އެންމެން އެހާ އުފާވެފައި ތިބިތަން ފެނުމުން އެ އުފާތައް ނެތިކޮށްލާފަދަ ޚަބަރެއް ދޭކަށް މިޝެލިން ބޭނުމެއް ނުވިއެވެ. އޭނަ ވެސް އެހެދުން ރީތިކަމަށް ބުނެ، އެމީހުންނާއި ބައިވެރިވެގެން އިރުކޮޅެއް ވާންދެން އުޅުނެވެ. ރޭގަނޑު ކެއުމަށްފަހު މިޝެލިން ކޮޓަރިއަށް އައިގޮތަށް އިއްބާނުއަށް މެސެޖެއް ކޮށްލާފައި މިރޭ މާ އަވަހަށް ނިދި އަންނަނީ ކަމަށް ބުނެލާފައި އެނދުގައި އޮށޯތެވެ. އޭނަ މިލީނާގެ އިންތިޒާރުގައި އޮއްވާ ފުން ނިންޖަކަށް ގެބިއްޖެއެވެ. މިޝެލިން ދައްކަން އުޅުނު ވާހަކަ އަކަށް ފުރުސަތެއް ނުލިބުނެވެ. ހެނދުނު މިޝެލިންއަށް ހޭލެވުނު އިރު ކޮޓަރިތެރެ އޮތީ އަނދިރި ކޮށެވެ. ގަޑިން ވީއިރެއް ލަފާކޮށްލާކަށްވެސް ނޭގުނެވެ. މިޝެލިން ރަޖާގަނޑު ތެރޭގައި ހަމަޖެހިލަން އުޅުނު ތަނުން ސޯފިޔާ ދޮރު ހުޅުވާލައިފި އެވެ.
"ޝެލް، ނުވައެއް ޖަހަނީ، ދޮންތީގެ ޕާޓީ އަށް މިހާރުއްސުރެ ތައްޔާރުވާން ފެށީމަ ތައްޔާރުވާނީ....." ސޯފިޔާ ގެ ޖުމްލަ އާއި އެކު މިޝެލިން ވަގުތުން ރަޖާ އެއްލައިލައިފައި ތެދުވެ ދޮރު ފޮތިގަނޑު ކަހާލައިފައި ބޭރަށް ބަލައިލި އެވެ. އިރުގެ ގަދަ އަވިން ލޯ ތަރަތަރަޖަހައިގެން ދިޔައެވެ. އާ ދުވަހެކެވެ. އޭނަގެ ހުރި އެންމެ ދައްތަގެ ކައިވެނީގެ އުފާވެރި ދުވަހަށް އަލި ވިލުނު އިރު މޫސުމް ރީތިވުމަކީ ކައިވެނި ބާއްޖަވެރި ވުމުގެ ހެޔޮ ފާލެއް ކަންނޭގެ އެވެ. ވިއްސާރަ ވިލާތައް ކެހި، އިރުގެ ރަން ދަޅަތައް ހުރިހާ ދިމާލަށް ފަތުރާލައިފި އެވެ. މިޝެލިން ދެރަވީ މިހުރިހާ ދުވަހު އައިސްފައި ހުރި ފޯރި ކުޑަވީމައެވެ. އެކަމަކު މަންމަ ބުނިހެން އޭނަ ކުރަންޖެހޭ ކަންތައް މަދެއް ނުވާނެއެވެ. އޭނަގެ ކައިވެންޏަކަށް ނުވިޔަސް ބޮލުގައި ހީނާފަތް އަޅައި، ސެލޫންއަށް ގޮސް ރީތިވާން ޖެހޭނެއެވެ. މިޝެލިން ބޭނުމީ އިއްބާނުއަށް އޭނަ ނޫން އަންހެންކުއްޖަކު ދެކެ ލޯބިނުވެވޭނެހާ ބޮޑަށް އޭނަ ރީތި ވުމެވެ.
މިޝެލިންއަށް އޭނަގެ އާއިލާގެ އެތައް ބަޔަކާއި ބައްދަލުވުމުގެ ނަސީބު ލިބުނެވެ. ހީކުރި ވަރަށް ވުރެ އޭނަގެ ޚާންދާނުގެ މީހުން ގިނައެވެ. މި ޕާޓީއަށް ޓަކައި، ލަންޑަން، ނިއުޔޯކް ފަދަ ތަންތަނުން އާއިލާ މީހުން އައިސް އެ އާއިލާގެ ގެތައް ފުރާލި އެވެ. ތަފާތު ވައްތަރުގެ ރީތި މީހުންނެވެ. ޒެވިޔަން، ދާނިޝް، ރިވާ، ރެޔާން، ފައިޒާން، ރަފާއިލް، ޒޯހާން ފަދަ ހިތްތަކުގެ ވިންދުތައް އަވަސްކުރުވާފަދަ ޒުވާނުން އެކި ސްޓައިލްގެ ހެދުންތަކުގައި އުޅެލާ ގޮތުން ހީވަނީ އިޝްތިހާރެއް ކުޅެލަން ގެނެސްފައި ތިބި މޮޑެލް އިންހެންނެވެ. އަންހެން ކުދިން ފަރިވަމުން، ތުއިވަމުން އެ ޒުވާނުންގެ ސަމާލުކަން ހޯދަން މަސައްކަތް ކުރިއިރު މިޝެލިން އުޅުނީ އެއިން މީހަކަށް ނުފެންނަން ވެގެން ފިލައިގެންނެވެ. އޭނަގެ މޫޑު އެއްގޮތަކަށްވެސް ރަނގަޅެއް ނޫނެވެ. އަބަދު ހީހީ ހުންނަ ކުއްޖާއަށް މީހެއްގެ އެސްފީނާ އެޅުނީކަން ނޭގެއެވެ. އެ ތުންފަތްމަތިން ހިނިތުންވުމުގެ ކުލަ ފެނުމަކީ މިހާރު ނާދިރު ކަމެކެވެ.
މިޝެލިން އަށް އާއިލާގެ އަންހެންކުދިންނާއި އެކުވެރިވުމުގެ ފުރުސަތު ލިބިފައިވާއިރު އޭނަ އުޅުނީ ވާހަކަ ނުދައްކަން ވެގެންނެވެ. އަނެއްކާ އޭނަ "ފޮނި" ކުއްޖެއްގެ ގޮތުގައި ބްރޭންޑް ވެގެން ދާނެކަން އެނގޭއިރުވެސް މިޝެލިން ހުރީ ހިމޭނުންނެވެ. މީހަކު ކުރި ސުވާލަކަށް ޖަވާބު ދިނުން ނޫންކަމެއް ނުކުރެވުނެވެ. އޭނައަށް އަށް މުޅިންވެސް ބެލުނީ ޔީވާ ގެ ހަރަކާތް ތަކަށެވެ. ޔީވާ އިއްބާނުގެ ފަހަތުގައި ޖައްސާލާފައި ހުންނަތަން ފެންނަލެއް ގިނަކަމުން މިޝެލިންގެ ހިތަށް އުދަގޫވީ އިންތިހާ އަށެވެ.
