މީރާ ދޮރުހުޅުވައިލި އިރު އޭނަގެ މާމަ ހުރުމުން ހައިރާން ކަމެއް ލިބުނެވެ. މާމައަށް އޭނަ މިތާގައި ހުރިކަން އެނގުނީ ކިހިނެއްބާވައެވެ. މިހުރާން ނައީ ކީއްވެ ހެއްޔެވެ؟ އެތައް ސުވާލު ތަކުން ސިކުނޑި ފުރުނެވެ.
މިހުރާން ލެޕް ހުޅުވާލައިގެން ކޮންމެވެސް މަސައްކަތެއްގައި އިނދެލާފައި ބޭރަށް ނުކުތުމުން މިލީނާ ލެޕަށް ބަލައިލިއިރު ހުރީ ނިވާނުލައެވެ. މިލީނާ އެފްބީ ޗެކްކޮށްލަން އެސައިޓު ހުޅުވާލި ތަނާ މިހުރާންގެ އެފްބީ ހުޅުވުމުން ވަރަށް މަޖާވިއެވެ. ޕާސްވޯޑުވެސް ނުބުނެ ސިއްރުކޮށްގެން އުޅެނިކޮށް ސިއްރުތައް ބޭޒާރުވާން ވެގެން ދިމާވި ގޮތެކެވެ. މިލީނާގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ މީރާގެ ނަމެވެ. އޭނަ ވަގުތުން އިންބޮކްސް ހުޅުވައިލުމާއި އެކު މިއަދު މިހުރާން އާއި މީރާ އާއި ދޭތެރޭގައި ދެކެވުނު ވާހަކަކޮޅު ފެނުނެވެ. މީރާ ބޭނުން ވަނީ ދަރިފުޅަށް ޓަކައި ކައިވެނި ކުރުމަށެވެ. މިހުރާން ޖަވާބުދީފައި ވަނީ އޭނަ އެކަމާއި މެދު ވިސްނާނެ ކަމުގައެވެ. މީރާއަށް ދެރަގޮތެއް ނަހަދާނެ ކަމުގައެވެ.
މިލީނާގެ ހިތަށް އިންތިހާއަށް ތަދުވިއެވެ. އޭނަ އަވަހަށް އެފްބީ ސައިން އައުޓްކޮށްލާފައި ލެޕް ހުރިގޮތަށް ބެހެއްޓީ މިހުރާންއަށް ޝައްކު ނުވާނެ ގޮތަށް ހަދަންވެގެންނެވެ. މިލީނާ ދެން އުޅެގަތީ މިންކު އާއިގެންނެވެ. ގިނައިރެއްނުވެ އޭނަގެ މަންމަ އައުމުން މިލީނާއަށް އެހެން ކަމަކާއި ދޭތެރޭގައި ވިސްނާނެ ވަގުތެއް ނުވީއެވެ. މިޝެލިން ނޫނީ ޒިލާ އައިސް މިންކު އާއި ތޮޅެލާނެއެވެ. ނޫނީ ޒެފަން މިންކު މޮޑެލަން ވަދެ އުޅެގަންނަ ގޮތުން މިލީނާ ނޭވާ ހިފަހައްޓައިލަން ޖެހޭ ވަގުތު އާދެއެވެ. އެހެން އުޅެމުން ގޮސް ވަގުތުތައް ފާއިތުވެ ދިޔަގޮތެއް ނޭގެއެވެ. މިލީނާގެ ލޮލަށް ކަރުނަ ޖަމާވާން ފެށީ އެކަނިވެ މީރާގެ މަތިން ވިސްނެން ފެށުމުންނެވެ.
"މިހާވަރުން ކިހިނެއް ކެތްކުރާނީ؟ ރެން މީރާ އެހެން ތަނެއްގައި ބަހައްޓައިގެން ސިއްރުން ގުޅުން ކުރިއަށް ގެންދަނީ، އެ ލަވްއަކީ ކާކުކަމެއްވެސް ނޭގޭ..... އެ ވެދާނެ އެހެން ގާލް އަކަށް.. ނޭގޭ ރެން ގުޅުން ބާއްވަނީ ކިތައް ކުދިންނާއި ކަމެއްވެސް......" މިލީނާ މިންކްގެ ތުއްތު މޫނުކޮޅަށް ބަލަން އިންދާ ނިކަން ލޯބިކޮށް ހީލީ ކޯތާފަތަށް އަޑިކޮޅު އަޅުވައިލަމުންނެވެ. އެވަގުތު މިލީނާގެ ލޮލުން އޮހިގަތް ކަރުނަތައް މިންކުގެ ކޯތާފަތް މައްޗަށް ތިކި ޖަހަންފެށިއެވެ. ދޮރު ތަޅުގައި މީހަކު ހިފައިލިހެން ހީވުމާއި އެކު މިލީނާ މިންކު އެނދުގައި ބާއްވާފައި ފާޚާނާ އާއި ދިމާލަށް ހިނގައިގަތީ އެއީ މިހުރާންކަން ޔަގީންވީމައެވެ. އޭނަ ރުއިކަން މިހުރާންއަށް އަންގަން ބޭނުން ނުވީއެވެ. އެކަރުނަތަކުގެ މާނައެއް މިހުރާންގެ ގާތުގައި ނުހުންނާނެއެވެ.
މިހުރާން އެތަނަށް ވަންގޮތަށް ކުޑަކޮށް ދެބުމަ ކައިރިކޮށްލަމުން ބަލައިލީ ދުވެފައި ކަހަލަ ގޮތަކަށް ފާޚާނާގެ ތެރެއަށް ވަން މިލީނާ އަށެވެ. މިހުރާން އެނދުމަތީގައި އޮތް ތުއްތު ދަރިފުޅު ނަގާފައި މޫނުގައި ޖައްސާލާފައި ގެންގުޅުނީ ނިކަން ލޯބިންނެވެ. ރީތި ލަވައެއް ކިޔާލަދިނެވެ. ތުއްތު ބަހުރުވައިން ވާހަކަ ދެއްކި އެވެ. ފަސްވަރަކަށް މިނިޓުންވެސް މިލީނާގެ ޚަބަރެއް ނުވުމުން މިހުރާން ގޮސް ދޮރުގެ ތަޅުގައި ހިފާލައިފި އެވެ. މިހުރާން އަންގާފައި ވަނީ މިލީނާ ދޮރު ތަޅުލައިގެން ފާޚާނާއަށް ނުވަނުމަށެވެ. ވިހައިގެން އުޅޭ ދުވަސްކޮޅުގައި ކަމެއް ދިމާވިޔަސް އެހީވެވޭނީ އޭރުންނެވެ. ދޮރު ތަޅުލާފައި ހުރުމުން މިހުރާން އަތްތިލައިން ދޮރުގައި މަޑުމަޑުން ޖަހާލިއެވެ.
"މިލީ......" މިހުރާން ދެތިން ފަހަރު ގޮވައިލުމުންވެސް ޚަބަރެއް ނުވުމުން މިހުރާންގެ ހިތް ތެޅިލިއެވެ. އޭރު ދަރިފުޅު ކުޑަކޮށް ރޮވޭގޮތްވެ ތުންކޮޅު ފިތަން ފެށިއެވެ. ބަނޑުހައިވީ ކަންނޭގެ އެވެ. އެހެންނޫންނަމަ ދަރިފުޅު އޭނަގެ ގާތުގައި އޮވެފައި ނުރޯނެކަން މިހުރާންއަށް ޔަގީނެވެ. މިހުރާން މިލީނާގެ ގާތުގައި ދޮރު ހުޅުވަން އެތައް ފަހަރަކު އެދުނެވެ. އެންމެ ކުޑަވެގެން ޖަވާބެއް ދޭން އެދުނީމަވެސް މިލީނާގެ ހިލަމެއްނުވިއެވެ. މިލީނާ ދޮރު ހުޅުވާލާފައި ނުކުތީ އެ މޫނާއި ގުޅޭކުލައެއްގެ ފިޔާތޮށި ތުވާލިކޮޅަކުން މޫނު ފޮހެމުންނެވެ.
