މާޒިންގެ އާއިލާ ގަތަރުގައި ދެއަހަރުވާންދެން އުޅުމަށްފަހު މާލެ އާދެވުނީ އަނެއްކާވެސް ރަމަޟާން މަހެއްގައެވެ. މާލެއަށް މާބޮޑެތި ބަދަލުތަކެއް އައިސްފައި ނުވިކަމުގައި ވިޔަސް ޔަގީނުން ވެސް މިޝެލިން އާއި މިލީނާ ބަދަލުވެފައިވެއެވެ. ދެކުދިންގެ ހެދުން އެޅުމުގެ ވައްޓަފާޅި ވަނީ މުޅިން ބަދަލުވެފައެވެ. ސްކާފް އަޅާފައި، ކަޅު ހެދުމުގައި ތިބިއިރު ރީތިކަމުން ހީވަނީ ގަތަރު ކުދިންހެންނެވެ. އެކަމަކު މާލެ އައުމަށްފަހު ކަޅުހެދުން ލުމަކީ މިޝެލިން ދެކުނު ގޮތުން ބޭކާރުކަމެކެވެ. ކަޅު ހެދުން ދޫކޮށްލިޔަސް މިޝެލިން ބުރުގާ ނަގާކަށް ޚިޔާލެއް ނުކުރިއެވެ. އޭނަގެ ނުކިޔަމަންތެރި އިސްތަށިގަނޑު އިޝްތިހާރު ނުކޮށް ފަރު ޖެހިދާނެއެވެ. އެންމެން އިސްތަށިގަނޑާއި ބެހޭތީ މިޝެލިން އުޅެން ޖެހުނީ އުދަގޫވެގެންނެވެ. މިހާރު އެކަމާއި އަޅައިގެން އުޅޭނެ މީހަކު ނުވާނެތާއެވެ.

މާޒިން މެން އައީ އެމީހުން ކުރިން ތިބި ގެއަށެވެ. މާޒިން ދިޔައީ ދެއަހަރަށް އެތަން އެކުވެރިޔަކަށް ދޫކޮށްލާފައި ކަމުން އެތަން ލިބެން ދަތިކަމަކާއި ކުރިމައްޗެއް ނުވިއެވެ. މާޒިން އެ ބަޔާއި މެދު އެހާ ހިތްހަމަޖެހުނީ އަގުހެޔޮވެފައި، އުޅެން ފަސޭހަވީމައެވެ. އެކަމަކު މާލެ އައުމަށްފަހު އަނެއްކާ ވަޒީފާ އަކާއި މެދު ވިސްނައިލަން މަޖުބޫރުވިއެވެ. 

މިޝެލިން ފެންވަރާލައިގެން ނިކުތީ އެ ރީތި ލޫޅާފަތި ހަށިގަނޑަށް ފިޓްކޮށް އޮތް ކަޅާއި ހުދުގެ ޓޮޕްކޮޅަކާއި، ކަޅުކުލައިގެ ޓައިޓެއް ލައިގެންނެވެ. އިސްތަށިގަނޑު ފުނާނާޅާ، ތަރުތީބެއް ނެތި ވިހުރުވާލާފައި އޮތުމުން ވަކިން ރީތިހެން ހީވިއެވެ. މިޝެލިން ފަންކާ ބާރުކޮށްލާފައި އިސްތަށިގަނޑު ހިއްކުމުގެ ބޭނުމުގައި އެނދުގައި އޮށޯވެލައިގެން އޮތީ އެ ބަރު އެސްފިޔަތައް މަރާލައިގެންނެވެ. އުމުރުން އަށާރަ އަހަރުވުމުން ޅަގޮތްތައް ފިލިނަމަވެސް ކަންނެތްކަން އަދި މިޝެލިން އާއި ވަކިވީހެނެއް ހިޔެއްނުވެއެވެ. އާދައިގެ މަތިން މިލީނާ އުޅުނީ ތަންތަން ފޮޅައި ސާފުކުރުމުގެ މަސައްކަތުގައެވެ. ދެރައީ އޭސީ ހަލާކުވެފައި ހުރުމުން އުދާސްވާވަރުންނެވެ.

"ޝެލް، މިހިރީ ފަންގަސް ޖަހާފައިތަ؟ އެތަންމިތާގައި ހުދު އެއްޗެހިތަކެއް ޖަހާފައި އެބަހުރި....." މިލީނާ ހިރަފުސް ފޮޅުމުގެ މަސައްކަތުގައި އަވަދިނެތި އުޅުނު އިރު އެއޮތް ހިކިކުއްޖާ ވަރަށް މަސައްކަތުން ފަރުނިޗަރުތައް ދަމަން މަސައްކަތް ކުރިއެވެ.

"ދެން ކީއްކުރާނީ؟ ބައްޕަ ބުނުއްވީ މިގޭގައި އުޅޭ މީހުން މިގެއިން ދިޔަތާ ވީ އެންމެ މަންތެއް ކަމަށް، ދެން ކިހިނެއް އެހާ އަވަހަށް ފަންގަސް ޖެހީ، ވެދާނެ އޭސީ ހަލާކުވީމަ ކަމަށް، އެނީވޭސް ދިގު ދަތުރަކަށްފަހު މިއޮތީ ރޯދަ ވަރުބަލިވެފައި، ނިދާލާހިތްވަނީ..." މިޝެލިން ލޯހުޅުވާލާކަށް ޚިޔާލެއް ނުކުރިއެވެ.

