މިހުރާން މަސައްކަތުގައި އޮފީހުގައި އުޅެފައި ނިމިގެން ގެއަށް އަންނަ އިރަށް މިލީނާ ހުންނަނީ މިހުރާންގެ އިންތިޒާރުގައެވެ. ލޯބިވެރިޔަކަށްއިންތިޒާރު ކުރާ ފަދައިން މީރު ކާއެއްޗެހި އަމިއްލަ އަތުން ހަދާލައިގެން އުއްބައްތީގެ އަލީގައި ކެއުން ތައްޔާރުކޮށްލުމަކީ މިލީނާގެ އާދައެކެވެ. ބައެއްރޭ އެގޭގެ ބެކްޔާޑުގައި އަލިފާންގަނޑެއް ރޯކޮށްލައިގެން ވާހަކަ ދައްކާލަން ތިބެވެއެވެ. ބެކްޔާޑްގައި ސްލީޕިންބޭގް ގެ ތެރޭގައި ބައްދާލައިގެން ދެލޯބިވެރިންހެން ސަމާސާކޮށްލަން ތިބުމުން ބުނަން ނޭގޭފަދަ އުފަލެއް ލިބެއެވެ. ފިނި މޫސުމް ފެށުމުން އެ ރޭތަކުގައި މާ ބޮޑަށް އިޝްގީ ކުލަޖެހިފައިވެއެވެ. އެގޮތަށް އަރާމު ދުވަސްކޮޅެއް ވޭތުވެގެން ދިޔައިރު މިލީނާގެ ހިތުން "މީރާ" މުޅިންހެން ފިލައިގެން ހިނގައްޖެއެވެ. ނަމަވެސް މީރާ އެކްސިޑެންޓްވުމަށްފަހު ކޯމާއިން ހޭއަރައިގެން ރަނގަޅު ދިރިއުޅުމެއް ލިބުމަށް ދުއާ ކުރި ދުވަހެއްވެސް އައެވެ.

މިހުރާން އާއި މިލީނާ ކޮޓަރީގައި އުޅެނިކޮށް މަންމަ ގޮވަން ފެށުމުން މިހުރާން ދޮރުހުޅުވާލި އެވެ.
"ދަރިފުޅާ ރެން، މީރާ އެބަހުރި..." އެލީސާ މަޑުމައިތިރި ކަމާއިއެކު ބުނެލިއެވެ.
"މަމް، ކީއްކުރަން މީރާ މިގެއަށް އައީ، މަންމަ އޭނަ ގާތުގައި ބުނެދީބަލަ އަހަރެން ބޭނުމެއްނޫނޭ ބައްދަލުކުރަން..." މިހުރާން ހިތްހަމަ ނުޖެހޭގޮތްވިއެވެ.

"ރެން، މީރާ ވަރަށް ބަދަލުވެފައިހެން ހީވަނީ، އޭނަ އައީ ފިރިމީހާ އާއި އެކުގައި، އިންސާނަކަށް ކުށުގެ އިހުސާސް ވުމުން މާފު ދިނުމަކީ އެންމެ ރަނގަޅު ކަމެއް ރެން، އޭނަ އައީ މާފަށް އެދެންވެގެން......" އެލީސާ ހިނިތުންވެލާފައި މިހުރާންގެ އިސްތަށިގަނޑު ހާވާލިއެވެ. މިހުރާން ބޭނުންވީ މިލީނާ ހުރެގެން މީރާ އާއި ވާހަކަ ދެއްކުމެވެ.

"އޯކޭ، މަމް އޭނަ މަޑުކުރުވާ، މިއަންނަނީ...." މިހުރާން އެތެރެއަށް ވަދެ ޓީޝާޓެއް ލައިގެން ބޭރަށް ނުކުތީ މިލީނާ ގޮވައިގެންނެވެ. މީރާ ފެންޑާގެ ސޯފާއެއްގައި އިނދެފައި ތެދުވެއްޖެއެވެ. މީރާގެ ރީތިކަން ފަނޑެއްނުވެއެވެ. ފިނި ކޯޓެއްލައިގެން ރަތްކުލައިގެ ކެހެރި ތޮތްޕަކުން އިސްތަށިގަނޑު ފޮރުވާލާފައިވާއިރު މޫނަށް ރަތްކުލަ ފާއްދާލާފައިވެއެވެ. މީރާގެ ފިރިމީހާ އަޔާދު ކާރުގައި އޭނަގެ އިންތިޒާރުގައި ބޭރުގައި ހުރި ކަމަށް ބުނެލާފައި މީރާ މިހުރާންގެ ދެމަފިރިންގެ މޫނަށް ބަލައިލީ ހިނިތުންވެލަމުންނެވެ.

"އަހަރެން މިއައީ ރެން އާއި މިލީގާތުން މާފަށް އެދެންވެގެން، އަހަރެންގެ އެކްސިޑެންޓަށްފަހު އެގޮތަށް އަމިއްލައަށް މަރުވުމަކީ ކިހާ ވިޔާނުދާ ކަމެއްކަން އެނގިއްޖެ.. އަދި އަޔާދު އަހަރެންދެކެ ލޯބިވާ ވަރު ވަޒަން ކުރެވުނު، މަހެއްހާ ދުވަސްވާންދެން ކޯމާގައި އޮތްއިރު އަޔާދު ދުވާލު އެތައް ވަގުތެއް އަހަރެންގެ ކައިރީ ހޭދަކުރި، ލޯބިވާވަރު ބުނެދޭ، އަހަންނަށް މީރުވަސްދުވާހާ އެއްޗެހި ގެނެސް ނޭފަތުގައި ޖައްސާ، އަދި ވާހަކަ ކިޔައިދީ ރީތިވެގެން އުޅޭ ލަވަތައް ޖަހައިދޭނެ، ނަމަވެސް އޭރު އަހަންނަށް ޖަވާބެއް ނުދެވޭ، އަހަރެން ހޭއެރުމަށްފަހު ވޭތުވެގެން އައި ދުވަސްކޮޅު އަޔާ ކެއަރ ކުރީ ދުވަހަކު މީހަކު އަޅާނުލާނެހާ ބޮޑަށް، އެހެންވެ އަހަންނަށް މިވަނީ ވިސްނިފައި، ރެން ބުނީމެއްނު ކޮންމެވެސް ދުވަހަކުން އަދި ރެންއަށް ޝުކުރު ކުރާނެޔޭ، ޔޫ ވާރ ރައިޓް، ރެން އަހަންނަށް އޮޅުވާލާފައި ވެސް ހޯދަދިނީ ހީނުކުރާހާ ރަނގަޅު ބައިވެރިޔެއް، އަޔާގެ ފެމިލީ އެހާ ރަނގަޅު، މިހާރު ލިބިއްޖެ އަހަރެން އިމްޕޯޓެންޓް ވެގެން އުޅޭ އާއިލާއެއް، އެމީހުންނަށް އަހަރެން ވަރެއް ނެތް، އެންމެންވެސް އެހާ ހެޔޮ..... ރެން، އެކަމަކު އަދިވެސް އަހަންނަށް އަޔާދެކެ ލޯތްބެއްނުވޭ، އެކަން އެހާ ފަސޭހަކަމަކަށް ނުވެ ހިގައިދާނެ....." މީރާގެ އަޑު ކުޑަކޮށް ކުރެހުނެވެ.

