މިހުރާން ކާރުމަޑުކޮށްލާފައި ފިނިވެފައިވާ އަތްތިލަ ޖިންސްގެ ޖީބަށް ޖަހާލައިގެން އަވަސް ފިޔަވަޅުތަކެއްގައި އައިއިރު އާދައިގެ މަތިން އެއްވެސް މީހަކަށް ސަމާލުކަމެއް ނުދެއެވެ. އެހެންމީހުންގެ ލޯތައް ހުއްޓުނު ކަމެއްވެސް ނޭގުނެވެ. ލިފްޓަށް އެރިއިރު ހިތްވަނީ ކުރިއަށްވުރެ އަވަސްވެފައެވެ. އާއިލާގެ އެހެން މީހުން ތިބީ އޭނަގެ އިންތިޒާރުގައި ކަމެއް ނުނިންމިފައިހެން ހީވިއެވެ. މިހުރާން ފެނުމާއި އެކު ޑޮކްޓަރު އޭނަ ގޮވައިގެން ލޭބަރ ރޫމަށްވަދެ މިލީނާގެ ހާލަތު ރަނގަޅަށް ކިޔައިދިނެވެ. ފެންގަނޑު ވަރަށް ބޮޑަށް މަދުވެފައިވާތީ މެމްބްރޭން ފަޅާލާފައި ވީހާ އަވަހަށް ވިއްސަން ބޭނުންވާ ކަމަށާއި ނޫނީ ދަރިފުޅުގެ ފުރާނައަށް ނުރައްކާ ވެދާނެ ކަމަށް އެ ޑޮކްޓަރު ބުނުއްވިއެވެ. މިހުރާން އެކަމަށް އެއްބަސްވިއެވެ. މިލީނާ އާއި މިހުރާންގެ ހަތަރު ކަޅި ހަމަވިވަގުތު އެލޮލުން ފެނުނީ ބިރުގެންފައިވާ ކަމުގެ ހުރިހާ ކުލައެކެވެ.
"މިލީ..." މިހުރާން މިލީނާގެ އަތުގައި މަޑުމަޑުން ހިފާލާފައި ފިރުމަން ފެށުމުން އެސްފިޔަތަކުގެ ދަށުގައި ބޮނޑިވެފައިވާ ކަރުނަތައް ނުކުޅަދާނަވެގެން ފައިބަންފެށިއެވެ. މިހުރާން މިލީނާގެ ލޮލުގައިވާ ކަރުނަތައް ފޮހެލަދެމުން ނުރޯށޭ ބުނާފަދަ ގޮތަކަށް ބޯ ހޫރާލިއެވެ.
"ވަރަށް ބިރުގަނޭ.." މިލީނާއަށް ބުނެވުނެވެ.
"ކޮންކަމަކާތަ؟ ސްޓްރޯންގް ކުއްޖެއްނު ތިއީ، ކުޑަ ހިތްވަރެއްކޮށްލާނީ، އަހަރެންވެސް ހުންނާނަމޭ......." މިހުރާން މިލީނާގެ އަތަށް ފިތައިލީ ހިތްވަރު ދިނުމުގެ ގޮތުންނެވެ. އިރާދަކުރެއްވިޔާ ހުރިހާކަމެއް ދާނީ ރަނގަޅަށް ކަމަށް މިހުރާން ބުނެލިއެވެ. އަދި އޭނަ މިލީނާ އާއި އެކުގައި ވާނެ ކަމަށާއި، ހަމަޖެހިލައިގެން އޮތުމަށް މިހުރާން ބުނުމުން މިލީނާއަށް ލިބުނު ހިތްވަރަކަށްވިއެވެ. އެހެންނޫންނަމަ އާއިލާގެ އެންމެނާއި މިގޮތަށް ވަކިކޮށްލުމުން އޭނަ އޮތީ ހާސްވެފައެވެ. އެކަނިވެރިވެފައެވެ.
ޑޮކްޓަރުން ކުރި ކޮންމެ ކަމަކުން މިލީނާގެ ހަށިގަނޑުގައި އިތުރު ވޭނެއް އެޅުން ނޫންކަމެއްނުވިއެވެ. އަދި ތަދުކުރާ ޑްރިޕް ފެށުމުން ދޭތެރެއިން ތަދު އަރައިގަންނައިރު މިލީނާގެ ހެޔަށް ގޮތެއްވާހެން ހީވިއެވެ. ކެތްނުކުރެވިގެން ތުންފަތުގައި ދަތްއަޅާ ބާރުކުރަމުން ގޮސް ރަތްކުލަ ގަދަވެ ލޭފައިބާވަރުވިއެވެ. އޮމާން މޫނުގައި ދާތިކިތައް ވިދަނީ ލިލީމަލެއްގެ ފިޔައިގައި ޝަބްނަމް ވިދާފަދައިންނެވެ. އެންމެފަހުން ކެތްނުކުރެވިގެން ހަޅޭކެއްގެ އަޑު ކަރުތެރެއިން ނުކުތީމަ ދެން މިލީނާ ހުއްޓާލާކަށް ބޭނުމެއްނުވިއެވެ. ކަރުތެރެ ފާރުވާވަރަށް ހަޅޭއްލެވުމުން ވޭން ކުޑަވިހެންވެސް ހީވިއެވެ. އޭނަ މިހުރާންގެ އަތުގައި ހިފާފައި ބާރުކުރިއެވެ. މިލީނާގެ ހާލު ފެނުމުން މިހުރާންއަށް ވަރަށް އަސަރުކުރިއެވެ. ނަމަވެސް އޭނަ ހުރީ ހިތްވަރު ގަދަކޮށްލައި ގެންނެވެ. ފެންކަޅިވެފައިހުރި ނަމަވެސް އޭނަ އެންމެ ފަހު ވަގުތުވެސް މިލީނާގެ މޫނުގައި ފިރުމާފައި މަޑުމަޑުން ވާހަކަ ދެއްކިއެވެ.
"ވަރަށް ބޮޑަށް.. ތަދުވަނީ.. ދެން ކެތެއް ނުކުރެވޭނެ...." މިލީނާ ނޭވާ އުފުރެމުންދާފަދަ ގޮތަކަށް ބުނެލިއެވެ. މާބޮޑަށް ވަރުބަލިވީ ކަންނޭގެ އެވެ. ހަޅޭއްލަވާނެ ވަރެއްވެސް ދެން ނެތީ ކަންނޭގެ އެވެ. މިހުރާންގެ އަތުތެރޭގައި އޮތް ގަނޑުފެންކޮޅެއްހާ ފިނި އަތް އެއްވެސް ބާރެއްނެތި އެލިއްޖެއެވެ. މިހުރާން އެ އަތްތިލައި މޫނުގައި ޖައްސައިލަމުން ޑޮކްޓަރާއި ވާހަކަދެއްކީ ކަންބޮޑުވެފައި ހުރެއެވެ. ޑޮކްޓަރު އޯގާތެރި ހިނިތުންވުމަކާއިއެކު ބުނީ ދެން ވާނީ ކުޑައިރުކޮޅެއްކަމުގައެވެ.