"ބައްޕަ ނަމާދަށް ދުރުވިގޮތަށް ޚަބަރެއްނުވޭ، މި އެނދުތަކާއި އެއްޗެހި ދުރުކޮށްލާފައި ހިރަފުސްފޮޅާ މޮޕްކޮށްލައިގެން ނޫނީ މިތާގައި ނިދޭވަރެއް ނުވާނެ، ޝެލް ދޭބަލަ މަންމަމެން ރޫމަށް، މަންމަ މިހާރު އެ ރޫމް ސާފުކޮށްލަފާނެ، މޯލްޑް ކިޔާ ފަންގަސް ގެ ވައްތަރުތަކުން ސައިނަސް މައްސަލަތަކާއި، ގައިގައި ބިހިތައް ނަގާކަމަށް ވަނީ، ޔޫ ނޯ ވަޓް ޝެލް، ނުރައްކާތެރި ފަންގަސް އިން މީހަކު މަރުވެސް ވެދާނެ، ގިނަމީހުންނަކަށް ނޭގޭނެ އެމީހުންގެ ގޭގެއާއި އޮފީހުގައި ފަންގަސް ޖަހާފައި ހުއްޓަސް، އެލާޖީ މައްސަލައިގެ ސަބަބެއްވެސް ނުހޯދޭ............" މިލީނާ ފޮތިގަނޑަކުން އެތަންތަން ސާފުކުރަން ފެށިއެވެ.

"ފަންގަސް އިން މީހުން މަރުވާންވީ ކީއްވެތަ؟" މިޝެލިން އާފުރިލި އެވެ.

"ފަންގަސްއިން އުފައްދާ މައިކޯޓޮކްސިން ކިޔާ ވިހައެއްގެ ސަބަބުން މީހަކު މަރުވެދާނެ، އެނީވޭސް ޑޯން ވޮރީ ޝެލް، މި ވައިޓް ވައްތަރު އެހާ ނުރައްކަލެއް ނުވާނެ، އެކަމަކު ޝެލް އެލާޖީ މައްސަލަ އުޅޭތީ އެކަން ގޯސްވެދާނެތީ ޝެލްއަށް ޓަކައި މި މަސައްކަތް ކުރަނީ، ސޯ ތޭންކްސްއޭ ބުނެބަލަ..." މިލީނާ އެއް ލޯމަރައިލި އެވެ. އޭރު މިލީނާ ވެސް ހުރީ ކުޑަ ސޯޓުކޮޅަކާއި، ޕެޓީއެއްގައެވެ.

"އެކަމަކު ބޮޑަށް ސާފުކުރާ ދުވަހެއްވެއްޖެއްޔާ ކިނބިހި އެޅޭނީ، އެހެންވީމަ މަގޭ ތިއަރީއަކީ އެއްވެސް ތަނެއްގައި އަތްނުލާ ބެހެއްޓުން އަދި ޕެއިންޓު ނުކުރުން، ދެން ރެސްޓެއް ނަގާބަލަ، ތިހާ ހައިޕަރ ވެގެން އުޅޭކަށް ނުވާނެ....." މިޝެލިން އޮތީ މޫނުގައި ބާލީސް އަޅައިގެންނެވެ.

މިލީނާ އެނދުގެ ތަންދޮށަށް ފިހިގަނޑު ކޮށްޕާލައިގެން ފުހެނިކޮށް ހަރު އެއްޗެއްގައި ޖެހުނު ހެން ހީވެގެން މިލީނާ ބަލައިލި އެވެ. އެނދާއި ފާރާއި ދޭތެރެއަށް ފޯނެއް ވެއްޓިފައި އޮތްވާ ފެނުމުން މިލީނާ ހައިރާންވެ، އަންތަރީސްވިއެވެ.

"ޝެލް، ގެއްލުނު ފޯނު...." މިލީނާއަށް ބުނެވުނެވެ. މިޝެލިން ކުއްލި އަކަށް ދެލޯ ހުޅުވާލާފައި ފުންމައިގެން ތެދުވިތަން ފެނުމުން މިލީނާ ފޯނު ދިއްކޮށްލައިފި އެވެ.

"ތީތި ވޯކް ނުކުރާނެ ކަންނޭގޭ، ހިރަފުހާއި ތަތްތެޅިފައި ތި އޮތީ، ޝެލް ބެންގެ މަތިން ހަނދާނެއް ނުވޭތަ؟ އޭނަ ނެއިބަރ އަކަށް ނޫޅޭތީ ވަރަށް ފޫހި ދޯ، އެބައިގައި އުޅެނީ އެހެން ބަޔެއްނު...." މިލީނާ އަނެއްކާ އުޅެގަތީ ސާފުކުރުމާއިގެންނެވެ. މިޝެލިން ކިނބިހި އަޅަންފެށިއެވެ.

"މިލީ، ބުނީމެއްނު ތަންތަން ފޮޅަން ފެށީމަ މިހެން ވާނެއޭ......" މިޝެލިން ހެވިލާފައި ހުރެ އެހެން ބުނެފައި ބޭރަށް ނިކުމެ ހުރެ ފޯނު ޖައްސައިލަން އުޅުނީމަ އެކަމެއް ނުވިއެވެ. މިޝެލިންގެ ހިތުގައި އިއްބާނު ފޮނުވާފައިވާ މެސެޖްތައް ކިޔައިލުމުގެ ޝައުގުވެރިކަން އުފެދުނެވެ. ގަތަރުގައި ޑިޕްލޮމާ ހަދަން ކޮލެޖްގައި އުޅުނު އިރު، އެކި ޤައުމުތަކުގެ ފިރިހެންކުދިން ފެނިދެނިވި ނަމަވެސް މިޝެލިންގެ ހިތުން އެކަކަށްވެސް މަގާމެއް ނުލިބުނެވެ. އޭނައަށް ރީތި މީހުން ފެނުނެވެ. ތަފާތު ވައްތަރުގެ ރީތި މީހުންނާއި ދިމާވިއެވެ. އެކަމަކު އެއިން އެކަކަށްޓަކައިވެސް ހިތުގައި ވިންދެއް ނުޖެހިއެވެ. މާލެ އައުމާއިއެކު މާޒީގެ މައުސޫމް ލޯބީގެ ހަދާންތައް ފިލްމެއްގެ މަންޒަރު ފަދައިން ނިއުޅެންފެށިއެވެ.

"ފޯނު ނުޖެއްސުނުތަ؟" މިޝެލިން ގެއްލިފައި އިންދާ ފަހަތުން މިލީނާ އައިގޮތަށް މިޝެލިންގެ ފަހަތުގައި ހުރެފައި ބާރަކަށް އެހެން ބުނުމުން މިޝެލިން ސިހުނެވެ.

