"މިލީ އާއި ބެހޭކަމެއް މިތަނުން ނުވެއެއްނު ދޯ، މަގޭ ފަހަތުގައި އަބަދު ޖައްސާލައިފައި ނުހުރެ ކުރަން ހުރި ކަމެއް ކުރަން ދޭބަލަ........" މިހުރާން ތަންކޮޅެއް އަމުރުވެރި ގޮތަކަށް ބުނެލައިފައި މިލީނާގެ އަތުގައި ހިފައި ދުރަށް ލާފައި ދޮރު ލައްޕާލިއިރު މިލީނާ ގެ މޫނު ރަތްވެގެން ދިޔަވަރާއި، ރަކިވިވަރު މިހުރާންއަށް ރީއްޗަށް ފެނުނެވެ. އަމުރުކުރެވެނީވެސް އަމިއްލަ ބާރު ހިނގާ، އަމިއްލަ އެއްޗެއްސަށް ވީމައެވެ. ވީއިރު މިލީނާ ދެން ކަންތައް ބޮޑުކުރަންވީ ސަބަބަކީ ކޮބާހެއްޔެވެ؟

މިހުރާން މިލީނާ އަމިއްލަ ހައްގެއްކަމަށް ދެކި ހިތަށް އައިހާ ގޮތެއް ހަދައިލަން ކެރޭއިރު މީރާ ގެންގުޅެވެނީ ޕްރިންސެސްއެއް ފަދައިންނެވެ. ހިތުގައި ނުޖެހޭނެހެން ލޯބިގެން ބަލައިގެން ގެންގުޅެން ހިތް މަޖުބޫރުކުރެއެވެ. 

"ބޭބީ، އައި ކެން އެކްސްޕްލެއިން..." މިހުރާން މީރާ އާއި ދިމާލަށް އެނބުރިލި އެވެ. މީރާގެ ހިތަށް ވާނެގޮތް މިހުރާންއަށް ރަނގަޅަށް އިހުސާސް ކުރެވުނެވެ. ރީއްޗަށް ބޭޒާރުވީމަ ދޮގު ހަދައިގެން ސަލާމަތްވާކަށް މިހުރާން ނޫޅުނެވެ. މީރާ އެ ޕެކެޓްތައް ޑްރޯވަރަށް އެއްލައިލުމަށްފަހު ދޮރު ހުޅުވައިލުމުން ތާޒާ ރޯޅިއެއް މޫނުގައި ބީހިލިއެވެ. އޭރުވެސް މީރާ އަނގަމަތީގައި އަތް އަޅައިގެން ހުރެ ރޮމުން ދިޔައީ ހިތްކުދިކުދިވާފަދަ ގޮތަކަށެވެ. އަނގައިން ބުނާނެ ހިތްވަރެއް އޭނަގެ ނެތެވެ. 

މިހުރާން ފަހަތުން އައިސް މީރާގެ ގައިގައި ކުޑަކޮށް ބައްދައިލުމުން މީރާގެ ހިތް ވިރިގެން ދިޔައެވެ. އޭނަ މިހުރާންގެ މޭގައި މޫނު ފޮރުވައިލި ގޮތުންވެސް މީރާ އޭނަ ދެކެ ލޯބިވާވަރު މިހުރާންއަށް އަންދާޒާ ކުރެވުނެވެ. އޭނަ މީރާދެކެ ލޯބިވާ ވާހަކަ އެތައް ގޮތަކުން ބުނެދިން ގޮތަކުން މީރާގެ ހިތް ފިދާވާވަރުވިއެވެ. އެހެންނޫނަސް މިހުރާން ފާފައިގެ މައްޗަށް ފާފަ ކުރިޔަސް މީރާ އަކަށް މިހުރާން އާއި ވަތްކެއް ނުވެވޭނެއެވެ. މިހުރާން އާއި ނުލައި ދުނިޔޭގައެއް ނޫޅެވޭނެއެވެ. އެއަށްވުރެ މާ ބޮޑަށް މިހުރާން ދެކެ ލޯބިވެއެވެ. އެކަމަކު މީރާގެ ހިތަށް ހާދަ ތަދުވެއްޖެއެވެ.

"ބޭބީ، ގާލްސްއިންނަށް އަންޑަސްޓޭންޑް ވާނެކަމެއް ނޭގޭ، އެކަމަކު ނޯމަލް ފިރިހެނުންވިއްޔާ ބޭނުންވާ ކަންތައް ހުންނާނެ، ބައެއްމީހުން ޕްރޮސްޓިޓިއުޓުން ކައިރިއަށް ދަނީވެސް އެންމެ ކަމެއްގެ ބޭނުމުގައި، އެހެންވީމަ ގޭގައި ދެން ނަމެއްގައިވެސް ވައިފެއް ހުރީމަ މަޑަކުން ނުހުރެވޭނެ ދޯ، ދެން އަހަރެން ބޭބީ ގާތު އެވާހަކަ ނުބުނެ ސިއްރުކުރީ ހާޓްވާނެކަން އެނގޭތީ، އެކަމަކު ޓްރަސްޓްމީ ބޭބީ، މިލީނާ ދެކެ އެއްވެސް ވަރަކަށް އަހަރެން ލޯބިވަނީ އެއްނޫން، ކޮންމެ އަންހެނަކު އެ މަގާމުގައި ހުރި ނަމަވެސް އަހަންނަށް ފަރުވާލެއްނެތް، އަހަރެން އާއިލާއެއް ފަށަން ބޭނުންވަނީ އެކަނި މީރާ އާއި އެކު....." މިހުރާން އޭނަގެ ހިތުގައި މިލީނާއަށް މަގާމެއް ނެތްކަމުގެ ޔަގީންކަން ދިނުމުން މީރާ ގެ ކަރުނަތައް ހުއްޓުމަކަށް އައެވެ. އެކަމަކު އޭނަ މިހުރާން އާއި ދުރުން އުޅެން ވެއްޖެއްޔާ މިހުރާން ގެއްލިގެންދާނެ ކަމުގެ ބިރުހީވާން ފަށައިފި އެވެ. ކައިވެންޏާއި ނުލައި އެފަދަ ފާފަ އަކަށް އަރައިގަންނަން ވެދާނެ ހެއްޔެވެ؟ ނޫނީ އޭނަގެ ބައްޕަގެ ރުހުން ހޯދިދާނެ ހެއްޔެވެ؟

