މޭޒުމަތީގައި ހުރި އެންމެ އުށްބައްތި އެއްގެ ފަނޑު އަލި ކޮޓަރިއަށް ވެރިވެފައި ވާއިރު ފެނުނު މަންޒަރަކުން މިޝެލިންގެ ހޭބުއްދި ފިލައިގެން ނުދިޔައީ ކިރިޔާ އެވެ. މިޝެލިންގެ ދެލޯ ބޮޑުވެ، އަނގަމަތީގައި އަތް އެޅިގޮތަށް ފަހަތަށް ޖެހެމުން ގޮސް ދޮރުން ނިކުތެވެ. އެނދުމަތިން ފެނުނު ދެހިޔަންޏެއްގެ ހަރަކާތްތައް ފަހު ވަގުތާއި ޖެހެންދެން މިޝެލިންގެ ހިތުން ފިލައިގެނެއް ނުދާނެއެވެ. މިޝެލިންއަށް ހީވީ މީހަކު ކަރުގައި ހިފަހައްޓާލައިގެން ނޭވާ ތާށިކުރަމުންދާ ހެންނެވެ. ނޭވާ ނުލެވިގެން ގޮސް ކޮށި އަރާގޮތްވިއެވެ. ގައިގައި ކޮޅަށް ހުންނާނެހާ ވަރެއްވެސް ނެތެވެ. ހީވީ މޫނަށް އަނދިރިވެގެން ވެއްޓިދާނެ ހެންނެވެ. މިވީހާތަނަށް ފިލްމަކުން ނޫނީ ނެޓުންވެސް އެފަދަ މަންޒަރެއް ދެކެފައިނުވާ ކުއްޖަކަށް ލައިވްކޮށް އެފެނުނީ ބޮޑު މަންޒަރެކެވެ. އެކަމަކު އެންމެ ދެކެން ބޭނުންނުވާ މީހާގެ އަނދިރި ފަރާތެވެ. އެހިތަށް ކެތްކުރެވޭނެ ހެއްޔެވެ؟ މިޝެލިންގެ ހިތް ކުދިކުދިވެ އެތިކޮޅުތަކަށް ބުރައިގެން ހިނގައްޖެއެވެ. އެ ވަކިވެފައިވާ އެތިކޮޅުތައް ދުވަހަކު އެއްވެސް މީހަކަށް އެއްކޮށެއް ނުލެވޭނެއެވެ. އެހިތުގައި އެޅިފައިވާ އެތައް ކޫރުމެއް ފިލުވައެއް ނުދެވޭނެއެވެ. ހިތް ކުދިވެގެން ފައިބައިގަތް ލޭ ކަރުނައިގެ ސިފައިގަ އެރީތި އެސްފިޔަތައް ފޫދުއްވާލައިފާ ތިރިއަށް ދެމިގަތެވެ.
"ބެން، ކީއްވެ؟" މިޝެލިން އެ ވޯޓަރ ބަންގަލޯއިން ނިކުމެގެން ފާލަންމަތިން ހިނގާލައިފައި ދިޔަ އިރު ފަޒާގައި މުތީތަކެއް ފަދައިން ވިދަމުންދާ ވާރޭގެ ތިކިތައް އެދޮން ހަށިގަނޑަށް ހަމަލާދެމުން ދިޔައެވެ. އޭނަގެ ލޮލުން ކެނޑިނޭޅި ފައިބަމުން ދިޔަ ކަރުނަފަދައިންނެވެ. މުޅި ދުނިޔެ ވެސް އޭނަގެ ހިތާމައިގައި ބައިވެރިވެ ކަރުނައޮއްސަނީ އެވެ. އަމިއްލަ ބަދުނަސީބާއި މެދު ވިސްނި ވަރަކަށް މިޝެލިންއަށް ބޮޑަށް ރޮވެންފެށިއެވެ. އޭނައަށް ރޯން މި ދަސްވީ ކޮންފަދަ ނުބައި ގޮތަކަށް ހެއްޔެވެ؟ ކުޑައިރުއްސުރެ ފެއަރީ ޓޭލް ދިރިއުޅުމަކަށް އުއްމީދުކުރަމުން އަންނަނިކޮށް އެފަދަ ރީތިކަމެއް މިންވަރު ކުރެއްވިއެވެ. އެހާ ލޯބިން ބިނާކުރި ގަނޑުވަރު ބިމާއި ހަމަވާން ނެގީ މަދު ވަގުތު ކޮޅެކެވެ. ދެން އަލުން އާރާސްތު ކުރާނެ ހިތްވަރެއް އޭނަގެ ނެތެވެ.
މިޝެލިން އެ ބޭވަފާތެރިޔާއަށްޓަކައި ލޮލުން އެންމެ ކަރުނަތިއްކެއްވެސް ނޯއްސާނެއެވެ.
