މިލީނާ އެހާ ވަރުބަލިވެފައި ހުރެވެސް މިހުރާންގެ އަތް ދުރަށް ނުލީ ފިރިމީހާއަށް ވީތީއެވެ.
"ހާދަ މީރުވަސް ދުވައޭ، ކޮން ލޯޝަނެއް ޔޫޒްކުރީ، ކޮން ޝޭމްޕޫއެއްތަ؟ ނޫނީ ހަމަ ރީތިކަމުގެ ބަޔެއް ދޯ، ވޮންޑަރފުލް އިނގޭ......" މިހުރާން މިލީނާގެ އިސްތަށިގަނޑާއި، އެތަން މިތަނުގައި މޫނު ޖައްސައިލުމުން މިލީނާގެ ހިތް ތެޅިގަތެވެ. ކޮޓަރީގެ މޭޒުމަތީގައި ދިއްލާލާފައިވާ އުށްބައްތިއެއްގެ އަލި އެޅިފައިވާއިރު މިހުރާންގެ ރީތި ދެލޮލުގެ ތޫނުކަން ކަނޑީގެ މިޔަ ފަދައެވެ. މިލީނާ އެ ލޮލަށް ނުބަލަން މަސައްކަތް ކުރިޔަސް އޮޅިގެންވެސް އެ ރީތި ދެލޮލަށް ބަލަހައްޓައިގެން ހުރެވުނީ އެވެ. މިހުރާން ޓީޝާޓު ދުރަށް ހޫރާލުމަށްފަހު، އެ ކަސްރަތީ ހަށިގަނޑު ހާމަވެގެން ދިޔައިރު މިލީނާގެ އަތްތިލަވަނީ މިހުރާންގެ އަތުގެ ތެރޭގައި ހައްޔަރުވެފައެވެ. އެވަގުތު މިހުރާންގެ ފޯނު ރިންގުވާން ފެށުމުން އެއީ މީރާކަން އެނގުމުން ފޯނު ނުނަގާ ދޫކޮށްލާކަށް ބޭނުމެއްނުވިއެވެ. މިހުރާން މީރާ އާއި ވާހަކަދައްކަމުން ވެސް، އޭނަ ކުރަން ބޭނުންވި ކަމެއް ކުރަމުން ދިޔައެވެ.
"ކަސްރަތެއް ކޮށްލަނީ، އެކަމަކު ޓޯކް ކުރެވިދާނެ އިނގޭ....." މިހުރާން ހީލިއެވެ. އެވަގުތު މިހުރާންއަށް ހެދުނު ގޮތަކުން މިލީނާގެ އަތުގައި އުޅަބޮށި ވިއްދާލެވުމުން މިލީނާއަށް ތަދުވިވަރުން މަޑު ހަޅޭކެއްގެ އަޑު ކަރުތެރެއިން ނިކުތެވެ. އެކަމާއި ހިތްހަމަނުޖެހުނު ވަރުން މިހުރާން މިލީނާގެ އަނގަމަތީގައި މަޑުމަޑުން ހިފަހައްޓާފައި ފިތާލާފައި ހިމޭންވުމަށް އިޝާރާތުން އެންގިއެވެ. މިލީނާގެ ލޮލުގައި ގިނަވެގަތް ކަރުނަތައް ނުހިފެހެއްޓިގެން ކޯތާފަތްމަތިން ދެމިގަތެވެ. އެހެންނޫނަސް ފޯނުގައި އޮވެ ވެސް މީހުން ދެން މިކަހަލަ އަމަލުތައް ކުރަންޖެހޭ ހެއްޔެވެ؟
"މިލީ އެބައުޅޭ މި ރޫމްގައި، އެކްސިޑެންޓަކުން އަތް ލެވުނީމަ ބިރުން ހަޅޭއްލަވައިގަތީ، އެނގެއެއްނު މިލީގެ ބިހޭވިއަރ ހުންނަ ގޮތް، ކުޑަ ހިންޏެއް ހަފާލިޔަސް މިލީ ބިރުން ކަންފަތް ފަޅައިގެންދާހާ ބާރަށް ހަޅޭއްލަވައި ގަންނާނެ، ކުޑަކުދިން އުޅޭނީ އެގޮތަކަށްނު، ބޮޑުވީމަ އެބައި ރަނގަޅު ވާނެ......" މިހުރާން މިލީނާގެ ވާހަކަ ދައްކަން ޖެހުނީ މިލީނާ ގެ ހަޅޭކުގެ އަޑު އިވިގެން މީރާ ސުވާލު ކުރުމުން ކަން ޔަގީނެވެ. މިހުރާން މީރާއަށްވެސް އޮޅުވާލަނީ ހެއްޔެވެ؟ އޭނަ އާއި ގުޅުމެއް ބާއްވާކަން މީރާއަށް ސިއްރު ކުރަނީ ހެއްޔެވެ؟ އެހެންނޫންނަމަ މިގޮތަށް ވާހަކަ ދެއްކުމުގެ މާނައެއް ނެތެވެ. މިއީ ކޮން ކަހަލަ ފިރިހެނެއް ހެއްޔެވެ؟ މިލީނާ ހައިރާންވެ، އަންތަރީސްވިއެވެ.