"ބެޓްރި ހަލާކުވެފައިކަމަށް ވާނީ، ވަރަކަށް ޓްރައިކޮށްފިން..." މިޝެލިން ތުންފަތުގައި ދަތްއަޅާލިއެވެ. އިއްބާނު ފޮނުވި މެސެޖްތައް އޭނަގެ ނޯޓްބުކްގައި ރައްކާކުރެވުނުކަން އެއީ ނަސީބެކެވެ. އެހެންނޫންނަމަ އިއްބާނު ގެ އެހުރިހާ ލޯބިން ފުރިގެންވި ވައުދުތައް ފޮހެވިގެން ދިޔައީއެވެ.

އަސުރު ނަމާދަށްފަހު ދަރުސް އަޑުއަހަން އިނދެލާފައި މާޒިން ނިކުމެގެން ހިނގައިގަތް ވަގުތު އެ ގޯޅިން ނިކުތް ބީ އެމް ޑަބްލިއު ކާރެއްގައި ނުޖެހުނީ ކިރިޔާއެވެ. އެ ކާރުގެ ބްރޭކް ޖައްސައިލުމުން މާޒިންއަށް ބޮނެޓްގައި ހިފައިލެވުނެވެ. ދެން ބަލައިލެވުނީ ކާރުގެ ޑްރައިވަރާއި ދިމާލަށެވެ. ޑްރައިވަރު ކާރުން ފޭބުމުން މާޒިންއަށް ލިބުނީ ޝޮކެކެވެ. ކުރިމަތީގައި ސޫޓެއްލައިގެން ހުރީ އޭނަގެ ބޭބެ ހައިތަމް އެވެ. އޭނަ އިންތިހާއަށް އިހުތިރާމްކުރި ފަރާތެކެވެ. 

"ދޮންބެ....." މާޒިންގެ މޫނު ރަތްވިއެވެ. މިފަދަގޮތަކަށް ދެމީހުން ބައްދަލުވެދާނެ ކަމަކަށް އޭނަ ހިޔެއް ނުކުރެއެވެ. ދުނިޔެއަކީ ކުޑަ ތަނެކެވެ.

"އާ ޔޫ އޯލްރައިޓް؟" ހައިތަމްއަށް ލިބުނު ޝޮކުގެ ސަބަބުން އިރުކޮޅެއް ވާންދެން ބަސް ހުއްޓިފައި ހުރެފައި ހިނިތުންވެލެއްވިއެވެ. 

"ޔާ، އައިމް ފައިން....." މާޒިން ހުރީ ހިގައިގަންނަން ނުކެރިފައެވެ. އާއިލާގެ ގުޅުން ކަނޑާލުމަކީ ދީނުގައި ހުއްދަކަމަކަށް ވެފައި ނުވާއިރު އޭނަ މިހިރީ ބަލާބޮޑުކުރި އާއިލާ އާއި ވަކިވެގެން މާދުރަށް އައިސްފައެވެ. އެފަހުން މިވީ ކިތައް އަހަރު ހެއްޔެވެ؟ ހާދަ އަވަހަށް ދުވަސްތައް މާޒީވެގެން ހިނގައްޖެއެވެ.

"މާޒިން، އަދިވެސް މާބޮޑު ތަފާތެއް ނެތް، ތަންކޮޅެއް މެޗުއަރ ވީކަން ނޫނީ ސިފަ ތަފާތެއް ނުވޭ، މަންމަ އާއި ބައްޕަ އެބައުޅޭ މާލޭގައި، ބައްޕަ ސްޓްރޯކެއް ޖެހިފައި ބަލިކޮށް އޮންނެވީ، އަބަދުހެން މާޒިންގެ ވާހަކަ އައްސަވާނެ، އެންމެ ފަހަރަކުވެސް ބައްޕައަށް ފެނިލަން ދާންވީނު، ބައްޕަގެ ފުރާނަ ނުގޮސް އޮތީ މާޒިން ފެންނަންވެގެން ކަންނޭގޭ، ހިގާ ގެއަށް ދާން......" ހައިތަމް މަޑުމަޑުން ހިންގަވާލައިފައި ދުރުވެ މާޒިންގެ ކޮނޑުގައި އަތް ބޭއްވިއެވެ. ހައިތަމްގެ ވާހަކަ އިވުމުން މާޒިން ފެންކަޅިވާގޮތްވިއެވެ.

"ބައްޕަ އަޅުގަނޑާއި އަނގައިން ބުނުއްވާނެހެން ހިޔެއްނުވޭ، މަންމަވެސް ރުޅި އަންނާނެކަން ޔަގީން، ބޭނުމެއް ނުވާނެ ބައްދަލު ކުރާކަށް...." މާޒިން އިސްޖަހައިލި އިރު އޭނަ ހުރީ ދެ ފިކުރުމަތީގައެވެ. ހަގީގަތުގައި އެ ފަދަ މާތް ބަޔެއް ދޫކޮށްލާފައި އޭނަ އައިސްގެން ނުވާނެއެވެ. އޭނައަށް ނަމެއް ދީ، އަމިއްލަ ދަރިއެއް ފަދައިން އިއްޒަތުގައި ބަލާބޮޑުކުރީމަ އެމީހުންގެ މޫނުގައި ކޮޅުފައިން ޖަހާފައި އައި އައުމަކީ އޭނަގެ ވިޔާނުދާކަމެވެ. އޭނަ ޖެހޭނީ އެ އިހުސާންތެރިކަމުގެ އަގު އަދާކޮށް އެމީހުންގެ ފަރާތުން މާފަށް އެދުމަށެވެ. މާޒިން އަމިއްލަ ނަފުސަށް މަލާމާތްކުރިއެވެ.

