ހަށިގަނޑުގައި ވަރު ހުސްވެ، ނޭވާ ނުލެވި މޭ މައްޗަށް ތަދުވާން ފެށިއެވެ. އަދި އިއްބާނު ގެ ބާރު ހުސްވެގެން ކަހަލަ ގޮތަކަށް ވިނަގަނޑު މައްޗަށް ތިރިވިތަން ފެނުމުން މިޝެލިންގެ ހަށިގަނޑުގައި ބިރުވެރި ކަމުގެ ބާނިތަކެއް ދަތުރު ކުރި އެވެ. މިޝެލިން އިއްބާނު ގާތުގައި ކުޑަކަކޫ ޖަހާލައިގެން އިށީނެވެ.

"ހަނީ، ކިހިނެއް ތިވަނީ.... އަހަރެން ބިރު ނުގަންނަވަބަލަ...." މިޝެލިންގެ އަޑުވަނީ އަވަސްވެފައެވެ. އިއްބާނު އެވަރުންވެސް މިޝެލިންގެ އަތަށް ފިތާލާފައި ދެރަނުވާށޭ ބުނެލީ ހިނިތުންވެލަމުންނެވެ. އެހިސާބަށް ވެރިވެފައިވާ ބަގީޗާގެ ބޮކީގެ އަލީގައި އިއްބާނުގެ މޫނު ފެނިފައި މިޝެލިންގެ ޅަ ސިކުނޑިއަށްވެސް އިއްބާނު ރަނގަޅު ނޫންކަން އެނގުނެވެ. އިއްބާނު ގެ ބަރު އެސްފިޔަތައް ގަދަކަމުން ހުޅުވަން މަސައްކަތް ކުރާއިރު މެރެމުން ދިޔައެވެ. އެމޫނުގައި ދާތިކިތައް މުތީތަކެއް ފަދައިން ވިދިއެވެ.

"ބެން.. ބެން... ވާހަކަ ދައްކަބަލަ.. ކިހިނެއް ވަނީތަ؟" މިޝެލިން އިއްބާނުގެ މޭގައި ފިރުމާލަދިނެވެ. އިއްބާނު އުދަގޫވެގެން އުޅޭހެން ހީވާތީ މިޝެލިން އިއްބާނުގެ ޓީޝާޓް ބާލުވަދިނެވެ.

"އައި... ކާންޓް... ބްރީތް....." އިއްބާނު އުދަގުލުން ބުނެލި ގޮތަކުން މިޝެލިންގެ މެޔަށް ހީވީ ހޫނު ފެން އެއްޗެއް އޮއްސައިލި ހެންނެވެ.

"ނޫން ނޫން، ބެން.... ޕްލީޒް، ޕްލީޒް ޑޯންޓް ޑައި....." މިޝެލިން އިއްބާނުގެ ގައިގައި ހިފާ ތަޅުވައިގެންފައި، އަޑުކޮޅަށް ހަޅޭއްލަވައި ގަނެވުނީ ގޮތް ހުސްވެފައި އިނދެއެވެ. ރަފާއިލް ގޭޓުން ވަނުމާއި އެކު މިޝެލިން ރަފާއިލްއަށް ގޮވާލި އެވެ.

"ރަފޭލް، ބެންއަށް ކޮންމެވެސް ކަމެއްވެއްޖެ، ވަރަށް ބިރުގަނޭ........" މިޝެލިން ރަފާއިލްގެ އަތުގައި ހިފާ ދަމައިގަތެވެ. އޭރު ޒަހުރާން އާއި އާއިލާގެ އެހެން މީހުންވެސް ގޭތެރެއިން ނިކުމެގެން އައީ މިޝެލިންގެ އަޑު އިވިގެން ކަންނޭގެ އެވެ. އެމްބިއުލެންސްއަށް ގުޅީ ކާކުކަމެއް ނޭގި އެމްބިއުލެންސް ވެސް އަތުވެއްޖެއެވެ. ކޮންމެވެސް ބަޔަކު ދުވެލާފައި އައިގޮތަށް އިއްބާނުގެ މޫނުގައި އޮކްސިޖަން މާސްކެއް އެޅުވިއެވެ. އެކުޑަ މިނިޓްކޮޅުގެ ތެރޭގައި ހީވީ އެތައްކަމެއް އެއްފަހަރާ ހިނގާދިޔަހެންނެވެ. މިޝެލިން އިއްބާނުގެ ޓީޝާޓު މޭގައި ބޮނޑިކޮށްލައިގެން ހުރީ ގަނޑުވެފައިވާ ބުދެއްހެންނެވެ. އެމްބިއުލެންސް ދުއްވައިލިތަން ފެނުމުންވެސް މިޝެލިން ހުރީ ހަރަކާތެއް ނެތިފައެވެ. މިލީނާ މިޝެލިން ގެ އަތުގައި ހިފައިލަމުން ގެއަށް ވަންނަން އެދުނެވެ.

"އިރާދަކުރެއްވިއްޔާ ބެން ރަނގަޅު ވާނެ، ފެއިންޓްވީ ކަންނޭގޭ....." މިލީނާ އެހެން ބުންޏަސް އިއްބާނުގެ ހާލު ސީރިޔަސްކަން އެނގުނެވެ. އާދައިގެ ކަމެއްނޫންކަންވެސް އެނގުނެވެ.

މިޝެލިންއަށް މީހަކު އެއްޗެކޭ ބުނިއަޑު އިވުނުހެން ހިޔެއްނުވެއެވެ. އެހުރިގޮތަށް ގޭޓާއި ދިމާލަށް ބަލަހައްޓައިގެން އެސްފިޔަ ޖަހައިލަން ނޭގިފައި ހުރީއެވެ. މިލީނާ ކަންބޮޑުވެފައި ހުރީ ޒަހާރާ އާއި ޒިލާ ފިޔަވާ އެކަކުވެސް ގޭގައި ނޫޅޭތީއެވެ. އެންމެން ދިޔައީ ހޮސްޕިޓަލަށެވެ. ނަސީބަކުން އެވަގުތު އެކުދިންގެ ބައްޕަ މާޒިން އައުމުން މިލީނާގެ ހިތަށް ކުޑަ ހަމަޖެހުމެއް ލިބުނެވެ. މާޒިން އައީވެސް ރަފާއިލްގެ އެދުމުގެ މަތިންނެވެ. ފިރިހެނަކު ގޭގައި ހުރުން ރަނގަޅު ވާނެކަން ރަފާއިލްއަށް ވިސްނުނެވެ. މާޒިން މިޝެލިންގެ އަތުގައި ހިފާލައިގެން ގެނެސް ފެންޑާގައި ހުރި ސޯފާއެއްގައި ބައިންދައިގެން ވާހަކަ ދައްކަން ފެށިއެވެ. މިޝެލިން އަނގަޔަކުން ނުބުނެ އިނގިލީގައި ބާރަށް ދައިގަތެވެ.

