ދޮރުމަތީގައި ތިބީ ޒަހާރާ، މަލަކާ އަދި އެލީސާ ފިޔަވައި ދެވަނަ ބަޔެއްނޫނެވެ. އެމީހުން ސޯފިޔާގެ ގާތުން ހުއްދަ ހޯދުމެއްނެތި އެތެރެއަށް ވަނުމުން ސޯފިޔާ ބިރުން ހުރެ އެއްފަރާތަށް ޖެހިލައިފި އެވެ. މާޒީގެ ހިތި ހަނދާންތައް ފިލްމެއްގެ ސްކްރީނުން ފެންނަހެން ސޯފިޔާގެ ލޯމައްޗަށް ސޫރަވާން ފެށިއެވެ. މިއީ އޭނަގެ ދިރިއުޅުމަށް އެންމެ އުދަގޫ ކުރި ދެ މައިންނެވެ. ޚާއްސަކޮށް މަލަކާ، ސޯފިޔާ އާއި ޖައްސާލައިފައި ކިޔައިލި އެއްޗެހި އަދިވެސް ސޯފިޔާގެ ހިތުން ފިލައިގެނެއް ނުދެއެވެ. ޒަޚަމް ފަސޭހަ ވިޔަސް އެލަކުނުތައް ފިލުމަކީ އެކަށީގެންވާ ކަމެއްނޫނެވެ.
"ސޯފިޔާ އަހަރެމެން މިއައީ ކުރީގައި ހިނގާފައިވާ ކަންތައްތަކަށް މާފަށް އެދެން، އިންސާނުން ވެއްޖެއްޔާ ކުށް ކުރެވިދާނެ، އަހަރެމެން ގަބޫލު ކުރާ އުސޫލުތަކެއް އޮތްވާ މާޒިން ބީރައްޓެހި ކުއްޖެއް ގެއަށް ގެނައީމަ ކަންނޭގޭ އެގޮތަށް ނިކަމެތި ކޮށްލެވުނީ، އެހެންނޫނަސް ޅީދަރިންނަށް މަދުފަހަރެއްގައި މައިދައިތަގެ ހިތް ހެޔޮވާނީ، ފަހަރިންވެސް ވާނީ އެހެން، އެކަމަކު މިއަދު އަހަރެމެން މިއައީ އަހަރެމެންގެ ކުދިންނަށްޓަކައި ގޮތްދޫކުރަން، އަދި ސޯފިޔާ އަނބުރައި އާއިލާއަށް ގެންނަން އޮޕޯޗުނިޓީއެއް ދޭން....." މަލަކާ ސޯފިޔާގެ ކޮނޑުގައި އަތް ބާއްވާލުމުންވެސް ސޯފިޔާއަށް ހީވީ ބިޗުލެއް ކަށިޖެހިހެންނެވެ. ބޭއިޚުތިޔާރުގައި ފަހަތަށް ޖެހިލެވުނެވެ. މަލަކާ އެތަން މިތަނަށް ނަޒަރު ހިންގާލައިފައި ބޯހޫރާލި އެވެ.
"މާޒިން އެހާ ހިތްފަސޭހަ ކަމުގައި އުޅެވެން އޮތްވާ މިފަދަ ވީރާނާ ތަނެއްގައި ދިރިއުޅޭތީ ހަމަ ހައިރާންވެއްޖެ، ސޯފިޔާގެ ނުފޫޒުހެން ހީވޭ، އެކަމަކު އަހަރެމެންގެ ގެއަށް ނައިއްޔާ އާ އެޕާޓްމެންޓަކަށް ބަދަލުވާން މިއަދު މާޒިންއަށް އަންގާނަން...." އަދިވެސް މަލަކާގެ ހުރީ އެހަރުކަށި، އަމުރުވެރި ގޮތްކަން ސޯފިޔާ ފާހަގަ ކުރިއެވެ.
"އެހާ ހޫނު، އޭސީ ބަހައްޓާނެ ފެންވަރެއް މާޒިންގެ ނެތީތަ؟ އެނެސްތެޓިސްޓެއްގެ ސެލެރީ ބޭޑެއްނުވާނެ..." އެލީސާއަށް ވެސް ބުނެވުނެވެ. މިފަދަ ހާލުގައި އުޅެމުން ސޯފިޔާ ޖަވާހިރުފަދަ ދެކުދިން ބަލައި ބޮޑުކުރި ކަމާއި މެދު ޝުކުރު ހުއްޓެވެ. އޭނަގެ ދެފިރިހެންކުދިންގެ މުސްތަގުބަލު އުޖާލާކަން ގުޅިފައިވަނީ ސޯފިޔާގެ ބުރަ މަސައްކަތާއެވެ. އެލީސާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވި އެވެ.
ޒަހާރާ އެމީހުން އެގެއަށް އައި ބޭނުން ހުށަހެޅުމުން ސޯފިޔާއަކަށް މައިދައިތަގެ ކުރިމަތީގައި ފާޅުގައި ނޫނެކޭ ބުނާކަށް ނުކެރުނެވެ. އެއީ އިންސާނުންގެ ތޮބީއަތުގައި ބައެއްފަހަރު ލައްވާފައިވާ ގޮތެކެވެ. އެމީހަކު ކުޑަކޮށް ނަމަވެސް އިހުތިރާމް ކުރާ މީހަކު ކަމަކާއިގެން އަތުވެއްޖެނަމަ ނޫނެކޭ ބުނުން ފަސޭހައެއް ނުވާނެއެވެ. ޚާއްސަކޮށް ސޯފިޔާފަދަ މިޒާޖުގެ ވެރިންނަށެވެ. އޭނަ ބުނީ މިޝެލިންގެ ޚިޔާލު ބޭނުންވާނެ ކަމުގައެވެ. މިޝެލިން އެހެރީ ލަންޑަނަށް ކިޔަވަން ދާހިތުން އެ ޚިޔާލުގައެވެ. ސޯފިޔާ އެގެއަށް އައި މެހުމާނުންނަށް ޖޫހާއި، ބިސްކޯދު ތައްޔާރު ކުރިއެވެ.
"އަހަރެން އާޓިފިޝަލް ހަކުރު ހުންނަ އެއްޗިއްސެއް ނުބޮން....." މަލަކާ އަވަސް އަވަހަށް ބުނެލި އެވެ.
