މިލީނާ އިނީ ގަބޫލު ކުރުން ދަތިވެފައެވެ. މި ވީޑިއޯ އިން ފެންނަނީ އޭނަ ކުރީ ދުވަހު މި ކޮޓަރީގެ ބާތްރޫމްގައި ފެންވަރާލި މަންޒަރެވެ. އޭނަ ފުރަތަމަ އެތަނަށް ވަދެ ލައިގެން ހުރި ސޯޓާއި، ޓީޝާޓް ބާލައިފައި ހަމަޖެހިލައިގެން ހުރެ އެ ފަންއިސްތަށިގަނޑު ވިހުރުވަމުން ނަށާލި އެވެ. ފަންގަނޑެއްފަދަ އިސްތަށިގަނޑު އެގޮތަށް ވިހުރުވުމަކީ އަބަދުވެސް މިލީނާއަށް މަޖާވާ ކަމެކެވެ. ގޮތްގޮތަށް އެނބުރި، އެކޮޅުކޮޅުން ޖެހިލައިފައި ވެސް ތެދުވާއިރަށް ހީވަނީ ފުނާ އަޅާ އޮމާން ކޮށްލައިފައި އޮންނަ ހެންނެވެ. އެހާވެސް ފަނެވެ. މިލީނާ ލޯގަނޑު ދޮށުގައި ހުރެ ދޫނެރެ ވައްތަރު ޖައްސާލައިފައި އޭނަގެ ސޫރަ އާއި ކުޅެން އިރުކޮޅަކު ހުއްޓެވެ. އެހެން ހުރެފައި ޑާންސް ސްޓެޕެއް ނެގިތަނުން މިލީނާ ފައި އަރިއަޅާލައިފައި ކައްސާލި ގޮތަށް ބާތުރޫމްގައި އަޅާފައިވާ ރަގްމަތީގައި ޖެހުނެވެ. މިލީނާ ބިންމަތީގައި އަތް ތަޅަތަޅާފައި ތެދުވެ، ލަވައެއް ކިޔަމުން ޝަވަރަށް ދޫކުރިއެވެ. ބިލިގާއަށް އެރި މަޖާކޮށްލިއެވެ. ހުރިހާ ވަގުތެއްގައިވެސް އޭނަ އޮތީ ރާގެއްނެތް ގޮތަކަށް ލަވަ ކިޔާލާފައެވެ. ހާދަ ދެރައެވެ. އޭނަ ގަތްހާ ގަނޑެއް މިވަނީ ރިކޯޑް ކުރެވިފައެވެ. މިހުރާންގެ ނުބައިކަމުން އޭނަގެ ޕްރައިވެޓް ވަގުތު ކޮޅުތައް މިވަނީ ވަގަށް ނެގިފައެވެ.

މިލީނާ އެބޮޑު ދެލޯ ބޮޑުކޮށްލި ގޮތަށް، އިނގިލީގައި ބާރަކަށް ދަތްއަޅައި ގަނެގެން އިން އިރު ހީވަނީ ޝޮކެއްގައި އިންހެނެވެ. މިލީނާގެ މޫނަށް ވެރިވެފައިވާ ފިނިފެންމާކުލަ، ހުދުކުލައަށް ބަދަލުވިއެވެ. އެ އަޖައިބެއްހާ ދިގު އެސްފިޔަތައް މިހުރާންގެ ލޮލުގައި އަޅައިގަތީވެސް އެވަގުތު ކޮޅުގައެވެ. ލޮލުގައި ބޮޑެތި ކަރުނަތިކިތައް ހުދު ޖަވާހިރުތައްފަދައިން ވިދާއިރު ހާދަ ރީއްޗެވެ. މިހުރާންގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ.

"ބިރުނުގަނެބަލަ، މަ ނޫޅެމޭ ތި ލީކްކުރާކަށް..." މިހުރާން ކަންނެތް ގޮތަކަށް ތެދުވެގެންގޮސްފައި މިލީނާގެ ކައިރީގައި އިށީދެ ދާދިގާތުން މިލީނާގެ މައުސޫމް މޫނަށް ބަލަން ފެށިއެވެ. 

"ނުރޮއި ބަލަ...." މިހުރާން ލެޕް ނިވާލައިފި އެވެ. އޭރުވެސް މިލީނާ މޫނުގައި އަތްއަޅައިގެން އިނދެ ގިސްލަގިސްލާފައި ރޮމުން ދިޔައީ ހިތްކުދިކުދިވާފަދަ ގޮތަކަށެވެ. އެމަންޒަރު ފެނުނު މީހެއްގެ ހިތަށް ރަހުމް ވަންނާނެ އެވެ.

މިވަގުތު ބިންގަނޑު ފަޅާލާފައި އަޑިއަށް ދާނެނަމައެވެ. އޭނަ މަރުވާނެނަމައެވެ. ގެންފައިވާ ލަދެއްގެ ބޮޑުކަމުން މިހުރާންގެ މޫނަށް ބަލައިލާކަށްވެސް އޭނައަކަށް ނުކެރޭނެއެވެ. ލަދުންގޮސް މޫނުން އަތްނަގާނެ ހިތްވަރެއްވެސް ނުލިބޭނެއެވެ. އާޚިރަތުގެ އަޒާބަށްވުރެ ދުނިޔޭގެ ލަދު ބޮޑުވަނީ މިފަދަ ހާލަތްތަކުގައި ކަންނޭގެ އެވެ. އަމިއްލައަށް މަރުވުމަކީ ބޮޑު ފާފައަކަށް ނުވާނަމަ މިލީނާ ވަގުތުން މަރުވެގަތީހެވެ.

