ގަތްލަދުންނާއި، ހީވެސް ނުކުރާފަދަ ގޮތަކަށް މިހުރާން އައުމުން މިލީނާ ގަނޑުވެފައިވާ ބުދެއްފަދައިން އިރުކޮޅެއްވާންދެން މިހުރާންގެ ދެލޮލަށް ބަލަހައްޓައިގެން ހުރެފައި ވިދުވަރެއްހާ ހަލުވިކޮށް ނުކުމެގެން ދުއްވައިގަތެވެ. މިހުރާން ގޮވީމަ ބަލައިވެސް ނުލާ މިލީނާ އެތަނުން ދިޔައީއެވެ.
އެތައް އިރެއްފަހުން ސޯފިޔާ މިލީނާ ގާތު މިހުރާން ކޮޓަރިން ނުކުތް ވާހަކަ ބުނުމުން ކުޑަދޮރު ހުޅުވާލައިގެން މިހުރާން ދާތަން ބަލަން ހުރިއިރު ކަރުނުން ދެލޯ ފުސްވިއެވެ. އޭނަ ދެން ކޮޓަރިއަށް ވަންއިރު ފެނުނީ އެނދުމަތީގައި އޮތް ރަތްކުލައިގެ ފިނިފެންމަލުގެ ބުކޭއެވެ. ހާދަ ރީއްޗެވެ. ރަތްކުލަ ގަދަވެގެންގޮސް ހީވަނީ ލޭފައިބާހެންނެވެ. ފަތްތަކުގެ ފެހިކަން އެހާ ގަދައެވެ. އޭގައި ކުޑަ ނޯޓުކޮޅެއް ތަތްކޮށްލާފައިވުމުން ބަލައިލ ިއިރު އެއީ މިހުރާންގެ އަތު ލިޔުމެވެ. އަނިޔާ ކުރެވުނީތީ ދެރަވާކަމަށާއި އެކަމާއި މާފަށް އެދޭކަމަށް ބުނެ ލޯބިވާ ވާހަކަ ބުނެފައިވާ ގޮތުން މިލީނާގެ ހިތަށް ވަރަށް އަސަރުކޮށްފިއެވެ. އެ މާ ކޯނި ނަގާފައި މޫނުގައި ޖައްސައިލެވުނުގޮތަށް މާ ބޮޑަށް ރޮވިއްޖެއެވެ. ރަތްމަލުގެ ފިޔަތަކަށް މިލީނާގެ ކަރުނަތައް އޮހިގަތުމުން މާފިޔަތައް މަތީގައި މުތީތައް ވިދަންފެށިއެވެ.
"ރެން، އައި ލަވް ޔޫ ޓޫ ކީއްވެ ތިގޮތަށް ހީކުރަނީ... މައްސަލައަކީ ރެންގެ އަނިޔާއެއްނޫން، ރުޅިގަދަވެގެން ވާނުވާ ނޭގޭއިރު ކުރާކަންތަކަށް ލޯބިވާމީހުން މާފުކުރާނެ އެއްނު، ޔަގީނުންވެސް އަހަރެންގެ ހިތުގައި އެއްޗެއް ނެތް، މީރާ އެއީ އަހަރެމެންގެ ލައިފަށް ދިމާވެގެން އުޅޭހާ އުދަގުލަކީ......" މިލީނާ މޫނުގައި އަތް އަޅައިގެން އެނދަށް ތިރިވިއެވެ. އެތައް އިރެއްވާންދެން ރޮއިފައި މިލީނާ އެ ނޯޓްކޮޅު ރައްކާކުރީ ނިކަން ލޯބިންނެވެ. އެތައް ފަހަރު ތަކުރާރުކޮށް އެ ޖުމްލަތައް ކިޔަކިޔާ ފޫއްސެއް ނުވިއެވެ. އަދި މާތައް ވާސްއެއްގައި އަތުރާލާފައި ބޭރަށް ނުކުތްއިރު ސޯފިޔާ އިނީ މިންކު ނިންދަވާލައިގެން ސިޓިން ރޫމްގައެވެ. މިލީނާ ރޮއިފައި ހުރިކަން އެނގުމުން ސޯފިޔާއަށް އެ ވާހަކަ ނުފަށާ ނީދެވުނެވެ.
"މަންމަ ވަރަށް ހިތްހަމަނުޖެހުނު ރެން އައުމުން ދަރިފުޅު މީޓްނުކުރީމަ، އެއީ ފިރިމީހާ، މިލީ ފާފަވެރިވާނެ ތިއުޅޭގޮތުން، އެހެންނޫނަސް މިލީ ރެންދެކެ ރުޅިއަންނަނަމަ ތިގޮތަކަށް އަބަދު ރޮއިފައެއް ނޫޅޭނެ، ވީމަ މަންމަ މިހުންނަނީ ވާނުވާ ނޭގިފައި...." ސޯފިޔާ މިލީނާއަށް ވިސްނާދިނެވެ. ކޮންމެ ގޮތެއްވިޔަސް ދަރިއެއްގެ ކަރުނަތައް ދެކެން މަޔެއްގެ ހިތަކަށް ކެތެއް ނުކުރެވޭނެއެވެ. ނަމަވެސް މިލީނާ އޭގެ ޖަވާބު ދޭނީ ކިހިނެއްހެއްޔެވެ؟ މިހުރާން "މިސްޓްރެސް" އެއް އަދިވެސް ގެންގުޅެމުންދާ ކަމާއި އޭނަ މިލީނާއަށް މަރުގެ އިންޒާރު ދިން ވާހަކަ މަންމަމެން ގާތު ބުނަން ކެރޭނެ ހެއްޔެވެ؟ އޭރުން މިހުރާންގެ އަގު ވެއްޓިދާނެތީ އޭނަ ކަންބޮޑުވެއެވެ. މާތް ﷲ ދެނެވޮޑިގެންވާނެއެވެ. އޭނަ މިހިރީ ފިރިމީހާއަށް ވަފާތެރިކަން މަތީގައެވެ. ދުރަށް އައީ މިހުރާންގެ އަނިޔާތަކުން ނޫނެވެ. މީރާގެ ސަބަބުންނެވެ. މިހުރާން އެމީހާ ގެންގުޅެނީ އޭނަގެ ކޮން ބަޔެއް މަދުވެގެން ބާވައެވެ.
މިލީނާ ފެންވަރާލައިގެން ނުކުމެ ލޯގަނޑުދޮށުގައި ހުރެ ހަށިގަނޑާއިމެދު ވިސްނައިލިއެވެ. އެބުނާހެން އޭނަ ހާދަ ހިއްކެވެ. އެއީ ކުރިން އެހާ ބޮޑަށް މިލީނާއަށް ފާހަގަކުރެވުނުކަމެއް ނޫނެވެ. ހިތާމަކުރަމުންގޮސް މާ ބޮޑަށް ހަށިގަނޑު ދެރަވަނީ ކަންނޭގެ އެވެ. އިސްކޮޅުން ތަންކޮޅެއް ކުރުވެފައި އަދި މިވަރަށް ހިކެން ވެއްޖެއްޔާ އެބުނާހެން މިހުރާން ފޫހިވެދާނެއެވެ. މިލީނާ ބަނޑުގައި އަތް ޖައްސާލިއެވެ. ވިހެމުގެ ކުރިން ހުރިވަރަށްވުރެ ތުނިހެންހީވިއެވެ. ތަންކޮޅެއް ގިނައިން ކާންވީ ކަންނޭގެ އެވެ. އައިސްކްރީމާއި، ޗޮކްލެޓް އަދި ފޮނި އެއްޗެހި ކެއީމަ ވާގޮތެއް އެނގިދާނެތާއެވެ. ނަމަވެސް ސުވާލަކީ އަދި އެއީ އެއް ނޫނެވެ. މިހުރާންގެ ހިތްހަމަޖައްސައި ނުދެވޭ މައްސަލައެވެ. ހުރިހާވެސް މައްސަލައަކީ ދެމީހުންގެ އިސްކޮޅުގެ ތަފާތު ބާވައެވެ. މިލީނާއަށް އެކައްޗެއްވެސް ނުވިސްނުނެވެ. އެ ސުވާލުގެ ޖަވާބު ދެވޭނީ އެކަނި މިހުރާންއަށެވެ. މިހުރާން ގޮސް މީރާ ގާތުގައި ޝަކުވާކުރުމުގެ ބަދަލުގައި އޭނަ ގާތުގައި ނުބުނާތީ އެ ވާހަކަ އަހަންވީއެވެ.