މިހުރާންގެ އަމަލުތަކުން ހަލާކުވީ އެކަނި މީރާގެ ހިތެއް ނޫނެވެ. މިލީނާގެ ހިތް މާ ނާޒުކްއެވެ. އެ މަޑު ހިތަށް މާބޮޑަށް އަނިޔާ ލިބި، ވަރަކަށް ހިތުގައި ޖެހުނެވެ. މިހުރާން އެ ކޮޓަރިން ނެރެލުމުން ދުވަމުން ގޮސް ގޭގެ ބެކްޔާޑަށް ނިކުމެވުނު ގޮތަށް ގަހެއްގެ ބުޑުމައްޗަށް ތިރިވެވުނީ ފައިގައި މުޅިން ވާގި ދޫވިހެން ހީވުމާއި އެކުގައެވެ. އެ ކުޑަ ދެއަތްތިލައިގެ ތެރޭގައި މޫނު ފޮރުވުނު ގޮތަށް އެހެން ރޮއި ރޮއި އިދެވުނީ ކިހާ އިރެއްވާންދެން ކަމެއްވެސް ނޭގުނެވެ. އޭނަ ހުއްޓުވާކަށް، ހިތްހަމަޖައްސާދޭކަށް މިހުރާން އެއް ނައެވެ. މިލީނާ މަންމަ މެންނަށް ގުޅަން ވެސް ހިތަށް އެރިއެވެ. އެކަމަކު މަންމަމެން ހައްޖަށް ގޮސްފައި ތިބި ހަނދާންވުމުން އޭނަ މަންމަ އާއި ބައްޕައަށް މެސެޖްކޮށްފައި އެދުނީ އެކަނި ހެޔޮ ދުޢާ އަށެވެ. މިޝެލިން ގާތުގައި ބުނެގެން ކޮއްކޮގެ ހިތް އިތުރަށް ދަތިކުރުވަންވީ ކީއްކުރަންހެއްޔެވެ؟ އެހެންނޫނަސް ފިރިމީހާގެ ވާހަކަ ދެއްކުމަކީ ރަނގަޅުކަމެއް ކަމަކަށް މިލީނާއަށް ނުފެނުނީއެވެ. އެއީ ދީނުގައި ހުއްދަކަމަކަށް ނުވެ ހިގައިދާނެއެވެ. އެވެސް ހިމެނޭނީ ދެމަފިރިންގެ އަމިއްލަ ސިއްރުތަކުގެ ތެރެއިން ކަންނޭގެ އެވެ. އެހެން ނޫނަސް މިހުރާން އެހެން އަންހެންކުއްޖަކު ދެކެ ލޯބިވާކަން އެގުމުން މިވަރަށް ހިތަށް އުދަގޫވީ އޭނަވެސް މިހުރާން ދެކެ ލޯބިވީހެއްޔެވެ؟ އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. އޭނަގެ ހަޔާތަށް އައި އެކަނި ފިރިހެނަކީ މިހުރާން އެވެ.

މިލީނާއަށް ޔަގީންވަނީ އެންމެ ކަމެކެވެ. އެގޮތަށް އިތުރު ފިރިހެނަކާއި އެއްވެސް ގޮތަކަށް ގުޅުމެއް އޭނަގެ ހިތް މުޅިން ދެކޮޅުކަމެވެ. މިހުރާން ނޫން މީހަކު އޭނަ އާއި ދިމާލަށް ބަލައިލަން ވެސް މިލީނާ ނޭދެއެވެ. އޭނަ ބޭނުމީ އުމުރު ދުވަސް މިހުރާން އާއިއެކީގައި ހޭދަކުރުމެވެ. މިހުރާންގެ ދިރިއުޅުމުން ޖާގައެއް ނެތިއްޔާ މަންމަމެން ގާތަށް ދާނީއެވެ. އެކަމަކު އޭނަގެ ގާތުގައި މިހުރާންގެ ހަނދާނެއް ވުމަށް ހިތާހިތުން ދުޢާ ކުރެވުނެވެ.

މިލީނާ ހެއްދެވިފަރާތް ހަދާންކޮށް، ކެތްތެރިކަން ދެއްވުމަށް އެދިވެސް ދުޢާ ކުރިއެވެ. ރޮއިރޮއިފައި ވަރުބަލިވުމުން މޫނުން ދެއަތް ނަގާފައި ވަލުތެރޭގައިވާ ކުޑަ ކުޑަ މުގޮށިފަދަ އެއްޗެހި ކުޅޭތަން ބަލަން އިންއިރު ކުޑަކޮށް ހިނިތުން ވެލެވުނެވެ. ކަރުނައިގެ ތެރެއިން އެ ދެލޯ ވިދާލިއެވެ. އެކަމަކު އޭނަ ހީކުރީ މިހުރާންއަށް އޭނަ ނުފެންނާނެ ކަމަށެވެ. 

މިހުރާން ތަންކޮޅެއް ދުރުގައި ހުރެގެން މިލީނާގެ ހަރަކާތް ތަކަށް ބަލަން އިރުކޮޅެއްވާންދެން ހުއްޓެވެ. ޚަރީފު މޫސުމާއި ގުޅޭފަދަ ރަތްކުލައިގެ ސްވެޓަރަކާއި، ޖިންސެއްލައިގެން އިންއިރު އެ ކުރުކޮށް ކޮށާލާފައި އޮންނަ އިސްތަށިކޮޅު މޫނަށް ފައިބައިގަތުމުން ކޮންމެ ފަހަރަކު ވޫލްކޮޅު އައްސާލައެވެ. އެކަމަކު ވޫލްކޮޅުން އިރުކޮޅަކު ހިފަހައްޓާލާތީ ރުޅިއައިސްގެން މިލީނާ ވޫލްކޮޅު ތަންކޮޅެއް ދުރަށް ވިނަގަނޑު މައްޗަށް އެއްލާލައިފި އެވެ. މީރާމެންނާއި ބަލާއިރު އިސްކޮޅުން ކުރުވިޔަސް މިލީނާގެ ހަށިގަނޑު ގެ ފުރިހަމަކަމާއި، ރީތިކަން މިހުރާން އަށް މާ ރަނގަޅަށް ވެސް އެނގެއެވެ. އެހެންނޫނަސް އެހާ ރީތި ދެލޮލެއް އަދި މިވީހާތަނަށް މިހުރާން ދެކެފައެއް ނުވެއެވެ. ލޯބި ކުއްޖަކަށް ވިޔަސް މައްސަލައަކީ މިހުރާން އެހެން ކުއްޖެއް ހާސިލުކުރަން ހިތްއެދޭ މިންވަރެވެ. އަގުބޮޑު ޖަވާހިރެއް އަތުގައި އޮތަސް އެއަށްވުރެ ވިދާ ޖަވާހިރެއް ފެނިއްޖެއްޔާ އެއަކާއިގެން އުޅެވޭ އުސޫލުންނެވެ. 

ކުއްލިއަކަށް މިހުރާންގެ ހިޔަނި ފެނުމުން ބިރުން މޭގަނޑު ގުޑައިގެން ދިޔުމާއިއެކު ކުރިއަށްވުރެ ދެލޯބޮޑުކޮށްފައި ބަލައިލެވިއްޖެއެވެ. ކަރުނުން ފުރިފައިވާ އެ ރީތި ދެލޮލާއި، ތެމިފައިވާ އެސްފިޔަތަކުގެ ސަބަބުން އޭނަ ފެންނަނީ އަދި ވަކިން ރީތިކޮށެވެ. ރަތް ފަތްތަކާއި، ހެދުމުގެ ހިޔަނި މޫނަށް އެޅި، މަޑުރަތްކުލައެއް ވެރިވެފައިވާއިރު ލޯބިކަމުން މޮޑެލާ ހިތްވާފަދަ ގޮތެއް ހުއްޓެވެ. ހިލަހިތެއްގެ ވެރިޔަކުގެ ހިތަށް ރަހުމް ވަންނާނެހާ މައުސޫމްކަމެއް އެ މޫނުން ފެންނަން ހުއްޓެވެ.