މިޝެލިންގެ މޫޑު އިތުރަށް ގޯސްވީ އިއްބާނު އާއި އޭނަގެ ދެބެންގެ ދެދަރިކުދިންނާއި ސަމާސާ ކުރާ ފެންވަރަށް ގުޅުން އޮތްތަން ފެނިފައެވެ. އެމާ، ޒޯޔާ، އަދި ޖޫނާ ފަދަ ފުރާވަރުގެ ކުދިން އެއްވެސް ހުރަހެއްނެތި އެ ކުރަމުންދާ ސަމާސާ ތަކާއި މިޝެލިން ގަޔާވާ ގޮތެއް ނުވިއެވެ. އިއްބާނު ބުނިގޮތުން އެއީ ބޭބެ ކޮއްކޮގެ ގުޅުމެވެ. ދެބެންގެ ދެދަރި ކުދިންނާއި މެދު އޭނަ ދެކެނީ އެގޮތަށެވެ. އިއްބާނު އެހެން ބުނުމުން މިޝެލިން ގަބޫލު ކުރަން ޖެހޭ ހެއްޔެވެ؟
މިޝެލިން ބެލްކަނީގައި ހެޑްސެޓް އަޅާލައިގެން ހުރެ އިންތިޒާރު ކުރަމުން ދިޔައީ އިއްބާނު އޭނަގެ ކޮޓަރިއަށް އަންނާނެ ވަގުތަކަށެވެ. ފަނަރަވަރަށް މިނިޓްފަހުން އޭނަގެ ބޭގަރާރުވެފައިވާ ދެލޮލަށް ފިނިކަމެއް ލިބުނެވެ. މިޝެލިން ބޭރަށް ބަލަންހުއްޓާ އިއްބާނު ދާދި ކާރީގައި ހުއްޓި މިޝެލިންގެ މޫނަށް ބަލައިލުމުން މިޝެލިން ރަކިވިއެވެ.
"ރުޅި، އަހަންނާއި ވާހަކަ ދައްކާނެކަމެއް ނެތް، ދާންވީނު އެހެން ގާލްސް އިން ކާރިއަށް، އެންޖޯއި ކުރާވަރު އެބަފެނޭ..." މިޝެލިން ލަދުގަތީމަ އަދި ރުޅިއައިކަމަށް ހެދިލާފައި އަނެއް ފަރާތަށް އެނބުރުނެވެ.
"ތިހެން ރުޅިއައިސްފައި ހުރިޔަ ދޭނެތަ؟ މަގޭ ލަވް ދުވަހަކު ރުޅިއެއް ނާންނާނެ، އަހަރެންގެ ޝެލްސް އަށް އެހާވަރަށް ޓްރަސްޓް ކުރަމޭ، ހާދަ ލޯބިވެޔޭ މަގޭ ފުރާނަޔާ، އެންމެ ފަހަރަކުވެސް އަހަރެންގެ ލޮލަށް ބަލައިލަބަލަ، ލޯބިވާވަރު އެކަނި ލޮލުންވެސް އެނގޭނެ...." އިއްބާނު ގެ ޖުމްލައިން މިޝެލިންގެ ހިތަށް އަސަރުކުރިއެވެ. އެތައް ޝުއޫރުތައް އެއް ފަހަރާ ހިތުގެ މައްޗަށް ގަދަވެގަނެ މިޝެލިންއަށް ކެތްނުކުރެވިގެން ރޮވިއްޖެއެވެ. ކަރުނަތައް އޮހިގަތީ އިންޒާރަކާއި ނުލައެވެ. މިޝެލިން އެތާހުރި ސޯފާގޮނޑިއަށް ތިރިވަމުން މޫނުގައި އަތްއެޅިއިރަށް އެހިމަ އިނިގިލިތަކުގެ ދޭތެރެއިން ކަރުނަތައް ދެމިގަތެވެ. އިއްބާނު ހައިރާންވިއެވެ. މިޝެލިންގެ ކައިރީގައި ޓައިލްސް މަތީގައި ކަކޫ ޖައްސާލަމުން އެ ދެއަތުގައި މަޑުމަޑުން ހިފެހެއްޓުނު އިރު އިއްބާނުގެ އަތް ތެމިއްޖެއެވެ.
"ބެން، ކޮން އިރެއް ހޯދާތާ، އަހަންނަށް ހެލްޕެއް ވެދީބަލަ، މިއުޅެނީ ލެޕަށް ވައިރަސް ވަދެގެން....." ޔީވާ ހުރީ ކުޑަ ސޯޓުކޮޅަކާއި، ހުދު ޓޮޕެއްލައިގެން ލުއި މޭކަޕެއްގައެވެ.
"ގިވް މީ ފައިވް މިނިޓްސް އޯކޭ، އަހަރެން ދާނަން..." އިއްބާނު ކުޑަކޮށް ހިތްހަމަނުޖެހިފައިވާ ރާގަކަށް ބުނެލިއެވެ.
"ނޫން ބެން، އަހަރެން ވަރަށް އިމްޕޯޓެންޓް ކަމެއްގައި އިންދާ.... ޕްލީޒް ދެން އާދެބަލަ، އަހަރެން އަދި..." ޔީވާ ގެ ޖުމްލަ އިއްބާނު މެދުކަނޑުވާލީ ތަންކޮޅެއް ހަރުކަށި ގޮތަކަށެވެ.
"އައިމް ބިޒީ ރައިޓް ނައު، އެކަމެއް ނުފެނޭތަ؟" އިއްބާނު ގެ އެ ޖުމްލައިން ޔީވާ ލަދުގަތީ ކަންނޭގެ އެވެ. އިތުރު މައްސަލަ ޖެއްސުމެއްނެތި އޭނަ ދާން ހިނގައިގަތުމުން މިޝެލިންގެ ރުޅި ގަދަވެގެން ސިކުނޑި ފަޅައިގެން ނުދިޔައީ ކިރިޔާއެވެ. ޔީވާއަށް މިގޭތެރެއިން އެ މަސައްކަތް ކޮށްދޭނެ އެހެން ފިރިހެނަކު ނުފެނުނީ ހެއްޔެވެ؟ އައިޓީ ހަދާފައި ތިބިމީހުން އެކަމަށް މާ މޮޅުވާނެއެވެ. އިއްބާނު އާއި ޔީވާގެ ގުޅުމެއް އޮތްކަން މިހާރު މިޝެލިންއަށް މާ ރަނގަޅަށް ވެސް ޔަގީންވެއްޖެއެވެ. އެގޮތަށް ގޭގައި ހުރި މެހުމާނަކާއި ދޭތެރޭގައި އެފާޑަށް ވާހަކަދައްކަން އިއްބާނުއަށް ކެރުނީ އެގުޅުން ގާތްކަމުންނެވެ. މިޝެލިން އިއްބާނުގެ އަތް ފޮޅުވާލާފައި ގޮނޑިން ތެދުވުނު ގޮތަށް ދުއްވައިގަތީ ސިޑިއާއި ދިމާލަށެވެ.
"ޝެލް........" އިއްބާނު ރެއިލިންގައި ތަންކޮޅެއް ބާރަށް އަތުން ޖެހިއެވެ. އިއްބާނުއަށް ވެގެން އުޅޭގޮތް ރޭކާލާން ފެށުމާއި އެކު އަމިއްލަ ނަފުސަށް މަލާމާތްކުރިއެވެ. ރެއިލިންގައި ދެއުޅަބޮށި ޖައްސާލިގޮތަށް މޫނު ފޮރުވާލައިގެން އެހެން ހުރެވުނީ ބޯ އުފުލައިލާނެ ހިތްވަރެއް ނެތިފައެވެ.
މިހުރާން އާއި މިލީނާގެ ޕާޓީ ބޭއްވުނީ ރިޒޯޓެއްގައެވެ. އެ ޕާޓީއަށް ދިޔަމީހަކު ދުވަހަކު ހިތުން ފިލައިގެން ނުދާނެހާ ޕާޓީގެ ކަންތައް ފުރިހަމައެވެ. މިހުރާން ކޯޓް ފަޓުލޫނެއްގައި ހުރިއިރު އެ ފިރިހެންވަންތަކަމާއި، ރީތިކަމުން ކޮންމެ މީހެއްގެ ހިތާއި ކުޅެލާނެފަދަ ބާރެއް ހުއްޓެވެ. މިލީނާ ހުދު ހެދުމެއްގައި ހީވަނީ ޝާހީ ދަރިކަނބަލެއް ހެންނެވެ. ލުއި މޭކަޕްގެ ސަބަބުން އެބޮޑު ދެލޮލުގެ ވިދުމާއި، ރީތިކަން މާދުރަށް ފެނެއެވެ. މިހުރާން އާއި މިލީނާ ފެނުމުން ތައުރީފު ނުކުރާ ހިތެއްނުވެއެވެ. އެއާއިއެކު ހަސަދަވެރިކަމުގެ ނަޒަރުތަކުން އެދެމަފިރިންނަށް އަސަރުކުރާހާވިއެވެ.
