މިޝެލިން ބަލައިނުލާ ދޮރު ހުޅުވާލުމުން ދޮރުން އެޖެހުނީ ކުރީ ދުވަހު ފެރީއިން ދިމާވި އިސްކޮޅުން ދިގު ޒުވާނާގެ ގައިގައެވެ. އޭނަ ބުމަ އަރުވާފައި އެއްޗެކޭ ބުނަން އުޅުނެވެ. އެކަމަކު ސޯފިޔާ ގެ ނުރުހުމުގެ ބަލައިލުމުން ފަސްޖެހިފައި އަވަހަށް ދާން ހިނގައިގަތެވެ. ސޯފިޔާގެ ހިތަށް ވަދެގެން ދިޔަ ބިރުވެރިކަން އިންތިހާ ދަރަޖައިގެ ރުޅިވެރިކަމަށް ބަދަލުވާން ސިކުންތުކޮޅެއްވެސް ނުނެގިއެވެ. ހީވީ އުދަރެހުގައި އުފެދެމުންދިޔަ ބޯ ވިލާތަކުގެ ހިޔަނި ސޯފިޔާގެ މޫނަށް އެޅުނުހެންނެވެ.
"މިޝެލިން، ވަރަށް ގޯސްކަމެއް ތިކުރީ، އެމީހާއަކީ ޕާޓޭ އެއް ނޫންކަމެއް ނޭގޭ، ދެން މި ވިންޑޯ ހުޅުވައިގެން ނުވާނެ، މަންމަ ވަރަށް ރުޅިގަދަވެއްޖެ، ކޮޓަރިއަށް ވަދޭ....." ސޯފިޔާ ގެ ރާގުގައި ހުރީ އަމުރުވެރި ގޮތެކެވެ. މިޝެލިން ކުދި ދަތްތައް ފެންނަވަރަށް ހީލައިގެން ހުރެ މަޑުމަޑުން ހިނގާލައިފައި ގޮސް ކޮޓަރިއަށް ވަދެ މިލީނާ ގާތުގައި އެ ހަދިސާގެ ތަފްސީލު ކިޔައިދިނެވެ.
"އެ މިސްޓީރިއަސް ބޯއި އަށް ޝެލް އަނިޔާ ތިކުރީ ދެވަނަ ފަހަރަށް، ފުރަތަމަ އޭނަގެ ފަޔަށް އެ ތޫނު ހައިހީލް އިން އެރީ، ދެވަނަ ފަހަރަށް ޖެހިޖެހީނުން ބޯ ފަޅާލީދޯ، ތިން ވަނަ ފަހަރަށް ދިމާވެއްޖެއްޔާ ޔޫ ވިލް ކިލް ހިމް، އެނީވޭސް މިދަނީ ޖޫހާއި، ސެލެޑް ހަދަން، ހެލްޕް ވާނަންތަ ޝެލް...." މިލީނާ ތެދުވެ ކޮޓަރި ރީތިކުރަން ފެށިއެވެ. މިޝެލިން ފެންވަރާލައިގެން އެނދަށް ގުޅައަކަށް ޖަހާލާފައި އޮތް ތުވާލި ހިއްކަން އެޅުވިއެވެ. މޭޒުމަތީގައިވާ އެއްޗެހި ތަރުތީބުކޮށްލާފައި، ބެޑްޝީޓް އެޅިއެވެ.
މިޝެލިން ކަންނެތް ގޮތަކަށް އެނދަށް ވެއްޓިގެންފައި ބާލީހުގައި މޫނު ފޮރުވިއެވެ. އެހެން މަޑުން އޮތްވާ ކުއްލިއަކަށް އޭނަ ވަރުބަލިވާން ފަށައިފިއެވެ. މާ ބާރަކަށް ހިތް ތެޅިގަތް ގޮތަށް، އަތްފައި ފިނިކަމުން ގަނޑުފެންކޮޅަކަށް ވެއްޖެއެވެ. ހީވަނީ ނިދިއަންނަން އުޅޭހެންނެވެ. އަނެއްކާ ޓީވީ ބަލަން އިންދާ ވީގޮތަށް ބަލިވަނީ ހެއްޔެވެ؟ މިޝެލިން ބިރުގެންފިއެވެ. އޭނަ އާއިލާއަށް ސިއްރުކުރަން އުޅުނަސް މައްސަލައެއް ހުރިކަމަށް އަމިއްލައަށް ގަބޫލު ކުރެވެއެވެ. އެހެންނޫންނަމަ އެހެން ހުރެފައި އެ އުދަގޫތަކެއް ނުވާނެއެވެ.
މިލީނާ އާއި ސޯފިޔާ އާއި ދެމީހުންވެގެން ރޯދަ ވީއްލަން ވާއިރަށް ހަތަރުފަސް ބާވަތުގެ އެއްޗެހި ހަދައި ސުފުރާމަތި ތައްޔާރުކޮށްލައިފިއެވެ. މާޒިންއަށް މާމީރު އެއްޗަކަށް ވާތީ ސޯފިޔާ ޕާސްތާ ހެދިއެވެ. ޖޫހާއި، ސަޓަނިވެސް ހަދައި ނިމުނު އިރު ފަސްގަޑި ބައިވެއްޖެއެވެ. ސޯފިޔާވެސް ފެންވަރާލައިގެން މާޒިން އަންނަންވާ އިރަށް އިންތިޒާރުގައި ހުއްޓެވެ. ހަޔެއް ޖެހިތަނާހެން މާޒިން ގުޅާފައި ބުނީ މިއަދު ރޯދަވީއްލަން ދަނީ އެކުވެރިއެއްގެ ގެއަށް ކަމަށެވެ. މަންމަ ބައްޕަ އާއި ވާހަކަ ދައްކަން ހުރި އިރު މޫނުމަތި ބަނަވިތަން މިލީނާއަށް ރީއްޗަށް ފާހަގަކުރެވުނެވެ. މިލީނާ ދުރަށް ބަލަން ފެށިއެވެ. މައިންބަފައިންގެ ދޭތެރޭގައި ކޫސަނި މައްސަލަތައް ޖެހޭކަން މިލީނާއަށް ރޭކާލާންފެށީ ދާދިފަހުންނެވެ. އެފަހުން އޭނައަށް ނޭގުމުގެ ތެރޭގައިވެސް އެކަމަށް ކަންފަތް ދެވެއެވެ. އަދި އެކަމާއި ހިތަށް އުދަގޫވެ، ބައެއްފަހަރު ރޮވޭ ގޮތްވެއެވެ. މަންމަ އާއި ބައްޕަ ދެކެ އެހާ ބޮޑަށް ލޯބިވެވޭތީ އެދެމީހުން އަރައިރުންވާކަށް މިލީނާ ނޭދެއެވެ.