މިޝެލިން އެގޮތަށް ނިންމިނަމަވެސް އޭނަގެ ބަސްނާހާ ހިތް އެއަޑެއް ނޭހިއެވެ. އެރޭ މިޝެލިންއަށް ރުއިން ނޫންކަމެއް ނުކުރެވުނެވެ. މުޅި ރޭގަނޑު ވޭތުވެގެން ދިޔައީ ކަރުނަ އާއި ހަނގުރާމަ ކުރަމުން ދަނިކޮށެވެ. ނުނިދުމުގެ ސަބަބުން ބޮލުގައި ރިއްސާލައިފި އެވެ. އެކަމަކު ހެނދުނުވާއިރަށް މިޝެލިން ފެންވަރާލައިގެން ތައްޔާރުވެލައިގެން ލޮލުގައި އަނދުން އަޅައި، ރީތިވި އިރު ލޮލުން މާބޮޑު ކަމެއް ހާމަޔެއްނުވެއެވެ. މިޝެލިން އަވިއައިނު ޖަހާލައިގެން ކޮޓަރިން ނިކުމެއްޖެއެވެ. ތަންކޮޅެއް ދުރުގައި އިންދާފައިވާ ސަންފްލާވަރ، ގުލްބަކާ އަދި ފިޔާތޮށިކުލައިގެ މާގަސް ބޮނޑިއެއް ތެމިފައިވާއިރު، ރީތިކަމުން ހީވަނީ ހުވަފެނެއްހެންނެވެ. ވާރެއިން ދޮވެވިފައިވާ ބިންގަޑާއި، ގަސްތަކުގެ ސަބަބުން ފަޒާ ވަނީ ތާޒާވެފައެވެ. ވަށައިގެން ފެންނަން އޮތް މޫދުގެ ރާޅުބާނިތައް ހަލަނިވެފައި، ނުކިޔަމަން ތެރިކަމަށް ދައްކައެވެ. ދުނިޔެ މޮޔަވެގެން އުޅުނު ރެއަކަށްފަހު ތޫފާން މައިތިރިވެލައި، ހުރިހާ ތަނެއް ތަންކޮޅެއް ހިމޭންވެއްޖެއެވެ. އެކަމަކު ރޭއައި ތޫފާންގެ ކޮޅިގަނޑު ދަށުވެ މިޝެލިންގެ ހިތް ޗިސްވެފައިވާކަން ދަންނާނީ ކާކުހެއްޔެވެ؟
"ގުޑް މޯނިން ބޭބީ.... ފޯނު ނިވާލައިގެން ކީއްކުރަނީތަ؟ ހާދަ ވަރަކަށް ގުޅައިފީމޭ، ވަރަށް މިސްވި...." އިއްބާނު ފަހަތުން އައުމުން މިޝެލިން ސިހުނެވެ. ކަޅާއި، ރަތްކުލައިގެ ޓީޝާޓަކާއި، ސޯޓެއްލައިގެން ހުރިއިރު ހާދަ ހިތްގައިމެވެ. ފެންވަރާލައިގެން އައުމުން ތާޒާވެފައިވާވަރުން އަނބުރައިގެންފައިވާ މީހަކުވެސް ރަނގަޅު ވެދާނެ އެވެ. އޭނަ އައުމުން އެހާ ލުއި މީރުވަހެއް މުޅިސަރަހައްދުގައި ހިފުވާލިއެވެ. އެވެސް ރީތިކަމުގެ ބަޔެކެވެ. އެކަމަކު އެ ރީތިކަމުގެ ނިވަލުގައި ވަނީ ބޭވަފާތެރި އެކެވެ.
"އަންފެއިތްފުލް ކަމުގެ ދެވަނައެއްނެތް، ތިވަރަށް އޮޅުވައިނުލާ، އަހަރެން މޮޔަވެދާނެ، ބެން އާއި އެ ޔީވާ ގަނޑު އެނދުގައި ތިބިތަން ފެނުނީ އަހަރެންގެ ދެލޮލުން، ކަމަކަށް ގޮސް ހުސްވެފައިވާވަރުން ދޮރު ހުޅުވާލާފައި އަހަރެން ވަނީމަވެސް ނޭގުނު، އެހެން މީހަކު ބުނިނަމަ ގަބޫލެއް ނުކުރާނަން، ކިހިނެއް ފޮގިވް ކުރާނީ؟ ޔޫ ބިޓްރެއިޑް މައި ޓްރަސްޓް......" މިޝެލިންގެ ސިކުނޑި ފަޅައިގެންގޮސްދާނެހެން ހީވިއެވެ. އެކަމަކު އެ ޖުމްލަތައް ވީ ހިތުގައެވެ. ދޫ ހަރަކާތެއް ނުކުރިއެވެ. އިއްބާނުގެ އެ ސިއްރުން ފުރިފައިވާ، އަޑިނޭގޭފަދަ ރީތި ދެލޮލަށް ބަލައިލެވުމުން މިޝެލިންއަށް އަނެއްކާ ނުރޮވުނީ ކިރިޔާއެވެ. އެ ބަލައިލި ލޯބީގެ ނަޒަރުން މިޝެލިންގެ ހިތް އޭނަގެ ރީތި ލޯބިވެރިޔާއަށްޓަކައި ފިދާވާހާ ވަރުވިއެވެ. އެކަމަކު ރޭގެ ހަނދާންތައް މިޝެލިންގެ ހިތަށް ދިން އަނިޔާ އޭނަ ހަނދާން ނައްތާލަންވީ ހެއްޔެވެ؟ މި ބޭވަފާތެރި، ކެހިވެރިޔާއަށް އެހާ ފަސޭހައިން މާފުކޮށްދޭންވީ ހެއްޔެވެ؟ ނޫނެކެވެ.
އޭނަ އެހާ މޮޔައެއްނޫނެވެ. އިއްބާނު އަކީ މަންމަމެން ބުނިފަދައިން ރަނގަޅު ޒުވާނެއް ނޫނެވެ. ދިމާވާ ކޮންމެ އަންހެންކުއްޖަކާއި އެކު ނިދާލުމަކީ އިއްބާނުމެންގެ ގާތުގައި މާ ބޮޑުކަމަކަށް ނުވެ ހިނގައިދާނެ އެވެ. އެއީ ތަހުޛީބުކަމަށް ވެސް އެމީހުން ދެކެފާނެއެވެ. އެކަމަކު މިޝެލިންއަށް އެކަން ގަބޫލެއް ނުކުރެވޭނެ އެވެ. އިއްބާނު އަކީ އޭނަގެ އެކަނި ހައްގެއް ނޫންކަން ރޭ އިއްބާނު ހާމަކޮށްދީފި އެވެ. އަދި ލޮލުން އެފަދަ މަންޒަރެއް ފެނުމުން ހިތަށް ލިބޭނެ ވޭނާއި، ދަތިކަން މިޝެލިންއަށް ބަޔާން ކުރަން ވަނީ ނުކުޅެދިފައެވެ.
"ޗާޖު ހުސްވެފައި އޮތީ، ކޮންއިރަކު އަހަރެމެން ފުރަނީ؟" މިޝެލިން ގެ އަޑު ކުރެހިފައިވާ ގޮތުން ހީވަނީ ގަދަޔަށް އަރިދަފުސް އަޅާފައިވާ ހެންނެވެ.
