އިއްބާނު މިޝެލިން މޭގައި ޖައްސައި ބާރުކޮށްލައިގެން އިނދެ އިސްތަށިގަނޑުގައި ފިރުމަމުން ދިޔައިރު ތަފާތު އެތައް ކަންތަކެއް ސިކުނޑީގައި ހިގައިލި އެވެ. މިޝެލިންގެ ގާތުގައި ބުނަންވީ ކިހާވަރަކަށް ހެއްޔެވެ؟ މިޝެލިން ހިތުގެ މައްސަލައެއް ހުންނަކަން އެނގޭއިރު ހަގީގަތް ކިޔައިދީފިއްޔާ މިޝެލިންގެ ހިތުގައި ޖެހިދާނެއެވެ. އިއްބާނު މިޝެލިންއަށް ޔަގީންކަން ދިނީ އޭނަ ދެވިހިފާފަދަ އެއްވެސް އެއްޗެއް ބޭނުން ނުކުރާކަމުގައެވެ.
"ޓްރަސްޓް މީ ބޭބީ، އަހަރެން ޝެލް އަކަށް ދެރައެއް ނުދޭނަން. ޝެލް އާއި މެދު އަހަރެން ނުވިސްނާ ވަރަށް ވިސްނާނީ ކާކުތަ؟ އަހަރެންވެސް ބޭނުން މަރުވަންދެން ޝެލް އާއި އެކީގައި އުޅެން... ފަހަރެއްގައި ބޭހެއް ކައިފާނަން އެކަމަކު އެވެސް އެޑިކްޓް ވާ އެއްޗެއް ނޫން....." އިއްބާނު މިޝެލިންގެ ތެމިފައިވާ ކޯތާފަތުގައި ތުންފަތް ޖައްސައިލަމުން ނުރުއިމަށް އެދުނެވެ. އަދި ކަރުނައިން ބަރުވެފައިވާ އެސްފިޔަތަކުގައި ބޮސްދޭންފެށިއެވެ.
"އަހަންނަށް އެނގޭ، ތި ބޭހަށް ކިޔަނީ އެކްސްޓެސީ، އިލީގަލް އަދި ގެއްލުން ހުރި އެއްޗެއްކަން ބެންއަށް ނޭގެނީހެން ހީވަނީ..... އިޓް ކެން ކިލް ޔޫ......" މިޝެލިން އިއްބާނުގެ ލޮލަށް ބަލައިލަމުން އެހެން ބުނެލިގޮތުން ކުޑަކޮށް ސިހުނެވެ. މިޝެލިން އަމިއްލަ އަކަށް އެފަދަ ވާހަކައެއް ދައްކަން ނޭގޭނެ ކަމާއި އެއީ ރަފާއިލްގެ ކަމެއްކަން ދެނެގަންނަން ސިކުންތުކޮޅެއްވެސް ނުނެގިއެވެ. ރަފާއިލްއަށް އޭނަ އާއި ބެހޭ ގޮތުން އެނގެނީ ކިހާވަރަކަށް ބާވައެވެ. ރަފާއިލްއަށް އޭނަ އާއި ކިޔާރާ އާއި އޮތް ގުޅުން އެނގެނީ ބާވައެވެ. އިއްބާނު ކުޑަކޮށް ރުޅިއަންނަ ގޮތްވި ނަމަވެސް ހޭންފެށިއެވެ.
"އަހަންނަށް އެނގޭ، އިލީގަލް ޑްރަގަކަށް ވިޔަސް މިތަންތާގައި އެއީ އާއްމު އެއްޗެއް... ކްލަބް ތަކަށް ދާއިރު ތަންކޮޅެއް ކުރިން ބޭނުން ކުރިން މަޖަލަކަށް.. އެވެސް މަދު ފަހަރެއްގައި ފްރެންޑުންނާއި އެކީގައި.. ހަނީމޫންގައި ޝެލްއަށް އެނގޭނެ އަހަރެން އެހާ ސުޕަރ ރޮމެންޓިކް ވެގެން އުޅުނީ ކީއްވެކަން، އެފަހަރުވެސް އެންމެ ޓެބްލެޓެއްގެ އިފެކްޓް، އަހަންނަށް އޭގެ ތަޖުރިބާ ކުރެވުނީމަ އެނގިއްޖެ އެއްވެސް ޑްރަގަކަށް އަހަރެންގެ ސިކުނޑިއަށް ބާރު ނުފޯރުވޭނެކަން، އެޑިކްޓެއްވެސް ނުވާނެކަން.. ބޭބީ ހީކުރާވަރަށް ވުރެ އަހަރެން މާ ސްޓްރޯންގް ވާނެ.... ކޮންމެހެން ބޭސްކައިގެން ނޫން އަހަރެން ޝެލްއަށް ލޯބި ކުރާނީ، އެއްވެސް އެއްޗަކާއި ނުލައިވެސް ހެޕީ ހޯމޯންސް ތަކުން ސިކުނޑި އޮބިނޯވޭ، ބޭނުންތަ އެގޮތް ބަލައިލަން...." އިއްބާނު މިޝެލިން ހަށިގަނޑާއި ލާ ފިތައިލަމުން އެ ދެލޮލަށް ބަލައިލީ ހިތް ބަންޑުން ކޮށްލާފަދަ އަސަރުގަދަ ގޮތަކަށެވެ. ގަނޑުފެންކޮޅެއްހެން އެއަތުގެ ތެރެއަށް ވިރިގެން ދާން ބޭނުންވިފަދަ ބަލައިލުމެކެވެ.
ބެލްކަނީގެ ފްރެންޗް ދޮރުތައް ހުޅުވައިލުމުން އިރުގެ ހުދު އަލި ކޮޓަރިތެރެ އުޖާލާކޮށްލައިފި އެވެ. ހޫނު މޫސުމްގެ މަޑު އަވިން އަރާމުވާހާވެއެވެ. މިޝެލިންގެ ހާމަޔަށްވާ ހަށިގަނޑުގައި އިރުގެ ދޯދިތައް ބީހިލަމުން ދިޔައިރު އަރުވާލި ނަލަ ކުލައަކުން އިއްބާނުގެ ހިތް ދީވާނާވިއެވެ. ޖަވާހިރެއްފަދައިން ވިދާލާފައި، އެހާ އޮމާނެވެ. އެ ރަންކުލަ އަރާ އިސްތަށިގަނޑުން ފެށިގެން ފައިތިލައަށް ދާންދެން އިއްބާނު ބޮސްދެމުން ދިޔައިރު މިޝެލިންއަށް ހީވީ އާސްމާނުގައި އުދުހެވުނުހެންނެވެ. ހުވަފެނީ އާލަމެއްގައި އުޅެވުނު ފަދައެވެ. އިއްބާނުގެ ތުންފަތުގެ ފިނިކަމާއި، ނޭވާގެ މީރުވަހުން މިޝެލިން ގެ ދެލޯމެރިގެން ދިޔައެވެ. އެވަރަށް ހިތްހަމަޖެހުމާއި، އުފާތައް ހިތާއި ހަށިގަނޑަށް ލިއްބާދިނީ އެންމެ ފަހަރަކު ނޫނެވެ. އެތައް ފަހަރަކުއެވެ. އެ ބާރުގަދަ އަތުގެ ތެރޭގައި އޭނަ ގެންގުޅުނީ އެހާވެސް ލޯބިންނެވެ. އުފަލުން ގޮސް މިޝެލިން ހުރިހާ ކުދި ދަތްތައް ދައްކާލައިގެން އޮތްއިރު މިޝެލިންއަށް އޭނަގެ އިއްބާނު ފެނުނީ ފުރިހަމަ އިންސާނެއްގެ ގޮތުގައެވެ.
"ސޯ ބިއުޓިފުލް.. އަހަރެންގެ ނަސީބު ރަނގަޅު ކަމުން ހައިރާންވޭ، ތޭންކް ގޯޑް އަހަންނަށް މިވަރުގެ ކުއްޖެއް ދެއްވީތީ. ޑިޒާވް ނުވާއިރުވެސް...." އިއްބާނު މަޑުމަޑުން ބުންޏެވެ. މިޝެލިން އިއްބާނުގެ އަތުތެރޭގައި ހަމަޖެހިލައިގެން އޮތްއިރު އިއްބާނު އެބުނި ޖުމްލައިގެ މާނައެއް ޔަގީނެއްނުވިއެވެ. މިޝެލިންއަށް ނޭގުނީ ފުރިހަމަ އެތައް ސިފަތަކާއި އެކުގައި އިއްބާނުގެ ނުރައްކާތެރި ފަރާތެއް ވާކަމެވެ. އަދި މަޑުމަޑުން އިއްބާނުގެ ސިކުނޑި ކާލަމުން ދާކަމެވެ. ދެމީހުންގެ މުސްތަގުބަލަށް އެކަމުގެ އަސަރު ކުރުވަފާނެއެވެ. މިހާރު ފިޔަވަޅު ނާޅައިފިއްޔާ އިއްބާނުއަށް އެކަން ނުހުއްޓިދާނެކަން ޔަގީނެވެ. އިއްބާނު ކިތަންމެ ވަރަކަށް އަމިއްލަ ނަފުސަށް ޔަގީންކަން އޮތަސް ހެރޮއިން ފަދަ އެއްޗެއްސަކީ ގަދަޔަށް ދެވިހިފާފަދަ ވަބާއެކެވެ. ބޮޑު ނުރައްކަލެކެވެ. މީހާގެ ދެދުނިޔޭގެ ހަލާކެވެ.