"ބައްޕަ ފްރެންޑެއްގެ ގެއަށް ރޯދަ ވީއްލަން ދުރުވީ....." ސޯފިޔާ އެހެން ބުނެފައި ކޮޓަރިއަށް ވަދެ ދޮރު ލައްޕާލި އިރު އެހިތުގައި ބިރުވެރިކަމުގެ ރާޅުތައް ދުވަންފެށީ ވަކިވަރެއް ބަލާފައެއްނޫނެވެ. އެމީހުންގެ އެކަނިވެރި ދިރިއުޅުމަށް މާޒީގެ ހިޔަނި އެޅިދާނެކަމުގެ ބިރުހީވީ އަލަށެވެ. މާލެ އާއި ދުރުގައި އުޅުނުއިރު ސޯފިޔާ އެކަމާއި ވިސްނަން ޖެހިފައެއްނެތެވެ. މާޒިން ތަންތަނަށް ދައުވަތު ލިބިގެން ދާން ފެށުމަކީ މާރަނގަޅު ކަމަކަށް ނުވެ ހިގައިދާނެއެވެ. މާޒިން ގެ މަންމަމެން އަނެއްކާ މާޒިން އާއި ސޯފިޔާ ވަކިކުރުވަން ނޫޅޭނެ ބާވައެވެ.
އަށެއްޖަހާ އެހާކަންހާއިރު މިޝެލިން ހޮޑުލާން ފެށިއެވެ. ސޯފިޔާގެ ބޮލުގެ ރިހުން އިތުރުވިއެވެ. މާޒިންގެ ފޯނަށް ގުޅިއިރު ފޯނު އޮތީ ނިވާލާފައެވެ. ސޯފިޔާ ހަދާނެގޮތް ހުސްވެފައި މިޝެލިންއަށް ލުނބޯ ފަނިތަށްޓެއް ދިނެވެ. މާޒިން ގެއަށް އައީ ނުވައެއްޖެހިފަހުންނެވެ. މާޒިން ފެނުމާއި އެކު ސޯފިޔާގެ ލޮލުގައި ގިނަވެގަތް ކަރުނަތައް ނުހިފެހެއްޓިގެން އޮހިގަތެވެ.
"ވަޓް ހެޕެންޑް..." މާޒިން ގަމީސް ކޮނޑުގައި އަޅުވާލަމުން މަޑުމައިތިރި ކަމާއި އެކުގައި އަހާލި އެވެ.
"ހާދަ ލަހުން ގެއަށް ތިއައީ، އަދި ފޯނުވެސް ނިވާލައިގެން އުޅުނީ، މީހަކު މަރުވިޔަސް މާޒިން އަކަށް ނޭގޭނެ...." ސޯފިޔާ ޝަކުވާ ކުރިއެވެ. އަދި މިޝެލިންއަށް ވެގެން އުޅޭގޮތް ކިޔައިދިން އިރު ސޯފިޔާގެ ލޮލުގައިވާ ކަރުނަތައް ގިނަވިއެވެ.
"އަހަރެން ބުނީމެއްނު ފްރެންޑެއްގެ ދައުވަތަކަށް އެގެއަށް ދިޔަ ވާހަކަ، ދެން ފޯނު ނިވާލީ ނަމާދަށް ދާންވެގެން، ތަރާވީސް ނަމާދުކުރަން ދިޔައީމަވެސް ކުށްވެރި ވަނީތަ؟ އަހަރެންވީ ނަމާދުނުކޮށް ސޯފީ ބުނާހާ އޯޑަރަކަށް ބޯލަނބަން ގޭގައި ހުންނަން ދޯ....... " ސޯފިޔާ ޖަވާބެއް ނުދެނީސް މާޒިން ޓީޝާޓް ބޮލަށް މަހާލުމަށްފަހު އަވަސް ފިޔަވަޅު ތަކެއްގައި ގޮސް މިލީނާމެންގެ ކޮޓަރިއަށް ވަނުމުން ސޯފިޔާ ފަހަތުން ދިޔައެވެ. މިޝެލިން އޮތީ ވަރުބަލިގޮތަކަށް ދެލޯމެރިފައެވެ. ނޫނީ ނިދިފައެވެ. މާޒިން މިޝެލިންގެ ނިތްކުރީގައި އަތް ޖައްސާލުމަށްފަހު، އިސްތަށިގަނޑުގައި ފިރުމާލިއެވެ.