"ނޭގޭ، ފުރާހިތެއްނެތް، ދެމީހުން މި ރަށުގައި މަޑުކޮށްލާފައި އެހެން މީހުން ފޮނުވާލަންވީ ދޯ ލަވް، ބަލިތަ؟" އިއްބާނު މިޝެލިން އާއި ދިމާލަށް އެއް ފިޔަވަޅު ކުރިއަށް އެޅުމުން މިޝެލިން އެއްފަރާތަކަށް ޖެހެން އުޅުނީ އިއްބާނުގެ އަތުގެ ހިމާޔަތް ބޭނުންވެފައި ނެތީމައެވެ. އެހެން އަންހެނެއްގެ ހަށިގަނޑުގައި ފިރުމާފައިވާ އަތަކުން އޭނަގެ އަތުގައި ބީހިލުމުގެ ހުއްދަދޭކަށްވެސް ހިތެއް ނުރުހުނެވެ. އިނގިލި ކުރި ޖައްސާލާނެ ކަމެއްވެސް ނެތެވެ.
މިޝެލިން ދުރަށް ދާން ހަދައިގެން ފާލަމުގެ އެއްފަރާތުގައި ތިރިކޮށް ހަދާފައިވާ ރެއިލިންގައި އަޅައިގެންފައި ވިއްސައިގެން ދާން އުޅެނިކޮށް އިއްބާނު ހުޝިޔާރުކަމާއި އެކުގައި މިޝެލިން އަތުގެ ތެރެއަށް ގެނައެވެ. އެ ކަސްރަތީ ހަށިގަނޑާއި ޖެހި ފިތެވިގެން ދިޔަ ގޮތާއި، ފަން އިސްތަށިގަނޑު މޫނުގައި ބީހިލި ގޮތަކުން، މިޝެލިންގެ ނާރުތަކުގައި ފޮނި ފޮނި ބާނިތަކެއް ދަތުރުކޮށްލިހެން ހީވިއެވެ. އެކަމަކު އެ ސިކުންތުކޮޅު މިޝެލިން އެއަތުގެ ތެރެއިން ދެމިގެން، ބާރަކަށް ހިނގާލައިފައި ގޮސް ޑެކްގައިވާ ސަންބެޑަކަށް ހަށިގަނޑު ދޫކޮށްލީ ދަތްދޮޅީގައި އަތްވިއްދާލަމުންނެވެ. ހާސްވެފައި އިންވަރުން ޖަބުލާނީ ޕެކެޓް ހުރިގޮތަށް އަނގަޔަށް އަޅައިގެން އަވަސްއަވަހަށް ހަފަންފެށިއެވެ.
"ވަޓްސް ރޯންގް ބޭބީ..." އިއްބާނު ގެ ހިއްސުތައް ނުބަޔެއް އުޅޭކަމުގެ އިންޒާރުދީފި އެވެ.
"އަރިދަފުސް އަޅާފައި ހުރީމަ ރޭ ނުނިދުނު، އެހެންވެ.. އައިމް ނޮޓް މައިސެލްފް ޓުޑޭ...." މިޝެލިން ނޭފަތް ދަމާލަމުން ތުންފަތުގައި ބާރަކަށް ދަތްއަޅާލައިފި އެވެ. އެ ދޮން ކޯތާފަތަށް ފާއްދާލާފައިވާ މަޑު ރަތްކުލައަކުން އިއްބާނުގެ ހިތުގެ ވިންދު އަވަސްވެލިއެވެ. ލިޕްސްޓިކް އިޝްތިހާރެއް ކުޅުވަން މިހާ ރީތިކުއްޖެއް ދުނިޔޭގައި ވާނެކަމަށް ގަބޫލެއް ނުކުރެވެއެވެ. އަދި އެ ބުޅި، ނުކިޔަމަންތެރި އިސްތަށިގަނޑު ފޮރުވާލައިގެން ނެތްނަމަ މީހުން ގެ ހިތްތައް އިތުރަށް ހަލާކުކުރުވާނެއެވެ.
"އައިމް ސޮރީ ލަވް، ޝެލް އަހަންނަށް އެންމެ ބޭނުންވި ވަގުތު އަހަރެން ނިދާފައި އޮތީމަ އަހަރެން އަމިއްލަ ނަފުސަށް މާފެއް ނުދޭނަން، ދެން އެހެނެއް ނުވާނެ އައި ޕްރޮމިސް، ކޮންމެ ރެއަކު ނިދެންދެން އަހަރެން ޝެލް ގާތުގައި އިންނާނަން، ފޮގިވް މީ ބޭބީ...... މައި އެންޖެލް، ބުނެބަލަ ކޮންކަމެއް ކޮށްދޭންވީ؟ ބޭނުން ލޯބިން ހިތް ފުރާލަދޭން......" އިއްބާނުގެ ދެ މާނަ އެކުލެވޭ ޖުމްލަތަކާއި އެކު ލޯބީގެ ލަފުޒުތަކެއް ބުނެލިޔަސް މިއަދު މިޝެލިންގެ ހިތަށް ތަދުވުން ނޫންކަމެއް ނުވިއެވެ. އެނގިގެން ގަސްތުގައި ކުރި ޖެއްސުމެއް ހެއްޔެވެ؟ މިޝެލިން ކަރުނަ ހިފަހައްޓަން މަސައްކަތް ކުރިއެވެ. އޭނަ ކިހާ މޮޔަ ހެއްޔެވެ؟ އިއްބާނު އާއި ރުޅިވާންވީމަ އެހިތްވަރެއް ނުކުރެވުނެވެ. އެކަމަކު ޔަގީނުންވެސް އޭނަ އާއި އިއްބާނު އާއި ދޭތެރޭގައި ވަރުގަދަ ފާރެއް ލެވިއްޖެއެވެ. އިއްބާނު އާއި އޭނަ އާއި ދެމެދު މިއޮތް ގުޅުން އިތުރު އެންމެ ސްޓެޕެއްވެސް ކުރިޔަކަށް ނުދާނެ ކަމުގެ ޔަގީންކަން އެބައޮތެވެ. ނަސީބަކުން އެވަގުތު އެހެން މީހުން އަންނަތަން ފެނުމުން އިއްބާނު ތަންކޮޅެއް ދުރަށް ޖެހިލައިފި އެވެ.
