހޭނީ ނައްތާލުމަށެވެ. އެކަމަކު ޔީވާގެ ހިނިތުންވުމާއި، ރަނގަޅުކަމުގެ ސަބަބުން އެގޭ އެންމެންގެ ހިތުން މަގާމެއް އަތުލައިފި އެވެ. މިޝެލިންގެ އިތުބާރު ހޯދަން މަސައްކަތް ނުކުރެވެނީ މިޝެލިން އޭނަ އާއި އަނގައިން ބުނަން ދެކޮޅު ހަދާފައިވާތީއެވެ. އެކަމަކު އެލީސާގެ ބޯ މޮޑެދިނުމާއި، ގޭގެ ކުދިކަންތައް ކޮށް، ގަސްއިންދުމާއިގެން އުޅޭވަރުން އެލީސާ ގެ އިތުރުން ޒަހާރާގެ ދުލުންވެސް އޮހެނީ ތަޢުރީފެވެ. އެކަމާއި ހިތްހަމަނުޖެހިފައި ހުންނަނީ މަލަކާ އެވެ. މަލަކާ ދެކޭގޮތުގައި އެ ބީރައްޓެހިކުއްޖާ އުޅެނީ ނުބަޔެއް ހަދަންވެގެންނެވެ.
މިޝެލިން އެންމެ ހިތްހަމަނުޖެހުނީ ޔީވާ ކެބިން ކްރޫ ޓްރެއިނިން އަށް ދާން ފެށިކަން އެގުމުންނެވެ. އިއްބާނު އާއިއެކީގައި ވަޒީފާ އަދާކުރަން ހެދި އުކުޅެއްކަން މިޝެލިންއަށް އެގުނެވެ. އޭރުން އިއްބާނުގެ ހިޔަނި ފަދައިން ފަހަތުގައި އުޅެވޭނެއެވެ. މިޝެލިން ކިތަންމެ ފޫހިވިޔަސް ކުރާނެ ކަމެއްނެތެވެ. ޔީވާއަކީ މިޝެލިން ދިރިއުޅުމަށް ވިހަލާން އުޅޭ ކުއްޖެކެވެ.
މިޝެލިން ރޭ ނުކައި ހުރުމުގެ ސަބަބުން ހެދުނު ތެދުވުނުއިރު އޭނަ ހުރީ ބަނޑުހައިވެގެން މޫނަށް އަނދިރިވާގޮތްވެފައެވެ. ފިނިކަން ގަދަ ދުވަހަކަށްވިޔަސް އޭނަ ފެންވަރާލީ ހިތުގެ އުދާސްތައް ބޭރުކޮށްލުމަށެވެ. ފެންވަރާލައިގެން ކޮޓްން ޓޮޕްކޮޅަކާއި، އެޒްޓެކް ޓައިޓެއް ލައިގެން ހުރިއިރު އެ ރީތި ހަށިގަނޑުގެ ބައްޓަމާއި އެހެން ކުއްޖަކަށް ވާދަކުރެވޭނެހެނެއް ހިޔެއްނުވެއެވެ. މިޝެލިން ލަވައެއް ކިޔަމުން ކާކޮޓަރިއާއި ދިމާލަށް އައިއިރު އެތަނުގައި އިއްބާނު އުޅެފާނެކަމަކަށް ހިޔެއްނުކުރެއެވެ. އިއްބާނު އެކަންޏެއްނޫނެވެ. އޭނަގެ މަންމަ އާއި ޔީވާވެސް އުޅޭތީ މިޝެލިން އިންތިހާއަށް ފޫހިވިއެވެ. އޭރު ޔީވާ އިއްބާނުގެ ކުރިމަތީގައި ބިސްގަނޑެއް އަޅައިގެން ގެނެސް ބަހައްޓަނީއެވެ. މިޝެލިން އައި ރުޅީގައި ދަތްތައް ބިންދައިގެންދާހާ ބާރަށް ދަތްތައް ވިކައިލެވުނަސް އެކަމުން އޭނައަށް އަސަރުކުރިކަން އަންގާކަށް ބޭނުމެއްނުވިއެވެ.
