"އެ ކުއްޖާގެ ނަމަކީ މީރާ، ދެން ލަވް ޔޫ އޭ ބުނާނީ ރައްޓެހިވެގެން އުޅޭތީކަން ޔަގީން ދޯ، ނޫނީ ރެންގެ ނޯޓީކަމުން ދެން ސަކަރާތެއް ޖަހާލީ ކަމަށް ވެސް ވެދާނެ، އެކަމަކު އައި ފީލް ސަމްތިން އިޒް ރޯންގް...." މިޝެލިން ފައި އަރުވައިގެން އޮތީ އެނދުގެ ހެޑްބޯޑަށެވެ. ސޯފާއެއްގައި އޮތަސް އަތްގަނޑަށް ފައިލައިގެން ނޫނީ އޮވެވޭކަމަކަށް ނުވާނެ އެވެ.
"އެވާނީ ފްރެންޑަކަށް، ޝެލް ލައިކް ވޭތަ ޒަހްރާން ދެކެ؟ ހަމަ މެރީކުރާނަންތަ؟" މިލީނާ އާފުރިލި އެވެ. އޭނަ މިހާރު ގަޑި އެލާމްކޮށްގެން ދަމުނަމާދަށް ތެދުވެއެވެ. މާއަވަހަށް ނިދި އަންނަނީ އެހެންވީމަ ކަންނޭގެ އެވެ.
"މަންމަމެން ރެއިން އާއި މެރީކުރުވަން އުޅުނީމަ އާންސަރއެއް ނުދިނީ ހަޑި ކަމަކަށް ވެދާނެތީ، ރިޖެކްޓް ކުރަން ޖެހޭނީ ބޯއި އެހެންނު، އެހެންވެ މިހިރީ ރެއިން އާއި ދިމާނުވެފައި، ރެއިން ލައްވާ ނޫނެކޭ ބުނުވަން ބޭނުމީ...." ކިތަންމެ ސަބަބަކާއި ހުރެ މިޝެލިން އަދި ކައިވެނި ކުރާކަށް ބޭނުމެއް ނުވެއެވެ. އޭނަގެ މައިންބަފައިން އޭނަގެ އެ ނިންމުމަށް އިހުތިރާމް ކުރުމަކީ އޭނަގެ އުއްމީދެވެ.
މިލީނާ ފޮތުގެ ސަފުހާތައް އުކަން ފެށިއެވެ. މިހުރާން ސަތޭކަ ލޯބިވެރިން ގެންގުޅުނަސް އޭނަގެ ފަރުވާލެއްނެތެވެ. އޭނައަށް ރަނގަޅީ މިހުރާން އަވަހަށް އެއިން ކުއްޖަކާއި ކައިވެނި ކޮށްގެން އޭނަގެ ވީޑިއޯ ޑިލީޓް ކޮށްލައިފިއްޔާ އެވެ. މިލީނާގެ ދުޢާއަކީ އެއީ އެވެ. މިޝެލިންއަށް މިލީނާ ކަމެއް ފޮރުވާ ކަމާއި މެދު ޝައްކެއްވިއެވެ. މިހުރާން މިލީނާއަށް ބިރު ދެއްކީ ކީކޭ ކިޔައިގެން ކަން އެނގޭނެ ނަމައެވެ. މިޝެލިން އަށްވަނީ ކޮންމެވެސް ވަރަކަށް މިހުރާން ގެ މިޒާޖު ދަސްވެފައެވެ. ސިޔާސަ އަދި ޖެހިލުން ކުޑަ ބަޔެއް ހުންނަހެންވެސް ހީވެއެވެ. އެގަދަ ބުމަ އާއި، ލޮލުން މިޝެލިންއަށް ބައެއްފަހަރު އެފަދަ ގޮތެއް ފާހަގަ ކުރެވެއެވެ. ވީއިރު މިހުރާން ކޮންމެފަދަ ގޯހެއްވެސް ހަދާފާނެއެވެ. އެހެންނޫނަސް ސީރިޔަސް ލޯބިވެރިޔަކު ހުއްޓާ މިލީނާ އާއި ކައިވެނި ކުރަން އުޅުމަކީ ސުވާލު އުފެދޭވަރުގެ ކަމެކެވެ.
މިޝެލިން އާއި މިލީނާގެ ކައިވެނީގެ ކަންތައް ރޭވެމުން ދާއިރު މިލީނާ އާއި މިޝެލިން އަށް ގޯލްޑެންފްލޭމަށް ދިޔުމުގެ ހުއްދައެއް ނެތެވެ. މަންމަ ބުނާ ގޮތުން ދެން އެގެއަށް ދެވޭނީ ކައިވެންޏަށް ފަހުގައެވެ.
ބައެއްފަހަރު އިންސާނުން ގެ ރޭވުމަށް ތަގުދީރު ހުރަސްއަޅަނީ އެއްވެސް އިންޒާރަކާއި ނުލައެވެ. ކައިވެނި ކުރަން ހަމަޖެހި ނިމިފައި އޮތަސް އެކަން ލައުޙުލް މަހުފޫޡުގައި ލިޔުއްވާފައި ނެތިއްޔާ ކޮންމެވެސް ސަބަބެއް މެދުވެރިވެދާނެއެވެ. ކައިވެނި އެހާ ކައިރިވެފައި އޮތްވާ ކުއްލި އަކަށް ސޯފިޔާގެ ބަނޑުގައި މާ ގަދަޔަށް ރިއްސައި، ހޮޑުލައިގެން ހޮސްޕިޓަލަށް ގެންދިޔައިމަ ޑޮކްޓަރު ބުނުއްވީ އެޕެންޑިކްސް އޮޕަރޭޝަނެއް ކުރަން ޖެހޭ ކަމަށެވެ. އާމިރާ ކުދިން ބަލަން ގޭގައި ހުރެދޭނެކަމަށް ބުނުމުން ސޯފިޔާގެ ހިތަށް ފިނިކަމެއް ލިބުނެވެ. ސޯފިޔާ ކުދިން ހަވާލުކުރަން އެންމެ އިތުބާރު ކުރާ ފަރާތަކީ އާމިރާ އެވެ. ސޯފިޔާގެ ކޮއްކޮ އަށްވެފައި ދީނީ މީހަކަށްވީމަ މިޝެލިންމެނަށް ދެރަގޮތެއް ނަހަދާނެ ކަމުގެ ޔަގީންކަން ސޯފިޔާއަށް އޮވެއެވެ.