ސައިބޯން ގޮސްފައި މިޝެލިން ގަދަކަމުން ތުންފަތް މައްޗަށް ހިނިތުންވުން ވެރިކޮށްލައިގެން އިނީ އެހެންމީހުން އޮޅުވައިލުމަށެވެ. އެހެން ދުވަހެކޭ އެއްފަދައިން އޭނަ އުޅުނީ މަޖާ ކޮށެވެ. އަރިދަފުސް އަޅާފައި ހުރީމަ އަވި އައިނު އަޅައިގެން، ޓިޝޫ ގެންގުޅެމުން ވެސް އެ އުފާވެރި މިޒާޖުގެ ކުއްޖާ އެހެން މީހުންނަށް އޭނަގެ ހިތާމަތައް ފޮރުވުގައި ކާމިޔާބު ކުރިއެވެ. އޭނަ ޔީވާއަށް ބެލީ ސިއްރުންނެވެ. ޔީވާގެ މޫނު ފެންނަލެއް ތާޒާކަމުން، އޭނަ އިނީ އުފަލުންކަން އެނގެއެވެ. އެކަމަކު އިއްބާނު އެންމެ ފަހަރަކުވެސް ޔީވާ އާއި ދިމާލަށް ބަލައެއް ނުލައެވެ. އެއީ ފިރިހެނުންގެ ފާޑު ހުންނަ ގޮތެވެ. ބޭނުން ފުދުނީމަ ދެން ބަލައިލުމަކީ ވެސް ބޭނުންކަމަކަށް ނުވާނެއެވެ. އެއީ މަޖާކޮށްލަން އެއްފަރާތުގައި ތިބޭ ކުޅޭބުދުތައް ފަދަ ބަޔެކެވެ.
މާލެ އައުމަށްފަހު ބަލިވެއުޅޭތީ ބޭސް ކައިގެން، ނިދާލަން ބޭނުންކަމަށް ބުނެ މިޝެލިން ގޯލްޑެން ފްލޭމްގައި މަޑުކޮށެއް ނުލިއެވެ. އެޕާޓްމެންޓުގެ ދޮރުން އެތެރެވި ގޮތަށް މިޝެލިން އެނދަށް ވެއްޓިގަނެގެން ބާލީހުގައި މޫނުފޮރުވާލީ ހިތަށް ކެތްނުވެގެންނެވެ. ދުނިޔެއަށްވެސް ފިލަން ބޭނުންވިއެވެ. މިލީނާ ފެންވަރާލައިގެން ނިތީ ތުވާލި ގައިގައި އޮޅާލައިގެންނެވެ.
"ދަތުރު ވަރުބަލިވެފައިތަ؟ އައިމް ޝިވަރިން، ހާދަ ފިންޏޭ، އޭސީ އޮފްކޮށްލަންތަ؟" މިލީނާ ހުރީ ފިނިވެގެން ހީކަރުވާފައެވެ.
"ހޫމް....." މިޝެލިން ކުރު ޖަވާބެއް ދިންގޮތުން އޭނަ އޮތީ ވާހަކަ ދައްކަން ބޭނުންނުވެފައިކަން މިލީނާއަށް އެނގުނެވެ. މިޝެލިން ހިމޭނުން އޮތްއިރު އޭނަގެ ލޮލުން ހިފެހެއްޓުމެއްނެތި ފައިބަމުން ދިޔަ ކަރުނަތަކުން ބާލީސް ތެންމަމުން ދިޔައެވެ. އިރުކޮޅަކުން ސޯފިޔާ ކޮޓަރިން ބޯދިއްކޮށްލި އެވެ.
"ސެޓްރިޒިން ކައިގެން ޝެލް ނިދީތަ؟ މަންމަ ޖޫސް ހަދާފައި ހުންނާނެ، ގިނައިން ޖޫސްބުއީމަ ބޮޑުވަރު ނުވެ ލުއިވެދާނެ......." ސޯފިޔާ ގެ އެ ޖުމްލައިން މިލީނާގެ ހިތަށް އުދަގޫވިއެވެ. މަންމަ އަދިވެސް އޭނަ އާއި އަނގައިން ބުނަނީ ކޮންމެހެން މަޖުބޫރުވެއްޖެ ހާލަތެއްގައެވެ. އެކަމާއި މިލީނާގެ ހިތަށް ހާދަ އަސަރެއް ކުރެއެވެ. އަދި މަންމަ އޮޕަރޭޝަނަށްފަހު ވެސް މާ ބޮޑު އަރާމެއް ނުކޮށް ދަރިންނަށް ޓަކައި އެހާ ބުރަކޮށް އުޅޭއިރު އެކުދިންނަށް މަންމައަށް ދެވުނީ ކޮން ހިތްހަމަޖެހުމެއް ހެއްޔެވެ؟ އެހެންވާން ޖެހުނު ސަބަބެއް މިލީނާއަކަށް ނޭގުނެވެ. ކޮންމެވެސް ސަބަބަކާއި ހުރެ މަންމަ ނުރުހޭ މީހަކާއި ކައިވެނި ކުރަން މިލީނާއަށް މަޖުބޫރު ވެއްޖެއެވެ. ކޮންމެވެސް ދުވަހަކުން އޭނަ މަންމަގެ ގާތުގައި ހަގީގަތް ކިޔައިދޭނެއެވެ. އޭރުން މަންމަގެ ހިތް ސާފުވެދާނެއެވެ.
މިލީނާ މިޝެލިންގެ ކަންތަކާއި އަބަދު އަޅާލާކުއްޖަކަށް ވިޔަސް އޭނަ އުޅުނީ އަމިއްލަ ހާލަށް ނޫޅެވިގެންނެވެ. މިލީނާގެ ކައިވެނި ކައިރިވަމުން އައި އިރު އޭނަ މިހިރީ މޮޔަވާވަރުވެފައެވެ. ހަދާނެގޮތް ހުސްވެ އެހެންމީހެއްގެ އެހީއަކަށް ބޭނުންވެފައެވެ.
މިލީނާ ހުދު ބިއްލޫރިތަށްޓަށް ޖޫސް އަޅައިގެން ސޯފާގައި ޖައްސާލި ތަނާ މީހަކު ބެލް ޖަހާލައިފި އެވެ. މިލީނާ ކަންބޮޑުވެފައި ގޮސް ޕީޕްހޯލުން ބޭރަށް ބަލައިލި އިރު ދޮރުމަތީގައި މިހުރާން ހުރިތަން ފެނުމުން ސިހިއްޖެއެވެ. ދެ ޚިޔާލުގައި ހުރެފައިވެސް އަވަހަށް ގޮސް ކަޅުހެދުން ވައްޓާލާފައި ބުރުގާ އެޅިއެވެ. އޭނަ ދޮރު ހުޅުވައިލީ މިގޭތެރޭގައި ހުރެގެން މިހުރާންއަށް ގޯނާ ނުކުރެވޭނެކަމުގެ ޔަގީންކަން އޮތީމައެވެ. މިހުރާން ގެ އަތުގައި އޮތް ކޮތަޅު ދިއްކޮށްލުމުން އޭގައި ނުހިފާ މިލީނާ ފަހަތަށް ޖެހުނެވެ.
