މިޝެލިންގެ ހިތް އަވަސްވިވަރުން އެވަގުތު ކޮޅު ނޭވާ ނުލެވުނު ހެން ހީވިއެވެ. މިލީނާ އެހެން ބުނި ގޮތުން ހީވީ ގާތް މީހަކު ދުނިޔެ ދޫކޮށްގެން އެކަމާއި ހާސްވެފައި ހުރިހެންނެވެ. މިލީނާ އެގޮތަށް އާދައިގެ ކަމަކާއި ވެސް ޑްރެމެޓިކް ވެގެން ފާނެކަން މިޝެލިން ހަނދާން ވެސް ނެތީއެވެ. އެހާ ބޮޑަށް މިޝެލިން ބިރުގަތީ އެހެންވެއެވެ.
"އިނޫ މެންގެ ގުރާ މަރުވީ......" މިޝެލިން ސުވާލެއް ކުރުމުގެ ކުރިން މިލީނާ އިތުރަށް ބުނެދިނެވެ. އޭރު މިޝެލިން ބެލްކަނީގެ ދޮރު ކަހާލާފައި ބޭރަށް ނިކުމެ ކުރިމަތިން ފެންނަން ހުރި ގޯލްޑެންފްލޭމް އާއި ދިމާލަށް ނަޒަރު ހިންގައިލި އެވެ. ބެލްކަންޏާއި ދިމާލުން ހެދިފައިވާ ގަހެއްގެ ހިޔަނި އެޅިފައިވުމުން ފިނި އަތްވެއް ދީފައިވާއިރު އެ ބެލްކަނި އެހާ އަރާމުވެފައި، އުޅެން ފަސޭހައެވެ. ބެގޯނިއާ، ޑެއިޒީ، ޑެފޮޑިލް ފަދަ މާގަސްތައް އިންދާފައިވާ ޕޮޓްތައް ބެލްކަނި މުއްސަނދި ކޮށްދެއެވެ. ވައި ތާޒާވެފައި ވަނީ މަލުގެ މީރުވަހުންނެވެ. މި ބެލްކަންޏަށް އިއްބާނުގެ ކޮޓަރި ފެންނާތީ، ކިތަންމެ ގިނައިން އެދިމާލަށް ބެލިޔަސް މިޝެލިން ފޫއްސެއް ނުވެއެވެ. އެކަމަކު މިހާރު އެ މަންޒަރުން ވެސް ލޮލަށް ކަރުނަ ގެނުވައެވެ. އެއްގޮތަކަށް ވެސް ހިތަށް ހަމަޖެހުމެއް ނުލިބެއެވެ. އެވަރަށް ލޯބިވާ އިންސާނާ ތެދުވެރި ނުވުމުން ހިތަށް ލިބޭ އަނިޔާ ބަޔާން ކުރަން ދަތްޗެވެ.
މިލީނާ ކިޔައިދިނީ އަވަށްޓެރި ގޭގައި އިންނަ ގުރައަކަށް، ބުޅަލެއް ހަމަލާދީ އެސޮރު ޗިސްކޮށްލި ތަން މިލީނާއަށް ފެނުނު ވާހަކައެވެ. އެ ވާހަކަ ދައްކަމުން ގޮސް މިލީނާގެ ބޮޑު ދެލޯ ކަރުނުން ފުރިއްޖެއެވެ. ގުރައެއްގެ ނިމުން އައިގޮތުން އަސަރުކުރާ ވަރަށްވުރެ މިޝެލިންގެ ހިތުގެ ހާލަތު ބޮޑެވެ.
"އައުޗް، ޕުއަރ ތިންގް، ހާދަ ދެރައޭ......" މިޝެލިން ހަމްދަރުދީވި ނަމަވެސް މިލީނާ ގެ ރުއިން ހުއްޓުވާކަށް ދައްކާނެ އިތުރު ވާހަކައެއް ނޭގުނެވެ. މިޝެލިން ދެން އިއްބާނުއަށް މެސެޖް ކޮށްލާފައި ބުނީ އޭނައަށް މިވަގުތު ދެވެން ނެތްކަމަށާއި ވަގުތެއް ވީމަ ގުޅާނެ ކަމުގައެވެ. އޭނަގެ ތަބީއަތު ވަނީ ގޯސްވެފައެވެ. އެވަރުން އިއްބާނުގެ ގާތަށް ދިޔުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ފެނުނުހެން ލޯބި އިތުރުވެ، ހިތް ހަލާކުވާލެއް އިތުރު ވާނީ އެވެ. ރުޅި އާއި ލޯބި އެއްފަހަރާ ހިތެއްގައި ލައްވަފާނެ ހެއްޔެވެ؟ އޭނައަށް ވެގެން މިއުޅެނީ އެފަދަ ގޮތެއް ހެއްޔެވެ؟
މިލީނާ ބެލްކަނީގައި ހުރި ގޮނޑިއަކަށް ތިރިވިގޮތަށް ރޯންފެށިއެވެ. މިދުވަސްކޮޅު އާދައިގެ ކަންތަކާއި، މިގޮތަށް ރޮއި އުޅުން އާދަކޮށްލާފައި ވަނީ ހީވާ ގޮތުން އެހެން ހިތާމަ އަކާއި ގުޅުވައިގެންނެވެ. މިޝެލިން ކަންބޮޑުވެގެން ގޮސް އޭނަގެ ބައްޕަމެންނަށް އެ ޚަބަރު ދިނެވެ. މިލީނާއަކީ އެގޮތަށް ކަންތަކާއި އަވަހަށް ހިތުގައި ޖެހި ރޮއިއުޅޭ، ހިތްބަލިކުއްޖެކެވެ. ކޮކާލެއް، ހިންޏެއް މަރާލިޔަސް މިލީނާގެ ހިތަށް އުދަގޫވާނެއެވެ. މިލީނާ ކުޑައިރު ގެންގުޅުނު ފިޔޮކެއް މަރުވެގެން ދެތިން ދުވަސްވާންދެން ނުކައި، ބޮޑާ ހޭކިއެވެ. އަދި ތަންކޮޅެއް ބޮޑުވުމުން ގޭ އަނބުގަހުގައި ގެންގުޅުނު ދޮންދޫނި އުދުހިގެން ދިޔުމުންވެސް ރުއީ މާ ވަރަކަށެވެ. މިލީނާ ބިރުގަންނަނީ ބުޅާ ދެކެއެވެ. ބުޅަލެއް ފެނިއްޖެއްޔާ މިލީނާ ބިރުން ދެފައި ބިންމަތީގައި ހަރުނުލާނެއެވެ.