މިލީނާ ޗޮކްލެޓް ތަށްޓެއް ހިފައިގެން ގޮސް ކުޑަދޮރު ކާރީގައި ހުރި ގޮނޑިއެއްގައި އިށީނދެލިގޮތަށް ސަމުސާއިން ކާލަން އިނެވެ. ކުރު ސޯޓްކޮޅަކާއި ޓީޝާޓެއްލައިގެން އިސްތަށިގަނޑު މައްޗަށް އައްސާލައިގެން ކިތަންމެ ސާދާކޮށް ހުއްޓަސް އެ މޫނުމަތީގެ އޮމާންކަމުން ފެނުނު ކޮންމެ ހިތެއް ތައުރީފުކުރާހާވެއެވެ. އެހެން އިންއިރުވެސް ބިއްލޫރި ދޮރުތަކުން ބޭރަށް ބަލައިލެވެއެވެ. ފިނިގަދަވާވަރުން ހީވަނީ ކޮންމެ ވަގުތަކުވެސް ގަނޑުފެން ފައިބަން ފަށާފާނެހެންނެވެ. މީހަކު ފަހަތުން ބައްދައިލާފައި ފައިގެ ފަލަ މަސްގަނޑުގައި އިނގިލިތައް ބީއްސާލިގޮތަކުން މިލީނާގެ ހަށިގަނޑުގައިވާހާ ނާރުތައް ހަލަބޮލިކުރުވިއެވެ. އެކަނި އެ ނޭވާގެ މީރުވަހުން އެކަނިވެސް މިލީނާގެ ހިތުގެ ވިންދާއި ކުޅެލައެވެ. އޭރު މިލީނާ އިނީ ޗޮކްލެޓާއިއެކު ސަމުސާ އަނގަޔަށް ލީގޮތަށް ސަމުސާގައި ދައިގެންނެވެ. މުޅި އަނގަމަތީގައި އޮތީ ޗޮކްލެޓެވެ.
"ބޭބީ ނިދާފައި އޮތީމަ މިލީ ކާރިއަށް އައީ، ދެން ސަލާމަތްވާން ދުއްވައިގަންނާނީ ކިހިނެއްތަ؟ ޗޮކްލެޓް ތުންކޮޅެއް ހުރީމަ ވަރަށް ފޮނިވާނެކަން ޔަގީން ފޮނިކުއްޖާ........." މިހުރާން ކޮށްލި ސަމާސާއަކުން މިލީނާ ހައްތަހާ ލަދުގަތެވެ. ނަމަވެސް މިލީނާއަށް އެއިން އެއްވެސް ކަމެއް ހުއްޓުވާކަށް ބޭނުމެއްނުވިއެވެ. އޭނައާއި މިހުރާން އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވެއެވެ. އެހާ ލޯބިން އެކީގައި ވަގުތުކޮޅެއް ހޭދަކުރެވުނީ ސަބަބަކާނުލައެއް ނޫނެވެ. މިނިޓްތަކަކަށް އެކީގައި ހޭދަކޮށްލެވުމުން ދެހިތަށްވެސް ލިބުނީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެކެވެ.
"މިލީ، މިވަރަށް އެކަކު އަނެކަކަށް ބޭނުންވާއިރު މިލީ ކީއްވެ ފިލަން ދުވަނީ؟ އަހަރެންދެކެ އެހާ ބިރުގަނޭތަ؟ އަހަރެން އެހާ އަނިޔާވެރި މީހެއްތަ؟ ބޮޑަށް އެހެނެއްނޫން އެވަނީ، މިލީ ނާޒުކްކަމުން އަހަރެން ކިރިޔާ އަތްލާއިރަށް ބްރޭކްވަނީ، އަނގަމަތީގައިވެސް އަހަރެން ޖެހީ ބާރަކަށް ނޫން، އެކަމަކު ތުންކޮޅުވެސް ފަޅައިގެންދިޔައީ.... އަހަރެން ނުވޭ ދޯ ފިރިހެނަކަށްވެސް، ބާރެއްނެތް ކުދިންނަށް އަނިޔާކުރާނީ ވަރަށް ކަމުނުދާމީހެއްކަން އަމިއްލައަށްވެސް އެނގޭ، އެހެންވެ އަހަރެން މިހިރީ މިލީ ކައިރީ ގެއަށް އަންނާށޭ ނުބުނަން ކަމަށް، ނަމަވެސް ހާދަ މިސްވެޔޭ، މިލީ ނެތި މި ފިނި ރޭތައް ވޭތުކުރަން ފަސޭހައެއް ނުވާނެ، ކިހާ ރޮމް ވާނެ، މިލީ ބޭނުމެއް ނުވޭތަ؟" މިހުރާން ކިތަންމެ ވަރަށް ވިސްނައިދިނަސް މީރާގެ ކަންތައް ވަކި ކޮޅެއްގައި ނުޖެހެނީސް އޭނަ މިގެއިން ދާނީ ކިހިނެއްހެއްޔެވެ؟
"ރެން، ދުވަސްކޮޅަކަށް ވަކިން އުޅެން ބޭނުން..." މިލީނާ ތުންފަތުގައި ދަތްއަޅާބާރުކޮށްލިއެވެ.
"މިލީ، އަހަންނަށް އެނގޭ އަހަރެން ކުރީ ހިތުން ނުފިލާނެ ވަރުގެ އަނިޔާއެއްކަން، އެކަން ޖަސްޓިފައި ކުރެވޭނެ އެއްވެސް ގޮތެއް ނެތްކަން. އައި ވިލް މޭކް އިޓް އަޕް ޓު ޔޫ، އައި ޕްރޮމިސް، ހާދަ އުދަގުލޭ މިލީއާއި ނުލައި އެންމެ ދުވަހެއްވެސް ވޭތުކޮށްލަން....... މިލީ، އެންމެ ޗާންސެއް އަހަންނަށް ދޭންވީއެއްނު...." މިހުރާން މި ނޫނީ ދުވަހަކު މީހަކަށް އާދޭސްކުރިކަމެއް ނޭގެއެވެ. ލޯތްބަށްޓަކައި އޭނަ މިހިރީ ކިތަންމެ ވަރަކަށްވެސް ދޫދޭން ދާން ތައްޔާރަށެވެ. އޭނަ މިލީނާގެ ފައިގާ ހިފާފައި މާފަށް އެދުނީވެސް އެހެންވީމައެވެ.
"ރެން، އަހަންނަށް އެނގޭ، އެކަމަކު ޕްލީޒް ދުވަސްކޮޅެއް ދީބަލަ، ނޫނީ ރެން ބޭނުމިއްޔާ ހެޔޮ ކިތަންމެ ގިނައިން މިގެއަށް އަޔަސް...." މިލީނާގެ ލޮލުގައި ކަރުނަ ގިނަވެގަތެވެ. މިލީނާގެ ވާހަކަ ހުރިގޮތުން މިހުރާން ނުތަނަވަސްވިއެވެ. މިލީނާ އެގެއަށް ނުދާން އުޅެނީ ކީއްވެހެއްޔެވެ؟ މިލީނާ އޭނަދެކެ މާބޮޑަށް ބިރުގަތީ ކަންނޭގެ އެވެ. އިތުބާރު ގެއްލުނީ ކަންނޭގެއެވެ. ރުޅިއަންނައިރަށް ހަމަލާއެއް އަތުވެދާނެތީ މިލީނާ އެހެރީ ކަންބޮޑުވެފައެވެ. މަންމަމެން ކާރީގައި ހުރުމުން ރައްކާތެރިކަން އިހުސާސްކުރެވެނީ ކަމަށް ވެދާނެއެވެ.
