އިއްބާނުގެ ހިތް ދީވާނާ ކުރުވާފަދަ، ރީތި ދެލޮލަށް ބަލަހައްޓައިގެން އިރުކޮޅެއް ވާންދެން މިޝެލިންއަށް ހުރެވުނީ ދުރު ބަލައިލަން ވެސް ނޭގިފައެވެ. އެލޮލުގެ ތެރެއަށް ގެނބިފައެވެ. ކުރުކޮށް ކޮށާލެވިފައިވާ އިސްތަށިގަނޑާއި، ގަދަ ބުމައިގެ ސަބަބުން ފިރިހެންވަންތަ ކަމާއި، ހިތްގައިމު ކަން އިތުރުވެފައި ވެއެވެ. އެކަމަކު ރީތި ސިފަތަކުގެ ނިވަލުގައި ފިލާ ހުރި ކެހިވެރިޔަކު ހަމަ ބުނެލާއިރަށް އޭނަ ވީ މާފުދޭން ހެއްޔެވެ؟ އޭރުން ދެން އޭނަ ރޮއްވާލާނެ ވަރެއް އެނގެނީއެއް ނޫނެވެ. 

"ނޭގޭ ބުނާނެ އެއްޗެއް...." މިޝެލިން އުނގުގައި އޮތް ބާލީސް މޭގައި ޖައްސައި ބާރުކޮށްލަމުން އެ ލެނބިފައިވާ އެސްފިޔަތައް ތިރިކޮށްލި ގޮތަކުން އިއްބާނުގެ ހިތަށް ގޮތެއްވިއެވެ. އޭނަގެ ފުރާނަ ފަދަ ލޯބިވާ ލޯބިވެރިޔާ އާއި އޭނަ އާއި ދެމެދު ނުތަނަވަސްކަމުން ފުރިފައިވާ ފާރެއް ލެވިއްޖެކަން އެވަގުތު ޔަގީންވިއެވެ. މިޝެލިން އެހެން އަންހެންކުދިންނާއި ހާސްބައި ތަފާތެވެ. އެހާ ފަސޭހައިން އޭނައަށް މާފެއް ނުކުރާނެއެވެ. ކެތްކުރާނީ ކިހިނެއް ހެއްޔެވެ؟ އޭނަގެ ހިތަށް ކެތެއް ނުކުރެވޭނެ އެވެ. 

އިއްބާނުގެ ފޯނު ވައިބްރޭޓްވާން ފެށުމުން އޭނަ ފޯނު ކަންފަތުގައި ޖަހާލައިފައި ކުޑަކޮށް ހީލިއިރުވެސް ނަޒަރު އަމާޒުވެފައި ވަނީ މިޝެލިންގެ މޫނަށެވެ. ފޯނު ނެގުމާއި އެކު ހެން އިއްބާނު ފޯނު ޖީބަށް ލަމުން ދާން އުޅުނު ގޮތުން އަވަސް އަރުވާލާފައި ހުރިކަން މިޝެލިންއަށް އެނގުނެވެ.

"ޝެލް، ގޭގައި ކުޑަ އިމަޖެންސީއެއް ދިމާވެގެން، އެބަ އަންނަން އިގޭ، ލަވް ޔޫ..." އިއްބާނު އެ ޖުމްލައަށްފަހު ފަތްތަރުމަތިން ހިނގައިގަތް ގޮތަށް ދުއްވައިގަތެވެ. އިމަޖެންސީއެއް ވިއިރު އެ ވާހަކަ ނުބުނެވުނީމަ މިޝެލިންގެ ހިތުގައި ޝައްކު އުފެދިއްޖެއެވެ. އިއްބާނު އެ ދިޔައީ ޔީވާ ގުޅައިގެން ހެއްޔެވެ؟

އެމެރިކާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ޔީވާގެ މައިންބަފައިން ނިޔާވި ޚަބަރު ލިބުމާއި ގުޅިގެން ޔީވާގެ ސިކުނޑިއަކަށް އެ ކަންތަކެއް ނަގައި ނުގަނެވުނެވެ. އެހެން ވުމުގެ ސަބަބުން "ބްރީފް ސައިކޯޓިކް ޑިސްއޯޑަރ" ގެ ޝިކާރަ އަކަށް ޔީވާ ވެ، މޮޔަ ހަރަކާތްތައް ކުރަން ފެށީއެވެ. އޭރު ޔީވާ ގާތުގައި ހުރީ އެލީސާ އެކަނި އެވެ. ޔީވާ ސަކަރާތް ވެގެން މޮޔައެއްހެން އުޅެން ފެށިއެވެ. އެކަނި ހުރެ ހަމަނުޖެހޭ ވާހަކަތަކެއް ދައްކާފައި ހޭން ފެށިއެވެ. އެލީސާ ބިރުން ހުރެފައިވެސް އެކަން ހުއްޓުވަން ވާހަކަދެއްކުމުން ޔީވާ ވަޅިއެއް ހިފައިގެން އެލީސާ ފަހައި ދުއްވައިގަތީއެވެ. އޭރު ސުލްތާނު އާއި ޒަހާރާ ފިޔަވައި އެހެން މީހަކު ގޭގައި ނޫޅޭތީ އެލީސާ ވަގުތުން އިއްބާނުއަށް ގުޅައިގެން ނުގެނައިނަމަ ޔީވާ ކަންތައް ކުރާނެގޮތެއް ލަފާކޮށްލާކަށްވެސް ނޭގެއެވެ. އިއްބާނު ފަހަތުން ގޮސް ޔީވާ ހިފަހައްޓާފައި ވަޅި އަތުލުމުން އަދި ބިންމައްޗަށް ވެއްޓިގަތީއެވެ. އިއްބާނުއަށް ޖެހުނީ އޭނަ އަތް ދަނޑިމައްޗަށް އުފުލާލައިގެން ގެންގޮސް ކާރަށް ލައިގެން ދުއްވައިލުމަށެވެ. 

ކާރުތެރޭގައި ބަންދުވުމުން ޔީވާ ކޮންމެވެސް ވަރަކަށް މައިތިރިވެ ހަމަޔަށް އެޅުނެވެ. ޔީވާ ހޮސްޕިޓަލަށް ގެންދިޔުމުން އޭނަގެ ގަޔަށް ޖެހި އިންޖެކްޝަންގެ ސަބަބުން ނަސީބަކުން ހަމަޔަކަށް އެޅިގެން ނިދާލެވިއްޖެއެވެ. 