"މަށެއް ނާންނަމޭ ތި ބޭބީކުއްޖާ ގާތަށް، މިއައީ ޝެލްއަށް އެއްޗެއް ހިފައިގެން، ބޫއަށް ޝެލް ބަލިވިކަން އެގުނީމަ އޭނަވެސް އެޑްމިޓް ކުރާވަރުވެއްޖެ، ޓްރޫ ލަވް ދޯ، އެކަމަކު ބަމްބީ އާއި ދިމާވީމަ ދެން ގުޑް، ގޭތެރޭގައި ވެސް އުޅެނީ ކަޅު އެއްޗެހީގައިތަ؟ ކުޑަ މާމަ ގަނޑަކާއި ވައްތަރީ، ރޭގަނޑު އަނދިރީގައި ތިހެން ހުރިތަން ފެނިއްޖެއްޔާ މީހަކު ފެއިންޓް ވެދާނެ......" މިހުރާން ގަސްތުގައި މިލީނާ ރުޅިއަރުވައިލަން ބުނެލިއެވެ. އޭނަ ބޭނުމީ ތާއަބަދު މިލީނާ އޭނަދެކެ ނަފްރަތު ކުރުމެވެ. ދިރިއުޅުން ފަސޭހަވާނީ އޭރުންނެވެ. އެހެންނޫންނަމަ އޭނަގެ ހުރިހާ ރޭވުމެއް ނާކާމިޔާބު ވެދާނެއެވެ. މިހުރާން އޭނަ ގެނައި ކޮތަޅު މޭޒުމަތީގައި ބެހެއްޓަމުން މިލީނާގެ މޫނަށް ބަލައިލި އިރު އެމޫނު ހީވަނީ ރަތް އަނގުރުކޮޅެއް ހެނެވެ.
"ތިހާ ހޭޓްކުރަންޏާ ދެން މެރީކުރުމުގެ ބޭނުމެއް ނޭގޭ...." މިލީނާ ބޮޑު ދެލޮލުން ބަލައިލި ގޮތަކުން މިހުރާންއަށް އެ ލޯ އެވަގުތުވެސް ފާހަގަ ކުރެވުނެވެ. މިލީނާގެ އެންމެ ރީތި ސިފައަކީ އެލޮލެވެ. އެސްފިޔަތައް ދިގުކަމުން ކޯތާފަތަށް ހިޔަނި އެޅޭވަރުވެއެވެ. މިލީނާ ކިތަންމެ ރީތިވިކަމުގައި ވިޔަސް އޭނަގެ ހިތަކީ މީރާގެ އެކަނި މިލްކެކެވެ. އެންމެންގެ ލޮލުގައި އަނދުން އަޅުވަން އޭނަ މިކުރަން އުޅޭ ކަންތައްތަކުގެ ނަތީޖާ އާއި މެދު ވިސްނައިލެވުމުން ބައެއްފަހަރު މިލީނާ އާއި މެދު ހަމްދަރުދީވާ ގޮތްވެއެވެ. ކައިވެނީގެ އެއްވެސް އުފަލެއް ނުލިބި، ނަމެއްގައި އަންބެއްގެ މަގާމުގައި އަބަދުވާނެ ކަން އެނގޭ ދުވަހަކުން މިލީނާ ކަންތައް ކުރާނީ ކިހިނެއް ބާވައެވެ. އޭނަ މިލީނާގެ ކުރިމަތީގައި އެހެން ލޯބިވެރިޔަކު ގެންގުޅޭތަން ފެނުނީމަ މިލީނާ ހިމޭނުން ހުންނާނެބާވައެވެ.
"މިއީ ހޭޓް މެރިޖެއް ދޯ، ގޯހެއް ނޫން...." މިހުރާން އޭރު ހުރީ އެހެން ޚިޔާލެއްގައެވެ.
"މަންމަ އަށް ފެނިއްޖެއްޔާ ރުޅި އަންނާނެ، ކީއްކުރަން މިގެއަށް އައީ؟" މިލީނާގެ މެޔަށް ވަނީ ގޮތެއްވެފައެވެ. ބިރުން ކަމެއް ނޫނީ ރުޅިންކަމެއް ނޭގުނެވެ. ބައެއްފަހަރު އެހުރިހާ ޖަޒުބާތަކާއިއެކު ލަދުވެތިކަންވެސް އެކުލެވެއެވެ. އޭނަވަނީ މިހުރާންގެ ކައިރީގައި ބޭޒާރުވެފައެވެ. އެއޮތް ޖެއްސުނު ވައްތަރުތަކެވެ. ރާގެއްނެތް ގޮތަކަށް ލަވަކިޔައިލި ގޮތް އެކަނި ހިތަށް އަރުވާލިޔަސް މީހަކު ލަދުން މަރުވެދާނެއެވެ. މިހުރާން ވާ ރަނގަޅެވެ. އެވަރަށް އެވީޑިއޯގެ ވާހަކަ ހަދާންކޮށް ދޭކަށް ނޫޅެއެވެ. އެކަމަކު އެ ބެލީ ކިތައްފަހަރު ކަމެއް އެނގެނީއެއް ނޫނެވެ.
މިލީނާ މިހުރާންއަށް މެހުމާން ދާރީ އަދާކުރާކަށް ނޫޅުނެވެ. ތަނެއްގައި އިށީންނަން ނުބުނިތާގައި، ފެންތަށްޓެއްހާ މިންވަރު ދޭކަށް ބޭނުމެއްނުވިއެވެ.
