"މިހާރު ރަނގަޅުތަ؟ ނުކައި އޮތީމަ ބީޕީ ދަށްވީމަކަށް ވާނީ......." މިހުރާން ތުވާލި އެނދެލައިގެން އައިސް އެނދު ކައިރީގައި ހުއްޓުނެވެ. އޭރުވެސް މިލީނާގެ މޫނުމަތިން ވަރުބަލިކަން ފެނެއެވެ. މިލީނާ ރަނގަޅޭ ބުނެފައި ސީލިންއަށް ނަޒަރު ހުއްޓާލައިގެން އޮތެވެ. މިވަގުތުވެސް އޭނަގެ ކޮޓަރިއަށް އަންނަން އެގުޅީ މީރާ އަށެވެ. ހިތަށް ކެތްވާނީ ކިހިނެއް ހެއްޔެވެ؟ މިހުރާންގެ މީހަކީ މީރާ އެވެ. އޭނައަށް އެހިތުގައި އޮތީ ކޮން މަގާމެއް ހެއްޔެވެ؟ މިއަދުވެސް މީރާ މިގޮތަށް ބަލިވެ އޮތްނަމަ މިހުރާން ފިރުމައިލަދޭން އިންނާނެކަން ޔަގީނެވެ. ކަރުނަވެސް ފޮހެލަދޭނެއެވެ. އޭނަގެވެސް ވަނީ ހިތެކެވެ. އެ ހިތުގައި އިހުސާސް ލައްވާފައިވެއެވެ. މިލީނާ ދެރަވާނެވަރު މިހުރާންއަށް ނުވިސްނެނީ ހެއްޔެވެ؟
"މިލީ އަބަދު ރޮނީތަ؟ އެހެންވީމަ ކަންނޭގޭ ބަލިވަނީ، ސްޓްރެސްގައި އުޅޭކަށް ނުވާނެ، މީހުންގެ ތެރެއަށް ނިކުމެ ސަކަރާތް ޖަހައި އުޅެބަލަ..." މިހުރާން ވާހަކަދައްކަން ހުއްޓާ މީރާ ފަރިވަމުން އައެވެ. ކަކުލާއި ހަމަޔަށް އޮތް ރަތާއި، ކަޅުކުލައިގެ ޓައިޓަކާއި، ރަތްކުލައިގެ ގަޔަށް ފިޓް ޓޮޕްކޮޅުގައި އެ ހަށިގަނޑުގެ ރީތި ވަނާތައް ހުރީ ހާމަޔަށެވެ.
"ރެން އަވަހަށް ދާން ހިނގާބަ....." މީރާ އައިގޮތަށް މިހުރާންގެ ތުންފަތުގައި ބޮސްދިން ގޮތަކުން މިލީނާ ދެލޯ މަރައިލަން މަޖުބޫރު ކުރުވިއެވެ. ހިތަށް ތަދުވެގެން ގޮސް ބާކީ ހުރި ކަރުނަތައްވެސް ލޮލުގެ ކޮޅުން ދެމިގަތީ އެވެ.
"މަގޭ ޓީޝާޓާއި ސޯޓު ދާވަށިގަނޑުގައި އޮންނާނެ، ދޮވެލައިގެން އާދޭ..." މިހުރާން ކުރި އަމުރަކުން މީރާއަށް ހައިރާންކަމެއް ލިބުނެވެ. މިފަދަ ގޮތަކަށް މިހުރާން އޭނަ އާއި ވާހަކަ ދައްކާނެ ދުވަހެއް އައިސްދާނެ ކަމަކަށް އޭނަ ހިޔެއްނުކުރެއެވެ. މީރާ ތުންފިތާލައިގެން ހުރެ ގޮސް އެ ޓީޝާޓު ނަގާފައި އަނގަޔަށް ގޮތެއް ހަދާލާފައި، ރޯޒީ އާއި ހަވާލު ކުރާ ވާހަކަ ބުނުމުން މިހުރާން ދެކޮޅުހެދިއެވެ. މީރާ މިވަގުތު ޓީޝާޓުން ހޮޑު ފިލުވައިގެންގޮސް މެޝިނަށް ލުމަށް މީރާން އެދުނެވެ. މިލީނާ އޮތީ އުދަގޫވެފައެވެ. އޭނަގެ ކަމެއް އެހެން އަންހެނަކު ލައްވާ ކުރުވާކަށް ބޭނުމެއްނުވިއެވެ.
"ތި ބަހައްޓާފައި މީރާ ދޭބަލަ، އަހަރެން ވޮޝްކޮށްލަފާނަން.. އަހަރެން ކުރި...." މިލީނާއަށް ކެތްނުކުރެވިގެން އެއްޗެކޭ ބުނަން އުޅެގަތެވެ.
"މިލީނާ މަޑުން އޮވެ.... އަހަރެން މިލީނާ އަކާއި ވާހަކަ ނުދައްކަމެއްނު، އަނގަ ބާނަން ޖެހޭތަ ބިގް މައުތް.." މިހުރާން ލޯ ހަނިކޮށްލާފައި މިލީނާ އާއި ދިމާލަށް ބަލާލައިފިއެވެ.
މިލީނާ ލަދުން މަރުވާވަރުވެފައި ތުންފަތުގައި ބާރަށް ދަތްއަޅައިގަތެވެ. މިހުރާން ގަސްތުގައި އެހެން ބުނެފައި މިލީނާގެ މޫނަށް ބަލައިލީ މިލީނާ ރޯނެކަން ޔަގީންވެފައި އިނދެއެވެ. އެ ރީތި ދެލޮލުގައި ބަބުޅަމުންދާ ކަރުނަތަކާއި، ތެމިފައިވާ އެސްފިޔަތައް ރީތިކަމުން މިހުރާންގެ ހިތަށް ގޮތެއްވިއެވެ. އަސަރުކުރިއެވެ.
"ކްރައިބޭބީ..." މިހުރާން އެވަރުންވެސް އެއްޗެކޭ ކިޔާލާހިތްވިއެވެ. އެ ރީތި ހިނިތުންވުމުން މިލީނާގެ ހިތަށް ތަދުކުރުވިއެވެ. މިގޮތަށް އޭނަ ރޮއްވާލެވުނީމަ މިހުރާންގެ ހިތަށް އުފަލެއް ލިބެނީ ކަންނޭގެ އެވެ. އެހެންނޫންނަމަ މިވަރަށް މަލާމާތްކޮށްލާފައި ހޭކަށް ނުޖެހޭނެއެވެ. މިހުރާން އޭނަގެ މަންމައަށް ގުޅާލާފައި ގޭގައި ކުރުނބާ ހުރިއްޔާ ފޮނުވަދޭން އެދުނެވެ. މިލީނާ ހޮޑުލާފައި ތަންކޮޅެއް ވަރުދެރަވެފައިވާ ކަމަށްވެސް ބުނެލިއެވެ. އިރުކޮޅަކުން ސޯފިޔާ ކޮޓަރިއަށް އައިސް ވަންތަން ފެނުނެވެ. އޭރު މީރާވެސް މިހުރާންގެ ޓީޝާޓުތައް ކޮތަޅަކަށްލައިގެން ބޭރަށް ނުކުތީއެވެ. މިހުރާންވެސް ސޯފިޔާ އާއި ހީލާފައި "ގުޑްނައިޓް ސޯފީ އާންޓީ" އޭ ބުނެލުމުން ސޯފިޔާ ހީވެސް ނުލިއެވެ. މިހުރާން މީރާ ގޮވައިގެން މިތަނަށް ވަންނަން ކެރުނީތީ ސޯފިޔާ ހައިރާންވިއެވެ. މިލީނާ ގެއިން ނެރެލާފައި އަދި މިލީނާ ރޮއްވަން އަންނަން ޖެހޭ ސަބަބެއް ސޯފިޔާ އަކަށް ނުވިސްނުނެވެ.