"ފެންވަރާލީއޭ..." މިލީނާ އަނެއް ފަރާތަށް އެނބުރިލަމުން ލޮލުގައި ތުވާލި ޖެއްސިއެވެ.
"ދަރިފުޅަށް ފީޑްކޮށްފާނަންތަ؟" މިހުރާންގެ ރާގުން އޭނަ ހުރީ ހިތްހަމަނުޖެހިފައި ކަން އެނގުމުން އަނެއްކާ އަނިޔާވީ މިލީނާގެ ހިތަށެވެ. އެވަރަށް މޫނު ދޮވެލައިގެން އައީމަ އަނެއްކާ އެސްފިޔަތަކަށް ކުޅަދާނަ ނުވާން އުޅުނެވެ. މިލީނާ ގޮސް އެނދު ކައިރީގައި ހުއްޓި މިހުރާން ގާތު ދަރިފުޅު ގެންނާށޭ ބުނިއިރު އަޑު ބަދަލުވެއްޖެއެވެ. ކޮންމެވެސް ކޫސަނި ކަމަކާއި މިލީނާ ރޮނީކަން މިހުރާން ދެނެގަތެވެ. ޔަގީނެވެ. މިލީނާގެ މަންމަ ކޮންމެވެސް ލެކްޗަރެއް ދީފައި ދާނީ އެވެ. މިހުރާން މިލީނާގެ ލޮލުން އޮހެމުންދިޔަ ކަރުނަތައް ފެންނަކަމަށް ނަހަދާ މިލީނާގެ އުނގުގައި މިންކު ބާއްވަދީފައި ނުކުތީ ބެލްކަންޏަށެވެ. ހިތްހަމަނުޖެހިފައި ވާވަރުން ގަމީހުން ދެތިން ގޮށް ނައްޓައިލުމުން ކޮންމެވެސް ވަރަކަށް ނޭވާލާން ފަސޭހަވިހެންހީވިއެވެ. ވަކިވަރަކަށް އަތުކުރި އޮޅާލާފައިވާ އިރު އެ ފިރިހެންވަންތަ އަތްވަނީ ހާމަޔަށެވެ.
މިހުރާން ދުރަށް ބަލަން ހުރިއިރު ލަންޑަނުގެ އިމާރާތްތައް ދިއްލި އެކި ކުލައިގެ އަލިތައް ފެންނަން ފެށިއެވެ. ލަންޑަން ޕްލޭން، މޭޕްލް، އޯކް އަދި އެލްމް ފަދަ ގަސްތައް ދުރުން ފެންނަ އިރުވެސް ހައިބަތުހުރެފައި ވަރުގަދައެވެ. މިހުރާން ވިސްނުމެއްގެ ތެރެއަށް ގެއްލިފައި ހުރެފައި ކޮޓަރިއަށްވަނީ ވިއްސަކަށް މިނިޓްފަހުންނެވެ. އޭރު މިލީނާ ދަރިފުޅު ތަންމަތީގައި ބާއްވަނީއެވެ. މިހުރާން އަރާހަމަވުމުން މިލީނާ އަނެއް ފަރާތަށް އެނބުރުމުން މިހުރާން ދެއަތުގެ މުލައްދަނޑީގައި ހިފާ މަގަތަށް އަނބުރާލައިފިއެވެ.
"ނުބުނެ ރުޔަކަސް ހައްލެއް ނުވާނެ، ވަޓް ހެޕެންޑް....." މިހުރާން ގެ އެ ޖުމްލައިން އަދި ވަކިން ބޮޑަށް މިލީނާއަށް ރޮވުނީއެވެ. ހިތަށް ކެތްނުވެގެން އޭނަ ހިތްވަރުކޮށްގެން ހުންނަތާ ކޮން އިރެއްހެއްޔެވެ؟ އެންމެ ފަހުން އެކަރުނަތަކަށް ބާރު ނުފޯރުވުނީއެވެ. މިހުރާން މިލީނާ ގެނެސް މޭގައި ޖައްސާލި ގޮތަށް ގަމީހުގައި މޫނު ފޮރުވައިގެން ހުރެ ވަރަކަށް ރޮއިފިއެވެ. މިލީނާގެ ކަރުނުން ގަމީސް ތެމިފޯވިއެވެ. އެންމެ ފަހުން މިލީނާ ފާޚާނާއަށް ވަދެ މޫނު ދޮންނަން ފެށިއެވެ. މޫނަށް އަތް ގޮށްޓެއްގެ ފެންވިއްސައިލަމުން އިސްތަށިކޮޅު އައްސާލައިފިއެވެ. ބާތުރޫމްގައިވާ އޮރެންޖް އަލީގައި އެ ދޮންމޫނަށް ވެރިވެފައިވާ ރީތި ކުލައާއިއެކު ބޮޑު ދެލޮލުގައި ކަރުނަ ވިދާތަން މޫނުބަލާ ލޯގަނޑުން މިހުރާންއަށް ބަލަން ހުރެވުނެވެ.
"ސީރިޔަސްލީ މިލީ، ސްޓޮޕް އިޓް ނައު. ހިނގާބަލަ ކާން.." މިހުރާން ދޮރަށް ލެނގިލައިގެން ހުރެ ފުންނޭވަޔެއްލިއެވެ.
"ބަލިވެފައި، ޖައްސާލަން ބޭނުމީ..." މިލީނާ އަނެއްކާ ލޯ ދޮވެލައިފި އެވެ.
"ދެން ތި ދެލޮލަށް އަނިޔާ ނުދީބަލަ... އަހަރެންވެސް މިހިރީ ރިލެކްސް ކޮށްލަން ބޭނުންވެފައި، މިލީ އާއި ހެދި މަ ބޯ ގޮވާފައި މިހިރީ. އާދޭ އޮށޯވެލަން......" މިހުރާން މިލީނާ ގެ އަތުގައި ހިފުމުން ނުދާން ކުޑަކޮށް ގަދަހެދީތީ އަތްދަނޑިމައްޗަށް ނަގައިގެން ގެނައިގޮތަށް މިހުރާން އެ ބޮޑު އެނދުގައި ބާއްވައިފި އެވެ. މިހުރާން އަހަ އަހާވީގޮތެއް ބުނާކަށް މިލީނާ ނޫޅުނެވެ. ރޭގަނޑު ކާން މިލީނާ ބޭރަކަށް ނުނިކުތެވެ. މިހުރާން އޭނަގެ މަންމަ ކައިރީގައި މިލީނާ ބޮލުގައި ރިއްސައިގެން ނުތެދުވެ އޮތް ވާހަކަ ބުނުމުން ކާންހަދައިގެން ތަބަކެއް ގެނައެވެ. މިލީނާ ވަރަށް ލަދުގަތެވެ. އެލީސާ އެވަރުން ކާން ގެނައުމުން ގަދަކަމުން ކާލައިގެން އަނެއްކާ އޮށޯވެލައިފި އެވެ. އޭރު މިލީނާގެ ލޮލުން ކަރުނަ ހުސްވީ ކަންނޭގެ އެވެ. މިހުރާން އެކި ވާހަކަދައްކަމުން ގޮސް ހަމަޔަކަށް އެޅިއްޖެއެވެ. މިފަހަރު މިހުރާން އެހުމުން މިލީނާ ބާލީސް މޭގައި ޖައްސާ ބާރުކޮށްލައިގެން އޮވެ ބުނެލީ މީރާގެ މައްސަލައިގައި އުދަގޫވަނީ ކަމަށެވެ. މިހުރާން މީރާ އާއި ގުޅުން ބާއްވަންޏާ އޭނަ މިހުރާން އާއި އެކު އުޅޭނީ ކިހިނެއްހޭ ކިޔައި ސުވާލު ކުރިއެވެ.
