މިޝެލިންގެ މޫނަށް ވެރިވި ކުލަތައް މާޒިން އަކަށް ނުފެނުނެވެ. އެ މޫނު ހުދު ކަފަކޮޅެއްހެން ހީވި ސިކުންތު ކޮޅަކަށް ފަހު ލޭ ދައުރު ކުރަން ފެށީ މާޒިން ހީލާފައި ކޮންވެސް އެއްޗެކޭ ބުނެލީމައެވެ. އިއްބާނުއަށް ހާދިސާ އަކާއި ކުރިމަތިވި ނަމަ ބައްޕަ ހިނިތުންވެލާފައެއް ނުހުންނާނެ އެވެ. އިއްބާނު އެއަލައިން އެއްގެ ކެޕްޓަނަކަށް ވީތީ މާޒިން އުފާވެފައި އިރުކޮޅަކަށް އެވާހަކަ ދެއްކިއެވެ. ދަނބިދަރިއަކަށް ވާން އުޅޭ ޒުވާނާ ރަނގަޅު ވަޒީފާއެއް އަދާކުރަން ފެށުމަކީ މާޒިންގެ ވެސް އުފަލެކެވެ.
މާޒިން ގެއަށް ވަނުމުން މިޝެލިން ދޮރުތައް ލައްޕާލާފައި ސިޑިން އަރައިގެން މަތީބައިގެ ބެލްކަންޏަށް ދިޔައެވެ. ގޭގެ ކުރިމައްޗަށްވާ ގޮތަށް ހުންނަ އެ ބެލްކަނީގައި ހުންނަ އިރު ގޭގެ ވައަތް ފަރާތުގައި ހުންނަ ކޮޓަރި ބަރިތައް ފެންނާތީ ވަރަށް ހިތްގައިމެވެ. މިގެ ހާދަ ފަޅެވެ. ބޮޑު ގެއަކަށްވެފައި އެންމެ ތިން މީހުން އުޅެން ޖެހުނީމަ ހީވަނީ ފަޅު ރަށެއްގައި އުޅެވޭހެންނެވެ. މިގޭގެ ބޮޑުކަމާއި މެދު ވިސްނައިލުމުން މިޝެލިން އަށް ބައެއް ފަހަރު ބޮޑު ކިއްލާއެއްގައި އުޅެވޭހެން ހީވެއެވެ. ރަނިކަނބަލަކަށް ވެގެން މިފަދަ ތަނެއްގައި އުޅުމުގެ ހުވަފެން އެއްދުވަސްވަރެއްގައި އޭނަ ދެކުނެވެ. މިއަދު އެ ހުވަފެންތައް ފުރިހަމަވި އިރު ހިތަށް ލިބުނު އުފަލެއް ނެތެވެ.
ކަޅު ސާލެއްހެން ދުރުދުރަށް ދާންދެން ފެންނަން އޮތް އުޑާއި ދިމާލަށް ބަލައިލެވުމުން އިއްބާނުގެ ހަދާންތައް އުނދަގޫ ކުރާން ފެށިއެވެ. އޭނަވީ އަބަދު މި ހިތާމައިގައި ހުންނަން ހެއްޔެވެ؟ އިއްބާނު ކުރި ކުށެއްގެ ސަޒާ އޭނަ ލިބިގަތުމަކީ އިންސާފެއް ހެއްޔެވެ؟ ނޫނެކެވެ. އެހެން ވެގެން ނުވާނެއެވެ. އޭނަ ހިތާމައެއް ނުކުރާނެ އެވެ. މޮޔަ ހިތަށް ވިސްނައިދޭނެއެވެ. ބޭވަފާތެރި އަކަށްޓަކައި ލޮލުން އެންމެ ކަރުނަ ތިއްކެއް އޮހުނަ ދީގެން ނުވާނެއެވެ. ކުށްވެރިޔާއަށް ހައްގު އަދަބު ދޭންވާނެއެވެ.
މިޝެލިން ލެޕް ހުޅުވާލާފައި ފޭސްބުކަށް ވަނެވެ. ވައިފައި ކޮށްލާފައި ހުރުމުން ކޮންމެ ތަނެއްގައި އިނަސް އަރާމާއި އެކު ނެޓަށް ވަދެ ބޭނުންކަމެއް ކޮށްލުމުގެ ފުރުސަތު ލިބިފައި ވެއެވެ. މިޝެލިން ނެޓަށް ވަދެފައި އިންދާ ވަގުތު ވޭތުވެގެން ދިޔަ ގޮތެއްވެސް ނޭގުނެވެ. އޭނަ ހަމަހޭވެރިކަން ވީ އިއްބާނު ގުޅަން ފެށީމައެވެ.
ވަކި ކަމަކަށް އަޒުމް ކަނޑައަޅައިފިއްޔާ މިޝެލިން ގޮތުގައި ހިފަހައްޓަން ދަނެއެވެ. އަމިއްލަ ހިތް ހަލާކު ކޮށްލައިގެން ވިޔަސް ހެވެވެ. އެހެންނޫނަސް އިއްބާނު ކުރި ކުށަށް އޭނަ ދުވަހަކު ވެސް މާފެއް ނުދޭނެއެވެ. އޭނަ ގެ ލޯބިވެރިޔާ ވާންޖެހޭނީ އެކަނި އޭނަގެ ހައްގަކަށެވެ. އެކަނި އޭނަގެ މިލްކަކަށެވެ. އެހެން އަންހެން ކުއްޖަކު އެ އަތުގައި ހިފައިލަން ނޭދޭ ހާލުގައި އެކީގައި ނިދާލިތަން ދެކެން ބޭނުން ވާނީ އަދި ކިހިނެއް ހެއްޔެވެ؟ އޭނަގެ ހުވަފެންތަކުގެ ޕްރިންސް ޔަގީނުން ވެސް އެފަދަ ގޯހެއް ނަހަދާނެއެވެ. މިޝެލިން ފޯނު ނަގާފައި އޭނަ އަލުން އިއްބާނު އާއި ވާހަކަ ދައްކަން ބޭނުން ނުވާކަމަށް ބުނީ ހިތްމަތީގައި ހިލަ ބަހައްޓައިގެން ހުރެއެވެ. އިއްބާނު ހުރީ ކިޔާނެ އެއްޗެއް ނޭގިފައެވެ.
"އިމްޕޮޒިބަލް، އަހަރެން ޝެލް ދޫކޮށްލާކަށް ނެތިން، އެވަރުގެ ކަމަކާއި ބްރޭކްއަޕް ވާން ޖެހޭތަ؟ ރުޅިއަޔަސް އުމުރަށް ރުޅި އަންނަން ޖެހޭނެތަ؟ އައި ކާންޓް ބިލީވް ދިސް...." އިއްބާނު ހައިރާންވެ، އަންތަރީސްވިއެވެ. ވަގުތީ ރުޅިއަކަށް ފަހު މިޝެލިން ހަމަޔަކަށް އެޅިދާނެ ކަމަށް އޭނަ ހީކުރި އެވެ.
