"ޝެލް ނިދަން އޮތަސް ތި ޚަބަރު ނޭގިއެއް ނުދާނެ، ބޫ ފެމިލީ މީހެއްގެ ގާތު ނުބުންޏަސް ޝެލް ގާތު ބުނާނެ......." ޒިލާ ހުދުދަތްތައް ދައްކައިލަމުން ހީލިއެވެ. އިއްބާނު އާއި މިޝެލިންގެ ކައިވެނި ކުރެވުނު ފަހުން ޒިލާގެ ހިތުގައި ވިހާ ހަސަދައެއް ފިލައި އެ ހިތްވަނީ ބިއްލޫރި ކޮޅެއްހެން ސާފުވެފައެވެ. ފަހަރިއެއްގެ ގޮތުން ޒިލާ ވަނީ މިޝެލިން ބަލައިގެންފައެވެ. މިޝެލިން ޗީޒްކޮޅު އަނގައިގައި ޖަހާލައިގެން އިންއިރު އިއްބާނުގެ މަތިން ހަނދާންވެ ބިރުގަންނަ ގޮތްވިއެވެ. އަނެއްކާ އިއްބާނުއަށް ހާދިސާ އަކާއި ދިމާވީހެއްޔެވެ؟ އެންމެން ހިމޭނުން ތިބިގޮތުން ނުބައި ޝައްކެއްވިއެވެ. އޭނަ ނިވާލާފައިވާ ފޯނަށް ބަލައިލުމަށްފަހު ކެއުން ހުއްޓާލާފައި، އެންމެންގެ މޫނަށް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ.
"އެ ހާދިސާއަކުން އެކަކަށްވެސް ގެއްލުމެއް ނުވެއެއްނު، ބޫމެންގެ ފްލައިޓްގެ ލޭންޑިން ގިއަރ އަށް މައްސަލައެއް ދިމާވެގެން ކްރޭޝް ލޭންޑިން އެއް ހެދީ......." މަލަކާ ފެންތަށިވެސް މިޝެލިން ގެ ގާތުގައި ބަހައްޓަދިނެވެ. އޭނަ އެ ވަގުތު ހިލައިގެ ބުދެއްހެން އިންއިރު ހިތް އަވަސްވެ، މޫނު ކަފަކޮޅެއްހާ ހުދުވެ، އަނބުރައިގަންނަ ގޮތްވިއެވެ. ނޭވާ ނުލެވުނުހެން ހީވިއެވެ. އެތައް ދުވަހެއްކޮށްލާފައި އޭނައަށް އެ ބަލީގެ އުދަގޫ ޖެހުނު ފަހަރެކެވެ. އާއްމުކޮށް އެކަމަށް ނަގަނީ މަދު ސިކުންތުކޮޅެކެވެ. މިޝެލިން އަވަހަށް ފިނިފެންތަށްޓެއް ހުރިގޮތަށް ދަމާލާފައި އިސްޖަހައިލި އިރުވެސް އޭނަގެ މޫނުގައި ހުންނަ ދޮންކުލަ މުޅިއަކުން ނާރައެވެ.
"ޝެލް، އާ ޔޫ އޯލްރައިޓް؟" ޒަހުރާން އަހާލިއެވެ.
"އަބަދުވެސް ފްލައި ކުރަން ބިރުގަނޭ، އެހެންވެ ބިރުގަތީ......." މިޝެލިން އޮޅުވައިލަން އުޅުނެވެ.
"ޝެލް ހާޓް މައްސަލައެއް ހުރޭ ދޯ؟ " މިޝެލިން ދުވެ، ދުވެފައި އުޅުނު ދުވަހެއްގައި ހިތުގެ ވިންދު އަވަސްވެފައި ހުރިކަމުގެ ހަނދާނެއް ޒަހުރާން އާވިއެވެ.
"ނޯ ރެއިން، އައިމް ހެލްދީ އޭޒް ޑޮކްޓަރ އޮޒް.........." މިޝެލިން ކަންބޮޑުވިވަރުން ހީލައިފިއެވެ. މިޝެލިން ބަލިމީހެއްގެ ގޮތުގައި ލޭބަލްވާކަށް ބޭނުމެއް ނޫނެވެ. ޒިލާ މިޝެލިން އާއި އެއްބައިވެގެން ހީލިއެވެ. ހައިތަމްވެސް އަދި މިޝެލިންގެ އެ ޖުމްލައިން ހީލައްވާފައި މިޝެލިން އާއި ދިމާލަށް ސަމާސާ އަކަށް ވާހަކަ ދެއްކެވިއެވެ. މިޝެލިން ވެސް "އަންކަލް" ކިޔަކިޔާފައި މާ ގާތްކޮށް ވާހަކަ ދައްކާތީ ޔީވާ އިނީ ރުޅިގަދަވެފައެވެ. މިކުއްޖާ މިހާ ނުލަފާއިރު އެގޭމީހުންނަށް އެކަން ނުފެންނަނީ ލޯ އަނދިރީ ހެއްޔެވެ؟ ނޫނީ ރީތިކަމުގެ ސިހުރުގައި ޖެހުނީ ހެއްޔެވެ؟ އޭނަ އާއި މިޝެލިން އަޅުވާކިޔާލާނެ ނަމަ މިޝެލިންގެ ގޮތެއް ފޮތެއް ނެތްވަރު އެގުނީހެވެ. އޭނަ ކަންނެތްކަމުން އަގުގެ އިނގިއްޔެއް ހަލުވައިލަން ބޭނުންނުވާކަން އެއްކައިރީގައި ބާއްވާފައި އެގޭމީހުންނަށް ކުރާ ގޯނާތަކާއި، ދުއްތުރާތައް އެހާ ބޮޑެވެ. އެވަރުންވެސް އެންމެން އެކުއްޖާ ގަނޑަކާއިގެން އުޅޭވަރުން ޔީވާ ބޮލަށް އުދަގޫވާވަރުވެއެވެ.
"ދަރިފުޅާ، ޝެލް މިހާ ޅައިރު ކާޑިއެކް މައްސަލައެއް ހުރެދާނެތަ؟" އެލީސާ ވެސް ޔަގީންކޮށްލަން ބޭނުންވިއެވެ. މިޝެލިން ބިރުގެންފާނެތީ ޒަހުރާން ބުނީ ކުޑައިރު އެކަހަލަ މައްސަލައެއް ހުރެއްޖެއްޔާ އެގޭނެ ކަމަށާއި، މިޝެލިންގެ އުމުރުކުދިން ހިތުގެ މައްސަލަ ނުހުންނާނެ ކަމަށެވެ. އެކަމަކު ހިތުގެ ސްކޭން އެއް ހަދައިލުން ރަނގަޅުވާނެ ކަމުގައި ބުނެލި އިރު ޒަހުރާންއަށް މިޝެލިންގެ ހުރީ ކޮން މައްސަލައެއްކަން އެވަގުތުވެސް ޔަގީންވިއެވެ. ދުނިޔޭގެ ފަސް ޕަސެންޓުވަރަކަށް މީހުންގެ ހުންނަ އެ މައްސަލައިން ގިނަފަހަރު އަލާމާތެއް ނުފެނި ހުރެދާނެއެވެ. ބަލި އިތުރަށް ގޯސްނުވަންޏާ އެއީ ނުރައްކާތެރިކަމެއް ނޫނެވެ.
ދެން ސައިމޭޒު ދޮށުގައި ދެކެވުނީ މުޅިންވެސް ފްލައިޓުތަކުގައި އެކިމީހުން ތަޖުރިބާ ކުރި ހާދިސާތަކެވެ. މަތިންދާ ބޯޓަށް އަރަން އެންމެ ބިރުން އުޅޭ ކުއްޖަކަށްވީ ޒިލާ އެވެ. ޒިލާވެސް މަތިންދާބޯޓަކަށް އަރަން ވެއްޖެއްޔާ ޕެނިކް އެޓޭކް ނުޖެހޭ ފަހަރެއް ނާދެއެވެ. މިޝެލިން ގެ ހިތް ހައްތަހާ ފިނިވެ، އިއްބާނުއަށް ހާދިސާއެއް ދިމާވެދާނެތީ ބިރުގަންނަންފެށިއެވެ. އިއްބާނު ވަޒީފާއިން ވަކިކޮށްލާނެ ނަމައެވެ.
