މިޝެލިން ހަގީގަތް ކިޔާދިނުމުން އިއްބާނު މިޝެލިންގެ އަތުގައި ހިފާލާފައި ތުންފަތުގައި ޖައްސައިލި އެވެ.

"ޝެލް މޫނަށް ބަލާފައިވެސް އަހަންނަށް އެނގުނޭ އެއީ ދޮގެއްކަން، ރަފޭލް އެއްޗެކޭ ނުބުނީ ޝެލް ގެ އަގު ވައްޓާނުލަން، އެގޮތަށް ރަފޭލް ވަރަށް ރަނގަޅުވާނެ.. އެހެންނޫނަސް ޝެލް ތި ކުރިކަމަކުން ފެމިލީ މައްސަލަ އަކަށް ވާނީ، ކީއްވެކަން އެނގޭތަ؟ އެއީ ދުރުމީހެއްނޫން، އަހަރެންގެ ބޭބެއެއް....." ރަފާއިލް އާއި އޭނަގެ އޮތީ ކޮން ގުޅުމެއްކަން މިޝެލިންއަށް ކިޔައިދިނުމުން މިޝެލިން އިނީ ޝޮކެއްގައެވެ. ރަފާއިލްއަކީ ބޮޑުބޭބެގެ ދަރިއެއްކަމުގެ ހިޔެއް ކުރެވުނު ނަމަވެސް އޭނަ އެފަދަ ކަމެއް ނުކުރީހެވެ.

"ވީއިރު ރަފާއިލްއަކީ އަހަރެމެންގެ ކަޒިންއެއް... ސަޕްރައިޒް..." މިޝެލިން އިނީ އަނގަޔަށް ގޮތެއް ހަދާލައިގެންނެވެ. އޭނަ އެކަމާއި ބެހޭގޮތުން އިއްބާނު ކައިރީގައި އެއްޗެކޭ ނުބުންޏަސް ހިތާހިތުން ނިންމީ އެންމެން ކައިރީ ހަގީގަތް ބުނެދީފައި މާފަށް އެދުމަށެވެ. އޭނަ އާއި ރަފާއިލް ދޭތެރޭގައި އޮތް މައްސަލައެއްގެ ސަބަބުން އެހެން މީހުންގެ ހިތް ރަފާއިލް އާއި މެދު ގޯސްކުރުވަން ނުވާނެއެވެ.

ސައި ގަޑީގައި މިޝެލިން ކުށަށް އިއުތިރާފުވެ މާފަށް އެދުނު އިރު އެތާގައި ނެތީ ރަފާއިލް އެކަނި އެވެ. ހައިތަމް ބުނުއްވީ އެއީ މައްސަލައެއް ނޫންކަމުގަޔާއި ދެކުދިންގެ ދޭތެރޭގައި މައްސަލައެއް އޮތިއްޔާ ވާހަކަ ދައްކައިގެން ހައްލު ކުރުމަށެވެ. މަލަކާވެސް އިނީ ހުރިހާ ދަތްތައް ދައްކާލައިގެންނެވެ. ކުއްލި އަކަށް ބޮޑުދައިތަވެސް ރަފާއިލްއަށް ހެޔޮއެދިގެން ރަފާއިލް ރަނގަޅުކޮށްފައި ވާހަކަދައްކަން ފެށިއެވެ. ހައިތަމް އޭނަގެ މަންމަ އާއި ދައްތައާއި ބައްދަލުކޮށްފައި ރަފާއިލްއަކީ ދަރިއެއްކަން ހާމަކުރާނީކަން މިޝެލިންއަށް ޔަގީންވިއެވެ. ކުއްލިއަކަށް ބޮޑުދައިތަ ރަފާއިލްއަށް މާ ހެޔޮއެދެންވީ ސަބަބެއް އެނޫނީ ނެތެވެ.

މިޝެލިން ކަންބޮޑުވީ ރަފާއިލްގެ ޚަބަރެއް ނުވުމުންނެވެ. އޭނަ މިގެއިން ދިޔައީބާވެއެވެ. އެހެން ކަމުގައި ވަންޏާ އޭނަގެ ބޮލަށް ފަސޭހަވިޔަސް އެއީ ހިތުން ފިލައިގެންދާވަރުގެ ކަމަކަށް ނުވާނެއެވެ.

"ކުދިން ބަސްއަހައިގެން އެކުވެރިކޮށް އުޅެބަލަ، ޝެލްއަށްވެސް މިހާރު ވިސްނޭނެ ރުޅީގައިވެސް ސަމާސާ އަކަށް ވެސް ދޮގުހެދުމުގެ ނުބައިކަން..... ދަރިފުޅު ކޮންމެހެންވެސް ރަފޭލް ގާތުން މާފަށް އެދެންވާނެ...." މަލަކާގެ އެ ޖުމްލައިން މިޝެލިންގެ ބުމަކުޑަކޮށް ގޮށް ޖަހައިލެވުނަސް ވަރަށް އަވަހަށް ހިނިތުންވެލައިފި އެވެ. އޭނަ އުއްމީދު ކުރަނީ އޭނަ އެކޭ އެއްފަދައިން ރަފާއިލްއަށް ފިލާވަޅެއް ލިބި އޭނަ އާއި ދުރުން އުޅޭނެ ކަމަށެވެ. އޭނައަކީ "ނުރައްކާތެރި" އަންހެންކުއްޖެއް ކަމަށް ސިފަކޮށްފައި ކައިރިވީމަ އެފަދަ މައްސަލަތައް ޖެހޭނެ އެވެ.

މިޝެލިން ހީކުރިގޮތަށް ރަފާއިލް އެގެއިން ނުދާކަން އެނގުމުން ސިއްރު އުފަލެއް ލިބުނެވެ. އިއްބާނުގެ ބޭބެއެއްކަން އެނގުމުން ހިތުގައި ގަދަރުއުފެދި އިހުތިރާމްކުރެވޭ ގޮތެއްވިއެވެ. ނަމަވެސް އެ ހާދިސާއަށްފަހު މިޝެލިން އުޅުނީ ރަފާއިލްއަށް ފިލައިގެންނެވެ. އިއްބާނު އާއި މިޝެލިން ކޮލެޖަށް ދާން ފެށުމަށްފަހު އެ ކޮލެޖުގައި ދެކުދިން ވަރަށް މަޝްހޫރުވިއެވެ. އިއްބާނު ކޮލެޖްގެ ކުޅިވަރުތަކުގައި ބައިވެރިވެ އެންމެންގެ ރުހުމާއި ލޯބި ހޯދަމުންދާއިރު މިޝެލިން ވެސް ކޮލެޖްގެ ނޫހުގައި އާޓިކަލްތައް ލިޔަންފެށިއެވެ. ޑްރަގްގެ ނުރައްކާތެރި ކަމާއި ބެހޭ ގޮތުން އޭނަ ލިޔުނު އާޓިކަލްގެ ސަބަބުން އޭނަ ފެނުނު ކޮންމެ ކުއްޖަކު މަރުހަބާ ކިޔެވެ. މިޝެލިން މޮޅު ޖާނަލިސްޓަކަށް ވެވިދާނެކަމުގައި އޭގެ އެޑިޓަރުވެސް ވަނީ ބުނެފައެވެ. މިޝެލިން ކޮންމެހެން ޖާނަލިސްޓަކަށް ވާކަށް ޚިޔާލުނުކުރިޔަސް އޭނަ ހުރީ އެކާމިޔާބާއިމެދު ހިތްހަމަޖެހިފައެވެ.

އިއްބާނު އާއި މިޝެލިން އެސައިންމެންޓުތައް ހެދުމާއިގެން އަވަދިނެތި އުޅުމާއި އެކުގައިވެސް އާއިލާއަށް ވަގުތުދެއެވެ. ބަންދު ދުވަހެއްވެއްޖެއްޔާ ދެމީހުން އެކީގައި ޕިއްޒާ އެއްޗެހި ހަދާލާފައި ކޮފީ ގެންގޮސް އާއިލާ އާއި އެކުގައި ހިއްސާކުރުމުން އެންމެންގެ އެކުވެރިކަމާއި، ގުޅުން ހައްތަހާ ބަދަހިވަމުން އައެވެ. އިއްބާނުގެ ލޯތްބާއި އަޅާލުމުގެ ސަބަބުން އޭނައަށްޓަކައި ފިދާނުވާ ހިތެއްނެތެވެ. އިއްބާނު ޑްރަގާއި ދުރުވިފަހުން އަދި މާ ބޮޑަށް ބަދަލުވެއްޖެ ކަމުގައި ފެނެއެވެ.