"އައިމް ޑެޑް ސީރިޔަސް، ބެން އެހެން ގާލްއެއް ހޯދާ، ބެންއަށް އެއީ އާދައިގެ ކަމަކަށް ވިޔަސް އަހަރެން ގެ ގާތުގައި އެހާ ބޮޑު ކުށެއް މީހަކު ނުކުރާނެ، ގުޑްބައި ބެން.." މިޝެލިން ފޯނު ނިވާލައިފިއެވެ. އެއަށްފަހު އިއްބާނު މިޝެލިންއަށް ގުޅަން މަސައްކަތްކޮށް ވަރުބަލިވީއިރުވެސް ގުޅޭގޮތެއް ނުވިއެވެ. އެގެއަށް ދިޔައީމަވެސް މިޝެލިން އަކާއި ބައްދަލު ވެވޭގޮތެއް ނުވިއެވެ. އިއްބާނުއަށް އެހިސާބުން ބިރުވެރިކަން އިހުސާސް ކުރެވެން ފެށިއެވެ. ދެމީހުން އަބަދުގެ އަބަދަށްޓަކައި ވަކިވީ ހެއްޔެވެ؟ ލޯތްބަކީ އެހާ ފަސޭހައިން ކެނޑޭފަދަ ގުޅުމެއް ހެއްޔެވެ؟ އެންމެ ކުށެއް ކުރެވޭއިރަށް ލިބެން ޖެހޭ އަދަބަކީ އެއީ ހެއްޔެވެ؟
އިއްބާނުގެ ހިތަށް އަސަރުކުރިޔަސް ހިތާމަތައް ފޮރުވަން ކުޅަދާނައެވެ. ހިތްހަލާކުވިއިރުވެސް އޭނަ ހުރީ އާއިލާ އާއި، އެކުވެރިންނަށް ހުރިހާ ކަމެއް ފޮރުވާލައި ގެންނެވެ. މަންމަމެން އުފާކޮށް ދިނުމަށްޓަކައި ޤަވާއިދުން ވަޒީފާއަށް ދެއެވެ. އަދި ހަވީރު އެކުވެރިންނާއި އެކު ޖިމަށް ނޫނީ ފުޓްބޯޅަ ކުޅެން ދެއެވެ. މޫދަށް ދެއެވެ. ގޭގައި އުޅޭ ވަގުތު އޭނަގެ އާއިލާ އާއި އެކީގައި ހޭދަކުރެއެވެ. ހިތް ކިތަންމެ ވަރަކަށްވެސް ރުޔަސް އޭނަގެ ލާނެތް މިޒާޖުން އެކަން ފޮރުވާފައި އެހެންމީހުން ހެއްވަން މަސައްކަތް ކުރާތީ އެންމެނަށް ވަނީ ހަގީގަތް ފޮރުވިފައެވެ.
އިއްބާނު އާދައިގެ މަތިން މޫދުގައި އުޅެލާފައި ގެއަށް އައި އިރު އެގެއަށް އަލަށް ސިކުއިރިޓީ އަކަށް ގެނެސްފައި ހުންނަ ބިލާލު ފާޑަކަށް ބަލަހައްޓައިގެން ހުރިތަން ފެނުނެވެ. ހީވަނީ ފުރަތަމަ ދުވަހުން ފެށިގެން އިއްބާނު ދެކެ ނަފްރަތު ކުރާ މީހެއް ހެނެވެ. އިއްބާނު އާއި އެކުގައި ގެއާއި ހަމަޔަށް އައި ޖިނާނު އިއްބާނުގެ ކޯތާފަތުގައި ބޮސްދެމުން އެއްޗެކޭ ބުނަން އުޅެނިކޮށް އިއްބާނު އެނބުރިލުމުން ތުންފަތުގައި ޖެހުނީ އޮޅުމަކުންނެވެ. އެކަމަކު ބިލާލުގެ ހިތް ޝައްކާއި ވަހުމުން ފުރުނެވެ.
"އިޑިއަޓް......ލަވް ޔޫ..." ޖިނާނު އެއް ލޯ މަރާލާފައި ދާން ހިގައިގަތް އިރު ސިކިއުރިޓީ މޫނު ބަނަކޮށްލައިގެން ހުރިތަން ފެނުނެވެ. ވިލާކޮޅެއްގެ ހިލަމެއްވެސް ނެތި ނޫކުލައިގެ ސަދުވާއެއް ފަދައިން އުޑުމަތި ފެންނަ ނަލަ ދުވަހެކެވެ. އެކަމަކު ޖިނާނު އިއްބާނުއަށް ގޮވާލާފައި ހާދަ ކޮޅި ހަދާލައިފިޔޭ ބުނެފައި ސައިކަލް ދުއްވާލިއެވެ. އިއްބާނުއަށް ޖިނާނުގެ ޖުމްލަ އަމާޒުވީ ކާކަށްކަން ޔަގީންވުމުން ހިނިއައެވެ.
އިއްބާނު ސާފު ބޯޑު ގޭގެ މަގު ފާރަށް ލައްގާފައި ގެއަށް ވަދެ ފެންވަރާލައިގެން ކާކޮޓަރިއަށް ދިޔައިރު އެލީސާ އާއި މަލަކާ ރޭގަނޑަށް މޭޒުމަތި ތައްޔާރުކުރުމުގައި އަވަދި ނެތި އުޅެއެވެ. އާދައިގެ މަތިން އިއްބާނު އަމިއްލައަށް ކޮފީ ތަށްޓެއް ހަދައިގެން ބޯން ފެށިއެވެ. އެލީސާގެ އެހެން ކުދިންނާއި ތަފާތުކޮށް އިއްބާނު އަމިއްލައަށް ބަދިގެއަށް ވަދެ ނޫޑުލްސް ނޫނީ އޮމްލެޓްފަދަ އެއްޗެއްވެސް ތައްޔާރު ކޮށްލަފާނެ އެވެ. މަންމަ ކައްކަން އުޅުނަސް އެހީވާނެ އެވެ. އެހެން ކުއްޖެއް އެތަނަށް އައިނަމަ އެލީސާ ކުރަން ހުރި މަސައްކަތެއް ހުއްޓާލާފައި އެކުދިންނަށް ޚިދުމަތް ކުރަން ދުއްވައިގަން ޖެހޭނެއެވެ. ސައިތަށްޓެއް ހަދަންވިޔަސް މިހުރާން ވެސް ގޮވާލާނީ މަންމަ އަށެވެ.
"ބޫ، ވެޑިން މިއޮތީ ޖެހިފައެއް ނު، މިއަދު ބޫ ގެ ބައްޕަވެސް އެ ވާހަކަ ދެއްކެވި، ކޮން ދުވަހަކު މިކަން އޮތީ؟ މާ ލަސްވެގެން ކަމަކު ނުދާނެ....." މަލަކާ ގެ އެ ޖުމްލައިން އިއްބާނު ސިހުނެވެ.
"ވީ ބްރޯކް އަޕް، އަދި ބައްޕައަށް އެނގިނުލައްވަނީ ކަމަށް ވާނީ، އެހެން ނޫނަސް އަދި އަޅުގަނޑު މީހަކާއި އިންނަ ވަރެއް ނުވެއެއްނު، ލެޓް މީ ގްރޯ އަޕް އާންޓީ......." އިއްބާނު ސަމާސާ ގޮތަކަށް އެހެން ބުނެލާފައި ހީލަމުން އެ ލޮލުގައި ވިހާ ހިތާމަވެރި އަސަރުތައް ފޮރުވާލައިފި އެވެ.