ރަފާއިލް އަށް ފާހަގަ ކުރެވުނީ އިއްބާނު ހޫނު މޫސުމްގައި ވެސް އަތްދިގު ގަމީހާއި ޖިންސްލައިގެން ހުންނަކަމެވެ. އެހެން އެންމެންވެސް އަތްކުރު އެއްޗިއްސާއި ސޯޓުގައި އުޅޭއިރު އިއްބާނު މިހާ ފޮރުވިގެން ހުންނާތީ ރަފާއިލް ހުންނަނީ އެވާހަކަ އަހާލަން ބޭނުންވެފައެވެ. އެއާއިލާގެ އެހެން މީހުންނަށް އިއްބާނުގެ މައްސަލައެއް އުޅޭކަން ރޭކާ ނުލުމަކީ އެކަށީގެންވާކަމެކެވެ. ޝައްކު ވާނީ ކިހިނެއް ހެއްޔެވެ؟ އިއްބާނު އެހާ ރީއްޗެވެ. ހަށިގަނޑު ފުރިހަމައެވެ. ޑްރަގް ނަގާކަމުގެ ކުޑަ ހެއްކެއްވެސް ނެތެވެ. ރަފާއިލްއަށް ވެސް މުޅިން ޔަގީނެއްނޫނެވެ. މާޒީގައި ކުރިޔަސް މިހާރު ހުއްޓާލީ ކަންނޭގެ އެވެ. ނަމަވެސް ޔަގީން ކުރަން ރަފާއިލް ބޭނުމެވެ. ރަފާއިލް ސިޑިމަތީގައި ހުއްޓިލައިގެން ހުރެ އަތުގައިވާ ޓެބްލެޓާއި ކުޅެން ހުއްޓާ އިއްބާނު ފައިބައިގެން އަންނަތަން ފެނުނެވެ. ފެންވަރާ ރީތިވެލައިގެން ހުރިއިރު ތުންފަތްމަތީގައި ފަނޑު ހިނިތުންވުމެއްގެ އަސަރުވިއެވެ.
"ބެން، އަހަރެން އެންމެ ދެރަވަނީ ތިފާޑަށް އުޅެން ހަދައިގެން ތި ހިނިތުންވުން ގެއްލިދާނެތީ، އަދި ޝެލްއަށް ދެރައެއް ލިބިދާނެތީ..... ބެންއަށް ނުވިސްނެނީ ކީއްވެތަ؟ އެންޖެލްއެއް ކަމުގައި ހެދިގެން ހުރެ ކުށެއްނެތް އަންހެންކުއްޖަކަށް ދެރައެއް ނުދޭތި، ޝީ ލަވްސް ޔޫ....." ރަފާއިލް ހިތާހިތުން ކިޔައިލި އެވެ. އޭނަގެ އެ ބަރު އެސްފިޔަތައް ކުޑަކޮށް ހިއްލާލާފައި ކަތި ނަޒަރަކުން ބަލައިލުމަށްފަހު އިސްޖަހާލިއެވެ. ހުޅުކޮޅެއްހާ ރީތި ކުއްޖަކު މިލްކުވެފައިވާއިރުވެސް އިއްބާނު އޭނަގެ އުޅުން ދޫކޮށްނުލަނީ ހެއްޔެވެ؟ އިއްބާނު އެއައި ބާރުމިނުގައި ރަފާއިލްގެ ގައިގައި ޖެހިގަނެފައި ކޮށްޕައިލުމުން އަތުން އައިޕެޑް ދޫވިއެވެ. ދެމީހުންގެ ލޮލުގެ ކުރިމަތީގައި މަޑު އަޑަކާއި އެކު ދޫލަމައްޗަށް އައިޕެޑް ތިރިވިއެވެ.
ރަފާއިލް ރުޅިއައިސްގެން އުފުލައިލި އަތް ތިރިކޮށްލާފައި ވަގުތުން ޖިންސްގެ ޖީބަށް ޖަހާލަމުން ތުންފަތުގައި ދަތްއަޅައިލީ މަޑުންނެވެ. އޭނަ އަތް އިސްކޮށްފިއްޔާ އިއްބާނު ބަލިކޮށްލުމަކީ އެއްވެސް ކަމެއްނޫނެވެ. އެކަމަކު އިއްބާނުގެ ގައިގައި ޖަހަން ދެން އެއަތެއް ނުއުފުލާނެ އެވެ.
"އަހަރެންގެ ވައިފް ކައިރީގައި މަށޭ ކިޔައިގެން ވާހަކަ ދައްކަނީ ކޮން ބޭނުމެއްގައިކަން ބުނެދީބަލަ... ޝެލް ބޭނުމިއްޔާ ރީތިކޮށް މަގޭ ކައިރީގައި ބުނަންވީ......" އިއްބާނު ކިތަންމެ މަޑުމައިތިރި ގޮތަކަށް ބުނެލިޔަސް އެ އަޑުގައި ހަރުކަށި ކަމެއްވިއެވެ. އޭނަ ވާހަކަދެއްކީ ދަތްތަކަށް ބާރުކޮށްލައިގެން ހުރެއެވެ.
"ލިޓްލް ބްރޯ، ކާމް ޑައުން، ހަމައިގަތަ ތިހިރީ؟" ރަފާއިލް ހަމަޖެހިލާފައި ސީރިޔަސް ގޮތަކަށް ބުނެލިއެވެ.
"ހަމައިގާ ނުހުންނަންވީ ކީއްވެތަ؟ ކްލަބުތަކުން ނާރައިގެން އުޅެނީ މަށެއް ނޫނެއް ނު، އަހަންނަށް އެނގޭ ރަފޭލް ތިއުޅޭގޮތް ވެސް....." އިއްބާނު ޔަގީންކަމެއްނެތި އެ ވާހަކަ ދެއްކިއިރު އޭނަގެ ރުޅި ފިނިވާއަތަށް އަޅައިފި އެވެ. ރަފާއިލް ދެކެ ޖެހިލުންވާން ފެށިއެވެ. އެ ތޫނު ދެލޮލުން ބަލަހައްޓައިގެން ހުރި ގޮތަކުން ކަންބޮޑުވިއެވެ. އޭނަ ރަފާއިލް އާއި ދިމާކުރަން ހަދައިގެން ރަފާއިލް އޭނަ ބޭޒާރުކޮށްފިއްޔާ މިޝެލިން އޭނަދެކެ ފޫހިވެސް ވެދާނެއެވެ.
"ބެން، އައި ތިންކް ޔޫ ނީޑް ޕްރޮފެޝަނަލް ހެލްޕް، އަހަންނަށްވެސް އެހީވެވިދާނެ ބޭނުމިއްޔާ....." ރަފާއިލް އިއްބާނު އާއި އެކީގައި ސިޑިން ފައިބައިގެން ދަމުން ގުދުވެ ޓެބްލެޓް ނެގިއެވެ. ނަސީބަކުން ކޫރުމެއް އެޅިފައެއްނެތެވެ.
"ހީވަނީ އަހަންނަށް ވުރެވެސް ބޮޑަށް ރަފޭލްއަށް މަގޭ ކަންތައް އެނގޭހެން.. ކީއްވެ ސީދަލަށް ނުބުނެގެން ތިއުޅެނީ އަހަރެން ޑްރަގް ނަގަޔޭ، އެހެން ބުނާކަށްނު ތިއުޅެނީ......" އިއްބާނު ގެ މުށްކެވިފައިވާ އަތް ޖިންސްގެ ޖީބަށް ޖަހާލައިފި އެވެ.