"ބޫ އެކްސިޑެންޓް ޕްރޯން ކަމުން ބިރުގަނޭ، އަދި އެލްޓިޓިއުޑް އަކާއިގެން ބޫ އުޅޭވަރަކުން ހިތް ތެޅޭ، އަދިވެސް ހަދާންވޭ ކުޑައިރު ސުޕަރމޭން ހެދިގެން ބެލްކަނީން ފުންމާލައިގެން އަނގަމަތި ފެޅުނު ދުވަސް، އެހާވަރަށް ގަސްގަހާއި، ރޮކްތަކުގެ މަތިންނާއި، ފުރާޅުމަތިން ވެސް ފުންމާލާނެ އެހެންވެކަން ނޭގޭ ޕައިލެޓަކަށްވީ......" އެލީސާ މާޒީ ހަދާންކުރިއެވެ.
"އެއް ދުވަހު ބީޗަކަށް ގޮސްފައި ބޫ ކްލިފުން މޫދަށް ފުންމާލީ، އޭރު ބޫ އަށް އެންމެ ހަތަރު އަހަރު، ކިރިޔާ އެދުވަހު ހާޓްއެޓޭކެއް ނުޖެހުނީ... އެކަމަކު ބޫ މޫދުގައި ޖެހުނުއިރު އޮތްލެއް ލޯބިކަން އަދިވެސް ހިތުން ނުފިލާ، ދެން އެހެރަ ރެން އޭ ކިޔާ ލާނެތްގަނޑު، އެދުވަހު މޫދުން އެރިގޮތަށް ކުއްލިއަކަށް ގޮނޑުދޮށަށް ވެއްޓިގަތީ، ރެން އޮތީ ނޭވާވެސް ނުލައި، ކައިރިއަށް ގޮސް ރޮމުން ސީޕީއާރު ދޭން އުޅެގަތީމަ އެކުއްޖާގަނޑު ހީގެންފައި މަންމީ އޭ ކިޔާފައި ގައިގައި ހިފައިގަތީ... ހެހެ.. އަދި މަންމަގެ ރެއިން، އޭރުވެސް އެހާ ރެސްޕޯންސިބްލް ކުއްޖަކަށް ވެފައި، ކޮއްކޮމެން ޕްރޮޓެކްޓް ކުރުމުގައި އެއްވަނަ......." އެލީސާ ހީހީފައި، ރޯންވެސް ފެށިއެވެ. މިޝެލިން ހައިރާންވީ އެލީސާ ޖަޒުބާތީވި ވަރުންނެވެ. މަންމައެއްގެ ލޯބި ފާޅުކުރި ގޮތުން މިޝެލިންއަށް އަސަރުވެސް ކުރިއެވެ. އެލީސާގެ ދުނިޔެއަކީ އޭނަގެ ތިން ފިރިހެންކުދިންކަން އެ ވާހަކަތަކުން ރީއްޗަށް ހާމަވިއެވެ.
އިއްބާނު އާއިލާ މީހުންނަށް އެހީތެރިވާވަރުވެސް އެންމެންގެ ވާހަކަތަކުން އެނގުނެވެ. ކުޑައިރު ހައިތަމް ތުބުޅި ބާލަން އުޅޭތަން ފެނުނަސް އެކަންވެސް ބައްޕައަށް ކޮށްދޭން އުޅެގަންނާނެއެވެ. މިޝެލިން އަށް އެއިން ކޮންމެ ވާހަކައެއް މުހިއްމުވިއެވެ. އިއްބާނުގެ ޅަދުވަސްވަރު އެންމެ ބޮޑަށް އެނގޭނީ އިއްބާނުގެ އާއިލާއަށް ވީމަ އެވާހަކަތައް އަހަން އިނީ ޝައުގުވެރި ކަމާއި އެކުގައެވެ. ޔީވާ މޭޒުދޮށުގައި އުޅުނު ގޮތުން މިޝެލިން ހިނިއަންނަން ވެސް އުޅެއެވެ. ހީވަނީ އެލީސާގެ ޚާއްސަ ނޯކަރެއް ހެންނެވެ. ވެވޭނެނަމަ އެލީސާ މޭޒުދޮށުގައި ބައިންދާފައި އަތްވެސް ދޮވެލަދިނީސްކަން ނޭގެއެވެ. އެންމެންގެ ހިތްތައް އަތުލަން ޔީވާ ކުރާ މަސައްކަތް ފެނިފައި މިޝެލިންގެ ހިތް ހަމްދަރުދީއިން ފުރުނެވެ. އެވަރުވާއިރުވެސް ޔީވާއަށް އޭނަ އާއި މި އާއިލާގެ ގުޅުމެއްނެތްކަން ރޭކާނުލަނީ ހެއްޔެވެ؟ އެލީސާ ދަރިއެކޭ ކިޔައިގެން އުޅުނަސް އޭނަވާނީ ހިލޭ މީހަކަށެވެ. މިޝެލިންގެ ލޭގެ ގުޅުމެއް ނެތަސް ކައިވެނީގެ ސަބަބުން މިވަނީ މިގޭގެ ޅީދަރިއަކަށް ވެވިފައެވެ. މިޝެލިން ޔީވާއަށް ބަލާލާފައި މާނަވީ ގޮތަކަށް ހީލީ އެއްވެސް ސަބަބަކާއިނުލައެވެ. ޔީވާ އަލިފާންވާނެކަން ރަނގަޅަށް އެނގި ހުރެއެވެ.
އިއްބާނު ޑިއުޓީއަށް ދިޔަކަމަށް ހީކޮށް މިޝެލިން އެކޮޓަރިއަށްވަން އިރު އިއްބާނުގެ ދާހެދުން ވަށިގަނޑު ފުރިފައި ހުރިތަން ފެނުމުން އޭނަ ގަސްތުކުރީ އިއްބާނު ގެއަށް ނާންނަނީސް އެ މަސައްކަތް އިއްބާނުގެ މަންމަ އާއި ހަވާލު ކޮށްލުމަށެވެ. އޮޓޮމެޓިކް ދޮންނަ މެޝިން ހުއްޓަސް އޭނަ އިނގިލި ކުރި ހަލުވައިލާކަށްވެސް ބޭނުމެއްނުވިއެވެ. މިޝެލިން ދާ ވަށިގަނޑު ހިފައިގެން ހަމަޖެހިލައިގެންގޮސް އެލީސާގެ ކޮޓަރިއަށްވަދެ ދޮރުމަތީގައި ވަށިގަނޑު ބެހެއްޓިއެވެ. އޭރު އެލީސާ އޮތީ ބޮލުގައި ރިއްސާތީ އެނދުގައި އޮށޯވެލައިގެންނެވެ.
"އާންޓީ، ބެންގެ ހެދުންތައް ނުދޮވެ މާ ގިނަ ދުވަސްވެއްޖެ...." މިޝެލިން ހިނިތުންވެލާފައި ބުނެލިއެވެ. އިއްބާނު ބެލްކަނީގައި ފޯނެއްގައި ހުރެފައި އެނބުރި ބަލައިލި އެ ފަޅި ސިކުންތުކޮޅު އެތައް ޝުޢޫރުތަކެއް އެއްފަހަރާ ފެނިލިއެވެ. ރުޅިވެރިކަމާއި ހައިރާންކަންވެސް މެއެވެ.
"އާން ދަރިފުޅާ، ބަހައްޓާފައި ދޭ، މަންމަ ދޮވެލަފާނަން..." އެލީސާ ބުންޏެވެ.
"ނޫން، މަންމަ ދޮންނާނެ ކަމެއްނެތް، މަންމަ ތިއުޅެނީ ބަލިވެއެއްނު...." އިއްބާނު މިޝެލިން އާއި ދިމާލަށް ބަލައިލީ ހިތްހަމަނުޖެހިފައިވާފަދަ ގޮތަކަށެވެ. އަނެއްކާ މިދެވެނީ މާމައްޗަށް ބާވައެވެ. އިއްބާނު އޭނަދެކެ ނަފްރަތުކުރަން ފަށާފާނެބާވައެވެ. މިކުރެވެނީ ރަނގަޅުކަމެއް ނޫނެވެ. މިޝެލިން ވިސްނައިލި އެވެ.
އިއްބާނު ބާރަކަށް ހިގާލާފައި އައިސް އެ ވަށިގަނޑު ދޫލަމަތިން ނަގައިގެން މިޝެލިންގެ ގައިގައި ކިރިޔާ ނުޖެހޭ ހިސާބުން ދިޔައިރު އަނގައިން ނުބުނުމުން އިއްބާނު ހިތްހަމަނުޖެހިފައިވާކަން މިޝެލިން ދެނެގަތެވެ.
