"ބެން... ވަރުބަލިވެފައިތަ؟ އެއްޗެއް ކާނަންތަ ޑާލިން........" އިއްބާނުގެ އެ ޖުމްލަ އަޑުއިވުނު ކަމަކަށް ނަހަދާ މިޝެލިން އަހައިލީ އެހެން ވާހަކަ އެކެވެ.
"ނޫން، ހިގާ ރޫމަށް ދާން، އަހަރެންގެ އެންޖެލް މަތިން ހަދާންވާވަރުން ހުރެވުނީއެއް ނޫން......" އިއްބާނު ވެސް އެކުޑަ ނޭފަތުގައި ހިފާލާފައި ކަންފަތް ދޮށުގައި މަޑުމަޑުން އެއްޗެކޭ ބުނެލައިފި އެވެ. މިޝެލިން ރަކިގޮތަކަށް ހީލިއިރު މުޅި މޫނަށްވަނީ މަޑު ރަތްކުލައެއް އަރާފައެވެ. އިއްބާނު އިރުކޮޅަކަށް ރަފާއިލްގެ މަތިން ހަދާންނައްތާލަން ގަސްތުކުރިއެވެ. އެހެންނޫނަސް އޭނަގެ މިޝެލިން އެހެން މީހަކާއި ގުޅުމެއް ބާއްވަފާނެ ކަމަށް ޝައްކެއް ކުރާކަށް ނުޖެހޭނެއެވެ. އޭނަ މިޝެލިންއަށް ކިތަންމެ ވަރަށް އިތުބާރު ކުރިޔަސް ބައެއްފަހަރު ކަންބޮޑު ވަނީ އެކުވެރިންގެ ހުންނަ ގޮތަކުންނެވެ. އެހާ ލާނެތްކަން ބޮޑުވާނެއެވެ. އެހެންނޫނަސް އޭނަގެ ފުރާނަފަދަ ލޯބިވާ ކުއްޖާގެ ފުރިހަމަކަމުން ހިއްސުތައް ހަމަޔަށް ހުރި ފިރިހެނަކަށް އަސަރުނުކޮށެއް ނުދާނެއެވެ. އެކުވެރިންނަށް ވެސް މިޝެލިންގެ ރީތިކަމުގެ ސިހުރު ޖެހިދާނެ ކަމެވެ.
ދެމީހުން އެތަނުން ތެދުވެގެން ހިނގާލާފައި ދިޔައިރު މިޝެލިން ކަނައަތުން އިއްބާނުގެ އަތުގެ މުލައްދަނޑީގައި އަތް އަޅުވާލައިގެން ހުރެ، ވައަތުން އިއްބާނުގެ އަތްތިލައިގައި ވެސް ހިފަހައްޓާފައިވާ ގޮތުން ލޯބި ރަމްޒުކޮށްދެއެވެ. އަދި އިއްބާނުގެ މޫނަށް ބަލަހައްޓައިގެން ހުރީ އެހާ ލޯބިންނެވެ. ހީވަނީ އެކަކު އަނެކަކަށްޓަކައި ހައްދަވާފައިވާހެންނެވެ. ކޮންމެވެސް ދިމާލެއްގައި އެމަންޒަރު ބަލަން ރަފާއިލް ހުރީ ހަލާކުވެފައިވާ ހިތަކާއި އެކުގައެވެ.
އިއްބާނު އާއި މިޝެލިން ކާކޮޓަރިއަށް ވަންއިރު ދެޒުވާނުންވެސް ތިބީ ހުދު ޓީޝާޓާއި، ނޫ ޖިންސްގައެވެ. މިޝެލިން އިއްބާނުގެ ކޮންމެ ކަމެއް ކޮޕީކޮށްލާ ހިތްވަނީއެވެ. ހެދުމުން ފެށިގެން ބޫޓުވެސް އެގޮތަށް ލާން މިޝެލިން މަސައްކަތް ކުރެއެވެ. މާބޮޑަށް މީހެއްގެ ހިތް ފަރާތަކަށް ދެވިއްޖެއްޔާ އެމީހާ ކުރާކޮންމެ ކަމެއް ނަކަލު ކުރަން އުޅެވޭނެއެވެ. އިއްބާނު ކޮފީހަދަން ވެގެން އުޅެގަތްއިރު މިޝެލިން ހުރީ ފްރިޒް ހުޅުވާލައިގެންނެވެ. އޭނަ އަނގަޔަށް ގަޑުފެންގަނޑެއް ލާފައި ފިނިވެގެން ތެޅިގަތުމުން އިއްބާނު ހޭންފެށިއެވެ.
"ބެން ބުންޏެއްކަމަކު ކިހިނެއް ޕްރެކްޓިސް ކުރާނީ، ދޫ ފިހިއްޖެ...." މިޝެލިން ގޮސް އިއްބާނުގެ އަނގަޔަށް ގަނޑުފެންކޮޅު ލައްވަދިނީ އަނގައިން އަނގަޔަށެވެ.
"ބޭބީވެސް ރޮމެންޓިކް ކަން، އެކަމަކު އަދި އެއްފަހަރު ޓްރައިކޮށްބަލަ......." މަޖަލަށް ގަނޑުފެންގަނޑު ބަދަލުކުރަމުން ދިޔައިރު ދެމީހުންގެ އަނގަމަތި ތެމިފައިވެއެވެ. ރަފާއިލް ޖިންސްގެ ޖީބަށް އަތް ޖަހާލައިގެން ފިރިހެންވަންތަ ހިނގުމެއްގައި އައިއިރު އެއްގޮތަކަށްވެސް މިފަދަ މަންޒަރެއް ފެނިދާނެކަމަކަށް ހިޔެއްނުކުރެއެވެ. ގަނޑުފެނުންވެސް ލޯބިވެރިން ކޮންމެފަދަ ސަކަރާތެއް ޖަހާލަފާނެއެވެ. ދޮރުމަތީގައި އިރުކޮޅެއްވާންދެން ބަލަން ހުރިއިރު އޭނަ ހުރީ ނުރުހިފައެވެ. މިޝެލިންގެ ތުންފަތުގައި ޝަބްނަމް ވިދާފަދައެވެ. ހާދަ ނަލައެވެ.
"ބެން، މިއީ ބެޑްރޫމެއް ނޫނޭ، ކޮންޓްރޯލް ކޮށްބަލަ ރޫމަށްވަދެ ތަޅުލެވެންދެން.........." ރަފާއިލް ސަމާސާ އަކަށް ހަދާލާފައި ބުނެލިޔަސް ހިތާ ހިތުން އަލިފާންވިއެވެ. އަތް ކުޑަކޮށް ވިޔަސް މުށްކެވުނެވެ.
ރަފާއިލް މިޝެލިން އާއި ކައިރިން ލާފައި ދިޔުމުން ދުވި މީރުވަހުން ސެންޓް ފިހާރައެއްގައި އުޅެވުނުހެން ހީވެއެވެ. ރަފާއިލް ސިއްރު ނަޒަރަކުން މިޝެލިންގެ ރީތި މޫނަށް ބަލާލައިފި އެވެ. ކަޅުކަން ގަދަ ދެލޮލުގެ ކުލަ އިތުރަށް ފަވާލާފައިވަނީ އަނދުނުންނެވެ. އެލޮލުގައިވާފަދަ ތޫނުކަމެއް އެހެން ކުއްޖަކަށް ލިބިފައެއް ނުވާނެއެވެ. އެހާވެސް ވިދުންގަދައެވެ. ރަފާއިލްގެ ގައިން ހީބިހި ހަލުވައިލި އެވެ. މިޝެލިން ފެނުމުން އޭނަގެ ހިތަށް އެވަނީ ކޮންފަދަ ގޮތެއް ހެއްޔެވެ؟ އެދެމީހުން އެކީގައި ފެނުމުން ހިތް ހަލާކުވެ، މޮޔަވާވަރުވެއެވެ. އަމިއްލަ ނަފުސަށް ބާރު ފޯރުވޭނީ ކިހާ ދުވަހެއްވާންދެން ހެއްޔެވެ؟
ރަފާއިލް މިޝެލިން ނިދާލާފައި އޮތްވާ ބަލަން ދާދި ކައިރީގައި ހުއްޓިލައިގެން ހުރިއިރު އެ ލޮލުގެ އެސްފިޔަތަކުގެ ފަހަތުގައިވާ ކަރުނަތައް ހީވަނީ ކޮންމެ ވަގުތަކުވެސް އޭގެ މަގާމު ދޫކޮށްލާފައި ފައިބައިގެންފާނެހެންނެވެ. ބާލީސްމަތީގައި ފެތުރިފައިވާ އިސްތަށިގަނޑަށް އޮތީ ރަތްކުލައެއް ވެރިވެފައެވެ. ތުންފަތް ފިނިފެންމަލެއްގެ ފިޔަފަދައިން އޮމާނެވެ. މުޅިރޭގަނޑު އެ މޫނުގައި ބޮސްދީފައި، އޭނަގެ އަތުގެ ތެރޭގައި އެ ބުދެއްފަދަ މިޝެލިން ގެންގުޅެލަން ހިތަށް އެރުވުމުންވެސް ހީވީ ހަށިގަނޑުގައި އަލިފާން ހިފިހެންނެވެ. ހުރިހާ ނާރެއްވެސް ހަލަބޮލިކުރުވިއެވެ. ރަފާއިލް ތުންފަތުގައި ބާރަށް ދަތްއަޅާލިއެވެ.