މިހުރާން ފުން ނޭވަޔެއް ލިއެވެ. އޭނަ ކިތަންމެ ވަރަށް ވިސްނައިދިނަސް އަނިޔާއެއް ނުކުރާނެކަމަކަށް މިލީނާ ގަބޫލެއް ނުކުރާނެއެވެ. އެހާ ނާޒުކު ކުއްޖަކާއި މެދު ކަންތައް ކުރެވުނީ އަސްލުވެސް އިހާނެތިކޮށެވެ. އޭނަގެ މަންމަ ބުނިފަދައިން މިލީނާއަކީ ޖަވާހިރެކެވެ. އެފަދަ ކުއްޖެއް ދުނިޔެ ހޭވިޔަސް ނުފެންނާނެއެވެ. ކިތަންމެ ނާޒުކުކޮށް ހުއްޓަސް މިހުރާންގެ ހިތާއި ފުރާނައިން އެދޭ އެކަނި މީހަކީވެސް މިލީނާއެވެ. މިލީނާ ގެ ޚިޔާލު ބަދަލުވާން ވަގުތު ނަގާފާނެއެވެ. އޭނައަށް އިތުބާރުކުރަން ދެން ވަގުތު ނަގާނެއެވެ.
"އޯކޭ މިލީ، މިގޭގައި ހުއްޓަސް ދެން މައްސަލައެއްނެތް، އަހަރެން އިންތިޒާރުކުރާނަން އަހަރެންގެ ގާތަށް އަންނާނެ ދުވަހަކަށް...." މިހުރާން އެއްބަސްވީ ދެވަނަގޮތެއް ނެތިގެންނެވެ. ކުރީގެ މިހުރާން ނަމަ އޭނަ މިއަދު ދިޔައީހީ ގަދަކަމުން ނަމަވެސް މިލީނާ ގޮވައިގެންނެވެ. މިގޮތަށް ގޮތްދޫކޮށްލާފައެއް ނުދާނެއެވެ. ބޭނުންވީކަމެއް އެގޮތަކަށް ނިންމާނެއެވެ.
މިހުރާން ކާރަށް އަރައިގެން ގޮސް އޮބާލަންދެން މިލީނާ ބަލަހައްޓައިގެން ހުރެލާފައި ލޮލުގައިވާ ކަރުނަތައް ފޮހެލިއެވެ. ހިތަށް ހާދަ އުދަގޫވިއެވެ. މިހުރާން މީރާ ގެ ވާހަކަ ނުދައްކާތީ އޭނަ ހަމަ ހައިރާންވެއެވެ. އެވަރަށްވެސް މީރާއަށް މިހުރާން ބޭނުންވަނީ ހެއްޔެވެ؟ އެއީ ކީއްވެހެއްޔެވެ؟ މިހުރާން އެންމެ ފަހަރަކުވެސް މީރާ އެމީހުންގެ ހަޔާތުގައި ކުރަނީ ކީއްތޯ އަމިއްލަ ނަފުސާއި ސުވާލުކޮށްބަލާށެވެ. ހުރިހާވެސް މައްސަލައެއްގެ އަސްލަކީ މީރާއެވެ. އެމީހުންގެ ދިރިއުޅުމުން މީރާ ގޮސްފިނަމަ ދެން ދާނީ އޮމާންކޮށެވެ. އޭނަ މިހުރާންގެ ތަބީއަތު ގޯސްވާފަދަ އެއްޗެހި ބުނަން ޖެހެނީ އެ މީރާގެ ސަބަބުންނެވެ.
މިހުރާން ކާރު ދުއްވާލާފައި ދިޔައިރު މިލީނާ އާއި މެދު ޚިޔާލު ކުރެވުނެވެ. އަމިއްލަ ކުށް ގަބޫލުކުރަމުން މިހުރާން ހިތާމަވެރި ގޮތަކަށް ހީލިއެވެ. އަމިއްލަ ކުށް ގަބޫލުކުރެވި ކުރެވުނު ކަންތަކާއިމެދު އިންތިހާއަށް ދެރަވިއެވެ. މާޒީގެ އެތައް ދުވަހެއް ހަނދާނަށް އައެވެ. އޭނަ މިލީނާދެކެ ލޯބިވާއިރު އެގޮތަށް އަނިޔާ ކުރެވުމަކީ އޭނަވެސް ގަބޫލުކުރާގޮތެއް ނޫނެވެ. އަމިއްލަ މީހާ ރަގަޅުވުމަށްފަހުގައި ނޫނީ މިލީނާ ގެއަށް ގެންދިޔުމުގެ ބޭނުމެއްނެތީއެވެ. އެހެންމީހުންނަށް ހަގީގަތް ނޭގުނަސް މިލީނާ އަންނަން ޖެހުނީ ކީއްވެގެން ކަން އޭނައަށް އެނގެއެވެ. މިލީނާ އަށްވެސް އެ އަނިޔާތަކާއި ނުރުހެވެނީއެވެ. ލޯބިވިޔަސް އެގޮތަށް ކެތްކުރާނީ އެކަނިގޮތް ހުސްވެފައިވާ ކުދިންނެވެ. މިލީނާ ދާނެތަން އެބަހުއްޓެވެ. އޭނަގެ މައިންބަފައިން ގެ ރައްކާތެރިކަން ލިބޭނެއެވެ.
ފިނި މޫސުމް ފެށުނެވެ. ބަލައިލި ކޮންމެ ދިމާލަކުން ފެންނަނީ ހުދުކުލައިގެ ސާލު އޮޅާލެވިފައިވާތަނެވެ. ފުރާޅުތަކުގައި ހުދު އައިސް ޝީޓުތައް އެޅިފައިވާއިރު މަގުތަކުގެ ދެފަރާތުގަޔާއި ބަލައިލާ ކޮންމެ ދިމާލެއްގައި ވަނީ ސްނޯ ފުނިތަކެވެ. ހުރިހާ ތަނެއް ތާޒާވެ ރީތިވެފައިވާހެން ހީވެއެވެ. ހައިތަމްގެ އާއިލާގެ މެމްބަރުން ފިނި މޫސުމްގައިވެސް ތަފާތު ޕްރޮގްރާމްތައް ރާވާ އުފަލުގައި ދުވަސްތައް ހޭދަކުރިއެވެ. އައިސް ސްކޭޓްކުރުން، ސްނޯ މޮބައިލް ދުއްވުން ފަދަ މަޖާކަންތައް ކުރުމުގައި އުޅޭއިރު ސްނޯމޭން ހެދުމާއި ބޯޅަކުޅުންފަދަ ފޯރިވެސް ހިފާލާފައިވެއެވެ. މިޝެލިން އަށް ހީވީ އީދެއް އައިހެންނެވެ. ހެލޮވީން ޑޭ، ނޮވެމްބަރ ފަހެއްގައި އޮތްބޮން ފަޔަރ ނައިޓަށްވުރެ އޭނައަށް މަޖާވީ ގަނޑުފެނުގެތެރޭގައި ހޭދަކުރެވުނު ދުވަސްތަކެވެ. ޚާއްސަކޮށް ފިނި ރޭތައް އިއްބާނުގެ އަތުތެރޭގައި ހޭދަކޮށްލެވުމުން އެލިބޭ ހިތްހަމަޖެހުން މިޝެލިންއަށް ބުނެދޭކަށް ނޭގެއެވެ.
ފިނިމޫސުމްގެ ކޭމްޕް ދަތުރެއްގައި އިއްބާނު އެކުވެރިންތަކަކާއިއެކު ދާން އުޅެގަތުމުން މިޝެލިން އެއްގޮތަކަށްވެސް ގޮތް ދޫނުކުރިއެވެ. އޭނަ ނުލައި އިއްބާނު ދިޔަނުދޭން ފައި ވިއްދާލިއެވެ. އިއްބާނު ވިސްނައިދިނީ ގަބޫލު ނުކޮށްގެން މަޖުބޫރުވީ މިޝެލިން ގޮވައިގެން ދިޔުމަށެވެ. އާއިލީ ޒުވާނުން ކަމަށްވާތީ އިއްބާނުއަށް ކޮންމެވެސް ވަރަކަށް އިތުބާރު ކުރެވުނީއެވެ. މިޝެލިން އާއި އެކު އެހެން އަންހެންކުއްޖަކު ދާގޮތަށްވެސް ހަމަޖެހުނެވެ. އެމީހުން ކުއްޔަށް ހިފީ ފަރުބަދަމަތީގެ ކުޑަ ކެބިންއެއްގައެވެ. ކެބިންގެ ފުޅާ ބިއްލޫރި ދޮރުތަކުން ފެންނަން އޮތީ ކޯރެކެވެ. ކޯރުގެ ކާރިފަށުގައިވާ ހެދިފައިވާ ޕައިން ފަދަ ގަސްތަކުގެ ހިޔަނި ފެންގަނޑަށް އެޅިފައިވާއިރު ނިކަން ހިތްގައިމެވެ. މަންޒަރުތައް ހިތްފަސޭހަކަމުން ބަޔާންކުރަން ނުކުޅަދާނައެވެ.