ޑޮކްޓަރު ވެކިއުމް ޑެލިވަރީއަކުން ދަރިފުޅު ވިއްސުމަށްފަހު މިލީނާގެ ބަނޑުމަތީގައި އަޅާފައިވާ ފެހިފޮތިތަކުގެ މަތީގައި ދަރިފުޅު ބޭއްވުމުން މިހުރާން އުފަލުން ހިނިތުންވެލަމުން ހިތާހިތުން މާތް ﷲއަށް ޝުކުރުވެރިވިއެވެ. ނަރުސްކުއްޖަކު ފޮތިތަކުގެ ތެރޭގައި އޮޅާލީ ދަރިފުޅަށް މާ ފިނިވެދާނެތީކަން ނޭގެއެވެ.
"ތެންކިއު މިލީ....... ހީޒް ބިއުޓިފުލް..." މިހުރާން އޭރުވެސް ހުރީ މިލީނާގެ އަތުގައި ބާރަށް ހިފެހެއްޓިގޮތަށެވެ. މިލީނާއަށް ދަރިފުޅު ފެނުމުން ހަށިގަނޑުގައި އެޅިހާ ވޭނަކާއި، ވަރުބަލިކަމެއް ހަނދާން ނެތިއްޖެއެވެ. އެތުއްތު ދަރިފުޅަށް ބަލަން އޮވެވުނީ ޝައުގުވެރި ކަމާއި އެކު ދެލޯތަންމިނަށް ހުޅުވާލައިގެން އެސްފިޔަޖަހައިލަން ނޭގިފައެވެ. ގައިގެ ވަރުވެސް ޖެހި ދަރިފުޅާއި ދިމާލަށް އަތްދިއްކޮށްލެވިއްޖެއެވެ. މޮޑެލާހިތްވާފަދަ ފުށްގަނޑެކެވެ. ދެމީހުންގެ ހަޔާތުގައި އައި އެންމެ އުފާވެރި ދުވަހަކީ އެއީ ކަންނޭގެއެވެ. މިހުރާން އާއި މިލީނާވެސް މިހާރު ތިބީ ކަރުނައިގެ ތެރެއިންވެސް ހުރިހާ ދަތްތައް ފެންނަ ވަރަށް ހެވިލައިގެންނެވެ. މިހުރާން އޭނަގެ ފޯނު ދިއްކޮށްލާފައި ވީޑިއޯ ކޮށްލަން ނަރުސް ގާތުގައި އެދުނެވެ.
މިޝެލިން ގެއަށް އަންނާނީ ތަންކޮޅެއްފަހުން ކަމަށް ބުނުމުން އިއްބާނު ގެއަށް އައީ އެކަނިއެވެ. އޭރުވެސް އެންމެން ތިބީ ހޮސްޕިޓަލުގައި ކަންނޭގެއެވެ. ގެ އޮތީ ފަޅުކޮށެވެ. އިއްބާނު ކޮޓަރިއަށް ވަންއިރު އެ ރީތި މޫނުން ކޮންމެވެސް އުދަގޫ ތަކެއްވެގެން އުޅޭކަހަލަ ގޮތެއް ފެނުނެވެ. ވަކި ގަޑިއަކަށް ބޭނުން ނުކޮށްފިއްޔާ ހާދަ އުނދަގޫތައް އިހުސާސް ކުރަން އެބަޖެހެއެވެ. އެފަދަ ވަގުތެއްގައި އެހެން ފަރާތެއްގެ މަތިން ހަނދާނެއްވެސް ނުހުންނަނީ އެވެ. އެނޫން އެއްޗެއް ހިތަށް ނުވެސް ގެނެވެނީއެވެ. އިއްބާނު ސާފު ހުދުކުލައިގެ ޕައުޑަރު ކޮޅެއް ސަމުސަލަކަށް އަޅައިގެން ލައިޓަރުން ސަމުސާ ހޫނުކޮށްލުމުން ބޮކިތަކެއް އަރާފައި ކެކިގަތެވެ.
"ޖޮން ބުނި ހީޓްކޮށްލީމަ ދުވާނީ ޕޮޕީ މަލުގައި ދުވާވަހޭ، އޭނަ ދޮގުހެދީކަމަށް ވާނީ، ވަހެއް ނެތް.........." އިއްބާނު ނޭވާ އެތެރެއަށް ދަމާލި އެވެ. އެގޮތުންވެސް އިއްބާނު ބޭނުންވާ ވަރަކަށް ހިތްހަމަޖެހުން ނުލިބޭނެ ކަން އެނގުމުން ސިރިންޖުގެ އެހީގައި އަތުގެ ނާރަށް ޑްރަގް ފޮނުވާލައިފި އެވެ. ސިކުންތު ކޮޅެއްގެ ތެރޭގައި އޭގެ އަސަރު ސިކުނޑިއަށް ކުރިއެވެ. އިއްބާނު އުޅުނީ އާދައިގެ ގޮތަކަށެވެ. ކާހިތް ނުވުމާއި އެކުގައި ވެސް ބަދިގެއަށް ވަދެ ޕިއްޒާ ފޮތްޗެއް ހިފައިގެން އައިގޮތަށް ސިޓިން ރޫމްގައި "ޑެކްސްޓަރ" ބަލަން އޮތީއެވެ. އެހެން އޮތްވާ ނިދި އަންނަ ގޮތްވިއެވެ. ޒެފަން ބޭރަށް ނުކުތްގޮތަށް އިއްބާނު ފެނުމުން މޭމަތީގައި އޮށޯވެލިއެވެ. އޭރު ޒިލާވެސް އިނީ ފިލްމަށް ގެއްލިފައި މަޖާވެލާފައެވެ. އިރުކޮޅަކުން ޒެފަން ބަހެއް ނުކިޔައިގެން ބަލާލި އިރު ދެކުދިން ނިދާފައި ތިއްބާ ޒިލާއަށް ފެނުނެވެ. ޒެފަން އިއްބާނުގެ ކަނދުރާގައި އެ ތުއްތު މޫނުކޮޅު ޖައްސާލައިގެން އޮތީ އެހާ އަރާމުކޮށެވެ. އިއްބާނުގެ އަތް އޮތީ ޒެފަން ވަށައިލެވިފައެވެ. އިއްބާނުވެސް އޭނަގެ ބޭބެ ފަދައިން ދަރިއެއް ލިބުނު ދުވަހަކުން ހާދަ ލޯބިން ގެންގުޅޭނެއެވެ. ޒިލާ ޓީވީ ނިވާލުމަށްފަހު އޭސީ މަޑުކޮށްލީ އެކުދިންގެ ނިންޖަށް ހުރަސް އަޅާފާނެތީއެވެ.