"އަހަރެންގެ ފުރާނަޔާ، ބުނެބަލަ ކިހިނެއް އަހަރެން ކެތްކުރާނީ....." ރަފާއިލްގެ ހިތް ބޭގަރާރުވިއެވެ. މިޝެލިން އަރާމު ނިންޖެއްގައި އޮތްއިރު އެހެންމީހަކު އެކަމުގެ ނާޖާއިޒު ފައިދާ ނަގާފާނެ ކަމަކަށް މިޝެލިން ހިޔެއްނުކުރެއެވެ.
ބާބެކިއު ހަދަން އާއިލީ ބައެއް ޒުވާނުން ފަޅުރަށަށް ދިޔަ ދަތުރުގައި އިއްބާނު އާއި މިޝެލިން ބައިވެރިވި އެވެ. ފުރަތަމަ އެންމެން އުޅުނީ މޫދަށް އެރިގެން ބޯޅަކުޅުމާއި، އެހެން ކުޅިވަރުތަކުގައެވެ. ޒުވާނުންތަކެއް ބީޗް ވޮލީ ގޭމެއް ކުޅެން ތިބިއިރު އިއްބާނު އާއި މިޝެލިން އުޅުނީ އެމީހުންގެ އަމިއްލަ ދުނިޔެއެއްގައެވެ. ވެލިގަނޑުމަތީގައި ތިބެ ސަކަރާތެއް ޖަހަމުން ގޮސް މިޝެލިންގެ ފަޔަށް ތަދެއް އެރިއެވެ.
"ދެން ނުހިނގޭނެ..." މިޝެލިން ކޮރެއް ޖަހަމުން ތެދުވެ އިއްބާނުގެ އަތުގައި އެލިގަތެވެ. ރަފާއިލް ވޮލީކުޅެން ހުއްޓަސް ހިތްވަނީ މިޝެލިން އާއި އެކުގައެވެ. ސިއްރުން ވެސް އެ ދިމާލަށް ބެލެމުން ދިޔައެވެ.
"އަހަރެން ދީފާނަން ޕިގީބެކް ރައިޑެއް....." އިއްބާނު މިޝެލިންގެ ކޮލުގައި ހިފައިލި އެވެ. މިޝެލިން އިއްބާނުގެ ކޮނޑުގައި ބައްދާލައިގެން އޮތްއިރު އިއްބާނު މިޝެލިންގެ ދެފައިގައި ހިފަހައްޓާލާފައިވި އެވެ. އިއްބާނު ދޮންވެލިގަނޑުގެ މައްޗަށް ފިޔަވަޅުގެ ނިޝާން ދޫކުރަމުން ހިނގާލާފައި ދިޔައިރު ހީވަނީ އަންހެންކުއްޖެއްގެ ބަދަލުގައި ބުދެއް އޭނަގެ ކޮނޑަށް އަރާއޮތްހެނެވެ. އެހާވެސް އިއްބާނު ހުރީ ހަމަޖެހިލައި ގެންނެވެ. އިއްބާނު އައްސޭރިފަށުގައި ހިނގާލާފައި ދުރަށް ދާތަން ފެނުމުން ރަފާއިލް ބޯޅަކުޅުން ހުއްޓާލާފައި މޫދާއި ކައިރިއަށް ޖެހިލި އެވެ.
"މިއީ ކޮންކަހަލަ ކަމެއްތަ؟ ޝެލްވެސް އަހަންނަށް ދައްކަން މި ޑްރާމާތައް ކުޅޭނަމަ އަހަންނަށް ފިލާވަޅެއް ދޭން ޖެހިދާނެ.. އަހަރެން މޮޔަވީތަ؟ ޝެލް ނޫން ކުއްޖެއް ދެކެ އަހަރެން ލައިކް ނުވީ ކީއްވެތަ؟ މިއޮތް ބޮޑު ދުނިޔެއިންވެސް އެހެން ގާލްއަކަށް ހިތް ނުކިޔައިގެން އުޅެނީ ކީއްވެތަ؟ ޝެލް ނުލިބި އަހަންނަށް ދުނިޔޭގައި ނޫޅެވޭނެ، އަހަރެން ވެސް ވާނީ ނާކާމިޔާބު ލޯބިވެރިންގެ ލިސްޓުގައި ކަންނޭގޭ، މި ލޯބީގެ ނިމުން އެނގޭނެނަމަ.... އައި ހޭޓް ދިސް........." ރަފާއިލް ކޮލުގެ ކަށިގަނޑަށް ގެނައި ހަރަކާތުންވެސް އޭނަ ރުޅިއައިސްފައި ހުރިވަރު ހާމަވިއެވެ. ނުބަލަން ހުއްޓަސް ބެލެނީ އެމީހުންގެ ހަރަކާތްތަކަށެވެ. ރަފާއިލް މޫދުގެ ލޮނުގަނޑުގައި ފައިން ޖަހާލުމުން ލޮނުތައް ބުރުއްސައިގެން ދިޔައެވެ. ފަނަރަވަރަކަށް މިނިޓްވަންދެން ހިނގާލަން ގޮސްފައި އިއްބާނު މިކޮޅަށް އައިއިރުވެސް މިޝެލިން އޮތީ ކުޑަކުއްޖެއްހެން ކޮނޑުގައި އަރާމުވެލައިގެންނެވެ. އިއްބާނު އަރާހަމަވުމުން ރަފާއިލް އިއްބާނު ކައިރީގައި ޓެންޓްތައް ޖަހަން ދާން އެދުނެވެ.
މިޝެލިންއަށް ކޮންމެވެސް ވަރަކަށް ފަތަން އެނގޭތީ އޭނަ މޫދަށް ވަރަށް ފޯރިހުއްޓެވެ. އެހެންކުދިންނާއިއެކު މޫދަށް އެރިގެން ތަންކޮޅެއް ދުރަށް ދިޔައިރު އެއީ އޮއިގަދަ ހިސާބެއްކަމެއް އެކުދިންނަކަށްވެސް އެހާ ރަނގަޅަށް އޮޅުމެއްނުފިލައެވެ. ރާޅުތައް އެހާ ބޮޑެއް ނޫނެވެ. އިސްކޮޅުނުކާ ހިސާބަށްދެވުނީ ކުއްލި އަކަށެވެ. އޮޔާއި ބޭރަށް ދަމަން ފެށުމުން ހުރިހާ އަންހެންކުދިން ހަޅޭއްލަވައިގެންފައި އެއްގަމުގައި ތިބި ޒުވާނުންނަށް އަތުން ހަނާ އަޅަންފެށިއެވެ. އެ މަންޒަރު ފެނުމާއި އެކު އެންމެން އެދިމާލަށް ފަތައިގަތީ ސީބެޑާއި، އެއްޗެހި ހިފައިގެންނެވެ. އޭރު އިއްބާނު އާއި ރަފާއިލް އަދި އެހެން ދެތިން ކުއްޖަކު އުޅުނީ ޓެންޓް ޖެހުމުގައި ކަމުން އެމީހުންނަކަށް މޫދުގައި ހާދިސާއެއް ހިނގައިގެން އުޅޭކަމެއް ނޭގުނެވެ.