"އެގްޒެކްޓްލީ.... އެކަމަކު އެއްބަސް ނުވާނެކަން އެނގޭ، ބެން ރީހެބް ނޫނީ ޑީޓޮކްސް ސެންޓަރަކަށް ގޮސް ތިކަމުން ސަލާމަތްވޭ، ނޫނީ ކިޔާރާ ފަދަ ކިތަންމެ ކުދިންނެއް އަދި މަރުވާނެ...." ރަފާއިލް ގެ ޖުމްލައިން އިއްބާނު ގެ ފިޔަވަޅުތައް ގަނޑުވިއެވެ. އޭނައަށް ރަފާއިލް އާއި ދިމާލަށް ބަލަހައްޓައިގެން ހުރެވުނީ ކިޔަންވީ އެއްޗެއްވެސް ނޭގިފައެވެ. ރަފާއިލް އާއި ހަތަރުކަޅި ހަމަކުރަން އުދަގޫވެފައެވެ. ކުޑަކޮށް ރަކިވިހެން ހީވިއެވެ. ރަފާއިލް އިއްބާނުގެ މާޒީގެ އެންމެ ބިރުވެރި ދުވަސްމަތިން ހަނދާންކޮށްލަދީފައި ދުރުގައި ފިޔަވަޅުތައް އަޅަމުން ގޮސް އޮބައިލި އިރުވެސް އިއްބާނު ހުރީ ސްތެޗޫއެއްހެން ހިރިނުލެވިފައެވެ. އިއްބާނުގެ ސިކުނޑި ފަޅައިގެންދާ ވަރުވިއެވެ. އެ ހަނދާންތައް އައިސް ސިކުނޑީގައި ޖެހިގަތީ އެތައް ޓަނެއްގެ ބުރަދަނާއި އެކުގައެވެ. އެއީ އިއްބާނު އަލުން ހުޅުވަން ނޭދޭ ބާބެކެވެ. އިއްބާނުގެ ކަރުތެރެ ހިކި ކެއްސާގޮތްވިއެވެ. އޭނަ ފިނި އެއްޗެއް ބޯލަން ބޭނުންވިއެވެ. އޭނަ ހަގީގަތުގައިވެސް މި ހިގަނީ ނުބައި މަގަކުންނެވެ. އާއިލާ އެހެން މީހުންފަދައިން އޭނަވެސް ރަނގަޅު ހަޔާތެއް ބޭނުމެވެ.
މިޝެލިން ދުވެލާފައި ސިޑިބަރި ކަޑައްތުކުރަނިކޮށް އޭނަގެ ފައި އަރިއަޅާލައިގެން ވެއްޓެން އައެވެ. ތަންކޮޅެއް ތިރީފަތްތަރެއްގައި ހުރެފައި ރަފާއިލްއަށް ބަލައިލެވުނުކަން އެއީ ނަސީބެކެވެ. މިޝެލިންއަށްވެސް ތޫނުކޮށް ހަޅޭއްލަވައި ގަނެވުނީ ބިރުންނެވެ. އެ ނުރައްކާތެރި ވަގުތުކޮޅު އެޑްރެނެލިން ރަޝް ގެ ސަބަބުން އޭނައަށް ހީވީ އިންސާނަކަށްވުރެ މާ ވަރުގަދަ ބާރު ލިބުނުހެންނެވެ. އާއްމުކޮށް ނެތްފަދަ ބާރަކުން އޭނަގެ ހަށިގަނޑުވެސް ފަތްތަރުމަތީގައި ސަމާލުކުރެވި މިޝެލިންގެ ހަށިގަނޑުގައި އޭނަ ހުޝިޔާރު ކަމާއި އެކުގައި ހިފެހެއްޓިއެވެ. އެހެންނޫންނަމަ ދެމީހުން އެކީގައި ގޮސް ޖެހި ކޮންމެފަދަ ދެރަގޮތެއްވެސް ވެދާނެއެވެ. މިޝެލިންގެ ނުކިޔަމަންތެރި އިސްތަށިގަނޑު ރަފާއިލްގެ މޫނަށް ހިޔާ އަޅައިލާ ނޭފަތުގައި ހިފާލި މީރުވަހަކުން ހިއްސުތައް ވިހުރުވާލި ސިކުންތުކޮޅެއް ދިޔައެވެ. މިޝެލިން އަވަހަށް ތެޅިގެންފައި ރަފާއިލްގެ އަތުތެރެއިން ނިކުމެގެން ދެވަނަ ފަހަރަށް އެ މޫނަށް ބަލައިވެސް ނުލާ ދުއްވައިގަތީއެވެ.
"ކެއަރފުލް......." ރަފާއިލްއަށް ބުނެވުނެވެ. އެކުއްޖާއަށް އެހާ ވަރުގަދަ އަނިޔާ އަކުން ސަލާމަތްވީމަވެސް ހަދާނެއް ހުރިހެން ހިޔެއްނުވެއެވެ.
މިޝެލިން ކިތަންމެ ބާރަށް ދުވެލާފައި ދިޔަކަމުގައިވިޔަސް އޭނަ މިއިން ޒަމާނެއްގައި ވެސް މިހާ ބޮޑު ބިރެއްނުގަނެއެވެ. ހިތް ތެޅެމުން ދިޔަލެއް ބާރުކަމުން ފެންޑާއަށް ނިކުމެ ސޯފާއަކަށް ހަށިގަނޑު ދޫކޮށްލެވުނީ ނޭވާ ހަމަޔަކަށް އަޅުވައިލުމަށެވެ. މިޝެލިން ލެވެންޑަރ ޕޮޓުން މަލެއް ބިނދެލާފައި ނޭފަތުގައި ޖައްސައިލި އެވެ. ފުން ނޭވާތަކެއް ލަމުން ލޯމަރާލައިފި އެވެ. އަދިވެސް ފެންނަނީ ރަފާއިލް އޭނަގެ ގައިގައި ހިފެހެއްޓި ގޮތެވެ. ސަލާމަތްވީ ކިރިޔާއެވެ. ރަފާއިލް އިއްބާނު އާއި ވައްތަރު ގޮތެއް ހުންނަކަން މިއަދު ފުރަތަމަ ފަހަރަށް ފާހަގަ ކުރެވުނެވެ. ޚާއްސަކޮށް ދެލޮލުގައެވެ. ދެމީހުންގެ ބެލުމުގައި ތަފާތެއް ނެތެވެ. އެހާ ކަޅުވެފައި ކަނޑެއްހާ ފުން ދެލޯ ރަފާއިލްއަށްވެސް ލިބިފައިވެއެވެ.
ރަފާއިލް ކަންނެތް ގޮތަކަށް ހިނގާލާފައި އައިއިރު މުޅި ހިސާބުގައި މިޝެލިންގެ މީރުވަސް ހިފާލާފައިވާހެން ހީވިއެވެ. ނަމަވެސް އޭނަގެ ނުކިޔަމަންތެރި ހިތަށް އެއީ "ފަހަރި" ކަމަށް ވިސްނައިދޭން ރަފާއިލް ބޭނުންވިއެވެ. އިއްބާނު އާއި މިޝެލިންގެ ދޭތެރެއަށް ވަނުމަކީ ކިހާ ގޮތްކުޑަކަމެއްކަން އަމިއްލަ ނަފުސަށް ޔަގީންވާއިރުވެސް ހިތް އެއްބަސް ނުވަނީ އެވެ. މިޝެލިން ދެކެލަން ހިތް ބޭގަރާރުވަނީއެވެ. ރަފާއިލް ދާންއުޅުނު ތަނަކަށް ނުގޮސް ކޮޓަރިއަށް ވަދެ ސޯފާއަށް ތިރިވީ ދެކަކުލުގައި އުޅަބޮށި ޖައްސާލައިގެން މޫނު ދެއަތުގެ ތެރޭގައި ފޮރުވާލަމުންނެވެ. މިކަންތައް ހުއްޓައިނުލެވިއްޖެއްޔާ އޭނަގެ ދިރިއުޅުން ބަރުބާދުވެގެން ހިނގައިދާނެއެވެ. ރަފާއިލް އޭނަގެ ނުކިޔަމަންތެރި ހިތަށް ވިސްނާދިނެވެ.
މިޝެލިން ލަންޑަނަށް ބަދަލުވިފަހުން ސިޔާސަ ވުމުގެ އިތުރުން ދީނީކަންތަކަށް ފަރުވާ ކުޑަކޮށްލެވިއްޖެއެވެ. ކުރިންވެސް މަންމަ މަޖުބޫރު ކުރުވިވަރުން ގަވައިދުން ނަމާދު ކުރި ކުއްޖަކަށް ވާތީ ބާރު އަޅާނެ މީހެއް ނެތީމަ ވީގޮތެއް ކަންނޭގެ އެވެ. ގޭގައި ސްކާފް އަޅައިގެނެއް ނޫޅެވެއެވެ. ނުވީތާކަށް ޓައިޓްފަދަ ކުރު އެއްޗެހި ލައިގެން ކޮޓަރިން ބޭރުގައި އުޅެން ފެށިއެވެ. އެ ރީތި ބުޅި އިސްތަށިގަނޑު ހާމަކޮށްލައިގެން ހުރެ އިއްބާނުގެ އެކުވެރިންގެ ކުރިމަތިން އުޅޭއިރު ކިތަންމެ ޒުވާނުންނެއްގެ ހިތްކިޔާނެ ކަމެއް މިޝެލިން އަކަށް ނުވިސްނެއެވެ. ޚާއްސަކޮށް އޭނަދެކެ އެހާ ބޮޑަށް ލޯބިވެގެން އުޅޭ މީހެއްގެ ކުރިމަތީގައި އެގޮތަށް ރީތިވެލަގެން އުޅޭއިރު އެހިތަށް އަސަރު ކުރާނެ ވަރެއް މިޝެލިންގެ ސިކުނޑިއަކަށް ނުވިސްނެއެވެ.