"ގުޑް ފޯރ ޔޫ މީރާ، އަދި އެދުވަސް ވެސް އަންނާނެ، އަހަންނަށްވުރެ އަޔާ މާރަނގަޅު ކަން އަހަންނަށް އެނގުނޭ، އޭނަ ޔަގީނުންވެސް އަހަރެން ހާ ރުޅިގަދައެއްނުވާނެ....... " މިހުރާން ސަމާސާއެއް ކޮށްލި އެވެ.

"ރެން ތިބުނީ ތެދެއް، ރުޅިއަކީ އަޔާ ދަންނަ އެއްޗެއްނޫން، އަހަރެން ކިތަންމެހާވެސް ނަސީބު ރަނގަޅު.... މިލީ، އަހަންނަށް މާފުކޮށްދޭތި، މިލީ ފަދަ ރަނގަޅު ކުއްޖެއްގެ ހިތުގައި ޖެއްސުނީމަ އަހަންނަށް އެކަމުގެ ސަޒާ ލިބުނީ، އަދިވެސް އަހަންނަށް ރަނގަޅަކަށް ނުހިގޭ...." މީރާގެ ލޮލުން ކަރުނަ ހިލުނެވެ.

"އިޓްސް އޯކޭ މީރާ، ދެން އަހަރެމެންނަށް ފްރެންޑުން ގޮތުގައި އުޅެވިދާނެ..." މިލީނާ ހިނިތުންވެލާފައި މާފު ދިނެވެ.

"ނޫން، ނޫން، އަހަރެމެންނަށް ފްރެންޑުންގެ ގޮތުގައެއް ނޫޅެވޭނެ، ރެން އާއި މިލީގެ ދިރިއުޅުމަށް އެއްވެސް ސިފައެއްގައި އަންނާކަށް އަހަރެން ބޭނުމެއް ނޫން، އެހެން ނޫނީ އަހަންނަށް ރެންގެ މަތިން ހަނދާން ނައްތާލަން ފަސޭހައެއް ނުވާނެ، އަހަރެމެން ޖެހޭނީ ސެޕެރޭޓް މަގުން ހިނގައިދާން، އެހެންވެ މިއައީ ގުޑްބައި ކިޔަން...." މީރާ ގަދަކަމުން ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިކުރުވިއެވެ. ހިތުގައި ފުން ލޯތްބެއް އުފެދިއްޖެއްޔާ އެކަން ހިތުން ފިލުވައިލަން ފަސޭހައެއް ނުވާނެއެވެ. މިހުރާން ފިޔަވާ އެހެން ފިރިހެނަކަށްޓަކައި އެހިތުގައި ވިންދު ޖެހުމަކީ އުދަގޫ ކަމެކެވެ. އެ މަސައްކަތް ކާމިޔާބު ވާނީ މިހުރާން އާއި ވީހާވެސް ދުރަށް ގޮސްގެންނެވެ. 

މިލީނާ ހިނިތުންވެލާފައި ވާހަކަ ދެއްކީ ނިކަން ރީތިކޮށެވެ. މިހުރާންގެ ހިތަށް ހަމްދަރުދީވަނެވެ. މީރާގެ ލޮލުން އަދިވެސް މިހުރާން އަށްޓަކައި ލޯތްބާއި ކުލުނުގެ އަސަރުވިއެވެ. އެލޮލުގައި ވިދި ކަރުނަތައް ހެކިދިނެވެ. މަސްނޫއީ ހިނިތުންވުމަކުންވެސް އެ ހިތުގައިވާ ރިހުން ނުފޮރުވުނެވެ.

މީރާ ސަލާމް ކޮށްލާފައި ދަމުން އެންމެ ފަހުފަހަރަށް ވެސް އެނބުރި ބަލައިލި އެވެ. އެ ހިތާމަވެރި ނަޒަރުގެ ސަބަބުން މިހުރާން ހުރީ އިރުކޮޅަކަށް ހުއްޓުން އަރާފައެވެ. އެވަގުތު މިހުރާންއަށް ޔަގީންވީ ދެން ދުވަހަކު މީރާގެ މޫނު ނުފެންނާނެ ކަމެވެ. އަބަދުގެ އަބަދަށްޓަކައި އޭނަ ގެއްލިގެން ދަނީކަމެވެ. އެއީވެސް އެއް ޒަމާނެއްގައި ލޯބިވެވުނު އަންހެންކުއްޖެކެވެ. ކުޑަކޮށް ނަމަވެސް ހިތަށް ގޮތެއްވީ އެހެންވެ ކަންނޭގެއެވެ. 

"ރެން ދެރަވެފައިތަ؟" މިލީނާ ފަހަތުން އައިސް ބައްދާލައިފި އެވެ.

"އޮނެސްޓްލީ، ކުޑަކޮށް ދެރަވި، އަހަރެންގެ ސަބަބުން އަންހެންކުއްޖަކު އެހާ ބޮޑަށް ހާޓްވެފައި ހުރީމަ ދެރަވެސްވާނެ، އެހެންނޫނަސް މީރާ ވެސް އަހަރެން ދެކެ ލޯބިވި، އަހަރެމެން އެކީގައި އުޅުނު ވަގުތުތައް މަދެއްނުވާނެ، އެކަމަކު ބޭބީ ދެރަނުވައްޗޭ، ޔޫ އާރ މައި އެވްރީތިންގް.... އަހަރެން ލޯބިވާ އެކަނި ކުއްޖަކީ ތިއީ، މިއަދުން ފެށިގެން މީރާ އަހަރެމެންގެ ދިރިއުޅުމުން އެދިޔައީ، އެހެންވީމަ ބޭބީ ވިސްނަން ޖެހޭނެ އިތުރުކަމެއްނެތް.........." މިހުރާން މިލީނާގެ ބަޓްން އެއްފަދަ ކުޑަ ނޭފަތުގައި ހިފާ ރަތްކޮށްލައިފި އެވެ.

މިލީނާ ފާޚާނާއިން ނިކުމެގެން އައިއިރު މިހުރާން އިނީ ލެޕް ހުޅުވާލައިގެން ކޮންމެވެސް މަސައްކަތެއްގައެވެ. މިލީނާ ނިދާ ހެދުމުގައި ނިކުތުމުން ހީވީ ރީތިކަމުން ޕަރީއެއްފަދައެވެ. މިހުރާން އިސްއުފުލާ ބަލައިލާފައި ގާތަށް އަންނަން އިޝާރާތް ކުރުމުން މިލީނާ އެނދަށް އެރިގޮތަށް ކަނދުރާގައި ބައްދާލިއެވެ.

"މިލީ މިއޮތް ޖަހާ ސަކަރާތެއް ބަލާފައި ވަރަށް ހެވިއްޖެ....." މިހުރާން އެހެން ބުނުމުން މިލީނާ ލެޕަށް ނަޒަރެއް ދީފައި މިހުރާންގެ މޫނުގައި އެ ނާޒުކްއަތް އެޅިއެވެ. މިލީނާ ފެންވަރަން ހުރި އެ ވީޑިއޯ ބަލަން އަމިއްލައަށްވެސް ލަދުގަންނަނީ އެ ޖެއްސުނު ވައްތަރުތަކުންނާއި ލަވަ ކިޔާލާފައިވާ ގޮތަކުންނެވެ. 