"ދަރިފުޅާ، އެއްޗެކޭ ބުނެބަލަ، ބައްޕަ ގާތު ކިޔައިދީބަލަ ބެންއަށް ވީ ކީއްކަން......" މާޒިންއަށް އޭރު އިއްބާނުގެ ހާލަތު ސީރިޔަސްވަރާއި ޕޭސްމޭކަރެއް ލައްވާން އުޅުނުކަން އެނގެއެވެ. އެފަހުން އަދި މާޒިން އިނީ ޚަބަރު ބަލައިލަން ގުޅާހިތެއް ނުވެފައެވެ. އިއްބާނުގެ ފުރާނަ ވަނީ ނުރައްކަލުގައެވެ. އެކަނި ދުޢާއިން ނޫނީ ދެން އިއްބާނު ސަލާމަތެއް ނުވެވޭނެއެވެ. 

"ފެއިންޓްވީ......" މިޝެލިންގެ އަޑުވަނީ ބަދަލުވެފައެވެ.

މިޝެލިންގެ އަނގައިން އެންމެ ލަފުޒެއް އިވުނީމަވެސް މާޒިންގެ ހިތަށް ކުޑަ ލުޔެއް ލިބުނެވެ. ނަމަވެސް ބޭބެގެ ދަރިފުޅަށްޓަކައި ހިތް ކަރުނަ އޮއްސިއެވެ. އެފަދަ ހިތާމައަކަށް އެކަކަށްވެސް ކެތްކުރެވޭނީ ކިހިނެއް ހެއްޔެވެ؟ ޚާއްސަކޮށް މިޝެލިން ފަދަ ޅަ ކުއްޖަކަށް އެ ހިތާމަ އުފުލައި ގަނެވޭނެ ގޮތެއް މާޒިންއަކަށް ނުވިސްނުނެވެ. 

މާޒިންގެ ފޯނަށް އެ ބިރުވެރި މެސެޖް އައީ ފަސްވަރަކަށް މިނިޓް ފަހުންނެވެ. "އިއްބާން އިޒް ޑެޑް" އެއީ މިއިން ޒަމާނެއްގައި މާޒިންގެ ހިތަށް އެންމެ އަސަރުކުރުވި ތިން ލަފުޒެވެ. ލޮލަށް ކަރުނަ ޖަމާވިއެވެ. ދަރިފުޅު ގެނެސް މޭގައި ޖައްސައިލެވުނީ ދުނިޔޭގެ ހުރިހާ ހިތާމަތަކުން ސަލާމަތް ކުރަން ބޭނުންވިފަދަ އަކުންނެވެ.

މިޝެލިން ކޮޓަރިއަށް ގެންގޮސް އެނދުގައި ބައިންދާފައި މާޒިން ބޭސްގުޅައެއް ކާންދިނެވެ. މިޝެލިން ބޭސްކައިގެން ބާލީހުގައި ބައްދާލައިގެން ކުރުގެޅިލައިގެން އޮތްއިރުވެސް އިއްބާނުގެ ޓީޝާޓު އަތުތެރޭގައި ބޮނޑިކޮށްލެވިފައި އޮތެވެ. އެދެލޮލުގައި ކަރުނައިގެ އަސަރެއްނުވެއެވެ. 

"ބައްޕާ، ބެންއަށް... ރަނގަޅުވާނެތަ؟" މިޝެލިން ބިރުގެންފައިވާ ކުޑަކުއްޖެއްހެން ލަސްލަހުން އަހާލައިފި އެވެ.

މާޒިން ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ ދަރިފުޅު ގާތުގައި ދޮގުހަދައިގެން އޮޅުވާލުމުގައި އޮތީ ކޮން ހައްގެއް ހެއްޔެވެ؟ އިއްބާނުގެ ހަޔާތުގެ ހުޅުކޮޅު އަބަދުގެ އަބަދަށްޓަކައި ނިވިގެން ދިޔަކަން އެނގިއްޖެއްޔާ މިޝެލިންގެ ހިތް ހަލާކުވެދާނެއެވެ. ތެދު ބުނެވޭކަށްވެސް ނެތެވެ. ނަމަވެސް މާޒިން ވާހަކަދައްކަން ފެށީ ދުރުންނެވެ. އިއްބާނުގެ ހާލު ނާޒުކް ކަމެވެ. ހާޓްއެޓޭކެއް ޖެހުނީ ކަމާއި ސަލާމަތް ކުރަން އިންތިހާއަށް މަސައްކަތް ކުރާކަމާއި، ޝިފާ ދެއްވުންވަނީ އެންމެ ފަރާތެއްގެ ބާރުގައި ކަމެވެ. މިޝެލިން ދެލޯމަރާލައިގެން އޮތްއިރު ސިކުނޑި ވަނީ ހުސްވެފައެވެ.

ރަފާއިލް ތަންކޮޅެއް ދުރުގައި ހުރި ގޮނޑިބަރިއެއްގެ އެންމެ އެކޮޅުގައި އިށީދެލައިގެން އިނީ ކަކުލުގައި އުޅަބޮށި ވިއްދާލި ގޮތަށް ދެއަތްތިލައިގާ މޫނު ފޮރުވާލިގޮތަށެވެ. އެއާއިލާގެ ޒުވާނަކު ރަފާއިލް އާއި ވާހަކަދެއްކީ ހިތްވަރުދިނުމަށެވެ. ނަމަވެސް ރަފާއިލްގެ ކަރުނަތައް ހުއްޓުވާނީ ކިހިނެއް ހެއްޔެވެ؟ ގެއްލިގެން ދިޔައީ އެކަނި ކޮއްކޮއެއް ނޫނެވެ. އެންމެ ގާތް އެކުވެރިޔާ ވެސް މެއެވެ. ފަނަރަވަރަކަށް މިނިޓްފަހުން ރަފާއިލް ކޮންމެވެސް ވަރަކަށް ހަމަޔަކަށް އެޅުނެވެ.

ޒަހުރާން އެތަނަށް އައިސް ރަފާއިލް އާއި ވާހަކަދައްކަން ފެށިއިރު ލޮލުން ކަރުނައިގެ އަސަރު ފާޅުވިނަމަވެސް ހީވާގޮތުން އެންމެނަށްވުރެ އޭނަ ހިތްވަރުގަދައެވެ. އޭނަ ކާޑިއޮލޮޖިސްޓަކަށް ވުމުގެ ބޭނުމާއި މެދުވެސް ހިތުގައި ސުވާލު އުފެދުނެވެ. ފުރާނަފަދަ ލޯބިވާ ކޮއްކޮ ހިތް ހުއްޓިގެން އެންމެ ފަހު ނޭވާތައް ދޫކުރިއިރު އެހީއެއް ނުވެވުނެވެ. އެ މިނިޓްކޮޅު ތެރޭގައި އޭނަ ގޮތް ހުސްވިވަރާއި، މާޔޫސްވިވަރު ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތެވެ. އުމުރު ދުވަހުވެސް އޭނަ ހިތުން ފިލައިގެނެއް ނުދާނެއެވެ. ހިތަށް ތަދުކުރުވާނެއެވެ.