މިޝެލިން އިއްބާނު އާއިއެކީގައި ތިރިއަށް އައިސްފައި ކޮންމެވެސް އެއްޗެއް ހަނދާން ވެގެން މައްޗަށް އެރީ އިއްބާނުގެ ގާތުގައި ނުވެސް ބުނެއެވެ. މިޝެލިން އަވަސްކުރަން ހަދައިގެން ބަލައިނުލާ ދުވެފައި އަންނަނިކޮށް ސިޑީގެ ތިރިން ހަތަރުވަނަ ހަރުފަތުން ކައްސާލިއެވެ. ތަންކޮޅެއް ދުރުގައި ހުރި އިއްބާނު އެނބުރި ބަލައިލީ ބިންމަތީގައި އެއްޗެއް ޖެހުނު އަޑަށެވެ. އިއްބާނު އަޑުކޮޅަށް މިޝެލިންގެ ނަމުން ގޮވާލާފައި ގޮސް މިޝެލިން ނަގާ އުނގުގައި ބޭއްވިއެވެ. މިޝެލިންގެ އެއްވެސް ހަރަކާތެއްނެތެވެ. ސިޓިންރޫމްގައި ތިބި ޒަހުރާންމެން އިއްބާނުގެ އަޑަށް އެހިސާބަށް އައިއިރު އިއްބާނު ގެ އެސްފިޔަތައް ވަނީ ތެމިފައެވެ.

"ދޮންބެ، ޝެލްއަށް ކޮންމެވެސް ކަމެއްވެއްޖެ...." ޒަހުރާން އަރާހަމަވުމުން އިއްބާނު ކަންބޮޑުވެފައިވާ ގޮތަކަށް މިޝެލިންގެ ގައިގައި ހިފާ ތަޅުވައިގަތެވެ. އޭރު ދޮރުމަތީގައި ހުރި ރަފާއިލްވެސް ހުރީ ފެންކަޅިވެފައެވެ.

"ހެހެ، ބޫ ބިރު ގަންނަވާލަން......" މިޝެލިންއަށް އެހެން މީހުން އައިކަން އެނގިގެން އަވަހަށް ދެލޯ ހުޅުވާލާފައި ހީގަތުމުން އިއްބާނު ނުރުހުންވިއެވެ. ރަފާއިލްވެސް އަވަހަށް އެތަނުން ދާން ހިނގައިގަތެވެ. ޒަހުރާން ހުރީ މިޝެލިންގެ ޅަކަމާއިމެދު މަޖާވެފައެވެ. 

"ޝެލް، ރެން ކުޑައިރު ކޮށްއުޅޭ ޒާތުގެ ނޯޓީކަމެއް ތިކުރީ..." ޒަހުރާން ހުރީ ހީލަ ހީލައެވެ.

"އަސްލު އާންޓީ އެ ވާހަކަ ދެއްކި އަޑުއިވިފައި އޮތީމަ ހިތަށް އެރީ މަރުވީކަމަށް އެކްޓްކުރާނީއޭ....."މިޝެލިން ތެދުވެ ހަމަޖެހިލިއެވެ.

"ހޫމް، އަހަރެން ހާޓް އެޓޭކެއް ޖެއްސީތީ އަދަބެއް ލިބޭނެ، ހިތް ބަލިކުއްޖަކަށްވީމަ ދެން މިކަހަލަ ގޮތެއް ހަދާލެވޭނީ......." އިއްބާނު މިޝެލިންގެ ބަނޑުގައި ކޮށްޓާލުމުން މިޝެލިންގެ ތޫނު ހަޅޭކުގެ އަޑު ގޭތެރޭގައި ގުގުމާލިއެވެ. ރަފާއިލް ފެންޑާގެ ތަނބަށް ލެނގިލައިގެން ހުއްޓާ މިޝެލިން ގެ ހަޅޭކުގެ އަޑު އިވުމުން ހީވީ ހިތަށް ފިނިފެން އެއްޗެއް އޮއްސާލިހެންނެވެ. އަނެއްކާ ކަމެއްވީ ބާވައެވެ.

"ދޮންބޭ، ސްޓޮޕް ހިމް ޕްލީޒް، ބެން އިޒް ކިލިން މީ......." މިޝެލިން އެހެން ކިޔާފައި ހޭންފެށިއަޑު އިވުނެވެ. މިޝެލިން ކިތަންމެ ރީތިކޮށް ހުއްޓަސް ނުސިޔާނު ކުއްޖެކެވެ. އެ ހުރިހާ ސިފަތަކާއި އެކުގައިވެސް އޭނަގެ ހިތަށް މިވަނީ ހާދަވަރެކެވެ. ހިތުން ފިލުވައިލަން އުޅުނު ވަރަކަށް ހައްތަހާ ބޮޑަށް ހިތް ބޭނުންވަނީއެވެ. ދުރުވާން މަސައްކަތް ކުރި ވަރަކަށް ހިތަށް ވާ އުދަގޫތަކާއި ލިބޭ ވޭންތަކުން ފުރާނަ ހުސްވެދާން އުޅޭހެންވެސް ހީވެއެވެ.

ދުނިޔެ އަނިޔާވެރި ތަނެއްގެ ގޮތުގައި އޭނައަށް ފެންނަން ފެށިއެވެ. މިލިއަނުން އަންހެން ކުދިން ތިބޭއިރު އޭނައަށް މިޝެލިން ދެކެ ލޯބިވުމުގެ ހިތިކަން ފެންނަންވީ ކީއްވެހެއްޔެވެ؟ ފަހަރި އަކަށް ނުވިނަމައެވެ. އެހެން ކުއްޖަކު ދެކެ ލޯބިވެވޭނެނަމައެވެ. އޭނަ ޚަރީފުގެ ފިނިކަމުގެ ތެރެއަށް ނުކުމެގެން ދާން ހިނގައިގަތީ ހަލާކުވެފައިވާ ހިތަކާއިގެންނެވެ. 

ރަފާއިލް ބެލްކަނީގައި ހުރިއިރު އެހިސާބުގެ ބޮކިތައް ނިވާލާފައި އޮތުމުން އޭނަ ފެންނަނީ ހިޔަންޏެއް ފަދައިންނެވެ. އެހިސާބުގައި ހިފާފައިވަނީ ކޮފީގެ ސިކުނޑިއާއި ކުޅެލާފަދަ ވަހެވެ. ރަފާއިލް ވިސްނުމެއްގައި ހުއްޓާ ނާޒުކް އަތަކުން އޭނަގެ މެދުހަށީގައި ބައްދާލުމުން ސިހިފައި ބަލައިލެވުނީ މިޝެލިންގެ މޫނަށެވެ. މިޝެލިން ރަކިވެގެން ފަހަތަށް ޖެހުނުވެ. އިއްބާނު އާއި ރަފާއިލްގެ އިސްކޮޅުގައި މާ ބޮޑު ތަފާތެއް ނެތީމަ އޮޅުނީ އެވެ. ފަހަތުން ހާދަ ވައްތަރެވެ.

"އަ. އައިމް ސޮރީ، ހީކުރީ ބެން ކަމަށް..." މިޝެލިން އަމިއްލަ ނަފުސަށްވެސް އަޑުލައިގަތެވެ. 

"މިއަށް ވުރެ ޑާކް ތަނެއްގައި ހުރިނަމަ އަދި ކިސްކޮށްލާނެކަން ޔަގީން......" ރަފާއިލް އެހުރިގޮތަށް ހުރެ ކުޑަކޮށް މޫނު އަނބުރާލިއިރު ތުންފަތުގައި ލާނެތް ހިނިތުންވުމެއްވިއެވެ.

"ހާދަ ނުބައިކޮށް ތި ވިސްނަނީ......" މިޝެލިންގެ ހިތުގައި އަނެއްކާވެސް ރުޅިވެރިކަން އުފެދުނެވެ.