"މިލީވެސް ދެން ހާދަ ކަންތައް ބޮޑުކޮށްލާފައި ތިއުޅެނީ؟ ސިމްޕަލް ކަމެއް ވާއިރަށް ފިލައިގެން ގަހެއްގެ ބިއްދޮށަށް ވަދެފައި އިންނާކަށް އަދި ގާތެއް ނުވެއެއްނު، އަހަރެން ކިހާ ވަރަކަށް ހޯދައިފިން، ކުޑަކަމުން ހޯދާކަށް ފަސޭހައީއެއް ނޫން....." މިހުރާން ބަލަހައްޓައިގެން ހުރިގޮތުން އެ މޫނުން އެއްވެސް ޝުޢޫރެއް ނުފެނެއެވެ. އެހެރީއެވެ. މިހުރާންއަށް އެ ހިނގި ހާދިސާ ބޮޑުކަމަކަށް ނުވިއެވެ. މީރާ އާއި ދެމެދު ހިގީ ކޮންފަދަ ކަންތައްގަނޑެއް ކަން ޔަގީން ނުވިޔަސް މީރާގެ އަތުގައި އޮތް ޕެކެޓް ފެނުމުން އެކަމާއި އޭނައަށް ވަރުބާލާނެ ކަމަށް މިލީނާ ހީކުރިއެވެ. އެހާ އަމިއްލަ އެއްޗެއް ފޮރުވުމަކީ އޭނަގެ ޒިންމާއެއްކަމަށް މިހުރާން އަންގާނެ ކަމަށްވެސް ހީކުރެވުނެވެ. ނަމަވެސް އެހެނެއްވެސް ނުވިއެވެ. މިހުރާން ހުރީ ރަނގަޅު މޫޑެއްގައެވެ. 

މިހުރާން އަތް ދިއްކޮށްލުމުން އެ އަތުގައި ހިފާފައި މިލީނާ ތެދުވިއެވެ. ރޮއި ރޮއި ހުރެފައިވެސް މިހުރާން ބުނާގޮތަށް ހަދާތީ މިހުރާން އެކަން ފާހަގަކުރިއެވެ. ކިޔަމަންތެރި ކުދިންނަށް މީހުންގެ ހިތުގައި ލޯތްބާއި، ކުލުނު އުފެދެއޭ ބުނަނީ އެހެންވީމަ ކަންނޭގެއެވެ. މިލީނާފަދަ އަންބެއް ނުލިބުނުނަމަ އޭނައަށް މިހެން އުޅެން ފަސޭހައެއް ނުވީހެވެ.

"ގަހުގެ ތެރޭގައި އެކަނި އުޅެނިކޮށް ސްނޭކެއް ނުގެންދިޔަކަން ނަސީބެއްނު، ކުރީދުވަހުވެސް ޕައިތަންއެއް ކުޑަކުދިންތަކެއް މަރާލީ......" މިހުރާން ހަރުފައިގެ ނަން ކިޔާއިރަށް މިލީނާއަށް މިހުރާންގެ އަތުގައި ބާރަކަށް ހިފަހައްޓައިލަމުން، އާދޭހުގެ ނަޒަރަކުން މިހުރާންގެ މޫނަށް ބަލައިލި އެވެ. އެ ނަން ކިޔައިލީމަވެސް މިލީނާ ބިރުން ރޫރޫއަޅައިގަތީއެވެ. މިހުރާން މަޖާވެލާފައި ހޭން ފެށިއެވެ.

"ޖަސްޓް ކިޑިން، މިހިސާބުގައި ސްނޭކް ނޫޅޭނެ، ދެން ބުނެބަލަ، ކީއްވެތަ މިލީ ފިލައިގެން ހުރެ މާވަރަކަށް ރުއީ؟" މިހުރާން ޔަގީންވާއިރުވެސް އަހާލައިފި އެވެ.

"މަންމަމެން މަތިން ހަދާންވީ، މަންމަމެން މި ގެއަށް ގެނަޔަސް އޯކޭތަ؟" މިލީނާ މިހުރާންގެ އަތުން ދޫކޮށްލަމުން މަޑުމަޑުން ބުނެލިއެވެ. އެންމެން އެކީގައި އުޅެންޏާ ފަހަރެއްގައި އޭނައަށް އުފާވެރި ދިރިއުޅުމެއް ލިބި، އެކަނިވެރިކަން ފިލައިގެން ގޮސްދާނެއެވެ.

"ސޮރީ މިލީ، ނޮޓް ޕޮޒިބަލް... އަހަރެން ޕްލޭންކޮށްފައިވާ ގޮތަށް މިހާރު ލައިފް ކުރިޔަށް މިދަނީ، ހެޔޮ މަންމަމެން ލަންޑަނުގައި އުޅުނަސް، އަހަރެމެން މިތިބެނީ ލަންޑަން ކައިރީ ކުޑަ ޓައުން އެއްގައި ވީމަ މަންމަމެންނަށް ދޭތެރެ އަކުން ވިޒިޓްކޮށްލެވިދާނެ، އެކަމަކު މިލީ، އައި ނީޑް ޕްރައިވެސީ، ތިރީބައިގެ ކޮޓަރިތައް އެއީ މަގޭ އޮފީސް ގޮތަށް ބޭނުން ކުރާތަން، އަހަރެންގެ ފެމިލީ އަޔަސް ލަންޑަންގައި ބޮޑެތި މެންޝަންތަކުގައި އުޅޭނީ، މިލީ މަންމަމެންނަށްވެސް އެގެތަކުގައި އަރާމުކޮށް އުޅެވޭނެ......" މިހުރާން ގެ ވާހަކަތަކުން މިލީނާގެ ހިތް އިތުރަށް މޮޅިވެރިވިއެވެ. މިހުރާންގެ ވާހަކައިން އެނގުނީ އޭނަ މިގޭގައި އާއިލާގެ މީހަކުވެސް ނުބަހައްޓާނެ ކަމެވެ. ސަބަބަކީ އެހެން މީހުންނަށް އޭނަގެ ސިއްރު ދިރިއުޅުން ބޭޒާރުވެދާނެތީ ހެއްޔެވެ؟ މިލީނާ މަންމަމެން ގެންނަން ކުރި ޚިޔާލުވެސް ފެނަށް ވެގެން ދިޔައީއެވެ. ދެވަނަ ފަހަރަށް އާދޭސްކުރާނެ ހިތްވަރެއްވެސް ނުލިބުނެވެ.

"މިލީ އެންމެން ގެންނަން އުޅެނީ ފޫހިވާތީ ތަ؟" މިހުރާން އަހާލައިފި އެވެ.

"ފޫއްސެއް ނުވޭ...." މިލީނާ ފިނިވެފައިވާ ދެއަތް ތިލަ އުގުޅައިލަމުން ފުން ނޭވަޔެއް ލިއެވެ. ދެމީހުން އެކީގައި ހިގާލާފައި ގެއަށް ވަންނަން އައިއިރު މިހުރާން މިލީނާގެ އުނަގަނޑުގައި އަތް އަޅުވާފައި ގަޔާއި ކާރިކޮށްލިއެވެ. އެ ސިކުންތުކޮޅު މިލީނާއަށް ލިބުނީ ބުނަން ނޭގޭފަދަ ހިތްހަމަޖެހުމެކެވެ. އެފަދަ ކުޑަ ހަރަކާތަކުންވެސް ހިތަށް އުފާވެރިކަން ގެނެސްދެއެވެ. މިލީނާ ބޭނުމީ އެފަދަ އޯގާތެރިކަމެވެ. އެފަދަ ލޯތްބެކެވެ. 