އެންމެން ސިޑިކައިރިއަށް އެއްވީ ޔީވާގެ ތޫނު ހަޅޭކުގެ އަޑަށެވެ. އޭރު ޔީވާ ސިޑިބަރި ކާރިން ތެދުވަނީއެވެ. މާބޮޑު އަނިޔާއެއް ނުވިޔަސް އަތަށް ތަދުވެ މަށައިގެންގޮސްފައި ހުއްޓެވެ.
"ސިޑިމަތީގައި ވެސް ހޮޑު. ނޭގިގޮސް އެތަނަށް އެރެވުނީއޭ... ހަޑިކޮށް އުޅޭބަޔެއް މިގޭގައި އުޅެނީ..." ޔީވާ ހުރީ ލޯ ކުޑަކޮށްލައިގެންނެވެ.
"މިލީނާ ރެންގެ ގަޔަށް ގަސްތުގައި ހޮޑު ދުއްވާލީ، އޭނަ އަމިއްލައަށް ކުރިކަންތައް ސާފުކުރަން ޖެހުނީވެސް އަދި މަށޭ......." މީރާ ވެސް ހުރީ ހަށަން ބަދެލައިގެންނެވެ.
"މީރާ ތި ބޭކާރު ވާހަކަ ހުއްޓާލާ، މިލީ ބަލިވެއުޅެނިކޮށް އަހަރެން ގަދަކަމުން ތިރިއަށް ގެންދަން އުޅެނިކޮށް ފެއިންޓްވާގޮތްވެ ވޮމިޓްވީ، ޑެލިބެރޭޓްކޮށް މިލީ ނުކުރާނެ އެކަހަލަ ކަމެއް، މިލީ ހާ ސާފުކޮށް އުޅޭ އަންހެނަކު މިތާ ހުރީއެއް ނޫނޭ އަދި އަނގަ ހުޅުވައިލަނީ...... މީރާވެސް ނުޖެހޭނެ ކަންތައް ނޭގިހުރެ ވާހަކަދައްކަން، އަދި އަހަރެންގެ އެއްޗެހި ދޮންނަން ޖެހޭނީވެސް މީރާ........." މިހުރާން އެންމެންގެ ކުރިމަތީގައި އެގޮތަށް ބުނުމަށްވުރެ މޫނުމަތީގައި އެތިފަހަރެއް ޖެހިނަމަވެސް މީރާގެ ހިތަށް މާ ފަސޭހަވީސް ކަންނޭގެ އެވެ. މީރާގެ މޫނަށް ރަތް ކުލަވެރިވެ، ލޮލަށް ކަރުނަ އައެވެ. ލަދުންގޮސް އޭނަ ހުރީ ހަލާކުވާވަރުވެފައެވެ. ޔީވާއެއްޗެކޭ ބުނަން ބޭނުންވިޔަސް އެ ހިތްވަރެއް ނުކުރެވުނެވެ.
"ކޮން ރުއިމެއް ރޯކަށްތަ؟ ގެއަށް ދާން ހިނގާ..." މިހުރާން މީރާގެ އަތުގައި ހިފާލުމުން މީރާ އުޅުނީ ފޮޅުވިގަތުމަށެވެ. އެކަމަކު މިހުރާން މީރާ ގަދަހަދަނިކޮށް ދަމާފައި ގެންދަން ފެށުމުން އިރުކޮޅަކުން އޭނަ އަމިއްލަ ބާރުގައި ހިނގައިގަތީ މިހުރާން ދޫނުކުރާނެކަން އެނގުމުންނެވެ. މިހުރާން އޭނަ އާއި ދޭތެރޭގައި މިހާ ނިކަމެތިކޮށް ކަންތައް ކޮށްފާނެކަމަކަށް އޭނަ ހިޔެއްނުކުރެއެވެ. އޭނަ ލޯބިވީމަ މިހުރާން އެކަމުގެ ބަދަލުދޭންވީ މިގޮތަށް ހެއްޔެވެ؟ މިހުރާން އޭނަދެކެ ލޯތްބެއްވަނީއެއް ނޫނެވެ. އޭނަގެ ހިތެއް ނުވާކަމަށް ހީކުރަނީ ހެއްޔެވެ؟ ނޫނީ ޝާހީ އާއިލާއެއްގެ މީހަކަށް ނުވީމަހެއްޔެވެ؟ މިހުރާން އޭނަ ގެންގުޅެނީ އެކަނި ހިތްއުފާކޮށްލުމަށެވެ.
ކޮޓަރިއަށް ވަނުމަށްފަހު މިހުރާން އެއްވެސް ކަމެއް ހަނދާންހުރިހެން ހިޔެއްނުވެއެވެ. މީރާ ނިދާހެދުން ލާން ފެށުމުން ފަހަތުންގޮސް އެ ހާމަޔަށް ހުރި ބުރަކަށީގައި މިހުރާން ބޮސްދިނުމުން މީރާގެ މުޅިގައިގާ ކަރަންޓް ރާޅުބާނިތަކެއް ދުވެލިފަދަ އިހުސާސެއް ކުރެވުނެވެ. އަދި މިހުރާންގެ އިސްތަށިގަނޑު ގައިގައި ޖެހުމުންވެސް އަރާމު އިހުސާސެއް ކުރެވުނެވެ. އެއިން ކޮންމެ އިހުސާސަކުން މީރާގެ ހިތަށް ލިބޭ ހަމަޖެހުން ލަފުޒުތަކަކުން ބަޔާންކޮށެއް ނުދެވޭނެއެވެ. އެކަމަކު މީރާ މިރޭ ހުރީ މިހުރާންގެ "ލޯބި" އިމްތިހާނު ކުރަންވެގެންނެވެ. އަވަހަށް ދުރަށް ޖެހިލާފައި ނޫނެކޭ ބުނެލުމުން މިހުރާންގެ މޫނުމަތީގައި ޖެހި އެތިފަހަރަކަށްވިއެވެ. މީރާގެ ގައިގައި ހިފާ ގާތަށް ދަމައިގަނެ، އިސްތަށިގަނޑު އަތަށް އޮޅައިގަތްއިރު އެލޮލުން ކަނިބުރާލިހެން ހީވިއެވެ.
"ރެން، އަހަރެން މިހިރީ ވަރުބަލިވެފައި، އަދި މި ޚަބަރު ނުބުނެ ހުރެވުނީތީ ސޮރީ ހަނީ، އައިމް ޕްރެގް......" މީރާ ގެ އެ ޖުމްލައިން މިހުރާންގެ ސިކުނޑިއަށް ހީވީ އެތައް ޓަނެއްގެ ބުރަދަން އޮއްސައިލެވުނު ހެންނެވެ. ކިޔާނެ އެއްޗެއް ނޭގިފައި އިރުކޮޅެއް ވާންދެން ބަލަހައްޓައިގެން ހުރެވުނީ ޝޮކެއްގައެވެ. މިހުރާންގެ ސިކުނޑި މަސައްކަތްކުރަން ފެށުމުން ވަގުތުން އެންގީ ދަރިފުޅު ވައްޓައިލުމަށެވެ. މީރާ ވަގުތުން ދެކޮޅުހެދިއެވެ. ފުރާނަ ހުރެގެން ނޫނީ އެދަރިފުޅަށް މިހުރާންއަށްވެސް ގޮތެއް ހަދައިނުލެވޭނެކަމަށް ބުނީ ކެރިހުރެގެންނެވެ.
"ސޮރީ ރެން، އަހަރެން މިލީނާ ހެން ބަލިކަށިއެއްނުވާނެ، އަހަރެންގެ ލޯބީގެ ނިޝާނަށް ކަމެއް ވިޔަނުދޭނަން ފުރާނަ ހުރެގެން، ރެން ބޭނުމިއްޔާ އަހަންނާއި އެކު އަހަރެންގެ ދަރިފުޅު މަރާލާ، އަހަންނަށް އެނގޭ ރެން ތިހެން އުޅެފައި ހަޔާތުން އަހަރެން ބާކީކުރާނެކަން، މިލީއަށް ދަރިއަކު ލިބުނީމަ އަހަރެން ބާކީވާނެކަން ނުވިސްނޭނީ ގަމާރަކަށް، ޔޫ ނޯ ރެން، މިހާރު އަހަރެން މިހިރީ އުފަލުން، ސަބަބަކީ ރެން ދޫކޮށްލާ ދުވަހަކުންވެސް އަހަރެންގެ ގާތުގައި ރެންގެ ހަނދާނެއްވާނެ، އެއީ އަހަރެންގެ ބޭނުމަކީ........" މީރާގެ ވާހަކަތައް އަޑުއަހަން ހުރި އިރު މިހުރާން އަށް ކެތްކުރެވުނީއެއްނޫނެވެ.
