އިސްކޮޅުން މެދުމިނުގެ ޒުވާނަކު މިލީނާގެ މޫނުގައި ހިފަހައްޓާލައިގެން ހުރިއިރު މިލީނާ ހުރީ ދެލޯ މަރާލައިގެންނެވެ. ދެކެން ބޭނުންނުވާފަދަ މަންޒަރެއް ފެނުމުން އެތައް ޚިޔާލުތަކުން ސިކުނޑި ހަލަބޮލިވެގަތްއިރު މިހުރާން ކެތްތެރިވީ އިންތިހާއަށެވެ. އޭނަ އެމީހުންނަށް ނުފެނި ނިވާވެލީ އެމީހުން ދައްކާ ވާހަކައެއް އަޑުއެހުމުގެ ބޭނުމުގައެވެ. އެވަގުތު އެ ޒުވާނާ ހެމުން ކޮންމެވެސް އެއްޗެކޭ ބުނެލާފައި މިލީނާގެ އަތުގައި ހިފައިގެން ފެންޑާއަށް ޖެހިލިއެވެ. މޫސުމް ފިނިކަމުންނާއި މިލީނާ ލައިގެން ހުރި ހެދުމުގެ ސަބަބުން އޭނަ އަށް ފިނިވެ ރޫރޫއަޅައިގަތެވެ. މިހުރާން ތަބުގެ ފުރަގަހުން ނުކުމެ އެ ޒުވާނާ މަގަތަށް އަނބުރާލާފައި ޓީޝާޓުގެ ގިރުވާނުގައި ހިފެހެއްޓިއެވެ.
"މިލީ މިގެއަށް އައީ ގޭގައި ހުރެގެން މިގަނޑު ނުގެނެވޭނެތީ ދޯ، އަހަންނަށްވުރެ ރީތިވީމަ ނޫނީ އެހެންކަމަކަށް ގަދައީތަ؟ އެންޖެލްއެއް ކަމަށް ހެދިގެން ހުރެ ބަލާބަލަ....." މިހުރާން ފާޑަކަށް ހީލާފައި މިލީނާގެ މޫނަށް ނަޒަރު ހުއްޓާލައިފި އެވެ. މިލީނާ އަނގަމަތީގައި އަތް އަޅާލީ ކުޑަކޮށް ލަދުން ހުރެހެން މިހުރާންއަށް ހީވިއެވެ. މިލީނާ އެއީ ކާކުކަން ބުނެދޭންވެގެން އަނގަ ހުޅުވާލިތަނާ އެ ޒުވާނާ މިހުރާން ކޮށްޕާލާފައި މޫނުމަތީގައި ޖެހި އެތިފަހަރަކުން މިހުރާން ދެތިން ފިޔަވަޅު ފަހަތަށް ޖައްސާލައިފައި އަދިވެސް ހަމަލާދޭން ހާމަތަނަށް ނުކުތެވެ. ހިނގަން ހަދާފައި އޮތް މަގުގެ ދެފަރާތުގައި ތާޒާ ސްނޯ ދެތިން އިންޗު އުސްމިނުގައި ހުއްޓެވެ. އެމީހުން ނޭވާލާއިރު އާތްވަށް ވެގެން ފަޒާގައި ފެންނަން ހުއްޓެވެ.
މިހުރާން ކުރިން ކިތަންމެ ކެތްކޮށްގެން ހުއްޓަސް އެގޮތަށް މީހަކު ބޮނޑިއެއް އެޅުމުން ހަމައިން ނެއްޓިއެވެ. އޭނަގެ ގޮށްމުށުގެ އެންމެ އެތިފަހަރަކުން އެ ޒުވާނާގެ ބުމަ ފަޅައިގެން ލޭ އޮހިގަތެވެ. އެވަރުންވެސް ދޫކޮށްނުލާ ދެތިން އެތިފަހަރު މޫނަށް ދޫކޮށްލާފައި ތަބުގައި ޖައްސާލި ގޮތަށް ކަރުގައި ހިފާ ބާރުކޮށްލިއެވެ. އޭނަގެ ނޭވާ އުފުރޭގޮތްވިއެވެ. ގަނޑުވެފައި ހުރި މިލީނާ އެޒުވާނާގެ ސަލާމަތަށް ދުއްވައިގަތުމުން މާބްލް މަތިން ކައްސާލި ގޮތަށް ތަބުގެ ކައިރިފަށުގައި ބޯޖެހުނެވެ.
"އޯނޯ..... ބޭބީ. އާ ޔޫ ހާރޓް؟" މިހުރާން އެ ޒުވާނާގެ ކަރުން ދޫކޮށްލާފައި ގޮސް މިލީނާގެ ބޯދަށަށް އަތްލައްވާފައި ނެގިއެވެ. އޭރު މިލީނާގެ ކަންފަތާއި ދިމާލުން ލޭ އަންނަމުން ދިޔަތަން ފެނިފައި މިހުރާންގެ މެޔަށް ފިނިފެން އެއްޗެއް އޮއްސާލިހެން ހީވިއެވެ. މިހުރާން އަނގަޔަށް ހެދުނުގޮތުން ހީވީ ތަދުވީ އޭނައަށް ހެނެވެ. އިންތިހާ ދަރަޖައިގެ ވޭނެއްލިބުނުފަދަ ގޮތަކަށް ދެލޯވެސް މަރައިލެވުނެވެ. މިހުރާން ތަކުރާރުކޮށް މާފަށް އެދެމުން މިލީނާގެ މޫނާއި އަތުގައި ފިރުމަމުން ހިތްވަރުދިނެވެ. އަޑުގަދަވެގެން މާޒިންއާއި ސޯފިޔާވެސް ދުވެފައި ނުކުތްއިރު ފެނުނު ކަންތައްގަނޑުން އެދެމަފިރިންގެ ބޮލަށް އެނބުރުން އަރައިގެންދިޔައެވެ.
