"ޔެސް ގާލް، ކަންފަތް ފަޅައިގެން ދާހާ ބާރަށް ނުގޮވިޔަސް އަހަންނަށް އަޑުއިވޭ......." ޔީވާ ހަށަން ބަދެލަމުން އެއް ބުމަ އަރުވާލިއެވެ.
"މާ ވަސްގަދަ ސެންޓެއް ޖަހައިގެން ހުރެ މާކައިރިވީމަ އަނބުރައި ނުގަތީ ކިރިޔާ އެހެންވެ، އެހެންނޫނަސް ނުޖެހޭނެ ޑެލިބެރޭޓްކޮށް މަގޭ ގައިގައި ޖެހިގަންނާކަށް، ހީވަނީ ގަސްތުގައި ޖެއްސުމަށް އުޅޭމީހެއްހެން....." މިޝެލިން ގެ ކުޑަ ކުޑަ ނޭފަތަށް ހަދާލިގޮތަކުން މިހުރާންވެސް ހިނި އައެވެ.
"ޝެލް، ތިވާހަކަ ދައްކަން މިއީ ރަނގަޅު ޓައިމެއްނޫން، އަހަރެން މިދަނީ ބޭރަށް ދާން ލަސްވެގެން، ސައިގަޑީގައި އަހަރެމެން އެ ވާހަކަ ދައްކާނީ ދޯ........" ޔީވާ ފަރިގޮތަކަށް މިހުރާންއަށް ބަލާލާފައި އަތް ހޫރާލުމަށްފަހު ދާން ހިނގައިގަތެވެ. މިޝެލިން ހުރީ މަޖާވެފައެވެ. މިއަދުން ފެށިގެން ޔީވާއަށް އޭނަ އަކާއި ބޭނުން ގޮތަކަށް ނުކުޅެވޭނެއެވެ. އަދި މިގެއިންވެސް ނެރެލާނެ އެވެ. ޔީވާއަށް އޭނަ އާއި އިއްބާނު ވަކިކުރުވާފައި ހިތަށް އައިގޮތަކަށް އުޅެވިދާނެކަމަށް ހީކުރަންޏާ އެއީ ކުށްހީއެކެވެ.
ޔީވާ ކާކޮޓަރިއަށް ވަންއިރު އޭނަ ހުރީ ސޯޓްކޮޅަކާއި ކުރު ޓޮޕެއްގައެވެ. ގޭ އެންމެން ނިދާފައި ތިއްބާ އެތަނަށް ވަދެ ރެޑްބުލް ތަށްޓަކަށް އޮއްސައިލުމަށްފަހު އައިސްކިއުބްތަކެއް އަޅާލައިގެން ކޮރިޑޯއިން އައިއިރު އޭނައަށް ކޮޓަރިތަކާއި ދިމާލަށް ބަލައިލެވުނެވެ. މިހުރާން އޭނަ ފާރަލައިގެން ހުއްޓަސް ނުފެނި ގެއަށް ވަނީ ހެއްޔެވެ؟ ކޮންމެވެސް މީހަކު އޭނަ ފޫހިފިލުވައިދޭން އަންނާނެ ނަމައެވެ. ޔީވާ ސޯފާއެއްގައި ހަށިގަނޑު ދަމައިލުމަށްފަހު މެގަޒިން އެއް ހުޅުވާލައިގެން އޮތްއިރު އޭނަ އޮތީ އޭގެ ކަވަރު ފޮރުވައިގެންނެވެ. ބާރަޖަހަން އުޅެނިކޮށް ބޭރުން އައިސް މިހުރާން ވަނުމުން ޔީވާގެ ހިތަށް ވީގޮތެއް ބުނާކަށްވެސް ނޭގުނެވެ.
"ރެޑްބުލް ނުބޯނަންތަ؟" ޔީވާ ގެ އޮމާން ފައި އިޝްތިހާރުކޮށްލައިގެން އޮތްގޮތުން ލޮލުގައި އަޅައިނުގަންނާނެ ގޮތަކީ ނެތްގޮތެކެވެ.
"މިހާ ފިނި ރެއެއްގައި ހޫނު އެއްޗެއް ބޮވޭނީ.... ކޮފީއެއް ރަނގަޅު ވާނެ......" މިހުރާން ކުއްލި އަކަށް ޔީވާގެ އަތުގައި އޮތް ފޮތް ޖަހައިގެންފިއެވެ. ޔީވާގެ ބޭނުން ހާސިލުވާން ފެށުމުން އޭނަ އަށް ހެވުނެވެ. އެއްޗެއް ސިއްރުން ގެންގުޅެންޏާ މި ފިރިހެންވެރިން ނިކަން ބަލާހިތްވާނެއެވެ.
"ތިއީ އެއްވެސް ކަމެއްނޫނެއްނު، އެކަމަކު އަހަންނާއި ބައިވެރިވެލަން ޑައިނިން ރޫމާއި ހަމަޔަށް ގޮސްދީފާނަންތަ؟" ޔީވާ ތެދުވުނު އިރު މިހުރާން ހުރީ އެ ފޮތުގެ ސަފުހާތައް އުކާލަ އުކާލައެވެ. އޭގައިހުރި ފޮޓޯތަކުންވެސް މިހުރާންއަށް ގޮތެއްނުވެ ނުދާނެކަން ޔަގީނެވެ. އެވަރުންވެސް މިހުރާން މާ ބޮޑުކަމަކަށް ނެހެދިއެވެ.
"މިއީ އެޑަލްޓުންނަށް ޚާއްސަ ފޮތެކޭ، ޔީވްވެސް ބޮޑުވީތަ؟ މަ ހީކުރަނީ އިސްކޮޅެއް ލާފައި ހުއްޓަސް ކުޑަ ކުއްޖެއްކަމަށް، އުމުރު ކިހާވަރެއްތަ؟" މިހުރާން ބަލައިލި ގޮތަކުން ޔީވާ ތުއިވެލިއެވެ. އޭނަ ހަށިގަނޑުގައި ވަންނި ލައްވަމުން އުމުރު ބުނެލިތަނާހެން މިލީނާ ދޮރުމައްޗަށް އެރިއެވެ. މިލީނާ ނިދާ ހެދުމުގެ މަތިން ހެދުމެއް ވައްޓާލައިގެން ހުއްޓަސް އެ ފަންއިސްތަށިގަނޑު އޮތީ ދޫކޮށްލާފައެވެ. ލޮލުގައި ހުރި ނިދީގެ އަސަރު ފިލައިގެން ދިޔައީ މިހުރާން އާއި ޔީވާ އެކީގައި ފެނުމުންނެވެ. މިހުރާން އަދި މަޖަލަކަށް ހަދާފައި މިލީނާއަށް އެ ފޮތުގެ ސަފުހާއެއް ދައްކައިލުމުން މިލީނާގެ ސަމާލުކަން އެ ފޮތަށް ލިބި އެ ދޮންމޫނަށް ރަތުގެ އެތައް ކުލަ ވެރިވިއެވެ. އެކަމަކު މިހުރާން އާއި ޔީވާ އާއި ދެމީހުން އެއްތާކު ތިބެގެން މިފަދަ ފޮތެއް ބެލީމަ ރުޅިއަންނަ ގޮތްވެސްވިއެވެ.
"މިލީ ނުނިދިގެން ތިއުޅެނީ އަހަރެން މަތިން ހަނދާންވާވަރުންތަ؟" މިހުރާން ފޮތް ޔީވާގެ އުނގަށް އެއްލާލައިފިއެވެ.
"އެކަނި އޮންނަން ބިރުން......" މިލީނާ އެހެން ބުނެލާފައި މިހުރާންގެ އަތުގައި ހިފެހެއްޓިތަން ފެނުމުން ޔީވާގެ މޫނު ކުޑަކޮށް ބަނަވެލައިފިއެވެ.
"އަހަރެން އަންނާނަން ކޮފީއެއް ބޯލައިގެން، މިލީ ދޭ ކޮޓަރިއަށް...." މިހުރާން އެހެން ބުނުމުން ވެސް މިލީނާ ހުރީ ދެލޯބޮޑުކޮށްލައިގެން އެސްފިޔަޖަހާވެސް ނުލައެވެ. މަޖާ ކުއްޖެކޭ ޔީވާގެ ހިތަށް އެރިއެވެ.
"މިލީ، އަހަރެން ރެންއަށް ކޮފީއެއް ހަދައިދީފާނަން، އެހެންނޫނަސް ބަނޑަކާއިއެކު ތި ބުރައެއް އުފުލާނެކަމެއް ނެތެއްނު، ޕްރެގްކުދިން ރެސްޓް ނަގާނީ، އަހަރެމެން މިތިބީ ސާވްކޮށްދޭން....." ޔީވާ ހުރީ ހިނިއައިސްފައެވެ. މިހުރާންގެ ބޭނުމަކީވެސް މިކުޑަ މަންޖެ އެތަނުން ފޮނުވައިލުންތާއެވެ. ޔީވާ ހިތާހިތުން ކިޔާލައިފިއެވެ.