ޒިލާ ޖައްސައިލީ ފެންޑާގައެވެ. ހޫނު މޫސުމަށް ވިޔަސް ރޭގަނޑަށް ފަޒާ އޮތީ ކޮންމެވެސް ވަރަކަށް ފިނިވެލާފައެވެ. ޒިލާ މޭނުބައިކުރާތީ ހެނދުނު ނުތެދުވެ އޮތްއިރު ޒަހުރާން އެހީތެރިވެދިނެވެ. ސަޔާއި ހިކި އިނގުރު ބިސްކޯދުތަކެއްވެސް ގެނެސްދިނެވެ. މެންދުރަށް ތަންކޮޅެއް ރަނގަޅަށް ހުރުމުން އޭނަ ހޮސްޕިޓަލަށް ވެސް ދިޔައެވެ. މިލީނާ ވިހެއުމުން އޭނަ އިރުކޮޅެއްވާންދެން ހުރެލާފައި ޒަހުރާން ޒެފަން އާއި ޒިލާ ގެއަށް ގެނެސްދިނެވެ. ޒެފަން ނިދަން ތައްޔާރުކޮށްލާފައި ޒަހުރާން ދިޔައީ ކައިރީގައި ހުރި މިސްކިތަކަށެވެ. މިހާރަކަށް އައިސް ޒަހުރާން ގަވާއިދުން ނަމާދަށް ދާކަން ޒިލާ ދަނެއެވެ. އޭނަ ބުރުގާ އަޅުވަންވެސް ޒަހުރާން އެދޭތާ ކޮން ދުވަހެއް ހެއްޔެވެ؟ ޒިލާ ޒަހުރާންގެ އިންތިޒާރުގައި އިންއިރު އިރުއިރުކޮޅާ ގަޑިއަށް ބަލައިލެވުނެވެ. އަތުގައިވާ ވާހަކަފޮތުން އޭނައަށް މަދު ސަފުހާއަށް ކިޔުނު ތަނާހެން ޒަހުރާން އަންނަތަން ފެނުމުން ޒިލާގެ ހިނިތުންވުން ފުންވެގެން ދިޔައެވެ.
މިލީނާ ހޮސްޕިޓަލުގައި އޮތްއިރު ލޭބަރ ރޫމްގައި ވީ ވަގުތުތައް ނޫނީ މިރުހާން އަށް މިލީނާ އާއި އެކަނިވާނެ ފުރުސަތެއް ނުލިބުނެވެ. ދައްކަންވީ ވާހަކައެއް ދެއްކޭނެ ގޮތެއް ނުވިއެވެ. ހުރިހާ ވަގުތެއްގައިހެން މިލީނާގެ ގާތުގައި ސޯފިޔާ އިނީ ޖައްސާލާފައެވެ. އެންމެ ފަހުން މިހުރާންއަށް ވިސްނުނީ ސޯފިޔާ ގަސްތުގައި ކުރާ ޖެއްސުމެއް ކަމެވެ. މިހުރާން އެތަނުގައި ހުރުމަކީ ސޯފިޔާ ބޭނުންވާ ގޮތެއް ނޫނެވެ. އެކަން ވިސްނުމުން މިހުރާން ހިތްހަމަނުޖެހުނު ވަރުން އެއްޗެކޭ ބުނެލަން ހިތަށް އަރާފައިވެސް ކެތްތެރިވިއެވެ.
"އާންޓީ ކިތަންމެ ރުޅިއަޔަސް އެ ދަރިފުޅުގެ ބައްޕަ އެހެން މީހަކަށް ނުވާނެ، އަދި އަހަރެން ނަކާއި ދަރިފުޅު ދުރުކުރެވޭނެ ފަރާތެއް މި ދުނިޔެއަކު ނެތް، މިލީނާގެ މައްޗަށްވެސް އެހެން މީހަކަށް ބާރެއްނުހިގާނެ، އަހަރެން ދެން މިލީ ވަރިއެއް ނުކުރާނަން.. އަހަންނަށް ވެސް ކެތްކުރެވޭނީ ވަކި ހިސާބަކަށް.. ފެމިލީ އެއް ސެޕެރޭޓް ކުރުމުގެ ބޭނުމަކީ ކޮބާތަ؟ އަހަންނަށް އެކްސެޕްޓް ކުރެވޭނެ ކަމެއް ނޫން...." މިހުރާން ސޯފާއެއްގައި އިށީދެ މެގަޒިންއެއްގެ ގަނޑުތައް އުކަމުން ދިޔައިރު ވިސްނެމުން ދިޔައެވެ. އެހެން އިންއިރުވެސް ދޭތެރެއަކުން މިލީނާ އާއި ދިމާލަށް ބަލައިލެވެއެވެ. މިލީނާގެ ދޮން މޫނު ފެންނަނީ ތަންކޮޅެއް ހުދުކޮށެވެ. އަދިވެސް ވަރުބަލިވެފައި ކަންނޭގެއެވެ. އެހާލުގައި އޮތްއިރުވެސް ހާދަ ރީއްޗެވެ. އެންމެ ފަހުން ވަރުބަލި ގޮތަކަށް އެ ބަރު އެސްފިޔަތައް ލައްޕާލައިފިއެވެ.
"ރެން އިންނާނެއްނު، ސޯފީ ހިނގާ އެއްޗެއް ކާލައިގެން އަންނަން..." އެލީސާއަށް މިހުރާންގެ ހިތުގެ އަޑު އިވުނީ ކަންނޭގެއެވެ.
