މިހުރާން މިލީނާ ދަސްވާހާ ދުވަސް ވެއްޖެއެވެ. އޭނަ އެތެރެއަށް ވަދެ ކިރިޔާވެސް ސުވާލެއް ކޮށްލައިފިއްޔާ މިލީނާ ރޮއިގަންނާނެ ކަން ޔަގީނެވެ. އެންމެ ރަނގަޅު ވާނީ ނުދެނެހުރި ކަމަށް ހަދައިލުމެވެ. ފޯނަށް މެސެޖެއް އައީވެސް އޭނަ އެ ޚިޔާލުގައި ހުއްޓައެވެ. މީރާކޮށްފައި ހުރި އާދޭސްތަކާއި ލޯބިވާވަރު ބުނެދީފައި ހުރިވަރުން މިހުރާންގެ ތޮބީއަތު ގޯސްވީ އިންތިހާއަށެވެ. މިހުރާން މިވަގުތު ނައިއްޔާ އަމިއްލައަށް މަރުވާނެކަމަށް އިންޒާރުކޮށްފައިވެއެވެ. މިހުރާން ފުން ނޭވަޔެއްލުމަށްފަހު ސިކުނޑި ހަމަޔަކަށް އަޅުވަން މަސައްކަތް ކުރިއެވެ. ހުރިހާ ފަރާތްތަކުން އޭނަގެ ސިކުނޑިއަށް ބާރު ބޮޑުކުރަންފެށީއެވެ.
އޭނަ ކަންނެތް ގޮތަކަށް ހިނގާލާފައި ކޮޓަރިއަށް ވަންއިރު މިލީނާ ކެހެރި ތޮފި ނަގާފައި ޖެކެޓް ބާލައިފިއެވެ. އޭރު ފްރެންޗް ދޮރުތަކުގައިވާ ފޮތިތައް އެކީގައި ދަމާލާފައި ހުރުމުން ކޮޓަރިއަށް ވެރިވެފައި ވަނީ ފަނޑު އަނދިރިކަމެކެވެ. މިލީނާ މިވަގުތު ބޭނުމީ އެކަނިވެރިކަމާއި، އަނދިރި ކަމެވެ. ބާރަކަށް ތުންފަތުގައި ދަތްއަޅާލައިގެން ހުރެ އޭނަ ކަރުނަ ހިފަހައްޓަން މަސައްކަތް ކުރިއެވެ.
"މިލީ، ސްވީޓްހާޓް، ބޭބީ ފީޑް ކުރާ ގަޑި ޖެހުނީމަ ރޯނެ، ޝެލް އޭރުން ގޮވައިގެން އަންނާނެ، މިގަޑީގައި މިހިރީ ކަމަކާއި ބޯ ގޮވާފައި، ބޭނުން ސިކުނޑި ރިލެކްސްކޮށްލަން، އައި ނީޑް ޔޫ...." މިހުރާން މިލީނާގެ ކޮނޑުގައި ތުންފަތް ޖައްސައިލުމުން މިލީނާއަށް ތެޅިގެންފައި ދުރަށް ޖެހިލެވުނެވެ. ކޮންމެ ފަހަރަކު މިހުރާން މިގޮތަށް ހަދައިގެން އޭނަގެ ހިތް އަނބުރުވާލަނީއެވެ. މިފަހަރު މިހުރާން ޖަވާބެއް ދޭންވާނެއެވެ. ކޮންމެވެސް އެކަކު ދޫކޮށްލާން ޖެހޭނެއެވެ.
މިލީނާ ހެދިގޮތުން މިހުރާން ހުރީ ގަބޫލުކުރަން ދަތިވެފައެވެ. ސަބަބަކާއި ނުލައި މިލީނާ މިގޮތަށް އޭނަގެ ބޭނުން ތަކުގައި ކޮޅުފައިން ޖަހަންވީމަ އޭނަގެ ބުމަ ގޮށް ޖެހުނެވެ. ލޯ ހަނިކޮށްލާފައި ތަންކޮޅެއް ބާރަކަށް މިލީނާ ގެ ކޮނޑުގައި ހިފާފައި އޭނައާއި ދިމާލަށް ގަދަކަމުން އަނބުރައިލަން އުޅުނެވެ.
"ދުރުގައި ހުރެބަލަ.... އަހަރެން ބޭނުމެއް ނުވެޔޭ ބުނީމަ....." މިލީނާ އަށް ތަންކޮޅެއް ބާރަށް ބުނެވުނީ އޭނަ ރުޅިގަދަވެފައި ހުރެވުނު ވަރުންނެވެ. މިލީނާ ބުނަން އުޅުނު ޖުމްލަ މިހުރާން ފުރިހަމަ ވިޔަކަ ނުދިނެވެ. އޭނަ ގެ ކުއްލި ރުޅިގަނޑު ހިލިގަތީ އެނގުމަކާއި ނުލައެވެ. މިލީނާ އާއި ކައިވެނި ކުރި ފަހުންވެސް އެހާ ބޮޑަށް ރުޅިގަދަވިކަމެއް ނޭގުނެވެ. އެފަދަ ވަގުތެއްގައި އެންމެ އަނިޔާ ކުރެވެނީ އެންމެ ގާތް މީހަކަށެވެ. ކުޑައިރުވެސް އޭނަގެ މަންމަގެ ގައިގައި ދަތްއަޅައިގެން ފައިން ޖަހައި ސަލާމަތްނުވާ ހިސާބަށް ދަނީ މިހުރާން ރުޅިގަދަވެގެން މޮޔަވާވަރު ވާ ވަގުތު ތަކުގައެވެ. އޭނަ މިލީނާގެ ގައިގައި ވާ އެއްޗެއް ދަމައިގެންފާ ދޫލަމައްޗަށް ކޮށްޕާލިއިރު މިލީނާއަށް ތަދުވާނެވަރެއް ހިތަކަށް ނޭރިއެވެ. އަނިޔާވެދާނެ ކަމަށްވެސް ވިސްނައެއް ނުލިއެވެ. ދޫލަމަތީގައި ޖެހުނުގޮތަށް އޭނަ އޮތީ ފިޔަކޮށާފައި އެއްލައިލެވުނު ކުޑަ ޕަރީއެއް ހެންނެވެ. މިލީނާ ބާރަކަށް ރޯންފެށުމުން އަދި އަނގަމަތީގައި އަތުން ޖަހާފައި ހިމޭންވާން އެންގިއެވެ. މިހުރާން ރުޅީގައި ހުރެ ފަހުން ހިތާމަކުރާނެހާ އަނިޔާއެއް ދީފައި ނުކުމެގެން ގޮސް ބެލްކަނީގައި ހުރެ ރެއިލިންގައި ބާރަކަށް އަތުން ޖަހާލައިފި އެވެ. އޭރު އިރުއޮއްސި ފިނިކަން ގަދަވާންފަށައިފިއެވެ.
"މިލީނާ ހީކޮށްގެން އުޅެނީ ކީކޭތަ؟ ހިތަށް އަރާއިރަށް ރުޅިއައީ، އަހަރެންގެ ފީލިންގްސްތައް އެއްޗަކަށް ނުވޭ، އަހަރެން އަނގައިން ލޯބިވެޔޭ ނުބުނިއްޔާ އެވަރު ނޭގެނީތަ؟ ރަގަޅަށް އެނގޭނެ އެކަމަކު..." މިހުރާން ގަމީހުގެ ގޮށްތައް އަޅުވަންފެށީ ތަންކޮޅެއް ފިނިގަދަވާހެން ހީވެގެންނެވެ. ތަރުތީބެއްނެތި ހޭވިފައިވާ ރީތި އިސްތަށިގަނޑު އަތުން ރީތިކޮށްލައިފި އެވެ. އެވަގުތު މިޝެލިން މިންކު ކޮނޑުމަތީގައި ބާއްވައިގެން ސިޑިން އަރައިގެން އައެވެ.
"ދޮންތި ފެންވަރަނީ، ގެނޭ ބޭބީ، ޝެލްވެސް ދެން ބޭބީއެއް ހޯދަން އުޅެބަލަ، އޭރުން މިންކު އާއި އެކީގައި ކުޅޭނެ ފްރެންޑުން ގިނަވާނެ....." މިހުރާން މިންކުގެ ކޮލުގައި ފިރުމައިލި އެވެ.
