މާޒިން އެހެން ބުނިކަމުގައި ވިޔަސް ރޯދަ ވީއްލާ ގަޑީގައި ކުދިން ގޮވައިގެން އެހެން ތަނަކަށް ދިޔައްޔާ ސޯފިޔާގެ ފަރާތުން އެތައް ސުވާލުތަކެއް ކުރިމަތިވާނެކަން މާޒިންއަށް ޔަގީންވިއެވެ. އޭނަ އެކަމާއި ވިސްނާލައިފައި އެހެން ގަޑިއެއް ޚިޔާރު ކުރިއެވެ. އަސުރުނަމާދަށް ފަހު ދާން މާޒިން ނިންމިއެވެ. މިޝެލިން ކޮޓަރިއަށް ވަންގޮތަށް ހުރިހާ ހެދުންތައް އަލަމާރިން ނަގައިގެން އެނދުމައްޗަށް އަޅާލައިފައި ފަހަރަކު ހެދުމެއް ގައިގައި ޖައްސަން ފެށިއެވެ. މިޝެލިން އުޅުނު ގޮތުން މިލީނާ ހުރީ ހައިރާންވެފައެވެ.

"މާމައަށް ފަރިދައްކާ ހިތުން ހާދަ ވަރެކޭ ތިވަނީ..." މިލީނާ އޭނަގެ ކަޅުހެދުން އިސްތިރިކުރަން ހުރިއިރު ދޭތެރެއަކުން މިޝެލިންގެ ހަރަކާތްތަކަށް ބެލިއެވެ.

"އަލަށް ބައްދަލުވާއިރު އިމްޕްރެޝަން ރަނގަޅުކުރަން ޖެހޭނެ، މިލީވެސް ތި ބްލެކް ޑްރެސް ބާލާފައި ދޭ، މާމަމެން ގޭގައި އުޅޭނީ ނިކަން ސްޓައިލިޝް ކުދިންހެން ހީވަނީ، މަންމަ ކުރިން ކިޔައެއްނު އެއީ ޝާހީ ބަޔެކޭ..." މިޝެލިން ކުޑަ ހުނުމަކާއިއެކު އެހެން ބުނެލިއިރު އޭނަގެ ހިތް ބާރު ބާރަށް ތެޅެމުންދިޔައެވެ. އެގޭގައި ޒަހްރާން އުޅޭނެކަން ހިތަށް އަރާފައި މިވަނީ ހާދަ ވަރެކެވެ. އެންމެ ފަހުން މިޝެލިން ގަސްތުކުރީ ކުރުތާ ހެދުމެއްލައިގެން ދިޔުމަށެވެ. އެހެންނޫނީ ޒަހްރާން ހީކުރާނީ އޭނައަށް ދެއްކެންވެގެން ރީތިވެގެން އައީކަމަށެވެ.

މާޒިން އާއި ދެކުދިން ބޭރަށް ނިކުތީ ރޯދަ ކުރުކޮށްލަން ހަވީރު ހިނގާލަން ދިޔުމުގެ ބަހަނާގައެވެ. ސޯފިޔާ ދެކޭގޮތުގައި ހަވީރު ހިގާލަން ދިޔުމަށްވުރެ ޤުރުއާން ކިޔަވަން ގޭގައި އިނިއްޔާ މާ ރަނގަޅެވެ. އެކަމަކު މާޒިން އާއި އެކު ކުދިން ދާން ބޭނުމިއްޔާ އެއީ މައްސަލައެއް ނޫނެވެ.

މިދުވަސްކޮޅު ސޯފިޔާ އަބަދު ދައްކާ ވާހަކައަކީ މިލީނާ އާއި މިޝެލިންއަށް ރަނގަޅު ފިރިން ހޯދަދިނުމެވެ. އެކުދިންނަށް މަގު އޮޅިދާނެތީ ވަޒީފާއަށް ފޮނުވާހިތެއް ސޯފިޔާ ނުވެއެވެ. ސޯފިޔާ ބޭނުމީ އޭނަފަދައިން ގެވެހި އަންހެނެއްގެ ގޮތުގައި ދަރިން ތަރުބިއްޔަތު ކުރަން މިލީނާމެން ގޭގައި އުޅުމެވެ. އެކަމަށްޓަކައި ދީނީ ނޫނީ މުއްސަނދި ފިރިއަކަށް ބޭނުންވާނެއެވެ. މިޒަމާނުގައި ވަރި ގިނަކަމުން އަންހެންކުއްޖާ ރަނގަޅަށް ކިޔަވައިގެން ހުރުން ލާޒިމެވެ. އޭރުން ވަރިކޮށްލި ކަމުގައި ވިޔަސް ނިކަމެތިވެގެނެއް ނުދާނެއެވެ. ނޫނީ މަޖުބޫރުވެގެން އުމުރަށް އަނިޔާވެރި ފިރިއެއްގެ ގާތުގައި ހުންނަން މަޖުބޫރުވެދާނެއެވެ. ސޯފިޔާ އޭނަގެ ދަރިންނަށް ތައުލީމު ހޯދަދިނީ މުސްތަގުބަލަށް ނިކަން ރަނގަޅަށް ވިސްނާފައެވެ.

"ގޯލްޑެން ފްލޭމް" ގެ ކައިރިއަށް ކާރު މަޑުކޮށްލުމުން މާޒިންގެ ފަހަތުން މިލީނާ އާއި މިޝެލިން ކާރުން ފައިބައިފި އެވެ. މިޝެލިންގެ އަތްފައި ގަނޑުފެންކޮޅެއްހާ ފިނިވެ މިލީނާގެ އަތުގައި ހިފާ ބާރުކޮށްލެވިއްޖެއެވެ. އޭނަ ދުވަހަކު ކަމަކާއި ކުރިމަތިލާންވީމަ މިހާ ބިރެއް ނުގަނެއެވެ. ޝާހީ މާމަމެންގެ ކުރިމަތީގައި އުޅެން ޖެހޭނެ އަދަބުވެރިކަމާއި، ވާހަކަދައްކަން ޖެހޭނެ ރީތިގޮތްތައް އޭނަ އަށް މިލީނާ ވަނީ ކިޔައިދީފައެވެ. އެކުދިން ވަނީ "ޕްރިންސެސް ޑައިރީ" ބަލާލާފައެވެ. އެކުދިންނަކީ ވެސް ޝާހީ ޚާންދާނަކަށް ނިސްބަތްވާ ކުދިންނަށް ވާއިރު ޝާހީގޮތެއް ހުންނަން ޖެހޭނެއެވެ.