"މޯނިން އެލީސާ އާންޓީ......." މިޝެލިން ކުޑަ ހިނިތުންވުމަކާއިއެކު ގޮސް ފްރިޖް ހުޅުވާލައިފި އެވެ.
"ޝެލްވެސް ކިރިޔާ ހޭލީތަ؟ އާދޭ ސައިބޯން، ޔީވް، ޝެލްއަށްވެސް އޮމްލެޓެއް އަޅާދީ، ޔީވް އޮމްލެޓް އަޅާލެއް މީރުކަމުން ބުނާނެ އެއްޗެއް ނޭގޭ....." އެލީސާ ގޮޑިއެއް ދަމާލަމުން މިޝެލިން އިށީންނަން އިޝާރާތްކޮށްލިއެވެ. މިޝެލިން ފްރިޖުން އޮރެންޖު ޖޫސްތަށްޓެއް އަޅައިގެން ޕާންފޮތްޗަކާއި، ޗީޒް ޖަހައިގެން ކާން ފެށިއެވެ. އެލީސާ އާއި އިއްބާނު އެކި ވާހަކަތައް ދައްކަމުން ދިޔައިރު މިޝެލިންވެސް ރީތިކޮށްލަން ބައިވެރިވިއެވެ.
"ފޯ ޔޫ ޝެލް...." ޔީވާ ހޫނު ބިސްގަނޑު ތަށްޓަކަށް ލައިގެން ގެނެސް މިޝެލިން އަތަށް ދިއްކޮށްލުމުން އޭގައި ހިފިއެވެ.
"އައުޗް، ހާދަ ހޫނޭ....." ދެވަނަ ސިކުންތުކޮޅުގައި ބާރު އަޑުފަށްގަނޑަކާއިއެކު ތަށި އެތައް ސަތޭކަ އެތިކޮޅުތަކަށް ބުރައިގެން ހިގައްޖެއެވެ.
"މާބޮޑަށް އަތަށް ހޫނުވީމަ ދޫކޮށްލެވުނީ..." މިޝެލިން އަޅާނުލައި އިނދެ ދެވަނަ ޕާންފޮތި ކާންފެށިއެވެ. ޔީވާ އަށް މަސައްކަތެއް ޖައްސައިލެވުނީތީ ހިތާ ހިތުން އުފާކުރިއެވެ. އޭރު ޒަހާރާ ދޮރުމަތީގައި އެ މަންޒަރު ދެކެން ހުއްޓެވެ.
"ޝެލްގެ އަތް ވަރަށް ކުލަމްޒީ ވާނެ، އަތުގައި އެއްޗެއް ހަރުލާގޮތެއް ނުވޭ ދޯ..." އިއްބާނު ހުނުމަކާއި އެކު އެހެން ބުނެލުމުން މިޝެލިންވެސް އިއްބާނުއަށް ބަލާލައިފައި ހީލިއެވެ. އެ ރީތި ދެލޮލުގެ ތޫނުކަމުން އެހިނދުކޮޅުވެސް ހިތަށް ތީރުތަކެއް ހަރައިލެވުނުފަދަ އިހުސާސެއް ކުރުވިއެވެ. މިޝެލިން އަވަހަށް ދުރަށް ބަލަން ފެށިއެވެ. ދެމީހުން ގެ ދޭތެރޭގައި މައްސަލައެއް ނެތްކަން ދައްކަން އިއްބާނުވެސް މަސައްކަތްކުރާތީ މިޝެލިންގެ ހިތަށް ހަމަޖެހުމެއްވެސް ލިބުނެވެ. އެހެންނޫންނަމަ އޭނަގެ މަސައްކަތް ނާކާމިޔާބުވެދާނެއެވެ.
"މައި ކްލަމްޒީ ހޭންޑްސް ހެހެ......" މިޝެލިން އެ ހިމަ އިނގިލިތަކާއި ކުޅެލިއެވެ.
"ޝެލް ކުރަންވީ މަސައްކަތެއް އެހެން މީހުންނާއި ނުޖައްސަބަލަ..." ޒަހާރާ ހިތްހަމަނުޖެހިފައި ބުންޏެވެ.