މާޒިން އެގޮތް މިގޮތަށް ވާހަކަ ދައްކައިގެން މިލީނާ ކޮންމެވެސް ވަރަކަށް ހަމަޔަށް އެޅުނެވެ.
"އަޅުގަނޑު ބޭނުމީ ބައްޕަމެން ގާތުގައި ގޭގައި ހުންނަން، ވެޑިން ކެންސަލް ކުރަން ބޭނުމީ..." އެންމެ ފަހުން މިލީނާގެ ހިތް ކޮންމެވެސް ވަރަކަށް ބަންޑުން ކޮށްލައިފި އެވެ.
"ވެޑިން ޑްރެސް ފަހައި، ކާޑު ބަހައި ނިމުނީމަ ދަރިފުޅު ތި ރިފިއުޒް ކުރީ ކީއްވެތަ؟ ދަރިފުޅު ބޭނުންވެގެން މި ކައިވެނި ކުރަން ހަމަޖެހުނީ، ދަރިފުޅު ބޭނުމިއްޔާ ހުއްޓާލަންވީ، ބައްޕަ ފޯސް އެއް ނުކުރާނަން......" މާޒިން ގެ ހިތުގައި ނުތަނަވަސްކަމެއް އުފެދުނަސް އެކަމެއް ހާމައެއް ނުކުރެއެވެ. އޭނަ އެފަދަ ކަމަކަށް ދަރިންނަށް މަޖުބޫރު ނުކުރަން ހިތާހިތުން ނިންމިތާ ކޮން ދުވަހެއް ހެއްޔެވެ؟
"މިހުރާން ބޭނުމީ ބޭރުތަނެއްގައި ސެޓްލްވާން، އަޅުގަނޑު މާ ހިތްހަމަޖެހޭ ބައްޕަމެންނާއި އެކީގައި މާލޭގައި އުޅެން، ދުރަށް ދިޔައީމަ ވަރަށް މިސްވާނެ..." މިލީނާ ޓިޝޫ އަކުން ކޯތާފަތް ފޮހެލައިފި އެވެ.
"ބައްޕަމެންވެސް ދޭތެރެ އަކުން ވިޒިޓް ކުރާނަމޭ...." މާޒިން އަވަހަށް ބުނެލި އެވެ.
"މާޒިން މިހުރާން ގާތު ބުނަންވީނު ހަނީމޫން ނިންމާފައި މާލެއަށް އަންނާށޭ، އޭނަ އުޅެން މިގެ ކުޑައެއްނޫން، މިލީނާވެސް އަބަދު އަހަރެމެންނާއި އެކީގައި އުޅެފައި އެހެން ގޮސް ބީރައްޓެހި ގައުމެއްގައި އެކަނި އުޅެން ފަސޭހައެއް ނުވާނެ، އޭނަ އުޅޭނީ ޖޮބްގައި، މިލީ އެކަނި ގޭގައި ހުރެވޭތަ؟" ސޯފިޔާ ގެ ދެލޮލުން ނުރުހުމުގެ ކުލަވަރު ފެނުނެވެ. ފެށުނީއްސުރެ މި ކައިވެންޏާއި މެދު ސޯފިޔާ ނުރުހިފައިވާކަން މާޒިންއަށް ނޭގެނީއެއް ނޫނެވެ.