"ރެންގަނޑާ...... ތީތި ޑިލީޓްކޮށްލަފާނަންތަ؟" މިލީނާ އާދޭސްކުރަން ފެށިއެވެ. މިހުރާން ޔަގީންކަން ދިނީ އޭނަ ނޫން އެހެން އިތުރުމީހަކަށް އެ ނުފެންނާނެ ކަމަށެވެ. އޭނަ އަތުގައި އެހާ ގިނަ ދުވަސްވާންދެން އޮތްއިރު ޚުދު އޭނަވެސް ހުރީ ކެތްކޮށްލައިގެން އެ ނުބަލާކަމަށް މިހުރާން އިއުތިރާފުވިއެވެ. ހިތް ސަކަރާތް ވެދާނެތީ މިލީނާ ފެންވަރަން ހުރި މަންޒަރު ނުބެލީ ކަމަށް ބުނެލީ ހީލާފައެވެ. މިހުރާން ހަގީގަތް ކިޔައިދިނުމުން މިލީނާ އުފަލުންގޮސް އެ ރީތި ތުންފަތުގައި ބޮސްދިނެވެ. ބްލެކްމެއިލްގެ ސަބަބުން ގުޅުނުކަމުގައި ވިޔަސް އެ ދޭތެރޭގައި މިހާރު ވަނީ ނިމުމެއްނެތް ލޯތްބެކެވެ. މިހުރާންގެ ސިޔާސަ މިޒާޖުދެކެވެސް މިލީނާއަށް ފުން ލޯތްބެއް ވެވިއްޖެއެވެ.

މިހުރާން ލެޕް ނިވާލާފައި ތެދުވެ މޯޅިއަކަށް ދެމިލާފައި ޓީޝާޓް ހަށިގަނޑާއި ވަކިކޮށްލިއެވެ. ކުޑަކޮށް ތަރުތީބު ގެއްލިފައިވާ އިސްތަށިގަނޑާއި، ދެތިން ދުވަހުގެ ތުނބުޅީގެ ސަބަބުން އޭނަ ފެންނަލެއް ފިރިހެންވަންތަ ކަމުން މިލީނާގެ ގައިން ހީބިހިނެގިއެވެ. މިލީނާ ބާލީހުގައި ބައްދާލައިގެން ކުއިލްޓް ދަށުގައި ހީފިލުވައިލަން އޮތީ ކަޅިވެސް ޖަހައިނުލާ ބަލާށެވެ.

"ބަމްބީގަނޑު ބަލާވަރުން އަދަބެއް އޮންނާނެ އިނގޭ......" މިހުރާން ލޯގަނޑު ކައިރީގައި ހުރެފައި ކަތި ނަޒަރަކުން ބަލައިލާފައި އެދިމާލަށް އައީ ކަންނެތް ގޮތަކަށެވެ. އޭނަ ރަޖާގަނޑު ދަމައިގަތުމުން މިލީނާއަށް ބޭއިޚުތިޔާރުގައި ހަޅޭއްލަވައި ގަނެވުނެވެ. މިހުރާން ތުންފަތުގައި އިނގިލި ޖައްސާލާފައި ހިމޭންވުމަށް ބުނެލީ ހިނިތުންވެލަމުންނެވެ. މިންކު ނިދާފައި އޮންނާނެކަން ހަނދާން ކޮށްދިނެވެ. މިހުރާން މިލީނާ ގަދަހަދަނިކޮށް އަތްދަނޑިމައްޗަށް ނަގައިގެން ހިނގައިގަތީ ބާތުރޫމާއި ދިމާލަށެވެ. ރީދޫކުލައިގެ ކުދި އުއްބައްތިތަކެއް ބާތުޓަބްގެ ވަށައިގެން ދިއްލައިލުމަށްފަހު ބަބްލްބާތެއް ނަގައިލަން އެރުނުއިރު މިލީނާގެ މޫނަށްވެރިވެފައިވާ ރަންކުލައިން މިހުރާންގެ ހިތުގެ ވިންދު އަވަސްވިއެވެ. ދެމީހުން ލޯބީގެ ދުނިޔެއެއްގައި ތިބެފައި ކޮޓަރިއަށް އައިއިރު ބިއްލޫރި ދޮރުތަކުން ފެންނަނީ ސްނޯވެހެމުންދާ ހިތްގައިމު މަންޒަރެވެ. މިލީނާ ތުވާލި އޮޅާލައިގެން ދޮރުގައި މޫނު ޖައްސާލައިގެން ހުއްޓާ މިހުރާން ފަހަތުން އައިސް ބައްދާލައިފި އެވެ. މިލީނާ އަތް އުފުލާލާފައި އެ ތެތް އިސްތަށިގަނޑުގައި އަތް މަހާލިއެވެ.

"ހާދަ ރީއްޗޭ، ލައިފްގައި ބޭނުންވާހާ ކަމެއް ފުރިހަމަވީ ކަމަށް ފީލްވަނީ..... އިރާދަކުރެއްވިއްޔާ ސުވަރުގޭގައި ވެސް ވާނީ އެކީގައި....." މިލީނާ މިހުރާން އާއި ދިމާލަށް އެނބުރިލާފައި ޓީޝާޓުގައި މޫނު ފޮރުވައިލި އެވެ.

"އޮފްކޯސް ޑާލިން..... އަބަދުގެ އަބަދަށްޓަކައި ޔޫ ވިލް ބީ އިން މައި އާމްސް....." މިހުރާން މިލީނާ ގެ ހިމަ އުނަގަނޑުގައި ހިފާލާފައި އުފުލާލައިފައި ތިރިކޮށްލުމުން އެ އަތުތެރޭގައި ބޮނޑިވެލި އިރު ހިތަށް ލިބިފައި ވަނީ ބަޔާންކުރަން ދަތިއުފަލެކެވެ. މިރޭ މިހުރާންއަކީ އެކަނި އޭނަގެ މީހެއްކަން އިހުސާސް ކުރެވިއްޖެއެވެ. މީރާގެ ހިޔަނި ދެން ދުވަހަކު ހަޔާތަށް ނޭޅޭނެ ކަމުގެ ޔަގީންކަންވެސް އެހިތަށް ލިބިއްޖެއެވެ.

ރަފާއިލް ގެއަށް ވަންއިރު އޭނަގެ މަންމަ އިނީ ސޯފާގައި އޮށޯވެލައިގެން ކޮންމެވެސް މީހަކަށް ގުޅައިގެންނެވެ. ދެލޯ ކަރުނުން ފުރިފައިވާތަން ފެނުމުން ރަފާއިލްއަށް އަސަރުކުރިއެވެ. އޭނަ ސުވާލުކުރަން ފެށުމުން ސެލީނާ އޮޅުވައިލަން އުޅުނެވެ. ނަމަވެސް ރަފާއިލް ހުރީ ދޫކުރާގޮތަކަށް ނޫނެވެ.

"ޑާލިން، މަންމައަށް މި ވާހަކަ ދައްކަން ފަސޭހައެއްނޫން، އާވާ އަދި ޒޯގެ ފެމިލީއިންވެސް ރިފިއުޒް ކުރީ، އެމީހުންނަށް ދަރިފުޅުގެ ބައްޕައެއް ނެތްކަން އެނގުނީ، ކުށްވެރިއަކީ މަންމަ...." ސެލީނާ ހިތް ކުދިކުދިވާވަރުވިއެވެ.