"ޔީވް، ތޭންކްސް، އެކަމަކު މިވީގޮތުން ފުރަތަމަ މިލީ ނިންދަވަން ދާން މިޖެހުނީ..... ކޮފީއަށް އަންނާނަން...." މިހުރާން މިލީނާގެ އަތުގައި ހިފައި ގަޔާ ކައިރިކޮށްލުމަށްފަހު ކޮޓަރި އާއި ދިމާލަށް ހިނގައިގަތެވެ. ޔީވާ އިރުކޮޅެއް ވާންދެން މިހުރާންގެ ރީތިކަމަށް ބަލަން ހުރީ މޮޔައެއް ފަދައިންނެވެ. ޓީޝާޓް ފަހަތުން ކުޑަކޮށް ހިއްލިފައިވާއިރު ޖިންސް ހަށިގަނޑަށް ހިފާފައިވާލެއް ރީތިކަމުން ހިތުގެ ވިންދު އަވަސްކުރުވިއެވެ. އެ ފިރިހެންވަންތަ ކަމުން ޔީވާގެ ގައިން ހީބިހި ހަލުވާލައިފިއެވެ. ޔީވާ އެފިނި ތަށި އެއްނޭވައިން ދަމާލީ ހިތުގެ އުދާސްގަނޑު ފިލުވައިލުމަށެވެ. އޭނަ ކާކޮޓަރިއަށް ވަންގޮތަށް ކުރާ ޖައްސާލައިގެން އިނދެ އިންތިޒާރުކުރީ މިހުރާން އަށެވެ. އެތައް އިރެއް ފާއިތުވީއިރުވެސް މިހުރާންގެ ޚަބަރެއްނުވިއެވެ. ދެންވެސް އޭނަ އިންތިޒާރު ކުރިއެވެ. ނިދިއައިސްގެން ހަލާކުވާވަރުވުމުން ލޮލަށް ގަނޑުފެން އަޅައިގެންވެސް އޭނަ ދެލޯ ހުޅުވަން މަސައްކަތްކުރިއެވެ.
ޔީވާ އެހެން އިންދާ ނިދިޖެހިގެން ގޮނޑިން ބަންޑުންވުމުން ޔީވާ އަނގަޔަށް ގޮތެއް ހަދާލާފައި ބިންމަތިން ތެދުވުނެވެ. މީހަކު ފެންނަން ނެތްކަން އެއީ ޔީވާގެ ނަސީބެވެ. އެހެންނޫންނަމަ އުމުރުގައިވެސް މިހާ ލަދުގަންނާނެ ވަގުތެއް އަންނާނެކަމެއް ނޭގެއެވެ. ޔީވާ އަތްލިއިރު އޭނަގެ ނިތްކުރި އޮތީ ދުޅަވެފައެވެ. ޔީވާ ދުއްވައިގަތީ ފްރިޖާއި ދިމާލަށެވެ. މިހުރާން އޭނައަށް ގަސްތުގައި ލަނޑެއް ދީފާނެހެއްޔެވެ؟ އޭނަ މޮޔަހައްދަން އަންނާނަމޭ ކިޔާފައި އަންހެނުންނާއިއެކު މަޖާނަގަން އޮތީކަން ޔަގީނެވެ. އޭނަވެސް ފިސާރި ލަނޑެއް އެ ފިރިހެނާއަށް ދޭނެއެވެ.
މީރާ އަށް މިހުރާން އެޕާޓްމެންޓެއް ގަނެދީފައި ސިއްރުން އެތަނަށް ދާކަމެއް އެއާއިލާގެ އެކަކަށްވެސް ރޭކާނުލައެވެ. މިލީނާވެސް އެކަމެއް ނުދަނެއެވެ. މީރާ ހުންނަ އެޕާޓްމެންޓަށް މަހަކު ދައްކަން ޖެހޭ ތިރީސް ހާހުގެ އިތުރުން މީރާގެ އެހެން ޚަރަދުތަކާއި ލައިގެން ބައިލައްކަ ރުފިޔާ ދާނެއެވެ. ކޮންމެ ވަގުތަކު މީރާ ކަނީ އޯޑަރުކޮށްލައިގެންނެވެ. ބަދިގޭ ފަރުނީޗަރާއި، ކައްކަން ބޭނުންވާހާ ސާމާނު ހަމަކޮށްދީފައި ހުއްޓަސް އޭނަ ކުރާހާ ކަމަކީ ކަރަންޓުން ފެންފޮދެއް ހޫނުކޮށްލުމެވެ. މިހުރާން ވަނީ މީރާއަށް ފަސޭހަކޮށްދޭން މަސައްކަތު މީހެއް ހޯދާފައެވެ. އެމީހާ ކޮންމެ ދުވަހަކު ގެ ސާފުކޮށް، ހެދުންތައް ދޮވެދީފައި ހިނގައިދާނެއެވެ. މިހުރާން އުޅެނީ ވަރަށް ވިސްނައިގެންނެވެ. އޭނަގެ އެކުވެރިއެއްގެ ގާތުގައިވެސް މީރާ އެގޭގައި އުޅޭ ވާހަކައެއް ނުބުނެއެވެ. ބޭޒާރުވާ ދުވަހަކުން ހަދައިލާނެ ވާހަކައެއް މިހާރުއްސުރެ މިހުރާން ވަނީ ޕްލޭންކޮށްލާފައެވެ.
މިހުރާން ފެންވަރައި ނިމިގެން ނިކުތީ ކަޅުނޫކުލައިގެ ތުވާއްޔެއް އަނދެލައިގެންނެވެ. ތެތްއިސްތަށިގަނޑުން ފެންތިކިތައް މޫނަށް ފައިބަމުންދާއިރު ބަލާބަލާ ފޫހިނުވާހާ ހިތްގައިމެވެ. މިލީނާ އެނދުގައި އިށީދެލައިގެން ކުޑަ ޕްރިންޓްކޮޅަކަށް ބަލަން އިނދެލާފައި މިހުރާންއަށްވެސް ސިއްރު ނަޒަރެއް ދިނެވެ.
"ބޭބީ މޫވް ކުރީ ފުރަތަމަ ފަހަރަށް...." ކުއްލިއަކަށް މިލީނާއަށް އުފަލުން ބުނެވުނެވެ.
"އެއީ އެހާވަރުން ސެލެބްރޭޓް ކުރާވަރުގެ ކަމެއްތަ؟ ދެން ބާތުރޫމްގައި ހުރެ ހެދިގޮތަށް ލަވައެއް ކިޔާލާފައި ޑާންސެއްކޮށްލަންވީނު......" މިހުރާން ޖެއްސުންކޮށްލުމުން މިލީނާގެ ހިތަށް އަސަރުކުރިއެވެ. މި ފިރިހެނާ ކައިރީގައި އެވާހަކަ ބުނެވުނީތީ ލަދުވެސް ގަތެވެ. މިހުރާންއަށް އޭނަ އަދި ދަރިފުޅުވެސް މުހިއްމެއް ނޫނެވެ. އޭނަ ގެ ދަރިން ވިހަން ޖެހޭނީ މީރާ އެވެ. މިހުރާން ކުއްލިއަކަށް އައިސް މިލީނާގެ އަތުގައި އޮތް ޕްރިންޓްކޮޅު އަތުލާފައި ބަލައިލީ ފޯރިއެއްނެތް ގޮތަކަށެވެ.
"މިކުއްޖާ ހީވަނީ އޭލިއަން އެއްހެން.... ޔަގީންތަ އެބްނޯމަލް ކުއްޖެއް ނޫންކަން؟" މިހުރާންގެ އެ ޖުމްލައާއިއެކު މިލީނާގެ ހިތަށް އިތުރަށް ކެތްނުކުރެވިގެން ބާރަކަށް ރޮއިގެންފިއެވެ. މިހާވަރަށް މިލީނާގެ ހިތުގައި ޖެހުނު ދުވަހެއް ދެން އަންނާނެކަމެއްވެސް ނޭގެއެވެ. އޭނައާއި ދިމާލަށް މަލާމާތް ކުރިޔަސް އަދި ދުނިޔެއަށް އުފަންވެސް ނުވާ ތުއްތު ދަރިފުޅާއި މެދު މިހުރާން އެފަދަ ބަސްތައް ބުނެގެން ނުވާނެ ނޫންހެއްޔެވެ؟ މިހުރާން ހައިރާންވިއެވެ. މިލީނާ ހާދަ ޖަޒުބާތީ ވެއްޖެއެވެ. މިހުރާން ދެލޯމަރާލާފައި ގޮތެއް ހަދައިލުމަށްފަހު މިލީނާގެ ގާތުގައި އިށީނެވެ.