"ބެން ގުޅާފައި ބުނީ ޑްރަގް އޯވަރޑޯޒް ވެގެން ނޮޓް ފީލިން ގުޑް ކަމަށް، އެހެންވެ ވަގުތުން ރެއިންއަށް ގުޅީމަ ޒިލާ ބުނީ ބާތުރޫމްގައޭ......" ރަފާއިލް ބުނިގޮތުން އޭނަ އޭރު ވީ ގެއާއި ފުދޭވަރަކަށް ކައިރީގައެވެ. ރަފާއިލް ގުޅަންވީ ފަރާތްތަކަށް ގުޅުމުގައި ލަހެއްނުކޮށް އޭނަގެ ވާޖިބު އަދާކުރިއެވެ. ރަފާއިލް ލަންޑަނުން ބޭރުގައި ހުރެފައި ތަންކޮޅެއް ލަހުން އާދެވުނީ ކާކުގެ ނަސީބު ދެރަކަމުން ކަމެއް ނޭގުނެވެ. ޔަގީނުންވެސް ބާބެކިއުގައި ހިނގާފައިވާ ކަންތައްގަނޑާއި ބެހޭގޮތުން އޭނައަށް އެއްވެސް ކަމެއް އެނގުނު ކަމަކަށް ނުވިއެވެ.

އިއްބާނު މަރުވީ ޑްރަގްގެ ސަބަބުންކަން ޔަގީންވުމުން ޒަހުރާންއަށް ޝޮކެއް ލިބުނެވެ. ހިތް ކުނޑިވެގެން ދިޔަހެން ހީވިއެވެ. އަނގައިން ބުނާނެ ހިތްވަރެއްވެސް ނުލިބުނެވެ. ޒަހުރާން ބޭނުންވީ އެވަގުތު އެކަނިވެރި ވެލުމަށެވެ. މީހުންނާއި ވީހާވެސް ދުރަށް ދިޔުމަށެވެ. އަމިއްލަ ނަފުސް ކުށްވެރި ކުރެވުނެވެ. ހެރޮއިންފަދަ ޑްރަގެއް ބޭނުންކުރުމަށްފަހު އިއްބާނު އެކަން ދޫކޮށްލި ކަމުގައި ވިޔަސް ފަހުން ޒަމާނެއްގައި އެއަށް "ކްރޭވިން" ހުރެގެން ބޭނުން ކުރުމުގެ ފުރުސަތު އޮންނާނެކަން ޒަހުރާންއަށް އެނގެއެވެ. އަދި ފަރުވާ ހޯދުމަށްފަހު އަލަށް ޑްރަގް ނަގާއިރު ކިތަންމެ ކުޑަ މިންވަރަކަށް ބޭނުން ކުރިޔަސް އޯވަރޑޯޒް ވެދާނެކަންވެސް ދަނެއެވެ. އެހެންވީއިރު ގޭގައި އެފަދަ ޕާޓީއެއް ބާއްވާއިރު ޒިންމާ ނެގެން ޖެހޭނެއެވެ. އިއްބާނުމެން އުޅޭނޫޅޭގޮތް ބަލައިނުލާ ނިދަން ތިބީމަ ވާންވީ ގޮތްވީއެވެ. މި ލިބުނު ފިލާވަޅުން ލޯ ހުޅުވައިލެވުނު އިރު ކޮއްކޮ އެވަނީ އަބަދުގެ އަބަދަށްޓަކައި އެމީހުންނާއި ވަކިވެގެން ގޮސްފައެވެ. ޒަހުރާން ކާރަށް އެރިގޮތަށް ހުންގާނުގައި ބޯއަޅައިލި އިރު ލޮލުގައި ގިނަވެގަތް ކަރުނަތައް އޮހިގެންފިއެވެ.

މިހުރާން ކޮޓަރީގެ ދޮރު ހުޅުވާލި އިރު މިލީނާ އޮތީ ބާލީހުގައި މޫނު ޖަހާލައިގެން ހިމޭނުންނެވެ. މިހުރާން މިލީނާގެ އަތުގައި ހިފާލާއިރަށް މިލީނާ އެނބުރި ބަލައިލި އިރު ރޮއި ރޮއި ދެލޯ ދުޅަވެފައިވެއެވެ. މިލީނާ މިހުރާންގެ ގައިގައި ބައްދައިގަތްއިރު މިހުރާންގެ މޫނުންވެސް ފެންނަނީ ހިތް ހަލާކުވެފައިވާކަމުގެ އަސަރުތަކެވެ. މިހުރާންވެސް މިލީނާގެ އިސްތަށިގަނޑުގެ ތެރޭގައި މޫނު ފޮރުވާލިގޮތަށް އެސްފިޔަތައް މަރާ ބާރުކޮށްލިޔަސް ލޮލުގައި ގިނަވެފައިވާ ކަރުނަތައް ނުހިފެހެއްޓުނެވެ. މިހުރާންއަށް މިފަހަރު ޔަގީންވީ އިއްބާނު އަލުން އެނބުރި ނާންނާނެ ކަމެވެ. އެންމެ ޒުވާން އުމުރުގައި ހަޔާތުގެ ބައްތި އަބަދަށްޓަކައި ނިވިގެން ދިޔައީ އެންމެންގެ ކުރިމަތީގައެވެ. ކުރީފަހަރުހެން ގެއްލުނުނަމަ އުއްމީދު ނުގެއްލުނީހެވެ.

"އަދިވެސް ގަބޫލެއް ނުކުރެވޭ.... ޝެލްގެ ހިތް ހަލާކުވާނެ......" މިލީނާ މިޝެލިން އާއިމެދު ވެސް ހަމްދަރުދީވިއެވެ.

"ހިތަކަށްވެސް ނާރާ މި ދުވަސް ދެކެން ޖެހިދާނެއޭ، ރޭގައި ބާބެކިއުގައި ބައިވެރިވާން ބޫ އެދުނީމަ ކަންނެތްވެފައި ހުރެވުނީމަ ނުދެވި، ކުރިން އެނގުނުނަމަ. މައި ކިޑް ބްރަދަރ ދެން ދުވަހަކުވެސް ނުފެންނާނެ........" މިހުރާން ކެތްތެރިވަމުން މަޑުމަޑުން ވާހަކަ ދެއްކިއެވެ. ހަލާކުވެފައިވާ ހިތަކާއި އެކުގައިވެސް މިލީނާ މިހުރާންއަށް ޗޮކްލެޓް ތަށްޓެއް ހަދައިދިނެވެ. މި ހިތާމައިގައި ބައިވެރިވާއިރު އެކަކު އަނެކަކަށް އަޅާނުލެވެންޏާ ވާނެގޮތެއް އެނގެނީ އެއްނޫނެވެ. މިލީނާ އިރުއިރުކޮޅާ މިޝެލިންގެ ކޮޓަރިއަށް ދެއެވެ. މަންމަ ނޫނީ ބައްޕަ ނަމަވެސް މީހަކު އަބަދުހެން މިޝެލިން ގާތުގައި އިނދެއެވެ. މިޝެލިން އިއްބާނުގެ ޓީޝާޓު މޭގައި ޖައްސާލައިގެން ނިދާފައި އޮންނަތަން ފެނުމުން މިލީނާގެ ލޮލުގައި ކަރުނަ ގިނަވެގަނެއެވެ. މިޝެލިންގެ ހިތަށް ކުރާނެ އަސަރު މިލީނާއަށް ރަނގަޅަށް އިހުސާސް ކުރެވެއެވެ. އެހެން މީހުން އިއްބާނު ދެކެ ކިތަންމެ ވަރަކަށް ލޯބިވިޔަސް މިޝެލިން އާއި އިއްބާނުގެ އެ ގާތްކަމާއި، ގުޅުން އެންމެނަށްވުރެ ބޮޑުވީމަ ވަރަށް ތަފާތު އިހުސާސް ތަކެއް ކުރެވޭނެއެވެ.