"މަމް އިޓްސް ނޮޓް ދަ އެންޑް އޮފް ދަ ވޯލްޑް..... އަހަރެންގެ މައްސަލައެއް ނެތޭ މަމް، މަމް އަހަރެން ބޭނުންވާ ކުއްޖަކާ މެރީކުރަން ހުއްދަ ދީފާނަންތަ؟ " ރަފާއިލް އޭނަގެ މަންމަގެ ގާތުގައި އިށީދެލިއެވެ.

"މަންމަ ބޭނުމީ ރަނގަޅު ފެމިލީއެއްގެ ގާލްއެއް..." ސެލީނާ އަކަށް ކޮންމެ ކޮންމެ ކުއްޖެއް ކަމަކު ނުދާނެ އެވެ. ރަފާއިލްއަކީ އޭނަގެ ހުރި އެންމެ ފިރިހެން ދަރިފުޅެވެ. ދެލޮލުގެ ނޫރެވެ. އެހެންނޫނަސް ރަފާއިލްއަކީ މީހަކަށް ލިބޭނެ އެންމެ ރަނގަޅު ފިރިހެން ދަރިފުޅެވެ. އެ ދަރިފުޅަށްޓަކައި ކޮންމެ ކުއްޖަކު ކަމުދާނީ ކިހިނެއް ހެއްޔެވެ؟

"މިޝެލިން ކިހިނެއް ވާނެތަ؟ " ރަފާއިލް ކުޑަ ހިނިތުންވުމަކާއިއެކު އަހާލައިފިއެވެ.

"މާޒިން ގަބޫލެއްނުވާނެ...." ސެލީނާއަށް ބުނެވުނެވެ.

"މަމް އަހާލީމައެއްނު އެނގޭނީ...." ރަފާއިލްގެ ހިތުގައި އުފެދިފައިވާ އެކަނި ބިރަކީ އެއީއެވެ. މިޝެލިންގެ މައިންބަފައިން ދެކޮޅު ހަދައިފިއްޔާ މިޝެލިންއަކަށްވެސް އޭނަގެ ގާތަށް އަންނާކަށް ނުކެރޭނެއެވެ. ސެލީނާ އެމީހުންގެ ކުރިމައްޗަށް ދާނީ ކިހިނެއްހެއްޔެވެ؟ އޭނަ އެލީސާއަށް ގުޅާފައި ހައިތަމް ލައްވާ މާޒިންއާއި ވާހަކަދައްކަން އެދުނެވެ. ޖަވާބަކަށް އިންތިޒާރު ކުރަނިކޮށް ދެތިން ގަޑިއިރުފަހުން އެލީސާ ގުޅާފައި ދިނީ އުފާވެރި ޚަބަރެކެވެ. އެހެންނޫނަސް މިޝެލިން އޮތީ އޭނައާއި ރަފާއިލްގެ އޮތްހާ ގުޅުމެއް އެލީސާމެންނަށް ރަނގަޅަށް ކިޔައިދީފައެވެ. މިޝެލިން ރަފާއިލް އާއި ކައިވެނި ކުރަނީ އެކަނި އިއްބާނު މަރުވުމުގެ ކުރިން އެވާހަކަ ދައްކާފައިވާތީއެވެ.

ރަފާއިލް ފެންޑާގެ ތަބަކަށް ލެނގުނު އިރު ރޭގަނޑު އަނދިރިވެއްޖެއެވެ. ބަގީޗާގެ ބޮކިތައް ނުދިއްލާ ހުރުމުގެ ސަބަބުން އަނދިރިކަން ވެރިވެފައިވާއިރުވެސް ބޯކޮށް ވެހިފައިވާ ސްނޯގެ ސަބަބުން ހީވަނީ އަލިވެފައިވާހެންނެވެ. ސްނޯގަނޑުގައި ކުދި ކުދި ޖަވާހިރުތައް ދިއްލިފައިވާހެން ހީވެއެވެ. އެރީތި މަންޒަރަށް ބަލަހައްޓައިގެން ހުރިއިރު ރަފާއިލްގެ ޚިޔާލު ދަތުރުކުރަމުން ދިޔައީ މުޅިން އެހެން ދިމާލަކަށެވެ. އޭނަގެ ގާތަށް މިގެއަށް މިޝެލިން އައުމަށްފަހު އުޅޭނެ ދިރިއުޅުން ހިތަށް އަރުވައިލުމުން ރަފާއިލްގެ ހިތްއަވަސްވެލިއެވެ. ފިނިކަން ގަދަކަމުން ނޭވާ އާތްވައް ވެގެން ދިޔައިރު ދެއަތްދެއަތާ އުނގުޅައިލެވުނެވެ. މަންމަ ގެނެސްދިން ކޮފީތަށްޓެއް ބޯލަން ހުރެ އޭނަ މޮބައިލުން ލަވައެއް އަޑުއަހަންފެށިއެވެ.

"އައި ކްރައި ސައިލެންޓްލީ
އައި ކްރައި އިންސައިޑް އޮފް މީ
އައި ކްރައި ހޯޕްލެސްލީ....."
ރަފާއިލް އެލަވަ އަޑުއަހައިގެން ހުރިއިރު އެ ރީތި ލޮލުގައި ކަރުނަ ގިނަވިނަމަވެސް އަނދިރީގެ ތެރެއިން އެ މަންޒަރު ދެކޭކަށް އެކަކުވެސް ނެތެވެ. މިޝެލިން ހަޔާތަށް އައުމަށްފަހުގައި ވެސް އޭނަގެ އެކަނިވެރިކަން ފިލައިގެންދާނެ ހެއްޔެވެ؟ ތަގުދީރުގައިވާން އުޅޭގޮތެއް މުޅިން ނޭގުނަސް ޔަގީނުންވެސް އުއްމީދުގެ ހުޅުކޮޅު އަދި ނުނިވެއެވެ.

މިހުރާން ގުޅަން ފެށުމުން ލަވައިގެ އަޑު ކެނޑިގެން ހިގައްޖެއެވެ.

ޔީވާ އާއި މައިކަލްމެންގެ ޝަރީއަތަށްފަހު މައިކަލްމެން ޖަލަށް ލީ ޑްރަގްގެ ވިޔަފާރިކުރާތީއެވެ. ޔީވާ އަކަށް މާބޮޑު އަދަބެއްނެތި ސަލާމަތްވި ނަމަވެސް އޭރު އޭނަގެ ދިރިއުޅުންވަނީ ބަރުބާދުވެފައެވެ. ކުރީގެ ރީތިކަން ފަނޑުވެއްޖެއެވެ. ޔީވާ ކިތަންމެ ވަރަށް މަސައްކަތް ކުރިޔަސް އޭނައަށް ދެން ކުރިން އުޅުނުފަދަ އުފާވެރި ދިރިއުޅުމެއް ނުހޯދޭނެކަން އެނގުނެވެ. ޔީވާ އޭނަގެ މަންމަ ފަރާތު ތިމާގެ މީހެއްގެ ގާތަށް ދިޔައެވެ. އެމީހުން އެހާ ހެވެއް ނޫނެވެ. ނަމަވެސް ޔީވާއަށް ދުނިޔެއަކީ ނުރައްކާތެރި ތަނެއްކަން އެނގެއެވެ. ޑްރަގް ދުނިޔޭގައި އުޅޭފަދަ ވިޔާނުދާ މީހުންނާއި ގުޅިގެން އުޅުމުގެ ބަދަލުގައި ކޮންމެވެސް ބަޔެއްގެ ރައްކާތެރިކަމުގެ ދަށުގައި ހުންނަން ނިންމިކަމީ އޭނައަށް ލެއްވި ރަހުމަތެކެވެ. އާއިލާމީހުން ހަރުކަށިކޮށް ކަންތައް ކުރިޔަސް ބޯހިޔާވަހިކަމާއި، ގަޑިން ކާން ދިނުން އެއީ ބޮޑުވަރެކެވެ. ޔީވާގެ ފޮނިކަމާއި، ބޮޑާކަން ދިޔަތަނެއް ނޭގުނެވެ. ފަހުން ހުންނަނީ އަބަދު މޮޅިވެރިވެފައެވެ. އެހެންހުއްޓާ އެ އެދުވަސްކޮޅު "ޖެނިޓަލް ހާޕީޒް" ޖެހިފައި ޔީވާއަށް ވަރަށް ބޮޑުވަރުވިއެވެ. ހުން އައިސް، ތަންތަނުގައި ރިއްސާ އެހިސާބުގައިވާ ބިހިތައް ފާރުވެ ތަދުވެގެން މޮޔަވާވަރުވިއެވެ.