މިޝެލިން އުޅުނީ އޭނަގެ މަންމަގެ ހިޔަނިހެން ފަހަތުގައެވެ. މިރޭ އެއްގޮތަކަށްވެސް އޭނަ އިއްބާނު އާއި އެކަނިވާކަށް ބޭނުމެއް ނުވީއެވެ. ޔީވާ ކުރު ހެދުމެއްގައި މާ ވަރަކަށް ހެވިލާފައި ހުންނަތަން ފެންނަ ކޮންމެ ފަހަރަކު މިޝެލިންގެ ހިތަށް ތޫނު ތީރުތަކެއް ހެރޭކަމުގެ އިހުސާސް ކުރެވުނެވެ. ސޯފިޔާ ގަދަކަމުން ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވައިގެން ހުރިއިރު އޭނަގެ ހިތުގައިވާ ނުތަނަވަސްކަން ފެންނާކަށް ނެތެވެ. މާޒިން އާއިލާގެ މެމްބަރުންނާއި، އެކުވެރިންނާއި ވާހަކަދައްކަން ހިނިތުންވެލައިގެން ހުރިއިރު މިއީ ހަޔާތުގައި އައި އެންމެ އުފާވެރި އެއްރޭކަން ޔަގީނެވެ. ފުރަތަމަ ދަރިފުޅަށް ފުރިހަމަ ބައިވެރިޔަކު ހޯދަދެވުނީއެވެ. މިލީނާގެ ހަޔާތް އާބާދުކޮށް ދެވުނީއެވެ. ދެން މިލީނާ ދެކޭ ހުރިހާ ހުވަފެންތައް ފުރިހަމަ ކުރެވޭނެކަން ޔަގީނެވެ. ދަރިންނަށް ހޯދަދެވޭނެ އެންމެ ބޮޑު ނަސީބަކީ އެފަދަ ފިރިޔެކެވެ.
ރަހަމީރު ކެއުމާއި، މިއުޒިކް، ޑެކަރޭޝަން، ފްލާވަރ ގާލްސްއިން ފެށިގެން ޕާޓީ ކޭކަށް ދާންދެން މީހުން ހިތުން ފިލައިގެން ނުދާހާ ވަރުކޮށްލި ޕާޓީއެއްގެ ނިމުން އައީ ހިތްތަކަށް އުފާވެރިކަން ގެނެސްދީފައެވެ. މިޝެލިން ޕާޓީ ނިމެންދެން އިއްބާނު އާއި އެކަނި ނުވެ ހުރުމުގައި ކާމިޔާބު ކުރިއެވެ. ޕާޓީ ނިމިގެން އާއިލާގެ މެމްބަރުން ދާން ޖެހުނީ އަލަތު ދެމަފިރިން ހަނީމޫނަށް ފުރުވަން އެއަރޕޯޓަށެވެ. އެއަރޕޯޓްގައި ފުދޭވަރަކަށް މީހުން ގިނައެވެ. މިލީނާ ހުރީ އެހުރިހާ އިރުވާންދެން ކަރުނަތައް ހިފަހައްޓައިގެންނެވެ.
"ޔޫ އާ ލަކީ ދޮންތީ، ވެނިސް އަދި ޕެރިހަށް ދާހިތުން އަބަދު އުޅޭކުއްޖަކު އެންމެ ފަހުން ހަނީމޫންގައި ތިދެވެނީ އެތަންތަނަށް، ޕިކްތައް ނަގާފައި ފޮނުވައްޗޭ...." މިޝެލިން މިލީނާ ގާތުގައި އެހެން ބުނުމާއިއެކު މިލީނާގެ ލޮލުން ކަރުނަ އޮހިގެންފިއެވެ. އޭނައަށް ޔޫރަޕްގެ އެ ދަތުރުން އެއްވެސް އުފަލެއް ނުލިބޭނެކަން ޔަގީނެވެ. އޭނަ ބޭނުމީ މަންމަ، ބައްޕަ އަދި ކޮއްކޮ އާއި އެކު އެތަންތަން ބަލައިލަން ދިޔުމެވެ. މިގޮތަށް ބީރައްޓެއްސަކާއި އެކު ގޮސްގެން އޭނައަށް ވާނީ ބިރުވެރި ހުވަފެނަކަށެވެ. ޕްރައިވެޓް ޖެޓެއްގައި ފިރިމީހާ އާއި އެކީގައި އެފަދަ ތަނަކަށް ޒިޔާރަތް ކުރުމަކީ އެހެން ކޮންމެ އަންހެންކުއްޖެއްގެ ހުވަފެނަކަށް ވި ނަމަވެސް މިލީނާ ދެކެނީ މިއީ އޭނަގެ ބަދުނަސީބުގެ ފެށުން ކަމުގައެވެ. މިހުރާން ދެކެ ގަންނަ ބިރަކުން މިހާރުއްސުރެ ހިތް ތެޅެމުން ދިޔައީ ދިރޭރަހަ ފޮދެއްހެންނެވެ.
"ފުރަތަމަ ފަހަރަށް ދުރަށް ދާތީ އެހެން ހީވާނެ ދަރިފުޅާ، ހުރިހާ ކަމެއް ރަނގަޅުވާނެ އިރާދަކުރެއްވިއްޔާ...." މާޒިން މިލީނާ ގެ ގާތުގައި އެކި ވާހަކަދައްކައި ލޮލުގައިވާ ކަރުނަތައް ފޮހެދިނެވެ. އަދި މިހުރާން ގާތުގައި މިލީނާ އާއި އަޅައިލުމަށް އެދުނެވެ.
"ރެން، ޓޭކް ކެއަރ އޮފް ހާރ އިނގޭ....." މާޒިން މިހުރާންގެ ގައިގައި ބައްދާލާފައި ސަލާމްކޮށްލުމުން މިހުރާން ވައުދުވީ އޭނަ މިލީނާ ރަނގަޅަށް ބަލަހައްޓާނެ ކަމުގައެވެ. މިލީނާ އުފަލުން ހުންނާނެ ކަމުގެ ޔަގީންކަން މިހުރާން ދިނެވެ. އޭނަ އެދުނީ އޭނައަށް ބޮޑުބޭބެ އިތުބާރު ކުރުމަށެވެ. ސޯފިޔާ ހުރީ ރުޅިމޫނު ހަދާލައިގެންނެވެ. މިހުރާންގެ ވަޢުދުތަކަށް އޭނަގެ ޔަގީންކަމެއް ނެތީއެވެ. އަދި މިލީނާގެ ލޮލުގައިވި ވޭނާއި، ބިރުވެރިކަން ފެނިފައިވާތީ ސޯފިޔާ ހުރީ ޝައްކެއްގެ މަތީގައެވެ. މިހުރާން އެކުއްޖާފުޅަށް ހަދައިލާނެ ގޮތެއް އެނގެނީއެއް ނޫނެވެ. އެހާ ދުރަށް ގެންދިޔުމުގެ ބޭނުމެއް ސޯފިޔާއަކަށް ނުވިސްނެއެވެ. ސޯފިޔާވެސް ހުރީ ޓިޝޫއަކުން ލޯ ފޮހެލަ ފޮހެލައެވެ. މިލީނާ އާއި މެދު އޭނަ ވިސްނާ ވަރު ދެނެވޮޑިގެންވަނީ އެކަނި ހެއްދެވިފަރާތެވެ. އަދި މިރޭވެސް މަލަކާ ގެ ނުރުހުމުގެ ނަޒަރު އޭނައަށް ހުއްޓޭވަރާއި، މި އާއިލާގައި އޭނައަކީ ބީރައްޓެއްސެއްކަމުގެ އިހުސާސް ކުރެވޭވަރުވެސް އެހެން ފަރާތަކަށް ނޭގޭނެ އެވެ.