"މާޒިން، އަވަހަށް އެމްބިއުލެންސް.... މިކުދިންނަށް ކިހިނެއްވީތަ؟" ސޯފިޔާ ބިރުންގޮސް ރަގަޅަށް ވާހަކަ ނުދެއްކެއެވެ.
"ޑޯންޓް ވޮރީ ސޯފީ، ބޮލުގައި ނާރުތައް ގިނަވީމަ އެވަރަށް ބްލީޑް ވަނީ، އައިސް ބްލޮކްތައް ގެނެސްބަލަ...." މާޒިން އެޒުވާނާ ގޮނޑިއެއްގައި ބައިންދަމުން ސުވާލުގެ ނަޒަރަކުން މިހުރާންގެ މޫނަށް ބަލާލައިފި އެވެ. މިހުރާން އަށް އެ ފިރިހެންކުއްޖާއަކީ ސޯފިޔާގެ އެއްބަނޑު ކޮއްކޮ އިމާން ކަން މާޒިން ބުނެދިނުމުން މިހުރާންގެ އަނގަޔަށް ހަދައިލިގޮތުން ރަކިވީހެން ހީވިއެވެ.
"މިލީގެ ލޮލަށް ކުނިކޮޅެއް އެޅިގެން ލޯ ނުހުޅުވިގެން އުޅުނީމަ އަޅުގަނޑު އުޅުނީ ނަގައިދޭން، ކުއްލިއަކަށް މީހަކު އައިގޮތަށް ގަޔަށް އަތްލީމަ ހީކުރެވުނީ އަދި ސްޓްރޭންޖަރ އެއްކަމަށް، އައިމް ސޮރީ، މައި މިސްޓޭކް...." އިމާންގެ ތުންފަތް ދުޅަވެ ރަތްއަރާފައިއެވެ. ކަނދުރާގައި މިހުރާންގެ އިނގިލީގެ ނިޝާންތަކެވެ.
ސޯފިޔާއަށް އެއީ އެކަންވާނެ ގޮތްކަމަށް ގަބޫލުކުރެވުނެވެ. އިމާންއަކީ އެމީހުންނާއި އެހާ ގާތްކޮށް އުޅުނު ކުއްޖެއްނޫނެވެ. އޭނަގެ ބައްޕަ ކުޑައިރު ގެންދިޔަގޮތަށް ދޮންމަންމައެއްގެ ގާތުގައި ހާލުގައި އުޅެބޮޑުވި ކުއްޖެކެވެ. ސޯފިޔާގެ މަންމަގެ އެންމެ ކުޑަކުއްޖާއަށް ވިޔަސް ބައްޕައަކީ އެހެން މީހަކަށް ވުމުން އެމީހުން ގާތުގައި އިމާން އަށް އުޅުމުގެ ފުރުސަތު ނުލިބުނީއެވެ. މިހާރު އަމިއްލަ ފައިމައްޗަށް ތެދުވެގެން އޭނަ އޮސްޓްރޭލިއާގައި ކިޔަވަން އުޅޭތާ ކޮން ޒަމާނެއް ހެއްޔެވެ؟ ސޯފިޔާމެން ގާތަށް ލަންޑަނަށް އައީ ކުރު ޗުއްޓީއެއްގައެވެ.
މިލީނާގެ ކަންފަތާއި ދިމާލުން ލޭ އަންނާތީ މާޒިން ބަލައިލިއިރު ފުދޭވަރަކަށް ފުންކޮށް ކެނޑިފައި ހުއްޓެވެ. މާޒިން މިލީނާ ހޮސްޕިޓަލަށް ގެންދާ ވާހަކަ ބުނުމުން މިލީނާ އެދުނީ ފަރސްޓް އެއިޑްބޮކްސް އިން ބޭސް އަޅައިދިނުމަށެވެ.
"ދަރިފުޅާ، ދެ ސްޓިޗްވަރަކަށް ޖަހާލީމަ އަވަހަށް ހީލްވާނީ...." މާޒިންގެ ޖުމްލައިން މިލީނާގެ ބިރުވެރިކަން އިންތިހާއަށް ދިޔައެވެ. ނަމަވެސް މިޝެލިން ގޮތަށް ބޮޑާހާކާ ދެކޮޅުހަދަން ނުކެރުމުން ބަސްއަހައިގެން ތައްޔާރުވާން ހުރިއިރުވެސް މިލީނާގެ ކަރުނަތައް ނުހިފެހެއްޓެއެވެ. މިހުރާން ގެ ރުޅިގަދަކަމުން ވާކަންތަކެވެ. ރީއްޗަށް އަހައިލިނަމައެވެ. އެކަމަކު ފުރަތަމަ ގަޔަށް އަތްލީ އިމާންއެވެ. އިމާން އެހެން ނެހެދިނަމަ މިހުރާންވެސް އެގޮތަށް ސަބަބަކާއި ނުލައި ތަޅައިގަންނާނެކަމެއް ނޭގެއެވެ.
