"ލޭޓަރ އިނގޭ......" މިހުރާން މިލީނާގެ ފުރަގަހުން މޭމަތީގައި އަތް އަޅުވާލާފައި މޫނުގައި ބޮސްދޭން ފެށިއެވެ. މިލީނާ ގަދަހަދަން އުޅެފައިވެސް ހިމޭންވީ އޭނައަށް މިހުރާން ރަނގަޅަށް ދަސްވެފައި ވާތީ އެވެ. މިހުރާން ގާތު ކިތަންމެ ވާހަކަ ދެއްކިޔަސް ގަބޫލު ނުކުރާނެތީ އެވެ. އޭނަ ހުއްޓާލާނީ އޭނަ ބޭނުންވާ ކަމެއް ކޮށްލާފައި ކަން ނުބުންޏަސް މިލީނާ ދަނެއެވެ.
އެ ދުވަހު ބާކީ އޮތް ވަގުތުވެސް މިހުރާން ކޮޓަރިން ބޭރަށް ނިކުންނަ ހިތް ނުވެފައި މިލީނާ ވެސް ހިފަހައްޓައިގެން އުޅުނެވެ. ދޭތެރެ އަކުން ބައްދާލާފައި ނޫނީ ބަނޑުގައި ބޮސްދީފައި ދަރިފުޅުގެ ހިތުގެ ތެޅުން ނޫނީ ހަރަކާތް ތަކުން މިހުރާންގެ ހިތަށް ހަމަޖެހުން ހޯދައިލައެވެ. ވަރަށް އާ އިހުސާސްތަކެވެ.
މިލީނާ ފެންވަރާލައިގެން ނިކުތް އިރު މިހުރާން އޮތީ ލެޕުން ލަވައެއް ބަލާށެވެ. މިލީނާ ފިޔާތޮށި ކުލައިގެ ކުރު މިޑީކޮޅެއްގައި ހުރުމުން ވަކިން ޅަކަމަށް ދެއްކިއެވެ. ފިލްމްސްޓާރުންގެ ތެރެއިން މިހާ ބޭބީ ގޮތެއް ހުންނަ ކަމަށް މިހުރާންއަށް ފާހަގަ ކުރެވިފައިވީ ސެލީނާ ގޮމޭޒް އާއެވެ. އޭނައަށް ވުރެ މިލީނާގެ މޫނުމަތި ފެންނަލެއް ޅަވެފައި، މައުސޫމެވެ. އަދި ބޮޑު ތޫނުފިލި ދެލޯ ހުރުމުން އަޖައިބުވާހާވެއެވެ. މިލީނާ ރީތިވާ މޭޒުދޮށުގައި ކްރީމް ލާން ހުއްޓާ އަތުން ޖެހި ކޮންމެ ވެސް އެއްޗެއް ވެއްޓެން އުޅުމުން ނަގަން ގުދުވެލި ގޮތަކުން ބަނޑަށް ތަދެއް އެރިއެވެ. މިލީނާ ބަނޑުގައި ދެއަތުން ހިފެހެއްޓި އެވެ.
"މިލީ، ވަޓްހެޕެންޑް.... ތަދުވީތަ؟" މިހުރާން ވަގުތުން ތެދުވެގެން އައިގޮތަށް މިލީނާގެ ގައިގައި ހިފަހައްޓައިލި އިރު އެ ރީތި ދެލޮލުން ނުތަނަވަސް ކަން ފެންނަން ހުއްޓެވެ. އޮޅިގެން ނަމަވެސް މިހުރާންއަށް މިލީނާގެ ބަނޑުގައި ފިރުމާލަ ދެވުނެވެ. ގަޔަށް ލައްކޮށްލައިގެން އައިސް އެނދުގައި ބޭންދި އިރު މިހުރާން ކަންބޮޑުވެގެން އެތައް ސުވާލެއް ކޮށްލައިފި އެވެ. ދަރިފުޅަށް ގެއްލުމެއް ވެދާނެކަމުގެ ބިރުހީވިއެވެ.
އެރޭވެސް މިހުރާންގެ ހިތުގައި މިލީނާ އާއި މެދު އިންތިހާއަށް ހަމްދަރުދީ އުފެދުނެވެ. ބަލިވެއިނުމުން ވާ އުދަގޫތައް ކިތަންމެ ރަނގަޅަށް ވެސް އިހުސާސް ކުރެވިއްޖެއެވެ. މިލީނާ ފަޔަށް ތަދުވާތީ ރޮވިފައި އިންތަން ފެނިފައި ސުވާލު ކޮށްލުމުން މިލީނާ ބުނިގޮތުން އެއީ އާއްމު ކަމެކެވެ. އަދި މިލީނާ އެނދުގައި އޮށޯންނަ އިރު އުދަގޫ ވެގެން އުޅޭވަރާއި، ބައެއްފަހަރު ނޭވާނުލެވިގެން އުޅޭތަން ފެނުނީމަ މިހުރާން އެހާ ދެރަވިއެވެ. އެހެން މީހުން އަރާމު ނިދީގައި ތިބޭއިރު މިލީނާ ފަދަ އަންހެންކުދިން މިއުޅެނީ ހާދަ ހާލެއްގައެވެ. މިހުރާން އެރޭ މިލީނާއަށް ގޯނާއެއްކޮށްލާކަށްވެސް ނުކެރުނެވެ. ނަމަވެސް އޭނަ އޮތީ ނުނިދިފައެވެ. އެހީވާނެ ގޮތެއް ނޭގިފައެވެ.
ހެނދުނު މިހުރާން ހޭލެވުނު އިރު މިލީނާ ކޮޓަރިއަށް ކޮފީ އާއި ނާސްތާ ގެނެސްދީފައި ހުއްޓެވެ. އެހާ ބަލިކޮށް އުޅެމުން ވެސް އެހެރީ ޚިދުމަތުގައެވެ. އޭނަ ނިދާފައި އޮތީމަ ތަންމަތި ނާޅާހުއްޓަސް އެހެން ކޮންމެ ތަނެއް ވަނީ ތަރުތީބު ކޮށްލާފައެވެ. މޭޒުމަތީގައި އެހެން ދުވަހު ހުހަށް ހުންނަ ވާސްގައި ހުރީ ލެވެންޑަރ އަދި ލިލީ މަލެވެ. ދުވާ މީރުވަހުން މަރުވަމުންދާ ހިތެއްވެސް ދިރުވަފާނެއެވެ. މިހުރާންއަށް ހަމަޖެހުމުގެ ނޭވާއެއްލެވުނެވެ.
މިހުރާން ފެންވަރާލައިގެން ނިކުތް އިރު އޭނަ ފެންނަލެއް ތާޒާވެފައި އެހާ ހިތްގައިމެވެ. އެތައް ދުވަހެއް ފަހުން މިލީނާގެ ފަރާތުން އުފާތަކެއް ލިބުމުން ކަންނޭގެ އެވެ. ކަޅުކުލައިގެ ޖިންސަކާއި އެކު ޖިންސްފޮތީގެ ގަމީހެއް މަހައިލަމުން ގޮށްތައް ނާޅުވާހުރި އިރު އެ ތަނަވަސް މޭމަތި ވަނީ ހާމަޔަށެވެ. ބޮލުގެ އިސްތަށިގަނޑު ތަރުތީބެއް ނެތި ހޭވިފައި ވާތީ ވަކިން ފިރިހެންވަންތަ ކަމަށް ދެއްކިއެވެ. އެރީތިކަމުން މިއަދު މިލީނާގެ ހިތުގައި ކުޑަ ކުޑަ އުފާވެރި ކަމެއް ހިނގިއެވެ. މިހުރާން އޭނަ އާއި ދޭތެރޭގައި ކަންތައް ކުރާގޮތް ބަދަލުވެފައިވާކަން އެނގޭތީވެސް ހިތަށް ވަނީ ބުނަން ނޭގޭފަދަ ފިނިކަމެއް ލިބިފައެވެ. ކުއްލި އަކަށް މީހަކު ޓަކިދޭން ފެށުމުން މިހުރާން ކަންނެތް ހިގުމެއްގައި ގޮސް ދޮރު ހުޅުވާލައިފި އެވެ. މިލީނާ ވަންނަން އުޅުނީ ފާޚާނާ އަށެވެ. ދޮރު ނުލެއްޕެނީސް މީރާގެ އަޑުއިވުމުން މިލީނާ ސިހިފައި ފިޔަވަޅުތައް ހުއްޓުނެވެ.
