ދޮރުމަތީގައި ހުރި ޔީވާ ހުރީ ހާސްވެފައި ކަހަލަ ގޮތަކަށް ބަލަހައްޓައި ގެންނެވެ. އިއްބާނު އާއި މިޝެލިން ގެ އެ ގާތްކަމުން އޭނަގެ ހިތަށް ބުނަން ނޭގޭފަދަ ބިރުވެރި ކަމެއް ވަދެއްޖެއެވެ. މިޝެލިން އިއްބާނުއަށް މާފުދީފައި، ގުޅިގެން ނުވާނެ އެވެ. އޭނަ ދިރި ދުނިޔޭގައި ހުރެގެން އެ ގުޅުން ދެމިގެންދާކަށް ލާހިކެއް ނޫނެވެ.
މިޝެލިން ގުދުވެ ތަޅުންމަތީގައިވާ ކާޑު ނެގި އެވެ. އިއްބާނުވެސް މިޝެލިންގެ ފައިން ދޫކޮށްލާފައި ތެދުވެ ހިންދެމިލި އިރު އިއްބާނުގެ ލޮލުގައި ކަރުނައިގެ މުތީތައް ވިދަން ފެށިތަން މިޝެލިންއަށް ފެނުނެވެ. އެއިން ކޮންމެ މުތީއެއްގެ އަގު މިޝެލިން ގާތުގައި ބޮޑުވާނެ ވަރު އިއްބާނުއަށް އެނގޭނެ ނަމައެވެ. އެ ރީތި ދެލޮލުން ދެން އެންމެ ކަރުނަތިއްކެއް އޮހޭތަން ދެކެން މިޝެލިން ގެ ހިތެއް ނޭދެއެވެ. އިއްބާނު ދެރަވެފައި ހުރި ވަރު އިހުސާސް ކުރެވުމުން މިޝެލިންގެ ހިތް ރޮއިގަތެވެ. ހިނދުކޮޅަކަށްވެސް ދެން ކެތް ކުރެވޭނީ ކިހިނެއް ހެއްޔެވެ؟
"ބެންގެ ފްރެންޑެއް ވެއިޓިން، އޭނަ ތަނަކަށް ދާން ލަސްވެގެން އުޅެނީ........." ޔީވާ އަވަސް އަވަހަށް ބުނެލައިފި އެވެ. މިޝެލިން އިއްބާނުގެ އަތުގައި ހިފާފައި މަޑުކުރުވަން ވެގެން އުޅުނެވެ. މިޝެލިން ދިއްކޮށްލި އަތް އިއްބާނުގެ އަތުގައި ކިރިޔާ ބީހިލިކަމެވެ. މިޝެލިންގެ ދުލުން އެންމެ ލަފުޒެއްވެސް ބޭރުކޮށެއް ނުލެވުނެވެ.
"ބެން.... ވެއިޓް...." މިޝެލިންގެ އަޑު ނުކުތީ އެހާވެސް މަޑުންނެވެ. އިއްބާނުއަށް އެ ޖުމްލަ އިވުނުނަމަ ކުރިއަށް އެންމެ ފިޔަވަޅެއްވެސް ނޭޅީސްކަން ޔަގީނެވެ. އަދި މިޝެލިންގެ ކާޑުގެ އަނެއް ފުށް ފެނުނުނަމަ އިއްބާނުގެ ހުރިހާ ހިތާމަތައް ފިލައި، މުޅި ކާއިނާތުގައި އުއްބައްތި ދިއްލައިލެވުނުފަދަ ރީތި އިހުސާސެއް ކުރެވުނީހެވެ. ކޮންމެ ކަމަކަށް ވެސް ވަގުތެއް ކަނޑައަޅުއްވާފައި ވާތީ އެ ވަގުތުވެސް ފަހަތަށް ޖެހެން ސަބަބެއް މެދުވެރިވި އެވެ. މިޝެލިން ގަނޑުވެފައި އިރުކޮޅަކު ހުރުމަށްފަހު އިއްބާނުގެ ފަހަތުން ދާން ވެގެން ކޮރިޑޯއަށް ނިކުތުމުން ޔީވާ ފާރު ކައިރީގައި ހުރެފައި މިޝެލިންގެ އަތުގައި ހިފާދަމައިގަތެވެ. މިޝެލިންއަށް ވުރެ ތަންކޮޅެއް ވަރުގަދަކޮށް ހުންނަ ކުއްޖަކަށްވާތީ އޭނަ ބާރުލާފައި ހިފެހެއްޓުމުން މިޝެލިންގެ ނާޒުކްކަމުން އޭނަ ފޮޅުވާލާފައެއް ނުދެވުނެވެ.
"ޝެލް، ހަމަޖެހިބަލަ، ބެންގެ އެކުވެރިޔަކާއި މީޓްކުރަން ދިޔައިމަވެސް ހިޔަނިހެން ފަހަތުގައި ހުންނަން ޖެހޭތަ؟ އޭނައަށްވެސް ނޭވަޔެއްލިޔަދީ، ތިވަރުން ނޫޅުނަސް ލޯބިވާވަރު އެނގޭ، އިޝްތިހާރު ކުރަން ދެ ލޯބިވެރިންގެ ފޮޓޯތައް ސޯޝަލް ނެޓްވޯކަކަށް ލާންވީއެއް ނޫންތަ؟ ވަރަށް ޕޮޕިއުލަރ ވާނެ، އައިމް ޖެލަސް....." ޔީވާ ލޮލަށް ގޮތެއް ހަދާލާފައި ނުލަފާ ހިންޏަކާއި އެކު ބުންޏެވެ. މިޝެލިން ދަތްވިކައިގަތްގަތީނުން އެ ކުދިދަތްތައް ބިންދައިގެންދާވަރުވި އެވެ. އުމުރުގައިވެސް މީހަކު ދެކެ މިހާ ރުޅިއާދެވުނުހެން ހިޔެއްނުވެއެވެ. އެވަރުންވެސް އޭނަ ޔީވާ އާއި ޖަދަލު ކުރާހިތެއް ނުވިއެވެ. ޔީވާގެ ސަބަބުން އޭނަގެ މުޅި ދިރިއުޅުން ހަލާކުވެ ނިމިގެން ނުދިޔައީ ކިރިޔާ އެވެ. މިޝެލިން ޔީވާ އާއި ދިމާލަށް ބަލައިލީ ނަފްރަތުގެ ނަޒަރަކުންނެވެ. މިޝެލިން ކުރިއަށް ދާން ހިނގައިގަތީ ފޯނަށް މެސެޖެއް އައުމުންނެވެ.
"އަހަރެން ހިޔެއް ނުކުރަން މިހެން ވާނެކަމަކަށް، އަދި އަހަރެން ކުރި ކުށަށް މާފުނުދީ ހުރެދާނެއޭ ހިތަށް ނާރާ، ލޯބިވާނަމަ އެހެނެއް ނުވީސް ދޯ، ވަރަށް ދުވަހަށް އިންތިޒާރު ކުރެވިއްޖެ، އެކަމަކު މިހާރު ހީވެއްޖެ ގިޔާމަތް ދުވަހުވެސް ޝެލް އަހަންނަށް އެކަން ރިމެއިންޑް ކޮށްދޭނެކަން، އޯކޭ ބޭބީ، އަހަރެން ދެން ޑިސްޓާބެއް ނުކުރާނަން...... އުދަގޫ ކުރެވުނު ކޮންމެ ވަގުތަކަށް ޓަކައި އަހަރެން މާފަށް އެދެން، ވެވޭނެނަމަ އެކަން ކޮށްދީ....ގުޑްބައި...." އިއްބާނު އިގިރޭސިން ލިޔެފައިވާ އެ މެސެޖް ފެނުމުން މިޝެލިން ގެ ލޮލުން ކަރުނަ ހިލުނެވެ. އޭނަ ފެންޑާގެ ސޯފާއެއްގައި އިށީންގޮތަށް އިއްބާނުގެ ފޯނަށް ގުޅައިލި އިރު ފޯނު އޮތީ ނިވާލާފައެވެ.