މިޝެލިން އާއި އިއްބާނު އެންމެ ފޯރި ހުންނަނީ މިއުޒިކް ކުޅެ ލަވަކިޔުމަށެވެ. އެ ސާމާނުތައް އެގެއިން ނުގެން ގޮސް ހުރީމަ އެމީހުން ހައްތަހާ އެކަމުގެ ތެރެއަށް ވަންނަން ފެށިއެވެ. ގިނަވަގުތު ހޭދަކުރެވެނީ ލަވަ ކުޅުމުގައެވެ. އިއްބާނުގެ ފަރާތުން މިޝެލިން މިއުޒިކް ދަސްކުރިއެވެ. އާއްމުކޮށް އިއްބާނު ގިނަވަގުތު މިޝެލިން އާއި އެކުގައި ހޭދަކުރިޔަސް އާދީއްތަ ދުވަހު އުޅެނީ އެކުވެރިންނާއި އެކު ގެއިން ބޭރުގައެވެ. އެހެން ދުވަސްތަކުގައި އިއްބާނު މިޝެލިން ގޮވައިގެން ފެރާރީގައި ތަންތަން ބަލައިލަން ގެންދެއެވެ. އިއްބާނު އާއި އެކު ފެރާރީގައި ހައިވޭގައި ވަޔާއި ވާދައަށް ދުއްވާލާއިރު މިޝެލިން އިންނަނީ އިންތިހާއަށް މަޖާވެލާފައެވެ. ބައެއްދުވަހު މިޝެލިން ބިރުން ހަޅޭއްލަވާފައިވެސް އެދެނީ އަދިވެސް ބާރަށް ދުއްވުމަށެވެ. މިޝެލިން ހީކުރަނީ ފެރާރީގައި އެކްސިޑެންޓްވީމަ ސަލާމަތް ވާނެ ކަމަށެވެ. އެ ކިތަންމެ ބާރަށް ދުއްވިޔަސް މެއެވެ.
މިރޭ އިއްބާނު ގެއަށް ނައުމުން މިޝެލިން ހުރީ ކަންބޮޑުވެފައެވެ. އިއްބާނު ތަންކޮޅެއް ދަންކޮށް ގުޅާލާފައި އެކުވެރިން ތަކަކާއި އެކީގައި ލަންޑަނުން ބޭރުގައި ކަމަށާއި ހެދުނުން އަންނާނެ ކަމަށް ބުނުމުން މިޝެލިން މާޔޫސްވިއެވެ.
އިއްބާނު ހެދުނު އައިގޮތަށް ނިދާލާފައި ތެދުވުނު އިރުވެސް އޭނަ އޮތީ ކަންނެތްވެފައެވެ. އެ ރީތި ދެލޮލުން ހީވަނީ ނިދީގެ އަސަރު ނުފިލާހެންނެވެ. އިއްބާނު ފެންވަރާ ހިތެއްނުވެފައި އޮތްވާ މިޝެލިން ކާން ގެންނަން ވެގެން ދަތް އުގުޅާށޭ ބުނުމުން އަދިވެސް ބާލީހުގައި މޫނު ޖަހައިގެން އުޅުނީ ނުތެދުވެ އޮތުމަށެވެ. މިޝެލިން ބުރުހުގައި ބޭސްޖަހައިގެން އައިގޮތަށް ދަތްއުގުޅާލަ ދޭންފެށީ މަޖަލަކަށް ހަދާފައެވެ.
"މެން އާ ލައިކް ބޭބީސް، އެހެންވީމަ ކުޑަކޮށް އެޓެންޝަން ބޭނުންވީ ދޯ ހަނީ......" މިޝެލިން ސަމާސާ ކޮށްލުމުން ހީވެސް ނުލާ އޮވެފައި އިއްބާނު އެންމެފަހުން ބުރުސް އަތުލައިގެން ބާތުރޫމާއި ދިމާލަށް ހިނގައިގަތެވެ. ސިންކު ކައިރީގައި ހުރެފައި ކުޑަކޮށް އޯކަށް ދަމާލާފައި ހަމަޔަކަށް އެޅުނެވެ.
"ފެންވަރުވާދެންތަ؟" މިޝެލިން އަހައިލި އެވެ. އިއްބާނު ހުރީ ހިމޭނުންނެވެ.
ބެން، ސޭ ސަމްތިންގް، ކިހިނެއްވެފައި ތިހުންނަނީ؟" މިޝެލިން ފުރަގަހުން އައިސްފައި އިއްބާނުގެ މޭމަތީގައި ދެއަތުން ބައްދާލާފައި ބުރަކަށީގައި އެ މަޑު ތުންފަތް ޖައްސާލައިފި އެވެ. އިއްބާނުގެ ހަށިގަނޑު ކޮންމެވެސް ވަރަކަށް ހޫނުވެފައިވާހެން ހީވިއެވެ.
"އައިމް އޯކޭ...." އިއްބާނު އެހެން ބުނިކަމުގައި ވިޔަސް އެހެން ދުވަހާއި އުޅުން ތަފާތުކަމުން އެކަން މިޝެލިން އަކަށް ގަބޫލެއް ނުކުރެވުނެވެ. އިއްބާނު މިޝެލިންގެ ލޮލާއި ހަތަރުކަޅި ހަމަކޮށްފައި ވާހަކަ ނުދައްކަނީ ކީއްވެ ހެއްޔެވެ؟ ބަސްމަދުވެފައި މިހާ ހިމޭނުން ހުރީ ކީއްވެހެއްޔެވެ؟
"ހުންއައިސްފައި ދޯ، ކަމެއްނުވާނަމަ ބެން ތިހެނެއް ނުހުންނާނެ...." މިޝެލިން ސުވާލު ކުރަންފެށިއެވެ.
"ޝެލް، އިހަށް ބޭރަށް ދޭބަލަ......." އިއްބާނު ރުންކުރުވެފައިވާ ގޮތަކަށް ބުންޏެވެ. މިޝެލިން އަޑުއިވުނު ކަމަކަށް ނަހަދާ ގޮސް ޝަވަރަށް ދޫކޮށްލައިފި އެވެ. ހޫނުފެނުން ފެންވަރައިލުމުން އިއްބާނު ތާޒާވެ، މޫޑު ރަނގަޅުވެދާނެ ކަންނޭގެ އެވެ. އަދިވެސް ނިދި ހަމަނުޖެހިފައި އިއްބާނު ހުރީއެވެ. ފެންވަރައި ނިމިގެން އިއްބާނު އައުމުން ނާސްތާ ގެނެސްދިނުމުން ބަނޑުހައިނުވެޔޭ ކިޔާފައި އިއްބާނު އަނެއްކާ ކަންނެތް ގޮތަކަށް އެނދަށް ވެއްޓިގަތެވެ. އެލީސާ ވެސް ދެތިން ފަހަރު އިއްބާނުގެ ޚަބަރެއްނުވެގެން ކޮޓަރިއަށް އައެވެ. އިއްބާނު ރޭގަނޑު ހޭލާ އުޅެފައި ދުވާލު ނިދުމަކީ އެލީސާ ތަރުހީބުދޭ ކަމެއްނޫނެވެ. ކުޑައިރުއްސުރެ އޭނަ ކުދިން ހާނުވާފައި ވަނީ އަވަހަށް ނިދާފައި އަވަހަށް ތެދުވުމަށެވެ. އޭނަގެ ކުދިން އެހާ ސިއްހަތު ރަނގަޅީ އެހެންވީމައެވެ.
"ބެން ބަލިވީ ކަންނޭގޭ، ދޮންބެ ކައިރީގައި ބުނެގެން ބޭހެއް ހޯދަންވީއެއް ނު......" މިޝެލިން ކަންބޮޑުވެފައި އިއްބާނުގެ އިސްތަށިގަނޑާއި، އަތުގައި ފިރުމަމުން ދިޔައިރު އެލޮލުގައި ކަރުނަތިކިތައް ވިދަންފެށިއެވެ.