ގޯލްޑެން ފްލޭމް އާއި ޖެހިގެން ހުރި ގެ ހީވަނީ ހުދު މާބްލްއިން އަޅާފައިވާ ގަނޑުވަރެއްހެންނެވެ. މީގެ ދެއަހަރު ކުރިން މިޝެލިންމެން މިހެން ދާއިރު އެގެ ނުފެނުނީ އެއީ އާ ގެއަކަށްވީމަ ކަން ޔަގީނެވެ. ގޭޓްކައިރިއަށް ޖެހިލައިފައި މިޝެލިން ބަލައިލިއިރު ފެންޑާގައިވާ ހުދު ތަބުތަކުގެ ސަބަބުން ހީވަނީ ބޭރު ގައުމެއްގެ ގެއެއް ފެނުނުހެންނެވެ. އަބަދުވެސް މިޝެލިން އުޅޭހިތްވަނީ ސްވިޒަރލެންޑު ނޫނީ އޮސްޓްރޭލިއާފަދަ ތަނެއްގައެވެ. ކޮންމެ ރެއަކު ހުވަފެނުންވެސް ފެންނަނީ އެތަންތަނެވެ. 

"ބައްޕަގެ އެންމެ ދޮށީ ދައްތަ މަލަކާގެ ގެ...." މާޒިން އެގެއަށް އިޝާރާތް ކޮށްލާފައި ބުނެލިއެވެ.

"ބިއުޓިފުލް....." މިޝެލިންގެ ރީތި ދެލޯ ވިދަންފެށިއެވެ. އެގެއަށް ދިޔުމުގެ ނަސީބު ވެސް އަދި ލިބޭނެތާއެވެ. އެކުދިން ގޯލްޑެން ފްލޭމްގެ ގޭޓުންވަދެގެން ގޮސް ފެންޑާގެ ކުދި ހަރުފަތްތައް ގިރާކޮށް ބޮޑުކޮޓަރިއަށް ވަނެވެ. މިޝެލިން ހައިރާންވީ މިހާ މުއްސަނދި ބަޔެއްގެ ގެ އެހާ ބޮޑަށް ހަދާފައި ނެތީމައެވެ. އާސާރީވެފައި، ޝާހީގޮތެއް ހުރިނަމަވެސް ކޮންމެވެސް ވަރަކަށް ޒަމާނީ ކުލައެއް ހިފާލާފައިވެއެވެ. ގޭތެރޭގައި އަޅާފައި ވަނީ ރަތްކުލައިގެ ބޯ ދޫލައެވެ. ފަރުނީޗަރުތަކުގައި ބޮޑަށް ހުރީ ކަޅާއި، މުށި އަދި ކްރީމް ކުލައެވެ. އެކަމަކު ބޯމަތީގައި އެލުވާފައިވާ ބޮޑެތި ޗާންދަލިޔާ އަދި ފާރުތަކުގައި ވާ ލައިޓްތަކުން ހީވަނީ ފިލްމީ ސެޓެއްގައި އުޅެވޭހެންނެވެ. މަތީބައިގެ ކޮޓަރި އަކުން ޖަހާފައިވާ ލަވައިގެ އަޑު ފުރޭނިގެން އެހިސާބަށް އިވި އިވި ހުއްޓެވެ.

ކުއްލިއަކަށް ސިޑިން ފައިބައިގެން އައި ސްޓައިލިޝް ރީތި އަންހެންކުއްޖާ ފެނުމުން މިޝެލިންއަށް ސިހުމެއް ލިބުނެވެ. ފުރަތަމައަށްވެސް މިޝެލިންގެ ލޮލުގައި އަޅައިގަތީ މުށިކުލައެއް އަރާފައިވާ ފަން އިސްތަށިގަނޑު ދިގުކަމެވެ. އެލްމަންޑު ބައްޓަމަށްވާ ރީތިލޮލުގައި ހުރީ ތަފާތު ކުލައެކެވެ. ހުދުކުލައިގެ ޓައިޓަކާއި، ސްޓްރައިޕް ސިލްކު ޓީޝާޓްކޮޅެއްގެ މަތިން ތުނި ޖެކެޓެއްލައިގެން ހުރިއިރު އެ ދޮން ހަށިގަނޑުގެ ބޮޑުބައި ވަނީ ހާމަޔަށެވެ. ހީވަނީ ޔޫރަޕްކުއްޖެއް ހެންނެވެ. 

"މިއީތަ ބޭބެގެ ކުދިންނަކީ؟ ހިޔެއްވެސް ނުވޭ..." އެ އަންހެންކުއްޖާ އަނގަޔަށް ގޮތެއް ހަދާލިއެވެ. ހީވީ އޭނައަށް މިޝެލިންމެން ކަޓުކުދިންގެ ގޮތުގައި ފެނުނުހެންނެވެ. މިޝެލިންގެ މޫނު ރަތްވިއެވެ. މާޒިން އެކުއްޖާ އާއި ވާހަކަދެއްކީ އޯގާތެރި ކޮށެވެ. ހީވާގޮތުން މާޒިންއަށް އޭނަގެ މިޒާޖު އެގެއެވެ.

"އަހަންނަކީ ޒިލާ....." ޒިލާ ހީލުމަކާއި ނުލައި އަމިއްލައަށް ތައާރަފުވިއެވެ. އެންމެ ނަޒަރަކުން ވެސް މިޝެލިންއަށް ޒިލާ އަކީ ބޮޑާ ކުއްޖެއްކަން އެނގި ހިތުގައި ފޫހިކަމެއް އުފެދިއްޖެއެވެ. މާޒިން މިލީނާމެން ގާތުގައި ބުނީ ޒިލާ އަކީ މާޒިންގެ ދައްތަ މަލަކާގެ އަންހެން ދަރިފުޅު ކަމުގައެވެ. އެވަގުތު ދެއަހަރުގެ ކުޑަ ފިރިހެންކުއްޖަކު ދުވެލާފައި އައިސް "މަންމީ" އޭ ކިޔާފައި ޒިލާގެ ފައިގައި އޮޅުލައިގަތެވެ. ޒިލާގެ ފަހަތުން ކަހަލަ ގޮތަކަށް އައި ޒުވާނާ ފެނުމުން މިޝެލިންގެ ހިތުގެ ވިންދު އަވަސްވިއެވެ. އެއީ ޒަހުރާން އެވެ. މާޒިން ޒަހުރާންއަށް އެކުދިން ތައާރަފު ކޮށްދިނެވެ. އަދި ޒަހުރާންއަކީ ކާޑިއޮލޮޖިސްޓެކޭ ބުނުމުން މިޝެލިންގެ ހިތުގައިވާ ގަދަރު އެތައް ތަނެއް ބޮޑުވިއެވެ. "ވާއު" މިޝެލިންގެ ޅަހިތް ތައުރީފުކުރިއެވެ.