"ފައިވް މިނިޓްސް އިން އެބަ ގުޅަން އިނގޭ...." މިހުރާން ފޯނު ބާއްވާފައި ނިތްކުރީގައިވާ ދާތިކިތައް އަތުގެ ނުފުށުން ފޮހެލަމުން މިލީނާ އާއި ދިމާލަށް އެނބުރުނު އިރު ލޮލުގައި ނަށަނަށާ ހުރީ ނުލަފާ ވިދުވަރެކެވެ.
"ގަސްތުގައި ދޯ ހަޅޭއްލެވީ؟" މިހުރާން އެ ކުޑަ އަތްތިލައަށް ފިތާލީ ހިސާބަށްވުރެ ބާރަށެވެ.
"ނޫ..ނޫން..." މިލީނާގެ ހިތް ބާރަށް ތެޅިގަތެވެ.
"ދެން ހެވޭ، ތިހާ ފިނޑިވާކަށް ނުވާނެ، އަހަރެންނާއި ވެސް ޗެލެންޖް ކޮށްބަލަ، ފައިޓް ކޮށްބަލަ، ތިހާ ބަސްއަހަންޏާ ދެން ފޫހިވެސް ވެދާނެ........" މިހުރާން ގެ ވާހަކަ ކޮންމެ ގޮތަކަށް ހުއްޓަސް އޭނަ ހަގީގަތުގައި ބޭނުމީ މިފަދަ އަންބެކެވެ. މިހުރާން ގެ ކޮންމެ އަމުރަކަށް ބޯ ލަނބައިގެން، ބުނާހާ ގޮތަކަށް ހަދައިގެން، ސިއްރުތައް ހިފަހައްޓައިގެން، ގޭގައި އިންނާނެ ކުއްޖެކެވެ. އޭނަގެ ހުރިހާ ސިއްރުތަކެއް މިގޮތުގައި ފަރުދާވެފައި އޮންނާނެއެވެ. ދުނިޔެއަށް ފެންނާނީ އޭނަގެ އެހެން ފަރާތެކެވެ. އަނދިރި ފަރާތް ފޮރުވައިދޭން މިފަދަ މާތް އަންބަކު ހުރެއްޖެއްޔާ ވިސްނަންވީ ކޮންކަމަކާ ހެއްޔެވެ؟
ކޮޓަރި ތެރޭގައި ނަށަމުން ދާ ހިޔަނިތަކާއިއެކު ފާރަށް އެޅިފައިވާ އެ ދެމަފިރިންގެ ހިޔަނިވެސް ނެތިގެން ދިޔައީ ކޮޓަރީގައި އިން ކުޑަ އުށްބައްތި ވިރި ހުސްވެ، ކޮޓަރި އަނދިރީގެ ތެރެއަށް ގެބިގެން ދިޔުމުންނެވެ. މިލީނާ ބޮކި ދިއްލަން ތެދުވާން އުޅުނީމަވެސް މިހުރާން ތެދުވުނަކަ ނުދިނެވެ. އަނދިރިވީމަ މާ ހިތްފަސޭހަކަމަށް ބުނެފައި އޭނަ އެކަން ހުއްޓުވިއެވެ. އެހެންނޫނަސް ކޮޓަރީގެ ކުޑަދޮރުން ފާއްދާފައިވާ ފަނޑު އައްޔެއްގެ ސަބަބުން ކޮންމެވެސް ވަރެއްގެ އަލިކަމެއް ދީފައި އޮތެވެ. ރޭގަނޑަށް ފިނިކަން ދަށްވެ ހީކަރުވާގޮތްވި ނަމަވެސް ގޭގެ ހީޓަރު ޖައްސާލަން ތެދުވާކަށް މިހުރާން ނޫޅުނެވެ. އެހެންނޫނަސް ފިނި މޫސުމްގައި ނޫނީ ހީޓަރު ޖައްސާވަރަކަށް އޭނައަށް ފިންޏެއް ނުވާނެއެވެ. އެކަމާއި މިލީނާއަށް އުދަގޫވެދާނެ ކަމަކަށް މިހުރާން ވިސްނައެއް ނުލައެވެ.
ރޭގަނޑުގެ ގަޑިތައް މަޑުމަޑުން ވޭތުވަމުން ދިޔައިރު މިލީނާ އޮތީ ނުނިދިފައެވެ. އޭނަގެ އާއިލާގެ މަތިން މާބޮޑަށް ހަދާންވެ، ރޮވޭގޮތްވިއެވެ. އެކަމަކު އެކަރުނަތައް ދެކޭނީ ކާކުހެއްޔެވެ؟ އެކަނިމާ އެކަނި އަނދިރީގައި އޮވެ ކަރުނަ އޮއްސިޔަސް ފެންނާނެ މީހެއްނެތެވެ.
އިރުއެރުމާއި އެކު މިލީނާ ތެދުވެ ހެދުނުގެ ނާސްތާ ތައްޔާރު ކުރުމާއިގެން އުޅެގަތެވެ. މިހުރާން ތެދުވެގެން އަންނަންވާއިރަށް މިލީނާ ކޮފީ، ސެންޑްވިޗް އަދި ބިސްގަނޑު އަޅައި، މޭޒުމަތި ތައްޔާރުކޮށްލައިފި އެވެ. މިހުރާން ކޮފީ ބޮއިގެން މިލީނާ ގާތު އެދުނީ ކޮޓަރިއަށް އައުމަށެވެ. މިލީނާ އެނދުގެ މަގަތުގައި އިށީންއިރު އޭނަގެ އަތްފައި އަނެއްކާ ގަނޑުފެންކޮޅަކަށް ވެއްޖެއެވެ.