"ވަޓް..." އެލީސާ ދެލޯ ބޮޑުކޮށްލި އެވެ.
"ހޫމް މަމް، ބޮޑުބޭބެގެ ދަރިއެއްކަން ނޭގިހުރެ ކުރިން ރައްޓެހި ވެވުނީ، އެކަން އެނގުނީމަ އެ ހިސާބުން ނިންމާލީ....." އިއްބާނު މިޝެލިން ކުށްވެރި ނުކުރަން ވެގެން ކައިވެނި ކުރަން ބޭނުން ނުވަނީ އޭނަކަން އާއިލާއަށް އެންގިއެވެ. ކައިވެނި ކެންސަލް ވެއްޖެއްޔާ މި އާއިލާ ތެރޭގައި ބޮޑު މައްސަލަގަނޑަކަށް ވެގެން ހިގައިދާނެ އެވެ. މާމަގެ ހިތް ނުހުއްޓޭނެ ކަމެއްވެސް ނޭގެއެވެ.
އެލީސާ ބަލަހައްޓައިގެން ހުރި ގޮތުން ހީވީ ޤިޔާމަތް ގާއިމުވިހެންނެވެ.
"އެހެންވެ ދޯ މިޝެލިން މިގެއަށް ނާންނަނީ؟ ދެން ބޫ ތިގޮތަށް ހެދީމަ ބައްޕަ ކިހާ ބޮޑަށް އަޕްސެޓް ވާނެ....." އެލީސާ ނުރުހުނެވެ.
"އަޅުގަނޑު ކުރިންވެސް ބުނީމެއްނު މަންމަމެން ގާތުގައި ތިމާގެ ކުއްޖަކާއި ނީންނާނަމޭ، ސޮރީ މަމް، ދެން މަންމަމެން އެހާވަރުން އެކަންތައް ކުރުވަން ބޭނުމިއްޔާ ކޮންމެވެސް ޒަމާނެއްގައި ތިކަން ކުރާނީ، މަމް އަޕްސެޓް ނުވެބަލަ، ޔަގީނުންވެސް ބައްޕައަށް އަންޑަސްޓޭންޑް ވާނެ....." އިއްބާނު ކުޑަކޮށް ހީލާފައި މަންމަގެ ކަނދުރާގައި އަތް އަޅުވާލައިފި އެވެ.
"އެލީސާ ޅަކޮށްގެން އުޅޭވަރުން ތިކުއްޖާގަނޑު ތިހެން އުޅެނީ، ބޭބީ ބޯއިއަށް ވެގެން އަބަދު އުޅެބަލަ، އިއްބާނު ނުވެއެއްނު ފިރިހެނަކަށްވެސް، ގަޓު ހުރެގެން ތިކަން ކޮށްފައި ދުނިޔެއަށް ދައްކާލަބަލަ، ސޯފިޔާ ގަބޫލު ނޫންކަމެއް ކަން އެގުނަސް ކުރެވޭނެކަން އަންގަބަލަ....." މަލަކާ ބޭނުންވީ ކޮންމެ ހާލެއްގައިވެސް އޭނަގެ ކޮއްކޮ ހައިތަމްގެ ދަރިއަކާއި މިޝެލިން ކައިވެނި ކުރުވުމެވެ. އިއްބާނުއަށް ނުވެއްޖެއްޔާ ޒަހުރާން އާއި ވެސް މިޝެލިން ގުޅުވަން އޭނަ ހިތާހިތުން ވަޢުދުވިއެވެ. އެގޮތުންވެސް ސޯފިޔާ ބަލިކޮށްލަން އޭނަ ބޭނުމެވެ. ސޯފިޔާއަށް ވުރެ އެކުދިންނަށް އޭނަގެ ނުފޫޒު ހިންގޭކަން އޭނަ ދައްކުވާދޭނެއެވެ.
އިއްބާނު އިރުކޮޅަކަށް ބޮޑުދައިތަމެންނާއި ވާހަކަ ދައްކަން އިނެވެ. އެއަށްފަހު ކާ ކޮޓަރިން ނިކުންނަން ދަނިކޮށް ޔީވާ ބޮޑު މެގްނަމެއް އަނގައިގައި ޖަހައިގެން އައިސް ކާކޮޓަރިއަށް ވަދެގަތް ތަނުން ދެމީހުން އަޅައިގަނެފައި ޔީވާ ވިއްސައިގެން ނުދިޔައީ ކިރިޔާއެވެ. ޔީވާ ފަރިގޮތަކަށް އިއްބާނު އާއި ދިމާލަށް ބަލައިލި އެވެ. މަލަކާ ރުޅިއައިސްގެން ފަޅަފަޅައިގެން ދާވަރުވިއެވެ. އިއްބާނުގެ ހަޔާތަށް ވިހަލާން އެލީސާ އޮޅުކޮށްގެން ގެންގުޅޭ އަތުކުރީ ހަރުފައެކެވެ. ޔީވާ ފެނުނަސް މަލަކާ އަނދައިގަނެއެވެ. މިގޭ އާއިލާއަށް ނިސްބަތްނުވާ މީހަކު ގޭގެ ހުރިހާ އެއްޗަކަށް ރަސްކަން ކުރާގޮތާއި މެދު މީހަކު ހައިރާނެއް ނުވާނެ ހެއްޔެވެ؟ އަމިއްލަ މިލްކެއްހެން ގޮސް ފްރިޖް ހުޅުވާލައިގެން ކެއުން ނޫންކަމެއް ދަންނަ އަންހެނެއް ނޫނެވެ. ދެރައީ ފިތްފިތަށް މަސްތައް ނުކުތުމުގެ ބަދަލުގައި އެކާ އެއްޗެހި ވަންނަތަނެއް މަލަކާއަށް ނޭގޭތީއެވެ. އެކުއްޖާގެ ލޫޅާފަތިކަމާއި، ހަށިގަނޑުގެ ރީތިކަމުން މި އާއިލާގެ ޒުވާނުން ސިހުރުގައި ނުޖައްސާނެކަމެއް ނޭގެއެވެ. އެވަރު އެލީސާ އަށް ނޭގެނީ ހެއްޔެވެ؟ އަނެއް "ސޯފިޔާ" އެއް ތަނަށް ވެރިކޮށްލާނީ މިގޮތަށެވެ.
"ޔީވާ، މި ސެލެޑްކޮޅު ހަދާބަލަ..." މަލަކާ ގަސްތުގައި ޖެއްސުމެއް ކޮށްލަން ބޭނުންވިއެވެ. ޔީވާ ގެ މައުސޫމް ކަމުން މީހަކު ރުޅިއަޔަސް އޭނައަށް ނޭގޭނެތީ ވަގުތުން ގޮސް މަލަކާ ބުނިކަމެއް ކޮށްލަދޭން އުޅެގަތެވެ. އެލީސާ އަކަށް ވެސް މަލަކާގެ މަގުސަދެއް ވިސްނައިގަންނާކަށް ނޭގުނެވެ. މިގޭ ޅީދަރިން ލައްވާ ނޯކިރީކަން ކުރުވަން މަލަކާ ފޯރި ހުންނަކަމެއް އޭނައަށް އެނގޭނީ ކިހިނެއް ހެއްޔެވެ؟
ބެލްކަނީގެ ބޮކި އޮތީ ނިވާލާފައެވެ. އަނދިރިކަން ވެރިވެފައިވާ ބެލްކަނީގައި ރެއިލިންގައި އަތް އަޅުވާލައިގެން ހުރެ އިއްބާނު ވިސްނަމުން ދިޔައީ ކޯޗެއްކަމެއް ނޭގެއެވެ. އޭނަގެ ޚިޔާލުތައް ވިއްސި ވިހާލިވެގެން ދިޔައީ ޔީވާ އެއްޗެކޭ ބުނެލުމުންނެވެ.