"ވަރަށް މިސްވާނެ މިލީ...." މިޝެލިން މިލީނާގެ ގައިގައި ބައްދައިލީ ބާރަށެވެ. މިޝެލިންއަކީ އެހާ ފަސޭހައިން ޖަޒުބާތީ ވާ ކުއްޖެއްނޫނެވެ. އެކަމަކު މިލީނާ ދާން ހިނގައިގަތުމުން މިޝެލިންގެ ލޮލުގައި ގިނަވާންފެށި ކަރުނަތައް އޮބިނޯވެގެން އޮހިގެންފިއެވެ. ދެކުދިން ބައްދާލާފައި ރުއިވަރުން ސޯފިޔާމެންވެސް ފެންކަޅިވިއެވެ. އެއާއިލާގެ އެންމެން އެކީގައި އަބަދު އުޅެމުންގޮސް އެއްކުއްޖަކު ވަކިވެގެން ދުރަށް އެދަނީ ފުރަތަމަ ފަހަރަށެވެ. މާޒިން މިޝެލިން ގަޔާއި ކާރިކޮށްލާފައި، ވަރަށް ލޯބިން ވާހަކަދެއްކިއެވެ. މިޝެލިން ކަރުނަތައް ފޮހެލަމުން ލޯންޗު އޮތް ދިމާލަށް ހިނގައިގަތްއިރު އެދިމާލުގައި މޫދާއި ދިމާލަށް ބަލަހައްޓައިގެން ހުރި އިއްބާނު އެނބުރި ހިތާމަވެރި ނަޒަރަކުން މިޝެލިންއަށް ބަލާލައިފިއެވެ. ދެލޯބިވެރިންގެ ހަތަރުކަޅި ހަމަވި ސިކުންތުކޮޅު މިޝެލިންގެ ހިތް ކުދި ކުދިވާވަރުވިއެވެ. އިއްބާނު ބަލައިލީ މަރުވަމުންދާ ފުރާނައަކަށް ވެސް ދިރުން ލިބޭފަދަ ޚާއްސަ ނަޒަރަކުންނެވެ. ޖިންސްގެ ޖީބަށް އަތްޖަހާލައިގެން، ހުރިއިރު އެހިސާބުގައިވާ ލައިޓްގެ އަލިއެޅި މޫނަށް ރަންކުލައެއް ވެރިވެފައިވާއިރު ހާދަ ރީއްޗެވެ.
އެންމެން ލޯންޗަށް އެރިއެވެ. ދަންވަރު އެގަޑީގައި މޫދުގެ ފެހިކަން ފެންނަނީ ސިހުރުވެރި ގޮތަކަށެވެ. ވަޔާއި އެކު މޫދުގެ ސަތަހައިގައި އުފެދެމުންދާ ބާނިތަކަށް ހަނދުވަރުގެ އަލި އެޅުމުން ވިދާއިރު ނަލަކަމުން އެ މަންޒަރު ބަޔާންކުރުމަކީ ގަލަމަކަށް ކުޅަދާނަކަމެއްނޫނެވެ. ކުރެހުންތެރި އަކަށްވެސް އެ މަންޒަރު ފިހިގަނޑަކުން ފަވައެއް ނުލެވޭނެއެވެ. މިޝެލިން ދުރަށް ބަލަހައްޓައިގެން އިންއިރު އެސްފިޔަތަކުގައި ކަރުނަތިކިތައް ވިދަވިދާ ހުއްޓެވެ. އެ ރަތް ތުންފަތުގައި މިރޭ ހިނިތުންވުމުގެ އަސަރެއްނެތެވެ. އިއްބާނު ތުންފަތުގައި ދަތްއަޅާލައިގެން އިނދެ ފޯނާއި ކުޅެމުން ދިޔައީ އެކަމާއި އަސަރުކޮށްފައިވާ ވަރުން ކަންނޭގެ އެވެ.
"އަދިވެސް ހިތަށް އަރަނީ އަހަރެމެންގެ ރެން އާއި މިލީގެ ރީތިކަން އިންޝާﷲ، އެސްފީނާ ނުޖެހުނިއްޔާ ރަނގަޅު، ދެން އޮންނާނީ ބޫ އާއި ޝެލްގެ ވެޑިން........." މަލަކާ އިއްބާނު އާއި ދިމާލަށް ބަލައިލަމުން ބުނެލައިފި އެވެ. މަލަކާމެން ބޮޑުވަމުން އައިއިރު އެފަދަ އިސްލާމީ ބަސްތައް ބޭނުންކުރުމަށް މަންމަމެން ދަސްކޮށްދީފައެއް ނުވެއެވެ. ދީނީ ކުލަ އެގޭގައި ޖެހެން ފެށީ އަދި ކިރިޔާއެވެ. އެފަދަ ބަސްތައް ބޭނުން ކުރަންވަނީ ކޮންތާކު ކަން މާ ރަނގަޅަށް ޔަގީން ނުވާއިރުވެސް މަލަކާ އެބަސްތައް ބޭނުންކުރުމަށް ފެށީ މާޒިންގެ ސަބަބުންނެވެ.
އިއްބާނުއަށް ބޭއިޚުތިޔާރުގައި މިޝެލިންގެ ރީތި މޫނަށް ބަލައިލެވުނެވެ. ފަރިކަމާއި، ފުރިހަކަމަކުން މިރޭ އަރާފައިވާ ހަނދަށްވުރެ މާ ފުރިހަމައެވެ. އެ ތޫނު ބަލައިލުމުން އިއްބާނުގެ ހިތް ތޮރުފާލިހެން ހީވިއެވެ. މިޝެލިން ވާޖިބު އަދާކުރުމުގެ ގޮތުން ހީލައިފިއެވެ. އޭނައަކީ ކަންތައް ފޮރުވަން ކުޅަދާނަކުއްޖެކެވެ. އޭނައާއި އިއްބާނު އާއި ދޭތެރޭގައި މައްސަލައެއް ޖެހިގެން އުޅޭކަން އެއްގޮތަކަށްވެސް އަންގާކަށް ބޭނުމެއްނުވިއެވެ. ކަރުނައިގެ ތެރެއިން އިއްބާނު އާއި ހީލަން މަޖުބޫރުވި ސަބަބަކީ އެއީ އެވެ.
އެންމެން އިއްބާނު އާއި މިޝެލިން އާއި ދިމާކޮށްފައި އެކައިވެނި އަވަސްކުރަން ބާރު އެޅިއިރު ސޯފިޔާ އިނީ އަނގައިން ނުބުނެ ހިމޭނުންނެވެ. ފޫހިވެފައެވެ. އެކަމާއި މާޒިން އިނީ ލަދުންނެވެ. އެއާއިލާގެ މީހުން އަނގައިން ބުނީމަވެސް ސޯފިޔާ އިންނަނީ ބީރައްޓެއްސެއް ފަދައިން ދުރަށް ބަލަހައްޓައިގެންނެވެ. ވާހަކަ ދައްކަން ބޭނުން ނުވެފައެވެ.
ގެއަށް އައިގޮތަށް މިޝެލިން އޭސީގެ ފިނިކަން އެންމެ ދަށްކޮށްލާފައި ރަޖާގަނޑުގެ ދަށުގައި ހަމަޖެހިލިއެވެ. ހިތުގައި ރަސްކަން ކުރަން ފެށީ އިއްބާނުގެ ހަނދާންތަކެވެ. އިއްބާނު މެސެޖަކަށްފަހު މެސެޖެއް ފޮނުވަމުން ދިޔަޔަސް އަޅާލުމެއްނެތި މިޝެލިން ދެލޯ މަރާލައިފިއެވެ. އެކަމަކު ލޮލަށް ނިންޖެއް ނައެވެ. ދެފަރާތަށް ފުރޮޅި ފުރޮޅިވެސް ހަމަޖެހިލައިގެން އޮވެ ނިދޭކަމަކަށް ނުވިއެވެ. މިރޭ އިއްބާނު އެކޭ އެއްވަރަށް މިލީނާގެ މަތިންވެސް އޭނަ ހަނދާންވިއެވެ. ގާތުގައި ކޮންމެ ރެއަކު އޮންނަ ކުއްޖާ ނެތުމުގެ ފަޅުކަން އިހުސާސްވިއެވެ. މިލީނާ ހުރިނަމައޭ މިޝެލިންގެ ހިތަށް އެރިއެވެ. އެއީ އޭނަގެ ބެސްޓް ފްރެންޑެވެ. ކޮންމެ ވާހަކައެއް އިތުބާރާއި އެކީގައި ކިޔައިދެވޭނެ އެކަނި ފަރާތެވެ. މިޝެލިންގެ ލޮލުގެ އެސްފިޔަތައް ކަރުނުން ބަރާވިގޮތަށް އޭނަ ބާލީސް މޫނުގައި ޖައްސައި ބާރުކޮށްލައިފިއެވެ. އެކަމަކު ގިސްލުން ހުއްޓައެއް ނުލެވުނެވެ.