"ނޫން މާމާ، އެވަރުކަމެއްނޫން، އަޅުގަޑު ކޮށްލަފާނަން..." ޔީވާ ފުޅާ ހިނިތުންވުމެއް ދިނުމުން ޒަހާރާގެ ހިތް ތައުރީފުން ފުރުނެވެ. ޝާހީ އާއިލާއެއްގެ ކުއްޖަކަށް ނުވިޔަސް ޔީވާ ހާދަ ރަނގަޅެވެ. ހާދަ ގެވެހިއެވެ. ޔީވާ އެވަރަށް ބަދިގޭގައި މަސައްކަތްކުރާއިރު މިޝެލިން އޮޅިގެން ކޭ ތަށްޓެއްވެސް ދޮވެލަނީ އެއް ނޫނެވެ. އެހެންނޫންނަމަ އަތާއިއެކު ކާ ތަށި ދޮވެލުމަކީ ބޮޑުކަމެއްހެއްޔެވެ؟ އެވަރުވެސް މިޝެލިންއަކަށް ނުވެއެވެ.
"އަހަރެން ބުނެގެނެއް ނޫން އޮމްލެޓް ހެދީ ދޯ ޔީވާ، އެހެންވީމަ ޔީވާ ސާފުކުރަން ޖެހޭނީ، މާމަމެން މުއްސަނދި މީހުންވީމަ ފަސޭހަކުރަން ޅީދަރިންނެއް ނޫން ހޯދަންވީ، ނޯކަރުން، މިގެއަށް އައިފަހުން އެންމެން ކޮމްޕްލެއިން ކުރަނީ ވޯކް ނުކުރާތީ، ބެން، ލެޓްސް މޫވް ޓު އެނަދަރ ޕްލޭސް، ނޯކަރެއްނެތި މެނޭޖެއް ނުކުރެވޭނެ....." މިޝެލިން ފްރިޖުން އާފަލެއް ނަގައިގެން އެ ރަތް ތުންފަތުން ދަތްއަޅާލަމުން ބާރަކަށް ހިގައިގަތެވެ. އެލީސާ އިނީ ލަދުގެންފައެވެ.
"ޝެލް މާ ފްރަސްޓްރެއިޓް ވެގެން އުޅެނީ ބޫ ޖޮބަށް ނުފޮނުވައިގެންތަ؟ އޭނަ ބޭނުންގޮތެއް ހަދައިދޭންވީނު....." އެލީސާ ހީކުރީ މިލީނާ ފަދައިން މިޝެލިންވެސް ގެވެހި ކުއްޖަކަށް ވާނެކަމުގައެވެ. އެކަމަކު ޒިލާއަށްވުރެ މިޝެލިންގެ ކަންތައް ބޮޑެވެ. ޒަހާރާ ހައިރާންވިގޮތަށް އަނގަ ލައްޕައިލަން ނޭގިފައިހުރި އިރު ނިތްކުރީގައިވާ ރޫތައް ގިނަވިއެވެ. އޭނަގެ އަމިއްލަ ދަރިންނަށްވެސް މިގޮތަށް އޭނަ އާއި ދިމާލަށް ބަސްބުނަން ނުކެރޭހިދު މާމަ ދަރިއަކަށް އެހިތްވަރު ލިބުނު ގޮތެއްވެސް ނޭގެއެވެ.