"ނޯ....... އަހަރެން ބުނެފީމެއްނު އަހަރެން ރަނގަޅޭ، ރޭ ނުނިދާ ހުރީމަ އަހަރެން ޓަޔަޑް ވެފައޭ، ޝެލް އެވަރުން ވެސް އަޑު ނާހާނީތަ؟" އިއްބާނު ރުޅިއައިކަން އެނގުމުން މިޝެލިންގެ ހިތަށް ވަކިން ބޮޑަށް އަސަރު ކޮށްފި އެވެ. އޭނަ ތެދުވެގެން ގޮސް ބެލްކަންޏަށް ނިކުމެވޭ ދޮރު ހުޅުވާލާފައި ނިކުތެވެ. ހޫނު މޫސުމްގެ ސަބަބުން މަޑު އަތްވެއްދީފައިވެއެވެ. މިޝެލިން ދެރަވެފައި އެތާ ހުރި ގޮނޑިއެއްގައި ޖައްސައިލި ތަނުން އިއްބާނު ދޮރުމައްޗަށް އެރިއެވެ. މާފަށް އެދުނެވެ. އަދި މިޝެލިން ގާތުގައި އިށީދެ މިޝެލިންގެ މޫނުގައި ބޮސްދޭން ފެށިއެވެ. މިޝެލިން އެ ލޯބި އެންމެ އަދާއިން އެ އަތުގެ ތެރެއަށް ފުށްކޮޅެއްހެން މޮޑެވިގެން ދިޔައެވެ. ނަމަވެސް މިއަދު އިއްބާނުގެ ހަރަކާތްތައް އެހެންދުވަހާއި ތަފާތެވެ. އޭނަ ކުރަން ބޭނުންވިކަމެއް ފުރިހަމަ ނުވުމުން އަމިއްލަ ނަފުސްދެކެ ރުޅިވެސް އައެވެ. މިހެން މިދިމާވީ ފުރަތަމަ ފަހަރަށެވެ.
"އައިމް ނޮޓް މައިސެލްފް ޓުޑޭ.. އާރ ޔޫ އޯކޭ؟ އެނގޭ ޓަޔަޑް ވާނެކަން ބޭބީ، އައިމް ސޮރީ........" އިއްބާނު ވާހަކަ ދެއްކި އިރު އުދަގޫ ގޮތެއް ހުއްޓެވެ. މިޝެލިންގެ ކަނދުރާގައި މޫނު ފޮރުވައިލަމުން މޭމަތީގައި އަތް ޖައްސައިލި އިރަށް ހިތުގެ ތެޅުން އަވަސްވެފައިވާވަރު އެނގުނެވެ. މިޝެލިންގެ މޫނުވަނީ ދަލުން ފެންވެރިފައެވެ.
"އިޓްސް އޯކޭ ހަނީ...." މިޝެލިންގެ އެއްވެސް ޝަކުވާ އެއްނެތެވެ. ބައެއްފަހަރު ދެމަފިރިންނަށް އެފަދަ ކަންތައް ދިމާވާނެ އެވެ. އެއީ އެކަމާއި މާފަށް އެދެންވާވަރުގެ ކަމެއް ނޫނެވެ. އެހެންނޫނަސް އިއްބާނުގެ މޫޑު ރަނގަޅު ދުވަހެއް ނޫނެވެ. މިޝެލިން އިއްބާނުގެ ދަލުން ތެމިފައިވާ އިސްތަށިގަނޑާއި ކުޅެމުން ދަނިކޮށް ހިތަށް އެރި އެއްޗަކުން ހަށިގަނޑުގައި ބިރުވެރިކަމުގެ ރާޅު ބާންޏެއް ޖަހާލައިފި އެވެ. މިއީވެސް ޑްރަގް ގެ ސަބަބުން ދިމާވެދާނެ މައްސަލައެކެވެ. އެކަމަކު އެހެން ހިތަށް އަރުވައިގެންވެސް ނުވާނެއެވެ. އިއްބާނު ވަނީ ޑްރަގް ނުނަގާ ކަމަށް އޭނަގެ ގާތުގައި ވަޢުދުވެފައެވެ. އެވަރުގެ ޔަގީންކަމެއް ދިނުމަށްފަހު އިއްބާނު ވައުދު އުވާލާނެހެން ހިޔެއްނުވެއެވެ. އެހެންނޫނަސް މާޒީގައި އެފަދަ ކަމެއް ކުރިނަމަވެސް އޭނަ ސިއްރު ކުރާންވީ ކީއްވެ ހެއްޔެވެ؟ އިއްބާނު ކޮންމެފަދަ ނުބައި ކަމެއްކުރިޔަސް ރުޅިނާންނާނެ ކަމަށް ބުނެފައިވާއިރު އޭނައަށް އިތުބާރުކުރަން ކޮށްފައި ބުނާނެތާއެވެ. އޭގެ މާނައަކީ މާޒީގައިވެސް އެހާ ވިޔާނުދާ ކަމެއް އިއްބާނުގެ ފަރާތުން ހިގާފައި ނުވާކަމެވެ.
ޒިލާ އޮރެންޖް ޖޫސްތަށްޓެއް ބޯން އިންއިރު މޭޒުމަތީގައި ހުރި ވާސްގައި ލެވެންޑާރ މާތަކެއް ހުއްޓެވެ. އެމަލުގެ މީރުވަހުން ކާކޮޓަރި ވަނީ އެއްވަސްވެލާފައެވެ. އެއީ އެލީސާ އެންމެ ލޯބިކުރާ މަލެވެ. އެގޭގައި އެލީސާ ލެވެންޑަރ މާތައް އިންދާފައި ހުންނަނީ ރީތިކަމުންނާއި، ދުވާ ލުއި މީރުވަހުގެ ސަބަބުންނެވެ. ޒިލާ އިނީ ކުޑަކޮށް ހިތްހަމަނުޖެހޭ ގޮތްވެފައެވެ. ޒަހުރާން އޭނައަށް އޮޅުވައިލާފައި އުޅެނީ މި ކުއްޖާ ދުނިޔެއަށް ގެންނަން ވެގެންނެވެ. ނުވީތާކަށް އޮޅިގެންކަމަށް ހަދާފައި އޭނަ ވަނީ އާއިލާ މީހުންނަށް އެ ޚަބަރުދީފައި އެންމެންލައްވާ އުފާކުރުވާފައެވެ. ޒިލާގެ މަންމަވެސް އުފަލުން ހީވަނީ އަލަށް މާމަދަރިއެއް ލިބެން އުޅޭހެންނެވެ.
"ޔަގީން މިފަހަރުވެސް ބޯއި އެއްލިބޭނީ، ކުރީފަހަރުވެސް މިވަރަށް އޮރެންޖް ޖޫހާއި، ގްރޭޕްސްއަށް ކްރޭވިން ހުރީ..." ޒަހުރާން ކޮފީއެއް ބޯން ޖައްސައިލުމުން ޒިލާ ތުން ފިތާލައިގެން އިނދެފައި ބުނެލިއެވެ.
"ސޯ...." ޒަހުރާން ބުމަ އަރުވާލީ ހިނިތުންވެލަމުންނެވެ.
"ރެއިން އަހަންނަށް ދޮގު ހަދާފައި ތިހިރީ.... އެނީވޭސް މިފަހަރު ވިހާނީއެއްނޫން، ސިޒޭރިއަން ހަދާލާފައި ނުވިހާ ގޮތަށް ހަދައިލާނީ..... ރެއިން ބޭނުންވާ ގޮތަކަށް އަބަދަކު ނަހަދާނަން....." ޒިލާ ހިތުން ގޮތެއް ނިންމިއެވެ.
"ރިއަލީ؟" ޒިލާ ދަރިފުޅު ނައްތާލުމުގެ ވާހަކަ ދެއްކުން ހުއްޓާލި ކަމަށްޓަކައި ޒަހުރާންގެ ހިތަށް ނޭގޭފަދަ ފިނިކަމެއް ލިބުނެވެ. ޒަހުރާންގެ ހުވަފެނަކީ ދެތިން ކުދިން ހޯދައިގެން އުފާވެރި ދިރިއުޅުމެއް އުޅުމެވެ. ހަޔާތަކީ މިކަހަލަ އެއްޗެކެވެ. ހުވަފެންތައް ފުރިހަމަވުމާއި ނުވުން އޮންނަނީ މީހާގެ ތަގުދީރާއި، މަސައްކަތާއިވެސް ގުޅިފައެވެ. ދެބައި އެކުވެއްޖެއްޔާ އިންސާނާ ކޮންމެ ފަދަ މަންޒިލަކަށްވެސް ފޯރުވާފާނެއެވެ.
ޒިލާވެސް ޒަހުރާންގެ އެ ރީތި ހިނިތުންވުން ދެކެން ބޭނުންވެފައިވި ވަރުން ކުޑަ ގުރުބާނީއެއް ވާން ނިންމީ އެވަގުތުއެވެ. ޒަހުރާން އާއި ދިމާލަށް ބަލާލާފައި ޒިލާވެސް ހީލީ ހިތްހަމަޖެހިފައިވާފަދަ ގޮތަކަށެވެ. އޭރު ޒިލާގެ ނިތްކުރިގައި ވި ރޫތައް ފިލައި އެ މޫނު އިންތިހާއަށް އަލިވެއްޖެއެވެ.