މިޝެލިން އާއި މިލީނާ "ގޯލްޑެން ފްލޭމް" އަށް ދިޔައީ މާމަ އާއި އެކީގައެވެ. މިޝެލިންމެން އެހާވަރުން ގެންދިޔައީ ހެދުމުގެ މިން ޖަހާލަން ވެގެންނެވެ. ކާޑު ޑިޒައިން ކުރަން އެކުދިންގެ ޚިޔާލުވެސް އެ އާއިލާއިން ބޭނުންވިއެވެ. އާމިރާ ހިތްހަމަނުޖެހިފައި ހުރިނަމަވެސް ޒަހާރާގެ ހައިބަތުގެ ސަބަބުން ދެކޮޅުހަދާކަށް ނުކެރުނެވެ. އެހެންނޫނަސް އެކުދިން މާމަގެ ގެއަށް ދިޔުމުން ވާނެ ގެއްލުމެއް ނެތްތާއެވެ. އާމިރާއަށް ނޭގުނީ އެކުދިންގެ ކައިވެނިތައް ހަމަޖެހެމުންދާ ކަމެވެ. މިޝެލިންމެން މާމަގެ ގެއަށް ދިޔަގޮތަށް ކާފަ ކައިރީގައި ވަގުތުކޮޅެއް ހޭދަކޮށްލި އެވެ. އެލީސާ މިޝެލިން އާއި ވާހަކަދެއްކީ އެހާ ލޯބިންނެވެ. މަލަކާވެސް އެއްވެސް ދެކޮޅުވެރި ކަމެއްނެތި މިޝެލިން ގެ ބޮލުގައި ފިރުމާފައި، ނިތްކުރީގައި ބޮސްދީ އުޅުނު ގޮތުން ހީވީ އަމިއްލަ ދަރިއެއް ހެންނެވެ. މިޝެލިން ހީކުރީ އެއީ ދެއްކުންތެރިކަން ކަމަށެވެ. އެހެންނޫންނަމަ ޒިލާގެ މަންމަ އޭނައަށް ހެޔޮވާންވީ ސަބަބެއް އޮވެގެން ނުވާނެއެވެ.
ގޯލްޑެން ފްލޭމްގެ އާއިލާ ކިތަންމެ މުއްސަނދި ކަމުގައި ވިޔަސް އެގޭގެ ކެއްކުމުގެ ކަންތަކުގައި ނޯކަރުން ގެންގުޅެނީ މަދުންނެވެ. ފިރިމީހާ އާއި، ދަރިންނަށް ކައްކައި ޚިދުމަތް ކޮށްދިނުމަކީ ޒަހާރާ ދެކޭގޮތުގައި އަންހެންކުއްޖެއްގެ ގައިގައި ހުންނަން ޖެހޭނެ އެންމެ ރީތި ސިފައެވެ. ގެވެހިކުދިންނަށް ވާންޖެހޭނެއެވެ. ޒަހާރާ ހުރިހާކުދިންނަށް އެބައި ދަސްކޮށްދީފައި ވެއެވެ. މިލީނާ އެގެއަށް އެހާ މަދުން އަންނައިރުވެސް ބަދިގޭ ކަންތަކުގައި އެހީތެރިވެ، މީރު އެއްޗެހި ހަދާތީ ޒަހާރާ ހުންނަނީ އެކަމާއި އުފަލުންނެވެ. މިޝެލިން ބަހަނާއެއް ދައްކާލާފައި ބަދިގެއާއި ދުރުން އުޅުނަސް ޒަހާރާ ޔަގީންކޮށްފައި ވަނީ މިޝެލިން ވެސް މިލީނާ ފަދައިން ގެވެހި ކުއްޖެއް ކަމުގައެވެ. މިޝެލިން ދެކޭގޮތުން މިހާ މުއްސަނދި އިރު ބަދިގޭގައި ވަގުތު ހޭދަކުރުމަކީ ބޭކާރު އަދި މޮޔަކަމެކެވެ. އެއަށްވުރެ ދިރިއުޅުން މާކުރެވެ.
މިލީނާ ކޭކު ހަދާ ނިންމާލުމަށްފަހު ޗޮކްލެޓް އައިސިން ޖަހަން ހުރި އިރު ފަހަތުން މީހަކު އައިސްދާނެ ކަމަކަށް ހިޔެއްނުކުރެއެވެ. މިލީނާ އެހާ ޝައުގުވެރި ކަމާއި އެކު އެ މަސައްކަތުގައި ހުއްޓާ މިހުރާން މަޑު ފިޔަވަޅު ތަކެއްގައި އައިސް ކޭކުން ބޮޑު ތަންގަނޑެއް ނައްޓާލި ގޮތަށް މިލީނާގެ އޮމާން މޫނުގައި ހާކާލައިފި އެވެ.
"ހެޕި ބާތްޑޭ ބޭމްބީ....." މިހުރާންގެ ބަރު އަޑުއިވުމުން މިލީނާ އެނބުރި ބަލައިލީ ދެލޯ ބޮޑުކޮށްލަމުންނެވެ. މިހުރާން ހޭންފެށިއެވެ.
"މިހާރު ހީވަނީ ކުޑަ ކާޓޫނެއްހެން، މޫނުގައި ދެލި އުނގުޅާލައިގެން ހުރީމަ ދެން ހާދަ ހަޑިއޭ، ލޯގަނޑަކުން ބަލައިލަބަލަ......" މިހުރާން އުޅުނީ ހައްތަހާ މިލީނާ ރުޅި އަރުވައިލުމަށެވެ.
"ހާދަ ގޯހޭ، މިހުރާންގެ މަންމަ މި ކޭކުގައި އައިސިން ޖަހާލަދޭށޭ ބުނީމަ އެވަރުން ކުރި މަސައްކަތް ބޭކާރު ވީ....." މިލީނާ ހުރީ ރޮވޭގޮތްވެފައެވެ. އޭނަ ޓިޝޫއެއް ދަމައިގަތްގޮތަށް މޫނުމަތީގައި ހުރި އައިސިން ފިލުވަން ފެށިއެވެ.