އެންމެ ކުރިން އެހިސާބަށް ދިޔަ ޒުވާނުންވެސް ހާސްވީ މިޝެލިންއަށް ލޮނުބޮވި، ހާލު ދެރަވެފައިވާތީއެވެ. ނޭވާލާހެނެއްވެސް ހިޔެއްނުވެއެވެ. އެމީހުން މިޝެލިން ގެނެސް ގޮނޑޮދުށުގައި ބޭއްވިއިރު މިޝެލިން އޮތީ ދެލޯމެރިފައެވެ. އަޑުގަދަވެގެން ރަފާއިލް އާއި އިއްބާނުއަށްވެސް ދުވެލާފައި އެތަނަށް އާދެވުނުއިރު މިޝެލިން ކިރިޔާ ދުނިޔޭގައި އޮތްކަމެވެ.
"ކުޑަކޮށް ޕަލްސް އެބަހުރި އެކަމަކު ނޭވާ ލާކަމެއް ނޭގޭ...." ޒުވާނަކު ގުދުވެ އަތުގެ ވިންދު ބަލާލި އެވެ.
އިއްބާނު ދޮންވެލިގަނޑު މައްޗަށް ތިރިވަމުން މިޝެލިންގެ ގައިގައި ހިފައިގަނެގެން ތަޅުވައިގަންނަމުން މިޝެލިންއަށް ގޮވިއެވެ. އޭރު އިއްބާނުގެ ލޮލުގައި ކަރުނައިގެ މުތީތައް ވިދަމުން ދިޔައެވެ. ރަފާއިލް އިއްބާނު ދުރަށް ޖައްސާލާފައި ވަގުތުން ސީޕީއާރު ދޭންފެށިއެވެ. އިރުކޮޅެއް ނުވަނީސް މިޝެލިންގެ ނޭފަތުންނާއި، އަނގައިން އައި ފެނާއި އެކު ހޮޑުވެސް ލެވިއްޖެއެވެ. ކަންބޮޑުވެފައި އެރީތި ދެލޯ ހުޅުވައިލާފައި ވަށައިގެން ހޯދައިލުމާއިއެކު އެތައް ލޯތަކެއް އަމާޒުވެފައިވާކަން އެނގުނެވެ.
"ތޭންކް ގޯޑް، ތޭންކް ގޯޑް...... ބޭބީ އޯކޭތަ؟ އެއްވެސް އުދަގުލެއްވޭތަ؟" އިއްބާނު މިޝެލިން ނަގައި މޭގައި ޖައްސާލައިގެން އިންއިރު އިއްބާނުގެ ލޮލުން އޮހެމުން ދިޔަ ކަރުނައިން މިޝެލިންގެ ކޯތާފަތް ތެމެމުން ދިޔައެވެ. އޭރުވެސް މިޝެލިން ކެއްސަމުންދިޔައީ ނޭވާލާން އުދަގޫވެފައިވާ ގޮތަކަށެވެ. މިޝެލިން އިއްބާނުގެ މޭގައި ބޮނޑިވެލާފައި ދެލޯމަރާލަމުން ރަނގަޅޭ ބުނެލިއެވެ. ލޯންޗުގައި މާލެ ދިޔުމަށްފަހު ވެސް އިއްބާނު އެންމެ ފަހަރަކުވެސް މިޝެލިންގެ އަތުން ދޫކޮށެއްނުލައެވެ. އޭނަ ކުށްވެރި ކުރީ އަމިއްލަ ނަފުސެވެ. ފަރުވާކުޑަކޮށްލެވުނީ އެވެ. މިޝެލިންވެސް އެކަނި މާ ދުރަށް ދިޔައީ އަމިއްލަ ނަފުސާއި މެދު އަޅާނުލީއެވެ. އިއްބާނު ހެއްދެވިފަރާތަށް އެތައް ފަހަރު ޝުކުރުވެރިވި އެވެ. މިޝެލިންގެ ސަލާމަތާއި މެދު ފަރުވާކުޑަ ނުކުރަން އޭނަ އަޒުމްކަޑައެޅިއެވެ.
ހޮސްޕިޓަލުގައި މިޝެލިން އޮތްދުވަހު މިޝެލިންގެ ހިތުގެ މައްސަލައެއްވާކަން ޒަހުރާން ޔަގީން ކޮށްދިނެވެ. އެއީ މާ ބޮޑުކަމެއް ނޫންކަމަށް ޒަހުރާން ބުނެދިނަސް އިއްބާނު ހުރީ ދެރަވެފައެވެ. މިޝެލިން ދެކެވާ ލޯބި ކުރިއަށްވުރެ އިތުރުވެ، ކުރިއަށްވުރެ ބޮޑަށް އަޅާލެވެން ފެށީވެސް އެކަމުގެ ސަބަބުންނެވެ. މިޝެލިން ފެންވަރުވާލާފައި، ބޯ އޮމާންކޮށްލަ ދިނުންފަދަ ކަންތައްވެސް ކޮށްލަދެނީ އިއްބާނު އެވެ. ކުޑަކުޑަ ކަންތަކެއް ކޮށްލަދެވުނީމަވެސް އިއްބާނުގެ ހިތަށް ފިނިކަމެއް ލިބެނީ އެކަންތަކުން މިޝެލިން އުފާވާވަރު އިހުސާސް ކުރެވޭތީ އެވެ. ދެމީހުންވެސް ހަޔާތުގެ ހުރިހާ އުފާތަކެއް އެކަކު އަނެކަކުގެ އުނގަށް އޮއްސަމުން ދިޔައީ މުޅި އާއިލާގެ ތެރޭގައި ވެސް މަޝްހޫރު ދެލޯބިވެރިންނަށް ވަމުންނެވެ. މިސާލު ޖެހޭހާވެއެވެ.
ރަފާއިލްގެ ވަށައިގެން ވާ ކަމަކާއި މެދު ފަރުވާލެއްނެތި އާޓިފިޝަލް ބީޗްގެ ހިލަގޮނޑިއެއްގައި އިށީދެލައިގެން އިންއިރު އޭނަގެ ޚިޔާލުގައި ވަނީ އެކަނި މިޝެލިން އެވެ. އެ ރީތި ކުއްޖާ މިލްކު ކުރާނެ ގޮތަކާއި މެދު ވިސްނުން ނޫންކަމެއް ރަފާއިލް އަކަށް ނުކުރެވެއެވެ. މިޝެލިންގެ ހިތުން ޖާގައެއް ހޯދަން ހަދަންވީ ގޮތަކާއި މެދުވެސް ވިސްނެނީ އެވެ. އިއްބާނު އާއި މިޝެލިންގެ އުފާވެރި ކަމާއި، އެކީގައި އުޅޭލެއް ލޯބިކަން ފެންނަނީ އޭނަގެ ދެލޮލުންނެވެ. އެހާ އުފާވެރި ބަޔެއްގެ ދޭތެރެއަށް ވަނުމަކީ އިންސާފަކަށްވެސް ނުވާނެއެވެ. ނަމަވެސް އަމިއްލަ ދިރިއުޅުން ހަލާކުކުރުމަކީ އިންސާފެއްބާވައެވެ.
ރަފާއިލް ނިތްކުރީގައި ފިރުމައިލުމުން ވާންވެފައިވާ ނާރުތަކަށް ލުޔެއް ލިބުނުހެން ހީވިއެވެ. ރަފާއިލްގެ ޚިޔާލުތަކުގެ ތެރޭން ނިކުމެވުނީ ތަންކޮޅެއް ކައިރިން ޅަ އަންހެންކުދިން ތަކެއްގެ ހުނުމުގެ އަޑު އިވުމުންނެވެ. ސާދަ ފަނަރަ އަހަރުގެ އެކުދިންކޮޅުގެ ނަޒަރު ހުއްޓިފައި ވަނީ އޭނަ އަށެވެ. ރަފާއިލް ތެދުވެގެން ދާން ހިނގައިގަތުމުން އެކުދިން އޭނަ އާއި ބެހިލަންވެގެން އެއްޗެކޭ ކިޔާލިއެވެ.