"ކުޑަކޮށް ގެސްޓްރިކް މައްސަލައެއް އުޅެނީ ކަމަށް ވާނީ، ފީވަރވެސް ނެތެއްނު، އަހަރެން އަންނާނަން ބޭސް ގަނެލައިގެން...." މާޒިން އެހެން ބުނުމުން ސޯފިޔާ ގެ މޫނު ބަނަވެގެން ދިޔައެވެ. މާޒިން ފެނުނު ކަމަކަށް ނަހަދާ މިލީނާ އާއި ކުޑަކޮށް ވާހަކަ ދައްކާލައިފައި ބޭރަށް ނިކުމެގެން ދިޔަގޮތަށް ދިހަވަރަކަށް މިނިޓްފަހުން އައީ އޯ އާރު އެސް ޕެކެޓް ތަކާއި، އެމްސެޓް ކާޑެއް އަދި ޑައިޖީން ސިރަޕްފުޅިއެއް ހިފައިގެންނެވެ. މާޒިން މިޝެލިން އަށް ބޭސްގުޅަ ކާންދީފައި ބައިގަޑިއެއްހާއިރު ފަހުން އެއްޗެއް ބޯންދިނެވެ. ސޯފިޔާ އެކޮޓަރިއަށް ނައުމުން އެންމެ ފަހުން މާޒިން އެކޮޓަރިއަށް ދިޔައިރު ސޯފިޔާ އިނީ ރޮއި ރޮއި ލޯ ރަތްކޮށްލައިގެންނެވެ.
"ސޯފީ، ކޮބާތަ މައްސަލަ އަކީ؟ އަހަންނަށް އެނގޭ ސޯފީ ހިތްހަމަނުޖެހިފައިވާކަން، ނުބުނެ ރުޔަކަސް ނޭގޭނެ ދޯ، އަހަންނަށްވެސް އަންގައިގެން އުޅެބަލަ..." މާޒިން އަތްދިއްކޮށްލާފައި ކޮޓަރީގެ ނިދާބޮކި ދިއްލައިލުމުން ފަނޑު އައްޔެއް ކޮޓަރިތެރޭގައި ރަސްކަން ކުރަން ފެށިއެވެ. ސޯފިޔާ ދަތްދޮޅީގައި އަތްވިއްދާލައިގެން އިންއިރު އިރުއިރުކޮޅާ ލޯފޮހެލައެވެ.
"މާޒިން ކިހާ ފަރުވާކުޑަ، ޝެލް ބަލިވެއުޅޭތާ ދުވަސްކޮޅެއް ވެއްޖެ، ދެން ޓެސްޓެއް އެއްޗެއް ނަހަދާ ބޭސްގަނެގެން ގެނެސްދިނީމަ އެވީތަ؟ ސްޓެތޯވެސް ޖައްސާލީކީ ނޫން، މާޒިން ހާދަ މޮޅު ޑޮކްޓަރެކޭ ތިއީ...." ސޯފިޔާ ފުންނޭވަޔެއްލިއެވެ.
މާޒިން ހޭންފެށިއެވެ.
"ސޯފީވެސް ހާދަ ހެއްވާ ވާހަކަ ދައްކައޭ، ދެން ފަޔަށް ތަދުވިޔަސް ސްޓެތޯ ފައިގެ ހުޅުގައި އަޅައިގެން ބަލި ފެންނަން ވީވިއްޔަ...." މާޒިން އިރުކޮޅަކުން ހުނުން ހުއްޓާލާފައި ސީރިޔަސްވިއެވެ.
"ތިބުނާ ޓެސްޓުތަކެއް ހަދަން ޝެލް ހޮސްޕިޓަލަކަށް ވެސް ނުދާނެ، ސޯފީ އެކުދިން ކުޑައިރުއްސުރެ އެގޮތަށް ހަދާ ކުދިން ބިރުގަންނަވާފައި އެތިބީ، ޝެލްމެންނަށް ކުޑަ އަނިޔާއެއް ވިޔަސް އެކުދިންނަށް ވުރެ ބާރަށް ސޯފީ ރޮއިގަންނާނެ، ކުދިން ކިހާ ބިރުގަންނާނެ، އެހެންވެ އެކުދިން ފިނޑިވީ، ދެން އަހަރެން ބުނާނީ ކީކޭތަ؟ ސޯފީ ޝެލް ޓެސްޓްތައް ހައްދަން ކޮންވިންސް ކުރުވާ، ނުވާނެ މަށަކަށް، ގުޑްނައިޓް...." މާޒިން ފޯނު އެލާމްކޮށްލާފައި އަނެއްފަރާތަށް އެނބުރުނެވެ. ސޯފިޔާ އިނީ ހައިރާންވެފައެވެ. މާޒިން ހާދަ ވަރިހަމަ ބޮޑުވެއްޖެއެވެ. އަނެއްކާ މާޒިން އެހެން އަންހެންކުއްޖަކާއި ގުޅުން އޮތީ ހެއްޔެވެ؟ ސޯފިޔާގެ ހިތުގައި ހިނގައިގަތް ބިރުވެރިކަމެއްގެ ބޮޑުކަމުން ހިތް ނުތަނަވަސްވެ މެޔަށް އުދަގޫތަކެއްވިއެވެ. ސޯފިޔާ ނުނިދިފައި ދެފަރާތަށް ފުރޮޅި ފުރޮޅިފައި އެންމެފަހުން ގަސްތުކުރީ މިޝެލިންގެ ހާލު ބަލައިލަން އެކޮޓަރިއަށް ދިޔުމަށެވެ. އެހެންނޫނަސް ދެކުދިން އެކަނި އެކޮޓަރީގައި ނިދަން ބައިތިއްބާފައި އޭނަ އަށް އެހެން ކޮޓަރިއެއްގައި ނުނިދޭނެއެވެ. ކިތަންމެ ދަތިވިޔަސް އޭނަ އޮންނާނީ މިޝެލިންމެންގެ އެނދުގައެވެ. ނަސީބަކުން އެނދު އެހާ ކުޑައެއްނޫނެވެ. ފިތިގެންވެސް ތިންމީހުންނަށް ތިބެވިދާނެއެވެ.