"މަންމައެއްފަދަ އެލީސާ އާއި މެދު ކަންތައް ކުރެވުނު ގޮތުން މިހެން ވީ، ބެންވެސް ދުނިޔޭގައި ހުރިނަމަ، އަހަރެން ޝެލްއަށް ލަނޑުދޭން އުޅުމުން ކޮންކަމެއް ކުރެވުނީ، ޝެލް އެއުޅެނީ ބެންއަށް ވުރެ ރީތި ފިރިހެނަކާއި މެރީ ކުރަން، ކިތަންމެ ހަސަދަވެރިވެގެން އުޅުނަސް މާތް ﷲ އެހެން މީހަކަށް ދެއްވާ ނިއުމަތަކަށް ހުރަސް ނޭޅޭނެކަން އެނގިއްޖެ، އެހެންއުޅެން ހަދައިގެން އެމީހަކަށް މަތިމައްޗަށް ނިއުމަތް ލިބި އަހަންނަށް ދެރަގޮތްތައް މެދުވެރިވީ، ކިހާ ދެރަ، އެހެންނޫނަސް އަހަންނަށް މިވަނީ ޖެނިޓަލް ހާޕީޒް ޖެހިފައި، ނުދަންނަ މީހުންނާއި ގުޅުން ހިންގީމަ ލިބޭނީ ލަނޑު، ހާދަ ތަދުވެޔޭ، ކިހާ އުދަގޫކަމެއް، ދެން އުޅެން ޖެހޭނީ އެކަމުން ސަލާމަތް ނުވެފައި، ލައިފް ޕާޓްނަރ އަކަށްވެސް އެ އުދަގޫތައް ޖެހޭނެ ކަންނޭގޭ، ކާކަށް އެނގޭނީ އަޅާ ވޭނާއި އުދަގޫވާވަރު، އަހަންނަކީ ބޮޑު މޮޔައެއް...." ޔީވާ އެކަނިމާ އެކަނި ކޮޓަރީގެ ކްއީންސައިޒް އެނދުގައި ބާލީސް މޫނުގައި ޖައްސައިގެން ރޮއި ރޮއި އޮތެވެ. މިވަގުތުވެސް މިޝެލިން ވާނީ ރަފާއިލްގެ އަތުތެރޭގައެވެ. އެކުއްޖާ އުޅޭނީ އުފަލުންނެވެ. އޭނައަށް ދެއްވި ނަސީބާއިމެދު ޝުކުރު ނުކުރީމަ މިއަދު ލިބުނީ އިތުރު ނިކަމެތި ކަމެކެވެ.

ޔީވާ ޑޮކްޓަރަށް ދައްކަން އެޕޮއިންޓްމެންޓް ހެއްދިއެވެ. އެއަށްފަހު ލެޕް ހުޅުވާލައިގެން ނެޓަށްވަދެ އެބަލީގެ މައުލޫމާތު ހޯދަން ފެށުމުން މާ ބާރަށް ރޮއިގަނެވިއްޖެއެވެ.

"ގޯޑް ޕްލީޒް ފޮގިވްމީ، ދެން އެހެނެއް ނޫޅޭނަން...." ޔީވާ ބިރުން ގޮސް ހަލާކުވާވަރުވެފައި އިނދެ ވަރަކަށް ރުޔެވެ. މިއަދު އޭނަގެ ކަރުނަތައް ހުއްޓުވާދޭން އެކަކުވެސް ނާންނާނެއެވެ. އޭނަގެ އާއިލާއެއް ފަދައިން އުޅުނު މީހުންނާއި އެކުވެރިން ގެއްލި އެކަނިވެރިވެއްޖެއެވެ.

ރަފާއިލް އާއި މިޝެލިންގެ ކައިވެނި ކުރެވުނީ ފުދޭވަރަކަށް ކުލަގަދަ ގޮތަކަށެވެ. ފިނިމޫސުމްގެ ކައިވެންޏަކަށްވީމަ މޫސުމާއި ގުޅުވާލައިގެން ކައިވެނި ކުރެވުނެވެ. ދެމަފިރިން ހިނިތުންވެލައިގެން ތިބި އިރު ހީވަނީ އިންތިހާއަށް އުފާވެފައިތިބި ހެންނެވެ. އެމޫނުމަތީގައި ވަނީ ދެއްކުންތެރި ހިނިތުންވުމެއްކަން ނޭގުނީ އެހެން މީހުންނަށް ލިބިފައިވާ އުފާވެރި ކަމެއްގެ ބޮޑުކަމުންނެވެ. މިޝެލިން ހަނދާން ނުކުރަން ހުއްޓަސް އިއްބާނު އާއި ދެމީހުންގެ ކައިވެނީގެ ރޭ ހަނދާންވެ ކަރުނަތައް ކޮންޓްރޯލް ކުރަން ކެނޑިނޭޅި މަސައްކަތެއް ކުރަން ޖެހުނެވެ. ރަފާއިލްއަށް އެކަން އިހުސާސް ކުރެވި އަސަރުން ފުރިގެންވާ ގޮތަކަށް ބަލައިލަމުން އެ ނާޒުކް އަތަށް ފިތާލިއެވެ.

"ޝެލް، އަހަންނަށް އަންޑަރސްޓޭންޑްވޭ، ދެރަނުވޭ، އަހަރެން ނޫޅެން ޝެލްއަށް އެއްވެސް ކަމަކަށް މަޖުބޫރު ކުރަން....." ރަފާއިލް މަޑުމަޑުން ބުނެލިއެވެ.