"ލިސެން މިލީ، އަހަރެމެންގެ ގެ ދަރިފުޅަކީ މައި އެވްރީ ތިންގް.. ވީމަ އަހަރެން ނޫޅެން އަންހެންކުދިންގެ ފަހަތުން ދުވާކަށް، އައިމް އެ މެރީޑް މޭން ނައު، މަގޭ ރިސްޕޮންސެބިލިޓީސް ތަކެއް ވޭ، އެހެންނޫނަސް މީހުންނާއި އިނުމުގެ ކުރިން ތިބުނާހެން އަންހެންކުދިންގެ ފަހަތުން ނުނެއްޓިގެން އުޅޭނީ، އަހަރެން އޭރު އުޅުނީ އެހެން، މިހާރަކު ބޭނުމެއް ނޫން... އަހަރެން ބޭނުންވާނަމަ އެވެއިލަބްލް ނުވާނީ ކާކުތަ؟ އެހާ ގެރެންޓީ އެބައޮތް، އެވެސް މިލީ ނޫނިއްޔާ، ތިހާ އުދަގުލުން ރައްޓެހިވީ ކުއްޖެއް އަދި މަގޭ ލައިފަކަށް ނާދޭ، ޓްރަސްޓް މީ، ދެނެއް ކުރީގެ މިހުރާން ނުފެންނާނެ، އަހަރެން ނެތިން މީރާ އާއި ގުޅުމެއް ބާއްވަން، އަދި އެހެން ކުއްޖަކާވެސް........" މިހުރާން ވާހަކަ ދެއްކީ މަޑުންނެވެ. ވިސްނައިދޭ ރާގަކަށެވެ.
މިލީނާއަށް އެ ރީތި މޫނަށް ބަލައިލެވުނެވެ. ތަރުތީބެއްނެތި ހޭވިފައިވާ އެ ބޯ އިސްތަށިގަނޑާއި، ރީތި ތުންފަތް އަދި ފުންދެލޮލުގެ ސަބަބުން މިހުރާންގެ މޫނު ފެންނަނީ ނުލާހިކު ފިރިހެންވަންތަ ގޮތަކަށެވެ. ނުރައްކާތެރި ވިދުވަރެއް އެލޮލުގައިވި އެވެ. ކުޑަކޮށް ބުމަގޮށްޖަހާލާފައި ވާއިރު ބުމަ މައްޗަށް ކުޑަކޮށް އަރާފައި ވާތީ ޚާއްސަ ގޮތެއް ހުއްޓެވެ.
"ކޮބާ ހެއްކަކީ؟ ކިހިނެއް އަހަރެން ގަބޫލު ކުރާނީ......" މިލީނާ ބާރަކަށް ތުންފަތުގައި ދަތްއަޅާލިއެވެ.
މިހުރާން ގެ ރުޅި އަންނަނީ ކުއްލި ކުއްލި އަކަށެވެ. މިލީނާގެ އެ ޖުމްލަތަކުން އޭނަ އަލިފާންވިއެވެ. އޭނަ އާއި ކައިރީގައި އޮތް ބާލީސް އަތުން ޖެހީނުން ހޫރާލި ގޮތަށް ބާލީސް މައިތިރިވީ ރީތިވާ މޭޒުގައި ޖެހިފައެވެ. އެދިޔަ ބާރުމިނުގައި އެތާގައި ހުރި ސެންޓްފުޅިތައް އެކަތި އަނެއްކާއި ޖެހި ތެޅިގަތް ތޫނު އަޑު އިރުކޮޅެއްވާންދެން ގުގުމާލާފައި ހުއްޓެވެ. ކުޑަކުޑަ ބިންހެލުމެއް އައީކަހަލައެވެ. މިލީނާއަށް ބަލައިލެވުނީ މިންކުއަށް ހޭލެވުނުތޯއެވެ.
"ރުޅި އަންނަ އިރު ނޭގެނީތަ މިންކުއަށް ކޮށްފާނެ އަސަރެއް... ހަމަ ތެދެއް، އަހަރެން މިގެއިން ދާނީ...." މިލީނާ ދެލޯބޮޑުކޮށްލިއެވެ. ރުޅިގަދަވެފައި ބަލައިލާއިރު ކަޅިއަޅަނީހެން ހިޔެއްނުވެއެވެ. އެދެލޯ އެހާ ރީތިވެފައި، ސާފެވެ.
"މި މަންމީ އާއި ހެދި ވާ ކަންތަކޭ ދޯ ދަރިފުޅާ...." މިހުރާން ކުއްލި އަކަށް ހޭންފެށިއެވެ. ބައެއްފަހަރު އެހާ ރުޅިގަދަވާ ވަގުތު އޭނަ އަތުން އެކުރެވޭ މޮޔަކަންތަކާއި މެދު ހައިރާންވެސްވެއެވެ. އެބުނާހެން ދަރިފުޅު ބިރުގަތްނަމައެވެ. ރޯންފެށިނަމައެވެ.
"މިލީ އަހަރެން ދެން ނެތިން އެއްގޮތަކަށްވެސް މިލީ މިގެއިން ފޮނުވާކަށް، މިންކު ނެތްނަމަ ތިގޮތަށް މިލީ ބޭނުން އިރަކުން ގޮސްފައި އާދެވޭނީ...." މިހުރާންގެ ވާހަކަތަކުން މިފަހަރުވެސް މިލީނާ ނެގީ ނުބައި މާނައެކެވެ. މިހުރާން ދަރިފުޅު ދެކެ ލޯބިވާވަރުން މިލީނާ ހިފެހެއްޓީ ކަމެވެ. މިހުރާން މިލީނާގެ ކޮލުގައި އަތް ޖައްސައިލި ގޮތަށް ބޮޑުވާ އިނގިލިން ފިރުމަން ފެށުމުން މިލީނާއަށް އެ ރީތި ދެލޮލަށް ބަލައިލެވުނެވެ. އަބަދަށް ނުރޮއި އޭނަވެސް ދެން އުޅެންވީ ހިތްހަމަޖައްސާލައި ގެންނެވެ. ދެއްވި ނިއުމަތަށް ޝުކުރުކޮށްލައި ގެންނެވެ. ދަރިފުޅުގެ ސަބަބުން އޭނަ މިވަނީ ފާޑަކަށް ހައްޔަރުވެފައެވެ. އެކަމުން ހިތަށް ސިއްރު އުފަލެއް ލިބޭފަހަރު އާދެއެވެ.
މިލީނާ ނިންމީ މިހުރާންގެ އެފްބީ އެއްޗެހި ބަލައިގެން އޭނަ އުޅޭހާ ގޮތްގޮތަށް ފާރަލައި ނެހެދުމަށެވެ. ބައެއްފަހަރު ކަންތައް ނޭގި ހުރުމުން ހިތަށް ލިބޭ ހަމަޖެހުން ބޮޑުވާ ފަހަރުވެސް އާދެއެވެ. ތެދުވެރި ފިރިހެނުން މަދުވާނެއެވެ. ގިނަމީހުންގެ އަނދިރި ފަރާތެއް ވާނެއެވެ. އެހެންނޫނަސް މިހާރަކަށް އައިސް މިހުރާން މިލީނާ އާއި ދަރިފުޅާއި އަޅާލާވަރުން މިހުރާން އާއި ޝަކުވާ ކުރުމުގެ ހައްގެއް އޭނައަކަށް ނެތެވެ.
މިހުރާން މީރާ އާއި ބައްދަލު ކުރީ އޭނަގެ އެޕާޓްމެންޓް ގައެވެ. މީރާ އާދޭސްކޮށް ރޮއި ހަލާކުވީއިރުވެސް މިހުރާން ހުރީ ގޮތުގައި ހިފަހައްޓައިގެންނެވެ. މީރާގެ ކަރުނަތަކުން އަސަރު ނުކުރަނީއެއް ނޫނެވެ.