އިއްބާނު އަމިއްލައަށް ހެދުންތައް ދޮވެފައި އުޅުނުތަން ފެނުމުން މިއަދުވެސް އަނިޔާވީ މިޝެލިންގެ ހިތަށެވެ. އިއްބާނު ދެކެ ލޯބިވަންޏާ މިހާލުގައި އުޅެން އޭނަ އެބަޖެހޭ ހެއްޔެވެ؟ އިއްބާނުގެ މަންމަ ލައްވާ މަސައްކަތް ކުރުވުމުން އޭނައަށް އަސަރު ކުރާނެ ވަރު އެހިނދުކޮޅު ކިތަންމެ ރަނގަޅަކަށް ވެސް އިހުސާސް ކުރެވުނެވެ. ދެރަވިވަރުން ގޮސް މުޅި ޖިސްމު ގަނޑުވިއެވެ.
އިއްބާނު އޭނަގެ މަންމަ ބަލިވެ އުޅެންޏާ އެހީތެރިވެދީ ހަދައެވެ. ބޯ މަސާޖްކޮށް، ޖޫސް އެއްޗެހި ގެނެސްދީ ފިރިހެންދަރިއެއްގެ ހައްގު ކިތަންމެހާވެސް ރަނގަޅަށް އަދާކުރެއެވެ. އެކަމުގައި އޭނަ އުޅެނީ އެލީސާގެ އެހެން ކުދިންނަށްވުރެ ކުރީގައެވެ. ހައިތަމް އާއި އެލީސާ ގެ އިތުރުން އޭނަގެ ބޭބެމެންގެ ހިފެހެއްޓުމެއް ނެތް ލޯބިވެސް ލިބެނީ އޭނައަކީ އެންމެ ކުޑަމީހާއަށް ވެފައި، އެހާ ރަނގަޅު ކަމުންނެވެ. މިއަދުވެސް ތަންކޮޅެއް ފިނި ދުވަހެއްވެފައި އެންމެން ބޭރުގައި ޓީވީ ބަލަން ތިއްބާ އިއްބާނު ހޫނު ކޮފީ ހަދައިގެން ގެނެސްދިނެވެ. އޭރު މިޝެލިން ވެސް ސޯފާއަކަށް ދެފައި އަރުވާލައިގެން އައިޕެޑުން ގޭމެއް ކުޅެން އިނެވެ. އިސްތަށިގަނޑު ހާވާލައިގެން އިންއިރު ލޯބިކަމުން ގޮސް ކޮލުގައި ވިކާލަން އިއްބާނު ބޭނުންވިއެވެ. ލޯތްބަސް ވަރެއްގެ ހިތެއް އޮތް ކުއްޖާގަނޑެކެވެ. އާދޭސްކޮށްކޮށް ވަރުބަލިވީއިރު އިޖާބަދޭން ހިތަކަށް ނޭރިއެވެ. ބާކީ އޮތީ އެންމެ ކަމެކެވެ. ފައިގައި ހިފާ އާދޭސްކުރުމެވެ.
"ބޫ ބެއަރ މިގޭ ނޯކިރީކަން ކުރަން ފެށީތަ؟ މައި ސިމްޕަތީ...... ދޮންބެގެ ކޮފީއަށް ހަކުރު ނާޅަން ހަނދާން ހުރިތަ؟ ނޯކަރު ކުދިން އެބައި ހަނދާން ހުންނަން ޖެހޭނެ....." ޒަހުރާން ދިމާކޮށްލިއެވެ.
"ފޮނި ކުދިންގެ ސަޔަށް ހަކުރު ނާޅަން އެގޭނެއްނު ބްރޯ، ކުރީގެ އިންކާނޭޝަންގައި އައި ވޯޒް އެ ސާވެންޓްކަން ނޭގޭ އެހެންވެ މިހާރުވެސް އޭގެ އަސަރު ނުފިލައިގެން އުޅެނީ، ދޮންބެމެން ޑޮކްޓަރުންނަށް ވެގެން މަޝްހޫރުވިޔަސް އަޅުގަނޑުމެންނަކީ ޑްރައިވަރުން، އެކަމަކު މިގޭ ސާވެންޓަކަށް އުޅުނީމަ ސެލެރީ މާ ބޮޑުވާނެހެން ހީވޭ، އެހެންނޫނަސް ފެމިލީ އަށް ސާރވްކޮށްދިނުމުގެ ސެޓިސްފެކްޝަން ވެސް އޮންނާނެތާ.........." އިއްބާނު އެއް ލޯ މަރާލާފައި ޒަހުރާންއަށް ކޮފީ ތަށި ދިއްކޮށްލިއެވެ. މިޝެލިން މަޖާވިވަރަށް، ހައިރާންވިއެވެ. ދީނާއި ދެކޮޅު ވާހަކައެއް އިއްބާނު ދެއްކުމުން އެކަކުވެސް އެކަމާއި ދެކޮޅަށް އެއްޗެކޭ ނުބުނީ ކީއްވެ ހެއްޔެވެ؟ އިއްބާނު ދެވަނަ ޖަނަމްއެއް އޮންނަކަމަށް ގަބޫލު ކުރަނީ ހެއްޔެވެ؟ ދީނާއި ޚިލާފު ވާހަކައެއް ސަމާސާ އަކަށްވެސް ދެކެވިގެން ނުވާނެއެވެ. ހައިތަމްވެސް ކޮށްލެއްވީ ސަމާސާ އެކެވެ.
"ރެން އަދި ކިޔާނީ ގްލޮރިފައިޑް ޑްރައިވަރެކޭ، ޕުއަރ ބޫ........" ޒަހުރާން ހިނިތުންވެލިއެވެ.
"އޭރުން ޝެލް ބޫ ދޫކޮށްލާފައި ގޮސްދާނެ، ޝެލް ސާވެންޓަކުން ކީއްކުރާނީ ދޯ..." ޒިލާ އެހެން ބުނުމުން މިޝެލިން ގަދަކަމުން ހީލައިފިއެވެ. އިއްބާނު އާއި މިޝެލިންގެ ހަތަރުކަޅި ހަމަވިއެވެ. އެ ސިކުންތުކޮޅުވެސް ދެހިތަށް ގޮތްގޮތްވިއެވެ. މިޝެލިންގެ ކޯތާފަތަށް ރަތްކުލަ ފާއްދައިލަން އުޅުނެވެ.
"ޝެލްއަށް ސާވެންޓެއް މާރަނގަޅު ވާނެ، ޝެލްއަކަށް ކޮފީއެއް ހަދައިލަންވެސް ނޭގޭވިއްޔަ...." މަލަކާގެ ޖުމްލައިން މިޝެލިން ކުޑަކޮށް ހިތްހަމަނުޖެހުނެވެ.
"ނޫން، އަދި ޝެލްގެ ޓެލެންޓް ނުފެންނަނީ...." އިއްބާނުގެ އެ ކުޑަ ތައުރީފުން މިޝެލިންއަށް ތަފާތު އަސަރެއް ކުރުވިއެވެ. ތިމާގެ ފިރިމީހާ އެހެން މީހުން ކުރިމަތީގައި ތިމާއަށް ކުރާ ގަދަރާއި، ލޯބި އެފަދަ ކުދި ޖުމްލަ އަކުންވެސް ދައްކުވާލަދިނުމަކީ ލޯބީގެ ބަޔެކެވެ. މިޝެލިން ފޮނިވާ ގޮތްވިއެވެ. މޫނަށް ކުޑަ ރަތްކަމެއް ފާއްދާލައިފި އެވެ. މިޝެލިން އިއްބާނުއަށް ހިނިތުންވެލުމަށް ދީފައި އައިޕެޑަށް ސަމާލުކަން ދިނަސް އޭނަ އިނީ އެހެންމީހުން ދެއްކި ވާހަކަތަކަށްވެސް ކަންފަތް ހުޅުވާލައިގެންނެވެ.