"ގެޓް އައުޓް...." މިހުރާން ދޮރު ހުޅުވާލި އިރު އޭނަ ހުރީ ގޮށްމުށްކަވާލައިގެންނެވެ. ލޯ ހަނިކޮށްލައިގެން ހުރިއިރު ރީތިކަން ވަކިން އިތުރުވެފައިވާކަމުގައި މީރާއަށް ހީކުރެވުނެވެ. މިހުރާން އާއި ނުލައި އޭނައަށް އުޅެވިދާނެބާވައެވެ.
"ރެން. މިވަގުތު އަހަރެން ދާނެ ތަނެއްނެތް..... އަހަރެން މަންމަމެން ކައިރިއަށް ދެވެންދެން ބަހައްޓަދީ.. ޕްލީޒް...ޕްލީޒް...." މީރާ އާދޭސްކުރަމުން މިހުރާންގެ އަތުގައި ހިފެހެއްޓުމާއެކު އަތް ވީއްލުވާލިއެވެ.
"މާލޭގެ މަގުމަތީގައި އެނބުރުނަސް އަހަންނަށް ހެޔޮ.... މަގޭ ކުރިމަތިން ދުރަށް ދޭ، ނޫނީ ރޯންޖެހިދާނެ..." މިހުރާން މީރާ ނުދާން އުޅެނިކޮށް ގަދަކަމުން ދަމާފައި ގެންދަން އުޅުމުން މީރާ ބިންމައްޗަށް ވެއްޓިގަތެވެ. މީރާ ބާރަކަށް ރޯންފެށިއެވެ. ޒަހުރާން އަދި އިއްބާނުވެސް ކޮޓަރިން ނިކުތީ އަޑުގަދަވެގެންކަން ނޭގެއެވެ. އޭރު މިހުރާން މީރާ ދަމައިގެން ސިޑިއާއި ދިމާލަށް ގެންދަނީއެވެ. އެގޮތަށް ބިންމަތީގައި އަޅާފައި އަންހެންކުއްޖަކަށް ނިކަމެތިކޮށް ހަދާތަން ފެނުމުން ޒަހުރާން އާއި އިއްބާނުއަށްވެސް ކެތްނުކުރެވުނީ ކަންނޭގެ އެވެ. ދެމީހުންވެސް ގޮސް އުޅުނީ މިހުރާން ހިފެހެއްޓުމަށެވެ. އޭރު މިޝެލިންވެސް ނިދާހެދުމުގައި ދޮރުމަތީގައި ހުއްޓެވެ. މިހުރާންގެ އަނިޔާވެރި ކަމާއިމެދު ހައިރާންވެ، ބިރުގެންފައެވެ. ހުރިހާ ފިރިހެނުންވެސް ރުޅިއައީމަ ތިމާ ލޯބިވާ ކުއްޖާއަށް ކޮންމެފަދަ ގޮތެއްވެސް ހަދާފާނެކަން ނޭގެއެވެ. މިލީނާއަށްވެސް އަނިޔާކުރާނެކަން ޔަގީނެވެ. ހާދަ ގޯހެވެ. ހާދަ ނުލަފައެވެ.
މީރާ ފާރު ކައިރީގައި ބިންމަތީގައި އިށީނދެލައިގެން އިނދެ ރޮއިރޮއި ހަލާކުވަނީއެވެ. އެލީސާ ވެސް ދުވެފައި އައީ ގޭތެރޭގެ ހަނގުރާމަ ބޮޑުވެގެންނެވެ. ހައިތަމްވެސް ސިޑި ކައިރީގައި ހުންނަވާފައި މިހުރާންއަށް ގޮވާލާފައި ތިރިއަށް އައުމަށް އެދިލެއްވިއެވެ. އާއިލާގެ ހުރިހާ މެމްބަރުންނަށް ބޭޒާރުވުމުން މިހުރާން ހުރީ ކުޑަކޮށް ރަކިވާގޮތްވެފައެވެ. ބައްޕަ ގޮވައިލެއްވީމަ ނުގޮސް ހުންނާކަށްވެސް ނުކެރުނީއެވެ. ރުޅިއަންނަ ވަގުތުގައި ވެސް އޭނަ ބައްޕައަށް އިހުތިރާމްކުރެއެވެ. އެހެންނޫންނަމަ މިވަގުތު އޭނަ ހުރީ އެހެންމީހަކު ބުނާއެއްޗެއް ގަބޫލު ކުރާގޮތަކަށް ނޫނެވެ.
"މީރާ، ކިހިނެއްވީތަ....." އެލީސާ މީރާ ތެދުކޮށްލާފައި ބުރަކަށީގައި ފިރުމާލިއެވެ. މާބޮޑުކަމަކާއި ނުލައި މިހުރާން ރުޅި އިސްކުރީ ކަމަށް މީރާ ރޮވިފައި އިނދެ ބުނުމުން އެލީސާ އެވާހަކަ ގަބޫލުކުރިއެވެ. މިހުރާން އާއި ދެކޮޅަށް ބުނެލެވޭ ކުޑަ އެއްޗަކުންވެސް ހަމައިން ނައްޓާލަފާނެއެވެ. އެލީސާ އެދުނީ މީރާ ތިރީ ގެސްޓް ރޫމެއްގައި ހުރުމަށެވެ.
"އާންޓީ ތޭންކްސް، އެކަމަކު ރެން ބޭނުމެއްނުވާނެ އަޅުގަނޑު މިގޭގައި ހުންނަން، އަޅުގަނޑު ހޮޓަލެއްގައި ހުރެދާނަން ރަށަށް ދެވެންދެން..." މީރާ ކުޑަ ހިނިތުންވުމަކާއި އެކު ވާހަކަ ދެއްކިއިރުވެސް އޭނަގެ ހިތަށް ކޮށްފައިވާ އަސަރު ލޮލުން ފެންނަން ހުއްޓެވެ. އެލީސާގެ ހިތް މީރާއާއި މެދު ހަމްދަރުދީއިން ފުރުނެވެ. އޭނަގެ އަމިއްލަ ދަރިއަކަށް ވިޔަސް މި މައްސަލައިގައި އޭނަގެ ގާތުގައި ކުށްވެރިވީ މިހުރާން އެވެ. މިހުރާން އެގޮތަށް އަންހެންކުދިންގެ ހިތްތަކާއި ކުޅުމަކީ އޭނަގެ ނަޒަރުގައި ވަރަށް ބޮޑު ކުށެކެވެ.
މީރާ ގަޑި ބަލައިލި އިރު މެންދަމުން އަލިވެ އެކެއް ޖަހައިފިއެވެ. ހޮޓަލެއް ލިބުމަކީވެސް ފަސޭހަކަމަކަށް ނުވާނެއެވެ. އެންމެފަހުން އޭނަ ގުޅާލީ މާލޭގައި އުޅޭ އެކުވެރި އަކަށެވެ. އޭނަ ބުނީ ކާރެއް ފޮނުވައިދޭނެކަމަށެވެ.