"ކޮންމެ ފަހަރަކު އަހަރެން ގޮވާލީމަ ހީކުރަނީ އެންމެ ބޭނުމެއްގައި ކަމަށްތަ؟ ދުވަހަކު ބިރުވެސް ނުފިލާނެހެން ހީވަނީ، ބަސްއަހާ ވައިފެއްހެން ނިޔަފަތި ކަނޑާލަދީ...." މިހުރާން މިލީނާގެ އުގަށް ފައިލައިގެން އެނދަށް ވެއްޓިގަތެވެ. މިލީނާގެ ނާޒުކް، މަޑު އަތުން އެ ފައިތިލައިގައި ހިފެހެއްޓިއެވެ. އެހެން މީހެއްގެ ނިޔަފަތިތައް ކަނޑާދިނުމަކީ ފަސޭހަ ކަމެއްނޫނެވެ. އެކަމަކު މި ފިރިހެނާ ހުރިހާ މަސައްކަތެއް ޖައްސުވަނީއެވެ. މަޖުބޫރުވެފައިވާ ހާލުގައި މިލީނާ އެ މަސައްކަތް ކުރަން ޖެހުނީ މިހުރާންގެ ފައިގައި ދަތި އެޅިދާނެތީ އެހާ ބިރުގެންފައި އިނދެ، ފަރުވާތެރި ކަމާއި އެކުގައެވެ.
"ތޭންކްސް..." މިހުރާން ހަމަޖެހިލައިގެން އެނދުގައި ހަށިގަނޑު ދަމާލީ ފޯނެއް އައުމުންނެވެ. އެއީ މީރާގެ ކޯލެއްކަން ދެނެގަންނާކަށް މިލީނާއަށް އުދަގުލެއްނުވިއެވެ. އިރުއިރުކޮޅާ ގުޅާލައިގެން ހުރެ މީރާ ސާބިތުކޮށްދޭން ބޭނުންވަނީ ކޮންކަމެއް ހެއްޔެވެ؟ މިރޭ އުއްބައްތީގެ އަލީގައި ކެއުމެއް ބާއްވާނީ ކަމަށާއި، އެގެއަށް މީރާ އަންނަން ދަޢުވަތު ދިނުމުން މިލީނާގެ ހިތަށް އުދަގޫވިއެވެ. މިލީނާގެ ހިތްވެސް ޒުވާން ވެފައިވާ ކަމާއި، އެއީވެސް މީރާ ފަދައިން އިހުސާސް ލައްވާފައިވާ ހިތެއްކަން މިހުރާން އަކަށް ނުވިސްނުނެވެ. އަދި ތިމާގެ އަންހެނުން ކައިރީގައި ބައިންދައިގެން ހިލޭ އަންހެންކުއްޖަކަށް ގުޅާއިރު އަނެއްކުއްޖާއަށް ތިމާގެ ބާކީވެފައިވާވަރު އަންގައި ދެވެނީ ކަމެއް މިހުރާން އަކަށް ނޭގުނެވެ. އެނގެން ބޭނުންވެސް ނުވަނީއެވެ. މިލީނާގެ ހިތުގައި އެތައް ޝަކުވާއެއް އުފެދުނެވެ.
"މިލީ، މިރެއަށް ތަންކޮޅެއް ރަނގަޅަށް ކައްކާލަންވާނެ އިނގޭ...." މިހުރާން ދެތިން ރެސިޕީއެއްގެ ނަން ކިޔުމުން އެއެއްޗެހި ތައްޔާރުކުރަން ނޭގޭކަމަށް ވަގުތުން މިލީނާ ބުނެލައިފި އެވެ. އިނގިރޭސި ކެއުން ތައްޔާރުކުރަން އޭނައަކީ އިނގިރޭސިއެއް ނޫނެވެ. އެހެން ނޫނަސް މީރާ އަށްޓަކައި އޭނަ އެފަދަ މަސައްކަތެއް ކުރަން ޖެހޭނެހެއްޔެވެ؟
"އޯކޭ، އަހަރެން ގެނެސްދޭނަން ރެސިޕީ ފޮތެއް......" މިހުރާން ފާޑަކަށް ބަލާލައިފައި ފާޚާނާ އާއި ދިމާލަށް ހިނގައިގަތުމުން މިލީނާ އިނީ ގަނޑުވެފައިވާ ބުދެއްހެން ހިރިލާން ނޭގިފައެވެ. އޭނަ ބުނި އެއްޗަކުން މިހުރާން ރުޅި އައީބާވައެވެ. އެކަމަކު އެއީ ހަގީގަތެވެ. ކައްކަން އެނގޭ އެއްޗެއްގެ ނަން ބުނިނަމަ އޭނަ އެގޮތަކަށް ޖަވާބެއް ނުދިނީހެވެ. އެކަމަކު އޭނަ ޖެހެނީ މިހުރާންގެ ލޯބިވެރިޔާއަށް ކައްކާފައި ކާން ދޭން ހެއްޔެވެ؟ މިލީނާގެ ލޮލުގައި ގިނަވެގެން، ލޮލުގެ ހިމަކޮޅުން ފައިބައިގަތް ކަރުނަތައް އޭނަ ފޮހެލައިފިއެވެ. އޭނަ މިގެއަށް ގެނެއްސަ މިހުރާން އޭނަ ގޮވައިގެން ލަންޑަން ތަންތަން ދައްކައިލަން ގެންދާނެކަމަށް ހީކުރި ހީކުރުންވެސް މިއޮތީ ހުވަފެނަކަށްވެފައެވެ. ފޫހި ދަތުރެކެވެ.