"މިލީގެ ކަންތަކޭ، އަހަންނަށް އެނގޭ އަޕްސެޓް ވާނެވަރު، އަހަރެން ބުނީމެއްނު އަހަރެންވެސް ފެންވަރަން ގެންދާށޭ ނޫނީ ރިގްރެޓް ކުރަން ޖެހިދާނެއޭ، ދެމީހުންގެ ވީޑިއޯއެއްނަމަ މަވެސް ބޭނުމެއް ނުވާނެދޯ ލީކްކުރާކަށް، އެކަމަކު ދެން އަހަރެން މިލީ ގާތު ވާހަކައެއް ބުނަން އެބަޖެހޭ، އަހަރެން މި ވީޑިއޯ ޑިލީޓްކޮށްލާނީ ޝަރުތުތަކެއްގެ މަތިން......" މިހުރާން ހީކުރި ވަރަށްވުރެ އޭނަ ކުރަން އުޅުނުކަންތައް ކާމިޔާބު ވެއްޖެއެވެ. މިލީނާ ދެން އޭނަ ބޭނުންހާ ގޮތަކަށް އުޅޭނެއެވެ. އޭނަގެ ޕަޕެޓަކަށް ވެދާނެ އެވެ. މިއީ މިހުރާން މިވީހާތަނަށް ހިންގާފައިވާ ޒާތުގެ އަމަލެއް ނޫނެވެ. ބާރެއްނެތް އަންހެންކުދިންގެ އިއްފަތްތެރި ކަމަށް އަރައިގަތުމާއި، ބްލެކްމެއިލް ކުރުމަކީ އޭނަގެ ގާތުގައި ފިރިހެނަކަށްވެ ހުންނަ މީހަކު ކުރުން ހެޔޮކަމެއް ނޫނެވެ. ހަގީގީ ފިރިހެނަކު އެހާ ދަށު ދަރަޖައަކަށް ވެއްޓިއެއް ނުގަންނާނެއެވެ. އެކަމަކު ހަޔާތުގައި ފުރަތަމަ ފަހަރަށް އޭނަވެސް އެހާ ދަށްފެންވަރުގެ އަމަލެއް ކޮށްފިއެވެ. މަންމަ ގެ ލޮލުން އޮހުނު ކަރުނައިގެ އަގު އަދާކުރުމަށެވެ. މަންމައަކީ ބަހަނާއެއް ނޫނެވެ. އެކަން އިންސާފު ކުރެވޭވަރުގެ ކަމެއްނޫނެވެ. އެކަމަކު ދެން އެކުށް ކުރެވިއްޖެއެވެ. ފަހަތަށް އެނބުރި ބެލުމެއް ނޯންނާނެއެވެ. އެހެންނޫނަސް އޭނައަކީ މާތްމީހެކޭ ބުނީ ކާކު ހެއްޔެވެ؟ ޕްލޭ ބޯއިއެއްގެ ނަން ދޭށެވެ. ވިލަންއެއްގެ ނަން ދޭށެވެ. އޭނަގެ ފަރުވާލެއް ނެތެވެ. 

"މިލީ ގެއަށް ގޮސްފައި ބައްޕަމެން ގާތު ބުނޭ ރެން އާއި މެރީކުރާނަމޭ، އަހަރެން ދެކެ ލޯބިވާކަމަށް އެންމެނަށް އަންގާލަންވީ، އަހަރެން ބުނާ ގޮތަށް ނަހަދައިފިއްޔާ ދެން މި ވީޑިއޯ ޔޫ ޓިއުބުންނާއި، އެފްބީއިންވެސް ފެންނާނެ......." މިހުރާން ދިން އިންޒާރަކުން މިލީނާގެ ގައިގެ ލޯލިތައް ކޮޅަށް ޖެހުނެވެ. ހައްތަހާބޮޑަށް ހިތުގައި ޖެހިފައި ރޯން ފެށުނެވެ.

"މި ލީކްވެއްޖެއްޔާ މިލީގެ މަންމަމެންވެސް ހާޓްއެޓޭކެއް ޖެހޭނެކަން ޔަގީން، އެހެންވީމަ ވަރަށް ވިސްނާލަންވާނެ ދޯ ބޭބީ ގާލް، ރުއިމަކީ އަދި ހައްލެއްނޫން...." މިހުރާން މިލީނާގެ އަތް މޫނުން ނެއްޓުވިއެވެ. މިލީނާ ލޯ ހުޅުވައެއްނުލިއެވެ. އެ ކަރުނަތައް މިހުރާންގެ އަތް ތެންމާލައިފި އެވެ.

"މަށަށް މިލީ ލަވަކިޔަނިކޮށް ފެނުނަސް އަދި މައްސަލައެއް ނޫނޭ، އަހަންނަކީ މިލީގެ ލައިފް ޕާޓްނަރ، ވީމަ ދެން ހަމަޖެހިބަލަ، މިލީ ނޫނެކޭ ބުނީމައެއްނު މި އެކްޝަން ނަގަން އަހަރެން ޖެހުނީ، ދެން މާމަމެން އެހާވަރުން އެރެންޖްކުރި ކަމަކަށް މިލީ ހަމަ ވޭތަ ދެކޮޅުހަދަން....." މިހުރާން ހީހީ ފައި އަދި އިތުރަށް މިލީނާ ރަކިކޮށްލަން މިލީނާ ލަވަކިޔާލި ގޮތަށް ތަންކޮޅެއް ކިޔާލައިފި އެވެ.

