މިހުރާންއަށް ފެނުނީ ދަރިފުޅުގެ މޫނުގައި ބާލީސްޖެހި ފިތިފައި އޮތްވައެވެ. މިހުރާން ފަޅި ސިކުންތުކޮޅެއްގެ ތެރޭގައި އެހިސާބަށް ގޮސް ދަރިފުޅު އަތްތިލަ މައްޗަށް ނަގައި މޫނުގައި ޖައްސާލި އިރު އޭނަ ހުރީ ބިރުގެންފައެވެ. ދަރިފުޅުގެ ކުޑަކަމާއި، ބާރެއް ނެތްކަމުން އެހާވަރުގެ ކުޑައެއްޗެއް މޫނާއި ދުރުކޮށްނުލެވިގެން ހާސްވެގެން އުޅުނީ އެވެ. މިހާ ތުއްތުއިރު ރައްކާތެރި ކަމާއި ހިމާޔަތް ބޭނުންވާވަރު މިހުރާންއަށް ވިސްނުނީ އަދި ކިރިޔާއެވެ. އޯގާތެރިކަމާއި، ލޯބި ހާދަ ބޭނުންވާނެއެވެ.
"ސޮރީ ސްވީޓްހާޓް........" މިހުރާން އެތައް ފަހަރު މާފަށް އެދުނެވެ. އެ މޫނާއި އެތަން މިތަނުގައި ބޮސްދިނެވެ. ދަރިފުޅު އޮތީ ހިތްހަމަޖެހިފައިކަން އެމޫނަށް ބަލައިލި މީހަކަށް އެނގޭނެއެވެ. އޭނަ އެނދުގައި އިށީދެ ދަރިފުޅާއި މަޑުމަޑުން ވާހަކަދެއްކިއެވެ. މިހުރާން ދަރިފުޅު ދެއަތްތިލަ މަތީގައި ބޭއްވި ގޮތަށް އެތައް އިރެއްވާންދެން އޮތެވެ. މިލީނާވެސް ދެއަތަކަށް ފުރޮޅި ފުރޮޅި އޮތް ގޮތަކުން ހީވަނީ ކޮންމެވެސް އުނދަގުލެއްވެގެން އުޅޭހެންނެވެ. ނޫނީ ބިރުވެރި ހުވަފެނެއްގައި އޮތީއެވެ.
ހެނދުނު އިރު އެރިތަނާހެން އެލީސާ ކޮޓަރިއަށް ވަންއިރު މިހުރާން އޮތީ ނުނިދިފައެވެ. މިހުރާންގެ ހަށިގަނޑުގެ ހޫނުކަން ލިބޭ ހިސާބުގައި އަތުގެ ތެރޭގައި މިންކު ނިދާލާފައި އޮތީ ތުންކޮޅު ދަމާލަދަމާލައެވެ.
"މޯނިން ދަރިފުޅާ، ހާދަ ހެނދުނާ ހޭލައިގެން، ބޭބީ ކިހިނެއްތަ؟ ކޮފީ އެއް ގެންނަންވީތަ؟" އެލީސާ އެތައް ސުވާލު ތަކެއް އެއްފަހަރާ ކޮށްލި އެވެ. މިހުރާން ކޮފީއެއް ބޯކަށް ބޭނުމެއް ނުވިއެވެ. އޭނަ ބޭނުންވަނީ ކުޑަކޮށް ނިދައިލުމަށެވެ. މަންމަ އާއި ދަރިފުޅު ހަވާލުކޮށްލާފައި ރަނގަޅަށް ބަލައިދިނުމަށް އެދެމުން ރޭގެ ހާދިސާ ވެސް މިހުރާން މަންމައަށް ކިޔައިދިނެވެ. އަދި މިއަދު ޑޮކްޓަރަށް ދައްކަން އެޕޮއިންޓްމެންޓެއް ހަދަންވެސް މިހުރާން ނިންމިއެވެ. އެލީސާ ބުނީ ދަރިފުޅު ތަންމަތީގައި ބާއްވާއިރު އެއްވެސް އެއްޗެއް މޫނުގައި އެޅިޔަނުދޭފަދަ ގޮތަކަށް ރަޖާ އޮޅައިލާފައި ބާލީސް ތަރުތީބު ކޮށްލުމަށެވެ. އަދި ދެކުދިންގެ ދެމެދުގައި ދަރިފުޅު ބާއްވައިގެން ނުނިދަން ބުނުމުން މިހުރާން ހީލިއެވެ. އޭނަ އޮތީ ދަރިފުޅަށްޓަކައި ނުނިދާކަން މަންމައަށް އެގޭނެ ނަމައެވެ. އެވާހަކަ ނުބުނި ކަމުގައި ވިޔަސް މިހުރާން ދަރިފުޅާއިގެން އުޅޭވަރު އެލީސާއަށް ނުފެންނަނީ އެއް ނޫނެވެ. މިހުރާން ވެސް ދަރިއަކު ލިބުމުން ހައިތަމް އެކޭ އެއްވަރެވެ. ހައިތަމްގެ ފަރާތުން ކުދިންނަށް ވަނީ އަޅައިލުމުގެ ބައި ކިތަންމެހާވެސް ވަރަށް ލިބިފައެވެ. ހައިތަމްވެސް ދަރިންނާއިގެން ގުރުބާން ވެލައްވާނެ އެވެ. ޒަހުރާން އެވަރެވެ.
މިހުރާން ހުސް ކޮޓަރި އަކަށް ގޮސް އެނދުގައި ހަށިގަނޑު ދަމާލުމާއިއެކު ފުން ނިންޖަކަށް ގެނބުނެވެ.
މިލީނާ ބަލިވެއިންއިރު އޭނަ ގަވާއިދުން މަރިޔަމް އަދި ޔޫސުފް ސޫރަތް ކިޔެވިއެވެ. ޒަކަރިއްޔާގެ ފާނުގެ ދުޢާވެސް މެއެވެ. އަދި އޭނަގެ މަންމަ ބުނެފައިވާ ގޮތުން އެ ސޫރަތްތަކާއި ދުޢާ ގިނަގިނައިން ކިޔެވުމުން ލިބޭ ދަރިފުޅު ދީންވެރިވެފައި، ރީތި ވާނެއެވެ. މަންމަ ބުނިގޮތުން މިލީނާއަށް ބަނޑުބޮޑުއިރު މަންމަވަނީ އެކަން ތަޖުރިބާ ކޮށްފައެވެ. މިލީނާވެސް ގަވާއިދުން އެ ސޫރަތްތައް ކިޔަވާ އެހާވަރަށް ދުއާ ކުރީ ދަރިފުޅަށް ބޭހުގެ އަސަރުކޮށްފާނެތީއެވެ. ޑޮކްޓަރުން މެދުވެރިކުރައްވާ އިންސާނުންނަށް ޝިފާދެއްވާ ފަރާތުގެ ކުޅަދުންވަންތަ ކަމުން ކޮންމެ ފަދަ ކަމަކުންވެސް ސަލާމަތްކޮށް ދެއްވަފާނެއެވެ.
މިލީނާ މިންކް ފެނުމުން ހެއްދެވި ފަރާތަށް ހަމްދު ކުރިއެވެ. ދަރިފުޅު އޮތީ ރީތި ކޮށެވެ. ބަލިކަމުގެ ނިޝާނެއް ނުފެނުނެވެ. ދަރިފުޅު ލިބުމަށްފަހު މިހުރާން ދަރިފުޅު ދެކެ ލޯބިވާވަރު މިލީނާއަށް ކިތަންމެހާވެސް ރަނގަޅަށް ފެނުނެވެ. އަމިއްލަ އެދުމެއްނެތް ޚާއްސަ ލޯތްބެކެވެ. ދަރިފުޅަށް އޭނަ ޒޯހަން ކިޔަން އުޅުމުން އެނަން މިންކުއަށް ބަދަލުކުރުމަށް މިހުރާންގެ މަންމަ ބޭނުންވިއެވެ. މިންކު އަކީ މަންމައަށް މާ ރީތި ނަމަކަށް ވުމުން މިލީނާ ވަގުތުން ހުއްދަ ދިނެވެ. އެހެން ނޫނަސް އެ އާއިލާގައި ޒޯހަން ކިޔާ ޒުވާނަކު ހުންނަކަން އޭނައަށް ވަނީ އެނގިފައެވެ.
މިލީނާ ދަރިފުޅަށް ނަން ދިނުން ނޫން އެހެން ކަންތަކުގައިވެސް މިހުރާންއަށް ދޫކޮށްލައެވެ. އެއީ މިލީނާ ކުޑައިރުއްސުރެ އެ އާދަ ހިފި، ބަސްއަހާ ކުއްޖަކަށް ވާތީ ކަންނޭގެ އެވެ.
