އޭނައަށް ގުޅި މީހަކީ އަޔާދު އެވެ. އަޔާދުގެ އަޑުން ވެސް އަސަރު ކޮށްފައިވާ ވަރު އެނގުނެވެ. އަޔާދު ބުނި ގޮތުން މީރާ ގަސްތުގައި ކާރު އެކްސިޑެންޓް ކޮށްލައިގެން، ހާލު ސީރިޔަސްވެ އޮތީ ކޯމާއެއްގައެވެ. ޑޮކްޓަރު ފުރުމުގެ ހުއްދަ ދޭ އިރަށް އޭނަގެ އާއިލާއިން މީރާ ބޭރަށް ގެންދަން މަސައްކަތް އެބަކުރެއެވެ. މިހުރާން އައުމަށް އަޔާދު ބޭނުންވީ މީރާގެ ހައްގުގައެވެ. މިހުރާންގެ އަޑު ޖެހުމުން ފަހަރެއްގައި މީރާއަށް ޝިފާއެއް ލިބުން އެކަށީގެންވާ ކަމަށް އަޔާދު ބުނެލިއެވެ. ލިބުނު ޝޮކެއްގައި ބަސް ހުސްވެފައި ހުރި ހިނދުކޮޅަކަށްފަހު މިހުރާން އަޔާދުއަށް ހަނދާން ކޮށްދިނީ އޭނަ އާއި މީރާގެ ގުޅުން ނިމިފައިވާ ކަމެވެ. މީރާ ކޯމާގައި އޮތަސް އަޔާދުގެ ލޯބި އިހުސާސް ކުރެވޭ ވަރަށް ވާހަކަ ދައްކައި، ކައިރީގައި ވަގުތު ހޭދަކުރުމަށް މިހުރާން އެދުނެވެ. އަޔާދުއަކީ މިހުރާން އަށް އަލަށް ދިމާވި ޒުވާނެއް ނަމަވެސް މިހުރާން އަޔާދު އާއި ވާހަކަ ދެއްކީ ގާތްކޮށެވެ. މިހުރާންގެ ފަރާތުން އެނގުނު ކަންތައްތަކުން އަޔާދުއަށް ލިބުނު ހިތްވަރަކަށް ވިއެވެ. މާޔޫސްވެފައިވާ ހިތުގައި އުއްމީދުގެ ހުޅުކޮޅެއް ދިއްލިއްޖެއެވެ.

އިއްބާނު ދުނިޔެ ދޫކުރިތާ ހަތަރު މަސްފަހުން އޭނަގެ މަރުގެ ހަގީގަތް ފަޅާއެރިއެވެ. އެރޭ މައިކަލްމެން ޕާޓީއަށް އައިސް އޮޅުވާލައިގެން ޝެމްޕެއިން ބޯން ދިނުމަށްފަހު ތިރީބައިގެ ކޮޓަރި އަކަށް ގޮސްފައި މައިކަލް އިއްބާނުއަށް ހެރޮއިން އާއި ކޮކެއިން ދިނުމުން ބައިވަރު ހޮޑުލެވުނެވެ. އިއްބާނު ކޮންމެވެސް ވަރަކަށް ސަކަރާތްވެފައި ހުރެ ކާކޮޓަރިއަށް ދިޔަތަނުން ޔީވާ ބޭހެއް ގެނެސްދިނީ މައިކަލް ގެ އެދުމަށެވެ. އެ ބޭސްތައް ކައިގެން އުދަގޫވަނީއޭ ކިޔާފައި ބޭނުންވީ އެމީހުންނާއި ވަކިވެގެން ބޭރަށް ދިޔުމަށެވެ. މައިކަލްމެން އެއްގޮތަކަށް ވެސް އިއްބާނުގެ ފުރާނައަށް ނުރައްކަލެއް ވެދާނެ ކަމަކަށް ހިޔެއް ނުކުރެއެވެ. އެމީހުން ބޭނުންވީ އަނެއްކާ އިއްބާނު އެމީހުންގެ ބައިވެރިޔެއްގެ ގޮތުގައި ވުމަށެވެ. ނަމަވެސް އެރޭގެ ހާދިސާ ގެ ޚަބަރު ލިބުމުން މައިކަލްމެނަށް ޝޮކެއް ލިބުނެވެ. އެހާވަރުގެ ހިތާމައެއް އެމީހުންނަށް ލިބުނުކަމެއްވެސް ނޭގެއެވެ.

ރަފާއިލް ގެ މަސައްކަތުން އެމީހުންގެ ދުލުން އެކަމަށް އެއްބަސްވާން މަޖުބޫރު ކުރުވި އެވެ. މައިކަލް މާފަށް އެދުނެވެ. ނަމަވެސް ޑްރަގް ޑީލަރުންނަށް އޮންނާނީ ކޮން މާފެއް ހެއްޔެވެ؟ އެމީހުންނަށް ގާނޫނީ އަދަބު ލިބެން ޖެހޭނެ އެވެ.

ކާކޮޓަރީގައި މެންދުރު އެންމެން ކާން ތިބިއިރު ކުޑަދޮރުތައް ހުޅުވާލާފައި ހުރުމުން ބޭރުގެ މަންޒަރު ފެންނަލެއް ވަރަށް ހިތްގައިމެވެ. ޖެހެމުންދާ ފިނި ވައިރޯޅި ތަކުން ގަހުގެ ގޮފިތައް ހަލުވާލާއިރު އަޅުވާފައިވާ ނާނާގެ އަޑު ފަޒާގައި ހިފާލާފައިވަނީ މިއުޒިކެއް ފަދައިންނެވެ. ކާން ފަށާފައިވެސް އެންމެން ތިބީ ހިމޭންވެފައެވެ. ރަފާއިލްވެސް މިއަދު ކެއުމުގައި ބައިވެރިވި އެވެ. އޭނަ އަލަށް ހޮސްޕިޓަލް ވަޒީފާއަށް ނުކުތް ދުވަސްކަމަށް ވާތީ ހުރީވެސް ފުދޭ ވަރަކަށް ރަސްމީކޮށެވެ. މުށިކުލައިގެ ގަމީހަކާއި ފަޓްލޫނެއްގައި ހުރި އިރު ރީތިކަމުން ޔީވާއަށް އެސްފިޔަޖަހައިލަން ނޭގިފައި އިނދެވުނެވެ. ހުސްހަށިބަޔަށް ހުރީ ރަފާއިލް ކަމަށް ވާތީ ހިތުގައި އޭނަ ހޯދުމުގެ އެދުން ހައްތަހާ ބޮޑުވިއެވެ.

"ހާދަ ވަރަކަށް ތިބަލަނީ؟ އެއްޗެކޭ ބުނަން ބޭނުމީތަ.... އަހަރެން މިހިރީ ޔީވާ ނުފެނިފައި....." ރަފާއިލްގެ ތޫނު ނަޒަރު ހުއްޓައިލީ ޔީވާ އަށެވެ. ޔީވާގެ ހިތުގައި ފޮނި ރާގެއް ކުޅެލުމާއި އެކު ވަގުތުން ތުއިވެލައިފި އެވެ.