މިހުރާން މިލީނާގެ އިސްތަށިކޮޅު އޮމާންކޮށްލާފައި ފަހަތުގައި ހުރެ ގަތަން ފެށުމުން މިލީނާ އިނީ ލޯގަނޑުން ބަލަހައްޓައިގެންނެވެ. ބައެއްފަހަރު މިހުރާން މިހާ ލޯބިން އުޅޭތީ މިލީނާގެ ހިތް ފުރި ބަންޑުންވެއެވެ. އެމީހުންގެ ހަޔާތަށް އެޅިފައިވާ މީރާގެ ހިޔަނި މަތިން ހަދާނެއްވެސް ނުހުރެއެވެ. މިހުރާން ގަތާ ނިމިގެން ވޫލްކޮޅެއް ހޯދަން އެއްފަރާތަށް ޖެހިލާފައި ބަލައިލި އިރު އިސްތަށިކޮޅު ފަންކަމުން އޭނަ ކުރި މަސައްކަތް ބޭކާރުވިއެވެ.
"ސިލްކީ ކަމުންގޮސް އަތުންވެސް ސޮއްސާލަނީ..... އަދި އެހާ ލޯބި ބެންޑޭޖްކޮށްލާފައި އިނީމަ...." މިހުރާން ގުދުވެ މިލީނާގެ ބޮލުގައި ބޮސްދިނެވެ. އެ އިސްތަށިގަނޑުގައި ހަރުލާފައި ވަނީ މަލެއްގެ މީރުވަހެވެ.
"ރެންއަށް އެނގޭތަ؟ ކުރިން މަންމަ އަބަދު ބާއްވަނީ ފިރިހެންކުއްޖެއްހެން އިސްތަށިގަނޑު ކަނދުރާ އާއި ހަމައިން ކޮށާލާފައި، މިހާރު ކިރިޔާ ދިގުކުރަން މިފެށީ....." މިލީނާ ގެ މޫނަށް މިހުރާން ބަލަން އިންގޮތުން މިލީނާ ލަދުގަތެވެ. މިހާ ދުވަސްވެފައި ފިރިމީހާއަށް ވާހިނދުވެސް އެ ނަޒަރުގައި ރަކިކޮށްލާފަދަ ބާރެއްހުރެއެވެ. އެ ރީތިދެލޮލުގެ ފުރިހަމަކަމާއެވެ.
"އަހަންނަށް ވަރަށް ރީތި ރެޕަންޒުލްގެ ހެއަރ.... އަދި މި ބެމްބީ ދެލޯ..." މިހުރާން މިލީނާގެ ކޮލުގައި ފިރުމައިލުމުން މިލީނާގެ ގައިން ހީބިހިނެގިއެވެ. މިހުރާންގެ އެފަދަ ލުއި ފިރުމައިލުމަކުން މިލީނާގެ ހިއްސުތަކާއި ކުޅެލާތީ ހައިރާންވެއެވެ. އެއީ ލޯބިވާވަރުން ކުރުވާހާ އިހުސާސްތަކެވެ. މިލީނާ ރަކި ހުނުންގަނޑެއް ޖަހާލުމާއިއެކު ހަނދާންވީ މީރާގެ ދިގު އިސްތަށިގަނޑެވެ. މިލީނާ ކުއްލިއަކަށް ހުނުން ހުއްޓާލާފައި އަނގަޔަށް ހަދައިލި ގޮތަކުން މިހުރާންގެ ހިތުގައި ސުވާލު އުފެދިގެން އަހަންފެށިއެވެ. މިލީނާ ނުބުނަން އުޅުމުން މިހުރާން މިލީނާ އެނދަށް ލާފައި ބަނޑާއި ފައިގައި އަތްލާން ފެށުމުން ހަތިޔާރު ބަހައްޓަން މަޖުބޫރުވިއެވެ.
"ނޫން، ނޫން ރެން، އެހެން ނަހަދަބަލަ..... ޕްލީޒް..... ބުނެފާނަމޭ......." މިލީނާ ހެމުންގޮސް މޫނު ރަތްވެފައިވެއެވެ. އެހެން އަންހެންކުދިން މިވަރަށް ހީލި ނުހުންނާނެކަން މިލީނާއަށް ޔަގީނެވެ. މިލީނާ މިހުރާންގެ ދެއަތުގައި ހިފެހެއްޓުމުން މިހުރާން އިނީ އަތް ދޫކޮށްލައިގެންނެވެ. މިލީނާގެ މޫނަށް ވެރިވި ސީރިޔަސްކަމާއި ކަންބޮޑުވުމުން މިހުރާންއަށް ފެނުނެވެ.
"ޓެލްމީ...... "މިހުރާންއަށް ޝައްކެއްވިއެވެ. އެވާހަކަ ބުނުވަން މަޖުބޫރު ކުރެވުނުކަމުގެ މޮޔަހީވިއެވެ.
"މީރާގެ ދިގު އިސްތަށިގަނޑެއް އޮންނާތީ ހިތަށް އެރީ ރެން އޭނަދެކެ ލޯބިވީ އެހެންވީމައޭ...... މީރާ ކޮބާތަ؟ އޭނަ ޑެލިވަރ ކުރީތަ؟" މިލީނާގެ ސުވާލުން މިހުރާން ގެ ތަބީއަތު ގޯސްވިއެވެ. ހޫނުވާންފެށީ ކަންނޭގެއެވެ. ލައިގެން ހުރި ގަމީސް ބާލާފައި އެނދުމައްޗަށް ހޫރާލާފައި ފެންޖަގުން އެތިފޮދެއް ބޯލިއެވެ. އެނަމުންވެސް ހާދަ ވަރަކަށް މޫޑު ޚަރާބުވެއްޖެއެވެ.