ޒަހުރާން އެކުދިންނާއި ސަލާމް ކޮށްލީ ހިނިތުންވުމަކާއި އެކުގައެވެ. އަދި ޒަހުރާންގެ ކުޑަ ދަރިފުޅު ޒެފަން އުރާލާފައި މިއީ އޭނަގެ ދަރިފުޅުކަން މިޝެލިންމެން ގާތުގައި ބުނެދިނެވެ. މިޝެލިން ހުރީ އަނގަ ސަކަރާތް ވެފައެވެ. ކިޔާނެ އެއްޗެއް ނޭގިފައެވެ. ޒަހުރާން ހުންނަނީ މީހަކާއި އިނދެގެން ކަމާއި، ދަރިން ތިބެދާނެކަން ބައްޕަގެ ފަރާތުން މިޝެލިންއަށް ވަނީ އެގިފައެވެ. މައްސަލައަކީ ޒިލާގެ ފިރިމީހާއަށް ޒަހުރާން ވިކަމެވެ. އަދި އެދެމަފިރިންގެ ދަރިއަކު ހުރިކަމެވެ. ޒެފަން ހީވަނީ ކުޑަ ބުދެއްހެންނެވެ. މުށި އިސްތަށި ކޮޅަކާއި، ހުދު ދެލޮލުގެ ތޫނުކަމުން ހާދަ ނަލައެވެ. ފުރިހަމައެވެ.

"ޒަހްރާން، ޒެފް ފެންވަރުވައިލަބަލަ، ގެއަށް މެހުމާނުން އައިއިރުވެސް ތިހިރީ ޒެފް ހުރިލެއް، މި މީހުން މިއަދު އަންނާނެކަން ރަނގަޅަށް އެނގޭނެ އެކަމަކު......" ޒިލާ ޒަހުރާންއަށް ބަލައިލި ނަޒަރު މިޝެލިންއަށް ކަމަކުނުދިޔައެވެ. ހީވަނީ ޒިލާ މާގަދަކޮށްލާފައި އުޅޭހެންނެވެ. 

މިޝެލިންގެ ވިސްނުން ތޫނުކަމުން ޒިލާ އާއި ބެހޭގޮތުން ހީވީ ރަނގަޅަށެވެ. ހަގީގަތުގައި ޒަހްރާން އާއި ޒިލާ ގެ ކައިވެންޏަކީ ލޯބިން ކުރެވުނު ކައިވެންޏެއް ނޫނެވެ. ޒަހުރާން ޒިލާ ދެކެ އިންތިހާއަށް ލޯބިވާއިރުވެސް ޒިލާ އެއްވެސް ވަރަކަށް ޒަހްރާން އާއި ދޭތެރޭގައި ނުވިސްނައެވެ. އޭރު އޭނަ ރައްޓެހިވެގެން އުޅުނީ ކްރިސްޓިއަން ކުއްޖަކާއެވެ. ޒިލާގެ މީހުން އޭނަ އަށް މަޖުބޫރުކޮށްގެން ކައިވެނި ކުރުވީ އެކަމާއި ހުރެއެވެ. އޭނަގެ ލޯބި އޭނަ އާއި ވަކިކުރުވި މީހަކީ ޒަހުރާން ކަމަށް ޒިލާ ޔަގީންކުރިއެވެ. ދުވަހަކުވެސް އެކަމާއި ޒަހްރާނުއަށް މާފުކުރާކަށް އޭނަ ނެތެވެ. ޒިލާ ވަނީ ޒަހްރާންގެ ދިރިއުޅުން އަލިފާނަށް ހަދަން ނިންމާފައެވެ. ރުހުމުގައި ޒަހްރާނުއަށް މިވީހާތަނަށް ޒިލާގެ ގައިގައި އަތްލެވިފައެއްނެތެވެ. ޒެފަންއަކީ ވެސް ދިމާވި އެކްސިޑެންޓެކެވެ. ބައެއްފަހަރު ޒަހްރާނުއަށް ކެތްނުކުރެވިގެން ކޮށްލެވޭ ކުޑަ ގޯނާއަކުން ވެސް ޒިލާ ހަމައިން ނައްޓާލައެވެ. ކުޑަ ސިންގާއެއްހެން ޒަހްރާނުގެ ގަޔަށް އަރައިގަނެގެން، ތަޅައިގެން، ހިތަށް އެރިހާ އެއްޗެއް ކިޔާލާއެވެ. ޒަހްރާންގެ ލޮލުން ކަރުނަ އޮހޮރުވާލުމަކީ ޒިލާއަށް އެއްވެސް ކަމެއް ނޫނެވެ. އަބަދު ޒިލާގެ ދުލުކުރީގައި އޮންނަނީ "ވަރި" އެ ލަފުޒެވެ. ފިރިމީހާގެ ހައްގުތައް ޒިލާއަށް އެއްވެސް ވަރަކަށް އަދާނުކުރެވެއެވެ. އެވަރުންވެސް ޒަހްރާނު ހުންނަނީ ކެތްތެރިވެލައިގެންނެވެ. އާއިލާގެ އެހެން މީހުންނަކަށް އެދޭތެރޭގައި އޮންނަ މައްސަލަގަނޑެއް ނޭގޭނެއެވެ. 