"މިއީ ސަތޭކަ ޕަސެންޓް ނެޗުރަލް އަންނާރު ޖޫސް..." ސޯފިޔާ ޖޫސްތަށި މަލަކާ އާއި ގާތަށް ޖެއްސުމުން މަލަކާ ރަހަ ބަލައިލައިފި އެވެ. ރަހަ ރަނގަޅެވެ. މިއީ އޭނަގެ ފެވެރިޓެވެ. އެކަމަކު މަލަކާ އަނގަޔަށް ނުބައި ގޮތެއް ހަދާލައިފައި މި ބްރޭންޑް ކަމަކުނުދެޔޭ ބުނެލައިފި އެވެ.
"ދެން ޑޭޓެއް ހަމަޖައްސަބަލަ...." މަލަކާ ގެ ނުފޫޒު ޒަހާރާއަށް ވުރެ މިކަމުގައި ގަދަހެން ހީވިއެވެ.
"އެކަމަކު އެގެއެއްގައި އެކުދިންގެ މަންމައަށް ނުހުރެވިގެން ނިކުތް ގެއެއްގައި ކުދިންނަށް ކެތްކުރެވޭނެ ބާވައޭ ހިތަށް އަރާ...." ސޯފިޔާއަށް ނުހުރެވިގެން އެންމެ ފަހުން ހިތުގައިވާ އެއްޗެހި މަޑުމަޑުން ބޭރުކުރަންފެށިއެވެ.
"އެކުދިންނަކީ އަހަރެމެންގެ ލޭ، ވަރަށް ތަފާތުވާނެ ދޯ ސޯފީ، މި ނިކަމެތި ދިރިއުޅުމަށްވުރެ އެކުދިންނަށް އެގޭގައި އުޅޭ އެންމެ ސިކުންތުކޮޅެއްވެސް މެމަރަބްލް ވާނެ......" މަލަކާ ވެސް ސޯފިޔާއަށް ބަހުގެ ހަމަލާއެއް ދިނެވެ.
"ސޯފީ، ދެން މާޒީ ހަދާންނައްތާލައިފައި އާ ފެށުމަކުން ފަށާނީ...." އެލީސާ ހިނިތުންވެލިއެވެ. ސޯފިޔާ އާއި މަލަކާގެ ބަހުގެ ހަގުރާމައެއް ފެށި އޭނަގެ ޕްލޭންތަކަށް އޭގެ އަސަރުކޮށްފިއްޔާ އޭނަ މޮޔަވެދާނެއެވެ. މިޝެލިން އާއި މިލީނާ ޅީދަރިންނަށް ވެއްޖެއްޔާ އެލީސާގެ ބޭނުން ފުރިހަމަވީއެވެ.
"މާޒިން ގެ ޖަވާބެއް އަހަރެމެން މިކަމުގައި ބޭނުމީ، ސޯފިޔާ ތިހިރީ އެކަނި ޕާސްޓުގައި ހިފަހައްޓައިގެން ގޮތްދޫނުކޮށް ހުންނަވެގެންކަން އެނގިއްޖެ، މާޒީގެ ހިޔަނި ކުދިންގެ ހަޔާތަށް އެޅުނަދޭނީ މޮޔައެއްނު، އަހަރެމެން އެހާވަރުން މިގެއަށް އައީމަވެސް ސޯފިޔާ ހައްތަހާ ބަހަނާތަކެއް ދައްކާފައި އުޅޭއިރު ސޯފިޔާ އަކަށް އަހަރެމެންގެ ބާރު އެގޭހެނެއް ހިޔެއްނުވޭ، އެކަމަކު މިކަން ކުރުވާފައި އަހަރެމެން ހުއްޓާލާނީ، މަންމަމެން ހިނގާ ގެއަށް ދާން......." މަލަކާ ތަށިތައް ދުރަށް ޖައްސާލާފައި އެލީސާމެންނަށް ބަލައިލަމުން ބުނެލި ގޮތަކުން ސޯފިޔާގެ ހިތަށް ފިނިވިއެވެ. މަލަކާ ފެނުމުން އޭނަ ކުރިން ހާދަ ބިރަކުން އުޅުނެވެ. އެ ދޮންކަމާއި، ރީތިކަމުގެ ފަހަތުގައި ފޮރުވިފައި ހުންނަ އަންހެނާއަކީ ކާކުކަން އޭނަ ދަނެއެވެ. ދުނިޔެ މުށުތެރޭގައި ލާން އުޅޭފަދައިން އާއިލާ ހިސާރު ކޮށްގެން ހުންނަ އަންހެނެކެވެ. އޭނަގެ މައިންބަފައިންނަށްވެސް އެވަރެއް ނުހުރެއެވެ. އެދެމަފިރިންވެސް ތިބެނީ ހީވާގޮތުން އޭނަގެ ކުރިމަތީގައި ކުޑަކަކޫ ޖަހާލައިގެންނެވެ.
މަލަކާ މެން އެގެއިން ދިޔުމާއިއެކު ކުރަން ހުރި މަސައްކަތް ހުއްޓާލާފައި ސޯފިޔާ އެތާހުރި ސޯފާއަށް ތިރިވިގޮތަށް މާދުރަށް ބަލަހައްޓައިގެން އިނީ ހިލައިގެ ބުދެއްހެންނެވެ. އޭނަގެ ހިތަށް ހާދަ އަސަރުކޮށްފިއެވެ. އޭނަގެ ކުދިންގެ ދިރިއުޅުމަށް އެހެން ބަޔެއްގެ ބާރު ފޯރުވަންވީ ސަބަބެއް އެއްގޮތަކަށްވެސް އެގެނީއެއް ނޫނެވެ. އެތައް އަހަރުތަކެއްފަހުން ކުދިން ބޮޑެތިވުމާއިއެކު އެކުދިން ޝާހީ ވެއްޖެއެވެ. އެކުދިން ބޭނުންވެގެން އެންމެން އުޅެން ފަށައިފި އެވެ. ސޯފިޔާ އެފަދަ ލަގަބެއް ބޭނުމެއް ނޫނެވެ. މުއްސަނދިކަމެއްވެސް ބޭނުމެއް ނޫނެވެ. އޭނަ ބޭނުމީ އޭނަގެ ކުދިންކޮޅަށް ރަނގަޅު ދުނިޔެއަށް ހޯދައިދިނުމެވެ.