"މިލީ ތިހެން ބުންޏަސް އަހަރެން ގޭގައި ނޫޅޭ ވަގުތު ފޫހިވާނެކަން އެނގޭ، މިލީ ވާހަކަ ކިޔާ ހިތްވެއެއްނު، މިއަދު ވާހަކަ ގެނެސްދޭނަން..." މިހުރާން ގެ އެ ޖުމްލައިން މިލީނާ އުފާވިކަން އެގުނެވެ. މިލީނާ އެންމެ ކިޔާހިތްވަނީ ކާކުގެ ވާހަކައެއް ތޯ ކިޔައި ސުވާލުކުރިއެވެ. މިލީނާ އެވަގުތު ޚިޔާލަށް އައި ދެތިން ލިޔުންތެރިންގެ ނަން ބުނެލިއެވެ. މިލީނާ ކާން ތައްޔާރުކުރަން ހުރިއިރު މިއަދު މިހުރާން މިލީނާ އާއި ކުދި ކުދި ވާހަކަތައް ދައްކަން ހުރުމުން އެކަނިވެރިކަން ފިލިއެވެ. މިލީނާއަށް އަނެއްކާވެސް މަންމަމެން ހަނދާންވާ ވާހަކަ ބުނެލެވުނެވެ.

"މެރީ ކުރީމަ ދެން އަހަރެމެން ދެމީހުން އަސްލު ފެމިލީއަކަށް ވާނީ ނޫންތަ؟ އަހަރެންވެސް މަންމަމެން މަތިން ހަނދާންވޭ އެކަމަކު އުމުރުން ވަކި ހިސާބަކަށް ދިޔައިމަ ޕޭރެންޓުންނާއި ދުރުގައި ވަކި ލައިފެއް އުޅެން ދަސްކުރަންވާނީ، މިލީ ބުނެބަލަ، މިގެއިން މަދުވަނީ ކޯޗެއްތެ؟ ކޮންމެ ގާލް އެއްގެ ޑްރީމް މިއީ، ވަކި ގެއެއްގައި ހަޒްބެންޑާއި ދެމީހުން އެކަނި އުޅުން، މިލީ އިތުރަށް ބޭނުންވާ އެއްޗެއް ބުނެބަލަ، ބައްޕަމެންހާ ރިޗް ނުވިޔަސް އަހަންނަށްވެސް ވަރަށް ގިނަ ކަންތައް ކޮށްދެވިދާނެ....." މިހުރާން ބަލައިލި ސީރިޔަސް ގޮތަކުން މިލީނާގެ ހިތް މަޑުޖެހިލިއެވެ. 

"އައި ނީޑް ލަވް އެންޑް ކެއަރ...." މިލީނާގެ އެ ޖުމްލަތައް ވީ ހިތުގައެވެ. މިލީނާއަށް ޔަގީންވީ އެންމެ ކަމެކެވެ. އޭނައަށްވެސް މިހުރާންދެކެ ލޯބިވެވިއްޖެއެވެ. ވަރަށް ބޮޑަށް ލޯބިވެވިއްޖެއެވެ. މީރާ މިހުރާން އާއި އަނގައިން ބުނުމަކީވެސް މިލީނާއަށް ކެތްކުރެވޭވަރުގެ ކަމެއްނޫނެވެ. އޭނަ ބޭނުމީ މިހުރާން އެކަނި އޭނަގެ މީހަކަށް ވުމެވެ. އެ ރީތި ހިނިތުންވުމާއި، ބަލައިލުން އެކަނި އޭނައަށް ޚާއްސަވުމެވެ. މިހުރާންގެ ފަރާތުން މިލިބޭ އޯގާތެރިކަން ލޯތްބަށް ބަދަލުވާނީ ކޮންދުވަހަކުންތޯ މިލީނާގެ ބޮޑު ބޮޑު ދެލޯ ސުވާލު ކުރިއެވެ. ހުވަފެނެއްގައިވާ ކުއްޖެއް ފަދައިން މިލީނާ ބަލަހައްޓައިގެން އިންގޮތް ފެނުމުން މިހުރާން ބުމަ އަރުވާލިއެވެ. މިލީނާގެ ސިކުނޑީގައިވާ އެއްޗެއް އޭނައަށް ކުޑަކޮށް ރޭކާލި ނަމަވެސް އެނގުނު ކަމަކަށް ނެހެދިއެވެ. 

މިހުރާން އިނީ ހިތްހަމަޖެހިފައެވެ. މިހުރާން ރޭވި ގޮތަށް ދިރިއުޅުމުގެ ހުރިހާ ކަމެއް އެބަދެއެވެ. ވަފާތެރި، ކިޔަމަންތެރި އަންބަކު އެބަހުއްޓެވެ. އޭނަ ގެ ލޯބިވެރިޔާ އާއި އެކީގައި މަޖާކޮށް، އުފާކުރެވުމުގެ ފުރުސަތު މިއޮތީއެވެ. މިހާރު މީރާއަށްވެސް ހަގީގަތް އެގުމުން އޭނަ އެކަން ގަބޫލުވެސް ކުރީއެވެ. ވީއިރު މިހުރާން ރޭގަނޑު ގެއަށް އައިމަ ހިތްހަމަޖައްސައިދޭނެ ބައިވެރިޔަކާއި، މީރާފަދަ ލޯބިވެރިޔަކު ހުރުމުން އަންހެނުންގެ ފަރާތުން ލިބެންވީ ހާ އުފަލަކާއި، ހިތްހަމަޖެހުމެއް އޮތީ ފުރިހަމަވެފައެވެ. އޭނަ ގޭގައި މެއިޑަކު ގެންގުޅޭކަށް ބޭނުމެއް ނޫނެވެ. އޭނަ ކުޑައިރުއްސުރެ މަންމަމެން ނޫނީ އާއިލާގެ މީހަކު ނުކައްކަންޏާ ކެވޭ ކަމަކަށް ނުވެއެވެ. މަންމަ އެއްފަހަރު އެމީހުންނާއި ވަކިވެގެން ދިޔުން އެއީ މިހުރާންގެ ހަޔާތުގައި އަދިވެސް ހަދާން ނައްތާނުލެވި އޮތް އަނދިރި ދުވަސްކޮޅެކެވެ. އޭރު ނުކައި، ބޮޑާހާކާވަރުން ބޮޑުދައިތަ އާއި މާމަ ހާދަ ވަރަކަށް އުޅުނެވެ. އެހެންވީމަ މެއިޑަކު ކޮށްދޭނެހާ ކަންތައްކޮށްދޭނެ ގެވެހި އަންބަކު ލިބުނުކަމީ މިހުރާންގެ ނަސީބެވެ. ކޮންމެ ގަޑިއެއްގައި ތަފާތު، މީރު ކެއުން ލިބެން ހުރެއެވެ. ވުމާއިއެކު އިތުރަށް ވިސްނަންވީ ކޮންކަމަކާ ހެއްޔެވެ؟

މިހުރާން ދަރިޔަކު ނުހޯދައިފިއްޔާ އޭނަގެ ދިރިއުޅުން ދާނީ އޮމާންކޮށެވެ. މިހުރާންއަށް ނޭގުނީ ވަރަށް އަވަހަށް އޭނަގެ މި އޮމާން ދިރިއުޅުމަށް ވަރުގަދަ ތޫފާނެއް އަންނަން އުޅޭކަމެވެ. އެހާ ރީތިކޮށް ކުރިހާ ޕްލޭންތައް އޭނަގެ އެންމެ ކުށަކުން ނެތިގެން ހިގައިދާނެކަމެވެ. މިލީނާގެ ހިތަށް ލިބޭނެ ވޭނާއި، ރިހުން މިހުރާންއަށް އިހުސާސެއް ނުކުރެވުނެވެ. އުފާވެރި ދިރިއުޅުމަށްޓަކައި އަޅާލުމާއި އެއްވަރަށް ލޯތްބާއި، އިޝްގު މިލީނާއަށްވެސް މުހިއްމު ވާނެކަމެއް ނޭގުނެވެ.