ސޯފިޔާއަށް މީރާ ބަލިވެއިންކަން އެނގުމުން ވަކިން ބޮޑަށް ރުޅިގަދަވިއެވެ. އޭނަ މިއަދު މިލީނާ ގާތުގައި ބުނީ މިހުރާންގެ ފަރާތުން ސަލާމަތްވެގެން ގެއަށް އައުމަށެވެ. މީރާގެ ވާހަކަ ސޯފިޔާ އެލީސާމެން ގާތުގައިވެސް ދެއްކިއެވެ. އެލީސާމެން ބުނީ އެއީ މިހުރާންއަށް ކުރެވުނު ކުށެއް ކަމަށެވެ. މިލީނާ އަކީ ހަގީގަތް ކަމަށެވެ. މިހުރާން އަލުން މާޒީއަށް ދާން ބޭނުންވާހެން ހީނުވާކަމުގައެވެ. ސޯފިޔާ އެކަން ގަބޫލެއްނުކުރިއެވެ. ދުވަހަކުވެސް މީރާގެ ހިޔަން މިލީނާގެ ހަޔާތުން ފިލައިގެން ނުދާނެކަމަށް ސޯފިޔާ ބުނެލީ ހިތްހަމަނުޖެހިފައި ހުރެއެވެ. މިހުރާންއަށް އޭނަގެ މަންމަގެ ފަރާތުން އެ ޚަބަރު އެނގުމުން ހީލުމަކުން ފުއްދާލީއެވެ. އެހެންނޫނަސް އެކަން ނުވާކަމަށް ނެހެދޭނެއެވެ. ވީމަ އެކަމާއި ހާސްވެގެން އުޅުމުގެ ބޭނުމެއް ނެތެވެ. އޭނައަކީ ދުވަހަކުވެސް އާއިލާގެ ތެރޭގައި މާ މާތްމީހެއްގެ ގޮތުގައި ލޭބަލްވެފައިވާ ޒުވާނެއް ނޫނެވެ. އަބަދު ބްލެކްލިސްޓްގެ ކުރީގައި އޭނަގެ ނަންވާނެއެވެ.
މިހުރާން ކޮޓަރިއަށް ވަނީ ސޯފިޔާ އާއި މާޒިން ގެއަށް ދާން ކާރަށް އެރުމުންނެވެ. އޭރު މިންކު އޮތީ އެލީސާމެން ގާތުގައި ސިޓިން ރޫމްގައެވެ. މިލީނާ އޮރެންޖް ކުލައިގެ ޓީޝާޓަކާއި، ޖިންސެއްލައިގެން ހުރިއިރު ކިރިޔާ އައްސާލެވޭ އިސްތަށިކޮޅު އޮތީ ވޫލްކޮޅެއްގެ އެހީގައި ހައްޔަރު ކޮށްލާފައެވެ. ކުރުކަމުގައި ވިޔަސް ވަރުގަދަވެފައި، ފަންކަމުން އެހާ ރީއްޗެވެ. މިލީނާ ބަލައިނުލާ ހިމޭނުން ހުރިއިރު ކޮންމެވެސް ކަމަކާއި ވިސްނާކަން މިހުރާންއަށް އެނގުނެވެ.
"މިލީ، ކޯންޗެއްތަ ތި ވިސްނަނީ؟ ތަންޑަރސްޓޯމެއް އަންނާތީ ބިރުންތަ؟" މިހުރާން ކުޑަކޮށް ގުދުވަލުން ދެއަތްތިލަ ޑްރެސިން ޓޭބަލްމަތީގައި ޖައްސާލިއެވެ.
"ބިރެއް ނުގަނޭ... އިންފެކްޓް މިހިރީ ސްޓޯމް ދެކޭހިތުން...." މިލީނާ ކުޑަކޮށް ހީލައިފިއެވެ.
"ރިއަލީ؟ އަހަންނަށް ހީވަނީ ބިރުން ގޮސް މަގޭ ގައިގައި ހިފައިގަތްގަތީނުން މަގޭ ކަށިކޮޅު ބްރޭކް ކޮށްލާނެހެން، އެހާ ބާރުގަދަވިއްޔަ... ނޫންތަ؟" މިހުރާން ބުމައަރުވައިލި ތަން ފެނުމުން މިލީނާގެ ހިތް ތެޅިލި އެވެ. ދަރިފުޅުވެސް އެހާ ޅައިރުވެސް އެއް ބުމަ ވަކިން ހިއްލައިލާނެއެވެ. ވައަތު ކޯތާފަތަށް އެގޮތަށް އަޑިކޮޅު އެޅޭނެއެވެ. މިހުރާން އާއި މިންކު ސިފައިގެ ގޮތުން މާ ބޮޑު ތަފާތެއްނެތެވެ. އެކަމާއި ހުރެ މިލީނާގެ ހިތަށް ނޭގޭ އުފަލެއް ލިބުނެވެ. އެކަމަކު މިޒާޖުގެ ގޮތުންނާއި ކެރޭކަމުން "ޑެއަރޑެވެލް" އަކަށް ނުވެއްޖެއްޔާ ރަނގަޅެވެ.
"ވެދާނެ..... މިހުރާން އަހަރެން ވާހަކައެއް ބުނަންތަ؟ މަންމަމެންނަށް އެނގިއްޖެ މީރާ ޕްރެގްކަން...." މިލީނާ ސީދާ މައުޟޫއަށް ވާހަކަ ގެންދިޔައެވެ. އެކަމާއި މަންމަގެ ޚިޔާލު ހުރި ގޮތް މިހުރާންއަށް އެނގެންވާނެއެވެ. މިހުރާން ހޭންފެށިއެވެ.
"އިޓްސް ނޮޓް ފަނީއޭ، މަންމަ ހުރީ ވަރަށް ރުޅިގަދަވެފައި، މަންމަ ބޭނުމީ އަހަރެން ގެއަށް ގެންދާން..." މިލީނާއަށް ކުޑަ ހިތްވަރެއް ލިބުނެވެ. އޭނަ ބުދެއްހެން ހިމޭނުން ހުރެގެން އެއްވެސް ކަމެއް ހައްލެއް ނުވާނެ އެވެ. އެހެންނޫނަސް މިހުރާން އޭނައަށް މިހާރު އަނިޔާ ކުރާނެހެނެއް ހިޔެއްނުވެއެވެ. ވިހައިގެން އުޅޭ މީހަކަށް ކުޑަކުޑަ އަނިޔާއެއްވެސް ކުރާނީ ރަހުމުގެ ކަންފުޅެއްނުވާ ނުލަފާ މީހެކެވެ. މިހުރާން އެހާ ދަށު ދަރަޖައަކަށް ވެއްޓިއެއް ނުގަންނާނެއެވެ.
"އާން، މަޖަލެއް ނޫން، ޕަނިޝްމެންޓް ދޭން ވެގެން މަންމައަށް އެނޫންކަމެއް ކުރަން ހަމަ ނޭގުނީތަ؟ މަންމަ ހުންނަނީ އަބަދު އަހަރެމެން ވަކިކުރުވަން ބޭނުންވެފައި ހެން މަށަށް ހީވަނީ، މީރާ ދުވަހަކު އިންވޯލްވް ނުވިޔަސް މަށަށް ހީވަނީ އެކަން އޮންނާނީ އެގޮތަށްހެން، މިލީ ބުނެބަލަ، މިލީ ދާނަންތަ؟ މިލީ ބޭނުމެއް ނުވޭތަ އަހަންނާއި އެކީގައި އުޅެން...." މިހުރާން ހަށަން ބަދެލަމުން ޑްރެސިންޓޭބަލަށް ކުޑަގޮތަކަށް ލެނގިލައިގެން ހުއްޓުނެވެ.
މިލީނާ ދެލޯބޮޑުކޮށްފައި ބަލަހައްޓައިގެން ހުރީ ދޭނެ ޖަވާބެއް ނޭގިފައެވެ.
"އަހަރެން ބޭނުމެއްނޫން މަންމަމެން ވިސްނާ ގޮތެއް އެނގެން، އިޓްސް އަވަރ ލައިފް ވީއިރު މިލީ ބޭނުންވާ ގޮތެއް އެނގުން އަހަންނަށް މުހިއްމު ވާނީ.. އަހަރެމެން ފެމިލީ އެއްގެ ގޮތުގައި އުޅެން ބޭނުމެއް ނުވެތަ؟ އަހަރެން މިލީ އަދި ބޭބީ، މިލީ ހަމަ ދާނީތަ؟" މިހުރާން ސީރިޔަސް ވެލިއެވެ. އެ ތޫނު ދެލޮލާއި ދިމާލަށް ބަލާލާފައި މިލީނާ އަވަހަށް އެސްފިޔަ ތިރިކޮށްލި އިރަށް ރަކިވެސް ވާގޮތްވިއެވެ. އެ ވާހަކައިގެ ރާގުން ހީވަނީ އެކީގައި އުޅެން ބޭނުންވާ ލޯބިވެރިޔެއް ހެންނެވެ.