އިއްބާނުގެ މައިންބަފައިންގެ ހާލު އެހާ ބޮޑެވެ. ދަރިފުޅު ދުނިޔެ ދޫކުރި ޚަބަރު އިވުމުން އެލީސާ އަޑުވީއްލާ ރުޔެވެ. އަމިއްލަ ނަފުސް ކުށްވެރިކުރިއެވެ. ހައިތަމް އެލީސާ ހަމަޔަކަށް އަޅުވަން މަސައްކަތްކުރި ނަމަވެސް އެލީސާ ހުރީ ހަމަހެޔަކު ނޫނެވެ. ޒުވާން ފިރިހެން ދަރިފުޅުގެ އެ ކުއްލި މަރުގެ ސަބަބުން ހިތަށް ކުޅަދާނަވާނީ ކިހިނެއް ހެއްޔެވެ؟ ހިތަށް ކުރި އަސަރަކުން ހަމަހޭވެރިކަން ނެތޭވަރުވިއެވެ. ކިރިޔާ ވާހަކަ ދެއްކޭވަރުވުމުން ހައިތަމް ގާތުގައި އެލީސާ ބުނި ވާހަކަތަކުން ހައިތަމް ގެ ހިތުގައިވާ ރިހުންވެސް އިތުރުވުން ނޫންކަމެއް ނުވިއެވެ.

"ބޫ ފެއިންޓްވީމަ މަލަކާ ދައްތަ ފިނިފެން އުނގުޅާލީމަ ތެދުވެފައި ހީލާފައި ވާހަކަވެސް ދެއްކި، އެންމެން ހީކުރީ ބޫ އެކްޓް ކޮށްލީ ކަމަށް، އައި ވޯޒް ރޯންގް، ހަގީގަތުގައި އޭރުވެސް އަހަރެމެންގެ ދަރިފުޅު ރަނގަޅެއްނޫން، ވަރަށް ބަލިހެން އޭރުވެސް ހީވި، އެވަގުތު ހައިތަމް ގާތު ބުނަން އުޅެފައިވެސް އަޅުގަނޑު އެކަން ސިމްޕަލް ކަމަކަށް ހެދީ، ފަރުވާކުޑަކޮށްލީ، ވަގުތުން ފަރުވާ ލިބުނުނަމަ ދަރިފުޅު ސަލާމަތްވާނެ........." އެލީސާ މާ ބާރަކަށް ރޯންފެށިއެވެ.

"އަހަރެމެންގެ ބޭބީ....." އެލީސާ ތަކުރާރުކޮށް އިއްބާނުގެ ނަމުން ގޮވާފައި ރުއިއިރު ހައިތަމް އިންނެވީ އެލީސާ މޭގައި ޖައްސަވާލައްވައިގެންނެވެ.

"އެލީ، ތިގޮތަށް ނުރޮއި، އަހަރެމެންގެ ދަރިފުޅުގެ ފުރާނައަށްވެސް ދަތިކަން ލިބޭނެކަން އެލީއަށް އެނގެން ވާނެއްނު، އެހެންނޫނަސް އެލީގެ ފޯލްޓެއް ނޫނޭ..... ބީ ފެއިންޓްވެފައި އެވަގުތަށް ރަނގަޅުވީމަ އެލީއަކަށް ނޭގޭނެތާ، ފުރާނައަށް ނުރައްކާ ވެދާނެ ކަމެއް ކަން ބޫއަށްވެސް ނޭގުނީ ކަމަށް ވާނީ، މެޑިކަލް މީހަކު އެތާ އެވަގުތު ނެތްކަމީ އަހަރެމެންގެ ބަދުނަސީބު، އެހެންނޫނަސް އަޖަލު ޖެހުނީމަ ފުރާނައެއް ނުހިފެހެއްޓޭނެ........." ހައިތަމް އެލީސާގެ ކަރުނަތައް ފޮހެލަދެއްވިއެވެ.

މަރަކީ އެއްވެސް އިންސާނަކަށް އޭގެ ވަގުތު އެނގިގެންވާ ކަމެއްނޫނެވެ. އެމީހަކު މި ފަނާވެދަނިވި ދުނިޔެއާއި ވަކިވެގެންދާން ޖެހިދާނީ ކޮންއިރަކު ކިހިނެއްކަމެއް ނޭގެއެވެ. އަނބުރާ ނާދެވޭނެ އެ ދަތުރަށްޓަކައި ތައްޔާރުވެގެން ތިބުމުގެ މުހިއްމުކަން އިއްބާނުގެ އާއިލާ އާއި އެކުވެރިން އަދި ކޮލެޖްގެ އެންމެންގެ ހަނދާނުގައި ދުވަސްތަކަކަށް ދެމިހުންނާނެކަން ގައިމެވެ. އިއްބާނުފަދަ މަޝްހޫރު ރީތި ޒުވާނަކު މަރުވުމުން އެ ޚަބަރުން ހިތާމަކޮށް ކަރުނަ އޮއްސީ އެކަނި އޭނަ ދަންނަ މީހުންނެއް ނޫނެވެ. ކޮލެޖް ކުދިންނަށްވެސް ލިބުނީ ޝޮކެކެވެ. އެދުވަހު އޭނަގެ މޫނު ދެކެން އެތައް ބަޔަކު ހާޟިރުވިއެވެ. އެތައްބަޔެއްގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ އައެވެ. ދުވަސްކޮޅަކު އިއްބާނުގެ ތަރި އުޑުގައި ވިދާ ބެބުޅުމަށްފަހު އޮއްސިގެން ދިޔައީ އިންޒާރަކާއި ނުލައެވެ.

މިޝެލިން ހޭލެވިގެން ތެދުވާން އުޅުނު އިރު ބޮލަށް ބަރުވެފައިވެއެވެ. އޭނަ ގާތުގައި މަންމަ އިށީދެލައިގެން އިންއިރު މަންމަ އިނީ ރޮއިފައިކަން އެ ދެލޯ ހެކިދެއެވެ. ސޯފިޔާ މިޝެލިންއަށް ކާއެއްޗެއް ދިނެވެ.

"މަންމާ، ބެން ކޮބާތަ؟ " މިޝެލިން އެނދުން އެއްފައި ބޭރަށް ލާފައިވެސް ތެދުވާހިތެއްނުވިއެވެ.

"ދަރިފުޅާ، ބެން އެހާ ރަނގަޅެއް ނޫން...." ސޯފިޔާ މިޝެލިންގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ. މާޒިން ކޮޓަރިއަށް ވަދެފައި މިޝެލިންގެ އަނެއްފަރާތުގައި އިށީދެ މިޝެލިން ގާތުގައި ކޮންމެވެސް ވަރަކަށް އިއްބާނުގެ ވާހަކަތައް ދެއްކިއެވެ. އިއްބާނު ރަގަޅުވާނެ ކަމުގެ އުއްމީދެއް ނެތްކަމަށާއި، ސިކުނޑިއަށް އޮކްސިޖަން ނުލިބުމުގެ ސަބަބުން ކޯމާއަކަށް ގޮސްފައިވާ ކަމަށް ބުނިއިރު މިޝެލިން އިނީ ދެލޯބޮޑުކޮށްލައިގެންނެވެ.