މިލީނާ ދެމީހުންނަށް ވާވަރަށް ކައްކާލާފައި، ކޮޓަރިއަށްގޮސް މިހުރާންގެ ހެދުންތައް އިސްތިރިކޮށްފައި ހަރުގައި އެޅުވިއެވެ. ތަފާތު ވައްތަރުގެ އަގު ބޮޑު ބްރޭންޑްގެ ހެދުންތަކުގެ ސަބަބުން ހީވަނީ ސްޓޯރަކަށް ވަދެވޭހެންނެވެ. ސްޓައިލިޝް ފިރިހެނެކެވެ. އޭނަގެ ހަޔާތަށް އައުމަށް އެންމެ އެކަށީގެން ނުވާ ފިރިހެނާއެވެ. އޭނަ ކިހާ ސާދާހެއްޔެވެ؟ އަގުބޮޑު ހެދުމަކަށް ފޯރިއެއް ނެތެވެ. އެކަމަކު މިހުރާން އާއި ކައިވެނި ކުރިފަހުން އަގުބޮޑު ހެދުންތައް ޕެރިސް ތަންތަނުން ގަނެލެވެނެވެ. ލާރި އަތަށް އެރިލެއް ހިސާބަށް ވުރެ ގިނަވެފައި، ބާޒާރުކުރާހިތްވި ވަރުންނެވެ. އެކަމަކު މިލީނާ އާއްމުކޮށް ލައި އުޅެނީ ސާދާ ހެދުންތަކެވެ. ކުރު އެއްޗެއް ލާކަށްވެސް ނުކެރެއެވެ. މިހުރާންގެ ރީތިވާ މޭޒުމަތީގައި ހުންނަ އަގުބޮޑު ސެންޓާއި، ކްރީމް ތަކުންވެސް ހާމަކޮށްދެނީ މުއްސަނދިކަމެވެ. މިލީނާ އަޖައިބުވަނީ ދާވެގެން ހެދުން އަޅާ ވަށިގަނޑުގައިވެސް އެ ލުއި، މީރުވަސް ހަރުލާފައިވާތީއެވެ. ނޭފަތުގައި އަބަދުހެން އެ މީރުވަސް ހަރުލާފައި ހުންނަނީ އެހެންވީމަ ކަންނޭގެ އެވެ.
މިލީނާ މަސައްކަތް ނިމުމުން ފެންވަރާލައިގެން ބޭރަށް ނިކުތްއިރު މީރާގެ ހުނުމުގެ އަޑު ކަންފަތުގައި ޖެހުމާއިއެކު ސިހުމެއް ލިބުނެވެ. އޭނަ ހީކުރީ ދެން މީރާ އެމީހުންގެ ހަޔާތުން ދުރަށް ދިޔައީ ކަމަށެވެ. އެކަމަކު އެހެނެއް ނުވިތާއެވެ. މިލީނާ ކުޑަދޮރު ހުޅުވާލައިގެން ސިއްރުން ބަލަން ހުއްޓާ މިހުރާން އާއި މީރާ އަތުގުޅުވާލައިގެން ތިބެ ކާކޮޓަރިން ނިކުމެގެން އައިތަން ފެނުނެވެ. އެ ކުޑަ ވަގުތުކޮޅުގައި ވެސް ދެމީހުން އެކަކު އަނެކަކަށް ކުދި ގޯނާތައް ކުރިއެވެ. ހީވަނީ އަތް ޖައްސާނުލައި އިރުކޮޅަކަށްވެސް ނުތިބެވިގެން އުޅޭހެންނެވެ. ދެމީހުން އެއް ސޯފާއަކަށް އަރައި މާ ގާތްކޮށް ތިބެ އިނގިރޭސި ފިލްމެއް ބަލައިލި އިރަށް އިރުއޮއްސިއްޖެއެވެ.
މިލީނާ ފޫހިވެފައި ކޮޓަރީގައި އެކަނި އިންދާ މިހުރާން ދޮރުމައްޗަށް އެރިއެވެ.
"މިލީ، އަހަންނަށް ކުޑަކޮށް ލަސްވެދާނެ، ކައިގެން ނިދާލާ އިނގޭ... އަހަރެން ދާނީ ގެ ތަޅުލާފައި..." މިހުރާންގެ އެ ޖުމްލައިން މިލީނާ ގެ ހިތް ފިނިވެއްޖެއެވެ. ދުވާލު އެކަނި ގޭގައި އުޅުނަސް ރޭގަނޑު އެކަނި އިންނާކަށް ކެރޭނީ ކިހިނެއް ހެއްޔެވެ؟
"މިހުރާން، ނުކެރޭނެ އެކަނި ހުންނާކަށް...." މިލީނާ ދެކޮޅު ހެދިއެވެ.