ހެދުނު މާޒިން ޑިއުޓީއަށް ދާންވެގެން ތައްޔާރުވާން ހުރިއިރު ސޯފިޔާއަށް ބަލައިލެވުނީ ޝައްކުގެ ނަޒަރަކުންނެވެ. ނޫކުލައިގެ ގަމީހާއި، ކަޅު ފަޓުލޫނާއިއެކު ޓައީ އަޅާލައިގެން ހުރުމުން ޒުވާން އަންހެންކުދިން ލޮލުގައި އަޅައިގަންނާނެ ފަދަ ސްމާޓްކަމެއް ހުއްޓެވެ. ސޯފިޔާ ބަލަހައްޓައިގެން ހުންނަތަން ފެނުމުން މާޒިން ހީލާފައި ކުޑަކޮށް ބަލައިލި އެވެ. ސޯފިޔާ އަނގައިން ނުބުނެ ބޭރަށް ނިކުމެއްޖެއެވެ. އާދައިގެ ކަމަކާއި ހިތްހަމަނުޖެހިގެން މާޒިން އާއި އަނގައިން ނުބުނެ ހުންނަންވުމުން ސޯފިޔާ އަމިއްލަ ނަފުސްދެކެ ރުޅިއައެވެ. ހަގީގަތުގައި ވެސް އޭނަ ހަމަ މޮޔައީ ހެއްޔެވެ؟ ބޭކާރު ކަންތަކާއި މެދު ވިސްނެނީ ހެއްޔެވެ؟
"ޝެލް ކިހިނެއްތަ؟ އެފަހުން ވޮމިޓް ނުކުރޭ ދޯ..." މާޒިން އަހާލައިފި އެވެ.
"ނޭގޭ، މަގޭ އެކަނި ދަރިއެއްތަ؟ މާޒިން އަމިއްލައަށް ގޮސް ބެލިއްޔާ ކީއްތަވާނީ..." ސޯފިޔާގެ ރާގު ހުރިގޮތުން މާޒިން ދެރަވިއެވެ. މާޒީގައި ހިނގި ހުރިހާކަމެއް ސޯފިޔާ ހަނދާން ނައްތާލީ ހެއްޔެވެ؟ އޭނަގެ ގުރުބާނީތައް މިވީ ބޭކާރު އެއްޗަކަށެވެ. އޭނަ ސޯފިޔާ އާއި އެކުގައި އައީ ހާދަ ގިނަ އެއްޗެއް ދޫކޮށްލާފައެވެ. އެކަނި ލޯތްބަށްޓަކައެވެ. އެވަރުންވެސް ސޯފިޔާ އޭނަގެ ލޯތްބަށް ގަދަރު ނުކުރާނީ ހެއްޔެވެ؟
"އޯކޭ. އަހަރެން ހަނދާން ނެތުނީ، ތޭންކްސް ފޯ ރިމައިންޑިން މީ....." މާޒިން ނިކުމެގެން ދަމުން ދޮރު ލައްޕައިލީ ފުދޭވަރަކަށް ބާރަށެވެ. ހީވީ ސޯފިޔާގެ މެޔަށް އެ އެތިފަހަރު އެރިހެންނެވެ. މާޒިން ކަމަކާއި ނުލައި ރުޅި އަންނަން ވެދާނެ ހެއްޔެވެ؟
މާޒިން ޑިއުޓީއަށް ދިޔަފަހުން މިލީނާ އާއި މިޝެލިންއަށް ކޮލެޖުން ޖާގަ ލިބުނުކަން އެނގުނެވެ. އެކުދިން އުފަލުން ފޮޅިފައި ތިބިއިރު ސޯފިޔާ އިނީ އެކުދިން ކޮލެޖަށް ފޮނުވާނެ ގޮތަކާއި މެދު ވިސްނުމުގައެވެ. ކޮލެޖް ދުރެއްނޫނެވެ. ކޮލެޖް ހުރީ މިގެއިން ނިކުމެވޭ ގޯޅީގައެވެ. އެކަމަކު އެކުދިން އެކަނިމާ އެކަނި ފޮނުވަން ސޯފިޔާގެ ޚިޔާލެއް ނެތެވެ. މާޒިން ޑިއުޓީގައި ހުރެފައި އެކުދިން ކޮލެޖަށް ގެންދިޔުމާއި، ބަލާދިޔުމަކީ އުދަގޫކަމަކަށް ނުވާނެއެވެ. ސޯފިޔާ މާޒިންއަށް ގުޅީމަވެސް މާޒިން ފޯނެއް ނުނެގިއެވެ. މެދުކެނޑުމެއްނެތި ސޯފިޔާ މާޒިންއަށް ގުޅި އަދަދެއްވެސް ނޭގެއެވެ. ބައިގަޑިއެއްހާއިރު ފަހުން މާޒިން ސޯފިޔާއަށް ގުޅާފައި ބުނީ އޭނަ ހުރީ ތިއޭޓަރުގައި ކަމަށާއި، އަދިވެސް ބިޒީކަމުގައެވެ. ސޯފިޔާ ހައިރާންވިއެވެ. މިވަރުން އޭނައަށް ކުދިން ގޮވައިގެން އެކަނި އުޅޭނީ ކިހިނެއް ހެއްޔެވެ؟ ދެ އަންހެންދަރިންގެ ޒިންމާގެ ބޮޑުކަން މާޒިންއަށް އެއްގޮތަކަށްވެސް ނޭގެއެވެ. މާޒިން އަންގާނީ އެކުދިން ބޮޑުވެއްޖެކަމަށާއި އެހާވަރުން، ހިފަހައްޓައިގެން ނޫޅުމަށެވެ. އެކަމަކު އެކުދިންނަށް ކަމެއްވެއްޖެއްޔާ މާޒިންވެސް މޮޔަވާނެއެވެ. އެކަމަކު އެވަރު އޭނައަށް ނޭގެއެވެ.