މިޝެލިންގެ ހިތަށް އުދަގޫވިއެވެ. ރަފާއިލް ފިރިމީހާއަށް ވުމަށްފަހު ދެރަގޮތަކަށް ހަދާކަށް ހިތެއް ނޭދެއެވެ. މަރުވާނެ ދުވަހެއް އެނގެނީއެއް ނޫނެވެ. އެކަމަކު އެހާ ފަސޭހައިން ހުރިހާ ކަމެއް ހަނދާން ނައްތާލާފައި އެފަދަ ގުޅުމެއް ބޭއްވުން ހާދަ އުދަގޫވާނެ އެވެ. ނަމަވެސް ކޮންމެވެސް ސަބަބަކާއި ހުރެ ކާވެނި ކުރެވުނު ވަގުތުން ފެށިގެން އޭނައަށް ރަފާއިލްއަށް ނޭގިނަމަވެސް ގަދަރުކުރެވޭ ގޮތްވިއެވެ. އިއްބާނު އެދުނު ފަދައިން އިހުތިރާމް ކުރަން ބޭނުންވިއެވެ. ކައިވެނީގެ ރަސްމިއްޔާތު ނިމުމުން ބަނޑި ބޭހުގެ ކުޅިވަރު އޮތެވެ. އެމަންޒަރުގެ ޖާދޫގައި ޖެހިފައި އިރުކޮޅެއްވާންދެން މިޝެލިން ހުރިއިރު އޭނައަށް ނޭގިވެސް ރަފާއިލްގެ ގަޔަށް ލެނގިލައިގެން ހުރެވުނެވެ. ޒަހުރާން އާއި ޒިލާ އަދި މިހުރާން އާއި މިލީނާވެސް މަޖާވެލާފައި ކައިރީގައި ތިބިއިރު އެންމެންގެ މޫނުމަތިން ފެންނަނީ އިންތިހާދަރަޖައިގެ އުފާވެރި ކަމެވެ. ކުޅިވަރު ނިމުމުން މިލީނާ މިޝެލިންގެ ގައިގައި ބައްދާލާފައި ނިތްކުރީގައި ދޮނެއް ދިނެވެ.

"ޔޫ ލުކް ސޯ ބިއުޓިފުލް ޝެލް، ރަފޭލް ކިހާ އުފާވާނެ މިހާ ރީތިކުއްޖެއް ލިބުނީމަ، ދޮންތަ މިރޭ ބުނާނީ ރަފޭލް ދެރަވާކަހަލަ ކަމެއް ނުކުރާށޭ، ނޫނީ ފަހުން ރިގްރެޓް ކުރާނެ އިނގޭ....." މިލީނާ ވިސްނީ އޭނަ އާއި މިހުރާންގެ ދިރިއުޅުމާއި މެދުގައެވެ. ނުރުހުމުގައި ކުރެވޭ ކައިވެނީގެ ވަކި ހިސާބަކުން އެ ގުޅުން ލޯތްބަށް ބަދަލުވެދާނެކަން މިލީނާ ވަނީ ތަޖުރިބާކޮށްފައެވެ. ރަފާއިލް މިޝެލިންދެކެ ވާ މަތިވެރި ލޯބި ކޮންމެވެސް ދުވަހަކުން ކާމިޔާބު ވުމަކީ ދާދި ކައިރީގައިވާ ކަމެކެވެ. 

މިހުރާން އާއި އެކުވެރިން ރަފާއިލްއަށް ދިޔަނުދީ ހިފަހައްޓައިގެން ތިއްބަސް ރަފާއިލް ހުރީ ހަމަޖެހިލައިގެންނެވެ. އެމީހުން އެބުނާފަދަ އިޝްގީ ރެއެއް ނުގެނެވޭނެކަން ރަފާއިލްއަށް އެނގެއެވެ. ނަމަވެސް މިޝެލިން އާއި އެކުގައި އެކަނިވެރި ވަގުތުކޮޅެއް ހޭދަކޮށްލާހިތުން އޭނަވަނީ ކެތްމަދުވެފައެވެ. އެކަނި އެދޮންމޫނަށް ބަލަހައްޓައިގެން އިނަސް ރޭގަނޑު ވޭތުކޮށްލަން ފަސޭހަވާނެއެވެ.

"މިރޭ މަށަށް ހީވަނީ ބޫ އާއި ކިޔާރާ ވެސް ހެވެން ގައި ސެލެބްރޭޓް ކުރާނެހެން.... ކިޔާރާ އާއި ބޫ ގުޅެންވެގެން ކަންނޭގޭ އެގޮތަށް ދިމާވީ، ދެކުދިންވެސް ޑްރަގްގެ ސަބަބުން......" މިހުރާންއަށް ވަނީ ބޮޑުދައިތަގެ ގެއިން ކިޔާރާގެ ފޮޓޯތައް ފެނިފައެވެ. ރީތިކަމުގެ އިންތިހާއެވެ. އެހާ މައުސޫމެވެ. އިއްބާނު އާއި ގުޅޭފަދަ ކުއްޖެކެވެ. ރަފާއިލްގެ ދުއާ އަކީވެސް އިއްބާނު އާއި ކިޔާރާ ގިޔާމަތް ދުވަހު އެކީގައި ވުމެވެ. ރަފާއިލް ފެންކަޅިވި އެވެ. ކިޔާރާ އާއި އިއްބާނުގެ ހަނދާންތައް މިއުފާވެރި ރޭވެސް ލޮލަށް ކަރުނަ ގެނުވައިފިއެވެ. 

މިހުރާން އާއި މިލީނާ ގެއަށް ވަންނަން އައިއިރު އެލީސާ، ސެލީނާ އަދި ސޯފިޔާ އާއި މަލަކާވެސް ފެންޑާގައި ހީހީފައި ކޮންމެވެސް ވާހަކައެއްގައި ތިއްބެވެ. އެ މަންޒަރު ފެނުމުން މިލީނާ އުފާވިއެވެ. މިހާރު މަންމަގެ އެންމެ ގާތް އެކުވެރިންނަކީ އެއީހެން ހީވެއެވެ. ފަހަރިންނާއި މައިދައިތަވެސް މަންމައާއި ހާދަ ގުޅެއެވެ. މިހުރާން އާއި މިލީނާއަށް ކޮޓަރިއަށް ވަދެވުނުއިރު ބިއްލޫރި ކުޑަދޮރުގެ ޑިޒައިނަރ ފަރުދާތައް ކަހާލާފައި ހުރުމުން ފެންނަނީ ބޯކޮށް ސްނޯފައިބަން ފެށިތަނެވެ. ދެމީހުން ލައިގެން ތިބި ޖެކެޓް ހަށިގަނޑާއި ވަކިވެގެން ދިޔައިރު އެކަކު އަނެކަކުގެ އަތުތެރެއަށް ވަންނަން ތިބީ ކެތްމަދުވެފައެވެ. މިލީނާގެ ނާޒުކް ހަށިގަނޑު މިހުރާންގެ އަތުގެ ހޫނުކަމުގެ ތެރެއަށް ވިރިގެން ދިޔަހެން ހީވިއެވެ. އެ ހަށިގަނޑުގެ ހޫނުކަމުގެ ސަބަބުން ވަށައިގެންވި ފިނިކަން ކުޑަވެ މުޅި ޖިސްމަށް ހޫނުކަން ފެތުރުނެވެ.

"ލަވް ޔޫ ސޯމަޗް، ޔޫ ކޮމްޕްލީޓް މީ ބޭބީ ގާލް.........." މިހުރާން އާއި މިލީނާ ބޯ ރަޖާގެ ތެރޭގައި ހަށިގަނޑު ފޮރުވާލައިގެން ތިބިއިރު މޫނުމަތިން ފެނުނީ ވަރަށް ހިތްހަމަޖެހިފައި ތިބިކަމެވެ.