މިހުރާން މިލީނާ ބިރުގަންނަވާލަން ދެއްކި ޝައިތާނީ ވީޑިއޯގެ އޭނަގެ ހިތަށް އޭރު މާބޮޑު ބިރުވެރިކަމެއް ނުވަނީ މެންދުރު ވަގުތަށްވީމައެވެ. އެކަމަކު އިރުއޮއްސުމަށްފަހު ކިރިޔާ އަޑެއް އިވިލިޔަސް މިލީނާ ސިހިގެން ވަށައިގެން ހޯދައިލަނީ ލޯ ބޮޑުކޮށްލަމުންނެވެ. އެކަނި ނިދަންޖެހުމުގެ ބިރުވެރިކަން އިހުސާސް ކުރެވި، މިހުރާން އަންނާނެނަމައޭ ހިތަށް އެރި އަދަދެއްވެސް ނޭގެއެވެ. އެންމެ ފަހުން މިލީނާ އަރާމެއްނެތް ނިންޖެއްގައި އޮވެފައި ހޭލެވުނީ ބިރުވެރި ހުވަފެނެއް ފެނިގެން ހަޅޭއްލަވައި ގަތުމާއި އެކުގައެވެ. އޭރު ފިނިގަދަކަމުން އޭނަ އޮތީ ގަނޑުވާ ވަރުވެފައެވެ. ފްރިޖަކަށް އެރިފައި އޮތަސް މިވަރުވާނެ ކަމެއް ނޭގެއެވެ. ހީޓަރުގައި މައްސަލައެއްޖެހިފައި ހުރުމުން މިހުރާން އެކަމާއި ވެސް އަޅާލީއެއް ނޫނެވެ. ފަރުވާކުޑަކަމުގެ އިންތިހާއެވެ. މުއްސަނދި ފިރިހެނަކަށް ވިޔަސް މިހުރާން އަޅާލުމެއްނެތީއެވެ.
މިލީނާ ފުންމައިގެން ތެދުވުނު ގޮތަށް ދުވަމުން ދުވަމުން ގޮސް މީރާ އުޅޭ ކޮޓަރީގެ ދޮރު ހުޅުވާލައިފި އެވެ.
ފަނޑުއަލީގެ ތެރެއިން ކިންގްސައިޒްބެޑްގައި ނިދާފައި ތިބި ދެމީހުން ފެނުމުން މިލީނާގެ ފިޔަވަޅުތައް ގަނޑުވިއެވެ. ކުއިލްޓް ތެރޭގައި މީރާ އޮތީ މިހުރާންގެ އަތުތެރޭގައި ބޮނޑިވެލައިގެންނެވެ. ހީޓަރެއްނެތި އޭނަ ފިނިވެގެން މަރުވާވަރުވީއިރު މީރާ އެއޮތީ އޭނަގެ ފިރިމީހާގެ އަތުގެ ހިމާޔަތުގައި އެ ހަށިގަނޑުގެ ހޫނުކަން ލިބިގެން އަރާމުގައި ނިދާލާފައެވެ. މިލީނާ ދޮރުގައި ހިފެހެއްޓި ގޮތަށް ހިރިލާން ނޭގި އެދިމާލަށް ބަލަހައްޓައިގެން ހުރެވުނީއެވެ. އެންމެ ފަހުން ފިނި ގަދަވެގެންނާއި، ބިރުގެންފައި ހުރިވަރުން މިލީނާ ބާރަކަށް ހިގާލާފައި ގޮސް މިހުރާންގެ ފައިގައި ވިކާލި އެވެ. މިހުރާން ފައި ދަމައިގެންފައި ކުއްލި އަކަށް ތެދުވެ މިލީނާއަށް ބަލައިލީ ގަބޫލުކުރަން ދަތިވެފައި އޮވެއެވެ. ހީވަނީ މިލީނާ މަނާކަމެއް ކުރިހެންނެވެ.
"މިތާގައި ކީއްކުރަނީތަ؟" މިހުރާން ހިތްހަމަނުޖެހިފައިވާފަދަ ގޮތަކަށް ބުންޏެވެ.
"ފިނިވެގެން މަރުވަނީ......." މިލީނާ ތުންފަތުގައި ބާރަކަށް ދަތްއަޅައިލި އެވެ.
"އަހަންނާއި އެކު ނިދަން ބޭނުން ނޫނޭ ބުނެފައި އަދި ކޮމްޕްލެއިން ކުރަންވެސް އެގޭދޯ..." މިހުރާން މިލީނާގެ އަތުގައި ހިފައިގެން ބޭރަށް ޖެހިލިއެވެ. މިހުރާން ހިފެހެއްޓި ގޮތުން އަތަށް ތަދުވިއެވެ.
"ހީޓަރު ފިކްސްކޮށްލަދީފާނަންތަ؟" މިލީނާ ފޫހިވެފައިވާ ގޮތަކަށް ބުނެލި އެވެ.
"ދަންވަރު އަހަންނަށް ތިހުރިހާ މަސައްކަތެއް ނުކުރެވޭނެ، އެކަމަކު ހޫނުކޮށްލަދީފާނަން...." މިހުރާން ލާނެތް ގޮތަކަށް ބުނެލައިފިއެވެ. ނިދާފައި ހޭލިއިރުވެސް އެ ރީތި ދެލޮލުގައި ނިދީގެ އަސަރެއް ނެތްތާގައި، އިސްތަށިގަނޑު ހޭވިފައި އޮތުމުން ވަކިން ފިރިހެންވަންތަ ކަމަށް ދައްކައެވެ. މިހުރާން މިލީނާގެ މޫނުގައި ހިފެހެއްޓުމުން މިލީނާ މިހުރާންގެ އަތް ދުރަށް ޖެއްސުމުގެ ބޭކާރު މަސައްކަތް ކުރިއެވެ. މިހުރާން އާއި މީރާގެ އޮތް ނުބައި ގުޅުމާއި، މިހުރާން އޭނަގެ ދަރިފުޅު ވައްޓާލުމަށްފަހު ދެން އޭނަގެ ފަރާތުން އެއްވެސް ކަމަކަށް އުއްމީދު ކުރާނެ ކަމެއް ނެތެވެ. މިލީނާ އެހެން ހެދުމުން މިހުރާން ގެ މޫނުގައި ޖެހި އެތިފަހަރަށް ވިއެވެ. މިހުރާން ތަންކޮޅެއް ހަރުކަށިކަމާއި އެކު އަތުތެރެއަށް ދަމައިގަތުމުން މިލީނާ ހައްތަހާ ބޮޑަށް އެއަތުގެ ތެރެއިން ސަލާމަތްވާން މަސައްކަތް ކުރިއެވެ.
"ނިދަން އޮތްވާ ހޭލެއްވީމަ ދެން އަހަރެން އަދި މަޑުން ހުންނަންވީތަ؟" މިހުރާން މިލީނާ ތެޅިތެޅިއޮތްވާ އުފުލާލައިގެން ފަސޭހަކަމާއިއެކު ސިޑި ކަޑައްތުކުރިއެވެ. އެރޭ މިހުރާން ގެ ފަރާތުން ބޭނުންނުވި ހަދިޔާތައް ލިބި، މިލީނާ އިތުރަށް މިހުރާންދެކެ ފޫހިކުރުވިއެވެ. އޭނަގެ އަމިއްލަ ބާރެއްނެތް ކަމާއިމެދު ރޮވިފައި އޮތްއިރު މިހުރާން ފާޑަކަށް އެއްޗެހި ކިޔެވެ. ކިތަންމެ ވަރަކަށް މިލީނާ ރުޅިއަޔަސް އޭނަ ބޭނުން ގަޑިއެއްގައި ބޭނުންކަމެއް ކުރެވެން ޖެހޭނެ ކަމަށާއި، ދެކޮޅު ހަދަންޏާ އޭނަގެ ހަރުކަށިކަން ފެންނާނީ ކަމަށް ބުނެ އިންޒާރެއްދީފައިވެސް ފާޑަކަށް ހޭންފެށިއެވެ.