"ހެހެ... ރަފޭލްވެސް ދެން ތި ދެއްކި މަޖާވާހަކައެއް......" ޔީވާ ޖަހައިލީ ހިނިގަނޑެކެވެ.

"އަހަރެން ސަމާސާ ކުރާކަށް ނޫޅެން..... ބެންގެ މަރާއި ބެހޭ ގޮތުން ތަހުގީގު ކުރަނިކޮށް އެނގުނީ ޔީވާ އިންވޯލްވް ވާކަން، އަނެއްކާ ޝައްކުވާ ކަހަލަ އެއްޗެއް ތި ރޫމުން ފެނިފައި ވަނީ، ތި ރޫމްގައި ހުރި ވޭލިއަމް އާއި އިލީގަލް ޑްރަގްތަކެއް....... ޑްރޯވަރ ތަކެއް ހަލާކުކޮށްލެވުނީމަ ސޮރީ އިނގޭ..." ރަފާއިލް ފެށި ވާހަކަ އަކުން އެންމެނަށް ސިހުމެއް ލިބިއްޖެއެވެ. ރަފާއިލްގެ މޫނަށް ބަލަން ތިބެވުނީ ހިމޭންކަމާއި އެކުގައެވެ. ޔީވާ ގެ އަނގަ ރަކިވިއެވެ.

ރަފާއިލް އިނީ އިންތިހާއަށް ޔީވާ ދެކެ ފޫހިވެފައެވެ. އިއްބާނުގެ މަރާއި ޔީވާ އާއި ގުޅުމެއްވާ ކަމަށް ވެސް ހިތްބުނަނީ އެވެ. އެހެންނޫންނަމަ އެ ކޮޓަރިން މިފަދަ ބޭސްތަކެއް ފެނިގެން ނުވާނެ އެވެ. މައިކަލްގެ ފަރާތުން އެތަންކޮޅު އޮޅުން ފިލުމާއި އެކު އޭނަ ޔީވާއަށް ސިއްރުކޮށްގެން ހުރެފައިގޮސް އެ ކޮޓަރި ހާވާލާފައި މި އެއްޗެހި ފެނުނީ ލައްކަ މަސައްކަތަކުންނެވެ. ބައެއް ވައްގަނޑުތައް ހުޅުވައިލަން ޖެހުނީ ތަޅުހަލާކުކޮށްލައިގެންނެވެ.

"ވަޓް......." ޔީވާ ދެލޯބޮޑުކޮށްލަމުން ހައިރާންވި ކަމަށް ހެދުނެވެ.

"އެކްޓްކުރާނެ ކަމެއްނެތް، ހަގީގަތް ކިޔައިދީ، އެރޭ ބެން ބޮލުގައި ރިއްސާފައި ވޮމިޓްކުރީމަ ޔީވާ ގާތުގައި ބުނެގެން ބޭސްތަކެއް ގެނެސް ކާންދިން ކަމަށް މައިކަލް ބުނި.. އެހެންވީމަ އަހަންނަށް ޝައްކުވީ، އެބޭސް ކާންދިނީމަ ބެން މާ ޑްރައުޒީ ވެ ބަލިވެގެން އުޅުނު ކަމަށް އެމީހުން ކިޔައިދިން، ބެން ނޭވާނުލެވެޔޭ ކިޔާފައި ސިޓިން ރޫމަށް ދިޔަތަނުން ކަންނޭގޭ ފެއިންޓްވީ، އެހެންވެ ހިތަށް އަރަނީ ޔީވާ ގަސްތުގައި ބޭހެއް ކާންދީގެން ބެންގެ ކޮންޑިޝަން އިތުރަށް ގޯސްކޮށްލީއޭ، އެހެންނޫންނަމަ ބެން އެހާ ބަލިވިކަން އެނގިގެން ގޭ މީހެއްގެ ކައިރީގައި ބުނެވެން ޖެހޭނެ، އެހާ ސިންސިއަރ ނުވިއެއްނު... އަނެއްކާ ޔީވާއަށް ރަނގަޅަށް އެނގޭނެ އޯވަރޑޯޒްވެފައި ހުއްޓާ އަދި ތިގޮތަށް ފާޑުފާޑުގެ އެއްޗެހި ދިނީމަ ހައްތަހާ ކޮންޑިޝަން ގޯސްވާނެކަން، އެހެންވީމަ ޑެލިބެރޭޓްކޮށް ކުރިކަމެއްނު، އެހެންނޫނަސް މައިކަލް އާއި ދެމީހުންގެ އޮތް ގުޅުންވެސް ނޭގެނީއެއްނޫން....." ރަފާއިލްގެ ވާހަކައިން އެތަނަށް ވެރިވީ މަރުފަދަ ހިމޭންކަމެކެވެ. 

އެންމެންގެ ސަމާލުކަން ހުއްޓުނީ ޔީވާގެ މޫނަށެވެ. މިޝެލިންގެ ދެލޯ ކަރުނުން ވިދާލިއެވެ. 

"އައި ވިލް ކިލް ޔޫ...." މިޝެލިން ޔީވާ އާއި ކައިރިވި ތަނުން ޔީވާގެ މޫނަށް ހޫނުވިވަރުން އަތް އަޅައިލެވުނެވެ. ނާޒުކްކޮށް ހުއްޓަސް އެޖެހީ ހާދަ ވަރުގަދަ އެތިފަހަރެކެވެ. ޔީވާ ލަދުގަތުމުގެ ބަދަލުގައި އަދި މިޝެލިންގެ ސްކާފްގައި ހިފާ ދަމައިގަތުމުން މިހުރާން އެދޭތެރެއަށް ވަދެ ޔީވާ ހޫރުވާލައިފި އެވެ. މިޝެލިން މަޑުމަޑުން ރޮއިރޮއިހުރެ މިހުރާންގެ މޭގައި ބޯޖައްސާލައިފި އެވެ. މިހުރާން މިޝެލިން އާއި ވާހަކަ ދެއްކީ އޯގާތެރިކޮށެވެ. މިޝެލިންއަށް ކޮށްފައިވާ އަސަރު އެތާ ތިބި އެންމެނަށް އެނގުނެވެ. މިހުރާން މިޝެލިން ގޮނޑީގައި ބައިންދާފައި ޔީވާ އާއި ދިމާލަށް ދިޔައެވެ.

"ޔީވާ، ޔޫ ބެޓަރ ޓެލް ދަ ޓްރުތް... އެހެންނޫނީ ފުރާނަވެސް ދަމައިގަންނާނަން......" މިހުރާން ބަލަހައްޓައިގެން ހުރީ އަލިފާނުގެ ބެލުމަކުންނެވެ. އަތްމުށްކަވާލެވިފައެވެ.