"ރެން ގެ ބިޒިނަސް އޮންނަނީ އެކޮޅުގައޭ އޭނަ ބުނި، އެހާ ޅަ އުމުރުގައި ވެސް އަމިއްލަ ވިޔަފާރި އާއިގެން އުޅުނީމަ އެކަމުންވެސް އެގެނީ ރެންގެ ހަރުދަނާކަން، ބޭބެމެން އަތުގައި އުމުރަށް މަސައްކަތަކާއި ނުލައި އުޅެވޭނެހާ ފައިސާ އެބަހުރި، އެކަމަކު އެންމެން އުޅެނީ އަމިއްލަ މަސައްކަތުން، ބައްޕަވެސް އަހަރެންނަށް މެޑިސިން ހަދަން މަޖުބޫރު ކުރިކަމުން ފައިދާވީ އަހަންނަށް، އެހެންނޫންނަމަ ފެމިލީ އާއި ވަކިވާން ޖެހުނު ދުވަހު އަހަރެން އުޅެން ޖެހޭނެ ހާލު ސޯފީ ވިސްނާލަބަލަ، އެހެންވީމަ ކޮންމެ ކުއްޖަކުވެސް ވަކި އުމުރަކަށް ދިޔައިމަ ޕޭރެންޓުންނާއި ނުލައި އަމިއްލައަށް އުޅުމަކީ ގޯހެއްނޫން، އެކުދިންނަށްވެސް ޗާންސެއް ދިނީމަ އެނގޭނީ...." މާޒިން މިހުރާން އާއި އެއްކޮޅަށް ހިފައިލުމުން ސޯފިޔާގެ މޫނު ކުރިއަށް ވުރެ ބަނަވިއެވެ. އެކަމަކު އޭނަ ހިމޭންވިއެވެ. ތެދެކެވެ. މިއީ މިލީނާ އަމިއްލައަށް ހޯދައިގަތް ދިރިއުޅުމެކެވެ. މިލީނާއަށް އެކަމުގެ ވޭނާއި، ހިތިކަން ދާދި އަވަހަށް ފެންނާނެ އެވެ.
މަންމަ އާއި ބައްޕަ ގެ ދޭތެރޭގައި އޭނަގެ ސަބަބުން ނުތަނަވަސްކަން އުފެދިއްޖެކަން އެގުމުން މިލީނާގެ ޅަ ހިތަށް އަސަރުކުރިއެވެ. އަމިއްލައަށް ގުރުބާންވެގެންވެސް އޭނަ ދެކެން ބޭނުން ނުވާ މަންޒަރެކެވެ.
"އެހެންވީއިރު ބައްޕަ އެތަނުން ޖޮބެއް ހޯދައިގެން އެރަށަށް ބަދަލުވައްޗޭ ޕްލީޒް، އޭރުން އުފާވާނެ.." މިލީނާ ކުޑަ ހިނިތުންވުމަކާއި އެކު ލޯ ފޮހެލައިފިއެވެ. މައިންބަފައިންގެ ހިތް ހަމަޖައްސާދޭން މިލީނާ ވާ ވަރު ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތެވެ.
މިޝެލިން ގޯލްޑެން ފްލޭމަށް ދިޔުމުން އިއްބާނު އާއި މިނިވަންކޮށް ބައްދަލުކުރުމުގެ ފުރުސަތު ލިބެއެވެ. އޭނަގެ މަންމައަށް އެކަން އެގޭނަމަ އެގެއަށް ވަދެލުމުގެ ހުއްދަ ދޭނެކަމެއް ނޭގެއެވެ. މިއަދުވެސް މިޝެލިން އެގެއަށް ދިޔައިރު ޒިލާ ޒެފަން ޕްރޭމަކަށް ލައިގެން ގޮސް ގޯޅިން އޮބާލިތަން ފެނުނެވެ. އެހާ ސްޓައިލިޝް ވެގެން ހުރިއިރު ސެލެބްރިޓީއަކަށް ވުރެ ދެރައެއް ނޫނެވެ. ޒަހުރާން އާއި މިޝެލިންގެ ކައިވެނި ކެންސަލްވެ އޭނަ އާއި އިއްބާނު އަކީ ލޯބިވެރިންކަން އެނގޭއިރުވެސް ޒިލާ މިޝެލިން ފެންނައިރަށް ކަޅިއަޅައިލައެވެ. ހީވަނީ ޒިލާގެ އެއްޗެއް މިޝެލިން އަމިއްލަ ކޮށްގެން އުޅޭތީ ހަސަދަވެރިވާހެންނެވެ.
ކާފަ އާއި މާމަގެ ކޮޓަރި ތަޅުލައިގެން ދެމަފިރިން އަރާމުކޮށްލަނީ ކަންނޭގެ އެވެ. ބޮޑުދައިތަމެން ވީ ޝޮޕިންއަށް ގޮސްފައި ކަންނޭގެ އެވެ. ގެ އޮތީ ހިތަކަށް ލިބިފައެވެ. މިޝެލިން އެތަން މިތާ ބުރެއް އަޅައިލުމަށްފަހު ގޭގެ ފަހަތު ފެންޑާއަށް ބޯދިއްކޮށްލި އިރު ފެނުނު މަންޒަރަކުން ސިހުނެވެ. މިހުރާން އާއި އޭނަގެ އަތުތެރޭގައި ހުރި ކުއްޖާ ފެނުނީ އެކެއްގެ ގޮތުގައެވެ. އެމީހުންނަށް ނުފެންނަނީސް އޭނަ ފަހަތަށް ޖެހި ކޮރިޑޯގެ ތަބަކާއި ނިވާވެއްޖެއެވެ.