ޒަހުރާން ހުރީ އެއްގޮތަކަށްވެސް ޒިލާ އާއި އެއްބައިވެގެން ދަރިފުޅު ނައްތާލާފަދަ މޮޔަ ޚިޔާލެއްގައެއް ނޫނެވެ. ފަހުން އެކަމާއި މެދު ގޮތެއް ނިންމާނީ ކަމަށް ބުނެފައި ޒަހުރާން ޒިލާގެ ހިތްހަމަޖައްސާލަދިނީ އަދި އެހެން ގޮތަކުން ޒިލާގެ ވިސްނުން އަނބުރައިލުމުގެ މަގުސަދުގައެވެ. ޖެހިގެން އައި ދުވަހު ޒިލާ އާއި ޒެފަން ގޮވައިގެން ޒަހުރާން ރިޒޯޓަކަށް ދިޔައީ ޒިލާގެ ހިތް ބޭނުންވާ ކަމެއް ކޮށްލަދިނުމުގެ ނިޔަތުގައެވެ. އެ ރިޒޯޓުގައި އުފާވެރި ތިންދުވަސް ހޭދަކޮށްލާފައި އައުމަށްފަހު ޒަހުރާން ހީކުރީ ޒިލާ އެކަން ހަދާން ނެތިދާނެކަމަށެވެ. އޭނަގެ ފަރާތުން އަޅާލުމާއި، ލޯބި ލިބެން ފެށުމުން ކެތްކުރާނެ ކަމުގައެވެ. މާލެ އައުމަށްފަހު ޖެހިގެން އައިރޭ ޒެފަން ނިދުމުން ޒަހުރާން ޒިލާ ބޭނުންވިފަދައިން އުއްބައްތީގެ އަލީގައި ރޭގަނޑު ކެއުމެއް ދިނެވެ. ކާރު ދުއްވާލަން ގެންދިޔައެވެ. ގެއަށް އައުމަށްފަހު ޒިލާ ނިދާހެދުން ލައިގެން ނިދަން ތައްޔާރުވިއެވެ.
"ރެއިން، މިހާރު ވީކެއް މިވީ، މާ ދުވަސް ވެއްޖެއްޔާ އެބޯޓް ކުރަން އުދަގޫވާނެ، އަސްލުވެސް މިހާ އުދަގޫކަމެއް ދިމަލެއް ނުވާނެ، ޑިޕްރެޝަންއަށް ވެސް ގޮސްދާނެ، އައިމް ރިއަލީ ސްކެއާޑް.... ހިގާބަލަ މާދަން ބޭސް ގަންނަން......" ޒިލާ އުއްމީދުން ފުރިގެންވާ ގޮތަކަށް ބުނެލިއެވެ. އޭރު ޒަހުރާން ވެސް ޒިލާގެ ގާތުގައި އިށީދެ މަޑުމަޑުން ގަޔާއި ކައިރި ކޮށްލިއެވެ. ޒަހުރާން ޒިލާގެ ހުޅިއެއްޖަހާފައިވާ އިސްތަށިގަނޑު ނިއުޅާލުމުން ފަނޑު ފެހި އަލިކަމުގެ ތެރެއިން ޒިލާ ފެނުނީ ބަލާބަލާ ފޫހިނުވާހާ ރީތިކޮށެވެ. ޒަހުރާން އެ ވާހަކައަކަށް ސަމާލުކަމެއް ނުދީ ޒިލާ ގެނެސް އަތުތެރެއަށް ލުމުން އެ ވާހަކަ އެވަގުތަށް ބާއްވަން ޒިލާއަށް މަޖުބޫރުވިއެވެ. އެކަމަކު ޒިލާއަށް ވިސްނުނީ ޒަހުރާން އޭނައަށް އޮޅުވައިލަން އުޅޭކަމެވެ. ޒަހުރާންގެ ލޯތްބާއި، އަޅައިލުމުގެ ސަބަބުން އޭނަ މިޖެހުނީ ގުރުބާންވާން ހެއްޔެވެ؟ އެހެން ހެދޭނެ ގޮތެއް ޒިލާ އަކަށް ނުވިސްނެއެވެ.
ޒަހުރާން ޒިލާ ބޭނުންވާހާ ކަމެއް ކޮށްދިން ނަމަވެސް ޒިލާގެ ޚިޔާލު ބަދަލުވާ ގޮތެއްނުވިއެވެ. އަދި ޒަހުރާން ދުލުން ނުބުނިކަމުގައި ވިޔަސް އޭނަ އެއްގޮތަކަށް ވެސް ދަރިފުޅު ނައްތާލަން އެއްބަސްނުވާނެކަން ޒިލާގެ ވިސްނުމުން ދެނެގެންފިއެވެ.
އިރުވައި މޫސުމްގެ ކޮންމެ ދުވަހެއްވެސް އެހާ ރީތިވެފައި ބާރު ވައިރޯޅިތައް ޖެހޭކަން ފާހަގަ ކުރެވެއެވެ. ބަގީޗާ ކިތަންމެ ކުޑަޔަސް އެހިސާބަށް ހީވަނީ ޚަރީފުމޫސުމް އައިސްފައިވާ ހެންނެވެ. ޒަހުރާން ޒިލާ އާއި އެކު ކައިގެން ފެންޑާގައި ތިބިއިރު ހެޔޮވަރަކަށް ވައިޖެހި އެދިމާލަށް ބިންމައްޗަށް ވެރިފައިވާ ފަތްތައް ފަރާތްފަރާތަށް ބުރުއްސައިގެން ދާތަން ފެނުނެވެ. ޒިލާ އަނގަޔަށް ސުޕާރީކޮޅެއް ލައިގެން ހުރެފައި ދުފީމަ ބޭބީއަށް ގެއްލުންވާނެހޭ އަހާލީ މަޖާކޮށް ހިނިއައިސްފައި ހުރެއެވެ.
"ޒިލް ބޭބީ ބޭނުންވީތަ އަނެއްކާ...." ޒަހުރާން ސުވާލު ކުރީ ޒިލާގެ ހިތުގައިވާ އެއްޗެއް ރަނގަޅަށް އެނގިހުރެއެވެ. އެ ވާހަކަ ޒުވާބަކަށް ހަދަން ޒިލާ މަސައްކަތް ކުރާތާ ކޮން ދުވަހެއް ހެއްޔެވެ؟
"ރެއިން، ތިގޮތަށް އަހަރެން ޓެސްޓް ކުރަން އުޅެނީ ކީއްވެތަ؟ އަހަރެން ރީއްޗަށް ބޭނުންވާގޮތް ބުނެފިން، މިހާބޮޑު އުދަގުލެއް އުފުލަން ނުޖައްސަބަލަ ރެއިން... ކިތައްފަހަރު އާދޭސްކުރަންވީ، ދުވަހަކުވެސް ރެއިން ކަމެއްކޮށްދެންޏާ އަހަންނަށް މިކަން ކޮށްދީ، ޕްލީޒް....." ޒިލާ އައިގޮތަށް އެތާ އަޅާފައިވާ މާބްލްމަތީގައި ކުޑަކަކޫ ޖަހައިލަމުން ޒަހުރާންގެ އުނގުގައި ބޯ އަޅާލައިފި އެވެ. ޒަހުރާން ޒިލާގެ ބޮލުގައި ފިރުމާލާފައި މިރޭވެސް ބުނެދިނީ ދީނުގައި އެކަމުގެ ހުކުމް އޮންނަ ގޮތާއި، ރާއްޖޭގެ ގާނޫނުގައި ވެސް މަނާކަމެއް ކަމަށެވެ. ގާނޫނު މަނާކަމެއްވެސް އޭނަ ކުރަން އެހާ ޖެހިލުމެއްނުވާކަމަށާއި، އެކަމަކު ހެއްދެވިފަރާތުގެ އެންގެވުމަކަށް ދެކޮޅު ހަދަން ނުކެރޭނެ ކަމަށް ބުނެލި އެވެ.
ޒިލާ ގިސްލަ ގިސްލާފައި ރޯންފެށިއެވެ. އާދޭސްކުރަން ފެށިއެވެ. ޒަހުރާންގެ ޖިންސް ތެމެންފެށީ ޒިލާގެ ކަރުނަތަކުންނެވެ. އެންމެ ފަހަރަކު ދީނާއި ދެކޮޅަށް ކަމެއްކޮށްލިޔަސް ރަނގަޅުވާނެ ކަމަށް ބުނެ އެ ކަރުނަތަކުން ޒަހުރާންގެ ހިތަށް ރަހުމް ވަންނާނެކަމަށް ޒިލާ ހީކުރިއެވެ.