މާޒިން އޭނަގެ އާއިލާގެ މީހުން މިލީނާ އެގެއަށް ގެންނަން ބޭނުންވާވަރު ސޯފިޔާ ގާތުގައި ބުނެދިން އިރު ހިތްހަމަނުޖެހިފައި އިނދެ މައްސަލަ ޖެއްސިއެވެ. ސޯފިޔާ އޭނަގެ ގާތުގައި ދޮގުހެދީ ކީއްވެގެންހޭ ކިޔާފައި ސުވާލު ކުރިއެވެ. ސޯފިޔާގެ ލޮލުގައި ގިނަވެގަތް ކަރުނަތައް ކޯތާފަތްމަތިން ދެމިގަތެވެ. ލޭމައްޗަށް ގޮސްފައި ވާތީ މިފަހަކަށް އައިސް ކުދި ކަންތަކާއި ސޯފިޔާ ޖަޒުބާތީ ވެގެން ކަރުނަ އޮއްސުމަކީ އާއްމުކަމެކެވެ. ދެބަސް ބުނެވޭއިރަށް އެނިމުނީއެވެ.
"އެމީހުންގެ ދަރިއެއް ނޫނޭ މިލީ އަކީ، އެމީހުން ގޮތް ކިޔައިގެން ނުވެސް ވާނެ. އެހެންނޫނަސް މިލީ ބޭނުމެއް ނުވޭ މިހުރާން އާއި އެކީގައި އުޅެން.. އެލީސާމެން އެ ވާހަކަ ދައްކާތީ ހައިރާންވެއްޖެ، އަހަރެން ކުށްވެރިކޮށްފައި ވާހަކަ ދެއްކި އިރު ކިހާ ރަނގަޅު، އެމީހުންނަށް ދުވަހަކު މިހުރާންގެ ކުށެއް ނުފެންނާނެ، އެމީހުންނަށް އެނގިގެން ހިލޭ އަންހެނަކު އެގޭގައި ގެންގުޅުނީ، އެވަރުންވެސް އެ ރަން ދަރިއާއި ދިމާލަށް އެއްޗެކޭ ބުނަން އެލީސާމެންނަށް ނުކެރުނު، ހެޔޮ ފާފައިގެ މައްޗަށް ފާފަކުރިޔަސް، މާޒިން މިލީއާއި ވާހަކަ ދައްކަބަލަ، މިލީ ދާން ހުރިއްޔާ އަހަންނަށް މައްސަލައެއްނެތް..........." ސޯފިޔާ ލޮލުގައިވާ ކަރުނަތައް ފޮހެލިއެވެ.
މާޒިން މިލީނާ ގެނެސް ވާހަކަދައްކަން ފަށާއިރަށް ރޯންފެށިއެވެ. ހުރިހާ ފަރާތްތަކުގެ މަޖުބޫރީގައި ތާށިވެގެންގޮސްފައި މިލީނާ އިންނަނީ އޭނަގެ ހިތުގައިވާ އެއްޗެއް ހާމަކުރަން ނުކުޅެދިފައެވެ. އޭނަ ގަބޫލު ކުރާ ގޮތްވެސް އޭނައަށް ނޭގޭހެން ހީވެއެވެ. ހަގީގަތުގައި އޭނަ ބޭނުމީ މިހުރާން އާއިއެކު އުފާވެރި ދިރިއުޅުމެކެވެ. އެތަސްވީރުން މީރާ ބޭރަށް ލާފައެވެ. މީރާ ނެތިއްޔާ ފަހަރެއްގައި މިހުރާންގެ ހިތުން މަގާމެއް ލިބިދާނެ އެވެ. ބައެއްފަހަރު އޭނަ އަމިއްލަ މޮޔަ ކަމާއި، ނުކެރޭ ކަމުންނޭ ވެސް ހިތަށް އަރާފަހަރު އާދެއެވެ. އޭނަގެ ހައްގު ހޯދަން މިހުރާން އާއި ކުރިމަތިލާން ނުކެރުނީމަ ދިރިއުޅުން ހަލާކުވެގެން ދަނީއެވެ. ލޮލުން ކަރުނަ ނުހިކިގެން އުޅެނީވެސް އެހެންވީމައެވެ. އެހެންނޫނަސް މިހުރާން އާއި އެކީގައި އޭނައަށް ފަސޭހަކޮށް އުޅެވޭނީ މިހުރާން ދީންވެރި ޒުވާނަކަށް ވެގެންނެވެ.
"މިލީ، މަންމަ އާއި ބައްޕަވެސް ދިރިއުޅުމުގައި ޖެހުނު ކުދި މައްސަލަތައް ހައްލުކުރީ ވާހަކަ ދައްކައިގެން، ވަރިވެގެނެއް ނޫން، ދަރިފުޅު ރެންއަށް އަދި އެއް ފުރުސަތު ދޭންވީއެއްނު......" މާޒިން މިލީނާއަށް ނަސޭހަތް ދީފައި އެގެއަށް ފޮނުވަން ބާރު އެޅިއެވެ. އެކަމާއި ސޯފިޔާ ހިތްހަމަނުޖެހުނު ނަމަވެސް މާޒިންގެ ނިންމުމާއި ދެކޮޅު ނަހަދާ ހިމޭންވިއެވެ. މިލީނާގެ ކަންތައް އޭނަ ދާދިގާތުން ބަލާނެއެވެ. މިހުރާން މިލީނާ އާއި ދޭތެރޭ ނިކަމެތިކޮށް ހަދަންޏާ އޭނަ ކުޅިބަލަން ހުންނާނީއެއް ނޫނެވެ. ކޮންމެހެން އޭނަ ދަރިންގެ ދިރިއުޅުމަށް ނުފޫޒު ފޯރުވަނީއެއް ނޫނެވެ. ނަމަވެސް ދަރިން ހިތާމައިގާ ތިބޭތަން ބަލަން މަންމަ އަކަށް ކެތެއްނުވާނެއެވެ.
މިހުރާން މީރާއަށް ގުޅައިގެން ޚަބަރު ބަލައިލި އިރު މީރާ މީހަކާއި އިންކަން އެނގުމުން ހައިރާންވެ އަންތަރީސްވެ ފިކުރުބޮޑުވާ ގޮތްވިއެވެ. އެހާ އަވަހަށް ތެޅިގެން މީރާ މީހަކާއި އިނުމުން ހިތުގައި ސުވާލު އުފެދުނެވެ. މީރާ އޭނަގެ ގާތުގައި ދެއްކި ތެދު ވާހަކައެއް ހެއްޔެވެ؟ ދަރިއަކަށް ބަލިވެ އިނީމަ އެހެން މީހެއްގެ ބޮލުގައި އަޅުވަން މީރާ ކުރި ކައިވެންޏެއް ހެއްޔެވެ؟ އެހެން ކަމަށްވާނަމަ ދެވަނަ ރަފާއިލްއެއް އޭނަގެ އާއިލާއަށް އުފަންވާނެއެވެ. އެފަދަކަމެއް މީރާ ކޮށްފިއްޔާ އޭނަ ދުވަހަކު ވެސް މީރާއަށް މާފެއް ނުދޭނެއެވެ. ނަސްލު އޮޅުވައިލުމުގެ ހައްގެއް މީރާއަކަށް ވެސް ނޯންނާނެ އެވެ. މީރާގެ ކައިވެނީގެ ސަބަބުން މިހުރާންގެ ހިތަށް ކުޑަ ހަމަޖެހުމެއް ލިބުނު ނަމަވެސް މީރާ ދައްކާފައިވާ ވާހަކައަކީ އާދައިގެ ގޮތަކަށް ނެގޭ އެއްޗެއް ނޫނެވެ. އޭނަގެ ސިކުނޑިއަށް އުދަގޫ ކުރުވާ މައްސަލައެކެވެ. ނަހަމަ ގުޅުންތައް ދީނުގައި ހުއްދަކުރައްވާފައި ނުވަނީ އެހެންވީމަތާއެވެ.
މިލީނާއަށް ޓަކައި މިހުރާންގެ ހިތުގައި ތަފާތު ވިންދެއް ޖަހަން ފެށިކަމުގެ އިހުސާސް ކުރެވޭތާވެސް ދުވަސްތަކެއް ވެއްޖެއެވެ. ހިތާއި ސިކުނޑީގައި މިލީނާ ފިޔަވާ އެހެން އެއްޗެއް ނުވެއެވެ. ކޮޓަރިއަށް ވަނުމުން މާބޮޑަށް މިލީނާގެ މަތިން ހަދާންވަނީއެވެ. އޭނައާއި ގާތުގައި މިލީނާ ވުމަށް ބޭނުންވަނީއެވެ. ފެންވަރާލައިގެން ނިކުމެ ތުވާލި ހޯދަންވެސް މިލީނާއަށް ކިރިޔާ ގޮވައި ނުލެވޭކަމެވެ. ކަންނެތްވެފައި އެނދުގައި އޮތްވާ ކޮފީއެއް ގެނެސްދޭން މިލީނާ ހުންނާނެ ނަމައޭ ހިތަށް އަރައެވެ. މިލީނާ ނެތުމުގެ ފަޅުކަން މިހުރާން އިހުސާސް ކުރަން ފެށިކަން މަންމައަށް އެނގި ގަވާއިދުން އޭނަގެ ކޮޓަރި ސާފުކޮށްދީ ކަންތައް ކޮށްދޭން ފެށިއެވެ. އެވަރުންވެސް މިހުރާންގެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. އޭނަ ބޭނުންވަނީ ކުރިން ހީކުރެވުނު ގޮތަށް އޭނަގެ ކަންތައް ކޮށްދޭނެ މެއިޑެއް ނޫނެވެ. އޭނަ ބޭނުމީ މިލީނާ އެވެ. މިލީނާގެ ލޯތްބެވެ. މިލީނާ ނެތުމުން ހަޔާތުން ބަޔެއް އުނިވެއްޖެކަމުގައި ހީކުރެވެނީއެވެ.