އެރޭ މިހުރާން އާއި މީރާ އާއި ދެމީހުން އުއްބައްތީގެ އަލީގައި ކާން ޖައްސާލުމާއިއެކު އެ މަންޒަރު ނުދެކެން ވެގެން މިލީނާ ވަގުތުން ކޮޓަރިތެރެއަށް ދެމިގެންފިއެވެ. އޭނަ އާއި ދޭތެރޭގައި މިހުރާންއަށް މިގޮތަށް ކަންތައް ކުރެވިގެން ނުވާނެ ކަމަށް ފުރަތަމަ ފަހަރަށް ހިތް ބުނަން ފެށިއެވެ. މިހުރާން އެވަރުން ބްލެކްމެއިލް ކޮށްގެން އޭނަ އާއި ކައިވެނި ކުރުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ލޯބިވާ އަންހެންކުއްޖާ އާއި އެކު އުޅުނީމަ ވީ ނޫންހެއްޔެވެ؟ މިލީނާ ރުޅިގަދަވެގެންގޮސް އެނދުގައި ދެތިން ފަހަރު އަތުން ޖެހިތަނާ ފޯނު ރިންގު ވާން ފެށުމުން އޭނަ ފޯނު ނަގަމުން ނޭފަތް ދަމާލިއެވެ.
"މިލީ، ދަރިފުޅާ ރޮނީތަ؟" ސޯފިޔާއަށް ޝައްކެއްވިއެވެ. މަންމަގެ އޯގާތެރި އަޑު ކަންފަތުގައި ޖެހުމާއިއެކު ފަޅައިގެން ގޮސް އަޑު ވީއްލާ ނުރޮވުނީ ކިރިޔާއެވެ.
"ނޫން މަންމާ، ފިނިކަމުން އަރިދަފުސް އަޅާފައި ހުރީ، ލަންޑަން ވަރަށް ފިނި....." މިލީނާ މަންމަ މެންގެ ހިތް ހަމަޖައްސާދޭން ދޮގު ހެދިއެވެ. މަންމަމެންގެ ގާތަށް މިވަގުތުވެސް ދާން ހިތް ބޭނުންވިވަރުން ކެތްކުރެވުނީ އެއް ނޫނެވެ. ސޯފިޔާ ވާހަކަ ދެއްކި ވަރަކަށް މިލީނާގެ ލޮލުން އޮހުނު ކަރުނަތައް ގިނަވިއެވެ. މިލީނާ އިސް އޮބާލައިގެން ހުރެ ވާހަކަ ދައްކަނިކޮށް މިހުރާންގެ ފިޔަވަޅުގެ އަޑު އިވުނުހެން ހީވެގެން އަވަހަށް ފޯނު ކަނޑާލައިފި އެވެ. މިހުރާން ހުރީ ދާދިގާތުގައި ސީރިޔަސް ނަޒަރަކުން ބަލަހައްޓައިގެންނެވެ.
"ކީކޭތަ މަންމަ ގާތު ކިޔައިގެން ތިއުޅެނީ؟" މިހުރާން ފޯނު ޖަހައިގަތް ގޮތުން ހީވީ ގަދަޔަށް ރުޅިއައިސްފައި ހުރިހެންނެވެ. މިލީނާގެ ކަރުނުން ފުރިފައިވާ މާޔޫސީ ދެލޯ މިހުރާންއަށް ކިތަންމެ ވާހަކައެއް ކިޔައިދީފިއެވެ.
"ނުބުނަން މީ..މީރާގެ ވާހަކައެއް...." މިލީނާ އަޅައަޅައިގެންފައި އެހެން ބުނެލި އިރު އޭނަ ހުރީ ރަނގަޅަށް ބިރުގެންފައެވެ.
"ނަސީބެއްނު ފެމިލީ އާއި ދުރުގައި އުޅެން އަހަރެން ޑިސައިޑް ކުރިކަން، އެހެންނޫންނަމަ ބުނާނެ މިލީ އަބަދު ރޮއްވަނީއޭ، ކްރައި ބޭބީއަކަށް ނުވެ ހުރެދީފާނަންތަ؟ އައި ޑޯންޓް އަންޑަސްޓޭންޑް، އައި ރިއަލީ ޑޯންޓް، އަހަރެން މިލީ މި ގެންގުޅެނީ ކިހާ އުފަލުން، ބޭނުންހާ ގޮތަކަށް އުޅެން މިގެ މިއޮތީ، ދެން އެހެން މީހުން ގާތުގައި މަށޭ ކިޔައިގެން ކުޓުވާކަށް ނުޖެހޭނެ ދޯ، އެނީވޭސް އަހަރެން ކުރިންވެސް ބުނެފައި އޮންނާނެ އެއްވެސް ވާހަކައެއް އެހެން މީހަކަށް އެނގިގެން ނުވާނެއޭ، އެހެން ނޫނީ...." މިހުރާން މިލީނާގެ މޫނުގައި އިނގިލި ބީއްސާލަމުން އިންޒާރުގެ ރާގަކަށް ބުންޏެވެ. އެ ބޮޑު ދެލޮލުން ކަޅިވެސް ޖަހައި ނުލައި ބަލަހައްޓައިގެން ހުރިގޮތް މިހުރާންގެ ހިތަށް ރަހުމް ވަންނަން އުޅުނެވެ. އެ މައުސޫމްކަމުން ފުރިފައިވާ ބެލުމުން މިހުރާންގެ ހިތްވެސް މަޑުފުށްކޮޅަކަށް ހަދާލާތީ މިހުރާން ހައިރާންވިއެވެ. އެކަމަކު އެކަން މިލީނާއަށް އަންގާކަށް އޭނަ ބޭނުމެއް ނުވެއެވެ.