"މިތަނަށް އެއްޗެއް ގެނެސްގެން ކާލެވިދާނެ..." ސޯފިޔާ ހުރީ ދާހިތަކުން ނޫނެވެ. ނަސީބަކުން އެވަގުތު ހައިތަމް އާއި މާޒިންވެސް އެތަނަށް ވެންނެވުމުން އެލީސާ ސޯފިޔާ އެއްޗެއް ނުކައި އިނީމަ ވަރުބަލިވާނެއޭ ކިޔައިގެން މައްސަލަ ޖައްސަން ފެށިއެވެ. މާޒިންވެސް ބޭނުންވީ ސޯފިޔާ އިރުކޮޅަކު ގެއަށް ގޮސް އަރާމުކޮށްލާފައި އައުމަށެވެ. އެހެންނޫނަސް މިތަނުގެ ޚިދުމަތްތައް ބަރާބަރުކަމުން ކޮންމެހެން އާއިލީ މީހެއްގެ އެހީތެރި ކަމަކަށް ބޭނުމެއް ނުވާނެއެވެ. އެންމެން ނުކުތުމުން މިހުރާންއަށް ހަމަޖެހުމުގެ ނޭވާއެއްލެވުނެވެ. އެންމެ ފުރަތަމަވެސް ދަރިފުޅު ނިދާލާފައި އޮތްވާ އެ ތުއްތު މޫނުގައި ބޮސްދިނެވެ. ވެލްވެޓް ކޮޅެއްހާ މަޑު މޫނުކޮޅެކެވެ. ބޯ އެސްފިޔަތައް މަރައި ތަގުޅިކޮށްލައިގެން އޮވެފައި އެއް މިޔަކަނުން ހީލީ ބައްޕަގެ ލޯބި އިހުސާސް ކުރެވިގެންކަން ނޭގެއެވެ. މިހުރާންގެ ހިތަށް ކުރީ އާދަޔާ ޚިލާފު އިހުސާސެކެވެ. ލޯބިން ހިތް ބަންޑުންވިއެވެ. އެ ތުއްތު އަތުގެ ތެރެއަށް އިނގިއްޔެއް ލެއްވުމުން ބާރަކަށް ހިފާލިއެވެ.
"ޑެޑީގެ ޕްރެޝެސް އެންޖެލް....." މިހުރާން އެ ރަތް ތުންކޮޅުގައި ބޮސްދިނެވެ. މިހުރާން މިލީނާގެ ގާތުގައި އިށީދެ އެ މޫނަށް ބަލަހައްޓައިގެން އިނީ ހޭލާނެ އިރެއްގެ އިންތިޒާރުގައެވެ. ކަންފަތް ކައިރީގައި އުދަގޫ ކުރަމުން ދިޔަ އިސްތަށިކޮޅުތައް ރީތިކޮށް މައްޗަށް އަރުވާލާފައި ބޮލުގައި ފިރުމަން ފެށިއެވެ. ޚިދުމަތްތެރި ފިރިއެއްފަދައިންނެވެ. ނަރުހަކު އައިވީ ޗެކްކޮށްލަން ފަދަ ކަމެއްގައި ވަނަސް އެހާ އުދަގުލެއް ނުކުރެއެވެ. އެމީހުން ބުނާ ގޮތުން މިލީނާ އެއޮތީ ނިންދަވާފައެވެ.
މިލީނާ ރަނގަޅަށް ހޭލެވުމުން އޮތީ ލޯ ހުޅުވައިލަން ނުކެރިފައެވެ. ވިހެއުމުގެ ހުރިހާކަމެއް ނިމި ނިދާލާފައި ސިކުނޑި މުޅިން ތާޒާވުމުން މިހާރު މިހުރާން އާއި ކުރިމަތިލާން އޭނަ ލަދުގަނެއެވެ. އޭނަ ޖެއްސިހާ ވައްތަރުތައް އެންމެ ކައިރިން ފެންނާނެ މީހަކީ މިހުރާންއެވެ. އެވަރަށް ހަޅޭއްލަވާކަށް ނުވެސް ވާނެއެވެ. އޭނަ ހަމަ ފިނޑީއެވެ. ކެތްނުކުރެވެނީއެވެ. އެހެން އަންހެންކުދިންވެސް މިގޮތަށް ކަންފަތު ތޫރި ފަޅައިގެން ދާހާ ބާރަށް ހަޅޭއްނުލަވާނެއޭ ކިޔައިގެން މިހުރާން ދިމާކުރާނެ ކަން ޔަގީނެވެ. މަލާމާތްވެސް ކުރާނެއެވެ.
އާއިލާގެ ޒުވާން އަންހެންކުދިން ކޮޅެއް އެގެއަށް އައީ މިޝެލިން އާއިއެކު ވަގުތުކޮޅެއް ހޭދަކޮށްލުމަށެވެ. ހޫނު މޫސުމްގައި ބަގީޗާތެރެ ފެންނަނީ ފެހިކަން ގަދަކޮށެވެ. ވިނަގަޑު އެއްވަރަކަށް ކޮށާލާފައިވާއިރު ތާޒާކަމުން ހީވަނީ އެހެން ކަމެއްހެންނެވެ. އިރުގެ ހޫނުކަމުން ކުޑަ ހޫނުކަމެއްވެސް ހިފާފައިވާ ވިނަތަކުގެ މަތީގައި ކުލަކުލައިގެ ކުއިލްޓް ފަތުރާލުމުން އިތުރު ދިރުމެއް ގެނުވިއެވެ. އެކުދިން ޕިކްނިކް ބާސްކެޓްތައް ގެނެސް އެއްޗެހި ނަގައި ކާން ތައްޔާރުކުރަން ފެށިއެވެ. އޭރު މިޝެލިން އުޅުނީ ސްކޭޓް ބޫޓަކަށް އަރައިގެން ކުޑަކޮށް ފަރިތަކޮށްލުމުގައެވެ. އިއްބާނު ޑީޓޮކްސް ސެންޓަރަށް ގޮސްފައި ވާތީ މިޝެލިން ހުރީ ތަންކޮޅެއް ހަމަޖެހިލާފައެވެ. މޫނުމަތިން މިއަދު ހިނިތުންވުމުގެ އަސަރު ފެންނަނީވެސް ލިބުނު އުއްމީދެއްގެ ބޮޑުކަމުންނެވެ. އެ ރީތި ބުޅި އިސްތަށިގަނޑު އައްސާލައިގެން ސްކާފްކޮޅެއް އޮޅާލައިގެން ހުއްޓަސް، ގަޔަށް ފިޓް ކަޅާއި ހުދު ރޮގުދެމި ޓީޝާޓަކާއި، ސްކިނީއެއްގައި ހުރުމުން އެ ރީތިކަން ފަނޑެއްނުވެއެވެ.
"ޝެލް، ކައިގެން ތިކަމާއި އުޅެބަލަ...." އެއްކުއްޖަކު ގޮވާލައިފި އެވެ.
މިޝެލިން އެއްބުރު އަޅާލާފައި އަންނަންކަމަށް އެކުދިންނާއި ދުރަށްގޮސް ގެއާއި ދިމާލަށް އަނބުރައިލި އެވެ. އެއައި ބާރުމިނުގައި މީހެއްގެ ގައިގައި އަޅައިގަތުމުން މިޝެލިންއަށް ހަޅޭއްލައިވައި ގަނެވުނެވެ. އެމީހަކަށްވެސް ހަށިގަނޑު ބެލެންސް ނުކުރެވި ގޮސް ވިނަގަނޑުމަތީގައި ޖެހުނުއިރު މިޝެލިން އޮތީ އެމީހާގެ ގެ ގައިމަތީގައެވެ. އެހުރިހާކަމެއްވީ ކުޑަ ސިކުންތު ކޮޅެއްގެ ތެރޭގައެވެ. މިޝެލިން ދެލޯމަރާލައިގެން އޮވެފައި ހުޅުވައިލީ ނޭފަތުގައި ޖެހުނު ސެންޓްގެ ހިތްގައިމު ވަހުންނެވެ. އޭރު އެމީހެއްގެ ދެއަތްވަނީ މިޝެލިން ވަށައިލެވިފައެވެ. މިޝެލިން ކުޑަކޮށް ބޯ ހިއްލާލާފައި ދެލޯ ހުޅުވައިލި އިރު ބަލައިލެވުނީ ސީދާ ރަފާއިލްގެ ދެލޮލަށެވެ. ރަފާއިލްވެސް ނޭވާ ހަމަޔަކަށް އަޅުވަމުން މިޝެލިންގެ ގައިން ދޫކޮށްލިއެވެ.