"ސޮރީ މިލީ، ޑިޑް އައި ހާޓް ޔޫ، އެހެންނޭ ވާނީ ބޭބީ ކަންތައް ކުރާ ގޮތުން، މި ވަގުތު ހޫނުކޮށްލަން މި ނޫންގޮތެއް ނެތް ދޯ، މާދަން ހީޓަރުވެސް ރަނގަޅު ކޮށްލާނަން......" މިހުރާން މިލީނާގެ ފިނިއަތުގައި އަތްކާއްތާލި އެވެ. މިލީނާ ޖަވާބެއް ނުދިނެވެ. ކުރުގެޅިލައިގެން، ދެލޯ މަރާލައިގެން މިލީނާ އޮތީ ލޯ ހުޅުވައިލަން ބޭނުން ނުވެފައެވެ. މިހުރާންގެ ގޯނާތަކާއި، އުދަގޫތައް އިރުކޮޅަކަށް ދެމިގެން ދިޔައެވެ. ބިރުން ހިތްފަޅައިގެން މަރުވާވަރުވިޔަސް ދެން އޭނަ މިހުރާން އަކަށް ނުގޮވާނެ އެވެ. ފިނިވެގެން މަރުވިނަމަވެސް މިހުރާން ގެ ގާތަށް ނުދާނެއެވެ. އެހެން އަންހެނެއްގެ ކައިރީގައި އޮވެފައި އައިގޮތަށް އޭނަގެ ނުރުހުމުގައި ވެސް ބޭނުންވާ ކަމެއް ހާސިލު ކުރީއެވެ. ހަމަ ޖެއްސުމަކަށެވެ. މިލީނާ ރުޅިއަރުވައި، ރޮއްވާލަން ވެގެން ކުރާނެ ކަމެއް ނޭގިގެން އުޅެނީއެވެ. ނުނިދިފައި އޮތީ މިލީނާ އެވެ. ނޭފަތް ދަމާލަން އޮތްއިރު އެ އަޑުއަހާނެ މީހަކު ނެތެވެ. ފިލައިގެން ދެވޭނީވެސް އޭނަގެ އަތުގައި ފޯނެއް ޖެހިގެންނެވެ. އެކަމަކު ޔަގީންވަނީ އެންމެ ކަމެކެވެ. މިހުރާން މީރާ އާއި މިގޭގައި ގެންގުޅެންޏާ އޭނަ ދާނީ އެވެ. މަންމަމެން ގާތަށް ގޮސް މިހުރާންގެ ވާހަކަ ކިޔާދޭނީއެވެ.
އިއްބާނުގެ އެބުނާ ރަށަށް ގޮސްފައި އެނބުރި އަންނަން ހަމަޖެހިފައި އޮތީ ދެ ދުވަހުންނެވެ. އެރޭ މިޝެލިން އިއްބާނު ހިތް އުފާވާފަދަ ރެއަކަށް ހެދުމަށް ގަސްތުކުރިއެވެ. އޭނަ ކޮޓަރި ވެނީލާ ލެވެންޑަރ އުއްބައްތިއަކުން ދިއްލާލައިފި އެވެ. ފަނޑު އައްޔަކާއިއެކު، ދުވަން ފެށި މީރުވަހުން ކޮޓަރި ތެރޭގެ ހިތްގައިމުކަން އެތައް ގުނަ އިތުރުވިއެވެ. މިރޭ މޫސުމް ކުރިއަށް ލަފާކުރާގޮތުން ގަނޑުފެން ފައިބާނެކަމަށް ބުނުން ވީ މިޝެލިންއަށް ލިބުނު އިތުރު އުފަލަކަށެވެ. ބިއްލޫރި ދޮރުތަކުން އެ މަންޒަރު ފެންނައިރު ހާދަ ޗާލުވާނެއެވެ. މިޝެލިން ފެންވަރާލައިގެން ސްކިނީއަކާއި ގަޔަށް ފިޓް ހެދުމެއްލިއެވެ. ކުޑަ މޭކަޕެއްކޮށްލާފައި އިއްބާނު ދިން ރަންމުތުގެ ކެވެލިކޮޅާއި، އަނގޮޓީވެސް އެޅިއެވެ.
މިޝެލިން ކޮޓަރި ރީތިކޮށްލުމަށްފަހު މަޑުމަޑުން ސިޑިން ފައިބައިގެން އައިސް ދެވަނަ ފަތްތަރުގައި މަޑުކޮށްލިއެވެ. އޮރެންޖް ބޮޑު ޗާންދަލިޔާގެ އަލިން އުޖާލާވެފައިވާ ބޮޑު ކޮޓަރި އަކީ އުފާވެރި، އަރާމު މާހައުލެކެވެ. ހޫނުފިން މިން އެއްވަރަކަށް ހިފެހެއްޓިފައިވާއިރު، ކޮފީގެ މީރުވަހުން މުޅި ހިސާބުވަނީ އެއްވަސްވެލާފައެވެ. އެތައް ބިއްލޫރި ދޮރުފަތްތަކުން ބޭރު ފެންނަން އޮތުމުން ފެންނަލެއް އިންތިހާއަށް ރީއްޗެވެ. މިޝެލިން ވިސްނާލި އިރު އެންމެން ގެ މޫނުމަތިން ފާޅުވަނީ އުފާވެރި ކަމެވެ. ކޮންމެ ދިމާލަކުން ފެންނަނީ މުއްސަނދި ކަމުގެ ރަހައެވެ. އޭނަގެ މަންމަވެސް އެލީސާ އާއި ވާހަކަދައްކަން އިންއިރު ހީވަނީ އެތައް ޒަމާނުއްސުރެ ދެނެފަރިތަ ގާތް ރަހުމަތްތެރިން ހެންނެވެ.
"ބޫ އަށް އާދެވޭނީ މާދަން ކަންނޭނގޭ، އެ ސަރަހައްދަށް ތޫފާނެއް އަންނަން އުޅޭކަމަށް ކިޔާތީ މި އިންނަނީ ބިރުވެސް ގެންފައި، ބޫ ޖެހިލުން ކުޑަކަމުން މަގުމަތި ކިތަންމެ ރިސްކީ ވިޔަސް ޓްރެވެލް ކުރަން ހިތަށް އަރުވަފާނެ، އަނެއްކާ މިލީއަށް އެ ދިމާވި ހިތާމަވެރިކަމެއްގެ ސަބަބުން ރެންވެސް ހުންނާނީ ބޯ ގޮވާފައި ކަންނޭނގޭ، މިލީ އަދިވެސް މުޅިން ފިޓްނޫންވީމަ ދެދުވަހުންނޭ ކާރަކަށް އެރޭވަރު ވާނީވެސް.........." އެލީސާގެ ވާހަކައިން މިޝެލިން މާޔޫސްވިއެވެ. އޭނަ އިއްބާނުއަށް މެސެޖްކޮށްލާފައި ވަރަށް އަވަހަށް އައުމަށް އެދިފައިވި ނަމަވެސް އިއްބާނުއަށް ނާދެވުނީތާއެވެ. އޭނަ ކޮންމެވެސް ވާހަކައެއް ބުނަން ބޭނުންވެފައިވާ ކަމަށާއި، މިރެއަށް އާދެވެންޏާ ކޮންމެ ގޮތެއް ހަދާފައިވެސް އައުމަށް އެދި ހަވީރު މެސެޖެއް ކުރިއެވެ. އިއްބާނު ޖަވާބެއް ނުދިން ސަބަބެއް މިޝެލިން އަކަށް ނޭގެއެވެ.
ޓީވީ ހުޅުވާލާފައި ހުއްޓަސް އެ ޕްރޮގްރާމަށް އެއްވެސް މީހެއްގެ ޝައުގެއް ނެތެވެ. އެންމެން ތިބީ އަމިއްލަ ވާހަކަތަކުގައެވެ. ކުއްލިއަކަށް ބެލްޖެހި އަޑުއިވުމުން މިޝެލިންގެ ހިތް ފުންމައިގެން ދިޔައެވެ. އުފަލުން ގޮސް މޫނު ރަތްވެލައިފި އެވެ. ދުވެލާފައި ގޮސް ދޮރު ހުޅުވާލައިފިއްޔާ އެހެން މީހުންނަށް ބޭޒާރުވެދާނެތީ އޭނަ ގުޑާނުލައި ދޮރާއި ދިމާލަށް ބަލަހައްޓައިގެން ހުރިއިރު ހިތް އަވަސްކަމުން ހީވަނީ މޭ ފަޅާލާފައި ނިކުމެދާނެ ހެންނެވެ. އަތްވެސް ގަނޑުފެންކޮޅަކަށްވުރެ ފިންޏެވެ. މިޝެލިން އެސްފިޔަ ޖަހާނުލައި ހުރިއިރު އެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެފައިވެއެވެ.