"އައިމް ޕްރެގް ރެން...." މީރާ އިއްވާލި ޚަބަރަކުން މިލީނާގެ ހިތް ރޫރޫއަޅައިގެން ދިޔައެވެ.
"ކިތައް ފަހަރު ތިވާހަކަ ބުނާނީ، މީރާ އަހަންނަށް އެނގޭ، އެކަމަކު މީހެއްގެ އަންބަކު މި ރޫމާއި ހަމަޔަށް އާދެވުނީ ކީހިނެއްތަ؟" މިހުރާން ހަށަން ބަދެލަމުން ސީރިޔަސް ކޮށް އަހާލައިފި އެވެ.
"ރެން، އަހަ....." މީރާ އެއްޗެކޭ ބުނަން އަނގަ ހުޅުވައިލި އެވެ.
"ބޭނުމެއްނޫން އިތުރު ވާހަކަ އަޑުއަހަން. ނިކުމޭ..." މިހުރާން ކުރިއަށް ފިޔަވަޅެއް އެޅިއެވެ. އޭރު މިލީނާ ހުރީ މޭގައި އަތް އަޅާބާރު ކޮށްލައިގެންނެވެ. ދޮރުކުޑަކޮށް ހުޅުވިފައި ހުރުމުން ހިންމިތަކުގެ ދޭތެރެއިން ބަލަން އުޅުނީމަވެސް އެކަމެއް ކާމިޔާބެއް ނުވިއެވެ. މިހުރާން އަޅާ ފިޔަވަޅަކުން އޭނަގެ މުސްތަގުބަލުގައި ސިއްކަ ޖެހިދާނެ ކަމުގައި އެވަގުތު ހިތް ބުންޏެވެ. މިލީނާއަށް ނުހުރެވިގެން ދޮރުން ބޯ ދީފައި ބަލައިލި އެވެ.
"ރެން އައިމް ނޮޓް މެރީޑް، އަހަރެން ރެން ދެރަކޮށްލަން ވެގެން ބުނި އެއްޗެއް އެއީ، އެދުވަހު ދެރަވެގެން ހިތަށް އެރި ދުވަހަކު ރެންއަށް ނުފެންނާނަމޭ، އެކަމަކު ހިތަށް ކެތެއްނުވި، ރެން އަހަރެން ދެކެ ލޯބިވާކަން އެނގޭ، އަހަރެން ރެން އާއި އެކީގައި ބޭބީ ގޮވައިގެން ހެޕީކޮށް އުޅެން ބޭނުން، މިއޮތީ ޓެސްޓްގެ ނަތީޖާ، ރެންއަށް ޔަގީން ވާނީ މި ފެނުނީމަ ކަން އެނގޭތީ ގެނައީ، ރެން، އަހަންނަށް ރެން އާއި ވަކިން ނޫޅެވޭނެ، އިޓްސް ކިލިން މީ........" މީރާ ދަބަހުން ނެގި ކަރުދާސްގަނޑެއް ދިއްކޮށްލުމުން މިހުރާން މީރާގެ އަތުގައި ހިފައިގެން ޖެހިލީ ބޭރަށެވެ. ދޮރުވެސް ލައްޕާލައިފި އެވެ.
މިލީނާގެ ހިތަށް ތަދުވިލެއް ބޮޑުކަމުން އޭނައަށް އެތާ ކޮޅަށް ހުރެވުނީއެއް ނޫނެވެ. އޭނައަށް ކުޑަ އުއްމީދެއް ލިބުނު އިރަށް އަނެއްކާ މީރާ އޭނަގެ ހަޔާތަށް އެއައީއެވެ. މިލީނާ ކުޑަކޮށް ފެންވަރައިލުމަށްފަހު ތައްޔާރުވެލައިގެން ނިކުތްއިރު ކޮރިޑޯ އޮތީ ފަޅަށެވެ. މިހުރާންމެން ފެންނަ ހިސާބުގައެއް ނެތެވެ. މަޑުމަޑު މިއުޒިކެއްގެ އަޑު ބަގީޗާ އާއި ދިމާލުން އިވިއިވި ހުއްޓެވެ. ކޮންމެވެސް ބަޔެއްގެ ހުނުމުގެ އަޑުވެސް މިލީނާގެ ކަންފަތުގައި ޖެހުނެވެ. މިލީނާ ހަރުފަތްތައް ގިރާކުރީ ތަންކޮޅެއް ބަލައިގެންނެވެ. ދަރިފުޅަށް ކަމެއްވެދާނެތީ އަމިއްލަ ނަފުސަށް ވުރެ ބޮޑަށް މިލީނާ ވިސްނައެވެ.
އެކަކަށް ވެސް ނުފެނި ގޭޓާއި ހަމަޔަށް އާދެވުނު އިރު މިލީނާ ހުރީ ނޭވާކުރުވެ ހިނގައިނުގަނެވޭ ވަރުވެފައެވެ. އޭރު ރަފާއިލް ވެސް ކާރުގައި ތަނަކަށް ދާންވެގެން ނިކުންނަނީ އެވެ. މިލީނާ އަތް ނެގުމުން ރަފާއިލް ކާރުގެ ބިއްލޫރިގަނޑު ތިރިކޮށްލާފައި ހިތްހެޔޮ ހިނިތުންވުމެއް ދިނެވެ. މިލީނާ އެދުނީ އޭނަ ގެއަށް ގެންގޮސްދިނުމަށެވެ.
"ރެން ކޮބާތަ؟" ރަފާއިލް ހައިރާންވެފައި ސުވާލު ކޮށްލި އެވެ.
"ނޭގޭ...." މިލީނާ އަވަހަށް ކާރުގެ ފަހަތު ސީޓަށް އަރާއިރަށް އެސްފިޔަތަކުގައި ހަރުލާފައިވާ ކަރުނަތައް އޮބިނޯވެގެން ތިރިއަށް ދެމިގެންފިއެވެ. މިލީނާ މޫނުގައި ދެއަތްއެޅީ ރަފާއިލްއަށް ކަރުނަތައް ފޮރުވަންވެގެންނެވެ. މިލީނާއަށް ވީގޮތަކުން ރަފާއިލް އިނީ ހައިރާންކަމުގެ ތެރޭގައެވެ. މިހުރާންގެ ނަމްބަރަށް ގުޅަން ފޯނުވެސް ނެގިއެވެ.
"ރެންއަށް ނުގުޅަބަލަ ޕްލީޒް......." މިލީނާ އާދޭހުގެ ރާގެއްގައި ބުނެލިއެވެ. ރަފާއިލްއަށް ވެގެން އުޅޭގޮތް ރޭކާލާން ފެށީ ދެނެވެ. މިލީނާ ފަދަ ރަނގަޅު އަންބަކު ލިބިފައި ހުއްޓާ މިހުރާން ފާޑުފާޑަށް އުޅެނީ ކީއްވެގެންކަން ރަފާއިލްގެ ވިސްނުމަކަށް ނައެވެ. ރަފާއިލް އިތުރު ސުވާލެއް ނުކުރެއެވެ. އޭނަ ބުނި އެޑްރެހަށް ލައިދިނުމަށްފަހު ރަފާއިލް ކާރު ދުއްވާލުމުން މިލީނާ ޝުކުރު އަދާކުރިއެވެ. ރަފާއިލް އާއި މެދު ވިސްނާލަން މިލީނާއަށް މަޖުބޫރުވިއެވެ. އެއީ އިއްބާނުގެ އެކުވެރިއަކަށްވެފައި އެގޭގައި އުޅޭތީ އޭނަ ހުންނަނީ ޝައްކެއްގެ މަތީގައެވެ. ފަހުން ވިސްނުނީ އާއިލާގައި ސިއްރު ކަމެއް ހިނގާކަމެވެ. ރަފާއިލް އެއީ ހައިތަމްގެ ދަރިއެއް ހެއްޔެވެ؟ އެމީހުންނާއި ވައްތަރު ވާނީ އެފަދަ ކަމެއް އޮތީމަތާއެވެ. އެހެންނޫންނަމަ ބޮޑުބޭބެ ރަފާއިލްއަށް އެހާ ހެޔޮކޮށް ހިތަންވީ ސަބަބެއް ނެތެވެ. ދަރިފުޅާއޭ ކިޔައިގެން ވާހަކަ ދައްކަންވީ ސަބަބެއްވެސް ނެތެވެ.