ޒިލާ އިނީ ދެރަވެފައި ޒަހުރާންއަށް ބަލަހައްޓައިގެންނެވެ. އެހެންމީހުންގެ ގާތުގައި ކިތަންމެ ސީރިޔަސް ވިޔަސް ޒަހުރާން އާއިލާ އާއި އެކީގައި ސަކަރާތް ޖަހައި، ސަމާސާކޮށް އުޅެއެވެ. ޒިލާވެސް ވެފައިވަނީ މިހާރު ދުރު ހިލޭމީހަކަށެވެ. ކޮޓަރިއަށް ވަދެއްޖެއްޔާ ސީރިޔަސްކަމުގެ ދެވަނައެއް ނުވާނެއެވެ. ދެމީހުން އަލުން ކައިވެނީގެ ގޮތުން ގުޅުނަސް އެދޭތެރޭގައި ލެވިފައިވަނީ ދުރުހިލޭކަމުގެ ފާރެކެވެ. އެ ފާރު ގިރާކުރާކަށް ޒަހުރާން މަސައްކަތެއް ނުކުރެއެވެ. ޒިލާ ބައެއްފަހަރު ރުޅިގަދަވެގެން ގޮސް ހިތާހިތުން ޒަހުރާންއަށް އެއްޗެހި ގޮވައިލައެވެ. ފޮނި ފިރިހެނެކެވެ. އޭނަ އާއި ދުރުން އުޅެވެނީ ކިހާ ދުވަހަކަށް ތޯ އޭނަވެސް ބަލާނެއެވެ.
މިޝެލިން މަތީބައިގެ ސިޑިތައް ގިރާކޮށްލާފައި ޓެރެސްއަށް އެރިތަނާ ފަހަތުން އިއްބާނު އައެވެ. މިޝެލިން އިއްބާނު އެހެން ދީންތަކުގެ ޖާހިލުކަންތައް ގަބޫލުކުރަނީ އޭ ކިޔައި ޝަކުވާކުރިއެވެ. އެންމެން މާވަރަކަށް ހޮރޮސްކޯޕާއި، އިންކާނޭޝަން ފަދަ ކަންތަކަށް ތަބާވެ އެވާހަކަ ދައްކައިއުޅޭކަންވެސް ފާހަގަކުރިއެވެ. އިއްބާނުގެ މަންމަ ބާތްސްޓޯން އިން ގަހަނާ އަޅާތީ އެކަމާއިވެސް މިޝެލިން މައްސަލަ ޖެއްސިއެވެ.
"ބައްޕަ މެންނަށް ރަނގަޅަށް އެނގޭނެ އަހަރެން އެހެން ބުނީ މަޖަލަކަށްކަން، އެ ކިޔާ އިންކާނޭޝަން އަކަށް އަކަށް އެންމެ ޖޯކުޖެހި މީހަކީ އަހަރެންކަން ނޭގޭނެ އެކަކުވެސް އެތާގައި ނެތް، އެކަމުން އެނގުނީ ޝެލްއަށް އަހަރެން ދަސްނުވާވަރު، އަދި އަހަރެން ބުނާ ކޮންމެ ބަހެއްވެސް ޝެލްއަށް ނެގެނީ އެންމެ ނުބައިކޮށް، އަހަންނަށް ރީޒަން އެނގޭ، ޔޫ ޑޯން ކެއަރ އެޓް އޯލް، ޝެލް ކިތަންމެ ގިނަ ފާފަ ކުރިޔަސް އަހަރެންގެ ލޯތްބަކަށް ބަދަލެއް ނާންނާނެ، އަހަރެން އުޅޭނީ އެކަމެއް ރަނގަޅު ކުރުވަން، ނަރަކަށް އަށް ވެއްޓެން ދޫކޮށްލާފައި ދުރަށް ދާނީއެއް ނޫން........." އިއްބާނު ރެއިލިންގައި އަތް އަޅުވާލައިގެން ހުރެ ކުޑަކޮށް އެނބުރިލާފައި މިޝެލިންގެ މޫނަށް ބަލައިލި އެވެ. އިއްބާނު އާއި ހަތަރުކަޅި ހަމަކުރަން މިޝެލިންގެ ހިތް ދެކޮޅުހެދިއެވެ. އެ ރީތި ދެލޮލަށް ބަލައިފިއްޔާ މިޝެލިން ގެނބިގެން ހިގައިދާނެއެވެ.
އިއްބާނުގެ ވާހަކަ ހުރިގޮތުން މިޝެލިންގެ ހިތަށް ތަދުވިއެވެ. އިއްބާނުއަށް ހާދަ ނުވިސްނެއެވެ.
"ބެން އެހެން ފާފައެއް ކުރިނަމަ، އެކަމަކު އެހެންމީހަކާއި އެކީގައި ސްލީޕްކޮށްގެން އަހަރެންގެ ހިތް ހަލާކުކޮށްލީ، އަންފެއިތްފުލްވީ......." މިޝެލިން އެ އަކުރުތަކަށް ބާރުލާފައި ކިޔުމުން އިއްބާނު ރެއިލިންގައި އަތުން ޖެހިއެވެ. އޭނަގެ ޖަވާބު ހުސްވީ ކަންނޭގެ އެވެ. އިއްބާނު އެއްޗެކޭ ނުބުނެ ދާން ހިނގައިގަތުމުން މިޝެލިން ފަހަތުން ދިޔައެވެ. ދެމީހުންނަށް އެކީގައި ކޮރިޑޯއާއި ހަމަޔަށް ދެވުނުތަނުން ކުއްލިއަކަށް އިއްބާނު އެނބުރިފައި މިޝެލިން އަތުތެރެއަށް ގެނައިގޮތުން މިޝެލިންވެސް ސިހުނެވެ. އޭނަގެ ގައިން އިއްބާނު ދޫކޮށްލިއިރު މިޝެލިންގެ މޫނު ރަތްވެގެން ގޮސް އަލިފާންކޮޅަކަށް ވެއްޖެއެވެ. އިއްބާނު އެކުރި ކަމަކުން މިޝެލިން ހީކުރީ ނޭވާނުލެވި، މަރުވެދާނެ ކަމަށެވެ. ކަކުލު ހުޅުން ވާގިދޫވިހެން ހީވުމާއި އެކު އޭނަ ތަބުގައި ހިފަން އަތްދިއްކޮށްލިގޮތަށް ފައި ޖެހުނީ ގަސް އިންދާފައި ހުރި ޕޮޓެއްގައެވެ.
މިޝެލިން ކުޑަކޮށް ބިރުގަނެފައިހުރެ އިއްބާނުގެ މޭގައި އަތް އަޅާ ކޮށްޕާލައިފި އެވެ. ދެލޯބިވެރިންގެ ލޮލުން އެވަގުތުކޮޅުވެސް ހިމޭންކަމުގެ ބަސްމޮށުމުން އެތައް ވާހަކައެއް ދެކެވުނެވެ.
އެވަގުތު ސިޑިން އަރައިގެން އައި ހައިތަމްގެ ދެމަފިރިންނަށް އެ މަންޒަރު ފެނި އެމީހުންނަށްވެސް ހައިރާންކަމެއް ލިބުނެވެ. އިއްބާނު އޭނަގެ މަންމަމެންނާއި ދިމާލަށް އިސްއުފުލައި ބަލައިލަން ނުކެރިފައި ހުރެ، ބާރަކަށް ގޮސް ކޮޓަރިއަށް ވަދެ ބަންލާފައި ދޮރު ލެއްޕިއެވެ. މިޝެލިން ހުރީ ހިނގައިގަންނަން ނޭގިފައެވެ. އޭނަ ކިތަންމެ ސިއްރުކުރަން އުޅުނަސް އިއްބާނުގެ މައިންބަފައިންނަށް އޭނަ އާއި އިއްބާނުގެ ކައިވެނީގެ ގުޅުން އޮތީ ކިހިނެއްކަން އެކުޑަ އަމަލުން ލަފާކޮށްލަން އެނގޭނެކަން ޔަގީނެވެ. މިޝެލިންގެ މޫނަށްވެސް ރަތުގެ އެތައް ކުލަ ވެރިވެގެން ދިޔުމާއިއެކު ވިދުވަރެއްހާ ހަލުވިކޮށް ސިޑިން ފައިބައިގެން ދިޔައީ ތިރިއަށެވެ. އިތުރު މީހަކަށް ބޭޒާރުވުމުގެ ކުރިން މިގެއިން ދާންވީ ކަންނޭގެ އެވެ.