"ހެހެ. ސަމާސާއެއް ކޮށްލީއޭ، ބެން ޝެލް އާއި ވަކިވިޔަސް އަހަރެން ޝެލްގެ ކައިރިއަކަށް ނާންނާނަން، މިއީ ޕްރޮމިސް އެއް، ވީމަ ތިހާ ބިރުން ނޫޅެބަލަ، އެކަމަކު ޝެލް ދުރަށް ދާން އުޅުނު ވަރަކަށް ތަގުދީރު ސަމާސާ ކޮށްލަނީ ނޫންކަން ނޭގެއެއްނު، ބައެއްފަހަރު އެމީހަކު އެންމެ ހިތް ނޭދޭ މީހާ އާއި މެރީކުރަން ޖެހިދާނެ، ދިމާވާ ގޮތަކުން ބެން ޝެލްދެކެ ފޫހިވެގެން ދޫކޮށްލައިފިއްޔާ...." ރަފާއިލް ގެ ވާހަކަ އިން އޭނަ ހުރީ ސީރިޔަސްވެފައިކަމެއް މިޝެލިންއަކަށް ނޭގުނެވެ.

"ދެޓްސް ނޮޓް ޕޮސިބްލް..." މިޝެލިން ބުމަ ގޮށްޖަހާލައިފި އެވެ.

"ޔަޕް، ސަބަބަކީ އެފަދަ ދުވަހެއް އައިއްޔާ ޝެލް އަހަރެން ދެކެ ހޭޓްކުރާނެ ވަރު އެނގޭތީ، ލޯބިނުވިޔަސް އެކީގައި އުޅެވިދާނެ، އެކަމަކު ހޭޓްކުރާ މީހަކާއި އެކީގައި އެންމެ ދުވަހަކަށް ވެސް ކެތެއް ނުކުރެވޭނެ...." ރަފާއިލް ގެ އެ ފަލްސަފާއިން ލިބުނު ހިތްހަމަޖެހުމަކުން މިޝެލިން ހޭންފެށިއެވެ. އެމީހުންގެ ވާހަކަ މެދުކެނޑުނީ ޔީވާއަށް އެތަނަށް ނުކުމެވުމުންނެވެ. ޔީވާ ހުރީ ރަތްކުލައިގެ ކުރު މިޑީކޮޅެއްލައިގެންނެވެ. ހަށިގަނޑުގެ ބޮޑުބައި ވަނީ ހާމަޔަށެވެ. އޭނަ އައުމުން ދުވަންފެށި މީރުވަހަކުން މުޅިހިސާބު ހިސާރުކޮށްލައިފި އެވެ.

"ލަވްބާރޑްސްއިން ކީއްކުރަނީތަ؟ ތުންގުޅުވާލައިގެން ނުތިބޭ ގަޑިއެއް ނުފެނޭ، އަދި އަނދިރިކޮށްލައިގެން...." ޔީވާ ތުއިވަމުން ގޮސް އެތާހުރި ޗާންދަލިޔާއެއް ދިއްލައިލުމުން ގަދަ އައްޔަކުން ލޯ ތަރަތަރަޖަހައިގެންދާ ވަރުވިއެވެ.

"ރަފޭލް މީހުންގެ އަނބިން ކައިރިއަށް ނުވަނަސް އަހަރެމެން މިތިބީއޭ، ބޭނުން ކޮންމެ ކަމެއް ކޮށްދީފާނަން..." ޔީވާ ކައިރިއަށް ޖެހިލިއެވެ. 

"އަހަރެން ދުނިޔެއިން އަންހެނުން ހުސްވިޔަސް ކަލޭ ކައިރިޔަށް ނާންނާނަން.. ބިޗް......" ރަފާއިލް އަށް ޔީވާގެ ގޮތް އެނގޭތީ ގަސްތުގައި ރުޅިއަރުވާލަން އެހެން ބުނެފައި ދަމުން ދަމުން އަމިއްލަ އަކަށް ހީލިއެވެ. ޔީވާއަށް އެ ރީތި ހިނިތުންވުން ފެނުނުނަމަ ރަފާއިލް އޭނައަށް ހިތް ކިޔައިގެން ކުރިކަމެއްކަމަށް ނިންމާނެކަން ޔަގީނެވެ.

"ހެހެ..." މިޝެލިން ނުހޭން ހުއްޓަސް ހީގަނެވިއްޖެއެވެ. ރަފާއިލްއަށް ހިތް ތައުރީފު ކުރިއެވެ.

"ބިޗް ހޭނެކަމެއް ނެތް، ބަލާތި އަހަރެން ހުއްޓާލާނީ އޭނަ މަގޭ މީހަކަށް ހަދާފައި، ހުވާކޮށްފައި މިބުނީ އަހަރެން ކޮންމެ ގޮތެއް ހަދާފައިވެސް އިންނާނީ އޭނަ އާއި، މަށަށް އެނގޭ ކަލޭ ތިހިރީ އޭނަގެ ފަހަތުން ރަންނަމާރި އެއްހެން އަރާފައިކަން، އެކަމަކު ކަލެއަކަށް ނޫން ރަފާއިލް ލިބޭނީ މަށަށް.... ބޭނުންވޭ ދޯ..... ރީތި ފިރިހެނަކު ލިބުނީމަ ހިތް ނުފުރިގެން އުޅެނީ އޭނަގެ ބަޔެއް މަދީތަ؟" ޔީވާ ހުރީ ރުޅިން ގޮސް ދަތްތައް ވިކިފައެވެ. ރަފާއިލް މިޝެލިން ގާތުގައި އޭނައަށް އެ ގޮތަށް މަލާމާތް ކުރުމުން ހިތަށް ހާދަ ނުބައި ގޮތެއްވެއްޖެއެވެ. ކޮންމެ ގޮތެއް ހަދާފައިވެސް ރަފާއިލް ހާސިލުކުރުމުގެ އެދުން ހިތުގައި ބޮޑުވިއެވެ. ރަފާއިލްގެ ކޮޓަރީގެ ޑަބަލް ތަޅުދަނޑި ކޮންމެ ގޮތެއް ހަދާފައިވެސް އަތުލަންވީއެވެ. އޭރުން އޭނައަށް މަގެއް ހުޅުވިދާނެއެވެ. 

މިޝެލިން އިތުރަށް އެއްވެސް އެއްޗެކޭ ނުބުނެ ސިޑިން ފޭބުމުން ޔީވާ ހުރީ ވިހަ ނަޒަރަކުން ބަލަހައްޓައިގެންނެވެ. ހަސަދަލަމުން ގޮސް މީހަކަށް ގެއްލުމެއްވަންޏާ އޭނަގެ އެ ވިހަދެލޮލުން މިޝެލިންގެ ހަޔާތް އަޅިޔަށް ހަދާނެކަން ޔަގީނެވެ.

ޚަރީފުގެ ރީތި ކުލަތަކުން ލަންޑަނުގެ ހުރިހާ ތަނެއް ފަވަމުންދާއިރު މިޝެލިން އާއި އިއްބާނު ކޮންމެ ދުވަހަކުހެން ފެރާރީ ދުއްވާލަން ދެއެވެ. އިރުއޮއްސޭ ގަޑީގައި ރަތް ކުލައިގެ ގަސްތައް ގިނަ ސަރަހައްދެއްގައި ތިބެ އިރުއޮއްސޭ މަންޒަރު ބެލި ދުވަހެއްގައި ދެ ޒުވާނުންގެ މޫނަށް ވެރިވި ރަތްކުލައިގެ ރީތި ކަމުން އެކަކު އަނެކަކުގެ ލޮލުގެ ތެރެއަށް ގެއްލިފައި ތިބެވުނެވެ. އެތައް ފޮޓޯތަކެއް ނެގިއެވެ. ވޭތުވަމުންދިޔަ ކޮންމެ ދުވަހެއް މިޝެލިންގެ ހަޔާތަށް އުފާވެރި ރީތި ހަނދާންތަކެއް އިތުރުކުރުވިއެވެ. ހިތާމައިގެ ބާބު މުޅިން ނިމުނީ ކަމަށް ހީކުރެވޭވަރުވިއެވެ.