"އެހާ ޕެޝަނޭޓްކޮށް ކިސްކުރާއިރު މީހަކަށް ފެނިދާނެތީ ބިރެއްނުގަނޭ، އެ ގާލްވެސް ހާދަ ލަދުކުޑައޭ، އެއީ މީރާ ކަމަށް ވާނީ، އެއްފަރާތުން ފެނުނު އިރުވެސް އެކުއްޖާ ހާދަ ރީއްޗޭ، މިހުރާން އާއި އެހާ ގުޅޭ ކުއްޖެއް މަދުވާނެ، ދޮންތީ މާ އިނޮސެންޓްވެފައި، ކުރުވީމަ ގުޅެނީ ކިއުޓް ބޯއި އަކާއި ކަންނޭގޭ......." މިޝެލިން ފިނިވެފައިވާ ދެއަތްތިލަ އުގުޅަމުން އައިއިރު ބުމަވެސް ގޮށްޖަހައި ލެވިއްޖެއެވެ. މިހުރާންގެ ބޭވަފާތެރިކަން ލޮލުގެ ކުރިމަތިން ފެނިއްޖެއެވެ. މިލީނާއަށް އެނގިއްޖެއްޔާ އެ ފަކީރުގެ ހިތް ހަލާކުވާނެއެވެ. މަންމަ ބުނިފަދައިން މިގޭ ކުދިން ގެ މިހިރީ ހުޅަގުގެ އުޅުމެވެ. މާދަން ކައިވެނި ކުރަން އުޅޭއިރު ބައިވެރިޔާއަށް ތެދުވެރިއެއް ނުވެވުނެވެ. އޭނަ ދެން ފިރިހެނަކަށް އިތުބާރު ކުރާނީ ކިހިނެއް ހެއްޔެވެ؟ ހިސާބަށްވުރެ ރީތިވެފައި، ކާމިޔާބުވީމަ ވާގޮތެއްކަން ނޭގެއެވެ. ތެދުވެރިވާނީ ޒައިން އާއި ރާހިލް ފަދަ ދީންވެރިންނެވެ.
މިޝެލިން އެކި ޚިޔާލުތަކުގައި ހުރެ ޔީވާގެ ކޮޓަރިއަށް ކަޅި ހިންގައިލި އެވެ. އަނެއްކާ އިއްބާނު އާއި ޔީވާ ތިބީ އެކޮޓަރީގައި ހެއްޔެވެ؟ ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން ނުހިފާނެ ބާވައެވެ. އިއްބާނުއަށް ގުޅާފައި ތިރިއަށް އައުމަށް ބުނަން އުޅެފައި މިޝެލިން ޚިޔާލު ބަދަލުކޮށްލާފައި ހަލުވި ފިޔަވަޅުތަކެއްގައި ސިޑިން އެރިއެވެ. އޭނަ އިއްބާނުގެ ކޮޓަރީގެ ތަޅުގައި ހިފާލާފައި ހުއްދަ ހޯދުމެއްނެތި އެތެރެއަށް ވަނެވެ.
"ޔަގީން، ޔީވާގެ ރޫމްގައި ވާނީ...." މިޝެލިން ބާތުރޫމް އާއި، ބެލްކަނި ބަލައިލުމަށްފަހު އެނބުރެން އުޅެނިކޮށް ބާރުގަދަ އަތެއްގެ ތެރޭގައި ބޮނޑިކޮށްލެވުނު ގޮތަކުން މިޝެލިން ފިނިވެގެން ދިޔައެވެ. އޭރު އިއްބާނުގެ މޫނު ވަނީ މިޝެލިންގެ ކޯތާފަތުގައި ޖެހި ބާރުވެފައެވެ. އަދި އިއްބާނުގެ ތުންފަތް މިޝެލިންގެ ކޮލުގައި ބީހިލުމާއިއެކު ކޮފީ އާއި އާފްޓަރޝޭވެއްގެ ލުއިވަސް އެކުވެގެން މިޝެލިންގެ ހިއްސުތަކަށް ގޯނާކުރުވިއެވެ. އިއްބާނު މިޝެލިން އޭނަ އާއި ދިމާލަށް އަނބުރާލީ ލަސްލަހުންނެވެ.
"ބޭބީ ގާލް، ހާދަ ވަރަކަށް ވެއިޓް ތިކުރުވަނީ......" އިއްބާނު ތަންކޮޅެއް މަޑުން ބުނެލިއެވެ. އެފުން ދެލޮލުގެ ތެރެއަށް ގެނބިގެން ދާ ފަދަ ގޮތެއް ވިއެވެ. އެއާއި އެކު މިޝެލިން ގެ ލޮލުގެ ސްކްރީނަށް ފެނުނު މަންޒަރަކުން ހަމަ ހޭވެރިކަންވިއެވެ. ރީތި ސިފައެއްގައި ހުރި ބޭވަފާތެރި އެކެވެ.