"އަހަރެން ބިރުގަންނަވަން މިހުރާންވެސް އުޅޭނެ ކަމެއްނެތް، ތިއީ އަދި މާ އެންޖެލިކް މީހެއްތަ؟ ފަތިފުށް އެނގިއްޖެއްޔާ މިލީނާވެސް ދުވެ ފިލާނެ، އޮފީސް ހުރިހާ ކުދިންނާއި އެކީގައި ސްލީޕްކޮށްފައި ނުވެގެން މީރާ ގޮވައިގެން ގޮސް ރަފާއިލް މެން ގޭގައި އޮންނަނީ، ރަފާއިލްއަށްވެސް ދޮގެކޭ ނުބުނެވޭނެ....." ޔީވާ ގެ ލަދުގެކަންފުޅެއްވެސް ނެތި އެންމެން ގެތެރޭގައި އެފަދަ ވާހަކަތައް ދައްކާތީ އެންމެނަށް ޝޮކެއް ލިބުނެވެ.

"އެންމެންނާއި އެކީގައި އުޅުނަސް މަ ކަލޭ ކައިރިއަށް ދިޔައޭ ނުބުނެވޭނެ ދޯ.. މިހާރު ތިއުޅެނީ ބޫ މަރާލާފައި ވާހަކަ އޮޅުވާލަންވެގެން ތަ؟ ކޮން ބޭހެއް ކާންދިނީ......." މިހުރާން ހުރީ ބުމަ ގޮށްޖަހާލާފައި ޔީވާ އާއި ދިމާލަށް އެއް ފިޔަވަޅު ކުރިއަށް އެޅިއެވެ.

"ރަފާއިލް ބެން މަރާލާފައި އަހަރެން ފްރޭމް ކުރަން އެއުޅެނީ...... އޭނައަށް ތިފާޑުގެ ބޭސްތައް ފަސޭހައިން ލިބޭނީ، އަހަންނަކަށް ނޭގޭ...." ޔީވާ ހަޔާތުގައި ފުރަތަމަ ފަހަރަށް ބިރުގަނެއްޖެއެވެ. ވަށްކަޅި އަކުން އެންމެންގެ މޫނަށް ބަލައިލެވުނު އިރު އެންމެންގެ ލޮލުންވެސް ފެނުނީ ދެކޮޅުވެރި ކަމާއި ނަފްރަތެވެ. ރަފާއިލްގެ އަނގައިން ބުނެލި އެންމެ ބަހަކުން އޭނައަށް އެންމެން ކުރި އިތުބާރު ގެއްލިއްޖެއެވެ. ފަސޭހައަކުން ސަލާމަތެއް ނުވެވޭނެއެވެ. އެހެންނޫނަސް މައިކަލް އޭނަދެކެ ލޯބިވާކަމަށް ހެދިގެން ހުރެފައި ބޭވަފާތެރިވެ އޭނަގެ ސިއްރުތައް ރަފާއިލްއަށް ކިޔާދީފިއެވެ. އެހެންނޫންނަމަ ރަފާއިލްއަށް މިކަންތައް އެނގެން ޖެހޭ ސަބަބެއްނެތެވެ.

"މައިކަލްއަށް ރަނގަޅަށް އެނގޭނެ އަހަރެން ގެންގޮސްދިނީ ފެނެގަރން ގުޅަ އަކާއި، ޕެނެޑޯލް ކަން...... ރަފާއިލް ކޮން ދޮގެއް ހަދާކަށްތަ؟" ޔީވާ ތުން އަނބުރައިލި އެވެ.

"ޔީވާ މިގެއިން އަގުބޮޑު ޖަވާހިރު ޖެހި ޖްވެލްރީތައް ވަގަށް ނަގައިގެން ގެންގޮސް މައިކަލްއަށް ދީގެން ތިބުނާ އިލީގަލް ޑްރަގް ހޯދަން ފެށީ، ތަންތަނަށް ތަދުވާތީ އޭ ކިޔާފައި ބޭސް ހޯދައިގެން ރައްކާ ކުރާނީ ކޮންމެވެސް ބޭނުމެއްގައިކަން ޔަގީން..... ބެންއަށް ބޭސްކާން ދިނީ ކާކުކަން އެނގިދާނެ ޝަރީއަތުގައި، ޖަލަށް ދާނެ މީހަކުވެސް ނިންމާނީ ޖަޖް......." ރަފާއިލްގެ ސީރިޔަސް ވާހަކަތަކުން ޔީވާ ތުންފަތް ހަފަން ހުރެފައި ވަރުގަދަ ޖަވާބެއް ދިނެވެ. 

ރަފާއިލް އިއްބާނު މަރާލީ މިޝެލިންގެ ބޭނުމުގައި ކަމަށެވެ. މިޝެލިން އާއި ދެމީހުންގެ ސިއްރު ގުޅުމެއް އޮންނަކަން އޭނައަށް އެނގޭތާ ޒަމާންތަކެއް ވެއްޖެ ކަމަށާއި އެކަން ރަފާއިލްމެނަށް އެނގޭތީ އޭނަ ނައްތާލަން ވެގެން ވާހަކައެއް ހަދައިލީ ކަމަށެވެ. މިޝެލިން ވަގުތުން އެކަމަށް ރައްދު ދިނެވެ. ރަފާއިލް އިއްބާނު ޑްރަގާއި ދުރުކުރަން މަސައްކަތް ކުރިވަރާއި، އެބުނާ މައިކަލްމެންނާއި އެކު ނޫޅެން ނަސޭހަތްތެރިވިރުން އިއްބާނު ރަފާއިލްއަށް ޝުކުރު ކުރި ކަމަށެވެ. ޔީވާ ދޮގުހެދިޔަސް އެދޭތެރޭގައި އޮތް ގުޅުން އެންމެ ރަނގަޅަށް އެނގޭނީ އިއްބާނުއަށް ކަމަށް މިޝެލިން ބުނެލިއެވެ.

"ޔީވާ މިގެއިން ނުކުމެގެން ދޭ، އަހަރެން ބޭނުމެއްނޫން އަހަރެންގެ ދަރިފުޅު ދުނިޔެއާއި ވަކިކޮށްލި މީހަކު މިގޭގައި އެންމެ ސިކުންތަކަށްވެސް ހުންނަން، އިހުސާންތެރިކަން ގަބޫލުކުރަން ދަންނަ ޒާތުގެ މީހެއްނޫން ތިއީ....." އެލީސާ ތެދުވެފައި ހަރުކަށިކޮށް ބުނެލި ޖުމްލައަކުން ޔީވާ ދެލޯބޮޑުކޮށްލިއެވެ. އެލީސާވެސް އެންމެ ފަހުން ރަފާއިލްގެ ވާހަކަ ހެއްކަކާއި ނުލައި ގަބޫލުކުރީއެވެ.