"މަބުނަމެއް ނު މިލީ ސްޓްރޯންގް ކުއްޖަކަށް ވާށޭ، އެކަނި އުޅެން ދަސްކުރަންވާނެޔޭ، ދެން އަހަންނަށްވެސް މިލީގެ ހިޔަނި ފަދައިން އަބަދު ކައިރީގައި ހުރެވޭތަ؟" މިހުރާން ފާޑަކަށް ބަލާލައިފި އެވެ. މިލީނާގެ ބޮޑު ދެލޮލުގައި ވި އާދޭހާއި، ސިހުމުގެ ސަބަބުން އުދަގޫވާން ފެށުމުން މިހުރާން ދާން ހިގައިގަތެވެ.
"ޕްލީސް ނުދޭބަލަ، ރޭގަނޑު އެކަނި ހުންނަން ބިރުގަނޭ، ޕްލީސް......." މިލީނާ އާދޭސްކުރިޔަސް، ފަހަތުން އަޔަސް މިހުރާންގެ އަތުގައި ހިފަހައްޓައިލުމުގެ ހިތްވަރެއް ނުލިބުނެވެ. އެދޭތެރޭގައި އަބަދުވެސް ނޭގޭފަދަ ދުރުކަމެއް ވެއެވެ.
"މިހާ ބިޒީ ސިޓީއެއްގައި ދެން ރޭގަނޑު ވިޔަސް އުޅޭނީ އިންސާނުން، ވެމްޕަޔަރ، ގޯސްޓް އެއްޗެއްސެއް މިލީ ކައިރި އަކަށް ނާންނާނެ، ތަޅުލައިގެން ހުރީމަ ވަގަކަށް ނުވަދެވޭނެ، އެހެންނޫނަސް މި އޭރިއާ ކިހާ ސޭފް، މިލީ ތިއުޅެނީ އެއްޗެކޭ ކިޔައިގެން އަހަރެން ރުޅި އަރުވާލަންތަ؟ ރީތިކޮށް ބުނީމަ ބަސްއަހައިގެން އިންނަންވީ، އޯކޭ...." މިހުރާން ތަންކޮޅެއް ބާރަށް ދޮރު ލައްޕައިލުމުން މިލީނާގެ ފިޔަވަޅުތައް ގަނޑުވިއެވެ. މިލީނާ ބިރުން ރޮއި ރޮއި އިނދެލާފައި ނަމާދުކުރަން ފެށީ ގޮތް ހުސްވެގެންނެވެ. ނަމާދުކޮށްގެން، ގުރުއާން ކިޔެވުމުން ނޫން ގޮތަކަށް ހިތަށް ފިނިކަމެއް ނުލިބޭނެއެވެ. އޭނަ އުޅުނީވެސް ސިޓިން ރޫމްގައެވެ. ކޮޓަރިއެއްގައި ބަންދުވެގެން އިނުމުން ކަމެއް ދިމާވިޔަސް ދުއްވައިގަންނަންވެސް ފަސޭހައެއް ނުވާނެއެވެ. ނަމާދުކުރިގޮތަށް މިލީނާ މިހުރާންއަށް ފޯނު ގުޅަން ފެށިގޮތަށް ރީޑަޔަލް ކުރެވުނު އަދަދެއްވެސް ނޭގެއެވެ. މިހުރާންއަށް މިރޭ އުދަގޫކުރަން ހިތްވަރު ލިބުނީތީ މިލީނާވެސް ހައިރާންވިއެވެ. އެހުރިހާ މަސައްކަތެއް ކުރިއިރު ވަޔާއިއެކު ކިރިޔާ ދޮރުފޮތިތައް ހެލިލިޔަސް މިލީނާ ސިހިގެން މޭގައި ބާލީސް ޖައްސައި ބާރުކޮށްލައެވެ. އެ ބޮޑު ބޮޑުދެލޮލުން އެތަން މިތަން ހޯދަން އިންއިރު ގަހެއްގެ ހިޔަނި ކުޑަދޮރަށް އެޅިލިޔަސް އެއީ ކޯޗެއްކަމާއި މެދު ވިސްނަން ޖެހެއެވެ. އެހެންޏާ ނުފެންނަ ފަދަ އެއްޗެހި ކޮންމެ ތަނަކުން ފެންނަހެން ހީވިއެވެ.