"ސޮރީ މީރާ، އަދި އަހަންނަށް މެރީ ކުރެވޭކަށް ނެތް، އަހަރެން ބުނިގޮތަށް ހެދިނަމަ.. އަހަރެމެން ގޭގައި މީރާ އުޅުނީ އަހަރެން ހިތްހަމަޖެހޭ ގޮތަކަށް ނޫން، ވައިފް މެޓީރިއަލްއެއްވެސް ނޫން، ވީއިރު އެހާވަރުން އަހަރެންގެ އަންބަކަށް ވާން މީރާ ބޭނުންވާ ސަބަބެއްވެސް ނޭގޭ، އަހަރެން އެގޮތް ބަލައިލަން ޗާންސް ދިނިން، ޔޫ ފެއިލްޑް، އެނީވޭސް ދެން ތިކަމާއިމެދު ވިސްނާނީ މީރާ ވިހެއީމަ.. ސްކޭން ހައްދައިފިންތަ؟ އަހަރެން ބޭނުން ޕްރިންޓްކޮޅު ދެކެލަން....." މިހުރާން ގެ އެ ވާހަކައިން މީރާގެ ހިތަށް ހީވީ ހޫނު ފެން އެއްޗެއް އޮއްސާލި ހެންނެވެ. މީރާ ވިސްނާލާފައި ބުނީ އޭނަ ޑޮކްޓަރަށް ދައްކަން ބޭނުން ނުވާކަމަށެވެ. ދަރިފުޅުގެ ބައްޕައެއްނެތް އިރު ބޭޒާރުވާން ނޫޅޭކަމަށެވެ. މިހުރާން ހިތްހަމަނުޖެހިފައި ހުރެ ދާން ހިނގައިގަތެވެ.
"ބޭނުމެއްނޫންތަ އަހަންނާއި އެކު ވަގުތުކޮޅެއް ހޭދަކޮށްލަން؟" މީރާ މިހުރާންގެ ޓީޝާޓުގެ ދަށުން އެ އޮމާން ހަށިގަނޑުގައި އަތް ހިންގައިލި އެވެ.
"ސޮރީ އައިމް ނޮޓް އިންޓެރެސްޓެޑް....." މިހުރާން އެއަތުގައި ހިފާ ހުއްޓުވިއެވެ. މިހުރާން އަމިއްލަ ނަފުސާއި މެދު ވިސްނާލާފައި ހައިރާންވިއެވެ. އޭނަ މިލީނާ އާއި އެކުގައިވެސް އެފަދަ ގުޅުމެއް ނުބާއްވާތާ ކޮން ދުވަހެއް ހެއްޔެވެ؟ އޭނަގެވެސް އިހުސާސް ތަކެއްވެއެވެ. މީރާ އާއި އެކު އެތައް އުފަލެއް ހޯދާފައިވާއިރު މިފަދަ ރަނުގެ ފުރުސަތެއް ލިބުމުން އޭނަ ބޭނުމެއްނުވީމަ އެކަމުން އެނގެނީ އޭނަ މިލީނާ ނޫން ކުއްޖަކަށް ބޭނުން ނުވާކަމެވެ.
"ޕްލީޒް.." މީރާ އާދޭސްކުރަންފެށިއެވެ.
މިހުރާން އޮފީހަށް ދާން ފެށުމަށްފަހު ކުރި އާއި ތަފާތުކޮށް މިލީނާއަށް ދޭތެރެ އަކުން މެސެޖް ކޮށްލައެވެ. ހަނދާންވާ ވާހަކަ ބުނެލާނެއެވެ. ނޫނީ މިންކުގެ ވާހަކަ އަހައިލާނެ އެވެ. ބައެއްފަހަރު މަޖާ އެއްޗެކޭ ބުނެލާނެއެވެ. ކުރު ކުރު އެންމެ މެސެޖަކުން މިލީނާގެ ހިތަށް ފިނިކަމެއް ލިބެއެވެ. މިހުރާންގެ ހިތުގައި އެއްޗެއް ނުވާނަމަ ދޭތެރެއަކުން މެސެޖް ކުރުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ ފަހަކަށް އައިސް އޭނައަށް ލަސްވަންޏާ އެވާހަކަ ބުނަން ވެސް ގުޅާފާނެއެވެ. ނޫނީ ކަމަކާއި ނުލައި ވާހަކަ ދައްކާލަން ބޭނުންވެދާނެއެވެ. ޔަގީނުންވެސް މިހުރާން ބަދަލުވެއްޖެއެވެ. އެވަރުންވެސް މިލީނާ ދެކެ ލޯބިވާކަމުގެ ނިޝާނެއް ނުފެނެއެވެ. މިލީނާގެ ހާލަކީ މިހުރާންގެ އެ ބަދަލުން ކުރިއަށް ވުރެ ބޮޑަށް ހިތުގައި ލޯބި އުފެދުމެވެ. އަބަދާ އަބަދު ހަނދާންވުމެވެ. ނުފެނި އިރުކޮޅެއްވިޔަސް މިލީނާ މާޔޫސްވެއެވެ. އަބަދު ކުރިމަތީގައި މިހުރާން ހީހީ ހުންނަތަން ދެކެން ހިތް ބޭނުންވަނީއެވެ.
"މައި ޓޫ ބޯއިސް، ޔޫ އާރ މައި އެވްރީތިންގް..." މިލީނާ ފޯނު ޑިސްޕްލޭއަށް ލާފައި ހުރި ފޮޓޯގައި ބޮސްދިންއިރު ތުންފަތް މަތީގައި ވަނީ ހިނިތުންވުމެކެވެ. މިހުރާން މިންކުގެ ކުޑަ މޫނުކޮޅުގައި ބޮސްދެމުން ވަރަށް ރީތިކޮށް ކެމެރާ އާއި ދިމާލަށް ބަލާލިވަގުތު ނެގިފައިވާ ތަސްވީރެކެވެ.
ޕޫލް އާއި ހިޔާދޭ ގަސްތަކުގެ ސަބަބުން އެގޭގެ ބެކްޔާޑް ފެންނަލެއް ވަރަށް ހިތްގައިމެވެ. އަޔަންވުޑް އަދި ސްވީޓްގަމް ފަދަ ގަސްތަކުން އެހިސާބުގެ ރީތިކަން އިތުރު ކޮށްލާފައި ވެއެވެ. ހޫނު މޫސުމްގެ ފަހުކޮޅަށް ދާއިރަށް އެ ގަހުގެ ކުލަ ބަދަލުވާނެ ކަމަށް ޒިލާ ވަނީ ބުނެފައެވެ. މިޝެލިން އިންތިޒާރު ކުރަނީ ޚަރީފު މޫސުމަށެވެ. ގުދުރަތީ ތަފާތު މަންޒަރާއި، އާ ކަންތައްތަކަށް ހިތް އެދެނީއެވެ. މިޝެލިން އާއި އިއްބާނު އެކީގައި އަތުގުޅުވާލައިގެން ހިނގާލާފައި ދިޔައީ ކޮންމެ ވެސް ވާހަކައެއް ދައްކާފައި ހެމުންނެވެ. މިޝެލިން ސްވީޓްގަމް ގަހާއި އަރާހަމަވަމުން ފަތްކޮޅެއް ބިނދެލިއެވެ. މޭޕްލް ފަތަށްވުރެ ތަރިއަކާއި ވައްތަރު އެ ފަތްތައް ޗިސްކޮށްލުމުން ދުވަނީ ސިކުނޑިއާއި ކުޅެލާފަދަ ވަހެކެވެ. މިޝެލިން ވަސްބަލާލަމުން އިއްބާނުގެ ނޭފަތުގައިވެސް ޖައްސާލައިފިއެވެ. އިއްބާނު ކިބިހެއް އަޅަން ފެށިއެވެ.