"މިއޮތީ ހެކި.... މައިކަލް ރިކޯޑްކޮށްފައިވާ ތަންކޮޅެއް...." ރަފާއިލް ފޯނު ޖެއްސުމުން ޔީވާގެ މޫނުގެ ކުލަ ފަނޑުވެގެން ދިޔަތަން އެންމެނަށް ފެނުނެވެ. އޭގައި ޔީވާ މައިކަލް ގާތުގައި އެއްބަސްވަނީ އިއްބާނުއަށް އޭނަ ދިނީ ވޭލިއަމް ތަކަކާއި ތަދުކަނޑުވާލާ ބޭސްތަކެއްކަމެވެ. ގަސްތުގައި އިއްބާނު މަރާލަން އޭނަ ބޭނުންވި ކަމަށާއި، އިއްބާނު އާއި މިޝެލިން އެކީގައި އުޅޭތަން ފެންނަ ކޮންމެ ފަހަރަކު ހިތް ހަސަދައިން ފުރޭކަމުގައެވެ. އެ މަންޒަރު ބަލަން އޭނަ ހުރެ ހުރެ ކެތްތެރިކަން ކޮޅުންލައިގެން ދިޔަކަމަށާއި އިއްބާނު މަގުން އެއްފަރާތް ކޮށްލަން ފުރުސަތަކަށް ބަލަބަލާ ހުރިކަމެވެ. މިޝެލިން ބާރުބާރަށް ރޯންފެށިއެވެ. ހަގީގަތް ރީތިކޮށް މިއޮތީ ފަޅާއަރާފައެވެ. އިއްބާނުއަށް ޔީވާ ގަސްތުގައި އެތައްބޭހެއް އެއްފަހަރާ ކާންދިނީއެވެ. އެވެސް މަރައިލުމުގެ ނިޔަތުގައެވެ.

"އާންޓީ، އެއީ ދޮގެއް، އަހަރެން މައިކަލްއަށް އޮޅުވާލަން ވެގެން އެހެން ބުންޏަސް....." ޔީވާގެ ޖުމްލަ ފުރިހަމަ ނުވަނީސް މިހުރާންގެ އަތުގެ ހޫނު އެތިފަހަރެއް ޔީވާގެ އަނގަ މައްޗަށް އެރިއެވެ.

"ބިޗް....." މިހުރާން ހަޅޭއްލަވައިގަތެވެ. އެބަސް އަނގައިން ބޭރުވިފަހުން އޭނަގެ ބައްޕަ އާއި އާއިލާގެ އެހެން މީހުން ތިބިކަން ހަނދާންވެފައި ލަދުގަންނަގޮތްވިއެވެ.

"ދަރިފުޅާ....." ހައިތަމް ތެދުވެގެންގޮސްފައި މިހުރާން ޔީވާ އާއި ދުރުކޮށްލީ ދަރިފުޅުގެ ރުޅި ކޮންޓްރޯލުން ނައްޓައިފިނަމަ އޭނަގެ އަތުން ޔީވާ މަރުވެދާނެ ކަމުގެ ބިރު ހީވެލައްވާފައެވެ.

"ޑޭޑް ކިހިނެއް ކެތްކުރާނީ ޝީ ކިލްޑް އަވަރ ލިޓްލް ބްރަދަރ، އެކަމަކު ނޭގި ތިބެ މި އަންހެނާ މިހުރިހާ ދުވަހު މިގޭގައި......" މިހުރާން ގެ ދެލޮލުން ކަރުނައިގެ މުތީތައް ވިދާލިއެވެ. އިއްބާނު މަރުވިފަހުން މިގޮތަށް އެންމެންގެ ކުރިމަތީގައި މިހުރާންގެ ލޮލުން ކަރުނައިގެ އަސަރު ފެނުމުން އެންމެންނަށްވެސް މިހުރާންގެ ހިތަށްކޮށްފައިވާ އަސަރު ވަޒަންކުރެވުނެވެ. އެލީސާ ވެސް ރޯންފެށިއެވެ. ޔީވާ އެމީހުންގެ ދެލޮލުގެ ނޫރުފަދަ ދަރިފުޅުގެ ފުރާނަ ދުއްވާލާފައި އެންމެންގެ ލޯބި ލިބިގެން މިގޭގައި އުޅުނީއެވެ. އެދުވަސްތަކަށް އެލީސާގެ ހިތް ލައުނަތް ދިނެވެ.

"އެކަކަށްވެސް އިއްބާނުގެ ކުށެއް ނުފެންނާނެ، ހީ ރޭޕްޑްމީ، އަހަރެން ޕްރެގްވީމަ އަދި އުޅުނީ ދަރިފުޅު ނައްތާލަން، އެހެންވެ އަހަންނަށްވެސް މަޖުބޫރުވީ އިއްބާނުގެ ދުވަސް ދުއްވާލަން، އައިމް ޕްރެގް ވިތް ހިޒް ޗައިލްޑް......." ޔީވާ އަދިވެސް ދޮގުހަދައިގެން އުޅުނީ އަމިއްލަ ކުށެއްނެތްކަން އަންގަންވެގެންނެވެ. މިފަހަރު ޔީވާ އެދެއްކި ވާހަކަތައް ގަބޫލުކުރާނެ ފުރާނައެއް އެތާކު ނެތެވެ. ޔީވާ ބަލިވެ އިނދެފާނެއެވެ. ނަމަވެސް މައިކަލް އަކާއި ރައްޓެހި ވެގެންކަން ޔަގީނެވެ. އެވަރުންވެސް އިއްބާނު ދުނިޔޭގައި ނެތި އަނެއް ދޮގު އިލްޒާމު އެޅުވީއެވެ.

"ތިބުނާ ދަރިފުޅު އުފަން ވީމަ އަހަރެމެން ގާތަށް ގެނޭ، އަހަރެމެންގެ ދަރިފުޅުގެ ކުއްޖަކަށް ވިއްޔާ އެކުއްޖަކު ގަބޫލު ކުރާ ގޮތަށް މިތިބީ، އެކަމަކު ދެނެއް ޔީވާއަކަށް މިގޭގައި އެއްވެސް މަގާމެއްނެތް، ކަލޭ މިގެއިން ނުކުމެގެން ދޭ......" ޒަހާރާ ވެސް އަމުރުކުރިއެވެ.

"އަހަރެން އެންމެ ކުރިންވެސް އެލީސާ ގާތު ބުނިން މިއީ އުފުރާލަންވެއްޖެ ކަށްޓެކޭ، ވިހަގަދަ އަންހެނެކޭ، އޭނަގެ ލޮލަށް ފެންނަ ކޮންމެ ފިރިހެނަކާއި ހެދި މަރުދަންޖެހޭނެ، ކިރިޔާ އަހަރެމެންގެ އެހެން ދަރިންތައްވެސް މި އަންހެނާގެ ފަރާތުން ސަލާމަތްވީ، ދެންވެސް އެލީސާ ގެއަށް ފާޑު ފާޑު އަންހެނުން ނުވައްދާ..." މަލަކާ އެވަގުތުވެސް ރުޅިގަދަވެފައި ބަހުގެ ވަރުގަދަ ހަމަލާއެއް އެލީސާއަށް ދީފިއެވެ. އޭރު އެންމެން ތިބީ ތަށިތައް އެއްފަރާތަކަށް ޖައްސާލައިގެން މި ނިއުޅެމުންދާ ކަންތައްގަނޑުގެ ސަބަބުން ކާހިތް ކެނޑިފައެވެ.