"ބެން، އައިމް ސޮރީ، އެދުވަހު އަހަންނަށް ބުނެވުނީ ރަނގަޅު ވާހަކައެއް ނޫން...." ޔީވާ ހުއްޓުނީ އިއްބާނު އާއި ދާދި ކައިރީގައެވެ. ޔީވާ ބޭނުންކޮށްފައި ހުރި ސެންޓުގެ މީރުވަސް ފަޒާގައިވާ މާމަލުގެ ވަސް ފަނޑުކޮށްލައިފި އެވެ.
"ތިބުނި އެއްޗެއް ނޭގުނު...." އިއްބާނު ހުރީ މާދުރަށް ބަލަހައްޓައިގެންނެވެ. އަނދިރީގެ ތެރެއިން އިއްބާނު ހިޔަންޏެއްހެން ފެންނައިރުވެސް އެ ރީތިކަން ހާމަވާން ހުއްޓެވެ.
"އަހަރެން ބުނީމެއްނު ޕްރެގްއޭ، އެހެން ބުނި އިރު މޮޔަކަމުން ޕީރިއެޑް މިސްނުވާކަމެއްވެސް ހިތަކަށް ނޭރި، ބަރާބަރު ޑޭޓަށް އެކަން ވީމަ ޔަގީން ކުރެވުނީ، އަނެއްކާ ޑޮކްޓަރަށް ދެއްކީމަ ބުނި ސްޓަމަޗް އަޕްސެޓްވެގެންނޭ ހޮޑުލެވުނީ، އޭނަ ބުނި ގިނައިން އައިސްކްރީމް ކާށޭ، އަދި ކިރުތަށި ފިނިކޮށްގެން ބުއީމަ ދިލަނެގުން ރަނގަޅު ވާނެއޭ، ސޮރީ އިގޭ..." ޔީވާ މާފަށް އެދުނެވެ.
"އިޓްސް އޯކޭ، މާފަށް އެދޭވަރުގެ ކަމެއް ނޫން...." އިއްބާނު މާ ގިނަ ވާހަކަ ދައްކަން ނަހަދާ ތިރިއަށް ދިޔުމުން ޔީވާ ގެ ހިތުގައި ޝަކުވާ އުފެދުނެވެ. އެކަމަކު އެހެން ނުވާންވީ ސަބަބެއްނެތެވެ. އޭނަގެ ސަބަބުން އިއްބާނު އާއި މިޝެލިންގެ މައްސަލަ ޖެހިފައިވާކަން ޔީވާއަށް ވަނީ އެގިފައެވެ. ބައެއްފަހަރު ހިތަކީ އަޖައިބެއްފަދަ އެއްޗެކެވެ. ޔީވާ ސިއްރުން ސިއްރުން އުފާކުރި ކަމަކަށްވެސް ވިއެވެ. އަދި އެރޭ ފަދަ އިތުރު ރޭތައް ގެންނަ ހިތުން ކެތްކުރެވެނީއެއް ނޫނެވެ. ޔީވާ ސޯފާއަކަށް ތިރިވިގޮތަށް ދެފައި ދަމާލައިގެން ރީއްޗަށް އޮށޯވެލިތަނާ މަލަކާ އޭނައަށް ގޮވަންފެށުމުން ބުމަ ގޮށް ޖަހާލާފައި ކުދި ކިޔަންފެށިއެވެ. މިގޭގައި އަންހެންވެރިން މާ ގިނަ މަސައްކަތް ކުރަން ޖެހުމަކީ އަޖައިބެކެވެ. މުއްސަނދިކަމުން ލާރިން ފެންވެރޭފަދަ ބަޔަކަށް ގޭގައި ނޯކަރުން ނުގެންގުޅެވެނީ ހެއްޔެވެ؟
ޕެރިހުގައި މިހުރާން މެން ވޭތުކުރި ދުވަސްކޮޅު މިލީނާ ހުރީ ހަމަޖެހިލާފައެވެ. ޕެރިހުގެ ރީތިކަމާއި، ހިތް ފަސޭހަކަމުން ހިތަށް އުފަލެއް ލިބިފައިވި އެވެ. ކުރީކޮޅު ތަންކޮޅެއް ދުރުން އުޅެލާފައި މިހާރަކަށް އައިސް މިހުރާން އާއި މީރާ އަތުގުޅުވާލައިގެން އުޅެން ފެށީ ދެލޯބިވެރިން ފަދައިންނެވެ. ބައެއްފަހަރު ބައްދާލާފައި ކޮށްލާ ސަމާސާތައް ފެނުމުން މިލީނާ މޫނު އަނބުރައިލަން މަޖުބޫރު ކުރުވައެވެ. ފުރަތަމަ ދުވަހު ޕޮންޑެޒަރ ބްރިޖްމަތީގައި އެހާ ގައިގޯޅިކޮށް އުޅުނުތަން ފެނިފައި މިލީނާއަށް އާކަމަކަށްވިޔަސް އެފަހުން އެ މަންޒަރު ތަކުރާރުކޮށް ފެންނާން ފެށިއެވެ. މިހުރާން އަމުރުކޮށްފައިވާ ފަދައިން އޭނައަށް ޖެހުނީ އެކަންތައް ނުފެންނަކަމަށް ހަދައިގެން ހުރުމަށެވެ.