މާޒިން ގެއަށް އައުމަށްފަހު ސޯފިޔާ ގާތުގައި ދައްކަން ފެށީ ޒަހުރާންގެ މޮޅުކަމުގެ ވާހަކައެވެ. އެހާ ރަނގަޅު ހަޔާތުގެ ބައިވެރިޔެއް ދެން މިޝެލިންއަށް ނުވާނެ ކަމަށް މާޒިން ބުނީ ޔަގީންކަމާއި އެކުގައެވެ. އޭނަ މޮޅަސް ސޯފިޔާ މިޝެލިން ދޮންމަންމަ އަކަށް ހެދިޔަ ނުދޭނެއެވެ. ރީތިކޮށް ދެކެވެން ފެށުނު ވާހަކަ ނިމުނީ އަރައިރުމަކުންނެވެ. އެންމެ ފަހުން މާޒިން އެހާވަރުން ސޯފިޔާ ތައްޔާރުކުރި އެއްޗެހި ނުކައި ގެއިން ބޭރަށް ދިޔުމުން ސޯފިޔާއަށް ކުރެވުނު ކަމަކީ ރުއިމެވެ.
އެރޭ ދިހައެއް ޖަހަން އުޅެނިކޮށް އައި ފޯނުކޯލަކުން ސޯފިޔާއަށް ހީވީ އުޑު ބޮލަށް ވެއްޓުނުހެންނެވެ. ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިގެން މާޒިން ހޮސްޕިޓަލުގައި އެޑްމިޓް ކުރެވުނީ އެވެ. ބޮލަށްވެސް އަނިޔާވިއެވެ. އެވާހަކަ އިވުމުން މިލީނާ ރޯންފެށިގޮތަށް ކަރުނަ ނުފިހެއްޓުނެވެ. މިޝެލިންގެ މިޒާޖު ހުންނަ ގޮތުން ނުރޮވުނު ކަމުގައިވިޔަސް މިޝެލިން އިނީ ޝޮކެއްގައެވެ. ބާލީހުގައި ބައްދާލެވުނު ގޮތަށް އޭނަ ދެލޯބޮޑުކޮށްލައިގެން އިންއިރު ޕެނިކް އެޓޭކެއްގެ ހުރިހާ ޢަލާމާތެއްހެން ފެނުނެވެ. މިޝެލިން އަށް ހީވީ މަރުވަނީ ހެންނެވެ. ބައްޕައަށް އެހާ ބޮޑު އަނިޔާއެއް ލިބުނީމަ މިޝެލިން ދެރަވިވަރުން ގޮސް އަނބުރައިނުގަނެއިނީ ކިރިޔާއެވެ. ސިކުނޑި ގޮވިހެން ހީވިއެވެ. މިލީނާ ފަދައިން ބާރަށް ރޮވުނުނަމަ ސިކުނޑީގައި ވާހާ ބުރަކަމެއް ފިލައި ހިތަށް ތަންކޮޅެއް ލުއިވެދާނެ ކަންނޭގެ އެވެ. ސޯފިޔާ ވިސްނައިދީގެން ކުދިން ހަމަޔަށް އެޅުނެވެ. އެއަށްފަހު ސޯފިޔާ ކާރެއްގައި ކުދިންނާއިގެން ހޮސްޕިޓަލަށް ގެންދިޔައެވެ. މާޒިންގެ ޚަބަރެއްގެ އިންތިޒާރުގައި ތިބިމީހުން ފެނުމުން ސޯފިޔާ ޖެހިލުންވާގޮތްވިއެވެ. އެކަމަކު ފިރިމީހާ ދެކެ ވާ ލޯބީގެ ސަބަބުން އެހެން މީހުން ނަށް އޭނަ ބަލާކަށް ބޭނުމެއްނުވިއެވެ. ލޮލުން އޮހެމުން ދިޔަ ކަރުނަތައް ސިއްރުކުރާކަށްވެސް ނޫޅުނެވެ. ނަމަވެސް އެ ކޮޓަރިއަށް ވަންނަންވާއިރަށް ސޯފިޔާ މޫނު ދޮވެލައި، ކުޑަކޮށް ހަމަޖެހިލި އެވެ.
މާޒިންއަށް މާބޮޑު ގެއްލުމެއް ނުލިބުނެވެ. ފަރުވާދޭން ފެށުމުން ހޭއެރިއެވެ. އެކަމަކު އެއްލޯ ދުޅަވެ މުޅިން މެރިފައި، އަނގަމަތި ފެޅިފައިވާތީ ހީވަނީ އެހެން މީހެއްހެނެވެ.
"މާޒިން......" ސޯފިޔާ މާޒިންގެ އަތުގައި ހިފެހެއްޓި ގޮތަށް ރޮވިއްޖެއެވެ.
"ނުރޮއި، އަހަރެން މުޅިން އޯކޭ އޭ ސޯފީ، އަބަދުވެސް އަހަންނަށް އެނގޭ ތޭރަވަނަ ދުވަސް އަންލަކީ ވާނެކަން........" މާޒިން ހިނިތުންވެލާފައި ވާހަކަދެއްކިތަން ފެނުމުން ސޯފިޔާ ހެއްދެވި ފަރާތަށް އެތައް ފަހަރަކު ޝުކުރުވެރިވި އެވެ.
"އެހާ ސުޕަސްޓިޝަސްވާކަށް ނުވާނެ ހަނީ، އަހަރެމެން ގަތަރަށް ފުރީ ތޭރަވަނަ ދުވަހެއްގައި، އެހެންވީމަ ރަނގަޅު ކަންތައްވެސް އެދުވަހު ވެފައި އެބަހުރި......." ކަރުނައިގެ ތެރެއިންވެސް ސޯފިޔާގެ ލޯ ހިނިތުންވެލައިފި އެވެ. އެ އެކްސިޑެންޓުގެ ސަބަބުން ސޯފިޔާގެ ޚިޔާލު ބަދަލުވެއްޖެ އެވެ. މިއީ އޭނަ ދެކުނު ގޮތުން ލިބުނު އިބުރަތެކެވެ. މިރޭ މާޒިން އަލުން ދުނިޔެއަށް ލޯ ހުޅުވައިނުލިނަމަ އޭނަ އަމިއްލަ ނަފުސަށް މާފުކުރެވޭނެ ހެއްޔެވެ؟ ގިޔާމަތާއި ހަމަޔަށްވެސް ލޮލުން ކަރުނަ ނުހިކޭނެއެވެ. މާޒިން ގެއިން ބޭރަށް ދިޔައީ ސޯފިޔާ ދެކެ ހިތްހަމަނުޖެހިގެން ހުރެއެވެ. ވީއިރު ދެން އަނެއްކާވެސް އެފަދަ އަރައިރުމަކަށް ދާންވީހެއްޔެވެ؟ ނޫނެކެވެ. އޭނަ ގޮތް ދޫކޮށްލާނެއެވެ. މާޒިންގެ ހައްގުގައެވެ. މާޒިންގެ ދެކުދިންގެ ދިރިއުޅުމަށް މާޒިންއަށްވެސް ހައްގު އޮންނާނެއެވެ. މާޒިން ބޭނުންވާ ހަޔާތުގެ ބައިވެރިން ހޯދަދޭށެވެ. އޭނަ ދެން މާޒިން ކުރާ ކަމަކާއި ދެކޮޅު ނަހަދާނެ އެވެ.