މިލީނާ އެހާ ފަސޭހައިން އެއްބަސްވާހިތެއް ނުވިއެވެ. އެހެންނޫނަސް މިހުރާން ގެ ހިތުގައި އަދިވެސް ވަނީ މީރާގެ ލޯބި ކަންނޭގެއެވެ. އޭނަ ދަރިފުޅު ވިހެއިމަ މިލީނާ ދޫކޮށްލަން ވެސް ފަސްޖެހޭނެ ކަމެއްނޭގެއެވެ.
"ގޯޑް ޑޭމިޓް، އާންސާ މީ...." މިހުރާން ކުއްލި އަކަށް މޭޒުގައި ބާރަކަށް އަތުން ޖެހުމުން މިލީނާ ސިހުނެވެ. މޭޒުވެސް ގުޑައިގެން ދިޔަހެން ހީވިއެވެ.
"ނޭގޭ...." މިލީނާ އަނެއްފަރާތަށް އެނބުރުމުން މިހުރާން ފަހަތުން އައިގޮތަށް އެ ބާރުގަދަ އަތުތެރޭގައި ހައްޔަރު ކޮށްލި އެވެ.
"މިލީ...އަ....." މިހުރާން އެއްޗެކޭ ބުނަން އުޅެނިކޮށް މިހުރާންގެ ފޯނު ރިންގުވާން ފެށުމުން މިލީނާއަށްވެސް ސްކްރީނަށް ބަލައިލެވިއްޖެއެވެ. ގުޅަނީ "ލަވް" އެކެވެ. މިލީނާގެ ހިތަށް ހީވީ އެތައް ކަށިތަކެއް އެއްފަހަރާ ހަރައިލެވުނު ހެންނެވެ. މިހުރާންވެސް އެ ފޯނަށް ޖަވާބުދިނުން މުހިއްމު ކަމުގައިވެ ބެލްކަންޏާއި ދިމާލަށް ހިނގައިގަތުމުން މިލީނާ ހިތާހިތުން ގޮތެއް ނިންމާލައިފި އެވެ. އޭނަ މިހުރާން ހިތްހަމަޖެހޭފަދަ ޖަވާބެއް ދޭނީ މިހުރާން ތެދުވެރި މީހަކަށް ވީމައެވެ. މީރާ އާއި ގުޅުން ނުބާއްވާނެ ކަމުގެ ޔަގީންކަން ލިބުނީމައެވެ. އެހެންނޫނީ މިހުރާން އެ އުޅުން ދޫކޮށެއް ނުލާނެއެވެ. ސިއްރުން މީރާގެ ގާތަށްވެސް ދާނެއެވެ. ވީވެސް މިލީނާ ހީކުރި ގޮތަށެވެ. ފޯނު ނިންމާލާފައި މިހުރާން ރީތިވެލައިގެން ނުކުތީ ބޭރަށެވެ. މިލީނާ ގާތުގައި ބުނަން އުޅުނު ވާހަކަވެސް އެހިސާބުން މުޅިން ހަނދާން ނައްތާލައިފި އެވެ.
ހައިތަމް އާއި އެލީސާ މަތީބައިގެ ފުޅާ ބެލްކަނީއެއްގެ ސޯފާގައި ތިބިއިރު އެދިމާލަށް ޗެރީ ބްލޮސޮމްގެ ގޮފިތައް ލެނބިފައިވެއެވެ. އެއްފަރާތުގައި ހުރި ބޮޑު ސިންގާ މުށިގަނޑެއްގައި ހައްދާފައިވާ ގަހުގައި ފަތަށް ވުރެ ގިނައީ އޮރެންޖްކުލައިގެ ކުދި މަލެވެ. ހޫނުމޫސުމްގައި އާއްމުކޮށް މޫސުމް ރީތިކޮށް އޮވެލާފައި ދޭތެރެއަކުން ކޮޅިހަދައިލާ ވާރޭގެ ހަމަލާ އަންނަން އިރުކޮޅެއްވެސް ނުނަގާނެއެވެ. މިހާރު އުޑުމަތީގައި ކަޅުވިލާތައް އެއްވަމުން ދިޔަގޮތުން ގުގުރީގެ ތޫފާނެއް އަތުވެދާނެކަމަށް ލަފާކުރެވުނެވެ. މިޝެލިން އެކަނި ގަސްތަކުގެ ތެރޭގައި ދުވެދުވެ އުޅެލާފައި މައްޗަށް އައީ މަތީބައިން ވިއްސާރަ ދެކޭހިތުން ކަންނޭގެއެވެ. އޭނަގެ އަތުގައި ބްލޫބެރީ ބްލާސްޓް ސްމޫތީއެއް ހުއްޓެވެ. ހައިތަމް އާއި އެލީސާ އެތަނުގައި ތިބުމުން މިޝެލިން ވަރަށް ރީތި ހިނިތުންވުމަކާއި އެކު ދެމީހުންނަށް ގޮވާލާފައި އެތާ ހުރި ސޯފާއެއްގައި ޖައްސާލައިފި އެވެ. އެލީސާ ޓިޝޫއިން ލޯ ފޮހެމުންދާތަން ފެނުނެވެ.
"އޯހް.....އާންޓީއަށް ކިހިނެއްވީތަ؟" މިޝެލިން ކަންބޮޑުވުމާއި އެކު ހިނިތުންވުން ފިލައިގެން ދިޔައެވެ.
"ޝެލްއަށް އެނގޭއިރުވެސް އަންކަލްމެން ގާތުގައި ނުބުނެ ސިއްރު ކުރުމަކީ ޝެލްއަށް ހެދުނު މިސްޓޭކެއް، އެނގޭ ބެން ޕްރޮޓެކްޓް ކުރުމުގެ ބޭނުމުގައި ޝެލް ކުރާނެ ކަމެއްކަން އެއީ، ބޫ ޑްރަގް ނަގާކަން ޝެލްއަށް އެނގެއެއް ނޫންތަ؟" ހައިތަމް ވެސް އިންނެވީ އަސަރުކޮށްފައެވެ. މިޝެލިން އިނީ އަނގަ ހުޅުވުނު ގޮތަށް ލައްޕައިލަން ނޭގިފައެވެ. ހަގީގަތުގައި އިއްބާނު ވެސް އޭނަގެ އާއިލާއަށް އަންގާކަށް ބޭނުމެއް ނުވެއެވެ. އެންމެން ހިތް ހަލާކުވެ، އުފާތައް ނިގުޅައިގަންނަން ނޭދުނީއެވެ. އޭނަވެސް ހާދަ ހިތާމައެއްކުރިއެވެ.
"ލައްބަ އަންކަލް، އެކަމަކު އަޅުގަނޑަށް އެގުމާއި އެކު ޑީޓޮކްސް ސެންޓަރަކަށް ފޮނުވަން ވަގުތުން ބޭނުންވި، ސޮރީ އަންކަލް... ބެން ބޭނުމެއް ނުވި ފެމިލީ އާއި ޝެއަރ ކުރަން، އެނގޭ މަންމަމެން ހާރޓްބްރޭކް ވާނެ ކަން....." މިޝެލިން މާފަށް އެދުނެވެ. އޭނަ ހީކުރީ އިއްބާނުގެ ސިއްރު ހައިތަމް މެންނަށް އަންގާނީ ރަފާއިލް ކަމަށެވެ. އޭނަގެ ހިތުގައި ރަފާއިލް އާއި މެދުގައި ޝަކުވާ އުފެދުނެވެ. މިގޭގައި ހުރި ސިއްރު އެޖެންޓެކެވެ. ނަމަވެސް ހައިތަމް ދެން ބުނުއްވި އެއްޗަކުން މިޝެލިން ގެ ވިސްނުން ރަފާއިލް އާއި މެދު ބަދަލުވިއެވެ. ކުށްހީކުރުމަކީ ބޮޑު ފާފައެކެވެ. ރަފާއިލްގެ ނުލަފާ ބަޔެއް ހުއްޓަސް ސިއްރުތައް ހިފަހައްޓަން އެނގޭ މީހެއް ކަންނޭގެ އެވެ. އެ ޚަބަރު ހައިތަމްއަށް ދިނީ އެ ސެންޓަރުގެ އިސް މީހެކެވެ. ހައިތަމްފަދަ މަޝްހޫރު މީހުންގެ އެކުވެރިން ގިނަވާނެއެވެ. އެމީހުންގެ ދަރިން ގޮތަކަށް އުޅެފިއްޔާ އެމީހުން ހައިތަމް މެންނަށް ނާންގާ ސިއްރެއް ނުކުރާނެ އެވެ.