"އެލާޖިކްވީތަ؟ ސޮރީ ޑާލިން...." މިޝެލިން އިއްބާނު އާއި ސަކަރާތެއް ޖަހައިލަމުން ކާކޮޓަރިއަށް ގޮސްފައި ދެ ތަށި ހޫނު ކަޕުޗިނޯ ހިފައިގެން ގޮސް ޖައްސައިލީ ސިޓިންރޫމްގައެވެ. މިޝެލިން ޗެނެލްތައް ބަދަލުކުރަމުން ދަނިކޮށް ޓައިޓޭނިކް ފެނުމުން މާ ކަމުދާ އެއްޗަކަށް ވެގެން ދެމީހުން ބަލަންފެށިއެވެ. ބޮޑު ސްކްރީނުން ފެންނާތީ އާއި މަންޒަރު ތައް ސާފުކަމުން ހީވަނީ އައިސްބާގްތައް އެގޭ ސިޓިންރޫމްގައިވާ ހެންނެވެ. އިއްބާނު ކޮންމެވެސް ޖޯކެއް ޖަހާލާފައި ހީހަދާއިރު މިޝެލިން އިނީ ކަންބޮޑުވެފައެވެ. އެންމެ ފަހުން ޖެކް ރޯޒް އާއި ދެއްކި ވާހަކަ ކޮޅާއި ޖެކް ކަނޑުގެ އަޑިޔަށް ދިޔަ މަންޒަރު ފެނުމުން މިޝެލިންގެ ލޮލަށް ކަރުނަ ޖަމާވިއެވެ. މިޝެލިން އަވަހަށް ޓިޝޫއެއް ނަގައިގެން ލޯ ފޮހެންފެށިއެވެ.
"ބޭބީ ރޮނީތަ؟ އިޓްސް ނޮޓް ރިއަލް އޭ..... ކަމޯން..." މިޝެލިން މި ނޫނިއްޔާ ފިލްމެއް ބަލާފައި މިގޮތަށް ޖަޒުބާތީވީ ތަނެއް އިއްބާނުއަށް ފެނިފައެއްނުވެއެވެ. ރަފާއިލްއަށް ވެސް ނިކުންނަން އެނގުނީ އެގަޑިއަށެވެ. ނޫޖިންސަކާއި އެކު ހުދުކުލައިގެ ގަމީހެއްލައިގެން އަތުކުރި އޮޅާލާފައި ހުރުމުން އޭނަ ފެންނަލެއް ވަރަށް ރީއްޗެވެ.
"ބެން ޝެލްއަށް ކީއްކޮށްފައި ތި ރޮއްވާލީ، އެހެންމީހުން ދެރަވެއޭ....." ރަފާއިލް ޖެހިލުމެއްނެތި ދޮރުގައި އަތް އަޅުވާލައިގެން ހުރެ މިޝެލިންގެ މޫނަށް ބަލައިލި ވަގުތު ދެމީހުންގެ ހަތަރުކަޅި ހަމަވިއެވެ. އިއްބާނު ހޭންފެށިއެވެ.
"ރަފޭލް އަންނަން ވީނު ހުއްޓުވާދޭން....." އިއްބާނު އެއްލޯ މަރައިލި އެވެ. މިޝެލިން ހައިރާންވި ވަރުން ލޮލުގައިވާ ކަރުނަތައް ހިކިއްޖެއެވެ. އިއްބާނު އާއި ރަފާއިލް އެގޮތަށް ވާހަކަދައްކަން ވެއްޖެއްޔާ އޭނަ ސަލާމަތް ވާނީ ކިހިނެއް ހެއްޔެވެ؟ ރަފާއިލް އަށް މިޝެލިން އަކީ އިއްބާނުގެ އަންހެނުންކަން ވެސް ނޭގެނީ ހެއްޔެވެ؟ އިއްބާނުވެސް ރަފާއިލްގެ ވާހަކަތައް މަޖަލަށް ނަގާފައި އަދި އެއްބައިވާނެއެވެ. އެވަރު ތަންކޮޅެއް ބޮޑެވެ. ރަފާއިލް އަށް އެވަގުތު ފޯނެއް އައުމުން އޭނަ ބޭރަށް ނުކުތުމުން މިޝެލިން ހިތްހަމަނުޖެހިފައި އިއްބާނުގެ އަތްވެސް ދުރުކޮށްލި އެވެ.
"ރަފޭލް މިގޭގައި ހުންނަނީ ކީއްވެތަ؟ އައި ހޭޓް ހިމް....." މިޝެލިން ސީދަލަށް ބުނެލިއެވެ.
"ޝެލް، އޭނައަކީ ގޭއި އެއް، އެހެންވީމަ އަޅާނުލާބަލަ......." އިއްބާނުގެ ލާނެތް ހުނުމުން މިޝެލިންއަށް އެހެން ކަހަލަ ޝައްކެއް ކުރެވުނެވެ. ރަފާއިލް ޝައްކުވާފަދަ ޕްރޮފައިލެއް ޖަހައިގެން އުޅުނަސް އޭނައަކީ އެކަހަލަ މީހެއް ނޫން ކަންނޭގެ އެވެ. އިއްބާނު އާއި ޖިނާނު އޭ ކިޔައިގެންވެސް އެފަދަ މާނައެއްނެތް ވާހަކަތަކެއް ދެކެވުނެވެ. ނަމަވެސް އެނގޭނީ ކިހިނެއް ހެއްޔެވެ؟ މިޝެލިން މިގެއަށް އައިފަހުން އާއިލާގެ ކިތަންމެ ސިއްރުތަކެއްވަނީ ދެނެގެންފައެވެ.
މިއާއިލާގެ ކޮންމެ މީހަކީ ސިއްރެކެވެ. ކޮންމެ މީހެއްގެ އަނދިރި ފަރާތެއްވާނެއެވެ. އެ ޚާންދާނު އެހާ މަޝްހޫރުވެފައި ފުރިހަމަ އިރު ހުންނަ އުނި ކަންތައްތަކަކީ އެއީއެވެ. ހުއްދަ ނޫން ގުޅުންތަކުގެ ސިލްސިލާ ދެމިގެން ދިޔުމެވެ. އިއްބާނު މިޝެލިންގެ ކަންފަތް ކައިރީގައި މަޑުމަޑުން އެއްޗެކޭ ބުނެލި އިރު ހީވީ އެ އާވީގެ މީރުވަސް އެކުލެވޭ ނޭވާގެ ހޫނުކަމުން މިޝެލިންގެ ހަށިގަނޑުގައި ހީބިހި ހަލުވައިލި ހެންނެވެ. ނުފެންނަ އަތަކުން ފިރުމައިލެވުނު ހެންނެވެ. އަތްނުލާ އިއްބާނު ކޮށްލާވަރު ކުޑައެއްނޫނެވެ. ދެކުދިން ލޯބީގެ ދުނިޔެއަކަށް ގެއްލިފައި ތިބެފައި ޓައިޓޭނިކްގެ ވާހަކަވެސް އިރުކޮޅަކަށް ދެއްކިއެވެ. އިއްބާނު އާއި ޖެކް ވިސްނި ގޮތް މިޝެލިންއަށް ކަމަކު ނުދިޔައެވެ. ނަމަވެސް އެފަދަ ހާލަތެއްގައި އޭނަވެސް އަމަލުކުރަން ޖެހުނީހީ ރޯޒް ގޮތަށެވެ. މިޝެލިންއަށް އެފިލްމުގެ ނިމުން ކަމަކު ނުދިޔައެވެ.
"އަހަރެން ބޭނުމީ ފެއަރީޓޭލް އެންޑިން އެއް، އަހަރެމެން އިރާދަކުރެއްވިއްޔާ މުސްކުޅި ވަންދެން އުޅޭނީ އެކީގައި، މުނިމާމަ ދަރިން ލިބެންދެން..." މިޝެލިން ހިތުގެ ފުންމިނުން ދުއާކުރިއެވެ.
ކޮންމެ ދުވަހެއް ވޭތުވެގެން ދަނީ އުފަލާއި ހިތްހަމަޖެހުމާއި އެކުގައެވެ. މިޝެލިންގެ ހަޔާތުގެ އެންމެ ރީތި އުފާވެރި ދުވަސްތައް ގުނެމުންދާއިރު އެއިން ކޮންމެ ދުވަހެއް ރައްކާ ކުރަނީ ރީތި ހަދާނާއި އެކުގައެވެ. ޒުވާން ޅަ އުމުރު އަލުން ނުލިބޭނެކަމާއި ދިރިއުޅުމަކީ ކިހާ ކުރުއެއްޗެއްކަން މިޝެލިން ދަންނަނީއެވެ. އެހެންވެ އުފަލުގައި އުޅެން އޭނަ އިންތިހާއަށް ބޭނުންވެއެވެ. އިއްބާނު އާއި އެކީގައި މާ ގައިގޯޅިކޮށް އުޅޭތަން ރަފާއިލްއަށް ފެންނާތީ އޭނައަށް އުދަގޫވިޔަސް އެކަން ނަގަނީ ސަމާސާ ކޮށެވެ. ދެމީހުން އެކީގައި ސަކަރާތް ޖަހައިލާތަން ފެނުނަސް އޭނަ އެއްޗެކޭ ބުނެލުމުން އިއްބާނު ހުންނަނީ ހީލަހީލައެވެ. މިޝެލިންގެ ހިތް ބިރު ގަންނަނީ ރަފާއިލް އޭނަ އާއި ހެދި އުޅޭއިރު އިއްބާނުއަށް އެކަން ރޭކާނުލާތީއެވެ. ނޫނީ އެކަން އެނގުނަސް ފަރުވާކުޑަކޮށްލަނީ މާ ބޮޑަށް މިޝެލިންއަށް އިތުބާރު ކުރާތީ ކަންނޭގެ އެވެ.