މިޝެލިން ގޭތެރޭގައި ހުރިއިރުވެސް ފިނިވާވަރުން ވިއްސާރަކަން އެނގުނެވެ. ވައިރޯޅިތަކުގެ ބޫން އަޑުވެސް ދޭތެރެއަކުން ކަންފަތުގައި ގުގުމާލައެވެ. މިޝެލިން ކަންނެތްވެގެން ރަޖާގެ ދަށުގައި އޮވެފައި އަސުރު ނަމާދުގަޑި ޖެހެން ފަނަރަވަރަކަށް މިނިޓަށް ވުމުން ތެދުވެގެން ދުއްވައިގަތެވެ.
"ތި ނަމާދު ކަމަކު ނުދާނެ، ސީރިޔަސްލީ....." މިލީނާ ހުންނަނީ ވަގުތުން ނަމާދުކުރަން އާދަވެފައެވެ. ކިތަންމެ ގިނައިން ބުނެދިނަސް މިޝެލިން ތެޅިގެން ނަމާދަށް އަންނާނީ އަނެއް ނަމާދުގެ ވަގުތު ޖެހުމުންނެވެ. އަރައިރުންވާން ވެއްޖެއްޔާ ނަމާދު ވަގުތު ހިގައިދާނެތީވެ ތެޅިތެޅިވާހިތަކާއި އެކުގައި ގޮސް ފާޚާނާއަށް ވަދެ ވުޟޫކޮށްލައިގެން އިސްކުރު ބާރުކޮށްލި ތަނާ އިސްކުރު އައީ މިޝެލިންގެ އަތަށެވެ. އިސްކުރު ބިނދުނު ތަނުން ފެންގަޑު ޕްރެޝަރާއިއެކު އޮހެން ފެށީ ވަކިގޮތެއް ބަލާފައެއް ނޫނެވެ. ހީވީ ފާޚާނާތެރެއަށް ކުޑަވަރެއްގެ ސުނާމީއެއް އައިހެންނެވެ. މިޝެލިން ބިރުގަތެވެ. އޭނަ އިސްކުރާއި އެކީގައި ހިފަހައްޓަން އުޅުނަސް ޕްރެޝަރ ގަދަކަމުން ފެންގަނޑު ކޮންޓްރޯލެއް ނުވިއެވެ. މިޝެލިން ހަޅޭއްލަވަން ފެށުމުން މިލީނާ މިޝެލިންއަށް އެހީވާން އައެވެ. މިޝެލިންއަށް މިއީ މިލީނާއަށްވެސް ކުޅަދާނަ ނުވާނެ ކަމެއްކަން އެނގުނެވެ. ދެކުދިން ތެމިފޯވިއެވެ. މިޝެލިން ގަސްތުކުރީ މަންމައަށް ގޮވުމަށެވެ. އެކަމަކު މަންމަ އަޔަސް ކުރާނެ މާބޮޑުކަމެއް ނޯންނާނެކަން އެނގޭތީ މިޝެލިން މިގޭ ވެރިންނަށް އެވާހަކަ އަންގާފައި ފެން ބަންދުކުރަންވީ ގޮތެއް އެހުމަށް ނިންމިއެވެ.
މިޝެލިން ޖެހިގެން ހުރި ބައިގެ ދޮރުގައި ތަޅައިގަތުމުން ދޮރު ހުޅުވާލާފައި ދޮރުކަނީގައި އަތްއަޅުވާލި ޒުވާނާ ފެނުމުން މިޝެލިން ކުޑަކޮށް ފަސްޖެހޭ ގޮތްވިއެވެ. އޭނަގެ ފަރާތުން އަނިޔާ ލިބުނީމަ އެކުއްޖާ ހުންނާނީ ރުޅިއައިސްފައި ކަންނޭގެ އެވެ.
"އޯހް. އިޓްސް ޔޫ، ކުރީ ދުވަހު ފެރީން ދިމާވި އަދި އިއްޔެ ގައިގައި ދޮރުން ޖެހުނީ، ތިއީ މިގޭ ވެރިމީހާތަ؟ ނޫނީ ދަރިއެއްތަ؟ އެނީވޭސް އިޓްސް އޯކޭ، މިއުޅެނީ ޓޮއިލެޓްގެ އިސްކުރެއް ބްރޭކްވެގެން ފެން ބަންދު ނުކުރެވިގެން، ފެން ހުއްޓުވާނެ އައިޑިއާއެއް ނެތްތަ؟ " މިޝެލިން ހަމަޖެހިލާފައި އެ ފިރިހެންކުއްޖާގެ ލޮލަށް ބަލަހައްޓައިގެން ހުރެ އޭނަ އައި ބޭނުމުގެ ވާހަކަ ހާމަކޮށްދިނެވެ. އެ ފިރިހެންކުއްޖާ ފުރަތަމަވެސް އަތްދިއްކޮށްލާފައި އެތާހުރި ވާލްވަކަށް ބާރުކޮށްލިއެވެ. ފެނުގެ މައްސަލައެއް ޖެހިއްޖެއްޔާ ބާރުކުރަންވީ ކޯޗަކަށް ކަން އެގޭ ވެރިމީހާ ވަނީ އޭނަ ގާތުގައި ބުނެފައެވެ. އެ ފިރިހެންކުއްޖާގެ ނަޒަރު ދެން ހުއްޓުނީ މިޝެލިން އަށެވެ. އޭރު ކަންނެތްކޮށް ވެހެމުން ދިޔަ ވާރޭގެ މުތީތައް މިޝެލިންގެ އިސްތަށިގަނޑުގައި ބޮސްދީފައި މޫނާއި، ތުންފަތް ތެންމަމުން ދިޔަ އިރު ރީތިކަމުން އާޝޯޚުވާވަރުވެއެވެ. ހުދު ޓީޝާޓް ގަޔަށް ހިފާފައި އޮތުމުން އުނަގަނޑުގެ ހިމަކަމާއި، ވަނާތަކުގެ ރީތިކަން ހާމަޔަށް ހުއްޓެވެ. ތުންފަތުގައި ވިދާ ފެންތިކިތައް ހީވަނީ ރަތްފިނިފެންމާ ފިޔައެއްގައި ވާރޭތިކިތައް ހަރުލާފައިވާހެންނެވެ. މިރީތި ކުއްޖާ ފުރަތަމަ ދުވަހު ފެނުނު އިރުން ފެށިގެން އޭނަގެ ހިތަށް ނޭގޭ ގޯނާއެއް ކޮށްލައިފިއެވެ. އެހެންވެގެން ނުވާނެއެވެ. އެންމެ އަޖައިބުވަނީ އޭނައާއި ދިމާވާ ކޮންމެ އަންހެންކުއްޖަކު އޭނައާއި ހެދި މޮޔަވާއިރު މިކުއްޖާއަށް އަސަރުނުކުރީތީއެވެ. އެހެންވެސް ވެގެން ނުވާނެއެވެ. އޭނަގެ ހިތް ނުތަނަވަސްވިއެވެ.