އޭނަ މިހުރާން އާއި އެކުގައި އައީ އާއިލާ އާއި، ހުރިހާ އެއްޗެއް ދޫކޮށްލާފައެވެ. މިހުރާން އޭނަދެކެ ތެދުވެރި ލޯތްބެއްވިނަމަ މިހެނެއް ނުވީހެވެ. ނޫނީ ކުށްކުރެވުނީ އޭނައަށް ހެއްޔެވެ؟ މައުސޫމް އަންހެންކުއްޖެއްގެ ކަރުނަ އާއި ދުޢާއިން މީރާގެ ދިރިއުޅުންވެސް ބަރުބާދުވީ ކަންނޭގެ އެވެ. މިލީނާވެސް ހާދަ ދެރަވާނެއެވެ. ހާދަ ވަރަކަށް ކަރުނަ އޮއްސާނެއެވެ. މީރާއަށް އެކަން އިހުސާސް ކުރެވުނީ މިރޭގައެވެ. އެންމެ ރަނގަޅު ވާނީ އެމީހުންގެ ދިރިއުޅުމުން އޭނަ ދުރަށް ދިޔައްޔާއެވެ. އޭރުން މިހުރާންއަށް ހެޔޮ ވިސްނިގެން މިލީނާގެ ހަޔާތް އާބާދުކޮށްދީފިއްޔާ ރަނގަޅެވެ. އަމިއްލަ އުފަލަށްޓަކައި އެހެން އަންހެންކުއްޖެއްގެ ދިރިއުޅުން ހަލާކުކޮށްލާކަށް ނުވާނެއެވެ. ދެމަފިރިއެއްގެ ދޭތެރެއަށް ވަންނާކަށް ނުވާނެއެވެ. މީރާގެ ގިސްލާފައި ރޯންފެށި އިރު އިނދެވުނީ ކޮންތަނެއްގައި ކަމެއްވެސް ނޭގުނެވެ.
"ކިހިނެއްވީތަ؟ " ކާރުގައި އިން ޒުވާނާ ކަންބޮޑުވެފައި އޯގާތެރި ގޮތަކަށް ސުވާލުކޮށްލިއެވެ. އެހަމްދަރުދީގެ އެންމެ ލަފުޒުން އަދި މާބާރަށް މީރާއަށް ރޮއިގަނެވުނީއެވެ. އެ ޒުވާނާ އިނީ އިންތިހާއަށް ކަންބޮޑުވެފައެވެ. އެކުވެރިޔަކު ގުޅާފައި އޭނަގެ ގާތުގައި ކަމެއްކޮށްދޭން ބުނިއިރު މިހާ ރީތި އަންހެންކުއްޖެއްގެ ޒިންމާ ނަގަން ޖެހިދާނެކަމަށް ހިޔެއްނުކުރެއެވެ. އަދި މިފަދަ ހިތާމަވެރި ގިސްލުމެއްގެ އަޑު މުޅި ހަޔާތުގައިވެސް އަހާފައިނުވާތީ އޭނަގެ ގައިން ހީބިހި ހަލުވައިލިއެވެ. ދެރަވެގެންގޮސް އޭނަވެސް ފެންކަޅިކުރުވިއެވެ.
މީރާގެ ކަންނެތްކަމުގެ ސަބަބުން ކޮންމެވެސް ވަރަކަށް ފޫހިވެފައި ހުއްޓާ މިރޭ ހިނގި ހާދިސާގެ ސަބަބުން މިހުރާންއަށް ކެތްނުކުރެވުނީއެވެ. ގޭގައި ރޯޒާ ލައްވާ ކުދިކަންތައް އަބަދު ކުރުވާތީ ރޯޒާވެސް ހުންނަނީ މީރާދެކެ ހިތްހަމަނުޖެހިފައެވެ. އެވަރުން ނުވެގެން ކޮޓަރި ސާފުކުރުވާ، ހެދުން ދޮއްވަނީ ރޯޒާ ލައްވައެވެ. ރޯޒާ މިހާރު ކިޔަނީ އެގެއިން ދާ ވާހަކައެވެ. މަންމަ މިހުރާންއަށް އަންގާފައިވަނީ މީރާގެ އުޅުން ބަދަލުކުރުވުމަށެވެ. މީރާ ވަޒީފާ އަކަށް ނުދަންޏާ ކުދިކުދިކަންތައް ކުރެވެން ޖެހޭނެކަމަށް މަންމަވަނީ ބުނެފައެވެ. މިހުރާންއަށްވެސް މަންމަމެން ދައްކާ ވާހަކަ ގަބޫލުކުރެވުނެވެ. އަންހެންކުއްޖެއްވިއްޔާ ކޮންމެވެސް ވަރަކަށް ފިރިމީހާގެ ކަންތައް ކޮށްދެވެން ޖެހޭނެއެވެ.
މިހުރާން ކޮޓަރިއަށް އައުމަށްފަހުގައި އޭނަ އޮތީ ނުނިދިފައެވެ. ކުށްވެރިޔަކީ މީރާކަން ހިތަށް ވިސްނައިދޭން މަސައްކަތް ކުރިޔަސް މިރޭ ހިނގިކަންތައް އިންސާފުކުރެވޭނެ އެއްވެސް ގޮތެއް ނެތެވެ. ނިކަމެތި އަންހެންކުއްޖަކަށް އެގޮތަށް އަތް އިސްކޮށް އަނިޔާކުރުމަކީ ފިރިހެނެއްގެ ފިނޑިކަން އަންގައިދިން ކަމެކެވެ. އޭނަ މީރާ އާއި މެދު އެހެން ކަންތައްކޮށްގެން ނުވާނެއެވެ. މާފަށްވެސް އެދެންޖެހޭނެއެވެ.
ހައިތަމް އާއި އެލީސާ ވެސް ކުއިލްޓްދަށުގައި އަރާމުގައި ތިބިނަމަވެސް ލޮލަށް ނިންޖެއްނައެވެ.
"ކުށްވެރިކުރަންވީ މީހެއް ނޭގޭ، ރެން އަދިވެސް އެ ރުޅިގަދަ ބައި މައިތިރިކުރާކަށް ނޫޅޭ، ރެންގެ ލައިފްވެސް ހަލާކުވެގެން އެދަނީ، މިލީ ޕްރެގް އިރު މިލީއާއި ވަކިވެ ކައިވެނިން ބޭރުގައި ގެންގުޅުނުކުއްޖާ އެ ދޫކޮށްލީ، އެކުއްޖާ ޕްރެގްވެއްޖެއްޔާ ކިހާ ދެރަ، ރެން އިލިސިޓް ރިލޭޝަނަކަށް ދިޔައިމަ އެނގޭ ކޮންމެވެސް ގޮތަކުން ދީނީ ބައިތައް ރަނގަޅަށް ކުދިންނަށް ކިޔަވައިނުދެވުނީމަކަން އެހެންވެސް އެވީ، ރެން ކުރާހާ ވިޔާނުދާ ކަމެއްގެ ޒިންމާ އަސްލު އެޅެނީ ދެމީހުން ބޮލުގައި، އަދި ރެއިން އާއި ޒިލާވެސް އެހާ ހަމަޖެހޭހެނެއް ހިޔެއްނުވޭ، ނަސީބެއް ބޫ އާއި ޝެލް އުފަލުގައި އުޅޭކަން، ކުދިންގެ މެރީޑް ލައިފަށް އެހެން ދިމާވީ އެރެންޖް މެރިޖްގެ ސަބަބުންތަ؟ އަޅެ ހަނީ ބުނެބަލަ، މިވަނީ ކިހިނެއްތަ؟ ކުދިން ހިތާމައިގާ ވާތަން ދެކެން ކުޅަދާނައެއްނޫން، ކުދިންނާއިމެދު ވިސްނަމުންގޮސް ބޯ ހަލާކުވޭ...." އެލީސާގެ ލޮލުގައިވާ ކަރުނަތައް ހައިތަމް ފޮހެލަދެއްވިއެވެ. ނުރޯން އެދިލެއްވިއެވެ.