"ބޫ ޑްރަގަށް އެޑިކްޓްވާންވީ އެއްވެސް ސަބަބެއް ވިސްނައިގަންނާކަށް ނޭގޭ، އިންޓެލިޖެންޓް ބޯއި އެއް އެހާ ހެންޑްސަމް، ރީތި ގާލްއެއް ލިބުނީ، ހީވާގޮތުން އެމެރިކާއަށް ގޮސްފައި ކިޔަވަން އުޅުމުގެ ތެރޭގައި ފެށި އާދައެއްހެން، ދަރިން ތަރުބިއްޔަތު ކުރުމުގައި ކޮންފަދަ ގޯހެއްކަން ނޭގޭ ހެދުނީ... މައި މިސްޓޭކް.. ޝެލް ދަރިފުޅާ، ބޫ އާއި ދެކުދިން ކޮލެޖަށްގޮސް ބިޒިނަސް އެއްޗެއް ކިޔަވަން ފެށުން ކިހިނެއް ވާނެތަ؟ އޭރުން ދެކުދިންނަށް އަބަދު އެކީގައި އުޅެވޭނެ، އެއްގޮތަކަށްވެސް ބޫ ޕައިލެޓަކަށް ހުންނަތަން ދެކޭ ހިތެއްނުވާތީ އާންޓީ މިހެން މިބުނީ...." އެލީސާ މިޝެލިންގެ އަތުގައި ހިފަހައްޓާލި އިރު އެލޮލުން އާދޭހުގެ ކުލަވަރު ފެނުނެވެ.
"ގުޑް އައިޑިއާއެއް އާންޓީ... އިރާދަކުރެއްވިއްޔާ ބެން ދެނެއް ނުދާނެ ފްލައި ކުރާކަށް، އަދި ކަމެއްނެތި އެހެން އެކުވެރިންނާއި އެކީގައި ބޭރަށް ނުދާނެ، ދެމީހުން އެކީގައި ކޮލެޖަށް ދާން ފަށާނީ....." އިއްބާނު އާއި އެކު ކޮލެޖަށް ދިޔުމުގެ ޚިޔާލުން ލިބުނު އުފަލަކުން އެ ކަޅު ކަޅު ދެލޮލުގެ ވިދުން ގަދަވިއެވެ. ރީތި ރީތި ހުވަފެންތަކެއް އެވަގުތުން ފެށިގެން ދެކެވުނެވެ. ކައިވެނި ކުރިޔަސް އޭނަގެ އުމުރުން ޅަކަމާއި އެކު އަދި ކޮލެޖްގެ އުފާވެރި ދިރިއުޅުމާއި ވަކިވާކަށް ގާތެއް ނުވެއެވެ. އިއްބާނު އާއިއެކު ވެއްޖެއްޔާ އަދި ވަކިން ޚާއްސަވާނެއެވެ. އެލީސާމެން އެދިން ޚިޔާލަށް އޭނަހިތުގެ އަޑިން ޝުކުރުވެރިވިއެވެ. އެއީ އެލީސާ އެމީހުންގެ މުސްތަގުބަލަށް ހުޅުވައިދިން ދޮރެކެވެ. ހަޔާތުގެ އާ ބާބެކެވެ.
އިއްބާނު ފަދައިން ހެރޮއިން ބޭނުންކޮށްފައިވާ ޒުވާނަކަށް ޑީޓޮކްސްއަށް ނަގާނީ މަދު ދުވަސްކޮޅެއް ނަމަވެސް ކައުންސެލިން އާއި އެހެން ބައިތަކަށް ގިނަދުވަސް ނަގާނެ އެވެ. ނަމަވެސް އިއްބާނު ބުނެފައި ވަނީ އޭނައަށް އެހާ ކައުންސެލިން ބޭނުން ނުވާކަމާއި އެއަށް ވުރެ ހިތުގެ އަގީދާ ވަރުގަދަ ކަމުގައެވެ. އަދި އާއިލާ އާއި އެކީގައި އުޅެވުނީމަ އަލުން އެފަދަ ވިޔާނުދާކަމަކަށް ހުށަނޭޅޭނެ ކަމުގެ ޔަގީންކަން އޭނައަށް އޮތެވެ. މިރޭ އިއްބާނު އެ ފަރުވާ ނިމިގެން އެނބުރިގެއަށް އަންނާނެކަމަށް މިޝެލިން ގާތުގައި ވަނީބުނެފައެވެ. އިއްބާނުއަށް ވެސް ހެރޮއިންގެ ބިރުވެރިކަން ނޭގެނީއެއް ނޫނެވެ. މަޑުމަޑުންގޮސް ސިކުނޑީގެ ވަކި ހިސާބެއް ބްލޮކްކޮށްލުމުން އާއިލާ ލޯބި އެފަދަ އެހެންކަމެއް މުހިއްމެއް ނުވާނެއެވެ. އެންމެ ކުރިން އޭނަ ހީކުރީ ޑްގަރަށްވުރެ އޭނަގެ ގަދަވާނެ ކަމުގައެވެ. ނަމަވެސް ފަހުން ވިސްނުނީ ވަކި ހިސާބަކަށް ދިޔުމުން އެކަނި "ހެރޮއިން" މުހިއްމުވެ ދިރިއުޅުން ނިމިގެން ދާނީ އޭގެ ތެރޭގައި ކަމެވެ. އެއިން އެކަނި ހިތްހަމަޖެހުން ހޯދައިގެން ކަމެވެ. މަރުވެގެން ފުރާނަ ދިޔުމަށްފަހު އެހިސާބުން އަދި އެކަނިވާނެ ވަރާއި، ލިބޭނެ ސަޒާ ބޮޑުވާނެއެވެ. އާއިލާ އާއި އަމިއްލަ ނަފުސަށް އެހާ ބޮޑު އަނިޔާއެއް ދޭނީ މޮޔައެކެވެ. ވަގުތު ފާއިތު ނުވަނީސް އޭނަ އެކަންތަކުން ސަލާމަތްވި ކަމީ ނަސީބެކެވެ.
އިރޮއޮއްސުނު ފަހުންވެސް މިޝެލިން އެކަނިމާ އެކަނި އެތަނުގައި ފަނޑުއަލީގައި އިއްބާނުއަށް މެސެޖް ކޮށްލަން އިނެވެ. ހުސްކޮށްލާފައިވާ ސްމޫތީ ތަށި ބިއްލޫރި މޭޒުމަތީގައި ހުއްޓެވެ. އުޑާއި ދިމާލަށް ކަޅި ހުއްޓުނު ވަގުތު އުޑުމަތި ހީވީ ވައިލެޓްކުލައިގެ ފިހިގަނޑަކުން ކުލަޖެއްސިފައިވާހެންނެވެ. މިނޫނީ އުޑު އެކުލައިގެ ހުއްޓާ މިޝެލިން ދެކެފައެއްނުވެއެވެ. އެ ވައިލެޓްކުލައިގެ ތެރެއިން ވިދުވަރުގެ ހުދު އަލި ރޮގުތައް ފަރާތްފަރާތަށް އަރައިގެން ދިޔަތަނާހެން ކަންފަތް ފަޅައިގެންދާހާ ބާރަށް ގުގުރީގެ އަޑުއިވުނެވެ. މިޝެލިންގެ ހަތަރެސްފައި ފިނިވެ ބޭ އިޚުތިޔާރުގައި ކަންފަތުގައި އަތް އަޅައިލެވިއްޖެއެވެ. އަދި ބާރަކަށް ހަޅޭއްލަވައިގަނެވެން އުޅެފައިވެސް ދުލުގައި ދައިގަނެވުނީ ބިރުވެރި ކަމާއި އެކުގައި ވެސް ގުދުރަތުގެ ރީތިކަން ކުރިމަތިން ފެންނަމުންދާތީއެވެ. ދެވަނަ ފަހަރަށްވެސް ވިދުވަރުގެ ހުދު ރޮގުތަކާއެކު އުޑުމަތި ވައިލެޓް ކުލައިން ފެވުނެވެ.