އެލީސާގެ އެންމެ ގާތް އެކުވެރިޔާގެ ދަރިފުޅަށް ވީމަ އެލީސާ އަކަށް އެއްގޮތަކަށް ވެސް އެކުއްޖާ ހާލުގައި ޖެހުނު ދުވަހު އަޅާނުލައި ދޫކޮށްލާކަށް ނުކެރުނެވެ. އޭނަގެ އަންހެން ދަރިއެއް ނެތުމާއި އެކު އަމިއްލަ ދަރިއަކަށް ހަދައިގެން ގެންގުޅެވިދާނެތާއެވެ. ޔީވާގެ ގާތް އެހެން ބަޔަކު ތިބީއެއް ނޫނެވެ.

މިޝެލިންއަށް ޔީވާގެ ޚަބަރުތައް އެގުނީ ޒަހާރާގެ ފަރާތުންނެވެ. މިޝެލިންއަށް ނުވިސްނުނީ އިއްބާނު ޔީވާ ގޮވައިގެން ހޮސްޕިޓަލަށް ދާން ޖެހުނު ސަބަބެކެވެ. އެކަމާއި ވިސްނަން އެތައް އިރެއްވާންދެން އެނދުގައި އޮތްއިރު، ހެޑްސެޓް އަޅައިގެން ލަވަ އަޑުއެހީ ހިތުގައިވާ އުދާސްތައް އެގޮތުން ވެސް ބޭރުކޮށްލުމަށެވެ. ޓެއިލަރ ސްވިފްޓްގެ "ޝުޑް ހޭވް ސެޑް ނޯ" އަދި "ވައިޓް ހޯސް" ތަކުރާރުކޮށް އަޑުއަހަމުން ގޮސް އެ ދެލަވަ ހިތު ދަސްވިއެވެ. އެ ދެލަވައަކީ އޭނައަށް ޚާއްސަކޮށްފައިވާ ލަވައެއްހެން ހީވިއެވެ.

"ދަ ސްމައިލްސް ، ދަ ފްލާވަރސް
އެވްރީތިންގް އިޒް ގޯން
ޔަސްޓަޑޭ އައި ފައުންޑް އެބައުޓް ޔޫ
އީވަން ނައު ޖަސްޓް ލުކިން އެޓް ޔޫ ފީލްސް ރޯންގް...."

މިޝެލިން ބޭރަށް ދާން ތައްޔާރުވާން ހުރެ، ލަވަ ކިޔައިލިލެއް ރީތިކަމުން އަޑުއިވުނު މީހަކު ހައިރާން ވާނެ އެވެ. އެހާވެސް އެ އަޑު ފޮންޏެވެ. މާމުއި ކަންފަތަށް ވިރުވާ އަޅާފަދައިންނެވެ. 

ރީތި ދުވަހަކަށް ވާތީ ކުޑަދޮރުގައި ދަމާފައިވާ ފަށުވި ފަރުދާތައް ފުރާނާލައިފައި އިރުގެ ދޯދިތައް ކޮޓަރިއަށް ވަދެ އުޖާލާ ކުރިއެވެ. ވައިރޯޅިއަކަށް ފަހު ވައިރޯޅިއެއް ވަދެ މިޝެލިންގެ ދޮން ހަށިގަނޑުގައި ބީހިލުމުގެ އުފާ ލިބިގަންނަމުން ދިޔައެވެ. މިޝެލިން އޭނަގެ ދޮންކަމާއި ގުޅޭފަދަ މަޑު ފިޔާތޮށި އަދި ރީދޫކުލައިގެ ޓީޝާޓަކާއި، ކަޅު ޖިންސެއްލައިގެން އިސްތަށިގަނޑު ސްކާފުން ފޮރުވާލި ވަގުތު ހަނދާންވީ، އިސްތަށިގަނޑު ދެކިލާ ހިތުންވެސް އިއްބާނު ކުރާ އާދޭސް ތަކެވެ. މިވީހާތަނަށް މިޝެލިން ދީފައިވަނީ ބީރު ކަންފަތެކެވެ. މިޝެލިން ގެ ހުރިހާ ރީތިކަމެއް އިއްބާނުއަށް މިލްކުވާން އޮތީ އެކަނި ކައިވެންޏަށް ފަހުގައެވެ. އެކަމަކު ދެން އިއްބާނުއަށް އޭނަ ކާމިޔާބު ވާނެ ހެއްޔެވެ؟ ޔަގީނުންވެސް އިއްބާނު ޔީވާ އާއި އެކީގައި އެފަދަ ގުޅުމެއް ބޭއްވި ކަމަށް އެއްބަސްވާ ދުވަހަކީ އޭނަ އާއި އިއްބާނުގެ ގުޅުމުގައި ނިމުމުގެ ސިއްކަ ޖެހިގެން ދާނެ ދުވަހެވެ. 

މިޝެލިން ގޯލްޑެން ފްލޭމްގެ ގޭޓުން ވަންނަ އިރަށް އިނގިރޭސި ލަވައެއްގެ އަޑު ކަންފަތުގައި ޖެހުނެވެ. ޒިލާ ސޯފާ އަކަށް ގެނބިގެން ޓީވީ ޗެނެލްއަކުން ދައްކާ ލަވައެއް ބަލަން އޮވެލާފައި ވެސް މިޝެލިން އާއި ދިމާލަށް ނުރުހުމުގެ ނަޒަރަކުން ބަލާލައިފި އެވެ. އެކަމަކު މިޝެލިން ގާތުން ދަސްކޮށްގެން އޭނަވެސް ހުރީ އަނގައިން ނުބުނަން ހުވާކޮށްގެން ކަންނޭގެ އެވެ. ޒިލާ މޫނު އަނބުރާލާފައި ޕޮޕްކޯން ކޮތަޅަށް އަތް ބޭނިއެވެ. ޒެފަން ކޮންމެވެސް މީހަކާއި ހަވާލުކޮށްލާފައި ޒިލާ އޮންނަނީ އަބަދު ކަންނެތް ވެގެން ތަނަކަށް އެއްލިގެންތާއެވެ. މިއީވެސް ދިރިއުޅުމެއް ހެއްޔެވެ؟ ޒިންމާތަކެއް އޮންނަން ޖެހޭނެ ނޫންހެއްޔެވެ؟ މިޝެލިން ވިސްނައިލި އެވެ. 