"އަހަންނަކަށް ނޭގޭ މީރާ ވީތަނެއް، މީރާ މިހާރު ޕްރެގެއްނޫން...." މިހުރާން ޖަވާބުދިނީ އަނގައިން ނުބުނާނެއޭ ހީވާއިރުކޮށްލާފައެވެ. އެ ވާހަކަ އިތުރަށް ދައްކަން ބޭނުންނުވާތީ ބާރަކަށް ގޮސް ބާތުރޫމަށް ވަދެ ދޮރު ޖަހައިލުމުން މިލީނާ އިނީ ކަންތައް ބޮޑުވެފައެވެ. އެ އަމަލުން މިލީނާ އިނީ ވިސްނަންވީ ގޮތެއް ނޭގިފައެވެ. މިހުރާން އާއި މީރާ ރުޅިވީހެއްޔެވެ؟ މީރާގެ ދަރިފުޅު ވައްޓާލީ ހެއްޔެވެ؟ މިހުރާން އެވާހަކަ ރަނގަޅަށް ބުނެދިންނަމައެވެ. އޭނައަށް ރަނގަޅަށް ހުރިހާ ސުވާލެއް ކުރެވުނު ނަމައެވެ. ނަމަވެސް މިހުރާން ރުޅިގަދަވީވަރު ފެނުނީ އޭނަގެ ދެލޮލުންނެވެ. އިތުރަށް މި ނާޒުކް ގުޅުމުގައި މައްސަލައެއް ޖެހޭގޮތަކަށް ސުވާލު ކުރާކަށް މިލީނާ ބޭނުމެއްނުވިއެވެ. މިހުރާން އެބުނީ މީރާ ވީތަނެއް ނޭގޭކަމުގައެވެ. އެބަހަށް އިތުބާރުކޮށްގެން ހިމޭނުން ހުންނާނީއެވެ. މިހުރާންގެ ފަރާތުން އޭނައަށް ހިފެހެއްޓުމެއްނެތް ލޯތްބާއި އަޅާލުން ލިބެއެވެ.
މިހުރާން ގެ ވާހަކައިގައި ހަގީގަތް ވާކަން މިލީނާއަށް ޔަގީންކުރެވުނެވެ. މީރާގެ ފަރާތުން އުދަގުލެއް ކުރިމަތިނުވެ ދުވަސްތައް އޮމާންކޮށްދާން ފެށިއެވެ. މިހުރާންގެ އުޅުން ބަދަލުވާންފެށީ އެހާ ބޮޑަށެވެ. ނަމާދަށް ދާންފެށިއެވެ. ބައެއްފަހަރު މިލީނާ ގެންގުޅޭ ދީނީ ފޮތްތައް ބަލާހަދައެވެ. ކުރިން އުޅޭހެން އިނގިރޭސި ލަވަ އަޑުގަދަކޮށް ޖެހުން ހުއްޓާލައިފި އެވެ. ކޮންމެހެން އަޑުއަހާ ހިތްވަންޏާ ދޭތެރެއަކުން ހެޑްސެޓްއަޅައިގެން ލަވައެއް ޖަހާލިޔަސް އެހާވަރުން ލަވައާއިގެން އުޅެފައި އެކަމާއި ދުރުހެލިވީ ފާހަގަކުރެވޭހާ ބޮޑަށެވެ. މިލީނާގެ ހިތަށް އެކަމުން ލިބިފައިވަނީ ބުނަން ނޭގޭފަދަ އުފަލެކެވެ.
އެލީސާ އާއި ސެލީނާ އާއި ދެބެން ސެލީނާގެ ގޭގެ ބޮޑުކޮޓަރީގައި ތިބިއިރު ފަޔަރޕްލޭސްގެ ހޫނުކަމުން ކޮޓަރިތެރެވަނީ އަރާމު ވަރަކަށް ހޫނުވެފައެވެ. ދެބެން ހީހީފައި ވާހަކަދައްކާގޮތުން މާޒީގެ އެ ކަޅުދުވަސްތައް މުޅިން ހަނދާނުން ފޮހެލައިފިކަން ޔަގީނެވެ. އެހެންނޫންނަމަ އެހާ ގާތްކަމެއް ނުބޭއްވޭނެއެވެ. ދެކެވެމުން ދިޔަ ވާހަކައިގައި ސެލީނާ ރަފާއިލްގެ ވާހަކަ ދެއްކިއެވެ. ރަފާއިލްއަށް އޭނަ ކުޑައިރުއްސުރެ މަގުދައްކާދިނީ ބައްޕަ ފަރާތު އާއިލާގެ ގިނަމީހުންފަދައިން ޑޮކްޓަރަކަށް ވުމަށްކަމަށާއި އެކަމަކު ރަފާއިލް އަމިއްލައަށް އެކަމަށް ޝައުގުވެރިވީ ކިޔާރާ ބަލިވާން ފެށުމުން އެ މަންޒަރު ފެނިފެނިކަމަށް ބުންޏެވެ. ދެން ރަފާއިލްގެ ކައިވެނި ހަމަޖެއްސުމުގެ ވާހަކަ ދެކެވެންފެށިއެވެ.
"އަހަރެން ބަލާނަން ރަފޭލްއަށް ފެމިލީ ރަނގަޅުކުއްޖަކު ހޯދަން، ރަފޭލްއެހާ ރަނގަޅު އިރު ކޮން ކުއްޖެއް ދެކޮޅު ހަދާނީ؟ މެޑިސިން ހެދި ވާހަކަ ރަފޭލް ނުވެސް ބުނޭ، އެހެންވެ ކަންނޭގޭ ރެއިން އާއި ދެކުދިން މާ އެކުވެރިކޮށް އުޅެނީ.... ވަރަށް ސިކްރެޓިވް ކުއްޖެއް..." އެލީސާ ހުހަށް ތިބި އަންހެންކުދިންގެ ނަންތައް ކިޔަމުން ދިޔައެވެ. ޔީވާ އަމިއްލަ ދަރިއެއް ފަދައިން ގެންގުޅުނަސް އެއީ ރަފާއިލް އާއި އެކަށީގެންވާ ކުއްޖެއްކަމަށް އެލީސާ ގަބޫލެއް ނުކުރެއެވެ. ޔީވާގެ އުޅުން ހުންނަގޮތް އެލީސާއަކަށް ކަމަކުނުދެއެވެ. އިއްބާނު އާއި ދެމީހުންގެ އޮތް ގުޅުމުގެ ވާހަކަ ދެކެވުމަށްފަހު އެލީސާ ގެ ގާތުގައި ކުށްވެރިވީ ޔީވާއެވެ. އިއްފަތްތެރިނަމަ އެހެނެއް ނޫޅޭނެއެވެ.