މިޝެލިން ހައިކިންއަށް ގޮސްފައި އިއްބާނު އާއި ދެމީހުން އުޅެން ޖެހުނީ އެންމެނަށް ވުރެ ފަހަތުގައެވެ. މިޝެލިން އިރުއިރުކޮޅާ ވަރުބަލިވެގެން އިއްބާނު އޭނަ އުރާލައިގެން ދާންޖެހެއެވެ. ގެއަށް އާދެވުމާއިއެކު މިޝެލިން ކުޑަކޮށް ކާލައިގެން ފަޔަރޕްލޭސް ކައިރީގައި ހުރި ސޯފާގައި އޮށޯތުމާއިއެކު ފުން ނިންޖަކަށް ގެނބުނީ ވަރުބަލިވެފައިވާލެއް ބޮޑުކަމުންނެވެ. އިއްބާނު މެން އެންމެން ނުކުމެގެން ދިޔައީ ރަފާއިލް އާއި އަދި އެހެން ދެކުދިން ބައިތިއްބާފައެވެ. މިޝެލިން އާއި އެކީގައި ގޭގައި ހުންނަން އިއްބާނު އެންމެ އިތުބާރުކުރެވޭ އެކަކީ ރަފާއިލްކަމަށް ވާތީ ދަމުންވެސް އޭނަ ރަފާއިލް ގާތު އެދުނީ މިޝެލިން ބަލައިދިނުމަށެވެ.
މިޝެލިން ހޭލެވުނީ އިރުއޮއްސުނު ފަހުންނެވެ. އެތަނުގައި އެކަކުވެސް ފެންނަން ނެތުމުން ހިތަށް ބިރުވެރިކަމެއް ވަނެވެ. އޭރު ކުޑަދޮރުން ފެންނަނީ ބޯކޮށް ސްނޯ ވެހެމުންދާ މަންޒަރެވެ. އަލިފާން ދަރުތައް އަނދަމުންދާއިރު އިވެމުންދާ ހިތްގައިމު އަޑާއި މީރުވަހުން އިރުކޮޅެއްވާންދެން މިޝެލިންއަށް ޖާދޫގައި ޖެހިފައި ބަލަން އިނދެވުނެވެ. ފިނިގަދަކަމުން އަލިފާނަކަށްވެސް އެފިނިކަން ކަނޑުވައި ނުލެވުނެވެ. މިޝެލިން މޭގައި ދެއަތް ޖައްސާ ބާރުކޮށްލައިގެން ހުރެ ގޭތެރޭގައި ބުރެއް އަޅާލާފައި ފެންޑާއަށް ނުކުތްއިރު ރަފާއިލް އިނީ ފެންޑާގައި އާވިއަރައަރާހުރި ކޮފީއެއް ބޯން އިށީދެލައިގެންނެވެ.
"ބެން ދިޔައީތަ؟ އަނެއްކާ ރަފާއިލް އެމީހުންނަށް ކަމެއް ކުރީތަ؟" މިޝެލިން ރަފާއިލް އާއި ވާހަކަ ނުދައްކަން ހުރެފައިވެސް މަޖުބޫރުވީމަ ހިމޭނަކުން ނުހުރެވުނެވެ. މިޝެލިން ހުރީ ޝައްކެއްގެ މަތީގައެވެ. ރަފާއިލް އެންމެން އޮޅުވާލައިގެން މިހާ ފަޅުތަނަކަށް ގެނެއްސަ އެންމެން ކިޑްނެޕް ކުރުވީބާވައެވެ. އެހެންނޫންނަމަ ރަފާއިލް އެކަނި ގޭގައި ހުންނަންވީ ސަބަބެއް ވިސްނުމަކަށް ނައެވެ.
"ހޫމް އެންމެން މަރާލާފައި މިތާއޮތް ވާދީއަށް ބޮޑީތައް ޑަމްޕްކޮށްލައިފިން، މި ކެބިންގައި ފިލްމެއް ކުޅެލަން ރަނގަޅުވާނެ ދޯ...." ރަފާއިލް ކޮށްލި ސަމާސާއެއްގެ ބިރުވެރި ހިޔަނިތައް މިޝެލިންގެ މޫނުމަތިން ފެނުނެވެ. އެމޫނު ހުދުވެ އަނގަމަތީގައި އަތްއެޅިގޮތުން ހީވީ އަނބުރައިގެންފާނެހެންނެވެ. އޭނަ ވަށައިގެން ލޯ ހިންގައިލިގޮތުން ހީވީ ސަލާމަތް ވާނެ ގޮތަކާއި މެދު ވިސްނައިލިހެންނެވެ. ރަފާއިލް ހޭންފެށިއެވެ.
"ސިލީ، ދެން ސަމާސާއަކަށް އެއްޗެއް ބުންޏަސް ކިރިޔާ ފެއިންޓުނުވެ ތިހުންނަނީ، އަހަރެންވެސް އެހާ ނުބަޔެއްނުވާނެ، ތިކަން ކުރަން ބޭނުންނަމަ ކުރާނެތާ ކޮން ދުވަހެއް...." ރަފާއިލް ކުޑަ ހުނުމަކާއިއެކުގައި މިޝެލިންއަށް ބަލައިލީ ހިތްގައިމު ނަޒަރަކުންނެވެ.
"ވީއިރު އެމީހުން ދިޔަތަނެއް އެނގޭނެއްނު..." މިޝެލިން ހަށަން ބަދެލިއެވެ.
"އަހަރެން ބޮޑީގާޑަކަށް ބަހައްޓާފައި ހިގާލަން ދިޔައީ........" އެތަނަށް ވެރިވެފައިވާ އަނދިރި ކަމުގެ ތެރެއިން ރަފާއިލްގެ ހުދު ހުދު ދަތްތައް ވިދާލިހެން ހީވިއެވެ. އެހާ ރީތި ހިނިތުންވުމެކެވެ.
"ބެން ގޮވާލިނަމަ...." މިޝެލިން ކުޑަކުއްޖެއްހެން ބޮޑާ ހާކަމުން ދޮރުފަތުގައި ދެއަތުން ތަޅައިގަތެވެ.
"ޑޯންޓް ވޮރީ، އެންމެން އެކީގައި ދިޔައިމަ މައްސަލައެއްނޫނޭ، މިތާގައި އުޅުނު އަނެއް ދެމީހުންވެސް ހިގައްޖެ ހިނގާލަން، ދެމީހުން އެކަނިވީ، ހިނގާ ކޮންމެވެސް ކަމެއްކޮށްލަން، ހިގާލަން ދާނީތަ؟ ޕިންޕޮންގް ނޫނީ ޕޫލް ކުޅެލުން ކިހިނެއްވާނެތަ؟" ރަފާއިލް ކޮފީތަށި ދަމާލާފައި ތެދުވެގެން އައުމުން މިޝެލިން ނޫނެކޭ ކިޔާފައި ގޮސް އަލިފާންގަނޑުގެ ކުރިމަތީގައި އިނީ ހީފިލުވުމަށެވެ. މިރޭ ވަކިން ފިނިގަދަހެން ހީވިއެވެ. ރަފާއިލް ހައިރާންވީ އަލިފާނުގެ އޮރެންޖު ދަޅަތަކުގެ އަލީގައި މިޝެލިންގެ ދޮން މޫނު ފެންނަލެއް ރީތިކަމުންނެވެ.
"ޝެލް ކޮފީއެއް ގެނެސްދެންތަ؟ ވަރަށް ފިނިވެފައެއްނު ތިއިނީ....." ރަފާއިލް ގެ ހިތަށް އުދަގޫވިއެވެ. މިޝެލިން އިނީ ކުރުގެޅިލައިގެންނެވެ.