އެކަމަކު ޒަހްރާނުގެ މަންމައަށް ވަނީ ކިތަންމެ ކަމެއް ލޮލުން ފެނިފައެވެ. ޒަހްރާނުގެ މަންމަ އެލީސާ ގެ ހިތް ދަރިފުޅަށްޓަކައި ހަމްދަރުދީ އިން ފުރެއެވެ. ޒަހްރާނު ޒިލާދެކެ ކުޑައިރުއްސުރެ ލޯބިވާވަރު އެންމެ ރަނގަޅަށް އެގޭ މީހަކީ އެލީސާ އެވެ. އެކަމަކު އެލީސާ ވަކި ކުރާނީ ކީއްހެއްޔެވެ؟ ބައެއްފަހަރު އެލީސާ ދެކެނީ ޒަހްރާންއަށް އުފާވެރި ހަޔާތެއް ލިބޭނީ އެހެން ބައިވެރިޔަކު ހޯދައިގެންކަމެވެ. އެލީސާ ޒިލާދެކެ ވަނީ އަމަށަކު ފޫއްސެއްނޫނެވެ. އޭނަ ބޭނުމީ ރަނގަޅު ޅީދަރިއެކެވެ. މިހާ ޒީލަގަދަ ކުއްޖެއްނޫނެވެ. އޭނަގެ އެހެން ފިރިހެން ދަރިންނަށް ރަނގަޅު ކުއްޖެއް ހޯދަން އޭނަ މިހިރީ ކޮންމެފަދަ ގުރުބާނެއްވާންވެސް ތައްޔާރަށެވެ.

އުޑުމަތީގައި ކަޅުވިލާތައް ބޯވަމުން އައިގޮތަށް ކުއްލި އަކަށް ވާރޭ ވެހިގަތެވެ.

"މިކުދިން އައީ ރެއިން ހިފައިގެން ދޯ...." ޒިލާ ގެ ރާގުގައި ހުރީ ޖެއްސުމެވެ. މިޝެލިން ހުރިހާ ދަތްތައް ފެންނަވަރަށް ހީލައިފިއެވެ.

"ރެއިން އަކީ ބްލެސިން އެއް ނޫންތަ ޒިލާ..." މިޝެލިން ގަދަކޮށްލަން ބޭނުންވިއެވެ. މި ފޮނި އަންހެންކުއްޖާ އެމީހުންނަކީ ބީރައްޓެހިންނަށް ހަދަން އުޅޭއިރު މާޒިންއަކީ މިގޭގެ ވާރިސެކެވެ. އަންހެނެއްގެ ދަރިއަކަށްވުރެ ފިރިހެނުންގެ ދަރިން ތަނަށް އޮންނަ ހައްގު ބޮޑުވާނެއެވެ. ވީއިރު ކޮން މޮޅެއްވާކަށް ހެއްޔެވެ؟

"ސަންޝައިން އިޒް ބެޓަރ، އައި ހޭޓް ރެއިން، ހާދަ ކަމެއް ނޭގެޔޭ މިޝެލިންއަށް...." ޒިލާ ހަށަން ބަދެލީ ޗެލެންޖު ކުރާފަދަ ގޮތަކަށެވެ. ޒިލާ ރެއިން އެ މާނަކުރީ ކިހިނެއްކަމެއް އޭރު މިޝެލިން އަކަށް ނުވިސްނުނެވެ. ޒަހުރާންއަށް އާއިލާގެ އެންމެން ކިޔާ އުޅެނީ "ރެއިން" އެވެ.

"އައި ލަވް ރެއިން، ބައިދަވޭ ޒިލާ ގެ ނަން ވަރަށް ފިރިހެން، ތިވަރުގެ ނަމެއް ދިނީ ކާކުތަ؟ އެކަމަކު ޔޫ ލުކް... ސޯ ސްވީޓް؟" މިޝެލިން ހުރިހާ ދަތްތައް ފެންނަވަރަށް ހެވިލާފައި ހުރެ އެއްބުމަ އަރުވާލައިފި އެވެ. ޒިލާ އާއި މިޝެލިންގެ ފުރަތަމަ ބައްދަލުވުމުންވެސް ދެކުދިންގެ ހިތުގައި އެކަކު އަނެކަކާއި މެދު ދުޝްމަންކަން އުފައްދައިފި އެވެ.

"މަންމަ ބުނިގޮތުން މަންމަ އެ ނަން ދިނީ މަންމަ އެންމެ ލޯބިވާ ކޮއްކޮއަށް ރީތި ނަމަކަށް ވީތީ ދޯ ބޭބޭ، މަންމަގެ ފެވެރިޓަކީ ބޭބެކަމަށް ވަނީ، ވީމަ މިޝެލިން ގެ ބައްޕަ ދިން ނަމަކަށް ތި ޖޯކު ޖެހީ، އެނީވޭސް އައި ލަވް މައި ނޭމް، ޔުނިކް ގޮތެއްހުރޭ، ވަރަށް ގިނަ މީހުން މިނަން ރީތިވެގެން އުޅޭ، މިޝެލިން، ޑްރެސްކޮށްފައި ތިހިރީ އަދި ރަނގަޅަކަށް ނޫން، އަނެއްކާ އަބަދު ހުރިހާ ދަތްތައް ދައްކާލައިގެން ހެވިފައި ތިބެނީ މޮޔައިން، މިލީނާ ކަޅުހެދުމެއްލައިގެން ހުރީ އޯލްޑްވީތަ؟ ކިތައް އަހަރުތަ މިލީއަށް ވީ؟" ޒިލާ ރީތިގޮތުގައި މަލާމާތް ކުރިއެވެ. މާޒިން ވިސްނީ ޒިލާމެންގެ ޅަކަމުން ފަށައިގެން އުޅޭ އަރައިރުމެއް ކަމެވެ. އަދި ރަނގަޅު ވާނެއެވެ. ޒިލާއަކީ މާޒިން އިންތިހާއަށް ލޯބިވި ދައްތަ މަލަކާގެ ކުޑަ ދަރިފުޅެވެ. މަލަކާ، މާޒިން ގެންގުޅުނީ އަމިއްލަ ދަރިއެއް ފަދައިންނެވެ. ދެމީހުން ދޭތެރޭގައި ސާދަވަރަކަށް އަހަރުގެ ފަރަގު ހުއްޓަސް އެދެމެދުގައި އޮތީ ނިކަން ޚާއްސަ، ވަރުގަދަ ގުޅުމެކެވެ. ޒިލާ ލިބުމަށްފަހު މާޒިން އާއި ޒިލާގެ ދެމެދުގައި އެފަދަ ގާތް ގުޅުމެއް އޮތެވެ. ހުރިހާވެސް ސަބަބަކީ މަލަކާ އެވެ.