"އަދި ތިއީ ކޮން ކުއްޖެއްކަންވެސް ނުބުނަމެއްނު، ނަން ބުނެބަލަ....." އެ ފިރިހެންކުއްޖާގެ ދެލޮލުގައި ލާނެތްކަމެއް ނަށަ ނަށާވިއެވެ.
"މިޝެލިން.....ހަރީ އަޕް ޕްލީޒް....." މިޝެލިން ހުރީ ހިތް އަވަސްވެފައެވެ.
"ޑޯން ވޮރީ، އަހަރެން ފުރަތަމަ ކުރިކަމަކީ އެއީ، މިހިރީ ވާލްވް، އެކަހަލަކަމެއް ދިމާވެއްޖެއްޔާ މި ޔޫޒްކޮށްލާތި އިނގޭ، ދެން އިސްކުރު މެންޑްކުރަން ނޭގޭނެ. ސޮރީ......" އެ ފިރިހެންކުއްޖާ ކަޅުކުލަގަދަ ބުމަ އަރުވާލާފައި މަޑުމަޑުން ތުންފަތުގައި ދަތްއަޅާލިއެވެ. އެ މޫނުގެ ކޮންމެ ސިފައެއްވެސް މީހުންގެ ހިތްތަކުން ފޮހެނުލެވޭހާ ރީއްޗެވެ. މިޝެލިންގެ ހިއްސުތަކާއި ކުޅެލީ އޭނަ ބޭނުންކޮށްފައި ހުރި ސެންޓެއްގެ މީރުވަހެވެ. އޮޅިގެން ނޭވާ އެތެރެއަށް ދަމައިލެވުނީ އެހުރިހާ މީރުވަހެއް ދަމައިގަންނަން ބޭނުންވާފަދަ ގޮތަކަށެވެ.
"ތެންކިއު....." މިޝެލިން ވިދާލި ވިދުވަރެއްހާ ހަލުވިކޮށް ދުވެފައިގޮސް ގެއަށް ވަންތަން ފެނުމުން އެ ޒުވާނާ ހުރީ ހިނގައިގަންނަންވެސް ނޭގިފައެވެ. އިސްކޮޅުން ތަންކޮޅެއް ދިގުކޮށް ހުއްޓަސް ބާރަ އަހަރުގެ ކުޑަކުއްޖެއްބާވައެވެ. އެކަމަކު ހާދަ އަޅައިގަންނަގޮތް އެބަހުއްޓެވެ. ހާދަ ރީތި ކުއްޖެކެވެ. އިއްބާނު ވަނީ ތަފާތު ވައްތަރުގެ ރީތި ކުދިން ދެކެފައެވެ. އެކަމަކު މިހާ ތަފާތުކުއްޖެއް ފެނިފައެއްނުވެއެވެ. އަދި މިގޮތަށް އަންހެންކުއްޖަކަށް އޭނަގެ ހިތާއި ކުޅެލެވުނީތީ ހައިރާންވިއެވެ. އޭނަ ހީކުރީ އެކަން އަންހެންކުއްޖަކަށް ކާމިޔާބު ނުވާނެ ކަމުގައެވެ. އަނެއްކާ އެއަށް ވުރެ ބޮޑު މައްސަލައަކީ އެކުއްޖާގެ ޝައުގެއް އޭނައަށް ނެތުމެވެ. އޭނައަކީ އެހާ ފަސޭހައިން ނާކާމިޔާބު ގަބޫލުކުރާނެ މީހެއްނޫނެވެ. އޭނަ ބޭނުންވި އެއްޗެއް ލިބެން ޖެހޭނެއެވެ. ގަދަކަމުން ފޭރިގެންވިޔަސް ހެވެވެ. އޭނަ ފިނިވެފައިވާ ދެއަތްތިލަ އުނގުޅައިލަމުން އެކަނި ހުރެ ހީލިއެވެ.