"ތިހާވަރަށް އާދޭސްނުކޮށް އަހަރެން މިބުނާ އެއްޗެއް އަޑުއަހާ ޒިލް، އަހަރެންވެސް ގަސްތުގައި ޒިލްއަށް އުދަގުލެއް ނުޖައްސާނެ އެއްނު، މި ޕްރެގްނެންސީގައި އެއްވެސް އުދަގުލެއްނެތި ސްމޫތްކޮށް ހުރިހާ ކަމެއް ހިނގައިދާނެ، އަހަރެން ޒިލް އުފުލާ ކޮންމެ ބުރައެއްގައި އެހީތެރިވާނަން، ހުރިހާ ސަޕޯޓެއް ދޭނަން، އެވަރުންވެސް ޒިލް ބޭނުމީ ނޫނިއްޔާ އަހަރެން ކޮންމެވެސް ޑިސިޝަނެއް ނަގާނަން، އޯކޭއެއް ނު ދޯ........" ޒަހުރާން ޒިލާގެ އިސްތަށިގަނޑުގައި އިނގިލި ތަކުން ފިރުމަމުން އެހާ ރީތިކޮށް ވާހަކަދެއްކުމުންވެސް ޒިލާ އޮތީ ކުރިމަތިލާން ޖެހިފައިވާ ދުވަސްތައް ދެކެ ނަފްސާނީ ގޮތުން ބިރުގެންފައެވެ.
މީހަކަށް ފެނިގެން ސުވާލު ކުރިމަތިވެދާނެތީ ޒަހުރާން ޒިލާ ގޮވައިގެން ކޮޓަރިއަށް ގެންދިޔުމުންވެސް ޒިލާ ބޮޑާ ހާކާލާފައި ރުއީއެވެ. ޒިލާ ބާލީހުގައި މޫނު ޖަހައިގެން އޮންނަން ފެށުމުން އެންމެ ފަހުން ޒަހުރާން ލެޕް ހުޅުވާލައިގެން އިނދެ ކޮމެޑީ ފިލްމެއް ބަލާންފެށިއެވެ. ޒިލާ ވަރުބަލިވާން ފެށުމުން ބާލީހުގައި ބައްދާލައިގެން އަނެއް ފަރާތަށް އެނބުރުމާއި އެކު ފެނުނު ތަންކޮޅަކުން އަޑު ވީއްލާ ހީގަނެވިއްޖެއެވެ. ނުހޭން އޮތަސް ހަމަ ހެވުނީއެވެ. ވަގުތީ ގޮތުން ޒިލާއަށް ދިމާވެފައިވާ ކަންތައް ހަނދާން ނައްތާލެވިއްޖެއެވެ.
އެލީސާ ދޮރުފޮތިގަނޑުގެ ނިވަލުގައި ހުރިއިރު ހައިތަމް އާއި ރަފާއިލް އާއި ދެމެދު ދެކެވުނު ވާހަކަތައް ކިތަންމެހާވެސް ރީތިކޮށް އިވުނެވެ. އެލީސާ ހީކުރި ގޮތަށް މާޒީގެ ހިޔަނި އެމީހުންގެ ދިރިއުޅުމަށް "ރަފާއިލް" ގެ ސިފައިގައި އެޅުނީ އެވެ. ރަފާއިލް އެހެރީ އޭނަގެ ހަޔާތަށް ވިހަލާން އައިސް ކަންނޭގެ އެވެ. ނަމަވެސް ހަގީގަތް އެނގުމަށްފަހު ކޮންމެވެސް ވަރަކަށް ރަފާއިލް އާއި މެދު ހަމްދަރުދީވެ، ކުލުނު ވަދެއްޖެއެވެ. ލޭގެ ގުޅުން އޮތީމަ އެހެން ނުވާންވީ ކީއްވެހެއްޔެވެ؟ އެހެންނޫނަސް ރަފާއިލްގެ އޮތީ ކޮން ކުށެއްހެއްޔެވެ؟ ބައެއްފަހަރު އެހެން މީހުން ކުރާ ކުށްތަކުގެ ސަބަބުން ކުށެއްނެތް އިންސާނުން ގެ ދިރިއުޅުން ބަރުބާދުވެގެން ގޮސްދާނެއެވެ. ރަފާއިލް އަކީ އޭގެ ދިރިހުރި މިސާލެކެވެ.
މިޝެލިން އިއްބާނު ބޭނުންކުރި ބޭހެއް ކަމަށްވާ އެކްސްޓެސީގެ މައުލޫމާތު ނެޓުން ހޯދިއެވެ. އެކްސްޓެސީ އަކީ ދެވިހިފާ ޑްރަގަކަށް ނުވިޔަސް ގެއްލުން ބޮޑު އެއްޗެކެވެ. އެންމެ ގުޅައަކުންވެސް މީހާގެ ފުރާނަ ހަށިގަނޑާއި ވަކިވެދާނެއެވެ. އެކަމަކު ހިރޮއިން އަދި އެއަށްވުރެ މާ ބިރުވެރިއެވެ. އެހާ ގެއްލުންދެނިވި އެއްޗެއް ބޭނުންކުރިއިރު އިއްބާނު ވިސްނައިނުލީ ކީއްވެބާވައެވެ. ކިތަންމެ ސިއްހަތު ރަނގަޅުކޮށް، ރީތިކޮށް ހުއްޓަސް ކުއްލި އަކަށް މީހާ ނިމިގެން ހިނގައިދާނެއެވެ. ރިވަރ ފީނިކްސް، ކޯރީ މޮންޓިއެތް ފަދައިން ޒުވާން އުމުރުގައި އެތައް ބަޔެއްގެ ހިތް ރޮއްވާލާފައި ދުނިޔެ އާއި ވަކިވެގެން ހިނގައިދާނެއެވެ. އެމީހުންވެސް ބޭނުން ކުރީ އެފަދަ ޑްރަގެވެ. ހިރޮއިން އާއި އެހެން އެއްޗެހި އެއްކޮށްލައި ގެންނެވެ. އިއްބާނުއަށް އެފަދަ ހިތާމަވެރި ނިމުމެއް އަންނަތަން ދެކެން މިޝެލިން އަޅާނުލައި ހުންނަންވީ ހެއްޔެވެ؟
މިޝެލިންގެ ސިކުނޑީގައި ސިއްރުތައް ގިނަވާން ފެށުމުން އެންމެ ފަހުން މިލީނާ އާއި ކޮންމެވެސް ކަމެއް ހިއްސާކޮށްލަން ބޭނުންވިއެވެ. މިލީނާ ގެ ހިތަށް ކުޑަކޮށް އަސަރުކުރިއެވެ. ވީއިރު އެކުދިންނަކީ އެ ޝާހީ އާއިލާ އާއި އެއްވެސް ވަރަކަށް ގުޅުމެއް އޮތް ބަޔެއް ނޫނެވެ. މިހުރާންމެންނަށް އެ ހަގީގަތް އެނގެނީބާވައެވެ. އޭނަ މިހުރާންގެ ހަޔާތުން ބޭރުކޮށްލާފައި އެހާ ނިކަމެތިކޮށް ކަންތައް ކުރީ ދުރުމީހަކަށް ވީމައެވެ. އެހެންނޫންނަމަ ލޭގެ ގުޅުމުންވެސް ކޮންމެވެސް ވަރެއްގެ ކުލުނަކާއި ރަހުމެއް ހިތުގައި ނުއުފެދި ނުދާނެއެވެ. އެހިތި ހަގީގަތުން އަސަރުކުރި ނަމަވެސް މިލީނާ ދާދި އަވަހަށް ހަމަޖެހިލައިފިއެވެ. ގިނަފަހަރު މޮޅުކަމާއި، މުއްސަނދި ކަމުން ހިތަށް ލިބޭނެ އުފަލެއް ނޯންނާނެއެވެ. އެމީހުން ރަށުގައި ހޭދަކުރި ދުވަސްތައް މާ އުފާވެރިއެވެ. އޭރު ޅަވެފައި، އިޝްގީ ލޯބީގެ އަވައިގާ ނުޖެހޭތީކަން ނޭގެއެވެ. އެކަމަކު ހަގީގީ އުފަލަކީ އެއީއެވެ. ދެކުދިން ވަރަށް ގިނައިރު ވާންދެން ހީހީފައި އަނގަތަޅަން ތިއްބެވެ.