"ހެހެ ޓްރައި ކުރާނީ......." މިޝެލިން މިންކުއަށް ދޮނެއް ދީފައި ދާން ހިނގައިގަތުމުން މިހުރާން މިންކުގެ ދެލޮލަށް ބަލައިލީ ހިތް ބަންޑުންވާފަދަ ނަޒަރަކުންނެވެ. މިއީ އޭނަގެ ދުނިޔެއެވެ. ފުރާނައެވެ. ކުޑަ ދަރިފުޅު ހީލިތަން ފެނުމާއިއެކު މިހުރާންގެ ހިތުގައިވިހާ ރުޅިވެރިކަމެއް އެއްކޮށް ފިލައި ހިތަށް ފިނިވިގޮތުން ހީވީ ދުނިޔޭގެ ހުރިހާ އުފާތަކެއް އެއްފަހަރާ ފައިދަށަށް އޮއްސައިލެވުނު ހެންނެވެ. ދުނިޔޭގެ ވެރިކަން ލިބުނަސް މިފަދަ އުފަލެއް ލިބޭނެކަމެއް ނޭގެއެވެ. އެ ތުއްތު އެންމެ ހީލުމަކަށްޓަކައި އޭނަ ފުރާނަ ދުއްވާލަފާނެއެވެ. މިހުރާން ލޯބިން މިންކު އާއި ވާހަކަ ދެއްކުމުން މިންކު ހީހީއޮވެ އެއްޗެކޭ ބުނެލަން މަސައްކަތްކުރިއެވެ. މިހުރާން އާއި ހަތަރުކަޅިހަމަކޮށްލައިގެން ބަލަހައްޓައިގެން އޮތްގޮތުން ހީވަނީ މިހުރާން ބުނާ ކޮންމެ އެއްޗެއް ދޭހަވާހެންނެވެ.
މިހުރާން އެވަގުތު މިލީނާގެ މަތިން ހަނދާންވެ އަމިއްލަ ނަފުސްދެކެ ރުޅިއާދެވުނެވެ. ކިތަންމެ ރުޅިގަދަވިޔަސް މިލީނާއަށް އެގޮތަށް އަނިޔާކުރެވިގެން ނުވާނެއެވެ. އޭނަގެ ޝައިތޯނީ ބައި ހިލިގެންދާއިރު ހަމަހޭވެރިކަން ނުހުންނަނީ އެވެ. މިހުރާން މިންކު އުރާލައިގެންގޮސް ކޮޓަރީގެ ދޮރު ހުޅުވާލިއިރު މިލީނާ ފެންނާކަށް ނެތެވެ. ފާޚާނާއިން ޝަވަރަށް ދޫކޮށްލާފައި ހުރި އަޑުއިވުނެވެ. މިހުރާން ދޮރުގައި ތަންކޮޅެއް ބާރަށް އަތުން ޖަހާލާފައި މިންކު ރޮނީއޭ އަވަސްކުރާށޭ ބުނުމުން ޝަވަރު ބަންދުކޮށްލި އަޑުއިވުނެވެ. މިހުރާން ދަރިފުޅު ބަނޑުމަތީގައި ބާއްވައިގެން އޮވެ މިލީނާއަށް އިންތިޒާރު ކުރަނިކޮށް މިލީނާ ދޮރު ހުޅުވާލާފައި ނުކުތެވެ. މިލީނާ ހިމޭނުން އިދެ މިންކު އުނގުގައި ބާއްވައިގެން ދަރިފުޅުގެ ފަން އިސްތަށިގަނޑުގައި ފިރުމާލިއެވެ.
"މިލީ، ތަދުވިތަ؟ އަހަންނަށް ނޭގޭ އޭރުވެފައި ހުރިގޮތެއް، އެހެންނޫނަސް މިއަދު މޫޑީވެފައި ހުއްޓާ މިލީ އެގޮތަށް ހެދީމަ ކޮންޓްރޯލް ނުވީ، އައިސްބްލޮކް އެޅީމަ ރަނގަޅުވާނެ، ނިދާގަޑީގައި އަދި މަސާޖްކޮށް ދޭނަން....." މިހުރާން މިލީނާގެ ފެޅިފައިވާ ތުންފަތުގައި އަތްޖައްސާލައިފާ ތެދުވެގެން ދާން ހިނގައިގަތެވެ.
މިހުރާން އިރުކޮޅަކުން އައީ އައިސްބްލޮކްތައް ހިފައިގެންނެވެ.
"މިލީ، ސޭ ސަމްތިން، އަހަންނަށް އެކުރެވުނީ ގޯސްކަމެއް، އޭރު މާ ރުޅިގަދަވެފައި ހުރީމަ އެހެން އެވީ، ހާޓްކުރެވުނީމަ ސޮރީ، އައިމް ރިއަލީ ސޮރީ، ދެން ނުވާނެ އެހެނެއް. އައި ޕްރޮމިސް.........." މިހުރާން މިލީނާގެ ތުންފަތުގައި ގަނޑުފެން އަޅައިދޭން ފެށުމުން މިލީނާގެ ލޮލުގައި ފޮރުވިފައިވާ ކަރުނަތައް ކޯތާފަތް މަތިން ދެމިގަތެވެ. މިހުރާން މިލީނާގެ ތެމިފައިވާ ކޯތާފަތުގައި ބޮސްދެމުން ނުރޯން އެދުނެވެ. އެވަރުންވެސް މިލީނާ އަނގައިން ބުނާކަށް ނޫޅުނެވެ. އެއަށްވުރެ މާ ބޮޑަށް އެހިތަށްވަނީ ތަދުވެފައެވެ.
މިންކު ނިދާލުމުން މިހުރާން މިންކު ނަގާފައި ތަންމަތީގައި ބޭއްވިއެވެ. އޭރުވެސް ކޮޓަރީގައި ވަނީ ނިދާ ބޮކީގެ ފަނޑު އަލިކަމެވެ. މިލީނާ މިހާރު އިނީ ރުއިން ހުއްޓާލާފައެވެ. ރުއިމުގެ ބޭނުމަކީ ކޮބާހެއްޔެވެ؟ އޭނައެކޭ މީރާއެކޭ މިހުރާންގެ ގާތުގައި ތަފާތެއް ނެތްކަން މިއަދު މިލީނާއަށް ޔަގީންވެއްޖެއެވެ. މީރާ ދެއްކި ވާހަކަތަކުގެ ތެދުކަން މިހުރާން ސާބިތުކޮށްދިނީއެވެ. މިހުރާންގެ ފުރަތަމަ ލޯބިވީމަ އަދިވެސް ބޮޑަށް ލޯބިވަނީ އެކުއްޖާ ދެކެ ކަންނޭގެއެވެ. މީރާއާއި ދޭތެރޭގައިވެސް މިހާ އިހާނެތިކޮށް ކަންތައްކޮށްފާނެ ކަމަށް ހަމަ ގަބޫލުނު ކުރެވެނީ އެވެ. މިލީނާ ތެދުވެގެން ގޮސް ލޯގަނޑު ކައިރީގައި އިށީދެ އިސްތަށިގަނޑުގައި ފުނާއަޅާލާފައި ވޫލްކޮޅު އައްސާލިއެވެ. މިހުރާން ފަހަތުންގޮސް މޭޒުމަތީގައި ދެއަތް ވިއްދާލުމުން މިލީނާ ހައްޔަރުވިއެވެ. ދެން ތެދުވެގެން ދުރަކަށްވެސް ނުދެވޭނެއެވެ.
"ބޭބީ، ފޮގިވް ނުކުރާނީތަ؟" މިހުރާން މިލީނާގެ މޭމަތީގައި އަތް އަޅުވާލުމުން މިލީނާގެ ގައިގައި ކަރަންޓުގެ ރާޅެއް ދަތުރުކޮށްލިއެވެ.
"އަހަރެން ބޭނުން ދުވަސްކޮޅަކަށް މަންމަމެން ގާތަށް ދާން..." މިލީނާ އެ އަތް ނައްޓުވާލަން އުޅުނީ ހިތަށް އުދަގޫ ނުވާތީއެއް ނޫނެވެ. މިހުރާންދެކެ އިންތިހާއަށް ލޯބިވާއިރުވެސް މިހުރާންގެ މިޒާޖުގެ ސަބަބުން އޭނައަށް އެކީގައި އުޅެން ފަސޭހަ ނުވަނީއެވެ. އެއްފަހަރު ލޯބިން އުޅުނިއްޔާ އަނެއްފަހަރު ކޮންމެފަދަ އަނިޔާއެއްވެސް ކޮށްލަފާނެއެވެ. އޭނައަށް އޮންނާނީ ކޮން އިތުބާރެއް ހެއްޔެވެ؟ މިންކުއަށް އެއިން މަންޒަރެއް ފެނިއްޖެއްޔާ އެ ޅަހިތަށް އަސަރުނުކޮށް ނުދާނެ ގޮތެއްނެތެވެ.