ޒަހުރާން އާއި ޒިލާގެ ކުޑަ ދެކުދިން ނިދަން ތިއްބާ މޫނުކޮޅުގައި ބޮސްދީފައި ދެމަފިރިން ގޮސް އެނދަށް އެރިއެވެ. ޒިލާ އަދިވެސް ކުދިން ބޭނުމެވެ. ކުދިންނަކީ ބޮޑު ނިއުމަތެއްކަން ވިސްނެން ފެށީ އަދިކިރިޔާއެވެ. ޒިލާފެށި ވާހަކަ އަކުން ޒަހުރާންއަށް މަޖާވިއެވެ. އަންހެންކުދިން ޚިޔާލުބަދަލުވާލެއް އަވަސްކަމާއި މެދު ހައިރާންވެސްވިއެވެ. ކުރިން ކުއްޖަކު ވިހަންވެއްޖެއްޔާ ޒިލާގެ ނަޒަރުގައި އެއީ މުސީބާތެކެވެ. ބިރުވެރިކަމެކެވެ. އެއަށްވުރެ މަރުވުން ރަނގަޅު ކަމަށް ޒިލާ ދެކުނު ދުވަހެއް އައެވެ.

"ނޫން ޒިލް، އެހާ އަވަސްއަވަހަށް ޒިލްއަށް މަސައްކަތް ޖައްސާހިތެއްނެތް، ދެތިން އަހަރުފަހުން ދެން ގާލް އެއް ހޯދަން ޓްރައިކުރާނީ ބޭބީ، އޭގެ ކުރިން ހަނީމޫން ހަދާލާނީ......" ޒަހުރާން ޒިލާގެ މޫނުގައި ބޮސްދެމުން ލޯބިވާ ވާހަކަ ބުނެލިއެވެ. ޒިލާ ޒަހުރާންގެ އަތުތެރޭގައި ބޮނޑިވެލި އިރު މޫނުމަތިން ފެނުނީ އުފާވެރި ކަމެވެ. ޒިލާ ދެކޭގޮތުގައި އޭނަހާ ނަސީބު ރަނގަޅު އަންހެންކުއްޖަކު މި ދުނިޔޭގައި ނެތެވެ.

ރަފާއިލް އާއި މިޝެލިން ވެސް ހަނީމޫން ހޭދަކުރާ ގެއަށްވަންއިރު ގެ ތައްޔާރުކޮށްފައި ވަނީ ނިކަން ފުރިހަމައަށެވެ. ފަޔަރޕްލޭސްގެ ކުރިމަތީގައިވާ އެނދުވަނީ ފިނިފެންމަލުގެ ފިޔަތަކުން ފޮރުވިފައެވެ. ބިއްލޫރި ދޮރުތަކުން ފެންނަނީ ސްނޯވެހެމުންދާ މަންޒަރެވެ. ކިތަންމެހާ ވެސް އިޝްގީތަނެކެވެ. މިޝެލިން ހަނދާންވީ އިއްބާނު އާއެކީގައި ހޭދަކުރެވުނު ރޭތަކެވެ. މިޝެލިން ވިސްނުމެއްގައި ހުއްޓާ ރަފާއިލް ކޮނޑުގައި އަތްޖައްސައިލުމުން ހަޅޭއްލަވައި ގަނެވުނެވެ.

"ހެހެ ހާދަ ބިރުން ބޭބީ.... އަހަރެން ނޫޅެމޭ ކަމެއް ކުރަން.... ހޫނު ޗޮކްލެޓް ބޯނަންތަ؟" ރަފާއިލް ހިނިތުންވެލިއެވެ.

"ނޫން، ނިދާލާ ހިތްވަނީ... ރަފޭލް ނިދާނީ ސޯފާގައި..." މިޝެލިން އަވަސް އަވަހަށް ބުނެލައިފި އެވެ. ކިތަންމެ ވަރަކަށް ހިތަށް ވިސްނައިދޭން މަސައްކަތް ކުރިޔަސް ރަފާއިލް އާއި އެކުގައި އުޅުން އޭނައަށް ފަސޭހައެއް ނުވާނެއެވެ. ކުޑަކޮށް ޖެއްސުން ކޮށްލެވޭނެ އެވެ. ކޮފީތެރެއަށް ގިނައިން ހަކުރު އަޅާފައި ދިނުންފަދަ ކުދި ލަނޑުތައް ނުދީ ނުހުރެވޭނެއެވެ. މިހާރުއްސުރެ އޭނަ ގަދަކޮށްލަން ބޭނުންވީއެވެ. ރަފާއިލްއަށް ސޯފާ ދީފައި އޭނަ ނިދާނީ އެނދުގައެވެ.

"ނޫން ސްވީޓްހާޓް، ދެމީހުން ނިދާނީ އެނދުގައި، އޭރުންތާ ނިދީގައި އޮވެ އޮޅިގެންވެސް ކަމެއްކޮށްލެވޭނީ..." ރަފާއިލް އެހެން ބުނުމުން މިޝެލިން ހަޅޭއްލަވައިގަތެވެ.

"ރަފާއިލް...." މިޝެލިން ބާލީހެއް ނަގާފައި ރަފާއިލް އާއި ދިމާލަށް އެއްލާލައިފި އެވެ.

"އޮޅުވާލައިގެން ކުރާ އެއްވެސް ކަމަކަށް ފޮގިވް ނުކުރާނަން.... ކިތަންމެ އާދޭސް ކުރިޔަސް ހެޔޮ..." މިޝެލިން ލޯކުޑަކޮށްލި އެވެ.

"މިހެން ހުރެ މަރުވެގެން ދިޔަސް ޝެލް ގޮތްދޫނުކުރާނަންތަ؟" ރަފާއިލް ސީރިޔަސްވިއެވެ.

"ޕްލީޒް ރަފާއިލް، މާ ދެރަވާކަމަށް ހެދިގެން އަހަރެންގެ ހިތް އަތުލަން ނޫޅެ ރަފާއިލް ވީ ޕްރޮމިސް ބްރޭކް ނުކޮށް ހުރޭ، އަހަރެން ބޭނުން ގޮތަކަށް އުޅޭށޭ ބުނީމެއްނު......" އަލިފާންގަނޑުގެ އޮރެންޖް އަލީގައި އެމޫނު ފެންނަލެއް ރީތިކަމުން ރަފާއިލްގެ ހަށިގަނޑުގައި ތަފާތު ވިންދެއް ޖަހައިލި އެވެ. އިހުސާސް ތަކުގައި ގަނޑުފެން އަޅައިގެން ހުރެވޭނީ ކިހާ ދުވަހަކަށް ހެއްޔެވެ؟ ރަފާއިލް ދުރަށް ބަލަންފެށިއެވެ.

"ޕްރޮމިސް ހަމަ ބްރޭކްއެއް ނުކުރެވޭނެތަ؟ އަހަރެންވެސް ސެލްފިޝް ވާނެ........" ރަފާއިލް އެއްލޯމަރާލި އެވެ. ދެމީހުން އެގޮތަށް ކުދި ކުދި ވާހަކަތައް ދައްކަމުން ދިޔައިރު ރަފާއިލްއަށް ވިސްނުނީ މި ކައިވެނި ފަސޭހަ ނުވާނެ ކަމެވެ. ހިތަށް އަދި ކިތަންމެ އަނިޔާއެއް ލިބޭނެކަމެވެ. މިޝެލިންގެ ހިތް ކާމިޔާބު ކުރަން ކިތަންމެހާވެސް އުދަގޫވާނެ ކަމެވެ. ނަމަވެސް ރަފާއިލް މިހަދާގޮތަށް އުދަގޫކޮށް ރުޅިއަރުވާލައިގެން ނޫނެވެ. އިންތިހާ ދަރަޖައިގެ ލޯތްބާއި އަޅާލުން ދީގެން ކޮންމެވެސް ޒަމާނެއްގައި އެހިތާއި ހަމަޔަށް ފޯރިދާނެއެވެ.