މިޝެލިން އާއި މިލީނާ ގޮވައިގެން ކޮލެޖަށް ދިޔައީ ސޯފިޔާ އެވެ. ސޯފިޔާ އެނބުރި އައި މަގުމަތީގައި އެމީހުން ދިރިއުޅެމުންދާ ގޭގެ ކުރިމަތީގައި ހުރި ފިހާރައަކަށް ވަދެ ގެއަށް ބޭނުންވާ ބައެއް ސާމާނު ގަނެލިއެވެ. ސޯފިޔާ ގެއަށް ވަންނަން އައިއިރު ފެނުނު މަންޒަރަކުން ސޯފިޔާއަށް ހުއްޓުން އެރިއެވެ. ފެރީއިން ދިމާވި ޒުވާން ފިރިހެންކުއްޖާ އިނީ ސައިކަލެއްގެ މަތީގައި އިށީދެގެންނެވެ. އޭނަ ކައިރީގައި ސިގްރެޓް ބޮއިބޮއި ހުރި ފިރިހެންކުއްޖާ އެ ޒުވާނާގެ ކޮލުގައި ބޮސްދީފައި ކޮންމެވެސް ސިއްރު އެއްޗެކޭ ބުނުމުން އޭނަ ބާރަކަށް ހީގަތެވެ. އެތިބީ މަސްތުގެ ހާލުގައި ކަންނޭގެއެވެ. އިސްތަށިގަނޑު ކުރުކޮށް ކޮށާލައިގެން "މާތް" ގޮތެއް ދައްކުވައިގެން ތިބި މި ފިރިހެނުން އިބުލީހަށް ދޫކުރާނެހެނެއް ހިޔެއްނުވެއެވެ. ގިނަފަހަރު ރީތި ޝައިތާނާވެސް މީހުން މަގު ފުރައްދަނީ ރީތި ސިފަތަކުގެ ނިވަލުގައި ހުރެގެންނެވެ. އެމީހުން އެތާ ތިބުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ މިޝެލިން މެންނަށް ފާރަލަނީ ހެއްޔެވެ؟ ސޯފިޔާ ބިރުގަނެއްޖެއެވެ.
އޭނަ ކޮޓަރިއަށް ވަދެ މާޒިންއަށް ގުޅަންފެށިއެވެ. މާޒިން އާދައިގެ މަތިން ބުނީ ބަޔަކު ތަނެއްގައި ތިއްބަސް އަޅާނުލުމަށެވެ. އެއްވެސް މީހަކު ދޮރު ހަލާކުކުރަން އުޅެންޏާ އޭނައަށް ގުޅުމަށް މާޒިން އެދުނެވެ. އެރޭ ދެވަނަ ފަހަރަށް ސޯފިޔާއަށް އެ ޒުވާނާގެ ފަރާތުން ނޭދެވޭ މަންޒަރެއް ފެނުނެވެ. ނިވާކަން ކުޑަގޮތަކަށް ހެދުން އަޅައިގެން ހުރި އަންހެންކުއްޖެއް ގޮވައިގެން ގޮސް ކޮޓަރިއަށް ވަދެ ދޮރުލައްޕާލި ގޮތަށް އެތައް އިރެއްވީއިރުވެސް އެކުއްޖާ ނިކުތްތަނެއް ނުފެނުނެވެ. އޭނަ އެކަން ޔަގީންކުރަން ކަމާއި ކަން ހުއްޓާލާފައި ދޮރުމަތީގައި ފަނަރަ ވަރަކަށް މިނިޓްވަންދެން ހުރެފައި ދޮރު ލައްޕާލައިފި އެވެ.
އެދުވަހު މާޒިން ގެއަށް އައީ މިލީނާ އާއި މިޝެލިންއަށް ދޭން ހަދިޔާ ހިފައިގެންނެވެ. އެކުދިން ޕާރުސަލް ކެނޑުމާއިއެކު އުފަލުން ގޮސް މާޒިންގެ ގައިގައި ހިފައިގަތެވެ. އުމުރުގައި ފުރަތަމަ ފަހަރަށް ކޮންމެ ކުއްޖަކަށް ފޯނެއް ލިބުނީ އެވެ. ސޯފިޔާ އިނީ އެކަމާއި ހިތްހަމަނުޖެހިފައެވެ. ފަހުން މާޒިން ގާތުގައި މައްސަލަ ޖައްސަން ފެށުމުން މާޒިން ބުނީ ކޮލެޖަށް ދާ ކުދިންނަށް ފޯނު މުހިއްމުވާނެ ކަމެވެ. އެކުދިންނަށް ނުރައްކަލެއް ދިމާވިޔަސް އެންގޭނީ އެކުދިން އަތުގައި ފޯނެއް އޮތީމަ ކަމުގައެވެ.
ސޯފިޔާ މިއަދު މާޒިން ގާތުގައި މިޝެލިން މެން ބަލައި ދިޔުމަށް އެދުނެވެ. މާޒިން އާއެކޭ ބުނެފައި ހުއްޓާ ގަޑިޖެހުނުއިރުވެސް މާ އަވަދިނެތި އުޅެން ހަދައިގެން އޭނަ ހަނދާން ނެތުނެވެ. މިޝެލިން ކޮލެޖުން ނިމިގެން މަގަށް ނިކުތީ މިލީނާ އަންނަންދެން އިންތިޒާރު ކުރަން ގަސްތުކޮށްގެންނެވެ. މިޝެލިން މިއަދު ހުރީ ވައިލެޓްކުލައިގެ ހެދުމަކާއި، ޖިންސެއް ލާފައެވެ. އިސްތަށިގަނޑު އައްސާލާފައި އޮތުމުން އެހާ ނުކިޔަމަންތެރި ކަމަކަށް ނުދައްކައެވެ. މިޝެލިން ފޯނާއި ކުޅެލަކުޅެލާ ހުއްޓާ ކޮންމެވެސް ފިރިހެންކުއްޖަކު ބަރުއަޑުން "ހައި" އޭ ބުނެލުމުން މިޝެލިން އިސްއުފުލާލުމާއިއެކު ފުޅާ ހިނިތުންވުމެއް ތުންފަތުގައި ކުޅެލިއެވެ.
"މި ކޮލެޖްގައި ތަ ކިޔަވަނީ؟ " މިޝެލިން ބުމަ އަރުވާލިއެވެ.
"ނޫން ބޭބީ، އަހަރެން ކިޔަވާ ހިތެއްނުވޭ، ކޮލެޖް ފެނުނަސް ބިރުގަނޭ، ޕުއަރ މީ، އަހަރެން ނުކިޔަވާ ހުރީމަ އެންމެ ފަހުން އޮންނަން ޖެހޭނީ ގޭގެ ފާޚާނާ ވަޅުގަނޑު ސާފުކުރަން ދޯ، ތިގެއިން ޖޮބެއް ދޭންވީނު........" އެ ޒުވާނާ "ބޭބީ" ކިޔާލިގޮތަކުން މިޝެލިންގެ ހިތް ކުޑަކޮށް އަވަސްވެލިއެވެ.