"ނޭވާ ނުލެވޭ ވާހަކަ ބުނީމަ އެނގުނު ބެން ސީރިޔަސްކަން.... ބޭނުން ބެން ގާތަށް ދާން... ޕްލީޒް ޑެޑީ... ޕްލީޒް...." މިޝެލިން އާދޭސްކުރަން ފެށިއެވެ. 

މާޒިން ވިސްނައިދިނީ އިއްބާނުއާއި ވާހަކަދެއްކިޔަސް އަޑު ނީވޭނެ ކަމުގައެވެ. އަނގައިން ނުބުނެވޭނެ ކަމުގައެވެ. އެއަށްވުރެ އިއްބާނު ދުރުގައިވާކަމެވެ. އިއްބާނު މިދުނިޔެ އާއި ވަކިވި ވާހަކަ މާޒިން ބުނީ ފުދޭވަރަކަށް ލަހުންނެވެ. މިޝެލިންގެ ސިކުނޑިއަށް ޝޮކެއް ނުލިބޭނެހެން ވިސްނައިގެން ލަސްލަހުންނެވެ. މިޝެލިންގެ ހިތް ހީވީ ފަޅައިގެން އެތައް ސަތޭކަ އެތިކޮޅުތަކަށް ބުރައިގެން ދިޔަހެންނެވެ. ބާރަކަށް ރޮއިގެންފައި އެތަނުން ނުކުމެގެން ދުއްވައިގަންނަން އުޅުމުން މާޒިންއަށް ހިފެހެއްޓުނީ ކިރިޔާއެވެ. މިޝެލިން ރޮއިރޮއި ހަލާކުވާވަރުވިއެވެ. އިއްބާނުގެ މޫނު ދެކެން ގެންދިޔުމުން އިއްބާނުގެ ގައިގައި ހިފައިގަނެގެން ރުއިވަރުން އެންމެނަށް އަސަރުކުރިއެވެ. މިޝެލިންގެ އުފާވެރިކަމަށް މީހެއްގެ އެސްފީނާ އެޅުނީ ކަންނޭގެއެވެ. އެ ހިނިތުންވުންތަކާއި، އުފާވެރިކަން އަބަދުގެ އަބަދަށްޓަކައި ނެތިގެން ދިޔައީ ކަންނޭގެއެވެ. ޔީވާ އެއްފަރާތުގައި އެ މަންޒަރު ދެކެލަން ހުރީ ހިތާހިތުން އުފާވެފައެވެ. މިޝެލިންގެ ސުންޕާކަމެވެ. އިންނާނެ މީހަކުވެސް ދެން ނުވާނެކަން ޔަގީނޭ ހިތަށް އަރާފައި ހިތް ނަށައިލިއެވެ. އޭނަ ގެ އިއްބާނު ޖަހައިގަތީމަ ވަކި މޮޅެއް ވެއްޖެހެއްޔެވެ؟ އަމިއްލައަށް ބަދަލު ހިފަން ނިންމައިގެން ހުއްޓާ ތަގުދީރު އޭނަ އާއި އެހީވީކަމަށް މިއަދު ގަބޫލުކުރެވިއްޖެއެވެ.

އިއްބާނު ވަޅުލާ ނިންމާލާފައި އެންމެން ގެއަށް އައިގޮތަށް އެމީހަކު ޖެހުނުތާ ހިތާމަކުރަން ތިބިއިރު އާއިލާގެ މީހުންގެ އަޅާލުމާއި އެހީތެރިކަން ލިބުނެވެ. ފުދޭވަރަކަށް ބޮޑު ޚާންދާނަކަށްވާތީ އެ އާއިލާގައި ހިމެނޭ އެތައް މެމްބަރުންނެއްގެ ސަބަބުން އެ އާއިލާއަށް ކޮންމެވެސް ވަރެއްގެ ހިތްވަރެއް ލިބުނެވެ. ކާން ހަދައިގެން ގެނެސް ގަދަކަމުން ކާންދީ، ނަސޭހަތްތެރިވާން މީހުން ނެތްނަމަ އެއިން އެކަކަށް ތެދުވާނެ ހިތްވަރެއް ނުލިބުނީސްކަން ޔަގީނެވެ. މިޝެލިން ރޮއި ރޮއި ވަރުބަލިވެގެން ނިދާލާފައި އޮންނައިރު އައިވީގެ ސަބަބުން ކޮންމެވެސް ވަރަކަށް އެމިލާފައިވާ މޫނުމަތި ރީތިވެފައިވެއެވެ. މިޝެލިން އެވަރަށް ކަރުނަ އޮއްސާތަން ފެނުމުން އެންމެ އަސަރުކުރީ ރަފާއިލް އަށެވެ. އެއީ ދުނިޔެއިން ރަފާއިލް ދެކެން އެންމެ ބޭނުންނުވާ މަންޒަރެވެ.

ރަފާއިލް އަނދިރިވެފައިވާ ބެލްކަނީގެ ރެއިލިންގައި އަތް އަޅުވާލައިގެން ހިމޭނުން ހުރިއިރު އޭނަގެ މޫނު ހީވަނީ ހިތާމައިގެ ރީތި ތަސްވީރެއްހެންނެވެ. ހިތްދަތިކަމުގެ އިންތިހާއެވެ. މިޝެލިންއަށް ޓަކައި ވެސް އެހިތް ރޮނީއެވެ.

"ޝެލްއަށް އަހަރެން ވާ ލޯބި އެނގޭނެނަމަ، ބެން ގެ ބަދަލުގައި އަހަރެންގެ ފުރާނަ ގެންދެވިނަމަ މާ ހިތަށް ފަސޭހަވާނެ، އަހަރެންނަށް އެއްވެސް ފުރުސަތެއް އޮތްނަމަ ބެންގެ ބަދަލުގައި މަރުވާނީ އަހަރެން، އަހަރެންގެ ހިތް ދީގެން ބެންއަށް ރަނގަޅު ވާނެނަމަ އެކަންވެސް ކުރާނަން، އަހަރެން ފެއިލްވީ، އަހަންނަށް ބެން ސޭވް ނުކުރެވުނީ....." ރަފާއިލް އަމިއްލަ ނަފުސް ކުށްވެރިކުރިއެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައީ ހަލުވިކަމާއި އެކުގައެވެ. ވަގުތަކީ ހިތާމައިގެ ފަރުވާކަމުން މައްސަރެއްހާ ދުވަސްވީއިރު އެންމެންގެ ހިތާމަތައް ކޮންމެވެސް ވަރަކަށް ފިލައި، ގޭތެރެ ހަމަޔަކަށް އެޅިއްޖެއެވެ. އެންމެ ބޮޑު އަސަރެއްކޮށްފައި ވަނީ މިޝެލިންއަށް ކަމުން އޭނަގެ ގައިގައި ތެދުވާނެ ހިތްވަރެއް ނުހުރެއެވެ. ފިނިފެންމަލެއް މިލާ މޯޅިވީފަދައިން އެ ރީތި މޫނު މިލައިފިއެވެ. ލޮލާއި ކޯތާފަތް ވަޅުވަދެއްޖެއެވެ. ދެލޮލުން ކަރުނަ ނައިކަމުގައި ވިޔަސް ހީވަނީ ދެންމެ ދެންމެ ރޮވިދާނެ ހެންނެވެ. ގިނަފަހަރު އިންނަނީ ހުސްކަމުގެ ތެރެއަށް ބަލަހައްޓައިގެން ވިސްނުމެއްގައެވެ. މިޝެލިންގެ އާއިލާ އާއި އެކުވެރިން ގާތުގައި ނުވާނަމަ އޭނަ މޮޔަވީސް ކަންނޭގެއެވެ. ނަމަވެސް އެންމެންގެ އަޅާލުމާއި، ލޯބި އަދި އީމާންތެރި ކަމުގެ ސަބަބުން މިޝެލިން އަމިއްލައަށް މަރުވުމުގެ ޚިޔާލެއް ނުގެންގުޅުނެވެ.