އެލީސާގެ ހިތަށް ތޫނު ތަދެއްވިއެވެ. އެއީ ތެދެކެވެ. މަލަކާ ކިތަންމެ ފަހަރަކު އޭނައަށް ވިސްނައިދިނެވެ. ހިލޭ އަންހެންކުއްޖަކު އެގޮތަށް ގޭގައި ގެންގުޅުމުން ގެ ފަސާދަވެ މައްސަލަތައް ޖެހުން ނޫންކަމެއް ނުވާނެކަން މަލަކާ ދަނެއެވެ. އެވަރަށް ބުނީމަ ބުނިގޮތަށް ހެދުނު ނަމައެވެ. އޭނަގެ ބަސްއަހާ ދަރިފުޅު ދުނިޔެއިން ވަކިވީ އޭނަގެ ކުށުންނެވެ. އެލީސާ ރޮއި ރޮއި ހަލާކުވާވަރުވިއެވެ.

"އެނގޭ އަހަރެމެންގެ ދަރިފުޅު މަރުވެގެން ދިޔައީ އެއްވެސް ކުށެއްނެތި ކަން. އެހާ ރަނގަޅު ކުއްޖަކު އަހަރެމެންނާއި ވަކިކޮށްލީ ވަރަށް ނުބައި ބަޔެއް، ބަޔެއް މީހުން ބުނެފާނެ އާޚިރަތް ދުވަހުން އެކަމުގެ ސަޒާ އެމީހުންނަށް ލިބޭނެއޭ، އަހަރެންވެސް ގަބޫލުކުރަން އެގޮތް، ބޫ މަރާލި ބަޔަކަށް ދުނިޔެއިން ކިތަންމެ ބޮޑު ސަޒާއެއް ދިނަސް އަހަރެމެންގެ ދަރިފުޅު އަނބުރާ އަންނާނީ އެއްނޫން. ނަމަވެސް ދީނުގައި އޮވޭ ކުށްކުރާމީހުންނަށް އަދަބުދޭން، އޭރުން އެފަދަ އެހެން މީހުންގެ ހައްގުތައް ހިމާޔަތް ކުރެވޭނީ، ދުނިޔޭގައިވެސް ކުށްވެރިންނަށް އަދަބު ލިބެންޖެހޭ ސަބަބަކީ އެހެންވެ...." ހައިތަމް ނިންމެވިއެވެ. 

"ދަން ޖައްސާ މަރާލީމަ ނޫނީ ހިތަކަށް ހަމަޖެހުމެއް ނުލިބޭނެ......" މަލަކާގެ ވާހަކައަށް މިޝެލިން ހިތާހިތުން ތާއީދު ކުރިއެވެ. އޭނަ ދެކެން ބޭނުމީ އެމީހުންގެ ކަރަށް ދަންޖައްސާ މަޅިގަނޑު ވެއްޓޭ ދުވަހެވެ.

"އޭރުވެސް ބުނިން ބެން އަލުން ޑްރަގް ނުނަގާނެއޭ، އެހާވެސް ރަނގަޅަށް ބެން އުޅުނީ، ރެގިއުލަރކޮށް ޕްރޭކުރި، ގުރުއާން ތަރުޖަމާ އަބަދު ބަލާނެ، ބެން ކުރެވުނު ފާފައަށް ތައުބާވި އަދި އެކަމާއި އެހާ ދެރަވި، ޕްރޮމިސްކުރި ޑްރަގް ނުނަގާނެ ކަމަށް، އަންނަ އަހަރު ހައްޖަށް ދާންވެސް ޕްލޭން ކުރި، އެވަރަށް ޓްރަސްޓް ކުރެވުނީ އެހެންވީމަ..." މިޝެލިންގެ ދެލޮލުގައި ބޮޑެތި ކަރުނަތިކިތައް ވިދާއިރު އެ ތޫނުފިލި ދެލޮލުގެ ރީތިކަމުން އެ ދަނޑިވަޅުގައި ވެސް ރަފާއިލްގެ ނަޒަރު މިޝެލިންގެ މޫނަށް ހުއްޓުނެވެ. ތުން ފިތާލައިގެން ހުރެ ރުއިން ހުއްޓަން މަސައްކަތް ކުރާތަން ފެނުމުން ހިތްހަމަޖައްސައިދޭން ދާން ބޭނުންވިއެވެ.

މިއަދު މިޝެލިންގެ ހިތް ކަތިލެވިއްޖެއެވެ. ޔީވާ އޭނަގެ މުޅި ހަޔާތް ބަރުބާދު ކޮށްލައިފި އެވެ. މިގެއިން ކުރިން ނެރެލެވުނު ނަމައެވެ. މިހާ ނުބައިކަން ކުރިން އެނގުނު ނަމައެވެ. މިޝެލިންގެ ހުރިހާ އުފާތައް އެ ޔީވާ ޖަހައިގެންފިއެވެ.

ޕޮލިހުން ޔީވާ ގެންދަން އައުމުން ޔީވާއަށް އަސަރުކުރިއެވެ. އެހާ އުފާވެރި، ރީތި ދިރިއުޅުމެއް ލިބިފައި އޮތްވާ ހަސަދައިގެ އަލިފާން އޭނަ ހަލާކުގެ ތެރެއަށް ވައްޓާލައިފި އެވެ. ޔީވާއަށް ވިސްނުނީ ވަގުތު ފާއިތުވީފަހުންނެވެ. އެލީސާ ދަރިއެއް ފަދައިން ގެންގުޅުމުން އެކަމުގެ ބަދަލުގައި އޭނަ އެލީސާއަށް ދިނީ ކޯޗެއް ހެއްޔެވެ؟ އެ އިތުބާރުގެ ނިވަލުގައި ހުރެ އޭނަގެ ފިރިހެން ދަރިންގެ ދިރިއުޅުމަށް ދަތިކުރަމުން ގޮސް އެންމެ ލޯބިވާ ދަރިފުޅު މަރާލީ އެވެ. އެހާވަރުގެ އަންހެނަކަށް އެލީސާ ދުވަހަކު މާފު ދޭނެ ހެއްޔެވެ؟ އެއީ ފަހަރެއްގައި ވެސް ވާނެ ކަމެއް ނޫނެވެ. ޔީވާ މާފަށް އެދިފައި ރުޔެވެ. އާދޭސްކުރިއެވެ. ނަމަވެސް އެލީސާ މޫނު އަނބުރައިލީ އެވެ.