"ނޯ...... ކިތައްފަހަރު ބެން ގާތުގައި ބުނާނީ..." މިޝެލިން އިއްބާނުގެ މޭގައި އަތް އަޅާފައި ދުރަށް ޖައްސާލި އިރު މޫނު ރަތްވެފައިވެއެވެ. މިޝެލިން ރުޅި އައިކަން އެނގުމުން އިއްބާނު މަޖުބޫރުކުރާކަށް ނޫޅުނެވެ. އެއަށްވުރެ މާބޮޑަށް އެ ހިތުގައި މިޝެލިންގެ ލޯބިވެއެވެ. އެހިތަށް ކުޑަ އަނިޔާއެއް ދޭކަށްވެސް އިއްބާނު ނޭދެއެވެ. އޭނަ އިންތިޒާރު ކުރާނެ އެވެ. ކިތަންމެ ޒަމާނަކަށް ވިޔަސް ހެވެވެ. އެކަމަކު ކޮންމެވެސް ދުވަހަކުން އޭނަގެ މިލްކަކަށް މިޝެލިން ވާނެކަމުގެ އުއްމީދު އޮތެވެ. އެގޮތަށް ދުރުން އުޅެން ބޭނުންވަނީ މިޝެލިންގެ މައުސޫމް ކަމާއި، ޅަކަން ކަމުގައި އިއްބާނު ދެކުނެވެ. ފަހުން ހުރިހާ ކަމެއް ރަނގަޅު ވެދާނެ އެވެ. މިޝެލިންއަށް ފެނުނު މަންޒަރަކުން އޭނަގެ ސިކުނޑިއަށް އެކަމުގެ އަސަރުކޮށްފާނެ ކަމަށް އިއްބާނު ހީކޮށްފައެއް ނެތެވެ.
"ސޮރީ ލަވް، އަހަރެން ކޮފީއެއް ހަދައިގެން އައިއިރު ކުޑަ ޕަރީއެއް ފެނުނީމަ ހިތް އަތުން ދޫވީ، އިންސާނަކަށް ކުށެއް ކުރެވުނަސް ދެން އެމީހަކީ ވިޔާނުދާ މީހެއް ކަމަށް ނިންމައިގެން ނުވާނެ ދޯ......" އިއްބާނު ހީލި އެވެ. ޔީވާގެ ހާދިސާއަށް ނިސްބަތްކޮށްފައި އިއްބާނު ބުނި އެއްޗެއް ކަމަށް ޔަގީންކުރި މިޝެލިން ސިހިއްޖެއެވެ. އޭނަ އިއްބާނުގެ މޫނަށް ބަލަން ހުރީ އެސްފިޔަޖަހައިލަން ނޭގިފައެވެ.
"ވަޓް...." އިއްބާނު ހައިރާންވެފައި މިޝެލިންގެ މޫނުމަތީގައި އަތް ހޫރާލި އެވެ. މިޝެލިން ހުވަފެނަކުން ހޭލެވުނު ފަދައިން އެސްފިޔަ ޖަހާލައިފައި ދާން ހިގައިގަތީ މޭޒުމަތީގައި ހުރި ކޮފީ މަގު ހިފައިގެންނެވެ.
"އާ ޔޫ އޯކޭ؟ " އިއްބާނު ފަހަތުން ނިކުތެވެ.
"އަހަ... އަހަރެން........ ރޫމްގައި ހުރީމަ ސަފަކޭޓްވާ ގޮތްވީ....." މިޝެލިން ތުންފަތުގައި ދަތްއެޅިއެވެ.
"ކޮންމެވެސް ކަމެއް ވެއްޖެ ދޯ، ބޭބީ އަބަދު ތި ވިސްނަނީ ކޯޗެއްތަ؟" އިއްބާނު އާއި ދެމީހުން އެކީގައި ސިޑިން ފައިބައިގެން ދަމުން އިއްބާނު އަހާލައިފި އެވެ.
"ނަތިން........ ބެން ބުނީމެއްނު މިއަދު ބަލިވެ އުޅޭ ވާހަކަ، އެކަމަކު ޔޫ ލުކް ފައިން....." މިޝެލިން ނޭފަތް ދަމާލަމުން ބުންޏެވެ.
"އަހަރެންގެ ބޮލުގައި ފާޑަކަށް ރިއްސާލާފައި، ހުންވައްތަރުވީ، ދެތިން ތަށި ކޮފީ ބޯލީމަ ތެދުވެވޭވަރުވި، ޝެލް ފެނުނީމަ މުޅިން ރަނގަޅު ވެއްޖެ...." އިއްބާނު ސިޑިން ފައިބައިގެން އައިއިރު އޭނަ ހުރީ މިޝެލިން ފަރުވާކުޑަކަމާއި އެކު ފިޔަވަޅު އަޅާތީ ވިސްނައިގެންނެވެ. ކިރިޔާ ކައްސާލިޔަސް އެ އަތުގެ ހިމާޔަތް ދޭންވެގެންނެވެ. އެކަމަކު މިޝެލިން ނުރުހުން ވެދާނެތީ އަތްލާކަށް ނޫޅުނެވެ.