"އިޑިއަޓް....." އެ ޖުމްލަ ވީ މިޝެލިންގެ ހިތުގައެވެ. އެވަގުތު މިޝެލިންގެ މާމަ އާއި، ޒަހުރާންގެ މަންމަ އެލީސާ އަދި ބައްޕަ ހައިތަމް ވެސް ނިކުތެވެ. އެންމެންގެ ޝާހީކަމާއި، ހައިބަތުން ފުރިގެންވާ މޫނުތައް ފެނުމުން މިއީ އެމީހުންނަށް ބީރައްޓެހި ތަނެއްކަން މިލީނާއަށް އިހުސާސް ކުރެވެންފެށިއެވެ. އޭނަގެ މޫނު ރަތްވެ، ފިލަން ބޭނުންވިއެވެ. މިލީނާގެ މަންމައަށް މިގެއިން ޖާގަ ނުލިބުނު ސަބަބު މިލީނާއަށް އެނގިއްޖެއެވެ. މަންމަ ނުބުންޏަސް އެސަބަބަކީ މަންމަގެ ނިކަމެތި ކަމެވެ. މިލީނާ ހުރީ އިސްޖެހިފައެވެ. ރޮވޭގޮތްވެފައެވެ. މުއްސަނދިކަން ދެކެ ހިތުގައި ނަފްރަތު އުފެދުނެވެ. އޭނަ ކައިވެނި ކުރާނީ ފަގީރުކުއްޖަކާއެވެ. މިފަދަ އިއްޒަތްތެރިންގެ ތެރޭގައި އުޅުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ. ޒިލާވެސް އެ ކުޑަހިދުކޮޅު ތެރޭގައި އޭނައަށް ހާދަ މަލާމާތެއް ކޮށްލައިފި އެވެ.

"މަގޭ ދަރިންކޮޅު..... ހާދަ ލޯބިއޭ، މާމައަށް ނުފެނި މިތިބީ ބޮޑެތިވެފައި......" ޒަހާރާ މިޝެލިން އާއި މިލީނާ އާއި ދިމާލަށް އަތްދިއްކޮށްލަމުން އައިގޮތަށް ދެކުދިންގެ ގައިގައި ހިފައިގެން ރޯންފެށިއެވެ. މިލީނާ ލަދުން މަރުވާވަރުވިއެވެ. އެކަމަކު މާމަގެ މޭގައި ބޯޖައްސާލެވުމުން ހިތްހަމަޖެހުމެއް ލިބި، ހިތަށް ފިނިކަމެއް އިހުސާސް ކުރެވުނެވެ. ޒަހާރާ ފަދައިން އެހެން މީހުންވެސް އެކުދިންނަށް ހޫނު މަރުހަބާއެއް ކިޔެވެ. މަލަކާ ހުރީ ފިރިމީހާ އާއި އެކީގައި އޮސްޓްރޭލިއާގައި ކަމުން އަދި މާޒިން އަށް ދައްތަ އާއި ބައްދަލުވުމުގެ ފުރުސަތެއް ނުލިބެއެވެ. ސުލްތާނުގެ ކޮޓަރިއަށް ކުދިން ގެންދިޔުމުން ސުލްތާނުވެސް އެވަރުވިއެވެ. އެންމެން އުޅުނު ގޮތް ލޯބިކަމާއި، ހިތްހެޔޮކަމުން މިލީނާވެސް މަޑުމަޑުން ބީރައްޓެހިކަން ކެނޑުނެވެ. އޭރު މާމައަކީ ކިހާވަރެއްގެ ހަރުކަށި މީހެއްކަމެއް އެކުދިންނަށް ރޭކާނުލިއެވެ. އެބައި ދަންނަނީ މާޒިން އެވެ. އޭނަގެ މަންމަގެ ހަރުކަށި ގަވާއިދުތަކާއި، އުސޫލުތައް މާޒިން ހަނދާން ނެތުނީއެއް ނޫނެވެ.

ކާފަގެ ކޮޓަރީގައި ވެސް ހުރީ ކުރީ ޒަމާނުގެ ފަރުނިޗަރުތަކެވެ. ވިދާ މުށިކުލައިގެ ވަކަރަކުން ހަދާފައިވާ ބޮޑު އެނދާއި، ސަދުވާގެ ސަބަބުން ހީވަނީ ރަސްކަލެއްގެ ކޮޓަރި ކޮޅުހެންނެވެ. ކަންނޭލާއި، ބާލީސްތައް ގިނަކަމުން އަރާމުކޮށް ނިދާލެވޭނެކަން ޔަގީނެވެ. އެކޮޓަރީގެ ފާރުގައި ގިނައިން ހުރީ ރަންކުލައިންވާ ފްރޭމްތަކާއި، ކުރެހުންތަކެވެ. މާޒިން ސުލްތާނު ފުރޮޅުލީ ގޮނޑީގައި ބޭރަށް ގެނެސް ބޮޑުކޮޓަރީގައި ހުރި ކައުޗެއްގައި ބާލީސް ޖައްސާފައި ބޭންދިއެވެ. ސުލްތާނު ބޭނުންވީ ކުދިންނާއި އެކީގައި ފޮޓޯ ނެގުމަށެވެ. ޒިލާ އެއްގޮތަކަށް ވެސް ފޮޓޯ ނަގާކަށް އެއްބަހެއް ނުވިއެވެ. ފެންނުވަރާ ހުރިކަމުގެ ބަހަނާ ދައްކާލީ ހަގީގަތުގައި މިޝެލިން އާއި މިލީނާ ދެކެ އައި ރުޅިއަކުންނެވެ. އެ އާއިލާގައި އޭނަ ނޫނީ އަންހެންކުއްޖަކު ނެތި ހުއްޓާ ކުއްލި އަކަށް ހަނދުފަދަ ރީތި ދެކުދިން ދައްކާލައިފި އެވެ. އެންމެން ހީވަނީ އެކުދިންނަށް މޮޔަވެގެން އުޅޭހެންނެވެ. ޒިލާ ހިތާހިތާ އަނދަމުންދިޔައެވެ. ޒެފަން އަދި މިޝެލިން އާއި މާ ބޮޑަށް ރައްޓެހިވެގެން އުޅޭތަން ފެނުމުން ޒިލާގެ މޫނު ރަތްވެ އަނގުރު އަލިފާން ކޮޅަކަށްވިއެވެ. ކުއްލި އަކަށް ޒިލާ އައިގޮތަށް ޒެފަން ޖަހައިގެން ކަހަލަ ގޮތަކަށް ދާން އުޅުމުން ޒެފަން ތުން ފިތާލާފައި ރޯންފެށިއެވެ.