މިޝެލިން މަޑު ދޫލަމަތީގައި، ހުސްފަޔާއި ހިގަމުން ދޫލައިގެ މަޑުކަން އިހުސާސްކުރަމުން ސިޑިން އަރައިގެން ދިޔައީ އިއްބާނު ދެކިލާހިތުން ހިތަށް ކެތްނުވެގެންނެވެ. ސިޑީގެ ވަކި ހިސާބަކަށް ދިޔަތަނާ އޭނައަށް ބެލްކަނިން ޔީވާ ވާހަކަދައްކާ އަޑު އިވުމުން މިޝެލިން ސިހިއްޖެއެވެ. އޭނަ ދެތިން ފަތްތަރު ގިރާކުރުމުން ޔީވާ ފެނުނެވެ. ޔީވާ ހުރީ އަނެއްފަރާތަށް އެނބުރިގެން ރެއިލިންގައި ބަނޑު އަޅާލައިގެންނެވެ. އެ ހަށިގަނޑުގެ ރީތިކަން ވަނީ ހާމަޔަށެވެ. ކޮންމެ އަންހެންކުއްޖަކު ވެސް އެފަދަ ހަށިގަނޑެއް ލިބުމަށް އެދޭނެއެވެ. ގަޔަށް ބާރު ޓީޝާޓް ކޮޅަކާއި، ޖިންސެއްލައިގެން ހުރިއިރު ޖިންސް އިޝްތިހާރެއް ފަދައެވެ.

"ބެން އަށް ނޭގޭތަ؟ އަހަރެން ހެނދުނު ވޮމިޓްވެ، ވަރުބަލި ވަނީ ހަމަ ޕްރެގްވީމަ، މިނޫނިއްޔާ މިގޮތަށް އުދަގުލެއް ނުވޭ، އައިމް ޝުއަރ، ކޮންމެ ގޮތެއް ވިޔަސް ދެމީހުންގެ ދޭތެރޭގައި ގުޅުން ނެތްކަމަކަށް ނުވާނެ، އެފަދަ ކަމެއް އެންމެ ފަހަރަކު ކުރިޔަސް ދަރިއެއް ލިބޭނެ، ވީއިރު ޓޫ ޓައިމްސް........" ޔީވާ ހުރީ ހެވިލާފައެވެ.

"ޝަޓަޕް......." އިއްބާނުގެ އަޑު އިވުނެވެ.

"ބެން ރުޅި އަންނާނީއެއް ނޫން، ކުށްކުރީ އެކަނި މަށެއް ނޫން، ދެމީހުން ބައިވެގެން ކުރިކަމެއްގެ ފާފަ އެކަނި މަގޭ ބޮލުގައި ނާޅުވާ، ތިއީ ހަމަ ފިރިހެނުންގެ ފާޑު ދޯ، އަންހެންކުދިން ވާނީ ނާސިންނަށް، ބޯއި އެއްވީމަ ކިތަންމެ މީހުންނާއި އެކު ގުޅުން ހިންގިޔަސް ނާސި އަކަށް ނުވާނެ، އެ އޯކޭވާނެ، އެކަމަކު ކިހާ އަންފެއަރ، ޓޯޓަލީ އަންފެއަރ...... " ޔީވާ ބުނެލިއެވެ.

"އެއްވެސް މީހަކު ޔީވާ ތި ކިޔާ އެއްޗެއް ގަބޫލެއް ނުކުރާނެ، ޔީވާ ސްލީޕް ކުރީ ކިތައް މީހުންނާއި އެކު ކަން މަގޭ ގާތުގައި ބުނަން ކެރޭނެތަ؟ ވީމަ އަހަރެންގެ ދަރިއަކަށް ޔީވާ ބަލިވެ އިންނަން ޖެހޭ ސަބަބެއް އަހަންނަކަށް ނުވިސްނޭ، ޔީވާ ތިއުޅެނީ އަހަރެން ބްލެކްމެއިލް ކުރަންތަ؟ ނުވާނެ ތިކަމެއް...." އިއްބާނު ފާޑަކަށް ހީލިއެވެ.

"ނުވާންވީ ކީއްވެތަ؟ ބެންގެ ދަރިއަކަށް ނުވާނެ ކަމުގެ ގެރެންޓީއެއް ބެންއަށް ދެވިދާނެތަ؟" ޔީވާ ހޭންފެށިއެވެ.

"އަހަރެން ޓްރޯޖަން ޔޫޒް ކުރިން...." އިއްބާނު ހަމަޖެހިލާފައި ބުނެލި އެވެ.

"ޔޫޒް ކުރީ ޖުރެކްސް، އެކަމަކު އެއްވެސް އެއްޗަކުން ސަތޭކަ ޕަސެންޓް ޕްރޮޓެކްޝަން ނުދެވޭނެ ކަން ބެންއަށް ނޭގެނީތަ؟ އެހެންނޫނަސް އަހަރެން މިއިން ޒަމާނެއްގައި ވެސް ބޯއި އަކާއި އެކު ސްލީޕް ނުކުރަމޭ ބުނެފިއްޔާ ގަބޫލުކޮށްފާނަންތަ؟ އިޓް ވޯޒް އޮންލީ ވިތް ޔޫ...... ބެން..... ބެން އަކަށް ނޭގޭނެ އެރޭ ސްޕެޝަލް ވިވަރެއް، އުމުރުގައި އެންމެ އެންޖޯއި ކުރެވުނު ރެއަކީ އެއީ....." ޔީވާ ތަންކޮޅެއް މަޑުމަޑުން ބުނެލައިފި އެވެ. 