މިޝެލިން ފެންވަރާލައިގެން ކަޅުކުލައިގެ ހެދުމަކާއި ޓައިޓެއްލައިގެން ރީތިވެލުމުން ދޮންމޫނަށް ކޮންމެވެސް ވަރެއްގެ ތާޒާކަމެއް ވެރިވިއެވެ. މިޝެލިން ރެކްމަތީގައި ހުރި އިއްބާނުގެ ތަސްވީރުގައި ބޮސްދިނުމަށްފަހު އަވަސް އަވަހަށް ކޮޓަރިން ނުކުމެގެން ތިރިއަށް އައިއިރު އެލީސާ ފެންޑާގެ ސޯފާގައި ފޮތެއް ހިފައިގެން އޮތެވެ.

"ދަރިފުޅާ ކޮންތާކަށްތަ؟" އެލީސާ ފޮތުން ނަޒަރު ވަކިކޮށްލިއެވެ.

"ސެމެޓްރީއަށް...." މިޝެލިން އިސްޖަހައިލަމުން ތުންފަތުގައި ދަތްއަޅާލިއެވެ.

"އެކަނި ދިޔުން ރަނގަޅެއް ނުވާނެ ދަރިފުޅާ...." އެލީސާ ތެދުވާން އުޅުނެވެ. މިޝެލިން ޖަވާބެއް ނުދީ އަނެއް ފަރާތަށް އެނބުރިގެން ހުރެ ޓިޝޫއަކުން ލޯ ފޮހެލައިފި އެވެ. އެލީސާ މިހުރާންއަށް ގޮވާލާފައި އެދުނީ މިޝެލިން ގޮވައިގެން އިއްބާނުއަށް ޒިޔާރަތްކުރަން ދިޔުމަށެވެ. 

ގަބުރުސްތާނު ހުންނަނީ ހިނގާލާފައި ދެވޭހާ ކައިރީގައެވެ. މިހުރާން އާއި މިޝެލިން އެކީގައި ހިގާލާފައި ދިޔައިރު ދެމީހުންވެސް ތިބީ ހިމޭނުންނެވެ. އެހެންނޫނަސް މިފަހަކަށް އައިސް އެ ހަލަނި ކުއްޖާގެ ބަސްމަދުކަމުން ގުނާލެވޭހާވެއެވެ. ދިރިހުއްޓަސް އޭނަ މަރުވެފައިވާފަދައެވެ. އީމާންތެރި ނޫން ކުއްޖެއްނަމަ އަމިއްލައަށް މަރުވެއްޖައީހެވެ. މިޝެލިން އިއްބާނުގެ މަހާނަ ކައިރިޔަށް ފޮނުވާލާފައި މިހުރާން ހުރީ ގޭޓު ކައިރީގައެވެ. މިޝެލިން އެ މަހާނަ ކައިރިއަށް ދިޔުމުން ކުރީގެ ހަނދާނެއް އާވިއެވެ. އޭނައާއި އިއްބާނު އެކީގައި މިތަނަށް އައިސް މިތަން ރީތިވެގެން އުޅުނެވެ. މިހާރު އެތާހުރި މެގްނޯލިއާ ގަހެއްގެ ހިޔާއެޅިފައިވާއިރު ގަސް މަލުން ބަރާވެފައިވެއެވެ. ބައެއް މާތައް މަހާނަ ގާމައްޗަށް ވެރިފައި ހުރުމުން ވަކިން ހިތްގައިމެވެ. މުޅި ހިސާބުގައި ރަސްކަން ކުރަނީ ހިމޭންކަމާއި، މާތަކުގެ މީރުވަހެވެ.

މިޝެލިން މަހާނަ ކައިރިއަށް ތިރިވިގޮތަށް ގަލުގައި ބޯޖައްސައިލި އިރަށް ދެލޯ ފުރިގެން ބަންޑުންވެގަތީ ހޫނު ކަރުނަތަކުންނެވެ. ހިތާ ހިތުން މިޝެލިން އިއްބާނު އާއި އެތައް ވާހަކަތަކެއް ދެއްކިއެވެ. ހެޔޮ ދުއާ ކުރިއެވެ.

"އެންމެ ދެރަވީ ބެން ޑްރަގްއޯވަރ ޑޯޒްވީއޭ ކިޔާ އަޑު އިވުނީމަ.... ބެންއަކަށް ނޭގޭނެ އެވާހަކަ އިވުމުން ހިތަށް ކުރި އަސަރު، އަދިވެސް ގަބޫލެއްނުކުރަން ބެންހާ ރަނގަޅުކުއްޖެއް އަލުން ޑްރަގް ނަގާނެ ކަމަށް، ޔޫ ޕްރޮމިސްޑް މީ، ދުވަހަކުވެސް އަލުން ޑްރަގް ނުނަގާނެކަމުގެ ޔަގީންކަން ދިނުމުން ވަރަށް ޓްރަސްޓް ކުރިން، ފެމިލީ އެންމެން އެކަން ގަބޫލުކުރިޔަސް އަހަރެން ގަބޫލެއް ނުކުރަން ޑްރަގުގެ ސަބަބުންކަން ބެން އަހަރެން ދޫކޮށްލާފައި ދިޔައީ، ބެން ހުރިހާ ނަމާދެއް ކުރާކަމާއި، ދީންވެރިކަން އެގޭނީ އެކަނި އަހަންނަށް، ވީއިރު ބެން މިހާރު އެހާ ބޮޑު ފާފައެއްކޮށްގެން މަރުވެދާނެ ކަމަކަށް ގަބޫލެއް ނުކުރަން، އިރާދަކުރެއްވިއްޔާ އަހަރެންގެ ބެން އުޅޭނީ ސުވަރުގޭގެ މަތިވެރި ނިއުމަތުގައި، އެންޖެލްސް އިންނާއި އެކުގައި، މިއަދު ކޮށްދެވޭނެ ކަމަކީ އެކަނި ހެޔޮ ދުއާކުރުން...... އަހަރެން ހިތަށް އަރާ އަހަރެންވެސް މަރުވާނެނަމައޭ، ބެން އާއި އެކުގައި ވާނެނަމައޭ، މިހާރު މި ދުނިޔޭގައި ނެތް އެއްވެސް އުފަލެއް، ޔޫ އާރ މައި އެވްރީތިން..... ބެން އައި ލަވްޔޫ ސޯ މަޗް... އެކަން އެނގޭއިރު ކީއްވެ އަހަރެން ދޫކޮށްލާފައި ދިޔައީ............." މިޝެލިން ރޮމުން ރޮމުންގޮސް އެތަނަށް ތިރިވިއެވެ. އެތައް ދުވަހަކަށްފަހު އަނެއްކާ ހިތް ފުރެންދެން ރޮވިއްޖެއެވެ. 