"ސޮރީ...." ރަފާއިލްވެސް ތެދުވެ ހޭވިފައިވާ އިސްތަށިގަނޑު އަތުން ރީތިކޮށްލި އިރު އޭނަހުރީ ހިތްހަމަނުޖެހޭ ގޮތްވެފައެވެ.
"ގަސްތުގައި ކުރާކަމެއްތަ؟" މިޝެލިން ތެދުވަމުން އެތާ ހުރި ގަހެއްގެ ގޮފިކޮޅެއްގައި ހިފައިލެވުނީ ބެލެންސް ގެއްލޭފަދަ ގޮތެއްވެގެންނެވެ. އޭނަ ވަގުތުން ސްކޭޓް ބޫޓު ފަޔާއި ވަކިކޮށްލިއެވެ. ދެރައީ ތަގުދީރުވެސް ރަފާއިލްގެ ކޮޅަށް ކަންތައް ގެންދާހެން ހީވީމައެވެ. އެހެންނޫންނަމަ މިފަދަ ނުބައި އެކްސިޑެންޓެއް ނުހިގާނެއެވެ.
"އަހަރެން ގޯސް މިވީ، ޝެލް ބަލާނުލާ ދުވަން ހަދައިގެން އެހެންމީހުންނަށް ލަނޑު ލިބެނީ، އަހަންނާއި ދުރުން ޝެލް އުޅެފާނަންތަ؟ އަހަރެން ބޭނުމެއްނޫން ޝެލް ކައިރިވާކަށް، އެހާވެސް ނުރައްކާތެރި....." ރަފާއިލް އެބުނި އެއްޗެއްގެ މާނަ ނޭގިގެން އަހަންވެސް މިޝެލިން ހިތަށް އެރިއެވެ. ތިމާ މާ ރަނގަޅު މީހަކަށް ވެގެން މިޝެލިން އާއި ދުރުވެގަތީކަން ނޭގެއެވެ. މާ މާތްވާން އުޅުނަސް ރަފާއިލްއަކީ އަދި ކާކުހެއްޔެވެ؟ އިއްބާނުއަށްވުރެ ނުބައި ފިރިހެނެކެވެ. ފިރިހެނުންނާއި ރައްޓެހިވެގެން އުޅޭ މީހަކު އޭނަ އާއި ދިމާލަށް ނުބައި ނިޔަތެއްގައި ބެލީތީ ހާދަ ފޫއްސެއްވެއެވެ. އޭނަ ފިރިހެންކުއްޖަކާއި ވައްތަރީކަން ނޭގެއެވެ. އެހެން އަހަން އުޅެފައިވެސް މިޝެލިން އިތުރު ވާހަކައެއް ދައްކާހިތެއް ނުވިއެވެ. މިފިރިހެނާ ރީތިވެގެން އޭނަގެ އެކުވެރި އަންހެންކުދިން ކޮޅު ތިބެނީ މޮޔަވެފައެވެ. ހަގީގަތް އެނގޭނެނަމަ ބަލައިލާނެ އަންހެންކުއްޖަކު ނުވާނެއެވެ.
"ޝެލް އެއްޗެއް އަހާލެވިދާނެތަ؟" ރަފާއިލް މިޝެލިންގެ ފަހަތުން އަންނަން ފެށިއެވެ. މިޝެލިން ހުއްޓުމެއްނެތި ފިޔަވަޅުތައް އެޅީ ކުރިއަށެވެ. ހުރިހާ އަންހެންކުދިން ތިބިތަނަށް ގެންދިޔައިމަ ލަދުން މި ބޮޑާ ފިރިހެނާއަށް ވާނެ ގޮތެއްވެސް ނޭގެއެވެ. ޔަގީނެވެ. މިޝެލިން އަނގައިން ނުބުނެ ދާތީ ރަފާއިލް ހައިރާންވިއެވެ. މިޝެލިންގެ މިހިރަ މިޒާޖެކެވެ. ބައެއްފަހަރު ސުވާލުކުރާ މީހާ ލަދުގަންނަވާލާފާނެއެވެ.
"އަހާބަލަ ދެން....." މިޝެލިން އާއި ދެމީހުންނަށް އެކީގައި ޕިކްނިކް ހަދައިގެން ތިބިތަނަށް ނިކުމެވުމުން އަންހެންކުދިން ރަފާއިލްއަށް ގޮވާލާފައި ބައިވެރިވުމަށް އެދުނެވެ. އަންހެންކުދިންގެ ޚާއްސަ ޕިކްނިކަކަށް ވިޔަސް އެއް ފިރިހެންކުއްޖަކު ހުރުމުން ރަނގަޅުވާނެ ކަމުގައި ބުނެލިއެވެ. މިޝެލިން ހައިރާންވީ ރަފާއިލްގެ "ކޫލް" ކަމުންނެވެ. ކުޑަކޮށް ވެސް ލަދެއްނުގަތެވެ. ޖެހިލުންވިހެން ހިޔެއްނުވެއެވެ. ހުރިހާ އަންހެންކުދިންގެ ސަމާލުކަން ލިބުނީމަ ވަކި ފޮނިވެގެން އުޅުނު ފަދަ ގޮތެއްވެސް ނެތެވެ. ފިރިހެންވަންތަ ކަމުގެ މިސާލެއްނެތެވެ. ރަފާއިލް ބުނީ ދެންމެ އޭނަ އައީ ވަރަށް ގަދަޔަށް ކައިގެން ކަމަށާއި އެހެންއިރަކުން ޕިކްނިކް ހަދާނީ ކަމަށެވެ. އޭރު މިޝެލިން އިނީ ވަރަށް ހަމަޖެހިލާފައި ކުއިލްޓް މަތީގައި ދެފައި ވަށްކޮށްލައިގެން ތަށްޓަކަށް ކާއެއްޗެހި ލައިގެން ނުދެނަހުރިކަމަށް ހަދާލައިގެންނެވެ.