މިހުރާން އާއި މީރާ ޕެރިހުގެ ހުރިހާ މަޝްހޫރު ތަނެއްހެން ބަލައިލި އެވެ. ބައެއްތަންތަނަށް މިލީނާ ނުލައިވެސް ދިޔައެވެ. "ވަން ބައި ދަ ފައިވް" ގައި އެއް ރޭ ވޭތުކުރުމުގެ ތަޖުރިބާ އެއްވެސް މިހުރާން އާއި މީރާ ކުރިއެވެ. ރޭގަނޑު ކެއުމަކަށް ރިޒް ހޮޓަލަށާއި، އައިފުލް ޓަވަރުގެ ރެސްޓޯރެންޓަށް ވެސް ޖައްސާލި އެވެ. އަދި ލަންޓަންތައް ދިއްލާ އަޅާފައިވާ ބޯޓެއްގައި، ކުޝަންޖެހި ގޮނޑިތަކެއްގައި ތިބެ ފްރެންޗް ޓްރެޑިޝަނަލް ކެއުމެއް ކެއެވެ. ބޯޓު ދެއަތަކަށް ކިރެމުންދާތީ އިރުކޮޅަކުން މީރާގެ މޭ ނުބައި ކުރާކަހަލަ ގޮތެއްވުމުން މިހުރާން މީރާ ގޮވައިގެން އެތަނުން ދިޔައީއެވެ. މިހުރާން އާއި މީރާ އުޅެމުންދިޔަ ގޮތުން އެދެމީހުން އެކަކު އަނެކަކު ދެކެ ލޯބިވާވަރު ކޮންމެ މީހަކަށްވެސް ވަޒަން ކުރެވޭނެއެވެ. އެހާ ލޯބިން އުޅޭއިރުވެސް މިހުރާން އެއްގޮތަކަށްވެސް އެކަމުގެ ނާޖާއިޒު ފައިދާ ނަގާކަށް ނޫޅެއެވެ. ކައިވެނި ކުރުމުގެ ކުރިން ނޫނީ އެފަދަ ގުޅުމެއް ބާއްވަން މީރާ އަޒުމް ކަނޑައަޅާފައި ވާތީ ބައެއްފަހަރު މިހުރާން މައްސަލަ ޖައްސައެވެ. ލޯބިވަންޏާ އޮންނަންވީ ކޮން ހުރަހެއް ހެއްޔެވެ؟ އޭނަވެސް ދެން ކިހާ ބޭނުންވާނެ ހެއްޔެވެ؟ އަމިއްލަ ނަފުސް އެދޭކަންތައްވެސް ހުންނާނެކަން މީރާއަށް ބުނެދޭނީ ކިހާ ވަރަކަށް ހެއްޔެވެ؟ އެކަމަކު ލޯބީގެ ހައްގުގައި މިހުރާން ހާދަ ދުވަހަކަށް ކެތްކޮށްލައިފި އެވެ.
މިހުރާން އާއި މީރާ ދެފަރާތުގައި ގަސްތައް ހައްދާފައިވާ ފުޅާ މަގަކުން ހިގާލާފައި ދިޔައީ އަތު ގުޅުވާލައިގެންނެވެ. އޭރު ގަސްތަކުގެ ފަތްތަކުގެ ކުލަވަނީ ކޮންމެވެސް ވަރަކަށް ބަދަލުވާން ފަށާފައެވެ. ޚަރީފު މޫސުމް އަންނަން އުޅޭކަމުގެ ނިޝާންތައް ފާޅުވާންފެށީއެވެ.
"ރެން، ޕްރޮމިސް ތަ މިލީގެ ގައިގައި އަތްނުލާކަން، މެރީކޮށްގެން ބޭނުން ކޮންމެ ކަމެއް ކުރެވެން އޮތްއިރު ފިރިހެނަކު ތިހެން ހުރެދާނެތަ؟ ހަމަ ޝައްކެއް ވަނީ......" މީރާގެ ހިނިތުންވުމުން ފެނުނީ ހުދު ދަތްތަކެވެ. ހަގީގަތުގައި މީރާއަކީ ވަރަށް އަޚުލާގު ރަނގަޅު، މަޑުމައިތިރި ކުއްޖެކެވެ. އެދެމީހުންގެ ލޯތްބަށް ބޮޑު މަޖުބޫރީއެއް ދިމާވެފައިވި ނަމަވެސް އޭނަ މިހުރާންގެ އާއިލާގެ ނިންމުމަށްވެސް އިހުތިރާމް ކުރިއެވެ. އާއިލާގެ މީހުން އުފާކޮށްދެމުން އަމިއްލަ އުފާތައް ހާސިލުކުރަން މިހުރާން ގެންގުޅޭ ސިޔާސަތު އޭނައަށް ކަމުދެއެވެ.
"ޓްރަސްޓް މީ ބޭބީ، މިލީއަކީ އަންހެންކުއްޖެއް ކަމެއްވެސް އަހަންނަކަށް ނޭގޭ، ރޫމްގައިވެސް އޭނަ ހުންނަނީ ކޯޓެއް އެއްޗެއް ލާފައި، އެކުއްޖާގެ އިސްތަށިގަނޑު އޮންނަ ގޮތެއްވެސް އިމޭޖިން ކޮށްލާކަށްވެސް ނޭގޭ، އަހަރެން ދުވަހަކުވެސް މިލީ އާއި ދިމާލަށް އެ ނަޒަރުން ބަލައިލާކަށް ނެތިން، އޭނަދެކެ ދުވަހަކު ލޯތްބެއް ނުވެވޭނެ، އެންމެ ފަހުން މިލީނާ އަހަރެން ދެކެ ހޭޓް ކުރާވަރުން އަހަންނާއި އެކީގައި ނޫޅެވޭވަރުވެގެން ގެއިން ނިކުމެގެން ދާނެކަން ޔަގީން......" މިހުރާން އޭނަގެ ރޭވުން ކުޑަކޮށް ކިޔައިދިނުމުން މީރާ އަށް މަޖާވިއެވެ.
"މިލީއަށް ދެރަގޮތެއް ނުވާނެތަ؟ އޭނަ ރެންދެކެ ލޯބިވެއްޖެއްޔާ....." މީރާ ކުޑަކޮށް ކަންބޮޑުވިއެވެ.
"ނޮޓް ޕޮޒިބަލް، އޭނަ އަހަރެން ފެނުނަސް ފޫހިވޭ، އަހަންނާއި މިލީ އާއި ދެމީހުންނަކީ އެއް މަންޒިލަކަށް ދަތުރުކުރިޔަސް ދެ ބީރައްޓެހިން، ދަތުރުގެ ވަކި ހިސާބަކުން ވަކިވާން ޖެހޭނެ، އަހަރެމެންގެ ފެމިލީގެ އެ އޮތް މައްސަލަ ހައްލުވެ، އަހަރެމެންގެ ވެޑިންއަކަށް އެއްބަސްވާނެ ދުވަހަކަށް އިންތިޒާރު ކުރާތާ ކޮން ދުވަހެއް، އެދުވަސް ދެން ވަރަށް އަވަހަށް އަންނާނެ ގޯޑް ވިލިން، އެކަމާއި ނުވިސްނަބަލަ، އަހަންނަކީ އެކަނި އެންޖެލްގެ މީހެއް، އެހެންމީހަކަށް އަހަރެންގެ ލޯތްބެއް ދުވަހަކު ނުލިބޭނެ....." މިހުރާން ޔަގީންކަމާއި އެކު ބުނެލިއެވެ. މިހުރާން މިލީނާ ބްލެކްމެއިލް ކުރިކަމެއް މީރާ އަކަށް ނޭގެއެވެ. އޭނަ ހީކުރީ އެހާ ބަސްއަހާކުއްޖަކަށްވީމަ މަންމަމެންގެ ބަސް ގަބޫލުކޮށްގެން މިހުރާން އާއި ކައިވެނި ކުރަން އެއްބަސްވީ ކަމަށެވެ.
މިހުރާން ގުދުވެ މީރާގެ މޫނުގައި ބޮސްދިނެވެ. ދެއަތްތިލަ ގުޅި ލާމެހިފައިވާއިރު ދެލޯބިވެރިންގެ މޫނުމަތިން ފެނުނީ އިންތިހާ ދަރަޖައިގެ އުފާވެރި ކަމުގެ އަސަރުތަކެވެ. އެދެމީހުން ހަގީގަތުގައި މިލީނާ ދެކެ ނަފްރަތެއް ނުވެއެވެ. އެއީ އެޒުވާނުންގެ ހަޔާތަށް ކުޑަދުވަސް ކޮޅަކަށް އައި ޅަ މެހުމާނެކެވެ. މިހުރާން ލައްވާ މީރާ މިއަދުވެސް ކުރުވީ އެ ވައުދެވެ. އޮޅިގެންވެސް މިލީނާގެ ގައިގައި އަތްނުލުމެވެ. އެފަދަ ދުވަހެއް އަތުވެއްޖެއްޔާ މިހުރާންއަށް ފެންނާނީ އޭނަގެ ފުރާނަނެތް މަސްގަނޑު ކަމަށް މީރާ ބުންޏެވެ.