"މިކުއްޖާ ހާދަ ފޮންޏޭ، މެހުމާނަކު ގެއަށްއައިމަ ޓްރީޓް ކުރާގޮތް ތިހިރީ، މެރީކުރި ދުވަހަކުން ތިހެން ގަދަ ކޮށްލާފައި އުޅެވޭތޯ ބަލާނަން....." މިހުރާން ފްރިޖު ހުޅުވާލާފައި ޖޫސްޖަގު ހުރިގޮތަށް އަނގަޔަށް އަޅަން ފެށިއެވެ. މިލީނާ އަކަށް އެކަން ހުއްޓުވަން އެއްޗެކޭ ބުނާކަށް ނުކެރުނެވެ. އެހެންނޫނަސް މިހުރާން މިގޭގައި ހުރި އެއްޗެއް ކެޔަސް، ބުޔަސް އޭނަގެ މައްސަލައެއް އޮތީއެއް ނޫނެވެ. ދެބެންގެ ދެދަރި ޒުވާނެއްގެ ގޮތުން އައިނަމަ ކޮންމެ ކަމަކަށް އޭނަ މަރުހަބާ ކިޔާނެ އެވެ. ދެރައީ ބްލެކްމެއިލް ކޮށްގެން ކަންތައްތައް ހާސިލު ކުރާ މީހަކަށް މިހުރާން ވިކަމެވެ.
ނަސީބަކުން ސޯފިޔާ ނަމާދުން ނިކުތުމުގެ ކުރިން މިހުރާން އޭނައަށް ޖެއްސުން ތަކެއް ކޮށްލާފައި އެތަނުން ދާން ޚިޔާލު ކުރިއެވެ. މިހުރާން އެއްލޯ މަރާލާފައި އެޕާޓްމެންޓްގެ ދޮރު ލެއްޕުމުން މިލީނާއަށް ސޯފާއަށް އަރާފައި އެތައް އިރެއްވާންދެން ހިލަ ބުދެއްހެން ގާވެފައި އިނެވެ. ކިތަންމެ ވަރަށް ވިސްނިޔަސް އޭނައަށް ހެދޭނެ މާބޮޑު ގޮތެއްނެތްކަން ވިސްނުމާއިއެކު މިލީނާ ކޮތަޅު ހިފައިގެންގޮސް މިޝެލިންގެ ގާތުގައި ބެހެއްޓިއެވެ.
"ބެންގެ ހަދިޔާ، ދެން ތެދުވެބަލަ...." މިލީނާ މިޝެލިން އަށް ގޮވަންފެށިއެވެ. މިޝެލިން މާނަ ދޭހަނުވާ ގޮތަކަށް އެއްޗެކޭ ކިޔާލާފައި އަނެއްކާ ރަޖާގަނޑުގެ ތެރެއަށް ވަދެ ހަށިގަނޑު ފޮރުވާލައިފި އެވެ. މިލީނާއަށް ކެތްނުކުރެވިގެން ކޮތަޅު ހާވާލި އިރު ސްޓްރޯބެރީ ޕެކެޓްތަކާއި، ޗޮކްލެޓް، ދެތިން ވައްތަރުގެ މޭވާ އަދި ފިނިފެންމާ ބޮނޑިއެކެވެ. ކުޑަ ނޯޓްކޮޅެއްވެސް ހިމަނާލާފައި އޮތެވެ. އިއްބާނު މިޝެލިން ދެކެ ލޯބިވާ ގޮތަށް އޭނަދެކެ ލޯބިވާނެ މީހަކު ނުވާނެބާވައެވެ. މިހުރާންގެ ފަރާތުން އެފަދަ ކަމަކަށް އުއްމީދުކުރުމަކީ ބޭކާރުކަމެކެވެ. އޭނަގެ ލޯބިވެރިޔާއަކީ ކޮންމެވެސް މީރާ އެކެވެ.
މިޝެލިން ނިދަ ނިދާ އޮވެފައި ތެދުވުނު އިރު އިރުއޮއްސި އަނދިރިވެއްޖެއެވެ. މިލީނާ އޭރު ހުރީ ސްޓްރޯބެރީތައް ހަލާކުވެދާނެތީ ފްރިޖުގައި ބަހައްޓާފައެވެ. ފިނިފެންމާ ބޮނޑި އެނދުގެ ބޯލާކޮޅުގައި މިލާފައި އޮތެވެ. މިޝެލިން އޭގައި އަތްނުލައެވެ. މިލީނާ އިއްބާނު ފޮނުވި އެއްޗިއްސޭ ބުނުމުން އޭނައަށް ސްޓްރޯބެރީ މީރެއް ނޫނޭ ކިޔާފައި ބުއީ އޮރެންޖް ޖޫހެވެ.
ޖެހިގެން އައިދުވަހު ފިނިފެންމާ ބޮނޑި ބިންމަތީގައި އޮތްތަން ފެނުމުން މިލީނާ ހައިރާންވިއެވެ. މިޝެލިން އެހާވަރުން އުޅެފައި އިއްބާނު ދެކެ ފޫހިވީހެއްޔެވެ؟ މިޝެލިންގެ މިޒާޖުގައި އެފަދަ ގޮތެއް ހުންނަކަން މިލީނާ ދަނެއެވެ. ވަރަށް އަވަހަށް ކަންތައް ދެކެ ފޫހިކޮށްލާނެއެވެ. އެކަމަކު އަބަދު ހެވިފައި ހުންނަ ކުއްޖާ މޫޑީވެފައި އެނދުން ނުތެދުވެ އޮވެ އަބަދު ނިދާތީ މިލީނާގެ ތަބީޢަތަށްވެސް އަސަރުކޮށްފިއެވެ. އެހެންނޫނަސް މިދުވަސްކޮޅު އޭނަ ގެ ސިއްރު މިޝެލިންއަށް ކިޔައިދޭހިތުން ކެތްކުރެވެނީއެއް ނޫނެވެ. މިލީނާ އަށް ކުރެވޭކަމަކީ އެކަނި ހެއްދެވިފަރާތަށް ދުޢާކުރުމެވެ. އެންމެ ފަހު ވަގުތު މިހުރާންގެ ޚިޔާލު ބަދަލުވެ މިކައިވެނި ނުކުރާނަމޭ ބުނެފިއްޔާ އޭނަ ރޯދަ ހިފާނެއެވެ. ސަދަގާތް ކުރާނެއެވެ. ކޮންމެ ގޮތެއްވިޔަސް މަރުވާންދެންވެސް އޭނަ ހެއްދެވިފަރާތަށް އިތުބާރު ކުރުމުގައި ދެމިހުންނާނެއެވެ. އެންމެ ފަހު ވަގުތު ރަނގަޅު ގޮތެއް ވުމަށް އޭނަ އެދެއެވެ. ހެއްދެވި ފަރާތާއި މެދު މާޔޫސްވާކަށް ނުވާނެއެވެ.