"އައިމް ސޮރީ.... އަހަރެން އެހެންބުނީ ސަމާސާ އަކަށޭ، ނުބައި މާނައެއްގަ އެއް ނޫން، މަންމަ އަހަންނަށް ޕްރެގްއިރު މިގޮތަށް ނަގާފައި އިން ޕިކްއެއް ދެއްކީމަވެސް ބުނިން އޭލިއަން އެކޭ، މަންމަމެން ނަށް ވީ މަޖަލަކަށް، އަހަންނަށް އަބަދުވެސް އަންބޯން ބޭބީސް މެން ރީއްޗެއްނޫން، ދޭ އާ ރިއަލީ އަގްލީ..... އެކަމަކު މިލީ ހާދަ އިމޯޝަނަލް ތިވީ، ދެން ނޭގޭނެއްނު....." މިހުރާން ހަގީގަތުގައިވެސް ކޮންމެވެސް ވަރަކަށް ދެރަވިއެވެ. މިލީނާ އެހާ ހިތުގައި ޖެހިފައި ރޮމުން ދާތަން ފެނުމުން މާފަށްވެސް އެދުނީއެވެ. މިހުރާން އެވަރަށް ވާހަކަ ދެއްކުމުން މިލީނާ ކަރުނަތައް ފުހެލާފައި ރީތިކޮށް އެނދުގައި އޮށޯވެލައިގެން އޮތީއެވެ. މިހުރާން ރީތިވެލައިގެން ސެންޓު ޖަހަން ފެށުމުން ކޮޓަރި އެއްވަސްވެލީ އަރްމާނީ ކޯޑުގެ ހިތްގައިމު ވަހުންނެވެ. މިހުރާން އަވި އައިނުވެސް ނަގައިގެން ދާން ހިނގައިގަތުމުން މިލީނާ އެ ދާތަނެއް ބަލައިލާހިތުން ސުވާލުކުރަން ބޭނުންވެފައި އޮތަސް ހިމޭންވިއެވެ. އޭނަ އެހިޔަސް ބުނެލާނީ ނުލަފާ އެއްޗެކެވެ.
މިހުރާން ޒެފަން އާއިގެން ސަކަރާތްޖަހާއިރު ޒެފަން ދެކެ ވަރަށް ލޯބިވާކަން އަމަލުން އެނގެއެވެ. އެކަމަކު އަމިއްލަ ދަރިއެއް ބޭނުން ނުވާތީ މިލީނާ ހައިރާންވެއެވެ. ޒެފަން ކޮނޑަށް ލައިގެން ނޫނީ އަތުކޮޅަށް އުފުލާލާފައި އެ ކުޑަ މޫނުގައި ބޮސްދޭއިރު ޒެފަން މަޖާވެލާފައި ހީހީއޮވެއެވެ. އެ ކުޑަ ބޭބީ އޮންނަނީ އެވަރަށް ސަމާލުކަމާއި، ލޯބި ލިބޭތީ އުފަލުންނެވެ. ދަރިފުޅު ލިބުމުން މިހުރާން ބަދަލުނުވާނެބާވައެވެ. މިލީނާ އަބަދުހެން ވިސްނެނީ ތުއްތު ޒޯހަން އާއި މެދުގައެވެ. މިލީނާ ނަމާދުކޮށްގެން ދުޢާކުރެއެވެ. ދަރިފުޅަށް ރަނގަޅު ގޮތެއްވުމަށް އެދި އަބަދުހެން ދުޢާކުރުން ނޫންކަމެއް މިލީނާއަކަށް ނުކުރެވެއެވެ. ގުރުއާން ކިޔެވުމުގައި މިލީނާ އެތައް ވަގުތެއް ހޭދަކުރެއެވެ. ބުރަކޮށް އުޅެމުންވެސް އޭނަ ރޯޒީއަށް އެހީވާން ބަދިގެއަށް ވަދެ ހަދައެވެ. ގެއަށް ގޮސް މަންމައާއި އެކުގައިވެސް ވަގުތު ހޭދަކުރެއެވެ. އެކަމަކު މިހުރާން ގިނަވަގުތު ހޭދަކުރަނީ ބޭރުގައެވެ. އޭނަ ދާތަނެއް މިލީނާއަށް އެނގެނީއެއް ނޫނެވެ. ނިދަން ގެއަށް ވަންނަނީ ދަންކޮށެވެ. މަދު ރެއެއްގައި ގެއަށް ނާންނަހެންވެސް މިލީނާއަށް ހީވެއެވެ. ހެނދުނު ހޭލެވޭއިރު ކޮޓަރީގައި ނޯންނާނީ އެހެންވީމަތާއެވެ.
މިލީނާއަށް ކެތްނުކުރެވިގެން އެއް ރޭ މިހުރާންގެ ކާރުގެ ފަހަތުން ދާން އޭނަ ޑްރައިވަރު ކައިރީގައި އެދުނެވެ. އެގޭ ޑްރައިވަރަކަށް ވުމުން އޭނަ ދެބަސްވުމެއްނެތި މިލީނާ ބުނިގޮތަށް އެ ކާރު ފަހަތުން ދިޔައެވެ. މިހުރާން އެޕާޓްމެންޓަކަށް ވަނުމުން މިލީނާ އަނބުރާލާފައި އައީ ގެއަށެވެ. އެރޭގެ ފަހުން މިލީނާވެސް މިހުރާން ގޭގައި ނޫޅެންޏާ އެޕާޓުމެންޓަށް ގޮސްފައި ޑްރައިވަރު ފޮނުވާލާފައި މިހުރާން ހަދާ ނަހަދާއެއް ބަލަން އެތާ ހުންނަ ގަހެއްގެ ފުރަގަހުގައި ފިލާ ހުރެއެވެ. އެއް ރޭ މީރާއާއި ދެމީހުން އެކީގައި ފެނުމުން ހައިރާންވިއެވެ. އެލީސާ މިހުރާން މިކޮޅަށް ގެނައީވެސް އެ ހުއްދަނޫން އަމަލު ހުއްޓުވަންކަން ޔަގީނެވެ. އެކަމަކު މިހުރާން އެކަން ހުއްޓައެއްނުލިއެވެ. މިލީނާ އަކަށްވެސް އަބަދަކު އެކަމަކަށް ކެތެއްނުކުރެވޭނެއެވެ.
ބޮޑު ބަނޑަކާއިއެކު އެހުރިހާ ކަމެއް އަމިއްލަ ލޮލުން ފެނި މިފަދަ ހިތާމައެއް ތަހައްމަލު ކުރަން ޖެހުމުން މިލީނާ ވަރަށް ފޫހިވެފައި އެރޭ ގެއަށް އައިގޮތަށް އެތައް ދަމެއް ވާންދެން އިންތިޒާރުކުރިއެވެ. މިހުރާން ގެއަށް އައީ ދަންވަރު އެކެއް ޖަހަން އުޅެނިކޮށެވެ. މިލީނާ ނުނިދާ އޮތުމުން ސުވާލުކޮށްލާފައި މިލީނާގެ އަތުގައި ހިފައިލުމުން މިލީނާ އަތް ފޮޅުވައިލިއެވެ.
"އަހަންނަށް ރަނގަޅީ މިހުރާން ދެން މަގޭ ގައިގައި އަތްނުލިއްޔާ......" މިލީނާ ތެދުވެގެން ދާން ހިގައިގަތުމުން މިހުރާންއަށް ވިސްނިއްޖެއެވެ. މިލީނާ ހީކުރީ އޭނައަކީ މޮޔައެއްކަމަށެވެ. ދެތިން ރޭ އޭނައަށް ފާރަލައިގެން ފަހަތުގައި އުޅެފައި މިރޭ މީރާ އާއި އެކުގައި ހުރިތަން ފެނުނީމަ އެއުޅެނީ މައްސަލަ ޖައްސަންވެގެންނެވެ. މިއީ މިލީނާއަށް އަލަން އެނގުނުކަމެއް ހެއްޔެވެ؟ މީރާ އާއި އޭނަގެ ގުޅުމެއް އޮތިއްޔާ މިލީނާއަށް ވަނީ ކޮން ގެއްލުމެއްހެއްޔެވެ؟ އޭނަގެ އަންހެނުން ގޮތުގައި ދުނިޔެ ދަންނަނީ މިލީނާ އެވެ. އެވަރުންވެސް ނުފުދެނީ ހެއްޔެވެ؟
"މިލީ، ބޭރަށް ނިކުތިއްޔާ ވަރިވާނެ...." މިހުރާން ކޮޅަށް ތެދުވެފައި ޖީބަށް އަތް ޖަހައިލަމުން ބުނެލިއެވެ. މިލީނާ ދޮރުގެ ތަޅުގައި ހިފާލާއިރަށް އެހެން ބުނުމުން މިހުރާން ހީކުރީ މިލީނާ މަޑުކުރާނެ ކަމަށެވެ. މިލީނާ އެނބުރިބަލައިވެސް ނުލާ ކޮޓަރީގެ ދޮރު ހުޅުވައިލުމުން މިހުރާން ބާރަކަށް ފަހަތުން ގޮސް މިލީނާގެ އަތުގައި ހިފާ ދަމައިގަންނަން އުޅުނީމަ މިލީނާ ގަދަ ހެދިއެވެ.
"މިގޮވަނީ މަންމައަށް، ދޫކޮށްލާ، ތިއީ މިހާރު މަގޭ ހަޒްބެންޑެއްނޫން، އެއްވެސް ހައްގެއް ދެން ނޯންނާނެ....." މިލީނާ ކިތަންމެ ހިތްވަރުކުރި ނަމަވެސް އޭނަގެ ބޮޑު ދެލޯ ކަރުނުން ފުރުނެވެ. މިހުރާން މިލީނާ ނުދާން ގަދަހަދަނިކޮށް ދަމާފައި ގެންގޮސް ކޮޓަރިއަށް ވައްދަން އުޅުނީމަ މިލީނާ އަޑުކޮޅަށް ހަޅޭއްލަވައިގަތެވެ. މިހުރާން ފައިން ދޮރުލައްޕާލާފައި މިލީނާގެ ކޮލުގައި ބާރަށް ހިފާލިއެވެ.