ގޯލްޑެން ފްލޭމްގެ އާއިލާގެ މީހުން އެދުވަހުގެ ގިނަ ވަގުތު ހޭދަކުރީ ހޮސްޕިޓަލުގައެވެ. މިލީނާ އިރުއޮއްސެން އުޅެނިކޮށް އޭނަގެ މާމަޔާއި އެކީގައި ގޯލްޑެންފްލޭމަށް އައިއިރު އޭނަގެ ޚިޔާލުގައި ވަނީ މިހުރާންގެ ކޮޓަރި ފާސްކޮށްލުމެވެ. މިހުރާން ގޭގައި ނޫޅޭކަން ޔަގީންވާ ވަގުތެއްގައި އެކޮޓަރިއަށް ވަދެވޭނީވެސް އެގޭގައި ފާރަލައިގެން ހުރީމަ ކަންނޭގެ އެވެ. މިހުރާންގެ އަތުގައިވާ ވީޑިއޯ ނައްތާލުމަކީ މިހާރު މިލީނާގެ އެންމެ ބޮޑު މިޝަންއެވެ. މަންމަ އޭނަ އާއި މިޝެލިން މިރޭ މާމަ ގާތުގައި ތިބުމުގެ ހުއްދަ ދިންކަމީ ހެޔޮ ފާލެކެވެ.
މިލީނާ އިޝާނަމާދަށްފަހު ގުރުއާން ކިޔަވަން އިނދެލައިފައި ކާކޮޓަރިއަށް ގޮސް އެކަނިމާއެކަނި އިނދެ ރޮށްޓާއި، ފިހުނު ކުކުޅު ކައިގެން އެނބުރި ކޮޓަރިއަށް އައިއިރު މިޝެލިން އޮތީ ގަދަ ނިދީގައެވެ. މިލީނާވެސް މިޝެލިން ގާތުގައި ކުއިލްޓް ދަށަށްވަދެ އޮތްވައި މާމަ ކޮޓަރިއަށް ވަދެ ދެކުދިންގެ ނިތްކުރީގައި ބޮސްދީފައި ނިކުމެގެން ހިގައްޖެއެވެ. މާމަ ހާދަ ރަނގަޅެވެ. މިލީނާ ގަޑި ބަލާލައިފި އެވެ. އޭރު ނުވައެއް ޖަހަނީ އެވެ. ގޭތެރެ އޮތީ ފުދޭވަރަކަށް ހިމޭން ކޮށެވެ. އެކަކުވެސް ގޭގައި ނޫޅެނީބާވައެވެ. މިލީނާ ކޮޓަރީގެ ކުޑަދޮރު ހުޅުވާލައިގެން ބޭރަށް ބަލަން ހުއްޓާ މިހުރާން ސިޑިން ފައިބައިގެން އައިތަން ފެނުނެވެ. ޖިންސްގެ ޖީބަށް އަތްޖަހާލައިގެން އައިއިރު ފިރިހެންވަންތަ ކަމުން ހިތްތައް ފިދާވަރުވެއެވެ. ކަޅުފެހިކުލައިގެ ޓީޝާޓަކާއި، ޖިންސްގައި އޭނަ ފެންނަނީ މެގަޒިންތަކުން ފެންނަ މޮޑެލްއެއްހެންނެވެ. އެހިސާބުގައި ދިއްލާލައިފައިވާ އުށްބައްތިއެއްގެ ރަތްއަލި އެމޫނަށް އެޅުމުން މޫނުގެ ރީތިކަން ވިދައެވެ. ލޮލަށް އަރާފައި ވަނީ ހާދަ ރީތި ކުލައެކެވެ. އަދި ދެއަތް ދެއަތަށް އުގުޅަމުން ސްމާޓްކޮށް ހިނގާލައިފައި އައިއިރު ފާރުން ފެނުނު ހިޔަންޏަށް ވެސް މިލީނާގެ ހިތް ތައުރީފު ކުރިއެވެ. މިހުރާން އެހާ ނުލަފާ މީހަކަށް ނުވިނަމަ މިލީނާއަށް ލޯބިވެވިދާނެ ކަންނޭގެ އެވެ.
މިހުރާން ބޭރަށް ނިކުތް ގޮތަށް ކާރު ސްޓާޓްކޮށްލި އަޑަށް މިލީނާ އަވަސްއަވަހަށް ސިޑިން އަރައިގެން ދިޔައީ ވިދުވަރެއްފަދައިންނެވެ. މިހުރާންގެ ކޮޓަރީގެ ދޮރުގައި ހިފާލިއިރު ނަސީބަކުން ދޮރު ހުރީ ތަޅުލާފައެއް ނޫނެވެ. މިލީނާ އަވަހަށް ސްވިޗު ޖައްސާލުމުން އަލިގަދަ ޗާންދަލިޔާ އަކުން ކޮޓަރި އުޖާލާވެގެން ދިޔަގޮތުން އިރުކޮޅަކަށް ދެލޯ މަރައިލެވުނެވެ. ކޮޓަރިތެރޭގައި ދުވަނީ މިހުރާންގެ މީރުވަހެވެ. ބޭނުންކުރާ ކޮންމެ އެއްޗެއްގައި ދުވަނީ އެހާ މީރުވަހެކެވެ. ރީތިވާ މޭޒުމަތީގައި ސެންޓާއި، ކްރީމްފަދަ އެއްޗެހި އަތުރާލާފައި ހުއްޓެވެ. މިލީނާ އަވަހަށް ޑްރޯވަރުތައް ދަމާފައި އެއްޗެހި ހާވަމުން ދިޔައިރު ހާސްވެފައި ހުރިވަރުން އެ ދޮންމޫނުގައި ދާތިކިތައް ވިދާ ބަބުޅަން ފެށިއެވެ. މިލީނާ އަށް ފެނުނު ހުރިހާ ހާޑަކާއި، ޕެންޑްރައިވް ފަދަ ސާމާނު ނަގާފައި ކޮތަޅަކަށް ލުމަށްފަހު ލެޕްވެސް ޗާޖަށް ޖަހާފައި ހުއްޓާ ދަމައިގަނެގެން އެތަނުން ނިކުންނަން އުޅުނެވެ. ކުއްލި އަކަށް މީހަކު ދޮރުގައި ހިފާލިހެން ހީވެގެން މިލީނާ ގަނޑުވިއެވެ. ސްތެޗޫއެއްހެން ހުއްޓުން އަރާފައި އިރުކޮޅަކު ހުރުމަށްފަހު އެނދުމައްޗަށް ހުރިހާ އެއްޗެހި އެއްލާލާފައި ގޮސް އެރުނީ އަލަމާރި ތެރެއަށެވެ.