"ހަނީ، ކޮން އިރަކުން އަންނަނީ؟ ތަންޑަރސްޓޯމް މިއޮތީ ބޯމަތިވެފައި، މިހާ ރޮމެންޓިކް ރެއެއްގައި ވޯނަ ސްލީޕް އިން ޔޯރ އާމްސް، ކަމް ހޯމް ސޫން ބޭބީ..." މިޝެލިން މެސެޖްކޮށްލާފައި ދެންވެސް ސޯފާގައި ކުރުގެޅިލިއެވެ. ބާލީސް މޭގައި ޖައްސާ ބާރުކޮށްލައިގެން އެކަނިމާ އެކަނި އިނދެ އެބިރުވެރި ތޫފާން ކުރިމަތީގައި ނިއުޅެމުންދާތަން ބަލަނީއެވެ. އޭނަ ނުފެނިގެން ހޯދަމުން އައީ ޒިލާ އާއި ޒަހުރާން އެވެ. މިޝެލިންގެ ބިރުކުޑަކަމާއި މެދު ހައިރާންވާ ކަމަށް ޒިލާ ބުނިއިރު އޭނަ ހުރީ ޒަހުރާންގެ އަތުގެ މުލައްދަނޑީގައި ބާރަކަށް ހިފަހައްޓާލައިގެންނެވެ. ޒިލާ ބުނީ އަލިފާންވެސް ފައިބައިފާނެކަމަށެވެ. ކުރީ ދުވަހު ގެއަކަށް ހޮނުއަޅާފައި ކޮންމެވެސް ކަހަލަ ކަރަންޓު ޝޯޓެއްކޮށްލައިގެން އެގޭގައި އަލިފާން ހިފައިގެން މީހުން ކިރިޔާ ސަލާމަތްވި ކަމަށް ޒިލާ ޑްރެމެޓިކްކޮށް ބުނެލިއެވެ. މިޝެލިންގެ ކަނދުރާގެ ލޯލިތައްކޮޅަށް ޖެހުނެވެ.
އެސަރަހައްދުގެ ކޭބަލްއެއްގެ މައްސަލަޖެހި ކަރަންޓް ނެތުމުގެ ސަބަބުން އެންމެން ސިޓިން ރޫމްގެ ސޯފާތަކުގައި ތިބީ އުއްބައްތިތައް ދިއްލާލައިގެންނެވެ. ނަށަމުންދާ އޮރެންޖްކުލައިގެ ހުޅުކޮޅުތަކުގެ ތެރެއިން އެންމެންގެ މޫނުތައް ފެންނަނީ ވަކިން ރީތިކޮށެވެ. ސުލްތާނު މި ތޫފާނީ ރޭގައި ވެސް ޚިޔާރުކުރީ ކޮޓަރީގައި ހޫނު ތަންމަތީގައި އޮތުމަށެވެ. ޒަހާރާ އޭނަ ގާތުގައި ގުރުއާން ކިޔަވަން އިނުމަށްވުރެ ސުލްތާނު އެދޭކަމެއް ނޯވެއެވެ. ކޮންމެ ރެއަކު ސުލްތާނު ނިދިކުރައްވަނީ އެގޮތަށް ގުރުއާން އަޑުއަހަން އޮންނަވާފައެވެ. އެއަށްވުރެ ހިތަށް ފިނިކަން ލިބޭނެ އެހެން ކަމެއް ނުވަނީއެވެ.
އެންމެން އިންތިޒާރުގައި ތިއްބާ އިއްބާނު ވާރޭ ކޯޓް ބާލާފައި ކޮޓަރިއަށްވަނެވެ. އެފަން އިސްތަށިކޮޅު އޮތީ ކުޑަކޮށް ތެތްކޮށެވެ. އާދައިގެ މަތިން އަތްދިގު ޓީޝާޓަކާއި ޖިންސެއްލައިގެން ބެކްޕެކް އަޅުވާލައިގެން ހުރިއިރު މޫނުމަތިން ފެންނަނީ ހަމަޖެހިލާފައި ހުރިކަމުގެ ކުލަވަރެވެ.
"ބޫ.... ދަރިފުޅު ތި އައީތަ؟ ތޫފާނީ ރޭގައި ތިގޮތަށް މަގުމަތިވާކަށް ނުވާނެ..." އެލީސާ ސޯފާއިން ތެދުވުނުގޮތަށް އިއްބާނުގެ ގައިގައި ހިފައިގަތްއިރު ދެލޯ ފުރިގެން ބަންޑުންވެގަތީ ހޫނު ކަރުނަ ތަކުންނެވެ. މަންމަ ގެ ރުއިމުން އިއްބާނު ހުރީ ކުޑަކޮށް ހައިރާންވެފައެވެ. އޭނަ އެކުވެރިންނާއި އެކު ދަތުރުގޮސްފައި އަންނަ ފަހަރަކުން މަންމަ މިހާ ޖަޒުބާތީވެގެން ނޫޅެއެވެ. މިރޭ މިވީ ކިހިނެއް ހެއްޔެވެ؟
އިއްބާނުގެ ނަޒަރު ހުއްޓުނީ މިޝެލިންގެ މޫނަށެވެ. އެ ކަތި ހިތްގައިމު ނަޒަރުން އަދިވެސް މިޝެލިންގެ ގައިން ހީބިހިހަލުވައިލައެވެ. މިޝެލިން ކުޑަކޮށް ހީލާފައި އިސްޖަހައިލީ ރޮވޭގޮތް ވުމުންނެވެ. އެލީސާ އުޅެގަތް ގޮތަކުން މިޝެލިންއަށް ވެސް އަސަރުކުރީއެވެ. އިރުކޮޅެއް ފަހުން އެންމެން އެކީގައި ގޮސް ކެއެވެ. އެލީސާ އިނީ ރަފާއިލްގެ ޚަބަރެއް ނުވެގެންވެސް ކަންބޮޑުވެފައެވެ. ހައިތަމް ރަފާއިލްއަށް ގުޅާފައި ހުރިތަން ބަލައިލީތީ އެކަމާއި އެލީސާ ހިތާހިތުން އުފާކުރިއެވެ. ރަފާއިލް އާއި މެދު މިހާރަކަށް އައިސް އެލީސާއަށް ބެލެވެނީ އަމިއްލަ ދަރިއެއް ފަދައިންނެވެ. ރަފާއިލްގެ މަންމަ އާއި ދެކޮޅުވެރި ކަމެއް އޮތަސް ރަފާއިލްގެ ކުށެއް އޮތީއެއް ނޫނެވެ. ރަފާއިލްގެ މަންމަ އާއި އޭނައަކީ އެއްމާބަނޑު ދެބެންނަށްވާއިރު ކިހާވަރެއްގެ ކުލުނަކާއި ލޯތްބެއް އޮންނާނެ ހެއްޔެވެ؟ ބޭރުފުށުން ދެކޮޅުވެރިކަން ދައްކާލިޔަސް ހިތްވަނީ ސެލީނާ އަށްޓަކައި ލޯބިން އުތުރިއަރާފައެވެ. މާފުކޮށްފައި އަލުން ގުޅޭ ހިސާބުގައެވެ. ސެލީނާ ދެކޭ ހިތުން ދެލޯ ބޭގަރާރުވާ ފަހަރު އާދެއެވެ.
އެލީސާ މިރޭ ވަކިން ޚާއްސަކޮށް އިއްބާނުއަށް ސަމާލުކަން ދިނެވެ. ދެވޭ ސަމާލުކަން ކުޑަވުމުން ދަރިފުޅު ނުބައި ގޯޅިއަކުން އެޅީކަމަށް ހީކޮށެވެ. ޚުދު ހައިތަމްވެސް އަޒުމް ކަނޑައަޅުއްވާފައި ވަނީ މިދުވަސްކޮޅު ޗުއްޓީ ނަންގަވައިގެން އާއިލާ އާއި އެކު ގިނަވަގުތު ހޭދަކުރުމަށެވެ. އިއްބާނުމެންނާއި އެކު ޓެނިސް އަދި އެހެން ކުޅިވަރުތައް ކުޅުމާއި ވާހަކަދައްކައިލަން ތިއްބަސް ދަރިންގެ ކަންތައް ގާތުން ފެންނާނެއެވެ.