"މާޒިން، އެކަކު އަނެކަކަށް މާފުނުކޮށް ތިއްބާ ދުނިޔެއާއި ވަކިވެގެން ގޮއްސިއްޔާ ކުރާނެ ހިތާމަ މާ ބޮޑުވާނެ، އަހަންނަށް އެނގޭ މާޒިން ފިލައިގެން ގޮސް އުޅުނަސް މަންމަމެންދެކެ ލޯބިވާކަން، ލެޓްސް ގޯ......." ހައިތަމް އަމިއްލައަށް ކާރުގެ ދޮރު ހުޅުވާލަދިނުމުން މާޒިން ޖެހިލުންވެފައި ހުރެ ގޮސް ކާރަށް އަރައިފިއެވެ. އެ އިއްޒަތާއި، މުއްސަދިކަމުގެ ކުލަވަރު އޭނައަށް މިފަހަރު އިހުސާސް ކުރެވުނީ ތަފާތު ގޮތަކަށެވެ. މިއީ އޭނަ އާއި އެއްވެސް ގުޅުމެއް ހުރި ބަޔެއް ނޫނެވެ. އެ މުދަލުގެ ޒައްރެއްގެ މިންވަރު އޭނައަށް ހައްގެއް ނޫނެވެ. ހައްތަހާވެސް ދުނިޔޭގެ ދަޅައެކެވެ. ހައިތަމްއަށް އޭނައަކީ އެ އާއިލާ މީހެއް ނޫންކަން އެނގޭ ބާވައެވެ. އޭނަ އަށް އެކަން ޔަގީންވެ ހުރެ ސިއްރުކޮށް ލައިގެން ހުންނެވީ ބާވައެވެ.

"ގޯލްޑެން ފްލޭމް" އަށް މާޒިން ދިޔުމުން އާއިލާގެ އެންމެނަށް ލިބުނީ ކުއްލި ހައިރާން ކަމަކާއި، އުފަލެކެވެ. މާޒިންގެ މަންމަ ޒަހާރާ ކިތަންމެ ނުރުހުންވެފައި ހުރިނަމަވެސް ދަރިފުޅު ފެނުމާއިއެކު އުފަލުން ގޮސް ހިފައިގަތް ގޮތަށް ރޮވިއްޖެއެވެ. ފަހަރަކު މީހަކު މާޒިންގެ ގައިގައި ހިފައިގަނެގެން ސަލާމްކުރި އިރު އެންމެން ތިބީ އުފަލުން ފުރިފައެވެ. ތަންމަތީގައި ބަލިވެ އޮންނެވި ސުލްތާނުއަށްވެސް ދަރިފުޅު ފެނިލެއްވުމުން އެ މުސްކުޅި ދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބައިގަތެވެ. ސުލްތާނު މާޒިންގެ ގައިގައި އެތައް ވަރަކަށް ފިރުންމަވާފައި ދެން ވަކިވެގެން ނުދާން އެދިލެއްވިއެވެ. ޒަހާރާއަށް އެ މަންޒަރު ފެނުމުން ދެލޯކަރުނުން ފުރުނެވެ. ސުލްތާނު އެހާ ބޮޑަށް ބަލިވީ މާޒިންގެ ވަކިވުމުން ބާވައެވެ. މާޒިން ފިލައިގެން ދިޔުމުން އެކަމާއި އަޅާނުލައި ހޯދަން މަސައްކަތް ނުކުރަން އެންމެ ބާރު އެޅިމީހަކީ ޒަހާރާ އެވެ. މާޒިން އަމިއްލައަށް އެފަދަ ނިންމުމެއް ނިންމައިގެން ސިއްރުން އެމީހުންނާއި ވަކިވެގެން ދިޔައިމަ ޒަހާރާ ނިންމީ ދަރިފުޅު މާޒިން އެމީހުންނަށް ޓަކައި މަރުވީ ކަމަށެވެ. މާޒިން ސޯފިޔާއަށް ޓަކައި ލޯބިވާ އާއިލާ ދޫކޮށްލުމުން އެމީހުންވީ އާދޭސްކުރަން ފަހަތުން ދާން ހެއްޔެވެ؟ ޒަހާރާގެ ނުފޫޒުގަދަކަމުން ސުލްތާނު ވެސް އޭރު މާޒިން ހޯދުން ހުއްޓަވާލެއްވީއެވެ. އެކަމަކު ސުލްތާނު ޔަގީންކުރެއްވީ މާޒިން ކޮންމެވެސް ދުވަހަކުން އެނބުރި އަންނާނެ ކަމަށެވެ. މާޒިން މަރުވުމުން ކުރާނެ ހިތާމަކޮށްލާފައި އެމީހުން ތިބީއެވެ. އެތައް އަހަރެއް ފާއިތުވުމުން ދެން މާޒިން އާއި ދިމާނުވާނެކަމަށް ޒަހާރާ ޔަގީންކުރިއެވެ. ނަމަވެސް ތަގުދީރުވަނީ އެހެން ގޮތަކަށް ރޭވިފައެވެ.

"ދަރިފުޅަށް ލިބިފައި ވަނީ ދެ އަންހެންކުދިން އެކަނިތަ؟ އެކުދިން ދެކޭހިތުން ދެން މިރޭ ނުނިދޭނެ...." ސުލްތާނު ތުރުތުރު އަޅާއަޑަކުން ބުނުއްވިއެވެ. ޒަހާރާ އެނދުގެ މަގަތުގައި އިށީދެލައިގެން އިނދެ ސުލްތާނުގެ އަތުގައި ފިރުމައިލި އެވެ. ދެމަފިރިން އުމުރުން ނުވަދިހައިގެ އަހަރުތައް ގުނަމުންދާއިރު ބޮލުގެ އިސްތަށިގަނޑު މުޅިން ހުދުވެ، ހައިބަތު އިންތިހާއަށް އިތުރުވެފައިވެއެވެ. އެކަމަކު އަދިވެސް ދެމަފިރިން އުޅެނީ ނިކަން ލޯބިންނެވެ. އެކީގައި ނޫނީ ނުނިދޭނެއެވެ.

މާޒިން އަނެއްފަރާތުގައި އިށީދެލައިގެން އިންއިރު ސުލްތާނުއަށް މާޒިންގެ އަތަކުން ދޫކޮށެއްނުލެވެއެވެ. އެއް އަތުގެ ހަރަކާތްތައް އެހާ ރަގަޅު ނޫނަސް، ސަލާމަތުން އޮތް އަތުން މާޒިންގެ އަތުގަޔާއި، ބުރަކަށީގައި ފިރުމުން އަދަދެއްވެސް ނޭގެއެވެ.