އިއްބާނުގެ މަރުގެ ހަގީގަތް އެނގުމަށްފަހު އެންމެނަށް ކުޑަ ހިތްހަމަޖެހުމެއްވެސް ލިބުނެވެ. އިއްބާނު މަރުވީ އަމިއްލައަށް ޑްރަގް ބޭނުން ކޮށްގެނެއް ނޫނެވެ. އޮޅުވާލައިގެން ބަޔަކު ހިންގި ކަމެކެވެ. އެފަދަ ފާފައެއްކޮށްގެން ނެތިގެން ދިޔުމަށްވުރެ އެގޮތް މާ ރަނގަޅެވެ. އިއްބާނުގެ ކުށެއްނެތި އެހާ ޅައުމުރުގައި ދުނިޔެ ދޫކޮށްފައި އެދިޔައީ އެކުވެރިންގެ އިހުމާލުންނެވެ. ނޭގުމުގެ ތެރޭގައި އާއިލާތަކަށް އެފަދަ ކިތައް ހިތާމަ ލިބިފައިވާނެ ހެއްޔެވެ؟ ނުބައި އެކުވެރިންގެ ސަބަބުން ކިތައް ކުދިން ޑްރަގްގެ ޝިކާރަ އަކަށް ވާނެހެއްޔެވެ؟ ޑްރަގަކީ މުޅި ދުނިޔެއިން ނައްތާލަން ޖެހޭ ބޮޑު ވަބާއެކެވެ. ކޮންމެވެސް ބަޔެއްގެ ފިރިހެންދަރިއެއް ނޫނީ ލޯބިވެރިޔެއް ނޫނީ ފިރިޔެއް އެ ގޮތުގައި ދުނިޔެދޫކޮށް ދާއިރު ފިޔަވަޅުނާޅާ ތިބެންވީ ހެއްޔެވެ؟

މާޒިންގެ ދައްތަ މަލަކާ މިހާރު އުޅެނީ މާޒިން އާއި ސޯފިޔާގެ ގާތުގައި އެގޭގައެވެ. މަލަކާ ބުނާގޮތުން އޭނަ ބޭނުމީ މިހާހިމޭން މާހައުލެކެވެ. އުމުރުން ވަކި ހިސާބަކަށް ދިޔުމުން އަޅުކަމާއިގެން އުޅުން މަލަކާއަށް މުހިއްމުވީއެވެ. އެހެންނޫނަސް ސޯފިޔާ ކައްކާ އެއްޗެހި މީރުކަމުން އެހެން ތަނަކުން ކާހިތް ނުވަނީކަމުގެ ބަހަނާވެސް ދެއްކިއެވެ. ސޯފިޔާ ހުންނަނީ ޝައްކެއްގައެވެ. މަލަކާގެ އެ އަމަލުގެ ފަހަތުގައި ސިއްރު އެޖެންޑާއެއް އޮވެދާނެތީ އޭނަ ބިރުގަނެއެވެ. ނަސީބަކުން ކުރިން ހަދާގޮތަށް ފާޑުކިޔާ އެއްޗެހި ކިޔުމުގެ ބަދަލުގައި ސޯފިޔާ ކުރާކޮންމެ ކަމަކަށް މަލަކާގެ ދުލުން ހިފެހެއްޓުމެއްނެތި ތައުރީފު އޮހެއެވެ. އެހާ ފާޑުވެރި ޅީދަރިއެއް ލިބޭނީ ނަސީބުވެރިޔަކަށޭ ބުނެއެވެ.

މާޒިންވެސް މައިންބަފައިން ގެ ހަގީގަތް ނޭގި މާ ދުވަސްވާން ފެށުމުން ދޭތެރެއަކުން ހިތުގައި ސުވާލު އުފެދެއެވެ. އޭނަ ހުންނަނީ މަންމަ ކައިރިން އަހާލަން ބޭނުންވެފައެވެ. މަރަކީ ދާދި ގާތުގައިވާ އެއްޗެކެވެ. ކޮންމެ އުމުރެއްގައި ވެސް ދުނިޔެ އާއި ވަކިވާންޖެހިދާނެކަން އެނގޭތީ މަރުވުމުގެ ކުރިން އެ ސިއްރު އެނގުން މާޒިންއަށް މުހިއްމެވެ. އޭނަ ދުނިޔެއަށް ގެނައި ބަޔަކު އޮޅުން ފިލުވުމުގެ ހައްގު އޭނައަށްވެސް އޮންނާނެތާއެވެ.

މަލަކާ ފެންޑާގެ ސޯފާއެއްގައި އިށީދެލައިގެން ދީނީފޮތެއް ބަލަން ގެއްލިފައި އިންދާ މާޒިން ކުރިމަތީގައި ހުރި ސޯފާގައި ޖައްސައިލިއެވެ. މަލަކާ އިސްއުފުލާލާފައި މާޒިންއަށް ބަލައިލީ ލޯބިން ފުރިގެންވާ ނަޒަރަކުންނެވެ.

"ޑިއުޓީ ނިންމާލާފައިތަ؟ ފޯނުކުރަން ހުއްޓާ ހަނދާންނެތުނީ، ފިނިވީމަ ކުޑަކޮށް ނޭވާއަށް އުނދަގޫވެފައި މިހިރީ، ނެބިއުލައިޒް ކުރާ ސޮލިއުޝަން ހުސްވެފައި ހުރީ....." މަލަކާ އެހެން ބުނުމުން މާޒިން ހަނދާންވީ އޭނަގެ ދަރިފުޅު މިޝެލިން އެވެ. މިޝެލިން ވެސް ކުޑައިރު ނޭވާއަށް އުދަގޫވިއެވެ. އެއީ އާއިލާގައި އެ މައްސަލަ އުޅޭތީ ކަންނޭގެއެވެ. ނަސީބަކުން ވަކި އުމުރަކުން ރަނގަޅުވި ގޮތަށް އަދި އެފަދަ އުދަގުލެއް ކުރިމަތި ނުވެއެވެ. މާޒިން ވަގުތުން ތެދުވެގެން ހިނގައިގަތީ ދައްތަ ބުނިކަމެއް ކޮށްދިނުމަށެވެ. މަލަކާ ހައިރާންވިއެވެ. މާޒިންގެ ރަނގަޅު ކަމަކީ އެއީއެވެ. މީހަކު ބުނިކަމެއް ކުރަން މިނިޓެއްވެސް ފަހެއް ނުޖެހޭނެ އެވެ.

މާޒިން ނެބިއުލައިޒް ކުރަން ބޭނުންކުރާ އެއްޗެހި ހިފައިގެން އައިސް ނެބިއުލައިޒަރ ގުޅާލަދިނުމުން މަލަކާ މާޒިންގެ ނިތްކުރީގައި ބޮސްދިނެވެ.