މިޝެލިންގެ ޚަބަރެއް ނުވެ ގިނައިރުވާން ފެށުމުން މިހުރާން އެތެރެއަށް އައިއިރު މިޝެލިން އޮތީ މަހާނަ މަތީގައި ބޯ އަޅާލައިގެންނެވެ. މިހުރާންގެ ހިތަށް ފިނިވިއެވެ. މިޝެލިންއަށް އަނެއްކާ ކަމެއްވީބާވައެވެ. މިހުރާން ވިދުވަރެއްހާ ހަލުވިކޮށް އައިސް މިޝެލިން ބިންމަތިން ނެގިއިރު މިޝެލިން ރޮއިރޮއި ދެލޯވަނީ ދުޅަވެފައެވެ.

"ޝެލް، ހިތްވަރު ކުރަންވާނެ އިނގޭ، ބެން ބޭނުމެއް ނުވާނެ ޝެލް ތިހެން ރޯކަށް....." މިހުރާން ވިސްނާދިނެވެ.

"އައި ނޯ ރެން، އެކަމަކު ކިހިނެއް ކެތްކުރާނީ...." މިޝެލިން ޓިޝޫއަކުން ނޭފަތް ފޮޅައިލި އެވެ. ކިތަންމެ ވަރަކަށް ދެލޯ ފޮހުނަސް ކަރުނަތައް ނިމުމަކަށް ނައެވެ. އިއްބާނުއަށް ޒިޔާރަތް ކުރުމުން ޒަޚަމްތައް ތާޒާވެ ލޭ އޮހިގެންފިއެވެ. އެކަމަށް ޝިފާއެއް ނުލިބޭނީ ހެއްޔެވެ؟ ހިތްދަތިވެގެން ގޮސް ފުރާނަ ނުކުމެދާނެހެންވެސް ހީވިއެވެ. އިއްބާނު އެކަނިމާއެކަނި ދޫކޮށްލާފައި ދާން ބޭނުން ނުވާފަދަ ގޮތަކަށް ފަސް އެނބުރި ބަލައިލެވުނެވެ.

"އަހަންނަށް އަންޑަސްޓޭންޑް ވޭ......" މިހުރާންވެސް ހުރީ ފެންކަޅިވެފައެވެ.

މިޝެލިން ގެއަށް ވަދެލާފައި ފުރަތަމަވެސް ދިޔައީ ޒަހުރާން އާއި ދިމާވެލުމަށެވެ. ޒަހުރާން ކާކޮޓަރީގައި އެކަނިމާއެކަނި ކޮފީއެއް ބޯންއިންއިރު ޒަހުރާންވެސް އިނީ ދެރަވެފައިކަން އެނގުނެވެ. ކުރީގައި އެހުންނަ ފަނޑު ހިނިތުންވުން ތުންފަތްމަތީގައެއް ނެތެވެ. މިޝެލިންވެސް ފްރިޖް ހުޅުވާލާފައި އޮރެންޖްޖޫސް ތަށްޓެއް ގެނެސް އައިސްކިއުބްތަކެއް އަޅައިލުމަށްފަހު ގޮނޑިއެއް ދަމާލިއެވެ.

"ދޮންބެ، އަހަރެން ވާހަކައެއް އަހާލަން ބޭނުން...." މިޝެލިންގެ ނޭފަތް ވަނީ ރަތްވެފައެވެ. އަދިވެސް އެސްފިޔަތަކުގައި ކަރުނަ ހަރުލާފައި ހުއްޓެވެ.

"ބުނެބަލަ..." ޒަހުރާން ކުޑަ ހިނިތުންވުމެއް ދިނެވެ.

"ބެން މަރުވީ ޑްރަގް އޯވަރޑޯޒަކުންތަ؟ ދޮންބެ ތެދަށް ބުނެފާނަންތަ ޕްލީޒް، އިޓްސް ވެރީ އިމްޕޯޓެންޓް..... " މިޝެލިން އިނީ ޖޫސްތަށީގައި ދެއަތުން ހިފަހައްޓާލައި ގެންނެވެ. ޒަހުރާން ނުބުނާން އިނދެފައިވެސް އާއެކޭ ބުނެލީ މަޑުންނެވެ.

"ކިހިނެއް ދޮންބެމެންނަށް ޔަގީންވީ. އޮޓޮޕްސީ ހަދާކަށް އަންކަލް ހުއްދައެއް ނުދެއްވައެއްނު..... .ބެންވެސް އެރޭ ނުބުނޭ އެފާޑުގެ އެއްވެސް ވާހަކައެއް، ބާބެކިއު ހަދަން އައިސް އުޅުނީ ކޮލެޖްކުދިންތައް، ދެން ކިހިނެއް އެހެން ވާނީ، ކާކު ދޮންބެ ކާރީގައި އެހެން ބުނީ...." މިޝެލިން ޔަގީންކުރަން ބޭނުންވިއެވެ. އޭރު އޭނަގެ އިނގިލިތައްވެސް ތުރުތުރުއަޅައެވެ.

"ބެން އޯވަރޑޯޒްވެގެން އުޅޭކަމަށް ބުނިކަމަށް ރަފޭލް އަށް ކުރި ކޯލެއްގައި ބުނީ، ދެން ރަފޭލް އޭރު ތަންކޮޅެއް ދުރުގައި ހުރީމަ އަހަންނަށްވެސް ގުޅި، އޭގެ ކުރިން މަންމަ ބުނި ބެން ފެއިންޓްވި ކަމަށް.........." ޒަހުރާން ކޮންމެވެސް ވަރަކަށް ކިޔައިދިނެވެ. 

މިޝެލިން ޓިޝޫއިން ލޮލުގައިވާ ކަރުނަތައް ހިއްކާލިއެވެ.

"ދޮންބެމެން ބާބެކިއު ހަދަން އައި މީހުން ކައިރިން ނާހަންތަ؟ " މިޝެލިން އިސްޖަހައިލި އިރު އޭނަގެ ހިތުގައި ރަފާއިލް އާއިމެދު ވާ ނަފްރަތު އެތައް ގުނަ އިތުރުވެއްޖެއެވެ. ވީއިރު އަޑިއަޑިން ކޮންމެވެސް އެއްޗެކޭ ކިޔައިގެން އޭނަ އިއްބާނުގެ އަގު ވައްޓާލީއެވެ. ރަނގަޅަށްވިއްޔާ އިއްބާނު މަރުވީ ޑަރަގް ނަގައިގެން ކަމަށް ނުވެސް ވާނެއެވެ. ނޫނީ ރަފާއިލް ބަޔަކަށް ލާރި ދީގެން އިއްބާނު މަރާލީ ހެއްޔެވެ؟ އިއްބާނު ރަފާއިލްއަށް ގުޅާފައި އެހެން ބުނެފާނެ ހެއްޔެވެ؟ އޭނަ ގާތުގައި އިއްބާނު ނުބުނާ ވާހަކައެއް ރަފާއިލް ގާތު ބުނަންވީ ކީއްވެ ހެއްޔެވެ؟ ޑްރަގް ނަގާފައި އިއްބާނުއަށް ރަފާއިލް ގާތުގައި ބުނަން ކެރޭނެހެނެއްވެސް ހިޔެއްނުވެއެވެ. އެއީ ތެދު ވާހަކައަކަށް ނުވާނެއެވެ. ރަފާއިލްގެ ބަހަށް އެންމެން އެތިބީ ހެއްލިގެންނެވެ. ނުލަފާ ފިރިހެނެކެވެ. އޭނަގެ ހަޔާތް ބަރުބާދުކޮށްފައި އެ ފިރިހެނާއަށްވެސް އުފަލުގައި ނޫޅެވޭނެއެވެ.