"ކުދިންގެ ފޮޓޯ ދައްކަބަލަ ދަރިފުޅާ..." ސުލްތާނު އެދި ލެއްވިއެވެ.

މާޒިން ވޮލެޓުން ނެގި ފޮޓޯތައް ދެއްކުމުން ސުލްތާނު ފެންކަޅިވިއެވެ. ސުލްތާނު އާއި ޒަހާރާ ކުދިންނާއި ބެހޭގޮތުން އެކި ސުވާލުތައް ކުރިއެވެ. މާޒިން ގެ ހިތަށް ނޭގޭފަދަ އަސަރުތަކެއް ކުރިއެވެ. އަމިއްލަ މީހުންނަށް ނުވިޔަސް ހިތުގައިވާ ލޯބި އިންތިހާއަށް ފުންވިއެވެ. އަމިއްލަ މަންމައާއި ބައްޕަދެކެވެސް މާޒިންއަށް މިވަރަށް ލޯބިވެވޭނެކަމެއް ނޭގެއެވެ. އެމީހުން ދުވަހަކުވެސް އޭނަދެކެ ފޫއްސެއް ނުވެއެވެ. ރުޅިއެއްނާދެއެވެ. މައިދައިތަމެން ޅީދަރިންނާއި މެދު އެހެން ކަންތައް ކުރުމަކީ ކޮންމެހެން ފިރިހެން ދަރިފުޅު ދެކެ ނުބައިވެގެން ކުރާކަމެއް ނޫނެވެ. އެއީ ދުނިޔޭގެ އުސޫލެވެ.

މާޒިން އޭނަގެ މަންމަ އާއި ބައްޕަގެ ގާތުން މާފަށް އެދުނެވެ. ދެން ދުވަހަކުވެސް މަންމަމެން ދޫކޮށްލާފައި ނުދާނެކަމަށް ވަޢުދުވިއެވެ. އެކަމަކު އޭނަ ދެކޭ ގޮތުގައި ސޯފިޔާއަށް މަންމަމެންނާއި އެކު އުޅެން ފަސޭހައެއް ނުވާނެއެވެ. ސޯފިޔާ އާއި މަންމަމެން ވަކިން ދިރިއުޅުނަ ދޭށެވެ. އޭނަ ސޯފިޔާއަށް މި ހަގީގަތް ސިއްރުކޮށްލާފައި ބާއްވާނީއެވެ. ސޯފިޔާއަށް އެނގިއްޖެއްޔާ ފަހަރެއްގައި އަނެއްކާ ބޭކާރުކަމަކާއި، ހިތާމަކޮށް ކަރުނަ އޮއްސަން ފަށާފާނެއެވެ. އޭނަވަނީ ލޯތްބަށްޓަކައި މައިންބަފައިން ދޫކޮށްލާފައިކަން ސޯފިޔާއަށް ވިސްނޭނެ ދުވަހެއް އަންނާނެނަމައެވެ. ސޯފިޔާގެ ޚިޔާލު ބޮޑުވެދާނެތީ އެންމެ ރަނގަޅު ވާނީ އެ ސިއްރު ފޮރުވާފައި ބޭއްވުމެވެ. 

އިރުއޮއްސެންވާއިރަށް މާޒިން ކޮންމެހެންވެސް ގެއަށް ދާން ބޭނުންވިއެވެ. ކުދިންނަށް ކާއެއްޗެއް ދެވޭނީ ހޮޓަލުން ގަނެގެން ގޮސްގެންނެވެ. މާޒިންއަށް މަންމަ ގާތުގައި ބުނާކަށް ނުކެރުނެވެ. ޒަހާރާ މާޒިން ގެއަށް ދާން އުޅުނުވަރުން އެންމެ ފަހުން ތަށިބަރިތަކެއް އެގެއަށް ފޮނުވަން ނިންމިއެވެ. މާޒިންއަށް މަޖުބޫރުވީ ކާ އެއްޗެހި ހިފައިގެން އޭނަގެ ބޭބެގެ ކާރުގައި ގެއަށް ދިޔުމަށެވެ.

މާޒިން ދެއަތުން ދެކޮތަޅު ހިފާލައިގެން އައުމުން މިޝެލިންގެ ލޯ ވިދަންފެށިއެވެ. މިޝެލިން ގޮނޑިން ފުންމާލައިގެން ދިޔަގޮތަށް ކޮތަޅުތައް ހާވަންފެށިއެވެ. ދެވައްތަރުގެ ޖޫހަކާއި، އެކިވައްތަރުގެ ކާއެއްޗެއްސެވެ. ކުދިންގެ އަޑުފަށްގަނޑު އިވިގެން ސޯފިޔާ ކޮޓަރީގައި ހުރެފައި ނިކުތްއިރު މިލީނާ މޭޒު ތައްޔާރުކުރުމުގައި އަވަދިނެތި އުޅެއެވެ. ސޯފިޔާ ހީކުރީ ރޯދަ ވީއްލަން މާޒިން ހޮޓަލުން ގެނައި އެއްޗެހިކަމަށެވެ. އެހެންވެ ސުވާލެއް ނުކުރެއެވެ. އެންމެން އުޅެގަތީ ރޯދަވީއްލުމުގެ ކަންތަކާއިގެންނެވެ.

"ހާދަ ބައިވަރެކޭ، މި ކުކުޅު ފައިތައް ފިހެލާފައި މިހިރީ ހާދަ މީރުކޮށް...." ސޯފިޔާ ތައުރީފުކުރިއެވެ.

"އާނ ދޯ، ޓޭސްޓީވާނެހެން ހީވަނީ، ހޯމްމޭޑް އަކަށްވުރެ ދެރައެއް ނުވާނެ، ކޮންމެ ދުވަހަކު މި އެއްޗެހި ކާން ލިބިދާނެހެން ހީވަނީ...." މާޒިން މާނަވީ ހިނިތުންވުމެއް ސޯފިޔާއަށް ހަދިޔާކޮށްލިއެވެ.