ހެނދުނު ދުންފިނި ފައިބާފައި ދުންފިނި މަޑުމަޑުން އުފުލިގެން ދާއިރު ގަސްތައް ފެނިގެންދާލެއް ރީތިކަމުންވެސް ކުޅަދުންވަންތަކުގެ ފުރިހަމަކަމޭ ހިތަށް އަރާނެއެވެ. ގޭގެ ބެކްޔާޑްގެ ގަސްތަކުގެ ފަތްތަކަށް އިރުގެ އަލިކަން އެޅިފައިވާއިރު ދަޅަތައް އެޅީމަ ފެންނަލެއް ވަކިން ރީއްޗެވެ. ބިންގަނޑުވަނީ ފަތްތަކުގެ ދޫލައިން ފޮރުވިފައެވެ. ވައިރޯޅިތަކުގައި ގަނޑުފެނުގެ ފިނިކަން އެކުލެވެއެވެ. އެންމެން މިއަދު އެތާގައި ޕިކްނިކު ހަދާލަންވެގެން ކުއިލްޓް ފަތުރާލައިގެން ޕިކްނިކު ވަށިތައް ގެނެސް ފަތުރާލައިފިއެވެ. ބުއިމަކަށް ހުރީ އެޕްލް ސައިޑަރ އަދި ހޫނު ޗޮކްލެޓެވެ. ގްރިލްޑް ހާބްޑް ޗިކެންފަދަ ކުޅުދިޔާވާފަދަ އެއްޗެހިން ވަށިތައް ވަނީ ފުރާލާފައެވެ. ތަށިތަކާއި އެހެން ސާމާނުތައް ނަގައި އަތުރައިލުމަށްފަހު އެންމެން ކާން ޖައްސައިލި އިރު މިންކު އޮތީ ހެއްލާ އެނދުކޮޅެއްގައި ލޯބިކޮށް ނިދިފައެވެ. 

ޕިކްނިކް އިތުރަށް ފޯރިގަދަކޮށްލުމަށް ޓަކައި މިޝެލިން ލަވައެއްގެ ބައިތު ކިޔާލިއެވެ.

"އެހެން ކުއްޖަކު އެ ލަވަ ނިމޭ ތަންކޮޅުގައި އިން އަކުރުން ލަވައެއް ފަށަންވީ..." ޒިލާ ޚިޔާލެއް ދިނުމުން ލަވަ ބާޒީއެއް ފެށިއެވެ. އެއީ މަޖާވި ކަމެކެވެ. އެލީސާ އާއި ހައިތަމްވެސް އެނގުނު ގޮތަކަށް ލަވަ ކިޔުއްވިއެވެ. ހައިތަމްގެ ރާގު ފުދޭވަރަކަށް ރީއްޗެވެ.

"ވީއިރު މިޔުޒިކާއި ނުލައިވެސް ލަވަ ކިޔިދާނެތާ.... އޭރުން ހަރާމް ކަމަކަށް ނުވާނެ ދޯ އާންޓީ..." އިއްބާނު އަހާލައިފި އެވެ. ރަފާއިލް ކިޔާ ކޮންމެ ލަވައަކުން މިޝެލިންއަށް ހީވަނީ އޭނައަށް އަޑުއިއްވަން ބުނާ އެއްޗެހި ހެންނެވެ. އެއްފަހަރު އިއްބާނުވެސް ރަފާއިލްގެ މޫނަށް ހައިރާންކަމާއި އެކު ބަލަހައްޓައިގެން އިންކަން މިޝެލިން ފާހަގަ ކުރިއެވެ. އިއްބާނުއަށް އެކަން އިހުސާސް ކުރެވޭނެ ބާވައެވެ. އަމިއްލަ ބޭބެ އެއުޅެނީ ފަހަރި އާއި އަޅައިގެންކަން އެނގިއްޖެއްޔާ އިއްބާނު ހިމޭނުން ހުންނާނެ ހެއްޔެވެ؟

ޔީވާ އިނީ ރުޅިގަދަވެފައެވެ. މިޝެލިންގެ ލަވަތައް އޭނަގެ ސިކުނޑިއަށް ބޮޑު ބުރައަކަށްވިއެވެ. ހިތުގައި އުފެދިފައިވާ ހަސަދައިގެ އަލިފާން ހުޅުފަޅައިގެން ގޮސް މުޅި ހަށިގަނޑު ދިރުވާލަފާނެހެން ހީވިއެވެ. އޭނައަށް ލަވަކިޔާން ނޭގުނީމަ ފޫހިވެގެންގޮސް ހަލާކުވާވަރުވިއެވެ. މިޝެލިންފަދަ ހުނަރެއް އޭނަގެ ނެތީ ކީއްވެބާވައެވެ. ހުރިހާ ފިރިހެނުން އޭނަ އާއި ހެދި މޮޔަވަނީ އޭނަގެ ކޮން ސިފައެއް ހުރެގެންބާވައެވެ. 

"މި ހީވަނީ ގްލީ ސެޓްހެން ދޯ...." ޒިލާ ވީޑިއޯކުރުމުގެ ފޯރީގައި އިނެވެ. "ގްލީ" އަކީ ޒިލާ ޝައުގުވެރި ކަމާއިއެކު ބެލި މިއުޒިކަލް ޝޯއެކެވެ. އެފަދަ އިނގިރޭސި ޑްރާމާތަކަށް އަދިވެސް ޒިލާ ޝައުގު ހުރެއެވެ. ދަރިފުޅުގެ ސަބަބުން ބައެއްފަހަރު ނުބެލޭނެހެން ހީވެއްޖެއްޔާ ޒެފަންއަށް ލެޕުން ގޭމެއް ޖައްސާދީފައިވެސް ޒިލާ ގަވައިދުން ބަލާ ޑްރާމަތައް މަދެއްނޫނެވެ. ޒިލާގެ ބަނޑު މިހާރު ފުދޭވަރަކަށް ބޮނޑެވެ. އެކަމަކު އޭނަ އުޅުނީ ބޭބީއެއް ހެންނެވެ. ހީހީފައި މަޖާކޮށް އުޅެފައި އަދި ލަވަކިޔާއިރު ކޮންމެ ފަދަ ވައްތަރެއް ޖައްސައިލަންވެސް ކެރެއެވެ. ޔީވާހެން ފަރިވެގެން ތުއިވާފަދަ ގޮތެއްނެތެވެ. މިހުރާންވެސް ލަވަ ބާޒީގައި ބައިވެރިވިއެވެ. މިލީނާ ލައްވާ ލަވައެއް ކިޔުއްވަން މަޖުބޫރުކުރުމުން މިލީނާ ލަދުން މަރުވާވަރުވިއެވެ.

"އެކަނިހުރެ މޮޔަގޮތަކަށް ލަވަކިޔަނިކޮށް ރެން އަޑުއަހާފައި ހުރީމަ އެވަރުން ލަވަ ކިޔުއްވަން އުޅެނީ... ކިޔަން އެނގޭނެ ނަމައޭ ހިތަށް އަރާ....." މިލީނާ މިހުރާން އާއި ދިމާލަށް ބަލާލާފައި ހީލީ ނިކަން ލޯބިކޮށެވެ. ޒިލާ ބުނީ އޭނަވެސް ރާގެއްނެތި ލަވަކިޔަނީ ކަމަށާއި މިލީނާއަށް ވެސް އެގޮތަށް ބައިވެރިވާން ޖެހޭނެ ކަމަށެވެ. 

"ސިސްވެސް ދެން މިލީއާއި އަޅައިގެން ނޫޅެބަލަ، ބްލަޝްވާ ވަރެއްވެސް......." މިހުރާން ގަސްތުގައި މިލީނާ ރަކިކޮށްލަން އުޅުނެވެ.

"ބްލަޝިން ގާލް އަކަށް މި ހަދިޔާ ރަނގަޅުވާނެކަން ޔަގީން.... މިހާރު މޫނަށް އަރާފައި މިއިނީ މިކުލަ....." މިހުރާން މިލީނާއަށް ރަތްކުލައިގެ މޭޕްލް ފަތެއް ދިއްކޮށްލުމުން މިލީނާ އޭގައި ހިފާފައި ބަލައިލި އިރު އެންމެންގެ ނަޒަރުވަނީ މިލީނާގެ މޫނަށް ހުއްޓިފައެވެ. އެންމެން ހޭން ފެށުމުން މިލީނާ ވަކިން ބޮޑަށް ލަދުގަތެވެ.

"ތެންކިއު....." މިލީނާވެސް ރަކިނުވާންވެގެން ހީލިއެވެ. އެފަތްވެސް މިލީނާގެ ގާތުގައި އަގުބޮޑުވީ އިންތިހާއަށެވެ. އުމުރަށް ރައްކާކުރާނެ ހަދިޔާއެކެވެ.