ލޯބިވެރިން ނޫނީ އެހާ ޖަޒުބާތީވެ، ސިއްރުން ވާހަކަތަކެއް ނުދައްކާނެއެވެ. ދުނިޔެއަށް ސިއްރުން އެފަދަ ބަސްތައް އިއްބާނު އޭނަގެ ގާތުގައި ބުނެލާ ގޮތަކުން އެކަނިވެސް މިޝެލިން ގެ ހިތް ދީވާނާ ކުރުވި ދުވަހެއް އައެވެ. ވީއިރު އެހެން މީހަކަށް އެ ހައިސިއްޔަތުން އިއްބާނު އާއި ވާހަކަ ދެއްކިގެން ނުވާނެއެވެ. އެކަމަކު މިޝެލިން އަށް ނުވެވުނުހާ އިއްބާނު އާއި ގާތްވި މީހަކީ ޔީވާ އެވެ. އޭނަވެސް ނުދާ ހިސާބަކަށް އިއްބާނު އާއި އެކު ދިޔައީ ޔީވާ އެވެ. އިއްބާނު އަކީ އެކަނި އޭނަގެ ހައްގަކަށް ދެން ހެދޭނެ އެއްވެސް ގޮތެއް ނެތެވެ. ޔީވާ އޭނަގެ އަތުން އިއްބާނު ފޭރިގެންފިއެވެ. ހިތުގައި ޖެހުނު ވަރުން މިޝެލިންގެ ހިތް އެތެރެ އެތެރެއިން ރޮއިގަތެވެ. ސިކުނޑި ތެރެއިން އެއްޗެއް ގޮވައި ކުދިކުދިވެގެން ދިޔަ ފަދަ ނުބައި އިހުސާސެއް ކުރެވުނެވެ. އޭނައަށް ހުރިހާ އެއްޗެއް އޮޅުން ފިލައިފި އެވެ. އިތުރަށް އަޑުއަހަން ބޭނުންވާ އެއްވެސް އެއްޗެއް ނެތެވެ.

މިޝެލިން ފަހަތަށް ޖެހުނީ އަނގަމަތީގައި އަތް އަޅައިގެން ހުރެއެވެ. އޭނަ އެމީހުންނަށް ނުފެނި ދުއްވައި ގަތުމުން ސިޑި ކައިރީގައި ހުރި ވަށިގަނޑުގައި ފައި އަޅައިގެންފައި ވެއްޓުނީ އޭނަގެ ނަސީބު ދެރަކަމުން ކަންނޭގެ އެވެ. މީހުންގެ ސިއްރު އަޑުއަހަނިކޮށް ރީއްޗަށް ބޭޒާރުވީއެވެ. އަޑުފަށްގަނޑެއް އިވުމުން އިއްބާނުވެސް ބެލްކަނީން ދުވެލާފައި އައިއިރު މިޝެލިން ބިންމަތީގައި އޮތްތަން ފެނުމުން އަވަހަށް ގުދުވިއެވެ. މިޝެލިން އިއްބާނުގެ އަތް ދުރަށް ޖައްސާލާފައި ތެދުވުނު އިރު އެ މޫނު ހީވަނީ ރަތްކަމުން އަލިފާން ކޮޅެއް ހެންނެވެ. އެ ހާލުގައި ހުރެވެސް އިއްބާނުގެ ރީތި ކަމަށް ބަލައިލާފައި މިޝެލިންގެ ހިތް ތައުރީފުކުރިއެވެ. އިއްބާނު ލައިގެން ހުރި ތުނި ކޮޓްން ގަމީހުގެ އަތުކުރި އޮޅާލާފައި، ކަޅު ޖިންސެއްލައިގެން ހުރުމުން ހާދަ ފިރިހެންވަންތައެވެ. ހިތް ހަލާކުކޮށްލާހާ ފުރިހަމައެވެ. އެ ފުޅާ މޭމަތީގައި ބޯ އަޅާލާފައި ހިތް ފުރެންދެން ރޯލަން މިޝެލިންގެ ހިތް ބުނި އަދަދެއް ނޭގެއެވެ. އެކަމަކު އިއްބާނު ކިތަންމެ ރީއްޗަސް އެއީ ޔީވާގެ މީހެކެވެ. އޭނަގެ އެއް ނޫނެވެ. އޭނަގެ އުފާތައް ސައިބޯނި ބޮތްކެއްފަދައެވެ. އިރުކޮޅަކު ރީތި ކުލަތަކުން ހިތް އުފާކޮށްދިނުމަށްފަހު ފަޅައިގެން ދިޔައީއެވެ.

"ދުރުގައި ހުރޭ......" މިޝެލިން އަމުރުވެރި ގޮތަކަށް އެހެން ބުނުމާއި އެކު ލޮލުގައި ކަރުނަ ތިކިތައް ވިދާ ބަބުޅަން ފެށިއެވެ. މިޝެލިން ދާން ހިނގައިގަތުމުން އިއްބާނު ފަހަތުން އައިސް ކުރި ބެއްދިއެވެ. އިއްބާނު އަތުގައި ހިފުމުން މިޝެލިން އެ އަތް ނައްޓުވަން މަސައްކަތް ކުރި އިރު ހިތް ހީވީ ފަޅައިގެން ގޮސްދާނެ ހެންނެވެ. އޭނަ އަޑު ވީއްލާފައި ރޮވިދާނެތީ ތުންފަތުގައި ދަތް އަޅައިގަތެވެ. އޭރުވެސް ކަންފަތުގައި ގުގުމަނީ ޔީވާގެ ލަފުޒުތަކެވެ.

"ބޭބީ، ވީ ނީޑް ޓު ޓޯކް....." އިއްބާނު މިޝެލިންގެ ނާޒުކް އަތުގެ މުލައްދަނޑީފައި ހިފަހައްޓާލައިގެން ހުރިލެއް ބާރުކަމުން އޭނަގެ އަތަށް ތަދުވާން ފެށިއެވެ. އިއްބާނުއަށް އަމިއްލަ ބާރު އިހުސާސް ނުކުރެވެނީ ކަންނޭގެ އެވެ.

"އަހަރެން ބޭނުމެއް ނޫން އިތުރު އެއްވެސް އެއްޗެއް އަޑުއަހާކަށް، އަތުން ދޫކޮށްލާ....." މިޝެލިން ނުދާން ގަދަހެދީމަ އިއްބާނު އަށް މަޖުބޫރުވީ ބާރުގެ ބޭނުން ކުރުމަށެވެ. އޭނަ މިޝެލިންގެ މެދުހަށީގައި ހިފާފައި އުފުލާލައިގެން ގޮސް ކޮޓަރިއަށް ވަދެ ދޮރު ތަޅުލުމުން މިޝެލިން ބިރުން ހިތް ރޫރޫއަޅައި ގަތުމާއި އެކު ހައްތަހާ ބޮޑަށް ރޮވިއްޖެއެވެ. އިއްބާނުއަށް އޭނަ ކުރި އިތުބާރު ގެއްލިފައިވާއިރު ދެން މިގޮތަށް އެކަނިވާން ކެރޭނީ ކިހިނެއް ހެއްޔެވެ؟ އޭނަ ދެކޮޅު ހަދަން ފަށައިފިއްޔާ އިއްބާނު ހަދާނެ ގޮތެއްވެސް އެގެނީ އެއް ނޫނެވެ. 