"ދައްތާ، މިއީ އެވަރުކަމެއް ނޫނެއްނު، ހަގީގަތުގައި ދައްތަމެން ގެ އިހުސާންތެރިކަމުގެ ސަބަބުން އަހަރެން މިހުންނަނީ ބުނާނެ އެއްޗެއްވެސް ނޭގިފައި، މާލޭގައި ހުންނަ ގެވެސް މިލްކުކޮށްދިނީ، އަމިއްލަ ދަރިއަކާއި މެދު ކަންތައް ނުކުރާނެހާ ރަނގަޅަށް މަންމަ ކަންތައް ކުރަނީ، އެކަމަކު އަހަންނަށް އެނގޭ އަހަންނަކީ އެޑޮޕްޓްކޮށްފައިވާ މީހެއްކަން، ހަގީގީ މައިންބަފައިންނަކީ ކޮން ބަޔެއްކަމެއް އަދިވެސް ނޭގޭ، ދައްތައަށް އެނގެންޏާ ބުނެދީފާނަންތަ؟" މާޒިންގެ އެ ސުވާލުން މަލަކާގެ މޫނު ހުދުވެ ކަފަކޮޅަކަށް ވެއްޖެއެވެ. މާޒިންއަށް އެނގުނީ ކިހިނެއްބާވައެވެ.

"ކާކުތަ މާޒިން ގާތު އެހެން ބުނީ..." މަލަކާގެ އަޑު ކަރުތެރޭގައި ތާށިވި ނަމަވެސް އޭނަ އަޑު އެއްވަރަކަށް ހިފަހައްޓަން ސަމާލުކަން ދިނެވެ. ނަމަވެސް ނިތްކުރީގައި ވިދަންފެށި ދާތިކިތައް ހާމަކޮށްދިނީ ހާސްވެފައި ހުރި މިންވަރެވެ.

"މަންމަ އާއި ދައްތަ ދެއްކި ވާހަކަ އަޑުއިވުނީ، އެހެންވެ އަހަރެން ސޯފިޔާ ގޮވައިގެން މާލެ ދިޔައީ......." މާޒިންގެ ވާހަކަތަކުން މަލަކާ އިނީ ބިރުގެންފައެވެ. ނަމަވެސް އޭނަ އެކަން އެނގުނު ކަމަކަށް ނަހަދާ ހެދީ ދޮގެވެ. އެއްގޮތަކަށްވެސް އެފަދަކަމެއް އެނގިފައި ނުވާކަމަށް ބުނިއިރު މަލަކާ އިނީ މަންމައަށް ގުޅާފައި އެ ޚަބަރުދޭ ހިތުން ކެތްނުލަވާފައެވެ. މާޒިންއަށް އެކަން އެނގިހުރެ އެތައް ޒަމާނެއްވާންދެން ސިއްރުކޮށްގެން ހުރިކަމާއި މެދު މަލަކާ ހައިރާންހީވިއެވެ. ހާދަ ކެތްތެރިއެވެ. ހާދަ ސިއްރު ހިފަހައްޓަން ދަނެއެވެ.

"އަހަރެންގެ އަންހެނުންނާއި ކުދިންނަށްވެސް އެކަން އެނގޭ..." މާޒިން އިތުރަށް ބުނެދިނެވެ.

"މާޒިން މަންމަ އާއި ތި ސުވާލު ކޮށްބަލަ، ދައްތައަކަށް ތިކަމާއި ބެހޭ ގޮތުން އެއްޗެކޭ ބުނާކަށް ނޭގޭ...." މަލަކާ ގަނޑުވެފައިވާ ބުދެއްހެން ހިރިލާން ނޭގި އިންއިރު އަތުގައި ތުރުތުރުލުމެއްވިއެވެ.

"ނޫން ދައްތައަށް އެނގޭ، އަހަރެންގެ ބައްޕައަކީ ކާކުކަން ބުނަންވާނެއޭ ކިޔާފައި މަންމަ އާއި ދައްތަ ޑިސްކަސް ކުރާނީ ގައިމު ދައްތައަށް އަހަރެންގެ އަސްލު ރަނގަޅަށް އެނގޭތީތާ..." މާޒިން މަލަކާ ގާތުގައި އެބަޔަކު ބުނެދޭން އެދުނެވެ. އެއީ އޭނަގެ ހައްގެއް ކަމަށާއި އޭނަ މަންމައަށް ސިއްރު ކުރާނެ ކަމުގައި ބުނެ މާޒިން ކުރި އާދޭސްތަކަށް މަލަކާ އިޖާބައެއް ނުދިނެވެ. މާޒިން މާޔޫސްވެގެން އެ ވާހަކަ ކުރުކޮށްލާފައި ގެއަށް ވަނުމުން މަލަކާ ފޯނު ހިފައިގެން އެއްފަރާތަކަށް ޖެހިލިއެވެ. 

މިޝެލިން ސިއްސައިގެންގޮސްފައި ހޭލެވުނު އިރުވެސް ރަފާއިލްގެ ތުންފަތުގެ ބީހިލުމުން ކުރުވި ފޮނި އިހުސާސްތައް ހަށިގަނޑުގައި ހިނގާލާފައިވެއެވެ. ރަފާއިލްގެ ބަދަލުގައި ބައްދާލެވިފައި ވަނީ ބާލީހުގައެވެ. އޭނަގެ ހުވަފެނުގައި އިއްބާނު ނައިސް ރަފާއިލް ފެންނަންވީ ކީއްވެ ހެއްޔެވެ؟ ރަފާއިލް އާއިއެކު އެހާ ގާތްކޮށް އުޅެވެންވީ ކީއްވެހެއްޔެވެ؟ އިއްބާނު ގެ ޚިޔާލުގައި ރޮއިރޮއިފާ ނިދީމަވެސް އިއްބާނު ޒިޔާރަތް ނުކުރީ ކީއްވެހެއްޔެވެ؟ އެހާ ލޯބިން އުޅެފައި ފިލްމުތަކުން ނޫނީ ވާހަކައިން ވާހެން އިއްބާނުވެސް އޭނަގެ ގާތަށް އަންނާނެ ނަމައެވެ. މިޝެލިންގެ ހިތްދަތިކަން ރުޅިއަށް ބަދަލުވެ ބާލީސް އަތުކޮޅަށް ހޫރާލާފައި މޫނުވަތަށް އޮވެ އެނދުގައި ދެފައި ތަޅައިގަތެވެ. އިރުކޮޅެއްފަހުން އަމިއްލަ ހިތަށް ވިސްނާދިނީ އެކުރެވެނީ ޅައިރުގެ މޮޔަކަންތައް ކަމުގައެވެ. ފުރާވަރުގެ އުމުރު ނިމުމުން ދެން ހަރުކުއްޖަކަށްވާން ޖެހޭނެއެވެ. އެހެންނޫނަސް އިއްބާނު އެދުނުފަދައިން އޭނަގެ ހިތް ނޭދުނަސް ރަފާއިލްގެ ހަޔާތުގެ ބައިވެރިޔެއްގެ ގޮތުގައި އުމުރު ހޭދަކޮށްލާނީ އެވެ. ރަފާއިލް އަކީ ކިހާ ރަނގަޅު ޒުވާނެއްކަން އެނގުނުފަހުން އޭނަގެ ހިތް ވަނީ މިހާރު އެކީގައި ސާފުވެފައެވެ. ރަފާއިލްގެ ކުށެއްނެތްކަމާއި، އިއްބާނުގެ ރައްކާތެރި ކަމާއި މެދު އެންމެ ބޮޑަށް ވިސްނި އެކަކީ ރަފާއިލް ކަމަށް ގަބޫލުކުރަން ޖެހިފައެވެ. އިހުތިރާމް ކުރުން އެކަށީގެންވާ ޝަޚުސިއްޔަތެކެވެ. 