އެދުވަހު މިހުރާން ވާހަކަ ފޮތްތަކާއި، އާޗީފަދަ ކޮމިކްތަކުން ޝެލްފް ފުރުވާލިއެވެ. އަދި މިލީނާގެ އިނގިލީގައި އަޅުވާލަދިން އަނގޮޓީގެ ސަބަބުން އެ ދޭތެރޭގައިވާ ދުރުމިން އިތުރަށް ކާރިވިއެވެ. މިހުރާން މިލީނާ އުފާކޮށްދީފައި ބަހައްޓަން އެވަރުން އުޅެނީ ކީއްވެގެން ކަން މިލީނާއަށް އެގޭތީ ދެރަވިޔަސް މި ދިރިއުޅުމަށް ހޭނެން އޭނަ ސިކުނޑިއަށް ވިސްނައިދިނެވެ.

އިއްބާނު އާއި މިޝެލިން ދެ ކޮޓަރީގައި ނިދާތާ ދުވަސްތަކެއް ފާއިތުވެގެން ދިޔައިރު މިޝެލިން ހުރީ ގޮތް ދޫކުރާގޮތަކަށް ނޫނެވެ. މިޝެލިން ހައިރާންވީ އޭނަގެ އަމަލުހުރި ގޮތުން އާއިލާގެ މީހުން މައްސަލަ ޖައްސައި، އެއްޗެހި ކިޔުމުގެ ބަދަލުގައި ނުދެނެހުރިކަމަށް ހަދާލައިގެން ތިބީމައެވެ. މިޝެލިން ދޭތެރެއިން ހިންގާލާ އެކްސިޑެންޓް މަދެއް ނޫނެވެ. ކައިގެން ފެންތަށްޓެއް އަޅަން ޖެހުނަސް އޭނައަށް ވަނީ ބުރަކަމަކަށެވެ. އޭނަގެ ހެދުން ދޮވެ، އިސްތިރިކުރަން ޖެހުނީ އެލީސާ އެވެ. އޭނަ ބުނެފިއްޔާ ޒިލާވެސް ހުންނަނީ ކޮންމެ ކަމެއް ކޮށްލަދޭން ތައްޔާރަށެވެ. 

އިއްބާނުގެ ލޯބިން މިޝެލިން އަށް އަސަރުކުރާހެނެއް ހިޔެއްނުވެއެވެ. އޭނަ ބޭރުން އަންނައިރު އައިސްކްރީމް ނޫނީ ޗޮކްލެޓް ގެނެސް ނުދޭއިރެއް ނުދާނެއެވެ. ފިނިފެންމާތަކާއި، ކުދި ކުދި ހަދިޔާތަކުން މިޝެލިންގެ އަލަމާރި ފުރެންފެށިއެވެ. މިޝެލިން ކަފަ ބުދުތައް ދެކެ ލޯބިވާކަން އެނގޭތީ ކުދި ޓެޑީބެއަރ އިން ފެށިގެން އެކި ޒާތްޒާތުގެ އެއްޗެހި އޭނައަށް ގެނެސްދިނެވެ. ފޯނު ފުރެމުން ދިޔައީ މާފަށް އެދި އެކި ގޮތްގޮތުން ފޮނުވާ ލޯބި މެސެޖްތަކުންނެވެ. އެވަރުންވެސް މިޝެލިން ހުންނަނީ ގަދަކޮށްލާފައެވެ. އިއްބާނު މިޝެލިންގެ ކޮޓަރިއަށް ރޭގަނޑު ދިޔަސް މިޝެލިން ނުރުހުމާއިއެކު ނޫނެކޭ ބުނެލާގޮތުން އިއްބާނުގެ ހިތަށް އަނިޔާ ލިބޭނެކަން އެނގިހުރެވެސް މިޝެލިން ގޮތުގައި ހިފެހެއްޓިއެވެ. އެކަމަކު ދިޔުމުން އެހާވަރަށް ކަރުނަ އޮއްސާފައި އަމިއްލަ ނަފުސަށް މަލާމާތްކުރެއެވެ. ހެދުނު ހިތްވަރުކޮށްލާފައި ތެދުވެގެން ހިނިތުންވެލާފައި އުޅޭއިރު ބަލާބެލުމަށް ހީވަނީ އުފާވެރި ކުއްޖެއްހެންނެވެ.

އިއްބާނު މާޔޫސްވާން ފެށީ ކުރިއެރުމެއްނެތި މާ ގިނަ ދުވަސްވާން ފެށީމައެވެ. މިޝެލިން ދުވަހަކު ގޮތް ދޫނުކުރާނީ ހެއްޔެވެ؟ އޭނައަށް މާފުނުކުރާނީ ހެއްޔެވެ؟ އިއްބާނު ރޭގަނޑު ނިދަންދާއިރު އެނދުގެ އަނެއް ފަޅި ހުހަށް ހުރުމުން އެކަމާއި ހާދަ ދެރަވެއެވެ. ލޮލުން ކަރުނަ އަންނަ ފަހަރު މަދެއް ނޫނެވެ. އާދޭސްކޮށްކޮށް ބަލިވާއިރުވެސް އޭނައަށް މިޝެލިން އިޖާބަނުދޭނީ ހެއްޔެވެ؟ އޭނަގެ ޒުވާން ހިތް ބޭގަރާރުވަމުން ގޮސް ހިތް ފަޅައިގެން ދާވަރުވެއްޖެއެވެ. އޭނަގެ ނަފުސް އަތުން ވީއްލިދާން އުޅޭއިރު ކެތްކުރަން މިއަދު ވަނީ މަޖުބޫރުވެފައެވެ.

މިޝެލިން ގޭގެ މަސައްކަތެއް ނުކުރާތީ އެހެން މީހުން އަޅައިނުލުމުން އެހެން ގޮތަކަށް ސަމާލުކަން ހޯދަން އޭނަ ގަސްތުގައި މިޒާޖު ބަދަލުކުރިއެވެ. އިއްބާނު ހަދިޔާ ކުރި "ކަޕްކޭކް" ކިޔާ ބުދެއް އުރާލައިގެން މާ ޅަވެލައިގެން އެހެން މީހުންގެ ގާތުގައި އުޅެން ފެށުމުން ޒިލާ ވަރަށް ހިނިއާދެއެވެ. މިޝެލިން ކުރަނީ އެކްޓެއްކަން އޭނަ ދެނެގަތެވެ. މިޝެލިންއަކީ އެހާ ޅަކޮށް އުޅޭކުއްޖެއް ނޫންކަން ޒިލާ ރަނގަޅަށް ދަނެއެވެ. އެއީ ތަފާތު އަންހެންކުއްޖެކެވެ. އޭނަ އުޅޭގޮތުން ރުޅިގަދަވެ، ތުން އޫކޮށްލައިގެން ހުންނަނީ ޔީވާ އެވެ. އެހެން މީހުން ލައްވާ މިޝެލިން ޅަކުރުވަން އުޅޭތަން ފެނުމުން އޭނަ ދަތްތައް ބިންދައިގެންދާހާވެއެވެ. އެކަމަކު ޔީވާގެ ދެއްކުންތެރިކަމުން އަބަދު ތުންފަތް މައްޗަށް މަސްނޫއީ ހިނިތުންވުމެއް ވެރިކޮށްގެން ހުރެއެވެ.