"ސޮރީ ބޭބީ، އަހަންނަށް އެގޭ ޝެލް ދެރަވާނެކަން އެކަމަކު އަހަރެން ނެތިން އޮޅުވާލާކަށް، އަހަންނަށް އެ ގޯސް ހެދުނު، އެކަމަކު އެއީ ސީރިޔަސްކޮށް ހިގިކަމެއް ނޫން، އަހަރެން ހަމަ ހޭގައި ހުރެގެން ކުރެވުނު ކަމެއް ނޫން، ނޫނީ އެވަގުތު ޑެވިލްގެ ބަހަށް ހެއްލުނީ، ޔޫ ނޯ ބޭބީ ސަމްޓައިމްސް އަމިއްލަ ނަފުސަށް ބާރު ނުފޯރުވި ހިގައިދާނެ، އެއީ ވިއްސާރަ ރެއެއް، އަދި އަހަރެން އެރޭ ހުރީ......." އިއްބާނު ކޮންމެވެސް އެއްޗެކޭ ބުނަން އުޅެފައި ހުއްޓާލި އެވެ. އޭނަ ޖިންސްގެ ޖީބަށް އަތް ޖަހާލައިގެން އެއްފައި މައްޗަށް ބުރަވެގެން ހުއްޓިލި ގޮތުން މިޝެލިންގެ ހިތްމަތީގައި ފައިއަޅާ ފިތާލިހެން ހީވިއެވެ. އަނިޔާވެރި ލޯބިވެރިއެކެވެ. އެހާ ބޮޑުކަމަކަށް އެއްބަސްވެފައި އެއުޅެނީ އާދައިގެ ކަމަކަށް ހަދާލާފައި މިޝެލިން ހައްލައިލުމަށެވެ.

"އެނގޭތަ؟ އެރޭ އަހަރެން ދަންވަރު އެ ރޫމަށް ދިޔައިރު ހުރިހާ ކަމެއް ފެނުނީ އަހަރެންގެ ލޮލުން......." މިޝެލިންގެ ލޮލުގައި އަނެއްކާ ކަރުނަ ގިނަވެގަތެވެ. 

"ވަޓް......" އިއްބާނު ހައިރާންވެ، އަންތަރީސް ވިވަރު، އަނގަޔަށް ހަދައިލި ގޮތަކުން އެނގުނެވެ. މިޝެލިންއަށް ފެނުނީ ކިހާ ވަރަކަށް ހެއްޔެވެ؟ އެ ފެނުނީ ކޮންމެ މަންޒަރަކަށް ވިޔަސް ހާދަ ހިތް ދަތިވާނެއެވެ. އެވަގުތު ކޮޓަރިއަށް މިޝެލިން ހަމަ އަންނަން ޖެހޭހެއްޔެވެ؟ އެކަމަކު އާދެވުނީ އެވެ. ލޯބިވާ ކުއްޖަކަށް އެކުއްޖެއްގެ ލޯބިވެރިޔާ އެހެން މީހަކާއި އެކު އުޅުނުތަން ފެންނަ ވަގުތު ހިތަށް ކުރާނެ އަސަރު އިއްބާނުއަށް އިހުސާސް ކުރެވުމާއި އެކު އަމިއްލަ ނަފުސް ކުށްވެރި ކުރެވުނެވެ. އޭނަ އެރޭ އެހާ ކެތްތެރިކަން ކުޑަވީ ކީއްވެހެއްޔެވެ؟ ކޮންމެ ގޮތެއްވިޔަސް އެ ގޯސް ހެދިއްޖެއެވެ. އެ ފާފަ ކުރެވިއްޖެއެވެ. މިޝެލިންގެ ކަރުނުން ފުރިފައިވާ ދެލޮލާއި، ރަތްވެފައިވާ މޫނު ފެނުމުން އިއްބާނުގެ ހިތަށް ތަދުވިވަރުން އެސްފިޔަތައް ތެމުނެވެ. ދެލޯބިވެރިންގެ ހަތަރުކަޅި ހަމަވިއެވެ.

"އެ މަންޒަރު މުޅި އުމުރަށްވެސް އަހަރެން ހޯންޓް ކުރާނެ، ހާދަ ހާޓް ވިއޭ، ދުވަހަކު އެކަން ހިތުން ނުފިލާނެ، އަހަރެން ކިހިނެއް ދެން އިތުބާރު ކުރާނީ، އިންސާނަކު އަނެއް އިންސާނަކަށް އިތުބާރު ކުރާނެ އެންމެ މައްޗަށް އަހަރެން އިތުބާރު ކުރިން، ލޯބިވާކަމަށް ޔަގީން ކުރިން، އެކަމަކު ހުރިހާ އެއްޗެއް ބެން އަމިއްލައަށް ތި ގެއްލުވާލީ....." މިޝެލިން ދުރަށް ބަލަންފެށިއެވެ.

"ޝެލް، ޕްލީޒް..." އިއްބާނު އާދޭސްކުރަން ފެށިއެވެ. މިވީހާތަނަށް ފިކުރެއް، ޚިޔާލެއްނެތި އުޅުނު ޒުވާނެއްގެ ހިތް ބަލިކަށިވެ، ކުޑަކަކޫ މައްޗަށް ތިރިވާން ޖެހުނީ ލޯބީގެ ބާރުގައެވެ. އިއްބާނުގެ ކަރުނަތަކުން މިޝެލިންގެ ހިތް ފުށްކޮޅެއްހާ މަޑުވިއެވެ. ލޯބިވާ މީހަކު އެހާވަރަށް ދެރަކޮށްލާކަށް ބޭނުމެއްނުވިއެވެ. ނަމަވެސް އެއީ އެހާ ފަސޭހައިން މާފު ދެވޭވަރުގެ ކުށެއް ނޫނެވެ.