"ޝެލް، އަހަންނަށް އެކަނި މީޓްކޮށްލެވިދާނެތަ؟" ރަފާއިލް ގަސްތުގައި މިޝެލިން އާއި ދިމާކޮށްލާ ހިތުން ބުނެލިއެވެ. މިޝެލިންގެ މޫނު ރަތްވިއެވެ. ހުރިހާ އަންހެންކުދިން ހިތަށް އަރާނީ ކީކޭ ހެއްޔެވެ؟ އޭނަ އާއި ރަފާއިލް ސިއްރު ގުޅުމެއް އޮންނަނީކަމަށެވެ.
"އިން ޔޯ ޑްރީމްސް...." މިޝެލިން ވެސް ދޫކުރާކަށް ނޫޅުނެވެ.
"އަހަރެން ވެއިޓް ކުރާނަން، މިރޭ ބެލްކަނީގައި...." ރަފާއިލް ދާން ހިނގައިގަތީއެވެ. މިޝެލިން އިނީ ހައިރާންވެ އަނގަހުޅުވިފައެވެ. ރަފާއިލްގެ އެ ނުލަފާ ކަމެވެ. އެންމެންގެ ހިތުގައި ޝައްކު އުފައްދާ އޭނަގެ އަގު ވައްޓައިލީ އެވެ. ރަފާއިލް އޮބައިލުމުން މިޝެލިން ހޭންފެށިގޮތަށް މިޝެލިންގެ މޫޑު ރަނގަޅު ވިއެވެ. މިޝެލިން އެކުދިން ގާތުގައި ބުނީ ރަފާއިލް އެގޮތަށް ވަރަށް "ނޯޓީ" ވާނެ ކަމަށާއި އިއްބާނު ހުއްޓަސް ދިމާކޮށްލާ ކަމުގައެވެ. އެއީ ސީރިޔަސްކޮށް އޭނަ ބުނި އެއްޗެއް ނޫންކަމާއި، އޭނައާއި ރަފާއިލްގެ އެއްވެސް ގުޅުމެއް ނެތްކަން ޔަގީންކޮށްދިނުމުން ކުދިން ގަބޫލު ކުރިއެވެ. އެހެންނޫނަސް އިއްބާނު އާއި ރަފާއިލްގެ ރީތިކަން ދާދި އެއްހަމައެއްގައި ދާއިރު ސިއްރު ބިޓެއް ހުރުމުގެ މަޖާކަން ކުދިންނަށް ނޭގެނީއެއްނޫނެވެ. މިޝެލިން ފޮރުވަން އުޅެފާނެއެވެ. ރަފާއިލް ހުހަށް ހުންނަނީ ކޮންމެވެސް ސިއްރު ލޯބިވެރިޔެއް ހުރީމަތާއެވެ.
މިޝެލިން އެކުދިންނާއި އެކު ވަގުތުތަކެއް ހޭދަކޮށްލި އިރުވެސް ދޭތެރެއަކުން އިއްބާނުއަށް މެސެޖެއް ކޮށްލެވެއެވެ. އޭނަ އިތުރު މީހެއްގެ ގާތުގައި އެވާހަކަ ދައްކާކަށް ބޭނުމެއް ނޫނެވެ. އާއިލާ އެހެން މީހަކަށް އެނގޭކަށްވެސް ބޭނުމެއް ނޫނެވެ. ޑްރަގް ނެގުމަކީ އެ އާއިލާގެ އެއްވެސް ޒުވާނަކު ކުރިކަމެއްނޫނެވެ. ނަސީބު ދެރަކަމުން އޭނަގެ ހަޔާތުގެ ބައިވެރިޔަކަށްމިވީ ހެރޮއިންއަށް ދެވިހިފާފައިވާ ޒުވާނެކެވެ. އެގޮތަށް ހިތް ގަބޫލުކުރާކަށް ބޭނުމެއްވެސް ނޫނެވެ. އިއްބާނުދެކެ ލޯބިވާވަރުން ނޫންނަމަ އޭނަ ވަގުތުން ވަރިވެގެން ދުރަށް ދާވަރުގެ ނުބައި އަމަލެކެވެ. ދުނިޔެއިން މިޝެލިން އެންމެ ނަފްރަތުކުރާ އެއްކަމަކީ ޑްރަގެވެ. މީހުން މެރުމެވެ. ދެން އެއްޖިންސްގެ ގުޅުން ހިންގުމެވެ. ހަގީގަތަށް ބަލާއިރު ދީނުގައި ހަރާމްކުރެއްވި ކޮންމެކަމެއް ކުރާ މީހަކު މިޝެލިންއަށް ވެސް އޮންނަނީ އިންތިހާއަށް ނުބައިވެފައެވެ. އޭނަގެ ބްލެކްލިސްޓްގައެވެ. ހިތާމައަކީ އޭނަދެކެ ލޯބިވާކަމަށް ބުނާ ދެފިރިހެނުންނަކީ އެފަދަ ދެ ފާފަވެރިންނަށް ވިކަމެވެ.
މިލީނާ ހޮސްޕިޓަލުން ގެއަށް ފޮނުވައިލުމުން މިހުރާން މިލީނާ އާއި ދަރިފުޅު ގެއަށް ގެންނަން އުޅުމުން ސޯފިޔާ ދެކޮޅު ހަދަން އުޅެފައިވެސް އެއްޗެކޭ ނުބުނީ ބޮޑު މައްސަލަގަނޑެއް ހިލިދާނެކަން އެނގޭތީއެވެ. މިހުރާން ގިނަ ވަގުތުތައް މިލީނާގެ ގާތުގައި ހޭދަކުރާއިރުވެސް ދެމީހުން ގެ ދޭތެރޭގައި އަދި ޚާއްސަ ވާހަކައެއް ނުދެކެއެވެ. ނުތަނަވަސްކަމަކާއި، ދުރުކަމެއްވެސް އެދޭތެރޭގައިވިއެވެ. މިހުރާން ހުރީ މިލީނާ އެގޮތަށް ދިޔައިމަ ދެރަވެފައެވެ. ނަމަވެސް އެއީ ބޮޑުކަމަކަށް ހަދައި އެ ވާހަކަ އަލުން ފަށާކަށް އޭނަ ނޫޅުނެވެ. އޭނަ ބޭނުމީ އަންހެނުންނާއި ދަރިފުޅާއި އެކީގައި ހަމަޖެހޭ އުފާވެރި ދިރިއުޅުމެކެވެ.