"އަމިއްލައަށް ހަދާފާނަން..." މިޝެލިން ބާރަކަށް ގޭތެރެއަށް ވަދެގެން ދިޔައީ ރަފާއިލް އާއި ދެމީހުން މިގޭގައި އެކަނި ތިބެން ވުމުން ރުޅިގަދަވެފައިވާ ވަރުންނެވެ. އެހެން އެންމެން ފޮނުވާލާފައި އިއްބާނު ހުރިނަމަ ހާދަ ރޮމެންޓިކް ރެއަކަށްވީހެވެ. މިޝެލިން އެކަނިގޮސް ނިކަން ކުޅިކޮށް ސޫޕްހަދަން އުޅެގަތެވެ. ފިނިވެގެން ރޫރޫއަޅާވަރުން މިޝެލިންގެ މޫޑު ހައްތަހާ ކެޓިއެވެ. އިރުއިރުކޮޅާ ގަޑިއަށް ބަލައިލެވެއެވެ. އިހުޒަމާނުގެ ބޮޑު ގަޑިއެއް ފާރުގައި އަޅުވާފައި ހުރުމުން "ޓިކް ޓޮކް" ކިޔާފައި ގަޑީގެ ކަށި އެނބުރޭއިރު އެ އަޑުވެސް ފަޒާގެ ހިމޭންކަމުގެ ތެރެއިން ކަންފަތަށް އުނދަގޫ ކުރުވާފަދަ ގޮތަކަށް އިވެއެވެ.
ރަފާއިލްވެސް ސޫޕްތަށްޓެއް ގެނެސް ބޭރުގައި ހުރި މޭޒެއްގެ މަތީގައި ބަހައްޓާފައި ހިންދެމިލުމާއިއެކު މިޝެލިންގެ އަނގަމަތި ފެނިފައި ދެލޯބޮޑު ކޮށްލެވުނެވެ. މިޝެލިން ކުޅި ސޫޕް ބޯން އިންއިރު ތުންފަތް ރަތްވެގެން ގޮސް ހީވަނީ ލޭކޮޅެއްހެންނެވެ. ދެލޮލުން ފެން ފައިބާއިރު ބޮޑެތި މުތީތަކެއް ވިދާހެން ހީވިއެވެ. "ލަޝެސް ލިޕްސް" ރަފާއިލް އެހެން ހިތަށް އެރިއިރު ހަށިގަނޑުގައި ތަފާތު ވިންދެއް ޖަހާލައިފިއެވެ. ހާދަ ރީއްޗެވެ. ހާދަ ފުރިހަމައެވެ. އެންމެފަހަރަކަށް ވެސް ލިބޭނެ ނަމައޭ ހިތަށް އަރާފައި ރަފާއިލް އަމިއްލަ ނަފުސް ކުށްވެރިކުރިއެވެ. ޝައިތޯނާ ކެހިދޭން ކުޅަދާނައެވެ. އޭނަ ހިތަށް އެފަދަ އެއްޗެއް އަރައިގެން ވާނެކަމަށް ގަބޫލުނުކުރާއިރުވެސް ވަސްވާސްދެނީއެވެ.
މިޝެލިން ކުޅިވެގެން އުޅުނުގޮތް ލޯބިކަމުން ރަފާއިލް ހުރީ ކަޅިޖަހާލަން ނޭގިފައެވެ. އެވަރުންވެސް ސޫޕްބުއިން ހުއްޓާލާކަށް ނޫޅުނެވެ. މިޝެލިންއަށް ނޭގުނަސް އެ ވަގުތުތައް ރަފާއިލް ފޯނާއި ކުޅޭކަމަށް ހެދިގެން ހުރެ ވީޑިއޯވެސް ކުރިއެވެ.
"ސޯ ހޮޓް...." ރަފާއިލްއަށް ބުނެވުނެވެ. މިޝެލިން ކުޑަކޮށް ބުމަ ގޮށްޖަހައިލަމުން ރަފާއިލް އާއި ދިމާލަށް ބަލައިލުމުން ރަފާއިލް ހީލާފައި އޭނަ މާނަކުރީ ސޫޕް ވާހަކަ ކަމަށް ބުނެލީ ލާނެތް ހުނުމަކާއިއެކުގައެވެ. ރަފާއިލް ސޫޕްތަށި ބޯންފެށުމުން ކުޅިވިނަމަވެސް އޭނައިނީ އެކަން މޫނުމަތިން ނާންގަންވެގެންނެވެ. ދެމީހުން ހިމޭންކަމާއި އެކުގައި ދެތާ ތިބެގެން ސޫޕް ބޮއި ނިންމާލައިފިއެވެ. މިޝެލިން ތަށިތައް ގެންގޮސް ސިންކަށް ލާފައި ނުކުތީ ބޭރަށެވެ.
"ޝެލް ކޮންމެވެސް އެއްޗެކޭ ބުނެބަލަ، ބެންމެން އަންނާނެ.. ނަތިން ވިލް ހެޕެން ޓު ދެމް..." ރަފާއިލް އަލިފާންގަނޑަށް ދަރުކޮޅެއް އެއްލައިލަމުން ސޯފާގައި ހަށިގަނޑު ދަމާލައިފި އެވެ. ބާރު ވައިރޯޅިއަކާއިއެކު ދޮރު ލެއްޕުމުން މިޝެލިން ދެލޯބޮޑުކޮށްލާފައި އެނބުރި ބަލާލިގޮތުން ރަފާއިލް ހިނި އައެވެ.
"ގަޓު ހުންނަކަމަށް ހެދިގެން ހުއްޓަސް ބިރުންކަން އެނގޭ، އަހަރެން މިހިރީނު، ޑެވިލް އަޔަސް އަހަންނަށް ވުރެ ގަދައެއް ނުވެވޭނެ، ވީމާ ކޮން ކަމަކާތަ ބިރުގަންނަންވީ، އެހެންނޫނަސް ފިނިވެފައި ތިއިނީ، އާދޭ ބައްދާލަން...." މިޝެލިން ކުޑަކޮށް ލޯ އަޅާލަން އުޅެފައި އެހެން ހަދާކަށް ނުކެރުނެވެ. އިއްބާނު އޮތީ ރަފާއިލްއަށް އިހުތިރާމް ކުރަން އަންގާފައެވެ. އެހެންވީމަ މިޝެލިން އިއްބާނުގެ ބޭބެއަށް ވީތީ ކެތްކުރާނެއެވެ. މިއީ އެކަމަކު ވަރެއްގެ ބޭބެއެކެވެ.
"ޝެލް ރުޅިއައީތަ؟" ރަފާއިލް އަހާލި އެވެ.
"ނޫން...." މިޝެލިން ކުދި ދަތްތައް ފެންނަވަރަށް ހީލިއެވެ.
"ފޭކް ސްމައިލްއެއް، އެމީހުން އަންނާނެ އިރެއްވެސް ނޭގޭ، ހަމަ ނުކުޅޭނަންތަ؟" ރަފާއިލް ނިދިއަންނަ ގޮތްވެގެން މޯޅިއަކަށް ދެމިލައިފިއެވެ.
"ކުޅޭހިތެއް ނެތް...." މިޝެލިން އަލިފާންގަނޑާއި ދިމާލަށް އަތްތިލަ ދިއްކޮށްލައިގެން އިނީ ހޫނު ކުރުމަށެވެ. ރަފާއިލް ސިއްރު ނަޒަރަކުން މިޝެލިންގެ މޫނަށް ބެލިއެވެ. އޭނައަށް ލިބެން އޮތީ އެކަނި އެ އުފާކޮޅެވެ. ރީތިކަން ދެކެލައިގެން ހިތްހަމަޖައްސައިލުމެވެ. ރަފާއިލް ފުން ނޭވަޔެއްލިއެވެ.
"އެޓްލީސްޓް ވާހަކަ ދައްކަފާނަންތަ ޝެލް، އަހަރެމެން އެކަކު އަނެކަކަށް ދަސްކުރެވިދާނެ، އޭރުން މި ދުރުކަން ކޮންމެވެސް ވަރަކަށް ނެތިގެން ހިނގައިދާނެ، ކަޒިންސްއިންވީމަ އެކުވެރިކަން ބާއްވަންވާނެ ދޯ، އެހެންނޫނަސް ބޫ އެ ދިޔައީ އަހަރެންނާއި ޝެލް ހަވާލުކޮށްލާފައި، އެހެންވީމަ އަހަރެން އެބަޖެހޭ ޝެލްގެ ހުރިހާ ޒިންމާއެއް ނަގަން، އޭގެ ތެރޭގައި އެންޓަރޓެއިން ކޮށްދިނުންވެސް އޮންނާނެތާ، ތިހެން ފޫހިވެފައި ތުންކޮޅު ހަދާލައިގެން އިނީމަ މަށަށް އުދަގޫވޭ......." ރަފާއިލް ސީލިންއަށް ނަޒަރު ހުއްޓާލައިގެން އޮވެ ވާހަކަ ދައްކާލާފައި މިޝެލިންއަށް ނަޒަރު ހުއްޓާލީ ޖަވާބެއް ނުދިނުމުންނެވެ. މިޝެލިން އިނީ އެސްފިޔަޖަހާނުލައި ރަފާއިލްގެ މޫނަށް ބަލަހައްޓައިގެންނެވެ.