އެލީސާވެސް އިނީ އާއިލާގައި ލަވަކިޔުންތެރިން ތިބީމަ ފަޚުރުވެރިވެފައެވެ. ހައިތަމްގެ ހަތަރު ކުދިންނަށްވެސް ލަވަކިޔުމުގެ ހުނަރު ލިބިފައިވަނީ ހައިތަމްގެ ފަރާތުން ކަންނޭގެ އެވެ. އެންމެން ކައި ނިމުމުން ނޯކަރަކު ވަރަށް އަވަހަށް ސާމާނުތައް ނަގައިފިއެވެ. އޭރު މިޝެލިން އާއި ޒެފަން ފަތްތަކުގައި ފައިން ޖަހާ ބުރުއްސާލާފައި ސަކަރާތެއް ގަނެލަން ތިއްބެވެ. މިޝެލިން ހޫނުވެގެން ބޭރުން ލައިގެން ހުރި ބޮޑެތި ކަޅުގޮށްތަކެއް ހަރުކޮށްފައިވާ ރީދޫކުލައިގެ ޖެކެޓްވެސް ބާލައިފިއެވެ. ސަކަރާތް ޖަހައި ވަރުބަލިކަން އިހުސާސް ކުރެވުނީމަ މިޝެލިން ބެންޗެއްގައި ޖައްސާލިއެވެ.

"ހަނީ، ކޮންތާކު؟ ރޯސްޓެޑް ޕަމްޕްކިން ސީޑް ކަނީ، އާދެބަލަ ލަވް...." މިޝެލިން ގުޅާލީ އިއްބާނު އަށެވެ. އިއްބާނު ބުނީ އޭނަ މިއުޅެނީ މިހުރާން އާއިއެކު ބޭރުގައި ކަމަށެވެ. މިޝެލިން ކަންބޮޑުވެގެން އުޅުމުން އޭނަ މިހުރާން އަތަށް ފޯނުވެސް ދިނެވެ. މިޝެލިން ހެމުން ބުނީ އޭނަ ބިރުގަންނަނީ އިއްބާނުގެ ވަކި ގްރޫޕެއްގެ އެކުވެރިންދެކެ ކަމުގައެވެ. މިޝެލިން ފޯނުގައި ހުރެ ގަސްތަކުގެ ތެރެއަށް ވަދެގެން ދިޔައެވެ. އޭނަ ނިމިގެން ފޯނު ޖީބަށް ލާފައި އެނބުރުނު އިރު ފަހަތުގައި ރަފާއިލް ހުރުމުން ސިހިފައި ދެލޯބޮޑުކޮށްލައިފި އެވެ.

"މިހާރު ޔީވާއަށް ފެނިއްޖެއްޔާ ބުނާނީ ކީކޭތަ؟ ރަފާއިލް ތިކުރަނީ ރަނގަޅުކަމެއް ނޫން، އަހަންނަކީ ފަހަރިކަން އެނގިހުރެ......" މިޝެލިން އެހިސާބަށް ބުނެފައި ދުލުގައި ދައިގަނެވިއްޖެއެވެ. އިއްބާނު ސިއްރުކުރަން ބުނި ވާހަކައެއް އޮޅިގެން އެ ކިޔައިލެވުނީއެވެ.

"ހެހެ، ބެންއަށް ނުހުރެވޭނެ ސޯލްމޭޓް ގާތުގައި ޑެއިލީ ރިޕޯޓް ނީއްވާ، އެނީވޭސް ބެން މަގޭ ގާތުގައި ބުނި ޝެލްއަށް އެނގޭނެޔޭ، އަސްލު މިހާރު ދުނިޔެއަށް އެކަން ހާމަވިޔަސް މައްސަލައެއް ނޫނޭ... ދެން އޮތީ އަހަރެމެން ދެމީހުން އެކީގައި ތިއްބާ އެހެންމީހުންނަށް ފެނުނީމަ އެކަމާ ޝެލް ބިރުން އުޅެނީ ކީއްވެތަ؟ އެހެންމީހުން ހީކުރާނެ އެއްޗެއް ހީކުރިޔަދީ، ބެން ޓްރަސްޓް ކުރާނެ، އަހަރެމެން ދެމީހުން އެކީގައި ސްލީޕްކުރިޔޭ ބުންޏަސް ބެން ގަބޫލު ނުކުރާނެކަން ޔަގީން..." ރަފާއިލްގެ ވާހަކައިން މިޝެލިންގެ މޫނުގެ ކުލަ ބަދަލުވިއެވެ.

"ބުނަން ރަފޭލް، ތިއީ ވަރަށް ގޯސްކަމެއް، އަހަރެން ބޭނުމެއްނޫން ދެމީހުން މިގޮތަށް އެކަނި ތިއްބާ އިތުރު މީހަކަށް ފެންނާކަށް.. އަދި ތިގޮތަށް ވާހަކަ ދައްކާތީ ވަރަށް ފޫހިވޭ، ބެންގެ ބޭބެއަކު ނުޖެހޭނެ އޯޕެންކޮށް އަހަންނާއި ފްލާޓް ކުރާކަށް........." މިޝެލިން ދާން ހިނގައިގަތުމުން ރަފާއިލް ޖެހިލުމެއްނެތި އެއަތުގައި ހިފިއެވެ. އެއަތުގެ ބާރު އިހުސާސް ކުރެވުމުން މިޝެލިން ބިރުގަންނަގޮތްވިއެވެ.

"ޝެލް، ފޮބިޑްން ލަވް އެފެއަރ އެއް މަޖާވާނެ ވަރު ވިސްނާލަބަލަ، ބެން އަހަރެމެން ދެމީހުންނަށް ކިހާ ޓްރަސްޓް ކުރާނެ.. އެކަމުގެ އެޑްވާންޓޭޖް އަހަރެމެންނަށް ނެގިދާނެ، އަންފެއިތްފުލް ގާލްއަކަށް ވީމަ ކިހާ ސަޅި، ކިހިނެއް އެނގޭނީ ބެންއަށް ވުރެ އަހަރެން ރޮމެންޓިކް ނުވާނެ ކަމެއް، މިރޭ އަންނަންވީނު އަހަރެންގެ ރޫމަށް........." ރަފާއިލް ހީލަމުން އެއްލޯ މަރާލި އިރު މިޝެލިން ކޮށްލާނެ ކަމަކަށް ސަމާލުވިޔަސް އަތުގައި ނުހިފަހައްޓަން ނިންމިއެވެ. އެހެންނޫންނަމަ ބާރެއްނެތް އަންހެންކުއްޖަކަށް އޭނަގެ ގަޔަށް އަތެއް ނުލެވޭނެއެވެ. ކަން ހިނގީ ރަފާއިލް ލަފާކުރިގޮތަށެވެ. މިޝެލިން އެ ނާޒުކްއަތަށް ލެވުނުހާ ބާރެއްލާފައި މޫނުމަތީގައި ޖެހި އެތިފަހަރުން ރަފާއިލްގެ މޫނަށް ހޫނުވެގެން ދިޔައެވެ.

"ފާޑެއްގެ ގޭއި މީހާ ގަނޑެއް މަށާއި އަޅައިގެން އުޅޭތީ ލަދުން ބޯ ހަލާކުވާވަރުވޭ، ދާންވީނު ނާސި ގެއަކަށް، ތިކަހަލަ ފިރިހެނުން ތިބޭނެ ކިޔޫގައި، އައި ސްވިއަރ ޓު ގޯޑް އަހަރެން ހަމަ ހޭގައި ހުރެގެން ނުދާނަން ތި މީހާގެ ގާތަށް، ހެޔޮ މި ދުނިޔެއިން ހުރިހާ ފިރިހެނުން ހުސްވިޔަސް....." މިޝެލިން ރުޅިގަދަވެފައި ހުރިވަރުން ރަފާއިލްގެ މޭގައި ދެއަތްއަޅާ ކޮށްޕާލުމުން ރަފާއިލް ހުރިތަނުން ގުޑުވައެއް ނުލެވުނެވެ.

"ރިއަލީ؟ އެފަދަ ދުވަހެއް އަތުވެއްޖެއްޔާ މި ޕްލަނެޓްގައި އަހަންނާއި އެކު ދެން އުޅޭނީ މިލިއަނުން ގާލްސްއިން ދޯ، އޭރުން ޝެލް އަށް ދުރަކު ނުހުރެވޭނެ، ފައިގާ ހިފާ އާދޭސްކުރާނެކަން ޔަގީން...." ރަފާއިލް މިޝެލިން ރުޅި އެރުވުމުގައ ކާމިޔާބު ކުރިއެވެ. މިޝެލިންގެ ދޮންމޫނު ރަތްކަމާއި ރީތިކަމުން ހީވީ ހުޅުކޮޅެއްހެންނެވެ. 