"އަހަންނާއި އަހަރެންގެ ދަރިފުޅު ސެޕެރޭޓްކުރަން އުޅޭއިރު ބޭބީގެ ހިތަށް އެއްވެސް އެއްޗެއް ނާރަނީތަ؟ އެހެނެއް ނެހެދޭނެ އަހަރެންގެ ފުރާނަ ހުރެގެން، މިލީ އާއި މިންކު އަހަންނާއި ވަކިކުރެވޭނެ އެއްވެސް ބާރެއް ދުނިޔެއަކު ނެތް، އަހަރެން ގަބޫލުކުރަން އަހަންނަށް އެހެދުނީ ގޯހެއްކަން، މިލީއަށް އެހެން މީހުންގެ ގޮތް ނޭގޭތީ މިފަދަ ކަންތައްތައް އިޝޫއަކަށް ހަދަނީ...." މިހުރާން ރީތިވާ މޭޒުމަތީގައި އަތުން ޖެހިއެވެ. މިހުރާން ބަދަލުވާނީ ކިހިނެއްހެއްޔެވެ؟ މިހާރުވެސް ރުޅިއެއައީ އެވަރުގެ ކުޑަ ކުޑަ ބަހެއް ބުނެލީމައެވެ.
މިލީނާ ތެދުވެގެން ދާން ހިނގައިގަތުމުން މިހުރާން އަތުގައި ހިފާ ގާތަށް ދަމައިގަތެވެ. އެދޭތެރެއަށް ހިޔަންޏަކަށް ނުވަދެވޭނެހާ ކާރިކޮށްލާފައި މިހުރާން މިލީނާގެ ކޯތާފަތުގައި ފިރުމާލިއެވެ.
"ކީއްވެތަ އަހަންނާއި ދުރަށް ދާން ބޭނުންވަނީ...." މިހުރާން ހިނިތުންވެލިއެވެ.
"ރެން ސައިކޯވާ ފަހަރު ވާނުވާ ނޭގޭތީ...." މިލީނާ ޖެހިލުމެއްނެތި މިހުރާން އާއި ހަތަރުކަޅި ހަމަކޮށްލި އެވެ. އެ ބޮޑު ދެލޮލުގައި އެތައް ޝަކުވާއެއްވެއެވެ. މީރާގެ ވާހަކަ މިވަގުތު ދައްކަން ވެއްޖެއްޔާ އަނެއްކާ އޭނަ ޖަޒުބާތީވެގެން މޮޔަވެދާނެއެވެ. އެހެންނޫންނަމަ މީރާގެ ވާހަކަ ބުނެވުނީހެވެ. މިހުރާން މިގޮތަށް އޭނައަށް ބާރު ހިންގުމުގެ ބޭނުމަކީ މިންކު އޮތީމަހެއްޔެވެ؟ ދަރިފުޅު ނެތްނަމަ މިހާރު ދޫކޮށްލަފާނެކަން ނޭގެއެވެ. ބިރުގަންނަނީ މިންކު އާއި ވަކިވެދާނެތީއެވެ. ދަރިފުޅު ވާނީ މަންމަ އާއި އެކީގައިކަން މިހުރާންއަށް ޔަގީންވާތީއެވެ. މިހުރާން ހޭންފެށުމުން މިލީނާގެ ލޮލުގައި ކަރުނަ ގިނަވާން ފެށިތަން ފެނުމުން މިހުރާންގެ ހިތަށް އަސަރުކުރިއެވެ.
"މިލީ، އަހަންނަށް އެނގޭ މިލީ ދެރަވާނެވަރު، ލޯބިވާ މީހެއްގެ ފަރާތުން އެކްސްޕެކްޓެއް ނުކުރެވޭނެ މިފަދަ ކަމަކަށް، ލޯބިވަންޏާ އަނިޔާއެއްނުކުރާނެ، ނަމަވެސް އަހަރެން ރުޅި އަންނަ ވަގުތު އެންމެ ލޯބިވާ ކުއްޖާއަށް ކަންނޭގޭ މި ހާޓް ކުރެވެނީ، ބޭބީ އަހަންނަށް މާފުކޮށް ދީ ޕްލީޒް......" މިހުރާން މިލީނާގެ ކަރުނައިން ފުރެމުން ދިޔަ ދެލޮލުގައި ބޮސްދެމުން އަނެއްކާވެސް މާފަށް އެދުނެވެ.
"އަހަރެން ދެކެ ލޯތްބެއްނުވޭ އެހެން ނޫންނަމަ މިހާ އަނިޔާއެއް ނުކުރާނެ...." މިލީނާ ދެލޯ ނުހުޅުވަން ހުއްޓާ މިހުރާން ކުރިކަމަކުން މިލީނާ ނޭވާ ހުސްވާވަރުވިއެވެ. ހީވީ އަދަބެއް ދޭން ބޭނުންވިހެންނެވެ. ނަމަވެސް މިފަހަރު ލޯބިންނެވެ.
"ޑޭމް އައި ލަވް ޔޫ މިލީ..... އަދި އަހަންނަށް އެނގޭ މިލީވެސް އަހަރެންދެކެ ލޯބިވާކަން، ނޫނެކޭ ބުނެބަލަ......." މިހުރާން ގެ އެ ލަފުޒުތަކުން މިލީނާގެ ހިތް ފުރިގެންދިޔައެވެ. އެއީ އަބަދުވެސް އޭނަ އަޑުއަހަން ބޭނުންވި ލަފުޒުތަކެވެ. ހާދަ އިންތިޒާރެއް ކުރެވިއްޖެއެވެ. އެ ލަފުޒުތަކުން ހިތުގައިވާހާ ޒަޚަމްތަކެއް ގަނޑުފެނުން ތެންމާލަދިންހެން ހީވެއްޖެއެވެ. ކަރުނަތައްވެސް ހުއްޓިއްޖެއެވެ. ކަރުނައިގެ ތެރެއިންވެސް އެ ބޯ އެސްފިޔަތައް ހިއްލައިލާފައި މިހުރާންގެ ލޮލަށް ބަލައިލެވުނުއިރު ލޯ ހިނިތުންވާހެން ހީވިއެވެ. ދެލޯ ގުޅިގެން ދިޔައެވެ. އެގޮތަށް ލޮލަށް ބަލަހައްޓައިގެން ގެއްލިފައި ތިބެވުނީ ކިހާއިރެއް ވާންދެންކަމެއްވެސް ނޭގުނެވެ. މިހުރާން ކުރި އެއްވެސް ކަމެއް އެވަގުތު މިލީނާ ހުއްޓުވަން ބޭނުމެއްނުވިއެވެ. މިހުރާން އޭނަދެކެ ލޯބިވާކަމަށް މިއަދު ހިތާއި ރޫހުވެސް ގަބޫލުކޮށްފިއެވެ.
ހެނދުނު މިހުރާން އޮފީހަށް ދިޔަފަހުން މިލީނާ ތެދުވެ އުޅުނީ އެހެން ދުވަހެކޭ އެއްފަދައިން ހަވީރު ގެ ހާދިސާ ހިތުން ފިލުވާލައިގެން މިހުރާން އާއި އެކީގައި ކޮންމެ ހާލެއްގައި އުޅުމަށް ނިންމައިގެންނެވެ. މީރާގެ ވާހަކަ މިހުރާން އާއި ދެއްކުމަށް ހިތްވަރުގަދަ ކުއްޖަކަށް ވާން އޭނަ ޖެހޭނެއެވެ. ހިތްވަރެއްނެތި މިހުރާން އާއި އެފަދަ ނާޒުކު މައުޟޫއަކާއިގެން ކުރިމަތިލާން ވެއްޖެއްޔާ ރުއިން ނޫންކަމެއް އޭނައަކަށް ނުކުރެވޭނެއެވެ.