"ބެގިން ޔޫ ޕްލީޒް ޑޯން ގޯ އެންޑް އައި ސެޑް
ރޯމިޔޯ ޓޭކް މީ ސަމްވެއަރ ވީ ކެން ބީ އެލޯން...." މިހުރާން އެއް ލޯ މަރާލި އެވެ.

"ޑޯންވޮރީ ބޭބީ، ހަނީމޫނަށް އަހަރެމެން ދާނީ ގްރީންލޭންޑްގެ އައިސް ޝީޓުގައި އިގްލޫ ހަދައިގެން އެތަނަށް، އޭރުން ދެމީހުން ވަރަށް އެކަނިވެރިވާނެ، އެކަމަކު ފްރީޒްވިޔަކަ ނުދޭނަން އިނގޭ......" މިހުރާންގެ އެއިން ކޮންމެ ޖުމްލައެއް މިލީނާގެ ސިކުނޑީގައި ހީވީ ކަނޑި އެތިފަހަރު ތަކުން ޖަހާ ޒަޚަމްކޮށްލި ހެންނެވެ. އެއިން ކޮންމެ ލަފުޒެއް މިލީނާއަށް މާނަކުރެވުނީ މަލާމާތުގެ ގޮތުގައެވެ. މުޅިންވެސް ޖެއްސުމުގެ ބަހުރުވަތަކުގައެވެ. މިގެ ފެނުނު ދުވަހަށްވެސް މިލީނާގެ ހިތް ލައުނަތް ދިނެވެ.

"ބޭނުން.....ގެއަށް.....ދާން..." މިލީނާއަށް ރޮމުން ބުނެވުނެވެ.

"އައުޗް ސްވީޓީ، ހާދަ ވަރެކޭ ތިވަނީ، މިއީ އަދި މާ ބޮޑުކަމެއް ނޫނެއްނު، މޫނު ދޮވެލައިގެން އާދެބަލަ، ނޫނީ މާމައަށް ފެނިއްޖެއްޔާ އަހަރެން ކުށްވެރިވާނެ، އަހަރެން މިލީ ރޮއްވާލީމަ ވަރަށް ސުވާލު އަންނާނެ، ވީމަ ބްރޭވް ކުއްޖަކަށްވެ ބަލަ، ލައިފްގައި ވަރަށް ޓަފް ސިޗުއޭޝަންތަކާއި ކުރިމަތިވާނެ، އެކަންތައްތަކަށް މިހާރުއްސުރެ ހޭނެން ދަސްކުރަންވީ އެއްނު، އަންކަލް މެން މާ ބޭބީކޮށް ގެންގުޅެފައި ހުރިކަން މިއަދު އެގިއްޖެ......" މިހުރާން އެހެން ބުނުމާއިއެކު މިލީނާ ވިދުވަރެއްހާ ބާރަށް ތެދުވެގެން ފާޚާނާ އާއި ދިމާލަށް ދާން އުޅުނެވެ. އެކަމަކު މިހުރާން މިލީނާގެ އަތުގައި ހިފަހައްޓައިގެން ދެވުނަކަ ނުދިނެވެ.

"އަހަންނަށް މިލީގެ މައިންޑް ރީޑްކުރެވިއްޖެ، އެއްގޮތަކަށްވެސް ބާތުރޫމަށް ވަދެ ތަޅުލާން އުޅޭނެ ކަމެއްނެތް....." މިހުރާން މިލީނާގެ އަތުގައި ހިފައިގެން ގޮސް ބާތުރޫމްގެ ދޮރުހުޅުވާލަދިނެވެ. އަދި މޫނު ދޮވެލަން އެދުނެވެ.

މިލީނާގެ ހަޔާތުގެ އަނދިރި ބާބެއް ފެށުނީއެވެ. މިލީނާ ގެއަށް ދާންވީއިރަށް މޫނު ދޮވެލި ނަމަވެސް އެ ދެލޯ ދުޅަވެފައިވާކަން އެންމެނަށް އެނގުނެވެ. މިލީނާ ބުނީ ގަދަޔަށް އަރިދަފުސްއެޅީ ކަމަށެވެ. ޓިޝޫ ޕެކެޓެއް ހިފާލައިގެން ހުރެ ލޯ ފޮހެމުން ގޮސް ކާރަށް އެރިއިރު މިހުރާން ފެންޑާގައި ބަލަހައްޓައިގެން ހުއްޓެވެ. އެންމެ ފަހު ވަގުތުވެސް މިހުރާން ހިނިތުންވެލީ ކާމިޔާބުން ފުރިފައިވާ ގޮތަކަށެވެ.

މިލީނާ ގެއަށް ފޯރިއިރު އޭނަ ހުރީ ބޯ ގޮވާފައެވެ. ކިތަންމެ ވަރަށް ލޯ ފޮހުނަސް ތާޒާ ކަރުނަތައް ލޮލުގައި ގިނަވެގަތެވެ. މިހުރާން އެންމެ ހަފްތާއެއް ދީފައި އެ ކުރި ޝަރުތުތައް ހަމަ ރަނގަޅަށްވެސް އޭނަ މޮޔަކޮށްލައިފި އެވެ. މިލީނާ ކޮޓަރިއަށް ގޮސް ބޭރުން ލައިގެން ހުރި ހެދުން ބާލައިފައި އެނދަށް ވެއްޓިގަތް ގޮތަށް މިޝެލިން އާއި އަނގައިން ބުނުމެއްނެތި ބާލީހުގައި ބައްދާލައިގެން އޮތީއެވެ. ހިމޭނުން އޮވެ އޭނަ ކަރުނަ އޮއްސަމުން ދިޔަކަމެއް މިޝެލިން އަކަށް ނޭގުނެވެ.