މިހުރާންމެންގެ ހަނީމޫން ޕެކެޖްގައި ޕެރިސް، ވެނިސް އަދި ސްވިޒަރލޭންޑު ހިމެނިފައި އޮތެވެ. އެންމެ ފުރަތަމަ މިހުރާން މެން މަންޒިލަކަށްވީ ފްރާންސްގެ ޕެރިސް އެވެ. ޒަމާނުއްސުރެ އިޝްގީ މަންޒިލެއްކަމަށް ނަންކޮށްފައިވާ މަޝްހޫރު ޕެރިހެވެ. ސެޕްޓެމްބަރު މަސްކަމަށް ވާތީ ފުދޭވަރަކަށް ފިނިގަދައެވެ. ޖެޓުން ފޭބިގޮތަށް ކޯޓެއް ލައިގެން ހުރިއިރުވެސް މިލީނާ ރޫރޫއަޅާ ގޮތްވިއެވެ. އެއަޕޯޓުގައި އެމީހުން ބަލާ އައިސްފައި ހުރީ ރީތި އަންހެންކުއްޖެކެވެ. އެކުއްޖާގެ ރީތި ސިފަތަކުން މިލީނާ ހައިރާންކުރުވިއެވެ. އެހާ އޮމާން، ދޮންކަމެކެވެ. ހަމަށް ވެރިވެފައިހުރީ މަޑު ފިނިފެންމާކުލައެކެވެ. ވިހުރެމުންދާ ފަންއިސްތަށިގަނޑު ބޭނުންނުވާނީ ކޮން ކުއްޖެއް ހެއްޔެވެ؟ ލާފައި ހުރި ޓޮޕާއި، ނޫ ޖިންސުގެ ސަބަބުން ރީތިކަން ހައްތަހާ އިޝްތިހާރު ކުރާހެން ހީވިއެވެ. މިހުރާން މިލީނާއަށް މީރާ ތައާރަފުކޮށްދިނެވެ. މީރާ މިލީނާއަށް ބަލައިލީ ފަރުވާކުޑަ ނަޒަރަކުންނެވެ. މިހުރާންގެ ޚާދިމާއެއްކަމަށް ހީކުރީ ކަންނޭގެ އެވެ. އެގޮތަށް މީރާ އާއިއެކު އޭނަވެސް ތަންކޮޅެއް އާދައިގެ ސިފަތައް ލިބިފައިވާ އަންހެންކުއްޖެއް ގެނެސްފައި ހުއްޓެވެ. އެކުއްޖާގެ ނަމަކީ ސޫރީ ކަމަށް މިހުރާން ބުނެލިއެވެ.
އެމީހުން ބުކްކުރި ހޮޓެލް ފެނުމުން މިލީނާގެ ލޯ ތަރަތަރަޖަހައިގެން ދިޔައެވެ. ފެންވަރު ރަނގަޅު ކަމުގެ ދެވަނައެއްނެތެވެ. ހީވީ ގަނޑުވަރެއްގެ ތެރޭގައި ފައި އެޅުނުހެންނެވެ. އެ ހޮޓެލުން އެމީހުން ތިން ކޮޓަރި ހޯދާފައި މިލީނާއަށް އެއް ކޮޓަރި ދިނެވެ. އަނެއް ދެ ކޮޓަރި އެމީހުން ހިއްސާކުރާނެ ގޮތަކާއި މެދު މިލީނާ ވިސްނައިލި އެވެ. މިހުރާން އުޅޭނީ އެއް ކޮޓަރީގައި ކަމަށް ވެދާނެ އެވެ. އަނެއް ކޮޓަރި މީރާ އާއި ސޫރީ އަށެވެ. މިހުރާން މީރާ އާއި އެކުގައި ބޭރަށް ދިޔުމުން މިލީނާގެ ހިތުގައި ޝައްކާއި، ވަހުމް ހިގިއެވެ. ސުވާލު އުފެދުނެވެ. ނަމަވެސް އިރުކޮޅަކުން މިލީނާ އެމީހުންގެ މަތިން ހަދާންނެތި އެތަނުގެ ރީތިކަމަށް ހިތް ދޫކޮށްލައިފިއެވެ.
ރޭގަނޑަށް އައިފުލް ޓަވަރު ފެންނަނީ ރަންވިރުވާ އަޅާފައި ހުރި މިސާލުގައެވެ. އެތައް ހާސްބޮކިތަކުން ޓަވަރު ދިއްލާ އަޅާފައިވަނީކަން ނޭގެއެވެ. ބަލައި ބަލައި ފޫހިނުވާހާ ރީތި އެ ޓަވަރަކީ ޕެރިހުގެ އެންމެ ޚާއްސަ ލޭންޑްމާކް ކަމާއި މެދު ޝައްކެއްނެތެވެ. ނަސީބަކުން މިލީނާ ހީކުރިފަދައިން އެރޭ މިހުރާން އޭނައަށް އުދަގޫ ކުރާކަށް ނައެވެ. ކައިވެނީގެ ގުޅުން ބާއްވާކަށް ނޫޅުނެވެ. އެހެންވުމުގެ ސަބަބުން މިލީނާގެ ހިތަށް ލިބިފައިވާ ބިރުވެރިކަން ފިލައި ފުން ނިންޖަކަށް ގެބުނެވެ.
ޕެރިސްގެ މަގުތަކުގައި މެމޯސާ، އިމްޕްރެސް، ލަންޑަން ޕްލޭންފަދަ ގަސްތައް ހެދި މަގުތަކަށް ހިޔާދީފައި އޮތެވެ. މާލޭގެ މަގުތަކާއި ބަލާއިރު މަގުތައް ފުޅާވެފައި، ހިތްގައިމުކަމުން މިލީނާ ހުރީ ހައިރާންވެފައެވެ. ބައެއް ހިސާބު ތަންކޮޅެއް އާސާރީކޮށް ދެއްކިޔަސް ޒަމާނީ ރީތި ތަންތަން ފެނެއެވެ. ލެވެންޑަރ، ލައިލަކް އަދި ފިނިފެންމާ ފަދަ ގަސްތަކުގައި މާތައް ފޮޅިފައިވާތަން ފެނުމުން މިލީނާ ހުއްޓުމެއްނެތި އެ މަންޒަރު ކެމެރާގައި ރައްކާކުރިއެވެ. ސޫރީއަށް އިނގިރޭސި ބަސްނޭގޭތީ މިލީނާއަށް ވާހަކަ ނުދެއްކުނަސް ދެކުދިން އުޅެނީ އެކީގައެވެ. މީރާ ހުންނަނީ މިހުރާންގެ ހިޔަނިހެން އޭނަގެ ފަހަތުގައި ޖައްސާލާފައެވެ.