މިޝެލިން ގެ ދޮންމޫނުގެ ކުލަވަރު ބަދަލުވީ ޔުނިފޯމުގައި ތިބި ދެމީހުން ފެނުމުންނެވެ. ހީވަނީ ފިލްމުތަކުން ފެންނަފަދަ އެފްބީއައި އެޖެންޓުން ހެންނެވެ. އެހާ ސީރިޔަސްކޮށް ތިބިގޮތުން ބިރުވެރި ޚަބަރެއްދޭން އައިކަމުގެ ޝައްކެއްވެ މިޝެލިންގެ ހިތް މަޑުޖެހިލިއެވެ.
"އައިމް ސޮރީ ވީ ހޭވް ބޭޑް ނިއުސް، ވަރަށް ނުރައްކާތެރި ހާދިސާއެއް ހިގައިފި......" އެތަނުން އެކަކު ހައިތަމް އާއި ވާހަކަދައްކަން ފެށުމުން އެންމެން ހިމޭންކަމާއިއެކު އޭނަ ގެ މެސެޖް އަޑުއެހިއެވެ. އެމީހުން އިއްވާލީ ހީކުރި ވަރަށް ވުރެ ބިރުވެރި، އަޑު އަހަން އެންމެ ހިތް ނޭދޭނެ ޚަބަރެކެވެ. އިއްބާނު ދަތުރުކުރި ކުޑަ މަތިންދާ ބޯޓެއް ފަރުބަދަމަތީގެ ސަރަހައްދަކަށް ވެއްޓިގެން އުޅޭކަމަށެވެ. ގަނޑުފެނުގެ ތޫފާނުގެ ސަބަބުން ސަލާމަތީ މީހުންނަށްވެސް އެތަނަށް ފޯރުމުގައި ދަތިތަކެއް އުޅޭކަމަށް ބުނެލާފައި އެމީހުން ހިތާމަ ފާޅުކުރިއެވެ. އެންމެންހެން ތިބީ ދެލޯ ބޮޑުކޮށްލައިގެން އަނގަމަތީގައި އަތްއެޅިފައެވެ. އެތަނަށް ވެރިވެގެން ދިޔަ ކަށްވަޅުފަދަ ހިމޭންކަމާއި އެކުގައި އެ އުފާވެރި ހަފްލާ ރޫޅިއްޖެއެވެ.
ހިލައިގެ ބުދެއްހެން ހުރި މިޝެލިންގެ ހިތް ހީވީ ފަޅައިގެން ދިޔަހެންނެވެ. ސިކުންތުކޮޅެއްގެ ތެރޭގައި އޭނަގެ ދުނިޔެ ފުނޑުފުނޑުވެގެން ހިގައްޖެއެވެ. އޭނަގެ ހަޔާތުގެ ހުރިހާ އުފާވެރިކަމެއް ނިގުޅައިގަނެވިއްޖެއެވެ. ފުރާނަފަދަ ލޯބިވާ ލޯބިވެރިޔާއަށް ދިމާވި ނުރައްކާތެރި ކާރިސާގެ ސަބަބުން އޭނަގެ ލޭވެސް ގަނޑުކޮށްލައިފި އެވެ. ކުށްވެރިޔަކީ އޭނައެވެ. އިއްބާނު ފުރާނައަށް ބެލުމެއްނެތި އެހާ ބޮޑު ނުރައްކަލަކާއި ކުރިމަތިލީ އޭނަގެ މެސެޖްގެ ސަބަބުން އަވަހަށް ލަންޑަނަށް އަންނަން ވެގެންކަން ޔަގީނެވެ. މިޝެލިން ސިޑީގެ ރެއިލިންގައި ބާރަށް ހިފެހެއްޓީ އޭނަ އަރިއަޅާލަފާނެހެން ހީވުމުންނެވެ. މިޝެލިން އެތެރެ އެތެރެއިން ހިތް ހަލާކުވާފަދަ ގޮތަކަށް ހަޅޭއްލެވިޔަސް އެއަޑެއް ނުނިކުތެވެ.
"ނޫން، ނޫން......." އެންމެފަހުން އޭނަ ރޮމުން ސިޑިކައިރިއަށް ތިރިވިއިރަށް މަލަކާ ދުވެފައި އައިސް މިޝެލިން ބިންމަތިން ނަގަން މަސައްކަތްކުރިއެވެ.
"ދަރިފުޅާ....... ހިތްވަރުކުރޭ، އަދި ބޫ ސަލާމަތް ވާނެ، އެމީހުން އެބުނީނު ސަލާމަތީ ފައުޖުތައް އަދި ދާނެޔޭ، ބޫ އަކީ ބްރޭވްކުއްޖެއް، އޭނަ އެހާ ފަސޭހައިން ގިވްއަޕްކޮށެއް ނުލާނެ، ކޮންމެވެސް ތަނެއްގައި އޭނަ ވާނެ އިރާދަކުރެއްވިއްޔާ......" މަލަކާ އަށް މިޝެލިން ނުފިހެއްޓިގެން މާޒިން ވެސް އައެވެ. އޭރު އެހެން މީހުން އެތަން މިތަނަށް ފޯނުކުރުމާއިގެން އަވަދިނެތި އުޅެއެވެ. އެލީސާވެސް ހައިތަމްގެ ގައިގައި އޮޅުލައިގެން ރޮވިފައި އިންއިރު ހައިތަމް އެލީސާގެ ހިތްހަމަޖައްސާދޭން ވާހަކަދެއްކީ އުއްމީދުން ފުރިގެންވާ ރާގަކަށެވެ. އިއްބާނު ސަލާމަތީ ފިޔަވަޅަކާއި ނުލައި ތޫފާނެއްގެ ތެރޭގައި ދަތުރުނުކުރާނެ ކަމަށާއި، ވައިކުޑައެއްގެ އެހީގައި އޭނަ ފުންމާލަފާނެ ކަމުގެ އުއްމީދު ބޮޑުކަމަށް ހައިތަމް ބުނުއްވިއެވެ. އުއްމީދުގެ ހުޅުކޮޅު ނިވާނުލިކަން ނަސީބެކެވެ. އެންމެންވެސް ދުޢާކުރިއެވެ. އެނޫނީ ދެން އޮތީ ކޮންކަމެއް ހެއްޔެވެ؟ ދުޢާކުރުމާއި، އިންތިޒާރެވެ. އިއްބާނުގެ ޚަބަރެއްވުމަށް އެންމެވެސް ތިބީ އެދިއެދިއެވެ.
މިޝެލިންއަށް އެންމެން އެކިގޮތްގޮތަށް ވިސްނައިދީގެން ކުޑަކޮށް ހަމަޔަކަށް އެޅިގެން ކޮޓަރިއަށް ވަނެވެ. ވިރެމުންދާ އުއްބައްތީގެ މީރުވަހުން މިޝެލިންގެ ހިތަށް ފުން އަސަރެއްކުރުވިއެވެ.
"ބެން، ކަމް ބެކް..... ޕްލީޒް.... އަހަރެން ދޫކޮށްލާފައި ނުދޭ ބެން، އަހަންނަށް ކެތެއްނުކުރެވޭނެ، ބެން އެވަރަށް އާދޭސް ކުރިއިރު އަހަރެން ކަންތައް ކުރީ ކިހާ އަނިޔާވެރިކޮށް، ދުވަހަކު ބެން ރުޅިއެއް ނާދޭ، އަބަދުގެ އަބަދަށްޓަކައި އެހާ ރީތިކޮށް ހިނިތުންވެލާފައި އަހަރެންގެ އަނިޔާވެރިކަން ޓޮލެރޭޓް ކުރި، ކިތައް ފަހަރު ބެން އާދޭސްކުރި، ކިތައް ފަހަރު މާފަށް އެދުނު، އެއިން ކޮންމެ ފަހަރަކު އަހަރެން ދެކޮޅު ހެދީ، އެންމެ ފަހު ވަގުތުވެސް އަހަރެން ބެން ރޮއްވާލީ، މިއަދު އަހަރެން މިވަނީ އުމުރަށް ހިތާމަކުރަން ޖެހިފައި، ބަލިވީމަވެސް އެންމެ އަޅާލި މީހަކީ ބެން.... އިންސާނުންގެ ތެރޭގައި އެންޖެލްސް އިން އުޅެންޏާ ތިއީ އެކަކު..... ލަވް ޔޫ ސޯ މަޗް ބެން..... އަބަދަށްޓަކައި ބެންގެ އިންތިޒާރުގައި ހުންނާނަން، މަރުވަންދެން ބެންއަށް ޓަކައި އިންތިޒާރު ކުރާނަން....... ބެން ކީއްވެ މިހާ ބޮޑު އަނިޔާއެއް ދިނީ. އެހެން ސަޒާއެއް ދިންނަމަ، ބެން މަރުވެގެން ދިޔައީ އަހަރެންގެ ކުށުންކަމެއް އެހެން އިންސާނަކަށް ނޭގޭނެ، އައިމް ގިލްޓީ....... ނޫނީ ބެން ސުއިސައިޑް ކުރީތަ؟ ހިތާމައިން ގޮސް ކެތްނުކުރެވުނީތަ؟ އެންމެ ސުވާލެއްގެ ޖަވާބުވެސް ނުލިބި ހިތް ހަލާކުވާވަރުވޭ........ ބެންގެ ބަދަލުގައި އަހަރެން މަރުވާނެނަމަ. ފޮގިވް މީ ޑާލިން......" މިޝެލިން ކުޑަދޮރުން ބޭރަށް ބަލަން އިން އިރު އެތައް ޚިޔާލުތައް ސިކުނޑީގައި އެނބުރުނެވެ. އޭނަގެ ކޯތާފަތްމަތިން ކަރުނަ ތިކިތައް ތިރިއަށް ދެމެން ފެށިއެވެ. ރުއިމަކީ ހައްލެއް ނޫނެވެ.