ސޯފިޔާމެން ހައްޖުން އައިއިރު ގަދަޔަށް ރޯގާ ޖެހުނު ގޮތަށް އެތައް ދުވަސްވީއިރުވެސް ރަނގަޅުވާގޮތެއް ނުވިއެވެ. ސޯފިޔާ ބަލިކޮށް އުޅެމުން ގޭގެ ކަންތައް ރަނގަޅަށް ބަލަހައްޓައެވެ. އެގެއިން ހިރަފުސްކޮޅެއް ފެނުމަކީ ނާދިރުކަމެކެވެ. ދެއިރަށް މޮޕްކޮށްލައި، ތަންތަން ސާފުކޮށް އޮފްކުރުމަށް ސޯފިޔާ ޚާއްސަ ސަމާލުކަމެއް ދެއެވެ. މިޝެލިން ގެއަށް އައިއިރު ސޯފިޔާ އުޅުނީ އޮރެންޖު ކޮށާލައިގެން، ޖޫސްހެދުމުގައި އަވަދިނެތިއެވެ. މިޝެލިން އެއިން އެތިކޮޅެއް އަނގަޔަށް ލައިގެން ހަފަންފެށިއެވެ. އެކި ސުވާލުކުރަމުން ގޮސް މިޝެލިން އޭނަގެ މަންމަ ކައިރިން މާފު ދިނުމާއި ބެހޭގޮތުން ސުވާލުކޮށްލީ ދުރުދުރުންނެވެ. މަންމަ އާއި މެދު މީހަކު ގޯސްކަމެއްކޮށްފިއްޔާ މާފުދީފާނަންތޯ އަހައިލިއެވެ.
"މާފުކުރިޔަސް ހަނދާން ނައްތައެއް ނުލެވޭނެ، އެކަމަކު މަންމަ ހައްޖަށް ގޮސް ތައުބާވެގެން ހުރިއިރު ދެން ބޭނުމެއްނޫން މީހުންނާއި މެދު ރުޅިވެރިކަން ބާއްވަން، ދަރިފުޅުގެ ބައްޕަގެ އާއިލާ އާއި ވެސް ގުޅިގެން އުޅެން މަންމަ ބޭނުމީ...." ސޯފިޔާ ހިނިތުންވެލިއެވެ. ސޯފިޔާ އޭނަގެ ދަރިފުޅަށް ވިސްނައިދިނީ މާފު ދިނުމަކީ ރީތި ސިފައެއްކަމަށެވެ. މިޝެލިން ޚިޔާލުތަކަކަށް ގެއްލިފައި އިނެވެ. އިއްބާނު އެހާ ބޮޑު ފާފައެއްކޮށްފައިވާއިރު ހަމަ ހަދާން ނައްތާލަންވީ ހެއްޔެވެ؟ ނޫނީ އަދި ދުވަސްކޮޅެއްވާންދެން އޭނަ ގޮތުގައި ހިފަހައްޓަންވީ ހެއްޔެވެ؟ ނޫނީ ޔީވާ ނޫނީ އޭނަ އާއި ދެމީހުންނަށް އެކީގައި އެގޭގައި ނޫޅެވޭނެޔޭ ބުނަންވީ ހެއްޔެވެ؟ އޭރުން އިއްބާނު ޔީވާ އެގެއިން ނެރެލާނެބާވައެވެ.
މިޝެލިން ބެލްކަނީގައި ބަލަން ހުރީ އިއްބާނުގެ ހަރަކާތްތަކަށެވެ. ސުލްތާނު އުފުލާލައިގެންގޮސް ބެންޗުގައި ބައިންދަދިނީ އިއްބާނުއެވެ. ޒަހާރާ ސައިދޭން ފެށުމުން އިއްބާނު ހީލާފައި މާމަގާތުގައި ކޮންމެވެސް އެއްޗެކޭ ކިޔާފައި އެކަމާއި ހަވާލުވިއެވެ. އެކަމާއި އުޅެފައި ފަހުން މިޝެލިންއަށް އިއްބާނު ފެނުނީ ޒެފަން ގޮވައިގެން ކުޅެން އުޅެނިކޮށެވެ. ޒެފަން ބުރަކަށްޓައް ލައިގެން ސަކަރާތްޖަހާ، ލޯބިން އުޅުނުއިރު އަމިއްލަ ދަރިއެއް ލިބިއްޖެއްޔާ ވާނެވަރު މިޝެލިންއަށް އިހުސާސް ކުރެވުނެވެ. އެއިން ކޮންމެ ކަމަކުން މިޝެލިންއަށް އިއްބާނުގެ އެހެން ފަރާތެއް ފެނުނެވެ. ޔީވާއާއިއެކު އުޅުނު ގޮތް ފަނޑުކޮށްލާފަދަ ރީތި ތަސްވީރެކެވެ.
އިއްބާނު ފަދަ ބޭރު ގައުމެއްގައި ބޮޑުވި ޒުވާނަކަށް ފަހަރެއްގައި އެފަދަ ކަންތައް އާދައިގެ ގޮތަކަށް ނެގެނީކަމަށްވެސް ވެދާނެއެވެ. އެއާއިލާގައި ދީނީ ކުލަ ޖެހިފައިވާލެއް ކުޑަކަން މިޝެލިންގެ އަމިއްލަ ލޮލުންވަނީ ދެކެފައެވެ. މިޝެލިންގެ ގޭގައި މިއުޒިކް މަނާކުރެވިފައިވާއިރު މިގޭގައި އެކަން ހީވަނީ ހުއްދަހެންނެވެ. މާމަމެންވެސް ބުރުގާ އަޅަނީއެއް ނޫނެވެ. އެހެންވީމަ އިއްބާނު އަށް ފާފައެއް ކުރެވުނަސް އޭގެ ބޮޑުކަން ނޭގުނީކަމަށް ވެދާނެއެވެ. އެކަމަކު އެހާ އަޚުލާގު ރަނގަޅު، ހިތްތިރި ޒުވާނަކު ވެއްޖެއްޔާ އަދި ފަހުން ރަނގަޅުވެ، ދީނީ މީހަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. ބޭނުން ވާނީ މިޝެލިންފަދަ ކުއްޖެއްގެ އެހީއެވެ. އޭނަވެސް ދޮންތަ ފަދައިން ދީނީ ކުއްޖަކަށްވިނަމައެވެ. ދޮންތަ ގެ ސަބަބުން މިހުރާން ބަދަލު ވެދާނެބާވައެވެ. މިޝެލިން އެކިގޮތްގޮތަށް ޚިޔާލުކުރުމަށްފަހު ގަސްތުކުރީ އިއްބާނުއަށް ފުރުސަތެއް ދިނުމަށެވެ. ލޯބިން އެކީގައި އުޅެން ފެށުމަށެވެ. އެކަމަކު އެކީގައި ނިދާލަން ފުރުސަތު ދޭން އަދި ވަގުތު ނަގާނެއެވެ. އެހެންނޫނަސް އޭނަވަނީ ފެނުނު މަންޒަރަކުން އިންތިހާއަށް ފޫހިވެފައެވެ. އެކަމަކު ޔަގީނުންވެސް އިއްބާނުގެ ލޯބިން އެ އުނިކަން ފުރާލަދޭނެ ދުވަހެއްވެސް އައިސްދާނެއެވެ. އިއްބާނު ވަނީ ކިތަންމެ ދުވަހެއްވިޔަސް އިންތިޒާރު ކުރާނެކަމަށް ބުނެފައެވެ. އެހެންމީހަކު ނަމަ ގަދަކަމުން ވެސް ބޭނުންވާ ކަންތައް ހާސިލު ކުރާނެއެވެ.
މިޝެލިން މަޑުމަޑުން ކޮޓަރި ހުޅުވާލިއިރު އަނދިރިކޮށްފައިވާ ކޮޓަރީގައި އިއްބާނު ގިޓާކުޅެން އިނެވެ. އެ މަޑުމައިތިރި ރާގު އިވުމުން މިޝެލިންގެ ހިތުގައި ވަޅިއެއްގެ ތޫނު މިޔަ އަޅާލިހެންހީވިއެވެ. މިޝެލިން އިއްބާނުއަށް ނުފެނި ފަހަތަށް ޖެހެމުންގޮސް ކޮޓަރިއަށް ވަނީ އެތަނަށް ދާނެ ހިތްވަރެއް ނުކުރެވުމުންނެވެ. އެތަން ދެކެން އަނދިރީގައި ފިލާހުރި ޔީވާ، މިޝެލިން އަކަށް ނުފެނުނެވެ. އެގޭތެރޭގައި ޖާސޫސެއްފަދައިން މިޝެލިންމެންގެ ހަރަކާތްތަކަށް ފާރަލައިގެން އުޅޭ ޔީވާއަށް އެ ދެމަފިރިންގެ ގުޅުމާއި ބެހޭގޮތުން ކިތަންމެ އެއްޗެއް އެނގިފައިވެއެވެ. މިޝެލިން އިއްބާނު އާއި ދިމާލަށް ދެއްކި ވާހަކަ އަކުން އެދޭތެރޭގައި ދެމަފިރިކަމުގެ ގުޅުމެއް ނުވާކަން ޔީވާވަނީ ދެނެގެންފައެވެ. އޭނަ މިރޭ އެހާވަރުން ފާރަލައިގެން ހުރީ ފުރުސަތަކަށް ބަލަބަލައެވެ. ގަޑިން ދޭއްޖަހަނިކޮށް އޭނަ ގޮސް އިއްބާނުގެ ކޮޓަރީގެ ތަޅުގައި ހިފާލިއެވެ. ހީކުރިގޮތަށް އެދޮރު ހުރީ ތަޅުލާފައެއް ނޫނެވެ.