މިލީނާ އެހާ ހިތްހަމަޖެހިގެން އުޅެފައި ހޮޓަލަށް އައިގޮތަށް ކާއެއްޗެހި ފެނުމުން ސަކަރާތްވިއެވެ. މިލީނާ ބޭނުން ވަނީ "ހަލާލު" ޖަހާފައިވާ ކާއެއްޗެހި ކެއުމަށެވެ. މިހުރާން ދިއްކޮށްލި ޗޮކްލެޓްތަކުގެ ބޭރުގައިވާ ކުދި ލިޔުންކޮޅު ކިޔައިލުމަށްފަހު އެ އަކުރު ނުފެނުމުން މިލީނާ އިންކާރުކުރިއެވެ.
"ދެން މިލީ ހާދަ ކަންތައް ބޮޑޭ ދޯ، ރަށަށް ދާންވާއިރަށް ބަނޑަށް މަރުވެދާނެ، ހަލާލު ކޮންމެ އެއްޗެއްގައި އެހެން ޖަހަން މަޖުބޫރުތަ؟" މިހުރާން ހިތްހަމަނުޖެހުނަސް ވާހަކަދެއްކީ ހީލަމުންނެވެ. މީރާ އަޅާނުލައި ތަންކޮޅެއް ދުރުގައި ހުރި ގޮނޑިއެއްގައި އިށީދެލައިގެން މިހުރާންގެ އިންތިޒާރުގައި އިނެވެ. އޭނަ އިށީދެލައިގެން އިނީވެސް އެހާ ފަރިކޮށެވެ.
"ފުރުޓް ކައިފާނަން..." މިލީނާ ކޮންމެވެސް ވަރަކަށް މަންމަމެން މަތިން ހަދާންވާން ފެށިއެވެ.
"އެކަނި ފުރުޓަކުން މީހާ ހިފަހައްޓައެއްނުލާނެ، ހުރިހާ އެއްޗެއް ކެވެން ވާނީ، އުޅެންވާނީ އަހަރެމެން އުޅޭގޮތަށް، މިތާ ކަސްޓަމް ތަކަށް ހޭނެން ވާނެ، އޯކޭ؟ މިލީނާ އަޑުނާހަންތަ؟ ވެން އިން ރޯމް، ޑޫ އޭޒް ދަ ރޯމަންސް ޑޫ، މިކުއްޖާ ގަނޑު ލައިގެން އުޅެން ހާދަ އުދަގުލޭ، އަހަރެން ހީކުރީ ޖުއްބާ ލައިގެން ހުރީމަ ފިރިމީހާއަށް ކިޔަމަންވާން އެގޭނެ ކަމަށް......" މިހުރާންގެ އެ ޖުމްލައިން މިލީނާގެ ހިތަށް އަސަރުކުރިޔަސް އޭނަ ކެތްކޮށްލިއެވެ. މިހުރާން ކިތަންމެ މަޖުބޫރުކުރިޔަސް ހަލާލު ނުޖަހައި ހުރި ކާއެއްޗެއް އޭނައަކަށް ނުކެވޭނެއެވެ. މިހުރާން ރުޅިއައިސްފައި ހުރިޔަދޭށެވެ. ހަރާމްކަމެއް ކުރަން ފިރިމީހާއަށް މަޖުބޫރެއް ނުކުރެވޭނެއެވެ.
ހަވީރު ހިގާލަން ގޮސްފައި އެމީހުން ގެއަށް އައިއިރު ފިނިގަދަކަމުން މިލީނާ ހުރީ ގަނޑުވެފައެވެ. ޓެމްޕްރޭޗަރ ހުރީ ބާރަ ޑިގްރީ ސެލްސިއަސްގައެވެ.
މިލީނާ ޕެރިހުގައި އުޅުނީ ޕްރިންސެސް އެއްފަދައިން އިއްޒަތުގައެވެ. ކޮޓަރިއަށް ވަނުމަށްފަހު ބޭނުން ހުރިހާ ޚިދުމަތެއްލިބެއެވެ. އޭނަ ބޭނުންވާ ކޮންމެ އެއްޗެއް ހޯދަދީފައި، އުފަލުން ގެންގުޅެން މިހުރާން ބޭނުންވާކަން މިލީނާއަށް އިހުސާސް ކުރެވެން ފެށިއެވެ. މިހުރާންގެ ފޮރުވިފައިވާ މަގުސަދު މިލީނާއަށް އޭރަކު ނުވިސްނުނެވެ. އެވަރުން އޭނަ އުފަލުން ބަހައްޓަން އޭނަ މަސައްކަތްކުރާ ސަބަބެއް ލަފާކޮށްލާކަށް ނޭގުނެވެ. މިލީނާ ލާން ފިނި ހެދުންތަކާއި، ގަހަނާތައް، އަދިވެސް އަގުބޮޑު ފޯނުފަދަ އެއްޗެހި ގަނެދެނީ ފައިސާއަށް ބެލުމެއްނެތިއެވެ. މިހުރާން ހާދަ މުއްސަންޖެވެ. އޭނަގެ އަތުގައި ހާދަ ފައިސާއެއް އެބަހުއްޓެވެ. ފައިސާއިން ގަނެދެވޭނެހާ އުފަލެއް މިހުރާން މިލީނާއަށް ހޯދަދީފިއެވެ. ބާޒާރަށް ގޮވައިގެން ދިޔަގޮތަށް ފުރަތަމަ ދުވަހު އޭނައަށް ހަތަރުހާސް ޔޫރޯ ޚަރަދުކުރިއެވެ.
"ގާލްސްއިން އެންމެ ކުރާހިތްވާކަމަކީ ޝޮޕިން އެއްނު، ބޭނުންހާ އެއްޗެއް ގަންނަންވީ، ހެޔޮ މުޅި ޕެރިސް ގަނެގެން މާލެ ގެންދިޔަސް........" މިހުރާން ހުރީ ހިނިތުންވެލައިގެންނެވެ. އެ ޖެއްސުމުގެ ބައި ދިޔައީ ކޮންތާކަށް ކަމެއްވެސް މިލީނާއަކަށް ނޭގުނެވެ. ތެދެކެވެ. މިލީނާ ހުރީ ފިހާރަތައް ފެނިފައި މޮޔަވާވަރުވެފައެވެ. މިޝެލިން ހުރިނަމައޭ ހާސްފަހަރު ހިތަށް އެރިއެވެ. ގަންނަންވީ ސާމާނު ހާދަ ބައިވަރެވެ. ހާދަ ރީތި އެއްޗިއްސެއް ފެނުނެވެ. މިލީނާ ބޭނުންވަރަކަށް ބާޒާރުކޮށްލައިގެން ހޮޓަލަށް އައުމާއިއެކު މިހުރާން ފަހަތުން އަންނަން ފެށުމުން މިލީނާ ކަންތައް ބޮޑުވިއެވެ. މިހުރާން އާއި އެކީގައި ސިކުންތުކޮޅަކަށްވެސް ކޮޓަރިއެއްގައި އެކަނިވާން އޭނައަކަށް ނުކެރޭނެއެވެ.
"ބިރުންތަ؟ ޑޯންޓް ވޮރީ، އަހަރެން މިލީ ގަޔަކު އަތެއްނުލާނަން، އެކަނި ނަމެއްގައި މިލީ އަހަރެންގެ އަންބަކަށް އިންނާނީ، އަހަރެންގެ ޕޭރެންޓުން އުފާކޮށްލަދޭން ކުރިކަމެއް މިއީ، އެކަން މިލީ ދަންނާނެ، މިލީވެސް ހެޕީކޮށް އުޅެބަލަ، އެޓްލީސްޓް ވަން ޔިއަރ ވަންދެން ކެތްކޮށްދީފިއްޔާ އަހަރެން މިލީ ބުނި ކޮންމެ އިނާމެއް ދޭނަން..." މިހުރާންގެ ވާހަކަތަކުން މިލީނާ ގެ ސިކުނޑީގައިވާހާ ބުރަކަމެއް ފިލައިގެން ހިނގައްޖެއެވެ. މިހުރާންގެ ޕްލޭން ރަނގަޅަށް އޮޅުންނުފިލިކަމުގައި ވިޔަސް މިލީނާއަށް ބައިވަރު ކަންތައް އެނގިއްޖެއެވެ. މިކައިވެނި އަހަރެއް ވާންދެން ދަމަހައްޓަން މިހުރާން ބޭނުމެވެ. މިލީނާއަށް ލިބުނު ނަސީބަކީ މިހުރާން އޭނަގެ ގައިގައި އަތްނުލާނެކަން އެނގުމެވެ.