އިރުކޮޅެއް ނުވަނީސް މިޝެލިން ކޮޓަރިއަށް ވަނެވެ.

"ޔޭ...... މިލީއަށް އެނގޭތަ؟ ބައްޕަ މަންމަ ގާތުގައި ބުނެފި ފަހަރެއްގައި މެލޭޝިއާ ނޫނީ ޔޫކޭއަށް ޑިގްރީ ހަދަން ފޮނުވާ ވާހަކަ، ހާދަ އުފާވެފައި މިހިރީ، ބައްޕަ ބުނުއްވީ އެންމެ މަދުވެގެންވެސް ޓްވެންޓީ ފައިވް ނުވަނީސް މެރީ ނުކުރާށޭ، ކިހާ ރަނގަޅު، ބައްޕަ ކިހާ އަންޑަސްޓޭންޑިން، އެހެންވެ އުފަލުން މޮޔަވަނީ، ދެން ކިޔަވަން ދިޔައިމަ އަނެއްކާ ކޮލެޖް ލައިފް، ވަކި ކަންޓްރީއެއް ޔަގީންވީމަ ރަނގަޅު ކޮލެޖެއް ބަލައިލާނީ ދޯ......." މިޝެލިން ކުޑަކޮށް ނަށާލި އިރު އެ ދޮންމޫނު އުފަލުން ފަރިވަނީއެވެ.

"މިލީ ނިދީތަ؟" މިލީނާ ޖަވާބެއް ނުދިނުމުން މިޝެލިން މިލީނާގެ ބުރަކަށީގައި މަޑުމަޑުން ކޮށްޓާލިއެވެ. އެވަގުތު މިލީނާގެ މަޑު ގިސްލުމުގެ އަޑު މިޝެލިންގެ ކަންފަތުގައި ޖެހުމުން މިޝެލިންގެ އުފާވެރި ހިނިތުންވުން ފަނޑުވެގެން ގޮސް ހިތަށް ނޭގޭ ބިރުވެރިކަމެއް ވަނެވެ.

"ވަޓްހެޕެންޑް، މީހަކު އެއްޗެކޭ ބުނީތަ؟" މިޝެލިން އެގޮތް މިގޮތުން ސުވާލު ކުރުމުންވެސް މިލީނާ ޖަވާބެއް ނުދީ ރޮއި ރޮއިއޮތެވެ. އެންމެ ފަހުން މިޝެލިން މަންމަމެންނަށް ގޮވާފާނެކަމުގެ ބިރު ހީވާން ފެށުމުން މިލީނާ މިޝެލިން ގާތުގައި ބުނީ އޭނަ ހަމަޖެހުނީމަ ހުރިހާ ވާހަކަތަކެއް ކިޔައިދޭނެކަމުގައެވެ. އަދި މަންމަމެން ގާތުގައި ނުކިޔުމަށް އެދުނެވެ.

މާޒިން އާއި ސޯފިޔާ އާއި ދެމަފިރިން މިދުވަސްކޮޅު ހުރިހާ ޚިޔާލުތަކެއް އެއްފަރާތްކޮށްލާފައި އުޅުނީ އެމީހުންގެ ލޯބިވާ ދެދަރިންގެ މުސްތަގުބަލަށްޓަކައި އަލި މަގުތައް ކޮށައިދިނުމުގައެވެ. ކުދިންގެ އުފަލާއި، ހިތްހަމަޖެހުމަށްޓަކައި އެދެމަފިރިން އެތިބީ ގުރުބާން ވާން ތައްޔާރަށެވެ. މާޒިންގެ ވަޒީފާ ލަންޑަންއިން ހަމަޖެހުނީހީ ވެސް ނުކުރާހާ ފަސޭހައިންނެވެ. މިފަހަރު މާޒިންއަށް ދިރިއުޅުން އެހާ ފަސޭހަވީ އާއިލާގެ މުއްސަނދިކަމާއި، ނުފޫޒުގެ ސަބަބުންނެވެ. ތަނަވަސް ދިރިއުޅުމާއި ޔޫރަޕްގެ އުފާވެރި މާހައުލެއް ހިތަކަށް ލިބެން އޮތްވާ މާޒިންވެސް އެއުފާތައް ކުދިންނަށް ހޯދަދޭން ބޭނުންވީ އިންތިހާއަށެވެ. އެމީހުންގެ ދިރިއުޅުމަށް އަންނަން އުޅޭ ތޫފާނެއް އެއްގޮތަކަށް ވެސް ރޭކާނުލާ ތިބެ އެކި ރޭވުންތައް ރާވަމުން ދިޔައެވެ. ބައެއްފަހަރު އިންސާނާގެ ނަސީބު އެމީހާ އާއި ކޮށްލާ ސަމާސާ ތަކުން އެހުރިހާ ރޭވުމެއް ވިއްސިވިހާލިކޮށްލާ ތަގުދީރަށް ބޯލަބަން ޖެހިދާނެއެވެ.

ސޯފިޔާ ދޮވެފައިވާ އަންނައުނުތައް އެނދުމަތީގައި ބަހައްޓައިގެން ފަށްޖަހަން އިންއިރު މާޒިން ކައިރީގައި އިށީދެލައިގެން އިނެވެ. މާޒިންގެ މޫނުމަތިން ފެންނަނީ އުފާވެރި ކަމެވެ.