ހަތްދުވަސްވީއިރު އެގޭގައި ބަކަރި ކަތިލައި، "މިންކް އަހްމަދު މިހުރާން" ކިޔާ ދަރިފުޅަށް ނަންދިނެވެ. އެގޭގައި އޮތް ހަފްލާއަށް މުޅިންވެސް އައީ ތިމާގެ މީހުންނާއި އެކުވެރިންނެވެ. ދަރިފުޅު ފެނުމުން އެންމެންގެ ހިތް ލޯބިން ފުރުނެވެ. ތައުރީފުކުރިއެވެ. މިންކް އުރާލައި، ބޮނޑިކޮށް، ދޮންދީ ހަދަމުންގޮސް އެ މޫނު އޮތީ ރަތްމަލެއްހެން ވެފައެވެ. އެންމެން އެ ދަރިފުޅާއިގެން އުޅެފައި ދިޔަފަހުން އެރޭ މިންކް ރޯންފެށިގޮތަށް ހުއްޓާނުލިއެވެ. މިލީނާ މަސައްކަތް ކޮށްކޮށް ގާތުން ދެވުނު ކަމަކަށް ނުވިއެވެ. އެންމެ ފަހުން މިލީނާ ރޯންފެށުމުން މިހުރާން ހަދާނެ ގޮތް ހުސްވެގެން އޭނަގެ މަންމައަށް ގޮވާ ގެނައެވެ.
"ދަރިފުޅަށް ކޮންމެވެސް ކަމެއްވެއްޖެ މަންމާ..." މިހުރާން ހުރީ ފިކުރުބޮޑުވެފައެވެ.
"ނޫން ދަރިފުޅާ، ކުދިން މިހެން ރޮއިއުޅުމަކީ ހަމަ ނޯމަލްކަމެއް.... ހީޒް ފައިން...." އެލީސާ ދަރިފުޅު މަސަލަސް ކުރަން އުޅެގަތުމުން އިރުކޮޅަކުން މިންކް ހުއްޓާލި ނަމަވެސް އޮތީ ވަރުދެރަވެފައެވެ. ނިދީގައި އޮވެވެސް މަޑުމަޑުން ގިސްލައެވެ. މިލީނާ މިންކް އުނގުގައި ބާއްވައިގެން ފިރުމާލަ ފިރުމާލާއިން އިރު މިހުރާން ވެސް ކައިރީގައި އިށީދެލައިގެން އިނެވެ. އެލީސާ ވެސް ދިޔައީ އިތުރުކަމެއް ވަންޏާ ގުޅާލަން ބުނެފައެވެ.
"ދެރަނުވޭ މިލީ، މާދަން ޕިޑިއެޓްރިޝަން އަކަށް ބޭބީ ދައްކާލާނީ..." މިހުރާން މިލީނާގެ ކޮނޑުގައި އަތްބޭއްވުމުން މިހުރާންގެ އަތް ދުރުކޮށްލައިފި އެވެ.
"ބޭބީއަށް ކަމެއްވިއްޔާ މިހުރާން ޒިންމާ ނަގަން ވާނީ، މިހުރާން ދިން ބޭހުގެ އަސަރުން ކޮންމެފަދަ ކަމެއްވެސް ވެދާނެ، މިހުރާން ބޭނުންގޮތަށް ވާކަށް ނު މިއުޅެނީ، ބޭބީއަށް ކަމެއްވެއްޖެއްޔާ ދުވަހަކު ފޮގިވް ނުކުރާނަން........." މިލީނާ އެވަގުތު މިހުރާން ދެކެ ރުޅިއަންނަ ގޮތްވިއެވެ. އޭނަ ހަނދާންވީ ގަދަކަމުން ބޭސްކާންދިން ދުވަހެވެ. އޭނަގެ އަނގައިގައި ހިފަހައްޓައިގެން މަޖުބޫރު ކޮށްގެން ބޭސްކާންދިން އިރު މިހުރާންއަށް އެވަރު ނުވިސްނުނީ ހެއްޔެވެ؟
"ވަޓް...." މިހުރާން ހައިރާން ކަމާއި އެކުގައި އެހެން ބުނެލާފައިވެސް މިލީނާގެ ޖުމްލައިގެ މާނަ އެނގުމުން ދެރަވިއެވެ.
މިހުރާން އިތުރު އެއްޗެކޭ ނުބުނެ ވަގުތުން ކޮޓަރިން ނުކުމެގެން ދިޔުމުން މިލީނާއަށް ހައްތަހާ ބޮޑަށް ރޮވުނީ އެވެ. އޭނަ މިހުރާން އާއި ދިމާލަށް އެހެން ބުނެގެން ނުވެސްވާނެއެވެ. އެއްދުވަހެއްގައި ކަމެއްކުރިޔަސް މިހުރާން މިހާރު ދަރިފުޅުދެކެ ލޯބިވާކަން ރަނގަޅަށް އެނގިހުރެ އެހެން ބުނުމުން ހާދަ އަސަރު ކުރާނެ އެވެ. ހިތުގައި ޖެހޭނެއެވެ. މިހުރާންވެސް މިންކްއަށް ދެރަގޮތެއްވާކަށް ބޭނުމެއް ނުވާނެއެވެ.
"ޑޯންޓް ގޯ އެވޭއި......." މިލީނާ ހިތާހިތުން ރޮއިގަތެވެ. އޭނަ އެކަނި އިނދެގެން މިންކް ބެލޭނީ ކިހިނެއް ހެއްޔެވެ؟ ދަރިފުޅަށް ކަމެއްވެއްޖެއްޔާ ވަގުތުން ގޮތް ހުސްވާނެއެވެ. ފަސްމިނިޓް ތެރޭގައި މިހުރާން އެނބުރި އައީ ކަޅު ކޮފީއެއް ހިފައިގެންނެވެ. ކޮފީގެ މީރުވަސް އެތަނުގައި ހިފާފައިވާ ލުއިމީރު ވަހުގެ މައްޗަށް ގަދަވެގަތެވެ. އަނގައިން ބުނުމަކާއި ނުލައި އޭނަ މިންކް އަތުލާފައި އެނދުގައި ބޭއްވިއެވެ. ދަރިފުޅު ކައިރީގައި ސޯފާގައި މިހުރާން ލެޕް ހުޅުވާލައިގެން އެތައް އިރެއްވާންދެން ހޭލާ އިނެވެ. ދަންވަރު މިންކްއަށް ގާތުން ދިންއިރުވެސް މިހުރާން އިނީ ހޭލައެވެ. އެކަން ނިމުމުން މިހުރާން ދަރިފުޅު ތަންމަތީގައި ބޭއްވިއެވެ.
"ނުނިދަނީތަ؟" މިލީނާ އަށް އުދަގޫވިއެވެ.
"ނިންޖެއް ނާދޭ...." މިހުރާން އިނީ އަދިވެސް ލެޕް ހުޅުވާލައިގެން މަސައްކަތެއްގައެވެ.