ޚަރީފު މޫސުމްގެ ރީތި ދުވަހެކެވެ. ފުދޭވަރަކަށް ބާރަށް ވައިޖެހެމުން ދާތީ ގަސްތަކުގައިވާ ފަތްތައް އުދުހެމުން ދާއިރު ބިންގަޑުގައިހީވަނީ ރަނާއި، ރަތުގެ ދޫލައެއް އެޅިފައިވާހެންނެވެ. ބަލައިބަލައި ފޫހިނުވާ މަންޒަރެކެވެ. މިޝެލިން ގަސްތަކުގެ ތެރެއަށް ނުކުތް އިރު މިހުރާން އާއި މިލީނާ ފެންޑާގެ ސޯފާއެއްގައި ޖެހި ފިތިގެން ކަހަލަގޮތަކަށް މިންކު އާއި ކުޅެން ތިއްބެވެ. މިންކުވެސް އޮތީ ޚަރީފާއި ގުޅޭފަދަ ހެދުންކޮޅެއް ލައްވާފައެވެ. މިހުރާންގެ އަތްތިލަ މަތީގައި ބާއްވައިގެން ވާހަކަ ދައްކަން ފެށުމުން މިންކު އޮތީ ކޮލަށް ލޯބި އަޑިކޮޅެއް އަޅުވާލައިގެން ހީލަހީލައެވެ. މިޝެލިންވެސް މިންކު އާއި ތޮޅެލުމަށްފަހު ޕޫލާއި ދިމާލަށް ހިނގައިގަތުމުން ވައިބާރުކަމުން ސަމާލުވުމަށް މިހުރާން އެންގިއެވެ.
"އަހަރެން ދަންތަ؟ ޝެލް ކައިރިއަށް..." މިލީނާ ތެދުވެއްޖެއެވެ.
"ބަމްބީ މާ އަވަހަށް ވަޔާއިއެކު ގެންގޮސްދާނެ، އެހެންމީހުން ވިހެއީމަ ބަރުދަން އިތުރުވާކަން ހުރޭ، މިލީ ހައްތަހާ ކުޑަވަނީ........" މިހުރާން ބަލައިލި ގޮތަކުން މިލީނާ ކުޑަކޮށް ރަކިވިއެވެ. އޭނަ އަވަހަށް ދުއްވައިގަންނަން އުޅުނީ އެ ނަޒަރުން ސަލާމަތްވުމަށެވެ. އެކަމަކު މިހުރާން މިލީނާގެ އަތުގައި ހިފާ ގާތަށް ދަމައިގަތެވެ.
"މިލީ ތިހިރީ މާ ފިނިބޮޑުވެފައި، ޖެކެޓް އަދި ގްލަވްސް ލައިގެން އަންނާނީ... އެހެންނޫނަސް ކިހާ ރޮމެންޓިކް ވެދަރ އެއް..... " މިހުރާން ތެދުވެ މިލީނާގެ އުނަގަނޑުގައި އަތް އަޅުވައިލާފައި ބުނި އެއްޗަކުން މިލީނާގެ މޫނު ރަތްކަމުން ގޮސް އަނގުރު އަލިފާންކޮޅެއްހެން ވިއެވެ
"މިގަޑީގައި..." މިލީނާ ހިންދިރުވައިލި އެވެ.
"ހެހެ..... މިލީއަށް އަދިވެސް އަހަރެން ދަސްނުވަނީތަ؟ ގަޑިއެއް ކޮންމެހެން އޮންނަން ޖެހޭތަ؟ ވެދާނެ މިކުއްޖާ ގަނޑު މާ ރަކިވާން ހެދީމަ ވީގޮތެއްކަމަށް......" މިހުރާން ކޮޓަރިއަށް ވަދެ ދޮރު ލައްޕައިލުމަށްފަހު މިންކު ތަންމަތީގައި ބޭއްވިއެވެ. މިހުރާންގެ ދުލުން ލޯބިވަމޭ ބުނާ އަޑުއަހަން އިންތިޒާރު ކުރަމުން ގޮސް މިލީނާގެ ކެތްތެރިކަން ކޮޅުންލައިގެން ދާންފެށިއެވެ.
މިލީނާ ބެލްކަންޏަށް ނުކުތެވެ. ދޮރުގެ ފަރުދާތައް ކަހައިލުމުން ފެންނަ މަންޒަރުތައް ނިކަން ހިތްގައިމެވެ. ފަތްތައް ވައިގެ ތެރޭގައި މިސްރާބެއް ނެތި އުދުހެމުންދާއިރު އޭނަވެސް އޭގެ ފަތެއް ބާވައޭ ހިތަށް އެރިއެވެ. ނޫނީ ބޮޑަށް ގުޅެނީ މީރާ އާއި ހެއްޔެވެ؟
"ރެން، މީރާ ވިހާކަށް ނުވޭތަ؟" މިލީނާ ރެއިލިންގައި އަތް އަޅުވާލާފައި ކުޑަކޮށް އެނބުރިލި ވަގުތު މިހުރާން ހުރީ ފަހަތުގައެވެ. މިހުރާން އަޑުއިވުނު ކަމަކަށް ހަދައިނުލުމުން މިލީނާއަށް ދެވަނަ ފަހަރަށް އަހައިލާކަށް ނުކެރުނެވެ. ނަމަވެސް މިލީނާއަށް ޔަގީންވަނީ މިހާރު ކުރިން އޭނަ އެ ގުޅާވަރަށް ނުގުޅާކަމެވެ. މިހުރާން އޮފީހަށް ދާށޭ ކިޔާފައި އެގެއަށް ދިޔަސް މިލީނާއަށް އެނގޭނީ އެއްނޫނެވެ. ބައެއް ދުވަހު މިހުރާންގެ އޮފީސް ސޫޓުގައި ވަސްއަހައިލެވެނީވެސް ޝައްކުކުރެވޭ ވަރުންނެވެ. ނަމަވެސް އަންހެން ސެންޓެއްގެ ވަހެއް ނުދުވައެވެ. ހުންނަނީ މިހުރާންގެ މީރުވަހެވެ. މިހުރާން އޮފީސް ގަޑީގައި އެ ފޯނު ބިޒީވެފައި ކިތަންމެ ގިނައިރެއްވާން ދެންވެސް ހުންނާތީ އާއި ގެއަށް އައުން ލަސްވެއްޖެއްޔާ މިލީނާއަށް ރޮވޭވަރުވެއެވެ. އެކަންތަކަށް ހޭނެންވެސް ހިތް ބާރުއަޅައެވެ. ނޫނީ އޭނަގެ މި އުފާވެރިކަން ގެއްލިގެން ހިނގައިދާނެއެވެ.