"ޒިލާ....." ޒަހާރާ ހަރުކަށި ނަޒަރަކުން ޒިލާއަށް ބަލާލައިފި އެވެ. މިޝެލިންއަށް އޮޅުމަކުން ނަމަވެސް ބަލައިލެވުނީ އެލީސާގެ މޫނަށެވެ. އޭރު އެލީސާގެ މޫނުވަނީ ބަނަވެފައެވެ. މިޝެލިންއަށް މަޖާވިއެވެ. ޒިލާ އުޅޭގޮތުން ޒިލާގެ މައިދައިތަ އެހެރީ ފޫހިވެފައެވެ. މިޝެލިންއަށް ބާރަކަށް ހީގަނެވިއްޖެއެވެ.

"ޔޫ އާ ސޯ ނޯޓީ، ހަމަ ގެންގޮސް ބޫގީމޭންއަށް ދޭނީ..." ޒިލާ ރުޅިގަދަވެގެން ޒެފަން އާއި ދިމާލަށް ބުނެލިއެވެ. އެވަގުތު ޒަހްރާނު ގޮސް ޒެފަން އަތުލާން އުޅެމުން މަޑުމަޑުން ނަމަވެސް ޒިލާ އާއި ދިމާލަށް އެއްޗެކޭ ބުނެލައިފި އެވެ. މިފަހަރު ގަދަކޮށްލީ ޒަހްރާންއެވެ. އޭނަ ޒެފަން އަތުލިއެވެ. ޒިލާ ޒަހުރާން އާއި ދިމާލަށް ކަޅިއަޅާލާފައި މާޗްކޮށްލާފައި ކަހަލަ ގޮތަކަށް ގޮސް ސިޑިން އަރައިގެން ހިނގައްޖެއެވެ. މިޝެލިން ހުރީ ޝޮކެއްގައެވެ. ޒަހުރާން އާއި ދިމާލަށް އެ ސަންތި މަރިޔަބު ކަޅިއެޅުމުގެ ހިތްވަރު ލިބުނީ ކިހިނެއް ހެއްޔެވެ؟ މިޝެލިން ބޭނުންވީ އެދިޔަގޮތަށް ގޮސް ޒިލާގެ މޫނުމަތި ނޮޅާލުމަށެވެ. އެ ކިބުރުވެރި ނުލަފާކުއްޖާ ހީކުރަނީ ކީކޭ ހެއްޔެވެ؟ ތިމާގެ ފިރިމީހާއަށް ހިތަށްއެރިގޮތަކަށް ކަންތައް ކުރާމީހުންނަށް ހާދަ އަޒާބު ލިބޭނެއެވެ.

ސުލްތާން މާޒިންމެން ރޯދަ ވީއްލާގަޑިއަށް މަޑުކުރުވަން ބޭނުންވިއެވެ. މިއަދު އާއިލާގެ ބަޔެއް މީހުންނަށް ދައުވަތު ދެވިފައިވާކަމަށްވެސް ސުލްތާނު ބުނުއްވިއެވެ. އެކަމަކު މަޑުކޮށްފިއްޔާ ސޯފިޔާގެ ހިތުގައި ސުވާލު އުފެދިދާނެތީ އެހެންވާކަށް މާޒިން ބޭނުމެއްނުވިއެވެ. އެކަމަކު މިއަދުވެސް ގެއަށް ދާންޖެހުނީ އެތައްބައިވަރު ކާއެއްޗެއް ހިފައިގެންނެވެ. ތިންއިރަށް ކައިގެންވެސް ބާކީވާހާ ގިނަ އެއްޗެހި ޒަހާރާ ހަދިޔާކުރިއެވެ.

މާޒިންމެންގެ ކާރު ނައްޓާލުމުން ޒަހްރާނު ދަރިފުޅު ކޮނޑަށްލައިގެން ކޮޓަރިއަށް ވަންނަން ދިޔައެވެ. ޒިލާ ކޮޓަރިތެރޭގައި ހުރެފައި އެއްލާލި ފޮތަކުން ދަރިފުޅުގެ ގައިގައި ނުޖެހުނީ ޒަހްރާންގެ ހުޝިޔާރު ކަމުންނެވެ. އެ ފޮތް ފަތުއަޑު ކިޔާލާފައި އައިބާރުމިނުގައި ދޮރުގައި ޖެހިފައި މަތަވިއެވެ. ޒަހްރާނު ހައިރާންވެ، އަންތަރީސްވިއެވެ. ޒެފަން ހުއްޓާ އަދި ދުވަހަކު ޒިލާގެ ފަރާތުން މިފަދަ ނުރައްކާތެރި ހަމަލާއެއް ފެނިފައެއްނުވެއެވެ. މިވީހާތަނަށް ޒިލާ ކުރާ ކަމަކާއި ރުޅިނަޔަސް ޒަހްރާނުގެ ގަދަ ބުމަ ގޮށްޖެހުނެވެ. ނުރުހުމުގެ ކުލައާއި އެއްވަރަށް އެ ރީތި ދެލޮލުން ވޭނުގެ އަސަރު ފެނުނެވެ. ޒެފަންވެސް ބިރުން ސިހި، ރޮއިގަންނަން އުޅެފައި "ޑެޑީ" އޭ ކިޔާލި ގޮތަށް ޒަހްރާނުގެ ކަރުގައި ބައްދައިގަތްއިރު އެކުޑަ ހިތުގެ ތެޅުން ޒަހްރާނުއަށް އިހުސާސް ކުރެވުނެވެ.

"ޒިލާ.... މޮޔަވީތަ؟ ޒެފަން މިއިނީ ބިރުންކަން ނޭގޭތަ؟ ދެން މާ މައްޗަށް ތިދަނީ، އަހަންނަށްވެސް ކެތްކުރެވޭނީ ވަކިވަރަކަށް...." ޒަހްރާނުއަށް ބުނެލެވުނީ ބާރަށެވެ. ޒަހްރާނު ބަލަހައްޓައިގެން ހުރި އިންޒާރުގެ ނަޒަރުން ޒިލާ ކުޑަކޮށް ސިހިފައި އިރުކޮޅަކަށް ހުއްޓުން އަރާފައި ހުއްޓެވެ. ދުވަހަކު ޒަހްރާންގެ ފަރާތުން އެވަރުގެ ހަރުކަށި ބަހެއް އަޑުއިވިފައި ނުވާތީ ކަންނޭގެއެވެ. ޒަހްރާނު މަޑުން ހުންނަނީ ޒިލާދެކެ ބިރުންކަމުގެ ކުށްހީ ޒިލާއަށް ކުރެވިފައި ވަނީ އެވެ.