މިޝެލިން ހިތުގެ ބައްޓަމަށްވާ ރަތްކުލައިގެ ކުދި އުއްބައްތިތައް ދިއްލާލިއެވެ. ރަތްފިނިފެންމަލާއި، "ކަޑްލް މީ" ފަދަބަސްކޮޅު ލިޔެފައިވާ ލޯބި އެތިކޮޅުތައް ބަހައްޓާލާފައި ތަރުތީބުކޮށްލުމުން ކޮޓަރި ކުރިއަށްވުރެ ރީތިވިއެވެ. އުއްބައްތިތަކުގެ ފަނޑު އަލީގައި ޖާދުލެއްވެއެވެ. މިޝެލިން ފެންވަރާލައިގެން ރަތްކުލައިގެ ނައިޓީއެއް ލައިގެން ނުކުތުމުން އޭނަ ފެނުނީ ޕަރީއެއް ފަދައިންނެވެ. އިއްބާނު ކޮޓަރިއަށް ވަދެ ދޮރުތަޅުލި އިރު އެ ތުންފަތްމަތީގައި ރީތި ހިނިތުންވުމެއްވިއެވެ. މިޝެލިން އުއްބައްތި ތަކާއި ކުޅެން އިންއިރު އެ ދެލޮލުގެ ވިދުން ގަދަކަމާއި، މޫނުގެ ރީތިކަމުން އިއްބާނުގެ ހިތް ދީވާނާވަރުވިއެވެ. އައިގޮތަށް މިޝެލިން އޭނަ އާއި ދިމާލަށް އަނބުރައިލަމުން ރަކިވަންދެން ބެލިއެވެ.
"ބެން...." މިޝެލިން އެއްޗެކޭ ބުނަން އުޅުނީމަ އިއްބާނު ތުންފަތުގައި އިނގިލިޖައްސައިލިއެވެ. އިރުކޮޅެއްވާންދެން އުއްބައްތިތަކާއި ދާދިކާރީގައި އެކަކު އަނެކަކުގެ އަތުތެރޭގައި ހޭދަކުރެވުނު ވަގުތުކޮޅަށްފަހު މިޝެލިން ހުރީ ނޭވާކުރުވެފައެވެ. އުއްބައްތިތަކާއި، އިއްބާނުގެ މީރުވަސް ނޭފަތުގައި ހިފާލާ ސިކުނޑި މަސްތު ކުރުވައިފި އެވެ. އިއްބާނުގެ އަތުގެ ތެރެއަށް ހަށިގަނޑު މުޅިން ދޫކޮށްލެވި، އެއަތުގެ ފިރުމުން ތަކުން ދެލޯ މަރައިލެވުނެވެ. އިއްބާނު މިޝެލިންގެ ރަތްވެފައިވާ ކޯތާފަތުގައި އިނިގިލި ބީއްސައިލަމުން ޝުކުރު އަދާކުރިއެވެ. އޭނައަށްޓަކައި އުއްބައްތިތައް ދިއްލީމަ އެކަން ވަރަށް ޚާއްސަވި ކަމަށް ބުނެލަމުން ހިނިތުންވެލިއެވެ. އެ ރީތި ހިނިތުންވުމަށް ޓަކައި މިޝެލިން ހިތް ފިދާކުރުވަމުންނެވެ. އެކީގައި ޗޮކްލެޓް ކައިގެން ދުވެ ދުވެފައި އަދި ބާލީހުން ތަޅާ ސަކަރާތްޖެހުމަށްފަހު މިޝެލިން އާއި އިއްބާނު އެނދުގައިވާ އެތައް ބާލީސްތަކުގެ ތެރޭގައި ފޮރުވިގަތެވެ. މިޝެލިންގެ ހުރިހާ ހިތާމަތަކެއް ފިލުވާ އެ ހިތަށް ދާއިމީ ހަމަޖެހުމެއް އިއްބާނު ގެނެސްދީފިއެވެ.
އިއްބާނު ފަތިހު ތެދުވެ ހޫނު ފެނުން ފެންވަރާލައިގެން ފަތިސް ނަމާދު ކުރިތަން ފެނުމުން މިޝެލިން ގެ ހިތް އުފަލުން ނަށައިލިއެވެ. ނަމާދުކުރަން ފެށުމަކީ މީހާ ފާފަތަކުން ދުރުކުރުވާ އަޅުކަމެވެ. ހެއްދެވިފަރާތާއި އެމީހަކު ބޭނުން ކަމަކަށް އެދި ދަންނަވައި އެންމެ ކުއްތަންވެވޭ ވަގުތެވެ. މިޝެލިން ވެސް މިފިނީގައި ކަންނެތް ވެގެން އޮވެލާފައި ވެސް ތެދުވެގެން ގޮސް ނަމާދު ކުރުމަށް އުޅެގަތުމާއި އެކު ނިދިފިލިއެވެ. ޚުޝޫއަތްތެރިކަމާއި އެކުގައި ނަމާދު ކުރުމުން ހިތަށް ލިބުނީ ބުނަން ނޭގޭފަދަ ފިނިކަމެކެވެ. ރޫހާނީ ހިތްހަމަޖެހުމެއް މުޅި ހަށިގަނޑު ވަށާލިހެން ހީވިއެވެ. މިޝެލިން މަޑުމޮޅި ކަމާއި އެކު ދެއަތް އުފުލާލައިގެން އެތައް އިރެއްވާންދެން ދުއާކުރަން އިނެވެ.
ހެނދުނު ދެ ޒުވާނުން ހޫނު ކޮފީ ހިފައިގެން ގޮސް ބެލްކަނީގެ ސޯފާގައި ފިތިގެން ތިބިއިރު އެކަކު އަނެކަކުގެ ލޮލަށް ބަލަބަލާ ފޫހިނުވާހެން ހީވިއެވެ.
"އަހަންނަށް މިހާރު ޝެލްއާއި މާ ދުރުން މިއުޅެވެނީ ދޯ، ބޭކާރުކަމެއްގައި އުޅެން ހަދައިގެން މިހާރުވެސް ސެވެން ޑޭސް ދުރުގައި ހުންނަން މިޖެހުނީ، އައިމް ސޮރީ ބޭބީ، ދެން އެހެނެއް ނުވާނެ އިނގޭ...." އިއްބާނު މާފަށް އެދެމުން މިޝެލިންގެ މޫނުގައި ބޮސްދިނެވެ.
"އެއީ އެއްވެސް ކަމެއްނޫން، މާފަށް ނޭދިބަލަ، އަހަންނަށް މިވަރަށް ލޯބި ލިބުނަސް ފުދޭ، އިޓް މީންސް ސޯ މަޗް....." މިޝެލިން އިއްބާނުގެ އިސްތަށިގަނޑާއި ކުޅެލަމުން އެ އަތުގެ ތެރޭގައި ހަމަޖެހިލި އެވެ. އެގޮތަށް ވާހަކަދައްކަން ތިބެވުނީ ކިހާ އިރެއްވާންދެން ކަމެއްވެސް ނޭގުނެވެ. އެއިން ކޮންމެ ވަގުތަކީ މިޝެލިން ގެ ހިތުގައި ރަންއަކުރުން ފަވާލެވޭ ވަގުތެކެވެ.
އިއްބާނު އާއި މިޝެލިން ކޮލެޖަށް ދާންވެގެން އެޕްލައި ކުރުމުން ވަރަށް ފަސޭހައިން ޖާގަ ލިބުނެވެ. ހޫނު މޫސުމް ނިމިގެން ކިޔެވުން ފެށޭނެ އިރަށް މިޝެލިން ހުރީ އިންތިޒާރުގެ ގަޑިތައް ގުނާލަގުނާލައެވެ. މިދުވަސްކޮޅު މިޝެލިން އިއްބާނުގެ ގާތުގައި ހިޔަންޏެއްހެން ހުރެއެވެ. އިއްބާނުއަށް އެކަނި ގެއިން ބޭރަށް ފިޔަވަޅެއް އެޅޭކަމަކަށް ނުވެއެވެ. ހޫނު މޫސުމްގައި ލަންޑަނުގައި އޮންނަ ކޮންމެ ހަރަކާތަކަށް އިއްބާނު ދިޔަސް މިޝެލިން އާއި ނުލައި ދެވޭކަމަކަށް ނުވެއެވެ. އިއްބާނު މެން ޓެނިސް މެޗްތަކެއް ކުޅެން ތިއްބާ މިޝެލިން ކާކޮޓަރިއަށް އައީ ފިނި އެއްޗެއް ބޯލުމަށެވެ. އޭރު ރަފާއިލް ބެރީ ލެމަނޭޑް ތަށްޓަށް އައިސް ކިއުބްތަކެއް ވައްޓައިލަނީއެވެ. މިޝެލިން ފެނުމުން ލާނެތް ނަޒަރެއް ދީފައި އެއް ކޮލުން ހީލިއެވެ. އެ ރީތިކަމާއި، ފިރިހެންވަންތަ ކަމުން އޭނައަށް އަސަރުކުރާނެ ކަމަށް ހީކުރީ ހެއްޔެވެ؟
"ބޭނުންތަ؟" ރަފާއިލް ކުޑަ ހިނިތުންވުމަކާއި އެކު ބުނެލުމުން މިޝެލިން އަނގަޔަށް ގޮތެއް ހަދައިލި އެވެ. އެފިރިހެނާގެ ސިކުނޑީގައި އެނބުރޭ އެއްޗެއް ބުނެލާނެ ނަމައެވެ. ތެދަށް ބުނަންޏާ ރަފާއިލްގެ ކުރިމައްޗަށް ދާން މިޝެލިން ޖެހިލުންވެއެވެ. ރަފާއިލް އޭނަ ތައްޔާރުކުރި ތަށި ބަހައްޓާފައި ޓިޝޫއަކުން އަތް ތިލަ ފޮހެލާފައި ފްރިޖާއި ދިމާލަށް އައެވެ.