އިއްބާނު ފިނިފެންމާގަހުން ރަތްފިނިފެންމަލެއް ބިނދެލައިގެން ގޮސް ގޭޓުގައި އަތްއަޅުވާލައިގެން ފޯނެއްގައި ހުރިއިރު އެހެން ދާހާ އަންހެންކުދިންގެ ސަމާލުކަން އޭނައަށް ހުއްޓުނުކަން ފާހަގަކުރެވުނީ ބިލާލު އަށެވެ. އަންހެންކުދިން އެހާ ފަރިވެ، ތުއިވާއިރުވެސް އިއްބާނު އަންހެންކުދިންނަށް ބަލައިނުލާނީ ކޮންމެވެސް މައްސަލައެއް އުޅޭތީތާއެވެ. މީހަކާއި ކައިވެނި ކުރީ އެހެން މީހުންގެ ލޮލުގައި އަނދުން އަޅުވާންވެގެންކަން ދެނެހުރީ ބިލާލު އެވެ. އިއްބާނު އާއި މިޝެލިންގެ ގުޅުމެއް ނޯންނަކަންވެސް ބިލާލު ދަނެއެވެ. އޭނަ ހުންނަނީ އިއްބާނުގެ ކޮންމެ ހަރަކާތަކަށް ފާރަވެރިވެގެންނެވެ. މިގޭ ފާރަވެރިޔަކަށް ބެހެއްޓުމުގެ ޒިންމާ އޭނަ ކިތަންމެ ވަރަކަށްވެސް އެބަ ނަގައެވެ. 

ބިލާލު އޭނަ އާއި ޖިނާނު އަޅުވާކިޔާކަން އިއްބާނުއަށް އެނގިފައިވާތީ މިއަދު އިއްބާނުވެސް ސަކަރާތެއް ގަނެލާހިތްވިއެވެ. ޖިނާނު ސައިކަލުގައި އޭނަ ބަލާއައުމުން އޭނަގެ އަތުގައި އޮތް ދިގުތަނޑިލާފައިވާ ފިނިފެންމާ ޖިނާނުއަށް ދިއްކޮށްލިއެވެ.

"ލޯބި ހާދަ ވެއިޓް ތިކުރުވަނީ..." އިއްބާނު އެއްލޯ މަރާލި އެވެ.

"ތެންކިއު ޑާލިން، އެކަމަކު ސައިކަލް ދުއްވަމުން ރޯޒްގައި ހިފަހައްޓާނީ ކިހިނެއްތަ؟ " ޖިނާނު އެ ފިނިފެންމާ ކަންފަތް ކައިރީގައި ޖަހައިލަމުން އިއްބާނުގެ ކޯތާފަތުގައި މަޑުމަޑުން ޖަހައިލި އެވެ. ބިލާލު ހުރީ އަނގަ ހުޅުވާލައިގެންނެވެ. ލާދީނީ އޭ ކިޔަންވީ މި ވައްތަރަށް އުޅޭ މީހުންނަށެވެ. ދީނީ ކުލައެއް ނެތެވެ. މާލޭތެރޭގައި މިފަދަ ޒުވާނުން އުޅެންވެއްޖެއްޔާ އަޒާބެއްވެސް އަތުވެދާނެއެވެ. ބިލާލު ދުޢާކުރަން ފެށިއެވެ. މިވަގުތުވެސް އޭނަގޮސް ސާހަބް ކައިރީގައި މި ނުލަފާކުދިންގެ އުޅުން ހުރިގޮތް ކިޔައިދޭންވީއެވެ. ހައިތަމް ފެނުމުން ބިލާލުގެ އަނގައިން ބަސްހުސްވާގޮތްވި ނަމަވެސް އޭނަ ދެން ހިމޭނުން ނުހުންނާނެއެވެ. ބިލާލުއަށް އިއްބާނުމެންގެ ހަގީގަތް އެއްވެސް ވަރަކަށް ނޭގިހުރެ ކުށްހީއެއްގެ ޝިކާރައަކަށްވެފައި ވަނީ މާ ބޮޑަށެވެ. އެހެންނޫންނަމަ އިއްބާނު މެންނަށް ލާދީނީ ކިޔޭނެ އެއްވެސް ގޮތެއް ނެތެވެ.

އިއްބާނު ގަދަޔަށް ކަސްރަތުކޮށްލައިގެން ހުރެ ކޮޓަރިއަށް ވަންއިރު އޭނަގެ މޫނުގައި މުތީތަކެއް ފަދައިން ދާތިކިތައް ވިދައެވެ. އާދައިގެ މަތިން ކޮޓަރިއަށް ވަނުމާއިއެކު މަޑުމައިތިރި އިނގިރޭސި ލަވައެއް ޖަހާލީ އޭނަގެ މޫޑާއި ގުޅޭ ގޮތުންނެވެ. ހިތާމަވެރި ލަވަތައްވަނީ އޭނަ ފޫހިފިލުވުމުގެ ބައިވެރިޔަކަށްވެފައެވެ. ހެވީ މެޓަލް ލަވަތަކަށް ޖާގައެއް ނެތެވެ. އިއްބާނު ފެންވަރަން ވަންނަން އުޅެފައިވެސް މިޝެލިން ބެލްކަނީގައި އިންތަން ފެނުމުން ޚިޔާލު ބަދަލުވިއެވެ. 

އިރުއޮއްސެމުން ދިޔައިރު އެހިސާބު ރަން ދަޅަތަކުން ވިރުވާ އަޅާއިރު މިޝެލިންގެ އިސްތަށިގަނޑު ގެ ރަންބޮޅުތަކަށް ވެރިވެފައިވާ ކުލަ ހާދަ ނަލައެވެ. ކޯތާފަތަށްވެސް ރަންކުލަ އަރާފައިވިއެވެ. އިއްބާނުގެ އަތް ފައި ފިނިވެލިއެވެ. ހިތް މަޖުބޫރުކުރަމުން ދިޔައީ މިވަގުތު ކޮންމެވެސް ގޯނާއެއް ކޮށްލުމަށެވެ. މިޝެލިން އަތުގައިވާ ރަތް ފިނިފެންމަލުގެ ފިޔަތަކުގައި އެ ދިގު އިނގިލިތަކުން ފިރުމަމުން އިންއިރު ކޮންމެވެސް ޚިޔާލެއްގައި އިންކަން އެނގެއެވެ. އިއްބާނުގެ ފިޔަވަޅުގެ އަޑު އިވުމުން މިޝެލިން އެމަލުގެ ފިޔައެއް ނޮޅަންފެށިއެވެ. ހީވީ އިއްބާނު އައުމުން ހިތްހަމަނުޖެހުނީހެންނެވެ.