"ހާދަ ގޮތްކުޑަވެގެން މިލީ ތިއުޅެނީ؟ އަހަރެން ތިހެން ބުނި އަޑު އިވުނު އެހެން މީހެއް ނެތް، ކާކު މިލީ ދައްކާ ވާހަކަ ގަބޫލުކުރާނީ.... އެހެންނޫނަސް މަންމަ މެން ކައިރީގައި ވާހަކައެއް ދައްކައިފިއްޔާ އަހަރެން........" މިހުރާންގެ ޖުމްލަ ފުރިހަމަނުވަނީސް މީހަކު ތަންކޮޅެއް ބާރަށް ދޮރުގައި ޖެހުމުން މިހުރާން މިލީނާގެ އަނގަމަތީގައި އަތް އަޅާބާރުކޮށްލައިގެން ހުރެ ދޮރު އިންޗިއެއްހާތަން ހުޅުވާލި އެވެ. ދޮރުމަތީގައި ހުރީ ޒަހުރާން އެވެ. ޒަހުރާންއަށް އޭނަ މިލީނާ ހިފަހައްޓައިގެން ހުރި މަންޒަރު ނުފެންނާނެކަން ޔަގީނެވެ.
"މިލީ ހަޅޭއްލަވައިގަތް އަޑުއިވުނުހެން ހީވީމަ، މިލީއަށް ކީއްކުރީތަ؟ ރެން.. ހުރިހާ ކަމެއް ރަނގަޅުތަ؟" ޒަހުރާން ހުރީ ޝައްކުގެ ނަޒަރަކުން ބަލަހައްޓައި ގެންނެވެ.
"ހެހެ ދޮންބެވެސް އަދި ދޯ، އަހަރެން ސަމާސާއެއްކޮށްލީމަ މިލީ ސްކްރީމް ކުރީ، ދޮންބެއަށް އަންހެންކުދިންގެ ގޮތެއް ނޭގޭތަ؟ ކުޑަ ކޮކްރޯޗެއް ފެނިލިޔަސް ކަންފަތް ފަޅާލާނެ، ޑޯންޓް ވޮރީ ދޮންބެ، އަހަރެންވެސް މިލީއަށް ދެރަގޮތެއް ނަހަދާނެއްނު........." މިހުރާން ހީލާފައި ގުޑްނައިޓް ކިޔާލާފައި އަވަހަށް ދޮރު ލައްޕާލައިފިއެވެ.
މިހުރާން މިލީނާ އެނދަށް ގަންނަވާލީ އަނިޔާއެއް ވެދާނެކަމާއިމެދުވެސް ވިސްނައިނުލައެވެ. މިލީނާ މިފަހަރުވެސް ބިރުގަތީ ދަރިފުޅަށް ކަމެއްވެދާނެތީއެވެ.
"ނުލަފާ މީހާގަނޑު، އަބަދު ހާޓްކުރަނީ، އަމިއްލަ މީހާގެ ބާރު ނޭގެނީތަ؟ ކާރިއަށް ނާންނާތި....." މިލީނާ ރޮއިރޮއިފާ މިހުރާން އާއި ދިމާލަށް ހޫރާލި ބާލީހުގައި ހިފެހެއްޓިއެވެ.
"އައުޗް، އައިމް ސްކެއާޑް، ނިއުކްލިއަރ މިސައިލް ވިއްޔަ ތި ފޮނުވާލަނީ.... އެހެންނޫނަސް ލަދުގެ ކަންފުޅެއްވެސް މިހާރަކު ނެތް ދޯ، މިރޭ ރޮއްވާލާނަން........" މިހުރާން ދެތިން ފިޔަވަޅު ކުރިއަށް ޖެހިލާއިރަށް މިލީނާ އެނދުން ފުންމާލައިގެން ދުވެފައި ގޮސް ބެލްކަނީގެ ދޮރު ހުޅުވަން މަސައްކަތްކުރިއެވެ. އެކަމަކު އޭގެ ކުރިން މިހުރާން އައިސް މިލީނާގެ އަތުގައި ހިފައިލިއެވެ. މިލީނާ މިހުރާންގެ އަތް ނައްޓުވަން އެކިގޮތްގޮތަށް އިނގިލިތަކަށް ދަމާ ތަދުކުރަން އުޅުނެވެ. މިހުރާން މިލީނާ ބޭނުންގޮތެއް ހަދަން އެއް އަތްދޫކޮށްލައިގެން ހުރެ ހުރެ އަނެއް އަތުން މިލީނާގެ ފަންއިސްތަށިކޮޅާއި ކުޅެން ފެށިއެވެ.
"މިލީ، ރީތިކޮށް މިބުނަނީ، ނިދަން ހިނގާ، އައިމް ސްލީޕީ...." މިހުރާން އިރުކޮޅަކަށް މިލީނާ ކުރާ ބޭކާރު މަސައްކަތް ދެކެން ހުރެފައި އާފުރިލިއެވެ.
"މިހުރާން، ޑިވޯސްކުރީމަ ނޫޅެން އެންމެ ފާފައެއް ކުރާކަށްވެސް، ނުރުހުމުގައިވެސް ކަމެއް ކޮށްފިއްޔާ އެންމެން ގާތު ބުނާނަން، އަހަރެން ނިދާނީ ސޯފާގައި......." މިލީނާ މިހުރާން އާއި ހަތަރުކަޅި ހަމަކުރީ ޖެހިލުމެއްނެތިއެވެ.
"ރިއަލީ؟ ހާދަ ގަޓު އެބަހުރި، ތިގޮތް މަ ބަލާނަން، އެހެންނޫނަސް މަ ނުބުނަމެއްނު ރޫމުން ބޭރަށް ދިޔައްޔާއޭ، މި ގެން ބޭރަށް ދިޔުންވެސް މާނަކުރެވިދާނެ، އަދި ނިދާނީ ސޯފާގަޔޭ ބުނެލައިފި ވަރަށް ސީރިޔަސްވެލާފައި، ހަމަ ނިދަން ޖެހޭނީ މަގޭ ގާތުގައި، މަގޭ އުނގުގައި، ވީމަ ދެން ބޭކާރު ވާހަކަ ނުދައްކާ ރުހުމުން އަންނަންވީ އިނގޭ.........." މިހުރާން ހީލިއެވެ. މިހުރާން މިލީނާ ގަދަހަދަހަދާ އޮތްވާ އަތްދަނޑިމައްޗަށް ނަގައިގެން ގޮސް އެނދުމަތީގައި ބޭއްވިއެވެ. މިލީނާ، މިހުރާންގެ ގަމީހުގައި ދެއަތުން ހިފާ ދަމައިގަތްގޮތަށް ގަމީހުގައި ދަތްއެޅިއެވެ.
"މަގޭ ގަމީސް ކާލަންތަ ތިއުޅެނީ، އެހެން ތަނެއްގައި ދަތް ނާޅަނިކޮށް ހެޔޮ...." މިހުރާން މިލީނާގެ ނޭފަތުގައި ހިފައިލާފައި އުދަގޫ ކުރަން ފެށުމުން މިލީނާ އުޅުނީ ގަޔާއި ދުރުކޮށްލަންވެގެންނެވެ. އެކަމަކު އެ އެކަތައިގެ ބާރުހުރި ހަށިގަނޑަށް ގުޑުމެއްވެސް އަރުވައިލެވޭނެ ވަރެއް އޭނަގެ ދެއަތަކު ނެތެވެ. އެވަރުންވެސް މިހުރާން ބޭނުންވީ އޭނައަށް ބޭނުންގޮތެއް ހަދައިލެވޭނެކަން އެންގުމެވެ. މިލީނާގެ ހުއްދައަކަށް އޭނަ ބޭނުމެއްނުވެއެވެ. އެހެންނޫނަސް ވަރިއަކީ މީހަކު އަނގައިން ބުނެލާއިރަށް ވާކަމެއްހެއްޔެވެ؟
މިހުރާން އެ ތޫނު ދެލޮލަށް ބަލައިލުމުން ހިތް ކުދިކުދިވާވަރުވިއެވެ. ކިތަންމެ އަނިޔާވެރިވިޔަސް އެ ލޮލުން ފޮނުވައިލާ ތީރުތައް ހިތަށް ހެރެއެވެ. އޭނަދެކެ އެއްވެސް ލޯތްބެއްނުވާ ފިރިހެނަކަށްޓަކައި ހިތުގައި މަގާމެއް ދެވުމަކީ ހާދަ މޮޔަކަމެކެވެ. އެކަމަކު އޭނަގެ މޮޔަ، ބަސްނާހާ ހިތުގެ މައްޗަށް ބާރެއް ނުފޯރުވުނީއެވެ. އެހެން އަންހެންކުދިން "ލަވް ސްޓޯރީ" ކުޅޭއިރު އޭނައަށް ކުޅެން މި ޖެހުނީ ނަފްރަތުގެ ވާހަކައެކެވެ. އެކަމަކު އޭނައަށް މިހުރާންދެކެ ލޯބިވެވިއްޖެކަން ޔަގީންވިއެވެ. އެހެންނޫންނަމަ މިރޭ އޭނަ މިތަނުން ނިކުމެގެން ގެއަށް ދިޔައީހެވެ.