މިހުރާން މީރާގެ ގާތުގައި ދެއްކި ވާހަކަތަކަށްފަހު މީރާ އެގެއިން ނުކުތީ އިސްއޮބާލައިގެން ހުރެއެވެ. އެގޮތަށް ދެރަކޮށްލާފައި ފޮނުވައިލެވުނީތީ މިހުރާންގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. މިހުރާން ބެލްކަނީގައި މީރާ ދާތަން ބަލަން ހުރި އިރު ގޮވައިލަން ވެސް ދެތިންފަހަރު ހިތަށް އެރިއެވެ. މީރާގެ ކުށެއް ނެތެވެ. ދެރައީ އޭނަ އަކަށް މީރާ އެދުނު ފަދައިން ކައިވެނި ކުރެވެން ނެތެވެ. ދެ އަނބިން ގެންގުޅުން އޭނައަކަށް ފަސޭހައެއް ނޫނެވެ. އެހެންނޫނަސް މިހުރާން ސިއްރު ކުރިޔަސް އޭނަ ލޯބި ވަނީ މިލީނާ ދެކެއެވެ. އެނޫން އަންހެން ކުއްޖަކަށް އޭނަގެ ހިތެއް ނޭދެއެވެ. ނަމަވެސް މީރާ ދަރިފުޅު ވިހެއުމުން ކުރަން ޖެހޭހާ ޚަރަދެއް މިހުރާން ކުރާނެ އެވެ. އަމިއްލަ ދަރިއެއްގެ ގޮތުގައި ދުނިޔެއަށް ގެންނަން އޭނަ ޖެހިލުމެއް ނުވެއެވެ. އެކަމަކު ދުނިޔެއަށް އޮޅުވައިލަން ކުރާ ކައިވެންޏެއްގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ ހެއްދެވި ފަރާތް އެދަރިފުޅުގެ ހަގީގަތް މޮޅަށް ދެނެވޮޑިގަންނަވާނެއެވެ. އެންމެ ފަހުން މިހުރާން ގަސްތު ކުރީ ކާރުގައި މީރާ ބޭނުންވާ މަންޒިލަކަށް ގެންގޮސް ދިނުމަށެވެ. ލަންޑަންގެ މަގުމައްޗަށް މީރާ އެކަނި ނެރެލުމަކީ އިންސާފަކަށް ނުވާނެއެވެ.
މިހުރާން މިލީނާ ދެކިލާހިތްވެފައި ހުރިލެއް ބޮޑުކަމުން ގަޑިއެއްގެ ތެރޭގައި އެނބުރި އައެވެ. މިލީނާ ކޮޓަރީގައި ފެންނަން ނެތުމުން ބާތުރޫމްގެ ދޮރު ހުޅުވާލާފައި އެތެރެއަށް ބަލާލިއިރު އެތަން ވަނީ ހިމޭންކޮށެވެ. މިހުރާން ހީކުރީ ގޭތެރޭގެ ކޮންމެވެސް ތަނެއްގައި އުޅެފައި އިރުކޮޅަކުން އަންނާނެ ކަމުގައެވެ. މިހުރާން ބެލްކަންޏަށް ނިކުމެ ރެއިލިންގައި އުޅަބޮށި ވިއްދާލައިގެން ކުޑަކޮށް ގުދުވެލައިގެން ހުރެ ދުވަހުގެ ރީތިކަމުން ހިތަށް އުފާވެރިކަން ލިއްބަމުން ދިޔައިރު ދަރިފުޅު އުފަންވާނެ ދުވަހަކާއި މެދުވެސް ވިސްނައިލި އެވެ. އެއްއަތުން މޮބައިލް ހުޅުވާލައިގެން ހުރެ ކަލެންޑަރު ބަލަމުން ދިޔައިރު އެ ފަންއިސްތަށިގަނޑާއި ކުޅުނެވެ.
"އަދިވެސް ދުވަސްކޮޅެއް އެބައޮތް، އައި ޖަސްޓް ކާންޓް ވެއިޓް....." މިހުރާން ހިތާހިތުން ކިޔާލާފައި އެނބުރުނީ މީހެއްގެ ފިޔަވަޅުގެ އަޑަށެވެ. އެއީ އޭނަގެ މަންމަ އެލީސާ އެވެ.
"ދަރިފުޅާ، މިލީ ދިޔައީ ކީއްވެތަ؟ ދަރިފުޅު އެއްޗެކޭ ބުނީތަ؟" އެލީސާ ގެ ޖުމްލަތަކުން މިހުރާން ހުރީ ކިޔަންވީ އެއްޗެއް ނޭގިފައެވެ. މިލީނާ މިގެއަށް އައީ މަޖުބޫރުވެފައި ހުރެކަން އޭނަގެ ވާހަކައިން އެނގުނެވެ. ނަމަވެސް މިލީނާ ދާންވީ ކީއްވެ ހެއްޔެވެ؟ މީރާ އައުމުން މިލީނާ ހިތްހަމަނުޖެހުނީ ކަން ޔަގީންވިއެވެ. ނަމަވެސް މިލީނާ ދާންވާނީ އޭނަގެ ގާތުގައި ބުނެފައި ވީގޮތެއް އަހާފައި ނޫންހެއްޔެވެ؟ މިލީނާ ކަންތައް ކުރިގޮތުން މިހުރާން ފޫހިވާގޮތްވިއެވެ.
"މަމް، މިލީ މިގެއަށް އައީ އަންކަލް ފޮނުއްވީމަ، މިގޭގައި ސްޓޭ ކުރާ ގޮތަކަށް ނޫން....." މިހުރާން ވިސްނާލާފައި މަޑުމަޑުން އެއްޗެކޭ ބުނެލި އިރު ހިތަށް އުދަގޫވެފައިވާ ވަރުން ހީލާ ހިތެއްވެސް ނުވިއެވެ. އޭނަ މަންމަ އާއި އާއްމުކޮށް ސަމާސާކޮށް އުޅޭ ޒުވާނަކަށް ވިޔަސް ވަގުތުން ނުކުތީ ބޭރަށެވެ. އެ އަމަލުން މިހުރާން އެކަމާއި ބެހޭގޮތުން ވާހަކަ ދައްކަން ބޭނުންނުވާކަން އެލީސާ ދެނެގަތެވެ. އެހެންނޫނަސް މިއަދު އެގެއަށް މީރާ އައުމުން މިހުރާންގެ ހިތް ބަދަލުވީކަން ނޭގެއެވެ. މީރާ އިސްކޮޅުން ދިގުވެފައި، މޮޑެލްކޮށް ހުރީމަ މިހުރާން އަށް އެކުއްޖާ ކަމުދިޔައީއެވެ. ދެރައެވެ. އެނޫންގޮތަކަށް މިހުރާންގެ ހިތް އަނބުރާލެވޭނެ ނަމައެވެ. ރީތިކަމުން އެކަނި ދިރިއުޅުމެއް އާބާދު ނުކުރެވޭނެ ކަން މިހުރާން ދެނެގަންނަން ވެއްޖެ ނޫންހެއްޔެވެ؟ މިހުރާން އަކީ ނުވިސްނޭވަރުގެ ކުޑަ ކުއްޖެއް ނޫނެވެ. މިލީނާފަދަ ޖަވާހިރެއް ކާއިނާތު ހޭވިޔަސް ފެންނާނެކަމެއް ނޭގެއެވެ.