މިހުރާން އަށް އެނދުމަތީގައި އުކާލެވިފައިވާ ސާމާނު ފެނުމުން ހިނި އަތުވެއްޖެއެވެ. އެކުޑަ "ވަގު" އެއީ ކާކުކަން މިހުރާން ވަގުތުން ދެނެގެންފިއެވެ. މާމަ އާއި އެކުގައި އައިގޮތަށް މިލީނާ އަދިވެސް އުޅެނީ މިގޭގައި ކަން މިހާރު ޔަގީންވީއެވެ. މިހުރާން ކޮޓަރި ތަޅުލާފައި ގޮސް ބެލްކަނި އަދި ފާޚާނާ ތެރެވެސް ބަލައިލި އެވެ. މިލީނާ ފިލީ ކޮންތަނަކަށް ވަދެހެއްޔެވެ؟ މިކޮޓަރީގައި ފިލާނެ ތަންކޮޅެއް ހުރީއެއް ނޫނެވެ. ބެލްކަނިން ފުންމާލާކަށް އެ ކުޑަ އަންހެންކުއްޖާ އަކަށް ނުކެރޭނެ އެވެ. މިހުރާން އަށް އަލަމާރި އާއި ދިމާލަށް ބަލައިލުމާއިއެކު ޔަގީންވިއެވެ. އޭނަ އަޅާވެސް ނުލައި އެނދަށް ވެއްޓި ގަތްގޮތަށް އޮތީއެވެ.
މިލީނާ އަލަމާރި ތެރޭގައި ގިނައިރުވާން ފެށުމުން ހާސްވިއެވެ. އަދި އެއަށްވުރެ ކަންބޮޑުވީ ފޯނު ރިންގުވާން ފެށުމުންނެވެ. މިލީނާ ގެ ލޮލަށް ކަރުނަ ޖަމާވާން ފެށިއެވެ. އޭނަ އަމިއްލައަށް ސިންގާ ކޮށްޓަކަށް ވަދެގަތްކަން އެއީ ކުރެވުނު މޮޔަކަމެކެވެ. ދެން ސަލާމަތެއް ނުވާނެ އެވެ. ކުއްލިއަކަށް މިހުރާން އަލަމާރި ހުޅުވައިލުމުން މިލީނާ އަޑުކޮޅަށް ހަޅޭއްލަވައިގެންފައި ދުއްވައިގަތްގޮތަށް ދޮރު ތަޅުގައި ހިފުމާއިއެކު މިހުރާން ހުރީ ދޮރު ތަޅުލާފައިކަން އެގުނެވެ.
"ލެޓް މީ ގޯ، އެންމެން ގުޅަނީ....." މިލީނާ ދެލޯ ބޮޑުކޮށްލައިގެން ހުރިގޮތުން އެ ލޮލުގެ ރީތިކަމާއި މެދު މިހުރާން ވިސްނިއެވެ. އެހާ އަސަރުގަދަ ލޮލެއް އެހެންތާކުން ފެނުނުބާވައެވެ. ނޫނެކެވެ. ދުވަހަކު ފެންނާނެ ކަމެއްނޭގެއެވެ. އެހާ ކަޅުވެފައި ވިދުވަރުގަދައެވެ. "ވާއު" މިހުރާންގެ ހިތް ތައުރީފު ކުރިއެވެ.
"ބުނެބަލަ އަހަރެންގެ ރޫމްގަޔޭ، މިރޭ މި ރޫމްގަޔޭ ސްލީޕް ކުރާނީ، ގެނޭ އަހަރެން އާންސާ ކޮށްފާނަން..." މިހުރާން ލާނެތް ހީލުމަކާއިއެކު މިލީނާގެ އަތުން ފޯނު އަތުލަން އުޅުނެވެ. މިލީނާ ރޮއިރޮއި ހުރިއިރުވެސް މިހުރާން ދެކެ ފޫހިވެގެން ކަޅިހަދާލަން ބޭނުންވިއެވެ. އެކަމަކު ހުރެވުނު ތަނާއި، ހާލަތު ވިސްނާލާފައި ހިމޭންވިއެވެ.
"ލަދުން ގޮސް ބްލަޝްވާވަރު ބަލާލަ، ނިދާބޮކި ޖައްސާލީމަ އެހާ ލަދެއް ނުގަންނާނެ، އާދޭ ދެމީހުން ނިދާލަން....." މިހުރާން އެހެން ބުނުމުން މިލީނާ ހައްތަހާ ޖެހުނީ ފަހަތަށެވެ. މިހުރާން ޗާންދަލިޔާ ނިވާލާފައި ނިދާބޮކި ޖައްސައިލުމުން މިލީނާގެ ހިތަށް ބިރުވެރިކަން ވަނެވެ. މިހުރާން މިއުޅެނީ ކީއްކުރަންބާވައެވެ.