ހެދުނު މިލީނާ ލޯ ހުޅުވައިލެވުނު އިރު މިހުރާން ހުރީ "ކްރައިންގް ލައިކް އެ ބިޗް" ކިޔާ ލަވައެއް ޖައްސާލައިގެންނެވެ. މިލީނާ ދެކަންފަތުގައި އަތްއެޅިއެވެ. ލަވަޖެހީމަ ބޮލަށް އުދަގޫވުމުގެ އިތުރުން އެލަވައިން ވެސް މިހުރާން އޭނައަށް ޖެއްސުންކުރީއެވެ. އޭނައަކީ މިހުރާން ގާތުގައި އެއްވެސް މީހެއްނޫންކަން އެންގީއެވެ. މިލީނާގެ ހިތަށް ލިބުނު ދަތިކަމަކުން ލޮލަށް ކަރުނަ އައެވެ. މިލީނާ ވަގުތުން ގެއަށް ދާން ހިތަށް އަރާފައިވެސް ޚިޔާލު ބަދަލުކޮށްލިއެވެ. އޭނަ ކެތްކުރާނެއެވެ. މިހުރާން ކިތަންމެ ނިކަމެތިކޮށް ހެދިޔަސް އޭނަ މީރާއަށް ވުރެ ގަދަކޮށްލާފައި މިހުރާންގެ ހިތް އަތުލަން މަސައްކަތް ކުރަންވީއެވެ. ޝަކުވާއެއްވެސް ނުކުރަންވީއެވެ. އެކަމަކު މިހުރާން އޭނަ ހިމޭނުން ހުރިޔަދޭނެ ބާވައެވެ.
މިލީނާ އެނދުން ތެދުވެ، ފައިވާނަށް އެރިއެވެ. އެވަގުތު ދަރިފުޅު ތޮޅިލުމުން ބޭއިޚުތިޔާރުގައި މިލީނާއަށް ބަނޑުގައި އަތްޖައްސައިލެވުނެވެ. މިހުރާން ލޯގަނޑުދޮށުގައި ހުރެފައި އެނބުރި ބަލައިލިއެވެ.
"މޯނިން ބިގް ބެލީ......" މިހުރާން ރިމޯޓުން ލަވައިގެ އަޑު ތަންކޮޅެއް މަޑުކޮށްލާފައި ކިޔާލި ނަމަކުން މިލީނާ ސިހޭގޮތްވިއެވެ. މީރާއާއި ދިމާލަށް މިހުރާން ދުވަހަކުވެސް އެފަދަ ނަމަކުން ގޮވާނެހެއްޔެވެ؟ ބަމްބީ ކިޔަނީ އޭނަގެ ލޯ ބޮޑުވީމައެވެ. ބަނޑެއް ލީމަ ބިގް ބެލީއަށް ވީއެވެ. މިހުރާންގެ ކޮންމެ ކުށަކަށް މާފުދީފައި ހިތްހެޔޮކުރަންވީ ކިތައްފަހަރު ހެއްޔެވެ؟ އެފަދަ ނަމަކުން ހިތަށް އުދަގޫވި ނަމަވެސް މިލީނާ ހިނިތުންވެލިއެވެ.
"މިހުރާން ސައި ގެންނަންތަ؟ ފަތިސް ނަމާދަށް ހޭލާފައި މާ ގަދަޔަށް ނިދުނީ...." މިހުރާން ނުރުހުނަސް ގަދަކަމުންވެސް އޭނަ ރަނގަޅު އަންބެއްގެ ވާޖިބު އަދާކުރަން ވީއެވެ. މިރެއިން ފެށިގެން އޭނަ މިހުރާން އަށް ފަތިސް ނަމާދަށްވެސް ގޮވާނެއެވެ. މިހުރާންގެ މިއަށްވުރެ ދީނަށް އުޅޭތޯ ބަލަން ކޮންމެހެންވެސް އޭނައަށް މަޖުބޫރެވެ. ލޯބިވާ މީހަކު މަގު އޮޅި ހަލާކުވެގެންދާކަށް އޭނަ ހިތެއްނޭދެއެވެ.
"އަހަރެން މިއައީ ސައިބޮއިގެންނޭ ބަމްބީ، ރޯޒީ ހަދާ ސައި މަށަށް މާ މީރު...... ދެން މިލީ ރޭ އެހާ ހަގުރާމަކޮށްފައި މާ ސްވީޓްވާން ވެގެން އުޅުނީމަ އެހެން ގޮތަކަށް ހީވާން ފަށައިފި، ކީއްކުރަން ތިއުޅެނީ..... މިހެން ހުއްޓަސް ވަރަށް މަކަރުވެރިކުއްޖެއް ދޯ...." މިހުރާން ސުޕާރީ ޕެކެޓްކަނޑާލާފައި އެތިކޮޅެއް އަނގަޔަށް ލައިފިއެވެ.
"އަހަންނަށް ކޮންކަމެއްތަ ކުރެވޭނީ..." މިލީނާ ދުރަށް ބަލައިލިއެވެ.
"މީހާ ކުޑައެއް ކަމަކު ބޮޑު ރަށެއްވަރުގެ އަނގައެއް އޮވެއެއްނު، އެންމެން ކައިރީގައި މަގޭ ވާހަކަ ބުނެވިދާނެ.... މިލީ ހީކުރާނީ މާލޭގައި ހުރީމަ ބޭނުންގޮތެއް ހަދައިލެވިދާނެޔޭ، މަންމީމެން ކައިރިއަށް ދިޔައިމަ ސަލާމަތްވީއޭ، އެކަމަކު ބުނެފާނަން ވާހަކައެއް، އަންކަލް އާއި ކުރިމަތިލާން ޖެހުނަސް ހެޔޮ، މިލީ ގެއަށް ދިޔަސް ގަދަކަމުން ނެރެގެން ގެންނާނަން އެންމެންގެ ކުރިމަތިން ދަމާ ފައި، މިލީ އެހެން ފިލައިގެން އެހެން ޕްލެނެޓަކަށް ދިޔަސް ހޯދާނަން، ހުވާ މިކުރީ...." މިހުރާން ސަމާސާއަކަށް ހަދާފައި ބުންޏަސް އޭނަ އެދިނީ އިންޒާރެއްކަން މިލީނާގެ ޅަ ސިކުނޑިއަށް ވިސްނައިގަންނާކަށް އުދަގުލެއްނުވިއެވެ.
"އަހަރެން ނޫޅެން މިގެއިން ދާކަށް، މަރާލަންދެންވެސް ހުންނާނީ މިހުރާން ބެހެއްޓިތަނެއްގައި.... ދެން އިތުރަށް ކުރާނެ އަނިޔާއެއް ނުވިސްނޭ....."މިލީނާ އިސްޖަހައިލިއެވެ. މިހުރާން ލޯބިން އެންމެ ފަހަރަކުވެސް އަނގައިން ބުނެލާނެނަމައެވެ.
"މިލީއަށް ބަލަ އަހަރެން އަނިޔާ ކުރަންތަ؟ މީހުން އަނިޔާ ކުރާގޮތް ނޭގޭތީ ތިހެން ކިޔަނީ.... ބަސްއަހައިގެން ހުރިއްޔާ އަހަރެން ކަމެއްކުރަންތަ؟" މިހުރާން ވާހަކަދައްކަމުން ޑްރޯވަރުން ނެގި ކުޑަ ގަލަމެއްކަހަލަ އެއްޗެއް ނެގިއެވެ. އޭގެ ބަޓްންއަކަށް ފިތާލާފައި ސިގްރެޓެއްހެން ދަމާލުމުން މިލީނާ އަނގަ ހުޅުވުނެވެ. ޑްރަގް ނަގަނީއެވެ. އަނެއްކާ ރިޒޯޓަށްގޮސް ބޮއި ނޫޅޭނެބާވައެވެ. އޭނައަށް މިހުރާންގެ ނޭގޭ ކިތައް ބައި އޮންނާނެ ހެއްޔެވެ؟
"ޑްރަގް......" މިލީނާ އަނގަމަތީގައި އަތްއަޅައި، ދެލޯ ބޮޑުކޮށްގެން ހުރިލެއް މައުސޫމްކަމުން މިހުރާން މަޖާވެފައި ހޭންފެށިއެވެ. މިލީނާއަށް ހާދަ ކަމެއް ނޭގެއެވެ.
"ހެހެ.... މޮޔަގަނޑު... އަދި މިލީއަށްވެސް ޑްރަގް ދޭނަން..... ބަލާތި، އަހަރެން ކުރާ ކޮންމެ ކަމެއްގައި ބައިވެރިވާން ޖެހޭނެ އިނގޭ ޑިއަރ ވައިފް......" މިހުރާން ސެންޓްފުޅިން ގަޔަށް ސްޕްރޭކޮށްލުމަށްފަހު ދާން ހިނގައިގަންނަމުން އެއްލޯ މަރާލައިފިއެވެ. އޭނަ ލަސްވެގެން ނެތްނަމަ އަދި މިލީނާއަށް ޖެއްސުމެއްކޮށް، ރޮއްވާލާފައި ދެވިއްޖައީހެވެ. މިލީނާއަށް ގޯނާކޮށްލުމަކީ ދިރިއުޅުމުގެ އެއްބަޔަށްވެ، އެކަމަކު ހިތަށް ނޭގޭ ޒާތެއްގެ ހިތްހަމަޖެހުމެއްވެސް ލިބެންފަށައިފި އެވެ. މީރާ އާއި އެކުގައި އުޅޭވަގުތުވެސް ހިތަށް މިހާބޮޑު ހަމަޖެހުމެއް ލިބޭކަމެއް ނޭގެއެވެ.