"މަ ހީކުރީ ބޭމްބީ މަށަށް ދޭން ކޭކެއް ތައްޔާރު ކޮށްލީ ކަމަށް، ދެމީހުން އެކީގައި ލައިފެއް ފަށާދުވަސް ޖެހެނީ، ބުނެބަލަ، އަހަރެމެން ކޮންތަނަކަށް ދާންވީ؟ ނިއުޔޯކަށް ނޫނީ ލަންޑަނަށްތަ؟ ހަނީމޫނަށް ދާނީ ޕެރިސް ނޫނީ ސްވިޒަލެންޑަށް ދޯ...." މިހުރާން ގެ ލޮލުގެ ތޫނުކަމުން މިލީނާ އަށް އެލޮލަށް ބަލަހައްޓައިގެން ހުންނަން އުދަގޫވިއެވެ. ގާތުން ފެނުމުން މިހުރާންގެ މޫނުގެ ރީތިކަމާއި، ފުރިހަމަކަން ފާހަގަ ކުރެވުނެވެ. ރީތި އިންސާނުން ވެއްޖެއްޔާ އުޅުން ނުބައިވާނެއެވެ. މިހުރާންއަކީ އޭގެ މިސާލެކެވެ.
"ހާދަ ވަރަކަށް ތިބަލަނީ....." މިހުރާން އެއް ލޯ މަރާލައިފި އެވެ. މިލީނާ ފުން ނޭވަޔެއްލާފައި ދުރަށް ބަލަން ފެށިއެވެ.
"މީހުން އިރިޓޭޓް ކުރަން ތިވަރެއްނެތް..." މިލީނާގެ އެ ޖުމްލަތައްވީ ހިތުގައެވެ. މިހުރާން އޭނަގެ ވީޑިއޯ ބެލިކަން ހިތަށް އެރިޔަސް ލަދުން މަރުވާވަރުވެއެވެ. އެވަގުތުވެސް ކޯތާފަތަށް ރަތްކުލަވެރިވާން ފެށުމުން މިލީނާ އަވަހަށް އެތަނުން ނިކުމެގެން ދާން ހިގައިގަތެވެ. މިގެއަށް އާދެވުނުކަމުގެ މޮޔަހީވިއެވެ. މިވަރުން ދަންޏާ ކައިވެންޏަށްފަހު އޭނަ އުޅެންޖެހޭނީ ކޮން ހާލެއްގައިބާވައެވެ. އެއްކޮޓަރި ހިއްސާކުރަން ހާދަ އުދަގޫވާނެއެވެ. އޭނަ ކޮޓަރީގައި ހުއްޓަސް އުޅޭނީ ކަޅުހެދުންލައިގެންނެވެ. މިލީނާ ގޮތެއް ނިންމިއެވެ.
"މަޑުކޮށްބަލަ ބޭމްބީ..." މިހުރާން ގޮވާލުމުން މިލީނާގެ ފިޔަވަޅުތައް ހުއްޓުނެވެ.
"ކިހިނެއްވީ؟" މިލީނާ ހިތާހިތުން އަލިފާންވާވަރުވިއެވެ. ނަމަވެސް އޭނަ ވާހަކަދެއްކީ މައިތިރި ކޮށެވެ.
"ލިސެން ބޭބީ ގާލް، އަހަރެމެން މިއުޅެނީ ވީކެއްގެ ތެރޭގައި މެރީ ކުރާކަށްނު، ދެން ދެމީހުން ދަސްނުކުރަންޏާ ވާނެ ގޮތަކީ އެރެއަކުން ބޭމްބީ ލަދުން މަރުވެދާނެ، ވީމަ ދެން ޓޯކު ނުކުރަންތަ ތިއުޅެނީ؟ އަނެއްކާ ކަޅުހެދުމުގެ ތެރެއަށް އެރިގެން އުޅުމުގެ މާނައެއްވެސް ނެތެއްނު، އަހަރެންނަށް މާ ރީއްޗަށް ފެނިފައި ވަނީ، އެހެންވީމަ އަހަރެން ފެންނައިރަށް ފިލަން ނޫޅޭތި...." މިހުރާންގެ ވާހަކަތަކުން ހައްތަހާ ބޮޑަށް މިލީނާ ލަދުގަތެވެ. އެކަމަކު މިހުރާން އެދައްކަނީ ތެދު ވާހަކަ ތަކެވެ. މިހުރާން އާއި ކައިވެނި ކުރުމުން ދެން ކުރާނެ ގޯނާއެއް އެނގެނީއެއް ނޫނެވެ. އޭނަ އެކަމަށް ހައްލެއް ހޯދަން ޖެހެއެވެ. މިލީނާގެ ޚިޔާލަށް އެދުވަސް ގެނެވުމުން ނޭގޭ ބިރަކުން ހިތް ވިރޭގޮތްވިއެވެ. އޭގެ ކުރިން މަރުވާނެ ނަމައެވެ. މިހުރާންގެ ޚިޔާލު ބަދަލުވާނެ ނަމައެވެ.
"ކޮން ވާހަކައެއް ދައްކަން ބޭނުމީ؟" މިލީނާ އަތުގެ އިނގިލިތަކާއި ކުޅެމުން ބުންޏެވެ.