"މާ ގަދަޔަށް ބަލަން ހަދައިގެން ޔޫ ވިލް ފޯލް އިން ލަވް އިނގޭ...." ރަފާއިލް ގެ ތޫނު ދެލޯ މިޝެލިންގެ މޫނަށް ހުއްޓުނެވެ. މިޝެލިން ހައިރާންވިއެވެ. ރަފާއިލްގެ ރަނގަޅު ކަމާއި އެއްވަރަށް ސިޔާސައެވެ. އެހެން އަންހެންކުއްޖެއްނަމަ މިރޭ އެ އަތުގެ ހިމާޔަތް ނުހޯދާނެގޮތަކީ ނެތްގޮތެކެވެ. ހިތްތައް ފިދާވާހާ ރީތި މީހެކެވެ. މިޝެލިންގެ ބަދަލުގައި ޔީވާ ހުރިނަމަ ރަފާއިލް ރޮލާ ކާލާކަށް ފަހެއް ނުޖެހޭނެއެވެ. މިޝެލިން ބާރަކަށް ހޭންފެށިއެވެ. ރަފާއިލް ވީކަމެއް ނޭގިގެން ސުވާލުކުރަން ފެށުމުން މިޝެލިން ބުނީ މިރޭ ޔީވާއާއި ދެމީހުން ކެބިންގައި ތިބިނަމަ ޔީވާ ރަފާއިލް ބޭނުން ނުވިޔަސް ގަދަކަމުންވެސް ކަމެއްކޮށްލާނެ ކަމުގައެވެ.
"ތިހެން ހިތަށް އެރި ގޮތެއް އަހަންނަށް ހަދާލެވޭނީ އެންމެ ކުއްޖަކަށް، އެހެން މީހުންނާއި އަހަރެން ސަމާސާ ކޮށެއް ނޫޅެން، ވީމަ ކިހިނެއް ޔީވާއަށް އެހިތްވަރު ކުރެވޭނީ، ހިޔެއް ނުވޭ...." ރަފާއިލް ގެ ދެލޮލަށް ބަލައިލެވުނީމަ މިޝެލިން އިއްބާނުގެ މަތިން ހަނދާންވިއެވެ.
"އައިމް ނޮޓް އެވެއިލެބްލް ޓެގް އަޅުވާލައިގެން އުޅޭކަށް ނުޖެހެއެއްނު، ތިއީ ގޭއި އެއް ނޫންކަންވެސް އެނގޭ، ދެން ރަނގަޅުވާނީ އަންހެންކުއްޖަކަށް ޗާންސެއް ދިނިއްޔާ....." މިޝެލިންގެ ހިތުގައި ރަފާއިލްއަށްޓަކައި ހަމްދަރުދީ ނޫނީ ކުލުނު އުފެދެން ފެށިއެވެ. އޭނަދެކެ ހަމަ އެވަރަށް ލޯބިވަނީ ހެއްޔެވެ؟ ރަފާއިލްވަނީ އެކަން ސާބިތުކޮށްދީފައެވެ. އެއަށް ހަގީގީ ލޯބި ނުކިޔޭނެ އެއްވެސް ގޮތެއްނެތެވެ. އެއީ ހަމަބުއްދި ސަލާމަތުން ހުރި ފިރިހެނަކު ކުރާނެކަމެއް ނޫނެވެ. ރަފާއިލްގެ ހިތް ބަދަލުވާނެނަމައެވެ.
"އަހަރެން ނެތިން ދުވަހަކު މެރީކުރަން، އަހަރެން އުމުރު ހުސްވާނީ މިގޮތަށް...." ރަފާއިލް އެ ބަރު އެސްފިޔަތައް ތިރިކޮށްލީ ހިތަށް ކޮންފަދަ އަސަރެއްކޮށްގެން ކަމެއްވެސް ނޭގެއެވެ. އޭނަ އެހެން ނިންމިތާ ކޮން ދުވަހެއް ހެއްޔެވެ؟ އޭނަ ލޯބިވި އަންހެންކުއްޖާ ނުލިބުމުން އޭނަވަނީ އެހިސާބުން ކައިވެންޏާއިމެދު ވިސްނުން ހުއްޓާލާފައެވެ. އެހުރިހާ އިހުސާސްތަކެއް އޭނަވަނީ ވަޅުޖަހާލާފައެވެ. އެހެންމީހަކަށް ޓަކައި އެހިތުގައި ވިންދެއް ނުޖަހާނެއެވެ. އޭނަ ގަބޫލުކުރަނީ ލޯތްބަކީ އުމުރުގައި އެންމެ ފަހަރަކު ވެވޭ މަތިވެރި އެއްޗެއްކަމުގައެވެ. އޭނަގެ ނަސީބުގައި އެފަދަ ކަމެއް މިންވަރުކުރައްވާފައި ނުވާނަމަ ކެތްކޮށްލައިގެން ހިމޭނުން ހުރުންގޮތެއް ނެތެވެ. މިޝެލިން ވަނީ އަތްނުފޯރާ ހިސާބުގައެވެ. އެހެން މީހެއްގެ ހައްގެއްގެ ގޮތުގައެވެ. އޭނަ ހިތާހިތުން ދުޢާކުރަނީ އެދެކުދިންނަށް އުފާވެރި ދިރިއުޅުމަކަށެވެ. މިޝެލިން އުފަލުގައި އުޅޭތަން ފެނިއްޖެއްޔާ އޭނަވެސް އުފަލުން ހުންނަން މަސައްކަތްކުރާނެއެވެ.
"އޭރުން މަމް ކިހާދެރަވާނެ، ދަރިކޮޅު އެހިސާބުން ނިމިގެން ދިޔައިމަ ކިހާ ދެރަ... ތިހާ މޮޔަ ޚިޔާލެއް ނުކުރިއްޔާ ރަނގަޅީ، އެނީވޭސް މިރޭ އަހަރެން ބުނެލަން ބޭނުން ވާހަކައެއް، އަހަންނާއި މެރީކުރުމުގެ ޗާންސް ލިބިފައި ދޫކޮށްލީތީ ވަރަށް ބޮޑަށް ތޭންކްސް، މިހާރު އެގިއްޖެ އަސްލުވެސް ކިހާ ޑީސެންޓްވީމަކަން އެފަދަ ޑިސިޝަނެއް ނެގޭނީ، އެހެންމީހަކުނަމަ ލަނޑެއް ދޭނެކަން ޔަގީން، ގޭއި އެކްޓްކޮށްގެން ކިރިޔާ އަހަރެން ވާ ވައްދާނުލީ... ރަފޭލް ކޮއްކޮއަށް ކިޔަނީ ރަންދުތަ؟ ނޫނީ ކިޔާރާތަ؟"
"އެއީ ޑީސެންޓް ވެގެނެއް ނޫން، ރަންދުއަކީ ލޯބިން ކިޔާނަމެއް....." ރަފާއިލް އާއި ދެމީހުން ކޮންމެވެސް ވަރަކަށް ޑްރަގްގެ ވާހަކަ ދެއްކިއެވެ. ރަފާއިލް އޭނަގެ މާޒީއިން ކޮންމެވެސް ވަރަކަށް މިޝެލިންއާއި ހިއްސާކުރިއެވެ. ކޮއްކޮއާއިއެކު އުޅުނު އުފާވެރި ދުވަސްތައް އޭނަ މީހަކަށް ކިޔައިދިނީ ފުރަތަމަ ފަހަރަށެވެ.