"ތެންކްސް..." މިލީނާއަށް ބުނެވުނެވެ.
"އެކަމަކު އަހަރެން ބުނާގޮތަށް ހަދަންވާނެ، އަހަރެން ކޮންމެ ގޮތަކަށް އުޅުނަސް މިލީއަށް ފެނިގެން ނުވާނެ، އަހަރެން ގެ އެއްވެސް ވާހަކައެއް ފެމިލީ މީހަކަށް އެނގިގެން ނުވާނެ...." މިހުރާން މަޑުމައިތިރި ގޮތަކަށް ބުނެލިއިރު އިންޒާރެއް ދިނީހެނެއްވެސް ހިޔެއްނުވެއެވެ.
"ނުބުނާނަން..." މިލީނާ ވައުދުވިއެވެ.
އެރޭވެސް މިހުރާން މިލީނާގެ ކޮޓަރިއަކަށް ނިދާކަށް ނާދެއެވެ. މިލީނާ ފިނިގަދަކަމުން ރަޖާގެ ދަށުގައި އަރާމުކޮށް ހަށިގަނޑު ދަމާލުމަށްފަހު އޭނަ މިއަދު ނެގި ފޮޓޯތައް ބަލަންފެށިއެވެ. މަންމަ އާއި ބައްޕަ އަދި ކޮއްކޮގެ ގާތުގައި ދައްކަންވީ ހާދަ ބައިވަރު ވާހަކަ އެބަހުއްޓެވެ. މާގަސްތަކުގެ ވާހަކަ ދެއްކީމަ މަންމަވެސް މޮޔަވާނެއެވެ. އެންމެން އެކީގައި އާދެވުނުނަމަ ހާދަ ބޮޑު އުފަލަކަށްވާނެއެވެ. އޭނަ ބޭނުމީ އާއިލާ އެކީގައި ދަތުރު އައުމެވެ. މިގޮތަށް އެކަނި އައީމަ ލިބޭނީ ކޮން ހަމަޖެހުމެއް ހެއްޔެވެ؟ މިލީނާ ވިސްނަމުން ގޮސް މީރާ އާއި މިހުރާން ގެ ޚިޔާލު ކުރެވުނެވެ. އެމީހުން އެގޮތަށް އެކީގައި އުޅުނިއްޔާ އޭނައަށް ކީއްހެއްޔެވެ؟ ބޮލަށް ފަސޭހަތާއެވެ. މީރާ ނައިނަމަ މިހުރާން އޭނައަށް އުދަގޫނުކޮށް ދުރުން އުޅޭނެހެން ހިޔެއްނުވެއެވެ. މީރާއަކީ އެކަނި މިހުރާންގެ އެކުވެރިއެއް ހެއްޔެވެ؟ ޔަގީނުންވެސް އެދެމީހުންގެ ފަރާތުން އިތުރުކަމެއް މިލީނާ ނުދެކެއެވެ. ހީ ސަމާސާކޮށްފައި އެދައްކާ ސިއްރު ވާހަކަތައް ފިޔަވައެވެ. އެހެންނޫނަސް އެދެމީހުންނާއި ދިމާލަށް ސިއްރުންވެސް ބަލާލާކަށް މިލީނާ ބޭނުމެއްނުވެއެވެ.
އިޝްގީ ކަމުން ފުރިފައިވާ ޕެރިހުގައި ލޯބިން އުޅުނީ މިހުރާން އާއި މިލީނާއެއް ނޫނެވެ. މިހުރާން އާއި އޭނަގެ ލޯބިވެރިޔާ މީރާ އެވެ. މިލީނާ އެކަނި ކޮޓަރިއަށް ދޫކޮށްލާފައިވެސް އެމީހުން ހަވީރު ހިގާލަންވެސް ދެއެވެ. މިލީނާއަށް ތަނެއް ދޮރެއް ނޭގެއެވެ. އޭނަ ހީކުރަނީ މީރާއަކީ މިހުރާންގެ އެކުވެރިއެއްކަމަށެވެ. އެއަށްވުރެ ވަރުގަދަ ގުޅުމެއް އެދޭތެރޭގައި އޮވެދާނެކަމަކަށް އޭނަ ހިޔެއް ނުކުރެއެވެ.
ތިންވަނަ ދުވަހު މިހުރާންމެން ލަގްޒަމްބާގު ގަނޑުވަރާއި، ބަގީޗާއަށް ޒިޔާރަތް ކުރިއެވެ. ހީވީ ދުނިޔެމަތީގެ ސުވަރުގެއަށް ވަދެވުނުހެންނެވެ. މިހުރާންއަށް ކަމުދިޔައީ އެތައް ބައިވަރު ސްތެޗޫތަކާއި، މޮނިއުމެންޓްތައް އަދި ފެންއަރުވާ ވަޑާންތަކެވެ. ސަތޭކަވަރަކަށް ސްތެޗޫ އެ ބަގީޗާގައި ހުންނާނެކަން ގައިމެވެ. މިލީނާގެ ރީތި ދެލޮލުގެ ވިދުވަރުގަދަވީ ތަފާތު ވައްތަރުގެ ގަސްތައް ފެނިފައެވެ. ޚާއްސަކޮށް އާފަލާއި، ޕިއަރ ގަސްތައް ހުރި ހިސާބަށް ދެވުމުން މިލީނާ ނިކުންނަހިތެއް ނުވިއެވެ. ހިތް ފުރޭވަރަށް ފޮޓޯތައް ނެގުނުކަމަކަށް ނުވިއެވެ. މިލީނާގެ ހިތަށް ބަޔާންނުކުރެވޭވަރަށް އުފާތައް ލިބުނެވެ.
ޖެހިގެން އައި ދުވަހު މިހުރާންމެންގެ މަންޒިލަކަށްވީ ޕޮންޑެޒާރ ކިޔާ ބްރިޖެވެ. ޕިކްނިކް ވަށިތައް ހިފާލައިގެން އެމީހުން އައީ ޕިކްނިކް ހެދުމަށެވެ. އެއީ "ސެން ކޯރު" ހުރަސްކޮށްލެވޭ ފާލަމެކެވެ. ފައިމަގު ހިގާމީހުންނަށް ޚާއްސަ އެ ފާލަމަށް އާދެވުމުން މިލީނާގެ ހިތް އުފަލުން ފުންމައިގަތެވެ. މިއީ ތަފާތު ރީތިކަމެއް ލިބިފައިވާ ތަނެކެވެ. ހިތުގެ ބައްޓަމަށް ފަތްތައް ހުންނަ ލިންޑެން ގަހާއި، ހޯސް ޗެސްޓްނަޓްފަދަ ގަސްތަކުން އިތުރު ދިރުމެއް އެ ހިސާބަށް ލިބިފައިވެއެވެ. ތިރިން ފެންނަން އޮތް ކޯރުގެ ތެރެއިން އެކިވަރުގެ ބޯޓުތައް ދަތުރުކުރާއިރު އެ މަންޒަރު ހާދަ ހިތްގައިމެވެ. އަދި އެ ފާލަމުގެ ރެއިލިން ޗޭނުގޮތަށް ހަދާފައިވާއިރު، އެކިކުލަކުލައިގެ ތަޅުތައް އަޅުވާފައިވާތީ މިލީނާގެ ހިތުގައި ސުވާލު އުފެދުނަސް ޖަވާބު ލިބޭގޮތެއްނުވިއެވެ. މިލީނާއަށް އެ ތަޅުތަކުން އެކި މީހުންގެ ނަން ފެނުމުން އެއީ ލޯބިވެރިންނާއި ގުޅުން ހުރި ކަމެއްކަން ވިސްނުނެވެ. އެކަމަކު އަހައިލާނެ މީހެއްނެތެވެ. އޭރު މިހުރާން އާއި މީރާ ރެއިލިންގައި އަތް އަޅުވާލައިގެން ހީ ހީ ކޮންމެވެސް ވާހަކައެއްގައި ތިއްބެވެ.