"އަހަރެން ވިސްނާނަން، އެކަމަކު މިވަގުތު އަހަރެން ދިޔަދީ....." މިޝެލިން ލޮލުގައިވާ ކަރުނަތައް ފޮހެލައިފި އެވެ.

އިއްބާނު ކައިވެނި ދެތިން އަހަރަށް ފަސްކުރަން އުޅެލާފައި ޚިޔާލު ބަދަލުވީ މިޝެލިންގެ އުސޫލުތައް ލޯތްބަށްޓަކައި ވެސް ދޫކޮށްނުލާނެ ކަމުގެ އިޝާރާތް ލިބެން ފެށީމައެވެ. އެކަމަކު މި ކުރެވުނީ ކީއްހެއްޔެވެ؟ އިއްބާނު އެހާ ހަމަޖެހިލައިގެން ދިރިއުޅުން ވޭތުކުރަނިކޮށް އެ ހަޔާތަށް ހިތާމައިގެ ހިޔަނި އެޅިއްޖެއެވެ.

ގޯލްޑެން ފްލޭމްގެ އިސްމީހުން ގޭގެ ތިރީބައިގެ ކޮޓަރިއެއްގައި ކޮންމެވެސް ވާހަކައެއްގައި ސީރިޔަސްކޮށް ތިބިތަން ފެނުނެވެ. އެތަނުގައި ރަސްކަންކުރާ އުށްބައްތި ޗާންދަލިޔާއާއި، ރަތްކުލައިގެ ދޫލަ އަދި ބާލީސްޖެހި ސޯފާތަކުގައި ޝާހީކުލަ ޖެހިފައިވެއެވެ. ފާރުގައި އަގުބޮޑު ތަސްވީރުތައް ބަހައްޓާލާފައިވާއިރު ތަނުގެ މުއްސަދިކަން އިތުރުކޮށްލާފައި ވެއެވެ. ހީވަނީ ރަސްކަލެއްގެ ޝާހީ ކޮޓަރި ކޮޅެއްހެންނެވެ.

"އަޅުގަނޑަށް ފެންނަނީ ދައްތަ އަލުން ރެއިން އާއި ޒިލާ ކައިވެނި ކުރަން ހުއްދަ ދޭން.." ހައިތަމް އެދިލެއްވިއެވެ.

"ހައިތަމް ގެ ގާތުގައި ހުރެ ޒިލާ އެ ހާލުގައި އުޅުނު އިރު ކޮއްކޮމެންނަކަށް އެކަމެއް ނުފެނުނު، ޒަހުރާން އެކުއްޖާފުޅު ދެކެ ލޯތްބެއްނުވޭ، އެކީގައި އުޅޭކަށް ބޭނުމެއް ނުވޭ، ދެން އެކައިވެނިން ޒިލާއަށް އޮތީ ކޮންކަމެއްތަ؟ ޒަހުރާން ހެދިގޮތުން އެކުއްޖާ ފިރިހެނުން ދެކެ ފޫހިވެއްޖެ....." މަލަކާ ގަދަކަމުން ލޮލަށް ކަރުނަ ގެނައެވެ.

"ޒެފަންއަށް ރަގަޅުވާނީ މަންމަ އާއި ބައްޕަ އެކީގައި އުޅުނީމަ، ނޫނީ އަޅުގަނޑުމެންގެ ކުދިންނަށް ވީގޮތަށް އެކަމުގެ އަސަރު ފޯރަފާނެ، ކުދިންނަށް ޓަކައި މައިންބަފައިން ސެކްރިފައިސް ވާން ނުޖެހޭތަ؟" އެލީސާ ހައިތަމްގެ މޫނަށް ބަލައިލަމުން މާޒީ ހަދާންކޮށްލައިފި އެވެ.

މަލަކާ އިސްޖަހާލައިގެން ވިސްނުމަކަށް ގެއްލިފައި އިނެވެ. އޭރު އޭނަ ޚިޔާލު ކުރަމުން ދިޔައީ ޒަހުރާން އެކަނިވާ އިރެއް ބަލާލާފައި ގޮސް ޒިލާ ދެއްކި ވާހަކަތައް ޒަހުރާންއަށް ކިޔާދީފައި، ޒަހުރާން ކުށްވެރި ކުރުމެވެ. ޒަހުރާން ލަދުން ހަލާކުވާނެއެވެ. އަމިއްލަ ދިފާޢުގައި ދައްކާނެ ވާހަކައެއްވެސް ނޭގޭނެއެވެ. މީހުންގެ ކުރިމަތީގައި ތިމާ ވަރުގެ މާތް މީހަކު ނެތްކަމަށް ހެދިގެން ހުރެ، އަންހެނުންނާއި މެދު ކަންތައް ކުރީ ހާދަ ނުބައިކޮށެވެ. ޒަހުރާންގެ މޫނަށް އަރާނެ ކުލަވަރު ހިތަށް އަރުވާފައިވެސް މަލަކާ ހިނި އަތުވެއްޖެއެވެ. ޒިލާ އާއި މެދު ހިތަށް އެރިގޮތަށް ހެދިޔަސް ޒަހުރާން ގެ އަޚުލާގާއި އެހުންނަ މިޒާޖެއްގެ ސަބަބުން މީހުންގެ ލޯބި ލިބިފައިވެއެވެ. އެހާ އުޅުން ހުރި، ހަރުދަނާ ފިރިހެނެކެވެ. އެހެންވީމަ އަމިއްލަ ނަފުސް ސަލާމަތްކުރަން ދޮގުހަދާކަށް ވެސް ފަހެއް ނުޖެހޭނެއެވެ. ހަގީގަތުގައި ނުބައިބައި ކުޅުނީ އަމިއްލަ ދަރިފުޅުކަމެއް މަލަކާއަށް ރޭކާ ނުލިއެވެ. ޒިލާ އެގޮތަށް މަންމަ ގާތުގައި ދޮގުތަކެއް ހަދައިފާނެ ކަމަށް މަލަކާ އުއްމީދުވެސް ނުކުރަނީ އެވެ.