"ރަންދު ވަރަށް ލޯބިވާނެ އަހަރެންދެކެ، އަހަރެންގެ ފަހަތުން އަބަދު އުޅޭނީ، އެހާ ފިނޑިވާނެ، އަމިއްލަ ހިޔަނި ފެނިފައި ކުޑައިރު ބިރުން މަގޭ ގައިގައި ހިފައިގެން އުޅޭނީ، އަދި ވަރަށް ގިނަ އެއްޗިއްސަށް އެލާޖިކްވާނެ، އެއްދުވަހު ކުޅަދުރެއް ކަށިން ޖެހީމަ ކިރިޔާ ކޮއްކޮ މަރުނުވީ، އަދި ރަންދު ވަރަށް ބިރުގަންނާނެ އަނދިރި ތަންތަންދެކެ، މަރުވެގެން ކަށްވަޅުގައި އެކަނި އޮންނަން ޖެހިދާނެތީ މަރުގެ ނަން އިވުނަސް ރަންދު ބިރުން ރޯން ފަށާނެ..... އެކަމަކު ރަންދު އާއި ވަރަށް ކަންތައް ދިމާވާނެ އަހަރެން އަބަދު ޖެހެނީ ބޮޑީގާޑަކަށް ހުންނަން، ރަންދު މަރުވި ދުވަހު އަހަރެން ރަށުގައި ނެތިން އެހެންވެ ކަންނޭގޭ......" ރަފާއިލް ފެންކަޅިވިތަން ފެނުމުން މިޝެލިންއަށް އަސަރުކުރިއެވެ.
އޭނަގެ މަންމަ "ޑިޕްރެޝަން" މައްސަލަ ހުރެގެން ބޭސްކާތީ ކިޔާރާ އާއި އަޅާނުލެވޭ ވާހަކަވެސް ކިޔައިދިނެވެ. އޭނަ ހުރިނަމަ އެއަށްވުރެ ޒިންމާދާރުކަމާއި އެކުގައި ކިޔާރާގެ ކަންތައް ގާތުން ބަލަމުން ދިޔައީހެވެ. ރަފާއިލް ހުރިނަމަ އުމުރާއި ނުގުޅޭފަދަ ޕާޓީއަކަށްވެސް އޭނައަށް ވެގެން ކިޔާރާ ނުފޮނުވާނެއެވެ. ރަންދު ދުނިޔެއާއި ވަކިވެގެން ދިޔައީ މަންމަގެ އިހުމާލުންކަމަށް ވުމުން މަންމަ އަދި މާބޮޑަށް ސަކަރާތްވިއެވެ.
މިޝެލިން އާއި ރަފާއިލްގެ ދޭތެރޭގައި އޮތް ބީރައްޓެހިކަމުގެ ފަރުދާ މަޑުމަޑުން ނެގެމުންދިޔައެވެ. ޔަގީނުންވެސް ވާހަކަދެއްކުމުގައި ކުރިން ހުރި ބީރައްޓެހި ކަމެއްނެތެވެ. މިޝެލިންގެ ހިތްވަނީ މުޅިންހެން ސާފުވެފައެވެ. މިފަދަ އެކަނިވެރި ވަގުތެއްލިބުނީމަ ރަފާއިލް އެކަމުގެ ނާޖާއިޒު ފައިދާއެއް ނަގަން ޚިޔާލެއްނުކުރެއެވެ. އެހެންނޫންނަމަ ރަފާއިލް ކޮންމެކަމެއް ކުރިޔަސް މިޝެލިންއަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެއެވެ. އިއްބާނު އެހާ އިތުބާރުކުރަނީ ކަމަކާ ނުލައެއްނޫނެވެ.
މިޝެލިންމެން ވާހަކަދައްކަން ތިބޭތާ ގަޑިއެއްހާއިރުވީއިރުވެސް އިއްބާނުމެންގެ ޚަބަރެއް ނުވުމުން މިޝެލިންގެ ސިކުނޑީގެ ކަނަކުން ނުރައްކަލުގެ އިންޒާރުދޭންފެށިއެވެ. އިއްބާނުގެ ސަލާމަތާއިމެދު ކަންބޮޑުވެ ދޮރުހުޅުވާލައިގެން ބޭރަށް ނުކުތެވެ. ގަނޑުފެނުގެ އަސަރު އެކުލެވޭ ފިނި ވައިރޯޅިތައް އެތެރެއަށް ވަންނަން ފެށުމުން މިޝެލިން ހީކަރުވައިގަނެ ދަތްދޮޅިއަށް ދާންދެން ތުރުތުރުއަޅާން ފެށުމުން ދޮރުލައްޕައިލަން މަޖުބޫރުވިއެވެ. މިޝެލިން ކުޑަދޮރުން ބޭރަށް ބަލަންހުރީ ކެތްމަދުވެފައި ކަހަލަ ގޮތަކަށެވެ.
އިއްބާނުމެން މާ ލަސްވާން ހެދުމުން މިޝެލިން ކަންތައް ބޮޑުވެގެން ތަކުރާރުކޮށް ރަފާއިލްއާއި ސުވާލު ކުރަންފެށިއެވެ. ރަފާއިލް ކިތަންމެ ވަރަށް ވިސްނައިދިނަސް މިޝެލިން ގަބޫލެއް ނުކުރި އެވެ. މިޝެލިން ރޯން ފެށިގޮތަކުން ހިލަހިތެއްގެ ވެރިޔަކަށްވެސް އަސަރުކުރާނެއެވެ. މިޝެލިން މިހާ ހިތްބަލިވެދާނެ ކަމަކަށް ރަފާއިލް ހިޔެއްނުކުރެއެވެ. އެހެނެއްނޫނެވެ. އިއްބާނުދެކެ ލޯބިވާ މިންވަރު މިކަމުންވެސް ސާބިތުވީއެވެ. މިޝެލިން ކަކުލުގައި މޫނު ފޮރުވައިގެން އިންދާ ކެބިންގެ ބޭރުން ހުނުމުގެ އަޑު އިވުމުން މިޝެލިން އެނބުރި ބަލާލައިރު އެންމެން އެނބުރި އައީއެވެ. އިއްބާނު މިޝެލިންގެ ކޮނޑުގައި މަޑުމަޑުން އަތް ޖައްސައިލާއިރަށް ފޮޅުވާލާފައި ނުކުމެގެން ހިނގައިގަތީ ލޮލުން އޮހެމުން ދިޔަ ކަރުނަތައް ފޮރުވަންވެގެންނެވެ. ރަފާއިލް އިއްބާނު ގާތުގައި ބުނީ އިއްބާނުގެ ޚަބަރެއް ނުވެ ލަސްވާތީ މިޝެލިން ވަރަށް ދެރަވެގެން ރޮއިފިކަމަށާއި، ވަރަށް ހިތުގައި ޖެހިފައި އިންކަމަށެވެ.
"ބޭބީ، މިހިސާބު ފުދޭވަރަކަށް ނުރައްކާތެރިވާނެ، ފުން ހިސާބަކަށް ވެއްޓިދާނެ ބަލައިނުލާ އުޅެނިކޮށް، މަޑުކުރޭ..." އިއްބާނު ގޮވައިލުމުންވެސް އަޑުއެހުމެއްނެތި މިޝެލިން ކުރިއަށް ދިޔައެވެ. ގެއާއި ފުދޭވަރަކަށް ދުރަށް ދެވުނުފަހުން މިޝެލިންގެ ފިޔަވަޅުތައް މަޑުވަމުން ގޮސް މުޅިން ހުއްޓުނީ ވަރުބަލިވެގެން ހިނގާނެ ވަރެއްނެތިގެންނެވެ. އިއްބާނު މިޝެލިން އާއި ހަމަޔަށް ފޯރިއިރު ރޫރޫއަޅަން ފެށިއެވެ. ގްލަވްސް އާއި ތޮފިވެސް ނާޅާ އައުމުން މާބޮޑަށް ހީކަރުވައިގަތީއެވެ.
"ބޭބީ، ޕްލީޒް......" އިއްބާނު މިޝެލިން އަތުތެރެއަށް ގެންނަން އުޅުމުންވެސް އުޅުނީ ފޮޅުވައިލާށެވެ.