"މިއީ ކޮންކަމެއްއްތަ؟ " މިލީނާ އަށް ނުހުރެވިގެން އަންހެންކުއްޖެއްގެ ކައިރިން އަހާލައިފި އެވެ.
"ލޯބިވެރިން އެމީހުންގެ ނަން ޕެޑްލޮކެއްގައި ޖަހާލާފައި ތަޅުލާފައި ތަޅުދަނޑި މިއޮތް ކޯރަށް އެއްލައިލަނީ، ދެހިތް ގުޅިފައިވާކަމުގެ ރަމްޒެއްގެ ގޮތުން، ބޯއިފްރެންޑެއް ހުރިއްޔާ ދެމީހުންގެ ނަން ޖަހާލާފައި ލޮކްކޮށްލާފައި ކީ ކޯރަށް ދޫކޮށްލަންވީނު، އޭރުން އެ ހަނދާން އަބަދަށް ރައްކާކުރެވިދާނެ....." އެކުއްޖާ އިނގިރޭސިން ބުނެލުމުން މިލީނާއަށް މަޖާވިއެވެ. އެންމެ ފުރަތަމަ މި ފާލަމުގައި އެގޮތަށް ތަޅެއް ހަރުކޮށްލާފައި ތާރީޚުގެ ތެރެއަށް ވަނީ ކާކުހެއްޔެވެ؟ މިގޮތަށް ނަން ގުޅުވާލައިފިއްޔާ އެދެ ލޯބިވެރިން ދުވަހަކު ވަކިނުވާނެބާވައެވެ. ފާލަންމަތީގައި އެތައް ބަޔަކު ކާން ޖައްސާލައިގެން ތިބިއިރު މިހުރާން، މިލީނާ، މީރާ އަދި ސޫރީ ވެސް ސުފުރާ ފަތުރާލައިގެން ތިއްބެވެ. މިލީނާ އިނީ ކާހިތްނުވެފައެވެ. މިހުރާން ހަލާލު ވާނެއޭ ކިޔައި ޔަގީންކަން ދިނަސް މިލީނާއަށް ކާކަށް ނުކެރުނެވެ. އޭނައަށް ކިރިޔާވެސް ކެވެނީ ޔަގީންކަން ހުންނަ އެއްޗިއްސެވެ. ފްލޯޓިން ރެސްޓޯރެންޓަކަށް ވެސް ކާން ދިޔުމުންވެސް މިލީނާ އިނީ ހިތްހަމަނުޖެހިފައެވެ.
އިރުގެ އެންމެ ފަހުގެ ދޯދިތައް ފޮހެވިގެން ދިޔައިރު ހީވީ އުދަރެހުގައި އަލިފާނުގެ ކުލަތައް ފެވުނުހެންނެވެ. އައިފުލް ޓަވަރާއި ދިމާލުން އިރު، ޓަވަރުގައި ބީހިލާފައި ދިޔަހެން ހީވިއެވެ. ރެއިލިންގައި އަތްއަޅުވާލައިގެން އެ މަންޒަރަށް ގެއްލިފައި ހުރި މިލީނާއަށް ކަޅި ހިންގައިލެވުނީ މިހުރާން އާއި މީރާ ތިބި ދިމާލަށެވެ. އެވަގުތު އެދެމީހުން ކޯރަށް ކޮންމެވެސް އެއްޗެއް އެއްލައިލި ތަން ފެނުނެވެ. ތަޅުދަނޑިއެއް ހެއްޔެވެ؟ މިލީނާއަށް ނޭގުނު ނަމަވެސް މިހުރާން މީރާގެ ފަރާތުން ކައިވެންޏަށް އެދުނު ވަގުތަކީ އެއީއެވެ. އެއާއި އެކު ފެނުނު މަންޒަރަކުން މިލީނާގެ ގައިން ހީބިހިނެގިއެވެ. މިލީނާއަށް ވަގުތުން މޫނު އަނބުރައި ލެވުނު އިރު ހިތުގެ ހިގުން އަވަސްވެފައިވި އެވެ.
މިޝެލިން ގޭގެ ފުޅާ ފެންޑާގައިވާ ސޯފާއެއްގައި ޖައްސާލި ގޮތަށް ފޯނުހިފައިގެން އޮތްއިރު އެހެން ދުވަހަށްވުރެ މޫޑު ރަނގަޅުހެން ހީވިއެވެ. މިލީނާ އިންސްޓަގްރާމަށް ލާފައި ހުންނަ ތަސްވީރުތައް ފެނުމުން މިޝެލިން ޕެރިސް ބަލައިލަން ދާހިތްވިއެވެ. ނަމަވެސް އެ ނަސީބު ލިބޭނެ ދުވަހެއް އަދި މިޝެލިން އަކަށް އެއްގޮތަކަށް ވެސް ނޭގެއެވެ. މިޝެލިން ކޮމެންޓެއް ކުރަން ފެށިތަނާ މީހެއްގެ ފިޔަވަޅުގެ އަޑު އިވުމުން އެސްފިޔަތައް އުފުލައިލުމާއިއެކު ބަލައިލެވުނީ އިއްބާނުގެ ރީތި މޫނަށެވެ. މިޝެލިންގެ ހިތް ހީވީ މޭފަޅާލާފައި ފުންމައިލަފާނެ ހެންނެވެ. ބަސްނާހާ ނުކިޔަމަންތެރި ހިތެކެވެ. ބޭވަފާތެރިއެއްދެކެ ލޯބިވާން ޖެހޭހެއްޔެވެ؟
"ޝެލްސް، ވާނުވާއެއް އަންގާފައި ފިލައިގެން އުޅެބަލަ، ތިހެން ފިލައިގެން އުޅެވުނަކަ ނުދޭނަން......" އިއްބާނު މިޝެލިންގެ ކުރިމަތީގައި ހުއްޓިލަމުން ތަބުގައި ބުރަކަށި ޖައްސާލައިފި އެވެ. އެ ފިރިހެންވަންތަކަމުން މިޝެލިންގެ ހިތަށް ގޮތްގޮތް ހަދައިލާވަރު ދެކިބަލާށެވެ. ބޭވަފާތެރިވުމާއި އެކުގައި ވެސް ލޯބިވެވެނީއެވެ. އަޖައިބެކެވެ.
"ބެން އަމިއްލަ ހިތާއި ތި ސުވާލު ކޮށްބަލަ...." މިޝެލިން ތުންފަތުގައި ބާރަށް ދަތްއަޅާލުމުން ތުންފަތުގެ ކުލަ ގަދަވިއެވެ.
"އަހަންނާއި ޝެލްއަށް ސުވާލު ނުކުރެވެންވީ ކީއްވެތަ؟ އަހަރެންގެ ހިތަކީ ޝެލްގެ އެއްޗެއް، ޝެލް ސުވާލުކުރިއްޔާ ޖަވާބު ލިބޭނެ، އަހަރެން ކުރި ކަމެއްވިއްޔާ އަހަރެން ނެތިން ފޮރުވައިގެން ހުންނާކަށް، އޮޅުމަކުން ކުށެއް ކުރެވުނަސް ލޯބިވަންޏާ މާފުކުރެވެން ވާނެކަމަށް އަހަރެން ގަބޫލުކުރަނީ، މިގޮތަށް ދުރުން އުޅެންވެއްޖެއްޔާ ދެމީހުންގެ ހިތް ހަލާކުވުން ނޫންކަމެއް ނުވާނެ، ބޭބީ ފޮގިވް މީ..........." އިއްބާނުގެ އެ ޖުމްލަ އާއި އެކު މިޝެލިން އިއްބާނުގެ ފުންކަމުން ކަނޑެއްފަދަ ދެލޮލަށް ބަލައިލި އެވެ.