މިހުރާން ލެޕް ހުޅުވާލައިގެން އެނދުމަތީގައި އިންއިރު ބޮލުގައި ރިހެން ފެށީ ފަނޑު އަލިކަމުގެ ސަބަބުން ކަންނޭގެއެވެ. މިހުރާން ބޮލުގެ ދެފަރާތުގައި ބޮޑުވާ އިނގިލި ޖައްސާލައިގެން ކުޑަކޮށް މަސާޖް ކޮށްލުމުން ވެސް ރިހުން ފިލައިގެނެއް ނުދިޔައެވެ. މިލީނާ ހުރިނަމަ އެ ނާޒުކް އަތުގެ ފިރުމުންތަކުން ހާދަ އަރާމުވީހެވެ. ކަނދުރާގައި އެ އަތްތިލަ ޖައްސާލިޔަސް އަތުގެ ފިނިކަމާއި، އޮމާންކަމުން އެކަނިވެސް މިހުރާންގެ ބޮލުގެ ރިހުން ކެނޑިދެއެވެ. މިހުރާން މަސައްކަތް ކުރާހިތެއް ނުވިއެވެ. ދެރަވެގެން ގޮސް ފެންކަޅިވާގޮތްވިއެވެ. ނަމަވެސް ފިރިހެނަކަށްވެހުރެ ރުއިމަކީ އޭނަ ދެކޭގޮތުގައި ފިނޑިކަމެކެވެ. ކަރުނަ ހިންދާލައިގެން ހިތްވަރުގަދަކޮށްލާފައި އެނދުން ތެދުވެގެން ކާކޮޓަރިއަށް ގޮސް ކޮފީ އަކަށް ފަހު ކޮފީއެއް ބޮމުން ދިޔައީ ސިކުނޑިއަށް ކުޑަނަމަވެސް ލުޔެއް ހޯދުމުގެ ބޭނުމުގައެވެ. މިހުރާން އެކަނި އިންތަން ފެނުމުން ޔީވާ ފުރުސަތެއް ލިބުމުގެ އުއްމީދުގައި ކާރިއަށް ޖެހިލިއެވެ.
"ހައި ރެން، ނީޑް ކޮމްޕެނީ؟" ޔީވާ ފަރިގޮތަކަށް ހުއްޓިލަމުން އަހާލައިފި އެވެ.
"ނޫން، އަހަރެން ދާން އުޅެނިކޮށް ތިއައީ.." މިހުރާން ހުސްވެފައިވާ ކޮފީތަށި މޭޒުމަތީގައި ބަހައްޓާފައި ދާން ހިނގައިގަތުމުން ޔީވާ ލަދެއްނެތި ކުރި ބައްދައިފި އެވެ. މިހުރާން ޔީވާގެ އަތުގައި ހިފާ ގަޔާއި ދުރުކޮށްލިކަން އެއީ ޔީވާގެ ނަސީބެވެ. އާއްމުކޮށް މިހުރާންގެ ކުރީގެ ހުންނަ ގޮތުންނަމަ އޭނަ ފޮޅުވައިލާ ބާރުމިނުގައި ޔީވާ ގޮސް މާބްލްމަތީގައި ޖެހި އަނިޔާއެއް ވާނެކަން ޔަގީނެވެ. ނަމަވެސް މިހާރަކަށް އައިސް މިހުރާން ނަފުސް ކޮންޓްރޯލް ކުރަން ދަސްވެ، އަންހެންކުދިންގެ ނާޒުކްކަން ވިސްނެއެވެ. ޔީވާއަށް އިހާނެތިކޮށް ކަމެއްކުރަން ނޫޅެ ވިސްނާލާފައި މަޑުމައިތިރި ކަން އިސްކުރީ އެހެންވީމައެވެ. ތިމާގެ ބާރު ވަޒަން ކުރެވޭތީ އެވެ. މިހުރާން ޔީވާއަށް އިންޒާރުގެ ނަޒަރެއް ދީފައި ދާން ހިނގައިގަތުމުން ޔީވާ ފާރަށް ލެނގިލި ގޮތަށް އިނގިލި އަނގަޔަށް ލައިގެން ނުބައިގޮތަކަށް ހިނިއައިސްފައި ހުރިއިރު ވިސްނިއެވެ. ފަހަރެއްގައި މިހުރާންގެ ހިތް އަތުލެވިދާނެއެވެ. މިހުރާން މީހަކު ދެކެ އެހާ ލޯތްބަކުން އުޅެނީއެއް ނޫނެވެ. އޭނަ އާއި އެކު އެންމެ ރެއެއް ނަމަވެސް ހޭދަކޮށްލައިފިއްޔާ ދެވަނަ ރެއަކުވެސް އަންނަން މަޖުބޫރުވާނެއެވެ. އޭނަ ބަލާލާފައި އެދިޔައީވެސް ހާދަ ފިރިހެން ފާޑަކަށެވެ. ޔީވާ ޚިޔާލީ ވާފަށް ނިކަން ދުރަށް އެއްލާލައިފި އެވެ.
އެލީސާ އާއި ސޯފިޔާ އާއި ދެމީހުން ގަސްތަކުގެ ތެރޭގައި ތިބިއިރު މޭޒުމަތީގައި ސަޔާއި، ކާއެއްޗެހި ތަބަކެއް ހުއްޓެވެ. ސޯފިޔާގެ ހަށިގަނޑުގައި އެއްވެސް ގަހަނާއެއް ނެތްއިރު އެލީސާ ގެ ކަރުގަޔާއި އަތުގައިވާ ހުދު ރަނުގެ ފަށްތަކުގައިވާ ރޫބީގެ ސަބަބުން މުއްސަނދިކަން ހާމަކޮށްދެއެވެ. އެލީސާ ވެސް އާއްމުކޮށް ގަހަނާ ބޭނުން ކުރާލެއް މަދެވެ. ލުއި މޭކަޕަކުން އޭނަ ފުއްދައިލައެވެ. ދެމީހުން ހީފައި ވާހަކަ ދައްކަން ތިބިއިރު އެއްވެސް ހަމަނުޖެހުމެއް މޫނުމަތިން ފެންނާކަށް ނެތެވެ. އެލީސާ މިގެއަށް އައީ މިލީނާ ގެއަށް ގެންދަން ވެގެން ސޯފިޔާ އާއި ވާހަކަ ދައްކަން ވެގެންނެވެ. ނަމަވެސް އެލީސާ ނުފަށަނީސް ސޯފިޔާ ކޮންމެވެސް ވަރަކަށް މިލީނާގެ ހާލު ބަޔާންކޮށްދީފި އެވެ. މާޒިން މަޖުބޫރު ކޮށްގެން މިހުރާންގެ ގާތަށް ގޮސްފައި އައުމުން ދޭހަކޮށްދެނީ ދެކުދިން ވަކިވާން ބޭނުމީ ކަމަށާއި، އެކަމާއި ސޯފިޔާ ދެރަވާކަމަށް ބުނެލި އިރު ހިތުގައި ވަނީ އެހެން އެއްޗެކެވެ.
"އެހެންނޫނަސް އެގެއިން މިއުޒިކް ކުޅޭތީ އެކަމާއި އުދަގޫވި ވާހަކަ މިލީ ބުނި، ޝެލް ތަފާތު ވާނެ، އަހަރެމެން މަނާ ނުކުރިނަމަ އެ ދަރިފުޅު ވީހީ ލަވަކިޔުންތެރި އަކަށް ކަން ޔަގީން... ޝެލް މިހާރު ސްކާފް ނާޅާއުޅޭތީ އެކަމާއި ވެސް އަހަރެން ހިތްހަމައެއް ނުޖެހޭ، މާޒިން ބުނާނެ އަދި ރަނގަޅު ވާނެއޭ، ވިސްނޭނެއޭ، އެކަމަކު މަރުވާނީ ކޮންއިރަކު ކަމެއް ކާކަށް އެނގޭނީ، އެލީވެސް ވިސްނާދީބަލަ ކުދިންނަށް، ކުދިން ގާތުގައި ބުނެދީބަލަ ގަޑިން ގަޑިއަށް ނަމާދު ކުރާށޭ، ދީނަށް އުޅޭށޭ......." ސޯފިޔާ ސައިތަށި ތުބުގައި ޖަހައިލަމުން ބަލަން އިނީ ދުރަށެވެ. މިފަހަރު އޭނަގެ އެއްވެސް ބާރެއްނެތި މިލީނާ އަމިއްލައަށް ވިސްނިގެން އައުމުން ސޯފިޔާ އިންތިހާއަށް އުފާވިއެވެ. މިލީނާގެ ވާހަކައިން ހީވީ އެގޭ މާހައުލުގައި އުޅެން މިލީނާއަށް އުދަގޫވީހެންނެވެ. މިހުރާން އާއި މައްސަލަ ޖެހުނު ވާހަކައެއް މިލީނާ ބުނެފައެއް ނުވެއެވެ.