"އެނީތިން...." މިހުރާން އާއި މިލީނާ ކޮރިޑޯއިން އެކީގައި ހިނގާލައިފައި އައިއިރު މިހުރާން ޖީބަށް ދެއަތް ޖަހާލައިގެން އައީ ފިރިހެންވަންތަ ހިގުމެއްގައެވެ. އޭނަ ލައިގެން ހުރި ޑޯލްޗޭ އެންޑް ގަބާނާ ޓީޝާޓާއި، ގުޗީ ޖިންސްގެ ސަބަބުން ފެޝަނަށް ލޯބިކުރާ ޒުވާނެއް ކަމަށް ދައްކައެވެ. މުޅި ކޮރިޑޯގައި ހިފައިލީ އޭނަ ޖަހައިގެން ހުރި އަގުބޮޑު ސެންޓުގެ ލުއިވަހެވެ. އެވަގުތު މިހުރާންގެ ފޯނު ރިންގުވާން ފެށުމުން، އެ ފޯނެއް މުހިއްމުވީވަރުން މިލީނާ އެތާހުރިކަން ހަނދާން ނެތުނުހެން ހީވިއެވެ. މިލީނާ ގާތު އިތުރު އެއްޗެކޭ ބުނުމެއްނެތި އޭނަ ސިޑި އާއި ދިމާލަށް ހިނގައިގަންނަމުން ފޯނު ކަންފަތުގައި ޖެހިއެވެ. އެއީ މީރާ ކަމަށް ވެދާނެ އެވެ. މީރާ އަކީ ކާކުބާވައެވެ. އެކުއްޖާ ހުއްޓާ މިލީނާ އާއި ކައިވެނި ކުރުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟
ޒަހުރާން ކޮފީ އެއް ބޯލަން ކާކޮޓަރީގެ ކުޑަދޮރު ކައިރީގައި އިށީދެލައިގެން އެކަނިމާ އެކަނި އިންދާ މިޝެލިން އެތަނަށް އައެވެ. ރަތް ޓީޝާޓަކާއި، އައިސް ބްލޫ ޖިންސެއްގައި ހުރިނަމަވެސް އަޅާފައިވާ ނުލާއި ރަތުގެ ކުޑަ ސްކާފްގެ ސަބަބުން އޭނަ ފެންނަލެއް ވަރަށް ފުރިހަމަ އެވެ. ހުދު ދެލޮލުގެ ތެރެއިން ކަޅު ރޭގަނޑެއްފަދަ ކަޅިވިދާގޮތްވެސް އެހާ ހިތްގައިމެވެ. މިޝެލިން ވަރަށް ހަމަޖެހިލައިގެން ހުރެ ރާސްބެރީ ޖޫސްތަށްޓެއް އަޅައިގެން ބޯން ފެށުމާއި އެކު ތުންފަތުގައި ޕްލަމް ރަތްކުލަ ޖެހުނެވެ. އޭނަ ގޮނޑިއެއް ކައިރިކޮށްލައިގެން އިށީދެ ޒަހުރާން އާއި ވާހަކަ ދައްކަން ފެށިއެވެ. އޭނައަށް މި ކައިވެންޏަށް މަޖުބޫރުވެފައިވާ ވަރާއި، ސަލާމަތް ކޮށްދެވެން އޮތީ ހަމައެކަނި ޒަހުރާންއަށް ކަމަށް ބުނެލީ އުއްމީދާއި އެކުގައެވެ. ޒަހުރާންވެސް އިނީ މަޖާވެލާފައެވެ. އާއިލާގެ މީހުން މިގޮތަށް މަޖުބޫރު ކުރުމުން ދެމީހުން ކައިވެންޏެއް ފެށިޔަސް އެ ހަރުދަނާ ގުޅުމަކަށް ވާނެ ހެއްޔެވެ؟ އެހެންނޫނަސް މިޝެލިންއަކީ އެހެން އަންހެން ކުދިންނާއި ބަލައިފައި ތަފާތު ކުއްޖެކެވެ. އޭނަގެ ގާތުގައި އެގޮތަށް ޖެހިލުމެއްނެތި އެ ވާހަކަވެސް ދެއްކީ އެވެ.
"ރެއިން، އައި ފީލް ޔޫ ޝުޑް މެރީ ޒިލާ އެގެއިން، އެހެންނޫނީ ޒެފް އަށް މަންމަ އާއި ބައްޕަގެ ލޯބި ނުލިބޭނެ، މިހާރުވެސް އަޅުގަނޑުގެ ޕޭރެންޓުން ދުރުވެއްޖެއްޔާ ހިތާމައިން ހަލާކުވާނެ، ކުޑަޔަސް ޒެފްއަށް އެކަން ނޭގޭނެ ތަ؟ ހީ ވިލް އަންޑަސްޓޭންޑް އެވްރީ ތިންގް، ޕޭރެންޓުން ވަކިވުމަކީ ކުއްޖަކަށް ލިބޭނެ އެންމެ ބޮޑު އެއް ހިތާމަ......" މިޝެލިން ޅައެއް ކަމަކު އެ ދެއްކީ ބުއްދިވެރި ވާހަކަ އެކެވެ.
ޒަހުރާން ހިމޭންވިއެވެ. އެ ދެލޮލުން ކޮންމެވެސް ވަރަކަށް ހިތާމައިގެ އަސަރުތައް ފާޅުވިއެވެ. އޭނައަށް މިޝެލިން ގާތުގައި ޒިލާގެ ހަގީގަތް ކިޔައިދެވިދާނެ ހެއްޔެވެ؟ އެއްވެސް ވަރަކަށް އޭނަ ދެކެ ލޯބިނުވާ އަންހެންކުއްޖަކާއި އެކީގައި ދިރިއުޅުމެއް ފެށިގޮތަށް އޭނަ އުޅުނު ހާލު ދެނެވޮޑިގެންވަނީ ހެއްދެވިފަރާތެވެ. އޭނަ ހާދަ ކެތްކުރިއެވެ. އެހެން ފިރިހެނަކު ކެތްނުކުރާނެހާ ބޮޑަށެވެ. މާ މާތްވެގެނެއް ނޫނެވެ. އެކަމަކު ލޯބީގެ ހައްގުގައެވެ. ދަރިފުޅަށް ޓަކައެވެ. އަދިވެސް އޭނަގެ ހިތުގައި ވަނީ ޒިލާ އެވެ. ޒިލާ އަންނާނެ ދުވަހަކަށް އެ ހިތް އިންތިޒާރު ކުރާ ވަގުތު މަދެއްނޫނެވެ. އަރައިރުންވާންވެސް ޒިލާ ކައިރީގައި ހުންނާނެ ނަމައެވެ. އެކަމަކު މިދުވަސްކޮޅު ޒިލާ ފެނުން މާ މަދުވެއްޖެއެވެ.
"ނޫނީ ދެމީހުން އެކީގައި އުޅޭތަން ފެނުނީމަ ޒިލާ ޖޭވެގެން ރެއިންގެ ފަހަތުން ދުވަން ފަށާފާނެ ދޯ، ކުރިންވެސް އެގޮތަށް ޖޭކުރުވާހިތްވި...." މިޝެލިން ނިޔަފަތި ހަފާލަ ހަފާލާ އިނދެ އޭނަ ޒިލާ ރުޅި އަރުވައިލަން ކުރި ކަންތައްތަކުގެ ވާހަކަތައް ޒަހުރާން އަށް ކިޔައިދޭން ފެށިއެވެ. ޒަހުރާންއަށް އެވަގުތު މިޝެލިން ފެނުނީ ކުޑަކުއްޖެއްގެ ގޮތުގައެވެ. އަށާރައަހަރަށް ވުރެވެސް ޅަހެން ހީވިއެވެ. އެވަރުގެ ކުއްޖަކާއި އޭނަ އިންނަން މަންމަމެން މަޖުބޫރު ކުރީމަވެސް އޭނަ މިހިރީ ހިމޭނުންނެވެ. އެއީ އިންސާފެއް ނޫނެވެ. މިޝެލިން އާއި އޭނަ ކައިވެނި ކޮށްފިއްޔާ އެތައް ބަޔެއްގެ ހަޔާތް ބަރުބާދުވެގެން ގޮސްދާނެއެވެ. އޭނަ ބައްޕަމެން ގާތުގައި އަލުން ޒިލާ ގެއަށް ގެންނަން ބޭނުންކަމުގައި ބުނާނީ އެވެ. މިޝެލިން އާއި ކައިވެނި ކުރަން ބޭނުންނުވާ ކަމަށް ބުނެލާނީއެވެ. އެކަމަކު އެވެސް ކުޑަދުވަސް ކޮޅަކަށްފަހުގައެވެ. މިދުވަސްކޮޅު އޭނަ ބޭނުމީ އެކަނިވެރި ކަމެވެ.