އިއްބާނުގެ ބަރު އެސްފިޔަތައް ހުޅުވައިލެވުނުއިރު އަނދިރީގައި މީހަކު އޭނަގެ ގައިގެ އެތަންމިތާގައި ބޮސްދީ، ފިރުމަނީއެވެ. އެ ހަރަކާތްތަކުން އޭނައަށް ވީ އުދަގުލެވެ. އިއްބާނު އަށް ލިބުނު ހައިރާންކަމާއި، ސިހުމާއިއެކު ފޮޅުވައިލީމަ ވިއްސައިގެން ނުދިޔައީ ކިރިޔާއެވެ. އިއްބާނު އަތްދިއްކޮށްލާފައި ސްވިޗް ޖައްސައިލުމުން ފަނޑު އޮރެންޖު އައްޔަކުން ކޮޓަރި ދިއްލުނެވެ.
"ކީކޭ ހިތަށް އަރައިގެން މިތަނަށް ވަނީ....." އިއްބާނު ދަތްތައް ވިކައިލަމުން އެނދުން ތެދުވެއްޖެއެވެ. އިއްބާނުގެ ގަދަ ބުމަގޮށްޖެހިފައިވެއެވެ. ހަނިކޮށްފައިވާ އެ ރީތި ދެލޮލުން އަލިފާން ކަނި ބުރާލިހެން ހީވިއެވެ. އިއްބާނު ރީތިވާ މޭޒުމަތީގައި އަތުން ޖެހިޖެހީނުން ސެންޓުފުޅިތައް ތެޅި، ކުޑަ ޒަލްޒަލާއެއް އައިހެން ހީވިއެވެ.
"ވަޓް، އައި ޑޯންޓް ގެޓް ދިސް.... ހިތަށް އެރީ ބެންވެސް ބޭނުންވާނެއޭ އަހަންނެކޭ އެއްވަރަށް...." ޔީވާ ހުރީ ހަމަޖެހިލާފައެވެ.
"ޖަސްޓް ލީވް....." އިއްބާނު ރަޖާ ޔީވާ އާއި ދިމާލަށް ހޫރާލުމުން ޔީވާ ގައިގައި ރަޖާ އޮޅައިލިއެވެ.
"ބެން....." ޔީވާ ބުނަން އުޅުނެވެ.
"ނައު....." އިއްބާނު ތަންކޮޅެއް އަޑަށް ބާރުލާފައި ބުންޏެވެ. އިއްބާނު ދޮރު ހުޅުވާލުމުން ޔީވާ ނިކުންނަން އުޅެފައި ދޮރުލެއްޕިޔަނުދީ އަތް ވިއްދައިލި އެވެ.
"ބެން، އަޅެ އަޑުއަހާފާނަންތަ؟ އަހަންނަށް އެނގޭ ޝެލްގެ ފަރާތުން އެއްވެސް އުފަލެއް ނުލިބޭކަން، ޝެލް ކިޔައިދިނޭ ހުރިހާ ވާހަކައެއް، އޭނަ ބެން އާއި ކައިވެނި ކުރީ ރިވެންޖް ނަގަންވެގެން، އެކަމަކު އަހަންނަށް ކެތްނުކުރެވުނީ، ބެންވެސް ބޭނުންވާ ކަންތަކެއް ހުންނާނެއްނު، އަހަރެން މިހިރީ ބެން ބުނި ކޮންމެ ކަމެއް ކޮށްދޭން، އެހެން މީހެއްގެ ގާތުގައި ނުކިޔާނަން، އައި ލަވް ޔޫ ބެން....." ޔީވާ ވާހަކަދެއްކި ގޮތަކުންވެސް ފިރިހެނެއްގެ ހިތް ލަންބުވާފާނެއެވެ. ފިރިހެނުން އޭނަގެ ރީތިކަމަށް ގުރުބާންވާނެއެވެ. ޔީވާ އެހާ ނިވާކަން ކުޑަގޮތަކަށް ހުރީ އަދި އިއްބާނު އޭނަގެ ދަލުގައި ޖެހޭނެކަމުގެ ޔަގީންކަން އޮތްލެއް ބޮޑުކަމުންނެވެ.
"ހާދަ ހެއްވައޭ، އެރެއެއް ދެން ނާންނާނެ، އަހަރެން އެރޭވެސް ކުރީ ފާފައެއް، އެއީ އުމުރުގައި ހެދުނު އެންމެ ބޮޑު ކުށް، ދެން ޔީވާ އެހެން މީހަކު ހައްލާލަން ދޭބަލަ، ޔަގީން ވަރަށް ގިނަމީހުން ބޭނުންވާނެކަން، ދެން މަގޭ އަތުން ގޯހެއް ނެހެދެނީސް މިތަނުން ދާން އުޅޭ..." އިއްބާނު މިވީހާތަނަށް މިހާ ފޫހިވެފައި ހުރެ ޔީވާ އާއި ވާހަކަ ދައްކާފައެއް ނުވެއެވެ. އޭނަ ހުރީ އޭނަގެ ދިރިއުޅުން ބަރުބާދުވެގެން ދިޔުމުގެ ސަބަބަކަށް ޔީވާ ވިނަމަވެސް އެކަމާއި އެއްޗެކޭ ނުބުނަން ވެގެންނެވެ. އެކަނި ޔީވާގެ ކުށެއްކަމަށް އޭނަ ނުދެކުނީތީއެވެ. މިހާރު މިއޮތީ ޔީވާ މާ ބޮޑަށްވެސް ކުށްވެރިވެފައެވެ.
"ތިހާ ރޫޑް ނުވެބަލަ ބެން، އަހަރެން ހާދަ ލޯބިވެޔޭ..." ޔީވާ އާދޭސްކުރިއެވެ.
"ލޯބިވަންޏާ ގަޔަށް އަރައިގަންނަންވީތަ؟ ބުނެފީމެއްނު ގިނަ ވާހަކަ ނުދައްކާ މިތަނުން ދާށޭ، ނޫނީ ދަމާފައި ނެރޭއިރު މާ ރީއްޗެއް ނުވާނެ......" އިއްބާނު ހުރީ ޔީވާގެ ގައިގައި އަތްނުލާން ވެގެންނެވެ. ވާހަކަދެއްކީވެސް ރީތިކޮށެވެ.
"ޕްލީސް ޕްލީސް ބެން..." ޔީވާ އިއްބާނުގެ އަތުގައި އެލިގަތުމުން އިއްބާނު އަތް ފޮޅުވާލައިފި އެވެ.
"ގެޓް ދަ ހެލް އައުޓް އޮފް ހިއަރ......" އިއްބާނު ހަޅޭއްލަވައިގަތެވެ. ޔީވާ އިއްބާނު ލައްޕައިލި ދޮރާއި ދިމާލަށް ބަލަހައްޓައިގެން އަނގަ ހުޅުވިފައި އިރުކޮޅެއް ވާންދެން ހުއްޓެވެ.
އިއްބާނު ބާލީސް އަތުތެރޭގައި ބޮނޑިކޮށްލި އިރު އެ މޫނުމަތިން އަދިވެސް ރުޅިވެރިކަމުގެ އަސަރުތައް ފިލައިގެނެއް ނުދެއެވެ. އަންހެންކުދިންގެ ނުބައިކަމާއި، ލަދުކުޑަކަމާއިމެދު އޭނަ ހައިރާންވެސްވިއެވެ. މިޝެލިން އެގޮތަށް ކޮޓަރިއަށް އައިނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ؟ އެކަމަކު މިޝެލިން ހާދަ ތަފާތެވެ. އެއީ ކީއްވެ ހެއްޔެވެ؟ ޅަކަމުން ހެއްޔެވެ؟ އިއްބާނު އެނދަށް ވެއްޓިގަތް ގޮތަށް މިޝެލިންގެ ހަނދާނުގައި ނުނިދިފައި އޮތްއިރު މިޝެލިންގެ ފޯނަށް އެތައް މެސެޖްތަކެއް ފޮނުވުނެވެ. މިރޭވެސް އޭނަ ސަލާމަތްވީ ހަމަ ކިރިޔާއެވެ. އެވަރުންވެސް އިއްބާނުއަށް ޔީވާ އެކޮޓަރިއަށް ދޫކޮށްލާފައި ދިޔަ ނިދާހެދުން ލޮލުގައި އަޅައިގަތްކަމަކަށް ނުވިއެވެ. ހެދުނު އިއްބާނު ކޮޓަރިން ނިކުތްފަހުން އެތަނަށް ވަން މިޝެލިން ހުރީ ހުއްޓުން އަރާފައެވެ.