"އައިމް ނޮޓް ޓޯކިން ޓު ޔޫ އެގެއިން... ނެވަރ އެވަރ..." މިޝެލިން ވިދުވަރެއްހާ ހަލުވިކޮށް ގަސްތަކުގެ ތެރެއިން ނިކުމެގެން ގޮސް ގެއްލުނެވެ. 

ރަފާއިލް ގަހަށް ލެނގިލައިގެން ހިމޭނުން ހުރިއިރު ތަފާތު ޚިޔާލުތަކުން ބޮލުގައި ރިއްސަން ފެށިއެވެ. އެގޮތަށް މިޝެލިން ރުޅިއަރުވާލީމަ ހިތަށް ލިބެނީ ކޮން އުފަލެއް ހެއްޔެވެ؟ މިޝެލިން ބުނެލާ ޖުމްލަތަކުން ހިތް ކުދިކުދިވާވަރުވެއެވެ. އިންތިހާ ދަރަޖައިގެ ހިތްދަތިކަން ނޫން އެއްޗެއް ލިބެނީއެއް ނޫނެވެ. އެކަމަކު ކުށްވެރި ކުރެވުނީ އަމިއްލަ ނަފުސެވެ. މިޝެލިން ރުޅިއަންނާނެކަން އެނގިހުރެ އެއްޗެހި ކިޔުއްވަން އޭނަ ގަސްތުގައި ދިމާކުރަނީ ވިއްޔާއެވެ. މިކަން އޭނަ ހުއްޓާލަން ޖެހޭނެ އެވެ. އިއްބާނުއަށް އެނގިއްޖެއްޔާ އޭނަގެ ހިތަށްވެސް ހާދަ އުދަގުލެއްވާނެއެވެ. އެކަމާއި ޚިޔާލު ބޮޑުވާނެއެވެ. މިހާރު އެދެމީހުންގެ ގުޅުންވަނީ ކުރިއަށް ވުރެ ގާތްވެފައެވެ. ލޭގެ ގުޅުމުގެ ސަބަބުން ކަމަށް ވެދާނެއެވެ. ރަފާއިލްގެ ހިތުގައި އިއްބާނު އާއި މެދު ޚާއްސަ ކަމެއްވެއެވެ. ކޮއްކޮއެއްގެ ނަޒަރުންވެސް ދެކެވެން ފެށިއެވެ. އިއްބާނުއަށް އެއްވެސް ދެރައެއްލިބޭކަށް އޭނަ ބޭނުމެއްނުވެއެވެ. އިއްބާނު އުޅޭހާ ގޮތްތައް ބެލެންވެސް ފެށީ އެހެންވީމައެވެ. އިއްބާނު އޭނަގެ ކުރީގެ އެކުވެރިންނާއި ގުޅުން ބޭއްވިޔަ ނުދޭން އޭނަ ހާދަ މަސައްކަތްކުރެއެވެ. ހުރިހާ މައްސަލަތަކާއި ހުރެ އޭނަގެ ނުކިޔަމަން ތެރި ހިތަށް ވިސްނާދީދީ ވަރުބަލިވާވަރުވެއްޖެއެވެ. އެކަމަކު މިޝެލިންގެ ލޯބި ހިތުން ފިލުވައެއްނުލެވުނެވެ.

މިހުރާން އެޕާޓްމެންޓަށް ވަންއިރު މީރާ ހުރީ ފާޚާނާގައެވެ. މިހުރާން މީރާގެ ރިޕޯޓްތައް އޭނައަށް ފޮރުވާފައި ވެދާނެ ކަމަށް ހީކޮށް ކޮންމެވެސް ވަރަކަށް އަލަމާރި ހާވާލަން ކަމަށް ގަސްތުކޮށް ހަމަޖެހިލާފައި ހުރެ ފެނުނުހާ ކަރުދާސް ތަކާއި ބިލްތައް ބަލަން ފެށިއެވެ. އެހެން އުޅެނިކޮށް މައްސަރެއްހާ ދުވަސްކުރިން މީރާ އެޑްމިޓްކޮށްފައި އޮތްފައި ދޫކޮށްލި ފަދަ ލިޔުމެއް ފެނުމުން އެ ބަލައިލުމާއި އެކު މިހުރާންގެ ހިތް އަވަސްވިއެވެ. އެކަން އެނގިހުރެ މީރާ މިހިރީ އޭނައަށް ސިއްރުކޮށްގެންނެވެ. އަދިވެސް ބަލިވެއިން ކަމަށް އެކްޓްކޮށްލައި ގެންނެވެ. މި އަންހެންކުދިން ދޮގުވެރިކަމާއި، ކެހިވެރި ކަމާއި މެދުވެސް ހައިރާންވާން ޖެހިއްޖެއެވެ. ދޮގުހަދައިގެން އޭނަގެ ހަޔާތަށް ވަންނަން އުޅުނުއިރު ބޭޒާރު ވެދާނެ ކަމަށް ހިތަށް ނޭރިއެވެ. މިހުރާން އެ ފައިލުތައް ހުރި ގޮތަށް ބަހައްޓާފައި އެޕާޓްމެންޓުން ނުކުމެގެން ދާން ހިނގައިގަތްއިރު އޭނަގެ މޫނުމަތިން އިތުރު ޝުޢޫރުތަކެއް ނުފެނެއެވެ.

މިހުރާން ޓިފެނީއަށް ވަދެ "ރޯޒްގޯލްޑް" ފަށެއް ގަނެލިއެވެ. ފަށުފުލަކަށް ކުޑަ ހިތެއްގައި ހުދު ޖަވާހިރުޖަހާފައިވާ އެ ފަށް ލޯބިކަމުން މިހުރާންއަށް އިރުކޮޅެއްވާންދެން އެ ފަށާއި ކުޅެލެވުނެވެ. ދެހާސް ޕައުންޑުވީމަ ދެން އެހާ އަގު ބޮޑެއްނޫނެވެ. ނަމަވެސް ވަގުތެއް ނެތީމަ ހުރިހާ އެއްޗެއް ހާވާލާނެ ފުރުސަތެއްވެސް ނުލިބުނީއެވެ. އެހެންނޫނަސް ގަހަނާ ތަކާއި ބެހޭގޮތުން އޭނަގެ އެއްވެސް ތަޖުރިބާއެއްނެތެވެ. މިހުރާން ކާރަށް އަރައި ދުއްވާލި އިރު އަންހެންކުދިންތަކެއް އޭނައަށް ގޮވާލާފައި ކޮންމެވެސް އެއްޗެކޭ ބުނެލި ނަމަވެސް އޭނަ ބަލައިވެސް ނުލައެވެ. 

މިލީނާ ފެންވަރާލައިގެން ނުކުތްއިރު ހުރީ އެކަނި ރީދޫކުލައިގެ ސޯޓްކޮޅެއްގައެވެ. އިސްތަށިގަނޑު ހިއްކާލަންވެގެން ހެއަރޑްރަޔަރ ޖައްސައިލިތަނުން ދޮރު ހުޅުވާލާފައި މިހުރާން ވަނުމުން މިލީނާ ކުޑަކޮށް ހިނިތުންވެލިއެވެ.

"ޝެލް ބޭބީ ގޮވައިގެން ގެންދިޔައިމަ ހިތަށް އެރީ ފެންވަރާލާނީއޭ...." މިލީނާ އަށް މިހުރާންގެ ގޮތް އެނގޭތީ ނާހަނީސް ދަރިފުޅު ވީތަން ބުނެދިނެވެ. މިންކު އާއި ހެދި މިހުރާން ވާވަރު ފެނުމުން މިލީނާގެ ހިތަށް އުފާލިބެއެވެ. 

"ރަނގަޅު ޓައިމަށް މި އާދެވުނީ....." މިހުރާންގެ ހިތްވެސް މިލީނާގެ ރީތިކަމަށް ތައުރީފު ކުރިއެވެ. 

"ކުޑަ ރީތި ފަށް ފެނުނީމަ މިލީ މަތިން ހަނދާންވީ...." މިހުރާން މިލީނާގެ ދޮން ކަނދުރާގައި އެ ފަށް އަޅުވާލަދިނުމުން މިލީނާއަށް ބަލައިލެވުމާއިއެކު ލޯ ތަރަތަރަޖަހައިގެން ދިޔައެވެ. ހާދަ ރީއްޗެވެ. ނުވީތާކަށް ގަހަނާއިން މިލީނާ އެންމެ ބޭނުންވާކުލައެވެ.