މިޝެލިން ޖެހިގެން އައިދުވަހު ގޯލްޑެން ފްލޭމްއަށް އައިއިރު "ބޫ" އެމެރިކާއިން ރާއްޖެ އައިސްގެން އުޅޭ ކަން އެނގުނެވެ. މިޝެލިންގެ ހިތް ތެޅިލީ ކީއްވެގެން ކަމެއް ނޭގުނެވެ. "ބޫ" އަކީ ކާކުކަން ނޭގިގެން އިންތިޒާރު ކުރާތާ ކޮން ދުވަހެއް ހެއްޔެވެ؟ އެންމެ ފަހުން އެއިންތިޒާރު ނިމުމަކަށް އައީއެވެ. ނަސީބަކުން މިއަދު މިޝެލިން ހުރީ ވަރަށް ރީތި ހެދުމެއްގައެވެ. ކަޅުކުލައިގެ ސްކިނީ އާއި، ފަށުވި ޓީޝާޓްކޮޅަކާއި އެކު ބޭރުން ލައިގެން ހުރި ޖެކެޓްގެ ސަބަބުން އޭނަ ހީވަނީ ބޭރުކުއްޖެއް ހެންނެވެ. އެންމެން ބޮޑުކޮޓަރީގައި ޕްރޮގްރާމެއް ބަލަން ތިއްބާ މިޝެލިން ސިއްރުސިއްރުން މަތީބަޔަށް ދިޔައެވެ. ކުއްލި އަކަށް މިޝެލިންއަށް ފެނުނީ ބޫގެ ކޮޓަރީގެ ދޮރު ހުޅުވާލާފައި ޒުވާނަކު ނިކުތްތަނެވެ. މިޝެލިން މާޔޫސްވިއެވެ. އެޒުވާނާ ހުތުރެއްނޫނެވެ. އިސްކޮޅުން ދިގެވެ. މުށި އިސްތަށިގަނޑަކާއި ނޫކުލައިގެ ދެލޮލެވެ. ހީވަނީ ބޭރު ކުއްޖެއް ހެންނެވެ. އެކަމަކު މިޝެލިންގެ ޚިޔާލުގައި ކުރެހިފައިވާ ތަސްވީރެއް ނޫނެވެ. މިޝެލިން އެނބުރިލައިފައި އަވަހަށް އޮފިއެލޭ ގަހުގެ ގޮފިތަކާއި ކުޅެން ފެށިއެވެ. ބޫ އަށް މިޝެލިން ނޭގުނީ ކަންނޭގެ އެވެ. އޭނައަށް ގޮވައިވެސް ނުލާ ސިޑިން ފައިބައިގެން ހިނގައްޖެއެވެ.
"ރެއިން އާއި ރެންގެ ކޮއްކޮއެއް ހެނެއް ހިޔެއްނުވޭ، ވައްތަރެއްވެސް ނޫން، ދެންނޭގޭ، މިވަރަށް އަހަރެން ފޫހި މިވީ ކީއްވެބާ، ވައި ޝުޑް އައި ކެއަރ، އެކަމަކު ވަރަށް ދެރަވެއްޖެ، ހީކުރީ ބޫ ވަރަށް ހެންޑްސަމް ވާނެކަމަށް، އެންމެން އޭނަ ދެކެ ވަރަށް ލޯބިވާހެން ހީވި، އެކަމަކު އެކުއްޖާ ހީވަނީ އޯޑިނަރީ އެމެރިކަން އެއްހެން، ނޮޓް ސޯ އޯޑިނަރީ، ހީވަނީ ނޭޓްހެން........ ލޯބި އެކަމަކު އަހަރެންގެ ޑްރީމް ޕްރިންސެއްނޫން، އިމޭޖިން ކޮށްގެން ހުރެވުނީ ބޫ ވަރަށް ހެންޑްސަމް ވާނެކަމަށް........." މިޝެލިން ހިތާހިތުން ކިޔާލައިފި އެވެ. އެއާއި އެކު އަތުތެރޭގައިވާ ފަތްކޮޅުތައް ޗިސްކޮށްލާފައި ބެލްކަނިން ބޭރަށް ހޫރާލައިފި އެވެ. އޭނަ އަމިއްލަ ނަފުސަށް އެއްޗެހި ގޮވާފައި، ރަކިވެގެން ހެވުނެވެ. އޭނަގެ ހިތަށްވެސް ސިއްރުން މިހިރީ ބޫ ފެނުމުން ކަމެއް ރާވަން ވެގެންނެވެ. އެހެން އުއްމީދެއްގައެވެ. އެހެން ހުއްޓާ އޭނަގެ ހުރިހާ އުއްމީދުތަކެއް ފެނަށް ވެގެން ހިގައްޖެއެވެ.
މިޝެލިން ކޮރިޑޯއިން ހިނގާލައިފައި ދިޔައީ މަޑުމަޑުން ލަވައެއް ކިޔައިލަމުންނެވެ. އެހެންލާފައި ދަމުން ބޫގެ ކޮޓަރީގެ ދޮރުގައި ހިފާލި އިރު އެކޮޓަރި ހުރީ ތަޅުލާފައެއްނޫނެވެ. ކޮޓަރިތައް ފާސްކުރާ ކުއްޖަކަށްވާތީ ލިބުނު ފުރުސަތުގައި އެކޮޓަރިއަށް މިޝެލިން ދެމިގަތެވެ. ކޮޓަރީގެ ރީތިކަމާއި، ދުވި މީރުވަހަކުން މިޝެލިންގެ ހިއްސުތައް ވިހުރުވާލައިފި އެވެ. މިޝެލިން ޑްރެސިން ޓޭބަލް މަތިން ސެންޓްފުޅިއެއް ނަގާފައި ވަސްބަލައިލި ތަނާ ފާޚާނާ ތެރެއިން މީހަކު ނިކުތުމުން ލިބުނު ސިހުމުގައި ބާރަކަށް ހަޅޭއްލަވައި ގަނެވުނެވެ.