މިލީނާ މިންކު ނިންދަވާފައި ތިރިއަށް އައީ ހޫނު ޗޮކްލެޓެއް ބޯންކަމަށެވެ. ކޮރިޑޯގެ ބޯ ދޫލަމަތިން ހިނގައިގަތްތަނާ މީރާ އަންނަތަން ފެނުމުން މިލީނާ ހީކުރީ ހުވަފެނެއް ފެނުނީކަމަށެވެ. މީރާ އަށް މިގެއަށް ވަނުމުގެ ހިތްވަރު ލިބުނީ ކިހިނެއް ހެއްޔެވެ؟ ރީތިކަމުން ފޮނިވެފައިވާހެންވެސް ހީވިއެވެ. މޭކަޕްގެ އަސަރެއްނެތް ނަމަވެސް މޫނުގެ ފުރިހަމަކަމާއި، ހަށިގަނޑުގެ ރީތިކަމުން މިލީނާ ހައިރާންވިއެވެ. މިލީނާއަށް ތިމާގެ ކުޑަކަން އިހުސާސްކުރެވި ހިތަށް ތަދުވިއެވެ. މި އަންހެންކުއްޖާއާއި އޭނައަށް ވާދަކުރެވޭނީ ކިހިނެއްހެއްޔެވެ؟ ހީވަނީ މޮޑެލްއެއްހެންނެވެ. މިހުރާން އާއި އިސްކޮޅު އެންމެ ގުޅޭވަރެވެ. ހީވަނީ އެކަކު އަނެކަކަށްޓަކައި ހައްދަވާފައިވާ ހެންނެވެ.
"މިގޭގައި ކީއްކުރަނީތަ؟" މިލީނާ ދެލޯ ބޮޑުކޮށްލިއެވެ.
"އަހަރެން މިގެއަށް މޫވް ކުރީ.. ކޮބާ މައްސަލައަކީ؟ އަހަރެން ނޫޅޭނަން ތި ރޫމްގައި... ރެން ބުނާހެން ވިހެއީމަ މިހާރު ކުރިއަށް ވުރެ ހިކި، ތިވަރު ކުއްޖަކުން ބޮޑު މާ ސިންގާ ފިރިހެނަކު ކީއްކުރާނީތަ؟ ދެ މިނިޓުން ޓަޔަޑް ވޭ ދޯ، ރެން މަގޭ ގާތުގައި ހުރިހާ ވާހަކައެއް ކިޔާދޭ........" މީރާ ހުރީ ނުލަފާ ފާޑަކަށް ހިނިއައިސްފައެވެ.
"ހެވޭ ދެން......." މިލީނާގެ މޫނު ރަތްވިއެވެ. މި އަންހެނާ ގާތުގައި މިހުރާން އޭނަގެ ވާހަކަ ދައްކަނީ ބާވައެވެ. ގަބޫލެއް ނުކުރެވެއެވެ. އަމިއްލައަށް ހިތަށް އަރާ އެއްޗެހިކަން ޔަގީނެވެ. މިހުރާން އެހާ ދަށް ފެންވަރަކަށް ވެއްޓިއެއް ނުގަންނާނެއެވެ. އެހެންނޫންނަމަ މީރާ އޭ ކިޔާފައި އޭނަ ގާތުގައި އެއްވެސް ވާހަކައެއް ބުނާނެތާއެވެ.
"ކުޑަ ބިޗް، ހީވޭތަ މަގޭ ރެން ޖަހައިގެން ކަލެއަށް ހަމަޖެހިލައިގެން އުޅެވޭނެހެން....." މީރާ ކުއްލި އަކަށް މިލީނާ ކޮށްޕާލަން އުޅުމުން މިލީނާ އަށް އެއްފަރާތަކަށް ޖެހިލެވުނެވެ. އެހެންނޫންނަމަ ސިޑިން ވެއްޓުނީސް ކަން ޔަގީނެވެ. އެއާއި އެކު އޭނަ މިސްރާބުޖެހީ ކޮޓަރި އާއި ދިމާލަށެވެ. މީރާ ފަހަތުން ދާން އުޅުމުން ކޮންމެވެސް ގޮތަކުން ފައި އަރިއަޅާލާފައި އޭނަ ވެއްޓުނުކަމީ މިލީނާގެ ނަސީބެވެ. އެހެންނޫންނަމަ މީރާއަށް ވުރެ ވަރުގަދަވާނެހެނެއް ހިޔެއްނުވެއެވެ. މިލީނާ ކޮޓަރީގެ ތަންޑުތައް އަޅާލާފައިގޮސް މިންކު ތަންމަތިން ނަގައި މޭގައި ޖައްސާ ބާރުކޮށްލި އިރު ބިރުން ރޫރޫއަޅަމުން ދިޔައެވެ. މީރާ އުޅުނީ އޭނަ މަރާލާށެވެ. ހާދަ ބިރުވެރި މީހެކެވެ. މިލީނާ ގުޅަންވީ ފަރާތެއް ނޭގިފައި އިނދެފައި ހަނދާންވީ ރަފާއިލް މަތިންނެވެ. ރަފާއިލް މިގަޑީގައި ގޭގައި އުޅޭކަން ޔަގީނެވެ.
މިލީނާ ދޮރު ހުޅުވީ ރަފާއިލް ދޮރު ކައިރީގައި ހުރިކަން ޔަގީން ކުރުމަށްފަހުގައެވެ.
"ރަފޭލް، މީރާ ދެންމެ މިތަނަށް އައީމަ ވަރަށް ބިރުގަނެއްޖެ، އަހަރެން ބޭނުމީ ގެއަށް ދާން، ރަފޭލް އަހަރެން ގެންގޮސްދީފާނަންތަ؟" މިލީނާ ހުރީ އިންތިހާއަށް ބިރުގެންފައެވެ. ރަފާއިލް ހައިރާންވިއެވެ. މިހުރާން އަދިވެސް އެ ނުލަފާ އަންހެންކުއްޖާ އާއި ގުޅުން އޮތީހެއްޔެވެ؟ ގުޅުން ނެތްނަމަ މީރާއަށް މިގެއަށް އަންނާކަށް ނުކެރޭނެކަން ޔަގީނެވެ. ރަފާއިލް ގާތު ކަންތައް ހިނގިގޮތް ކިޔައިދެމުން މިލީނާ ސިޑިން ފޭބިއެވެ. އޭރުވެސް އޭނަގެ ހިތް ތެޅޭވަރުން ހީވަނީ މޭކަށިގަނޑު ފަޅާލާފައި ނުކުމެދާނެހެންނެވެ. މިލީނާ ރަފާއިލް ލައްވާ ވައުދުކުރުވީ އެ ހާދިސާގެ ވާހަކަ އެހެން މީހުންނަށް ސިއްރުކުރުމަށެވެ.
މިހުރާން ބޭނުންވެގެން މީރާ ގެއަށް ގެނައިމަ ކޮންމެހެން މީރާގެ ކުށް އެހެން މީހުންނަށް ދެއްކުމުގެ މާނައެއް ނެތެވެ. ހީކުރާނީ އޭނަ ހަސަދަވެރިވެގެން މީރާ އާއި ބެހޭގޮތުން ދޮގު ވާހަކަތައް ފަތުރަނީ ކަމަށެވެ. މީރާ ހުންނާނީ އެހެން މީހުންގެ ކުރިމަތީގައި އެހާ މާތްވެގެންނެވެ. އޭނަ އެމީހުންގެ ހަޔާތުން އަބަދަށްޓަކައި ދުރަށް ދިޔައިމާ އެނިމުނީއެވެ.
މިހުރާން ގެއަށް އައުމާއިއެކު ލިބުނު ޚަބަރަކުން ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. އޭނަގެ ގާތުގައި ނުބުނެ މިލީނާ ގެއިން ދާން ޖެހުނީ ކީއްވެހެއްޔެވެ؟ އެގޮތަށް އޭނަގެ ހިތާއި ކުޅެލަންވީ ކީއްވެހެއްޔެވެ؟ މިލީނާ ހެނދުނު ވާހަކަ ދެއްކީ އެހާ ރީތިކޮށެވެ. ދެމީހުން އެކީގައި ބަބްލް ބާތެއް ނަގައިގެން އެހާ ލޯބިން އުޅެލާފައެވެ. ދެން މިވަރަށް އޮޅުވާލަން ވާނެހެއްޔެވެ؟ މިހުރާން ކޮޓަރިއަށް ވަންގޮތަށް ހުރިހާ އެއްޗެއް ހޫރާލަން ބޭނުންވިއެވެ. ނަމަވެސް އޭނަ މިލީނާ ގާތުވަނީ އެފަދަކަމެއް ނުކުރަން އަލުން ވައުދުވެފައެވެ. ކެތްކުރެވޭނެ އެންމެ މައްޗަށް ކެތްކުރަމުން އޭނަ އަމިއްލަ ނަފުސްގެ މައްޗަށް ކުރި ހޯދިއެވެ. އޭނަ ކޮޓަރިން ބޭރަށް ނުކުތެވެ.