"ވާއު.....ޕްރިޓީ..." މިހުރާން ފަހަތުގައި ހުރެ ބައްދައިލި އެވެ. މިހުރާންގެ ނޭވާގެ ހޫނުކަން މިލީނާގެ މޫނަށް އެޅުމުން މިހުރާންގެ އަތުގައި މަޑުމަޑުން ހިފައިލެވުނެވެ.

"ތެންކިއު ރެން.... މިވީހާ ތަނަށް މިންކު ނޫނީ ލިބުނު އެންމެ ރީތި ހަދިޔާ..." މިލީނާ މަޑުމަޑުން ބުނެލީ އެސްފިޔަތައް ތިރިކޮށްލަމުންނެވެ.

"ދުވަހަކު މިލީ އަހަރެންގެ ގާތުގައި ތިހެނެއް ނުބުނަމެއްނު...." މިހުރާންގެ ގާތުގައި މިލީނާ ދުވަހަކު އެއްބަސް ނުވިޔަސް އޭނަދެކެ މިލީނާ ލޯބިވާވަރު ރަނގަޅަށް އެނގެއެވެ.

"މިހާރު މިބުނީ އެއްނު....." މިލީނާ އެ ރީތި ދެލޮލަށް ބަލާލައިފިއެވެ. މިހުރާންގެ ލޮލުގައި ނަށަނަށާ ހުރީ ލާނެތް ވިދުވަރެކެވެ. އޭނައަށްވެސް އެވަރު އެނގެއެވެ. ދެމީހުން ދެމީހުންނަށް ލޯބިވާއިރު އެފަދަ އެއްވެސް ވާހަކައެއް ނުދެކެވެނީ އެވެ. އަމަލުންނާއި އުޅުމުން އެކަން ސާބިތުވެއެވެ. ހަގީގަތުގައި ދުލުން ބުނުމަށްވުރެ އަމަލުން އެކަން ދެއްކުން މާ ރަނގަޅެވެ. ނަމަވެސް ގިނަގިނައިން އެވާހަކަވެސް ބުނެވެންވާނެއެވެ. ލޯބި ފުރިހަމަ ވާނީ އޭރުންނެވެ.

އެ ވަގުތު މީހަކު ދޮރުގައި ޓަކިދޭން ފެށުމުން މިހުރާން ދޮރު ހުޅުވަން ދިޔައީ މޭޒުމަތީގައި ފޯނު ބާއްވާފައެވެ. އެވަގުތު ފޯނަށް މެސެޖެއް އައުމުން މިލީނާއަށް ބަލައިނުލާ ނުހުރެވުނެވެ. އެ މެސެޖް ކިޔައިލުމާއިއެކު މިލީނާގެ ހިތް ފުނޑުފުނޑުވެގެން ހިނގައްޖެއެވެ. އެއީ މީރާ އިނގިރޭސިބަހުން ނިކަން ލޯބިން ލިޔެފައިވާ މެސެޖެކެވެ. މިހުރާން އާއި ބައްދަލުވާ ކޮންމެ ވަގުތަކު އޭނައަށް ވާވަރާއި ލޯބިވާވަރު ހާމަކޮށްފައި އޮތެވެ. މިއަދު އަންނާނަމޭ ކިޔާފައި ޚަބަރެއްނުވާތީ އަދިވެސް އިންތިޒާރު ކުރާކަމަށް ލިޔެފައި އޮތެވެ. މިލީނާ ވަގުތުން އެމެސެޖް ފޮހެލައިފިއެވެ. ނަމަވެސް އެވަގުތު އޭނަ މީރާއަށް ގުޅާފައި ރަނގަޅަށް ޒުވާބު ކޮށްލަން ބޭނުންވިއެވެ. ކޮޓަރީގެ ދޮރު ތަޅުލާފައި ބެލްކަންޏަށް ނުކުމެ މީރާއަށް ގުޅާލި ގޮތަށް އޭނަގެ ދިރިއުޅުމަށް މީރާ ވަންނަން އުޅެނީ ކީއްވެހޭ ކިޔާފައި މިލީނާ ސުވާލުކުރިއެވެ.

"އަހަރެމެންގެ ދަރިއެއް އެބައޮތް، މީރާ އަހަރެމެންގެ ހަޔާތުން ދުރަށް ދޭބަލަ..." މިލީނާގެ ލޮލުގައި ގިނަވެގަތް ކަރުނަތައް ކޯތާފަތްމަތިން ތިރިއަށް ދެމިގަތެވެ.

"ކީއްވެ އަހަރެން ދާންވީ؟ އަހަރެމެން ނުލާހިކު ލޯބިން އުޅެނިކޮށް އަހަރެމެންގެ ލައިފަށް ވަދެގެން މިލީ ތިއުޅޭއިރު ކިހާ އަންފެއަރ، ކިހާ އަމިއްލަ އެދުން ބޮޑު، ނޭގޭތަ އަހަރެން ރެން ދެކެ ލޯބިވާވަރު... ހީޒް މައި އެވްރީތިން.. އަހަރެންވެސް ޕްރެގްއޭ، އެކަނި މިލީގެ ހައްގެއްތަ އެއީ؟ ރެންއަކީ މަގޭވެސް މީހެކޭ، ދެން ކިއްވެތަ މިލީ އަހަރެމެން ގެ ދޭތެރެއަށް ފުންމާލީ، އަދި ގިލްޓީ ވާކަށްވެސް ނޭގޭ، އަހަރެން ގެ މުޅި ދިރިއުޅުން ހަލާކުކޮށްލާފައި އަދި އެބަބުނޭ ދުރަށް ދާށޭ، ރެންގެ ލައިފްއިން ދާން ޖެހޭ މީހަކީ މަށެއް ނޫނޭ، މިލީ ދާންވީ......." މީރާގެ އަޑުން އޭނަ ރޮނީކަން އެނގުނެވެ.

"އައިމް ހިޒް ވައިފް، މީރާ އެހެން މީހަކާއި މެރީކުރަންވީއެއްނު، ތިއީ ދީނުގައި ހުއްދަކަމެއްނޫން މީރާ، ހުއްދަނޫން ގުޅުމެއް ކުރިއަށް ގެންދިއުމުގެ ބޭނުމަކީ ކޮބާތަ؟" މިލީނާގެ ހިތްވަރު ބަލިވާންފެށިއެވެ. މީރާ އެހެރީ ގޮތް ދޫކުރާގޮތަކަށް ނޫނެވެ.

"ރެންއަށް ސިއްރުން ތި ގުޅަނީ ދޯ، ރެންއަށް އެނގިއްޖެއްޔާ ހީ ވިލް ކިލް ޔޫ، އެހެންނޫނަސް ރެން މިލީ ދެކެ ލޯބިވާނަމަ އަހަރެންގެ ގާތަކަށް ކޮންމެ ދުވަހަކު ނާންނާނެ، އޭނަގެ މަންމަ އާއި ބައްޕަގެ ހެޕިނެސްއަށްޓަކައި އޭނަ މިލީއާއި މެރީކުރީ، ލޯބިވާތީއެއްނޫން، ވީމަ ދެން ވެސް ތި ފޫޓެއް ހަމަ ނުވާ ކުއްޖާ އެއް ފަރާތަކަށް ޖެހިލާ، ރެންއަކާއި ސައިޒުންވެސް ގުޅެނީއެއްނޫން، ކުޑަ ބޮކެއް މާ ވެގެން އެބަ އުޅެއެއްނު، ކުޑަ މީހާއަށް ބެޑްގައި ރެން ހިތް ހަމަޖައްސައި ދެވެނީއެއް ނޫން، ރެން މަގޭ ގާތަށް އަންނަން ޖެހެނީ ކަމެއްވީމައެއް ނު، ރެން ސެޓިސްފައިކޮށް ދެވޭނަމަ އޭނަ ހުންނާނީ އެހެން އަންހެންކުއްޖަކަށް ބަލައިނުލާ ކަން ނޭގޭ، އެހެނެއްނުވި، ދެންވެސް ރެން އަށް އަހަރެން ގުޅީމަ އަނގަ ގަދަ ނުކުރާތި، އަހަރެންގެ ނުލަފާކަން ނުފެނިގެން ތިއުޅެނީ، ހަމަ ތެދެއް މިބުނީ އަހަރެން ރެން ހޯދަން ކޮންމެފަދަ ކަމެއްވެސް ކޮށްފާނަން........." މީރާ އެގޮތަށް ވާހަކަ ދައްކަން ފެށުމުން މިލީނާގެ ހިތަށް ބިރުވެރިކަމެއް ވަނެވެ. އެވަގުތު މީރާ ފޯނު ކަނޑާލައިފި އެވެ. 