މިޝެލިން ވުޟޫކޮށްލައިގެން އައިގޮތަށް މުސައްލަމަތީގައި ސަޖިދައިގައި އޮވެ ރޮއިފާ ދުޢާ ކުރިއެވެ. މިޝެލިންގެ ދުޢާތައް އިވުނު މީހަކަށްވެސް ރޮވޭނެއެވެ. ހެއްދެވިފަރާތަށް މިހާ އާދޭހާއިއެކު ކަމަކަށް އެދުނު ހަދާނެއް މިޝެލިން ނުވެއެވެ. ދުނިޔެއިން މިހާ ބޭނުންވިކަމެއް އަދި ނެތެވެ. ކޮންމެކަމަކަށްވެސް ކުޅަދުންވަންތަ ފަރާތުން ނިންމަވައިދެއްވައި ފިއްޔާ ނުވާނީ ކޮންކަމެއް ހެއްޔެވެ؟ ތަގުދީރުގައި ލިޔުއްވާފައިވާގޮތް ބަދަލުކުރެވެނީ އެކަނި ދުޢާއަށެވެ.
އިއްބާނުގެ އެކްސިޑެންޓްގެ ޚަބަރު އިވުމުން މިހުރާން މިލީނާ ގޮވައިގެން ލަންޑަނަށް އައިއިރު އެ ލާނެތް މިޒާޖުގެ ފިރިހެންކުއްޖާގެ މޫނު މިލާފައިވާ ގޮތުން އޭނައަށް އަސަރުކޮށްފައިވާވަރު އެނގުނެވެ. ފެންކަޅިވެފައިވާ ދެލޯވަނީ ދުޅަވެފައެވެ. ނަމަވެސް މިހުރާން އޭނަގެ މަންމަމެންނަށް ހިތްވަރުދިނުމުގައި އުޅުނު އިރު އުއްމީދު ގެއްލުވައެއްނުލައެވެ. އެންމެ ފަހު ވަގުތާއި ޖެހެންދެން އުއްމީދުގެ ދޯދިފަށުން ދޫކޮށްލަން ނުވާނެކަމަށް އޭނަ ދެކުނެވެ.
ޖެހިގެން އައި ދުވަހު ގަނޑުފެނުގެ ތޫފާން މައިތިރިވެގެން ސަލާމަތީ ފައުޖުތައް އެހިސާބަށް ފޯރިއިރު ފެނުނީ އެ ތަނަށް ވެއްޓިފައިވާ ކުޑަ ބޯޓުގެ ބައިތަކެވެ. އެއީ ނުރައްކާތެރި ވާދީއެއްކަމަށްވެފައި ގަނޑުފެން މާގިނައިން ފޭބުމުގެ ސަބަބުން ވަޅުލެވުނީ ކަންނޭގެ އެވެ. އިއްބާނު ދިރިހުއްޓާ ސަލާމަތް ކުރެވޭނެކަމުގެ ހުރިހާ އުއްމީދެއް ގެއްލުނެވެ. އާއިލާއަށް އެ ޚަބަރުން އިތުރު ޝޮކެއް ލިބުނެވެ. ގެއަށް ކުޑަވަރެއްގެ ގިޔާމަތެއް އައިހެން ހީވިއެވެ. އުއްމީދުގެ އެންމެ ފަހުގެ ހުޅުކޮޅު ނިވުނީ އެވެ. މިޝެލިން އަނބުރައިގަނެގެން ވެއްޓުނީ އެ ހިތަށް ކެތްނުކުރެވިގެންނެވެ.
"ހައިތަމް... އަޅުގަނޑުމެންގެ ކުޑަ ދަރިފުޅު.... ހާދަ ސަފަރ ކުރާނެ..." އެލީސާ ބާރަކަށް ރޮއިގެންފައި ހައިތަމްގެ ގައިގައި އޮޅުލައިގެން ބާރަށް ރުޔެވެ.
އެތަން ބަލަން ހުރި މިހުރާންއަށް ކެތްނުކުރެވިގެން އަނެއް ފަރާތަށް އެނބުރުނު އިރު އެ ލޮލުގައި ކަރުނަ ވިދަ ވިދާ ހުއްޓެވެ. ޒަހުރާންވެސް މަންމައަށް އެހީވާން އުޅުނެވެ. ނަމަވެސް އެއްވެސް މީހެއްގެ ވާހަކަތަކުން އެލިސާގެ ހިތަށް ޝިފާއެއް ނުލިބުނެވެ. ހައިތަމް އިންސާނަކަށް ހިތްވަރު ކުރެވޭނެ އެންމެ މައްޗަށް ހިތްވަރު ކުރަމުން އެލީސާއަށް އެކި ގޮތްގޮތަށް ވިސްނާދޭން މަސައްކަތްކުރިއެވެ. މާޔޫސް ނުވުމަށާއި، އުއްމީދު ނުގެއްލުވަން އެދިލެއްވިއެވެ. އިއްބާނު ފެންނަންދެން ހޯދުން ހުއްޓާނުލައްވާނެ ކަމަށްވެސް ވައުދުވެލެއްވިއެވެ. ކަރާމާތަކުން ނަމަވެސް އިއްބާނު ސަލާމަތްވުމަކީ އެންމެންގެ ދުޢާއެވެ.
މިޝެލިން ލޯ ހުޅުވައިލެވުނު އިރު އޭނަ އޮތީ ހޮސްޕިޓަލުގެ ސުއިޓެއްގައެވެ. މިޝެލިންގެ އަތަށް ގުޅާފައިވާ އައިވީ ލަސްލަހުން ހުސްވަމުން ދިޔައިރު އޭނަގެ އެނދު ކައިރީގައި މަންމަ އާއި ބައްޕަ އިށީދެލައިގެން ތިބިއިރު ދެމީހުންގެ މޫނުމަތިން މިޝެލިންއަށް ފެނުނީ ހިތާމައިގެ ހިޔަނި އެޅިފައިވާ ތަނެވެ. މިޝެލިންގެ ސިކުނޑި ރަނގަޅަށް މަސައްކަތް ކުރަން ފެށުމާއިއެކު ލޮލުން ކަރުނަ އޮހިގަތެވެ.
"ބައްޕާ، އަދިވެސް ބެން ނާންނަނީތަ؟" މިޝެލިން ތުން ފިތައިލަމުން ނުރޯން މަސައްކަތް ކުރިއެވެ.
"އެކަމާއި މެދު ނުވިސްނަބަލަ ދަރިފުޅާ، އިރާދަކުރެއްވިއްޔާ ދެރަގޮތެއްނުވާނެ، އެންމެފަހު ވަގުތުވެސް ހޯޕް އޮންނަންވާނެ، މާތް ﷲއަށް ދުޢާކޮށް ކެތްތެރިވާންވާނެ، ދަރިފުޅު ރެސްޓްކޮށް ބަލަ..." މާޒިން މިޝެލިންގެ ބޮލުގައި ފިރުމާލެއްވިއެވެ.