"ނޭގޭ ސިކުނޑިން އެތައް ޓަނެއްގެ ބުރަދަން ލުއިވެފައިވާހެން މި ދުވަސްކޮޅު ހީވޭ، މިލީމެން އަބަދު ޔޫރަޕަށް ދާހިތުން ތިއްވާ އިރާދަކުރެއްވިއްޔާ ކުދިންގެ ޑްރީމްތައް ފުރިހަމަކޮށްދެވެން މިއުޅެނީ، އަދި އެންމެ ހިތްހަމަޖެހެނީ ކައިވެނިތައް ފަސްކުރަން އުޅުނީމަ ދެފަރާތުން ވެސް މައްސަލަ ނުޖައްސާ ހިމޭންވިކަން، ސްޕެޝަލީ ހިތަކަށް ނާރާ މަންމަ ގޮތްދޫކުރާނެއޭ، އެކަމަކު ކުދިންގެ ނަސީބު ރަނގަޅުކަމުން މިހެން ދިމާވީ، އަސްލު ޕޭރެންޓުންނަށް ވީމަ އަހަރެމެން އުޅުނުގޮތްވެސް ކިރިޔާ ހަނދާން ނައްތާނުލެވުނީ، ލޯބިނުވާ މީހުންނާއި މަޖުބޫރުން ކައިވެނިކުރުވުމަކީ ކުދިންނަށް ދެވޭނެ އެންމެ ބޮޑު އަނިޔާ......" މާޒިން ސޯފިޔާގެ ދޫކޮށްލާފައިވާ އިސްތަށިގަނޑާއި ކުޅެމުން ވާހަކަދެއްކިއެވެ.

ދެމަފިރިން ހީހީފައި އުޅުނުގޮތުން ހީވަނީ އެއްވެސް ޚިޔާލެއް ފިކުރެއްނެތް ޅަ ދެލޯބިވެރިން ހެންނެވެ. މިވަގުތު އެމީހުންނަށް މުސްތަގުބަލް ފެންނަނީ ނިކަން އުޖާލާ ކޮށެވެ.

މިޝެލިންގެ ބައްޕައަށް ވަޒީފާ ލިބުނީ ލަންޑަނުންކަން ޔަގީންވުމާއިއެކު އެނގުމުން ވަގުތުން ގޫގުލް ހުޅުވާލައިގެން ލަންޑަނާއި ބެހޭ މައުލޫމާތު ހޯދިއެވެ. ލަންޑަނަށް ދާދި އަވަހަށް ޚަރީފު މޫސުމް ފެށޭނެއެވެ. އެއީ މިޝެލިން ހާދަ ދެކޭ ހިތްވާ މޫސުމެކެވެ. ގަސްގަހުގެ ފަތްތައް ކުލަކުލައަށް ބަދަލުވެ، ފަތްފައިބަމުން ދާ މަންޒަރު މިވަގުތުވެސް ލޮލަށް ފެންނަހެން ހީވިއެވެ. ޗެރީ ބްލޮސޮމްފަދަ ރީތި ގަސްތަކުގެ އިމޭޖްތައް އޭނަ ލަންޑަނަށް އަންނަން ދައުވަތުދޭފަދައެވެ. ބަކިންހަމް ޕެލެސްފަދަ ތަންތަނަށްވުރެ ލަންޑަންގެ ކުދި ކޮޓެޖެއްގައި ބަގީޗާތަކުގައި އުޅެލަން މިޝެލިން މާ ބޭނުމެވެ. މިޝެލިންގެ ހިތް ނިކަން ބޮޑަށް އަވަސްވެ "ޕެނިކް އެޓޭކް" ޖެހޭފަދަ ގޮތަކަށް ވާން އުޅުނެވެ. މިޝެލިން އަމިއްލައަށް ވަނީ އޭނަގެ ކޮންޑިޝަންއަށް ނަމެއް ދީފައެވެ. 

މިޝެލިން އުފާވިވަރުން ލޭގެ ހިގުން އަވަސްވާން ފެށުމުން އޭނަ އެޑްރިނޭލިން ކޮންޓްރޯލް ކުރަންވެގެން ފުން ނޭވާތަކެއް ލުމުގެ ޓެކްނީކެއް ބޭނުންކުރިއެވެ. އެއަށްފަހު މިލީނާއަށް އެ ޚަބަރު ދޭންވެގެން ކޮޓަރިއަށް ވަންއިރު އަދި ކިރިޔާ މިލީނާ އެނދުން ތެދުވުނީއެވެ. މިލީނާ އަކީ އާއްމުކޮށް ފަތިސް ނަމާދަށްފަހު ނިދައި އުޅޭކުއްޖެއް ނޫނެވެ. ނަމާދުކޮށްލައިގެން، ގުރުއާން ކިޔަވައި، ދުޢާފޮތް ތަކުން ކިޔަވާ އުޅެއެވެ. އެއަށްފަހު ކޮޓަރި ސާފުކޮށް އެއްޗެހި ތަރުތީބުކޮށްލައި، ބަދިގޭ ކަންތައްތަކުގައި އެހީވެއެވެ. އެއަށްފަހު އޭނަގެ ފޮތްތައް ހިފައިގެން އިނގިރޭސި ވާހަކަތައް ލިޔުމުގައި ހޭދަކުރެއެވެ.

"މިލީ، އައި ހޭވް ގްރޭޓް ނިއުސް....." މިޝެލިން އެނދަށް ވެއްޓިގަތެވެ. އޭރު މިލީނާ އިނީ އެނދުގެ މަގަތުގައި އިށީދެލައިގެންނެވެ. ރޮއިރޮއި ދުޅަވެފައިވާ ދެލޮލާއި، ހުދުވެފައިވާ މޫނުގައި ދާތިކިތައް ވިދާ ބަބުޅައެވެ.