"ހޭއި އެންޖެލް......" އިއްބާނު ގުދުވެލާފައި ކަންފަތްކައިރީގައި އެހެން ބުނި ވަގުތު އިއްބާނުގެ ތުންފަތް މަޑުމަޑުން ބީހިލި ކަމުގެ އިހުސާސްވެސް ކުރެވި ހީލިކަރުވާ ގޮތްވިއެވެ. މިޝެލިން ކުޑަކޮށް ކަޅިއަޅާލި އިރުވެސް ހިތާއި ހިތުން އެ އަމަލާއި ރުހެވުނެވެ. އިއްބާނުގެ ކޮންމެ އަދާއަކަށް ހިތް މަރުހަބާ ކިޔާއިރު މިޝެލިން ބޭރުފުށުން ދައްކަނީ އެހެން ކުލަވަރެކެވެ. މިޝެލިން އަވަހަށް އެ ގޮނޑީގައި އިން ބުދު އުރާލައިގެން ތެދުވެއްޖެއެވެ.

"ތި ފޭކް ބުދަށްވުރެ މާ ރަނގަޅުވާނެ އަހަރެމެން ބޭބީ އެއް ހޯދިއްޔާ......" އިއްބާނު ލާނެތް ހިނިތުންވުމަކާއިއެކު އެހެން ބުނެލިއިރު މިޝެލިންގެ ދޮން މޫނަށް އެރި ރަތްކުލައިން ވަކިން ރީތިކަމަށް ދެއްކިއެވެ.

"ނެވަރ، އެހެންނޫނަސް އިއްބާނު ގާތުގައި ބުނަމެއްނު ގައިގައި އަތްނުލާށޭ........" މިޝެލިން އިއްބާނުގެ މޭގައި އަތްއަޅާ ކޮށްޕާލާފައި ދާން ހިނގައިގަތެވެ. އިއްބާނު މިޝެލިން ގެ ފަހަތުންގޮސް ހިފެހެއްޓުމުން މިޝެލިން ފޮޅުވައިލަން މަސައްކަތްކުރިއެވެ.

"އަހަރެންގެ ބަސްނާހާ ހިތް ގަބޫލުނުކުރަނީ، އަހަރެންގެ ހައްގެއްކަމަށް އަހަރެން ދެކޭއިރު ޓަޗް ނުކޮށް ނުވެސް ހުރެވޭނެ ދޯ ބޭބީ........" އިއްބާނު ގެ ސަމާސާ ތަކުން މިޝެލިންގެ ނާރުތައް ހަލަބޮލި ކުރުވިޔަސް އޭނަ އެކަން އިއްބާނު އަކަށް ނޭންގިއެވެ. މިޝެލިން އެ ބުދުން އިއްބާނުގެ ގައިގައި ޖަހަން އުޅުމުން އިއްބާނު ހެދިގޮތަކުން ދެމީހުން އެކީގައި ގޮސް ޖެހުނީ ކިންގް ސައިޒް އެނދުގައެވެ. މިޝެލިން އިއްބާނުގެ ގައިމަތީގައި ޖެހުނު ގޮތަށް އޭނަގެ ވަށައިލެވިފައިވި އަތުގެ ބާރުގަދަކަމުން ގުޑިއެއް ނުލެވުނެވެ. އިއްބާނު ކުޑަކޮށް ފުރޮޅިލާފައި މިޝެލިން އާއި ދިމާލަށް ގުދުވެލިއެވެ. ބެލްކަނީން ކޮޓަރިއަށް ވެރިވެފައިވާ ރަންއަލި އިއްބާނުގެ މޫނަށް އެޅިފައިވާއިރު ފެނުނީ އާދަޔާ ޚިލާފަށް ރީތިކޮށެވެ. އެ ދެލޮލުގައިވި ބާރަކުން މިޝެލިން ރަނގަޅަށްވެސް މެސްމެރައިޒްކޮށްލާ، އެ އަތުގެތެރެއަށް ވިރިގެންދާން ބޭނުންވާވަރު ކުރުވިއެވެ. 

"ލަވް ޔޫ....." އިއްބާނުގެ ތުންފަތް މިޝެލިންގެ މޫނުގައި ބީހިލި އިރު ގައިން ހީބިހި ހަލުވައިލިއެވެ. ދެއަތުގެ އިނގިލިތައް ލާމެހިގެން ދިޔައެވެ. އިއްބާނުގެ ފިރުމުންތަކުން މިޝެލިންގެ ދެލޯ މެރޭހާ އަރާމުވި ވަގުތު ކޮޅެކެވެ. ލޯބީގައި އޮޔާލައިގެން ދެހިތްވެސް ދިޔަ ވަގުތުތަކަކަށް ފަހުގައި މިޝެލިންގެ ސިކުނޑީގެ ކަނެއްގައި ފޮރުވިފައިވާ ހަނދާންތައް ވުޖޫދަށް އައިގޮތަށް އެ ރީތި ވަގުތު މެދުކަނޑާލަން މަޖުބޫރު ކުރުވިއެވެ. މިޝެލިން އިއްބާނުގެ އަތުތެރެއިން ފޮޅުވިގަނެގެން ދުރަށް ޖެހި ހެދުމުގެ ނެއްޓިފައިވާ ދެގޮށް އަޅުވާލާފައި އިއްބާނުއަށް ބަލައިލި އިރު އެ ދެލޮލުން ނުރުހުމުގެ ކުލަވަރު ފެނުނެވެ. މިޝެލިން ހިތާއި ދެކޮޅަށް ހަގުރާމަ ކުރިއިރު އޭނަގެ ފައިވަނީ ޖެލީކޮޅަކަށް ވެފައެވެ. ހިތުގެ ތެޅުން އެތައް ގުނަ އިތުރުވެ، ހަތަރެސްފައި ގަނޑުފެންކޮޅަކަށް ވެފައިވިއެވެ.

"ޝެލް، އޯލްރައިޓް، އަހަރެން ގަބޫލުކުރަން އަހަރެން ކުރީ ފާފައެއްކަން، ނޭގުމުގެ ތެރޭގައި އެހާބޮޑު ކަމެއް ކުރެވުނީ، އެތައް ސަކޭތަ ފަހަރު މާފަށް އެދެފިން، ކިތަންމެ ނުބައި މީހަކު ތައުބާ ވިޔަސް ފާފަ ފުއްސަވާދެއްވާ، އެކަމަކު ޝެލް އިންސާނަކަށްވެ ހުރެ ތިހާ އަނިޔާވެރި ވަނީ ކީއްވެތަ؟ ހާދަ ގިނަ ދުވަހެއް ވެއްޖެ، ޝެލް އަށް އަދިވެސް ރިވެންޖް ނުނެގެނީތަ؟ އަހަރެންނަށް ޝެލް ކުރަން ބޭނުންވަނީ ކޮންކަމެއްތަ؟ މިއަށް ވުރެ މާ ހިތަށް ފަސޭހަކަން ނޭގޭ އަހަރެން މަރާލިޔަސް، ޝެލް ތިހާ ހާޓް ކުރާހިތުން އުޅެންޏާ އަހަރެން މަރާލަދޭންވީނު........." އިއްބާނު އެނދުގައި އިށީން އިރު ކޮޓަރިއަށް ވެރިވެފައިވާ ރަންދޯދިތައް މުޅިން ފޮހެވި ފަނޑު އަނދިރި ކަމެއް ވެރިވެއްޖެއެވެ.