"އައިމް ފައިން ޑެޑީ، އަޅުގަނޑު ބޭނުން ގެއަށް ދާން، ޕްލީޒް ޑެޑީ....." މިޝެލިން ބާލީހުން ބޯ އުފުލައިލުމުން ބޮލަށް ބަރުވެ، އަނބުރައިގަންނަ ގޮތްވިއެވެ. މާޒިން އެކިގޮތްގޮތަށް ވާހަކަ ދައްކައިގެންވެސް މިޝެލިން އެ ބަހުގައި ހިފެހެއްޓިއެވެ. އޭނަ ބޭނުމީ ގެއަށް ދާންކަމުގައި ކިޔާ އައިވީ ކެނިއުލާ ނައްޓައިލަން އުޅެގަތެވެ. މިޝެލިންގެ ހަށިގަނޑުގައި ވަރު ނެތުމާއި، ހިތުގެ ވިންދު އަވަސްކަމުން ގެއަށް ގެންދިޔުން ރަނގަޅު ކަމަކަށް މާޒިންއަށް ނުފެނުނެވެ.
ހަފްތާއެއް ވާންދެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮތުމަށްފަހު މިޝެލިން ގެއަށް ގެނައި ދުވަހު ވެސް ކޮންމެވެސް ވަރަކަށް ސްނޯ ފޭބިއެވެ. މިޝެލިން ފެންޑާ ހުރަސްކޮށް ހޯލަށްވަންއިރު ޔީވާ ސޯފާއަށް އަރާފައި ޓީވީ ޚަބަރު ބަލަން އިނެވެ. އޭރުވެސް ޚަބަރުން ދައްކަމުން ދިޔައީ ހަފްތާއަކަށް މެދުނުކެނޑި ހޯދުމަށްފަހު އިއްބާނު ދިރިހުއްޓާ ފެންނާނެ ކަމުގެ އެއްވެސް އުއްމީދެއްނެތް ވާހަކައެވެ. ޔީވާ މިޝެލިން އާއި ދިމާލަށް ބަލައިލި ގޮތުން ހީވީ އިއްބާނު މަރައިލި މީހަކީ މިޝެލިން ހެންނެވެ.
އިއްބާނު ދެން ދުވަހަކުވެސް ނުފެންނާނެކަމުގެ ނުބައި ޝައްކު ކުރެވި މިޝެލިން ގެ ހިތް ކުރިއަށްވުރެ ބޮޑަށް ޒަޚަމްވިއެވެ. އިއްބާނު ދިޔައީ އޭނައަށް ވަދާއުގެ ސަލާމްކޮށްލާފައެވެ. ނޭގިނަމަވެސް އެދުވަހު ދަމުން އިއްބާނު އުދަގޫ ނުކުރާނެކަމަށް މެސެޖްކުރީ އޭނައަށް މަރުވާނެކަމުގެ ހިޔެއް ކުރެވިފައި އޮތީ ހެއްޔެވެ؟ މިޝެލިންގެ ކަރުނަތައް ނިމުމަމަށް އަންނާނީ ކިހިނެއް ހެއްޔެވެ؟ އެއީ ދުވަހަކުވެސް ވާނެކަމެއް ނޫނެވެ. މަރުވާންދެންވެސް އޭނަގެ ހިތް އިއްބާނުއަށްޓަކައި ކަރުނަ އޮއްސާނެއެވެ. މާޒީގެ ކޮންމެ ވަގުތެއް، ކޮންމެ ދުވަހެއް އިއްބާނު މަތިން ހަދާންކުރުވާނެއެވެ. އޭނަގެ އަނިޔާވެރިކަމާއި، ރަހުމެއްނެތްކަން އެހެންމީހުންނަށް ސިއްރުވެފައި އޮތަސް ހެއްދެވިފަރާތް ދެނެވޮޑިގެންވާނެއެވެ.
ހައިތަމް އޭނަގެ ލޯބިވާ ހަގު ދަރިފުޅު ހޯއްދަވަން މިލިއަނުން ފައިސާ ހޭދަކުރެއްވިއެވެ. އަމިއްލައަށް އެ ސަރަހައްދަށް ދުރުވެ މަތިންދާބޯޓު ވެއްޓުނުތަނަށް ޒިޔާރަތްކުރުމުން ހައިތަމްގެ އުއްމީދުގެ ހުޅުކޮޅު ނިވުނެވެ. ވަށައިގެންވާ ފަރުބަދަތަކާއި، ހިލަތަކާއި، ކުންނުތައް ހީވަނީ އިންސާނަކު ދިރުވައިލަން އަނގަ ހުޅުވާލައިގެން އޮތްހެންނެވެ. ގަނޑުފެނުން ފޮރުވިފައިވާ އެހިސާބުގައި ފިނިގަދަކަމުންވެސް އިންސާނަކަށް އެންމެ ދުވަހަކަށްވެސް ކެތްނުކުރެވޭނެއެވެ. މިއިން ހިސާބެއްގައި ލޯބިވާ ދަރިފުޅު ވަޅުލެވިފައިވާނެކަން ޔަގީންވެ، ހައިތަމް އެހެން މީހުންނަށް ބެލުމެއްނެތި ކަރުނަ އޮއްސެވިއެވެ. މިއީ ދަރިފުޅުގެ މިގުބަރާއެވެ. ދަރިފުޅަށް ހެޔޮ ދުޢާކުރައްވާ ހެއްދެވި ފަރާތާއި ވަކީލުކުރެއްވިއެވެ. އެ ދަރިފުޅަށް ސުވަރުގޭގެ މަތިވެރި ނަސީބާއި، ރަހުމަތްލެއްވުމަށް އެތައް ފަހަރު ދުއާކުރެއްވިއެވެ.
ހައިތަމް އެނބުރި ލަންޑަނަށް ދުރުވީ ހަލާކުވެފައިވާ ހިތަކާއި އެކުގައެވެ. މަހެއް ހާ ދުވަސްވާންދެން ހައިތަމްގެ މަސައްކަތު މީހުން އެ ސަރަހައްދު ބެލިއެވެ. އެކަމަކު ނާކާމިޔާބުގެ ހިތި ރަހަ ދެކެން ޖެހި އަތުން ފައިސާ ޚަރަދުވުން ނޫންކަމެއް ނުވިއެވެ. އެންމެ ފަހުން ހައިތަމްއަށް ލަންޑަނުގައި ހުންނަވަން އުދަގޫވެގެން އާއިލާ ގޮވައިގެން ރާއްޖެއަށް ބަދަލުވީއެވެ.
އިއްބާނު ވަކިވުމުގެ ހިތާމައިގައި ހުރި މިހުރާން ރަށަށް ދާކަށް ބޭނުމެއް ނުވިއެވެ. އެހެންނޫނަސް މީރާ އެކަނި ދޫކޮށްލާފައި ދެވޭނެ ގޮތެއްވެސް ނެތީއެވެ. އޭނަގެ ކޮނޑުގައި އެޅިފައިވާ އެންމެ ބޮޑު ޒިންމާއަކީ މީރާ އެވެ. މިހުރާން ގެ ހިތަށް ކޮށްފައިވާ އަސަރަކުން އޭނަ މަސައްކަތާއި މުޅިން ދުރުހެލިވިޔަސް އޭނަގެ ހީވާގި އެކުވެރިން އޭނަގެ ވިޔަފާރި ފަހަތަށް ޖެހިޔަނުދީ ވަފާތެރިކަމާއި އެކުގައި އެ މަސައްކަތް ކުރިއެވެ.
މިލީނާ އުޅުނީ އަބަދުހެން ބަލިވެއެވެ. ހޮޑުލުމާއި، މޭނުބައިކުރުން އަދި ވަރުބަލިވާވަރުން އަބަދުހެން އޭނަ އޮންނަނީ އޮށޯވެލައިގެންނެވެ. އެންމެން ހީކުރީ ހިތާމައިގެ ބަޔެއްކަމަށެވެ. މިލީނާ ދެނެހުރީ ބޭހުގެ އަސަރުތައް އަދިވެސް ހަށިގަނޑުން ނުފިލަނީކަމަށެވެ.