މިހުރާން ޚިޔާލު ކުރީ އަލުން މީރާ ގެއަށް ގެނައުމަށެވެ. އޭނަގެ ދަރިއަކަށް ބަލިވެ އިންދާ މީރާއަށް އެހާ ފަސޭހައިން އޭނަ އާއި ވަކިވެގެން ދެވިދާނެކަމަށް ހީކުރަންޏާ އެއީ ކުށްހީއެކެވެ. މިހުރާން މިލީނާގެ ހާލާއި މެދުވެސް ވިސްނިއެވެ. އޭނަގެ ހިތުގައި މިލީނާއަށްޓަކައި ވަނީ ކޮންފަދަ އިހުސާސެއްކަން ޚުދު މިހުރާން އަކަށް ވެސް ނޭގެއެވެ. މިލީނާ އަދިވެސް އޭނައަށް ފެންނަނީ ކުޑަކުއްޖެއްގެ ގޮތުގައެވެ. ރާއްޖޭ ކުދިންނާއި ބަލާއިރު މިލީނާގެ އިސްކޮޅުން އެވްރެޖޭ ބުނެލެވިދާނެއެވެ. ޔަގީނުންވެސް ފަސްފޫޓް އެއް އިންޗު ހުރުމުން ކުރެކޭ ނުބުނެވޭނެއެވެ. އެކަމަކު މިލީނާ އޭނަ އާއި އެހާ އިސްކޮޅުން ނުގުޅެނީ އޭނަ ރާއްޖޭ މީހުންނާއި އަޅާބަލާއިރު މާބޮޑުތަން ދިގުވީމައެވެ. އޭނަގެ އިސްކޮޅުގައި ހަފޫޓް ދެއިންޗު ހުރުމުން އޭނަ އާއި ބޮޑަށް ގުޅެނީ މީރާ ފަދަ އަންހެންކުއްޖަކާއެވެ. ކުރުކަން އެކަނިއެއް ނޫނެވެ. މިލީނާ ގެ ސިފަތައް އެހާ ޅައެވެ. ބޮޑު ދެލޮލާއި، މޫނުގައި ހުންނަ މައުސޫމް ގޮތަކުން މިހުރާން ހައިރާން ކުރުވައެވެ. ކުރީން ކުރުކޮށް ކޮށާލާފައިވާ އިސްތަށިގަނޑު މިހާރު ކުޑަކޮށް އައްސާލެވޭވަރުވިޔަސް އެއީވެސް އޭނަ ފުރިހަމަ އަންހެނަކަށް ނުވާކަމުގެ ހެއްކެކެވެ. ބަނޑު ބޮޑުވީމަވެސް ހަށިގަނޑުގެ އެހެން ތަނެއް ބޮޑުވީކަމަށް ނުދައްކާތީ އާއި އިތުރަށް ފަލަ ނުވީމަ މިލީނާ ހުންނަނީ އެހާ ލޯބި ކޮށެވެ. އެހުރިހާ ސަބަބަކާއި ހުރެ މިހުރާންއަށް އޭނަ އަދިވެސް ކުޑަކުއްޖެއްގެ ގޮތުގައި ފެންނަނީ އެވެ.
މިއަދުވެސް މިހުރާން ބެލްކަނީއަށް ނިކުތްއިރު އެގޭ ގޯތިތެރޭގައި މިލީނާ ފިޔާތޮށިކުލައިގެ ޑަންގްރީއެއްގައި ހުއްޓާ ފެނުނެވެ. މިހުރާން ގޮވާލަން ހިތަށް އެރިތަނުން މިލީނާ އެތެރެއަށް ވަދެ ގެއްލުނީއެވެ. މިހުރާންގެ ހިތް ކޮންމެހެންވެސް މިލީނާ ދެކެން ދާން ހަޅުތާލުކުރިއެވެ.
"ކިހިނެއް ހަދާނީ.... ނާކާމިޔާބު ވީކަމަށް ގަބޫލު ކުރާކަށް ބޭނުމެއްނޫން، އެކަމަކު މަލަކާ އާންޓީ އެކިޔަނީ ކީކޭތަ؟ ވަރިކުރިޔަސް ކައިވެނި ރުޖޫއަ ކުރެވިދާނެއޭ، އެހެން ހަދަންވީތަ؟ ނޭގޭ.. އެކުއްޖާ އާއި މީހަކު ކައިރިވެލިޔަސް އެހާ ޅަވާނެ، ނޫނީ ބިރުން އުޅޭނީ މިހާ ދުވަސްވީމަވެސް ހާދަ ގޮތް ދައްކާލައޭ، އެހެންނޫނަސް ބޭބީ އެބްނޯމަލް ވާނެކަން އެނގޭއިރުވެސް އަހަރެންގެ ހުއްދަނެތި ޕްރެގްނެންސީ ކޮންޓިނިއު ކުރީ، މިލީއަށް ހީވަނީ އެކަނި އޭނަގެ ދަރިއެއްހެންތަ؟ އެހެންވެގެން ނުވާނެ......" މިހުރާން އެކިގޮތްގޮތަށް ވިސްނައިލުމަށްފަހު މިލީނާއަށް ކުޑަ ޖެއްސުމެއްކޮށްލަން ދާހިތްވިއެވެ.
މިހުރާން ގެއަށް ވަނީ ރަސްމީކޮށް ސަލާމް ގޮވާލާފައެވެ. ގޭގައި ދިރޭ ފުރާނައެއްހުރިހެން ހިޔެއްނުވެއެވެ. "ރެޑް ފްލޭމް" ފަޅުތަނެކޭ އެއްވަރެވެ. ގެއަށް ވަނުމާއިއެކު ލުއި މީރުވަހަކާއި، ފިނިކަމެއް މިހުރާންގެ ހިއްސުތަކާއި ކުޅެލައިފި އެވެ. ކަޅުކުލައިގެ ޓީޝާޓަކައި، ޖިންސެއްގައި އޭނަ ފެންނަލެއް ފުރިހަމަކަމުން ހިތްތައް ދީވާނާ ކުރުވާވަރުވެއެވެ. ޖިންސްގެ ޖީބަށް ދެއަތް ޖަހާލައިގެން ފިރިހެންވަންތަ ހިގުމެއްގައި ކޮރިޑޯއިން ހިނގާލާފައި ދަމުން އޭނަ ހުރިހާ ތަނެއް ޗެކްކޮށްލިއެވެ. މާޒިން އާއި ސޯފިޔާވެސް ގޭގައި ނޫޅެނީބާވައެވެ. މިހުރާން މިލީނާގެ ފޯނަށް ގުޅުމުން ފޯނުވެސް ނުނެގިއެވެ.
"ހުރިހާ ކަމެއް ޑިފިކަލްޓް ކުރަން އެކުއްޖާ ގަނޑު އުޅޭނެ، އެހެންވެ ރޮއްވާލަން ބޭނުމީ، އެނީވޭސް އަހަރެން ބޭނުން ޖެއްސުމަށްވެސް މަގޭ ވައިފްގެ ގޮތުގައި އެކުއްޖާ ބަހައްޓަން، ހީކުރީ ކަންނޭގޭ ދެން ސަލާމަތްވީއޭ، ޔޫ އާރ ޓޯޓަލީ ރޯންގް ބަމްބީ......." މިހުރާންގެ ތުންފަތް މައްޗަށް ނުލަފާ ހިނިތުންވުމެއް ވެރިވިއެވެ. އޭނަ ގޭގެ ފަހަތަށް ނިކުންނަ ބައި ހުޅުވާލި އިރު މިލީނާ އިނީ ސޯފާއަކަށް އަރާފައި މޭވާތަށްޓެއް އުނގުގައި ބައިންދައިގެން އަނެއް އަތުން ފޮތެއް ހިފާލައިގެންނެވެ. ސްޓްރައިޕް ޓީޝާޓަކާއި ޖިންސެއްލައިގެން ހުރުމުން ވަކިން ރީއްޗެވެ. ފަންއިސްތަށިކޮޅު މައްޗަށް ނަގާއައްސާލާފައިވާ ގޮތުން އެ އޮމާން މޫނާއި، ދޮންކަނދުރާގެ ރީތިކަން ހުރީ ހާމަޔަށެވެ. މިލީނާ އެސްފިޔަތައް އުފުލާލާފައި އެ ބޮޑު ބޮޑު ދެލޮލުން ބަލާލައިފި އެވެ.
"މިގެއަށް ސަލާމް ބަލައިގަންނަން ކޮކަޓޫ އެއް ނޫނީ އެފްރިކަން ގްރޭ އެއް ގަނެދެންތަ؟ ގްރޭވްޔާޑެއްހެން މިގެ ހީވަނީ، ސަލާމް ގޮވާލީމަ ޖަވާބެއް ދޭނެ މީހެއްވެސް ނެތް... ވަގަކު ވަދެ މިލީ ނަގައިގެން ދިޔައްޔާ އެހެން މީހަކަށް ރޭކާލާނެތަ؟ އެކަމަކު އާންޓީމެން ކިޔާނެ ސިކުއިރިޓީ އަދި ނޯކަރެއްވެސް ބޭނުމެއް ނޫނޭ.... ވަން މޯރ ތިންގް... ބަމްބީ ދެލޯ ކުރިއަށްވުރެވެސް ބޮޑުހެންހީވޭ.... ބަނޑުކޮޅާއި އެކު ލޯވެސް ބޮޑުވާން ޖެހޭތަ؟" މި މިހުރާން ތަބުގައި އެއްއަތް އަޅުވައިލަމުން އެތަށީގެ ތެރެއިން ސްޓްރޯބެރީއެއް ނަގާފައި މިލީނާގެ ތުންފަތުގައި ޖައްސައިލި އެވެ.