"ކެތްނުކުރެވިގެން ކީއްކުރާނީ، މަގޭ ގައިގައި އިނގިލިކުރި ޖައްސާލިޔަސް ނިމުނީ، ތިމާގެ ކުށެއް ނުފެނުނުދޯ؟ މިޝެލިން ފެނުނީމަ މާ ހެވިފައި ހުރެ އޭނަ އާއި ވާހަކަދެއްކި އިރު ހީކުރީ އަހަންނަކީ ގަމާރެއް ކަމަށްތަ؟" ޒިލާ ގެ ދޮން މޫނު ރަތްވެގެން ގޮސްހީވަނީ ލޭ އޮހިގެންފާނެ ހެންނެވެ. މާނޭވާލާތަކެއް ލަމުން ދިޔައިރު ރުޅިގަދަވެގެން ގޮސް ލޮލަށް ކަރުނަ ޖަމާވެއްޖެއެވެ.

"އެއީ މަގޭ ކޮއްކޮއެއް...." ޒަހުރާން މަޑުމައިތިރި ކަމާއިއެކު އެހެން ބުނެފައި ޒެފަން މަސަލަސްކުރަން އުޅުނެވެ.

"އެހެންވިއްޔާ އަހަރެންނަކީ ވެސް ކޮއްކޮއެއްނު، ކޮބާތަ ހުރި ތަފާތަކީ؟ ކޮއްކޮ ކިޔަކިޔާފައި ކައިވެންޏާއި ހަމަޔަށް ދާނީ، ކަޓު މުސްކުޅި އުސޫލާއި އެއްގޮތަށް ކޮއްކޮމެން ކައިވެނިކުރުވާ ގެއަކަށް ވާތީ އޭ ރުޅިއަންނަނީ، މިއީ ރާއްޖޭ އެހެން ބަޔަކު ދަންނަކަމެއް ނޫން، މި މުސްކުޅި އާއިލާގައި ގެންގުޅޭ ކަޓު ޚިޔާލެއް، ދެރައީ ޑޮކްޓަރަކަށްވެ ހުރެ އެބައި ނޭގޭތީ، ޒެފަން ތިހާ ބަސްނާހާ ބޮޑާދައްކަނީ ވެސް ދެމީހުން ރިލޭޓްވީމަ، ޑޮކްޓަރުވެސް ބުނި ބޭޑްކަމެކޭ، އެބްނޯމަލް ކުދިން ލިބޭނެއޭ، ޔޫ އާ މެރީޑް ޓު ޔޯ ބްރަދަރ ދޯ އޭ، ލަދުން މަރުވާވަރުވި، ހޫމް ދެން އަހަރެން ވަރިކުރޭ، އޭރުން އެއަންހެންމީހާ އާއި ބޭނުންވަރަކަށް އަނގަ ތެޅިދާނެ، އެމީހުން ދިޔައިމަ ކޮޓަރިއަށް ވަންނަން ތިއެގުނީ، ވަރަށް ފޫހިވޭ....." ޒެފަން ތުއްތުނަމަވެސް މައިންބަފައިން އަރައިރުންވުމުން އެޅަހިތަށް އަސަރު ކުރާނެކަން ވިސްނައިލުމެއްނެތި ޒިލާ އަޑުގަދަކުރިއެވެ. ޒަހުރާން ވިސްނާލާފައި ޒެފަން ގޮވައިގެން ބޭރަށް ނުކުތެވެ. ދަރިފުޅުގެ ހައްގުގައި ނޫންނަމަ ދެން މިއޮތީ ދެމީހުން ވަރިކުރާ ދުވަސް އައިސްފައެވެ. އެކަމަކު ހިތާމައަކީ ޒަހްރާން އިންތިހާއަށް ޒިލާ ދެކެ ލޯބިވާކަމެވެ. އެ ލޯބި ފާޅުކުރާނެ ފުރުސަތެއްވެސް ޒިލާ ނުދެއެވެ. ޒަހްރާންއަށް ދައްކާލަނީ ދުނިޔޭގެ ދެކޮޅެވެ. ޒަހްރާނު އެހާ ރަނގަޅަށް ކަންތައް ކުރާއިރުވެސް ޒިލާ އެކަން ގަބޫލުކުރާކަށް ބޭނުމެއްނުވެއެވެ.

ސޯފިޔާގެ ކޮއްކޮ އާމިރާ އިހަށް ދުވަހު މާލެއިން ކައިވެނި ކުރީ މާލޭގެ މުއްސަނދި އާއިލާއެއްގެ މުސްކުޅި ފިރިހެނަކާއެވެ. މުސްކުޅި މީހަކަށްވި ނަމަވެސް ފަގީރު، ނިކަމެތި އަންހެންކުއްޖަކަށް ބައެއްފަހަރު ދުނިޔޭގައި އުޅުން ފަސޭހައަކަށް އެފަދަ ކަމަކަށް މަޖުބޫރުވެދާނެއެވެ. އާމިރާގެ ފިރިމީހާގެ ހަގު ދެދަރިންނަކީ ދީންވެރި، ރީތި ޒުވާނުންނެވެ. އާމިރާގެ ފަރާތުން ސޯފިޔާއަށް އެދުވަހު އެ ހުށަހެޅުން ލިބުނެވެ. އެ ފިރިހެންކުދިންނާއި ބައްދަލުވެސްވިއެވެ. ސޯފިޔާއަށް އެދެކުދިން ކަމުދިޔައެވެ. ތުބުޅިޖަހާލާފައި ކުރުތާ ހެދުންލައިގެން ތިބުމުން ހީވަނީ ޕާކިސްތާނު ކުދިންހެންނެވެ. އެހާ ދޮނެވެ. މާޒިންމެން ގޭގައި ނޫޅޭތީ ވަރަށް ގިނައިރުވާންދެން އިންތިޒާރުގައި ތިބެފައި އެމީހުން ދިޔައީއެވެ. އެރޭ މާޒިން އާއި އެކަނިވުމާއިއެކު ސޯފިޔާ މާޒިންގާތުގައި އެވާހަކަ ދައްކާފައި އޭނަ ވަރަށް ގަބޫލުކަމަށް ބުނެލައިފިއެވެ. މާޒިން ބުނީ މިލީނާ އާއި މިޝެލިން ގަބޫލުނަމަ އޭނަގެ މައްސަލައެއްނެތް ކަމަށެވެ. ސޯފިޔާ ވިސްނީ އޭނަ ރޮއިގެންވެސް ދަރިންނަށް މަޖުބޫރު ކުރުމަށެވެ. ހުރިހާ ޝަރުތުތައް ހަމަޔަށް ހުރި ފިރިންތަކެއް ލިބެން ހުއްޓާ މިލީނާމެން ދެކޮޅު ހަދަން އޭނަ ދުލެއްނުކުރާނެއެވެ.