ދެތިން ގަޑިއިރުފަހުން މިހުރާން ދޮރުތަޅުގައި ހިފައިލިހެން ހީވެގެން އޭނަ އަވަހަށް ފޯނު ނިވާލާފައި ބިއްދޮށަށް އެނބުރިގެން ނިދާކަމަށް ހެދުނެވެ. އެކަމަކު މިހުރާން އައިގޮތަށް އޭނަގެ ދެއަތުގައި ހިފާ އަނބުރުވާލި ގޮތަކުން ހީކަރުވައިގަންނަގޮތްވީ އެ އަތުގެ ފިނިކަމުންނެވެ.
"މަ ހީކުރީ ޑެވިލް ވަދެ މިކުއްޖާ ގެންދިޔައީ ކަމަށް، ޑެވިލްއަށް ވުރެ އަހަރެން މާ ސްޓްރޯންގް ވާނެ، އޭނައަކަށްވެސް މަގޭ ވައިފް ގައިގައި އިނގިލި ކުރި ޖައްސާލާކަށްވެސް ނުކެރޭނެ، ހުރިހާ ކަށިކޮޅުތައް ބިންދާލާނަން........" މިހުރާން ހުރީ ސަމާސާ މޫޑެއްގައެވެ. އެހާ އުފާވެފައެވެ.
"ވަރަށް ޓަޔަޑް...." މިލީނާ ތެދުވާން އުޅުނެވެ.
"އެއްކަލަ ކުއްޖާ ބަހަނާ ދައްކަން ފެށީތަ؟ ޓަޔަޑް ވިޔަސް ބަލަ ވައިފެއްގެ ވާޖިބު އަދާކުރަން ދީނުގައިވެސް އޮންނަނީ، އަހަރެން ބޭނުމޭ....." މިހުރާން މިލީނާ ލައިގެން ހުރި ގަމީހުގެ ހެދުމުގެ ގޮށްތަކާއި ކުޅެން ފެށިއެވެ. އެހާ ކައިރިވުމުން މިލީނާގެ ނޭފަތުގައި ޖެހުނީ މީރާ ބޭނުންކުރާ ލުއި ސެންޓުގެ ވަހެވެ. އެ ވަސް މިރޭ މިހުރާންގެ ސެންޓުގެ ވަސް ފަނޑުކޮށްލީއެވެ. އަދި މިހުރާންގެ ކަނދުރާގައިވާ ނިޝާނަކުން މިލީނާގެ ހިތަށް ތަދުވިއެވެ. ރުޅިއައިސްގެން މިހުރާންގެ އަތް ފޮޅުވައިލެވެން އުޅުނެވެ. އެ ހަރަކާތުން މިހުރާންގެ ހިފެހެއްޓުން ވީ ބާރެވެ. އެވަރަށްވެސް މިލީނާއަށް އޭނައާއި ދެކޮޅުހެދިގެންވާނެ ކަމަކަށް އޭނަ ނުދެކެއެވެ. މިހުރާން ޖީބުން ފޯނު ނަގާފައި ގަޑި ބަލައިލި އެވެ.
"މަގޭ ފޯނަށް ސަތޭކައަށް ވުރެ މިސް ކޯލު ދީފައި ކައިރިއަށް އައިމަ ދެން ކޮން ގަދައެއް ތިހަދަނީ، އަހަރެންގެ އަމިއްލަ ހައްގެއް ނޫންނަމަ އަތެއް ނުލާނަން....." މިހުރާން ހިތާހިތުން ހީލިއެވެ. ސައިލެންޓަށް ލައިގެން އުޅެވުނުކަން ނަސީބެކެވެ. އެހެންނޫންނަމަ މީރާވެސް ރުޅިގަދަވެގެން މައްސަލަ އަކަށް ހަދާނެއެވެ. އޭނަ އާއި މިލީނާގެ ގުޅުމެއް ނެތްނަމަ އެގޮތަށް އުދަގޫކުރާނެ ހިތްވަރެއް ނުލިބޭނެކަން މީރާވެސް ރޮކެޓް ސައިންޓިސްޓަކަށް ނުވިޔަސް ދެނެގަންނާނެ އެވެ.