"ދެން ބުނާ ގޮތަށް ނަހަދަންޏާ އުރާލައިގެން ގެންނަންވީތަ؟" މިހުރާން އެހެން ބުނުމުންވެސް މިލީނާ ހުރިތަނުން ގުޑައެއްނުލިއެވެ. އެސްފިޔަޖަހާނުލައި މިހުރާން އާއި ދިމާލަށް އެ ބޮޑުދެލޮލުން ބަލަހައްޓައިގެން ހުރިގޮތުން ހީވަނީ ރަކިކުރަން އުޅޭހެންނެވެ. މިހުރާންއަށް މަޖާވިއެވެ. އޭނަގެ ލޯބިވެރިންނާއި މި އަންހެންކުއްޖާ ހާދަ ތަފާތެވެ. އެކަމަކު އޭނައަށް ލޯބީގެ ނަޒަރަކުން ބަލައިނުލެވެނީ ކީއްވެ ހެއްޔެވެ؟ އެފަދަ ގޮތަކަށް ބޭނުންނުވާންވީ ކީއްވެ ހެއްޔެވެ؟ އެކަމަކު ގެއްލުމެއް ދޭހިތެއްނުވެއެވެ. އެހާ ލޯތްބެވެ. ރުޅިއަރުވާލުމުން ހިތަށް ހަމަޖެހުމެއްލިބެއެވެ. އަޖައިބެއްފަދަ ގުޅުމެކެވެ. މިގުޅުމަށް ދޭންވީ ކޮންނަމެއް ހެއްޔެވެ؟
"ބަމްބީ، ތިބޮޑު ދެލޮލުން އަހަރެން ކާލަންތަ ތިއުޅެނީ؟ ނޫނީ ހަމަ ރީތިކަމުން ތަ؟ ބޭނުން ވަރަކަށް ބަލައިލިޔަސް ހެޔޮ، މިރޭ މިއޮތީ ކުރިއަށް، އިރުއަރަންދެންވެސް ބަލަންވީ އިނގޭ ބަމްބީ...." މިހުރާން ހަމަޖެހިލައިގެން އެނދުގައި އޮށޯތުމުން މިލީނާއަށް ރޮވޭގޮތްވިއެވެ. ހާދަ ނުލަފާ، ފޮނި ފިރިހެނެކެވެ. ކިތަންމެ ވަރަށް އާދޭސް ކުރިޔަސް އޭނަގެ ހިލަހިތް ބަދަލެއްވާނީއެއްނޫނެވެ. އެންމެ ރަނގަޅު ވާނީ އާދޭސް ނުކުރުމެވެ. ނޫނީ އިތުރަށް ގަދަކޮށްލާނެ އެވެ. އަދި "ބަމްބީ" އޭވެސް ކިޔައިފި އެވެ. އޭނައަށް ނަމެއް ނެހެދޭނީ ހެއްޔެވެ؟ މިލީނާގެ ބަސްއަހާ ހިތްވެސް، ދެކޮޅުވެރި ހިތަކަށްވެ ފާޑުފާޑުއެއްޗެހި ހިތަށް އެރިއެވެ.
މިހުރާން ހުރީ އެހާ ފަސޭހައިން މިލީނާ ސަލާމަތް ވެގެން މިތަނުން ދިޔަދޭކަށް ނޫނެވެ. ސޯފިޔާއަށް މިރޭ މިލީނާ ނިދީ މި ކޮޓަރީގައިކަން އެނގެން ޖެހޭނެ އެވެ. އެހެން މީހުންނަށް އެކަން އެނގުނަސް މާ ބޮޑު މައްސަލަ އަކަށް ނަހަދާނެ ކަމުގެ ޔަގީންކަން މިހުރާންއަށް އޮތެވެ. މިލީނާއަށް ފޯނަކަށް ފަހު ފޯނެއް އަންނަން ފެށިއެވެ. މިލީނާ ފޯނަކަށް ޖަވާބެއް ނުދިނެވެ. އެންމެ ފަހުން ސޯފިޔާ ގުޅާލެއް ގިނަވެގެން މިހުރާން ފޯނު ނަގާފައި ބުނީ މިލީނާ ހުރީ އޭނަގެ ކޮޓަރީގައި ކަމަށާއި، އާންޓީ އެކަމާއި ހާސްނުވުމަށެވެ. އެ ލިބުނު ޖަވާބަކުން ސޯފިޔާއަށް ކުރި އަސަރު އެނގުނީ ވަގުތުން ފޯނު ކަނޑާލީމައެވެ.
ފަނަރަ މިނިޓް ފަހުން ސޯފިޔާ ހުރީ ގޯލްޑެން ފްލޭމްގެ ބޮޑުކޮޓަރި ތެރޭގައެވެ. އެތައް ޒަމާނެއްފަހުން މިގެއަށް އާދެވުނު ނަމަވެސް ގެއިން މާބޮޑު ބަދަލުތަކެއް ނުފެނުނެވެ. އެކަމަކު ފަރުނީޗަރުތައް ހުރީ ކުޑަކޮށް އާކޮށްލާފައެވެ. ސޯފިޔާ އައިކަން އެނގިގެން ޒަހާރާ އާއި އެލީސާ ކޮޓަރިން ނިކުމެގެން އައެވެ.
"މަންމައަށް ވަރަށް އިތުބާރުކޮށްފައި އަޅުގަނޑު މިލީނާ މިގެއަށް ފޮނުވީ، އެކަމަކު މަންމައަށް އޭނަ ނުބެލެހެއްޓުނު، އަޅުގަނޑު އެކުދިން ބޮޑުކޮށްފައި އެތިބީ ކިހާ ރައްކާތެރި ކަމާއިއެކުގައި ކަން ހެއްދެވި ފަރާތް ދެނެވޮޑިގެން ވާނެ، އެކަމަކު އެހާވަރުން ގެންގުޅުނު ކުދިންނާއި މެދު މިއަދު އެއްވެސް ޔަގީން ކަމެއްނެތް، ވީހާވެސް އަވަހަށް މި ކައިވެނި ވެސް ކުރުވަން ބޭނުމީ، އެކަމަކު އޭގެ ކުރިން މަންމަމެން އެކުދިން ފިރިހެނުންގެ ކޮޓަރިއަށް ފޮނުވުމުގެ ބޭނުމެއް މިއަދު އެނގެން ބޭނުން...." ސޯފިޔާގެ އެސުވާލުތަކުން އެލީސާގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. ޒަހާރާ އިސްޖަހާލި އެވެ.
"މިލީ އާއި ޝެލް ނިދަން ތިއްބާ އަހަރެން އެތަނުން ނިކުތީ އެކަމަކު......" ޒަހާރާގެ ހިތުގައިވެސް ނުބައި ޝައްކެއް ހިނގައިފިއެވެ. މިހުރާން މިލީނާ ހައްލާލައިގެން އެކޮޓަރިއަށް ގެންދިޔައީ ބާވައެވެ. ޒަހާރާ ކަންބޮޑުވެފައި ހުރެ ބާރަކަށް ގޮސް މިލީނާގެ ކޮޓަރީގެ ދޮރުގެ ތަޅުގައި ހިފާލިއެވެ. އެނދުގައި މިލީނާ ނެތުމާއި އެކު ޒަހާރާ މާޔޫސްކަމާއިއެކު ހިނގައިގަތީ ސިޑިއާއި ދިމާލަށެވެ. ޒަހާރާ ދޮރުގައި ތަޅަން ފެށުމުން ދޮރު ހުޅުވާލީ މިހުރާން އެވެ. މިލީނާވެސް ހުރީ ދޮރުކައިރީގައެވެ. އޭނަ ވަގުތުން ދޮރުން ބޭރަށް ދެމިގަތެވެ.