ގޯލްޑެން ފްލޭމްގެ ތިރީބައިގެ ސުލްތާނު އޮންނަ ކޮޓަރީގައި މިގަޑީގައި ވަނީ ފަނޑު އަލިކަމެކެވެ. ސުލްތާނު ކަންނޭލަށް ލެނގިލައިގެން އިންނެވިއިރު ޒަހާރާ ހުރީ ވަށައިގެން ބާލީސް ޖަހާލާފައި ސުލްތާނުއަށް ފަސޭހަވާނެ ގޮތަށް ހަދާފައެވެ. ބައެއް ރޭރޭ ހާސްވާވަރުން ސުލްތާނުއަށް ފަސޭހައީ ބޯކޮޅަށް މިގޮތަށް އުސްކޮށްލާފައި ހުރީމައެވެ. ޒަހާރާ ސުލްތާނުގެ ބޮލުގައި މޭގައި މަޑުމަޑުން ފިރުމަމުން ދިޔައިރު އެނދުގެ މަގަތުގައި ހައިތަމް އާއި އެލީސާ އިށީދެލައިގެން ތިއްބެވެ.

"މާޒިން އެގޮތަށް އަހަރެމެން ބުނިމީހަކާއި ނީދެ ގަދަކޮށްލާފައި އުޅުނީ އަސްލު ސުލްތާނު އެފަހަރު ދޫކޮށްލެއްވީމަ، މިފަހަރު މާޒިންގެ ކުދިން މިއާއިލާގައި ބައިތިއްބަން ސުލްތާނު މާޒިންއަށް މަޖުބޫރުކުރައްވަން ވާނެ، މިލީނާ އާއި މިހުރާން ކިހާ ގުޅޭ...." ޒަހާރާ އިނީ އަޒުމެއްގައެވެ.

"މަންމާ، އެކަމަކު ރެން....." ހައިތަމް އެއްޗެކޭ ބުނަން އުޅެލާފައި އެލީސާގެ މޫނަށް ބަލާލައިފި އެވެ.

"ނޫން، ރެންއަށް އެންމެ ރަނގަޅު ވާނީ މިލީނާފަދަ ދީންވެރިކުއްޖެއް، ރެން އައިމަ ވީހާ އަވަހަކަށް ތިކަން ހަމަޖައްސަން ވާނެ....." އެލީސާ އެކަމާއި އިންތިހާއަށް ގަބޫލުވިއެވެ. އެލީސާގެ ލޮލުގައި މިލީނާ އަޅައިގަތީ އެކަނި ކަޅުހެދުން ލާފައި ހުރީމައެއް ނޫނެވެ. މަޑުމައިތިރި ކަމާއި، ލަދުވެތިކަން އަދި މޫނުގައި ހުރި މައުސޫމް ސިފަތަކުންނެވެ. ތަންކޮޅެއް އިސްކޮޅުން ކުރުނަމަވެސް އެއީ މައްސަލައެއް ނޫނެވެ. އެއްވެސް އިންސާނަކު ފުރިހަމައެއް ނުވާނެއެވެ. އެލީސާ ހުރީ އެފަދަ ޅީދަރިއަކަށް ބޭނުންވެފައެވެ. ޒަހާރާމެން އެ ޚިޔާލުކުރީތީ އެލީސާއަށް ބުނަންނޭގޭފަދަ އުފަލެއް ލިބުނެވެ.

"މިޝެލިންއަށް ކޮންކުއްޖެއް ރަނގަޅު ވާނީ....." ޒަހާރާ ވިސްނާލިއެވެ.

"ބޫ ފްރީކޮށް ހުރިނަމަ އެދެކުދިން ކިހާ ގުޅޭ، އެކަމަކު ބޫ މިއަދުވެސް އަޅުގަނޑު ގާތުގައި ބުނި ކުއްޖަކު އެރެންޖު ނުކުރާށޭ، އޭނަ އެމެރިކާއިން ކޮންމެވެސް އަންހެންކުއްޖަކު ހޯދައިފީމޭ، ވަރަށް ސީރިޔަސްކޮށް ރައްޓެހިވެގެންނޭ އުޅެނީ، ރަށަށް އަންނަ ގޮތަށް މެރީކުރާނީއޭ، ބޫ އަކީ މާ ފްރީކޮށް އުޅޭ ތަފާތުކުއްޖެއް، އެހެންނޫންނަމަ...." އެލީސާ އިސްޖަހާލައިގެން އިންއިރު އެކަމާއި ދެރަވެފައި އިންކަން އެނގެއެވެ. 

"ހައި...." ބަރު ފިރިހެންވަންތަ އަޑެއް އިވުމުން އެންމެނަށް އެއްފަހަރާ އެދިމާލަށް ބަލައިލެވުނެވެ. އެންމެނަށް ސަޕްރައިޒެއް ދޭންވެގެން އެ ކުއްޖާ އައީއެވެ.

"ދަރިފުޅާ، ހަމަ ރަނގަޅު ގަޑިއަށް ތިއައީ، މާމަމެން ވަރަށް ބޮޑުކަމަކު ކިޔަންވެފައި އެބައޮތް...." ޒަހާރާގެ ދެލޮލުގެ މައްޗަށް ބުމަވެއްޓިފައި ވިނަމަވެސް އެލޮލުގައި ވާ ވިދުންގަދަކަމުން ޒުވާން އިރު ރީތިވާނެވަރު އެނގެއެވެ.

ކޮމެންޓް 0