އެލީސާ ރަކިވިވަރުން އެކަން ފޮރުވަން ހިނިގަނޑެއް ޖަހައިލި ނަމަވެސް އެކަމާއި މެދު ވިސްނައިލަން ހިތް މަޖުބޫރު ކުރިއެވެ.
އެރޭ ކެއުމުގެ ގަޑީގައި އެލީސާ ސޯފިޔާގެ ވާހަކަ ދެއްކީ އާއިލާގެ ހުރިހާ މެމްބަރުންގެ ތެރޭގައެވެ. މިޝެލިން މިގެއަށް އައިފަހުން ސްކާފް ނާޅާ، މިއުޒިކް ކުޅޭތީ މަންމަ ހިތްހަމަނުޖެހިފައިވާ ކަމަށް ވެސް އެލީސާ ބުނެލުމުން މިޝެލިން ލަދުގަންނަ ގޮތްވިއެވެ. އިއްބާނު ހީލަ ހީލާ އިނީ އެވެ. މިހުރާން އިނީ އިސްއުފުލައިލަން ބޭނުން ނުވެފައެވެ. ކިތަންމެ ގަދަކޮށްލާފައި އުޅުނަސް އޭނަ މިލީނާއަށް ބޭނުންވާ ވަރު ދެނެވޮޑިގެން ވަނީ ހެއްދެވި ފަރާތެވެ. އެހެން އަންހެންކުއްޖަކާއި ކައިރިވާން ބޭނުން ނުވާތާގައި އޭނަ އެހެން ކުއްޖަކާއި ދިމާލަށް ބަލައިލާކަށް ވެސް ބޭނުމެއް ނުވެއެވެ. މިއީ ލޯބި ހެއްޔެވެ؟ ދެމީހުން ގެ މިޒާޖު ތަފާތު ވިނަމަވެސް ލޯބީގެ ސަބަބުން ހުރިހާ ދުރުކަމެއް ނެތިގެންދާނެ ކަމަށް އޭނަ ހީކުރިއެވެ. ނަމަވެސް މިލީނާ ދެވަނަ ފަހަރަށް ވެސް އޭނަ ދޫކޮށްލާފައި އެދިޔައީއެވެ.
"ސޯފީ އަދިވެސް ބަދަލެއް ނުވޭތަ؟ ކުށްވެރި ވަނީ އަހަރެމެން........" މަލަކާ އިނީ ފާޑަކަށެވެ.
"ދަރިފުޅާ، ސޯފީ އެބުނީ ރަނގަޅު ވާހަކައެއް، އަހަރެމެން ކުދިން ރެއިޒް ކުރީ ދީނަކަށް ނޫން، އެހެންވެ ކުދިންނަށް ހަލާލު ހަރާމް ވަކިކުރަން ނޭގޭ ހިސާބަށް ގޮސްފައި ވަނީ..." ޒަހާރާ ފުރަތަމަ ފަހަރަށް ސޯފިޔާގެ ދިފާއުގައި އެއްޗެކޭ ބުނެލި އިރު ހައިތަމް އިންނެވީ ހިމޭނުންނެވެ. ވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ. ރަފާއިލް އާއި ޒަހުރާން އަމިއްލަ ވާހަކަ އެއްގައި ތިބިއިރުވެސް އެތާގައި ދެކެވެމުންދިޔަ ވާހަކައަށް އެ ޒުވާނުންވެސް ސަމާލުކަން ދޭކަން އެނގުނެވެ. ދޭތެރެ އަކުން ޒަހުރާން ވެސް މަންމަމެންނާއި ބައިވެލައިގެން އެއްޗެކޭ ބުނެލައެވެ. މިރޭ މޭޒުދޮށުގައި ހީވީ ދީނީ ބަހުސެއް ކުރެވުނު ހެންނެވެ. މިއުޒިކާއި ބެހޭގޮތުން ދެބަޔެއްގެ ޚިޔާލު ތަފާތުވިއެވެ. ނިވާވުމާއި ބެހޭގޮތުން ވެސް އެލީސާ ގެ ވިސްނުން ހުރިގޮތް ތަފާތެވެ. ނަމަވެސް ޒަހާރާގެ ދަލީލުތަކުން އެލީސާ ހިމޭންވާން މަޖުބޫރު ކުރުވިއެވެ. ކެއުމަށްފަހު ސިޓިން ރޫމްތަކުގެ ސޯފާގައި ޖައްސާލި ގޮތަށް އެ މައުޟޫ ކުރިއަށް ދިޔައެވެ.
"ޑްރަގް ނެގުމަކީ ދީނީގޮތުން ކޮންކަހަލަ ކަމެއްތަ؟" އެންމެން ހިމޭންވި ގަޑިއެއް ބަލާލާފައި ރަފާއިލް ވަރަށް ހަމަޖެހިލައިގެން ސުވާލުކުރިއެވެ. ރަފާއިލް ގަސްތުގައި އޭނައަށް ކުރި ޖެއްސުމެއްކަން އިއްބާނު ދެނެގަތެވެ. އަދި އޭނަ އާއި ހަތަރުކަޅި ހަމަކޮށްލާފައި ނުލަފާ ގޮތަކަށް ހީލުމުން އިއްބާނު ހާސްވީ އިންތިހާ އަށެވެ. އެ ހިނދުކޮޅު އެހެން މީހަކަށް އިއްބާނުގެ މޫނަށް ބަލައިލެވުނުނަމަ އޭނަ ބޭޒާރުވީސް ކަން ޔަގީނެވެ. މިޝެލިން އޭރު އިނީ ސޯފާއަށް ދެފައި އަރުވާލައިގެން އިއްބާނުގެ ކޮނޑުގައި ބޯ ޖައްސާލައިގެންނެވެ. ދެމީހުންގެ އަތްތިލަވަނީ ގުޅުވާލެވިފައެވެ. އެންމެންވެސް ވާހަކަދެއްކީ މަސްތުވާ ހުރިހާ އެއްޗެއް ބޭނުންކުރުން ފާފައެއްކަން އެނގޭގޮތަށެވެ.
"ޑްރަގް ނަގަނީ ލޫޒަރސް އިން، ދުނިޔޭގައި އުފަލެއް ނުލިބި އެކޮޅުކޮޅުން ނަރަކައަށް ވެއްޓޭނީ، ނަސީބަކުން މިފެމިލީ ކުދިން ކޮންމެ ކަމެއްކުރިޔަސް ޑްރަގެއް ނުނަގާނެ........" ޒިލާ ހީލާފައި ކިޔާލި އެވެ. އިއްބާނު އަށް އެ ޖުމްލައިން އުދަގޫ ތަކެއްވި އެވެ. ޒިލާވެސް އެހެންބުނެލީ ހާދަ ޔަގީންކަމާއި އެކުގައެވެ. އޭނަގެ ހަގީގަތް އެނގޭނެ ނަމައެވެ.
އެންމެން ގެއަށް ވަނުމުން އިއްބާނު ހުރީ ރަފާއިލް އާއި ރަނގަޅަށް އަރައިރުންވެލާ ހިތުންނެވެ. ނަމަވެސް ކިޔާރާގެ ހަނދާންވެފައި އެހިތްވަރެއް ނުލިބުނެވެ. އޭނަ ރަފާއިލް ރުއްސައިގެން ނޫޅުނިއްޔާ ލަނޑު ލިބޭނީ އޭނަ އަށެވެ. ރަފާއިލްގެ އެއްވެސް ބަލިފަޔެއް އޭނައަށް އެނގޭނެނަމައެވެ. ދެރައީ އޭނައަށް އެފަދަ އެއްވެސް ކަމެއް އަދި ނުފެންނާތީއެވެ. ރަފާއިލްގެ ފަރާތުން ނޭދެވޭ އެއްވެސް ސިފައެއް ނުފެނެއެވެ.