އުޑުމަތީގައި ބޯވިލާތަކުގެ ފަރުބަދަތައް އުފެދި މުޅި ދުނިޔެ އަނދިރިކޮށްލާފައި ވާއިރު ދުވާލު މި ވަނީ ރޭގަނޑަށް ބަދަލުވެފައެވެ. ވައިޖެހެމުންދާލެއް ބާރުކަމުން ގަސްތަކަށް ނުކުޅަދާނަވެ، ގޮފިތައް ވައިތެރޭ ހޫރެމުންދިޔައެވެ. ކޮންމެ ވަގުތަކުވެސް ވާރޭ އޮއްސައިގެންފާނެ ކަމުގެ ނިޝާންތައް ބަލައިލި ކޮންމެ ދިމާލަކުން ފެނެއެވެ. އިއްބާނު ކޮޓަރީގެ ދޮރުތައް ހުޅުވާލައިގެން އެނދުގައި އޮތްއިރު ވައިރޯޅިތަކުގެ ހަމަލާތައް ދޮރުގެ ފަރުދާތަކަށް އަމާޒުވެ އެވެސް އުދުއްސާލަފާނެހެން ހީވިއެވެ. ވައި ބާރު ދުވަހެއްގައި ގޮނޑު ދޮށުގައި އޮވެވުނުފަދަ އިހުސާސް އިއްބާނުއަށް ކުރެވުނެވެ. ހާމަޔަށް ވާ ކަސްރަތީ ހަށިގަނޑުގައި ވައިރޯޅިތައް ފިރުމަމުންދާއިރުވެސް އޭނަގެ ހިތާއި، ސިކުނޑިއަށް ފިނިކަމެއް ނުލިބެއެވެ. ކަރުނަތަކަށްވެސް ނިމުމެއް ނައެވެ.

"ދަރިފުޅާ، ޑިއުޓީއަށް ދާން ގޮވާލާށޭ ކިޔާފައި އަނެއްކާ ނިދާލީތަ؟ ބްރެކްފާސްޓް ވެސް އެހެރަ ފިނިވަނީ..." އޭނަގެ މަންމަ އެލީސާ ގޮވުމުން ނުތެދުވެ އޮތްވާ ދެވަނަ ފަހަރަށް އެލީސާ އެއައީއެވެ. ކޮފީ އެއްޗެހިވެސް އެހެން ހުރެ އެހެރީ ހިހޫވެފައެވެ. އިއްބާނު މި ތެދުވަނީއޭ ބުނުމުން އެލީސާ ނާސްތާ ތަބައް އަލުން ގެންނާނަމޭ ކިޔާފައި ކޮޓަރިން ނިކުތެވެ. އިއްބާނު ބާލީސްތަކާއި، ކުޝަންތައް ދުރަށް ޖައްސާލާފައި ތެދުވުނެވެ. މިހާ ފިނިދުވަހެއްގައި ބާލީސްތަކުގެ ބަދަލުގައި ބައްދައިލަން އޭނަގެ ގާތުގައި މިޝެލިން ވާނެނަމައެވެ. ކައިވެނި ލަސްކުރެވުނީ އޭނަގެ މޮޔަކަމުންނެވެ. ދިރިއުޅުމުގައި އިމްތިހާނެއް ކުރިމަތިވާން ވެގެންނެވެ. އެހެންނޫންނަމަ މިހުރާންގެ ކައިވެނި ކުރެވުނު ރޭ މިޝެލިން ވެސް އިންނާނީ އޭނަގެ އަންބަކަށް ވެގެން މިގެއަށް އައިސްފައެވެ. 

އިއްބާނު ތެދުވެގެން ގޮސް ބެލްކަންޏަށް ނިކުމެ މިޝެލިންގެ ހިޔަނި ނަމަވެސް ފެނިލުމަށް އެދި ދުޢާ ކުރަމުން ރެޑްފްލޭމަށް ނަޒަރު ހުއްޓާލި އިރު އެ ކަނޑެއްފަދަ ދެލޯވަނީ ފެންކަޅިވެފައެވެ. އޭނަ ފޯނުކޮށްކޮށް ވަރުބަލިވީއިރުވެސް މިޝެލިންގެ ފޯނު އޮންނަނީ ނިވާލާފައެވެ.

ފުރަތަމަ ދުވަހު ވަޒީފާއަށް ދިޔުމުގެ ކުރިން އިއްބާނު ކޮންމެހެންވެސް މިޝެލިން ދެކެލަން ބޭނުންވިއެވެ. ދުވެލާފައި ގޮސް އޭނަ "ރެޑްފްލޭމް" ގެ ފެންޑާއަށް އެރިއިރުވެސް އޭނަ ހުރީ ކުޑަކޮށް ތެމިފައެވެ. އިސްތަށިގަނޑާއި، މޫނުގައި ވާރޭގެ ތިކިތައް ވިދާތަން ފެނުމުން މިޝެލިން ހައިރާންވެފައި އިރުކޮޅެއް ވާންދެން ބަލަހައްޓައިގެން އިނެވެ. ޕައިލެޓެއްގެ ޔުނިފޯމްގައި އިއްބާނު ހާދަ ސްމާޓެވެ. ވައްތަރުވީ ނޭވީ ޒުވާނަކާއި އެވެ. 

"ޝެލް ގާތުގައި ނުބުނެ ފަސްޓް ޑޭގައި ޖޮބަށް ދާހިތް ނުވީ...." އިއްބާނު ކުޑަކޮށް ހީލިއެވެ. 

"ތޭންކްސް ބުނެލީތީ، ހޭވް އެ ނައިސް ޓްރިޕް..." މިޝެލިން ފަރުވާ ކުޑަގޮތަކަށް ބުނެލާފައި އަލުން އޭނަގެ އަތުގައި އޮތް ވާހަކަ ފޮތަށް ނަޒަރު ހުއްޓާލައިފި އެވެ.