"މިވަރަށް ކެއީމަވެސް ހައްތަހާ ކުޑަވަނީ އެއްނު، އެހެންވީމައެއްނު އަހަންނާއި އެކު ހިފަހައްޓާ ނުލެވުނީ......" މިހުރާން ބޭނުންވީ މިލީނާ ރުޅިއަރުވައި ލުމަށެވެ. މިލީނާގެ ހިތް ތެޅިގަތްލެއް ބާރުކަމުން މޭގައި އަތް ބޮނޑިކޮށްލެވުނެވެ.
"އަނގައިން ނުބުނާނަންތަ؟" މިހުރާން މިލީނާގެ ކޯތާފަތުގައި ވިކައިގަތެވެ. މިހުރާން އައިއްޔާ ކޮންމެވެސް އުދަގުލެއްނުކޮށް ނުދާނެކަން އޭނައަށް ރަނގަޅަށް އެނގެއެވެ. އެހެންނޫނަސް އޭނަގެ ހިތަށް އިތުރު އަނިޔާ ދޭންވެގެން މިހުރާން އުޅޭ ސަބަބެއްވެސް ނޭގުނެވެ.
ސޯފިޔާ އެތަނަށް ނުކުތީ މީހަކު ވާހަކަދައްކާ އަޑުއިވިގެންކަން ނޭގެއެވެ. ދޮރުން ބޯދިއްކޮށްލި އިރު މިހުރާންކަން އެނގިގެން ވަގުތުން މޫނުގެކުލަ ބަދަލުވެއްޖެއެވެ. ހަރުކަށިގޮތަކަށް މިލީނާއަށް ގޮވާލާފައި ވަގުތުން ގެއަށް ވަންނަން އަމުރު ކުރިއެވެ. މިހުރާން ދެކުނީ އެއީ މިހުރާންގެ މޫނުމަތީގައި ޖެހި އެތިފަހަރެއް ކަމުގައެވެ. އެހެންމީހަކަށް އޭނަގެ އަންހެނުންނަށް ވެރިކަމެއް ނުކުރެވޭނެއެވެ. މިލީނާއަކީ އޭނަގެ މިލްކެކެވެ. އަގުބޮޑުކޮށް ގަނެފައި ވާއިރު އަދި ސޯފިޔާ ކީކޭ ކިޔާކަށް ހެއްޔެވެ؟ ސޯފިޔާ ނުރުހުނަސް ހެވެވެ. މިހުރާން މިލީނާގެ އަތުގައި ހިފައިގެން ގެއާއި ދިމާލަށް އެޅިފިޔަވަޅު ހުއްޓުވަން މިލީނާ މަސައްކަތްކުރިއެވެ.
"މިހުރާން ގެއަށް ގޮސްދީފާނަންތަ؟ މަންމަ އެހެރީ ހިތްހަމަނުޖެހިފައި...." މިލީނާ ތުންފަތުގައި ދަތްއަޅާލި އިރު އޭނައަށް ހުރީ ރޮވޭގޮތްވެފައެވެ.
"ޖަސްޓް ކަމް ވިތް މީ.... ނޫނީ އުރާލައިގެން ގެންދަންވީތަ؟ ބަސްއަހައިގެން ދިޔައިމަ ކަންނޭގޭ ފަސޭހަ ވާނީ.. މިހެން ބުނާއިރުވެސް އެނގޭ މިލީ މަށަށްވުރެ މާ ބާރުގަދަކަން، ޖޯން ސެނާވެސް ތިހާ މޮޅެއް ނުވާނެ......." މިހުރާން ހީލާފައި ބުނެލިއެވެ. މިލީނާގެ އުނަގަނޑުގައި ބާރަކަށް ހިފަހައްޓާލައިގެން ހުރުމުން އެއަތް ނައްޓުވައިލުމަކީ ފަސޭހަކަމެއް ނޫންކަން އެނގިގެން މިލީނާ ކުރިއަށް ދިޔައެވެ.
ކޮޓަރިއަށް ވަދެފައި ތަންޑުތައް އަޅުވާލާފައި މިހުރާން މިލީނާ އަތްދަނޑި މައްޗަށް ނަގާފައި ކޮޓަރި ތެރޭގައި އެނބުރިލި އިރު މިލީނާ އޮތީ ކަންބޮޑުވެފައެވެ.
"މިހުރާން ކީއްކުރަންތަ ތިއުޅެނީ؟ "މިލީނާ އޮތީ ބިރުގެންފައެވެ. މިހުރާން މޮޔަވީ ހެއްޔެވެ؟ މިހުރާން މީރާ އެގެއިން ނެރެލިގޮތްވެސް އޭނައަށް މިޝެލިންގެ ފަރާތުން ވަނީ އެނގިފައެވެ. ނަމަވެސް މިހުރާން އާއި މީރާގެ ގުޅުން އަދިވެސް އޮވެދާނެއެވެ. މިހުރާންގެ ގޮތްނޭގޭ މިޒާޖުގެ ގޮތުން ކިތަންމެ އަނިޔާވެރިކޮށް ކަންތައްކޮށްފައިވެސް އޭނަ އެ ހަނދާނެއް ނުހުންނާނެއެވެ.
"ތިއީ ކޮންމެހެން ކުރަން ޖެހޭ ސުވާލެއް ވެސް ނޫން، މިލީ އަކީ މަގޭ ވައިފް، އަހަރެން ޑިވޯސްކޮށްލިމޭ ބުންޏަސް އައި ޓޭކް އިޓް ބެކް........" މިލީނާ ބުނާނީ ކީކޭ ހެއްޔެވެ؟ ހުއްދަނުދޭނީ މަންމަމެންނެވެ. މިހުރާން މިލީނާގެ ހަޔާތަށް ދެން އައުމަށް މަންމަ ދިމާ އިދިކޮޅެވެ.
މިހުރާން މިލީނާ އެނދުގައި ބޭއްވި ގޮތަކުން ލައިގެން ހުރި ޓީޝާޓްކޮޅު ހިއްލި ބަނޑު ހާމަވެގެންދިޔައެވެ. އެވަގުތު ދަރިފުޅުގެ ހަރަކާތްތައް ފުރަތަމަ ފަހަރަށް މިހުރާންއަށް ފާހަގަކުރެވި އެހެން ކަހަލަ އިހުސާސް ތަކެއް ކުރެވުނެވެ. ލޮލަށް ނުފެނުނަސް ތުއްތު ދަރިފުޅުގެ މައުސޫމް ހަރަކާތްތަކެވެ. މިހުރާން އެތަންކޮޅުގައި އަތް ޖައްސާލީ އެއީ ބޭބީގެ ތުއްތު އަތްކަން އެނގިހުރެއެވެ. މިހުރާން އާއި ދަރިފުޅާއި ގުޅުވަދިން ހިތްގައިމު ވަގުތުކޮޅުގައި ގައިން ހީބިހި ހަލުވާލައިފި އެވެ. ހިތަށް ލިބުނު އުފާވެރި، ތަފާތު އިހުސާސްތަކާއި އެކުގައި މިހުރާންގެ ހިތުގައި އެ ދަރިފުޅަށްޓަކައި ފުރަތަމަ ފަހަރަށް ތަފާތު ވިންދެއް ޖަހާލައިފި އެވެ. ޖަޒުބާތުގައި ޖެހި ފެންކަޅި ވާގޮތްވިއެވެ. މިއީ މިހުރިހާ ދުވަސްވާންދެން އޭނަ ނައްތާލަން އުޅުނު ދަރިފުޅެވެ. މިއަދު ކުއްލިއަކަށް މިހުރާންގެ ހިތް ބަދަލުވެ، ދަރިފުޅު ދެކޭހިތުން ހިތް ބޭގަރާރުވާންފެށިއެވެ.