މިހުރާން އަށް އެލީސާ ގޮވާފައި ސައި ބޯން ތެދުވާން ބުނީ ކިތައްފަހަރު ކަމެއްވެސް ނޭގެއެވެ. ނަމަވެސް އޭނަ އޮތީ ބަންޑުން އޮށޯވެލައިގެން ލޯހުޅުވައިލަން ބޭނުން ނުވެފައެވެ. ދިހައެއް ޖެހުމުން އެނދުން ތެދުވުނު ގޮތަށް ޝަވަރުދަށުގައި ހުއްޓި އިސްކުރަށް ދޫކޮށްލިއިރުވެސް އޭނަ ހުރީ މިލީނާގެ ހަނދާނުގައެވެ. ރޭގައިވެސް އޭނައަށް ނިދުނީ ކޮން އިރަކުހެއްޔެވެ؟ މިލީނާ ދުވަހަކު ނާންނާނެކަމުގެ ބިރު ހިތަށް އަރާފައި ޚިޔާލު ބޮޑުވިވަރުން ނިދި ފިލައި ދިޔަގޮތަށް ލޮލަށް ނިންޖެއް ނައެވެ. މިލީނާ އާއި އެކީގައި ހޭދަކުރި ކޮންމެ ދުވަހެއް ފިލްމެއްގެ މަންޒަރުހެން ހިތަށް ސިފަކުރެވުނެވެ. އެ މައުސޫމްކަމާއި ޅަކަމެވެ. ބަލައިލާ ގޮތެވެ. އެ ބޮޑު ދެލޮލުގެ ރީތިކަން ބަލާ ބަލާ ފޫހިނުވަނީސް ގެއްލިގެން ދިޔައީއެވެ.
"ޑޭމިޓް، އަހަންނަށް މިލީދެކެ ލޯބިވެވެނީތަ؟ އެކަމަކު އަހަރެން ބޭނުމެއްނޫން އެހެން މީހަކަށް އެކަން އެގެން... އަހަރެންގެ ކުޑަ އެންޖެލް އާއި ވަކިން އުޅެން އުދަގޫވީވަރު މި ވިސްނުނީ އަހަރެންގެ އަތުގެ ތެރެއިން ދުރަށް ދިޔައިމަ، އެކަމަކު އަހަރެން އެހާ ފަސޭހައިން މިލީ ދުރަށް ދިޔަކަ ނުދޭނަން، މިލީއަކީ އެކަނި މަގޭ މީހެއް، އަހަރެންގެ ހައްގެއް، އެންޖެލް އަހަރެންގެ ގާތަށް ނައިއްޔާ އަހަރެންނަށް ވާނެ ގޮތެއްވެސް ނޭގޭ، ކުޑަ ޑޯލް އެއްހެން އަހަރެން ކާރީގައި އަބަދު ނިދާފައި އޮންނަ ކުއްޖާނެތީމަ ދެން ކިހާ އުދަގޫވާނެ، ހާދަ ބޭނުމޭ. އައި ނީޑް ޔޫ..." މިހުރާން ގެ ހިތް އާދޭސްކުރިއެވެ. މިހުރާންގެ ހިތް ރުއިނަމަވެސް އޭނަގެ ހިތްވަރު ގަދައެވެ. ލޮލުން ކަރުނަ އަޔަނުދީ ހިފެހެއްޓިއެވެ. އެހެންނޫނަސް ޝަވަރުން އޮހެމުން ދިޔަ ބޯ ފެންގަނޑު ތެރޭގައި ކަރުނަ އޮހޮރުނަސް އެނގޭނީ ކާކަށް ހެއްޔެވެ؟ އޭނަ އަކަށް ވެސް ރޭކާ ނުލާނެ އެވެ. އެވަރަށް ހިތަށް އަސަރުކުރި އިރު ކަރުނަ ނާންނަންވީ ކީއްވެ ހެއްޔެވެ؟
މިހުރާން އިސްކުރު ބަންދުކޮށްލާފައި ތުވާލި އެނދެލައިގެން ބޭރަށް ނިކުތީ އެހެން މީހަކު ކޮޓަރީގައި އުޅެދާނެ ކަމަކަށް ނޫނެވެ. މަންމަ ނާސްތާ ގެނައިގޮތަށް ކޮޓަރި ހުރީ ހުޅުވާފައިކަން އޭނައަށް އެނގެއެވެ. ނޭގުނީ މިލީނާ ހުރެދާނެ ކަމެވެ. މިލީނާ އޭނަގެ ގާތަށް އަލުން އަތުވެދާނެ ކަމެވެ. މިލީނާ ބެލްކަނީގައި ހުރިތަން ފެނުމުން ހީވީ ހުވަފެނެއް ފެނުނުހެންނެވެ. ގަބޫލުކުރުން ދަތިވުމާއި އެކުވެސް އުފަލުން ހިތަށްވީ ގޮތެއް ބަޔާން ކުރުން ދަތްޗެވެ. ވަގުތުން ފިޔަވަޅުތައް އެޅެން ފެށީ މިލީނާ އާއި ގާތަށެވެ. މިލީނާވެސް ބެލްކަނީގައި ހުރެލާފައި އެނބުރި ބަލައިލި އިރު ހީވަނީ ކޮންމެވެސް ވަރަކަށް ރޮއިފަ ހުރިހެންނެވެ. އެސްފިޔަތަކުގައި ކަރުނައިގެ އަސަރު ހުއްޓެވެ.
މިހުރާންގެ ތާޒާކަމާއި ރީތިކަން އަދި ފިރިހެންވަންތަކަމުން މިލީނާއަށްވެސް އެސްފިޔަޖަހައިލާކަށް ނޭގުނެވެ. އިސްތަށިގަނޑު ތެތްކޮށް އޮތުމުން ފެންތިކިތައް ފިރުކިލާފައި މޫނާއި މޭމަތިން ތިރިއަށް އައިއިރު ރީތިކަމުން އިޝްތިހާރެއްފަދައެވެ. އެ ތަނަވަސް މޭމަތީގައި ބޯ އަޅާލައި، އެ ބާރުގަދަ އަތުގެތެރެއަށް ވިރިގެންދާން ބޭނުންނުވާ އަންހެންކުއްޖެއް ވާނެކަމެއް ނޭގެއެވެ. އެހާ އަޅައިގަންނަގޮތެއް ހުއްޓެވެ. ފިރިހެންވަންތަކަމުގެ އިންތިހާއެވެ. މިލީނާގެ ނަޒަރުވެސް އެރީތި ހަށިގަނޑުގައި ދަތުރު ކުރި އިރު އޭނަގެ ދޮން މޫނަށް ރަތްކުލައެއް ވެރިވިއެވެ. ލަދުން ހުރުމާއި އެކުވެސް ދުރަށް ބަލައިނުލެވުނީ އެވެ.
"އަހަރެން އައީ ބައްޕަ މަޖުބޫރު ކުރެއްވީމަ.... އަމިއްލައަށް އަންނާކަށް ނޫން... އަހަންނަށް އެނގޭ މިހުރާންއަށް ރަނގަޅު ވާނީ އަހަރެން ދުރުގައި ހުރީމަކަން.." މިލީނާ ހިންދިރުވާލާފައި އޭނަ އައީ ކީއްވެގެންކަން ބުނެދޭން އުޅުނެވެ. މިހުރާން ރުޅިގަދަވެގެން ކަމެއްކޮށްފާނެތީ ބިރުގަތް ނަމަވެސް މިލީނާ ހުރީ މިހުރާންއަށް ހަގީގަތް އަންގަން ބޭނުންވެފައެވެ. އެހެންނޫނީ މިހުރާން އޭނަ އަށް ޖިސްމާނީ އަނިޔާއެއް ނުކުރިޔަސް ހިތް ހަލާކުވާފަދަ ބަސްތަކުން ލަދުގަންނަވާލާނެއެވެ.