"އެކަމަކު ސޭވްކޮށްފައިވާ ލާރިކޮޅު ހޮޓަލަށް ހުސްކޮށްލާކަށް ނުވާނެ، ގޭސްފުޅިއަކާއި އެއްޗެހި މާދަން ގެނައިމަ ދެން ބޭރުން އެއްޗެހި ގެންނާކަށް ނުޖެހޭނެ..." ސޯފިޔާއަށް އެއްވެސް ކަމެއް ނޭގިހުރެ ބުނެލިއެވެ. މާޒިން ނުތަނަވަސްވިއެވެ. ސޯފިޔާއަށް އޮޅުވާލައިގެން ހުންނަންވީ ހެއްޔެވެ؟ ހަގީގަތް ވަންހަނާކޮށްފައި ބާއްވަންވީ ކިހާދުވަހެއް ވާންދެން ހެއްޔެވެ؟ އެނގުނު ދުވަހަކުން ސޯފިޔާ ގެ ހިތަށް ބަޔާންކުރަން ދަތި ހިތްދަތިކަމެއް ލިބިދާނެއެވެ. ވަގުތު ޖެހުނީމަ ބުނާނީ އެވެ. އޭނަ މިހާރު ބޭނުމީ މަންމަ އާއި ސޯފިޔާ އެކުވެރިކަމާއިއެކު އެކީގައި އުޅޭނެ ދުވަހެއް ދުށުމެވެ. ދެގެއެއްގައި އުޅުނަސް އެކުވެރި ނުވެވޭންވީ ކީއްވެ ހެއްޔެވެ؟ ހަގީގީ މަންމައަށް ނުވިޔަސް އޭނަ ތުއްތުއިރުއްސުރެ ބެލި މަންމަ މުސްކުޅިވީ ދުވަހުން އެ މަންމަ އެއްލާލާފައި ދުރުން އުޅޭކަށް ދެން މާޒިންއަކަށް ނުކެރޭނެއެވެ. ނަމަވެސް މަންމަމެން އަތުން ލާރި އަތުލަން އޭނަ ބޭނުމެއް ނޫނެވެ. އެކަމަކު އޭނައަށް ކުޅަދާނަ މިންވަރަކުން އޭނަ މަންމަމެންނަށް ފައިސާގެ އެހީވެދޭނެއެވެ.

މިޝެލިން އަށް އެކޮޓަރީގައި އުޅެނީ އިއްބާނު ނޫންކަން އެނގުމުން ހިތަށް އުދަގޫވިއެވެ. އިއްބާނު ހާދަ ގޯހެވެ. އޭނައަށް ވީގޮތެއް އޮޅުން ނުފިލުވާ ހަމަ އެދިޔައީއެވެ. ލޯބިވަމޭ ކިޔާފައި އިއްބާނު ދޮގު ދަޢުވާއެއްކުރިކަން މިޝެލިންއަށް ހާމަވެއްޖެއެވެ. މަންމަމެން ބުނިފަދައިން އިއްބާނުއަކީ ހުރިހާ މާތަކުން ފޮނިބޮއި އުޅޭ މާބުރެކެވެ. އެކަކަށްޓަކައި އިންތިޒާރެއް ނުކުރެވޭނެއެވެ. މިޝެލިން ހީކުރީ އޭނަ ހޯދަން އިއްބާނު ގަތަރަށް އަންނާނެ ކަމަށެވެ. އެހެނެއްނުވިއެވެ. އެޑްވަޑް ނޫނީ ރޯމިއޯ ފަދައިން ލޯބިވާކަށް އިއްބާނުއަކަށް ނޭގުނެވެ. އޭނަ ބޭނުމީ އޭނަދެކެ ފިދާވާނެ ލޯބިވެރިއެކެވެ. ދެއަހަރު ވީއިރު އިއްބާނު ކުޑަ ނަމަވެސް މަސައްކަތެއް ކުރިނަމަ އޭނަ ހުރިތަނެއް އެނގުނީހެވެ. އިއްބާނު ދެއްކި ވާހަކަތަކަށް މިޝެލިންގެ އިތުބާރު މުޅިން ގެއްލިއްޖެއެވެ. ފިރިހެންކުދިންނަށް އޭނަގެ ހިތުގައި މިހާރު ޝައުގެއް ނެތުމުގެ އެންމެ ބޮޑު ސަބަބަކީ އެއީއެވެ.

ސޯފިޔާ ދަތެއްގައި މައްސަލަ ޖެހިގެން ޑޮކްޓަރަށް ދެއްކީމަ އޭނަ ރޫޓްކެނެލް ހެދުމަށް އިރުޝާދު ދިނެވެ. ރޯދަމަސް ނިމެންދެން އެ ދަތާއިގެން އުޅުމަކީ ވޭނަކަށް ވާތީ ސޯފިޔާ ނިންމީ އަވަހަށް އެކަމަށް ފަރުވާ ހޯދުމަށެވެ. ނޫނީ ހައްތަހާ އުދަގޫ ބޮޑުވުން ނޫންކަމެއް ނުވާނެއެވެ. މިޝެލިން އާއި މިލީނާ މަންމަ އާއި އެކީގައި ރޫޓްކެނެލް ޓްރީޓްމެންޓް ހަދަން ދަތުގެ ކްލިނިކަށް ގޮސްފައި އެތެރެއަށް ވަނީ މިލީނާ އެވެ. މިޝެލިން ބޭރުގައި އިރުކޮޅަކު އިނދެލާފައި ފޫހިވެގެން މަގަށް ނިކުތްތަނުން އެތާ ކައިރީގައި ބައްޕަގެ ގެ ހުންނަ ހަނދާނެއް ވިއެވެ. 