މާޒިން ޑިއުޓީއަށް ދިޔަފަހުން ސޯފިޔާ ފެންވަރާލަން ވަނީ ރިހަތެލި ހޫނުކުރަން އުދުނަށް އަރުވާފައެވެ. އޭރު މިލީނާވެސް ނަމާދު ގަޑި ޖެހޭތީ ނަމާދުކުރަން ކޮޓަރިއަށް ވަދެއްޖެއެވެ. މިޝެލިން ކޮފީއެއް ބޯލަން ވެގެން ފެން ހޫނުކުރާ ޖަގު ގުޅަން އުޅެއުޅެ ކަރަންޓު އަންނަގޮތެއް ނުވިއެވެ. އެންމެފަހުން ރިހަތެލި ރަނގަޅަށް ނުކެއްކެނީސް މިޝެލިން މޭޒުމަތީގައި އޮތް ފޮތިގަނޑަކުން ތެލިބާލައިފާ ފެންފޮދެއް ހޫނުކުރަން ސައިކުރާ އަރުވައިފި އެވެ. މިޝެލިންއަށް ނޭގުނީ އޭރު އޭނަގެ ފަރުވާކުޑަކަމުން ފޮތިގަނޑުގައި އަލިފާން ހިފިކަމެވެ. ކުރީދުވަހެއްގައި މިޝެލިން އެގޮތަށް ތެލި ބޭލުމުން ދިމާވާން އުޅުނު ނުރައްކާތެރި ހާދިސާއިން ސަލާމަތްވީ މިލީނާއަށް އެ މަންޒަރު ފެނުނީތީއެވެ. އެދުވަހުވެސް ފޮތިގަނޑުން ދުން އަރާތަން ފެނުމުން މިލީނާ އަމުރުކޮށްފައި ވަނީ މިޝެލިން އުދުނާއި ކައިރިނުވުމަށެވެ. މިޝެލިން ފޮތިގަނޑު ދުރަށް ހޫރާލުމަށްފަހު ކޮފީމަގު ހިފައިގެން ކޮޓަރިއަށް ވަދެ ހެޑްސެޓްއަޅައިގެން މޭޒު ކައިރީގައި އިށީދެއްޖެއެވެ. މިލީނާ މުސައްލަ މަތީގައި އިންދާ ރަބަރު އަނދާ ފަދަ ވަހެއް ދުވަން ފެށުމުން ދޮރުން ބޭރަށް ބޯދިއްކޮށްލިއިރު ކާބަޔާއި ދިމާލުން އަލިފާން ރޯވެފައިވާތަން ފެނުމުން ބާރަކަށް ހަޅޭއްލަވައި ގަނެވުނެވެ. މިޝެލިން ވެސް ވަގުތުން އެނދުން ފުންމައިގެން ތެދުވެއްޖެއެވެ.
"އޯ ގޯޑް، ކިހިނެއްތަ މިވީ؟" މިޝެލިން އެވަގުތުކޮޅު ގުޅަންވީތަނަށް ގުޅަން ހަނދާން ނައްތައެއްނުލިއެވެ. މިޝެލިން ދުމުގެ ސަބަބުން ހާސްވެފައި ހުރިއިރުވެސް އޭނަގެ ޚާއްސަ ބައެއް ސާމާނުތައް ބޭގަށް އަޅައިގެން ނޫނީ ބޭރަށް ނުދާން ނިންމިއެވެ. މިޝެލިން އުޅުނީ އަލްބަމްތަކާއި އެއްޗެހި ސަލާމަތް ކުރުމުގައެވެ. ނަސީބަކުން އަލިފާން ނިވާ ލޮރީތައް އައީ މިޝެލިންމެން ގެ ކޮޓަރީގައި އަލިފާން ނުހިފަނީހެވެ. ސޯފިޔާ ކުދިންގެ ގައިގައި ހިފައިގަނެގެން ހުރެ ރޮމުން މާޒިންއަށް ގުޅިއެވެ.
އެޕާޓެމެންޓަށް މާ ބޮޑު ގެއްލުން ތަކެއްނުވިޔަސް އެއްބައި ބޭނުން ނުކުރެވޭ ވަރަށް ހަލާކުވިއެވެ. މާޒިން ގެއަށް ނުގެނެވިފައި ތިބޭ ޒަހާރާމެންނަށް އެ އެޕާޓްމެންޓްގައި އަލިފާނުގެ ހާދިސާއެއް ހިގިކަން އެނގުމުން ލިބުނު ހިތްހަމަޖެހުމާއިއެކު ވަގުތުން ގުޅާފައި އެގެއަށް ބަދަލުވުމަށް އެދުނެވެ. މަލަކާ ހުރީ "ރެޑް ފްލޭމް" އެ އާއިލާއަށް ހިބައިން ދިނުމަށް ތައްޔާރަށް ކަމަށް ބުނުމުން މާޒިންއަށް ޝޮކެއް ލިބުނެވެ. އޭނަގެ ދައްތަ އެހާ އަގުބޮޑު ހަދިޔާއެއް ދިނުމުން ގަބޫލުކުރުން ދަތިވިއެވެ. އެމީހުންގެ އަމިއްލަ ލެޔަށް ނުވާއިރު މިޒަމާނުގައި ހިލޭމީހަކަށް ގެއެއް ހަދިޔާކުރާނީ މޮޔައެކެވެ. ދައްތަ އޭނަ ކުޑައިރުއްސުރެ ޚާއްސަގޮތެއް ބެހެއްޓި ނަމަވެސް މިއީ އަޖައިބު ކުރުވަނިވި ކަމެކެވެ. ސޯފިޔާ އެމީހުންގެ ގެއަކަށް ދާން ދެކޮޅު ހަދާފައިވެސް އެންމެ ފަހުން ރެޑް ފްލޭމަށް ދާން އެއްބަސްވިއެވެ. މާޒިން ބުނެފައި ވަނީ ރަނގަޅު އެޕާޓްމެންޓެއް ލިބުނުހާ އަވަހަކަށް ބަދަލުވާނެ ކަމުގައެވެ. މަލަކާގެ ދެމަފިރިންނާއި ޒިލާ ބަދަލުވީ ގޯލްޑެން ފްލޭމަށެވެ.