އެރޭ އެފަދަ ވާހަކަތައް ދެކެވުމުން ޖެހިގެން އައިދުވަހު މިޝެލިން އުޅުނީ ތުނި ސްކާފަކުން ބޯ ނިވާކޮށްލައިގެންނެވެ. އެންމެ ނަމާދެއްވެސް ވައްޓައިނުލާ ކުރިއެވެ. ދެނަމާދު ދޭތެރޭގައި ގުރުއާން ކިޔަވާފައި ތެދުމަގު ދެއްކެވުމަށް އެދި ދުޢާވެސް ކުރިއެވެ. އެދުވަހު މިޝެލިންގެ ހިތަށް ފިނިކަމެއް ލިބި، މާ ހަމަޖެހިލައިގެން އުޅެވުނެވެ. އިއްބާނު މިއުޒިކް ކުޅޭ ވާހަކަ ބުނީމަ ބަހަނާއެއް ދައްކާލާފައި އޭނަ އިއްބާނު ގޮވައިގެން ކާރު ދުއްވާލަން ދިޔައީއެވެ. މަންމަމެން ބުނާގޮތަށް ހެދީމަ ދިރިއުޅުން ބާއްޖަވެރިވާކަން މިޝެލިން ދަނެއެވެ. މައިންބަފައިން ރުހޭ ގޮތަށް އުޅުމުގެ ބޭނުމަކީ ދެދުނިޔެ ލިބުމެވެ. މި ދުނިޔެއިން އޭނަ އެންމެ ބޭނުންވާ އުފަލަކީ އިއްބާނުއަށް ވާހިނދު ކޮން މިއުޒިކެއް ހެއްޔެވެ؟ އެދުވަހު އެގެ އޮތީ ހިމޭންކޮށެވެ. އެންމެންގެ ސިކުނޑިތަކަށް ލުއިވާނެކަން ޔަގީނެވެ. ހިތްތަކަށް ތަފާތު އުފަލެއް ލިބޭނެއެވެ.
ހަފްތާއެއްހާ ދުވަސް ވޭތުވެގެން ދިޔައިރު މިހުރާން ގެ ތަބީއަތު ފުދޭވަރަކަށް ބަދަލުވެއްޖެއެވެ. ވިސްނުންވެސް ބަދަލުވަނީ ކަންނޭގެ އެވެ. މިލީނާ ވަކިވެގެން ދިޔުމުގެ ހިތާމަ ދާއިމީކޮށް ހިތުގެ ރިހުމެއްގެ ގޮތުގައި ދެމިގެން ދިޔަނަމަވެސް އޭނަ ގަވާއިދުން އޮފީހަށް ދާންފެށިއެވެ. އޮފީހުގައި ބުރަކޮށް އުޅުމުން އޭނަގެ ހިތާމަތައް ލުއިވާކަމަށް ފެނުނެވެ. އެތައް އަންހެން ކުދިންނެއްގެ ސަމާލު ކަމާއި، ނަޒަރުތައް އަމާޒުވެފައިވާ އިރުވެސް އޭނަ ފެންނަން ފެށީ ސީރިޔަސް ޒުވާނެއްގެ ގޮތުގައެވެ. އަންހެންކުއްޖަކާއި އަނގައިން ބުނަން ދަތިވާހެންހީވިއެވެ.
މިއަދު އޮފީސް ނިންމާލާފައި އޭނަ ގެއަށް އަންނަމުން މީރާގެ އެކައުންޓަށް ފައިސާ ޖަމާކުރިއެވެ. ކޮންމެ ގޮތެއްވިޔަސް މީރާގެ ދަރިފުޅަށް ޚަރަދުކުރަންޖެހޭކަމަށް އޭނަގެ ޒަމީރު ވިސްނައިދި ނެވެ. އެނޫން ގުޅުމެއް މީރާ އާއި ނުބާއްވަން އޭނަ ހުރީ ނިންމައިގެންނެވެ. ގޭގައިވެސް އޭނަ ކުރިއަށް ވުރެ ހަރުދަނާ ކޮށް ވަގުތުތައް ހޭދަކުރަން ފެށިއެވެ. އެކުވެރިންނާއި އެކު ބޭރުގައި އެއްގޮތަކަށް ނޫޅެޔޭ ބުނެލިޔަސް ރަނގަޅެވެ. އެހާވެސް އެބައިތައް މަދުވެއްޖެއެވެ.
ގެއަށް އައިތަނުން ޒެފަންއަށް އޭނަ ފެނިގެން ފަހަތުން ކޮޓަރިއަށް ވަންގޮތަށް ހެދުން އަލަމާރި ހާވައިގެން މިލީނާގެ ކުރު ޓޮޕްކޮޅެއް ނެގިއެވެ. ދުވާލަކު އެތައް ފަހަރު ހެދުން ބަދަލުކުރުމަކީ ޒެފަންގެ އާއްމު ކަމެކެވެ. ޒެފަން އެ ހެދުން ލީމަ އޮތީ ފައިތިލަ އާއި ހަމަޔަށެވެ. މިހުރާން ޒެފަންގެ ދިގުކޮށްލެވިފައިވާ ފަންއިސްތަށިގަނޑު ފަހަތަށް ގެނެސް ވޫލްކޮޅަކުން އައްސާލަދިނުމުން އަދި ވަކިން އަންހެންކުއްޖަކާއި ވައްތަރުވިއެވެ. އެގޮތަށް އަންހެންކުއްޖެއް ހެން ހައްދައިލުމުން މަޖާވިވަރުން މިހުރާން ހޭންފެށިއެވެ. އަމިއްލަ ދަރިއަކު ހުރި ދުވަހަކުން ވެސް އުޅޭނީ މިހާ ލޯބިކޮށް ހެއްޔެވެ؟ މިހުރާން އެ ތުއްތު އަތުގައި ހިފާލައިގެން ހިނގާލާފައި ތިރިއަށް އައިއިރު ދެކޭ މީހަކަށް ހީވާނީ މިހުރާންގެ އަމިއްލަ ދަރިފުޅު ހެންނެވެ. އެންމެ ފަހުން މިހުރާން ޒެފަން ނަގާފައި ކޮނޑަށް ލިއެވެ.
"ޕޫލަށް އެރޭނީ ދޯ ޝުގަރ ޕައި.." މިހުރާން ވިނަގަނޑު މަތިން ލާފައި ހިނގައިގަތީ ފެންގަނޑާއި ދިމާލަށެވެ. އެދިމާލުގައި ހުރި ޗެރީ ބްލޮސޮމްގަހެއްގެ ދަށުގައިވާ ބެންޗެއްގައި މިޝެލިން އިންއިރު އޭނަގެ ފައިއޮތީ އިއްބާނުގެ އުނގުގައެވެ. އިއްބާނު މިޝެލިން ސްކޭޓް ބޫޓަކަށް އަރުވަދެނީ އެވެ.
"ޝެލްއަށް ސްކޭޓް ކުރަންވެސް ނޭގެނީތަ؟ ވިލެޖް ގާލްއެއް ދޯ...." މިހުރާން ދިމާކޮށްލި އެވެ.