މިދުވަސްކޮޅު ރޭގަނޑުގެ ގަޑިތައް މިހުރާންގެ އަތުތެރޭގައި ހޭދަކުރާއިރު ކުރިއަށް ވުރެ ހިތްހަމަޖެހުމާއި، އުފާލިބޭހެން ހީވެއެވެ. މިހުރާން ކުރިން ވާޖިބު އަދާކުރާގޮތަށް އެކަނި އަމިއްލަ އުފަލާއި މެދު ވިސްނުމުގެ ބަދަލުގައި މިލީނާ ގެންގުޅެނީ ހާދަ ލޯބިންނެވެ. ދެރައީ އެވަރުންވެސް ލޯބިވާ ވާހަކަ ނުބުނާކަމެވެ. އަދި "ރޮމެންސް" ގެ މާބޮޑު ކުލައެއް އަދިވެސް އެދެމީހުންގެ ހަޔާތުގައި ނުޖެހޭކަމެވެ. މިލީނާގެ ހިތް އިންތިޒާރު ކުރެއެވެ. އެހެން ދެމަފިރިން ފަދައިން ބޭނުންހާ ޝަކުވާއެއްކޮށް، ލޯބިން އުޅެވޭ ދުވަހެއް ދެކެން އޭނަ ބޭނުމެވެ.
މިޝެލިން ޚަރީފުގެ ރީތިކަމުން ހިތްއުފާކޮށްލަން ހުރިއިރު ޖެހެމުންދިޔަ ވައިރޯޅިތަކުން ބެންޗުތައް މަތީގައިވެސް އޮތީ ފަތެވެ. އުދުހެމުންދާ ފަތްތައް ކޮންމެވެސް ވަރަކަށް ފެންގަނޑަށްވެސް އެޅެން ފެށިއެވެ. ހާދަ ޗާލެވެ.
"ހެވެންލީ...." މިޝެލިން އިރުކޮޅެއްވާންދެން ބަގީޗާ ތެރޭގައި އުދުހެމުންދާ ފަތްތަކުގައި ހިފަން އުޅުނެވެ. އޭނަ ދުވެދުވެފައި އުޅުނީ ފިކުރެއް ޚިޔާލެއްނެތް ކުޑަކުއްޖެއް ހެންނެވެ. އެންމެ ފަހުން ފުދޭވަރަކަށް ބާރަކަށް ވައިޖެހެން ފެށުމުން މިޝެލިންއަށް ގަހުގައި ބައްދައިލެވުނެވެ. ހީވީ އޭނަވެސް އުދުއްސައިގެން ހިނގައިދާނެ ހެންނެވެ. މިޝެލިންގެ މޫޑު ގޯސްވީ ރަފާއިލް ކަންފަތުގައި ފޯނު ޖަހާލައިގެން އެތަނަށް ނުކުތްތަން ފެނިފައެވެ. އޭނަ ގަހުގެ ހިޔަލުން ނުކުމެގެން ދާން ހިނގައިގަތް ތަނުން ފަސްބައިގައި ވައި އަޅުވައި ލުމުން ހަޅޭއްލަވައިގެންފާ ހެދުމުގައި ހިފިއެވެ. އޭރު އޭނަގެ ސްކާފް ވެސް އުދުހިގެން، މިނިވަންކަމާއިއެކު އިސްތަށިގަނޑު ވިހުރުވިގަތެވެ.
ރަފާއިލް ހައިރާންވީ ސްކާފާއި ނުލައި އެ އިސްތަށިގަނޑު ރީތިކަމުންނެވެ. ޚަރީފުގެ ކުލަތަކާއި އެ އިސްތަށިގަނޑު ހާދަ ގުޅެއެވެ. ހީނާފަތް އަޅާފައި ހުރީ ކަންނޭގެ އެވެ. ރަފާއިލް މިޝެލިންގެ ތަސްވީރެއް ނެގިއިރު މިޝެލިންއަށް ރޭކާނުލިއެވެ. މިޝެލިން ދުއްވައިގަތީ ސްކާފް އަތުލުމަށެވެ.
"ކެއަރފުލް...." ރަފާއިލް މިޝެލިން އާއި ދިމާލަށް އަންނަން ފެށުމުން އޭނަ ބަލައިނުލާ އެނބުރިގަތެވެ. އޭރު ހުރެވުނީ ސްވިމިން ޕޫލާއި ދާދި ކައިރީގައި ކަމެއް މިޝެލިން އަކަށް ނުވިސްނުނެވެ. އޭނަ އަރިއަޅާލި ގޮތަށް ފެންގަޑުގެ ފުންދިމާލަށް ވެއްޓުމުން ރަފާއިލް ކަންބޮޑުވިއެވެ. ފަތަން އެނގުނަސް ބޮލަށް އަނިޔާއެއްވެސް ވެދާނެއެވެ. އޭނަވެސް ބަލާކަށް ނުހުރެ މިޝެލިންއަށް އެހީވާން ފުންމައިލި އެވެ. މިޝެލިން ބޯހިއްލައިލި ގޮތަށް ކެއްސަމުން، މޫނުން ފެންފޮޅަމުން ހުރިހާ ރުޅިއެއް ބޭލީ ރަފާއިލް އަށެވެ. ރަފާއިލްގެ މޭގައި އަތް އަޅާކޮށްޕާލަން އުޅުނެވެ.
"ތި ނުލަފާ މީހާ ގަނޑާއި ހެދި ވާކަންތަކޭ.... އަހަރެން މަރުވިޔަސް ހެލްޕްވާނެ ކަމެއްނެތް..." މިޝެލިން ހުރީ ރޮވޭ ގޮތްވެފައެވެ. އޭނަ ހުރީ ލަދުވެސް ގެންފައެވެ. އޭނަގެ ނާޒުކް ކަމާއި، ބާރެއްނެތްވަރު ރަފާއިލްއަށް ވެސް ހާމަވާނެއެވެ. އާދައިގެ ވައިރޯޅި އަކުންވެސް ހަށިގަނޑު ބެލެންސް ނުކުރެވުނީ އެވެ.
"ސޮރީ... އެކަމަކު ހާދަ ޑެލިކޭޓް އޭ، ދެންވެސް ވައިޖެހޭއިރު ސްޓޭ އިންޑޯރސް އޯކޭ......." ރަފާއިލް ސްވިމިންޕޫލްގެ އަރިމަތީގައި ހިފަހައްޓާލަމުން ލާނެތް ހިންޏަކާއި އެކު މިޝެލިންގެ މޫނަށް ބަލަންފެށިއެވެ. އެ ތޫނު ދެލޮލުން ބަލަމުންދާގޮތުން މިޝެލިން ބިރުގަންނަ ގޮތްވިއެވެ. ރަފާއިލް ބަލަނީ ލޯބިވެރިޔެއްގެ ނަޒަރުންނެވެ. އިއްބާނު ފަދައިންނެވެ.
"އަހަރެން ހިތަށް އަރާ ރަފާއިލް އެގޮތަށް ވަޔާއި ގެންގޮސް އެހެން ދުނިޔެއަކަށް ލައްގާނެނަމައޭ...." މިޝެލިން ދަތްކުނޑި ވިކައިގެންފައި އިތުރު އެއްޗެކޭ ބުނަން އުޅެނިކޮށް އާއިލާގެ އެހެން މީހުން އެތަނަށް އަންނަތަން ފެނުނެވެ. ކޮންމެވެސް ހައިތަމް އާއި އެލީސާއަށް އެހިސާބަށް ފޯރުނު އިރު މަލަކާވެސް ހުރީ ފަހަތުގައި ޖައްސާލާފައެވެ. އަދި އިއްބާނު އައިއިރު އޭނަ ހުރީ ހާސްވެފައެވެ.
"ބޭބީ އާ ޔޫ އޯލްރައިޓް؟ ކިހިނެއްވީތަ؟ "އިއްބާނު މިޝެލިން ފެންގަނޑުން އެރުވިއެވެ.
"މި ރަފާއިލް އަހަރެން ގެ ސްކާފް ދަމައިގެންފައި ފެންގަނޑަށް ވައްޓާލީ.. އަހަރެން މަރާލަން ކަން ނޭގޭ އުޅުނީ......." މިޝެލިން ހުރީ ރަފާއިލް މިގެއިން ނެރެލާނެ ގޮތެއް ނޭގިފައެވެ. ކުޑަ ދޮގެއް ހަދާލިޔަސް މައްސަލައެއް ނޫނެވެ. އެހެން މީހަކަށް ވީގޮތް އޮޅުން ނުފިލާނެއެވެ.