މިލީނާ އެއްޗެއް ނުކެވުމާއި، ވަރުދެރަވުން އަދި މާ ބޮޑަށް ހިކެން ފެށުމުން ސޯފިޔާ ގަސްތުކުރީ މާޒިންއަށްވެސް ސިއްރުން ރަނގަޅު ޑޮކްޓަރަކަށް މިލީނާ ދެއްކުމަށެވެ. މާޒިން ގެ ޖަވާބު ސޯފިޔާއަށް ސާފެވެ. މިހުރާން އާއި ވަކިން އުޅުމުން އެކަމާއި ހިތާމަކުރަނީ ކަމަށެވެ. ނޫނީ އިއްބާނުގެ މަރުގެ ސަބަބުން އެންމެނަށް އަސަރުކޮށްފައިވާތީ ކަމަށެވެ. އެއީ ސޯފިޔާއަށް ގަބޫލުކުރެވޭނެކަމެއް ނޫނެވެ. އެހެންވެ މިލީނާ ގޮވައިގެން ސޯފިޔާ މާޒިންއަށް ސިއްރުން ދިޔައީ ކްލިނިކަކަށެވެ. ހޮސްޕިޓަލަށް ގޮސްފިއްޔާ މާޒިންއަށް ދާދި ފަސޭހައިން އެ ޚަބަރު ލިބި ސުވާލުތައް ކޮށް، މައްސަލަ އަކަށް ހަދާފާނެއެވެ. މިލީނާ ބައްލަވާފައި ޑޮކްޓަރ ޓެސްޓުގެ އިތުރުން ސްކޭނެއް ހަދަން ލަފާ ދިނެވެ. ސްކޭން ހަދަން ފެންބޮއިގެން ދިޔުމުން ޑޮކްޓަރ ސުމާ މިލީނާ އެނދުގައި އޮށޯންނަން ބުނެލިއެވެ. ސުމާ ޕްރޯބް އެ ތުނި ބަނޑުގައި ޖައްސާލާފައި މިލީނާއަށް ހިނިތުންވުމެއް ދިނެވެ.
"ޔޫ އާރ ޕްރެގްނެންޓް، މިފެންނަނީ ބޭބީގެ ހިތް ތެޅޭތަން، މޫވްކުރާތަން ވެސް އެފެނުނީ......" ސުމާގެ ވާހަކައިން ސޯފިޔާވެސް ދެލޯބޮޑުވިއެވެ. އޭރު މިލީނާ އޮތީ ގަނޑުވެފައިވާ ބުދެއް ފަދައިން އެ ތުއްތު ހަރަކާތަށް ބަލަހައްޓައި ގެންނެވެ. މިލީނާގެ ލޮލުގައި ކަރުނަތިއްކެއް ވިދާލިއެވެ. ހިތުގައި އުފާވެރިކަމުގެ ވިންދު ޖަހާލައިފި އެވެ.
"އެވަރަށް ބްލީޑްވެފައި ބޭބީ ސަލާމަތް ވެދާނެތަ؟" ސޯފިޔާވެސް ހުރީ އެސްފިޔަ ޖަހައިލަން ނޭގިފައެވެ.
"ބައެއްފަހަރު އެކަށީގެންނުވާ ކަންތައް މެދުވެރިވޭ، މިރެކްލްސް ހެޕެން، ޑޮކްޓަރަކު މިލީނާ އެބޯޓްވެފައިކަމަށް ނިންމި ކަމަށް މިލީ ބުނީ، އެވެސް އަދި ޔޫކޭފަދަ ތަނެއްގެ ޑޮކްޓަރެއް، އެކަމަކު މިލީނާ އެ ބުނީ އެންމެ ދުވަހެއްގައި ބްލީޑްވީ ކަމަށް، ވީމަ ކޮންމެގޮތެއް ވިޔަސް ބޭބީ ސަވައިވް ވެފައި މިއޮތީ، ހީޒް ސްޓްރޯންގް........." ޑޮކްޓަރ ސުމާ މާމަ ދަރިފުޅުގެ ކުޑަކަމާއި އެކުގައިވެސް ހިތުގައި ކުލުނު އުފެދިއްޖެއެވެ. އުފާވެރިކަމުގެ ރާޅުބާންޏެއް ހިތުގައި ޖަހާލުމާއި އެކުގައި ހުރިހާ ދަތްތައް ފެންނަވަރަށް ހީލައިފިއެވެ. ސޯފިޔާ ވަގުތުން އެލީސާއަށް ގުޅަން ފެށިއެވެ. މަންމަ އުފަލުން ހުރިވަރު އެނގުނީ ޓަޗްސްކްރީނުގައި މަންމަގެ އިނގިލިތައް ބީހެމުން ދިޔައިރު އެ އިގިލިތައް ތުރުތުރުއަޅާތަން ފެނުނީމައެވެ.
މިލީނާ ނޫނެކޭ ބުނުމުގެ ގޮތުން އިޝާރާތް ކޮށްލުމުން ސޯފިޔާ ސިހުނެވެ. މިލީނާ އެ އުފާވެރި ޚަބަރު އާއިލާއަށް ދޭން ފަސްޖެހުނީ ކީއްވެހެއްޔެވެ؟ ފަހަރެއްގައި މިހާ ހިތާމަވެރި ދަނޑިވަޅެއްގައި މިލީނާ އެގޮތް ބޭނުންނުވީއެވެ.
"ބޭބީގެ އެބްނޯމަލް ކަމެއްހުރެއްޖެއްޔާ އެނގޭނެތަ؟ ޑޮކްޓަރ..." މިލީނާ ތެޅިތެޅިވާ ހިތަކާއި އެކުގައި އަހާލައިފި އެވެ. ޑޮކްޓަރު ބުނީ ވިހި ހަފްތާއާއި، ސައުވީސް ހަފްތާ ތެރޭގައި އެބްނޯމަލީ ސްކޭނެއް ހެދުމުން އެއްވެސް އުނިކަމެއް ހުރެއްޖެއްޔާ ދެނެގަނެވޭނެ ކަމަށެވެ. ދިގު އިންތިޒާރެކެވެ. އެހާ ބާރުގަދަ ބޭހެއް ކެއުމަށްފަހު ދަރިފުޅަށް ގެއްލުމެއް ނުވެއްޖެއްޔާ ނަސީބެކެވެ. އޭނަ ދުޢާކުރީ ރަނގަޅުގޮތެއް މެދުވެރިވުމަށެވެ. ދުނިޔޭގެ ކޮންމެ ކަމެއް ހިނގުމުގައި ހިކުމަތެއް، ސަބަބެއް، އަދި އިބުރަތެއްވެސް ވާނެއެވެ. ނިކަމެތި އިންސާނުންނަށް އެކަން ނޭގި، އަނދިރިކަމެއްގެ ތެރޭގައި ތިއްބަސް ކުޅަދުންވަންތަ ފަރާތުން ކޮންމެކަމެއް ރާވާފައިވަނީ އިލާހީ ފުރިހަމަ ގާނޫނުގެ މަތިންނެވެ.
ސޯފިޔާވެސް މިލީނާ ކައިރިން އިތުރު ވާހަކައެއް ނޭހިޔަސް މިލީނާ ހިމޭނުން ހުރުމުން ނުބައި ޝައްކުތަކެއް ކުރެވުނެވެ. ކުރީގައިވެސް މިހުރާން ދަރިއަކު ބޭނުންނުވާކަމަށް ބުނެ އެކަން މައްސަލައަކަށް ހެދިއެވެ. މިފަހަރުވެސް އެފަދަ ވާހަކަތަކެއް ދެކެވުނީކަން ޔަގީނެވެ. މިލީނާ ކާރުގެ ދޮރުފަތުގައި މޫނު ޖައްސާލައިގެން ބޭރަށް ބަލަހައްޓައިގެން އިންއިރު އެތައް ޚިޔާލުތަކުން ސިކުނޑި ގެނބުނެވެ. އޭނަ މިހުރާންއަށް ގުޅާފައި ބުނަން ޖެހޭނެ ހެއްޔެވެ؟ ބުނެފިއްޔާ މިހުރާން ވަގުތުން މާލެ އައިސްފައި އޭނައަށް އިންޒާރު ނުދޭނެ ހެއްޔެވެ؟ ދަރިފުޅު ވައްޓާލަން ދެން އޭނަ ކުރާނެކަމެއްވެސް އެނގެނީއެއް ނޫނެވެ. ނޫނެކެވެ. އޭނަ މިހުރާންއަށް ސިއްރު ކުރާނީ އެވެ. އެކަމަކު ސިއްރުކޮށްގެން ހުރެފައި އެނގުނު ދުވަހަކުން މިލީނާއަށް ދުނިޔޭގެ ދެކޮޅު ދައްކާލާނެ ކަންނޭގެ އެވެ. މިހުރާން ހާދަ އަނިޔާވެރިއެވެ. އެކުރީ ދުވަހަކު މާފުދެވޭނެ ކުށެއް ނޫނެވެ. އެކަމަކު މިލީނާ ހާދަ ހަނދާންވެއެވެ. އެހުރިހާ އަނިޔާތަކާއި އެކުގައިވެސް މިހުރާންގެ މަތިން ހަދާންވެފައި ހިތަށް ހާދަ އަސަރެއްކުރެއެވެ.