"އަހަންނަށް އެނގޭ މިލީ ކުޑަކޮށް ފޫހިވާނެކަން، މަންމަމެން މަތިން ހަނދާންވާނެ ކަންވެސް، އެހެންވެ ރޮވެނީ ދޯ، ތަންތަން ބަލައިލަންވެސް ގެންދާނަން އެކަމަކު ޖޮބްގެ ގޮތުން އަދި ޓައިމެއް ނުވަނީ، އެހެންނޫނަސް ފިނިކަމުން މިލީ ތަންތަނަށް ދާހިތެއް ނުވާނެކަން ޔަގީން، ލަންޑަނަކީ ބޯރިން ޕްލޭސް އެއް ވީމަ......" މިހުރާން ވާހަކަ ދައްކަމުން ގޮސް ލޯގަނޑު ކައިރީގައި ހުއްޓި ހުރެ އެ ކުރުކޮށް ކޮށާލެވިފައިވާ ފަން އިސްތަށިގަނޑާއި ކުޅެލިއެވެ. އޭނަ ސިއްރުން މިލީނާގެ ހަރަކާތްތަކަށް ބެލިއެވެ. އަނެއްކާ މިލީނާ އޭނަދެކެ ލޯބިވާން ފެށީހެއްޔެވެ؟ ހިތުގައި ނޭގޭ ބިރުވެރިކަމެއް ހިނގިއެވެ. އެހެންވެގެން ނުވާނެއެވެ. މިލީނާ އޭނަ ދެކެ ލޯބިވެއްޖެއްޔާ ގިޔާމަތް ގާއިމުވެދާނެއެވެ. އޭނަ އިތުރު ހިތެއް ހަލާކުކޮށްލާކަށް ބޭނުމެއް ނޫނެވެ. މިލީނާ އޭނަދެކެ ކުރަން ޖެހޭނީ އެކަނި ނަފްރަތެވެ. ލޯބިވިޔަ ނުދިނުމަކީ އޭނަގެ ޒިންމާއެކެވެ. މާ އޯގާތެރިވާން ހަދައިގެން އަންހެންކުދިންގެ ހިތް ވަރަށް ފަސޭހައިން ލެނބިދާނެއެވެ. އެކަމަކު މިލީނާ އާއި ދޭތެރޭގައި ހަރުކަށިވާކަށްވެސް ބޭނުމެއް ނުވިއެވެ.
މިލީނާ ޖަވާބެއް ނުދީ އެނދަށް އަރާފައި ރަޖާގަނޑުގެ ދަށަށް ވަދެ އަނެއް ފަރާތަށް އެނބުރިއްޖެއެވެ.
"އުހޫމް، ކައިގެން ނިދާނީ އިނގޭ....." މިހުރާން ރަޖާގަނޑު ދަމައިގަތެވެ. މިލީނާ ބަސްއަހާ ކުޑަ ކުއްޖެއްފަދައިން ތެދުވެގެން ހިނގައިގަތުމުން މިހުރާން ނުލަފާ ގޮތަކަށް ހީލިއެވެ. އެއްގޮތަކަށްވެސް އޭނަގެ ހިތުގައި މިލީނާއަށް ރަހުމް ވަދެގެން ނުވާނެއެވެ. އުދަގޫވެސް ކުރާނެއެވެ. ޖެއްސުންވެސް ކުރާނެއެވެ. އެހެން ނޫނީ އޭނަގެ ހުރިހާ ރޭވުންތަކެއް ފެނަށްވެގެން ހިނގައިދާނެއެވެ.