ޒަހުރާންގެ ހިތަށް ވާސިލުވާން ނޭގިގެން ޒިލާ އުޅޭއިރު ޒިލާއަށް އަދިވެސް އެހާ ބޮޑަށް އުޅެންވީ ރަނގަޅުގޮތެއް ނޭގެއެވެ. ޒަހުރާން ކިތަންމެ އަވަދިނެތި ހޮސްޕިޓަލުގައި އުޅެފައި އައިސްފައި ޒެފަން ފެންވަރުވައި ނުލަންޏާ ޒިލާއަށް އެކަން ކުރެވޭކަމަކަށް ނުވެއެވެ. އެހެންނޫނީ ޒެފަން ހުންނަނީ ހަޑިކޮށް ބަހައްޓާފައެވެ. ދަރިފުޅަށް ކާންދިނުމާއި، ނިންދެވުމަކީވެސް ޒަހުރާންގެ ވާޖިބެކެވެ. ޒަހުރާން ގޭގައި ނެތިއްޔާ އިރުއިރުކޮޅާ ގުޅާފައި ޒިލާ އުދަގޫކުރާނެއެވެ. ޒެފަން ނުބެލެހެއްޓިގެން އުޅޭކަމަށް ކިޔާނެއެވެ. މިރޭވެސް ޒަހުރާން ގެ ފޯނަށް ޒިލާ އަށް ގުޅުނު އަދަދެއްވެސް ނޭގެއެވެ. ޒަހުރާން ގެއަށް އައީ ރޭގަނޑު އަށެއްޖެހިފަހުންނެވެ. އޭރު ކޮޓަރި ހީވަނީ ހުވަން ރޯޅިއެއް އަރާފައިވާ ތަނެއްހެންނެވެ. ޒިލާ އިނީ މޫނު ރަތްކޮށްލައިގެންނެވެ.
"ޒެފް ޑިފިކަލްޓްކަމުން އެއްވެސް ކަމެއްނުކުރެވޭ، ޑެޑީ އޭ ކިޔާފައި ނުނިދައިގެން މިއުޅެނީ..." ޒިލާ ޒެފަންގެ ޓޯއިތައް ނަގާކަށް ނޫޅެ ޝަކުވާކުރިއެވެ.
"އަހަރެންގެ ސާޖަރީއެއް ކޮމްޕްލިކޭޓް ވެގެން ނާދެވުނީ....." ޒަހުރާން ޒެފަން އުރާލި އެވެ. ޒެފަން ގެ މިޒާޖު އެހާ ގޯސްވަނީ ޒިލާގެ އަމަލުތައް ހުންނަ ގޮތުންކަން ޒަހުރާންއަށް ރަނގަޅަށް އެނގެއެވެ. ޒަހުރާން ބުނާގޮތަށް ދަރިފުޅު ހަދާނީ ސަބަބެއް އޮތީމައެވެ. ޒަހުރާން ދަރިފުޅު ފެންވަރުވައި، ނިންދަވާލުމަށްފަހު ބިންމައްޗަށް އުކާލެވިފައިވާ ޓޯއިތައް ނަގާ، ކޮޓަރި ސާފުކޮށްލި އިރުވެސް ޒިލާ އޮތީ އެނދަށް އަރާފައެވެ. ކުރު ސޯޓްކޮޅަކާއި، ތުނި ޕެޓީއެއްލައިގެން އެރީތި ހަށިގަނޑު ހާމަކޮށްލައިގެން އޮތީ ޒަހުރާންގެ ސަމާލުކަން ހޯދަންކަން ނޭގެއެވެ. އެވަރުންވެސް ޒަހުރާން ފެންނަކަމަކަށް ހަދައިނުލާ ބާތުރޫމަށް ވަނެވެ. ބޮޑު ބިލިގާއަކާއި އެކު މާބްލް އިން ހަދާފައިވާ އެ ފާޚާނާވެސް ކުޑަ ކޮޓަރިއެއްހާ ވަރުވެއެވެ. އޮރެންޖް އުއްބައްތިތަކުގެ މީރުވަހުން ތަން ހިސާރު ކުރެވިފައިވާއިރު މިއީ ޒިލާގެ ކަމެއްކަން ޒަހުރާންއަށް އެގުނެވެ. ޒިލާ އޭނަ އާއި ރުހެން ފެށީ ކޮންދުވަހަކު ހެއްޔެވެ؟ ޒަހުރާން ފެންވަރާ މާގަނޑު ދޫކޮށްލުމުން އެތައް މިލިއަން ތިކިތަކެއް އޭނަގެ ރީތި ހަށިގަނޑުގައި ބޮސްދޭންފެށިއެވެ. ޒަހުރާން ދެލޯ މަރައިލިއިރަށް ނާޒުކް އަތެއް އޭނަގެ ހަށިގަނޑު ވަށައިލެވިގެންދިޔައެވެ.
"ރެއިން ހިތަށް އަރާނެ އަހަރެން ހާދަ ލަދުކުޑަ މީހެކޭ، ކުރިން ރެއިން އެހާ ބޭނުންވެގެން އުޅުނުއިރު އަހަރެން ރިފިއުޒް ކުރީތީ މިއަދު މާފަށް އެދެން، ސޮރީ ރެއިން....." ޒިލާ ޒަހުރާންގެ ހަށިގަނޑުގައި މޫނު ޖައްސާލަމުން މާފަށް އެދުނެވެ. އެ ދޭތެރޭގައިވާ ބީރައްޓެހިކަމުގެ ފަރުދާ ނަގައި، އެކައްޗަކަށް ވާންވީ ދުވަސް އައީއެވެ. ޒަހުރާން އަކަށް ވެސް އެހާރީތި ކުއްޖަކު އޮޅުލަ އޮޅުލާފައި އުޅެން ފެށުމުން ހިމޭނުން ހުރެވޭނެ ހެއްޔެވެ؟ ވަރަށް ގިނަ ދުވަސްވާންދެން ކެތްކޮށްލައިގެން ދުރުން އުޅެވިއްޖެއެވެ. އެކަމަކު ދެން ކުރިން ހިތުގައި އޮތް ލޯތްބާއި، އަޅާލުން ދެވޭނެބާވައޭ ޒަހުރާންގެ ހިތަށް އެރިއެވެ.
މިހުރާން އޭނަގެ އެކުވެރި ޒުވާނުން ތަކަކާއި އެކީގައި ގެއަށް އައިސް ދޮރުހުޅުވައިލީ ބެލް ޖަހައިލުމަކާއި ނުލައެވެ. މިހުރާން ދޮރު ހުޅުވަން އުޅުނުއިރު މިލީނާ އިނީ ބޮޑުކޮޓަރީގައެވެ. ގަޔަށް ބާރު ޓޮޕްކޮޅަކާއި، ޓައިޓެއްލައިގެން ހުރުމުން ކަންބޮޑުވިވަރުން ފިލާނެ ގޮތެއް ނޭގިގެން ގޮސް ވަދެވުނީ ދޮރުގައި ދަމާފައި ހުރި ބޯފޮތިގަނޑުގެ ތެރެއަށެވެ. ދޮރު ހުޅުވާލާފައި އެންމެ ކުރިން ވަނީ މިހުރާންކަމަށް ވުމުން އޭނައަށް މިލީނާ ފިލިތަން ފެނި ކުޑަ ޖެއްސުމެއްކޮށްލާ ހިތްވިއެވެ. އޭނަ އެކުވެރިންނާއި އެކު ރާޒުވާ ކުޅެން ޖައްސާލި ގޮތަށް އެހެން އިނދެ އަތް ދަމާލިގޮތަށް މިލީނާގެ މޭމަތީގައި އަތް ޖައްސައިލިއެވެ. މިހުރާން ގަސްތުގައި އިރުކޮޅެއްވާންދެން އަތް ނުނަގާ މަޑުމަޑުން އެއް ބީޓަކަށް އަތް ޖަހާލިއިރު މިލީނާ އިނީ ނޭވާ ހިފަހައްޓާލައިގެންނެވެ. މިލީނާ އަކަށް އޭނަ އެތަނަށް ވަންކަން މިހުރާންއަށް އެނގުނު ކަމަކަށް ހީކޮށްފައެއް ނެތެވެ. އަދި މިހުރާން ގަސްތުގައި ކޮށްލި ގޯނާއެއް ކަމެއްވެސް ނޭގުނެވެ. އެއަށް ވުރެ އަތް ތިރިކޮށްނުލިކަން ނަސީބެކެވެ.