މިލީނާ އޭނަގެ މަންމަ ގާތުގައި އެ ޚަބަރު އަދި ސިއްރުކުރަން އެދުނެވެ. މިހުރާން ދަރިއަކު ބޭނުން ނުވާކަމަށާއި، އެނގިއްޖެއްޔާ އޭނަ މާލޭގައި ދުވަސްކޮޅަކަށް ވެސް ނުބަހައްޓާ ޔޫކޭއަށް ގެންދަން ޚިޔާލުކޮށްފާނެ ކަމަށް ބުންޏެވެ. ސޯފިޔާ އަކަށް އެ ޚިޔާލު ކަމަކު ނުދިޔައެވެ. ފިރިމީހާއަށް އެފަދަ ކަމެއް ސިއްރުކުރުމަކީ ރަނގަޅުގޮތެއް ނޫންކަމަށް ބުނެ މިލީނާއަށް ވިސްނައިދިނެވެ.
"މަންމާ، އަދި ދުވަސްކޮޅެއް ބޭނުން...." މިލީނާ ފުނާއަޅަން ފެށިއެވެ. މިހުރާން އޭނަ ދޫކޮށްލާފައި އެހެން އަންހެނަކާއި އެކީގައި އުޅޭކަން މަންމައަށް އެނގޭނެނަމަ މިހުރާން ދެކެ ފޫހިވާނެ ކަން ޔަގީނެވެ. އޭނަ މާލޭގައި ބަހައްޓާފައި މިހުރާން އެއުޅެނީ މީރާ އާއި އެކީގައި އަރާމު ގެއެއްގައެވެ. ދެމީހުން މި ފިނި މޫސުމްގައި އުޅެލާނެ އުފާވެރިކަން މިލީނާގެ ހިތަށް އަރާފައި ރޮވޭވަރުވިއެވެ. އޭނައަށް މިހުރާންގެ ހިތް ކާމިޔާބު ނުކުރެވުނީ ކީއްވެހެއްޔެވެ؟ އެންމެ ގިނައިން ހިތަށް އަރާ ސުވާލަކީ އެއީއެވެ. އެ ސުވާލުގެ ޖަވާބު އެއްގޮތަކަށްވެސް ނުލިބުނެވެ.
މިލީނާ އެކަނި ވުމުން ބަނޑުގައި ފިރުމާލީ ނިކަން ލޯބިންނެވެ. "ޒޯހަން" މިލީނާ ދަރިފުޅަށް ނަން ދިނެވެ. އޭނަގެ ބޭބީއަށް ނަން ދިނުމުގެ ހައްގެއް މިހުރާން އަކަށް ނުދޭނެއެވެ. ޒޯހަންއަކީ އެކަނި އޭނަގެއެވެ. އަންހެންކުއްޖަކަސް ފިރިހެންކުއްޖަކަސް އެ ދަރިފުޅަށް އޭނަ ކިޔާނެ ނަމަކީ ޒޯހަން އެވެ. މިލީނާ ޒޯހަން އާއި ވާހަކަ ދެއްކީ ލޯބިންނެވެ. ބައްޕަ އެހެން ކަންތައްކުރި ކަމުގައި ވިޔަސް ކޮންމެވެސް ޒަމާނެއްގައި ޒޯހަން ބޭނުންވެގެން އަންނާނެ ކަމަށާއި ބައްޕަ ދަރިފުޅު ދެކެ ލޯބިވާނެ ކަމުގައި މިލީނާ ބުނެލީ ހިނިތުންވެލަމުންނެވެ. ދަރިފުޅަކީ މިލީނާ ދެކުނު ގޮތުގައި ލެއްވި ރަހުމަތެވެ.
މިޝެލިންގެ ހަޔާތަށް އައި ވަރުގަދަ ތޫފާން އޭނަގެ ހަޔާތް އެފުށްމިފުށަށް ޖަހާލައިފި އެވެ. އަބަދު ހިނިތުންވައިގެން އުޅުނު މަލެއްފަދަ އަންހެންކުއްޖާ ހިތާމަކުރަމުން ގޮސް އަތްވަށް ހާމަވެފައިވާ ފިނިފެންމަލެއްފަދައިން މިލައިފިއެވެ. އޭނަ އިންނަނީ މުޅިން ގަނޑުވެފައެވެ. ދެރަވެފައި، ބަސްމަދުވެފައެވެ. ލޮލުގައި ކަރުނަ ގިނަވެފައެވެ. ފެންޑާގެ ތަބައް ލެނގިލައިގެން ދޮރާށްޓާއި ދިމާލަށް ބަލަހައްޓައިގެން އިންތިޒާރުގައި ހުރެވެއެވެ. ބެލްކަނީގައި ހުންނައިރު އެ ރީތި ދެލޮލުން ބޭގަރާރުކަމާއިއެކު ހޯދެނީ އެންމެ ފަރާތެކެވެ. ފޯނެއް އަޔަސް އޭނަގެ ކަންފަތް އެދިމާލަކަށް ހުޅުވައިލެވެނީ އެންމެ ވާހަކައެއް އަޑުއެހުމުގެ އުއްމީދުގައެވެ. ދުވަސްތައް ވޭތުވަމުން ދިޔަޔަސް މިޝެލިންގެ އިންތިޒާރަށް ބަދަލެއް ނާދެއެވެ. މިއަދުވެސް މިޝެލިން ދޮރު ކައިރީގައި ބުދެއްހެން ހުއްޓިލައިގެން ހުރިއިރު އޭނަ ގެ ދެލޯވަނީ ދޮރާއި ދިމާލަށް ހުއްޓިފައެވެ. މިޝެލިން ލައިގެން ހުރީ އިއްބާނުގެ ގަމީހެކެވެ. އެ ގަމީހުގައި ހިފާފައިވާ މީރުވަހުގެ ސަބަބުން މިޝެލިންގެ ހިތަށް ފިނިކަމާއި އެއްވަރަކަށް ނޭގޭފަދަ ރިހުމެއް ލިބިފައިވެއެވެ.
"ހީ ވިލް ބީ ބެކް......." މިޝެލިން އުއްމީދު ކަނޑައެއް ނުލައެވެ. މިޝެލިންގެ ފޯނު ރިންގުވާން ފެށިއެވެ.
"މަންމާ، ކީކޭ؟ " މިޝެލިން ފުން ނޭވަޔެއް ލިއެވެ.
"ދަރިފުޅާ، ގެއަށް އައިސްދީބަލަ، މީހަކު އިންތިޒާރުގައި އެބައިން...." ސޯފިޔާ އެހެން ބުނުމާއިއެކު މިޝެލިންގެ ހިތުގެ ތެޅުން އަވަސްވެ ފުންމައިގަނެވިއްޖެއެވެ. އިއްބާނު އޭނަ ސިއްސުވައިލަން އައީހެއްޔެވެ؟ މިޝެލިން ދުވަމުން ދުވަމުންގޮސް ގޭގެ ފަތްތަރު މަތިން އަރައިގެން ބޮޑުކޮޓަރިއަށް ވަދެވުމާއިއެކު މާޔޫސްކަމުގެ ހިޔަނިން މޫނު ބަނަވެއްޖެއެވެ. އޭނަގެ އިންތިޒާރުގައި އިނީ ހީކުރިމީހާއެއް ނޫނެވެ. އެއީ ބޮޑުދައިތަ އާމިރާ އާއި ރާހިލް އެވެ. ރާހިލް އަތްދިގު ގަމީހަކާއި، ކަޅު ޖިންސެއްލައިގެން ހުރިއިރު ސްމާޓެވެ. ކުޑަކޮށް ތުބުޅީގެ އަސަރު ހުރުމުން ފިރިހެންވަންތަ ކަމާއި، ވަރުގަދަ ޝަޚުސިއްޔަތެއް ލިބިފައިވެއެވެ.