މިޝެލިން ހީކުރިވަރަށްވުރެ އެގެ ތަންކޮޅެއް ދުރެވެ. ދެތިން ގޯޅި އަޅަން ޖެހުނެވެ. އެގޭގެ ގޭޓުކާރީގައި މިއަދު ސިކުއިރިޓީއެއް ފެންނާކަށް ނެތެވެ. އެތެރޭގައި ކާރެއް ޕާކުކޮށްލާފައި އޮތްތަން ފެނުނުނަމަވެސް އަޅާނުލައި މިޝެލިން ހުޅުވާފައިވާ ގޭޓުން އެތެރެއަށް ދެމިގަތެވެ. ފިނިފެންމާތަކުގެ ފިޔަތައް މަތީގައި ވާރޭގެ ތިކިތައްވިދާއިރު ނަލަކަމުން ބަޔާންކުރަން ދަތްޗެވެ. މިޝެލިން ފިނިފެންމަލެއްގައި ފިރުމާލިވަގުތު މީހެއްގެ ފިޔަވަޅުގެ އަޑުއިވުމުން އެނބުރި ބަލައިލުމާއިއެކު ސިހުނެވެ. ފޯނު ކަންފަތުގައި ޖަހާލައިގެން ހުރެ ގެއިން ނިކުމެގެން އައީ ވަރަށް ސްމާޓް ޒުވާނެކެވެ. އޭނަ ހުރީ އޮފީހަށް ދާން ތައްޔާރު ވެގެން ކަންނޭގެ އެވެ. ކަޅުކުލައިގެ ރޮގުތަކެއް ދެމި އަތްދިގު ގަމީހަކާއި ކަޅު ޖިންސެއްލައިގެން ހުރިއިރު ޝަޚުސިއްޔަތުގެ ވަރުގަދަކަން ފެންނަން ހުއްޓެވެ. ހަޔެއްކަ ފޫޓް ދުރުންވެސް އެ ލޮލުގެ ތޫނުކަމުން މިޝެލިންއަށް އުދަގޫކޮށްލައިފިއެވެ. އިސްތަށިގަނޑު ކުރުކޮށް ކޮށާލެވިފައި އޮތީމަ އަދި ހާދަ ރީއްޗެވެ. ވާހަކަދެއްކި އިރު ދެ ކޯތާފަތަށް އެޅުނު އަޑިކޮޅު ރީތިކަމުން މިޝެލިން ހައިރާންވިއެވެ. މިޝެލިން އެތެރެއަށް ލީ ނޭވާ ބޭރަށް ލާކަށްވެސް ނޭގުނެވެ.

އެ ޒުވާނާ ފަރުވާކުޑަ އެންމެ ނަޒަރަކުން ބަލައިލާފައި ހިނގައިގަތީ ކާރާއި ދިމާލަށެވެ. މިޝެލިން ގެ ހިތަށް ތަދުވިއެވެ. ހާދަ ފޮންޏެވެ. ކިބުރުވެރި ފިރިހެނެކެވެ. ހިތްހެޔޮ ހިނިތުންވުމެއް ދިންނަމަ ވީ ކީއްހެއްޔެވެ؟ އެ ރީތިކަމުން ބަޔެއް މަދުވާނީއެއް ނޫނެވެ. ތިމާއަށް ތިމާ ފެނިފައި ހުރި ފިރިހެނެކެވެ. މިޝެލިންވެސް އަވަހަށް ދާން ހިގައިގަތްއިރު އޭނަގެ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ. ބައްޕަގެ ގޭގައި މިއުޅެނީ ކުއްޔަށް އުޅޭ ބަޔެއްހެއްޔެވެ؟ ނޫނީ މާމަގެ އާއިލާ ހެއްޔެވެ؟ ދެބެންގެ ދެދަރި ބޭބެއިން ތަކެއްހެއްޔެވެ؟ އަހާލަން ހިތަށް އަރާފައިވެސް މިޝެލިން ފިޔަވަޅުތައް އަވަސްކޮށްލިއިރު އޭނަގެ މޫނު ހީވަނީ ރަތް އަލިފާން ކޮޅެއްހެންނެވެ. މިޝެލިން ހިތާ ހިތުން އެއްޗެހި ކިޔަމުން މަގަށް ނިކުތްތަނުން ފެނުނު ކާރަކަށް އަތްނެގިއެވެ. މަގުން ދާކާރަށް މިހެން އެރުން މަންމަ މަނާކޮށްފައިވާ ހަދާނެއް އެވަގުތު ނުވިއެވެ. މިޝެލިން ހުރީ ވާނުވާ ނޭގިފައެވެ.

"ކޮންތަނަކަށް ދާންވީ..." ޑްރައިވަރު ލޯގަނޑުން މިޝެލިންގެ މޫނު ފެންނަގޮތަށް ހެދިތަން ފެނުމުން މިޝެލިންގެ ހޭވެރިކަންވިއެވެ. ޑްރައިވަރުންގެ ނިޔަތް ޚަރާބު ވަނީ ކީއްވެހެއްޔެވެ؟ އެމީހެއްގެ ހައްގަކަށް ނުވާ މީހަކަށް އެވަރުން ބަލަން ޖެހޭނެހެއްޔެވެ؟

"އަދި ފަހަތަށް ކާރު ޖައްސާލަދީފާނަންތަ؟ އެއްޗެއް މަގަށް ވެއްޓުނީ...." މިޝެލިން ވިސްނާލާފައި ވަގުތުން ބުނެލިއެވެ. ޑްރައިވަރު މިޝެލިން ބުނިގޮތަށް ފަހަތަށް ދުއްވާލާފައި ހުއްޓާލުމާއިއެކު މިޝެލިން ކާރުން ފައިބައިގެން ގޮސް ކުރިމަތީގައި ހުރި ފިހާރައަކަށް ވަދެ އޭނަގެ ބައްޕައަށް ގުޅާލައިފިއެވެ. މަންމަ ބުނެދީފައި ވަނީ ރަނގަޅަށެވެ. އެއްވެސް ފިރިހެނަކަށް އިތުބާރު ކުރާކަށް ނުވާނެއެވެ. ވަކި ހިސާބަކުން އެމީހެއްގެ ރައްކާތެރި ކަމާއި މެދު އެމީހަކު އަމިއްލައަށް ވިސްނަން ޖެހޭނެ ދުވަހެއް އަންނާނެއެވެ. މަންމަ އެހެރީ މަންމަ ގެ ވާޖިބު އަދާކޮށްފައެވެ. އެއްވެސް މީހަކު އަތްލިޔަ ނުދީ ބޮޑުކުރުމަކީ މަންމައަކަށް އަންހެން ދަރިއަކަށް ކޮށްދެވޭނެ އެންމެ ބޮޑު ހެޔޮކަމެވެ. އެއީ މަންމައެއްގެ ވާޖިބު އެންމެ ފުރިހަމަގޮތުގައި އަދާކުރެވުނުކަމުގެ ހެއްކެވެ. މިހާރު މިއޮތީ އަމިއްލައަށް ކުރިއަށް ފިޔަވަޅު އަޅަންވީ ދުވަސް އައިސްފައެވެ.