މިހުރާން ބަނޑުގައި އަތް ޖައްސައިލިނަމަ އޭނަ އަޑުކޮޅަށް ހަޅޭއްލަވައިގަނެވުނީހެވެ. މިލީނާ އެހެން ހުރެ އަނބުރައިގަންނަ ގޮތްވިއެވެ. މޫނު ދަލުން ފެންވެރުނެވެ. އެވަރުންވެސް މިހުރާން އެކުވެރިންނާއިގެން ދާކަށް ނޫޅުނެވެ. އެންމެ ފަހުން އިރުއޮއްސިއްޖެއެވެ. މިލީނާގެ ފައިވާޅުވެ ބަލިވާވަރުވީފަހުން އޭނަގެ އެކުވެރިން ނިކުތުމުން މިހުރާން ހޭންފެށިއެވެ.
"ހައިޑް އެންޑް ސީކް ކުޅެނީތަ؟" މިހުރާން ފޮތިގަނޑު ކަހައިލި އިރު މިލީނާގެ މޫނު ހީވަނީ ގަނޑުފެންކޮޅެއް ހެންނެވެ.
"ކިހިނެއް އެނގުނީ؟" މިލީނާ އެތާހުރިކަން އެނގިގެން ހާދަ ހާލެއްގައި ޖައްސައިފިއެވެ. ވަރެއްގެ ފިރިހެނެކެވެ.
"ފޮތިގަނޑު ތެރޭގައިވެސް މަލެއް ފިލާފައި އިނިއްޔާ ނޭގި ހިގައިދާނެތަ؟ ދެންވެސް ތިހާ ޓިމިޑް ނުވާތި، އަހަރެންގެ ފްރެންޑުން އަޔަސް ފިލަންވީ ކީއްކުރަންތަ؟ އެމީހުންނަށް ތިހެދުމުގައި ހުއްޓާ ފެނުނަސް ރަނގަޅުވާނެ، މިތަންތާ ބީޗަށް ދިޔަސް އެމީހުންނަށް އަބަދު ފެންނާނީ ހެދުން ނުލައި ތިބޭ އަންހެނުން، އެހެންވީމަ އާ ކަމަކަށް ނުވެސް ވާނެ......" މިހުރާން އެހެންބުނީ ސަމާސާ އަކަށް ހަދާފައެވެ. ހަގީގަތުގައި އޭނަގެ އަންހެނުން އެކުވެރިއަކަށް ދައްކާކަށް މިހުރާން ބޭނުމެއް ނުވެއެވެ. އެ ރީތިކަން ފެންނަން ޖެހޭނީ އެކަނި އޭނައަށެވެ. އޭނަވެސް ހިތްހަމަޖެހެނީ މިލީނާ ކަޅުހެދުން ލައިގެން އެމީހުންގެ ކުރިމައްޗަށް އައީމައެވެ. އެ ހެދުމުގެ ތެރޭގައި ފޮރުވިފައިވަނީ ޖަވާހިރެއްކަން އެނގިއްޖެއްޔާ އެމީހުންގެ ހިތް ބޭނުން ނުވާނެކަން އޭނައަށް އެގޭނީ ކިހިނެއް ހެއްޔެވެ؟ އެހެން މީހުންގެވެސް ވާނީ ހިތެކެވެ. ފިރިހެނުންގެ ދަހިވެތި ނަޒަރުން އޭނަގެ އަންހެނުންނަށް ބަލައިލާކަށް ނުޖެހޭނެއެވެ.
މިހުރާންގެ އެ އުސޫލު މިލީނާ އަކަށް ކަމަކު ނުދިޔައެވެ. މިހުރާންގެ އެކުވެރިންނަށް އޭނަ އެގޮތަށް ހުއްޓާ ފެންނާކަށް މިލީނާ ބޭނުމެއް ނޫނެވެ. އެކަމަކު މިހުރާން އާއި ޒުވާބުކޮށްގެން މައްސަލަގަނޑަކަށް ހެދުމުގެ ބޭނުމެއް ނެތީމަ އޭނަ ހިމޭންވިއެވެ.
މިލީނާ ކަލަންޑަރުގައި ބޮޅު އަޅާފައިވާ ދުވަސް ފާއިތުވެގެން ދިޔަތާ އެތައް ދުވަހެއް ފާއިތުވެގެން ދިޔުމުން މިލީނާ އިންތިހާއަށް އުފާވިއެވެ. ކުރީފަހަރުހެން ނުވެދާނެ ކަމުގެ އުއްމީދު ބޮޑުކަމުން އެ ޅަހިތަށް ފިނިކަމެއް ލިބިފައިވެއެވެ. ކުޑަކޮށް ބިރުވެސް ގަނެއެވެ. މިހުރާންއަށް ސިއްރު ކުރަން ހަދައިގެން ލަނޑެއް ނުލިބޭނެ ހެއްޔެވެ؟ މިލީނާ ރޭގަނޑަށް ކެއުން ތައްޔާރު ކޮށްލިތަނާހެން ގޭގެ ބޭރުން މިހުރާން އާއި އެހެން މީހަކު ވާހަކަދައްކާ އަޑުއިވުމާއިއެކު މިލީނާ ސިހޭ ގޮތްވިއެވެ. މިލީނާ ބޭރަށް ނިކުމެ ބަލައިލި އިރު އެއީ މީރާ ފިޔަވާ ދެވަނަމީހެއް ނޫނެވެ. މިހުރާން މީރާގެ ދަބަސް ދަމަމުން ގޮސް ތިރީބައިގެ ކޮޓަރި އަކަށް ވައްދާފައި ނިކުތެވެ.
"މީރާ މިގެއަށް ބަދަލުވީތަ؟ " މިލީނާ ހީކުރީ އޭނަ ވާހަކަދެއްކީ އަމިއްލަ ނަފުސާއި ކަމަށެވެ.
"ވަޓް...." މިހުރާން އެނބުރި ބަލާލައިފިއެވެ. އޭރު މީރާ މިލީނާ އާއި ދިމާލަށް ކަޅިއަޅާލާފައި ގޮސް އެކޮޓަރިއަށް ވަދެއްޖެއެވެ. މިހުރާން ހިތްހަމަނުޖެހިފައި ހުރެ މިލީނާ އާއި ދިމާލަށް އައި ގޮތުން މިލީނާ ފިނޑިވެ، ސިޑި ކާރިއަށް ފަހަތަށް ޖެހިލިއެވެ. މީރާއާއި ދިމާލަށް އެ ސުވާލު ކުރުމަކީ މަނާކަމެއްކަން ހީވި ފަދަ ފަހަރެކެވެ. ބިރުންގޮސް މިލީނާ ގެ ލޯ ބޮޑުވިއެވެ. މިހުރާން އެއްޗެކޭ ނުބުނެ މިލީނާގެ އަތުގައި ހިފައިގެން ބާރަކަށް ސިޑިން މައްޗަށް އެރިއެވެ. މިލީނާ ގަދަނަހަދާނެކަން ނޭގޭއިރު މިހުރާން އެހާ ހަރުކަށިވާންވީ ސަބަބެއް މިލީނާ އަކަށް ނޭގުނެވެ. އެހާ ބާރަށް އެއަތުގައި ހިފާ ތަދުކޮށްލަންވީ ސަބަބެއްވެސް ނޭގުނެވެ. އުފުލާލައިގެން ކަހަލަ ގޮތަކަށް ސިޑި ގިރާކޮށްގެން މައްޗަށް ދިޔައިރު މިލީނާ ގެ ފައި ބިންމަތީގައި ޖެހުނު ކަމެއް ނޭގެއެވެ. އެމީހުން ނިދާ ކޮޓަރިއަށް ވަދެ މިހުރާން ބާރަކަށް ދޮރު ލައްޕާލައިފިއެވެ.