"މިލީނާ...." ޒަހާރާ ގޮވައިލީ ތަންކޮޅެއް ހަރުކަށި ރާގަކަށެވެ.
"މިލީއަށް އެނގޭތަ މަންމަ ބޭރުގައި އެބަހުރިކަން، ނިދަން ބާއްވާފައި ކޮޓަރިއަށް ދިޔައިމަ ނުޖެހޭނެ މިކޮޓަރިއަށް އަންނާކަށް، މިލީވެސް ހާދަ ބަސްނާހައޭ..." ޒަހާރާ އަޑުލިއެވެ.
"މާމާ، ވީގޮތަކީ......." މިލީނާ އަޅައަޅައިގެންފައި ވާހަކަ ދެއްކި އެވެ.
"މިހުރާންގެ ކަންތައް ދޯ، އިބުލީހަށް ވެގެން އެކުއްޖާ ހައްލާލައިގެން އައީތަ؟" ޒަހާރާ މިހުރާން އާއި ދިމާލަށް ނުރުހުމުގެ ލޮލަކުން ބަލައިލުމުން މިހުރާން ހުރީ ހީ ހީއެވެ. އޭރު އެލީސާ ވެސް ކޮރިޑޯގެ އެކޮޅުގައި ހުއްޓިލައިގެން ބަލަން ހުއްޓެވެ.
"ޑޯންޓް ވޮރީ މާމާ، އަޅުގަނޑުމެން އެއްވެސް ކަމެއް ނުކުރަން، ހަމަ ޓޯކްކުރަން ތިބީ......" މިހުރާން ދޮރުކަނީގައި އަތް އަޅުވާލައިގެން ހުރި އިރު އެ ރީތި ދެލޮލުގައި ނަށަނަށާ ހުރީ ލާނެތް ކަމެވެ.
"ޔަގީންތަ؟" ޒަހާރާ އެކަން ޔަގީންކުރަން އެހާ ބޭނުންވިވަގުތެއް ނާދެއެވެ.
"ޑެވިލްއަށްވުރެ އަޅުގަނޑު ސްޓްރޯންގް ވާނެ، އޭނަ ޑިފީޓްކޮށްލުމަކީ އެއްވެސް ކަމެއް ނޫން، އެހެންނޫނަސް މާމަމެން މިލީ އާއި މެދު ޔަގީންކަން އޮންނަން ވާނެ، އެހާ ބަސްއަހާކުއްޖަކު ގޯހެއް ހެދިޔަނުދޭނެ، ސޯ ނޯ ވޮރީސް މާމާ......." މިހުރާންގެ އެ ޖަވާބުން ޒަހާރާގެ ހިތަށް ކުޑަ ހަމަޖެހުމެއް ލިބުނު ނަމަވެސް މިރޭ މި ދިމާވި ހާދިސާ އާއި މެދު އޭނަ އިންތިހާއަށް ދެރަވިއެވެ. ސޯފިޔާ އެގޮތަށް ވިސްނައިގެން ނުވާނެއެވެ. އޭނައަށް ދަރިން ނުބެލެހެއްޓޭކަމުގެ ޒިންމާ އަޅުވައިގެން ނުވާނެއެވެ. އެވަގުތު ޒަހާރާ މާޒީގެ ހިތި ހަނދާނެއް އާވެ، ލޮލަށް ކަރުނަ އައެވެ. އަންހެން ދަރިން ބެލެހެއްޓުމުގައި އޭނަ އިހުމާލުވިކަމީ ދުވަހަކުވެސް ހަނދާނުން ފިލާނެކަމެއް ނޫނެވެ. އޭނަގެ ޒުވާންއިރުވެސް ސޯފިޔާފަދަ މަންމައަކަށް ނުވެވުނެވެ. މީހުންނަށް އެ ސިއްރު ފޮރުވިފައި އޮތަސް އެކަމުގެ ނިޝާން އަދިވެސް އެމީހުންގެ ކައިރީގައި އެހެރީ އެވެ. ނަހަލާލު ކުއްޖެއް ނަމަވެސް އެކަން ދުނިޔެއަށް ސިއްރު ކުރެވުނީ އެމީހުންގެ މުއްސަނދިކަމުގެ ސަބަބުންނެވެ. މިހާރު މިއޮތީ މާމަ ދަރިން ބެލުމުގައި ފަރުވާ ކުޑަކުރެވިފައެވެ. ސޯފިޔާ މިރޭ އެގެއަށް ނައިނަމަ މިހުރާން އާއި މިލީނާ ހަދާނީ ކިހިނެއް ހެއްޔެވެ؟ ލޯބީގައި މަގު އޮޅުމަކީ ދިމާވެދާނެ ކަމެކެވެ. ޒުވާން ފިރިހެނަކާއި، އަންހެންކުއްޖަކު އެގޮތަށް އެކަނި ވެއްޖެއްޔާ ތިންވަނަ ބައިވެރިޔަކަށް ޝައިތާނާ ހުންނާނެ ކަމާއި މެދު ޝައްކެއްނެތެވެ.
ސޯފިޔާ ޒަހާރާ އާއި ވާހަކަދެއްކީ ރީތިކޮށެވެ. ސޯފިޔާ ހުށަހެޅީ އެންމެ ޝަރުތެކެވެ. ކައިވެނި ކުރެވެންދެން ކުދިން އޭނަގެ ގާތުގައި ބޭތިއްބުމެވެ. ޒަހާރާމެން އެ ޝަރުތު ގަބޫލު ކުރީ އުފަލުންނެވެ. އެވަގުތުވެސް ޒަހާރާގެ ހިތުގައި ސޯފިޔާ އާއި މެދު ތައުރީފު އުފެދުނެވެ. އެހާ ރަނގަޅު ޅީދަރިއެއް ލިބުމުން ބަލައިގަނެވުނު ނަމައެވެ. ނަމަވެސް އޭރު ދިން އަނިޔާތައް ހިތުން ފިލުވާލާފައި ސޯފިޔާ އެމީހުން ކައިރިއަށް ދެން އެނބުރި ނާންނާނެކަން ޔަގީނެވެ. އެވަގުތު މަލަކާ އެތާހުރިނަމަ މަންޒަރު ތަފާތުވީހެވެ. މަލަކާ އެއްގޮތަކަށްވެސް ސޯފިޔާގެ ރަނގަޅުކަން ގަބޫލުކޮށް އެއާއިލާއެއްގެ މެމްބަރަކަށް ހަދަން ބޭނުމެއްނުވެއެވެ. އޭނަ ދެކޭގޮތުގައި ސޯފިޔާއަކީ މާޒިން އާއި އެކަށީގެންވާވަރުގެ އަންބެއްނޫނެވެ.