"މިއަދު ސޯފީމެންވާނީ ރެފިއުޖީއިންނަށް، އެހެންވީމަ ސަވާބު ލިބޭނެކަން އެނގޭތީ މިހެން ހެދީ، އަހަރެމެން އަތުގައި ގެދޮރު އެބަހުރި...." އެންމެ ފަހު ވަގުތުގައި މަލަކާ ބުނި ޖުމްލަތަކުން މާޒިންއަށް ޔަގީންވީ މަލަކާ އަދިވެސް ސޯފިޔާއަށް އެމީހުންގެ މުއްސަނދިކަމާއި، އިއްޒަތް އަންގާދޭން އުޅޭކަމެވެ. އެކަމަކު މާޒިން އެކަމާއި އަރައިރުންވާކަށް ނޫޅުނެވެ. މާޒިން ގެ ހިތުގައި ނޭގޭ ބިރުވެރިކަމެއް އުފެދުނީ މަލަކާ މާޒިން އަށް "ރެޑްފްލޭމް" ރެޖިސްޓްރީ ކޮށްދިންކަމުގެ ލިޔުން ދިނުމުންނެވެ. މީގައި ކޮންމެވެސް ނުބަޔެއް އުޅޭކަން އެ ތަނަވަސް ސިކުނޑިން ދެނެގެންފިއެވެ. އޭނަ މި އިހުސާންތެރި ކަމުގެ ދަށުގައި ފިއްތަނީ ބަދަލުގައި ކީއްކުރަންބާވައެވެ. އެދުމެއްނެތި ވެދުމެއް ނުކުރާނެޔޭ ބުނާ ބަސް ހަނދާންވެ، މާޒިން ނުތަނަވަސްވިއެވެ. މާޒިން އެގެ އޭނައަށް ރެޖިސްޓްރީ ވި ޚަބަރު ސޯފިޔާއަށް ސިއްރު ކުރިއެވެ.
ރެޑްފްލޭމް ގެ ރީތިކަމާއި، ފުރިހަމަކަމުން މިލީނާ އާއި މިޝެލިން އުފަލުން ގޮތެއް ނެތެވެ. އެހާ ބޮޑު ގެ ވަގުތީ ގޮތުން ނަމަވެސް އެކުދިންނަށް މިލްކުވީއެވެ. ޒިލާ އެގެއިން ބޭރަށް ދާން ޖެހުނީ އެވެ. އެއީ މިޝެލިން ދެކޭގޮތުގައި އޭނައަށް ލިބުނު ކާމިޔާބެކެވެ. މިޝެލިން ފޯނުނެގީ އިއްބާނު ގުޅާވަރުން ކުރާނެ ކަމެއް ނޭގިގެންނެވެ. އިއްބާނުގެ އަޑު ކަންފަތުގައި ޖެހުމާއި އެކު މިޝެލިންއަށް ދެލޯމަރައިލެވުނީ ހިތަށް ވި ގޮތަކުންނެވެ. ލިބުނު އުފާކޮޅު ފެނަށްވެގެން ހިގައްޖެއެވެ. އިއްބާނު އޭނަދެކެ ލޯބިނުވާއިރު އޭނައަށް އޮޅުވާލައިގެން އެކްޓްކުރަންވީ ކީއްވެހެއްޔެވެ؟ އޭނަގެ ހިތް ހަލާކުކޮށްލަނީ ކީއްވެހެއްޔެވެ؟ އޭނައަކީ އެހެން އަންހެންކުދިން ފަދަ ކުއްޖެއް ނޫނެވެ. އިއްބާނު އެހެން އަންހެންކުއްޖެއްގެ އަތުގައި ހިފާލާކަށްވެސް އޭނަ ހިތް ނޭދެއެވެ. ވީއިރު އޭނައަށް އެފެނުނު މަންޒަރަށް އޭނަ ކެތްކުރާނެ އެއްވެސް ގޮތެއްނެތެވެ.
"ޝެލްސް، އާ ޔޫ އޯކޭ؟ ދެކޭހިތުން ހުރެވެނީއެއް ނޫން، އަހަރެން ދަންތަ؟" އިއްބާނުގެ އަޑުގައި ވާ އަސަރަކުން މިޝެލިންގެ ހިތް ތެޅިގަތެވެ.
"ނޫން، ނޫން، މިއުޅެނީ ތިގެއަށް ދާންކަމަށް...." މިޝެލިން ތުންފަތުގައި ދަތްއަޅާލިއެވެ.
"އޯކޭ، ވާހަކައެއް ބުނެލަން ބޭނުން ބޭބީ، އަހަރެންވެސް މިއަދު ކުޑަކޮށް ބަލި....." މިޝެލިންއަށް އިތުރު އެއްޗެކޭ ބުނުމުގެ ކުރިން އިއްބާނު ފޯނު ކަނޑާލައިފި އެވެ. އޭނަ ހުރީ ހާދަ އަވަސްވެފައެވެ. މިޝެލިން ވަކިން ބޮޑަށް ހާސްވީ އެ ބުނަން އުޅުނު ވާހަކައެއް ހިތަށް ނައުމުންނެވެ. އަނެއްކާ ޔީވާ ބަލިވެއިނީ ހެއްޔެވެ؟ އިއްބާނުގެ ގާލްފްރެންޑަކީ އެއީ ކަންނޭގެ އެވެ. އެވާހަކަ އެންމެ ފަހުން މިޝެލިން ގާތު ބުނަން އުޅެނީ ކަންނޭގެ އެވެ. މިޝެލިން ފެންވަރާލައިގެން، ތައްޔާރުވާން ހުރިއިރުވެސް ލޯމައްޗަށް ފެންނަނީ އެއް މަންޒަރެވެ. އެކޮޓަރީގެ ފާރަށް އެޅިފައިވާ ހިޔަނިތައްވެސް ހަނދާނަށް އައެވެ.
"ހީޒް ޑެޑް، ޝެލް......" މިލީނާ ކޮޓަރިއަށް ވަދެ އެހެން ބުނެލި އިރު އެ މޫނު ހީވަނީ ހުދުކަމުން ކަފަކޮޅެއްހެންނެވެ.