މިޝެލިން ފެންވަރާލައި ތާޒާވެލުމަށްފަހު ސައިބޯން ކާކޮޓަރިއާއި ދިމާލަށް ދިޔައީ ކަންނެތް ފިޔަވަޅުތަކެއްގައި މަޑުމަޑުން ހިނގާލާފައެވެ. ހުދު މާބްލް ޖަހާފައި ހުރުމުން ފަޔަށް ފިނިވާތީ ހިތްގައިމުކަމެއް އިހުސާސްވިއެވެ. މިޝެލިން ތެތް އިސްތަށިގަނޑާއި ކުޅެމުން، އޭނަގެ ގައިގައި ހިފާފައިވާ މީރުވަހުން ހިތްހަމަޖެހުން އިހުސާސް ކުރަމުން ގޮސް ކާ ކޮޓަރި އާއި އަރާ ހަމަވިއެވެ. އޭނަގެ މަންމަ އާއި ބައްޕަ ގެ ކޮންމެވެސް ވާހަކަ ތަކެއްގައި ތިބިކަން މިޝެލިންއަށް އެގުނަސް އެހާ ސިއްރު ވާހަކައަކަށް ވެދާނެ ކަމަކަށް އޭނަ ހިޔެއް ނުކުރެއެވެ. ކުއްލި އަކަށް މިޝެލިންގެ ފިޔަވަޅުތައް ގަނޑުވީ ބައްޕަ ގެ ޖުމްލަ އަކުންނެވެ. ހީވީ މީހަކު ސިކުނޑިއަށް ފިތާލިހެންނެވެ. ނޭގޭ ސަބަބަކާއި ހުރެ ހިތަށް ތަދުވި ވަރުން މިޝެލިންއަށް ފާރަށް ލެނގެވިއްޖެއެވެ. ބާކީ އޮތް ބައި އަޑުއަހަން އޭނަ ފާރުގެ ނިވަލުގައި މަޑުކޮށްލި އިރު އޭނަގެ ހިތް ހީވީ މޭކަށިގަނޑު ފަޅާލާފައި ނިކުމެދާނެހެންނެވެ. މައިންބަފައިން ދައްކާ ސިއްރު ވާހަކަތައް އަޑުއެހުމަކީ ވިޔާނުދާ ކަމަކަށް ވިޔަސް މިއީ ޔަގީނުންވެސް އޭނަ އާއި ގުޅުން ހުރި ސިއްރެކެވެ.
މިޝެލިން ގޯލްޑެން ފްލޭމްއަށް ވަދެލީ ހަގީގަތް އެނގުމަށްފަހު ކަންތައްތައް އިތުރަށް އެނގެން ބޭނުންވެފައި ހުރިވަރުންނެވެ. އެންމެންގެ ލޯތްބަކީ ހަމަ ދެއްކުން ތެރިކަން ހެއްޔެވެ؟ އެއްވެސް މީހެއްގެ ލޯތްބަށް އިތުބާރުކުރަން ވެދާނެ ހެއްޔެވެ؟ ދުނިޔެއަކީ ކެހިވެރިތަނެއްކަން މިއަދު މިޝެލިންއަށް ޔަގީން ކުރެވިއްޖެއެވެ. މިޝެލިން ޚިޔާލުތަކެއްގައި ހުރެ ގެއަށް ވަދެ ބޮޑުކޮޓަރި ހުރަސްކޮށްލުމާއި އެކު ފެނުނު މަންޒަރަކުން ވަގުތުން ލޭ ކެކިގަތެވެ. ޔީވާ އަކީ އިއްބާނުގެ ހިޔަނި ހެއްޔެވެ؟ އިއްބާނު ޔީވާގެ އިސްތަށިގަނޑުން އަތް ދޫކޮށްލާއިރަށް ޔީވާ ބާރަކަށް ހިނިގަނޑެއް ޖަހާލާފައި ސިއްރުން ބުނެލި އެއްޗެއް މިޝެލިން އަކަށް ނޭގުނެވެ. މިޝެލިންއަށް އެ މަންޒަރު ނަގައިގަނެވުނީ އެހެން ގޮތަކަށެވެ. އެދެމީހުން އެކީގައި ކޮޓަރިން ނިކުމެގެން އައިކަމުގެ ކުށް ހީކުރެވުމުގެ ސަބަބުން އެ ކުޑަ ހިތަށް އިތުރު އަނިޔާއެއް ލިބުން ނޫންކަމެއް ނުވިއެވެ.
އިއްބާނު ޖީބަށް ދެ އަތް ޖަހާލައިގެން ކަންނެތް ހިގުމެއްގައި އައިގޮތަކުން މިޝެލިންއަށް ހީވީ ހިތްމަތީގައި ފައި އަޅާފައި އައިހެންނެވެ. އަނިޔާވެރިޔެކެވެ. ރީތި ސިފައެއްގައި ހުރެ އޭނަގެ ހިތާއި ކުޅެލާގޮތް ދެކިބަލާށެވެ.
"ލެޓް މީ އެކްސްޕްލެއިން........" އިއްބާނު ބުނަން އުޅުނެވެ.
"އަހަރެން ބޭނުމެއް ނޫން އެއްވެސް އެއްޗެއް އަޑުއަހާކަށް، އަހަންނަކީ ގަމާރެއްނޫން، ފޭކް ވާހަކަ އަކުން އޮޅުވާލަން އުޅޭނެ ކަމެއްނެތް....." މިޝެލިން އައި ބާރު މިނުގައި އިއްބާނުގެ ކަރުގައި އޮތް ފަށުގައި ހިފައި ދަމައިގަންނަން އުޅުނެވެ. އޭނަގެ ލޯބީގެ ރަމްޒަކަށް ދިން އެ ފަށް އެޅުމުގެ ހައްގެއް އިއްބާނު އަކަށް ދެން ނޯންނާނެއެވެ. އިއްބާނު އެ ނާޒުކް ދެއަތުގައި ހިފަހައްޓާފައި އަތް ނެއްޓުވުން މިޝެލިން ވަކިން ބޮޑަށް ރުޅިއައިސް ރަތްވިއެވެ.