"ދެޓްސް ނޮޓް ފަނީ، އިފް ޔޫ ޑޯންޓް މައިންޑް ނަން ބުނެދީފާނަންތަ؟" މިޝެލިން ތަންކޮޅެއް ކައިރިއަށް ޖެހިލިއެވެ. ސެންޓުގެ މީރުވަހުން މިޝެލިންގެ ސިކުނޑި ތާޒާކުރުވިއެވެ. މިޝެލިން މި ފިރިހެންކުއްޖާ އާއި ދިމާވާ ކޮންމެފަހަރަކު އެންމެ ޚާއްސަ ވަނީ އެ ސެންޓުވަހެވެ. އެއީ ކޮން ސެންޓެއްބާވައެވެ.
"ރަނގަޅު ވާނެ ބެން އޭ ކިޔަސް، މަގޭ ނަމަކީ އިއްބާން....." އިއްބާނު އިނީ އެސްފިޔަޖަހާލަން ހަނދާންނެތިފައެވެ. ލާނެތް އެއްޗެކޭ ބުނާކަށް ނޭގުނެވެ. އެހެންނޫންނަމަ އެ ސުވާލަށް އޭނަ ދޭންވީ ވަރުގަދަ ޖަވާބެކެވެ.
"ޔުނިކް ނަމެއް....." މިޝެލިން ހުދު ދަތްތައް ދައްކާލަމުން ހީލިއެވެ. އެއީ އިއްބާނުއަށް ދުނިޔެއިން ފެނުނު އެންމެ ރީތި މަންޒަރެވެ. އަތްނުލައިވެސް މިޝެލިން އޭނަގެ ނާރުތައް ހަލަބޮލި ކުރުވީ އެ މައުސޫމް ހިނިތުންވުން ތަކުންނެވެ. އަދި އެ ވިދުންގަދަ ދެލޮލާއި ހަމަޔަށްވެސް އެހިނިތުންވުން ފޯރާހެން ހީވެއެވެ. ކެތްކުރުން ދަތިވެގެން ހުރިހާ ބާރެއްކުރީ ސައިކަލްގެ ހުންގާނަށެވެ. ހުންގާނުގައި ހިފަހައްޓައި ލެވުނުލެއް ބާރުކަމުން އަތަށް ތަދުވިއެވެ.
"މިޝެލިންގެ ނަމަށް ވުރެ ޔުނިކް އެއް ނުވާނެކަން ޔަގީން، ނަމްބަރުދީ ބަލަ، ދެން ނޫނެކޭ ނުބުނައްޗޭ، އަހަރެން ބޭނުމީ ހަމައެކަނި ފްރެންޑް ވެލަން، އަދި މިރަށަށް އަހަންނަކީ ބީރައްޓެއްސެއް އެހެންވެ މާގިނަ އެކުވެރިންނެއް ނުތިބޭނެ، ތިގޭ ބަޔެއްގައި މި އުޅެނީ ރެންޓަށޭ....." އިއްބާނު ޖީބުން ފޯނު ނެގިއިރު އިސްޖަހާލައިގެން އިންއިރު އޭނަ އެއްފަރާތުން ފެންނަލެއް ވަރަށް ހިތްގައިމެވެ. މިޝެލިން އަނެއްފަރާތަށް ބަލައިލި އިރު ކްލާސް ކުދިން ތަކެއް ހަސަދަވެރި ކަމުގެ ނަޒަރަކުން އޭނަ އާއި ދިމާލަށް ބަލަހައްޓައިގެން ތިބިތަން ފެނުމުން މިޝެލިންއަށް މަޖާވިއެވެ. އަންހެންކުދިން ރުޅިއައީ ކީއްވެބާވައެވެ. މިހާ ރީތި ފިރިހެންކުއްޖަކާއި އޭނަ ވާހަކަދެއްކީމަ ހެއްޔެވެ؟ މިޝެލިން ކުޑަކޮށް ވިސްނާލާފައި ވަގުތުން ނަމްބަރު ދީފިއެވެ.
"ޕްލީޒް..... ޑޯންޓް ޓެލް ޔޯ މަމް އިނގޭ...." އިއްބާނު އެއް ލޯމަރާލާފައި ސައިކަލް ދުއްވާލި ތަނާހެން މިލީނާ ނިކުމެގެން އަންނަތަން ފެނުނެވެ. މިޝެލިން އަކަށް މިލީނާ ގާތުގައި ބެން ގެ ވާހަކަ ކިޔާނުދީ ނުހުރެވުނެވެ. މިލީނާ އަނގަޔަށް ހަދާލިގޮތުން ހީވީ ހިތި އެއްޗެއް ކާލެވުނުހެންނެވެ. މިލީނާ ހަނދާންވީ އިއްބާނުގެ ރީތިކަމެވެ. ތަފާތު ރީތި ގޮތެއް އެ މޫނުގައިވިއެވެ. އަނދުންކުލައިގެ ބުމައާއި ލޮލުގައި "ގޮތެއް" ހުރިކަން އެދުވަހުވެސް މިލީނާ ފާހަގަކުރިއެވެ. މިޝެލިން ހާދަ ނަސީބު ރަނގަޅެވެ. ފުރަތަމަ ދުވަހުވެސް އެކުވެރިއަކު ހޯދައިފިއެވެ. އެހާ ރީތި ކުއްޖަކާއި އެކުވެރިވުމަކީ މިލީނާގެ ނަސީބުގައި ލައްވާފައިވާކަމަކަށް ނުވަނީ ހެއްޔެވެ؟