"ބެން...." ފާޚާނާއިން ތުވާލި އޮޅާލައިގެން ނިކުމެ ހުރީ އިއްބާނު ފިޔަވައި ދެވަނަ މީހެއް ނޫނެވެ. އިއްބާނު ފޮރެސްޓް ފެހިކުލައިގެ ތުވާއްޔެއް އޮޅާލައިގެން ހުރި އިރު އެ ސްކަލްޕްޓެޑް އޮމާން ހަށިގަނޑާއި، ފުޅާ މޭމަތީގައި މުތީތަކެއްފަދައިން ވިދަނީ ފެންތިކިތަކެވެ. އެ ފަން އިސްތަށިގަނޑު ތެތްކޮށް އޮތުމުން އެހާ ޗާލެވެ. ދެއަހަރު ފާއިތުވެގެން ދިޔައިރު އިއްބާނު ކުރިއަށްވުރެ ރީތިވެ، ފިރިހެންވަންތަކަން އިތުރުވެފައިވެއެވެ. ލިބުނު ޝޮކެއްގެ ސަބަބުން އަތުގައިވާ ސެންޓު ފުޅި ދޫވެގެން ދިޔައިރު މިޝެލިންގެ ރީތި ތުންފަތުން ނިކުތީ ބެންގެ ނަމެވެ. އެކަމަކު މިޝެލިން ހީވީ އަނބުރައިގެންފާނެ ހެންނެވެ. އިއްބާނު ވެސް ހުރީ ހައިރާންވެ އަންތަރީސްވިވަރުން ހިނގައިގަންނަން ނޭގިފައެވެ.
"ބޭބީގާލް... މައި ލަވް..." އިއްބާނު ދެވަނަ ސިކުންތުކޮޅު އައިގޮތަށް މިޝެލިން ގެ ދެއަތުގައި ހިފައިލި އިރު އެ ރީތި ދެލޮލުން ފެނުނީ ލޯތްބާއި އެކު ހައިރާންކަމުގެ އަސަރެވެ. ދެމީހުންވެސް ތިބީ ހުވަފެނެއްގައި ތިބިފަދައިން އެކަކު އަނެކަކަށް ބަލަހައްޓައިގެން ހުއްޓުން އަރާފައެވެ.
"އަހަންނަށް މިފެންނަނީ ޑްރީމެއްތަ؟ މިގޭގައި ކީއްތި ކުރަނީ؟ ހާދަ ވަރަކަށް ހޯދައިފީމޭ، ކީއްވެ އަހަންނަށް ނުގުޅީ؟ ކީއްވެ މެއިލް ނުކުރީ؟ ތިއީ ހަމަ މިޝެލިންތަ؟ ބޭބީ އަނގައިން ބުނެބަލަ، ދޮންބެ އާއި މެރީ ކުރަން އުޅެނީ ޝެލްތަ؟" އިއްބާނު އެތައްސުވާލު ތަކެއް އެއްފަހަރާ ކޮށްލައިފި އެވެ. މިޝެލިން ހޭވެރިކަން ވީ އެއަޑު ހިތާއި ކުޅެލި ގޮތަކުންނެވެ. އެ ޖާދުވީ ފިރިހެންވަންތަ އަޑު އޭނަގެ ކަންފަތުގައި އަބަދު ހަރުލާފައިވި އަޑަކަށްވީތީއެވެ.
"ތިއީ ބޫ ތަ؟ " މިޝެލިންއަށް ކޮށްލެވުނީ ސުވާލެކެވެ.
"ހޫމް، އެކަމަކު ފްރެންޑުން ކިޔަނީ ބެން، ޝެލް ބޭނުން ނަމަކުން ކިޔަންވީ، އެކަމަކު މިއީ ކޮންކަހަލަ ކަމެއްތަ؟ އަހަރެން ހާދަ ސަފަރ ކޮށްފައި މިހާތަނަށް މިއައީ......" އިއްބާނު ފާއިތުވެގެން ދިޔަ ދެއަހަރު ކަންތައް ހިގިގޮތް ކިޔައިދޭން އުޅެފައިވެސް ކޮންމެވެސް ސަބަބަކާއި ހުރެ ހިމޭންވިއެވެ. މިޝެލިން މާފަށް އެދުނެވެ. އޭނައަށް އޭރު ދޯހާ އާއި ދުބާއީ އޮޅޭ ކަމަށާއި، އަދި ފޯނަށް ވީގޮތް ކިޔައިދިން އިރު މިޝެލިންގެ ހިތް ހީވަނީ އުފަލުން ފުންމާލަފާނެ ހެންނެވެ. އެންމެ ފަހުން އޭނަގެ އިއްބާނު ފެނުނީއެވެ. ހިތަށް ހާދަ ގޮތްގޮތް ވެއްޖެއެވެ. އެއަތުގެ ބީހިލުމުން ނާރުތަކަށް އައި ހަލަބޮލި ކަމާއި އެކު، އަތުގައި ވި ތުރުތުރުލުން ދިގުދެމިގެން ދިޔައެވެ. މިޝެލިން އާއި ދިމާލަށް އިއްބާނު ބަލަހައްޓައިގެން ހުރި ގޮތުން މޫނު ރަތްވިއެވެ.
"ބެން، އަސްލު ނުބައި ގަޑިއެއްގައި މިވަދެވުނީ، ބެން އެއްޗެހި ލައިގެން ނިކުމެބަލަ، އައި ވިލް ވެއިޓް އިނގޭ....." މިޝެލިން އިއްބާނުގެ އަތުގެ ތެރެއިން އަތް މަޑުމަޑުން ދަމައިލުމަށްފަހު ދާން ހިގައިގަތް އިރު ހިތް އަވަސްވެފައިވާވަރުން އަނބުރައިގެންފާނެހެން ހީވިއެވެ.