"ހޫމް......." މިޝެލިންއަށް ކިޔާނެ އެއްޗެއް ނޭގުނެވެ. އޭނަ ގެ ބަސް މަދުކަން އިއްބާނުއަށް ފާހަގަ ކުރެވޭނެ ހެއްޔެވެ؟ ބަދަލެއް އައިކަން އެނގިގެން އިއްބާނު ސުވާލު ނުކުރަނީ ޔީވާގެ ކަންތަކާއި ބިރުންކަން ޔަގީނެވެ. އިއްބާނު މިވަނީ ކޮންފަދަ ލޯތްބެއް ހެއްޔެވެ؟ އެމީހުން ކޮރިޑޯއިން އައިއިރު އެދިމާލަށް ޔީވާވެސް އަންނަތަން ފެނުނެވެ. ގަޔަށް ހިފާފައިވާ ރީދޫކުލައިގެ ޓީޝާޓަކާއި، ކަޅު ޓައިޓެއްގައި އެރީތި ހަށިގަނޑު އިޝްތިހާރު ކުރަން އުޅޭހެން ހީވެއެވެ. ޓޭންވެފައިވާ މޫނު އޮމާން ކަމުން ވިދައެވެ. އޭނަ މިޝެލިން އާއި ދިމާލަށް ބަލާފައި ހުރިހާ ދަތްތައް ފެންނަވަރަށް ހީލާފައި "ހައި" ޖަހައިލުމުން މިޝެލިން އާދެވުނު ރުޅީގައި ޖަވާބެއް ވެސް ނުދެވުނެވެ. އަބަދު ހެވިލާފައި ހުންނަ ކުއްޖާގެ ތުންފަތްމަތިން ހިނިތިންވުމެއް ދައްކައެއް ނުލިއެވެ. އަދި ޔީވާ ދިޔައީ އިއްބާނުގެ ގައިގައި ކިރިޔާ ނުޖެހޭ ހިސާބުންނެވެ. އިއްބާނު އާއި ޔީވާ ހީލިތަން ފެނުމުން މިޝެލިންގެ ހިތް އަނދައިގަތެވެ. ކޮފީތަށީގައި ހިފުނުލެއް ބާރުކަމުން އިނގިލި ތަކަށް ތަދުވިއެވެ. ދެރަވެގެން ގޮސް ލޮލަށް ކަރުނަ ޖަމާ ނުވީ ކިރިޔާއެވެ. އެކަމަކު ޖަޒުބާތުތައް ފޮރުވަން މޮޅުކުއްޖާ ހިތުގެ މައްޗަށް ބާރު ފޯރުވިއެވެ. އޭނަ ކޮފީތަށި ތުބުގައި ޖަހާލައިފައި ތަންކޮޅެއް ގިނައިން ބުއިމުން ދޫ ފިހުނެވެ.
"އައުޗް...." މިޝެލިންގެ ލޮލަށް ކަރުނަ އައީ ހޫނު ކޮފީގެ ސަބަބުން ކަމަށް އިއްބާނު ހީކުރި އެވެ.
"ބޭބީ، ބަލާނުލައި އުޅޭތީ......" އިއްބާނު ޓްރޭ އިން ގަނޑުފެން ތަކެއް ނައްޓާލައިގެން އައިސް މިޝެލިންގެ އަނގަޔަށް އެކަތި ކޮޅު ލައްވާދިނެވެ. އޭރު މިޝެލިންގެ ރީތި ދެލޮލުގައި މުތީތަކެއް ފަދައިން ވިދި ކަރުނަތައް ކޯތާފަތް މަތިން ދެމެން ފެށިއެވެ. މިގޮތަށް ޅަވެގެން އުޅޭކުއްޖަކަށް ނުވިޔަސް މިއަދު މިޝެލިންގެ ހިތަށް ލިބުނު ދަތިކަމާއި، ރުޅިވެރި ކަމުން ޖަޒުބާތު ތަކަށް އޭނައަށް ބާރު ނުފޯރުވުނީ އެވެ. މިޝެލިންގެ ގަނޑުފެނުން ތެމިފައިވާ މަޑު ތުންފަތް ހާދަ ނަލައެވެ. އަދި އަނގަ ހަފަމުންދިޔަ ގޮތާއި އެ ކަރުނަތަކުން އިއްބާނުގެ ހިތަށް ވީގޮތެއް ބުނެދޭކަށް ނޭގުނެވެ. ބޭނުންވީ މޭގައި އަބަދަށްޓަކައި ފޮރުވައިލުމަށެވެ. އޭނައަށް ވެގެން އެލޮލުން އެންމެ ކަރުނަ ތިއްކެއް އޮހުނަކަ ނުދޭނެއެވެ.
"ނުރޮއި...ޕްލީޒް....." އިއްބާނު ވެސް ފެންކަޅިވި އެވެ.
މިޝެލިން އިތުރު އެއްޗެކޭ ބުނަން އުޅެނިކޮށް ފިޔަވަޅުތަކެއްގެ އަޑުއިވުނެވެ. އަދި ތުއްތު ޒެފިންގެ އަޑުއިވުނެވެ.
"އަނހާ، ކަމެއް ކުރަންޏާ ނޯ ޑިސްޓާބް ސައިން އަޅުވާލައިގެން ތިބެންވީނު ބޫ......" ޒިލާ ހުރީ ނުބައި ފާޑަކަށް ހިނިއައިސްފައެވެ.
"ޝެލް ހޫނު ކޮފީ ބޮނިކޮށް ދޫ ފިހުނީ...." އިއްބާނު ހުރީ ސަމާސާ ކުރާ ކަހަލަ މޫޑެއްގައެއް ނޫނެވެ.