ވަގުތަކީ ހިތާމައިގެ ފަރުވާއެވެ. އެހެންމީހުން ހިތަށް ތަސައްލީ ހޯދި ފަދައިން މިޝެލިންގެ ހިތަކަށް ލުޔެއް ނުލިބުނެވެ. އޭނަގެ ހިތުގައި ވާ އިއްބާނުގެ ލޯތްބާއި، ހަދާންތައް ދުވަހަކަށް ވުރެ ދުވަހެއް އިތުރުވުންނޫން ކަމެއް ނުވިއެވެ. އޭރު އާމިރާ އެގެއަށް މާ ގިނައިން އައިސް އޭނަގެ މަންމަ ގާތުގައި ވާހަކަދައްކައި އުޅޭކަން މިޝެލިން ދަނެއެވެ. މަންމައާއި ދެމީހުން އެކުރަނީ ކޮން ސައްލާއެއްކަން އެނގޭތީ އެގެއަށް ދާހިތެއްވެސް މިޝެލިން ނުވެއެވެ. އޭނަ އެއްގޮތަކަށްވެސް ރާހިލް އަކާއި ނީންނާނެއެވެ. އެހެން މީހަކާއި ކައިވެނިކުރުމުގެ ކުރިން އޭނަގެ ފުރާނަ ހަށިގަނޑާއި ދެތަންވާނެއެވެ. އެންމެ ފަހުން މިޝެލިން ގެ ރުއިމާއި، ހިތާމައިންގޮސް އެކަން ބޮޑު ބައްޔަކަށް ވެއްޖެއެވެ.
އެންމެ ފަހުން މަންމަވެސް އޭނަ ގާތުގައި ރާހިލް އާއި ކައިވެނިކުރަން އެދެން ފެށިއެވެ. މިޝެލިންއަށް އާ ހަޔާތެއް ލިބޭނީ އެހެން ދިރިއުޅުމެއް ފަށައިގެން ކަމަށް އާމިރާ ބުނާތީ ސޯފިޔާއަށްވެސް އެހެން ހީކުރެވުނީއެވެ. ރާހިލް ފަދަ ދީނީ ޒުވާނެއްގެ އެހީ މިޝެލިންއަށް އިންތިހާއަށް ބޭނުންވެއެވެ. ސޯފިޔާ އެހެން ކިޔާވަރުން މިޝެލިންގެ ހިތް ހަލާކުވެދާން އުޅެއެވެ. ހުރިހާ ފަރާތްތަކުން މަޖުބޫރުވާން ފެށުމުން އޭނަ ބިރުވެސް ގަނެއްޖެއެވެ. ބޮޑުދައިތަ އަންގަނީ ސޯފިޔާ ލޭމަތިވީވެސް ކުދިންގެ ކަންތަކާއިމެދު ވިސްނަމުންގޮސް ކަމަށާއި މިޝެލިން ބުނާގޮތަށް ނަހަދައިފިއްޔާ މަންމައަށް ސްޓްރޯކްފަދަ ކަމެއް ޖެހިދާނެކަމުގައެވެ.
"ބެން ނާންނާނެ، ދުވަހަކުވެސް ނާންނާނެ، ވަގުތު ފާއިތުވީމަ ބެން ގެންނަން އެދެނީވެސް ކީއްވެ؟ ރަނގަޅަށް ތިވީ، ތިއީ އުފާވެރިކަން ހައްގު މީހެއް ނޫން، ބެން އެވަރަށް އާދޭސްކުރީމަ ބީރުކަންފަތެއް ދީފައި ބެންގެ ހިތުގައި ޖައްސައިލިއިރު މިފަދަ ދުވަހެއް އަންނާނެކަމަށް ނުވިސްނި، ވަގުތު ފާއިތުވީމަ ރިގްރެޓް ކުރުމުގެ މާނައެއްނެތް، ދެން ކަރުނަ އޮއްސަން ހުރޭ، ބެން ދުވަހަކު ނާންނާނެ، ދުވަހަކު ނާންނާނެ، މިހާރު މަޖުބޫރުމިވަނީ އެހެން މީހެއް ގެ ހައްގަކަށް ވާން، ބެން އަހަރެން ބަލާ އާދެބަލަ ނޫނީ އަހަރެން މަރުވެދާނެ.........." މިޝެލިން ގެ ލޮލުން މުތީތަކެއްހެން ކަރުނަ އޮހިގަތެވެ. އޭނަ ނާސްތާ ހުރި ގޮތަށް ބަހައްޓާފައި ގަސްތަކުގެ ތެރެއިން ވަދެގެން ގޮސް އިށީނީ ބެންޗެއްގައެވެ. ކަކުލުގައި ބޯ ޖައްސައިލިގޮތަށް އެހެން އިނދެވުނީ ކިހާއިރެއްވާންދެން ކަމެއްވެސް މިޝެލިންއަކަށް ނޭގުނެވެ. މިޝެލިން ތެދުވެ މައްޗަށް ބަލައިލިއިރު ޔީވާ ބެލްކަނީގައި މާ ވަރަކަށް ހެވިލާފައި ހުއްޓެވެ. އޭނަގެ ހިތާމަތަކުން އުފާކުރާނެ މީހަކު ހުރީމަ މިޝެލިން ހައިރާންވިއެވެ. ނުބައި ނުލަފާ އަންހެނެކެވެ. އޭނަ ޔީވާއަށް އަދި އެހާ ފަސޭހައިން ހިތްހަމަޖެހުމެއް ލިބިޔަކަ ނުދޭނެއެވެ. މިޝެލިން އަޒުމް ކަނޑައެޅީ އެވަގުތު އޭނަގެ ހިތާމަތައް މުޅި ދުނިޔެއަށް ސިއްރުކުރުމަށެވެ. އެހެންނޫނަސް ހަސަދަވެރިޔާގެ ހިތަށް އެންމެ އުދަގޫކުރާނީ އަނެކަކު އުފަލުން ހުންނަތަން ފެނުނީމައެވެ.
އިއްބާނު އޭނަ އަމިއްލަ ވަޒީފާއަކަށް ނުފޮނުވަން ނިންމި ނިންމުމަށް އިހުތިރާމް ކުރިކަމުގައިވިޔަސް އާއިލީ ވަޒީފާއަކަށް އޭނައަށް ދެވިދާނެއެވެ. މިޝެލިން އޭނަގެ ބޮޑުބޭބެ ހައިތަމް ގާތުގައި ބުނެގެން ވަޒީފާއެއް ހޯދިއެވެ. މިހާރު މިޝެލިން ފެންނަނީ ކުރީގެ އުފާވެރި، ލާނެތްކުއްޖާ ފަދައިން ހަލަބޮލިވެފައި ކޮންމެވެސް ސަކަރާތެއްގައި އުޅޭތަނެވެ. ސައިމޭޒުދޮށުގައިވެސް އެންމެ އަނގަތަޅަނީ މިޝެލިންއެވެ. އެފަދަ ވަގުތުގައި ޔީވާގެ މޫނަށް އަރާ ފައިބާ ކުލަތައް ފެނުމުން މިޝެލިން ހިތާހިތުން ހެވެއެވެ. އޭނަގެ މަސައްކަތް ކާމިޔާބުވާންފެށީއެވެ.
މިޝެލިން ދެން ކުރިކަމަކީ އެފްބީ އިން އޭނަ އާއި އެކުވެރިވާން އެދިފައިވާ އާއިލީ ފިރިހެންކުދިންތައް ގަބޫލުކުރީއެވެ. ޒޯހާން ލާފައި ހުރި ތަސްވީރުތަކުގެ ރީތިކަމާއިއެކު އެ ލޮލުގައި ހުރި ނުރައްކާތެރި ގޮތަކުން އޭނައާއި އެހާ ގުޅުން ބާއްވަން މިޝެލިންގެ ހިތް އެއްބަހެއް ނުވިއެވެ. ރަފާއިލް ކިޔާ ދެ ޒުވާނުންގެ ތެރެއިން އެކަކުގެ ޕްރޮފައިލް ކިޔާލާފައި މަޖާވިވަރުން އޭނަ ޖިނާނު ގާތުން އެ ޒުވާނާގެ މައުލޫމާތު އެހިއެވެ. އެއީ އިއްބާނު އަދި ޖިނާނުގެ އެކުވެރިއެއްކަމަށްވެފައި ޖިނާނުގެ ފަރާތުން އެނގުނުގޮތުގައި އަންހެންކުދިންދެކެ ބިރުން އުޅޭ ޒުވާނެކެވެ. ދުވަހަކު އަންހެންކުއްޖަކާއި ރައްޓެހިވެފައިނެތްކަމަށް ބުނެފައި "ގެއި" ޒުވާނެއްކަމަށް ޖިނާނު ބުނެލީ ހީލާފައެވެ. ޖިނާނު އެހެން ބުނިގޮތުން މިޝެލިން މާނަ ނެގީ ސީރިޔަސްކޮށެވެ. މިއީ އާއިލާ މީހުން ހައްދާލަން ރައްޓެހިވާން ރަގަޅު ޒުވާނެއް ކަމާއި މެދު ޝައްކެއްނެތެވެ. އެއީ މިޝެލިން އެންމެ ބޭނުންވާ ފަދަ ބައިވެރިޔާއެވެ. މީހުންގެ ލޮލުގައި އަނދުނެއް އެޅުވިދާނެއެވެ. ރަފާއިލް އުޅޭނެ ގޮތަކަށް އުޅެފާނެތާއެވެ.