ރަފާއިލްއަށް އޭނަގެ މަންމަ ރުހޭ އަންހެންކުދިންގެ ވާހަކަތައް ދައްކަން ފެށުމުން ރަފާއިލް ބުނެލީ އެކަން ކުރާނީ ކިޔަވާ ނިމުމުން ކަމަށެވެ. ސެލީނާ ކަންބޮޑުވިއެވެ. ރަފާއިލްގެ ހިތުގައި ޚާއްސަ ކުއްޖަކު ވަނީ ބާވައެވެ. ސެލީނާ ބޭނުމީ މި ޚާންދާނުގެ އަންހެންކުއްޖެކެވެ. ރަފާއިލްއަކީ ނަހަލާލު ކުއްޖަކަށް ވުމުން ބައެއް ފަރާތްތަކުން މައްސަލަ ޖައްސަފާނެތީ ކަންބޮޑުވާވަރުން ސީދާ އެފަދަ ހުށަހެޅުމަށް އެއްވެސް އަންހެންކުއްޖެއްގެ މައިންބަފައިންނަށް ހުށަހަޅަން ސެލީނާ ޖެހިލުންވެއެވެ. ބައެއްފަހަރު މައިންބަފައިން ކުރާ ކުށްތަކުގެ އަގު ދަރިން ދައްކަން ޖެހިދާނެ ދުވަހެއްވެސް އައިސްދާނެކަން ސެލީނާ ދަނެއެވެ. އޭނަގެ ފާފައިގެ ބުރަދަނުގެ ސަބަބުން ރަފާއިލްގެ ދިރިއުޅުން ބަރުބާދުވެދާނެތީ މިއަދު ސެލީނާ ވަނީ އެކަމާއި ވިސްނަން ޖެހިފައެވެ.
ރޭ ސްނޯ ފޭބިލެއް ބޯކަމުން ހިނގަން އޮތް މަގުވެސް އޮތީ ގަނޑުފެނުން ފުރިފައެވެ. އިއްބާނު މާ ކުރާހިތްވާ ކަމަކަށްވާތީ އެހެން ބަޔެއްގެ އެހީ ހޯދަން ނޫޅެ ޝޮވެލް ކުރަން ފެށުމުން ރަފާއިލް އާއި މިހުރާން ބައިވެރިވިއެވެ. ރަފާއިލް އާއި އިއްބާނު މަޖާވެލާފައި ޝޮވެލް ކުރާތީ އެ މަސައްކަތް ކުރާހިތުން އުޅުނެވެ.
"ހިތްބަލިކުދިން ފިނީގައި ބުރަކޮށް އުޅޭކަށް ނުވާނެ......" ރަފާއިލް އެއްގޮތަކަށް ވެސް މިޝެލިން އެހާ ބުރަކޮށް މަސައްކަތް ކުރާކަށް ގަބޫލެއްނުވިއެވެ. އިއްބާނު ހުރީ މަޖާވެފައެވެ. މިޝެލިން ފާޑަކަށް ލޮލެއް ގޮތެއް ހަދާލާފައި ސްނޯފުންޏެއްގެ މަތީގައި ކޮފީ ބޯން އިނދެ ދޭތެރެއަކުން ރަފާއިލްއަށް ޖެއްސުން ކުރަން ކޮންމެވެސް އެއްޗެކޭ ބުނެލައެވެ. ކެހެރި ހެދުމަކާއި ޖިންސަކާއި އެކު ކަރުގައި އެކިކުލަ ހުރި ސްކާފެއް އޮޅާލާފައި ރަތްކުލައިގެ ތޮތްޕެއް އަޅާލައިގެން ހުރުމުން މިޝެލިން ފެންނަނީ މޮޑެލްއެއް ފަދައިންނެވެ. ކޯތާފަތަށް މަޑު ފިނިފެންމާކުލަ ވެރިވެފައި ހުރުމުން އެހާ ލޯތްބެވެ.
ރަފާއިލް ދިޔަފަހުން އިއްބާނު މަޑު ސްނޯ ގެ މަތީގައި "އައިލަވް ޔޫ ބޭބީ" އަޅަނިކޮށް މިޝެލިން ފޮޓޯނެގީ އެ ރީތި ދުވަހުގެ ހަނދާނަކަށެވެ. ކޮންމެ ދުވަހަކު އިއްބާނުގެ ފަރާތުން އެފަދަ ލޯބި ހަދިޔާއެއް ނޫނީ ހަނދާނެއް ރައްކާކުރަން ދެއެވެ. މިޝެލިންގެ ހަޔާތުގެ ކޮންމެ ދުވަހެއް ވޭތުވެގެންދާނީ މިގޮތަށް ކަމުގައި ހީކުރެވުނެވެ. އަބަދާ އަބަދު މިޝެލިން ހީ ހީ ހުންނަތަން ފެނުމުން އެގޭގެ ދިރުމަކީ އޭނަކަމަށް ހީކުރެވިފައިވެއެވެ. އެހެން މީހުންނަށް އެ އުފާވެރިކަމުގެ އަސަރު ކުރުވާފައިވެއެވެ.