"ބޭބީ... ޕްލީޒް ކަމްބެކް ހޯމް.." މިހުރާން ކޮށްލީ މެސެޖެކެވެ. އެ މެސެޖް ގެ ޖަވާބު ފޮނުވުމަކީ މިލީނާ ބޭނުންވިކަމެއްހެން ހިޔެއްނުވިއެވެ. ބައިގަޑިވީއިރު ޖަވާބެއް ނުލިބުނެވެ. މިލީނާގެ މިޒާޖުގައި އެހެރަ ގޮތްދޫނުކުރާ ގޮތުގެ ސަބަބުން އޭނަގެ ދިރިއުޅުން ހަލާކުވެގެން ހިނގައިދާނެ އެވެ. ލޯބިވާ އާއިލާ އަކާއިއެކު ހަމަޖެހޭ ހަރުދަނާ ދިރިއުޅުމެއް ބިނާކުރަން އޭނަ އެޅި ބިންގާ ފުނޑުފުނޑުވެގެން ދަނީ އެވެ. އަމިއްލަ ރުޅިގަދަކަމުން ކުރެވުނު ކަމަކަށް އޭނަވަނީ މާފަށް އެދިފައެވެ. މިލީނާ ގަބޫލުނުކުރީއެވެ. އެހާ ދީންވެރި، ރަނގަޅުކުއްޖަކު އެގޮތަށް ހަދަންވެއްޖެއްޔާ އޭނަ ދުނިޔެއިން އިތުބާރުކުރަންވީ ކާކަށްހެއްޔެވެ؟
މިހުރާން ކޮޓަރިއަށް ވަންގޮތަށް އެނދުގައި އޮށޯވެލައިގެން އޮތީ މެންދުރު ނުވެސް ކައެވެ. އެލީސާމެންނަކަށް އޭރު މިހުރާން ގޭގައި އުޅޭކަމެއް އެނގިފައެއްނެތެވެ. އެމީހުން ހީކުރީ މިލީނާ ބަލާ ދިޔައީކަމުގައެވެ. މިހުރާން އިރުއޮއްސުމުން ކޮޓަރީގެ ބޮކިތައް ނުދިއްލާ އަނދިރީގައި އޮވެގެން ހިތާމަކުރަމުން ދިޔައިރު އެކަން ދެނެހުރި މީހަކު ނެތެވެ. މިހުރާން އޭނަގެ ހިތާމަ އެހެން މީހަކާއި ހިއްސާކުރާކަށް ބޭނުމެއްނުވިއެވެ. މިލީނާއަށް މާފުދޭހިތެއްވެސް ނުވިއެވެ. އޭނަ ރޭގައި މިލީނާ ގާތުގައި ލޯބިވާކަމަށް ބުނެފައި ދެއްކި ވާހަކަތަކުން އޭނަ ލޯބިވާވަރު ވާނީ ސާބިތުކޮށްދީފައެވެ. އޭނަ މިލީނާގެ ފައިތިލައިގައި ބޮސްދީފައިވެސް މާފަށް އެދުނެވެ. އެފަދަކަމެއް ނުހިގާނެކަމުގެ ޔަގީންކަން ދިނެވެ. އެދޭތެރޭގައި ރޭގައި ހިނގިކަންތަކަށް ފަހު އެގޮތަށް މިލީނާ ދިޔުމުން މިލީނާގެ އިޚުލާސްތެރިކަމެއް ނެތްކަން އަންގައިދިނީއެވެ. އޭނަގެ ފުރާނަފަދަ ލޯބިވާ ދަރިފުޅު މިންކުއާއި ނުލައި ހަޔާތުގެ އެންމެ ދުވަހެއްވެސް ހަމަޖެހިލައިގެން ނޫޅެވޭނެކަން އެވަރަށް އަންގައިދިނީމަ އެދިނީ ކޮންފަދަ ބޮޑު އަނިޔާއެއްހެއްޔެވެ؟ އެންމެ ރަނގަޅެވެ. މިލީނާ މިހުރާންގެ ފަރާތުން ބަދަލު ހިފީއެވެ.
މިހުރާން ޖިސްމާނީ ގޮތުން ދިން އަނިޔާތަކުގެ ބަދަލު މިލީނާއަށް ހިފަން އެނގުނީ މިންކު މެދުވެރިކޮށެވެ. އޭނަގެ ބަލިފަޔަކީ މިންކުކަން އެނގިގެން މިންކު ދުރަށް ގެންދިޔައީއެވެ.
އިއްބާނު އާއި މިޝެލިން ގަސްތަކުގެ ތެރޭގައި ދުވެދުވެފައި އުޅުނުއިރު މިޝެލިން ހުރި ވައިލެޓްކުލައިގެ ޓީޝާޓަކާއި، ސްކިނީއެއް ލައިގެންނެވެ. ޖެކެޓް އުނަގަނޑުގައި އައްސާލާފައި އޮތީ ކޮންމެ ވަގުތަކުވެސް މާ ފިނިވެއްޖެއްޔާ ލެވޭގޮތަށެވެ. ގަސްތަކުގެ ދަށުގައި ހިކިފައިވާ ފަތްތަކުގެ މަތިން ހިނގާއިރު މުރަނައަޑެއް ފަޒާގައި ހަރުލާފައިވެއެވެ. ޚަރީފު މޫސުމް ނިމި ކޮންމެ ވަގުތަކުވެސް ދެން ފިނި މޫސުމް ފެށިދާނެއެވެ.
އިއްބާނު އާއި މިޝެލިން އަތު ގުޅުވާލައިގެން ހިނގަމުންގޮސް އެގެއާއި ފުދޭވަރަކަށް ކާރީގައި ހުރި ގަބުރުސްތާނަކާއި ހަމަޔަށް ދިޔައެވެ. އިއްބާނު ބުނީ މިތާގައި އާއިލާގެ ބައެއް މީހުން ވަޅުލާފައިވާނެ ކަމަށެވެ. އެގަބުރުސްތާނު ވެސް ހީވަނީ ބަގީޗާއެއްހެންނެވެ. ރީތިގަސްތައް އިންދާފައިވާތީ އެހާ ހިޔާބޮޑެވެ. ޚާންދާނުގެ މަރުވެފައިވާ ކުރީގެ މެމްބަރުންނަށް ޒިޔާރާތްކުރުމަށްފަހު މިޝެލިން އޭނަ މަރުވީ ދުވަހަކުން ވަޅުލާންވީ ބިންކޮޅު ދެއްކިއެވެ. އަދި އިއްބާނު ގާތުގައި ކޮންމެ ދުވަހަކު މާ އަޅައިދޭން އެދުމުން އިއްބާނު މިޝެލިންގެ ކޮލުގައި ބާރަކަށް ވިކައިގަތެވެ. މިޝެލިން މަރުވެއްޖެއްޔާ އޭނަ އެތަން ދެކެން ދުނިޔޭގައި ނުހުންނާނެ ކަމަށް ބުނެލުމުން މިޝެލިންގެ ހިތަށް އެހެން ކަހަލަ ގޮތެއްވިއެވެ. މަރުގެ ވާހަކަ ދެކެވުނުކަމުގެ މޮޔަހީވިއެވެ. އޭނަވެސް އެހާ އަވަހަށް މަރުވާކަށް ބޭނުމެއް ނުވެއެވެ.