އެދުވަހު މާޒިން ގެ ރަނގަޅަށް ސާފުކުރުވައި، އޭސީ ހަރުކުރުވިއެވެ. އެމަސައްކަތް ކުރުވަން އުޅެލާފައި ނަމާދުކޮށްގެން ގެއަށް އައިއިރު މިލީނާއާއި މިޝެލިން ތިބީ ކޮޓަރީގައެވެ. މިލީނާ ހެދުން އިސްތިރިކުރަން ހުރިއިރު މިޝެލިން އޮތީ ކަންނެތްގޮތަކަށް އެނދުގައި އޮށޯވެލައިގެންނެވެ.

"ސްވީޓްހާޓްސް، ބައްޕަ މިއައީ ވަރަށް މުހިއްމު ވާހަކައެއް ބުނެލަން..." މާޒިން އެނދުގައި އިށީނުމުން ދެކުދިންވެސް މާޒިންއަށް ސަމާލުކަން ދިނެވެ. މާޒިން ކޮންމެވެސް ވަރަކަށް އޭނަގެ އާއިލާ އާއި "ގޯލްޑެން ފްލޭމް" ގެ ވާހަކަ ކިޔައިދިނެވެ. އަދި އެގެއަށް މާޒިންގެ ދެބެން ގެންގޮސް ކާފަމެންނާއި ބައްދަލުކުރުވަން ބޭނުންވާ ކަމަށް ބުނެލިއެވެ. އެހުރިހާ ވާހަކަތަކެއް ދެއްކިއިރު މިއަދު މާޒިންގެ ހިތަށް ހެރެނީ އެންމެ ތޫނު ކަށްޓެކެވެ. އެކުދިންނަށް އެއީ ހަގީގަތުގައި އެކުދިންނާއި ލޭގެ ގޮތުން ގުޅުމެއް ނެތް ބަޔެއްކަން ބުނެނުދެވި އޮތީމައެވެ. ބުނެދޭންވީ ބާވައެވެ. އޭރުން ވާނީ ކިހިނެއްހެއްޔެވެ؟ 

މިޝެލިން އާއި މިލީނާ އުފަލުން ބައްޕަގެ ގައިގައި ހިފައިގަތެވެ. އަދި މިޝެލިން އެގެއަށް ގޮސް މާ ބިން ވާހަކަ ބުނެފައި މިޝެލިން އެގެއިން ފިރިހެންކުއްޖަކު ފެނުނު ވާހަކަ ބުނެލި އިރު މިޝެލިންގެ ކޯތާފަތުން ކުޑަ ރަތްކަމެއް ފާއްދާލައިފި އެވެ.

"އޭނަ ވަރަށް އެރަގަންޓް، ހީލީމަ ވެސް އިގްނޯ ކޮށްލާފައި ދިޔައީ، އެކަމަކު ފޯނުން ވާހަކަދެއްކި އިރު އޭނަގެ ދެ ކޮލަށްވެސް ޑިމްޕަލްސް އެޅުނު....." މިޝެލިން އަށް އެ ވާހަކަ މާޒިން ކައިރީ ބުނެވުނީމަ އަނގަ ރަކިވިއެވެ.

"ބޭބެގެ ދަރިފުޅު ޒަހުރާން ހެން ހީވަނީ، ދަރިފުޅާއި ބަލާއިރު އޭނަ ވަރަށް ބޮޑުވާނެ، އޭނަގެ ކިޑްސްއިންވެސް ތިބޭނެ........" މާޒިން އެހެން ބުނުމުން މިޝެލިން ދެލޯ ބޮޑުކޮށްލިއެވެ. ބައްޕަ ހީކުރީ އޭނަ ޒަހުރާން ދެކެ މާބޮޑަށް ރުހުނީ ކަމަށެވެ. މިޝެލިން ވަގުތުން އެކަން ސިއްރުކުރަން ވާހަކަތައް ދެއްކިއެވެ. މާޒިން ބުނިގޮތުން އޭނަގެ ބޭބެ ތިބެނީ ދެކުދިންނެވެ. ޒަހުރާން އާއި މިހުރާންއެވެ. އަދި އެ އާއިލާ ނިމުނީއެއް ނޫނެވެ. އެހެން ބޮޑުދައިތަމެންނާއި ބޮޑުބޭބެމެން އަދި ދަރިންތައްވެސް އުޅޭނެތާއެވެ. އެންމެނާއި ބައްދަލު ކުރާހިތުން ދެކުދިންތިބީ ކެތްނުލަވާފައެވެ.

"ކާފަވަނީ މިރޭ ރޯދަ ވީއްލަން ދައުވަތު ދެއްވާފައި...." މާޒިން އެހެން ބުނުމުން މިޝެލިންގެ ހިތް އަވަސްވެގަތެވެ. ޒަހުރާންގެ ތޫނު ދެލޮލާއި، ޑިމްޕަލްސް އަދި ސްމާޓްކަން މިޝެލިންގެ ޅަހިތަށް އަނެއްކާ ވެރިވެގަތެވެ. އިއްބާނުއަށް ވުރެ ހަރުވީމަ ހައްތަހާ ޝަޚުސިއްޔަތު ވަރުގަދަވެފައި އަދި އެހާ "ފޮނި" ގޮތެއް ހުއްޓެވެ. ނޫނީ މިޝެލިންއާއި އަޅާނުލީމަ ބޮޑާހެން ހީވީ ބާވައެވެ. ދެން އެނގިދާނެތާއެވެ. ޒަހުރާންއަށް ސަޕްރައިޒެއް ލިބޭނެއެވެ. 

ކޮމެންޓް 0