އިއްބާނު އާއި މިޝެލިން ލޯބިން ފުރިގެންވާ ދުވަސްތައް ހޭދަކުރަމުން ދަނިކޮށް ފިނި މޫސުމް ނުދެނެ ތިއްބާ މާޒީއާއި އެކުވެގެން ހިނގައްޖެއެވެ. އެތައް ރީތި ހަނދާންތަކަކާއި އެކުގައެވެ. ބަހާރު ގެ ރީތިކަން ހުރިހާ ދިމާލަކުން ފެންނަން ފެށީ މަޑުންނެވެ. ވިރެމުންދާ ސްނޯތަކުގެ ތެރެއިން ބޯދިއްކޮށްލި ޑެފޮޑިލް، އަދި ސްނޯޑްރޮޕް ތަކުން ފެށިގެން ގަސްތަކުގައި ކުރިލާ ހެދެން ފެށިއެވެ. އިއްބާނު އާއި މިޝެލިން ކޮލެޖް އެސައިންމެންޓްތައް ނިންމާލާފައި އެފްބީއަށް ވަދެގެން ތިބިއިރު އިއްބާނު މިހާރު ދެކޭ ހުވަފެންތައް މިޝެލިންއަށް ކިޔައިދިނެވެ. އިއްބާނު ބޭބީއެއް ހޯދަން ބޭނުންވާކަމުގައި ބުނެލުމުން މިޝެލިންގެ ހިތުގައި އުފާވެރިކަމުގެ ވިންދުޖަހާލައިފި އެވެ. ނިކަން ފޮނި އިހުސާސްތަކެއް ކުރެވުނެވެ. ދެތިން ކުދިން ތިބުމަކީ އިއްބާނުގެ ހުވަފެނެވެ. އަދި އަންނަ މަހު އުމްރާއަށް ދާން ގަސްތުކުރާކަމަށް އިއްބާނު ބުނެލިއެވެ. މިފަހަކަށް އައިސް އަބަދުހެން އިއްބާނު ގުރުއާން ކިޔަވާތަން ފެނެއެވެ. އެންމެ ނަމާދެއް ވައްޓައިނުލާ ކުރެއެވެ. ޑްރަގް ނެގި ޒުވާނަކުވެސް ވަރުގަދަ އަޒުމެއް ހުރިއްޔާ ރަނގަޅުވެ އީމާންތެރި މީހަކަށް ވެވިދާނެކަމުގެ މިސާލެކެވެ.
"ރަފޭލް އެމެރިކާއަށް ދިޔައީ ކީއްކުރަންތަ؟ " މިޝެލިން ރަފާއިލްގެ މަތިން ހަނދާންވީ ކުއްލިއަކަށެވެ.
"ގާލްފްރެންޑެއްގެ ގާތަށް ޖައްސާލީ ކަމަށްވާނީ، އޭނަގެ ފްރެންޑުން އުޅޭނީ އެތާގައެއްނު، ބުނި އަހަރެންގެ ބާތްޑޭއަށް އަންނާނަމޭ، އެހާ ދުރުގައި ހުރެގެންވެސް އަމުރުކޮށްފައި ބުނާނެ އަދި އަހަރެން ކުރީގެ އެކުވެރިންނާއި އެއްވެސް ގުޅުމެއް ބާއްވައިގެން ނުވާނެއޭ، ޝެލްއާއި ދެމީހުން އެއްވަރަކަށް އެކަމާއި ބިރުން އުޅޭ، ރަފޭލް އަސްލު ވަރަށް ކެއަރިން ފްރެންޑެއް، އެހެން މީހުން އެގޮތަށް ނުވިސްނާނެ، އެހެންނޫނަސް އަހަރެން ދެނެއް ބަދަލެއްނުވާނެ، ޑްރަގްއަށް ވުރެ އެހެން ކަންތައް މާ މުހިއްމު، އަހަރެންވެސް ޝެލް އާއި ފެމިލީއަށް ވިސްނާނަން، ބޭނުމެއްނޫން ޝެލްގެ ހާޓް ބްރޭކްކޮށްލަން....." އިއްބާނު ބަންޑުން އޮތްވާ މިޝެލިން ބުރަކަށިމަތީގައި ޖައްސާލި ގޮތަށް ދެމީހުންގެ ކޯތާފަތްވަނީ ޖެހި ފިތިފައެވެ. ދޭތެރެއަކުން މިޝެލިންއަށް އިއްބާނުއަށް އުދަގުލެއް ކޮށްނުލާ ނުހުރެވެއެވެ.
އިއްބާނު އެ ޑްރަގް ޑީލަރުންނާއި އެކުވެރިވާން ވެއްޖެއްޔާ އެއީ ހަގީގަތުގައި އިއްބާނުގެ މުސްތަގުބަލުގެ ހަލާކެވެ. ނަމަވެސް މިޝެލިންއަށްވެސް އިއްބާނު ދެން ޑްރަގާއި ކާރި ނުވާނެކަމުގެ ޔަގީންކަން އޮތެވެ. އެއަށްވުރެ އިއްބާނުގެ އީމާންތެރިކަން ވަރުގަދައެވެ.