"ޅަ އުމުރުގައި އެހެން އުޅުނަސް އަދި ދަރިން ލިބި ހަމަޔަކަށް އެޅުނީމަ ކުދިންނަށް ވިސްނިގެން ރަނގަޅުވާނެ، ކުދިންނަށް ދަސްވާނީ ހެދޭ މިސްޓޭކްތަކުން، އިބުރަތްތައްވެސް ލިބޭނެ، އަހަރެންގެވެސް ފުރާނަފަދަ ލޯބިވާ ކުދިންނަށް ޓަކައި މިހިރީ ކޮންމެފަދަ ކަމެއްވެސް ކުރަން ތައްޔާރަށް، އަހަރެން ދެން ރެން ގޯސް މަގަކުން ހިނގިޔަކަ ނުދޭނަން... އަހަރެމެންގެ ބޭބީސްއިންނަށް ރަނގަޅުގޮތެއް މެދުވެރިކުރެއްވުމަށް އެދި މާތް ﷲއަށް އަބަދު ދުޢާކުރަން، އެހެންވީމަ އެލީވެސް ގޯޑްއަށް ޓްރަސްޓްކުރޭ........." ހައިތަމްގެ ވާހަކަތަކުން އެލީސާގެ ހިތަށް ކުޑަ ފިނިކަމެއް ލިބުނެވެ. ނަމަވެސް މިހުރާން އާއި ދޭތެރޭގައި ޚާއްސަކޮށް އެލީސާ ވިސްނަން ޖެހޭ ސަބަބެއް އެބައޮތެވެ.
ޒިލާ ކަލެންޑަރު ބަލާފައި އެއްދުވަސް ފާއިތުވީމަ އިންތިހާއަށް ކަންބޮޑުވިއެވެ. އެހާ ގަވާއިދުން މަހުން މަހަށް އެ ދުވަސްކޮޅު އަންނަ ކުއްޖަކަށް މިފަދަ ގޮތެއް ދިމާވުމަކީ އާދައިގެ ކަމެއް ނޫންކަން އޭނައަށް ޔަގީންވިއެވެ. އެންމެ ދުވަހެއް ލަސްވުން ވެގެން ދިޔައީ ޒިލާއަށް ބިރުވެރި ހުވަފެނަކަށެވެ. ހެދުނުން ފެށިގެން ސަތޭކަ ވަރަކަށް ފަހަރު ފާޚާނާއަށް ވަދެ ޗެކްކޮށްލެވިއްޖެއެވެ. ކުދި ކަންތަކާއި ރުޅިގަދަވަމުން ގޮސް ޒަހްރާން ގެއަށް އައި އިރު ޒިލާ ހުރީ ހަމައިން ނެއްޓޭވަރުވެފައެވެ. ޒަހުރާންއަށް ޒިލާގެ މޫޑު ރަނގަޅުނޫންކަން ފާހަގަކުރެވުނެވެ. އާދައިގެ މަތިން ޒެފަން ފެންވަރުވައިލާ ރީތިކޮށްލާފައި، ޒަހުރާން ލެޕް ހިފައިގެން ގޮސް އިށީނީ ބެލްކަނީގައެވެ. ޒިލާ އެކިކަންތަކުގައި އުޅުނު އިރު ކޮންމެ ކަމެއްކުރީ މުރަނަކޮށެވެ. ހީވަނީ ޒިލާގެ އަތް ދަގަނޑުން ވާ ހެންނެވެ. އެއްޗެއް ތަނެއްގައި ބެހެއްޓިޔަސް އަޑުފަށްގަނޑު ގަދަކަމުން ސިއްސައިގެން ދާވަރުވެއެވެ. އެކޮޓަރީގެ ތެރެއިން ޒެފަން ގެ ކުޑަކޮޓަރިއަށް ވަދެވޭ ބައިން ޒެފަން އިރުއިރުކޮޅާ ކުޅޭއެއްޗެއް ގެނެސް އުދަގުލެއްކޮށްލީމަ ޒިލާ ހަޅޭއްލަވައިގަނެފައި އަޑުނުލާ ފަހަރެއް ނާދެއެވެ.
"އެވަރަށް ބުނީމަ ފަހަރަކު އެއްޗެއް އެބަ ނެރޭ، އެންމެ ފަހުން މި ބައިސްކަލް ގަނޑު.... ތަނެއް ރީތިކޮށްފައި ބެހެއްޓޭ ވަރެއްވެސް ނުވޭ، ދެން މިކުއްޖާގެ ބައްޕަ ކިޔާނެ މަ ހަޑިކުރަނީއޭ....... ދެންވެސް ހިމޭނުން މިނިޓަކަށް އިނދެބަލަ ޒެފަން....." ޒިލާ ކުއްލިއަކަށް ޒެފަން އުރާލާފައި ތަންކޮޅެއް ބާރަށް އެނދުމަތީގައި ބެއިންދީ ދަތްވިކާލައިގެން ހުރެއެވެ. ޒެފަން ފުރަތަމަ ފަހަރަށް އޭނަގެ މަންމަގެ އަތުގައި ވިކައިގަތެވެ.
"އާ......" ޒިލާ ރުންކުރުވެފައި ހަޅޭއްލަވައިގަތީ އަޑުކޮޅަށެވެ. ޒަހުރާން ނުދެނެހުރިކަމަށް ހަދާލައިގެން އިނދެފައިވެސް އެނބުރި ބަލައިލެވިއްޖެއެވެ. އޭރު ޒެފަންވެސް ދެލޯ ބޮޑުވެ، އިންތިހާއަށް ދެރަވެ، ރޮވޭގޮތްވެއްޖެއެވެ.
"ޑެޑީ އެކޭ ތަފާތެއްނެތެއްނު، މާ އިނޮސެންޓްވެ، ބަސްއަހައިގެން އަނގައިން ނުބުނެ އިނދެފައިވެސް ތަދުކޮށްލަން އެނގޭނެ، އަދި ބޮޑުވެގެން ގާލްސްއިންގެ ހާޓް ބްރޭކްކޮށްފައި ރޮއްވާނެކަން އެނގޭ، ބައެއްފަހަރު އިރިޓޭޓްވެގެން ގޮސް ބޯ ހަލާކުވޭ، ބޫގީމެން ވިލް ގެޓް ޔޫ އިނގޭ ޒެފް..........." ޒިލާ އިނގިރޭސިން ފަތިވަރެއް އަމުނައިލުމުން ޒެފަން އެނދުން ފުންމާލައިގެން ތުއްތު ފިޔަވަޅުއަޅަމުން ނުކުތީ ބެލްކަންޏަށެވެ. ޒަހުރާންގެ ފައިމަތީ ބޯ އަޅާލުމަށްފަހު ނިކަން ލޯބި ހިނިތުންވުމެއް ދިނުމުން ޒަހުރާންގެ ހިތް ލޯބިން ފުރުނެވެ. ވަގުތުން ކުރަން އިން މަސައްކަތް ހުއްޓައިލުމަށްފަހު ދަރިފުޅު އުރާލައިފިއެވެ. ޒަހުރާން ގެއަށް އައުމަށްފަހު ޒެފަންގެ ހުރިހާކަމެއް ކޮށްލާފައި ކުޅެން ބައިންދާފައި، އަމިއްލަ ކަމެއްގައި އިރުކޮޅަކަށް އިނަސް ޒިލާ އެވަރަށް މައްސަލަ ޖައްސާނެއެވެ. މިއަދު ވަކިން ޒިލާ މައްސަލަ ބޮޑުހެން ހީވެއެވެ.
ޖެހިގެން އައި ދުވަހު ޒިލާ ކެތްނުކުރެވިގެން ކައިރި ފިހާރަ އަކަށް ގޮސް ކިޓެއް ނަގައިގެން އައިސް ޓެސްޓް ހަދަން އުޅުނު އިރު އޭނަ ގެ ހިތް ހުއްޓިދާނެހެން ހީވިއެވެ. މުޅި ކުއްޖާ ފިނިވެފައިވެއެވެ. ނަތީޖާ ފެނުމުން ޒިލާ އަނބުރައިނުގަތީ ކިރިޔާއެވެ. ދެރަވިވަރުންނާއި، ރުޅިގަދަވިވަރުން ކެތްކުރެވުނީއެއް ނޫނެވެ. ލޮލުގެ އެސްފިތަކުގައި ބޮނޑިވެގަތް ކަރުނަތައް ހުރީ އޮހެން ތައްޔާރުވެފައެވެ.