"ކިހިނެއްވީތަ؟" މިލީނާ ތެދުވެގެން ފާޚާނާ އާއި ދިމާލަށް ހިގައިގަންނަމުން މަޑުމަޑުން އަހާލައިފި އެވެ.

"ބައްޕައަށް ލަންޑަނުން ޖޮބް ލިބުނީ، އޯޓަމް ނުފެށެނީސް އެސިޓީއަށް ދެވޭނެ އިރާދަކުރެއްވިއްޔާ، އިމޭޖްތައް ވަރަށް ފުރިހަމަ....." މިޝެލިންގެ ރީތި ދެލޮލުގައި ވަނީ ހުވަފެނީ ގޮތެކެވެ. ބަންޑުން އޮށޯވެލައިގެން ދަތްދޮޅީގައި އަތްވިއްދާލައިގެން ދެފައި ހަލުވާލަހަލުވާލާ އޮވެ އޭނަ ޚިޔާލުކުރަމުން ދިޔައީ ލަންޑަންގެ ދިރިއުޅުމެވެ. ގަތަރަށް ދާން އުޅުނުއިރުވެސް މިހާ ފޯރިއެއް އައި ހަދާނެއްނުވެއެވެ.

"އަހަރެން ނުދާނަން...." މިލީނާގެ ޖަވާބުން މިޝެލިން ސިހުނެވެ.

"ވަޓް........." މިޝެލިން ތެދުވެ އިށީދެއްޖެއެވެ.

މިޝެލިން އިތުރު އެއްޗެކޭ ބުނަން އުޅެނިކޮށް މިލީނާ އެހުރި ދިމާލަށް ބިމަށް ތިރިވިތަން ފެނުމުން ބިރުން ހަޅޭއްލަވައި ގަނެވުނެވެ. އަދި މިލީނާ ބިންމަތިން ނެގޭތޯ މަސައްކަތް ކުރިއެވެ. އެހެން އޮތްއިރު މިލީނާ ހީވަނީ އެއްލާލެވިފައި އޮތް ބިއްލޫރި ބުދެއްހެންނެވެ. މިޝެލިންގެ ހަޅޭކުގެ އަޑަށް ސޯފިޔާ ދުވެފައި އައިއިރު މިލީނާ އޮތީ އަނބުރައިގެންފައެވެ. ސޯފިޔާ މިލީނާގެ މޫނުގައި ފިނިފެން އުނގުޅާ ހަދަނިކޮށް ލޯ ހުޅުވާލައިފި އެވެ. ހޭވެރިކަން ވުމާއިއެކު އެ ބޮޑު ބޮޑު ދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބައިގަތެވެ. ސޯފިޔާ މާޒިންއަކަށް ގުޅާކަށް ބޭނުމެއް ނުވިއެވެ. މާޒިން އެފަދަ ކަންތައް ނަގާނީ އާދައިގެ ކަންތައްކަމުގައެވެ. އެންމެ ރަނގަޅުވާނީ ކާރަކަށް ގުޅައިގެން އަވަހަށް މިލީނާ ހޮސްޕިޓަލަށް ގެންދިޔުމެވެ. މިލީނާ ނުދާން އުޅެނިކޮށް ސޯފިޔާ މަޖުބޫރުކޮށްގެން ކަޅުހެދުން ލެއްވުމުން ދެން މިލީނާ ގަދަ ނުދައްކާ ކާރަށް އަރައިފި އެވެ. ހަގީގަތުގައިވެސް ރޭއްސުރެން އެއްޗެއް ނުކައި، ނުބޮއިހުރެ ރުއި ވަރުން މިލީނާގެ ހަށިގަނޑުގައި ހަކަތައެއް ނެތެވެ. 

މިލީނާ ހޮސްޕިޓަލުގައި އެޑްމިޓްކުރިކަން އެނގުމާއި އެކު މާޒިން އާއި އެކު ޒަހާރާ، އެލީސާ އަދި ހައިތަމްވެސް މިލީނާއަށް ޒިޔާރަތް ކުރިއެވެ. އެމީހުން އައުމުން އަނގައިން ބުނުމެއްނެތި ސޯފިޔާ އެތަނުން ނިކުތެވެ. މާޒިންވެސް ހުރީ އޭނައަށް ނާންގާ މިލީނާ ހޮސްޕިޓަލަށް ގެނެސް އިންޖެކްޝަންތައް ޖެހީމަ ހިތްހަމަނުޖެހިފައެވެ. މާޒިން އެއްޗެކޭ ނުބުނެ ހިމޭންވީ މަސްލަހަތަށް ބަލާފައެވެ. އެންމެން ވަރަކަށް މިލީނާއަށް ތަފާތު ކާ އެއްޗެއްސާއި، ހަދިޔާ ގެނެސްދީ އެހާ ލޯބިން އުޅުނަސް މިލީނާގެ ލޮލުން ކަރުނަ ހިކޭނެ ގޮތެއް ނުވިއެވެ. މިލީނާ އެވަރަށް ރުއިމުން މާޒިންގެ ހިތުގައި އެތައް ސުވާލެއް އުފެދުނެވެ. ބަލިވިޔަސް އެހާ ފިނޑިވެގެން މިލީނާ އެގޮތަށް ކަރުނަ އޮއްސާނެއެކޭ ހިތެއްނުބުނެއެވެ. ކޮންމެވެސް ކަމެއްވެއްޖެކަން މާޒިންގެ ތޫނު ސިކުނޑި ދެނެގަތެވެ.