ރަފާއިލް އެންމެ ފަހުން އޭނަގެ މަންމަގެ ގާތަށް ދިރިއުޅުން ބަދަލުކޮށްފިއެވެ. އެގެ ހުންނަނީ ހިނގާފައި ދެވޭ ހިސާބުގާތުގައެވެ. ދޭތެރެއަކުން ރަފާއިލް އޭނަގެ ބައްޕަގެ ގެއަށް ޒިޔާރާތް ކުރަނީ މަދުފަހަރެއްގައެވެ. އުފަލުން ހިނިތުންވޭވޭ ހުންނަ މިޝެލިން ރަފާއިލް ފެނިލާވަގުތު ކޮންމެވެސް ވަރަކަށް ހަމްދަރުދީވާގޮތްވާން ފެށިއެވެ. ރަފާއިލްގެ ރީތި ދެލޮލުން އަބަދު ނުފިލާ ހުންނަ ރިހުމެއްވާކަން އޭނަ ދަނެއެވެ. ފަހަކަށް އައިސް އޭނަ މިޝެލިން ގާތުގައި އެފަދަ އެއްވެސް ވާހަކައެއް ނުދައްކައެވެ. ސަމާސާ ކުރުން ހުއްޓާލާފައި ތަންކޮޅެއް ދުރުހެލިވެގެން އުޅެން ފެށުމުން އެދޭތެރޭގައި އަނެއްކާ ބީރައްޓެހިކަމުގެ ފާރެއް ލެވުނެވެ. އޮޅިގެން ދެމީހުންގެ ހަތަރުކަޅި ހަމަވިޔަސް ރަފާއިލް އަވަހަށް ނަޒަރުވަކިކޮށްލާ ގޮތުން މިޝެލިން ކަންބޮޑުވެއެވެ. ރަފާއިލްގެ ހިތުގައި އަދިވެސް ލޯބި ނުވާނަމަ އެގޮތަށް ހަދާނެހެއްޔެވެ؟ މިޝެލިންއަށް އެކަމާއި އުދަގޫވެގެން އިއްބާނުގެ ގާތުގައި ޝަކުވާކުރިޔަސް އިއްބާނު ކޮށްލާނީ ސަމާސާ އެކެވެ. ރީތި ކުދިންދެކެ ލޯބިވާނެ މީހުން ތިބޭނެކަމަށާއި އެކަމާއި ކުރާނެ މާބޮޑުކަމެއް ނެތްކަމަށް ބުނަނީ ވަރަށް ހަމަޖެހިލައިގެން ހުރެއެވެ.
ރަފާއިލްހާ ރީތި މީހަކު އެހާ ނާކާމިޔާބު ވާނެކަމަށް އިއްބާނު ނުދެކޭކަމަށް ބުނުމުން މިޝެލިންގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. އެހެންނޫންނަމަ އޭނައަށް ހުރެވެނީ ޝައްކުން ފުރިފައެވެ. ރަފާއިލް ގޯހެއް ނަހަދާނެބާވައެވެ. އުދަގުލެއް ނުކުރާނެ ބާވައެވެ. އިންސާނުންގެ ގޮތެއް ނޭގޭނެއެވެ. ރަފާއިލް އެގޮތަށް ހުހަށް ހުރުމުން އޭނަގެ ހިތް ބިރުގަންނަނީ އެހެންވީމައެވެ.
ޒިލާ މިރޭ ބަނޑުގައި ރިއްސާތީ ހޮސްޕިޓަލަށް ދިޔަގޮތަށް އާއިލާގެ ގިނަމީހުންވީ އެތަނުގައެވެ. މިޝެލިން ގެއަށް އައީ ބޮލުގައި ރިއްސަން ފެށުމުންނެވެ. ރޭ ރަނގަޅަށް ނުނިދުނީމަ ކަންނޭގެއެވެ. ފާޑެއްގެ ބިރުވެރި ހުވަފެނެއް ފެނުނުގޮތަށް އޭނައަކަށް ނުނިދުނީ ކީއްވެކަމެއް ނޭގުނެވެ. އިއްބާނު އާއި މިޝެލިން އެކީގައި ގެއަށް ވަންއިރު ރަފާއިލް ބޮޑުކޮޓަރީގައި ކޮންމެވެސް ޕްރޮގްރާމެއް ބަލަން އިނެވެ. އޭނަ މިޝެލިންގެ މޫނަށް ބަލައިނުލިކަން މިރޭ މިޝެލިން ފާހަގަކުރިއެވެ. އޮޅިގެން ހަތަރުކަޅި ހަމަނުކުރަން ހުވާކޮށްގެން އިނީ ހެން ހީވެއެވެ. ނޫ ޖިންސަކާއި ކަޅުކުލައިގެ ކޮޓްން ގަމީހެއްލައިގެން އިންއިރު ރީތިވެފައި އަޅައިގަންނަގޮތެއް ހުއްޓެވެ. ރަފާއިލް އިއްބާނުއަށް ވުރެ މާ ސީރިޔަސްވެފައި ހަރު ގޮތެއްހުރެއެވެ. ފިރިހެންވަންތަކުގެ ރީތި ނަމޫނާއެކެވެ. އޭނަގެ މޫނުމަތީގެ ކޮންމެ ސިފައެއް ފާޅުކޮށްދެނީ އޭނަގެ ފުރިހަމަ ޝަޚުސިއްޔަތެވެ. ފިރިހެނުންވެސް ޖެހިލުން ކުރުވާފަދަ ގޮތެއް އޭނަގެ މޫނުމަތީގައި ހުރެއެވެ. އާއިލާގެ އެތައް އަންހެންކުދިންގެ ހުވަފެންތަކުގެ ރަސްގެފާނަށް އޭނަ ވެފައިވާއިރު އޭނަގެ ހިތުގައި އެހެން ކުއްޖަކަށް ޖާގަ ވާހެނެއް ހިޔެއްނުވެއެވެ.