ރަފާއިލް ހޫނު ޗޮކްލެޓް ތަށްޓެއް ގެނެސް ދިނުމުން މިޝެލިން ރުޅިވެރި ކަމާއިއެކު ނުބޯން އުޅުމުން ރަފާއިލް ދެރަވިކަން އެނގުނެވެ.

"ޕްލީޒް ބޭބީ...." ރަފާއިލް އާދޭސްކުރާ ފާޑަކަށް ބުނުމުން މިޝެލިން އެތަށީގައި ހިފިއެވެ. ރަފާއިލް ގޭގެ ދޮރުތައް ހުޅުވާލި އިރު ދުނިޔެވަނީ އެކީގައި ހުދު ސާލު އޮޅާލައިގެންނެވެ. ގަހުގެ ގޮފިތައް ގަނޑުފެނުގެ ބުރަދަނަށް ކުޅަދާނަ ނުވެގެން ލެނިބިފައިވާއިރު ސްނޯގެ ފުނިވަރުތައް ހުރިހާ ދިމާލަކުން ފެނެއެވެ. ފިނިގަދަކަމުގެ އިންތިހާއެވެ. އެރީތި މަންޒަރުން ރަފާއިލްގެ ހިތަށް ހަމަޖެހުމަކާއި އުއްމީދެއް ލިބުނެވެ. މިޝެލިން އާއި އެކު އާ ހަޔާތެއް ފެށުމަށްފަހު ދިރިއުޅުން އޮމާންކޮށް ދިއުމަށް އެދި ހިތާހިތުން ދުއާކުރަމުން އޭނަ ހިނިތުންވެލިއެވެ. އިރާދަކުރެއްވިއްޔާ ކޮންމެވެސް ދުވަހަކުން މިޝެލިންގެ ޅަހިތް އޭނަ އަތުލާނެއެވެ. ކޮންމެ އަގެއްގައި ނަމަވެސް ހެވެވެ. އެލޯތްބާއި ނުލައި އޭނަގެ ހަޔާތަށް ދެން ހަމަޖެހުމެއްނެތެވެ.

"ރަފޭލް، ދޮރުލައްޕަބަލަ، އަހަރެން މަރާލަންތި އުޅެނީ، ހާދަ ހީކަރުވައޭ...." މިޝެލިން އެހެން ބުނެވުމާއިއެކު ރަފާއިލް ނުލަފާ އެއްޗެކޭ ބުނާނެކަން އެނގުނެވެ. އުދަގޫވާ ތަންކޮޅަކީ އެއީއެވެ. ވާހަކަދައްކަން ޖެހޭނީ ވިސްނައި ގެންނެވެ. 

"ޑޯންޓް ވޮރީ ލިޓްލް ގާލް، އަހަރެން ހުރެގެން ހީކަރުވައިގެން މަރުނުވާނެއްނު ދެން.........." ރަފާއިލް އެނބުރުނީ ރީތި ހިނިތުންވުމަކާއި އެކުގައެވެ. މިޝެލިންގެ ހިތް ވިރިގެން ދިޔަފަދަ ހިނިތުންވުމަކަށް ވިޔަސް މިޝެލިން އެސްފިޔަ ޖަހާނުލައި ބަލަން ހުރީ ގަދަކޮށްލާފައެވެ. ރަފާއިލް ކަޅިވެސް ޖަހައިނުލައި ބަލަން ހުރިގޮތުން ދާދިއަވަހަށް މިޝެލިން ރަކިވިއެވެ. ރަފާއިލް އައިސް ކައިރީގައި އިށީދެލިއެވެ. އަލިފާނުގެ ކުލައިން ދެމޫނަށް ހިޔަނިއެޅިފައިވާއިރު ދުނިޔޭގެ ކަމެއްހެން ހިޔެއްނުވެއެވެ.

"ޝެލް...." ރަފާއިލް މިޝެލިންގެ ނާޒުކް އަތުގައި ހިފާލި އެވެ.

"އައިމް ސޮރީ، އަދި އެހާ ފަސޭހަކަމަކަށް ނުވާނެ ހަމަ ކުއްލިއަކަށް އެހެން މީހެއްގެ މީހަކަށްވުން، ގިވް މީ ސަމްޓައިމް.. ޕްލީޒް...." މިޝެލިން ރަފާއިލްގެ ތޫނު ނަޒަރުން ސަލާމަތްވާން އެސްފިޔަތައް ތިރިކޮށްލިއެވެ.

އޭނަ ކެތްކުރެވޭތޯ ބަލާނެއެވެ. އިންތިޒާރު ކުރާނެ އެވެ. އޭނަގެ ކޮންމެ އަމަލަކުން މިޝެލިން ދެކެ ވާ ލޯބި އަންގާދޭނެއެވެ. މިއީ ފެށުމެވެ. އަދި ކުރިއަށް އޮތީ އިންތިޒާރުގެ ދަތި އުދަގޫ ދުވަސްތަކެވެ. ހިތަށް ކުރާނެ އަސަރެއް އެނގެނީއެއް ނޫނެވެ. ނަމަވެސް އޭނަގެ މަތިވެރި ލޯބި އޭނަ މިޝެލިންއަށް މިފަހަރު އަންގައިދޭނެއެވެ. މިޝެލިންގެ ހިތް އޭނައަށްޓަކައި ވިރިގެން ދިޔަސް ބައެއްފަހަރު އެ ގޮތްދޫނުކުރާ މިޒާޖުގެ ސަބަބުން އެކަން ނާންގާ ހުރެދާނެއެވެ. އޭނަ ޖެހޭނީ އެ ހިތާއި ހަމަޔަށް ފޯރަން ބުރަ މަސައްކަތެއް ކުރުމަށެވެ.

އެދެމީހުން ދެލޯބިވެރިންނަށް ވާން އަދި ޒަމާންތަކެއް ނަގާފާނެއެވެ. އިއްބާނުގެ މަގާމަށް ރަފާއިލް އަށް އާދެވޭނީ ލައްކަ މަސައްކަތުންނެވެ. މިޝެލިންއަށް ނޭގުނީ ރަފާއިލްގެ ލޯތްބާއި، އޯގާތެރިކަމުން ދާދި އަވަހަށްވެސް އެ ދޭތެރޭގައިވާ ފާރު ފުނޑުފުނޑު ކޮށްލާނެ ކަމެވެ. އެކީގައި އުޅެން ފެށުމުން ކޮންމެވެސް ކަހަލަ އިހުސާސް ތަކެއް ހިތުގައި އުފެދުމަކީ ނުވެނުދާނެ ކަމެކެވެ. ކުލުނު ނޫނީ ލޯބި ނަމަވެސް ހެވެވެ. ރަފާއިލް އިންތިޒާރު ކުރަނީ މިޝެލިންގެ ހިތް ކާމިޔާބުވާނެ ދުވަހަކަށެވެ. ހިތުގެ ދުއާއަކީ އެއީއެވެ.

(ނިމުނީ)

ކޮމެންޓް 0