މަޣުރިބު ނަމާދަށް އެންމެން ދިޔަފަހުން ސޯފިޔާ އެކަނި އެ ކޮޓަރީގައި އިންދާ އެކޮޓަރިއަށް ވަން ރީތި ޒުވާނާ ފެނުމުން ސޯފިޔާއަށް ވަގުތުން އެއީ ގޯލްޑެން ފްލޭމްގެ ޒުވާނެއްކަން ޔަގީންވިއެވެ. އެ ޚާންދާނުގެ މިސާލެއްނެތް ފަދަ ރީތިސިފަތަކެވެ. ސޯފިޔާ އިނީ ކަޅިޖަހައިލަން ނޭގިފައެވެ. ވަގުތުން ހިތަށް އެރީ އެންމެ ނަމެކެވެ. މިހުރާން އެވެ. ކުޑައިރުވެސް އެކުއްޖާ އެހާ ރީއްޗެވެ. އަންހެންކުދިން އަޅައިގަންނާނެ ހުރިހާ ރީތި ސިފަތަކެއް މިހުރާން މިލްކުކޮށްލާފައިވެއެވެ.

"ހައި ސޯފީ އާންޓީ، ކިހިނެއްތޯ، ވަރަށް އުފާވެއްޖެ ބައްދަލުވެވުނީތީ......" މިހުރާން ވަރަށް ހަމަޖެހިލާފައި އައިސް އެނދު ކައިރީގައި ހުއްޓުނެވެ. މިލީނާ އެވަގުތު ބޭނުންވީ އެނދުގައި އަޅާފައިވާ ހުދު ރަޖާގެތެރެއަށް ވަދެ ފިލުމަށެވެ. އެކަމަކު މިހުރާންގެ ލޮލާއި ދިމާލަށް ބެލުނު ގޮތަށް މިލީނާއަށް ދުރު ބަލައެއްނުލެވުނެވެ. އެ ބޮޑު ދެލޮލުގައި ސިހުމާއި، ބިރުވެރިކަންވިއެވެ. މިލީނާ އޮތީ ނޭވާލާން ނުކެރިފައެވެ. އެހެން އޮތްއިރު މިލީނާގެ މޫނު ހީވަނީ ރަތްކަމުން އާފަލެއްހެންނެވެ.

"ސޯފީ އާންޓީމެން ޖެހޭނެ އަހަރެމެންގެ މެރިޖްއާއި ގަބޫލުވާން، ލޯބިވާ މީހުން ދުރުކުރުވަން ޖެހޭތަ؟ ތުބުޅިލާފައި ހުރި ޝޭޚަކަށް މިލީ ވިއްކާލަން އުޅުނީމަ ދެން ވަރަށް މަޖާވި، މިލީ ލޯބިވާނީ އެކަނި އަހަރެން ދެކެ، މިލީ އެޑްމިޓްކުރަން ޖެހުނު ސަބަބަކީ ވެސް ސޯފީ އާންޓީ އަހަރެމެންގެ މެރިޖާއި ދެކޮޅުހެދީމަ އެކަމާއި ދެރަވެގެން، ނޫންތަ ބޭބީ ގާލް........" މިހުރާން މިލީނާގެ އަތުގައި ހިފަހައްޓާލީ އަމިއްލަ މިލްކެއްހެން ހީވާފަދަ ގޮތަކަށެވެ. އެ ނާޒުކް އަތްތިލަ އެހާ މަޑުވެފައި ގަޑުފެންކޮޅެއްހާ ފިންޏެވެ. އެއަތުގައި މަޑުމަޑު ތުރުތުރުލުމެއްވިއެވެ. މިހުރާން ބަލަން ހުއްޓާ މިލީނާގެ ލޮލުގައި ބޮޑެތި ކަރުނަގަނޑުތައް އުފެދުނެވެ.

"މިހުރާން ލަދެއްވެސް ނުގަނޭތަ؟ މިތަނުން ނިކުމެގެން ދޭ...." ސޯފިޔާ ތެދުވެގެން ގޮސް މިހުރާން އާއި ދިމާލަށް ބަލައިލީ އަލިފާނުގެ ބެލުމަކުންނެވެ. އޭނަގެ ކުރިމަތީގައި މިލީނާގެ އަތުގައި އަތްލުން ސޯފިޔާ ދެކުނީ އެންމެ ދަށު ދަރަޖައިގެ އަމަލެއްގެ ގޮތުގައެވެ. ރަނގަޅަށްވެސް ހުޅަނގުގެ އުޅުންގަނޑު ހުރި ފިރިހެނެކެވެ. މައިންބަފައިންގެ ކުރިމަތީގައިވެސް ކުކުޅުހާލުގެ އުސޫލު ގެންގުޅޭ ބަޔެކެވެ.

"އާންޓީ މިލީގާތުން އަހާބަލަ، އަހަންނާއި މެރީކުރަން ބޭނުމޭ މިލީ ބުނާނެ......" މިހުރާން މިލީނާގެ އަތުން ދޫކޮށްލާފައި ދުރަށް ޖެހިލަމުން ޖިންސްގެ ޖީބަށް އަތްޖަހާލައިފި އެވެ. ސޯފިޔާއަށް އެމޫނުމަތިން ފެނުނީ އިންތިހާ ދަރަޖައިގެ ބޮޑާކަމެވެ. ތިމާއަށް ތިމާގެ ރީތިކަން ފެނިފައިވާހެން ހީވާކަހަލައެވެ. އެހެންނުވާވަރެއްވެސް ނޫނެވެ. އަނގަޔަށް ހަދާލިގޮތުން ކޮލަށް އެޅުނީ ހިތްކަތިލާލާފަދަ އަޑިކޮޅެވެ. އެހާ ތޫނު އަސަރުގަދަ ބަލައިލުމެކެވެ. އެ ރީތި ހަށިގަނޑަށްޓަކައި ފިދާނުވާނީ ކާކުހެއްޔެވެ؟

ސޯފިޔާ ވިސްނާލާފައި މިލީނާ އާއި ދިމާލަށް ބަލައިލި އެވެ.