އިއްބާނު މޭޕްލް ގަހަކަށް ލެނގިލައިގެން ހުއްޓުނީ މިޝެލިންގެ ދެއަތުގައި ހިފަހައްޓާލާފައި ގާތަށް ދަމައިލަމުންނެވެ. މިޝެލިން ހުރީ ކޮންމެހެންވެސް ރަފާއިލްގެ ވާހަކަ ދައްކަން ބޭނުންވެފައެވެ. ސިކުނޑިއަށް މުޅިން ލުއިވާނީ އޭރުންނެވެ. އެކަމަކު އިއްބާނު ހިތްހަމަނުޖެހިދާނެތީ ބިރުގަނެއެވެ. އޭނަ ރަފާއިލް އާއި ޗެޓްކޮށްގެން އޭނައާއި ކައިވެނިކުރަން އެއްބަސްވިކަން އެނގިއްޖެއްޔާ އިއްބާނުއަށް ޝޮކެއް ލިބިދާނެއެވެ. ނަމަވެސް މަންމަމެން ގެ ފަރާތުން ރާހިލްއާއި ކައިވެނި ކުރަން މަޖުބޫރުކުރަން ފެށީމަ ރަފާއިލް "ގޭއި" އެއްކަން ޔަގީންކުރެވި އެކަން ކުރަން އުޅުނީކަމަށް ބުނެފިއްޔާ އިއްބާނު ގަބޫލު ކުރާނެ ހެއްޔެވެ؟ ނަމަވެސް އޭނަ މިފަދަ ސިއްރެއް ފޮރުވަން ހުރެގެން އަތް ނުފޯރާ ހިސާބަށް މައްސަލަ ހިނގައިދާނެއެވެ. މިހާ އެކަނިވެރި ވަގުތުކޮޅެއް ދެން ލިބޭނެކަމެއްވެސް ނޭގެއެވެ. މިޝެލިން އެންމެ ފުރަތަމަ ވެސް އިއްބާނުގެ ގާތުން މާފަށް އެދިފައި އެ ހުރިހާ ވާހަކަތައް ކިޔައިދީ ނިމެންދެން އިއްބާނު ކެތްތެރިކަމާއި އެކު އަޑުއެހިއެވެ.
"ބެން އޭނަދެކެ ރުޅި ނައީ ކީއްވެތަ؟ ތިހާ ކޫލްކޮށް ނަގަންޏާ އޭނައަށް ދެވޭ ހިތްވަރެއް އެއީ......" މިޝެލިން ލޮލަށް ގޮތެއް ހަދައިލިއެވެ.
"ކީއްވެ ރަފޭލް ދެކެ ރުޅިއަންނަންވީ، ޝެލްގެ ވާހަކައިން އޭނަ ގެ ރަނގަޅުކަން އެގުނީ.. ޝެލްދެކެ އޭނަ ވީ ކިހާވަރެއް ގެ މަތިވެރި އަމިއްލަ އެދުމެއްނެތް ލޯތްބެއްކަން އަހަންނަށް ޔަގީންކުރެވުނީ މިހާރު.. ޝެލްއަށް އެނގޭތަ؟" އިއްބާނު މިޝެލިން ގާތުގައި ދެން ދެއްކި ވާހަކަތަކުން މިޝެލިން ހައިރާންވެ، އަންތަރީސްވިއެވެ. އިއްބާނު ކިޑްނެޕް ކުރި މީހަކީ ރަފާއިލް އެވެ. އެގޮތަށް ރަފާއިލް ކަންތައް ކުރީ ބައްޕަ ހައިތަމް އަދި އިއްބާނުގެ ފަރާތުން ބަދަލު ހިފަންވެގެންނެވެ. ހައިތަމް އިއްބާނު އެކްސިޑެންޓްވި ތަނަށް ދުރުވިދުވަހު އެތާގައި ބައްޕަ ގާތުގައި ރަފާއިލް ހުއްޓެވެ. ހައިތަމްގެ ކަރުނަތައް ދެކެން ރަފާއިލް ކެތްމަދުވިޔަސް އެދުވަހު އެކަރުނަތަކުން ރަފާއިލް ފެންކަޅިވިއެވެ. ބައްޕައަށްޓަކައި ހިތް ހަލާކުވާވަރުވިއެވެ. ކުރެވުނު ކަންތަކާއި މެދު ހިތާމަކުރިއެވެ. އިއްބާނުދެކެ ރަފާއިލް ރުޅިއައީ އޭނަގެ ކޮއްކޮ ކިޔާރާ ރޭޕްކޮށްލާފައި މަރާލިކަމުގެ ކުށްހީ ކުރެވިފައި އޭރު ވާތީއެވެ. އޭނަ އާއި ކިޔާރާ އޭރު އުޅުނީ ލޯބީގެ ގޮތުން ގުޅިގެން ކަމަށްވާތީ ހިނގި ކޮންމެ ކަމެއްވެސް ހިނގީ ކިޔާރާ ގެ ރުހުމުގައެވެ. ކިޔާރާ އޯވަރޑޯޒްވެގެން މަރުވީމަ އިއްބާނު އެކަމާއި ހިތާމަކުރިއެވެ. އެއީ ބަޔަކު އެމީހުންނަށް އޮޅުވާލާފައި ޑްރަގް ދީގެން ހިނގި ހިތާމަވެރި ހާދިސާއެކެވެ.
"އެގޮތަށް ކަންތައް އޮތްވާ ރަފޭލް ޝެލްއާއި ތި ފްރެންޑްވީ.. އަދި ޝެލް މެރީކުރަން އެދިފައި އަހަރެން ދެކެ ލޯބިވާވަރު ބުނީމަ ވެއިޓްކުރާށޭ ބުނީމަ ކިހާ ނައިސް، ޝެލްއަށް އެނގޭތަ؟ އަހަރެން އެދުވަހު ރަފޭލްގެ މަގާމުގައި ހުރިނަމަ އަހަރެން ކަންތައްކުރީހީ އޭގެ އިދިކޮޅަށް، އަހަރެން ކޮންމެ ގޮތެއް ހަދާފައިވެސް ޝެލްއާއި މެރީކުރާނީ، ލޯބިވަންޏާ ސެޑިއުސް ކޮށްގެންވެސް ކުރެވޭނެ ކިތަންމެ ކަމެއް އޮންނާނެތާ، އޭރުން ދެން އޮންނާނީ ވަގުތު ފާއިތުވެފައި، ޝެލް ވިސްނާބަލަ، އޭނަ ޝެލްގެ އުފަލަށްޓަކައި އަހަރެން ދޫކޮށްލީކަން ޝެލްގެ ވާހަކައިން އަހަންނަށް ޔަގީން މިވީ، ޝެލްގެ ހެޕިނެސް އާއި މެދު ރަފޭލް އެ ވިސްނީ، އަހަންނަށް ނޭގޭ ރަފޭލްގެ އެ އިހުސާންތެރިކަމުގެ ބަދަލު އަހަރެން ދޭނެ ގޮތެއް.... އެހެންނޫންނަމަ އަހަންނަށް ޝެލް އަބަދަށްޓަކައި ގެއްލުނީސް..." އިއްބާނުގެ އަތާއި ގުޅި ލާމެހިފައިވާ އިނގިލިތަކުގައި ބޮސްދިންއިރު އިއްބާނުގެ ރީތި ދެލޮލުން މިޝެލިންއަށް ފެނުނީ ނިމުމެއްނުވާ ލޯތްބެކެވެ.
"ބެން، އެކަމަކު ހީޒް ގޭއި، މެރީކުރުން އޭނައަކަށް މުހިއްމު ނުވީ އެހެންވީމަ.. ކޮންމެހެން އެންޖެލިކް ވެގެނެއްނޫން......" މިޝެލިން ނުރުހުންވިއެވެ.