މިޝެލިން ހަނދާންވީ އިއްބާނު އޭނަ ގާތުގައި ދެއްކި ވާހަކަތަކެވެ. ރަފާއިލް އާއި ކައިވެނި ކުރަން ކުރި ޝަރުތެވެ. އެ ޝަރުތު ރަފާއިލްއަށް އެނގުމުން އިއްބާނު ނައްތާލީކަން ޔަގީނެވެ. މިޝެލިންގެ ހިތް ޔަގީންކުރިއެވެ.

"ނޫން ދޮންބެ، ރަފާއިލްއަށް ރަނގަޅަށް އެނގޭނެ ހަގީގަތް، ރަފާއިލް ކޮންމެވެސް ކަމެއް ސިއްރު ކުރަނީކަން ޔަގީން......." މިޝެލިން ކުއްލިއަކަށް މާ ބޮޑަށް ރޮމުން ޖޫސްތަށި ދޫކޮށްލާފައި އެތަނުން ދިޔުމުން ޒަހުރާންވެސް ފެންކަޅިވިއެވެ. މިޝެލިންގެ ހިތާމަތައް ދުވަހަކު ނުފިލާނީ ހެއްޔެވެ؟ ޚުދު ޒަހުރާންވެސް އެންމެ ހިތާމަކުރަނީ އިއްބާނުގެ ނިމުން އެފަދަ ގޮތަކަށް އައީމައެވެ. ޑްރަގްގެ ސަބަބުން އެމީހަކު ލޯބިވާ ފަރާތެއް މަރުވުމުން ކެތްކުރެވޭނީ ކާކަށް ހެއްޔެވެ؟

މިޝެލިންގެ އުޅުން ހުންނަގޮތުން އޭނައަށް ކައުންސެލިން ބޭނުންވާހެން ހީވެގެން އެފަދަ މީހަކު ގެންނަން ހައިތަމް ނިންމެވިއެވެ. އެވާހަކަ ދެއްކުމުން މިޝެލިން ބުނީ އޭނައަށް މުޅިން ރަނގަޅު ކަމުގައެވެ. ގުރުއާން ކިޔަވައި، ނަމާދު ކުރުމުން ހިތްވަރު ލިބޭކަމުގައެވެ. މިޝެލިން ކަލެންޑަރުގެ ދުވަސްތައް ގުނަމުން އައިއިރު ވިސްނުނީ މިފަހަރު ޕީރިއަޑް ލަސްވެއްޖެކަމެވެ. އިއްބާނުގެ ލޯބީގެ ނިޝާނެއް ގާތުގައި ވުމަށް އެދި މިޝެލިންއަށް ދުއާ ކުރެވުނު އަދަދެއްވެސް ނޭގެއެވެ. އޭނަގެ ދުޢާތައް އިޖާބަކުރެއްވީކަން ނޭގެއެވެ. ދުނިޔޭގެ ހުރިހާ އުފާތައް ވަކިވިއިރު އުއްމީދުގެ ކަންޏެއް ފިޔަ ޖަހާލައިފި އެވެ. ދިރިއުޅުމަށްޓަކައި މަގުސަދެއް ލިބިއްޖެއެވެ.

މިޝެލިން ހެނދުނު ހޭލިއިރު ކުޑަކޮށް ބޯ އަނބުރާގޮތްވެ މޭނުބައިކުރާހެން ހީވިއެވެ. ހަމަ ދެންމެ ދެންމެ ހޮޑުލެވިދާނެ ވަގުތުކޮޅެއް އައުމަށްފަހު ކުޑަކޮށް ރަނގަޅުވިއެވެ. މިޝެލިންގެ ހިތަށް ލިބުނީ ބުނަން ނޭގޭފަދަ ހިތްހަމަޖެހުމެކެވެ. މިޝެލިން ތެދުވެގެން ގޮސް ކުޑަދޮރުގައި ދަމާފައިވާ ޑިޒައިނަރ ދޮރުފޮތިތައް ދަމާލުމުން އިރުގެ ރަންދޯދިތައް ކޮޓަރިތެރެއަށް ވެރިވެގެން އެ ދޮންކޯތާފަތް ރަންކުލައިން ޖަރީކޮށްލައިފިއެވެ. މިޝެލިންގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ. އެވަގުތު ފޯނަށް މެސެޖެއް އައުމުން މިޝެލިން ފޯނު ނަގާފައި ވަގުތުން މޫނުގެ ކުލަ ފަނޑުވިއެވެ. ރަފާއިލްއަކީ މިއީ ކޮންކަހަލަ ފިރިހެނެއް ހެއްޔެވެ؟ ތައުޒިޔާގެ މެސެޖް ކިޔަން އަދި އަވަހެވެ. އެހެންނޫނަސް އޭނަ ރަފާއިލްގެ ހަމްދަރުދީ ބޭނުމެއްނޫނެވެ.

"އަހަރެންނަށް ޔަގީން ތިއީކަން ބެން މަރާލި މީހަކީ، އަހަރެން ބޭނުމެއްނޫން ތި މީހާގަނޑުގެ ސިމްޕަތީއެއްވެސް، ހީކުރީ އަދި ބެންގެ ޝަރުތުގެ ސަބަބުން އަހަރެންގެ ހިތް ބަދަލުވާނެ ކަމަށްތަ؟ ދުވަހަކު ނުލިބޭނެ ދެނެއް.........." މިޝެލިން މޫޑު ގޯސްވިވަރުން އެނދުގައިވާ ބާލީސް ތައް ދޫލަމައްޗަށް ހޫރާލައިފި އެވެ.

"ކިހިނެއްތި ވަނީ؟ "މިލީނާ ދޮރުން ބޯދިއްކޮށްލައިފި އެވެ.

"ރަފާއިލް ހެޕެންޑް....." މިޝެލިން އެނދަށް ވެއްޓިގެން އަނެއްކާ ބާލީހުގެ ތެރޭގައި މޫނު ފޮރުވާލީ ލޮލުގައި ކަރުނަ ގިނަވެގަތުމުންނެވެ. ނޫނެކެވެ. ރަފާއިލްއަށް މިގޮތަށް އޭނަގެ އިހުސާސްތަކާއި ކުޅެވިގެން ނުވާނެއެވެ. މިލީނާ ހައިރާންވިއެވެ. ރަފާއިލް މިގޭގައި ނޫޅޭތާ ކޮން ދުވަހެއް ހެއްޔެވެ؟ ރަފާއިލް މިޝެލިންއަށް އުދަގޫ ކުރީ ހުވަފެނުގައި ހެއްޔެވެ؟

ކޮމެންޓް 0