މިޝެލިންގެ ޖަވާބަކަށްވީ އަތުގައި އޮތް ބުދު ބާރަކަށް ބެލްކަނީ އާއި ދިމާލަށް ހޫރުވައިލުމެވެ. ލޮލުން އޮހިގަތް ކަރުނަތައް އިއްބާނުއަށް ފެނިދާނެތީ އޭނަ ވިދުވަރެއްހާ ހަލުވިކޮށް ބެލްކަނިން ނިކުމެގެން ގޮސް ކޮޓަރިއަށް ވަދެ ދޮރު ލައްޕާލައިފި އެވެ. އިއްބާނު އަށް އެވަގުތުވެސް މިޝެލިން އޭނަ ދެކެ ލޯބިވާކަމާއިމެދު ޝައްކު ކުރެވުނެވެ. މިޝެލިންގެ މިޒާޖުގެ ތަފާތުކަމާއިމެދު ވެސް ވިސްނަން މަޖުބޫރުވިއެވެ. ދުވަހަކުވެސް އޭނައަށް މިޝެލިންގެ މާފު ހަމަ ނުލިބޭނެހެއްޔެވެ؟ އެހެންވެއްޖެއްޔާ އޭނަ ދުނިޔޭގައި އުޅުމުގެ ބޭނުމަކީ ކޮބާހެއްޔެވެ؟

އިއްބާނު އާއި ދޭތެރޭގައި އެހެން ކަންތައް ކުރަން ވުމުން މިޝެލިންގެ ހިތަށްވެސް އެހާ ތަދުވެއެވެ. ހާދަ ހިތުގައި ޖެހެއެވެ. އިއްބާނުގެ ހިތަށް ލިބޭ ކޮންމެ އަނިޔާއެއް އެއަށްވުރެ މާބޮޑަށް އޭނައަށް އިހުސާސް ކުރެވެއެވެ. އެކަމަކު އޭނަ އެކަންތަކަށް މާފުކުރާނީ ކިހިނެއް ހެއްޔެވެ؟ މިގޭތެރެއިން ޔީވާ ފޮނުވައިނުލައި ގޭގައި ގެންގުޅޭހާ ހިދަކު އޭނަގެ ހިތަކަށް ހަމަޖެހުމެއް ނުލިބޭނެއެވެ. އެކަމަކު އޭނަ އިއްބާނު ގާތުގައި އެހެން ބުނާކަށް ބޭނުމެއް ނޫނެވެ. އެވަރަށް ކަރުނަ އޮއްސަން އޮވެފައިވެސް މިޝެލިން ކޮޓަރިން ނިކުމެ އޭނަ ބެލްކަންޏަށް އެއްލައިލި ބުދު ގެނެސް ކޮޓަރީގެ އަލަމާރިއަށް ލިއެވެ. އިއްބާނު ދިން ހުރިހާ ހަދިޔާއެއް އޭނަ ރައްކާކޮށްފައި ވަނީ އެ އަލަމާރީގައެވެ. އޭނަ އެހުރިހާ އެއްޗެއްސެއްވެސް ގެންގުޅެނީ އެހާ ލޯބިންކަން އިއްބާނުއަށް އެނގޭނެނަމައެވެ. އޭނަ ލޯބިވާވަރު އެނގޭނެނަމައެވެ.

މިޝެލިން ހޭލެވުނީ ބިރުވެރި ހުވަފެނެއް ފެނިގެންނެވެ. ހޭލެވުނުއިރު މިޝެލިންގެ ލޮލުން އޮހެމުން ދިޔަ ކަރުނަތަކުން ބާލީސް އޮތީ ތެމިފައެވެ. މިޝެލިން ސިކުނޑިއަށް ބާރުލީމަވެސް އޭނައަށް ހުވަފެނުގައި ފެނުނުކަމެއް ހަނދާނެއް ނުވިއެވެ. މިޝެލިން ގަޑި ބަލާލައިފާ ރަޖާ ދުރަށް އެއްލާލައިފިއެވެ. އޭރު ބޮލުގަޔާއި، ހިތުގައި މަޑުމަޑު ރިހުމެއްވެއެވެ. ކޮންމެވެސް މީހަކަށް ކަމެއްވީ ބާވައެވެ. މިޝެލިން އޭނަ ލޯބިވާ އެންމެންގެ މަތިން ހަދާންކުރިއިރު އެންމެ ކުރިން ހިތަށް އައި ނަމަކީ އިއްބާނު އެވެ.

މިޝެލިން އަވަހަށް ބާތުރޫމަށްވަދެ ފެންވަރާ ހަދާލައިގެން އިސްތަށިގަނޑު ނިއުޅުވާލައިގެން ނިކުންނަމުން އާދައިގެ މަތިން ކަޕްކޭކު އުރާލައިފި އެވެ. ގޯލްޑެން ފްލޭމްގެ ކާކޮޓަރި ތެރޭގައި އާއިލާގެ އެންމެންހެން ތިބިތަން ފެނިފައި މިޝެލިން ކުޑަކޮށް ލަދުގަންނަގޮތްވިއެވެ. އޭނަ މިގޮތަށް ބުދެއް ހިފައިގެން އައިމަ ބޮޑުބޭބެ ހީކުރާނީ އޭނަ މޮޔަވީކަމަށެވެ. ނޫނީ ޅައީކަމަށެވެ. އެއިން އެއްވެސް ކަމެއް އޭނަގެ ނެތްކަން އެގެނީ ކިތައްމީހުންނަށް ބާވައެވެ. އިއްބާނުއާއި ހަތަރުކަޅި ހަމަވުމުން މިޝެލިންގެ ހިތަށް އުދަގޫތަކެއްވިއެވެ.

"ބޮޑު މޮޔަގަނޑު..." ޔީވާ ދަތްތައް ވިކައިގަނެފައި ހިތާހިތުން ކިޔާލައިފި އެވެ. މަލަކާ މިޝެލިންއަށް ތަށިތައް ކައިރިކޮށްލަދޭން ފެށުމުން މިޝެލިން އިނީ އުދަގޫވެ، ލަދުގަންނަ ގޮތްވެފައެވެ. ބައެއްފަހަރު ބޮޑުދައިތަމެންނާއި މެދު ހަމްދަރުދީވާން އުޅެއެވެ. މިހާ ނުލަފާވާކަށްނުވެސް ވާނެއެވެ. އެކަމަކު ވަގުތީ ހިތްހަމަޖެހުމެއްވެސް ލިބެއެވެ. ޚާއްސަކޮށް ޔީވާގެމޫނަށް ވެރިވާ ކުލަވަރުތައް ދެކެން މިޝެލިން ބޭނުމެވެ. އޭނަ އައުމުން އެންމެން ހެނދުނުގެ ސަލާމްކޮށްލިގޮތުން ވެސް ޔީވާ އިނީ ނުރުހިފައެވެ.

"ޝެލްއަށްވެސް އެ ޚަބަރު އެގެންވާނެއްނު......." މަލަކާ ކުއްލިއަކަށް ބުނެލި ޖުމްލައަކުން މިޝެލިން ހާސްވިއެވެ. އެފަދަ އެންމެ ޖުމްލައަކުން އޭނަގެ ހިތަށް އަންނަ ބަދަލުތައް ބޮޑުދައިތަމެންނަށް އެނގޭނެނަމައެވެ.

ކޮމެންޓް 0