މީރާ ހުރީ ފްރާންސްގެ މަޝްހޫރު ލަޑޫރޭ މަކަރޯނަށް މޮޔަވެފައެވެ. ފޮނި އެއްޗަކަށް ވިޔަސް ކޮންމެ ދުވަހަކު އެވަރަށް އެކައި އުޅޭއިރުވެސް މީރާ ހުންނަލެއް ލޫޅާފަތިކަމުން މިހުރާން ދިމާކުރެއެވެ. މީރާ މަކަރޯނ ދަހިކޮށް ކާލާއިރު އަގަޔަށް ހަދާލާގޮތުން މިހުރާންގެ ހިތް ލޯބިން ފުރެއެވެ. އެއިން ކޮންމެ އަދާއަކަށް މިހުރާންއަށް ބަލަން އިނދެވެނީ މޮޔަވެފައެވެ. މީރާ ދެކެ އެވަރަށް ލޯބިވާއިރުވެސް މިލީނާ އާއި ދޭތެރޭގައި އޭނަ ފަރުވާކުޑަކޮށްލަން ބޭނުންނުވަނީ މަންމަމެންނާއި މެދު ވިސްނާލާފައެވެ. މުޅިން ބާކީކޮށްލާފައި ދެރަކޮށްލައިފިއްޔާ އެކުއްޖާ އާއިލާ ގާތު ބުނެގެން މައްސަލަތަކެއް ޖެހެން ފަށާފާނެއެވެ. މިހުރާން ހޮޓަލަށް އަންނައިރު މިލީނާއަށްވެސް ލަޑޫރޭ މެޓާ އެއްޗެހި ގެނެސްދެއެވެ. ހަލާލު އެއްޗެކޭ ކިޔާފައި މިލީނާއަށް ކާންދޭން ފެށުމުން މިލީނާވެސް އެއަށް ދެވިހިފީ މާ ވަރަކަށެވެ. އެކަމަކު ފެހި، ރީދޫ، ވައިލެޓް، ކަޅު، އަދި ރަތްކުލައިގައި ހުންނަ ބިސްކޯދުތައް ފަދަ ފޮނި އެއްޗެހިތަކަށް ކިޔާ ނަމެއް އޭރަކު މިލީނާއަކަށް ނޭގުނެވެ.
ޕެރިހުގައި ހޭދަކުރެވުނު އުފާވެރި ދުވަސްކޮޅަކަށްފަހު މިހުރާން މެންގެ މަންޒިލަކަށްވީ ވެނިސް އެވެ. ޕެރިހުން ވެނިސްއަށް ދެވުނީ ގާތްގަނޑަކަށް ދޮޅުގަޑިއިރުގެ ފްލައިޓަކުންނެވެ. ވެނިސް ފެނުމާއި އެކު މިލީނާ ހައިރާންވިއެވެ. ހާދަ ތަފާތެވެ. ހާދަ ރީއްޗެވެ. އޭނަ ކިޔެވިއިރު ޖިއޮގްރަފީ ނުކިޔަވާތީ ވެނިސް އާއި ބެހޭގޮތުން މާބޮޑު މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ. އަބަދު އިވެނީ މީހުން ވެނިސްގެ ރީތިކަމުގެ ވާހަކަ ދައްކާ އަޑެވެ. ވެނިސްގެ ފޮޓޯއެއް ވެއްޖެއްޔާ ފެންނަނީ އިމާރާތްތައް ފެންގަނޑު ތެރޭގައި ހުންނަ މަންޒަރެވެ. އެކަމަކު އޭރު އެއީ ކީއްވެކަން ވިސްނައިގަންނާކަށް މިލީނާއަށް ނޭގުނެވެ. އެކަމަކަށް މާ ބޮޑު ސަމާލުކަމެއްވެސް ނުދެވުނެވެ. ހަގީގަތަކީ ވެނިސްގައި ކާރުފަދަ އެއްވެސް މަގުމަތީ އުޅަދެއް ނޯވެއެވެ. އުޅެން ޖެހެނީ ފައިމަގުގައެވެ. މަގުގެ ބަދަލުގައި މުޅިންވެސް މިއޮތީ ފެން މަގުތަކެވެ. ނޫނީ ކެނެލްތަކެވެ. ފައިމަގުގައި ހިގަން ހަނިމަގުތަކާއި، ދެ ގެ ދޭތެރޭގައި ވެސް ކުދި ބްރިޖް އަޅާފައި ހުންނަތަން ފެނުނެވެ. ހޮޓަލުން ނޫނީ ފިހާރަތައް ފަދަ އެހެން އިމާރާތްތަކުން ނިކުމެ ވަގުތުން އަރަން ޖެހެނީ ގޮންޑޮލާ ކިޔާ ކުޑަ ދޯންޏެއްހެން އޮންނަ އުޅަދަކަށެވެ. ގޭގެ ފަހަތުގަޔާއި، ކުރިމަތީގައިވެސް އޮންނަނީ ފެނުގެ މަގުތަކެވެ. އެއްވެސް ތަނެއްގައި އޭނަގެ އިސްކޮޅުކާނެ ކަމާއިމެދު މިލީނާ ޝައްކުވިއެވެ. އެމްބިއުލެންސް އަށް ނޫނީ އެހެން އެއްޗަކަށް ބޭނުންވިޔަސް ވެނިސްގައި ހުންނާނީ އެކަނި މި ފުން ކެނަލް ތަކުން ދަތުރުކުރާ ބޯޓާއި، އެހެން އުޅަދެވެ.
މިލީނާ ހުރި ހޮޓެލްގެ ކުޑަދޮރުން ތިރި ބަލައިލި އިރުވެސް ތިރީގައި އޮތީ ފުން ފެންގަނޑެވެ. މިލީނާގެ ގައިން ހީބިހިނެގިއެވެ. ޝައުގުވެރިވި ވަރަށް ބިރުވެސް ގަންނަގޮތްވިއެވެ. މިރަށު މީހުން ކުޑަކުދިން ގެންގުޅޭނެ ގޮތެއް މިލީނާގެ ވިސްނުމަކަށް ނައެވެ. އޭނަގެ ދަރިއެއް ހުރިނަމަ އަތުން ވީއްލާލާކަށް ނުކެރޭނެކަން ގައިމެވެ.
މިލީނާމެން ޝޮޕިން އަށް ގޮސްފައި ޕޭވްމެންޓުން ހިގާފައި އައިއިރު މިލީނާ ފިޔަވަޅު އެޅީ ބަލައިގެންނެވެ. ކިރިޔާ ކައްސާލިޔަސް ގޮސް އެ ފުން ކެނެލްގައި ޖެހޭގޮތަށް އޭނަ ގެނބިދާނެކަން އޭނައަށް ޔަގީނެވެ. ކެނެލްތަކުގެ ކައިރި ފަށް ހުންނަނީ ފެހިޖަހާފައި، ލޮންދާ ކަހަލަ ގޮތަކަށެވެ. އެހެންވުމުގެ ސަބަބުން ގޮންޑޮލާއަށް އަރާއިރު މިލީނާ އުޅުނީ ވިސްނައިގެންނެވެ.