"އައިމް ސޮރީ.... ބޭބީ ނިދާފައި އޮތީމަ ދިޔައީ، އެހެންނޫނަސް ކިހާ ފިނި، އަހަންނަށް އެނގޭ ޝެލް ދުވާލު އެހާ ސަކަރާތްޖެހީމަ ވަރުބަލިވެފައި ކަން ހުންނާނީ، މަގޭ ގާލް ރުޅިއަންނާނެ ކަން އެނގޭނަމަ ނުއެއް ދާނަން.........." އިއްބާނު މިޝެލިން ގަދަހަދަނިކޮށް ކޮނޑަށް ލުމުން ހިމޭންވިއެވެ. އިއްބާނު ގެއަށް ވަންގޮތަށް ދިޔައީ އޭނައަށް ޚާއްސަވެފައިވާ ކޮޓަރިއަށެވެ. އެހެންމީހުންނަށް އެހެންތަންތާ ނިދައިލެވިދާނެއެވެ. ދެމަފިރިންވީމަ އެހެންކުދިން ހެޔޮހިތުން އެކުދިންނަށް އެ ކެބިންގެ ނިދާ ކޮޓަރި ޚާއްސަކޮށްދިނީއެވެ. އިއްބާނު މިޝެލިން ބިންމަތީގައި ބަހައްޓާފައި މިޝެލިންގެ ތެމިފައިވާ އެސްފިޔަތަކުގައި ބޮސްދޭންފެށިއެވެ.
"ބެން އަކަށް ނޭގޭނެ އައި ވޯޒް ޓެރިފައިޑް، ބެންއަށް ކަމެއްވިނަމަ... ދުވަހަކުވެސް ދެން އަހަރެން ދޫކޮށްލާފައި އެގޮތަށް ނުދާތި.... އައި ލަވް ޔޫ ސޯ މަޗް...." މިޝެލިން އިއްބާނުގެ ރީތި ދެލޮލަށް ބަލައިލި އިރު އެލޮލުގައިވަނީ އިންތިހާ ދަރަޖައިގެ ލޯތްބެވެ. މިޝެލިން އިއްބާނުގެ އިސްތަށިގަނޑުގައި އަތް ހިންގާލިއެވެ. އިއްބާނު މިޝެލިން މޭގައި ޖައްސާ ބާރުކޮށްލީ މިޝެލިންގެ ހިތް ބަންޑުންވާފަދަ ސިއްރުތައް ބުނަމުންނެވެ. އެއިން ކޮންމެ ލަފުޒެއް މިޝެލިންގެ ހިތް ލޯބިން ފުރުވާލަދިނެވެ. އިއްބާނު މިޝެލިން އަތްދަނޑިމައްޗަށް އުފުލާލައިގެންގޮސް އެނދުގައި ބޭއްވިއިރު ބިއްލޫރި ދޮރުން ފެންނަމުން ދިޔައީ ފަޒާގައި އެނބުރެމުންދިޔަ އެތައް މިލިޔަން ގަނޑުފެންކޮޅުތަކެވެ.
"ބޫގަމްސް، ހާދަ ރޮމެންޓިކްއޭ...." މިޝެލިން ހުނުމަކާއިއެކު އިއްބާނުގެ ތަނަވަސް މޭމަތީގައި މަޑުމަޑުން ޖަހާލިއެވެ. ކޮޓަރީގައި ދިއްލާފައިވާ އުއްބައްތިތަކުގެ ސަބަބުންނާއި ވެހެމުންދާ ގަނޑުފެނުގެ ސަބަބުން ދެހިތް އޮޔާލާދާން އިރުކޮޅެއްވެސް ނުނަގައެވެ. މިޝެލިންއަށް ލިބެމުންދިޔަ ހިތްހަމަޖެހުމަކުން ލޯ މަރައިލެވުނެވެ. ހިއްސުތައް ވަކިން ތޫނުވެ އަރާމުގެ އިންތިހާއަށް ދިޔައެވެ. އިއްބާނުގެ ހަށިގަނޑުގެ ހޫނުކަމާއި މާހައުލުގެ ފިނިކަން އެއްވުމުން ކަންނޭގެއެވެ. މުޅިން ތަފާތު އިހުސާސްތަކެއް ކުރުވި ރެއެކެވެ. މި ކެބިން އާއި ގަނޑުފެން އޭނަގެ ހަނދާންތަކުގެ ތެރެއަށް އިތުރު ބޮޅެއް އިތުރުކުރުވައިފިއެވެ.
އެންމެން އަރާމު ތަންމަތިތަކުގައި ކުއިލްޓް ދަށުގައި ފޮރުވިގެން އެ ފިނިރޭ ވޭތުކުރަމުން ދިޔައިރު ރަފާއިލް އެކަނިމާ އެކަނި ހިނގާލާފައި ގޮސް ހުއްޓިލައިގެން ހުރީ ވާދީއެއްގެ ކާރިފަށުގައި ހުރި ގަހެއްގައި ހިފަހައްޓާލައިގެންނެވެ. ވާގޮތަކުން ކައްސާލައިގެން ވެއްޓުނަސް ކަށިކޮޅުތައް ފުނޑުފުނޑުވެގެން ހިނގައިދާނެއެވެ. ހަނދުވަރުގެ އަލީގައި އެހިސާބު ފެންނަނީ ހުވަފެނީކޮށެވެ. ހުދު ފޭރާން އޮޅާލައިގެން ފަރުބަދައިގެ އުނގުތެރޭގައި ނިދާލާފައިވާ ވާދީގެ ގަސްތައް ހީވަނީ ގަނޑުފެނުގެ ސްކަޕްޗަރތައްހެންނެވެ. ރަފާއިލް ބޭނުންވީ މި ވާދީއާއި ހަށިގަނޑު ހަވާލުކުރުމަށެވެ. މި ދުނިޔޭގައި ހުރުމުގެ އެއްވެސް އުފަލެއް ނެތީއެވެ. މިތަނުން އޭނައަށް ލިބޭނެ އިތުރު އެއްވެސް އެއްޗެއްނެތެވެ. އެވަގުތު ރަފާއިލް ހަނދާންވީ ހެއްދެވި ފަރާތެވެ. އެންމެ ފަހު ވަގުތުވެސް މާތް ﷲގެ ރަހުމަތާއިމެދު މާޔޫސްވެގެން ނުވާނެއެވެ. އޭނައަށް މި ދުނިޔެއިން ލޯބި ނުލިބުނަސް ގިޔާމަތް ދުވަހުން ހެޔޮގޮތެއް މެދުވެރިކުރައްވާނީ އޭނަގެ އީމާންތެރިކަން ގަދަކުރިވަރަކުންނެވެ. ރަފާއިލް ހެއްދެވިފަރާތަށް ދުޢާކުރީ އޭނަގެ ހިތުން މިޝެލިންގެ ހަނދާންތައް ފިއްލެވުމަށް އެދިއެވެ.
ޔީވާ އުޅެއުޅެ މި އާއިލާއިން ޒުވާނެއްގެ ހިތް ކާމިޔާބުކުރެވޭނެ ގޮތެއް ނުވިއެވެ. ރަފާއިލްގެ ހިތް އޭނަގެ މައްޗަށް ނުލެންބުނެވެ. އެވަރަށް މަސައްކަތް ކުރުމުން ފުރުސަތެއްވެސް ހަމަ ނުލިބުނީ އޭނަގެ ބަދުނަސީބުކަމުން ކަމެއް ނޫނީ ރަފާއިލްގެ މޮޅުކަމުންކަމެއް ނުވިސްނުނެވެ. ޔީވާގެ ކެތްތެރިކަން ކޮޅުންލައިގެން ދާންފެށިއެވެ. އެހެން ހުއްޓާ އޭނައަށް އެނގުނީ ރަފާއިލްއަކީ އެލީސާގެ ބޮޑުދައިތަ ދަރިއެއްކަމެވެ. އެއީ ޔީވާއަށް ލިބުނު ޝޮކަކަށްވިއެވެ. އެއާއިލާ އާއި ގުޅުމެއް އޮތިއްޔާ އަދި "ޝާހީ" ކަމުން އެމީހުންގެ ހިތާއި ހަމަޔަށް ވާސިލުވުން އުދަގޫވާނެކަމަށް އޭނަ ޔަގީންކުރިއެވެ.
މިހުރާން ކާރު ޕާކްކޮށްލާފައި ތަންކޮޅެއް ބާރަށް ހިނގާލާފައިގޮސް ފެންޑާ އާއި އަރާހަމަވިއިރު އިސްތަށިގަނޑުގައި ކުދި ސްނޯކޮޅުތައް ހަރުލާފައިވެއެވެ. އޭނަ ހަމަޖެހިލައިގެން ހުރެ ދޮރު މައްޗަށް އެރުމުގެ ކުރިން އެ ރީތި އިސްތަށިގަނޑު އަތުން ފޮޅާލިއެވެ. އެއާއިއެކު ފެނުނު މަންޒަރަކުން ސިހިފައި ފިޔަވަޅުތައް ގަނޑުވިއެވެ.