"ހެހެ، ރަފޭލް އެންމެނަށް އެގޮތަށް ކޮންވިންސް ކުރުވާފައި އޮތަސް ހީޒް ސްޓްރެއިޓް......." އިއްބާނު ޔަގީންކޮށްދިނީމަވެސް މިޝެލިންގެ ހިތް އެހާ ސާފެއްނުވިއެވެ. ރަފާއިލް އެ ވައްތަރު މީހަކަށް ނުވިޔަސް އޭނަގެ ނުރައްކާތެރިކަން އިއްބާނުއަށް ރޭކާނުލަނީއެވެ. މީހުން ކިޑްނެޕް ކުރުވަން އެހާ މޮޅިއްޔާ އޭނަ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ. ނަމަވެސް އިއްބާނު ބުނިހެން އޭނަ އެދުވަހު ރޯންފެށީމަ ރަފާއިލް އިއްބާނުއަށް އިންތިޒާރުކުރަން ބުނެފައި އިއްބާނު ގެނެސްދިނީއެވެ. އޭނަގެ ބާރުދަށަށް މިޝެލިން ރީއްޗަށް ގެނެވެން އޮތްވާ އެހެން ހެދީމަ މިޝެލިންވެސް އަޖައިބުވާވަރުވެއްޖެއެވެ. އޭރު އަދި މިޝެލިން އާއި އިއްބާނުގެ އެއްވެސް ގުޅުމެއް ނެތެވެ. ރަފާއިލް އޭނައާއި ކައިވެނި ކުރުމަށްފަހު ކޮންމެ ކަމެއްކުރިޔަސް މިޝެލިން ގޮތް ހުސްވާނެއެވެ. އަންހެންކުއްޖަކަށް ފިރިހެނެއްގެ ބާރުގެކުރިމަތީގައި މާބޮޑު ގޮތެއް ނެހެދޭނެއެވެ. "ގޭއި" ގެ ނަމުގައި ހުރެ ކައިވެނިކޮށްގެން ފަސޭހައިން ލިބެން ހުއްޓާ ރަފާއިލް އިއްބާނުއަށްޓަކައި އޭނަ ދޫކޮށްލުމަކީ ހަގީގަތުގައި ވީ ގުރުބާނީ އެކެވެ. އޭނަ ޝުކުރުވެރިވާން ޖެހޭނެއެވެ.
ވީއިރު ރަފާއިލް ގަސްތުގައި އޭނަ ގެ ގާތުގައި ފާޑު ފާޑުގެ ވާހަކަ ދައްކަނީ އޭނަގެ ގޮތް ބަލައިލަން ވެގެންނެވެ. ތަފާތު މިޒާޖުގެ އިންސާނުންވެސް ދުނިޔޭގައި އުޅެއެވެ. ރަފާއިލް ހާދަ ތަފާތެވެ.
"ރަފޭލް ދެކެ ދެން ރުޅިނާންނައްޗޭ ބޭބީ، އެވެސް އަހަރެމެން ރެސްޕެކްޓް ކުރަންޖެހޭ މީހެއް......" އިއްބާނު އާއި މިޝެލިން ކޮންމެވެސް ވަރަކަށް އެ ވާހަކަދެއްކި އިރު މިޝެލިން އަށް ވިސްނުނީ އިއްބާނު އާއި ރަފާއިލްގެ ގާތް ގުޅުމެވެ. އެދޭތެރޭގައި އޮތީ އެކަނި ތިމާގެ ކަމުގެ ގުޅުމެއް ނޫނެވެ. އެކުވެރިކަންވެސް މެއެވެ. އެދެމީހުން ދުރުކުރަން ވާހަކަ ދެއްކުމުގެ މާނައެއް ނެތެވެ.
އެލީސާ ރަފާއިލް އާއި ވާހަކަދައްކަމުން ގޮސް އޭނަގެ ގާތުން ސެލީނާގެ ފޯނު ނަމްބަރު ހޯދައިފިއެވެ. ސެލީނާ ލަންޑަނުން ގެއެއް ގަނެގެން އުޅޭކަން އެނގުމުން އެލީސާ ވަކިން ބޮޑަށް އުފާވިއެވެ. އެލީސާ މިހާރު ބޭނުމީ ކޮއްކޮއަށް މާފުދީފައި އަލުން ގުޅުން ބަދަހިކުރުމަށެވެ. އެލީސާ ސެލީނާ އެގެއަށް އަންނަން ދައުވަތުދިނެވެ. ސެލީނާ އައިއިރު އެލީސާ ހުރީ ފެންޑާގައި އިންތިޒާރުގައެވެ. ދެމީހުންނަށް ބަލަހައްޓައިގެން ތިބެވުނީ ރަކިވެފައެވެ. ހީވީ ލޯގަނޑުން ފެނުނުހެންނެވެ. އެތައް ޒަމާނެއްވުމުންވެސް ދެމީހުން ހެދުން އަޅާ ސްޓައިލާއި އިސްތަށިގަނޑުގެ ސްޓައިލަކަށް ބަދަލެއްނައެވެ. އެ ރީތިކަމެވެ. އިރުކޮޅަކަށް ބަލަހައްޓައިގެން ތިބުމަށްފަހު ސެލީނާ ގޮސް އެލީސާ ގެ ގައިގާ ހިފައިގެން މާފަށް އެދިފައި ރޯންފެށިއެވެ.
"އިޓް ވޯޒް މައި ފޯލްޓް، ހައިތަމްއަށް ރާ ބޯންދީގެން އޮޅުވާލީ، ހައިތަމް ހީކުރީވެސް އެލީ ކަމަށް، ފަހުން ވެސް ނުބުނަން، އެގޮތަށް ހަފްތާއެއް ވީފަހުން އެނގުނީ، އައިމް ސޮރީ.. އެހެން ބޮޑަށް ވީ އޭރު އެލީ ހައިތަމްއާއި ރުޅިވެގެން މަންމަ ގާތުގައި ގޮސް ހުރީމަ، އަހަރެން އެޑްވާންޓޭޖް ނެގީ....." ސެލީނާ ގެ ލޮލުން ކަރުނަ އައެވެ.
ދެމީހުން މާފުކޮށްފައި ވާހަކަދެއްކިއިރު ސެލީނާ އޭނަ ރަފާއިލްއަށް ބައްޕައާއި ބެހޭގޮތުން ދޮގު މައުލޫމާތެއް ދިން ވާހަކަވެސް ހިއްސާކުރިއެވެ. ރަފާއިލް ގާތުގައި ސެލީނާ ބުނީ ހައިތަމް އޭނަ ރޭޕްކޮށްލީ ކަމުގައެވެ. އެކަން އެނގުމުން ރަފާއިލް ރުޅިއައިސްގެން އިއްބާނު ކިޑްނެޕްކުރިއެވެ. ކިޔާރާ މަރުވުމާއި ގުޅިގެން އިއްބާނުއަށް އޭނަ މާފުކުރީ އިއްބާނުގެ މަންމައަކީ ކާކުކަން އެނގުނީމަ ކަމަށްވެސް ސެލީނާ ބުނީ ސިއްރެއްގެ ގޮތުގައެވެ. ހައިތަމްގެ މައްސަލަ ޖެހުމުގެ ކުރިން އެންމެ ގާތް ދެއެކުވެރިންގެ ގޮތުގައި އުޅުނު އެލީސާއާއި ސެލީނާ ބައްދަލުވުމާއެކު ސިއްރުތައް ކިޔައި ދެވެން ފެށިއެވެ. އަދި ދެބެންގެ ހިތަށް ލިބުނީ ބަޔާން ކުރަން ދަތި އުފަލެކެވެ.
އިއްބާނު އޭނަގެ މަންމަ ކަމަށް ހީކޮށްގެން ސެލީނާ ކާކޮޓަރީގައި އުޅެނިކޮށް ގައިގާ ބައްދާލާފައި ކޮލުގައި ބޮސްދިނެވެ. އެވަގުތު ބޭރުން އައިސް މަންމަ ވަނުމުން އިއްބާނުއަށް ވީގޮތް އޮޅުންފިލިއެވެ. ޒަހުރާން ވެސް ބޮޑުދައިތަ ފެނުމުން ހައިރާންވިވަރުން ބުނާނެ އެއްޗެއް ނޭގުނެވެ. މަންމައާއި ކުޑަ ތަފާތެއްވެސް ނެތެވެ. މޫނުމަތިން ދެމީހުން ވަކިކުރެވޭނެ އެއްވެސް ފާހަގަ އެއް ނިޝާނެއް ނެތެވެ.
މިޝެލިން ބަދިގޭގައި ހަދާފައި ހުރި ކުކީސްތަކެއް ހިފައިގެން ގޭގެ ފަހަތު ފެންޑާއަށް ނުކުތްއިރު އެލީސާއާއި ވާހަކަދައްކަން އިއްބާނު އާއި ޒަހުރާން އަދި ރަފާއިލްވެސް ތިއްބެވެ.