"އަހަންނަށް އެނގޭ އަހަރެން ބުނިއެއްޗަކުން ހިތްހަމަނުޖެހިފައިކަން ތިހިރީ... އެވަގުތު ރުޅިއައިމަ އެހެން ބުނެވުނީ، އައި ނޯ އަހަރެން ދެކެ ލޯބިނުވިޔަސް ދަރިފުޅުދެކެ ލޯބިވާނެކަން....." މިލީނާ މާފަށް އެދެންވެސް ހިތަށް އެރިއެވެ. ބާލީހުގައި ބޮނޑިވެލައިގެން އޮތްއިރު މިލީނާ ކަރުނައާއި ހަނގުރާމަކުރަން މަސައްކަތް ކުރިއެވެ. މިހުރާންގެ ހިތުގައި ޖައްސާ ދެރަކޮށްލާކަށް މިލީނާ ބޭނުމެއްނޫނެވެ. އޭނަގެ ހިތުގައި މަގާމެއް ނެތަސް މިލީނާ ލޯބިވާވަރު އެނގެނީ އޭނަގެ ހިތަށެވެ. އެދޭތެރޭގައިވާ ނުތަނަވަސްކަމުގެ ފާރު ވައްޓާލެވޭނެ ދުވަހަކަށް އޭނަ ހާދަ އިންތިޒާރު ކުރެއެވެ.
މިހުރާން ލެޕުން ނަޒަރު ވަކިކޮށްލާފައި މިލީނާގެ މޫނަށް ބަލައިލިއެވެ. އެބުނި އެއްޗަކުން އޭނައަށް އުދަގޫވި ކަހަލައެވެ. އެއްޗެކޭ ބުނަން އުޅުނުހެން މިލީނާއަށް ހީވިއެވެ. އަނެއްކާވެސް މިހުރާންގެ ޝުއޫރުތައް އޭނަ ފޮރުވާލާފައި ކުރަން އިން މަސައްކަތަށް ސަމާލުކަންދީފިއެވެ.
"ރެން ދުވަހަކު ހިތުގައިވާ އެއްޗެއް ނުބުނާނެ، އެންމެ ފަހަރަކުވެސް ބުނާނެނަމަ މީރާއަށް ވުރެ މިލީ ބޭނުމޭ.... ލޯބި ނުވިޔަސް އެވަރުގެ ކުޑަ ބަހަކުންވެސް ހިތްހަމަޖެހިދާނެ... އަހަރެން ހާދަ ބޮޑަށް ލޯބިވޭ، އަހަރެންގެ ހިތް ދެވުނު އެކަނި އިންސާނަކީ ތިއީ، ނަމަވެސް އަހަންނަށް މިހުރާންގެ ހިތުން ކުޑަ ޖާގައެއްވެސް ނުލިބުނު... ދުވަހަކު ކާމިޔާބު ނުވާނީބާ.. ވެދާނެ އަހަންނަށް ލޯބި ވާން ނޭގެނީ ކަމަށް، އެކަމަކު މިހުރާން އަހަންނަށް އެ ފުރުސަތެއް ނުވެސް ދޭ....." މިލީނާ ހިތާހިތުން ކިޔައިލަމުން ދެލޯމަރައިލީ ކެތްނުވެގެންނެވެ. މިހުރާން ގަނޑުފެންގަނޑެއް ފަދައެވެ. ވިރުވައިލާން ފަސޭހައެއް ނުވާނެ އެވެ.
އޭރު މިހުރާން އިނީ ނިދީގެ އަރާމަށް ބޭނުންވެފައެވެ. މިހަފްތާތެރޭގައި އޭނަ ގިނަވަގުތު އުޅުނީ ހޭލައެވެ. މިލީނާ އާއި ދަރިފުޅަށްޓަކައި އޭނަގެ ހުރިހާ ވަގުތެއްހެން މިދަނީ ހުސްކުރަމުންނެވެ. މިރޭވެސް ރަނގަޅަށް ނިދާލަން ކަމަށް ހުއްޓާ ދަރިފުޅަށް ދިމާވި ގޮތަކުން އޭނަ މިއިނީ ހާސްކަންމަތީގައެވެ. ކަޅު ދެތިން ކޮފީ ދަމާލައިގެން އިނުމުން އޭނަގެ ސިކުނޑި ހުޅުވިފައިވިޔަސް މިހާރު އުދަގޫވާން ފެށިއެވެ. ހަފްތާއެއް ވާންދެން ނުނިދާ ހުރުމުން ކިތަންމެ ސިއްހަތު ރަނގަޅު މީހަކު ވެސް ބަލިކޮށްލަފާނެއެވެ. އެހެންނޫނަސް މިރޭ މިލީނާ ދެއްކި ވާހަކައަކުން ހިތާއި އެތައް ގޮތަކުން ކުޅެލައިފި އެވެ. އެންމެ ފަހުން މިލީނާ ދެކެ ލޯބިނުވެޔޭ ކިޔާފައި އެބުނި އެއްޗަކުން ހީވީ ހިތުގައި ގޮށްމުށްކަވާފައި ޖެހިހެންނެވެ. މާޒީގެ ހަދާންތައް ލޮލުގެ ކުރިމަތީގައި ނިއުޅެވެން ފެށިއެވެ. މިލީނާއަށް ގަބޫލުކުރެވޭނީވެސް އެގޮތަށެވެ. އޭނަވަނީ އަންހެނުންނާއި ދަރިފުޅަށް އަނިޔާވެރިވެފައެވެ. އެތައް ފަހަރެއްގެ މަތިން މިލީނާ ރޮއްވާލެވުނެވެ. އެކަރުނަތަކުން އޭނަގެ ހިތް ހަމަޖެހުނު ދުވަހެއްވެސް އައެވެ. ނަމަވެސް މިހާރު ހިތުގައިވަނީ ލޯބި ނޫން ކޯޗެއް ހެއްޔެވެ؟ ލޯބިވާކަމަށް ދުލުން އެއްބަސްވުމަކީ އޭނައަށް ފަސޭހަކަމެއް ނޫނެވެ. މާފަށް އެދުންވެސް އެފަދައެވެ. އޭނަގެ އަމަލުން މިލީނާ އެކަން ދެނެގަންނަން ޖެހޭނީއެވެ. ނަމަވެސް އެ ޅަހިތަށް ވިސްނޭނެ ބާވައެވެ.
މިލީނާ ނިދިކަން ޔަގީންވުމުން މިހުރާން މިލީނާގެ ގައިގައި ރީތިކޮށް ރަޖާ ފަތުރާލާފައި އޮށޯންނަން އުޅުނުތަނާ ދަރިފުޅު ކުކުރާލިހެން ހީވިއެވެ.
"އޯ ގޯޑް......." މިހުރާން ދަރިފުޅާއި ދިމާލަށް ބަލައިލުމާއި އެކު ހީވީ ހިތް ހުއްޓުނު ހެންނެވެ.