"ވެދާނެ، ނަސީބެއް ރަނގަޅު ޓީޗަރެއް ލިބުނުކަން، އެނީވޭސް އަހަރެމެންގެ ލޯބިގަނޑު މިއަދު ހީވަނީ ގާލްއެއްހެން.... ޕްރިޓީ ތިންގް....." މިޝެލިން ސްކޭޓް ބޫޓުގައި ކޮޅަށް ތެދުވުމާއި އެކު އަރިއަޅައިލަން އުޅުމުން އިއްބާނު ހުޝިޔާރު ކަމާއި އެކުގައި ހިފަހައްޓާލައިފި އެވެ. ޕޫލަށް އެރެން އުޅުނު ޒެފަންގެ ޚިޔާލު ބަދަލުވިއެވެ. އޭނަ އުޅެގަތީ ސްކޭޓް ކުރުމަށެވެ. މިހުރާން މެން ސަކަރާތް ޖަހަން އިރުގަނޑަކު ތިބެލާފައި ޕޫލަށްވެސް އެރުނެވެ. އެންމެން ޕޫލްގައި މަޖާކުރަން ތިބިއިރު އިއްބާނު އެރޭކަށް ޚިޔާލެއް ނުކުރި އެވެ. އެންމެފަހުން މިހުރާން ގޮސް އިއްބާނު ގަދަކަމުން ޕޫލަށްލީ ލައިގެން ހުރި އަތްދިގު ޓީޝާޓާއި، ޖިންސްގައެވެ. ރަފާއިލް ތަންކޮޅެއް ދުރުގައި ޒަހުރާން އާއި ވާހަކަ ދައްކަން ހުރެފައި އިއްބާނު އާއި ދިމާލަށް ބަލައިލަމުން އެއްޗެކޭ ބުނެލާފައި ހޭން ފެށުމުން އިއްބާނު ރުޅިއަންނަ ގޮތްވިއެވެ. ކަންބޮޑުވެސްވިއެވެ. ދޮންބެ ގާތުގައި ރަފާއިލް ބުނި އެއްޗެއް ބަލައިލަން ބޭނުންވިއެވެ. ރަފާއިލް އުޅޭގޮތުން އޭނައަށް ހައްތަހާ ޝައްކު ވަނީ އެވެ.
މިޝެލިން އާއި ދެމީހުން ބެލްކަނީގައި ކޮފީ ބޯން ތިބިއިރު މިޝެލިން މަޖާވެލާފައި ދެއްކީ ޒެފަންގެ ވާހަކައެވެ. ޒެފަން އުޅޭ ގޮތަކުން އޭނަވެސް އަމިއްލަ ދަރިއެއް ބޭނުންވީއެވެ. މިޝެލިން މާ ޅަކަމަށާއި، އޭނަ ދުވަހަކު ދަރިއެއް ބޭނުންނުވާކަމަށް އިއްބާނު ބުނެލީ މަޖަލަކަށެވެ. މިޝެލިން އިއްބާނުގެ މޭމަތީގައި ދެއަތްމުށްކަވާލާފައި ޖަހާފައި ތުން ފިތާލިއެވެ.
"ޒެފް ދެކެ މޮޔަވެފައި ހުންނަ އިރުވެސް އަމިއްލަ ކުއްޖެއް ބޭނުމެއް ނޫނޭ، ކާކު ތި ވާހަކަ ގަބޫލު ކުރާނީ....." މިޝެލިން ކުޑަކޮށް ސީރިޔަސްވިއެވެ. އޭނަވެސް ދަރިއެއް ހޯދަން ބޭނުމީ އަދި ދެތިން އަހަރު ފަހުންނެވެ. ކައިވެންޏަށް ފަހު އެފަދަ ޒިންމާއެއްނެތި ސަކަރާތް ޖަހައިލަން ދުވަސްކޮޅެއް އޮތުމުގެ މުހިއްމުކަން އޭނަ ދަނެއެވެ. ލޯބި އިތުރު ވާނީ އޭރުންނެވެ.
"ޝެލް، އައި ހޭވް ސަމްތިން ޓު ކޮންފެސް......." އިއްބާނު މިޝެލިންގެ ދެއަތުގައި ހިފަހައްޓައިގެން އިނދެ ސީދާ މިޝެލިންގެ ލޮލަށް ބަލަހައްޓައިގެން އިނދެ އިއްވާލިއެވެ. މިޝެލިންގެ ހިތުގެ މައްސަލަ ހުއްޓަސް އެއީ އެހާ ސީރިޔަސް ކަންބޮޑުވާންވީ ކަމެއް ނޫންކަމަށް ބުނެ ޒަހުރާން ވަނީ އިއްބާނުއަށް އެކަމާއި ބެހޭ ހުރިހާ މައުލޫމާތެއް ދީފައެވެ. މިޝެލިން އިނީ ނޭވާ ހިފަހައްޓާލައިގެންނެވެ.
"އެނގޭ ޝެލް ދެރަވާނެކަން، އަޑުއަހަން ބޭނުން ނުވާނެކަން، އެކަމަކު އަހަރެންގެ ވައިފް ވީމަ އެގެންވެސް ޖެހޭނެ، ޝެލް އައި ޑޫ ޑްރަގްސް...." މިޝެލިންގެ މެޔަށް ހޫނު ފެން އެއްޗެއް އޮއްސާލި ހެން ހީވިއެވެ. އެތައް ހާސް ތީރުތަކެއް ހިތަށް ހަރައިލާ ޒަޚަމްވެ އޮހެންފެށި ލޭތައް ބޮޑެތި ކަރުނަ ތިކިތަކަށް ވެގެން އެ ދެލޮލުގައި ވިދަން ފެށިއެވެ.
"ސޮރީ ބޭބީ..." އިއްބާނު މިޝެލިންގެ އަތަށް ފިތައިލި އެވެ.
"ޔޫ އާރ ނޮޓް..." މިޝެލިން ރޮއިރޮއި ހުރެވެސް ހަޅޭއްލަވައިގެންފައި އިއްބާނު ގެ އަތް ފޮޅުވާލާފައި ކޮޅަށް ތެދުވެއްޖެއެވެ. އެފަދަ ގޮތަކަށް މިޝެލިންގެ ހަރަކާތްތައް ހުރެދާނެ ކަމަކަށް އިއްބާނު ހިޔެއް ނުކުރެއެވެ. ދެރަވާނެކަން އެނގުނެވެ. ނަމަވެސް މިހާ ވަރުގަދަ ރުޅިގަނޑެއް އައީމަ އިއްބާނު ހުރީ ހަދާނެ ގޮތް ހުސްވެފައެވެ. އިއްބާނު ތެދުވެ މިޝެލިން އާއި ދިމާލަށް އެއްފިޔަވަޅު އެޅުމުން މިޝެލިން އަތް ދިއްކޮށްލާފައި ހުއްޓެން އެންގިއެވެ. ނަމަވެސް އިއްބާނު މިޝެލިން އަތުގެ ތެރެއަށް ގެނައި ގޮތަށް ގުޑުވާވެސް ނުލެވޭހާ ބާރަށް ހިފެހެއްޓި އެވެ.
މިޝެލިން އިއްބާނުގެ ޓީޝާޓުގައި މޫނު ފޮރުވިގޮތަށް ގިސްލަ ގިސްލާފައި ބާރަށް ރޯންފެށިއެވެ. ދުވަހަކު ވެސް އެހާ ވޭނީ ރުއިމެއްގެ އަޑު އިއްބާނުއަށް އިވޭނެކަމެއް ނޭގެއެވެ. ހިތްހަލާކުވާފަދަ ގޮތަކަށް ހުއްޓައިނުލައި މިޝެލިން ރޮމުން ދިޔައިރު އިއްބާނު އަކަށް ވެސް ކަރުނަތައް ހިފަހައްޓައެއް ނުލެވުނެވެ. ދެމީހުން ދެމީހުންނަށް ދައްކާނެ ވާހަކަ ހުސްވެފައި ރުއިމަށްފަހު އެންމެ ފަހުން އިއްބާނު މިޝެލިން ގާތު އާދޭސްކުރަން ފެށިއެވެ. ރުއިން ހުއްޓާލަން އެދުނެވެ.