މިލީނާއަށް މާބޮޑަށް ރޮވެންފެށިއެވެ. މީރާގެ ބަސްތައް ތުނޑު ތޫނުކަށިތަކެއްހެން ސިކުނޑިއަށް ހަމަލާދިނީއެވެ. އޭނަ އެބުނީ މުޅިން ދޮގުވާހަކައެއް ނޫނެވެ. މިހުރާން އޭނަ އާއި ކައިވެނި ކުރީ އާއިލާއަށް ޓަކައެވެ. އެކަމަކު މިހާރު މިހުރާން އޭނަދެކެ ލޯބިނުވެޔޭ އޭނަ އަށް ނުބުނެވޭނެއެވެ. އަނގައިން އެ ލަފުޒުތައް ނުބުނާކަން އެކަނިއެވެ. ހާދަ އަޅާލައެވެ. ހާދަ ހެވެވެ. ކަރުގައި މިއޮތީވެސް އެ ލޯބީގެ ހެއްކެކެވެ. ކުރިން މަދުވެފައިވި އެއްޗަކީ އިޝްގެވެ. މިހާރު މަޑުމަޑުން އެ ރީތި ކުލަތައްވެސް މިހުރާން އޭނަގެ ހަޔާތުގައި ޖައްސަދޭން ފަށައިފިއެވެ.

މިހާރު މިވީ ކިހިނެއް ހެއްޔެވެ؟ މިހުރާން ދެމީހުން ދެކެ ލޯބިވަނީ ހެއްޔެވެ؟ ޔަގީނުންވެސް މިލީނާގެ ހިތަކަށް ކެތެއް ނުކުރެވޭނެއެވެ. މިހުރާން އޭނަ ނޫން އެހެން އަންހެންކުއްޖަކާއި އަނގައިން ބުނާތަން ދެކޭކަށްވެސް މިލީނާގެ ހިތަކަށް ކުޅަދާނައެއްނޫނެވެ. އޭނަ އެއަށް ވުރެ އަމިއްލަ އެދުން ބޮޑުވެއްޖެއެވެ. މިހުރާންގެ އެ ރީތި ނަޒަރު އަދި ހިނިތުންވުން އެއީ އޭނަގެ އެކަނި އެއްޗެއްސެވެ. އެހެން އެކަކަށްވެސް މިހުރާން ލިބުމަކަށް އެހިތް ނޭދެއެވެ. އެހެން އަންހެންކުއްޖަކާއި ހެދި މިހުރާން ނޫޅޭނެނަމައެވެ. ހިތް ހަލާކުވާވަރުވެއެވެ. އޭނަ ބޭނުންވިޔަސް މިހުރާން އެކަން ހުއްޓައެއް ނުލާނެއެވެ.

މިލީނާ ފޯނުން އެ ނަމްބަރު ފޮހެލާފައި ފޯނު އޮތްތާ ބޭއްވިޔަސް ކަރުނަތަކަށް ނިމުމެއް ނައެވެ. ބަލިކަމަށް ހެދެންވީއެވެ. މިހުރާން މިހާރު ނުކުމެގެން އެދިޔައީ ކޮންތާކަށް ހެއްޔެވެ؟ އެންމެ ރަނގަޅުވާނީ މިހުރާން އައުމުގެ ކުރިން މި ކޮޓަރިން ނުކުމެގެން އެހެން ތަނަކަށް ވަދެ އިރުކޮޅަކަށް ފިލުމަށެވެ. ދުނިޔެއަށް ވެސް ފިލަން އޭނަ ބޭނުންވިއެވެ. މިއަދު ލިބުނު އިންތިހާ ދަރަޖައިގެ އުފާތައް ހިދުކޮޅެއްގެ ތެރޭގައި ވިއްސިވިހާލިވެގެން ހިގައްޖެއެވެ.

މިލީނާ ޖިންސަކާއި އަތްދިގު ސްވެޓަރެއް ލުމުން އެ ކުޑަ ފްރޭމްގެ ސަބަބުން ބާބީ ބުދަކާއި ވައްތަރެވެ. މިލީނާ އިސްތަށިގަނޑުގައި ސްކާފް އޮޅައިލުމަށްފަހު ކެހެރި ތޮތްޕެއް އަޅާލައިގެން ޖެކެޓް ލައިގެން އަވަހަށް ނުކުންނަން ހިނގައިގަތެވެ. ނަސީބަކުން ކޮރިޑޯ އޮތީ ފަޅަށެވެ. މިލީނާ މަޑު ފިޔަވަޅުތަކެއްގައި ގޮސް ގޭގެ ބެކްޔާޑަށް ނުކުމެ އާދައިގެ މަތިން ފިލަންވަނީ ގަހެއްގެ ފުރަގަހަށެވެ. ކުރީއްސުރެ މިލީނާގެ ގައިގައި ވަނީ އެ އާދަ ހިފިފައެވެ. އޭނަ ހޯދަން އެންމެ އުދަގޫވާނީ އެތަނުންކަމަށް ހީކުރެވޭއިރު މިހާރު މިހުރާންއަށް މިލީނާ ދަސްވާހާ ދުވަސްވެއްޖެއެވެ.

އެހެންނޫނަސް މިލީނާއަށް ވިސްނުނީ މިހެން ފިލާފައި އިނުމަކީ ބޭކާރުކަމެއްކަމެވެ. މިންކު އެއްލާލާފައި އޭނައަށް މިހެނެއް ނީދެވޭނެއެވެ. ދަރިފުޅު ބަނޑުހައިވެދާނެއެވެ. އޭނަ ޖެހޭނީ ކަރުނަތަކާއި ހަނގުރާމަކޮށް ގަދަވެގަތުމަށެވެ. ދަރިފުޅަށްޓަކައި ހިތްވަރުކުރަން ޖެހޭނެއެވެ. މިލީނާ ކަރުނަތައް ފޮހެލާފައި ގަދަކަމުން ހިނިތުންވެލައިފި އެވެ. މިލީނާ ސިޑިން މައްޗަށް އަރައިގެން ކޮރިޑޯއިން ހިނގާލާފައި ދަނިކޮށް މިހުރާން ނުކުތްތަން ފެނުނީ މަތީބައިގެ އެހެން ކޮޓަރި އަކުންނެވެ. މިހުރާން ގޮވައިލުމުން މިލީނާ ބަލައެއްނުލިއެވެ. އޭރު މިހުރާން ހުރީ ގާތުގައި ޖައްސާލާފައެވެ.

"ކޮބާތަ މިންކު.. ފީޑްކުރަންވެގެން...." މިލީނާ ކޮޓަރި އާއި އަރާހަމަވެފައި ތަޅުގައި ހިފާލިއިރުވެސް އޭނަ މަސައްކަތް ކުރަމުން ދިޔައީ އިސްއުފުލާލާފައި މިހުރާންގެ މޫނަށް ނުބަލައި ހުރުމަށެވެ. އެހެންނޫނީ އެސްފިޔަތަކުގައި ހަރުލާފައިވާ ކަރުނަތައް އޮހިގަންނަން ސިކުންތު ކޮޅެއްވެސް ނުނަގާނެއެވެ.

"މިލީ ތައްޔާރުވެލައިގެން ބޭރަށް ދާންތަ؟" މިހުރާންގެ ޖުމްލަ ފުރިހަމަނުވަނީސް މިލީނާ ކޮޓަރި ތެރެއަށް ދެމިގެންފިއެވެ. މިހުރާންއަށް ކުރިން ކުރެވުނީ ޝައްކެކެވެ. މިހާރު ޔަގީން ކުރެވިއްޖެއެވެ. އޭނަ މިލީނާގެ ސުވާލަށް ޖަވާބު ނުދީ އެހެން އަހާލީވެސް މިލީނާގެ ހަރަކާތް ހުރިގޮތުންނެވެ. މިލީނާއަށް އިރުއިރުކޮޅާ އެފަދަ ބަދަލުތަކެއް އަންނަންވީ ސަބަބެއް ޔަގީން ނުވެފައިހުރެ މިހުރާން ދޮރުގައި އަތްއަޅުވާލައިގެން އަތްމަތީގައި ނިތްކުރި ޖައްސާލި ގޮތަށް އިރުކޮޅެއް ވާންދެން ހުއްޓެވެ.

ކޮމެންޓް 0