"ހީކުރީ އަދި ދަތް އެޅުނީ ކަމަށް..." ޒިލާ ހީގަނެފައި ބުނެލި އެވެ.
"އެހެނެއް ނުވާނެއްނު ދެން، އެއަށްވުރެ ބަލައިގެންނޭ ގެންގުޅެނީ، ސިސް، ހާދަ އަވަހަކަށް ގެއަށް ތިއައީ؟" އިއްބާނު ޒެފަން އަތުކޮޅަށް އުފުލާލައިފައި އެ ތުއްތު މޫނުކޮޅުގައި ބޮސްދިނެވެ. އިއްބާނު މިޝެލިން އާއި ދިމާލަށް ޒެފަން ދިއްކޮށްލާފައި ކިސްއެއް ދޭށޭ ބުނެލި އެވެ. ޒެފަން އެހާ ކުޑައިރުވެސް ހާދަ ރީއްޗެވެ. އެކިކުލަ ހުރި ޓީޝާޓް ކޮޅަކާއި ޖިންސް ސޯޓަކާއި، ބޫޓެއް ލައްވާފައި ހުރި އިރު އެއިން ކޮންމެ އެއްޗެއްގެ އަގު އެތައް ސަތޭކަ ޑޮލަރަކަށް އަރާނެކަން ޔަގީނެވެ. ޒިލާގެ ދަރިއަކަށް ވިޔަސް މިޝެލިންގެ ހިތުގައި ޒެފަން އާއި މެދު އުފެދުނީ ބުނަން ނޭގޭފަދަ ލޯތްބެކެވެ. އެ ތުއްތު މޫނުގައި ހިފާލާފައިވާ މީރުވަހަކުން ވެސް ހިތް ފުރޭނެއެވެ.
"ފާޑެއްގެ މީހަކު ފަހަތުގައި އަޅައިގަތީމަ އަވަހަށް ގެއަށް މިއައީ، އެކަމަކު މިޝެލިންއަށް ބޮޑު ސިންގާ ގެއެއް ދިނީމަވެސް އަބަދު މިގެއަށް ވިޒިޓްކުރަން ޖެހޭ ސަބަބެއް ނޭގޭ......" ޒިލާ މިޝެލިންއަށް މަލާމާތުގެ ނަޒަރަކުން ބަލައިލުމަށްފަހު ފްރިޖް ހުޅުވާލި އެވެ. މިޝެލިން އެ ވާހަކައަށް ޖަވާބެއް ނުދީ ދުރަށް ބަލަން ފެށިއެވެ.
"މިޝެލިން އެހެރީ ކަމެއް އިންޓެރަޕްޓްވީމަ ރުޅިގަދަވެގެން ހުޅު ހިފާވަރުވެފައި ހެން ހީވެއްޖެ، ކޮންޓިނިއު އިނގޭ، ޝުގަރ ޕައި، ހިނގާ ޑެޑީ ގާތަށް ދާން......" ޒިލާ ޒެފަން ކޮނޑަށް ލައިގެން ދާން ހިގައިގަތެވެ.
އިއްބާނު ދިން ގަނޑުފެންތަކުން މޫނުގައި ކާއްތާލައިގެން ފިނިކޮށްލުމަށްފަހު އިއްބާނު އާއި މިޝެލިން ނިކުތީ ގޭގެ ފަހަތުބަޔަށެވެ. ފެންޑާގައި ހުރި ރަން ކުލައިގެ އުނދޯއްޔެއްގައި ދެ ލޯބިވެރިން ޖައްސާލާފައި ކޮފީ ބޯން ތިބިއިރު އިއްބާނު އޭނައަށް ދިނީ މިޝެލިން އުއްމީދު ކޮށްގެން ހުރި ޚަބަރެއް ނޫނެވެ.
އިއްބާނުއަށް ވަޒީފާ ލިބުނީ އެވެ. އޭނަ ކެޕްޓަނަކަށް ވުމަށްފަހު ކިތަންމެ ރަނގަޅު ވަޒީފާ އެހެން ގައުމުތަކުން ލިބެން ހުއްޓަސް އަދި މަސައްކަތް ކުރަން ބޭނުމީ ރާއްޖޭގައެވެ. ދުރު ދަތުރު ދިޔައީމަ މިޝެލިން ނުފެނި މާ ގިނައިރުވުން ނޫންކަމެއް ނުވާނެއެވެ. ދެން އޮތް ޚަބަރަކީ މިހުރާންގެ ކައިވެނީގެ ރޭގައި އެމީހުންގެ އެންގޭޖްމެންޓް އިއުލާން ކުރަން ބައްޕަމެން ނިންމަވާފައިވާ ވާހަކައެވެ. އެއަށްފަހު ދެން މިޝެލިން އޭނަގެ މީހަކަށް ވާކަށް މާ ގިނަ ދުވަހެއް ނުނަގާނެ އެވެ. އެހުރިހާ ވާހަކަތަކެއް ކިޔައިދިންއިރުވެސް އިއްބާނު އެރޭގެ ހާދިސާ ފޮރުވުމުން މިޝެލިންގެ ހިތުގައި ޝަކުވާ އުފެދުނެވެ. އެ ވާހަކަ އަހާހިތުން ކެތްކުރެވުނީއެއް ނޫނެވެ. އެކަމަކު އިއްބާނު ޔީވާގެ ނަންވެސް ކިޔައެއް ނުލިއެވެ. އެ ކޮޓަރީގައި ހިނގިކަންތަކުގެ ވާހަކަ އިއްބާނު ނުދައްކައިގެން އުޅެނީ ކީއްވެބާވައެވެ. އެއީ އަނެއްކާ އޭނަ ނިދީގައި ހުރެގެން ފެނުނު ހުވަފެނެއްބާވައެވެ. ނޫނީ ހެލުއިސިނޭޓްވީ ހެއްޔެވެ؟ އެހެން ނޫންނަމަ އިއްބާނު އެއްގޮތަކަށް ވެސް ކުށުގެ އިހުސާސެއްނެތި ލޯބިން ވާހަކަ ދައްކަންވީ ކީއްކުރަން ހެއްޔެވެ؟ އޭނަ ޖެހިލުމެއްނެތި އެ ވާހަކަ އަހަންވީ ކަންނޭގެ އެވެ. ނޫނީ ސިކުނޑި ފަޅައިގެން ހިގައިދާނެއެވެ. ނަމަވެސް ކޮންމެވެސް ސަބަބަކާއި ހުރެ އެކަމަށް އޭނަ ފަސްޖެހުނެވެ.