"ޝެލް، އަދިވެސް ރުޅިތަ؟ ރުޅި ފިލާނީ އަހަރެން ކިހިނެއް ހެދީމަތަ؟" އިއްބާނު ކުޑަ ހީލުމަކާއި އެކު ބުނެލި ނަމަވެސް ހިތަށް ވަނީ އަނިޔާވެފައެވެ. މިޝެލިންގެ ރީތި ދެލޮލުން އިއްބާނުއަށް ދެން ދުވަހަކުވެސް އެ އުފާވެރި ވިދުވަރު ހަމަ ނުފެންނާނީ ހެއްޔެވެ؟ ތުންފަތްމަތީގައި އަބަދު ދެމިގެންވި ފަނޑު ހިނިތުންވުން ގެނެސް ނުދެވޭނެ ހެއްޔެވެ؟ 

"ޝެލް، ދަރިފުޅާ، ކޮންތާކުތަ؟ އާދެބަލަ......." ސޯފިޔާ ގޮވަން ފެށުމުން މިޝެލިން އިތުރު އެއްޗެކޭ ބުނުމެއްނެތި ފޮތް ހިފައިގެން ބާރަކަށް ގޮސް ގެއަށް ވަދެ ދޮރުވެސް ލައްޕާލައިފި އެވެ. ބައިގަޑިއެއްހާއިރު ފަހުން މިޝެލިން ދޮރު ކުޑަކޮށް ހުޅުވާލާފައި ބޭރަށް ބަލައިލި އިރު އިއްބާނު ފެންނާކަށް ނެތެވެ. އޭރު ވާރޭ ބޯކޮށްލައިފި އެވެ. މިޝެލިންގެ ލޮލުގައި ގިނަވެގަތް ކަރުނަތައްވެސް އޮބިނޯވެގެން އޮހިގެންފިއެވެ. އިއްބާނުގެ ހިތަށް އަނިޔާދީގެން ވަކި އޭނަގެ ހިތަށް ހަމަޖެހުމެއް ލިބިދާނެ ހެއްޔެވެ؟ އޭނަގެ ލޮލުން އޮހޭ ކަރުނަތައް މާ ގިނަވާނެ ކަންނޭގެ އެވެ.

ކުއްލި އަކަށް މިޝެލިންގެ ހިތުގައި ބިރުވެރިކަމުގެ ރާޅުބާނިތައް ޖަހަން ފެށިއެވެ. މިހާ ވިއްސާރައިގައި އިއްބާނު ދަތުރުކުރަން ފޮނުވުނުކަމުގެ މޮޔަހީވާން ފެށިއެވެ. ދެއަހަރު ކުރިން ފްލައިޓް ތަކުން ދަތުރުކުރާއިރު ބޯޓު ކޮޅިގަނޑުގައި ޖެހި ތެޅުވިވަރަކަށް އޭނައަށް މަޖާވިއެވެ. އެކަމަކު އެ ޅަކަމާއި، މޮޔަކަން ފިލައި އެހެންމީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބޭނުންވާ ކުއްޖަކަށް މިއަދު އޭނަ މިވަނީ ވެފައެވެ. ޚާއްސަކޮށް ލޯބިވާ ފަރާތަކަށް ދެރަގޮތެއް ވެދާނެ އެއްވެސް ކަމެއް ވާކަށް އޭނަ ނޭދެއެވެ. މިޝެލިން ފޯނު އޮންކޮށްލާފައި އަވަހަށް އިއްބާނުއަށް ގުޅައިލި އިރު، ފޯނު ނިއްވާލާފައި އޮތުމުން އެއީ އޭނަ ފްލައިޓްގައި އިނީމަކަން ޔަގީންވިއެވެ. މިޝެލިން އިއްބާނު ފޮނުވާފައި ހުރި މެސެޖްތައް ކިޔަންފެށިއެވެ. އެންމެ ފަހަށް ފޮނުވާފައި ހުރި މެސެޖް ކިޔައިލުމުން ހިތަށް ނުބައި ގޮތެއްވެ، ރޮވެން ފެށިއެވެ.

"ޝެލް އާއި ނުލައި ދުނިޔޭގައި އުޅޭހިތެއް ނެތް، ހިތަށް އަރާ މަރުވާނެ ނަމައޭ........" މިޝެލިންގެ ހިތް ކުނޑިކުނޑި ވެގެން ދިޔަހެން ހީވިއެވެ. ދަތުރެއްގައި ދަމުން އެފަދަ އެއްޗެއް ބުނަން ވާނެ ހެއްޔެވެ؟ އިއްބާނު އުޅެނީ ހައްތަހާ އޭނަގެ ހިތުގައި ޖައްސާ، ރޮއްވުމަށެވެ. އޭނަ އުފަލުގައި ހުންނަން ބޭނުން ނުވަނީ ހެއްޔެވެ؟ ވިދުވަރުގެ ތޫނު އައްޔާއިއެކު ގުގުރީގެ ބާރުއަޑު ދޭތެރެ ކައިރިކޮށް އަންނަން ފެށުމުން މިޝެލިން އިނީ ބުދެއްހެން ހުއްޓިފައެވެ. ލޮލުގައިވާ ކަރުނަތައްވެސް ގަނޑުވިއެވެ. ވަޔާއިއެކު ހީވަނީ ދޮރުތައްވެސް ތެޅިދާނެ ހެންނެވެ. ކޮންމެ ފަހަރަކު ގުގުރީގެ އަޑާއިއެކު އެކު ފާރާއި، ތަޅުން ގަނޑުވެސް ވައިބްރޭޓެވެގެން ދެއެވެ. މިޝެލިން އަރާ އިން ސޯފާވެސް ގުގުމައިގެން ދިޔަހެން ހީވިއެވެ. މިޝެލިން މޭގައި ކަކޫ ޖައްސައިގެން އިދެ ކަކުލުގައި ބައްދައިގެން އިންއިރުވެސް މޭގެ ތެޅުން މަޑެއްނުވެއެވެ. އެހާ ބިރުން އިންދާ ކުއްލި އަކަށް ދޮރު ހުޅުވައިލެވުނު އަޑާއިއެކު ސިއްސައިގެން ދިޔައެވެ. 

"ދަރިފުޅާ، ބެން ދިޔައީ ކޮން ފްލައިޓަކުންތަ؟ އިންޑިއާއަށްތަ؟ ނޫނީ ޗައިނާއަށްތަ؟" ގެއަށް ވަން މާޒިން ކުރި ސުވާލުން ބިރުގެންފައި އިން މިޝެލިންއަށް ނެގުނީ މުޅިން އެހެން މާނައެކެވެ. ވާނީވެސް އެހެންނެވެ. ނުބައި ކަމެއްވެދާނެ ކަމަށް ޝައްކުވެ، އެ ވިސްނުމުގައި އިންދާ ފޯނު ކޯލެއް އަޔަސް އިންތިހާއަށް ބިރުގަނެ، ފިނިވެދާނެއެވެ. މިޝެލިންއަށް ވީ އެހެންނެވެ.

ކޮމެންޓް 0