"ނުބައި ގަޑިއެއް ނޯންނާނެ ބޭބީ، ކޮންމެ ގަޑިއެއްގައި ވެލްކަމް އިނގޭ......" އިއްބާނު އެއް ލޯމަރާލައިފި އެވެ. މިޝެލިން ރަކި ގޮތަކަށް ހީލާފައި އަވަސްއަވަހަށް ދާން ހިނގައިގަތެވެ. އެ ކޮޓަރިން ބޭރަށް ނިކުމެ ބެލްކަނީގައި މަޑުކޮށްލި ތަނާ އެލީސާ މިޝެލިން ގޮވައިގެން ކޮޓަރިއަށް ދިޔައީ ވެޑިން ޑްރެސް ޑިޒައިންތަކެއް ދެއްކުމަށެވެ. މިޝެލިން ދެން ޒަހުރާން އާއި ކައިވެނި ކުރާނީ ކޮން އުސޫލަކުން ހެއްޔެވެ؟ އޭނަ ވަނީ މީގެ ދެއަހަރު ކުރިން ޒަހުރާންގެ ކޮއްކޮ އާއި ކައިވެނި ކުރަން ވަޢުދުވެފައެވެ. ވީއިރު ދެން ދުނިޔޭގެ އެއްވެސް ބާރަކަށް އެދެމީހުން ދުރެއްނުކުރެވޭނެ އެވެ. މިޝެލިން ހީވަނީ ހުވަފެނެއްގައި އިން ކުއްޖެއް ހެންނެވެ.
ހަވީރު ސައިގައި ގޭގެ އެންމެން ބައިވެރިވި އެވެ. އިއްބާނު ހުރީ މެރޫން ޓީޝާޓަކާއި، ޖިންސެއްލައިގެންނެވެ. ކަރުގައި އޮތީ މިޝެލިން ހަދިޔާކުރި ފަށެވެ. އިއްބާނު ފެނުމުން މިޝެލިންގެ ގައިން ހީބިހިނެގިއެވެ. އެ ކަތި ބަލައިލުމުން މިޝެލިންގެ ހިތް އަވަސްކުރުވިވަރާއި، ކޯތާފަތަށް ފާއްދާލި ރަތްކުލައަކުން މިޝެލިންގެ ރީތިކަން އެތައް ގުނަ އިތުރުކުރުވިއެވެ. އިއްބާނު އާއި މިޝެލިން ސިއްރު ސިއްރުން އެކަކު އަނެކަކަށް ބެލި އަދަދެއްވެސް ނޭގެއެވެ. އެންމެން ކާ މޭޒުދޮށުގައި ތިބިއިރު އިއްބާނު، މިހުރާން އަދި ޒަހުރާން ގެ ސަމާސާ ވާހަކަތަކުން އެ ތިންބެއިންގެ އެކުވެރިކަމާއި އެކަކު އަނެކަކު ދެކެ ލޯބިވާވަރު މިޝެލިންއަށް ޔަގީންވިއެވެ. އަދި "ބޫބެއަރ" އޭ ކިޔައިގެން މިހުރާން މެން އިއްބާނު އާއި ދިމާކުރީމަ މަޖާވެސް ވިއެވެ. މި އުފާވެރި އާއިލާގެ މެމްބަރަކަށް ދުވަސްކޮޅަކުން އޭނައަށް ވެވޭނެއެވެ. މިޝެލިން އަށް އޭނަގެ ދިރިއުޅުމުގައި ކުރިއަށް ރޭވިފައިވާ ގޮތެއް ނޭގުނު ނަމަވެސް އުއްމީދު ކުރެވުނީ އެންމެ ރަނގަޅު ގޮތަށެވެ. އިއްބާނު އައުމުން މިޝެލިން ހީކުރީ ދެން ޒަހުރާން އާއި އޭނަގެ ކައިވެނީގެ ބަދަލުގައި އޭނަ އާއި އިއްބާނުގެ ކައިވެނި ކުރެވޭނެ ކަމުގައެވެ. ކުރިމަތިވެދާނެ ތޫފާނެއްގެ އެއްވެސް ހިލަމެއްނުވެ އިނދެ މިޝެލިން ޚިޔާލީ ގަނޑުވަރުތައް ބިނާކުރަންފެށިއެވެ.
މިޝެލިން އާއި އިއްބާނު ކިތަންމެ ބޭނުން ވިޔަސް އެކަނި ބައްދަލުވެލާނެ ފުރުސަތެއް އެއްގޮތަކަށްވެސް ނުލިބުނެވެ. ޒަހާރާ ހުންނަނީ އަބަދުހެން މިލީނާ އާއި މިޝެލިންގެ ހިޔަނިހެން ފަހަތުގައެވެ. އެކަމާއި ހުރެ މިޝެލިން ރުޅި އަންނަ ގޮތް ވެސްވިއެވެ. އެންމެ ފަހުން އިއްބާނުގެ އެމެރިކަން އެކުވެރިޔާ އާއި އެކުގައި އިއްބާނު ދިޔައީ ބޭރަށެވެ. މިޝެލިން ފޫހިވެގެން ގޮސް ހަލާކުވާވަރުވިއެވެ. އޭނައަށް އަބަދުހެން ހުރެވުނީ ފެންޑާގައި ނޫނީ ބެލްކަނީގައި ގޭޓާއި ދިމާލަށް ބަލަހައްޓައިގެންނެވެ. އެ ދެލޯ ހާދަވަރަކަށް ބޭގަރާރުވިއެވެ. އިއްބާނު ދެކޭހިތުން މޮޔަވާވަރުވިއެވެ. އެކަމަކު އިއްބާނުގެ ޚަބަރެއް ނުވިއެވެ. މަޣުރިބު ނަމާދަށް ހުރި އިރު ވެސް އިއްބާނުގެ ހަނދާންތައް އުނދަގޫ ކުރިވަރުން، އޭނަ ދެތިން ފަހަރު ހަށަން މޮހެލާފައި އަލުން ތަކުބީރު ބަނެވެ. އެވަރުންވެސް ހިތްހަމަޖެހޭ ގޮތަކަށް އެރޭ ނަމާދެއް ނުކުރެވުނެވެ. މިޝެލިން ބިރުގަންނަން ފެށިއެވެ. އޭނަ ގެ ހިތަށް އިއްބާނުގެ ތޫނު ބަލައިލުމުން ސިހުރު ހެދީބާވައެވެ.