މިޝެލިން ރަފާއިލް އާއި ޗެޓްކުރަންފެށީ ވަކި މަގުސަދެއްގައެވެ. އޭނަގެ ޕްރޮފައިލް ބަލާލާފައި އެހެންގޮތަކަށް ދެކޭ ވާހަކަ ބުނުމުން "ލޮލް" އެއް ފޮނުވާލާފައި ރަފާއިލް ބުނީ މިޝެލިންއަށް ހީވީ ރަނގަޅަށް ކަމުގައެވެ. މިޝެލިންއަށް މި ފުންމައިލެވެނީ ކޮންފަދަ ފުން ކަނޑަކަށް ކަމެއް ނޭގުނެވެ. އޭނައާއި ރައްޓެހިވެދާނަންތޯ އެހީ ޖެހިލުމެއް ނެތިއެވެ. އެކަނި އާއިލާއަށް އޮޅުވާލަންކަމަށް މިޝެލިން ބުނުމުން ރަފާއިލް ވަރަށް ފަސޭހައިން އެއްބަސްވިއެވެ.
"އަހަރެން މިހިރީ މާލޭގައި، ތިގެއަށް ދަންތަ ޖިނާ އާއި އެކީގައި، އެހެންނޫނަސް މަޖަލަށް ރައްޓެހިވާއިރުވެސް ސިފައަށް ބަލަން ޖެހޭނެ....." ރަފާއިލް ޓައިޕްކުރިއެވެ.
"އަހަންނަށް ހެޔޮ ރަފާއިލް ބީސްޓްގެ ސިފައިގާ ހުއްޓަސް....." މިޝެލިން ޗެޓްކުރަން އިނދެވެސް ލޮލަށް ގޮތެއް ހަދައިލިއެވެ. މި ޒާތުގެ ފިރިހެނުންވެސް ހާދަ ގޮތްކޮޅު ބޮޑެވެ. އިއްބާނު މިފަދަ ރައްޓެއްސެއް ހޯދައިގަތީ ކީއްވެހެއްޔެވެ؟ މިޝެލިން ލެޕް ހިފައިގެން ބެންޗުގައި އިނީ ހީލަ ހީލައެވެ. އޭނައަށް ފާރަލައިގެން ފާރުގައި ލޯ ޖަހައިގެންވެސް އެ ޔީވާ ކިޔާ މަންޖެ އޮވެދާނެކަން މިޝެލިންއަށް ވިސްނެއެވެ. މިހާރު އިންނާނީ މިޝެލިން ވާހަކަ ދައްކާ ފަރާތެއް ނޭގިގެން ނިކަން ހާސްވެފައެވެ.
"އެކަމަކު މަ ބޭނުމެއް ނޫން މަށަށް ރީތި ނޫންކުއްޖަކާއި އަނގައިން ބުނާކަށް، އަހަރެންވެސް ފުދޭވަރަކަށް ޕިކީވާނެ، މަގޭ ބޯއިފްރެންޑުންވެސް ޖޭވާނެ ރީތި ގާލް އަކާއި ވާހަކަދެއްކީމަ، މަވެސް ފޮނިވާނެ.........." ރަފާއިލް "ދެތިކިޕީ" އަކާއިއެކު "ވިންކް" އެއް ފޮނުވާލައިފިއެވެ. ރަފާއިލްގެ މަޖާ ގޮތެއް ހުއްޓަސް މިޝެލިން އިނީ މޭނުބައިކޮށްފައެވެ. މިފާޑުގެ ފިރިހެނުން ދެކެ އޭނަ ހާދަ ފޫއްސެއްވެއެވެ.
އޭނަ މީހަކާއި މިގޮތަށް ރައްޓެހިކަން އެގިއްޖެއްޔާ މަންމަ އޭނަ މީހަކާއި އިންނަން ބާރެއް ނާޅާނެއެވެ. އެހެންނޫނަސް ރާހިލްފަދަ ދީންވެރިއަކަށް އޭނަ ގެ މި ގުޅުން އެގިއްޖެއްޔާ ވަގުތުން ފޫހިވެދާނެއެވެ.
މިޝެލިން ބެލްކަންޏަށް ނިކުތްއިރު އުޑުމަތި ފެންނަނީ ކުޅަދުންވަންތަކަމުގެ މިސާލެއް ފަދައިންނެވެ. ތަރިތައް ޝާއްބަކަމާއިއެކު ވިދާ ބަބުޅާތަން ފެންނައިރު ހީވަނީ ނޫ އަދި އޮރެންޖްކުލައިގެ ކުދި ޖަވާހިރުތައް އުކާލާފައިވާހެންނެވެ. ޚާއްސަކޮށް އެހެން ތަރިތަކަށްވުރެ ބޮޑުކޮށް ފިޔަޖަހަމުން ދިޔަ ވީނަސްއާއި ދިމާލަށް ލޯ ހުއްޓައިލެވުނު ގޮތަށް ބަލަން އިދެވުނީ އޭގައި ޖާދުވީ ބާރެއް އެކުލެވިފައިވާ ފަދަ ގޮތަކަށެވެ. އުޑުގައި ކަފަކޮޅުތައް ހެން ވިހުރެމެންދާ ވިލާކޮޅުތަކާއި، ހަނދު ފީކޯތް ކުޅޭއިރުވެސް ކޮންފަދަ ހިތްގައިމު ކަމެއް ހެއްޔެވެ؟ ވައިރޯޅިއެއް ޖޭސްމިން މަލުގެ މީރުވަސް ހިފައިގެން އައިސް ލޯބިވެރިޔެއްގެ މަޑު ފިރުމުން ފަދައިން ކޯތާފަތުގައި ބީހިލިއެވެ. ހުރިހާ ހިތާމަތަކެއް ފިލައި އެ ރީތި ރޭގަނޑުގެ މަސްތުގައި ޖެހި ހުވަފެނީކޮށް އިނދެވުނުއިރު މިޝެލިންގެ ތުންފަތުގައިވަނީ ފަނޑު ހިނިތުންވުމެކެވެ.
ދެއަތުގެ އުޅަބޮށި ރެއިލިންގައި ޖައްސާލައިގެން ދަތްދޮޅީގައި އަޅުވާލައިގެން އިން މިޝެލިން ތަރިތަކަށް ބަލަނިކޮށް އިއްބާނުގެ މަތިން ހަނދާންވާން ފެށިއެވެ. އޭނަގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓުނެވެ. އެ ކަރުނަތިކީގެ ތެރެއިން މައްޗަށް ބަލައިލަމުން މިޝެލިން ހިނިތުންވެލިއެވެ.
"މިހާރު ބެން ސުވަރުގޭގައިވާކަމަށް ވާނަމަ އެނގޭ އުފާވާނެވަރު، އަދި ބެންއަށް ފެންނާނެކަންވެސް އެނގޭ، ބެން ބޭނުންވާނީ އަހަރެން އުފަލުގައި އުޅެން..... ބެން ގަބޫލުކުރާތި، އެހެން މީހަކާއި ގުޅުނަސް އަހަރެން ހުންނާނީ އަބަދު ބެންގެ މީހެއްގެ ގޮތުގައި، ސުވަރުގޭގައި ދެމީހުން އެކީގައި ވާނީ، ހާދަ ލޯބިވެޔޭ ބެން...." މިޝެލިން ހިތާހިތުން އިއްބާނު އާއި ވާހަކަދެއްކިއެވެ.
ގަސްތަކުގެ ތެރެއިން މީހެއްގެ ހިލަންވިހެން ހީވެގެން މިޝެލިން ގަސްތައް އިންދާފައިވާ ހިސާބަށް ބަލާލައިފިއެވެ. ބަގީޗާގެ ފަނޑު އޮރެންޖް އަލިކަމުގެ ތެރެއިން އޭނައަށް ވަކިކުރަން އެގުނީ ޖިނާނު އެވެ. ދެން ތިބި ދެ ޒުވާނުންގެ ތެރޭގައި ރަފާއިލް ހުރެދާނެބާވައެވެ.