ޒަހުރާން ކޮޓަރިއަށް ވަންއިރު ޒެފަން ފެންނާކަށް ނެތެވެ. ޒިލާ އޮތީ ސޯފާގައި ހަށިގަނޑު ދަމާލައިގެން މޭމަތީގައި ބާލީސް ބާއްވައިގެން ވިސްނުމެއްގައެވެ. ޒަހުރާން ޒެފަން ހުރިތަނެއް އަހައިލުމުން ތަންކޮޅެއް ބާރަށް މިޝެލިން ގާތުގައޭ ބުނީ، ޖަވާބު ނުދީފާނެހެން ހީވާހާ ވަގުތު ކޮށްލާފައެވެ. ޒަހުރާން ޑޯލްޗޭ އެންޑް ގަބާނާ ބްރޭންޑްގެ އަގު ބޮޑު ގަމީހެއްލައިގެން ހުރިއިރު ޝަޚުސިއްޔަތު ވަރުގަދަވެފައި، ސްމާޓްކަމުން އަންހެންކުދިންނަށް ދެވަނަފަހަރަށް ބަލައިލަން މަޖުބޫރުކުރާފަދަ ގޮތެއް ހުއްޓެވެ. ޒަހުރާން ރީތިވާ މޭޒު ކައިރީގައި ހުއްޓިލާފައި ގަމީހުގެ ގޮށްތައް ނައްޓަން ފެށުމުން އެ ތަނަވަސް މޭމަތި ހާމަވެގެން ދިޔައެވެ. ޒިލާއަށްވެސް އެސްފިޔަޖަހައިލަން ނޭގިފައި އިރުކޮޅެއްވާންދެން ބަލަހައްޓައިގެން އޮވެވުނެވެ.
"ރެއިން، އަހަރެން ވަރަށް ފޫހިވާކަމެއް ވެގެން ދިމާވެގެން މިއުޅެނީ....." ޒިލާ ކުއްލި އަކަށް ތުންފަތް ވަށްކޮށްލާފައި، ބުމަ ގޮށްޖަހާލައިފިއެވެ.
"ޓެލް މީ...." ޒަހުރާން ބަލައިވެސް ނުލާ އެހެން ބުނުމުން ޒިލާ ވަކިން ފޫހިވިއެވެ.
"އަހަރެން މިއަދު ޓެސްޓް ހެދިއިރު ޕްރެގްކަމަށް ދެއްކީ، ހާދަރުޅިއެއް އައޭ.. މިއަށް ވުރެ ރަނގަޅުވާނެ މަރުވިޔަސް، އައި ހޭޓް ބީންގް ޕްރެގްނެންޓް........." ޒިލާ ސޯފާއިން ތެދުވެ ބާލީސް ދުރަށް ހޫރާލައިފިއެވެ. ޒަހުރާންގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިގެން ދިޔަތަން ފެނުމުން ޒިލާ ހައިރާންވިއެވެ. ޒަހުރާން ގަސްތުގައި އޭނައަށް ދިން ލަނޑެއްބާވައެވެ. އޭނަ ކުރިން ފަހަރު އުޅުނު ހާލުވެސް އެންމެ ގާތުން ފެނިފައި ހުންނާނީ ޒަހުރާން އަށެވެ.
"އަހަރެން ބޭނުމެއްނޫން އިތުރު ދަރިއެއް، ޒެފް އެހާ ނޯޓީ އިރު ކިހިނެއް ދެވަނަ ދަރިއެއް ބެލޭނީ، ނުވާނެ މަށަކަށް، އަދި ފިރިހެނަކަށް ވެއްޖެއްޔާ ހަމަ މޮޔަވާނެ، ނޭގޭ ރެއިންގެ މަންމަ ތިން ފިރިހެނުން ރެއިޒް ކުރިގޮތެއް........" ޒިލާ ތެދުވެގެން ގޮސް ރީތިވާ މޭޒަށް ލެނގިލަމުން ޒަހުރާންގެ މޫނަށް ނަޒަރު ހުއްޓާލިއެވެ. ޒަހުރާން އެއްޗެކޭ ނުބުނީ ޒިލާގެ ގޮތް ރަނގަޅަށް އެނގޭތީއެވެ.
"ރެއިން އެއްޗެކޭ ނުބުނެ ތިހިރީ ކީއްވެތަ؟ ރެއިން އަށް ނޫނޭ އުދަގޫވާނީ، ވޮމިޓްކޮށް އެހާ ޓަޔަޑްވެ، ވިހަން ޖެހޭނީވެސް މަށޭ.... ނުވަމަސް ވާންދެން ރަނގަޅަށް ނުނިދާ އެތައްވަރަކަށް ސަފަރ ކުރަން ޖެހޭނީ ރެއިން އެއް ނޫން، ލަނޑެއް ދެވުނީމަ އަދި ކިހާ ސްމައިލީވެފައި ތިހިރީ، އެންމެ ހެއްވައީ ރެއިން ބޭނުންވާ ގަޑިއެއްގައި އެކަން ކުރަން ޖެހެނީ، އަހަރެން ބޭނުންވާ ދުވަހަކުން ޓަޔަޑް ނޫނީ ބިޒީވެފައި، އަހަރެން ރޮމެންޓިކްކޮށް އުޅެން ބޭނުންވިޔަސް އެކަމަކަށްވެސް ވަގުތެއް ނުވޭ.... ރެސްޓޯރެންޓަކަށް ނޫނީ ބޭރުތަނަކަށް ދާން ވިޔަސް ބިޒީވެފައި.... ރެއިން ބޭނުން ގޮތަކަށް ހުރިހާ ކަމެއް ދާން ޖެހޭނީ.. މިވެސް ހަމަ ޖެއްސުމަކަށް ކުރިކަމެއް ދޯ.... އެހެން ނޫންނަމަ އުޅޭނީވެސް ދުރުން ދޯ......." ޒިލާ ތުންފަތުގައި ބާރަށް ދަތްއަޅާލިއެވެ.
"ޒިލާ ބޭނުން ގޮތަކަށް ވިސްނާ...." ޒަހުރާން ހުރީ ހިތާހިތުން އުފާވެފައެވެ. މިއިން ދުވަހަކުވެސް އުފާނުވާވަރަށެވެ.
"ބުނެފީމެއްނު އަހަރެން މިކުއްޖާ ބޭނުމެއް ނޫނޭ، ޖެހޭނީ ހަމަ ބޭސް ހޯދަދޭން....." ޒިލާ ޒަހުރާންގެ ގަމީހުގައި ދެއަތުން ހިފާ ތަޅުވައިގަތެވެ.
"ޒިލާ...." ޒަހުރާން ޒިލާގެ ނާޒުކް އަތް ނިކަން ފަސޭހައިން ވީއްލުވާލާފައި ބާތުރޫމާއި ދިމާލަށް ހިނގައިގަތެވެ.
"އެބޯޓް ކޮށްދޭން ޖެހޭނީ..... އެހެން ނޫނީ....." ޒިލާ މި ކިޔެނީ ރަނގަޅު އެއްޗެއް ނޫންކަމެއްކަން ވިސްނޭއިރުވެސް ޒިލާ ހުރީ މިފަދަ ބޮޑު ބުރައެއް އުފުލަން ތައްޔާރަކަށް ނޫނެވެ. އޭނަ މިއުޅެނީ ޒެފަންގެ ފަހަރުގައި އުފުލި ބުރަ ހަނދާން ނައްތައި ނުލެވިގެންނެވެ. ޒަހުރާން ދޮރުލައްޕައިލަން އުޅެނިކޮށް ޒިލާ ގޮސް އެދޭތެރެއިން ދެމިގަންނަން އުޅެގަތުމުން ދޮރާއި ޒަހުރާން އާއި ދޭތެރޭ ފިތޭގޮތްވެ މޫނު ބާރަކަށް ޖެހުނީ ޒަހުރާންގެ މޭމަތީގައެވެ. ޒިލާއަށް ތަދުވިވަރުން ހަޅޭއްލަވައިގަނެވިއްޖެއެވެ.