"ދުރުގައި ހުރެބަލަ..." މިޝެލިން ކަޅިއަޅައިލި އެވެ.
"އަދި އައިސްކިއުބް ކޮޅެއް ބޭނުންވެގެންނޭ، ތިހާ ނުބައިކޮށް ވިސްނާކަށް ނުވާނެ.. ވަރަށް ހާޓްވޭ، އަދި އެހެންނޫން ކަމަށް ޕްރިޓެންޑް ކުރިޔަސް........" ރަފާއިލް ފިރިހެންވަންތަ ހުނުމަކާއި އެކު ކުޑަކޮށް ބަލައިލި އެވެ. މިޝެލިން އެއްފަރާތަކަށް ޖެހިލާފައި ރަފާއިލްއަށް ތަންދެއްކިއެވެ.
"ޝެލް މިހާރު އަބަދު ފެންނަނީ ބެންގެ ހިޔަނިހެން ފަހަތުގައި ޖައްސާލާފައި ހުންނަތަން، އެހެންވީމަ ދެން ޝެލްގެ ބަދަލުގައި ކިޔާނީ ޝެޑޯ އޭ އޯކޭވާނެތަ؟" ރަފާއިލް އެހެން ބުނުމުން މިޝެލިން އެތަނުން ދާންވެގެން ކުރިއަށް ފިޔަވަޅެއް އެޅިއެވެ. އޭނައަށްވުރެ ބާރަށްގޮސް ރަފާއިލް ދޮރުގައި އަތް ވިއްދާލާފައި މަގު ބަންދުކުރިއެވެ. މިޝެލިންގެ ހިތް ތެޅިގަތީ ބާރަކަށެވެ. ރަފާއިލް ގެ ކަންތައް މާ ބޮޑުވާން ފެށީއެވެ. ކުރިން މިހާ ޖެހިލުންކުޑަވާކަށް ނުކެރެއެވެ. އޭނައާއި އިއްބާނުގެ ގުޅުން ރަނގަޅު ކަމުން ރަފާއިލްގެ ހިތް ހަސަދައިން ފުރުނީކަން ނޭގެއެވެ.
"ކިހާދެރަކަމެއްތަ ރަފާއިލް، ވަޓް ޑޫ ޔޫ ވޯންޓް؟ ރީއްޗަށް ބުނެބަލަ..." މިޝެލިން ތަންކޮޅެއް ހަމަޖެހިލި އެވެ. ރަފާއިލް ގަސްތުގައި އޭނަ ރުޅިއަރުވައިލަން އުޅެނީކަން ނޭގެއެވެ.
"އަހަރެން ބޭނުންވެއްޖެއްޔާ ލިބޭނެތަ؟" ރަފާއިލްވެސް ކޮށްލީ ސުވާލެކެވެ.
"ދުވަހަކު މަށެއް ނުލިބޭނެ..... އަޑުއިވިއްޖެތަ؟ ހަމަ ތެދެއް މިބުނީ، އަހަރެން މިދާގޮތަށް ގޮސް ރަފާއިލްގެ ތިހިރަ ލަދުކުޑަކަމުގެ ވާހަކަ ބެން ގާތު ބުނާނަން، ނޫނީ އަހަންނަށް ފީލްވަނީ ރަފާއިލް އާއި ބައިވެރިވެވޭހެން، އައި ފީލް ގިލްޓީ ބެންއަށް މި ކަންތައް ފޮރުވައިގެން ހުންނަން، ރަފާއިލް އަހަންނާއި ފްލާޓް ކުރަން ނޫޅޭތި......" މިޝެލިން އެހެންބުނެލި އިރު އެ މޫނު ރަތްވެއްޖެއެވެ. ރުޅިގަދަވެގެން ގޮސް މިޝެލިން ހުރީ ހަދާނެ ގޮތެއް ނޭގިފައެވެ.
"އޭނަ ގަބޫލެއް ނުކުރާނެ، އެހެންނޫނަސް ބެން އެއީ ކާކުތަ؟ އަހަރެން ދެކެ ބިރުގަންނާނެ......." ރަފާއިލް ޔަގީންކަމާއިއެކު ބުނެލިއެވެ. މިގޮތަށް މިޝެލިން ރުޅިއަރުވައިލެވުނީމަ އޭނައަށް ހާދަ މަޖާވެއެވެ. ރުޅިއައުމުން މިޝެލިން ވަކިން ރީތިވާހެން ހީވެއެވެ. އެމޫނަށް ރަތްކުލަ ވެރިވެ، ދެލޮލުގެ ކަޅުކަންވަކިން ގަދަވެއެވެ. އެދެލޮލުގައި ތަރިތައް ވިދާފަދައެވެ.
"ހެހެ ސޮރީ ޝެލް، ސަމާސާ އެއްކޮށްލީ، އަހަރެން ނޫޅެމޭ ދެލޯބިވެރިންގެ ދޭތެރެއަށް ވަންނަން.. އެކަމަކު ބެން ގާތުގައި ނުބުނާތި، ކަމަކާއި ނުލައި އަޕްސެޓްވެއްޖެއްޔާ އޭނަ އަނެއްކާ ހެރޮއިން އަށް ގޮސްދާނެ، އެވަރު ޝެލް ވިސްނަންވާނެ ދޯ، ދެން ދޭ....." ރަފާއިލް ދޮރުން އަތް ދޫކޮށްލާފައި ގޮސް ހަމަޖެހިލައިގެން މޭޒު ކައިރީގައި އިނދެ ބެރީ ތަށި ބޯންފެށިއެވެ. މިޝެލިން ތުންކޮޅު އޫކޮށްލައިގެން ރަފާއިލް އާއި ދިމާލަށް ބުނަންވީ އެއްޗެއް ނޭގިގެން ބަލަހައްޓައިގެން އިރުކޮޅަކު ހުއްޓެވެ.
"ބުނަން ރަފާއިލް، އަހަރެންނަށް އުދަގޫކުރަންޏާ ހަދާނެގޮތްތައް އެބަހުރި...... ސްޓޭ އަވޭ ފްރޮމް މައި ލައިފް.....ނޫނީ......." މިޝެލިން ލޯ އަޅާލާފައި ބާރަކަށް ހިނގާލާފައި އެތަނުން ނުކުތީއެވެ.
"މާރސްއަށް ފޮނުވައިލާނީތަ؟ އަހަންނަށްވެސް އެހެން ޕްލެނެޓެއްގައި އެކަނި ނޫޅެވޭނެ، ނޫނީ މާ ރަނގަޅު ވާނެ އެހެން އައިލެންޑަކަށް ދިޔައްޔާ، އޭރުން ބްލޫ ލެގޫން ކުޅެވިދާނެ. ފައިޓް ކުރަންވެސް މަޖާވާނެ، ފޫހިފިލާނެ ޝެލް ހުރީމަ، އައި ރިއަލީ ލައިކް ޔޫ..........." ރަފާއިލް ސީރިޔަސްކޮށް ބުނެލުމުން މިޝެލިންގެ ހިތަށް ބިރުވެރިކަން ވަނެވެ. ރަފާއިލް ލަދެއްނެތި އޭނަ އާއި އެގޮތަށް ދިމާކޮށްގެން ވާނެހެއްޔެވެ؟ އެކުރީ އާދައިގެ ސަމާސާއެއް ނޫނެވެ. އިއްބާނު ގާތުގައި ބުނެގެން ރަފާއިލް މިގެއިން ނެރެލާނީއެވެ. ބުނަންވީ ކީކޭހެއްޔެވެ؟ ރަފާއިލްގެ ނުބައިކަން އެހެން ގޮތަކަށް އަންގައިލާނީއެވެ. މިޝެލިން ބާރު ބާރަށް ހިނގާލާފައި ދިޔައިރު އޭނަގެ ސިކުނޑި ފަޅައިގެން ދާނެހެން ހީވިއެވެ. ނަމަވެސް އިއްބާނު ޓެނިސްކުޅެން ހުރިތަނަށް ދިޔައިރު މިޝެލިންގެ ސިކުނޑީގެ ވާންކަންކެޑި، ހިނިތުންވެވިއްޖެއެވެ.