ކޮޓަރިއަށް ދީފައިވާ ފަނޑު އަނދިރި ކަމުގެ ތެރެއިން އެ ހުދު،ހުދު ދަތްތަކާއި، ތޫނު ދެލޯ ވިދާލިގޮތް ފެނުމުންވެސް މިލީނާގެ ހިތް ތެޅިގަތެވެ. މިހުރާން އަނިޔާވެރިޔަސް ހާދަ ރީއްޗެވެ. ރީތިކަމާއި، ފިރިހެންވަންތަކަމުގެ އިންތިހާއެވެ. ޓޭންވެފައިވާ އޮމާން ހަށިގަނޑު ފެންނަލެއް ރީތިކަމުން ހިތްތައް ވިރުވާލާނެއެވެ. މިހުރާން ހިތް ފުރޭވަރަށް އުފަލާއި، ހިތްހަމަޖެހުން ހޯދިއިރު ސަލާމަތީ ފިޔަވަޅު އަޅަން ހަދާނެއްނެތްކަން މިލީނާ ފާހަގަ ކުރިއެވެ. މިހާރަކަށް އައިސް އެހާވަރުން އެކަމާއި ވިސްނައިގެން ފަރުވާތެރިވެގެން އުޅޭ ސަބަބު މިލީނާއަށް ނޭގެނީ އެއް ނޫނެވެ. މީރާއަށް ޓަކައެވެ. ދަރިއެއް ބޭނުން ނުވާތީއެވެ. އެކަމަކު މިހުރާންއަށް ވެސް ތަގުދީރަކާއި ހަގުރާމައެއް ނުކުރެވޭނެއެވެ. އިލާހީ ގާނޫނެއް ބަދަލު ނުކުރެވޭނެއެވެ. މިލީނާ ކަލަންޑަރުން މިފަހަރު ދުވަސްތައް ރަނގަޅަށް ޗެކްކޮށްލާފައި ވާތީ މި ދުވަހުގެ މުހިއްމުކަން އެނގުނެވެ. އެންމެ ނުރައްކާތެރި ދުވަހު މިހުރާން ފަރުވާކުޑަކޮށްލީ އެވެ. އެހެންނޫނަސް މިރޭ ކުރެވުނު ތަފާތު އިހުސާސް ތަކާއި، ލިބުނު އިންތިހާ ދަރަޖައިގެ ހިތްހަމަޖެހުމުގެ ތެރެއިން މިލީނާއަށް ކަމެއް ޔަގީންވިއެވެ. ހިތަށް ނޭގޭފަދަ އުފަލަކާއި، މީރުކަމެއް ލިބުނެވެ. މިހުރާން ގާތުގައި މިފަހަރު ނުބުނާނީ އެވެ. ސިއްރުން ހުރެފައި ޔަގީންވީމަ މަންމަމެން ގާތަށް މާލެ ދާނީއެވެ.
މިލީނާގެ ލޮލުގެ އެސްފިޔަތައް ބަރުވެ، މެރެމުން ދިޔައިރު، މިލީނާގެ ތުންފަތްމަތީގައި ފަނޑު ހިނިތުންވުމެއް ވިއެވެ.