ގޯލްޑެންފްލޭމްގެ ގެސްޓް ރޫމްގެ ކޮޓަރީގެ ފާރު ރަންކުލައިން ޕެއިންޓްކޮށް އަދި އެކުލައިގެ ފަރުނިޗަރު ތަކާއި، ދޮރުފޮތިތައް ހުރުމުން ކޮޓަރި ހީވަނީ އިރުގެ ރަންއަލި ވިރުވާއަޅާހެންނެވެ. މިޝެލިން ފިޔާތޮށިކުލައިގެ ޕިޖާމާއެއް ލައިގެން އެ ކްއީންސައިޒް އެނދުގައި އެ ދޮން ހަށިގަނޑު ދަމާލައިފި އެވެ. މިޝެލިން އޮތީ ކޮޓަރީގެ އަލި މުޅިން ފަނޑު ކޮށްލައިގެންނެވެ. އެހެން އޮތުމުން ކޮންމެ އެއްޗެއް ފެންނަނީ ހިޔަންޏެއް ފަދައިންނެވެ. އޭނަ ނިދާހިތް ވަނީ މުޅިން ކޮޓަރި އަނދިރިކަމުގެ ތެރެއަށް ގަންބާލައިގެންނެވެ. މިޝެލިން ގެ ބަރު އެސްފިޔަތައް މަރައިލުމާއިއެކު ފެންނަން ފެށީ އިއްބާނުގެ އެ ރީތި ސޫރައެވެ. ކުއްލިއަކަށް މިޝެލިން ސިއްސައިގެން ދިޔައީ ފިނި އެކަމަކު ބާރުގަދައަތަކުން އޭނަގެ އަތުގައި ހިފައިލުމުންނެވެ. ލޯ ހުޅުވާނުލިއެއްކަމަކު އެއީ އިއްބާނުކަން މިޝެލިން ދެނެގަތެވެ.
"ބެން..." މިޝެލިން ފުންމައިގެން ތެދުވެ އެނދުމަތީގައި އިށީދެއްޖެއެވެ.
"ހާދަ ދުވަހު މަސައްކަތްކުރީމޭ ޝެލް ހޯދަން، އެންމެ ފަހުން ލިބުނު އިރު އަހަރެންގެ ދޮންބެ އާއި އިންނަން ތި އުޅެނީ، އަހަރެން އެކަމަށް ހުއްދަދޭނެހެން ހީވޭތަ؟ ޔޫ އާ މައިން، އޮންލީ މައިން..... އެނގޭތަ އަހަރެން ލޯބިވާވަރު، ކިހިނެއް އެކަން ދައްކާނީ ވެސް؟ ލަވް ޔޫ ސޯ މަޗް ބޭބީ....." އިއްބާނު މިޝެލިންގެ އަތުގައި ފިރުމައިލުމުން މިޝެލިންގެ ގައިން ހީބިހިނެގިއެވެ. ކޮންމެވެސް ސަބަބަކާއި ހުރެ މިޝެލިން އަކަށް އިއްބާނުގެ ވާހަކަ ހުރިގޮތުން ހިތްހަމަޖެހުމެއް ނުލިބުނެވެ. އެހެންނޫނަސް މިޝެލިން ނިދަން ކޮޓަރީގައި އޮތްވާ މިގޮތަށް ސިއްރުން ވަނުމަކީވެސް މިޝެލިންއަށް ރަނގަޅު ކަމަކަށް ނުވިއެވެ. އިއްބާނު ބަދަލުވީބާވައެވެ. ނޫނީ މަންމަމެން ކުރިންވެސް ބުނިފަދައިން އިއްބާނު އަކީ ވިޔާނުދާ ޒުވާނަކީ ހެއްޔެވެ؟ މިޝެލިންގެ ހިތް ތެޅިގަތެވެ.
"މިއީ ސަޕްރައިޒެއް ދޯ، ބެންއަކީ މި ފެމިލީ ކަމަކަށް ހިޔެއްނުކުރަން....." މިޝެލިން އިއްބާނުގެ އަތުގައި ހިފަހައްޓާފައި އޯގާތެރިކަމާއިއެކު އަތްދުރުކޮށްލި އެވެ. އޭނަ އޮތީ މިގޮތަށް ގައިގައި އަތްލުން މަނާކޮށްފައެވެ. އިއްބާނު އެކަން ހަނދާން ނައްތާލީ ހެއްޔެވެ؟
"ކޯއިންސިޑެންސަކަށް އެވީ، އަހަންނަށް މަންމަމެން ގުޅާފައި ބުނި އަންކަލް އާއި ދެކުދިންނާއި މީޓްކުރުވާނަމޭ، އޭރު އެއްވެސްކަމަކަށް މާ ބޮޑު އިންޓެރެސްޓެއް ނުހުރޭ އެހެންވެ އެވާހަކަ ކުރިއަކަށް ގެންދަން ނޫޅުނީ، އެހެންނޫންނަމަ ނަން އެނގޭއިރަށް އަހަރެން އަންނާނަން، ދެން ޝެލް އަދިވެސް ބޮޑުނުވަނީތަ؟ އަހަރެން އަތްލީމަ ދުރުކޮށްލަނީ، ބިރުންތަ؟" އިއްބާނު ޖިންސްގެ ޖީބަށް އަތް ޖަހާލައިގެން ހުރީ މޮޑެލް އެއްހެންނެވެ.
"ނޫން، ނޫން..." މިޝެލިންގެ މޫނު ރަތްވިއެވެ.
"ބޮކި ދިއްލަންތަ؟ ބަލައިލާ ހިތުން ކެތެއްނުކުރެވޭ...." އިއްބާނު ސްވިޗަށް ފިތާލަން އުޅުމުން މިޝެލިން އެކަން މަނާކުރިއެވެ. އޭނަ ބިރުގަންނަނީ މި އެކަނިވެރިކަން ދެކެއެވެ. ކައިވެނީގެ ކުރިންމިފަދަ އެއްވެސް ގުޅުމެއް ބާއްވަން މިޝެލިން މުޅިން ދެކޮޅެވެ.
"ޝެލް......." އިއްބާނު ހައިރާން ވާންފެށި އެވެ.
"ބެން ހަނދާން ނެތުނީ ދޯ، ކުރިންވެސް ބުނީމެއްނު ނޯ ޓަޗިން އޭ....." މިޝެލިން ތަންކޮޅެއް ބާރަށް ބުނެލި އެވެ.