މިޝެލިން މަޑުކޮށްނުލާ ސިޑިން އަރައިގެން މައްޗަށް ދިޔައީއެވެ.
"ރަފޭލް، ފަހަރި ދެކެލާކަށް ނުދަންތަ؟ " އިއްބާނު ރަފާއިލްގެ ގާތުގައި ޖައްސައިލިއެވެ.
"ބޫ، އަހަރެން ކުޑަކޮށް ބަލިވީމަ ގެއަށް މިއައީ، ނޭގޭ މައިގްރެއިން ހެން ހީވަނީ، އުދަގޫގޮތަކަށް ބޮލުގައި ރިއްސަންފެށީމަ ގެއަށް އައީ، މިހާރު ބޭސްކައިގެން އަދި ދާންކަމަށް މިއުޅެނީ. ބޫ ވެސް ތިހިރީނު ގޭގައި. ކޮން އެކްސްކިއުޒެއް އޮތީ........." ރަފާއިލް ހީވަނީ އޭނަ ހުން އަންނަން އުޅޭހެންނެވެ. މިފަހަކަށް އައިސް ކެއުމާއި، ނިދުމަށް ބަލައިލުމެއްނެތި އުޅުމާއި، ފިކުރުބޮޑުވުމުގެ ސަބަބުން އޭނަގެ ދިފާއީ ނިޒާމު ބަލިކަށިވީ ކަންނޭގެއެވެ.
"ރަފޭލް ގޭގައި މަޑުކޮށްލަންވީނު، އަހަރެން އަންނާނަން އަދި ބޭރަށް ގޮސްލާފައި..." އިއްބާނު ތެދުވެގެން ދާން ހިނގައިގަތުމުން ރަފާއިލް ހީލިއެވެ.
"ބޫ ޝެލް އެކަނިކޮށްލާފައި ނުދޭ، އެހެންނޫނަސް ޝެލް ހޭލެވިގެން ބޭރަށް އަންނައިރު އަހަރެން ފެނުނީމަ ހިތްހަމައެއް ނުޖެހޭނެ، ޝެލް ވަގުތުން ރޯން ފަށާނީ، ކޮންމެ ކަމެއް ބެން ތިނަގަނީ ވަރަށް ސިމްޕަލްކޮށް، އެއްވެސް މީހަކަށް ތިގޮތަށް އިތުބާރުނުކުރޭ، އެހެންނޫނަސް އަހަރެން ޓްރަސްޓް ނުކުރަން ބެންގެ ފްރެންޑުންނަށް، ކޮންތާކަށް ދާން ތިއުޅެނީ؟ ބައެއްފަހަރު ހިތަށް އަރާ އަހަންނޭ ރެސްޕޮންސިބްލް ވާނީ ބެންއަށް ކަމެއް ވެއްޖެއްޔާ......" ރަފާއިލް ހެޔޮއެދޭ ބޭބެއެއްފަދައިން ވާހަކަ ދެއްކުމުން އިއްބާނު ހީލިއެވެ.
އިއްބާނުގެ ރީތިކަމާއި އެއްވަރަށް އެ ހިތްހެޔޮކަމާއި ރަނގަޅުކަމުން ނުބައި ދިމާލަށް ދިޔުމުގެ ފުރުސަތު އޮވެދާނެކަން ރަފާއިލްއަށް އެނގެނީއެވެ.
"ޑޯންޓްވޮރީ ރަފޭލް އަހަރެން ނުދާނަމޭ އެމީހުން ކާރިއަކަށް، ޑްރަގް ނެގުން ހުއްޓާލުމުން އަހަރެން މިހިރީ ފްރީވެފައި، ދެން އެހާ މޮޔަކަމެއް ކޮށްފިއްޔާ އަހަރެން ގެ ގްރޭވް އަތުން ކޮނުން ކަމަށްވާނީ، އެނީވޭސް ރަފޭލް ހާ ރަނގަޅު ބޮޑީގާޑެއް ޝެލްއަކަށް ނުލިބޭނެ......." އިއްބާނު އެއްލޯ މަރާލާފައި ސިޑިން އަރައިގެން ދިޔުމުން ރަފާއިލް އިނީ ހައިރާންވެފައެވެ. މިޝެލިން ނިދީމަ އިއްބާނު ދާންއެއުޅެނީ ކޮންތާކަށް ހެއްޔެވެ؟ މިޝެލިން ކުޑަކުއްޖެއްހެން އިއްބާނުއަށް ފާރަލައިގެން ހިޔަނިހެން ފަހަތުގައި ހުންނާތީ އިއްބާނު ބޭނުންހާ ގޮތަކަށް ނޫޅެވޭތީ ކަންނޭގެއެވެ. ފަހަރެއްގައި އިއްބާނު އެކުވެރިން ކައިރިއަށް ޖައްސާލަނީ ކަންނޭގެއެވެ. ކުށްހީއަކީ ފާފައެކެވެ.
އިރުކޮޅެއްފަހުން އިއްބާނު ނުކުމެގެން ދިޔުމުން އެބޮޑު ގޭގައި ރަފާއިލް އާއި މިޝެލިން އެކަނިވިއެވެ. ކާފަގެ ދެމަފިރިން ތިރީބައިގެ ކޮޓަރިއެއްގައި ނިދާފައި ތިއްބަސް އެ މީހުންނަކީ ގޭގައި ނެތްބަޔެކޭ ބުންޏަސް ރަނގަޅުވާނެއެވެ.
ރަފާއިލް ކާކޮޓަރިއަށްވަދެ ގެނައި ހޫނު ކޮފީއެއް ބޯންފެށިއެވެ.