މިޝެލިން އިއްބާނު ދިން ރަތް ފިނިފެންމާ ހިފާލައިގެން ގެއަށް އައިއިރު އޭނަ ހުރީ މިލީނާގެ ގާތުގައި މިހުރާން އާއި މީރާގެ ވާހަކަ ކިޔައިދޭހިތުން ކެތްނުލަވާފައެވެ. މިލީނާގެ ފިރިޔަކަށްވާން އުޅޭ ފިރިހެނާއަކީ ތެދުވެރިއެއް ނޫންކަން މިލީނާއަށް އެނގެން ޖެހޭނެއެވެ. އެހެންނޫނީ ކައިވެންޏަށްފަހު މިލީނާގެ ހިތް ކުދިކުދިވެދާނެއެވެ. އެވެސް އަޖައިބެކެވެ. މިހުރާންގެ ލޯބިވެރިއެއް ހުރެއްޖެއްޔާ އެހެން މީހަކާއި އިނުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ އޭނައަށް ކުރިން ހީކުރެވުނު ގޮތަށް އެކަމުގައި ނުބަޔެއް އެބައުޅެއެވެ. މިލީނާއަށް މަޖުބޫރު ކޮށްގެން މިހުރާން އުޅެނީ ކޮންފަދަ ކަމެއް ނުކުރެވިގެން ބާވައެވެ. ކައިވެންޏަށްފަހު މިލީނާއަށް މިހުރާން ދެކެ ލޯބިވެއްޖެއްޔާ ހުރިހާ ދެރައެއް ލިބޭނީ މިލީނާއަށް ކަންނޭގެ އެވެ. މިހުރާން ގެ ފޯނު ކޯލު އަޑުއަހާފައިވާތީ އޭނަ އެ މީރާއަކު ދެކެ ލޯބިވާވަރު މިޝެލިންގެ ތޫނު ސިކުނޑިއަށް ނެގުނެވެ. އޭނަ މިލީނާ ގާތުގައި ހުރިހާ ވާހަކައެއް ކިޔައިދޭނެއެވެ. އެކަން ހުއްޓުވަން ބާރު އަޅާނެއެވެ. އެކަމަކު ލިބިފައި މިއޮތީ އެންމެ ސައުވީހަކަށް ގަޑިއިރެވެ.
މިޝެލިން ޚިޔާލެއްގައި ހުރެ ގޭގެ ބޮޑުކޮޓަރިއަށް ވަނުމާއި އެކު ފިޔަވަޅުތައް ހުއްޓުނެވެ. މަލަކާ، އެލީސާ އަދި އާއިލާގެ ދެތިން އަންހެނުން މިލީނާގެ ކައިވެނި ހެދުން ހިފައިގެން އައިސް އުޅެއެވެ. މިލީނާ ހުރީ ހެވިލާފައެވެ. އެ ދޮންމޫނަށް ފިނިފެންމަލުގައި ހުންނަ ކުލަ ވެރިވެފައިވެއެވެ.
"މިލީ އެހެރީ ހާދަ އުފާވެފައި، އެކަމަކު ރެންގެ އެ ޑާކް ސިކްރެޓް ކިޔައިދޭންވީ، މިލީ ބޭނުން ޑިސިޝަނެއް ނަގާފާނެތާ....." މިޝެލިން ހިތާހިތުން ކިޔާލައިފި އެވެ.
"ދަރިފުޅު މި ހެދުމުގައި ހީވާނީ ޕްރިންސެސް އެއްހެން...." މާޒިންވެސް އުފާވެފައި ހުރި ދަރަޖަ އެ ޖުމްލައިން އެކަނިވެސް އެގުނެވެ. ކުޑަކޮށް ހިތްހަމަނުޖެހި ނިތްކުރިއަށް ރޫއަރުވާލައިގެން ހުރީ އެކަނި ސޯފިޔާ އެވެ.