"ސްވީޓްހާޓް... ޑެޑީ ލަވްސް ޔޫ" މިހުރާން ގުދުވެފައި މިލީނާގެ ބަނޑުގައި ބޮސްދިނެވެ. ނަމަވެސް އޭނަގެ ހިތުގެ ޝުޢޫރުތައް މިލީނާގެ ގާތުގައި ހާމަނުކޮށް ސިއްރުކުރަމުން ޓީޝާޓު ތިރިއަށް ދަމާލާފައި ނިކުމެގެން ދާން ހިނގައިގަތީ އިތުރު ބަހެއް ބުނުމަކާއި ނުލައެވެ. ހިތަކީ އަޖައިބެއްކަހަލަ އިހުސާސްތަކެއް ލައްވާފައިވާ އެއްޗެކެވެ. މިހުރާން އެގޮތަށް އޭނަ ދޫކޮށްލާފައި ނުކުތުމުން ހިތަށް އަސަރުކޮށްގެން ލޮލުން ކަރުނަ އަންނަން ފެށިއެވެ. އެނބުރި އަންނަން ހިތްއެދިގޮވިއެވެ. މިލީނާއަށް ނޭގުނީ މިހުރާންގެ ހިތް ބަދަލުވިކަމެވެ. ދަރިފުޅަށްޓަކައި އެހިތުގައި އާދަޔާ ޚިލާފު ލޯތްބެއް އުފެދުނުކަމެކެވެ. ކުޑަ ކުޑަ ކަމަކުންވެސް އިންސާނާގެ ހިތް ބަދަލުކުރައްވަފާނެއެވެ. މިހުރާން އަށްވީ އެފަދަ ގޮތެކެވެ.
"ގޯލްޑެން ފްލޭމް" ތަޅާ އަލުން އިމާރާތް ކުރަންވެގެން އެންމެން ޔޫކޭއަށް ބަދަލުވީއިރު މާޒިންވެސް އެތަނުން ވަޒީފާ ހޯދިއެވެ. އެތައް އަހަރެއްވާންދެން އާއިލާ އާއި ވަކިން އުޅުމަށްފަހު އޭނަވެސް ދެން ދުރުން އުޅެން ބޭނުންނުވީއެވެ. އެހެންނޫނަސް މަންމަ އާއި ބައްޕަ އަދި ބޭބެވެސް މާޒިން މާލޭގައި ބަހައްޓާފަ އެހެންތަނަކަށް ބަދަލުނުވާނެކަން މާޒިންއަށް ނޭގެނީއެއް ނޫނެވެ. އެމީހުންނާއި ލޭގެގޮތުން ގުޅުމެއް ނެތަސް އޭނަ އާއި މެދު އެމީހުން އަމަލު ކުރާ ގޮތުން ދުރުކަމެއް އިހުސާސެއް ނުކުރެވެއެވެ. އަމިއްލަ މީހުންވެސް އެހާ ހެޔޮވާނެކަމެއް ނޭގެއެވެ. އެހާ ލޯބި ދޭނެކަމެއް ނޭގެއެވެ. އޭނަގެ އާއިލާ އާއި ބެހޭގޮތުން ސުވާލު ކުރަން ބޭނުންވާއިރުވެސް އެކަން ފަސްޖައްސައިލަނީ މަންމަމެންނަށް އަސަރުކޮށްފާނެތީއެވެ. މަންމަމެންގެ ލޯބި އިހުސާސް ކުރެވޭވަރު ބޮޑީއެވެ. ލަންޑަނަށް ބަދަލުވުމަށްފަހު އެންމެންހެން ވަޒީފާ ހަމަޖެހި، ފަސޭހަކޮށް އުޅެންފެށިއެވެ.
ލަންޑަނުގެ ގެ ގޯލްޑެން ފްލޭމްއަށްވުރެ ބޮޑުވެފައި ތަނަވަސްކަމާއި، ކޮޓަރިތައް ގިނަކަމުން އެންމެނަށް އެކީގައި ދަތިކަމެއްނެތި އުޅެވޭވަރުވިއެވެ. މިޝެލިން ވެސް ހުރީ އުފަލުންނެވެ. އިއްބާނުގެ ކުޑައިރުގެ ހަނދާންތައް ގުޅިފައިވާ އެގެއާއި މިޝެލިންގެ ޚާއްސަ ގުޅުމެއްވާކަމުގައި ހީކުރެވުނެވެ. ދެރައީ ރަފާއިލް އާއި ޔީވާފަދަ ގެއަށް "ބީރައްޓެހި" ދެ މީހުންގެ ކިބައިން ސަލާމަތް ވެވިދާނެ ކަމަށް ހީކުރެވުނަސް އެދެމީހުންވެސް އައީތީއެވެ. ޔީވާގެ މަންމަމެންގެ ރައްޓެހިކަމުގައި އެލީސާ އެކުއްޖާ އާއި މެދު ހަމްދަރުދީވެގެން ބެހެއްޓިޔަސް މިޝެލިންއަށް ނޭގުނީ ރަފާއިލްގެ ސިއްރެކެވެ. ރަފާއިލް އާއި މެދު ހައިތަމް އެ ބަހައްޓާ ޚާއްސަ ގާތްކަމެވެ. ނުވީތާކަށް އެލީސާ ވެސް ރަފާއިލް އާއި ދިމާލަށް ޚާއްސަ ގޮތަކަށް ބަލާކަމުގައި މިޝެލިންއަށް ފާހަގަކުރެވުނެވެ. ސަބަބަކީ ކޮބާހެއްޔެވެ؟
ހައިތަމްގެ އެދިލެއްވުމަކަށް އޭނަގެ ކޮޓަރިއަށް ތިންބެއިން އައި އިރު އެކޮޓަރިން ރަފާއިލް ފެނުމުން އެންމެނަށް ހައިރާންކަމެއް ލިބުނެވެ. އެކޮޓަރި ހީވަނީ ރަސްކަލެއްގެ ޝާހީ ކޮޓަރި ކޮޅެއްހެންނެވެ. ރަތްދޫލައާއި، ތުނި ސަދުވާއެއް ދަމާފައިވާ އެނދުވެސް ހީވަނީ ރަސްކަލެއްގެ ތަންމަތި ހެންނެވެ. ބޮޑު ޗާންދަލިޔާ އަކުން ފަނޑު އައްޔެއްދީފައިވާއިރު ރަފާއިލް އިނީވެސް ބައްޕަ ކައިރީގައި އެނދުގައި އިށީދެލައިގެން ކޮންމެވެސް އެއްޗެކޭ ކިޔާފައި ހީލަހީލައެވެ. މިހުރާން އިށީންނަ ހިތެއްވެސް ނުވިއެވެ. އެތަނަށް ވަނުމާއި އެކު އޭނައަށް ބައްޕަގެ އަނދިރި ސިއްރު އެނގިއްޖެއެވެ. މީހަކު އިތުރަށް ކިޔައިދޭން އޮތީ ކޮން ވާހަކައެއް ހެއްޔެވެ؟ ހައިތަމް ދައްކަވަން ފެށްޓެވީ މުޅިން އެހެން ވާހަކައެކެވެ. ވިޔަފާރި އާއި ބެހޭ ވާހަކަ ތަކެވެ. ރަފާއިލް ވެސް އެކަމާއި ބައިވެރި ކުރާ ވާހަކައެވެ. ބައިގަޑިއެއް ހާއިރު ވާންދެން ވާހަކަ ދެކެވުނު އިރުވެސް "ރަފާއިލް" ގެ މާބޮޑުކަމެއް އެނގުނު ކަމަކަށް ނުވިއެވެ. އޭނަ ކިޔަވައިގެން ހުރީ ވިޔަފާރި ދާއިރާއިން ކަމެއްވެސް ނޭގުނެވެ.
"އަދި ދަރިފުޅުމެންގެ ގާތުގައި އެންމެ މުހިއްމު ވާހަކަ ނުބުނެވި މިއޮތީ، ހުރިހާ ކުދިންނަށް ވެސް އެނގޭނެ މަންމަގެ ޓްވިންއެއް ހުރިކަން، އޭނަ މަންމަ އާއި ތަފާތެއް ނުވާނެ، ހީވާނީ އެކެއްހެން... ތަފާތު ވާނީ މިޒާޖު އެކަނި، ބައްޕައަށްވެސް ނޭގުމުގެ ތެރޭގައި މިސްޓޭކެއް ހެދުނީ.........." ހައިތަމް ހުރިހާ ކުދިންގެ މޫނަށް ވަކިން ބައްލަވާލެއްވިއެވެ.