އޮކްޓޫބަރ މަހަށް ފަޒާ ފިނިވެލާ ޚަރީފުގެ ކުލަތަކުން ލަންޑަންގެ ގަސްތައް ފޭރާން ލައިފިއެވެ. ފެހިކަމުގެ ބަދަލުގައި ކޮންމެ ދިމާލަކުން ފެންނަނީ ރަތް، އޮރެންޖް އަދި ރަންކުލަފަދަ ވިދާ ކުލަތަކުން ޒީނަތްތެރިވެފައިވާ ގަސްތަކެވެ. ބިންމަތީގައި އެޅިފައިވާ ފަތްތަކުގެ ދޫލަވެސް އެކި ދިމާލުން އެކި ކުލަތަކުގައި ފެންނައިރު ބަލާބަލާ ފޫހިނުވާހާ ޗާލެވެ. މިޝެލިން ގަބުރުސްތާނަށް ވަދެގެން ދިޔައިރު އެތަންވެސް ހީވަނީ ބަގީޗާއެއް ހެންނެވެ. މެގްނޯލިއާ، މޭޕްލްފަދަ ގަސްތައް ފަޚުރުވެރި ކަމާއި އެކު ރީތިކަން އިޝްތިހާރު ކުރަނީ އެވެ. މިޝެލިން ރަންކުލައިގެ ފަތްތަކުގެ މަތިން ހިނގާލާފައި ގޮސް އިއްބާނުގެ މަހާނަ ކައިރީގައި ކުޑަކަކޫޖައްސާލައިގެން އިށީދެއްޖެއެވެ. ކޮންމެ ދުވަހަކު އިއްބާނުއަށް ޒިޔާރާތްކޮށް އެދުވަހެއްގެ ޚަބަރު ކިޔާދިނުމަކީ މިޝެލިންގެ ދިރިއުޅުމުގެ ބަޔަކަށް ވަނީ ވެފައެވެ.

"ބެން، އަހަންނަށް އެނގޭ ބެން ޑްރީމް އަކުންވެސް ބައްދަލު ނުކުރަނީ ކީއްވެކަން؟ ބެން ބުނިގޮތަށް ނެހެދީމަ އަޕްސެޓްވީކަން ޔަގީން، އައިމް ސޮރީ، އައިމް ސޯ ސޮރީ ބޭބީ..... ޕްލީޒް ފޮގިވް މީ...." މިޝެލިންގެ ލޮލުން ފޭދުނު ކަރުނަތިއްކެއް ކޯތާފަތްމަތީގައި ހަރުލިއެވެ.

"އެނގޭ މިގޮތަށް ރުއީމަ ބެން ދެރަވާނެކަން، އަހަރެން މަރުވިނަމަވެސް ބޭނުންވީހީ ބެން އިންތިހާ ދަރަޖައިގެ އުފަލުގައި އުޅޭތަން ދެކެން، ހާދަ މިސްވެޔޭ، އަދިވެސް ހަނދާންވޭ އެއިން ކޮންމެ ދުވަހެއް، ކޮންމެ ވަގުތެއް.. އަހަރެންގެ ހުރިހާ އުފަލެއް ހިފައިގެން ބެން ވަކިވެގެން ދިޔައީ، އިރާދަކުރެއްވިއްޔާ އެ ނުލަފާ ޔީވާއަށް އެކަމުގެ ސަޒާ ލިބޭނެ، އަހަރެންގެ ހުރިހާ އުފަލެއް އެ ނުލަފާ އަންހެނާ ފޭރިގެންފި، ހާދަ އެކަނިވެއޭ، އެކަމަކު ބެން ބުނީތީ މިއަދުން ފެށިގެން ހިތްވަރުގަދަ ކުއްޖަކަށް ވާނަން، ބެން ބުނީތީވެސް ދެން ނުރޮއި ހިތްވަރުކުރާނަން، ރަފާއިލް އާއި މެރީވެސް ކޮށްފާނަން، އަދި ހެޕީކޮށް އުޅެން މަސައްކަތް ކުރާނަން، އައި ވިލް މޭކް ޔޫ ޕްރައުޑް...... ލަވް ޔޫ ޑާލިން..." މިޝެލިން ކަރުނައިގެ ތެރެއިންވެސް ހިނިތުންވެލިއެވެ. މަހާނަ މައްޗަށް އެޅިފައިވާ ފަތްތައް ދުރުކޮށްލާކަށް މިޝެލިން ނޫޅުނެވެ. އެއީ މަހާނައިގެ ރީތިކަމުގެ ބަޔެއްކަމަށް އޭނަ ދެކުނެވެ.

އެވަގުތު ކޮންމެވެސް މީހެއްގެ ފިޔަވަޅުތަކުގެ އަޑު އިވުމުން މިޝެލިންގެ ހިތް ބާރުބާރަށް ތެޅިގަތެވެ. މިގޮތަށް އެކަނި މިތަނަށް އައުމަކީ ރައްކާތެރިކަމެއް ނޫންކަމަށް ރަފާއިލް އެތައް ފަހަރަކުވަނީ ބުނެފައެވެ. އެހެންމީހުންގެ ބަސް ގަބޫލުކުރުމުގެ މުހިއްމުކަން މިޝެލިންއަށް ވަނީ ދަސްވެފައެވެ. އަންހެންކުދިން އެކަނި އައިސް އުޅެނިކޮށް ކޮންމެ ފަދަ ހާދިސާއެއްވެސް ހިގައިފާނެއެވެ. ކިތަންމެ ރައްކާތެރި ސަރަހައްދަކަށް ވިޔަސް އަންހެންކުދިންނަށް ރައްކާތެރި ކަމާއި ހިމާޔަތް އަބަދުވެސް ބޭނުންވާނެއެވެ.

"ކާކުތަ؟" މިޝެލިން ކުއްލި އަކަށް އެނބުރުނުއިރު ތެމިފައިވާ ކޯތާފަތާއި ރަތްވެފައިވާ ނޭފަތުގެ ސަބަބުން މިޝެލިން ކިތަންމެ ވަރަކަށްވެސް ރޮއިފާވާކަމަށް ހެކިދެއެވެ. އެސްފިޔަތަކުގައި ހަރުލާފައި ވަނީ ކަރުނައިގެ މުތީތަކެވެ. ފެނުނު މީހެއްގެ ހިތަށް އަސަރުކުރާނެ ކަން ޔަގީނެވެ. 

ކޮމެންޓް 0