"މިލީ، އެއީ ތެދުވާހަކައެއްތަ؟ އޭނަ އެގެއިން ފުރަތަމަ ދިމާވެގެން ސްކާފް ނަގަން އުޅުނު ވާހަކަ މަންމަ ގާތުގައި ބުނީ މިލީ، ދެން ކިހިނެއްތަ މިވީ؟ މިލީ އޭނަ އާއި އިންނަން ބޭނުންތަ؟" ސޯފިޔާ ފެންކަޅިވާގޮތްވިއެވެ. މިލީނާގެ މަގާމުގައި މިޝެލިން ހުރިނަމަވެސް އެންމެ ރަނގަޅެވެ. އެކަމަކު މިލީނާ އަކީ އޭނަގެ އެންމެ ބަސްއަހާ ރަނގަޅު ދަރިފުޅެވެ. މިފަދަ ދީނެއްނެތް ފިރިހެނަކަށް ހިތްކިޔާހާ މިލީނާ މޮޔަވެގެން ނުވާނެ އެވެ. ޒައިން ފަދަ ރަނގަޅު ހަޔާތުގެ ބައިވެރިޔަކު ލިބެން މިލީނާއަށް އެބައޮތެވެ. ލަންޑަނުގައި ޑިގްރީ ހަދަން ފުރުސަތު ލިބިއްޖެއެވެ. އެވެސް ލަންޑަން ޔުނިވަރސިޓީ އިންނެވެ. އަދި މިލީނާގެ އުމުރުން އެންމެ ނަވާރަ އަހަރެވެ. ވީއިރު އޭނަގެ ދަރިފުޅު އެހާ މޮޔަކަމެއް ނުކުރާނެ އެވެ.

މިލީނާގެ ތުންފަތް ތުރުތުރުއަޅަން ފެށިއެވެ. އެހިތަށް ކުރަމުން ދިޔަ އަސަރުތަކުން ހީވަނީ ހިތްކުދިކުދި ވެގެން މަރުވެދާނެ ހެންނެވެ. މިހުރާން ދެކެ ހިތުގައި އުފެދެން ފެށި ނަފްރަތުގެ ހުޅުކޮޅު ބޮޑުވެގެން ގޮސް އިންތިހާއަށް ދިޔައެވެ. ދުވަހަކުވެސް އޭނަ މިހުރާންއަށް މާފެއްނުކުރާނެއެވެ. އޭނަގެ އުފާވެރި ހަޔާތް ހުޅުޖަހަން އުޅޭ ނުލަފާ އިންސާނެކެވެ. އެކަމަކު މިއަދު އޭނައަށް ދެވަނަގޮތެއްނެތެވެ. މިހުރާން ބޭނުންހާގޮތަކަށް ނަހަދައިފިއްޔާ އޭނައަށް ވެދާނެ ނިކަމެތިގޮތެއް ޚިޔާލުކުރަން ދަތްޗެވެ.

"ބުނޭ މިލީނާ....." ސޯފިޔާ ހަރުކަށިގޮތަކަށް އަމުރު ކުރިއެވެ.

"އާންޓީ ތިހާ ހަރުކަށިވާކަށް ނުވާނެ، ލޯބިވުމަކީ ކުށެއްނޫން، އާންޓީ ތިގޮތަށް ވާހަކަދެއްކީމަ މިލީ އެއޮތީ ބިރުގެންފައި، ބޭބީ ޑޯންޓް ބީ އެފްރެއިޑް، މަންމަ ގާތުގައި ސީދަލަށް ބުނޭ، އަހަރެން ނޫން މީހަކާއި ނީންނާނަމޭ ބުނޭ......" މިހުރާންގެ އެ ޖުމްލަ އާއި އެކު އޮޅިގެންވެސް މިލީނާއަށް މިހުރާންގެ މޫނަށް ބަލައިލެވުނެވެ. މިހުރާން ގެ ފަރާތުން ކުޑަނަމަވެސް ހަމްދަރުދީއެއް ލިބޭނެކަމުގެ އުއްމީދުގައެވެ. ބްލެކްމެއިލް ނުކުރާނަމޭ ބުނެލާނެނަމައެވެ. އެ ވީޑިއޯތައް ޑިލީޓްކޮށްލައިފީމޭ ބުނާނެ ނަމައެވެ. އޭނަގެ ޓައިޕެއްނޫނޭ ކިޔާފައިވެސް އިންނަން ޖެހޭހެއްޔެވެ؟ މިހުރާން ލޮލުގެ އިޝާރާތުން ވެސް އެންގީ އާއެކޭ ބުނުމަށެވެ. އެ ލޮލުގައިވި އިންޒާރުގެ ގޮތަކުން މިލީނާގެ ގައިން އަނެއްކާ ހީބިހިނެގިއެވެ. މުޅި ހަށިގަނޑަށް ފިނިވިއެވެ. މެޔަށް ނުބައި ގޮތެއްވިއެވެ.

ކޮމެންޓް 0