"އަހަރެންވެސް ބަލަން ހުރީމޭ..." މަލަކާ ރަފާއިލް އާއި ދިމާލަށް ކަޅިއަޅައިލި އެވެ. މަލަކާ ހުންނަނީ ރަފާއިލް އާއި ޔީވާ މިގެއިން ނެރެލާނެ ފުރުސަތަކަށް ބަލަބަލައެވެ.
"ވަޓް...." އިއްބާނު ރަފާއިލްއަށް ނުރުހުމުގެ ނަޒަރެއް ދިނެވެ. ރަފާއިލް އިސްޖަހާލާފައި ތުންފަތުގައި ދަތްއަޅައިލި ތަން ފެނުމުން މިޝެލިން ކޮންމެވެސް ވަރަކަށް ހަމްދަރުދީވާން އުޅުނެވެ. ރަފާއިލްގެ އަގު ވައްޓާލެވޭފަދަ ވާހަކައެއް ދައްކައިގެން އެންމެންގެ ކައިރީގައި އޭނަ ބަދުނާމު ކޮށްލެވުނީ އެވެ. ހަގީގަތެއްނެތް ވާހަކައަކުން މީހެއްގެ މުޅި ދިރިއުޅުން ހަލާކުވެގެން ދާ ހާދިސާތައް ދައްކުވާދޭ ފިލްމު މިޝެލިން ވެސް ބަލާފައިވެއެވެ. ރަފާއިލް އިތުރު އެއްޗެކޭ ނުބުނެ ދާން ހިނގައިގަތުމުން ހައިތަމް އޭނައަށް ގޮވައިލެއްވިއެވެ.
"އެއީ ތެދުވާހަކައެއްތަ؟ ރަފޭލް....." ހައިތަމް އެއްކޮޅެއްގެ ވާހަކަތަކުން ޝަރީއަތް ނިންމަވާފަދަ ގޮތަކަށެ ނެތެވެ. އެހެން އެންމެނަށް ސިއްރުވެފައި އޮތަސް ރަފާއިލްއަކީ އަމިއްލަ ދަރިއަކަށް ވާތީއެވެ. ރަފާއިލް ހުރީ ހިމޭނުންނެވެ. ބައްޕަ ގާތުގައި މިޝެލިންގެ ދޮގުވެރިކަން ފާޅުނުކުރަން ވެގެންނެވެ. ނަމަވެސް ހައިތަމް ދެކެލެއްވީ ރަފާއިލްގެ އެ ހިމޭންކަމަކީ އިއުތިރާފުވުން ކަމުގައެވެ.
"ހައިތަމް، ދެންވެސް އޭނަ މިގެއިން ބޭރަށް ލާންވީއެއްނު، މިއަށް ވުރެ ނުބައި ހާދިސާތައް ދެން ހިގާނީ..." މަލަކާ ގެ އަޑު ތަންކޮޅެއް ގަދަވިއެވެ.
"އަދި މީނައަށް މާފަށް އެދެން ނޭގެނީތަ؟ ގޭ ވެރިމީހާގެ ޅީދަރީގެ ގަޔަށް އަރައިގަންނަން އުޅުނީ......." މަލަކާ ރަފާއިލްއަށް ބަލައިލި އިރު އެ ދެލޮލުގައި ވަނީ އަލިފާނުގެ ކުލައެވެ.
މަލަކާ އިއްބާނު އާއި ދިމާލަށްވެސް އަޑުލިއެވެ. އިއްބާނު ހިމޭނުން ހުރުމުން ހައިރާންވެއްޖެ ކަމަށާއި އަނބިމީހާގެ ގައިގައި އެހެން މީހަކު އަތްލުމުން ފިރިހެނަކު މަޑުން ހުރެގެން ނުވާނެ ކަމަށް ބުނެ އިއްބާނު ކުށްވެރި ކުރިއެވެ. އެންމެން ވެގެން ރަފާއިލްއަށް ހިތްވަރު ނުދޭނަމަ މިއިން އެއްވެސް ކަމެއް މިގޭތެރޭގައި ނުހިގީހެވެ. އޭނަ ބެލްކަނީގައި ހުރިއިރު ހިނގި ހާދިސާ ކިތަންމެ ރީއްޗަށްވެސް ފެނުނެވެ. ރަފާއިލްގެ ކުށެއް ނެތްކަން މަލަކާއަށް އެނގޭއިރުވެސް އޭނަ މިޝެލިން އާއި އެއްބައިވީ އެންމެ ބޭނުމެއްގައެވެ. ހައިތަމްމެން ގެންގުޅޭ ބީރައްޓެހިންގެ ކިބައިން ގެދޮރު އަމާންކުރުމަށެވެ. އޭނަ އެއްގޮތަކަށް ވެސް ރަފާއިލް އާއި ޔީވާއަށް އިތުބާރެއް ނުކުރެއެވެ. ރަފާއިލް މިޝެލިންއަށް ބަލައިލާގޮތް އޭނަވަނީ ދެކެފައެވެ. ކަންތައް ފެންނާނީ ފާރަލާ ބަލާ މީހަކަށެވެ. އެހެން މީހުންނަށް ރަފާއިލްފަދަ މައުސޫމް މީހެއްނެތެވެ. މިޝެލިން އެހާ ރުޅި އަންނާނީ ކޮންމެވެސް ކަމެއްވީމައެވެ.
ރަފާއިލް ބާރަކަށް ހިނގާލާފައިގޮސް ގެއަށް ވަނެވެ. މިޝެލިން ގެ ލޮލަށް ކަރުނަ ޖަމާވާންފެށިއެވެ.
"ދައްތާ، އަޅުގަނޑު ބޭނުން މަންމަ އާއި ދައްތަ އާއި އެކަނި ބައްދަލު ކޮށްލަން، އޭގެ ފަހުން ރަފާއިލް އާއި މެދު ގޮތެއް ނިންމާނީ..." ހައިތަމް ގެއަށް ވެންނެވިއެވެ.
މިޝެލިން ކޮޓަރިއަށް ވަދެ ތެތް އެއްޗެހި ބަދަލުކޮށްލައިފި އެވެ. އޭނަ ކޮޓްން ހެދުމެއްލައިގެން ހޫނު ޗޮކްލެޓެއް ބޯން ފެށުމުން ހީފިލިއެވެ. އިއްބާނު ގެނައީ ކޮފީއެކެވެ. ދެ ޒުވާނުން އެ ފުޅާ ބެލްކަނީގައި ތިބިއިރު ފަތްތައް އުދުހޭ މަންޒަރު ރީތިކަމުން ހީވަނީ އެހެން ކަމެއްހެންނެވެ. މޭޕްލް، ސްވީޓްގަމް، އަދި ޗެސްޓްނަޓް ފަދަ ގަސްތަކުގައި އެކިކުލައިގެ ފޭރާން ލައްވާފައިވާ ފަދައެވެ. ރަތާއި، އޮރެންޖް، ރީދުލާއި ރަންކުލައިގެ ފަތްތަކަށް އިރުގެ އަލިއެޅުމުން އުފައްދާ ޖާދޫ އަކުން ލޮލަށް ފިނިކަމެއްލިބެއެވެ. ވަޔާއިއެކު ގަސްތައް ހަލުވާލާއިރު އިވެނީ ހިތްގައިމު ނާނާއެކެވެ.
"ޝެލް، އަހަރެން ބޭނުން ސުވާލެއް ކޮށްލަން، އެއީ ތެދުވާހަކައެއްތަ؟" އިއްބާނުގެ އެ ސުވާލުން މިޝެލިންގެ މޫނު އެކީގައި ރަތްވެގެން ދިޔައެވެ. އިއްބާނު އޭނަގެ ވާހަކައަށް އިތުބާރު ނުކުރީ އެވެ. ރަފާއިލްގެ ހިމޭންކަންވެސް އިއްބާނު ނެގީ އެހެން ގޮތަކަށެވެ. ރަފާއިލްގެ ކުށެއް ނެތްކަމުގައެވެ. ހަގީގަތަކީ ވެސް އެއީ އެވެ.