"ހަމަޖެހިބަލަ.." އިއްބާނު އަށް މިޝެލިން ގެ މި ރުޅިގަދަ ބައި އަލަށް ފެނުމުން ތަފާތު އިހުސާސް ތަކެއް ކުރެވުނެވެ. އެހެން އަންހެންކުދިންނާއި މިޝެލިން ހާދަ ތަފާތެވެ. އޭނައަށް މިޝެލިންގެ ހިތާއި ހަމަޔަށް ދެން ފޯރުން ފަސޭހަވާނެ ކަމާއި މެދު ސުވާލު އުފެދި ނޭގޭ ބިރުވެރިކަމެއް ހިތުގައި އުފެދިއްޖެއެވެ.
"ދުރުގައި ހުރެގެން ވާހަކަ ދައްކަބަލަ، ތި މީހާ އަހަރެންގެ ގައިގައި އަތްލާން ޖެހޭތަ؟ މިބުނީނު އަތް ނުލާށޭ، އެއްވެސް ހައްގެއް ނޯންނާނެ، ސްޓޭ އެވޭ ފްރޮމް މައި ލައިފް......" މިޝެލިން ގެ ސިކުނޑި ހީވަނީ ފަޅައިގެން ގޮސްދާނެ ހެންނެވެ. އެކި ޚިޔާލުތައް ބޮޑުވެ އޭނަ މޮޔަކޮށްލާ ވަރުވެއްޖެއެވެ. އިއްބާނު އެ އަޑުއަހާކަށް ބޭނުމެއްނުވިއެވެ. ލޯބީގައި ދީވާނާވެ، މޮޔަވާ ގޮތްވެފައި ވަނީ އެކަނި މިޝެލިން އެއް ނޫނެވެ. އޭނަގެ ކެތްތެރިކަން ކޮޅުންލައިގެން ގޮސް އަމިއްލަ ނަފުސަށް ބާރު ނުހިންގޭ ދަރަޖައަށް މިވަނީ ގޮސްފައެވެ. އިއްބާނުގެ ބޮލަށް ޝައިތާނާ ވަނީ ސަވާރުވެ ރަނގަޅަށް ވަކި ހިއްޕާލާފައެވެ. މިޝެލިން ގަދަ ގަދަހަދާ ހުއްޓާ އިއްބާނު، މިޝެލިން އުފުލާލައިގެން ކަހަލަ ގޮތަކަށް ގެންގޮސް އެގޭގެ ފަހަތު ފެންޑާއިން ބޭރަށް ނިކުމެ ފައިން ދޮރު ލައްޕާލައިފި އެވެ. މިފަހަރު އޭނަ ބޭނުންވި ކަމެއް ކޮށްލަން މިޝެލިންގެ ހުއްދަ އަތުލާކަށް ނޫޅުނެވެ. އެއަށްވުރެ ބޮޑަށް އޭނަގެ ހިތް މިޝެލިން އަމިއްލަ ކުރަން ބޭނުންވިއެވެ.
މިޝެލިންގެ ބޮލުގައި އަޅާފައިވާ ސްކާފް ދަމައިގަތުމުން އެ ރީތި ނުކިޔަމަންތެރި އިސްތަށިގަނޑު ވިހުރުވިގެން ދިޔަގޮތަކުން އިއްބާނުގެ ހިތް އިތުރަށް މޮޔަކުރުވިއެވެ. އިއްބާނުގެ އަތުގެ ތެރެއިން މިޝެލިން ދޫކޮށްލީ އެވަގުތަށް ހިތް ފުރޭވަރުވުމުންނާއި، ފިޔަވަޅުތަކެއްގެ އަޑުއިވުމުންނެވެ. އެހެންނޫންނަމަ ދެން ހެދޭނެ ގޯހެއްވެސް އެނގެނީއެއް ނޫނެވެ. މިޝެލިންގެ ފަރާތުން ލިބުނު ހަދިޔާ ކިތަންމެހާވެސް ރަނގަޅެވެ. އިއްބާނުގެ އަތަށް ދިލަ ތަދެއްވެގެން އޭނައަށް ބަލައިލެވުނު އިރު ލޭ އަރާފައި ހުއްޓެވެ.
"ނަސީބެއްނު އެހެން ތަނެއްގައި ދަތް ނޭޅިކަން..." އެތަނަށް ނިކުމެވުނު ޖިނާނު ދިމާކޮށްލުމުގެ ގޮތުން އެހެން ބުނެލާފައި ހީގަތެވެ. ރޮވިފައި ހުރި މިޝެލިން އިސްތަށިގަނޑުގައި ސްކާފް އޮޅާލަމުން ވިދުވަރެއްހާ ހަލުވިކޮށް ގޮސް ލޯމަތިން ގެއްލުނެވެ.
"ޖިނާ، އަހަންނަށް ހެދުނު ގޯހެއް ރަނގަޅު ކުރަން ޓްރައި ކުރީ، އެކަމަކު ނޭގުމުގެ ތެރޭގައި ހައްތަހާ ބޮޑަށް ޝެލް ރުޅިއަރުވައި ލެވެނީ، ޓެލް މީ، އަހަރެން ކިހިނެއް ހަދަންވީ؟ ޝެލްގެ ލޯބި ހޯދަން އަހަރެން ކުރަންވީ ކަމެއް ބުނެދީބަލަ...." އިއްބާނު އެތާހުރި މާބްލްއިން ހަދާފައިވާ ރެއިލިން މަތީގައި އިށީދެ ތަނބުގައި އެއްފައި އަޅުވާލައިގެން އިން އިރު ހިތާމައިގެ ސްތެޗޫއެއް ފަދައެވެ. އޭނައަށް ހިތާމައާއި އެކު ބަލައިލެވުނީ އަމިއްލަ އަތަށެވެ. އެ އަތުގައި މިޝެލިން ދަތް އެޅިތަނުގައިވެސް ފޮނި ރިހުމެއްވާކަމުގައި އިއްބާނުއަށް ހީކުރެވުނެވެ.