"ލިސެން ޒިލާ، ތިއީ ދީނުގައި ހުއްދަކަމެއް ނޫންކަން، އެބޯޝަން ހެދުމަކީ ކިހާ ނުބައިކަމެއްކަން ހަމަ ނޭގެނީތަ؟ ބައެއް އަންހެނުން ދަރިން ނުލިބިގެން ހާދަ ހިތާމައެއް ކުރޭ، ޒިލާއަށް އެހާ ބޮޑު ނިއުމަތެއް ދެއްވީމަ އަދި ބޭބީއެއް ނައްތާލަން އުޅޭތީ ހަމަ ހައިރާންވެއްޖެ... ޒިލާ ހާދަ މޮޔައޭ، އެހެންނޫނަސް ޒެފްއަށްވެސް ސިބްލިން ކޮމްޕެނީ މުހިއްމުވާނެ، ކޮއްކޮއެއް ނެތީމަ ޒެފް ލޯންލީވެފައި ހުންނާނީ، ޒިލާ އަހަރެން ކޮންވިންސް ކުރަން އިތުރު ވާހަކަ ދައްކަން ހަދާނެކަމެއް ނެތް، އަހަރެންގެ ސަޕޯޓެއް ނުލިބޭނެ ތިކަމަކަށް، އަހަރެން ޑޮކްޓަރަކަށް ވީ މީހުންގެ ފުރާނަ ސަލާމަތްކުރަން... މަރާކަށް ނޫން.. ދެން ޒިލާ އިތުރަށް ތި ވާހަކަ ނުދައްކާތި........" ޒަހުރާން ބަލަން ހުރީ ނުރުހުމުގެ ނަޒަރަކުންނެވެ. ޒިލާއަށް ވިސްނުނީ ރުޅިއިސްކޮށްގެން ޒަހުރާންގެ ފަރާތުން އޭނަ ބޭނުންވާކަމެއް ނުވާނެކަމެވެ.
"ރެއިން، ޕްލީޒް ޕްލީޒް ޕްލީޒް. އައި ބެގް ޔޫ........ ޕްލީޒް ޑޫ ސަމްތިން.... ޕްލީޒް ރެއިން....." ޒިލާ ޒަހުރާންގެ ގައިގައި ބައްދައިގަނެގެން ރޯން ފެށުމުން ޒަހުރާން ޒިލާގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ. ޒިލާ ކޮންމެ އަގެއްގައިވެސް ދަރިފުޅު ނައްތާލަން ބޭނުންވިއެވެ. އެހެންނޫނީ އޭނަ މޮޔަވެދާނެއެވެ. ޒަހުރާންގެ ހިތުގައި އޭނައާއިމެދު ކުޑަ ކުލުނެއް ނޫނީ ހަމްދަރުދީއެއް ވިޔަސް މިފަހަރު އޭނަގެ ހިތުގެ އަޑުއަހާނެއެވެ. ނޫނީ އޭނަ ޒަހުރާންވއާއި ދުރަށް ދާނީއެވެ. ދުވަހަކު ނުފެންނަ ހިސާބު ދުރަށެވެ. އޭނަ މީހެއްގެ ކައިރީގައި ދުވަހަކު ކަމަކު އާދޭސްކޮށްފައެއްނެތެވެ. ވީއިރު ޒަހުރާން އަޑުނާހައިފިއްޔާ ޒިލާ ދުވަހަކު މާފެއް ނުދޭނެއެވެ. ދީނުގައި ހުއްދަ ނޫން ކަންތައް ކުރާ މީހުން މަދެއް ނޫނެވެ. އެންމެ ކަމެއް ކޮށްލިޔަސް ދީނުން ބޭރުވާނެކަމަކަށް ޒިލާ ގަބޫލެއްނުކުރިއެވެ.
މެންދުރު ކެއުމުގެ ގަޑީގައި ގޯލްޑެން ފެމިލީގެ ހުރިހާ މެމްބަރުން މޭޒުދޮށަށް ޖަމާވިއެވެ. ތަފާތު ވައްތަރުގެ ކެއުމާއިއެކު ފޮނި ދެއެއްޗެއްވެސް ހަދާފައި ހުއްޓެވެ. އިއްބާނު އާއި ދެމީހުން ޗޮކްލެޓް ޕުޑިންގް ތަށިކަމުން ދިޔައިރު ރަފާއިލް އިނީ އުދަގޫވެފައެވެ. އިއްބާނު އަނގައިގައި އެއް ސަމުސާ ލައްވާފައި، އަނެއް ސަމުސާ މިޝެލިން މީރުކޮށް ކާލާއިރު ދެކުދިން އުޅޭލެއް ލޯބިކަން ކޮންމެ މީހަކަށް އެނގޭނެއެވެ. ރަފާއިލް އިނީ ކާހިތްނުވެފައެވެ. ހިތަށް ކެތްވަނީއެއް ނޫނެވެ. އޭނައަށް އެހާ ރީތި ފުރުސަތެއް ލިބުމުން ދޫކޮށް ނުލެވުނުނަމައެވެ. އަމިއްލަ މޮޔަކަމާއި މެދު އަމިއްލަ ނަފުސަށް އެތައް ފަހަރު މަލާމާތް ކުރެވިއްޖެއެވެ. ރަފާއިލް ވިސްނަމުން ދިޔައީ އޭނަގެ ހަޔާތަށް މިޝެލިން ގެންނާނެ ގޮތެކެވެ. އިއްބާނުއަށް އަނިޔާއެއްނުދީ މިޝެލިން އޭނަގެ ގާތަށް ގެނުވާނެ ގޮތެކެވެ. ދުނިޔޭގައި ހުރިއްޔާ އޭނަ ހުއްޓާލާނީ މިޝެލިން ކާމިޔާބުކޮށްފައެވެ. އެހެންނޫނީ އޭނައަކީ ފިރިހެނަކަށް ނުވާނެއެވެ. ދުނިޔެއާއި ހަގުރާމަކޮށްގެންވެސް އޭނަގެ ލޯބި އޭނަ ހާސިލުކުރާނެއެވެ. ކުއްލިއަކަށް އައި މޮޅު ޚިޔާލަކުން ރަފާއިލްގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ.
އިރުވައި މޫސުމްގެ ރީތި ދުވަހެކެވެ. އަވިމަޑުވެފައި ހެޔޮވަރަކަށް ވައި ރޯޅި ޖެހެމުންދާއިރު ހީވަނީ ފަޒާގައި ލުއި ނާނާއެއް އަޅުވާލާފައިވާހެންނެވެ. މިޝެލިން ގަހުގައި އެލުވާފައިވާ ޖޯއްޔެއްގައި އޮތްއިރު ފަތްތަކުގެ ދޭތެރެއިން ފުރޭނިގެން އަންނަ ކޮކާ އަވިކޮޅުތައް އޭނަގެ ދޮންމޫނާއި ކުޅެމުންދާއިރު ނިކަން ރީއްޗެވެ. ތުންފަތުގައި ވާ ހިނިތުންވުމާއިއެކު މަޑުމަޑުން ލަވައެއް ކިޔާލާއޮތްއިރު އެ ހިމަ އިނގިލިތަކުން މިނިލެޕްޓޮޕްގެ ކީބޯޑާއި ކުޅެމުން ދިޔައީ ފަރިތަކަމާއި އެކުގައެވެ. އެކަނި އޮތްވާ މީހެއްގެ ހިލަންވެގެން ބަލައިލިއިރު ދާދި ކައިރީގައި ރަފާއިލް ހުރިތަން ފެނުނެވެ.
"ހާދަ ވަރަކަށް ހިތްމަޖެހިފައި ޝެލް ހުންނަހެން ހީވޭ، ބެން ގެ ބެޑް ޕަރފޯމެންސް އެކްސެލެންޓް ކަމުން ތަ؟" ރަފާއިލް މާނަވީގޮތަކަށް ބުނެލިއެވެ.
"ތިބުނީ ކީކޭތަ؟ "މިޝެލިންގެ މޫނަށް ކުޑަ ރަތްކަމެއް ވެރިވިއެވެ. އޭނަގެ ޒާތީ ކަންތަކާއި ސުވާލުކުރުމުގެ ހައްގެއް ލިބުނީ ކިހިނެއް ހެއްޔެވެ؟ އެމީހުންގެ ކޮޓަރީގެ ސިއްރުތައް ދެނެގަންނަން ސުވާލުކުރުމުން އެނގެނީ ރަފާއިލްގެ ނުލަފާކަމެވެ.