މިހުރާން އެއްޗެކޭ ނުބުނެ އަދިވެސް ކައިރިއަށް އައެވެ. މިހުރާން ކަމެއްކޮށްފާނެތީ ސިހިފައި ހުރި މިލީނާ ޖެހުނީ ފަހަތަށެވެ. މަޑުމަޑުން ފަހަތަށްގޮސް ރެއިލިންގައި ބުރަކަށި ޖެހުމުން ދެން ހަދާނެ ގޮތެއް ނޭގިފައި ދެލޯ ވަކިން ބޮޑުކޮށްލިއެވެ. މިހުރާން މިލީނާގެ އަތުގެ މުލައްދަނޑީގައި ހިފެހެއްޓުމުން މިލީނާ ވަކިން ބިރުގަނެފައި ކުޑަކޮށް ހަޅޭއްލަވައިގަތެވެ. މިހުރާންގެ ރީތި ދެލޮލުން ބިރުނުގަންނާށޭ ބުނާފަދައެވެ. ޔަގީނުންވެސް އެ ފުން ދެލޮލުގައިވި ޝުޢޫރުތައް މިލީނާއަށް ކިޔާކަށް ނޭގުނެވެ.
"ޕްލީޒް.....ޑޯންޓް ހާޓް މީ....." މިލީނާ އާދޭހުގެ ރާގަކަށް ބުންޏެވެ. ކިތަންމެ ގަދަކޮށްލަން ހިތް ބޭނުންވިޔަސް މިހުރާންގެ ބާރު އިހުސާސް ކުރެވުމުން މިލީނާއަށް ޖެހެނީ އާދޭސް ކުރުމަށެވެ.
މިހުރާން މިލީނާ އާއި ދިމާލަށް ބަލަހައްޓައިގެން ހުރިއިރު ފާހަގަ ކުރެވުނީ އެ ދެލޮލުގެ ފުންކަމެވެ. ކަނޑެއްފަދައެވެ. އެލޮލުގައިވި ބާރަކުން މިލީނާއަށް ދުރުބަލައެއް ނުލެވުނެވެ. ގެނބިގެންދިޔަހެން ހީވިއެވެ. މިހުރާން މިލީނާގެ ކޯތާފަތުގައި އަތްޖައްސައިލި އެވެ. އެ ބޮޑުވާ އިނގިލި ކޯތާފަތުގައި މަޑުމަޑުން ހިންގަމުން ދިޔައިރު މިލީނާގެ ހަށިގަނޑުގެ ނާރުތަކަށް އެނގުންވިއެވެ. މިލީނާ އެއްޗެކޭ ބުނަން އުޅުމުން ބޮޑުވާ އިނގިލި ކޯތާފަތުގައި ޖައްސާލައިގެން ހުރެ އެއަތުގެ ޝަހާދަތް އިނގިލިން މިލީނާގެ ތުންފަތުގައި ޖައްސާލިއެވެ. ދެން މޫނުގެ އެކިތަންތާ އެކިގޮތްގޮތަށް އިނގިލިން ފިރުމަމުން ދިޔައިރު ދެލޯވަނީ ގުޅާލެވިފައެވެ. އިނގިލިތަކުގެ ފިރުމުމުން މޫނަށް އެކަނި ޚާއްސަވިޔަސް އަޖައިބެއްފަދަ އަސަރުކުރުވިއެވެ. އެއިން ކޮންމެ ފިރުމުމެއް، ބީހިލުމެއް މިލީނާގެ ހިތާއި ކުޅެލީ ދުވަހަކު ނުވާވަރަށެވެ. މިހުރާން އެހާ ލޯބިން އަތްލި ދުވަހެއް މިލީނާގެ ހަނދާނަކަށް ނައެވެ. އެއިން ކޮންމެ އަދާއަކުން މިލީނާގެ ހިތް އިތުރަށް ފިދާކުރުވިއެވެ. މިހުރެވުނީ ކޮންތާކު ކަމެއްވެސް މިލީނާ ހަނދާނެއްނުވިއެވެ.
"އައި ނީޑް ޔޫ....." މިހުރާން މަޑުމަޑުން ބުނެލުމުން މިލީނާ ސިއްސުވާލައިފި އެވެ. އެ ޖާދުވީ ވަގުތުކޮޅު ފެނަށްވެގެން ހިނގައްޖެއެވެ. މިހުރާން އޭނަގެ ފަރާތުން ބޭނުންވާނީ އެންމެ ކަމަކަށް ހެއްޔެވެ؟
"ވަޓް...." މިލީނާ މިހުރާންގެ އަތް މަޑުމަޑުން ދުރަށް ޖައްސައިލަން އުޅުނެވެ.
"ރިޕީޓެއް ނުކުރާނަން، އެހެންނޫނަސް އަހަރެން ކައިރިވާ އިރަށް މިލީ ބިރުން ތިއުޅެނީ ކީއްވެތަ؟ ކޮންމެ ފަހަރަކު ހީވަނީ ފަސްޓް ޓައިމްހެން، އެއީ ކީއްވެތަ؟ މިލީއަކީ އަހަރެންގެ މީހަކަށްވާއިރު އަހަރެން ބޭނުންކަމެއް ކުރެވޭނެ، އެހެންނޫނަސް ކޮންދުވަހެއް އަހަންނަށް އަންހެންކުއްޖެއްގެ ފަރާތުން ހިތްހަމަޖެހުމެއް ނުލިބޭތާ، ދެން މިލީ ބޭނުން ވަނީ އަހަރެން ނާސިން ކައިރިއަށް ފޮނުވަންތަ؟ މިލީ އަހަރެންގެ ވައިފްއަށް ނުވާނަމަ އަހަރެން އަތެއް ނުލާނަން... މިލީ، މައްސަލަ ނުޖައްސާ އަހަންނަށް ޗާންސް ދޭނީ ކޮންއިރަކުންތަ؟ ލައިކް އެނީ އަދަރ ނޯމަލް ކަޕްލް....." މިހުރާން މިލީނާގެ ފަން އިސްތަށިކޮޅުގައި ބޮސްދިނެވެ. މިލީނާ ގެ ހިތް ތެޅިލިއެވެ.
"ޓްރައިކޮށްލާނީ ދޯ....." މިހުރާން މިލީނާގެ ދަތްދޮޅީގައި ހިފާ އުފުލާލި އެވެ. އެވަރުންވެސް މިލީނާ ހުރީ އެއްޗެކޭ ނުބުނަން ވެގެންނެވެ.
މިހުރާން މިލީނާ އަތްދަނޑިމައްޗަށް އުފުލާލާފައި އޭނަގެ ލުއިކަމާއިމެދު ހައިރާންވިއެވެ. ނޫނީ އަމިއްލަ އަތުގެ މުލައްދަނޑީގެ ބާރު ހިސާބަށް ވުރެ ގަދައީއެވެ. މިލީނާ ބޮޑު ބަނޑަކާއި އެކުގައި ވެސް ބުދެއްހާ ލުއިވެފައި ކުޑައެވެ. މިލީނާ މިހުރާންގެ އަތުގައި ހިފަހައްޓަން އުޅުމުން މިހުރާންއަށް މަޖާވިއެވެ.
"ވެއްޓިދާނެތީ ބިރުންތަ؟ ހާދަ އިތުބާރެއް ނުކުރެއޭ...." މިހުރާން މިލީނާ އެނދުގައި ބޭއްވީ މަޑުމަޑުންނެވެ. މިލީނާ ވަގުތުން ތެދުވެ ބާލީހުގައި ބައްދާލައިފި އެވެ. މިހުރާން ބަދަލުނުވަނީސް އޭނަ އެއްވެސް ގުޅުމެއް ބާއްވައިފިއްޔާ އޭނަގެ ހިތަށް ލިބޭނެ އަނިޔާ ކުޑައެއް ނޫނެވެ. މީރާ ނާންނާނެ ކަމުގެ ޔަގީންކަން އޭނަ ބޭނުމެވެ. އަދި މިހުރާން ރަނގަޅު މީހަކަށްވާން މިލީނާ ބޭނުމެވެ. އޭނަ މިހުރާންއަށް އެންމެ ކަމެއް ކުރަން ފުރުސަތު ދޭކަށް ބޭނުމެއް ނޫނެވެ. އޭރުން މި ފިރިހެނާއަށް ނުވިސްނޭނެއެވެ. މިހުރާން ކޮޓަރި ތަޅުލާން ދިޔުމުން މިލީނާ އެނދުން ތެދުވެގެން ގޮސް ރީތިވާ މޭޒު ކައިރީގައި ހުރި ގޮނޑީގައި އިށީދެ އިސްތަށިގަނޑުގައި ފުނާއަޅަން ފެށިއެވެ.
"އަހަރެން ބޭނުން ވާހަކައެއް ބުނެލަން..." މިލީނާ ހިތްވަރުކޮށްލާފައި އެ ބޮޑު ދެލޮލުން މިހުރާން އާއި ދިމާލަށް ބަލައިލިއެވެ.