"އަހަރެން މިއުޅެނީ ޑީޓޮކޮސް ސެންޓަރަކަށް ގޮސްގެން ޑްރަގް ހުއްޓާލަން، އަހަރެން މިވަގުތު އެންމެބޮޑަށް ބޭނުމީ ޝެލްގެ ހެލްޕް، އަހަންނަށް އެނގޭ މާތް ﷲ އެމީހަކު ރަނގަޅު ނިޔަތުގައި ހުއްޓާލާފައި ތައުބާ ވީމަ ފާފަ ފުއްސަވާކަން، ޝެލްވެސް މާފުދީފައި އަހަންނަށް ހެލްޕް ނުވެއްޖެއްޔާ އަހަރެން ކިހިނެއް ކުރިއަށް ދާނީ.. އެއްވެސް މީހެއްގެ ގާތުގައި މި ވާހަކަ ބުނުމަކީ އަހަންނަށް ފަސޭހަކަމެއް ނޫން، އަހަންނަށް އެންމެ ޗާންސެއް ދީ ބޭބީ..... ޕްލީޒް......" އިއްބާނު ގެ ވާހަކަ ތަކުން މިޝެލިންގެ ހިތަށް އަސަރު ކުރުން ނޫންކަމެއް ނުވިއެވެ. މިޝެލިން މޫނުން އަތް ނެގިއިރު އެ ހިނދުކޮޅު ތެރޭގައި އޭނަގެ ދެލޯ ދުޅަވެގެން ގޮސް ހީވީ އަނިޔާއެއް ވެފައިވާހެންނެވެ. އެސްފިޔަތަކުގައި ކަރުނަ ހަރުލާފައިވާއިރު ދެކުނު މީހަކު ރޮއްވާލާފަދަ ގޮތެއް ހުއްޓެވެ. ހިތާމައިގެ ތަސްވީރެކެވެ.
"އޯކޭ..." މިޝެލިންއަށް ބުނެވުނީ އެކަނި އެވަރަށެވެ. މިޝެލިން ފާޚާނާ އާއި ދިމާލަށް ފިޔަވަޅެއް އެޅިއިރު އޭނައަށް ފެނުނީ އިއްބާނު ކޮޓަރިން ނިކުންނަން ދާން ހިނގައިގަތް މަންޒަރެވެ. މިޝެލިންގެ ހިތުގައި ބިރުވެރިކަމުގެ ރާޅުބާންޏެއް ޖަހާލައިފި އެވެ. އިއްބާނު ޑްރަގް ނަގާމީހަކު ދެރަވެގެން ހުރެ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ. ނުރުހެވޭ ކަމަކަށް ވިޔަސް މިވަގުތު އިއްބާނުއަށް އެހީވާން ހުރި މީހަކީ އޭނަ ފިޔަވާ ކާކުހެއްޔެވެ؟ މިޝެލިން އިއްބާނުގެ އަތުގައި ހިފަހައްޓާލީ ކޮޓަރިން ބޭރަށް ނުކުމެގެން ދިޔަ ނުދޭންވެގެންނެވެ. ދެންވެސް މިޝެލިންއަށް ވާހަކަ ދެއްކުނު ކަމަކަށް ނުވިއެވެ. އިއްބާނު އަމިއްލައަށް އިއުތިރާފު ވުމުން އޭނަގެ ހިތް ކުދިކުދިވެގެން ފައިބަނީ އެވެ. މާޒީގައި ހިނގިކަމެއް ނަމަ ކެތްކުރެވިދާނެއެވެ. އޭނަ ހީކުރީ ރަފާއިލް ދެއްކީ މާޒީގެ ވާހަކަ ކަމަށެވެ. އެކްސްޓެސީ ބޭނުން ކުރުމާއި، ޑްރަގާއި ހާސްބައި ތަފާތުކަމަށް މިޝެލިން ވަނީ ހީކޮށްފައެވެ.
މިހުރާން އޮފީހަށް އައިގޮތަށް އޭނަ މަސައްކަތުގައި އިންއިރު ގަޑި ހިގަމުންދިޔަގޮތެއް ނޭގުނެވެ. ދެތިން ފަހަރު ފޯނު ރިންގުވުމުން މޮބައިލްގެ ސްކްރީނަށް ބަލައިލެވުމުން ހައިރާންވިއެވެ. އެއީ އޭނަގެ ބޮޑުބޭބެ މާޒިން އެވެ. މާޒިން ގުޅާނީ މުހިއްމު ބޭނުމެއްގައި ކަން އެނގޭތީ އަވަދިނެތި އުޅެމުންވެސް އެކޯލަށް ޖަވާބުދޭން ނިންމިއެވެ.
"ހެލޯ އަންކަލް..." މިހުރާން ގޮނޑީގައި ހަމަޖެހިލި އެވެ. އޭނަ މިއަދު ކޮންމެހެން މުހިއްމު މީޓިންއެއް ބާއްވަންވެސް ޖެހެއެވެ. ވާދަވެރި އެހެން ފަރާތަކުން އެ ޕްރޮޖެކްޓް އަތުލުމުގެ ކުރިން އެމީހުން އެ އަތުލައިފިއްޔާ ކުންފުންޏަށް ވަރަށް ފައިދާވާނެކަން އޭނައަށް އެގެއެވެ. އެހެންވެ މާދަން ބަންދު ދުވަހަކަށްވީމަ އެކަން ކޮންމެހެންވެސް ކުރަން ޖެހެއެވެ.
"ރެން، މިލީ ހޮސްޕިޓަލުގައި ބާއްވައިގެން މިއުޅެނީ.." މާޒިން ގެ އަޑު ކަންފަތުގައި ޖެހުމުން މިހުރާންގެ ހިތް ތެޅިލިއެވެ. ވަގުތުން ލެޕް ސްވިޗް އޮފްކޮށްލާފައި އޭނަ ގޮނޑިން ތެދުވެ ގަޑިއަށް ބަލާލައިފި އެވެ. މިލީނާ ވިހާ ދުވަސް ނުޖެހެނީސް ކިހިނެއްވީބާވައެވެ. އަދި ވިހާ ދުވަސްޖެހެން ތިން ހަފްތާ އެބައޮތެވެ. މިހުރާން އަވަހަށް އަހާލީ ވެގެން އުޅޭގޮތެކެވެ. އެވަގުތު މިހުރާންގެ ޕީއޭ ދޮރުމައްޗަށް އަރާފައި މީޓިންގެ ވާހަކަ ދައްކައިފި އެވެ.
"ކެންސަލް އިޓް..." މިހުރާން ދާން ހިނގައިގަތެވެ.
"ސަރ، އެކަމަކު ހުރިހާ ބޭފުޅުން އިންތިޒާރުގައި އެބަތިއްބެވި..." އޭނަ ވެސް ކަންބޮޑުވެފައި ހުރި ފާޑަކަށް ބޮލުގައި އަތް ހާކާލިއެވެ.
މިހުރާން އިތުރަށް ވާހަކަ ދައްކަން ނަހަދާ ދިގު ފިޔަވަޅުތަކެއްގައި ގޮސް ކާރަށް އެރިއިރު އޭނަ ހިތް ހަމަޔަކަށް އަޅުވަން މަސައްކަތް ކުރަމުން ދިޔައެވެ. ދަރިފުޅަށް ކަމެއްވެދާނެތީ އޭނަ ބިރުގަތެވެ. ހެއްދެވިފަރާތަށް އާދޭހާއި އެކު އެދުނީ ދަރިފުޅާއި މިލީނާ ސަލާމަތްކޮށް ދެއްވުމަށެވެ. ހެދުނު ގޯސްތަކާއިމެދު އިންތިހާއަށް ދެރަވެ މިއަދު މިހުރާން ވަނީ ތަފާތު މީހަކަށް ވެފައެވެ. ދަރިއަކު ބަނޑުގައި އޮތްވާ މަރައިލާން އުޅުމަކީ ކިހާވަރެއްގެ ނުބައިކަމެއްކަން އޭނައަށް އެގިއްޖެއެވެ. އެކަމުގެ ސަޒާ ދުނިޔެއިންވެސް ފެނިދާނެއެވެ. މިހުރާން ކާރުގެ ހުންގާނުގައި ބާރަށް ހިފަހައްޓާލައިގެން އިންލެއް ބާރުކަމުން އަތުގެ އިނގިލިތަކުގެ ހުޅުތައް ހުދުވިއެވެ. ލަންޑަނުގެ ޓެމްޕްރޭޗަރ މިވަގުތު ހުރީ ބާވީސް ޑިގްރީގައި ކަމަށް ވިޔަސް އޭނަގެ ނިތްކުރީގައި ކުދި ދާތިކިތައް މުތީތައް ފަދައިން ވިދަން ފެށިއެވެ.