އޭރު އެގޭ ސިކިއުރިޓީގާޑު ބިލާލު އިނީ ދޮރުން އެތެރޭގައި ހުރި ގޮނޑިއެއްގައި ހިމޭނުންނެވެ. ބޮލަށް ގެންނަ ހަރަތާކުން އޭނަ ތާއްޔާ ޖެހިޖެހިއިންކަން މިޝެލިންއަށް އެހާ ދުރުންވެސް އެނގިގެން އެ ފަކީރާއި މެދު ހަމްދަރުދީވިއެވެ. ބޮޑުބޭބެމެން ގާތުގައި ތަންކޮޅެއް ޒުވާން ސިކުއިރިޓީއެއް ހޯދަން ބުނަންވީ ކަންނޭގެއެވެ. އޭނަ ތަންކޮޅެއް ދުވަސްވެފައި ހުރީމަ ބަލިވެސް ވާނެއެވެ. ޕެންޝަން ފައިސާ ކޮޅެއް ދީފައި ގޭގައި ބަހައްޓައިފިއްޔާ އެއީ ކުރެވޭ ސަދަގާތަކަށްވެސް ވެދާނެއެވެ. ކުއްލިއަކަށް މިޝެލިންއަށް ފެނުނީ ޖިނާނު ގަސްތަކުގެ ތެރެއިން ނިކުމެގެން އައިސް ގޮނޑިދަށުގައި ފުޅިއެއް ބާއްވާފައި ދުރަށް ޖެހިލިތަނެވެ.
"މައިގޯޑް....." ޖިނާނުގެ ލާނެތްކަމުން ކުރަން އެއުޅެނީ ކޮންކަމެއް ބާވައެވެ. މިޝެލިން ހައިރާންވެފައި ހުއްޓާ ބާރުއަޑުފަށްގަނޑަކާއިއެކު އެއްޗެއް ގޮވައިގެން ދިޔައެވެ. ގޮނޑީގައި އިން ބިލާލު އެތައް ފޫޓު މައްޗަށް ފުންމައިގެން ގޮސްފައި އެ ފަކީރު ހަމަ ހޭކަނޑާލާފައި ގެއާއި ދިމާލަށް ދުއްވައިގަތީ ހަޅޭއްލަވަމުންނެވެ. ޖިނާނުމެން ހެމުންގޮސް އެ ގޮވާފައިވާ ފުޅި ހިފައިގެން އަނެއްކާ ގަސްތަކުގެ ތެރެއަށް ވަނެވެ. މިޝެލިންއަށް ވީގޮތް ރޭކާލިއެވެ. އެމީހުން ކޯކްފުޅިއެއް ގޮއްވައިލީކަން ޔަގީނެވެ. އަލިފާން ބޯޅަ ކުޅެންވެސް މިމީހުން ވަރަކަށް ފޯރިހުރެއެވެ. ބިލާލު ފަކީރު ހުންނާނީ އެއިވުނު އަޑެއް ނޭގިފައެވެ. އޭނަ ޔަގީންކުރާނީ ޖިންނި ކަމެއްކަމުގައެވެ. މިޝެލިންއަށްވެސް ހުނުން ހިފަހައްޓައެއް ނުލެވުނެވެ. މިޝެލިން އަވަސް ފިޔަވަޅުތަކެއްގައި ތިރިއަށް އައިސް ފެންޑާއަށް ނިކުންނަންވާއިރަށް ބިލާލު އެކަން ކުރި ބަޔަކު ނުފެނިގެން މަގަށް ނިކުމެއްޖެއެވެ.
"އެ ފަކީރަށް އެހެން ހަދާކަށް ނުވާނެއްނު...." މިޝެލިން ގޭގެ ފަހަތުބަޔަށް ދިޔައިރު ޖިނާނު އާއި އެހެން ކުއްޖެއް އުޅެއެވެ.
"ޝެލް، އޭނަ އަހަރެމެންނަކީ ގެއިސް އިންނޭ ކިޔާފައި ރަށުގައި އެ ވާހަކަ ފަތުރާލީމަ ދިން ކުޑަ ޕަނިޝްމެންޓެއް، އެހެންނޫންނަމަ އެއަށްވުރެ މާ ނުބައިކަންތަކަށް ކެއިޕެބްލް ވާނެ......" ޖިނާނު އެހެން ބުނިތަނާހެން ގަސްތަކުގެ ތެރެއިން އެއްފަރާތަކަށް ޖެހިލި ޒުވާނާ ފެނުމުން މިޝެލިންއަށްވެސް ބަލައިލެވުނެވެ. އިސްކޮޅުވެސް ޖިނާނުއަށް ވުރެ ތަންކޮޅެއް ދިގުވެފައި، ބިޔައެވެ. ޖިމަށް ގަވާއިދުން ދާހެން ހީވެއެވެ. އަނދިރީގެ ތެރެއިންވެސް ފެނުނު ދެލޮލުގައި ސިއްރުވެރިގޮތެއް ހުރެފައި، ހީނލުމުގައި ނާދިރު ގޮތެއް ހުއްޓެވެ.
"ހެލޯ...... އައިމް ރަފާއިލް..." ފިރިހެންވަންތަ އަޑަކުން ތަޢާރަފުވަމުން އޭނަ ސަލާމްކޮށްލަން އަތްދިއްކޮށްލައިފިއެވެ. މިޝެލިން ހައިރާންވިއެވެ. އޭނަ ހީކުރީ ރަފާއިލް ހުންނާނީ އަންހެން ދުޅާކޮށް، ތުއިކޮށް ކަމަށެވެ. މިހާ ރީތި ފިރިހެނަކަށް ވެދާނެ ކަމަކަށް ހިޔެއް ނުކުރެއެވެ.
މިޝެލިން ހީލާފައި އޭނަ ހިލޭމީހުންގެ ގައިގައި އަތްނުލަމޭ ބުނަން އުޅުނުތަނުން މީހެއްގެ ހިލަންވެގެން މައްޗަށް ބަލައިލި އިރު ބެލްކަނީގައި ޔީވާ ހުއްޓެވެ. މިޝެލިން އެނބުރިފައި ރަފާއިލް ޖިންސްގެ ޖީބަށް އަތް ޖަހަން އުޅެނިކޮށް އަތުގައި ހިފާ ދަމައިގަތީ ގާތް ގޮތަކަށެވެ. ޔީވާ އައި ރުޅީގައި މޫނު އަނބުރާލާފައި ވަގުތުން އެތަނުން ދިޔައީއެވެ.
ރަފާއިލް އިއްބާނުއަށްވުރެ މާ ސިއްރުވެރި ޒުވާނެއްކަން ދެމީހުންގެ ހަތަރުކަޅި ހަމަވުމުން މިޝެލިންއަށް ޔަގީންވިއެވެ. ރަފާއިލް އާއިއެކު ހަޔާތުގެ އާ ބާބެއް ފެށުމަށް ތައްޔާރުވަމުން ދިޔައިރު މިޝެލިން އަކަށް ރަފާއިލް އެއްވެސް ވަރަކަށް ދަސްވެފައެއް ނެތެވެ. އަދި އޭނަގެ އެކުވެރިންނަށްވެސް ރަފާއިލް ގެ މައުލޫމާތު ލިބިފައެއް ނެތެވެ. އޭނަ މީހުންނަށް ހުޅުވާލާފައި ވަނީ އޭނަގެ ހަޔާތުން ފަޅި ސަފުހާއެކެވެ. ނަމަވެސް މިޝެލިންގެ މޮޔަކަމުން ރަފާއިލް އާއި މަޖަލަށް ރައްޓެހި ވެވުނީއެވެ. ދެން ދިމާވެދާނެ އެއްވެސް ކަމަކަށް ފިކުރުކުރުމެއްނެތި މިޝެލިންވެސް އޭނައަށް ކުރިމަތިވެދާނެ މަޖުބޫރީތަކުން ސަލާމަތްވާންވެގެން ހަޔާތަށް ރަފާއިލް ގެނައީއެވެ.
"ރަފާއިލް މިގެއަށް ނުވަންނާނަންތަ؟" މިޝެލިން ދައުވަތު ދިނެވެ.
"ޔަގީނުންވެސް އަހަރެން ފެނުނީމަ ހައިތަމް އަންކަލް ހިތްހަމަޖެހިއެއް ނުލައްވާނެ... އެކަމަކު އިންވައިޓް ކުރީމަ ދެން ވަދެވޭނެ، ތެންކްސް މިޝެލިން....." ރަފާއިލް ސިއްރުވެރި ގޮތަކަށް ހިނިތުންވެލިއެވެ. އޭނަ ވާހަކަ ދައްކާއިރު އެހެރަ ރާގަކާއި، ޖާދުވީގޮތަކުން އަންހެންކުދިންގެ ހިތްތަކަށް އަސަރުކުރުވާނެއެވެ. އެކަމަކު މިހާ ރީތި މީހުންގެ ބަލިފަޔެއް ހުންނާނެއޭ އެބުނަނީ ދޮގެއްނޫނެވެ. އިންސާނާ ފުރިހަމައެއް ނުވާނެއެވެ. ރަފާއިލްދެކެ ލޯބިވާ އަންހެންކުދިންގެ ހިތް ހަލާކުވުން ނޫންކަމެއް ނުވާނެއެވެ.
"ހޫ އާރ ޔޫ.... އަހަންނަށް ހީވޭ ނުބަޔެއް އުޅޭހެން، އެކަނި ގެއި އެއް ނޫން...." މިޝެލިން ހިތާހިތުން ކިޔާލައިފިއެވެ.