ރަފާއިލް ތުންފަތުގައި ދަތްއަޅާލައިގެން ވިސްނުމެއްގެ ތެރޭގައި އިނެވެ. އޭނަ ސަމާސާ އަކަށް ހަދައިގެން މިކުރަނީ ރަނގަޅު ކަމެއްނޫނެވެ. އެގޮތަށް އޭނަ މިޝެލިން ރުޅިއަރުވާލައިގެން ނުވާނެއެވެ. ބައެއްފަހަރު ހައްދުން ނެއްޓިގެންދާ ފަދަ އެއްޗެހިވެސް ބުނެވެނީއެވެ. އެއީ މީހެއްގެ އަންބެކެވެ. މީހެއްގެ އެއް ނޫނެވެ. އަމިއްލަ ކޮއްކޮގެ އެވެ. އެހެންނޫނަސް ހަމަޖެހިގެން ލޯބިން އުޅޭ ދެމަފިރިއެއްގެ ދިރިއުޅުމަށް އެއްވެސް ގޮތަކުން ވަނުމުގެ ހައްގެއް އޭނައަށް ނެތެވެ. އިއްބާނުއަކީ ޑްރަގް ބޭނުންކުރި ކުއްޖަކަށް ވުމާއި އެކު ރަފާއިލް އިތުރަށް ވިސްނަން ޖެހޭނެއެވެ. މިގެއިން ދާންވީއެވެ. ދުވަހަކުވެސް މިޝެލިންގެ މޫނު ނުފެންނަ ހިސާބަށް ދިޔުމުން ފަހަރެއްގައި ހަމަޖެހިލައިގެން އެހެން ހަޔާތެއް ފެށިދާނެއެވެ.
އޭރުން ބައްޕަ ހާދަ ދެރަވާނެއެވެ. އޭނައަކީ ދަރިއެއްކަން އެނގުނު ވަގުތުން ފެށިގެން ބައްޕަ އޭނަ އާއި މެދު ކަންތައް ކުރައްވަނީ ހާދަ ރަނގަޅަށެވެ. ރަފާއިލް އެ ފިނިތަށި އެކީގައި ދަމައިލުމުންވެސް ހިތުގައިވާ އުދާސްތައް ބޭރުކޮށެއް ނުލެވުނެވެ. މިވަނީ ކިހިނެއްބާވައެވެ. އޭނަގެ ހިތަށް މިވަނީ ކޮން އުދަގޫތަކެއް ހެއްޔެވެ؟ އަމިއްލަ ބަދުނަސީބާއި މެދު ހަމްދަރުދީވިއެވެ. ހުރިހާ އެއްޗެއް ލިބި ހުރެވެސް އެންމެ ބޭނުންވާ އެއްޗެއް ނުލިބުނީމަ ދިރިއުޅުން މުޅިން ހަލާކުވެގެން ދަނީއެވެ. ރަފާއިލް ހުޅުވާލެވިފައިވާ ދޮރުން ބޭރަށް ބަގީޗާތެރެއަށް ބަލަހައްޓައިގެން އިނީ ފުން ޚިޔާލެއްގައެވެ. ހިތާމައިގެ ތަސްވީރެއްފަދައިން އެމޫނުވަނީ މިލާފައެވެ.
މިހުރާން އާއި މިލީނާގެ ދޭތެރޭގައި އަދިވެސް ނުތަނަވަސްކަމުގެ ފަރުދާއެއްވެއެވެ. ނަމަވެސް ދެމީހުން މިހާރު ކުރިއަށްވުރެ ގިނައިން ސަމާސާކޮށް ވާހަކަދައްކައެވެ. ދަރިފުޅު އެނދުގައި ބާއްވައިގެން ދެފަރާތުގައި ތިބެ ދަރިފުޅާއި ސަމާސާކޮށް ވާހަކަދައްކާއިރު އެ ކުޑަ އާއިލާގެ ގާތްކަން ފެނިއްޖެ މީހެއްގެ ހިތް އުފަލުން ފުރޭނެއެވެ. މިހުރާން އާއި މިލީނާ މިހާރު "މީރާ" ގެ ވާހަކަ ނުދައްކައެވެ. އެ މައުޟޫ އޮތީ މިދުވަސްކޮޅު އެއްފަރާތް ކޮށްލެވިފައެވެ. ނަމަވެސް މިހުރާންގެ ފޯނަށް އަންނަ ކޯލުތައް ކުރިއަށްވުރެ ގިނަވެފައިވާކަން މިލީނާ ދަނެއެވެ. އޭނަ ހުންނަނީ ޝަކުވާ ނުކުރަން ވެގެންނެވެ. މިދުވަސްކޮޅު މިހުރާންގެ ފަރާތުން ލިބޭ އަޅާލުމާއި، އެހީތެރިކަމަށް މިލީނާ ބޭނުންވެއެވެ.
މީރާ އެޕާޓްމެންޓްގައި އެކަނި އިންދާ އޭނަ މާލެއިން ދިމާވި ޒުވާނާ އޭނަ އާއި ބައްދަލުކުރަން އައެވެ. މީރާ ހާލުގައި ޖެހުނު ދުވަހު އަޅާލި މީހަކީ އެއީ ނަމަވެސް އޭނަގެ ހިތުގައި އެ ޒުވާނާއަށްޓަކައި ލޯބީގެ ކުޑަ މިންވަރެއްވެސް ނެތެވެ.
"މީރާ، ޑޮކްޓަރު ބުނި އެއީ ކޮމްޕްލީޓް އެބޯޝަނެކޭ، ވީއިރު އެކަމާއި ވިސްނާކަށް ނުޖެހޭނެ، އެކަމުން ސަލާމަތްވީއެއްނު...." އެ ޒުވާނާ ހުރީ ހިތްހަމަޖެހިފައެވެ.
"އަޔާ، ތި ވާހަކަ އެއްވެސް އިތުރު މީހަކަށް އެނގިގެނެއް ނުވާނެ، އަހަރެން މިހިރީ ޕްރެގްކަމަށް ހެދިގެން، އަހަރެން ބޭނުން ކޮންމެ އަގެއްގައިވެސް ރެން އާއި އިންނަން، އައި ލަވް ހިމް ސޯ މަޗް......." މީރާ ހުރީ އަޔާދު މިކަމުގައި ބައިވެރި ކުރެވުނީތީ ދެރަވެފައެވެ. އޭނައަށް މާކުރީގައިވެސް އެކަންވަނީ އެނގިފައެވެ. އެކަމާއި އުފާވުމުގެ ބަދަލުގައި އޭނަ ހާދަ ވަރަކަށް ރުޔެވެ. އޭނަ މިހުރާންގެ ދަރިއަކު ކޮންމެ އަގެއްގައިވެސް ބޭނުމެވެ. މިހުރާންގެ ލޯބީގެ ނިޝާނެއް އޭނަގެ ގާތުގައިވާން ހާދަ ބޭނުމެވެ.
"އެކަމަކު ދުވަސްކޮޅަކުން އޭނައަށް އެނގޭނެ ދޮގުހެދީކަން..." އަޔާދު އިސްޖަހައިލަމުން އަތުގައިވާ ރިޕޯޓް މޭޒުމަތީގައި ބޭއްވިއެވެ.
"މެރީކުރުމަށްފަހު ދެވަނަ ފަހަރަށްވެސް ޕެރްގްވުމަކީ އުދަގޫކަމަކަށް ނުވާނެ...." މީރާ ހިނިތުންވެލިއެވެ. އަޔާދު އިނީ ފޯނާއި ކުޅެލަކުޅެލައެވެ. އަޔާދު އެއްގޮތަކަށްވެސް މީރާ އެހެން މީހެއްގެ ހައްގަކަށް ވާކަށް ބޭނުމެއްނޫނެވެ. އޭނަ އެތައް ޚަރަދެއް ކޮށްގެން މިހާ ދުރަށް އައީ އެންމެ ބޭނުމެއްގައެވެ. މީރާގެ ލޯބީގެ ބާރު އޭނަ ދަމާފައި ގެނައީއެވެ. އޭނަ ދާންވީ ހުސް އަތާހެއްޔެވެ؟ އެވަގުތު ކޮންމެވެސް މީހަކު ބެލްޖެހިއެވެ.