"އާންޓީ، މިތާގައިތަ؟ ސިޑިން އަރައިގެން ދަނިކޮށް ފެނުނީ ކާކުތަ؟ އެނީވޭސް ހޮޓް ޗޮކްލެޓް ކުކީސް..." މިޝެލިން ވަރަށް ހަމަޖެހިލައިގެން ގޮސް އެލީސާކަމަށް ހީކޮށް ސެލީނާ ކާރީގައި އިށީނދެ ކުކީސްއެއް އަނގަޔަށް ލައްވާދިނެވެ. ސެލީނާ އިނީ ހައިރާން ކަމާއި އެކުގައި މި ރީތިކުއްޖާއަށް ބަލަހައްޓައިގެންނެވެ. އިއްބާނުމެން ތިބީ އަދި ނުދެނެހުރިކަމަށް ހަދާލައިގެން މަޖާވެލާފައެވެ.
"ތެންކިއު ޑާލިން، އެކަމަކު އަދި ތިއީ ކޮން ކުއްޖެއްކަމެއް ނުބުނަމެއްނު......" ސެލީނާ ބުނި އެއްޗަކުން މިޝެލިން ހައިރާންވިވަރުން އިއްބާނުއާއި ދިމާލަށް ބަލައިލިތަނުން އެލީސާ ދޮރުމައްޗަށް އެރީއެވެ. މިޝެލިންއަށް ވީގޮތް އޮޅުން ފިލީދެނެވެ. މިޝެލިން ދެމީހުންގެ މޫނަށް ބަލާލާފައި ފާޑަކަށް ރަކިވެ، ހައިރާންވެފައި އިރުކޮޅެއްވާންދެން އިނެވެ. ނަމަވެސް އޭނަ ކުކީސް ގެނެސްދިނީ ސެލީނާ އާންޓީއަށް ކަން ޔަގީންވުމުން މިޝެލިން ހަމަޖެހިލާފައި އަމިއްލައަށް ތައާރަފުވިއެވެ. އޭނައަކީ އިއްބާނުގެ އަންހެނުން ކަމަށާއި އަދި މާޒިންގެ ދަރިފުޅުކަމަށް ބުނެދިނެވެ. އާއިލާއަށް ނޭގި ތިއްބާ އެހެން މެމްބަރެއް އިތުރުވުމުން އެންމެންގެ ހިތަށް ލިބުނު އިތުރު އުފަލަކަށްވިއެވެ.
މިހުރާން ދެ ދުވަސްވީއިރުވެސް މިލީނާގެ ގާތަކަށް ނުދިޔައެވެ. އޮފީހަކަށްވެސް ނުދެއެވެ. މިހުރާން އެކަމާއި ހިތާމަކުރާކަން އެނގޭތީ އެލީސާ ހުރީ މިލީނާ އާއި ދޭތެރޭގައި ހިތްހަމަނުޖެހިފައެވެ. ދެމަފިރިންވެއްޖެއްޔާ ކުދިކުދި މައްސަލަތައް ޖެހޭނެއެވެ. މިހުރާން ރުޅިގަދަވެގެން އެއްޗެކޭ ބުނެލަފާނެއެވެ. އެކަމަކު އެލީސާ ދެކޭގޮތުގައި ހަމަ ހުރެފައެއް މިހުރާން ރުޅިއެއް ނާންނާނެއެވެ. ޖެހިޔަސް ޖަހާނީ މިލީނާ ބުނާ އެއްޗަކުންނެވެ. މިހުރާން ގެ ރުޅިގަދަކަން އެނގޭއިރު މިލީނާ އެކަން ދެނެގެން އުޅުނީމަ ވީތާއެވެ. އެއީ އެލީސާ ގަބޫލުކުރިގޮތެވެ. ހަގީގަތަކީ ކަން ހިނގިގޮތް ހުރިހާ ފަރާތަކަށް ވަންހަނާވެފައި އޮތުމެވެ. އެކަން ދެނެހުރި އެކަނި ފަރާތް ކަމަށްވާ ރަފާއިލްއަށް އެނގެނީ ކުޑަ މިންވަރެކެވެ. އޭނައަށް މިހުރާން އާއި މީރާގެ ގުޅުމެއް ނެތްކަމާއި މީރާ އެ ދޭތެރެއަށް ވަންނަން ކުރާ މަސައްކަތް އެނގިފައެއް ނުވެއެވެ. މީރާ އެގެއަށް އަންނާނީ މިހުރާންގެ ރުހުން އޮތުމުންކަމުގެ ކުށްހީވެސް ކުރެވުނެވެ. އެހެންނޫނަސް ރަފާއިލް ގާތުގައި އެކަންތައް ސިއްރުކޮށްދޭން މިލީނާ އެދިފައިވާތީ ރަފާއިލް ހުރީ އެއްޗެކޭ ނުބުނަން ވެގެންނެވެ.
މިހުރާން ކާރު ޕާކްކޮށްލާފައި ގޮސް ބެލް ޖެހުމުން ދޮރު ހުޅުވީ ސޯފިޔާ އެވެ. ސޯފިޔާ އެހެން ދުވަހު ހަދާހެން ރުޅިގަދަވެ މޫނު ބަނަކުރުމުގެ ބަދަލުގައި ވާހަކަދެއްކީ ރީތިކޮށެވެ. މިލީނާ އެގެއިން އައި ދުވަހުން ފެށިގެން ނުކައި ނުބޮއި ހިތާމަކުރަނީ ކަމަށާއި ދެމަފިރިން މައްސަލަ ޖެހުނަސް އެގޮތަށް މިލީނާ ގެއަށް އައުމަކީ ހައްލެއްކަމެއް ނުދެކޭކަމަށް ސޯފިޔާ ބުންޏެވެ. އެކަމުން ނޭގުނަސް ކުޑަ ދަރިފުޅަށް އަސަރުކުރާނެއެވެ. ސޯފިޔާގެ ދުޢާއަކީ މިހުރާން އާއި މިލީނާ އުފަލުގައި އުޅޭތަން ފެނުމަށް ކަމަށް ސޯފިޔާ ބުނީ ކުލުނުން ފުރިގެންވާގޮތަކަށް މިހުރާންގެ މޫނަށް ބަލާފައެވެ.
"ބައެއްފަހަރު ހިތަށް އަރާ މިލީ ޅަކަމުން ކުދި ކަންތަކާ މައްސަލަ ޖައްސަނީއޭ، މިފަހަރުވެސް ބުނީ މާ ބޮޑުކަމެއް ނުވެޔޭ.. ކުދިކަންތަކާއި ރުޅި އަންނަ އެއްޗެއް ނޫނެއްނު ދޯ......" ސޯފިޔާ މިހުރާން މިލީނާގެ ކޮޓަރިއަށް ފޮނުވާލާފައި ކޮފީ ހަދަންވެގެން އުޅެގަތެވެ. މިލީނާ މިންކު އެނދުގައި ބާއްވައިގެން ކުޅެން އިންއިރު މިންކުއާއި ވާހަކަދެއްކީ ނިކަން ލޯބިންނެވެ.
"ޑެޑީ އަންނާނެކަން ޔަގީން އަދި ދަރިފުޅު ބަލާ، ޑެޑީ ދަރިފުޅުދެކެ ވަރަށް ލޯބިވޭ، ދަރިފުޅުވެސް ޑެޑީ މަތިން މިސްވާކަން އެނގޭ، އެހެންވެގެނެއްނު ތުންކޮޅުދަމަނީ... މަންމީއަށް ރޮވޭތީ ކަޕީކޭކުވެސް ދެރަވެއެއްނު، އެހެންވީމަ ޑެޑީ ގާތުގައި ބުނާނީ މަންމީމެން އެގެއަށް ގެންދާށޭ، އޭރުން މަންމީ އާއި ކަޕީކޭކު ވަރަށް ހެޕީވާނެ...." މިލީނާ ތުއްތު ބަހުރުވައިން ޅަ އަޑަކުން ވާހަކަ ދައްކާފައި "ކަޕީކޭކު" ލަވަ ކިޔާދޭން ފެށިއެވެ. މިންކު ގެ ތުއްތު ހުނުމާއިއެކު އަތް ތަޅުވާލާފައި އުޅޭގޮތުން ހީވަނީ އުރުވާލަން ބޭނުންވެގެން އުޅޭހެންނެވެ. މިލީނާ އެ މޫނުކޮޅުގައި ބޮސްދިނެވެ. މީހެއްގެ ހިލަންވިހެން ހީވެގެން މިލީނާ ފަހަތަށް ބަލާލާފައި މިހުރާން ހުރިތަން ފެނުމުން ލަދުންގޮސް މޫނު އާފަލެއްހާ ރަތްވެގެން ދިޔައެވެ.