"މިރަށުން ކިތައް މީހުން ގެނބިގެން މަރުވާނެތަ؟" މިލީނާގެ ކުރީގައި ހުރެގެން ހިގަމުން ދިޔަ މީރާގެ އަތުގައި ހިފަހައްޓާލައިގެން މިހުރާން ހުރިގޮތުން ރައްކާތެރިކަން ދޭން ބޭނުންވާވަރު ފެނިފައި މިލީނާގެ ހިތަށް ކުޑަ އުދަގުލެއްވިއެވެ.
"މި ކެނެލްތަކަށް ވެއްޓި ޓޫރިސްޓުން މަރުވެފައި ވަނީ ވަރަށް މަދުން ކަމަށް ވަނީ، ބަލައިގެން ނޫޅެންޏާ ކޮންމެ ތަނެއްގައި ވެސް އެކްސިޑެންޓް ހިގާނެ، އެމެރިކާ ތަންތާވެސް މަގަށް ނިކުތީމަ ވެހިކަލް ތަކު ދަށުވެފައިވެސް މީހުން މަރުވަނީ އެއްނު، ޑޯންޓް ވޮރީ، އަހަރެން ބޭބީއަށް ކަމެއްވިޔަކަ ނުދޭނަމޭ...." މިހުރާން އެހެން ބުނެލި އިރު މިލީނާ ފަހަތުގައި ހުރިކަމެއް ހަދާނެއް ނެތެވެ.
މެންދުރު ހޮޓެލުން ކައިގެން ނިކުމެ ގޮންޑޮލާއަކަށް އަރަން އުޅެނިކޮށް މިލީނާ ކައްސައި ނުލީ ކިރިޔާއެވެ. ފަހަތުގައި ހުރި މިހުރާންއަށް ހިފަހައްޓައިލެވުނީ ބޭ އިޚުތިޔާރުގައެވެ. މިލީނާއަށް ވީތީ އެއް ނޫނެވެ. އެއީ ސޫރީއަށް ވިނަމަވެސް އޭނައަށް ހިފެހެއްޓުނީހެވެ. އެކަމަކު މިހުރާންއަށް ހިފެހެއްޓުނު ގޮތަކުން މިހުރާންއަށް އެއީވެސް އަންހެންކުއްޖެއް ކަމާއި، އަންހެންވަންތަ ކަމުން ފުރިފައިވާ ކުއްޖެއް އެހެދުމުގެ ތެރޭގައި ފިލާހުރިކަން ފުރަތަމަ ފަހަރަށް ޔަގީންވިއެވެ. އޭނަ ސިއްރުން މިލީނާގެ ވީޑިއޯއެއް ނަގައިގެން މިލީނާ ބްލެކް މެއިލް ކުރިއިރުވެސް ހަގީގަތުގައި އޭނަ އެ ބަލައިލަން ހިތަކަށް ނޭރިއެވެ. އެގޮތަށް ސިއްރުން އަންހެނުން ބަލާކަށް އޭނަ ބޭނުން ނުވީއެވެ. އޭނައަކީ އެހާ ނާކާމިޔާބު މީހެއް ނޫނެވެ. އޭނަ ބޭނުން ކޮންމެ އަންހެންކުއްޖެއް އޭނަގެ ގާތަށް ރުހުމުން އަންނާނެއެވެ. ވީއިރު އަންހެންކުދިން ފެންވަރާ މަންޒަރު ސިއްރުން ބެލުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ އޭނަ ކުރާކަމެއް ކުރާނީ ފާޅުގައެވެ.
މިހުރާން މިލީނާ ގޮންޑޮލާއަށް އަރުވާފައި ބަލައިލި އިރު މީރާ ހުރީ ބުމަގޮށް ޖަހާލައިގެންނެވެ. މިހުރާން ނުތަނަވަސްވިއެވެ. އޭނަގެ ލޯބިވެރިޔާ ހަސަދަވެރިވާން އަދި ގާތެއްވެސް ނުވެއެވެ.
މިހުރާން އަށް ވެނިސް އެހާ ކަމުދާތަނަކަށް ނުވިއެވެ. ޓޫރިސްޓުންނާއި، ކޮތަރުތައް މާ ބޮޑަށްވެސް ގިނައީއެވެ. މޫސުމްގެ ގޮތުން ކަމަށްވެދާނެއެވެ. އެހެންވެ ދެ ދުވަސް ފަހުން އޭނަ ވެނިސް އިން ދާން ޚިޔާލުކުރިއެވެ.
ސޫރީގެ މަންމަ މާ ބޮޑަށް ބަލިވެގެން އޭނަ އެނބުރި ވިލެޖަށްދާން ޖެހުމުން މިލީނާގެ އެކަނިވެރިކަން ބޮޑުވާގޮތްވިއެވެ. ބަސް ނޭގުނު ނަމަވެސް އިޝާރާތުންނާއި ކޮށި އިނގިރޭސި ބަހުން ސޫރީ ވާހަކަދައްކައި އުޅެއެވެ. މިލީނާގެ އުފާތައް ހިއްސާކުރަން ހުރި އެކަނި ފަރާތަކީ އެއީއެވެ. މިލީނާގެ ފޮޓޯތައްވެސް އޭނަ އަށް ނަގައި ދިނީ ސޫރީއެވެ. މިލީނާ ބިރުން އުޅޭތީ ފަހުން ސޫރީ ނިދަން އޮންނަނީވެސް މިލީނާގެ ކޮޓަރީގައެވެ. އޭނަ ނެތުމުން ހާދަ ބޮޑަށް އެކަނިވެރިކަން އިހުސާސް ކުރެވޭނެއެވެ. މިލީނާގެ ނަސީބު ދެރައީ ކަންނޭގެ އެވެ.