ޒުވާން އުމުރު ލޯބީގެ ފޮނި މީރުކަން ލިބިފައި އެހާ އަވަހަށް އެއާއި ވަކިވާން ޖެހުނީމަ ކުރާނެހާ އަސަރު އިއްބާނުއަށްވަނީ ކޮށްފައެވެ. ޖިނާނު ކައިރީގައި އޭނަ ހުންނަނީ މިޝެލިން އާއި ބެހޭގޮތުން ވާހަކައެއް ނުދައްކަން ވެގެންނެވެ. އޭނަ ޖިނާނު ގާތު މިވަރަށްވެސް އެ ވާހަކަ ހިއްސާކުރަން ޖެހުނީ ޖިނާނުއަށް ބޭޒާރުވީމައެވެ.
މިޝެލިން ބާރުބާރަށް ކޮޓަރިއަށް ވަދެފައި މޫނު ދޮންނަން ސިންކު ކައިރިއަށް ގޮސްފައި ކޮންމެވެސް ސަބަބަކާއި ހުރެ ހިތް އެކަމާއި ދެކޮޅު ހެދިއެވެ. އޭނަ އައިގޮތަށް އެނދަށް ވެއްޓިގަނެގެން މޫނުގައި ބާލީސް ޖައްސާ ބާރުކޮށްލިއެވެ. ހެދުމުގައި ހިފާފައިވާ އިއްބާނުގެ މީރުވަސް މިޝެލިންގެ ސިކުނޑިއަށް އިތުރަށް ގޯނާކުރުވިއެވެ. އިއްބާނު އާއި ދުރުވާން އުޅުނު ވަރަކަށް ގާތްވުން ނޫން ކަމެއް ނުވެއެވެ.
"ސޮރީ....." އިއްބާނު ލަވައިގެ ބައިތުތަކަކާއިއެކު ވަރަށް އަސަރާއި އެކު މާފަށް އެދިފައި އޮތްތަން ފެނުމުން ހައްތަހާ ބޮޑަށް މިޝެލިންއަށް ރޮވުނީ އެވެ. އޭނަ ޖަވާބެއް ނުދޭނެއެވެ. މިޝެލިން ފޯނު ނަގާފައި ދުރަށް އެއްލާލާފައި ނިދޭތޯ މަސައްކަތް ކުރިއެވެ.
މިލީނާ ފެންވަރާލައިގެން ތުވާލި އޮޅާލައިގެން ނިކުތް އިރު މިހުރާން އެނދުމަތީގައި ލެޕް ހިފައިގެން ކޮންމެވެސް މަސައްކަތެއްގައި އިނެވެ. މާ ބުރަކޮށް އިނީމަ އޭނަ މިލީނާ އާއި ދިމާލަށް ބަލާކަށް ނޫޅުނެވެ. ހީވާގޮތުން އޮފީސް މަސައްކަތެއްގައެވެ. މިލީނާ އަވަސްއަވަހަށް ހެދުންތައް ހިފައިގެން ފާޚާނާއަށްވަދެ ތައްޔާރުވެލައިގެން އައުމުން މިހުރާން އެދުނީ ކޮފީއެއް ހަދައިދިނުމަށެވެ.
"ހަވީރު ފްރެންޑުންގެ ބަޔަކު އަންނާނެ، ކޮފީ ހަދާލައްޗޭ..." މިހުރާން އެންގިއެވެ. މިލީނާ ނޯކަރެއް ފަދައިން ހުރިހާ މަސައްކަތެއް ކޮށްދޭން ހުއްޓެއް ކަމަކު މިހުރާންގެ ފަރާތުން ރުހުމުގެ އެންމެ ލަފުޒެއް ނުލިބޭނެކަން މިލީނާއަށް އެނގެއެވެ. މިހުރާންގެ ހެދުންތައް ދޮވެ، އިސްތިރިކޮށް، ގޭގެ ހުރިހާކަމެއް ބަލަހައްޓާއިރު އެކަން ފާހަގަ ނުކުރިޔަސް އެންމެ ރަނގަޅެވެ. އެކަމަކު ބައެއްފަހަރު އަމުރުކޮށްލީމަ މިލީނާ އިންތިހާއަށް ދެރަވެއެވެ. މިހުރާން އެކުރަން އިން މަސައްކަތެއްކޮށް ނިމުނީ ދެތިން ކޮފީތަށި ބޯލައިގެން ގަޑިއެއްހާއިރު ފަހުންނެވެ.
"މިލީ، މި ހާދަ ސަޅި ވީޑިއޯ އެކޭ، ނުބަލާނަންތަ؟" މިލީނާ ކޮޓަރިއަށް ވަނުމުން މިހުރާން ހޭން ފެށިއެވެ.
"ކޯނޗެއްތަ؟ " މިހުރާން ދައްކަފާނެ ވީޑިއޯ އަކާއި މެދު ނުބައި ޝައްކެއް ކުރެވުމާއިއެކު މިލީނާގެ ފިޔަވަޅުތައް ގަނޑުވިއެވެ.