މާޒިން އެޕާޓްމެންޓަކަށް ބަދަލުވާން ނިންމުމުން ސޯފިޔާ އިތުރު މައްސަލަ ނުޖައްސާ ބަދަލުވީ އެތަން މާ ރައްކާތެރި ކަމަށް ފެނުމުންނެވެ. އެހެންނޫނަސް މާޒިން ބަލިވެއުޅޭއިރު އޭނަ ނިދަންޖެހޭނީވެސް މާޒިންގެ ކޮޓަރީގަ އެވެ. އެޕާޓްމެންޓުގައި ހުރީ ތިންކޮޓަރިއެވެ. ކޮންމެ ކުއްޖަކަށް ކޮޓަރިއެއް ލިބުމުން މިޝެލިން އާއި މިލީނާ ތިބީ ވަރަށް އުފާވެފައެވެ. އެތަނުގެ އާކަމާއި، ފަރިނިޗަރުތަކުގެ ރީތިކަމާއި، އޭސީގެ ސަބަބުން ހީވަނީ ގޯލްޑެން ފްލޭމްގައި އުޅެވޭހެންނެވެ. އެކަމަކު އަމިއްލަ ގެ ކަމުގެ ކުޑަވެސް އިހުސާސެއް ކުރެވޭނެ ގޮތެއްނުވިއެވެ. ހީވަނީ ހޮޓަލެއްގައި އުޅެވޭހެންނެވެ. ރޭގަނޑު ނިދާ ގަޑިޖެހުމުން ސޯފިޔާ އެޕާޓްމެންޓްގައި މައި ދޮރު ތަޅުލާފައި ހަމަޖެހިލައިގެންގޮސް މާޒިންގެ ކޮޓަރިއަށް ވަދެއްޖެއެވެ. ދެން އެގެއަށް މީހަކު ވަދެފާނެ ކަމާއި މެދު ޚިޔާލުކުރާކަށް ނުޖެހޭނެއެވެ. އަދި ކުދިން ސިއްރުން ނިކުމެދާނެ ކަމާއި މެދުވެސް ވިސްނާކަށް ނުޖެހޭނެއެވެ. އެކަމަކު ދޭތެރެ އަކުން އޭނަ ގޮސް މިލީނާމެން އުޅޭގޮތެއް ބަލާނެއެވެ.
މިލީނާ އާއި މިޝެލިން އާއި ދެކުދިންނަށް ވަކި ކޮޓަރި ހުރިނަމަވެސް މިލީނާއަށް އެކަނި ނިދަން އޮތުމަކީ ކުރެވޭނެ ކަމެއްނޫނެވެ. ވާހަކަތައް ކިޔަން ފެށުމުން ސިކުނޑީގައި ފާޑުފާޑުގެ ވަހުމާއި، ޝައްކުތައް އުފެދި އޭނަ ގެ ހިތުގައި ބިރުވެރިކަން އުފެދެންފެށީއެވެ. ހީވަނީ ކޮންމެ ވަގުތަކުވެސް ކޮޓަރިއަށް މީހަކު ވަދެ ގޯނާއެއްކޮށްލަފާނެ ހެންނެވެ. މިލީނާ ބިރުން އުޅޭތީ މިޝެލިން ނިދަން އައީ އެކޮޓަރި އަށެވެ. އޭރު މިލީނާ އޮތީ "ދަ ޑާ ވިންސީ ކޯޑް" ކިޔާ ވާހަކަ ފޮތެއް ހުޅުވާލައި ގެންނެވެ. މީހަކާއި އިންނަންވީމަ އެފަދަ ތްރިލަރ އެއްޗެހި ނުކިޔާ ތަންކޮޅެއް އިޝްގީ ވާހަކަތައް ކިޔަން މިޝެލިން ޚިޔާލުދިނީ ލާނެތް ހުނުމަކާއި އެކުގައެވެ.
"އަހަންނަށް އެނގޭ ރެން އާއި މެރީ ތިކުރަނީ ކޮންމެވެސް ގޮތަކުން މަޖުބޫރުވެގެން ކަން، އޭނަ ކޮންމެވެސް އެއްޗެކޭ ކިޔައިގެން ބިރުދައްކަނީތަ؟ މިލީއަށް އެނގޭތަ؟ ރެންގެ ހުރޭ ސީރިޔަސް ގާލްފްރެންޑެއް، މިއަދު އޭނަ އެކުއްޖަކަށް ގުޅައިގެން ވާހަކަދެއްކި އަޑު އަހަންނަށް އިވުނީ، ވަރަށް ލޯބިން ޓޯކް ކުރީ، އެކަމަކު އޭނަ ނަމުން ކިޔައިލީމަ އެނގުނީ މިލީ ނޫންކަން....." މިޝެލިން އެހާ ސީދަލަށް ސުވާލުކޮށްލުމުން މިލީނާ ކަންބޮޑުވިއެވެ. މިޝެލިން ގާތުގައި ބުނަންވީ ހެއްޔެވެ؟
"ރިއަލީ؟" މިލީނާގެ ބޮޑު ދެލޮލުގެ ވިދުން ގަދަވިއެވެ.
"ހޫމް.... ދެން ކީއްވެ މިލީ އާއި މެރީ ކުރަންވީ؟ ވަރަށް ކޮންފިއުޒްވެއްޖެ، އޭނަ އެކުޅެނީ ގޭމެއްތަ؟ އެކުއްޖާއަށް ކިޔާ ނަންވެސް އެނގުނު....." މިޝެލިން ގެ ވާހަކަތަކުން މިލީނާގެ ހިތަށް އުފަލެއް ލިބުނެވެ. ފަހަރެއްގައި މިހުރާންގެ ޚިޔާލު ބަދަލުކޮށްފާނެއެވެ. އޭނަ އާއި އިންނަން ބޭނުންނުވާކަމަށް ބުނެފާނެއެވެ. ޔަގީނެވެ. އެއީ މިހުރާންގެ ގޭމެކެވެ.