ވެނިސްގެ ރީތިކަން ދެކިލުމަށްފަހު މިހުރާންމެން ސްވިޒަރލޭންޑްގެ ޒިއުރިކަށް އާދެވުމުން މިލީނާގެ ވަރުބަލިކަން ފިލިއެވެ. ސްނޯއިން ކުރި ހުދުވެފައިވާ އޭލްޕްސް ފަރުބަދައިގެ ސިލްސިލާ އާއި، ކޯރުތައްވެސް ހުވަފެނީކަމުން ފޮޓޯތައް ނަގަން ފެށިގޮތަށް ހުއްޓާލާ ހިތެއް ނުވިއެވެ. މިލީނާގެ މައުސޫމް ބޮޑު ދެލޮލުގައިވި އުފާވެރި ވިދުވަރު މިހުރާން ފާހަގަކުރިއެވެ. މިލީނާ އުފަލުން ހުރިއްޔާ އޭނަ ކޮންމެ ގޮތަކަށް އުޅުނަސް ކުރާނެ ޝަކުވާއެއް އޮވެގެން ނުވާނެއެވެ. ޒިއުރިކުން ރޭލެއްގައި ފަރުބަދަމަތީގެ ހިސާބަކަށް ދިޔަ ދަތުރުވެސް މިލީނާގެ ހަދާނުގައި އަބަދަށް ދެމިހުންނާނެކަން ޔަގީނެވެ. އޭނަ އިނީ ރޭލުގެ ކުޑަދޮރު ކައިރީގައެވެ. ދުނިޔެމަތީގެ ސުވަރުގެފަދަ ރީތި މަންޒަރުތައް ފެނުމުން މިލީނާ އިނީ އެސްފިޔަ ޖަހައިލަން ނޭގިފައެވެ. ދުރުދުރަށް ދާންދެން ދޫލައެއްހެން ފެތުރިފައިވި ފެހި ވިނަގަނޑާއި، ޕައިން ފަދަ ގަސްތަކުން އެސަރަހައްދު ހީވީ ޕޯސްޓް ކާޑެއްހެންނެވެ. ރީތި ވާދީތަކާއި، ކޯރުތަކެވެ. މިހުރާން ކުއްޔަށް ހިފި ކޮޓެޖް ހުރީ އުސް ހިސާބެއްގައިކަމުން ތިރި ފެންނަލެއް އެހާ ފުރިހަމައެވެ. ބަލައި ބަލައި ފޫއްސެއްނުވާނެއެވެ.
ރޭގަނޑު ތަންކޮޅެއް ދަންވުމުން މިހުރާން އާއި މީރާ ކޮޓެޖްގެ ކޮޓަރިތަކަށް ވަނުމުން މިލީނާ އިޝާނަމާދު ކުރިގޮތަށް އޮތީ ނިދަންވެސް ނުކެރިފައެވެ. ހާދަ ހިމޭނެވެ. އެއްވެސް އަޑެއް ބަޑެއް ނީވެއެވެ. ކޮޓަރީގައި ރަސްކަން ކުރަނީ ރަންކުލައިގެ އައްޔެކެވެ. އޭނަ ބޭނުމީ މިއަށް ވުރެ ގަދަ ހުދު އައްޔެކެވެ. މިލީނާ އޭނަގެ މަންމަ، ބައްޕަ އަދި ކޮއްކޮ މަތިން ހަދާންވާން ފެށިއެވެ. ބައްޕަމެންނާއި އެކު މިފަދަ ދަތުރެއްގައި އާދެވުނުނަމަ ކިހާ ބޮޑު އުފަލެއް ހެއްޔެވެ؟ ކުއްލި އަކަށް މީހަކު ދޮރު ހުޅުވާފައި މަޑުމަޑުން ކޮޓަރިއަށް ވަނުމުން އޭނަ ސިހިފައި ބަލާލި އިރު މިހުރާން އެވެ. އޭނަ ކުއިލްޓް ބޮލާއި ހަމަޔަށް ދަމައިގެންފައި ކުއިލްޓް ތެރޭގައި ފޮރުވިގަންނަން އުޅުނެވެ. ސްކާފް ނާޅާ އޮތުމުން އެ ފަން އިސްތަށިގަނޑު ރީއްޗަށް ފެންނަން އޮތުމުން ދެން ކުރާނެ މާބޮޑުކަމެއްނެތެވެ. އެހެންނޫނަސް މިހުރާންއަށް އޭނަގެ ވީޑިއޯ ފެނިފައި ވާތީ ދެން ފިލަންވީ ކީއްވެ ހެއްޔެވެ؟
"ބިރުން އުޅޭނެކަން އެނގޭތީ އަހަރެން މިއައީ، އެހެންނޫނަސް އައި ނީޑް ކޮމްޕެނީ......." މިހުރާން ހުރީ މުށިކުލައިގެ ޓީޝާޓަކާއި، ދިގު ސޯޓެއްލައިގެންނެވެ. ރަން އަލި އެ މޫނަށް އެޅިފައިވާއިރު ފެންނަލެއް ފުރިހަމަކަމުން ހިތްތައް ދީވާނާ ކުރުވާނެއެވެ.
"މީރާ ހުންނާނެއްނު...." މިލީނާއަށް ބުނެވުނެވެ.
"އޭނައަކަށް އަހަރެން ބޭނުންވާކަމެއް ކޮށްނުދެވޭނެ، އެހެންވީމަ އަހަރެން ގެ ވައިފް ކައިރިއަށް މިއައީ...." މިހުރާން އެނދުގެ މަގަތުގައި އިށީދެ މިލީނާއަށް ބަލައިލީ ތަފާތު ނަޒަރަކުންނެވެ. މީގެ ކުރިން އެފަދަ ގޮތަކަށް މިލީނާގެ މޫނަށް މިހުރާން ބެލި ހަނދާނެއް މިލީނާ ނުވެއެވެ. މިލީނާގެ ގައިން ހީބިހިނެގިއެވެ.
މިހުރާން ވެސް ސްވިޒަރލެންޑުގެ އިޝްގުގައި ޖެހުނީ ކަންނޭގެ އެވެ. މިހުރިހާ ދުވަހު އިހުސާސް ތަކަށް ގަނޑުފެން އަޅައިގެން ހުއްޓާ ހިއްސުތައް ހޭލައްވާލައިފި އެވެ.
"އަހަރެމެން ދާނީ ތިރީބައިގެ ރޫމަކަށް، މީރާއަށް ހޭލެވިއްޖެއްޔާ މާ ރަނގަޅެއް ނުވާނެ، ތެދުވެބަލަ..." މިހުރާން މިލީނާގެ އަތުގައި ހިފައިލުމުން މިލީނާ އަތްދަމައިގަންނަން އުޅުނީ ބޭ އިޚުތިޔާރުގައެވެ. ބިރުންގޮސް މޭގަނޑު ތެޅެން ފެށީ މާ ބާރަކަށެވެ. މިހުރާން އެކަމާއި ހިތްހަމައެއް ނުޖެހުނެވެ. މިލީނާ އޭނައަށް ނޫނެކޭ ބުނެގެން ވާނެ ކަމަކަށް އޭނަ ނުދެކެއެވެ. އަގުބޮޑުކޮށް ކައިވެނީގެ ރަން ކިޔާފައި ވާއިރު މިލީނާ އޭނަ ބުނާގޮތަށް ހަދަން ޖެހޭނެއެވެ. މިހުރާންގެ ހިފެހެއްޓުން ކުރިއަށް ވުރެ ބާރުވިއެވެ. އޭނަ ތަންކޮޅެއް ހަރުކަށިކަމާއި އެކު މިލީނާގެ އަތުގައި ހިފާފައި ދަމައިގަނެގެން ކަހަލަ ގޮތަކަށް އެނދުން ބޭލުވިއެވެ.
"ބުނާގޮތަށް ހަދާ..." މިހުރާން އަމުރުވެރި ގޮތަކަށް އެންގި އިރު މޫނުމަތިން ނުރުހުމުގެ ކުލަވަރު ފެނުނެވެ. މިލީނާ ނުރޯންވެގެން އަނގަމަތީގައި އަތްއެޅިއެވެ. ހަނީމޫނަށް އައިގޮތަށް އޭނަ އުފަލުގައި ހުއްޓާ ކުއްލިއަކަށް އެ އުފާތައް ބިރުވެރި ހުވަފެނަކަށްވާންވީ ކީއްވެހެއްޔެވެ؟