މިލީނާ ގަހުގައި އުޅޭ މުގޮށި މީދާތަކުގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ގެއްލިފައި ހުރި އިރު އެ ބޮޑު ބޮޑު ދެލޮލުން ކަރުނަ ހިލިދާނެހެން ހީވިއެވެ. ފިނި ވައިރޯޅިތަކުގެ ސަބަބުން އެ ދޮން މޫނަށް މަޑު ފިޔާތޮށިކުލައެއް ވެރިވެފައިވާއިރު ހީވީ ހިތާމައިގެ ތަސްވީރެއްހެންނެވެ. އޭނަ ފާރަށް ލެނގިލައިގެން ހުރި އިރު އެތައް ޚިޔާލެއް ސިކުނޑީގައި އެނބުރުނެވެ. މިހުރާން ނޫޅޭ ވަގުތު މިގޮތަށް ގެއިން ބޭރުގައި ހުރުމަކީ އާދައަކަށް ނުވިޔަސް މިއަދު މިލީނާ ގެ ހިތަށް ކުރި ފުން އަސަރުތަކުން ގެއަށް ވަންނަ ހިތް ނުވީއެވެ. އޭނައަކީ މިހުރާން ކުޅެން ގެންގުޅޭ ބުދެއް ނޫނީ މެއިޑެއް ކަމުގެ އިހުސާސް ކުރެވެން ފެށީ އަދި ކިރިޔާއެވެ. މިހުރާންގެ ގާތުގައި އެއްވެސް މަގާމެއްނެތް މީހަކަށް ވާހިނދު މިގޭގައި ހުރުމުގެ ބޭނުމެއް މިލީނާއަކަށް ނުފެނެއެވެ. ބީރައްޓެހި، ބާކީ މީހެކެވެ. އޭނަގެ ބަލިކަށިކަމާއި، ނިކަމެތިކަން ހިތަށް އެރުމުން ކުރި އަސަރެއްގެ ބޮޑުކަމުން ގިސްލެވެން އުޅުމުން އެ އަޑު އޮބުނީ އޭނަ އަނގަމަތީގައި އަތް އެޅުމުންނެވެ.
މިހުރާން ކާރު ޕާކްކޮށްލާފައި ފޭބިއެވެ. މިލީނާ އަވަހަށް ދެލޮލުގައި ވި ކަރުނަތައް ފޮހެލައިފާ އެ ރީތި ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިކުރުވީ ގަދަކަމުންނެވެ. މިހުރާން މިލީނާއަށް ބުމަ އަރުވާލާފައި، ކުޑަ ހިނިތުންވުމެއް ދީފައި ގެއަށް ވަނީ މިލީނާ އާއި އަނގައިން ބުނެލާ ހިތްނުވެފައި ހުރެއެވެ. މިލީނާގެ އެ ތަފާތު ހަރަކާތާއިމެދު ކުޑަކޮށް ހިތުގައި ސުވާލު އުފެދިފައިހުރެވެސް އޭނަ ވާހަކަދައްކާ މޫޑެއް ނެތީއެވެ. މިހުރާން ދެ ޚިޔާލެއްގައި ހުރެ ކޮޓަރިއަށް ވަނީ ސަޕްރައިޒެއް ލިބިދާނެކަމަކަށް ނޫނެވެ. ކޮޓަރީގެ ދޮރު ހުޅުވައިލި އިރު ރީތިވާ މޭޒު ކައިރީގައި މީރާ ހުރިތަން ފެނުމުން މިހުރާން ގެ ހިތް އަވަސްވެ، އަތް ފިނިވެއްޖެއެވެ. ފުރަގަހުން ފެންނައިރުވެސް އެ ރީތި ހަށިގަނޑުގެ ފުރިހަކަމުން މީރާން މޮޔަވާވަރުވިއެވެ. ފަހަތުން ގޮސް ބައްދާލަން އުޅެނިކޮށް މީރާ އެނބުރުނު އިރު އެ ރީތި ދެލޯ ކަރުނުން ފުރިފައިވި ތަން ފެނުމުން މިހުރާންގެ ތުންފަތްމަތީގައި ވާ ފަނޑު ހިނިތުންވުން ފިލައިގެން ހިގައްޖެއެވެ.
"ވަޓް ހެޕެންޑް ބޭބީ...." މިހުރާންއަށް ވީގޮތް ރޭކާލިޔަސް އަހާލިއެވެ. އޭނަ އަމިއްލަ ނަފުސް ކުށްވެރިކުރިއެވެ.
"މިއީ ކޯނޗެއްތަ؟" މީރާ އެ ސުވާލު ކުރި ވަގުތު މިލީނާ ދޮރުމައްޗަށް އެރިތަން ފެނުމުން މިހުރާން ގެ ތަބީއަތު ހައްތަހާ ގޯސްވިއެވެ.