"އަހަންނަށް އެނގޭ ބެން އެކްސްޓެސީ ނަގާކަން، އެހެންވެ މިއަހާލީ، މިއީ ދޮގެއްތަ؟ ޝެލްއަކަށް ނުދޭތަ؟" ރަފާއިލްގެ ސުވާލުތަކުން މިޝެލިން އިނީ ހައިރާންވެފައެވެ.
"އެއީ ކޯންޗެއްތަ؟ ދުވަހަކު އަޑު ނާހާ ނަމެއް ތިކިޔަނީ...." މިޝެލިންއަށް ނީދެވިގެން އަހާލައިފިއެވެ. އޭނައަށް އިއްބާނު ނޭގޭވަރަށް ރަފާއިލް އަށް މި އެނގެނީ ކީއްވެ ހެއްޔެވެ؟ ރަފާއިލް އެކްސްޓެސީ އާއި ބެހޭ މައުލޫމާތު ކޮންމެވެސް ވަރަކަސް ހިއްސާކޮށްލުމުން މިޝެލިން ގެ ހަނދާނަށް އައީ ހަނީމޫން ދުވަސްކޮޅެވެ. އިއްބާނު ބޭހެއް ކެއުމުން މިޝެލިން އަހައިލުމުން އެއީ ޕެއިންކިލަރ އެއްކަމުގައި ބުނީ ލާނެތް ހިނިތުންވެލުމަކާއި އެކުގައެވެ. މިޝެލިން ބޭނުންތޯވެސް އަހާލިއެވެ. ރަފާއިލް ބުނިހެން އެދުވަސްކޮޅު އިއްބާނު ހީވީ ތަރިތަކުގެ ދުނިޔޭގައި އުޅުނުހެންނެވެ. އުފަލާއި ލޯބީގެ އިންތިހާއެވެ.
އިއްބާނު ބެލްކަންޏަށް ނިކުތްއިރަށް ރަފާއިލް އާއި މިޝެލިން މާ އެކަނިވެރިކޮށް ވާހަކަދައްކަން ތިބި މަންޒަރުން ހިތަށް ކަށިތަކެއް ހަރައިލެވުނުހެން ހީވިއެވެ. އޭނަގެ އެކުވެރި އަކަށްވެސް މިޝެލިން އާއި އެގޮތަށް ގާތްކަން ބޭއްވިގެން ވާނެކަމަކަށް އޭނަ ނުދެކެއެވެ. އޭނަ ހުރިތަނެއްގައި އަނގައިން ބުނުން މައްސަލައެއް ނޫނެވެ. ޑިއުޓީ ނިންމާލާފައި އައިގޮތަށް އޭނަ ހުރި މިޝެލިން ދެކެން ބޭނުންވެފައެވެ. އެކަމަކު މިގޮތަކަށް ނޫނެވެ. އިއްބާނު ސިޑި ގިރާކޮށްލާފައި ތިރިއަށް ފޭބިގޮތަށް ގޭގެ ފަހަތު ބަޔަށް ދިޔައެވެ. އޭރު ރަފާއިލް ފެންނާކަށް ނެތެވެ. އިއްބާނު އަވަސް ފިޔަވަޅުތަކެއްގައި ގޮސް މިޝެލިން އާއި އަރާހަމަވެ، ގުދުވެފައި ލެޕަށް ނަޒަރު ހުއްޓާލިއިރު މިޝެލިން ހިސްޓްރީ ފޮހެލަން ޖެއްސީއެވެ.
"ޝެލް.... ތި ޑިލީޓްކުރީ ކޯނޗެއްތަ؟" އިއްބާނުގެ ރީތި ދެލޮލުން ކުޑަކޮށް ނަމަވެސް ހިތްހަމަނުޖެހިފައި ހުރިކަމުގެ ކުލަވަރު ހިނދުކޮޅަކަށް ނަމަވެސް ފެނުނެވެ. މިޝެލިން އާއި ދެމީހުންނަށް އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބެވުނީ އެވެ. މިޝެލިންވެސް އިނީ ދޮގުހަދަން ނުކެރިފައެވެ. ޖަވާބެއް ދޭންވެސް ބިރުންނެވެ. އިއްބާނު ޑްރަގް ނަގާ ވާހަކައަކީ ހަގީގަތަކަށް ވެއްޖެއްޔާ އެފަދަ ވާހަކައެއް އޭނަގެ ކަންފަތަށް ފޯރައިގެން އިއްބާނު އަންނާނެ ރުޅިއެއް އެނގެނީއެއްވެސް ނޫނެވެ. މިޝެލިން ގާތުގައި އެއިން އެއްވެސް ވާހަކައެއް ނުބުނާނީ ގައިމު ކަމެއް ވީމަތާއެވެ. އިއްބާނު ތަންކޮޅެއް ބާރަށް ލެޕްގައި ދެއަތުން ހިފަހައްޓާލާފައި ލައްޕާލިގޮތުން މިޝެލިންގެ ހިތް އަވަސްވިއެވެ.
"އަހަރެން ބުނާ އެއްޗެއް ބޭބީއަށް ނީވެނީތަ؟ ކީއްވެ ޖަވާބެއް ނުދިނީ، އަހަރެންގެ ހިތާއި ތިގޮތަށް ނުކުޅެބަލަ......." އިއްބާނު މިޝެލިންގެ ގާތުގައި އިށީދެ ގަޔާއި ކާރިކޮށްލިއިރު ދެމޫނުވަނީ ޖެހި ފިތިފައެވެ. މިޝެލިންވެސް އިއްބާނުގެ ކަދުރާގައި އަތްއަޅުވާލިއެވެ.
"ތިގޮތަށް ޝައްކުނުކޮށްބަލަ ސްވީޓްހާޓް، އަހަރެން އަބަދުވެސް ހިސްޓްރީ ޑިލީޓްކޮށްލަމެއްނު، އެހާވަރުގެ ސިމްޕަލް ކަމަކާ އަހަރެންގެ ބޫ ބެއަރ ރުޅިއަންނާކަށް ނުވާނެ......." މިޝެލިން ސަމާސާ ގޮތަކަށް ހީލިނަމަވެސް ހިތް ތެޅޭވަރުން ހީވަނީ އޮބިނޯވެގެން ފުންމާލަފާނެހެންނެވެ. ރަފާއިލްގެ ސަބަބުން އެމީހުންގެ ކައިވެނީގައި ކުޑަ ކުޑަ ރެނދެއްވެސް ލައިގެން ނުވާނެއެވެ. އެހެންނޫނީ މިޝެލިންގެ ހިތް ހަލާކުވެދާނެއެވެ. އިއްބާނުއަކީ އޭނަގެ ފުރާނައެވެ. ހިތުގެ ވިންދެވެ. ހުރިހާ އުފަލެކެވެ. އިއްބާނު އާއި ނުލައި ދުނިޔެއަށް އެންމެ ނޭވާއެއް ލާކަށްވެސް އޭނަ ނޭދެއެވެ. އެހާވެސް ދެމީހުންގެ ހިތާއި، ފުރާނަ އަދި ހަށިގަނޑުވަނީ ގުޅި ލާމެހިފައެވެ.
އިއްބާނުއަށް އެވަގުތު މިޝެލިން ކޮންމެވެސް ކަމެއް ފޮރުވަން އުޅޭކަން ޔަގީންވިއެވެ. އެހެންނޫންނަމަ ރަފާއިލްގެ ވާހަކަ ނުބުނެވެންވީ ކީއްވެހެއްޔެވެ؟ އޭނަގެ ފުރާނަފަދަ ލޯބިވާކުއްޖާ އާއި މެދު ނުބައި ޝައްކެއް ކުރަން ބޭނުމެއްނޫނެވެ.
"ބޭބީ، ރަފާއިލް ބުނީ ކީކޭތަ؟" އިއްބާނު ވިސްނުންތެރި ކަމާއިއެކު މިޝެލިންގެ ދެލޮލަށް ބަލަހައްޓައިގެން އިނދެ އަހާލައިފިއެވެ.